31 December 2010

ކީރިތި ޤުރުއާން

އަލްއަޚް މުޙައްމަދު ޝަމްޢޫން
ކީރިތި ޤުރުއާނަކީ މީސްތަކުންނަށް ތެދުމަގު ދެއްކެވުމަށްޓަކައި ޖިބްރީލްގެފާނު މެދުވެރި ކުރައްވަވާ رسول الله صلى الله عليه وسلم އަށް ޢަރަބިބަހުން ބާވައިލެއްވުނު ﷲ سبحانه وتعالىގެ ކަލާމްފުޅެވެ. އެއީ އެންމެ ފަހުން ބާވައިލެއްވުނު ފޮތެވެ. އެފޮތް ބާވައިލެއްވުމުން އޭގެ ކުރީގެ ހުރިހާ ފޮތްތައް މަންސޫޚް ވެއްޖެއެވެ.

ދުނިޔޭގައި އުޅޭއިރު ދިމާވާ ދަތިތަކާއި ވަސްވާސް ތަކުން ސަލާމަތްވާން ބޭނުންކުރެވެން އޮތް ހަތިޔާރަކީ ކީރިތި ޤުރުއާނެވެ. އެއީ ހިތަށް ގެނެސް ގަންނަންވެސް ނޭނގޭހާ ބާރުގަދަ ފޮތެކެވެ. ﷲ سبحانه وتعالى ވަޙީކުރައްވާފައިވާ އާޔަތެއްގެ މާނައިގައި ވެއެވެ. "ތިމަންއިލާހު މި ޤުރުއާން ފަރުބަދައެއްގެ މައްޗަށް ބާވައިލެއްވި ނަމަ، ހަމަ ކަށަވަރުން އެފަރުބަދައެއް ﷲ سبحانه وتعالى އަށް ބިރުވެތި ވުމުގެ ސަބަބުން ކުނޑިކުނޑި ވެގެންތިރިއަށް ފައިބާތީ ކަލެއަށް ފެނުނީހެވެ." މި ދުނިޔެއާއި އަންނަން އޮތް ދުނިޔޭގެ ކާމިޔާބީއަށް މަގު ދައްކައި ދެވޭނެ ހަމައެކަނި އެހީތެރިއަކީ ކީރިތި ޤުރުއާނެވެ.

ކީރިތި ޤުރުއާނަކީ ކިޔެވުން އަޅުކަމެއް ކަމުގައި ލައްވައި ﷲ سبحانه وتعالى ބާވައިލެއްވި ފޮތެކެވެ. ޤުރުއާން ކިޔަވާން ވާނީ ލަސްލަހުން އަކުރުތަކަށް ބަލައިގެންނެވެ. ﷲ سبحانه وتعالى ވަޙީ ކުރައްވަނީ ورتل القرآن ترتيلا މާނައީ ، ޤުރުއާން ކިޔަވާހިނދު އެ ޤުރުއާން ތަޖްވީދުމަގުން އެއަކުރެއްގެ މަޚްރަޖުން އެއަކުރެއް ކިޔާށެވެ.

އަދިވެސް ވަޙީކުރައްވަނީ وَإِذَا قُرِئَ الْقُرْآَنُ فَاسْتَمِعُوا لَهُ وَأَنْصِتُوا لَعَلَّكُمْ تُرْحَمُونَ (الأعراف 204) މާނައީ ޤުރުއާން ކިޔެވޭ ހިނދު މަޑުމައިތިރިވެ އަޑު އަހާށެވެ. އެއީ ތިޔަބައިމީހުންގެ މައްޗަށް ރަޙްމަތް ލެއްވުމަށްޓަކައެވެ.

ވީމާ ލަސްލަހުން އަކުރުތަކަށް ބަލައިގެން ގިނަގިނައިން ޤުރުއާން ކިޔަވައި، ޤުރުއާން ކިޔެވޭ ހިނދު މަޑުމައިތިރިވެ ވާހަކަނުދައްކައި ތިބެމާ ހިނގާށެވެ.

Read more...

29 December 2010

މަންމަ ގާތުން ޒިނޭކުރުމުގެ ހުއްދައަށް އެދުނު އަންހެންކުއްޖާ

އަލްއަޚް ނަބީލް
އަންހެންކުއްޖަކު އޭނާގެ މަންމަ ގާތުން ޒިނޭކުރުމުގެ ހުއްދައަށް އެދުނެވެ. އެހިނދު މަންމަ ނުހަނު ލޯތްބާއި ކުލުނާއެކު އެއީ ދީނީ ގޮތުން ވަރަށް ބޮޑު ޙަރާމްކަމެއްކަމާއި ކިހާވަރެއްގެ ހަޑިމުޑުދާރު ޢަމަލެއްކަން ވިސްނައިދެވޭތޯ މަސައްކަތް ކުރިއެވެ. ނަމަވެސް އަންހެންކުއްޖާ އޭނާގެ ޚިޔާލު ދޫކުރާ ގޮތެއް ނުވިއެވެ. އެންމެ ފަހުން މަންމަ ބުނީ ވަކި ޝަރުތެއްގެ މަތީން ހުއްދަދެވިދާނޭ ކަމުގައެވެ. އެ ޝަރުތަކީ މަންމަ ބުނާ ކަންތައްތަކެއް ކޮށްދިނުން ކަމުގައި ބުންޏެވެ. ދެން އަންހެންކުއްޖާ ވަރަށް އުފަލުން އެކަމާ ޤަބޫލުވެ ކޮށްދޭންވީ ކޮން ކަމެއްތޯ ސުވާލުކުރިއެވެ. މަންމަ އެދުނީ މާދަމާ ހެދުނުހެދުނާ ރަސްގެފާނު ގަނޑުވަރުން ނުކުމެވަޑައިގަންނަވާ ވަގުތު ގަޑުވަރުގެ ދޮރުކުރިމަތީ ހުރުމަށެވެ. އަދި ރަސްގެފާނު ނުކުމެވަޑައިގަންނަވާން ފެށުމުން ހޭނެތުނީ ކަމަށް ހެދިފައި ބިންމައްޗަށް ވެއްޓިގަތުމަށެވެ.

އަންހެންކުއްޖާ އަނެއް ދުވަހުގެ އިރު އަރާއިރަށް ނިކަން ނަލަހެދިފައި ގޮސް ރަސްގެފާނުގެ ގަނޑުވަރުގެ ކުރިމަތީގައި ހުރެއްޖެއެވެ. ރަސްގެފާނު ހަމަ ނުކުމެޑައިގަންނަވާން ފެށުމުން ވެއްޓިގަނެއްޖެއެވެ. ރަސްގެފާނަށް މި މަންޒަރު ހަމަ ފެނުމާއެކު ކުއްލިއަކަށް އަންހެންކުއްޖާއާ ދިމާއަށް ވަޑައިގެންނެވިއެވެ. ދެން އެންމެހާ ވަޒީރު ބޭކަލުންނާއި އެހެންވެސް މީހުން އެކުއްޖާގެ ވަށައިގެން ޖަމާވެއްޖެއެވެ. ހޭނެތިގެން ކަމަށް ހެދިގެން އޮވެއޮވެފައި އެމީހުން އެކުރި ހޭހަމެއް ކޮށްހެދުމުން ރަނގަޅުވީ ކަމަށް ހެދިގެން، ތެދުވެފައި ރަސްގެފާނަށް ވަރަށް ޝުކުރުއަދާކޮށްފައި އަންހެންކުއްޖާ މަންމަ ގެ ގާތަށް އެނބުރި ހިނގައްޖެއެވެ. އަދި ކަންތައް ހިނގާދިޔަ ގޮތުގެ ވާހަކަ ކިޔައިދީފައި ދެން ކޮށްދޭންވީ ކޮން ކަމެއްތޯ ސުވާލުކުރިއެވެ.

ދެވަނަ ކަމެއްގެ ގޮތުގައި މަންމަ ހުށައެޅީ ހަމަ އެކަންތައް އެތަނުގައި ދެވަނަ ފަހަރަށް ތަކުރާރުކުރުމަށެވެ. ދެން އަންހެންކުއްޖާ ޖެހިގެން އައިދުވަހު ހަމަ އެތަނަށް ގޮސް ކުރީ ދުވަހު ކަންތައް ކުރި ފަދައިން ކަންތައް ކޮށްފިއެވެ. މިއަދުގައި އަންހެންކުއްޖާ ވެއްޓުމުން އެކަމާ ހަރަކާތްތެރިވީ ވަޒީރުއާއި އޭނާ އާ އެކު އައި ޖަމާއަތެކެވެ. މިއަދަކު ރަސްގެފާނު އެކަމަކާ އަޅާލެއްވުމެއް ނެތި ވަޑައިގެންނެވީއެވެ. ދެން ހޭއެރީ ކަމަށް ހެދިފައި ވަޒީރަށް ޝުކުރުއަދާކުރުމަށް ފަހު ގެއަށް އައިސް ކަންތައް ދިމާވި ގޮތް މަންމަ އަށް ކިޔައިދީފިއެވެ. އަދި ތިންވަނަ ކަމަކީ ކޮބައިތޯ ސުވާލުކުރިއެވެ.

ތިންވަނަކަމަކީ މާދަމާވެސް ހަމަ އެތަނުގައި އެކަންތައް ތަކުރާރު ކުރުން ކަމުގައި މަންމަ ބުންޏެވެ. އަންހެން ކުއްޖާ ޖެހިގެން އައިދުވަހު ވެސް ހަމަ އެތަނަށް ގޮސް އާދައިގެ މަތީން އޭނާގެ މިޝަން ހިންގާލިއެވެ. މިއަދަކު ވަޒީރެއް ވެސް އަޅައެއް ނުލެއްވިއެވެ. މިއަދު އަންހެން ކުއްޖާ އާ އެހީވާން އައީ ގަނޑުވަރުތެރޭ އުޅޭ ނިކަން އާދައިގެ ދެތިން މީހެކެވެ. ދެން މިއަދުވެސް އެނބުރި އައިސް ކަންތައް ހިނގާދިޔަ ގޮތް މަންމައަށް ކިޔައިދީފިއެވެ. ނަމަވެސް އަންހެންކުއްޖާ މިހާރު ވަރަށް ނުތަނަވަސްކަން އިޙްސާސްކުރާ ކަހަލައެވެ. އަންހެންކުއްޖާ މަންމަ އާ ސުވާލުކޮށްލިއެވެ. ކޮބާ އަދިވެސް ކޮށްދޭން ޖެހޭ ކަންތައްތައް ނުނިމޭ ހެއްޔެވެ؟ މަންމަ ބުނީ ދެން ބާކީ އޮތީ އެންމެ ކަމެއް ކަމުގައެވެ. އެއީ އަދި ހަމަ އެންމެ ފަހަރަކު އެކަންތައް ތަކުރާރުކޮށްލުން ކަމުގައެވެ.

ވަރަށް ހިތްވަރުކޮށްފައި ޖެހިގެން އައިދުވަހު ވެސް އަންހެންކުއްޖާ އޭނާގެ ޢަމަލު ތަކުރާރުކޮށްލިއެވެ. ނަމަވެސް މިއަދު އެނބުރި ގެއަށް އައީ ރޮމުން ގިސްލަމުންނެވެ. މިއަދުގައި ކަންތައް ހިނގާދިޔަ ގޮތަކީ އަންހެންކުއްޖާ ހޭނެތިގެން ކަމަށް ހެދިފައި ވެއްޓުނީމާ އެއްވެސް މީހަކު ގާތެއް ނުވިއެވެ. ބައެއް މީހުން ޒާތްޒާތުގެ އެއްޗެހި ކިޔާ މަލާމާތްކުރި އިރު ބައެއް މީހުން މަގުހިނގާފައި ދަމުން ކޮޅުފައިން ތަޅާވެސް ހެެދީއެވެ.

ކަންތައް ވީގޮތް މަންމައަށް ކިޔައިދިނުމުން، ބުއްދިވެރި ވިސްނުންތޫނު މަންމަ އަންހެންކުއްޖާ އަށް ބުންޏެވެ. ޒިނޭގެ މިސާލަކީ މިއީއެވެ. ފެށުމުގައި ބޭފުޅުން ވެސް އެކުގައި އުޅޭނެއެވެ. މާގިނަ ދުވަސްތަކެއް ނުވެ އެންމެން ދަރިފުޅާ ދުރަށް ހިނގައިދާނެއެވެ. ގެއްލިދިޔަ އަބުރުވެސް އަނބުރާ ނުމެލިބޭނެއެވެ. އަދި ކިއެއްހެއްޔެވެ؟ އެންމެ ނިކަމެތި މީހާ ވެސް ދަރިފުޅަށް މަލާމަތްކުރާނެއެވެ. އޭ އަހަރެންގެ ލޯބިވާ ދަރިފުޅާއެވެ؟ އަދި ވެސް އެހާ ބަދުނަސީބު ޢަމަލަކަށް ލޯބިކުރަންހެއްޔެވެ؟ އަންހެންކުއްޖާ ހުވާކޮށްފައި ރޮވިފައި ބުނީ މިހާރު ވިސްނިއްޖެ ކަމުގައެވެ. އަދި އެހާ ދަށުދަރަޖައިގެ ވާހަކައެއް މަންމަ ގާތުގައި ދެއްކުނީތީ އަންހެންކުއްޖާ މަންމަ ގާތުން މާފަށް އެދުނެވެ.

....................................
ދީނީނިއުސް.ކޮމް އިން ނަގާފައިވާ ލިޔުމެއް

Read more...

25 December 2010

އީމާންކަމާއި އިސްލާމްކަމާއި ދެމެދުގައިވާ ގުޅުން

އައްޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް
އީމާންކަމާއި އިސްލާމްކަމަކީ ވަރަށް ގާތް ގުޅުމެއް އޮންނަ ދެކަލިމައެވެ. އަލްއީމާން އާއި އަލްއިސްލާމް މިދެލަފްޒު ވަކިވަކިން ބޭނުންކުރެވޭއިރު ކޮންމެ ލަފުޒެއްގައިވެސް އަނެއްލަފްޒުގެ މާނަ ހިމެނެއެވެ. މިސާލަކަށް އަލްއީމާންއޭ ބުނުމުން އީމާންކަމާއި އިސްލާމްކަން ހިމެނިގެންދެއެވެ. ހަމައެފަދައިން "އަލްއިސްލާމް" އޭ ބުނުމުންވެސް އިސްލާމްކަމާއި އީމާންކަން ހިމެނެއެވެ. އެހެންނަމަވެސް މިދެލަފްޒު އެއްތަނެއްގައި އެއްޢިބާރާތެއްގައި ބަޔާން ކުރެވިއްޖެނަމަ މިދެލަފްޒުގެ މާނަ ތަފާތުކޮށް ކުރެވެއެވެ. ދެލަފްޒު އެއްތަނެއްގައި އެއްޢިބާރާތެއްގައި އަންނަ ވަގުތު އަލްއީމާންގެ ލަފްޒު ބޭނުންކުރެވެނީ ތެދުކުރުމާއި ޔަޤީންކުރުމަށެވެ. އަދި އަލްއިސްލާމް މިލަފްޒު ބޭނުންކުރެވެނީ ގުނަވަންތަކުން ކުރެވޭ ހެޔޮޢަމަލުތަކަށެވެ. މިކަން ވަރަށް ސާފުކޮށް މަޝްހޫރު ޙަދީޘް ޖިބްރީލްއިން ހާމަވެގެންދެއެވެ.
އެޙަދީޘުން އީމާންކަމަކީ ހިތުން ތެދުކޮށް ޔަޤީންކުރަންޖެހޭ ކަންތައްތަކެއްކަން އެނގެއެވެ. އަދި އިސްލާމްކަމަކީ ގުނަވަންތަކުން ކުރެވޭ ހެޔޮ ޢަމަލުއާޢި ގުޅުންހުރި އެއްޗެއްކަންވެސް ހާމަވެއެވެ.

އަލްއިސްލާމް މިލަފްޒު ވަކިން ބޭނުންކުރާއިރު އީމާންކަން އޭގައި ހިމެނޭކަމުގެ ދަލީލަކީ:

ބަޤަރާ ސޫރަތުގެ 136 ވަނަ އާޔަތުގައި މާތްﷲ ވަޙީކުރެއްވި މިއާޔަތެވެ.

قُولُواْ آمَنَّا بِاللّهِ وَمَآ أُنزِلَ إِلَيْنَا وَمَا أُنزِلَ إِلَى إِبْرَاهِيمَ وَإِسْمَاعِيلَ وَإِسْحَقَ وَيَعْقُوبَ وَالأسْبَاطِ وَمَا أُوتِيَ مُوسَى وَعِيسَى وَمَا أُوتِيَ النَّبِيُّونَ مِن رَّبِّهِمْ لاَ نُفَرِّقُ بَيْنَ أَحَدٍ مِّنْهُمْ وَنَحْنُ لَهُ مُسْلِمُونَ

މާނައީ: "ތިޔަބައިމީހުން ބުނާށެވެ! ތިމަންމެން ﷲ އަށާއި ތިމަންމެންނަށް ބާއްވައިލައްވާފައިވާ ތަކެއްޗަށާއި އިބްރާހީމްގެފާނަށާއި އިސްމާޢީލުގެފާނަށާއި، އިސްޙާޤުގެފާނަށާއި ޔަޢުޤޫބުގެފާނަށާއި އެކަލޭގެފާނުގެ ދަރީންނަށް ބާއްވައިލައްވައިފައިވާ ތަކެއްޗަށާއި މޫސާގެފާނަށާއި ޢީސާގެފާނަށް ދެއްވާފައިވާ ތަކެއްޗަށާއި އަދި (އެހެނިހެން) ނަބިއްޔުންނަށް، އެބޭކަލުންގެ ވެރިރަސްކަލާނގެ ޙަޟްރަތުން ދެއްވާފައިވާ ތަކެއްޗަށް އީމާންވެއްޖައީމެވެ. ތިމަންމެން އެއިން އެއްވެސް ބޭކަލަކާމެދު ތަފާތެއް ނުކުރަމުއެވެ. އަދި ތިމަންމެން މިތިބީ، އެކަލާނގެއަށް ކިޔަމަންވެ މުސްލިމުންކަމުގައި ވެގެންނެވެ."

އަލްއީމާން މިލަފްޒު ވަކިން ބޭނުންކުރާއިރު އިސްލާމްކަން އޭގައި ހިމެނޭކަމުގެ ދަލީލަކީ:

މާތްﷲ ވަޙީކުރެއްވި މިއާޔަތެވެ: ޙުޖުރާތު ސޫރަތުގެ 2،3،4ވަނަ އާޔަތުގައި މާތް ﷲ ވަޙީކުރައްވާފައިވެއެވެ.

إِنَّمَا الْمُؤْمِنُونَ الَّذِينَ إِذَا ذُكِرَ اللّهُ وَجِلَتْ قُلُوبُهُمْ وَإِذَا تُلِيَتْ عَلَيْهِمْ آيَاتُهُ زَادَتْهُمْ إِيمَانًا وَعَلَى رَبِّهِمْ يَتَوَكَّلُونَ - الَّذِينَ يُقِيمُونَ الصَّلاَةَ وَمِمَّا رَزَقْنَاهُمْ يُنفِقُونَ - أُوْلَئِكَ هُمُ الْمُؤْمِنُونَ حَقًّا لَّهُمْ دَرَجَاتٌ عِندَ رَبِّهِمْ وَمَغْفِرَةٌ وَرِزْقٌ كَرِيمٌ

މާނައީ: "މުއުމިނުންވާކަން ކަށަވަރީ، ﷲ ހަނދުމަކުރާ ހިނދު އެބައިމީހުންގެ ހިތްތައް ބިރުވެތިވާ މީހުން ކަމުގައެވެ. އަދި އެކަލާނގެ (ބާއްވައިލެއްވި) އާޔަތްތައް އެބައިމީހުންނަށް ކިޔައިދެވޭ ހިނދު، އެބައިމީހުންގެ އީމާންކަން އިތުރުވާމީހުން ކަމުގައެވެ. އަދި އެބައިމީހުންގެ ވެރި ރަސްކަލާނގެއަށް ވަކީލުކުރާ މީހުން ކަމުގައެވެ. އެބައިމީހުންނީ، ނަމާދު ޤާއިމްކުރާ މީހުންނެވެ. އަދި އެބައިމީހުންނަށް ތިމަންރަސްކަލާނގެ ދެއްވި ތަކެތި ހޭދަކުރާ މީހުންނެވެ. ޙަޤީޤަތުގައި މުއުމިނުންނަކީ، ހަމަ އެބައިމީހުންނެވެ. އެބައިމީހުންގެ ވެރިރަސްކަލާނގެ ޙަޟްރަތުގައި (މަތިވެރި) ދަރަޖަތަކާއި، ފާފަފުއްސެވުމާއި، ދީލަތިވެގެންވާ ރިޒުޤް އެބައިމީހުންނަށް ހުއްޓެވެ."

Read more...

23 December 2010

އެއްޗެހި އޭގެ އިދިކޮޅު ތަކެތިން ތަޢާރަފްކުރުން

އައްޝައިޚް މުޙައްމަދު އިބްރާހިމް، ޅ ނައިފަރު
"كِتابُ التَّوحِيد" ފޮތުގައި ފޮތުގެ މުޞައްނިފު ރަޙިމަހުﷲ ބަހުސް ކުރައްވާފައިވަނީ ޝިރުކާ ބެހޭގޮތުންނެވެ. އޭގެ ޙިކުމަތަކީ އިންސާނާ ޝިރުކުން އެއްކިބާވުމަކީ ޙަޤީޤަތުގައި އޭނާ ތައުޙީދަށް އިޤުރާރުވުމެވެ. އަދި އެހެންނޫނަސް އެއްޗެހި ތަޢާރަފްކުރާ އެތައްގޮތެއްވެއެވެ. އޭގެތެރެއިން އެއްގޮތަކީ "تُعْرَفُ الأَشْيَاءُ بِأَضْدَادِهَا" އާދެ! އެއްޗެހި އޭގެ އިދިކޮޅު ތަކެތިން ތަޢާރަފުކުރުމެވެ.
މިސާލަކަށް ފިންޏަކީ ހޫނުގެ އިދިކޮޅެވެ. ހިޔަލަކީ އަވީގެ އިދިކޮޅެވެ. ޔަޤީނަކީ ޝައްކުގެ އިދިކޮޅެވެ. އަދިވެސް މިފަދަ މިނޫން މިސާލުތަކެވެ. އެހެން ކަމުން ކިތާބުއްތައުޙީދު ފޮތުގެ مصنّف -رحمه الله تعالى- ތައުޙީދުގެ ތަޢާރަފު ކުރައްވާފައިވަނީ ޝިރުކުގެ ވައްތަރުތައް ބަޔާންކޮށްދެއްވައިގެންނެވެ. އަދި ޚާއްޞަކޮށް ﷲ ތަޢާލާ ގެ أُلوُهِيَّة ގައި ކުރެވޭ ޝިރުކުތަކާއި، ޝިރުކުކުރެވޭ ގޮތްތައް ބަޔާންކޮށް ދެއްވައި ގެންނެވެ. މާތްﷲ، އެކަލޭގެފާނުގެ މިމަސައްކަތް ޤަބޫލުކުރައްވާ އެކަލޭގެފާނަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވާށިއެވެ!

Read more...

18 December 2010

މަސްޖިދުލް އަޤްޞާ ވެއްޓެނީ

އަލްއަޚް މުޙައްމަދު ވިޝާޙް
ފަލަސްޠީނުގެ ޢިލްމުވެރިން ގެ ލީގު (އެލް. ޕީ. އެސް) އިން ޢަރަބި ޤައުމުތަކަށާއި، ހުރިހާ އިސްލާމީ ޤައުމުތަކަށް އިޒްރޭލުން ހިންގާ ކަންތައްތަކާ ގުޅޭގޮތުން ވަރުގަދަ އިންޒާރެއް ދީފިއެވެ. މި އިންޒާރު ދީފައިވަނީ އިޒްރޭލުން ފަލަސްޠީނުގައި ހިންގަމުންގެންދާ އަދި އިތުރުކުރަމުންދާ ދާ ފަނާ ކުރުންތަކާއި، އިތުރު ކުރަމުން ގެންދާ ޔަހޫދީ ވަޒަންވެރިންނާއި، ޔަހޫދީން ވެރިވެގެންފައިވާ އޫރުޝަލީމް އަދި ވަކިން ޚާއްޞަކޮށް މަސްޖިދުލް އަޤްޞާގެ ޙަރަމް ވަށައިގެން ޔަހޫދީވަންތަކުރުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅިގެންނެވެ.

އެލް. ޕީ އެސް އިން ހޮނިހިރު ދުވަހު ނެރުނު ބަޔާނުގައި ބަޔާންކޮށްފައިވާ ގޮތުން އިޒްރޭލުގެ ބިންތަކަށް ވެރިވެގަތުމާބެހޭ އޮތޯރިޓީ (އިޒްރޭލީ އޮކިޔުޕޭޝަން އޮތޯރިޓީ – އައި. އޯ އޭ) އިންވަނީ މަސްޖިދުލް އަޤްޞާއާއި މަސްޖިދުލް އަޤްޞާ ވަށައިގެންވާ ސަރަހައްދުތައް ސުންނާފަތިކުރުުމުގެ ޕޮލިސީ ފައްޓާފައެވެ. ފަލަސްޠީނުގެ ޢިލްމުވެރިންގެ ލީގުން އިތުރަށް ފާހަގަ ކުރާގޮތުގައި ހުރިހާ މުސްލިމުންވެސް ވަގުތު ފާއިތުވުމުގެކުރިން އެބައިމީހުންގެ ނިދިން ހޭލަންވެއްޖެއެވެ. މީގެ އިތުރުން މަސްޖިދުލް އަޤްޞާ މިހާރު ބިމާ ހަމަވާން ގާތްވެއްޖެ ކަމަށާއި، މުސްލިމުންގެ މުޤައްދަސް މިސްކިތް ސުންނާފަތިވާ ހިނދުވެސް މުސްލިމުން ބަލަންތިބި ނަމަ އިސްލާމްދީނަށްޓަކައި އެބައިމީހުން ތެދުވާނީ ކޮންދުވަހަކުން ކަމާމެދު ސުވާލު އުފެދޭކަމަށްވެސް އެ ބަޔާނުގައިވެއެވެ.

Read more...

14 December 2010

އާދަމުގެ ދަރީންގެ ޙަޔާތް ސީދާމަގުން ނެއްޓުން

އައްޝައިޚް އަބޫބަކްރު އިބްރާހިމް ޢަލީ ހިންނަވަރު
" ކޮންމެ މަޚްލޫޤަކަށްވެސް ޚާލިޤަކު (އެބަހީ ހެއްދެވިފަރާތެއް) ވާންޖެހޭނެކަން އެމީހުންގެ ބުއްދިތަކަށްވެސް އެނގެއެވެ. މައުޖޫދުވެފައިވާ ކޮންމެ އެއްޗަކަށްވެސް އެއެއްޗެއް ހެއްދެވިފަރާތެއް ވާނޭކަން ދަނެއެވެ. އަދި އެހެންވީއިރު މިހާ ފުރިހަމަކޮށް މިހާ ރީތިކޮށް އަދި އެހާ ހިމުންކޮށް އުފެދިފައިވާ ކައުނަށް (ކައުނުގެ މާނައަކީ ދުނިޔެއެވެ) ކޮންމެހެންވެސް ޙިކުމަތްވަންތަ ކުޅަދުންވަންތަ އަދި ދެނެވޮޑިގެންވާ ފަރާތެއް އެބަހީ ކަލަކު ވާންޖެހޭނެކަން ދަނެއެވެ. އެކަމާއި މެދު އިންކާރުކޮށްފި މީހަކީ އެހެންޏާ ބުއްދިނެތް މީހެކެވެ. އެހެންނާ ބޮޑާކަމާއި ކިބުރުވެރިކަމުން ބުއްދިގޯސްވެ އަދި ތިމާގެ ނަފްސު ހަލާކުކޮށްފި މީހެކެވެ. އެފަދަ މީހުންނާމެދު ވާހަކަދައްކާކަށް ބޭނުމެއް ނެތެވެ."
ﷲ ތަޢާލާ ޚަލްޤުތަކުން ހެއްދެވީ އެކަލާނގެއަށް އަޅުކަންކުރުމަށްޓަކައެވެ. އަދި އެކަންތައްތަކަށް އެހީ ވެވޭނެގޮތުން، އަޅުކަންކުރުމަށް ފަސޭހަވާނޭގޮތުން، އެބައިމީހުންނަށް އެކަލާނގެ ރިޒުޤު ތައްޔާރުކޮށްދެއްވާފައި ވެއެވެ. އެކަލާނގެ ވަޙީކުރައްވާފައިވެއެވެ. " وَمَا خَلَقْتُ الْجِنَّ وَالْإِنْسَ إِلَّا لِيَعْبُدُونِ * مَا أُرِيدُ مِنْهُمْ مِنْ رِزْقٍ وَمَا أُرِيدُ أَنْ يُطْعِمُونِ * إِنَّ اللَّهَ هُوَ الرَّزَّاقُ ذُو الْقُوَّةِ الْمَتِينُ" (އައްޛާރިޔާތު 56-58) މާނައީ: ތިމަންރަސްކަލާނގެ ޖިންނީންނާއި އިންސާނުން ހެއްދެވީ އެބައިމީހުން ތިމަންރަސްކަލާނގެއަށް އެކަނި އަޅުކަންކުރުމަށްޓަކައެވެ. އެބައިމީހުންގެ ކިބައިން އެއްވެސް ރިޒުޤެއް ތިމަންރަސްކަލާނގެ އެދިވޮޑި ނުގަންނަވަމެވެ. ހަމަކަށަވަރުން ﷲ އީ ގިނަގިނައިން ރިޒުޤު ދެއްވާ ގަދަފަދަ ބާރުވެރި ރަސްކަލާނގެއެވެ. މިއެވެ. ނަފްސު އޭގެ އަޞްލު ފިޠްރަރުގެ (އެއްވެސް އެއްޗަކާ ނުގުޅިހުރި އަޞްލުގޮތުގެ) މައްޗަށް ދޫކޮށްލައިފިއްޔާ ﷲ ގެ އިލާހީވަންތަކަމަށް އިޤުރާރުވާ އެއްޗެއްކަމުގައިވެއެވެ. ﷲ އަށް ލޯބިވާ އެކަލާނގެއަށް އަޅުކަންކުރާ އަދި އެކަލާނގެއާ އެއްވެސް ޝަރީކެއްނުކުރާނެ އެއްޗެއްކަމުގައި ވިއެވެ. އެހެންނަމަވެސް އެނަފްސު ފާސިދުކޮށް ސީދާމަގުން ކައްސުވާލަނީ އިންސީންނާއި އަދި ޖިންނީންގެ ޝައިޠާތުން އެނަފްސަށް ޒީނަތްތެރިކޮށްދޭ އެކިއެކި ބާވަތް ބާވަތުގެ ވަސްވާސްތަކުންނާއި ކަންތައްތަކުންނެވެ.
މިބުނާ ޝައިޠާނުން އޭގެ އެއްބަޔަކު އަނެއްބަޔަކަށް ފޮނިބަސްތަކާއި ފާޑުފާޑުގެ ވަސްވާސްތައް ހެއްލުންތެރިކުރުމަށްޓަކައި ކިޔައިދީ ހަދައެވެ. ޒީނަތްތެރިކޮށްދެއެވެ.

ފަހެ އިންސާނާގެ އަޞްލު ފިޠްރަތުގައި ތައުޙީދު ބިންވަޅުނެގިގެން ވެއެވެ. ޝިރުކަކީ އެއަށް ބޭރުން ވަދެގެން އުޅޭ އިތުރު އެއްޗެކެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. "فَأَقِمْ وَجْهَكَ لِلدِّينِ حَنِيفًا فِطْرَةَ اللَّهِ الَّتِي فَطَرَ النَّاسَ عَلَيْهَا لاَ تَبْدِيلَ لِخَلْقِ اللَّهِ" (އައްރޫމް 30) މާނައީ: "ކަލޭގެފާނުގެ މޫނުފުޅު ސީދާކުރައްވައިގެންވާ ޙާލު ދީނަށް ކުރިމަތިފުޅުކުރައްވާށެވެ. (ނުވަތަ އިސްލާމްދީނުގައި ޤާއިމްވެވަޑައިގެން ހުންނަވާށެވެ.) އެއީ އެގޮތެއްގެ މަތީގައި މީސްތަކުން ﷲ ހެއްދެވި ފިޠުރަތެވެ. ﷲގެ ހެއްދެވުމަކަށް ބަދަލުވުމެއްނެތެވެ. އެބަހީ އެކަލާނގެ ދީނަކަށް ބަދަލުވުމެއް ނުވެއެވެ. މިއެވެ. އަދި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. "كُلُّ مَولُودٍ يُولَدُ عَلَى الْفِطْرَةِ فَأَبَوَاهُ يُهَوِّدَانِهِ أَو يُنَصِّرَانِهِ أَو يُمَجَّنَاسِهِ "(الحديث فى الصحيحين) މާނައީ: "ކޮންމެ ދަރިއަކު ދުނިޔެއަށް އުފަންވަނީ ފިޠުރަތުގެ މަތީގައެވެ. ދެންފަހެ އޭނާގެ މައިންބަފައިން އޭނާ ޔަހޫދީކުރެއެވެ. ނުވަތަ އޭނާ ނަޞްރާނީ (ނަޞްރާނީކުރުމަކީ ކްރިސްޓިއަންކުރުމެވެ.) ނުވަތަ އޭނާ މަޖޫސީކުރެއެވެ." މިއެވެ. އާދަމުގެ ދަރީންގެ މެދުގާ އަޞްލަކީ ތައުޙީދެވެ.

ފަހެ ސަލާމްލެއްވި އާދަމް ޢަލައިހިއްސަލާމްއަށް ފަހު ދިގު ޤަރުނުތަކަކަށް ދާންދެންއައި އެކަލޭގެފާނުންގެ ދަރިކޮޅުވަނީ އިސްލާމްދީން މަތީގައެވެ. ތައުޙީދުގެ މަތީގައެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. "كَانَ النَّاسُ أُمَّةً وَاحِدَةً فَبَعَثَ اللَّهُ النَّبِيِّينَ مُبَشِّرِينَ وَمُنْذِرِينَ .." (އަލްބަޤަރާ 213) މާނައީ: "މީސްތަކުންވީ އެއް އުއްމަތަކަށެވެ. ދެންފަހެ އުފާވެރިކަމުގެ ޚަބަރުދެއްވާ އަދި ބިރުވެރިކަމުގެ ޚަބަރުދެއްވާ ޙާލުގައި ﷲ ތަޢާލާ ނަބީބޭކަލުން ފޮނުއްވެވިއެވެ. މިއެވެ.

އެންމެ ފުރަތަމަ ޢަޤީދާގައި ޝިރުކު އުފެދި ސީދާމަގުން ނެއްޓުނީ ސަލާމްލެއްވި ނޫޙު ޢަލައިހިއްސަލާމްގެ ޤައުމުގައެވެ. ފަހެ، އެކަލޭގެފާނު، އެބަހީ ނޫޙު ޢަލައިހިއްސަލާމް ވީ އެންމެ ފުރަތަމަ އެ ރޮނގުން ވަޑައިގެންނެވި ރަސޫލާ ކަމުގައެވެ. (އެބަހީ މީސްތަކުންގެ މެދުގައި އުފެދިފައިވާ ޝިރުކު ނެތިކުރައްވައި މީސްތަކުން ތައުޙީދުގެ މަގަށް ސީދާ ކުރެއްވުމަށްޓަކައި އެންމެފުރަތަމަ ފޮނުއްވެވުނު ރަސޫލުބޭކަލަކީ ނޫޙު ޢަލައިހިއްސަލާމެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. "إِنَّا أَوْحَيْنَا إِلَيْكَ كَمَا أَوْحَيْنَا إِلَى نُوحٍ وَالنَّبِيِّينَ مِنْ بَعْدِهِ" (އައްނިސާ 163) މާނައީ: "ހަމަކަށަވަރުން ކަލޭގެފާނަށް ތިމަން ރަސްކަލާނގެ ވަޙީ ބާވައިލެއްވެވީ ނޫޙު ޢަލައިހިއްސަލާމްއާއި އަދި އެކަލޭގެފާނަށްފަހު ވަޑައިގެންނެވި ނަބީބޭކަލުންނަށްވެސް ވަޙީ ބާވައިލެއްވި ފަދައިންނެވެ. އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހުމާ ވިދާޅުވިއެވެ. ސަލާމްލެއްވި އާދަމްގެފާނާއި ސަލާމްލެއްވި ނޫޙުގެފާނާއި ދެމެދު ދިހަ ޤަރުނުވިއެވެ. އެއެންމެން ވީ އިސްލާމްދީން މަތީގައެވެ. އިޣާޘަތުއް ލަހްފާން އެވެ ކިޔުނު ފޮތުގައި އިބްނުލްޤައްޔިމް ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. މިބަސްފުޅު އެބަހީ އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހުމާ ވިދާޅުވި ބަސްފުޅުއެއީ ކަނޑައެޅިގެން ސީދާ ތެދު ބަސްފުޅެކެވެ. އެހެނީ ބަޤަރާ ސޫރަތުގެ އާޔަތުގައި އުބައްޔު ބުން ކަޢްބުގެ ޤިރާއަތުގައިވަނީ "فاَخْتَلَفُوا فَبَعَثَ اللَّهُ النَّبِيِّينَ" މިފަދައިންނެވެ. މާނައީ: ފަހެ އެމީހުން އިޚްތިލާފްވިއެވެ. ދެން ﷲ ތަޢާލާ ނަބީބޭކަލުން ފޮނުއްވެވިއެވެ. މިއެވެ. އަދި މިޤިރާއަތަށް ހެކިދޭ އަނެއް ބަސްފުޅަކީ ﷲ ތަޢާލާ ވަޙީކުރައްވާފައިވާ "وَمَا كَانَ النَّاسُ إِلاَّ أُمَّةً وَاحِدَةً فَاخْتَلَفُوا ..." (ޔޫނުސް 19) މާނައީ: "އެއް އުއްމަތެއްކަމުގައި މެނުވީ މީސްތަކުން ނުވެއެވެ. ދެން އެމީހުން އިޚްތިލާފްވީއެވެ. މިއެވެ. މިވާހަކަތަކުން އެކަލޭގެފާނު އެބަހީ: އިބްނުލްޤައްޔިމް ރަޙިމަހުﷲ ވިދާޅުވުމަށް އެދިވަޑައިގަންނަވަނީ ހަމަކަށަވަރުން ނަބީބޭކަލުން ފޮނުއްވެވުމުގެ ސަބަބަކީ މީސްތަކުން އެދީނެއްގެ މަތީގައި ތިބި ޞައްޙަދީނުން ތަފާތުވެ އިޚްތިލާފްވުމެވެ. އެއީ ޢަރަބީންވެސް އިބްރާހިމް ޢަލައިހިއްސަލާމްގެ ދީންމަތީގައި ތިބިފަދައިންނެވެ. އެހެން ތިއްބާ ޢަމްރޫ ބުނު ލުޙައްޔު އަލްޚުޒާޢީ އެވެ ކިޔާމީހަކު އައިސް އިބްރާހިމް ޢަލައިހިއްސަލާމްގެ ދީން ބަދަލުކޮށް ތަޣައްޔަރުކުރީއެވެ. ޢާއްމުކޮށް ޢަރަބިކަރައަށް ޚާއްޞަކޮށް ޙިޖާޒުކަރައަށް ބުދުތައް ގެނެސްހަދައި ﷲ ފިޔަވައި އެބުދުތަކަށް އަޅުކަން ކޮށްފޫއެވެ. ފަހެ މުޤައްދަސް (ޠާހިރު،މާތް) ވެގެންވާ ރަށާއި އެރަށާއި ގާތްވެގެންވާ ރަށްރަށުގައި ޝިރުކު ފެތުރިގެންދިޔައެވެ. ނަބީކަން ޙަތިމުކުރެއްވި މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ، ﷲ ތަޢާލާ، ނަބީކަމައިގެން ފޮނުއްވައިފުމަށް ދާންދެނެވެ. އެކަލޭގެފާނު ވަޑައިގެން މީސްތަކުންނަށް ތައުޙީދުގެ މަގަށް ގޮވާލައްވައި އިބްރާހިމް ޢަލައިހިއްސަލާމްގެ މިއްލަތް (ދީން) އަށް ތަބާވުމަށް ވިދާޅުވިއެވެ. ޙައްޤުވެގެންވާ ޖިހާދަކުން ﷲގެ މަގުގައި ޖިހާދުކުރައްވައި ބުދުތައް ކުދިކުދިކުރައްވައި ތައުޙީދުގެ ޢަޤީދާއާއި އިބްރާހިމް ޢަލައިހިއްސަލާމްގެ މިއްލަތަށް އެނބުރި އިޢާދަވެއްޖައުމަށް ދާންދެން ޖިހާދުކުރެއްވިއެވެ. އަދި ﷲ އެކަލާނގެ ދީން އެކަލޭގެފާނުންގެ އަތްޕުޅުމައްޗަށް ފުރިހަމަކުރެއްވިއެވެ. އަދި މުޅިދުނިޔެއަށް އެކަލާނގެ ނިޢުމަތް ފުރިހަމަކުރައްވާ ބަރާބަރުކުރެއްވިއެވެ. ފަހެ މިއުންމަތުގެ ކުރީކޮޅުން ފެށިގެން މާތްވެގެންވާ ޤަރުނުތައް ދިޔައީ އެކަލޭގެފާނުންގެ މިއްލަތުގެ މަތީގައެވެ. އެކަލޭގެފާނު ކަނޑައަޅާ ދައްކަވާ ދެއްވި ސީދާ ޤަވާޢިދުގެ މަތީންނެވެ. ދެންފަހެ އޭގެ ފަހުގެ ޤަރުނުތަކުގައި ޖާހިލުކަން ފެތުރި އެހެނިހެން ދީންތަކުން އެތަކެއް ބައިވަރު ބޭކާރު ތަކެތި އިސްލާމްދީނަށް ވަދެ މަސްހުނިވެ އަދި މަގުފުރައްދާ ދާޢީންގެ ސަބަބުންނާއި ޤަބުރުތަކުގެ މަތީގައި ޒިޔާރަތްތަކާއި އެކިއެކި ބިނާތައް ހެދުމުގެ ސަބަބުންނާއި އަދި މިނޫންވެސް މިބާވަތުގެ އެތައްކަމެއްގެ ސަބަބުން އަލުންވެސް މިއުއްމަތުގެ އެތަކެއް ބައެއްގެ މެދުގައި ޝިރުކު އުފެދިއްޖެއެވެ. ވަލީވެރިންނާއި ޞާލިޙު މާތް މީހުންނަށް ތަޢުޡީމު (މާތްކޮށް ހިތުމޭ) ކިޔައިގެން އަދި އެމީހުންނަށްވާ ލޯބީގެ ނަމުގައި އެމީހުންގެ ޤަބުރުތަކުގެ މަތީގައި ޒިޔާރަތްތައް ބިނާކޮށް ހެދީއެވެ. އަދި އެތަންތަނަކީ ﷲ ފިޔަވައި އަޅުކަންވެވޭ ބުދުތަކެއް ކަމުގައި އިޚްތިޔާރުކޮށް ނަދުރުބުނުން، ޤުރުބާންކުރުން، ސަލާމަތަށް އެދި ގޮވާ އާދޭސްކުރުން ކަހަލަ އެބާވަތުގެ އަޅުކަން ﷲ ފިޔަވައި އެތަންތަނަށް ކުރަން ފަށައިފިއެވެ. އަދި އެބާވަތުގެ ޝިރުކުތައް ކޮށްފައި އެއީ ޞާލިޙު މާތް ބޭކަލުންނަށް ތަވައްސުލު ކުރުމާއި (ގާތްކަން ހޯދުން، މީހަކު މެދުވެރިކޮށް އެހީ ހޯދުން) އެބޭކަލުންނަށް ހުންނަ ލޯބިވެތިކަން ފާޅުކުރުން ކަމުގައި ހަދައިފިއެވެ. އަދި އެމީހުން ދެކޭގޮތުގައި އެފަދަ ކަންތައްތައް ކުރުމަކީ އެބޭކަލުންނަށް އަޅުކަންކުރުން ކަމުގައި ނުވެއެވެ. (ނަމަވެސް އެއީ އެބޭކަލުންނަށް އަޅުކަން ކުރުމެވެ) އަދި ހަމަ އިސްވެދިޔަ މުޝްރިކުންގެ ބަހަކީވެސް އެއީކަން އެމީހުން ހަނދާންނެތިއްޖެއެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. "...مَا نَعْبُدُهُمْ إِلَّا لِيُقَرِّبُونَا إِلَى اللَّهِ زُلْفَى.." (އައްޒުމަރު 3) މާނައީ: ﷲ އާއި ކުއްތަންވުމަށް މެނުވީ، އަހަރެމެން އެތަކެއްޗަށް އަޅުކަންކުރާ ކަމުގައި ނުވަމެވެ. މިއެވެ. (މިއީ ބުދަށް އަޅުކަންކުރި އިސްވިދެޔަ ކާފަރުންގެވެސް ބަހެވެ.)

އިލާހީ އަދި ފަހުގައިވެސް އާދަމުގެ ދަރީންގެ މެދުގައި އުފެދިފައިވާ ޝިރުކާއި އެކުވެސް އޭގެތެރެއިން ގިނަމީޙުން ﷲގެ ރުބޫބިއްޔަ ވަންތަކަމަށް އީމާންވެއެވެ. (ރުބޫބިއްޔަ ވަންތަކަން އެއީ ربّ ވަންތަ ކަމެވެ.) ތައުޙީދުގެ އެބައި އެމީހުންވެސް ޤަބޫލުކުރެއެވެ. އެކަމަކު ކަށަވަރުންވެސް އެމީހުން ޝިރުކު ކުރީ އަޅުކަން ކުރުމުގައެވެ. ތައުޙީދުލް އުލޫހިއްޔާ ގައެވެ. (އުލޫހިއްޔާ އަކީ އިލާހު ވަންތަކަމެވެ.) ﷲ ތަޢާލާ ވަޙީކުރައްވާފައިވާ ފަދައިންނެވެ. "وَمَا يُؤْمِنُ أَكْثَرُهُمْ بِاللَّهِ إِلاَّ وَهُمْ مُشْرِكُونَ " (ޔޫސުފް: 106) މާނައީ: "އޭގެތެރެއިން ގިނަމީހުން ﷲ އަށް ޝިރުކު ކުރާ ޙާލުގައި މެނުވީ އީމާންވާ ކަމުގައި ނުވެއެވެ. ފިރްޢައުނު ކަހަލަ އަދި ދަހްރީން ކަހަލަ (ދަހްރީންނަކީ ދުނިޔޭގައިވާ ތަކެތި އުފެދި ފަނާވަނީ ޒަމާންއެނބުރެމުން ހިނގަމުންދާ ގޮތުންކަމަށް އީމާންވާ މީހުންނެވެ.) އަދި މިޒަމާނުގެ ޝުޔޫޢީން (އެބަހީ ކޮމިއުނިސްޓުން) ކަހަލަ މަދުބަޔަކު މެނުވީ ރައްބު ވޮޑިގެންވާކަމާއިމެދު އިންކާރު ނުކުރެއެވެ. އަދި އެފަދަ މީހުންވެސް އެކަލާނގެ ވޮޑިގެންވާކަމާމެދު އިދިކޮޅުހަދާ އަދި އިންކާރުކުރީ ބޮޑާކަމާއި ކިބުރުވެރިކަމުންނެވެ. އެހެންނޫންނަމަ އެމީހުންގެ އެތެރެފުށާއި އަދި ނަފްސު ޤަރާރުކޮށްދޭގޮތުގައި އެކަލާނގެ ވޮޑިގެންވާކަމަށް އިޤްރާރުވާން މަޖުބޫރުވެއެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. "وَجَحَدُوا بِهَا وَاسْتَيْقَنَتْهَا أَنْفُسُهُمْ ظُلْمًا وَعُلُوًّا" (އައްނަމްލު 14) މާނައީ: "އެމީހުންގެ ނަފްސުތައް އެކަން ޔަޤީންކުރެއެވެ. ނަމަވެސް އެމީހުން އެކަމަށް ދެކޮޅުހެދީ އަނިޔާވެރިކަމާއި ބޮޑާކަމުންނެވެ." މިއެވެ.

ކޮންމެ މަޚްލޫޤަކަށްވެސް ޚާލިޤަކު (އެބަހީ ހެއްދެވިފަރާތެއް) ވާންޖެހޭނެކަން އެމީޙުންގެ ބުއްދިތަކަށްވެސް އެނގެއެވެ. މައުޖޫދުވެފައިވާ ކޮންމެ އެއްޗަކަށްވެސް އެއެއްޗެއް ހެއްދެވިފަރާތެއް ވާނޭކަން ދަނެއެވެ. އަދި އެހެންވީއިރު މިހާ ފުރިހަމަކޮށް މިހާ ރީތިކޮށް އަދި އެހާ ހިމުންކޮށް އުފެދިފައިވާ ކައުނަށް (ކައުނުގެ މާނައަކީ ދުނިޔެއެވެ) ކޮންމެހެންވެސް ޙިކުމަތްވަންތަ ކުޅަދުންވަންތަ އަދި ދެނެވޮޑިގެންވާ ފަރާތެއް އެބަހީ ކަލަކު ވާންޖެހޭނެކަން ދަނެއެވެ. އެކަމާއި މެދު އިންކާރުކޮށްފި މީހަކީ އެހެންޏާ ބުއްދިނެތް މީހެކެވެ. އެހެންނާ ބޮޑާކަމާއި ކިބުރުވެރިކަމުން ބުއްދިގޯސްވެ އަދި ތިމާގެ ނަފްސު ހަލާކުކޮށްފި މީހެކެވެ. އެފަދަ މީހުންނާމެދު ވާހަކަދައްކާކަށް ބޭނުމެއް ނެތެވެ.

Read more...

11 December 2010

އީމާންކަން ގިނަވެ މަދުވުން

އައްޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް
އަހްލުއްސުއްނާވަލްޖަމާޢާގެ ޢަޤީދާއަކީ އީމާންކަމަކީ އިތުރުވެ މަދުވާ އެއްޗެކެވެ. އީމާންކަން އިތުރުވަނީ ކިޔަމަންތެރިކަމާއި ހެޔޮޢަމަލުގެ ސަބަބުންނެވެ. އީމާންކަން ދަށްވެ އުނިވަނީ އުރެދުމާއި ނުބައި ކަންތަކުގެ ސަބަބުންނެވެ. މިކަމަށް ކީރިތި ޤުރްއާނުންނާއި މާތްނަބިއްޔާ صَلَّ اللهُ عَلَيْهِ وَسَلَّم ގެ ސުންނަތުންނާއި އަޞްޙާބު ބޭކަލުންގެ ބަސްފުޅުތަކުން ދަލީލު ލިބެއެވެ.
ޤުރްއާންގެ ދަލީލު:
އަންފާލް ސޫރަތުގެ 2،3،4ވަނަ އާޔަތުގައި މާތްﷲ ވަޙީކުރެއްވިއެވެ.
إِنَّمَا الْمُؤْمِنُونَ الَّذِينَ إِذَا ذُكِرَ اللّهُ وَجِلَتْ قُلُوبُهُمْ وَإِذَا تُلِيَتْ عَلَيْهِمْ آيَاتُهُ زَادَتْهُمْ إِيمَانًا وَعَلَى رَبِّهِمْ يَتَوَكَّلُونَ - الَّذِينَ يُقِيمُونَ الصَّلاَةَ وَمِمَّا رَزَقْنَاهُمْ يُنفِقُونَ - أُوْلَئِكَ هُمُ الْمُؤْمِنُونَ حَقًّا لَّهُمْ دَرَجَاتٌ عِندَ رَبِّهِمْ وَمَغْفِرَةٌ وَرِزْقٌ كَرِيمٌ

1- ފަތުޙު ސޫރަތުގެ 4ވަނަ އާޔަތުގައި މާތްﷲ ވަޙީކުރެއްވިއެވެ.
هُوَ الَّذِي أَنزَلَ السَّكِينَةَ فِي قُلُوبِ الْمُؤْمِنِينَ لِيَزْدَادُوا إِيمَانًا مَّعَ إِيمَانِهِمْ وَلِلَّهِ جُنُودُ السَّمَاوَاتِ وَالْأَرْضِ وَكَانَ اللَّهُ عَلِيمًا حَكِيمًا
2- މަރްޔަމް ސޫރަތުގެ 76ވަނަ އާޔަތުގައި މާތްﷲ ވަޙީކުރެއްވިއެވެ.
وَيَزِيدُ اللَّهُ الَّذِينَ اهْتَدَوْا هُدًى وَالْبَاقِيَاتُ الصَّالِحَاتُ خَيْرٌ عِندَ رَبِّكَ ثَوَابًا وَخَيْرٌ مَّرَدًّا
3- އާލްޢިމްރާމް ސޫރަތުގެ 173ވަނަ އާޔަތުގައި މާތްﷲ ވަޙީކުރެއްވިއެވެ.
الَّذِينَ قَالَ لَهُمُ النَّاسُ إِنَّ النَّاسَ قَدْ جَمَعُواْ لَكُمْ فَاخْشَوْهُمْ فَزَادَهُمْ إِيمَاناً وَقَالُواْ حَسْبُنَا اللّهُ وَنِعْمَ الْوَكِيلُ

ސުންނަތުގެ ދަލީލު:
1- މާތްނަބިއްޔާ صَلَّ اللهُ عَلَيْهِ وَسَلَّم ޙަދީޘްކުރެއްވިއެވެ. مَنْ رَآى مِنْكُمْ مُنَكَراً فَالْيُغَيِّرُ بِيَدِهِ أَوْ بِلِسَانِهِ أَوْ بِقَلْبِهِ وَذَالِكَ أَضْعَفُ الإِيْمَانِ
2- މާތްނަބިއްޔާ صَلَّ اللهُ عَلَيْهِ وَسَلَّم ޙަދީޘްކުރެއްވިއެވެ. أَلْإِيْمَانُ بِضْع ٌوَسَبْعُوْنَ شُعْبَةٌ فَالْحَيَاءُ شُعْبَةٌ مِنَ الإِيْمَانِ
3- މާތްނަބިއްޔާ صَلَّ اللهُ عَلَيْهِ وَسَلَّم ޙަދީޘްކުރެއްވިއެވެ. أَكْمَلُ النَّاسِ إِيمَْانًا أَحْسَنُهُمْ أَخْلاَقاً

އަޞްޙާބު ބޭކަލުންގެ ބަސްފުޅުތައް:
އަބުއްދަރުދާއު رضى الله عنه ވިދާޅުވިއެވެ. އީމާންކަމަކީ އިތުރުވެ އުނިވާ އެއްޗެކެވެ.
އަބޫހުރައިރާ رضى الله عنه ވިދާޅުވިއެވެ. އީމާންކަމަކީ އިތުރުވެ އުނިވާ އެއްޗެކެވެ.
ޢުމަރު رضى الله عنه ވިދާޅުވިކަމުގައިވެއެވެ. އީމާންކަން އިތުރުކުރަން އަންނާށެވެ، ދެން އިށީނދެތިބެ الله ސުބުޙާނަހޫވަތަޢާލާ އަށް ޒިކުރު ކުރެއެވެ.
އިބްނި މަސްޢޫދު رضى الله عنه ވިދާޅުވިކަމުގައިވެއެވެ. ހައްދަވާ ގެންގުޅުއްވާ އިލާހު ތިމަންނަގެ އީމާންކަމާއި ޢިލްމާއި ފަހުމް އިތުރުކޮށްދެއްވާދޭވެ!

ޝަހާދަތުގެ ދެކަލިމަ ދުލުން ކިޔުމުން އީމާންކަން ފުދޭ ހެއްޔެވެ؟
ޝަހާދަތުގެ ދެކަލިމަ ހަމައެކަނި ދުލުކޮޅުން ކިޔާލުމަކުން އީމާންކަމަށް ނުފުދެއެވެ. ދުލުން ކިއުމާއިއެކު ހިތުގެ އަޑިން ޤަބޫލުކޮށް އެކަލިމަ އެދޭގޮތަށް ޢަމަލުތައްވެސް ބަހައްޓަންޖެހެއެވެ. އެހެންކަމުން ޢިލްމުވެރިން لا إله إلا الله ކިއުމުގެ ފައިދާ ފުރިހަމަ ގޮތުގައި ލިބިގަތުމަށްޓަކައި ހަތް ޝަރުޠެއް ކަނޑައަޅުއްވާފައިވެއެވެ. އެގޮތުން:
1. ފުރަތަމަ ޝަރުޠަކީ: އެކަލިމައިގައި ހިމެނޭ ނަހީގެ ބަޔާއި އިޘްބާތުގެ ބަޔާއެކު ކަލިމައިގެ މާނަ ރަނގަޅަށް އެނގުމެވެ. އެކަލިމައިގެ މާނައާއި އެކަލިމަ އެދޭ ކަންތައްތައް ނޭނގި އެކަލިމަ ކިއުމުން އެއްވެސް ފައިދާއެއް ނުކުރާނެއެވެ.
2. ދެވަނަ ޝަރުޠަކީ އެއްވެސް ޝައްކުކަމެއްނެތި އެކަލިމައިގައި ބުނާއެތި ޔަޤީންކުރުމެވެ.
3. ތިންވަނަ ޝަރުޠަކީ ޝިރުކުން އެއްފަރާތްވެގެންވާ އިޚްލާޞްތެރިކަމެއް ހުރުމެވެ.
4. ހަތަރުވަނަ ޝަރުޠަކީ ނިފާޤުކަމަށް ޖާގަނެތް ތެދުވެރިކަމަކުން އެކަލިމަ ތެދުކުރުމެވެ.
5. ފަސްވަނަ ޝަރުޠަކީ މިކަލިމައަށާއި މިކަލިމައިން ދަލީލުކޮއްދޭ އެންމެހާ ކަންތައްތަކަށް ލޯބިކުރުމެވެ.
6. ހަވަނަ ޝަރުޠަކީ އެކަލިމައިގެ ޙައްޤުތައް އަދާކުރުމުގައި ކިޔަމަންތެރިވުމެވެ.
7. ހަތްވަނަ ޝަރުޠަކީ ރައްދު ނަފީކުރާފަދަ ޤަބޫލުކުރުމަކުން ޤަބޫލުކުރުމެވެ.

Read more...

30 November 2010

ދިވެހިރާއްޖެ އެއިޑްސްގެ ނުރައްކަލުގެ ތެރޭގައި

އަލްއަޚް މުޙައްމަދު ޝާފިޢު ބިން ޢަބްދުލްޣަފޫރު
އިންސާނީ ދަރިފަސްކޮޅަށް މިވަޤުތު ކުރިމަތިވެފައިވާ ޞިއްޚީ އެންމެ ބޮޑު ނުރައްކަލަކީ އެއިޑްސް ބައްޔެވެ. ފަރުވާއެއް ހޯދިފައިނުވާ މި ބަލި މުޅިދުނިޔޭގައި ސާލެއްހެން މިހާރު ދަނީ ފެތުރެމުންނެވެ. އެތައް މިލިޔަން ބަޔަކު މަރުވެ ހިނގައްޖެއެވެ. އަދި އެބަލީގެ ނުރައްކާތެރިކަމުގެ ނުރައްކާތެރި އިންޒާރުގެ އަޑުވެސް ދަނީ ގަދަވަމުންނެވެ.

2007 ވަނައަހަރުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި 33.2 މިލިޔަން މީހުންނަށް ދުނިޔޭގައި އެއިޑްސް ބަލި ޖެހިފައިވެއެވެ. އޭގެ ތެރެއިން 15.4 މިލިޔަން މީހުން ނަކީ އާދެ ފަންސާސް އިންސައްތަ އަކީ އަންހެނުންނެވެ.

އެއިޑްސް އެންމެ ހަލުއިކޮށް ފެތުރެމުންދަނީ އޭޝިޔާގެ ޤައުމުތަކުގައެވެ. 2003 ވަނައަހަރު ނިމުނު އިރު މިސަރަޙައްދުގައި އެޗްއައިވީ ޖެހިފައިތިބީ ހަމިލިޔަން މީހުންނެވެ. އަދި މުޅިދުނިޔޭގައި އެ އަހަރު ނިމުނު އިރު 40 މިލިޔަން މީހުންނަށް އެއިޑްސްބަލި ޖެހިފައިވެއެވެ.

ދިވެހިރާއްޖެއާއި އެއިޑްސް
ދިވެއްސެއްގެ ހަށިގަނޑުން އެޗްއައިވީ ފެނުނުކަން ރަސްމީކޮށް ފުރަތަމަ އިޢުލާނުކުރީ 18 ނޮވެމްބަރ 1991 ގައެވެ.
މިހާތަނަށް ރާއްޖެއިން އެޗްއައިވީއަށް ޕޮޒިޓިވް ވެފައިވަނީ 14 މީހުންކަމަށް ކަމާބެހޭ އިދާރާތަކުގެ ތަފާސްހިސާބުތައް ދައްކައެވެ. މީގެ ތެރެއިން މިހާތަނަށް ދުނިޔޭގައި ތިބީ ހަތަރު މީހުންކަމަށްވެއެވެ. އަދި އެއިޑްސް ޖެހުނު މީހުންގެ ތެރެއިން 8 މީހުންނަކީ ބޯޓްދަތުރުކުރާ މީހުން ކަމަށްވެސް ވެއެވެ.

ދުނިޔޭގެ އެންމެން އެ ވަބާއަކަށް ބިރުވެތިވާ އަދި އެއިން މިންޖުވުމަށް އެންމެ ގަދައަޅާ މަސައްކަތްކުރާ ވަބާ އެއިޑްސް ޖެހިފައިވާ ދިވެއްސަކު ފުރަތަމަ ފެނުނު ދުވަހުން ފެށިގެން މިހާތަނަށް ފާއިތުވެގެން ގޮސްފައިވާ މުއްދަތާއި ރާއްޖޭގެ އަވަށްޓެރި ޤައުމުތަކުގެ އެއިޑްސް ފެތުރެމުންދާ ހަލުއި މިނަށް ވިސްނާއިރު ރައްޖޭގައި މިވަޤުތު މިވަބާ ޖެހިފައިތިބި ދިވެހީން ކަމަށް ބުނާ ޢަދަދަކީ މުޢުޖިޒާތެއް ފަދަ މަދު ޢަދަދެކެވެ.

ދުނިޔޭގައި އެއިޑްސް ފެތުރެމުންދާ ގޮތާ ބެހޭގޮތުން އދ އިން 2006 ވަނައަހަރު ނެރުނު ރިޕޯރޓްގައި ބުނެފައިވާ ގޮތުގައި ދުނިޔޭގައި އެންމެ ހަލުއިކަމާއެކު އެއިޑްސް ފެތުރެމުންދަނީ ދެކުނު އޭޝިޔާގައެވެ. މިހާރުވެސް މުޅި އޭޝިޔާގައި އެއިޑްސް ޖެހިފައިވާ މީހުންގެ ތިންބައިކުޅަ ދެބައި ތިބީ ދެކުނު އޭޝިޔާގައެވެ. ދެކުނު އޭޝިޔާއަށް ނިސްބަތްވާ ހަތް ޤައުމުގެ ތެރެއިން އެއިޑްސްގެ މައްސަލަ އެންމެ ބޮޑު ޤައުމަކީ އިންޑީޔާއެވެ. މިވަޤުތު ދުނިޔޭގައި އެއިޑްސް ޖެހިފައިވާ ކަމަށް ސާބިތުވެފައިވާ މީހުން އެންމެ ގިނައިން ދިރިއުޅެނީވެސް އިންޑިޔާގައެވެ.

އިންޑިޔާއަކީ ދެކުނު އޭޝިޔާގެ އެންމެ މުހިއްމު ޤައުމުކަމަށް ވެފައި ހުރިހާ ގޮތަކުންވެސް ދިވެހި ރާއްޖެއާ ގުޅި ލާމެހިފައިވާ ޤައުމަކަށް ވުމާއެކު އިންޑިޔާގެ ކިބައިން ދިވެހިރާއްޖޭގައި އެއިޑްސް ފެތުރުމުގެ ފުރުޞަތު ވަރަށް ބޮޑެވެ.

ތަޖުރިބާކާރުން ވިދާޅުވާގޮތުގައި ސަރުކާރުގެ ލަފާކުރުން ދައްކާ ޢަދަދަށްވުރެ ދިވެހިރާއްޖޭގައި އެއިޑްސް ޖެހިފައިތިބި މީހުންގެ ޢަދަދު މާ މަތިވެދާނެއެވެ. މިހާތަނަށް އެއިޑްސް ޖެހިގެން ނުވަ ދިވެހީން މަރުވެފައިވާ ކަމަށް ވާއިރު ދުނިޔޭގައި މިހާރު ތިބިކަމަށްވަނީ ޢުމުރުން 20 އަހަރާ 40 އަހަރާ ދެމެދުގެ ހަތަރު މީހުންނެވެ. އެއީ ތިން ފިރިހެނުންނާއި އަންހެނެކެވެ.

ޑަބްލިޔު އެޗްއޯއިން އަންދާޒާ ކުރާގޮތުގައި އެޗްއައިވީ އެއިޑްސް ހުރެގެން ފެންނަ ކޮންމެ މީހަކަށް 10 މީހުން ފާހަގަނުކުރެވި ހިނގައިދާނެއެވެ.

ޔުނައިޓެޑް ނޭޝަންސް ޕްރޮގްރާމް އޮން އެޗްއައިވީ އެއިޑްސް (ޔޫ.އެން.އޭ.އައި.ޑީ.އެސް) އިން ލަފާކުރާ ގޮތުގައި މިހާރު ރާއްޖޭގައި އޭޑްސް ބަލިޖެހިފައިވާ މަދުވެގެން 200 އެއްހާ މީހުން އެބަތިއްބެވެ. އަދި މިޢަދަދު މަދުވުމަށްވުރެ ގާތްކަންބޮޑީ މިޢަދަދު އެތައް ގުނައެއް އިތުރުވުމެވެ.

ރާއްޖޭގައި އެއިޑްސް ފެތުރެނީ ކިހިނެއް؟
ރާއްޖޭގައި އޭޑްސްބަލި ޖެހޭ ސަބަބުތައްކަމަށް އދ ގެ އެއިޑްސްއާ ބެހޭ ގޮފިން ފާހަގަކޮށްފައިވަނީ :

1- ތަޢުލީމު އުނގެނުމަށާއި ސިއްޚީ ފަރުވާއަށް އަދި ވަޒީފާއަށްޓަކައި ރާއްޖޭން ބޭރަށް ދާ ރާއްޖޭގެ ރައްޔިތުން އެދާ ޤައުމުތަކުގައި އޭޑްސްއަށް މަގުފަހިވާ ފަދަ ޢަމަލުތައް ކުރުން. އަދި މީގެ އިތުރުން ދިވެހީންގެ ގައިގޯޅިވުންވެސް ހުރީ ވަރަށް މަތީގައެވެ. އަބަދާ އަބަދު ބަނޑު ބޮޑު ވެދޭނެ ކަމުގެ ބިރުގައި އެތައް އަންހެން ކުދީންނެއް ތިބޭކަމީ ޙަޤީޤަތެކެވެ.

2- ވަރީގެ ނިސްބަތް ވަރަށް މަތީގައި ވުން. ކައިވެނި ނުކޮށް ތިބެ އެތައް މީހުންނާއެކު ޒިނޭކުރުން. ވަރިކޮށްފައި ތިބޭ މީހުން ފައިސާއަށް ޓަކައި ޒިނޭކުރުން. އަދި ރާއްޖޭގައި އުޅޭ ބިދޭސީން ދިވެހިންނާއެކު ޒިނޭކުރުން. ވަޒީފާއަށް އަންނަ ވަރަށް ގިނަ ބިދޭސީންގެ ހަށިގަނޑުން އެޗްއައިވީ ފެންނަމުންދާކަމުގައި ޑީޕީއެޗް އިން 2005 ވަނަ އަހަރު ވިދާޅުވެފައިވެއެވެ. އެގޮތުން އެ އަހަރާ ހަމައަށް 156 މީހެއްގެ ހަށިގަނޑުން އެޗްއައިވީ ފެނިފައިވާކަމަށްވެސް ވިދާޅުވެފައިވެއެވެ.

3- ޑްރަގް ބޭނުން ކުރުން – ސިރިންޖު ބޭނުން ކުރުމާއި ޑްރަގް ގަތުމަށްޓަކައި ހަށިވިއްކުން ޢާއްމު ވެފައި ވުން: ޑްރަގް ބޭނުންކުރާ މީހުންގެ ތެރެއިން 3 ބައިކުޅަ އެއްބައި މީހުންނަކީ ސިރިންޖު ޚިއްޞާކުރާ މީހުންނެވެ. ގައިން ގަޔަށް ނާރާ ބަލިތަކަށް މަގުފަހިވާ ޢަމަލުތައް، ޚާއްޞަކޮށް އެޗެއައިވީއަށް މަގުފަހިވާ ޢަމަލުތައް ހުރިތޯ ބެލުމަށް ހެލްތު މިނިސްޓްރީން ކުރި ސާރވޭއިން ދައްކާގޮތުގައި ސާރވޭ ކުރެވެނު މީހުންގެ ތެރެއިން 44 އިންސައްތަ މީހުންނަކީ ކޮންމެވެސް ގޮތަކުން ފައިސާއަށް ޓަކައި ޒިނޭކުރާ މީހުންނެވެ. އާދެ ހަށިވިއްކާ މީހުންނެވެ. އަދި ދިރާސާ ކުރެވުނު މީހުންގެ ތެރެއިން 49 އިންސައްތަ މީހުންނަކީ އެ ޚިދުމަތް ގަންނަ މީހުންނެވެ. ޑްރަގާއި އެއިޑްސް އަކީ އެކު އެކީގައި ކުރިއަށް ދާ ދެ އެއްޗެވެ. ނާރުތަކަށް ޑްރަގް އިންޖެކްޓް ކުރަން ބޭނުންކުރާ ސިރިންޖުގެ ސަބަބުންނާއި ފައިސާ ހޯދުމަށްޓަކައި ހަށިވިއްކުމުގެ ސަބަބުން އެކަންކަމަށް މަގުފަހިވެއެވެ.

4- ރާއްޖެ އަންނަ ޓުއަރިސްޓުންގެ ފަރާތުން ރިސޯރޓްތަކުގައި އުޅޭ މީހުންނަށް. ދިވެހިރާއްޖޭގައި މިހާރު ފެނިފައިވާ އޭޑްސް ކޭސްތަކުގެ ތެރެއިން 21 އިންސައްތަ މީހުންނަށް އެއިޑްސް ޖެހިފައިވަނީ ރިސޯރޓް ތަކުންނެވެ. ސަރވޭއިން ފެނިގެންދިޔަ އަނެއް ޙަޤީޤަތަކީ ދިވެހިރާއްޖޭގެ ރިސޯރޓްތަކުގައި މަސައްކަތްކުރާ މީހުންގެ ތެރެއިން 88 އިންސައްތަ މީހުންނަކީ ބައިވަރު މީހުންނާއެކު ޒިނޭކުރާ މީހުންނެވެ.

ސަރވޭތަކުގެ ލަދުވެތި ނަތީޖާ
ރާއްޖޭގައި އެއިޑްސް، ޑްރަގް އަދި ޒުވާނުންގެ ޙާލަތު ދިރާސާކުރުމަށް ރާއްޖޭގެ ކަމާބެހޭ ވުޒާރާއަކުން ނުވަތަ ޖަމްޢިއްޔާއަކުން ނުވަތަ ބޭރުގެ ކަމާބެހޭ މުއައްސަސާއަކުން ސަރވޭއެއް ކުރާ ކޮންމެ ފަހަރަކު ހާމަވެގެންދާނީ މި ފަޚްރުވެރި މުސްލިމް ދިވެހިރާއްޖެ ލަދުގަންނަންޖެހޭ ތަފާސްހިސާބުތަކެކެވެ.

ރާއްޖެއިން އެޗްއައިވީ ޕޮޒިޓިވް މީހަކު ފެނިފައިނުވާތާ ނުވަ އަހަރަށް ފަހު އެޗްއައިވީ ޕޮޒިޓިވް މީހަކު ރާއްޖެއިން ފެނުނީ މިދިޔަ އަހަރުއެވެ. ގައިން ގަޔަށް ނާރާ ބަލިތަކަށް މަގުފަހިވާ ޢަމަލުތައް، ޚާއްޞަކޮށް އެޗެއައިވީއަށް މަގުފަހިވާ ޢަމަލުތައް ހުރިތޯ ބެލުމަށް ހެލްތު މިނިސްޓްރީން ކުރި ސާރވޭގެ ތެރެއިންނެވެ.

ރާއްޖޭގައި އެޗްއައިވީ ޖެހުމަށް މަގުފަހިވާ ޢަމަލުތައް ސަމާލުވާންވީ މިންވަރަށް ހުރިކަން މިސާވޭއިން ދައްކާފައިވާ ކަމަށެވެ.

ސާވޭގައި ސުވާލުކޮށްފައިވާ މީހުންގެ ތެރޭގައި ރިސޯރޓްތަކާއި ކޮންސްޓްރަކްޝަން ދާއިރާގައި މަސައްކަތްކުރާ މީހުންނާއި އިންޖެކްޓް ކޮށްގެން ޑްރަގް ބޭނުންކުރާ މީހުންގެ އިތުރުން ހަށިވިއްކުމުގެ ވިޔަފާރީގައި އުޅޭ މީހުން ހިމެނެއެވެ.

ސަރވޭ ގައި ބުނެފައިވާ ގޮތުގައި ޒިނޭކުރުމަކީ ދިވެހިރާއްޖޭގައި މިހާރު ވަރަށް ޢާއްމު ވެފައިވާ ކަމެކެވެ. ސަރވޭއިން ފާހަގަކުރެވުނު ގޮތުގައި ޖިންސީ ގުޅުން ހިންގުމުގެ ސަބަބުން ޖެހޭ ބައްޔެއް ކަމުގައިވާ ސިފިލިސް އަކީ ރިސޯރޓްތަކުގައި މަސައްކަތްކުރާ ޒުވާނުންގެ މެދުގައި ވަރަށް ޢާއްމު ބައްޔެކެވެ. އަދި ފިރިހެނުން ފިރިހެނުންނާ ޖިންސީ ގުޅުން ހިންގުންވެސް ރާއްޖޭގައި ކޮންމެވެސް ވަރަކަށް އެބައޮތް ކަމަށް ސަރވޭއިން ހާމަވެފައިވެއެވެ. އެގޮތުން މިފަދަ މީހުންނާއި ބޯޓްދަތުރުކުރާ މީހުންނާއި ޢިމާރާތްކުރުމުގެ ދާއިރާގައި ޙަރަކާތްތެރިވާ މީހުންގެ ކިބައިން ހެޕަޓައިޓިސް ބީ ފެނިފައިވެއެވެ.

ޑްރަގް އިންޖެކްޓް ކުރާ މީހުންގެ ތެރެއިން ހެޕަޓައިޓިސް ބީ ފެނިފައިވެއެވެ. އަދި މީގެ އިތުރުން އެޗްއައިވީއަށް މަގުފަހިވާ ޢަމަލުތައް ހުރިކަން ސަރވޭއިން ދައްކާފައިވެއެވެ.

ޒިނޭކުރުން ޙައްދުފަހަނައަޅާފައި
ސާސްކަފުގެ ލަނޑުދަނޑިތައް ހިމެނޭ ރިޕޯރޓެއްގައި ބުނެފައިވާ ގޮތުގައި ރާއްޖޭގެ ޒުވާނުންގެ ތެރެއިން 62 އިންސައްތަ މީހުން ޢުމުރުން 18 އަހަރު ނުފުރެނީސް ޒިނޭކުރާ ކަމަށާއި (ޖިންސީ ގުޅުން ހިންގާ ކަމަށާއި) އޭގެތެރެއިން 45 އިންސައްތަ ކުދިންނަށް އެއިޑްސް ޖެހުމުގެ ބިރު ވަރަށް ބޮޑެވެ.

މިއަހަރު ފެމިލީ ޕްރޮޓެކްޝަން ޔުނިޓްގެ ޚިދުމަތް ހޯދާފައިވާ ކުދިންގެ ތެރެއިން 20 އިންސައްތައަށްވުރެ ގިނަ ކުދިންނަކީ ޒިނޭކޮށްގެން ބަލިވެ އިނދެފައިވާ އުމުރުން 18 އަހަރަށްވުރެ ދަށްކުދިން ކަމުގައި އެޔުނިޓުން ރާއްޖޭގެ މީޑިޔާއަށް ހާމަކޮށްފައިވެއެވެ.

18 އަހަރުން ދަށުގެ އެހާބޮޑު ނިސްބަތެއް ޒިނޭކުރާކަމަށް (ކައިވެނިން ބޭރުގައި ޖިންސީގުޅުން ހިންގާކަމަށް) އަމިއްލައަށް އިޢުތިރާފުވުމަކީ ދިވެހި އިސްލާމީ އުންމަތުގެ މިސްރާބު މިހާރު އޮތް ނުރަނގަޅު ދެރަގޮތް ހާމަކޮށްދޭ ވަރަށް ބޮޑު ހެއްކެކެވެ.

2007 ވަނައަހަރު ކުރި އެހެން ދިރާސާއަކުން ދައްކާގޮތުގައި ރާއްޖޭގެ 18 އަހަރުން ދަށުގެ 29 ޕަސެންޓް ކުދިން ޒިނޭކުރެއެވެ. (ކައިވެނި ނުކޮށް ޖިންސީ ގުޅުން ހިންގައެވެ.)

އިޞްލާޙްކުރަން ތިބި އިންސާނުންގެ ޙާލަތު
ރާއްޖޭގައި އެއިޑްސް ބަލީގެ ކަންތައްތަކާ ބެހެނީ މިނިސްޓްރީ އޮފް ހެލްތުންނެވެ. ހެލްތު މިނިސްޓްރީގެ އިސްވެރިން އެކި އެކި މުނާސަބަތުތަކުގައި ރާއްޖޭގައި އެއިޑްސްބަލީގެ ޙާލަތާބެހޭގޮތުން މަޢުލޫމާތު ދެއްވަމުން މުސްލިމުންގެ ވިސްނުމުން ބޭރުވެ، ހުޅަނގުގެ "ހުޅުވާލެވިފައިވާ ޖިންސީ ވިސްނުމުގެ" ވާހަކަތައް ނޫސްވެރިންނާ ބައްދަލުކުރަމުން ބުނެފައިވެއެވެ.

އެގޮތުން ހެލްތު މިނިސްޓްރީގެ އިސްވެރިޔަކު މިފަދަ ބައްދަލުވުމެއްގައި ބުނެފައިވެއެވެ. "ބައެއް މީހުން ޤަބޫލެއް ނުކުރާނެ މިހާވަރަށް މިކަންތައް އަހަރެމެންގެ މުޖްތަމަޢުގައި އޮތް ކަމަކަށް. މިހާރު އަހަރެމެން ސާބިތުކޮށްދީފިން މި ސަރވޭއިން މިފަދަ މީހުންވެސް އެބަ އުޅޭކަން"

ދޭތެރެދުރުކުރާ ވަޞީލަތްތައް ބޭނުން ނުކުރާ ކަމަށް ބުނަމުން އޭނާ ބުނެފައިވަނީ "ޖިންސީ ގުޅުން ހިންގާއިރު ފުރަގަސްފަރާތް ބޭނުންކުރުމުގައި ހުރަސް ދުވަހަކުވެސް (ދިވެހީން) ބޭނުން ނުކުރާކަމަށް. މިއީ ވަރަށް ނުރައްކާތެރި ކަމެއް" އޭނާ ބުނެފައިވެއެވެ.

"އަހަރެމެން އެބަޖެހޭ މީހުން ހުރަސް ބޭނުން ކުރަން އެމީހުން ހޭލުންތެރިކުރަން. ޖިންސީގުޅުން ހިންގުމުން އެމީހުން ދުރެއް ނުކުރެވޭނެ އަހަރެމެންނަކަށް. އެކަމަކު އަހަރެމެންނަށް ކިޔައިދެވިދާނެ އެކަން ރައްކާތެރިގޮތުގައި ކުރަން" އޭނާ ބުނެފައިވެއެވެ.

މިފަދަ އިސްވެރިން މުސްލިމަކަށް ވެ ހުންނަވައި ދައްކާފައިވާ މިފަދަ ތާކުންތާކު ނުޖެހޭ ވާހަކަތަކާމެދު ހައިރާންވެ އަންތަރީސް ވާވަރު ވެއެވެ. ދިވެހި ޒުވާނުން ޖިންސީ ގުޅުން ހިންގަނީ ރައްކާތެރިކަމުގެ އެއްވެސް ފިޔަވަޅެއް (ހުރަސް ފަދަ އެއްޗެއް ބޭނުން ނުކޮށް) ކަމަށާއި އަދި ފުރަގަސް ފަރާތްވެސް ބޭނުންކޮށްގެން ޖިންސީ ގުޅުން ހިންގާ ކަމުގައި ބުނުމުން ދޭހަވަނީ އެކުދީން ޒިނޭކުރާތީ މިމީހުން ކަންބޮޑު ނުވާކަމުގައެވެ. އޭގެ ބަދަލުގައި އޭނާ ކަންބޮޑުވަނީ އެކުދީން ޒިނޭކުރާއިރު ރައްކާތެރިކަމުގެ ވަޞީލަތެއް ބޭނުން ނުކުރާތީއެވެ. ވިސްނާލައްވާށެވެ. ފާޅުގައި ސީދާގޮތުން ޒިނޭކުރުމަށް ހިތްވަރު ދެނީއެވެ. އަޅުގަނޑުމެންގެ އިސްލާމީ މުޖްތަމަޢު ހަލާކުވާ މައިގަނޑު އެއްސަބަބަކީ އެއީއެވެ. ހުޅަނގުގެ ޕްރޮޕެގެންޑާގެ ދަށުން މިފަދަ ޙަރާމްކަންތައްތައް "ރައްކާތެރި ގޮތުގައި" ކުރުމަށް ދަޢުވަތު ދޭތީއެވެ. ﷲ އަށް ޓަކައި ބިރުވެތިވެ ތިޔަފަދަ ވާހަކަތައް ނުދެއްކުމަށް ގޮވާލަމެވެ. ޒިނޭކުރާ އިރު ހުރަސް ބޭނުންކުރަން ބުނުމުގެ ބަދަލުގައި އެއީ ދީނުގައި ޙަރާމްކަމެއް ކަމަށް ބުނެ އެކަމުން ދުރުހެލިވުމަށް ނަޞީޙަތްތެރިވި ނަމަ މާ ރަނގަޅުވާނެއެވެ.

ދެރަކަމެއް
އަޅުގަނޑުމެންގެ ޤައުމުގެ ޙާލަތު މިހާ ދަށު ދަރަޖައަކަށް ވެއްޓިފައި އޮތުމަކީ ވަރަށް ދެރަ ވާންޖެހޭ ކަމެކެވެ. ރާއްޖޭގެ އެންމެންވެސް އެދީނަކަށް ތަބާވެގެން މިތިބި އިސްލާމްދީނުގައި އެންމެ ބޮޑަށް ޙަރާމްކުރައްވާފައިވާ އެއްފާފަކަމުގައިވާ ޒިނޭއަށް ދިވެހި ޒުވާނުން މިހާ މަތީދަރަޖައަކަށް ގާތްވަމުން ދިޔުމަކީ ވަރަށް ދެރަ ކަމެކެވެ.

މާދަމާގެ މައިންބަފައިންނަށް ވާންތިބި މިއަދުގެ ޒުވާނުން މި ފާފައަށް މިހާ މަތީ ދަރަޖައަކަށް އަރައިގަތުމަކީ ހީނުކުރާފަދަ ގެއްލުމެއް މިޤައުމަށް ލިބޭނެކަމެކެވެ. މިފަދަ ކަންކަން ހުއްޓުވޭނީ އަޅުގަނޑު ދެކޭ ގޮތުގައި މިފަދަ ޖަރީމާތައް ހިންގާ ފަރާތްތަކަށް އިސްލާމީ ޝަރީޢަތުގައި ކަނޑައަޅުއްވާފައިވާ އަދަބު ދީގެންނެވެ.

ޙައްލަކީ ކޮބާ؟
މިއީ މިއަދު މިޤައުމަށް ކުރިމަތިވެފައިވާ ބޮޑު މުޞީބާތެކެވެ. ޑިމޮކްރަސީގެ ފޮނިކަން ދިވެހިންނަށް ހޯދާދިން އިރު ޤައުމުގެ އަޚްލާޤީ ކިއްލާގައި ރެނދުއަޅައި އަޚްލާޤީ ކިއްލާ މިހިރަދަނީ ފުނޑުފުނޑުވަމުންނެވެ. މިއީ ރަނގަޅު ތަރުބިއްޔަތަކާ ހަރުދަނާ އަޤީދާއެއް ނެތީމާ ވާގޮތެވެ. ޤައުމުގެ ތަޢުލީމީ ނަވުގެ ހުންގާނުވެސް މިވަނީ ހުޅަނގުން ބޭނުންވާ މިސްރާބަށް ދީލާލާފައެވެ.

ޒިނޭކުރުމުގެ ރީތި ގޮތަކީ ކައިވެނިން ބޭރުގައި ޖިންސީ ގުޅުން ހިންގުން ކަމުގައި ހަދައި ބޮޑެތި ފާފަތައްވެސް ބަސްކޮށާރުގެ އަވާގައިޖައްސައި ތިލަކޮށް އެއީ ކުދިކުދި ކަންތައްތަކެއް ކަމުގައި ދިވެހި މީޑިޔާއިންވެސް ދެކެން ފަށައި އެކަމުގެ އަސަރު ޢާއްމު ރައްޔިތުންގެ ސިކުނޑިތަކަށް ފޯރުވައި އެބައިމީހުންގެ ވިސްނުންވެސް ބަދަލުކުރަން ފަށައިފިއެވެ. ހުޅަނގުގެ ފިކުރީ ހަނގުރާމައިގެ އޮއިވަރުގެ ހަމަ ރަނގަޅަށްވެސް ދިވެހިރާއްޖެ ޖެހިއްޖެއެވެ.

ޒިނޭކުރުމާއި އެއްޖިއްސުން ޖިންސީގުޅުން ހިންގުމާއި ރޭޕުކުރުމާއި ކުޑަކުދިންނަށް ޖިންސީގޯނާކުރުންފަދަ ބޮޑެތި ފާފަތަކާއި މުންކަރާތްތަކަކީ ދިވެހީންގެ ޙަޔާތުގެ "ރަދީފު" ގައި ޒަމާނުގެ ތަރައްޤީއާއެކު ކޮންމެހެންވެސް އަންނަންޖެހޭ ކަންތައްތަކެއް ކަމުގައި ދިވެހި ސިކުނޑިތަކަށް ވިސްނައިދީ އެގޮތަށް މާނަކުރަން ފަށައިފިއެވެ. މިފަދަ ތަރައްޤީ އަޅުގަނޑުމެންނަށް ނުފެނުނު ނަމަ މާ ރަނގަޅު ވީހެވެ. މިއީ އިންސާނީ ތަރައްޤީއެއް ނޫނެވެ. ވަލު ޖަނަވާރުންނަށްވެސް އެ އެއްޗެއްސަށް ފައިދާ ހުރި ގޮތާއި އެ އެއްޗެއްސަށް ގެއްލުން ހުރި ގޮތް އެނގޭނެއެވެ. މިފަދަ ކަންތައްތައް ކުރިން އިންސާނުންގެ ތެރޭގައި ވާކަންތައްތައް އަހަރެމެން އަޑުއަހަނީ ސިޔަރަތުން މެއަ. އަދި ކިޔެއްތަ އެއީ އިސްލާމްދީން ފައުޅުވުމުގެ ކުރިމެއަ. އަދިވެސް ޖާހިލުކަމުން ހޭލައްވަން ކަށިގަނޑެއް ފުމެންޖެހިފައި ނުވޭބާ؟

ފުންކޮށް ވިސްނާލާއިރު މިކަމުގެ ޙައްލުއޮތީ ހަމައެކަނި އިސްލާމްދީނުގައެވެ. މައިން ބަފައިންނާއި މުދައްރިސުން ބެލެނިވެރިން، އަޅުގަނޑުމެންގެ ޅަ ޖީލު ހަލާކު ނުވަނީސް މިކަންތައްތަކުގެ ޙަރާމްކަން އެކުދީންނަށް ވިސްނައިދީ މަރުވުމަށްފަހުގައިވެސް އަދި ޙަޔާތެއް އޮތްކަމާއި ނަރަކައަކީ އެފަދަ ހުތުރު ޢަމަލުތައް ކުރާ މީހުންނަށް ޢަޛާބުދެއްވުމަށްޓަކައި ވާތަނެއްކަން އެކުދީންނަށް ވިސްނައިދީ، އެކުދީންގެ ދީނީ ޢަޤީދާ ހަރުދަނާކޮށް، އެކުދީން ލައްވައި ނަމާދުކުރުވައި، ދީނުގެ ޙުކުމްތައް އޮޅުންފިލުވައިދީ، ޙަރާމް ޙަލާލް ބަޔާންކޮށްދީ، އިސްލާމްދީނުގެ މަތިވެރި އަޚްލާޤުގެ ފޭރާމުން އެކުދީން ޒީނަތްތެރިކުރުވައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތަށް އެކުދީން އަނބުރައި ސުންނަތުގެ މަތީގައި ފައިތިލަ ސާބިތުކުރުމަށް މަޖްބޫރުކުރުވައިގެން ނޫނީ ޤައުމު ވެއްޓެމުން މިދާ އަޚްލާޤީ ފުން ވަޅުގަނޑުތަކުން ސަލާމަތްވެވޭނެ އެހެން އެއްވެސް ގޮތެއް ނެތެވެ. ފަރުވާއެއްގެ ގޮތުގައި ރޫޙާނީ ފަރުވާ ބޭނުންވާ ބަޔަކަށް އަދި އެކަމުގައި އިޞްލާޙުވުމުގެ މަސްލަޙަތު އޮއްވައި ހުޅަނޑުގެ ނަޖިސް ސިކުނޑިތަކުން ރާވާ މަކަރުވެރި ރޭވުންތަކާއި ޖަހާ ކެހިވެރި މަޅިތަކާއި ދޭ އެކި އެކި "ކޮންސަލްޓެންސީ" ތަކަކީ ހާކަނޑުގައި ތަޅާ ލަބަރިތަކެއް ނޫން ދެން ކޮންއެއްޗެއް ހެއްޔެވެ؟ އެއީ ހަމަ ފޫނެއް ފާޔަށް ފެންފުރުން ކަހަލަކަމެކެވެ. އެއްވެސް ނަތީޖާއެއް ނެތް ބޭކާރު ކަމެކެވެ.

ހުޅަނގުގެ މީހުންނަށް އެނގޭނީ މައްސަލަ އުފައްދާށެވެ. މައްސަލަ ޙައްލުކުރާކަށް ނޭނގޭނެއެވެ.

Read more...

29 November 2010

ޙަދީޘްގެ ޢިލްމު

އަލްއަޚް ޔާސީން ނަސީމު އަބޫބަކުރު، ލ.މާވަށް
ޙަދީޘް ޢިލްމު ނުވަތަ ޢުލޫމުލް ޙަދީޘަކީ "ޙަދީޘް ގަބޫލުކުރުމަށް ނުވަތަ ރައްދުކުރުމަށްޓަކައި، ސަނަދާއި މަތުނުގެ ޙާލަތްތައް ދެނެގަންނާނެ ޤަވާޢިދުތަކާއި އުޞޫލުތައް އަންގައިދޭ ޢިލްމެވެ."
(ސަނަދު ނުވަތަ އިސްނާދަކީ މަތުނާއި ހަމައަށް ފޯރުކޮށްދޭ ނުވަތަ ވާޞިލުކޮށްދޭ ރާވީންގެ ސިލްސިލާއެވެ. އެއީ ޞަޙާބީބޭކަލެއްގެ ފަރާތްޕުޅުން ފެށިގެން އެޙަދީޘެއް އެންމެފަހުން ރިވާކުރައްވާ ބޭފުޅަކާއި ހަމައަށެވެ. މަތުނަކީ ސަނަދު ނިމޭހިސާބުން ފެށިގެން ދެން އޮންނަބައެވެ. ނުވަތަ އެއީ ޙަދީޘެވެ)
ޢުލޫމުލް ޙަދީޘް އުފެދިގެން އައި ގޮތާއި މިޢިލްމުގެ ތާރީޚު
ޚަބަރެއް ލިބިއްޖެ ނަމަ އެކަމެއް ޤަބޫލުކުރުމުގައި ޢަމަލުކުރަންވީ ގޮތް މާތްﷲ ކީރިތި ޤުރުއާނުގައި އަންގަވާދެއްވާފައި ވެއެވެ.
يَا أَيُّهَا الَّذِينَ آَمَنُوا إِنْ جَاءَكُمْ فَاسِقٌ بِنَبَأٍ فَتَبَيَّنُوا أَنْ تُصِيبُوا قَوْمًا بِجَهَالَةٍ فَتُصْبِحُوا عَلَى مَا فَعَلْتُمْ نَادِمِينَ (الحجرات ٦)
މާނައީ "އޭ إيمانވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެގާތަށް فاسقއަކު خبرއަކާއިގެން އަތުވެއްޖެނަމަ، އޭގެ ދޮގުތެދުބަލައި، حقيقة ހޯދާށެވެ! (އެއީ) ނޭނގިތިބެ، ތިޔަބައިމީހުންނަށް ބަޔަކަށް ގެއްލުންދެވިދާނެތީއެވެ. ފަހެ، އެހެންވެއްޖެނަމަ، ތިޔަބައިމީހުން ކުރިކަންތަކުގެ މައްޗަށް ހިތާމަކުރާ ބަޔަކުކަމުގައި ތިޔަބައިމީހުން ވެދާނެތެވެ."

އަދި އެކަމުގެ އަސާސީ އުޞޫލުތަކާއި، ހަމަތައް މާތް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ގެ ސުންނަތުގައި ބަޔާން ކުރައްވާފައިވެއެވެ.

މާތްﷲއާއި އެކަލާނގެރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަމުރުފުޅުތަކަށް ކިޔަމަންވުމުގެ ގޮތުން ޞަޙާބީ ބޭކަލުން އެބޭކަލުންނަށް ލިބިވަޑައިގަންނަވާ ޚަބަރުތަކުގެ ދޮގު ތެދު ބައްލަވާ ޙަޤީޤަތް ހޯއްދެވިއެވެ. ޚަބަރު ގެންނަމީހެއްގެ ތެދުވެރިކަމާބެހޭ ގޮތުން ޝައްކެއް އުފެދިއްޖެނަމަ އެބޭކަލުން ވަކިންބޮޑަށް އެކަމުގެ ޙަޤީޤަތް ބައްލަވާ ހެއްދެވިއެވެ. މިގޮތުން ސަނަދުގެ މުހިންމުކަމާއި އެކަމުގެ އަގުބޮޑުކަން، ވަޒަންވެ ހާމަވެގެން ދިޔައެވެ. އަދި ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘްތައް އައިސްފައިވަނީ ޞައްޙަގޮތުގައި އިތުބާރާއި އެކުގައިކަން އެނގިގެންދެއެވެ.

އަލްއިމާމު މުސްލިމު އެކަލޭގެފާނުގެ ޞަޙީޙުގެ މުޤައްދިމާގައި އިބުނު ސީރީނުގެ އަރިހުން ރިވާކުރައްވާފައި ވެއެވެ. އެބައިމީހުން، އެބަހީ އަޞްޙާބު ބޭކަލުން، އެޖީލުގެ ކުރީކޮޅުގައި، ޚަބަރު ގެންނަފަރާތްތަކާމެދު، އެބަހީ ޙަދީޘްގެ ސަނަދާ ބެހޭގޮތުން، ސުވާލެއް ނުކުރައްވައެވެ. ނަމަވެސް ފިތުނަވެރިކަން އުފެދުމުން ޙަދީޘް ރިވާކުރާ މީހުންނާ ބެހޭގޮތުން ސުވާލުކުރަން ފެށުނެވެ. އެބޭކަލުންގެ ގާތަށް ޚަބަރެއް އަތުވެއްޖެނަމަ އެބޭކަލުން ވިދާޅުވެތެވެ. ތިޔަ ޚަބަރު ގެނައީ ކޮންބައެއްގެ ފަރާތުންތޯ ތިމަން ބޭކަލުންނަށް ބުނެދޭ ހުށިކަމެވެ. ދެން އޭގެތެރެއިން ސުންނަތުގެ އަހުލުވެރިން ( ބިދުޢަތަކުން އެއްކިބާވެ ޤުރުއާނާއި ސުންނަތަށް ތަބަޢަވެ އުޅޭމީހުން) ރިވާކުރައްވާފައިވާ ޙަދީޘްތައް ޤަބޫލުކޮށް ބިދުޢައިގެ އަހުލުވެރިންގެ ޙަދީޘްތައް ރައްދުކޮށް ދޫކޮށްލައްވައެވެ.

ޙަދީޘް އޭގެ ސަނަދު ނެތިއްޖެނަމަ ގަބޫލެއް ނުކުރެވެއެވެ. އެހެނީ ޙަދީޘް ގަބޫލު ކުރެވޭނީ ކީރިތި ރަސުލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުން ރިވާ ކުރެވެމުން އައިސްފައިވާ ސިލްސިލާއާއި އެކުގައެވެ. މިކަމުގެ ސަބަބުން الجرح والتعديل (ރާވީންނަށް ފާޑުކިއުން) ގެ ޢިލްމާއި ރާވީންގެ ޙަޤީޤަތް ތަކާއި ބެހޭގޮތުންނާއި އަދި މިނޫންވެސް ޙަދީޘާއި ގުޅުންހުރި ޢިލްމުތައް ފެށިގެން އައެވެ. އަދި ޙަދީޘްޢިލްމު، ފުޅާވެ ތަނަވަސްވެގެން ދިޔައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން އެ ޢިލްމުތައް ފޮތްތަކުގައި ލިޔެވެން ފެށުނެވެ. އެހެން ނަމަވެސް އެއިރު ޙަދީޘު ޢިލްމު ލިޔެވިފައި ހުރީ އެހެނިހެން ޢިލްމުތަކުގެތެރޭގައި ހިމެނިގެންނެވެ. ވަކި މުސްތަޤިއްލު ޢިލްމެއްގެ ގޮތުގައެއްނޫނެވެ. މިސާލަކަށް އުޞޫލުޢިލްމާއި ފިޤުހުޢިލްމުގެ ތެރޭގައެވެ. އަލްއިމާމު އައްޝާފިޢީ، އެކަލޭގެފާނުގެ الرسالة އާއި الأمّ މިދެފޮތުގައިވެސް ޙަދީޘު ޢިލްމާއި ބެހޭގޮތުން ލިއުއްވާފައި ވެއެވެ.

އިސްވެ ދިޔަގޮތަށް ކަންތައްތައް ހިނގަމުންގޮސް ޢުލޫމުލްޙަދީޘް މުސްތަޤިއްލު ޢިލްމެއްގެ ގޮތުގައި ވަކިވެގެން ދިޔައީ ހިޖުރައިން ހަތަރުވަނަ ޤަރުނުގެ ތެރޭގައެވެ. މިގޮތުން ޢުލޫމުލް ޙަދީޘް އެންމެ ފުރަތަމަ ވަކި ޢިލްމެއްގެ ގޮތުގައި ނުވަތަ ވަކި ފަންނެއްގެ ގޮތުގައި ލިއުއްވި އެއްބޭކަލަކީ އަލްޤާޟީ އަބޫ މުޙައްމަދު އަލްޙަސަނުބުނު ޢަބުދުއްރަޙުމާނު ބުނު ޚައްލާދު އައްރާމުހުރްމުޒީ (360ހ) އެވެ. އެކަލޭގެފާނު ލިއުއްވި ފޮތަކީ المحدّث الفاصل بين الراوي و الواعي (އަލްމުޙައްދިޘުލްފާޞިލު ބައިނައްރާވީ ވަލްވާޢީ) އެވެ.

ޙަދީޘު ޢިލްމުގައި ލިއުއްވާފައިވާ ބައެއްފޮތްތައް:
الكفاية في علم الرواية – الخطيب البغدادي (463ހ)
علوم الحديث – ابن الصلاح ( 643ހ)

Read more...

އީމާންކަން

އައްޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް
އީމާންކަމުގެ މާނަ:
އީމާންގެ ލުޣަވީ ތަޢުރީފް: "الإيمان" މިލަފްޒަކީ " آمن " މިލަފްޒުގެ މަޞްދަރެވެ. الإيمان ނެގިފައިވަނީ الأمن މިލަފްޒުންނެވެ. އޭގެ މާނައަކީ އަމާންކަމެވެ. ބިރުވެރިކަމުގެ އިދިކޮޅެކެވެ. ޢަރަބި ބަހުގައި "އީމާން" މިލަފްޒު ތަފާތު މާނައިގައި ބޭނުންކުރެވެއެވެ. އެގޮތުން ތެދުކުރުން، އިތުބާރު، ހިތްހަމަޖެހުން، އިޤްރާރުވެ އެއްބަސްވުން މިމާނަތަކުގައި ބޭނުން ކުރެވެއެވެ. ބައެއް ބޭފުޅުން އީމާންގެ މާނަ ހަމައެކަނި "التصديق" ތެދުކުރުމުގެ މާނައިގައި މާނަ ކުރައްވާފައިވާ ތަން ފެނެއެވެ. އެހެންނަމަވެސް އެއީ އެންމެ ރަނގަޅުގޮތެއްނޫނެވެ. "الإيمان" އަކީ ހަމައެކަނި ތެދުކުރުމެއްނޫނެވެ. އަދި ކިއެއްތަ އެއީ ހިތްހަމަޖެހުމާއި އެއްބަސްވުމާއެކު ތެދުކުރުމެވެ.
އީމާންގެ އިޞްޠިލާޙީ ތަޢުރީފް :އީމާންކަމަކީ ވަކިކަހަލަ ކަންކަމެއް ހިތުންތެދުކޮށް ޤަބޫލުކުރުމާއި ދުލުން ކިއުމާއި ޢަމަލުން އެކަންތައްތައް ކުރުމެވެ.

މިއުންމަތުގެ ސަލަފުއްޞާލިޙުން އީމާންކަން ބަޔާން ކުރައްވާފައިވަނީ މިފަދައިންނެވެ. މި ތަޢްރީފަކީ މާތް އަޞްޙާބު ބޭކަލުންނާއި ތާބިޢީ ބޭކަލުންނާއި އޭގެފަހުން ވަޑައިގެންނެވި މިއުންމަތުގެ ދަންނަބޭކަލުން އިޖްމާޢުވެ ވަޑައިގެންފައިވާ ތަޢްރީފެކެވެ. މިއިޖްމާޢު ބަޔާންކުރެއްވި ބޭކަލުންގެ ތެރޭގައި އަލްއިމާމް މާލިކް، އަލްއިމާމް ޝާފިޢީ، އަލްއިމާމް އަޙްމަދު، އަލްއައުޒާޢީ، އިސްޙާޤު،އައްޘައުރީ ފަދަ ބޭކަލުން ހިމެނިވަޑައިގަންނަވައެވެ. ޝާފިޢީގެފާނު ވިދާޅުވެފައިވެއެވެ. އަޞްޙާބު ބޭކަލުންނާއި އޭގެފަހުން ވަޑައިގެންނެވި ތާބިޢީބޭކަލުންނާއި ޢިލްމުވެރިންގެ ތެރެއިން ތިމަންނާމެންނާ ބައްދަލުވީ އެންމެން އީމާންކަމަކީ ބަހާއި އަމަލާއި ނިޔަތްކަމަށް އިޖްމާޢުވެ ވަޑައިގަންނަވައެވެ. އެބޭކަލުންގެ ބަސް މިކަމުގައި ޚިލާފްވެފައެއް ނުވެއެވެ.

އިސްވެދިޔަ ތަޢުރީފަށް ބަލާއިރު އީމާންކަމަކީ ބަހާއި ޢަމަލުގެ މައްޗަށް ބިނާވެފައިވާ އެއްޗެކެވެ. އެހެނިހެން ގުނަވަންތަކުގެ ބަހާއި ޢަމަލު ހުންނަފަދައިން، ހިތުގެ ބަހާއި ޢަމަލުވެސް ހުރެއެވެ. ހިތުގެ ބަހަކީ ތެދުކުރުމާއި ޔަޤީންކުރުމެވެ. ހިތުގެ ޢަމަލަކީ ހިތާއި ގުޅިފައިވާ ކޮންމެ ޢަމަލެކެވެ. އިޚްލާޞްތެރިވުމާއި ނިޔަތްގަތުމާއި ބިރުވެތިވުމާއި ވަކީލުކުރުމާއި ލޯބިކުރުންފަދަ ކަންކަމީ ހިތުގެ ޢަމަލުތަކެވެ. ހިތްފިޔަވާ އެހެނިހެން ގުނަވަންތަކުގެ ބަހާއި ޢަމަލަށް ބަލާލާއިރު އެފަދަބަހަކީ ދުލުން ބުނާ އެއްޗިއްސެވެ. މީގެ މިސާލަކީ ޝަހާދަތުގެ ދެކަލިމަ ކިއުމާއި، ޛިކުރު ކުރުމާއި އިސްތިޣްފާރު ކުރުމާއި ހެޔޮކަންކަމަށް ގޮވާލާ ނުބައިކަންކަން މަނާކުރުންފަދަ ކަންކަމެވެ. ގުނަވަންތަކުގެ ޢަމަލަކީ ގުނަވަންތަކާއި ގުޅިފައިވާ އެންމެހާ ޢަމަލުތަކެވެ. މީގެ މިސާލަކީ ނަމާދުކުރުމާއި ޙައްޖުކުރުމާއި ޢުމްރާކުރުން ފަދަ ކަންކަމެވެ.

ހިތުގެ ބަސްކަމުގައިވާ ތެދުކުރުމާއި ޔަޤީން ކުރުމަކީ އީމާންކަމުގެ ތެރެއިންވާ ކަމެއްކަން ހާމަކޮށްދޭ ދަލީލުތަކުގެ ތެރެއިން އަންނަނިވި ދަލީލުތައް ހިމެނެއެވެ.

1- ޙުޖުރާތު ސޫރަތުގެ 15ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވާފައިވެއެވެ.
إِنَّمَا الْمُؤْمِنُونَ الَّذِينَ آمَنُوا بِاللَّهِ وَرَسُولِهِ ثُمَّ لَمْ يَرْتَابُوا وَجَاهَدُوا بِأَمْوَالِهِمْ وَأَنفُسِهِمْ فِي سَبِيلِ اللَّهِ أُوْلَئِكَ هُمُ الصَّادِقُونَ
މާނައީ: "މުއުމިނުން ކަމުގައިވާކަން ކަށަވަރީ، ﷲ އަށާއި، އެކަލާނގެ ރަސޫލާއަށް އީމާންވެ، ދެން (އެއީމާންކަމާމެދު) ޝައްކު ނުކުރާ މީހުންނެވެ. އަދި އެބައިމީހުންގެ މުދާތަކާއި، ނަފްސުތަކުން ﷲގެ މަގުގައި ޖިހާދުކުރި މީހުންނެވެ. އެބައިމީހުންނީ، ހަމަ ތެދުވެރިންނެވެ."
މިއާޔަތުގައި އީމާންކަމުގެ ލަފްޡު ބޭނުންކުރެވިފައި އެވަނީ ޔަޤީން ކުރުމަށާއި ތެދުކުރުމަށެވެ.

2- ޒުމަރު ސޫރަތުގެ 33ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވާފައިވެއެވެ.
وَالَّذِي جَاء بِالصِّدْقِ وَصَدَّقَ بِهِ أُوْلَئِكَ هُمُ الْمُتَّقُونَ
މާނައީ: "ތެދާއިގެން އަންނަމީހާއާއި އަދި އެތެދު ޤަބޫލުކުރާމީހާ (ދަންނާށެވެ!) އެބައިމީހުންނީ، ހަމަ ތަޤުވާވެރިންނެވެ."

މިއާޔަތުގައި ނަބީބޭކަލުން ގެންނެވި ޙައްޤު ތެދުކުރުމީ ތަޤްވާވެރި މުއުމިނުންގެ ސިފައެއްކަމުގައި ބަޔާން ކުރައްވައެވެ. އެހެންކަމުން ތެދުކުރުމަކީ އީމާންކަމުގެ ތެރެއިންވާ ކަމެކެވެ.

ހިތުގެ ޢަމަލު ތަކަކީވެސް އީމާންތެރިކަމުގެ ތެރެއިންވާ ކަންތައްތައްކަން އަންނަނިވި ދަލީލުތަކުން އެގި ހާމަވެއެވެ.

1- އަންފާލު ސޫރަތުގެ 02 ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވާފައިވެއެވެ.
إِنَّمَا الْمُؤْمِنُونَ الَّذِينَ إِذَا ذُكِرَ اللّهُ وَجِلَتْ قُلُوبُهُمْ وَإِذَا تُلِيَتْ عَلَيْهِمْ آيَاتُهُ زَادَتْهُمْ إِيمَانًا وَعَلَى رَبِّهِمْ يَتَوَكَّلُونَ
މާނައީ: "މުއުމިނުންވާކަން ކަށަވަރީ، ﷲ ހަނދުމަ ކުރާހިނދު އެބައިމީހުންގެ ހިތްތައް ބިރުވެތިވާ މީހުން ކަމުގައެވެ. އަދި އެކަލާނގެ (ބާއްވައިލެއްވި) އާޔަތްތައް އެބައިމީހުންނަށް ކިޔައިދެވޭ ހިނދު، އެބައިމީހުންގެ އީމާންކަން އިތުރުވާމީހުން ކަމުގައެވެ. އަދި އެބައިމީހުންގެ ވެރި ރަސްކަލާނގެއަށް ވަކީލުކުރާ މީހުން ކަމުގައެވެ."

ހިތުގެ ޢަމަލުތައް ކަމުގައިވާ ބިރުވެތިވުމާއި ވަކީލުކުރުމީ އީމާންކަމުގެ ތެރެއިންވާ ކަންތައްތައްކަން މިއާޔަތުން އެނގި ހާމަވެއެވެ.
2- މާތް ނަބިއްޔާ ޙަދީޘް ކުރައްވާފައިވެއެވެ. "إِنمَّا الأعمَالُ باِلنِّيَاتِ وَإِنَّمَا لِكُلِّ امْرِئٍ مَانَوَى فَمَنْ كاَنَتْ هِجْرتُهُ إِلىَ اللهِ وَرَسُوْلِهِ فَهِجْرَتُهُ إِلىَ اللهِ وَرَسُوْلِهِ و فَمَنْ كاَنَتْ هِجْرتُهُ لِدُنْيَا يُصِيْبُهَا أَوْ امْرَأَةٍ يَنْكِحُهَا فَهِجْرتُهُ إِلَى مَا هَاجَرَ إِلَيْهِ" متفق عليه.
މާނައީ: "ހަމަކަށަވަރުން ޢަމަލުތައް ވާކަން ކަށަވަރީ ނިޔަތްތަކުގެ މައްޗަށެވެ. ކޮންމެ މީހަކަށްވެސް ވަނީ އެމީހަކު ނިޔަތްގަތް ކަމެކެވެ. ﷲ އާއި އެކަލާނގެ ރަސޫލާއަށްޓަކައި ހިޖުރަކުރި މީހާގެ ހިޖުރަވަނީ ﷲ އާއި އެކަލާނގެ ރަސޫލާ އަށެވެ. ދުނިޔެ ހޯދުމަށް ނުވަތަ އަންހެނަކާއި ކާވެނިކުރުމަށް ހިޖުރަކުރިމީހާގެ ހިޖުރަވަނީ އޭނާ ހިޖުރަކުރިކަންތަކަށެވެ."
މިޙަދީޘްއިން އެނގޭގޮތުގައި ޢަމަލުތައް ޤަބޫލުކުރެވި ބަދަލު ލިބިގެންދަނީ އެމީހެއްގެ ނިޔަތާއި އެއްގޮތްވާ ގޮތުގެ މަތީންނެވެ. އެހެންކަމުން ނިޔަތަކީ އީމާންތެރިކަމުގެ ތެރެއިންވާ ކަމެކެވެ.

ގުނަވަންތަކުގެ ބަސްކަމުގައިވާ ދުލުން ބޭރުކުރާ ބަހަކީ އީމާންކަމުގެ ތެރެއިންވާ ކަމެއްކަން ހާމަކޮށްދޭ ދަލީލުތަކުގެ ތެރޭގައި އަންނަނިވި ދަލީލުތައް ހިމެނެއެވެ.

1- ބަޤަރާ ސޫރަތުގެ 136 ވަނަ އާޔަތުގައި މާތްﷲ ވަޙީކުރައްވާފައިވެއެވެ.
قُولُواْ آمَنَّا بِاللّهِ وَمَآ أُنزِلَ إِلَيْنَا وَمَا أُنزِلَ إِلَى إِبْرَاهِيمَ وَإِسْمَاعِيلَ وَإِسْحَقَ وَيَعْقُوبَ وَالأسْبَاطِ وَمَا أُوتِيَ مُوسَى وَعِيسَى وَمَا أُوتِيَ النَّبِيُّونَ مِن رَّبِّهِمْ لاَ نُفَرِّقُ بَيْنَ أَحَدٍ مِّنْهُمْ وَنَحْنُ لَهُ مُسْلِمُونَ
މާނައީ: "ތިޔަބައިމީހުން ބުނާށެވެ! ތިމަންމެން ﷲ އަށާއި ތިމަންމެންނަށް ބާއްވައިލައްވާފައިވާ ތަކެއްޗަށާއި އިބްރާހީމްގެފާނަށާއި އިސްމާޢީލުގެފާނަށާއި، އިސްޙާޤުގެފާނަށާއި ޔަޢުޤޫބުގެފާނަށާއި އެކަލޭގެފާނުގެ ދަރީންނަށް ބާއްވައިލައްވާފައިވާ ތަކެއްޗަށާއި މޫސާގެފާނަށާއި ޢީސާގެފާނަށް ދެއްވާފައިވާ ތަކެއްޗަށާއި އަދި (އެހެނިހެން) ނަބިއްޔުންނަށް، އެބޭކަލުންގެ ވެރިރަސްކަލާނގެ ޙަޟްރަތުން ދެއްވާފައިވާ ތަކެއްޗަށް އީމާންވެއްޖައީމެވެ. ތިމަންމެން އެއިން އެއްވެސް ބޭކަލަކާމެދު ތަފާތެއް ނުކުރަމުއެވެ. އަދި ތިމަންމެން މިތިބީ، އެކަލާނގެއަށް ކިޔަމަންވެ މުސްލިމުންކަމުގައި ވެގެންނެވެ."

މިއާޔަތުގައި "آمنا بالله" އިން ފެށިގެން އެވާ ބައި ކިއުމަށް الله ސުބުޙާނަހޫވަތަޢާލާ މުއުމިނުންނަށް އަމުރު ކުރައްވައެވެ. އެހެންކަމުން ދުލުން އެހެން ކިއުމަކީ އީމާންކަމުގެ ތެރޭގައި ހިމެނޭ ކަމެއްކަން އެނގެއެވެ.

2- މާތް ނަބިއްޔާ صَلَّ اللهُ عَلَيْهِ وَسَلَّم ޙަދީޘްކުރެއްވިއެވެ.
الإيمان بضع وسبعون شعبة أعلاها قول لاإله إلاالله وأدناها إماطة الأذى عن الطريق والحياء شعبة من الإيمان . (البخارى ومسلم)
މާނައީ: އީމާންކަން ހަތްދިހަ އެތައް ބަޔަކަށް ބެހިގެންވެއެވެ. އޭގެ އެންމެ މަތިވެރިބަޔަކީ لاإله إلاالله ކިއުމެވެ. އެންމެ ދަށްބަޔަކީ އުނދަގޫވާފަދަ ތަކެތި މަގުމަތިން އެއްފަރާތް ކުރުމެވެ. ލަދުވެތިކަމަކީ އީމާންތެރިކަމުގެ ބައެކެވެ.

މިޙަދީޘްގައި لاإله إلاالله ކިއުމަކީ އީމާންކަމުގެ އެންމެ މަތީ ދަރަޖަ ކަމުގައި ކަނޑައަޅުއްވާފައި ވުމުން އެކަމަކީ އީމާންތެރިކަމުގެ ތެރެއިންވާ ކަމެއްކަން އެނގެއެވެ.

ގުނަވަންތަކުގެ ޢަމަލު ތަކަކީވެސް އީމާންކަމުގެ ތެރެއިންވާ ކަންތައްތައްކަން އަންނަނިވި ދަލީލުތަކުން ހާމަވެއެވެ.

1- ބަޤަރާ ސޫރަތުގެ 143 ވަނަ އާޔަތުގައި މާތްﷲ ވަޙީކުރައްވާފައިވެއެވެ.
وَمَا كَانَ اللّهُ لِيُضِيعَ إِيمَانَكُمْ إِنَّ اللّهَ بِالنَّاسِ لَرَؤُوفٌ رَّحِيمٌ
މާނައީ: "އަދި ތިޔަބައިމީހުންގެ އީމާންކަން ގެއްލެނި ކުރައްވާކަށެއް ﷲ އެދިވޮޑިއެއް ނުގަންނަވަތެވެ. ހަމަކަށަވަރުން، ﷲ އީ މީސްތަކުންނަށް ނުހަނު އޯގާވަންތަ، ރަޙީމްވަންތަ ރަސްކަލާނގެކަން ކަށަވަރެވެ."

މިއާޔަތުގައި އީމާންކަމުގެ ލަފްޡު ބޭނުން ކުރެވިފައި އެވަނީ ނަމާދަށެވެ. އެހެންކަމުން ނަމާދުފަދަ ގުނަވަންތަކުގެ ޢަމަލުތައް އީމާންކަމުގެ ތެރޭގައި ހިމެނެއެވެ.

2- އަންފާލު ސޫރަތުގެ 2،3،4ވަނަ އާޔަތުގައި މާތްﷲ ވަޙީކުރައްވާފައިވެއެވެ.
إِنَّمَا الْمُؤْمِنُونَ الَّذِينَ إِذَا ذُكِرَ اللّهُ وَجِلَتْ قُلُوبُهُمْ وَإِذَا تُلِيَتْ عَلَيْهِمْ آيَاتُهُ زَادَتْهُمْ إِيمَانًا وَعَلَى رَبِّهِمْ يَتَوَكَّلُونَ - الَّذِينَ يُقِيمُونَ الصَّلاَةَ وَمِمَّا رَزَقْنَاهُمْ يُنفِقُونَ - أُوْلَئِكَ هُمُ الْمُؤْمِنُونَ حَقًّا لَّهُمْ دَرَجَاتٌ عِندَ رَبِّهِمْ وَمَغْفِرَةٌ وَرِزْقٌ كَرِيمٌ
މާނައީ: " މުއުމިނުންވާކަން ކަށަވަރީ، ﷲ ހަނދުމަކުރާ ހިނދު އެބައިމީހުންގެ ހިތްތައް ބިރުވެތިވާ މީހުން ކަމުގައެވެ. އަދި އެކަލާނގެ (ބާއްވައިލެއްވި) އާޔަތްތައް އެބައިމީހުންނަށް ކިޔައިދެވޭ ހިނދު، އެބައިމީހުންގެ އީމާންކަން އިތުރުވާމީހުން ކަމުގައެވެ. އަދި އެބައިމީހުންގެ ވެރިރަސްކަލާނގެއަށް ވަކީލުކުރާ މީހުން ކަމުގައެވެ. އެބައިމީހުންނީ، ނަމާދު ޤާއިމްކުރާ މީހުންނެވެ. އަދި އެބައިމީހުންނަށް ތިމަންރަސްކަލާނގެ ދެއްވި ތަކެތި ހޭދަކުރާ މީހުންނެވެ. ޙަޤީޤަތުގައި މުއުމިނުންނަކީ، ހަމަ އެބައިމީހުންނެވެ. އެބައިމީހުންގެ ވެރިރަސްކަލާނގެ ޙަޟްރަތުގައި (މަތިވެރި) ދަރަޖަތަކާއި، ފާފަފުއްސެވުމާއި، ދީލަތިވެގެންވާ ރިޒުޤް އެބައިމީހުންނަށް ހުއްޓެވެ."

ގުނަވަންތަކުން އަދާކުރެވޭ ދެކަންތައް ކަމުގައިވާ ނަމާދުކުރުމާއި ޒަކާތް ދިނުމަކީ އީމާންކަމުގެ އަހުލުވެރިންގެ ސިފަތަކެއްކަން މިއާޔަތުގައި ބަޔާންކުރައްވާފައިވުމުން ގުނަވަން ތަކުގެ ޢަމަލަކީ އީމާންކަމުގެ ތެރެއިންވާ ކަމެއްކަން ހާމަވެއެވެ.

އީމާންކަން ޞައްޙަވުމުގެ ތެރެއިން ޝަހާދަތުގެ ދެކަލިމަ ދުލުން ކިއުން.

މުއުމިނަކަށްވުމަށްޓަކައި ޝަހާދަތުގެ ދެކަލިމަ ދުލުން ކިއުމަކީ ޝަރުޠެކެވެ. އެދެކަލިމަ ދުލުންކިޔާ ހިތުގެ އަޑިން ތެދުކޮށް ޤަބޫލުކޮށްގެން މެނުވީ މުއުމިނަކަށް ނުވާނެއެވެ. ކިޔަންމެ ހެޔޮކަންތައްތަކެއް މީހަކު ކުރިކަމުގައިވިޔަސް އީމާންނުވާކަމުގައި ވަނީނަމަ الله ސުބުޙާނަހޫވަތަޢާލާ ގެ ޙަޟްރަތުގައި އެއީ ޤަބޫލުވެވިގެންވާ ކަމެއްނޫނެވެ.

ފުރުޤާން ސޫރަތުގެ 23 ވަނަ އާޔަތުގައި މާތް ﷲ ވަޙީކުރައްވާފައިވެއެވެ.
وَقَدِمْنَا إِلَى مَا عَمِلُوا مِنْ عَمَلٍ فَجَعَلْنَاهُ هَبَاء مَّنثُورًا
މާނައީ: "އަދި ޢަމަލުގެ ތެރެއިން އެބައިމީހުންކުޅަ ކަންތަކަށް، ތިމަންރަސްކަލާނގެ ބައްލަވައި، އެޢަމަލުތައް ވަޔާ ބުރައިގެންދާ ކުނޑިފުއްތަކެއް ފަދައިން ލައްވާހުށީމެވެ."

މާތްވެގެންވާ އިސްލާމްދީނުގެ އަހުލުވެރިއަކަށް ވުމަށްޓަކައި ޝަހާދަތުގެ ދެކަލިމައަށް ބޭނުންވުމަކީ މިދެކަލިމައިގެ މުހިންމުކަން ހާމަވާ ކަމެކެވެ. އެހެންކަމުން މުސްލިމުން ބަންޤިއާއި ޤަމަތާއި ޚުޠުބާތަކުގައްޔާއި ދައްކާ ވާހަކަތަކުގައި މިދެކަލިމަ ފާޅުކުރެއެވެ.

ޝަހާދަތުގެ ދެކަލިމައިގައި ވަރަށް މުހިންމު ދެބައި ހިމެނިފައި ވެއެވެ:

ފުރަތަމަ ބަޔަކީ لا إله إلا الله އެވެ. ﷲ ގެ އެއްކައުވަންތަކަން ބަޔާންކުރުމެވެ. ދެވަނަ ބަޔަކީ محمد رَسُوْلُ اللهِ صَلَّ اللهُ عَلَيْهِ وَسَلَّم އެވެ. އެއީ އެކަލޭގެފާނުގެ ރަސޫލުކަން ތެދުކުރުމެވެ. އުޑުތަކާއި ބިނާތައް ހައްދަވާ އެންމެހާ މަޚްލޫޤާތުތައް މިކާއިނާތުގައި ލައްވަވާފައި ވަނީ ތަޥްޙީދުގެ މިމަތިވެރި ކަލިމައިގެ މަޤްޞަދު ޙާޞިލްކުރުމަށެވެ. މާތް ﷲ ރަސޫލުބޭ ކަލުންނާއި ނަބީބޭކަލުން ފޮނުއްވަވާ ފޮތް ބާވާލައްވާ ޝަރީޢަތްތައް ކަނޑައަޅުއްވާފައިވަނީ ހަމަ މިކަލިމައަށްޓަކައެވެ. ޢަމަލުތައް ލިޔެވި، ޙިސާބުލެއްވި ސުވަރުގެވަންތަ ވެރިންނާއި ނަރަކަވަންތަ ވެރިން، މުއުމިނުންނާއި ކާފަރުން ކަނޑައެޅިގެން ދަނީ މިކަލިމައިގެ މައްޗަށެވެ.

އިންސާނުންނާއި ޖިންނީން މިކާއިނާތުގައި ލައްވާފައިވަނީ މިމަތިވެރި ކަލިމައިގެ މަޤްޞަދު ޙާޞިލްކުރެއްވުމަށްޓަކައިކަން ބަޔާންކުރައްވާ މާތްﷲ ވަޙީކުރައްވާފައިވެއެވެ.

ޒާރިޔާތު ސޫރަތުގެ 56 ވަނަ އާޔަތުގައި މާތް ﷲ ވަޙީކުރައްވާފައިވެއެވެ.
وَمَا خَلَقْتُ ٱلْجِنَّ وَٱلإِنسَ إِلاَّ لِيَعْبُدُونِ
މާނައީ: "ތިމަންރަސްކަލާނގެއަށް އަޅުކަންކުރުމަށް މެނުވީ، ތިމަންރަސްކަލާނގެ ޖިންނީންނާއި، އިންސީންނެއް ނަހައްދަވަމެވެ."

ރަސޫލުބޭކަލުން ފޮނުއްވަވާ ފޮތްބާވާލެއްވީ މިކަލިމައަށްޓަކައިކަން އަންގަވާ ﷲ ވަޙީކުރެއްވިއެވެ.

އަންބިޔާ ސޫރަތުގެ 25ވަނަ އާޔަތުގައި މާތް ﷲ ވަޙީކުރައްވާފައިވެއެވެ.
وَمَآ أَرْسَلْنَا مِن قَبْلِكَ مِن رَّسُولٍ إِلاَّ نُوحِىۤ إِلَيْهِ أَنَّهُ لاۤ إِلَـٰهَ إِلاَّ أَنَاْ فَٱعْبُدُونِ
މާނައީ: "ހަމަކަށަވަރުން، ތިމަންރަސްކަލާނގެ މެނުވީ އިލާހަކު ނުވާކަމަށް އެބޭކަލަކަށް ވަޙީ ނުކުރައްވާ އެއްވެސް ރަސޫލަކު، ކަލޭގެފާނު ކުރިންވެސް ތިމަންރަސްކަލާނގެ ނުފޮނުއްވަމެވެ. ފަހެ، ތިޔަބައިމީހުން (ހަމައެކަނި) ތިމަންރަސްކަލާނގެއަށް އަޅުކަން ކުރާށެވެ."

Read more...

26 November 2010

ދިވެހިރާއްޖޭގައި ޝިރުކު

އައްޝައިޚް ޢަބްދުﷲ ބިން މުޙައްމަދު އިބްރާހިމް
ޝިރުކު އުފެދުނުގޮތް
ނޫޙު ޢަލައިހިއްސަލާމުގެ ޤައުމުގައި ވަރަށް ޞާލިޙު ބަޔަކު އުޅުނެވެ. އެމީހުން އެގޮތުގައި އުޅެ ފަނާވެ ދިޔުމަށްފަހު އެމީހުންގެ ޤައުމުގެ މީހުންގެ ކައިރިއަށް ޝައިޠާނާ އައިސް ވަސްވާސް ލައިދިނެވެ. އެ ވަސްވާހަކީ އެފަދަ މާތް ލަފާދާރު ބަޔަކު ދުނިޔެއިން ނެތި ދިޔައިރު އެމީހުންގެ ގޮތަށް ނޫޅެވޭ ތަނުގައި އެމީހުންގެ ނަން ދިރުވައި ހަނދާނެއްގެ ގޮތުން ސޫރަހަދާފައި ބެހެއްޓުން ކީއްތޯއެވެ؟ މިއީ ޝައިޠާނާގެ ނަޞޭޙަތެވެ. އެހިނދު މިއީ އެންމެ ރަނގަޅު ގޮތް ކަމުގައި މިބައިމީހުންނަށް ފެނި އެ އަޅުވެރީންގެ ސޫރަތައް ހަދާ ތަމްޘީލުކޮށްފައި ބަހައްޓައިފިއެވެ. މިދެންނެވި ޞާލިޙުންގެ ނަންތަކާ އެއްގޮތަށް މިބުދުތަކަށްވެސް ނަންދީ ހަދައިފޫއެވެ. އެނަންތަކީ ވައްދުއާއި ސުވާޢުއާއި ޔަޣޫޘުއާއި ޔަޢޫޤު އާއި އަދި ނަސްރު މިފަސް މީހުންގެ ނަމެވެ. އަދި ހަމައެއާއެކު އެއުރެންގެ ޤަބުރުމަތީ ބިނާތައްކޮށް، އަޅުގަނޑުމެންގެ ދިވެހިރާއްޖޭގައިވެސް އިހުގައި ހަދާއުޅޭ ބީދައިން، ޒިޔާރަތްތައް ހަދައި މިތަންތަނަކީ މުޤައްދަސް ތަންތަންކަމުގައި އޭގެފަހުގައި ބަލާންފަށާއްޖެއެވެ.

އަދި މިއީ މިތަކެތީގެ ބަރަކާތާއި މިމީހުންގެ މާތްކަމާއި ކަރާމާތްތެރިކަން ހިސާބަށްވުރެ މައްޗަށް ހުރެގެންނޫނީ ކާބަފައިން މިކަންކަން މިގޮތަށް ނުކުރާނޭކަމުގައި ބަލާ އެމީހުންނަށް އަޅުކަންކުރެވޭން ފެށިއްޖެއެވެ. އާދެ ޝިރުކު އުފެދިގެންދިޔަގޮތަކީ މިއީއެވެ. މިކަމަށް އިޝާރާތްކުރައްވާ ނޫޙު ސޫރަތުގެ 23 ވަނަ އާޔަތުގައި މާތްﷲ ވަޙީކުރައްވާފައިވެއެވެ.
وَقَالُوا لاَ تَذَرُنَّ آَلِهَتَكُمْ وَلاَ تَذَرُنَّ وَدًّا وَلاَ سُوَاعًا وَلاَ يَغُوثَ وَيَعُوقَ وَنَسْرًا (سورة النوح 23)
މާނައީ: "އަދި އެމީހުން ބުނެއުޅެތެވެ. ތިޔަބައިމީހުން(އަޅުކަންކުރާ) އިލާހުންތައް ހަމަ ހިލާ ދޫކޮށްނުލާށެވެ. އަދި ވައްދާޢި ސުވާޢާއި ޔަޣޫޘާއި ޔަޢޫޤާއި ނަސްރާ(މިތަކެތި) ދޫކޮށްނުލާށެވެ"
އާދެ! ހިތާމަޔާއެކު ދަންނަވަންޖެހެނީ އަޅުގަނޑުމެންގެ މިދިވެހި ރާއްޖޭގައިވެސް ކާބަފައިންގެ ޒަމާނުން ފެށިގެންވެސް ޒިޔާރަތްތަކުގެ ކަންތައްތަކާއި އެތަންތަނާމެދު މީސްތަކުންގެ ޢަޤީދާ ހަމަހުރީ މިމަގުން މިގޮތަށް ހިނގަހިނގައެވެ. މާތް މީހަކު މަރުވާއިރަށް އެތަނެއް ފާހަގަކޮށް އެޤަބުރުމަތީ ޒިޔާރަތްހަދައި އެއީ ދުރުން ކަންކަމަށް އެދިގެން ދަތުރުކުރެވޭ ތަންތަންކަމުގައި ހަދައި އުޅުނީއެވެ.

"ދިވެހިރާއްޖޭގައި މީހުން އުޅޭ (ގާތްގަނޑަކަށް) 200 ރަށުގެ ތެރެއިން މަދު ރަށެއްގައި ނޫނީ ކޮންމެ ރަށެއްގައިވެސް ކޮންމެވެސް ވަލީވެރިއެއްގެ ޒިޔާރަތެއް ހުރެއެވެ. އަދި ބައެއް ފަޅުރަށްރަށުގައިވެސް ޒިޔާރަތް އެބަހުއްޓެވެ. އެންމެ މަޝްހޫރު ޒިޔާރަތެއް ހުންނަ ފަޅުރަށަކީ، ހއ އިހަވަންދިއްޕޮޅުގައި އޮންނަ މަތީރަށްފުޅެވެ.

ނޭނގިތިބެގެން އަޅުގަނޑުމެންގެ ބައެއް އަޚުންނާއި އުޚްތުން، އެޒިޔާރަތްތަކަށް އެކިފާޑުފާޑުގެ ނަދުރު ބުނަމުންދެއެވެ. އޭގެތެރެއިން ބައެއް ނަދުރުތަކަކީ، ކޮންމެވެސްކަމެއް ވުމަށްއެދި، ނުވަތަ ކޮންމެވެސް މުޞީބާތަކުން ދުރުކުރެއްވުން އެދި ބުނާ ނަދުރުތަކެވެ. އެކަމެއް ފަހިކޮށްދެއްވުމަށް އެދެނީ، އެޒިޔާރަތެއްގެ ވެރި ވަލީވެރިޔާގެ ވަލީވެރިކަމުންނެވެ. އެބުނާ ނަދުރުގައި އެޒިޔާރަތެއްގައި، އެމީހަކު ނުވަތަ އެކުއްޖަކު ކަނދިން ނުވަތަ ކެޔޮގަނޑުން ކިރުމާއި، ނުވަތަ ދިދަ ޖެހުމާއި ނުވަތަ ރިއްސާއި ރަނުގެ ފަށާއި، ފައިސާ ހަދިޔާކުރުން ހިމެނެއެވެ. އަދި ތިން ގާކޮޅު ބޭއްވުމާއި، ކުނިކަހައި، ދޮންވެލިލުމާއި، އެވަލީވެރިއެއްގެ ޒިޔާރަތް ރޭނުމާއި ހިޔާކުރުން ހިމެނެއެވެ. އަދި ބައެއް ރަށްރަށުގައި ހުންނަ ޒިޔާރަތްތަކަކީ ބައެއްމީހުންގެ އިޢުތިޤާދުގައިވާ ގޮތުގައި މާބަނޑުމީހުންނަށް ދަރީން ލިބޭގޮތް މެދުވެރިކޮށްދީހަދާ ތަންތަނެވެ. އަދި މަސްވެރިކަމާއި އެންވެރިކަމަށް (ދޯނި ބީއްސާލާ ފަސްގަނޑާއި ރޯދިބަރަކާތް ތިލަކުރުމަށްޓަކައި ޤަޞްދުކޮށްގެން ދެވޭ ތަންތަނެވެ.) އަދި ބައެއް ޒިޔާރަތްތަކަކީ ހިބަރެއް ގަނެފިނަމަ، ނަނު ކަނޑައިނުލާއި ބޭނިއްޖެނަމަ އެޒިޔާރަތްތަކުގައި ހިބަރުގެ ތުންޖަހަން ނަދުރުބުނަމުންދާ ތަންތަނެވެ. އަދި ތަންކޮޅެއްކުރީ ޒަމާނުގައި ދިވެހި ރިޔާނެގި އޮޑިފަހަރުގައި އޮޅުދޫ ކަރައަށް ދަތުރުކޮށް އުޅުނުއިރު އޮޑިފަހަރަށް ވައިފަހިކޮށް ދިނުމަށްއެދި ފޮޅައި ދުންބުރުވައި، ވޮށް ދިއްލައި، ދަންނަވާ ޒިޔާރަތްތައްވެސް ހުއްޓެވެ. (މީގެތެރެއިން ޒިޔާރަތް ހުންނަ ރަށުގެ ހުރިހާ އެއްޗަކުވެސް އެޒިޔާރަތުގެ ސަބަބުން ކަރާމާތާއި ބަރަކާތް ހުންނަ ބައެއް ރަށްރަށް އެބަހުރިޔޯލައެވެ. އާދެ! މަތީރަށްފުޅުގެ ރުއްތަކުގައިވާ ކާއްޓަކީވެސް އާދަޔާ ޚިލާފު ޒާތެއްގެ ކާއްޓެކޯލައެވެ. މިކާށި ކެއުމަށްޓަކައި އައިސް ދަތްއަޅާ މީދާވެސް އެސޮރުގެ ދެދަތްޕިލާ ތަތްލައި ދެންއެވަރުކަމެއް ދުވަހަކު ނުކުރާނަމޭ ހިތަށްއަރާ ވަރަށް ޢުޤޫބާތްލިބޭކަމުގައި ޤަބޫލުކުރާމީހުންވެސް އަދިވެސް އެބައުޅެތެވެ.) އެއްވެސް އޮޅުމެއްނެތި ކީރިތި ޤުރުއާނުންނާއި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘްފުޅުތަކުން އެނގެނީ ވަލީވެރިންނާއި އެނޫންމީހުންގެ ޒިޔާރަތްތަކުންނާއި މަޤާމުފުޅުތަކުން ވާތްގަށް އެދުމާއި ކަމެއްވުމަށް އެދުމަކީ އިސްލާމްދީނުގައި ނަހީކުރައްވާފައިވާ ޙަރާމްކަމެއްކަމެވެ. ކަނޑައެޅިގެންހުރި ޝަރީކުކުރުން ކަމެވެ. މަރުވެފައިވާ މީހެއްގެ ކިބައިން އެއީ ނަބީބޭކަލަކަށް ވިޔަސް، ކަމަކަށް އެދުމަކީ ޙަރާމްކަމެކެވެ. ނަހީކުރައްވާފައިވާ ކަމެކެވެ. (ބޮޑު ޝިރުކެކެވެ). އެނގިއެނގި ތިބެ އެފަދަކަމެއް ކުރުމަކީ މާތްވެގެންވާ އިސްލާމްދީނުން މީހާ ބޭރުވާކަމެކެވެ."

އަދި މިމުނާސަބަތުގައި ފާހަގަކޮށްލަންޖެހޭ އަނެއްކަމަކީ މީގެތެރެއިން ބައެއް ޒިޔާރަތްތަކަކީ އެތަނުގައި ވަޅުލެވިފައިވަނީ އިސްލާމެއްކަމެއް ކާފިރެއްކަމެއްވެސް އެނގޭ ތަންތަނެއް ނޫނެވެ. ކަނޑުން އެއްގަމަށް ލައްގާފައިވާ ހަށިގަނޑެކެވެ. ނެގިމީހެއްގެ ނަމެއް ނެގި ތާރީޚެއް ފެންނާކަށް އަމުދުން ނުވެސްނެތެވެ. ބައެއް ޒިޔާރަތްތަކުގައި ކުނިވެގެން ލައްގާފައިވާ އޫރާއި ކުއްތާވެސް ވާކަމުގައި ބުނާމީހުން ބުނެއުޅެއެވެ. އަދި ކަނޑުގެ ތެރެއިން ނަގާފައިވާ ހިރިހިރިވެސް މީގެތެރޭގައިވާކަމުގައި ފާހަގަކޮށްލަންޖެހެނީ، ހަމަބުއްދި ދެއްވުމަށް މާތްﷲއަށް ދުޢާކުރާ ޙާލުގައި ދިވެހީންގެ މިޢަޤީދާތަކާއި ޚުރާފާތްތަކަކީ އިސްލާމްދީނާއި އުޑާބިމާހާ ދުރުމިން ހުރި ތަކެތިކަމުގައި ލިއެލަމުންނެވެ. އިސްވެދިޔަ ޤައުމުތަކުގައިވެސް މީހުން ޝަރީކުކޮށް މިބާވަތުގެ ވާހިޔާތަކަށް އަޅުކަންކުރަމުން ގެންދިޔައިރު އެމީހުންނަށް އިޢުތިޒާރެއްކޮށް އެކަމުން މަނާވެގަތުމަށް ގޮވާލެވިއްޖެނަމަ ބަހަނާއަކަށް ބުނަމުންގެންދަނީ މިއީ އަހަރެމެންގެ ކާބަފައިންވެސް ކުރަނިކޮށް ދުށްގޮތް ކަމުގައެވެ. މާތްﷲ ވަޙީކުރައްވާފައިވެއެވެ.
وَإِذَا قِيلَ لَهُمْ تَعَالَوْا إِلَى مَا أَنْزَلَ اللَّهُ وَإِلَى الرَّسُولِ قَالُوا حَسْبُنَا مَا وَجَدْنَا عَلَيْهِ آَبَاءَنَا أَوَلَوْ كَانَ آَبَاؤُهُمْ لاَ يَعْلَمُونَ شَيْئًا وَلاَ يَهْتَدُونَ (سورة المائدة 104)
މާނައީ: "މާތްﷲ ބާވާލެއްވި ތަކެއްޗާއި ރަސޫލާއަށް (ތަބަޢުވުމަށް) އަންނާށޭ އެމީހުންނަށް ބުނެވިއްޖެނަމަ އެމީހުން ބުނާނީ "އަހަރެމެންގެ ކާބަފައިން އެގޮތެއްގެމަތީގައި ތިއްބާ އަހަރެމެންދުށްގޮތް އަހަރެމެންނަށް ފުދެއެވެ." މިހެންނެވެ. އެމީހުންގެ ކާބަފައިންނަށް އެއްވެސް އެއްޗެއް ނޭނގޭތާނގައި ތެދުމަގު ލިބިފައިނުވާ ބަޔަކުކަމުގައި ވީނަމަވެސް އެއުރެންނަށް ވަރިހަމަ ހެއްޔެވެ؟"

އަދި މިމީހުންގެ އާދަކާދަތަކާއި ޘަޤާފަތުގެ ޙަޤީޤަތަކީ ކޮބައިކަން ﷲ ބަޔާންކުރައްވާ ވަޙީކުރެއްވިއެވެ.
إِنَّهُمْ أَلْفَوْا آَبَاءَهُمْ ضَالِّينَ (69) فَهُمْ عَلَى آَثَارِهِمْ يُهْرَعُونَ (70) (سورة الصافات69-70)
މާނައީ: "ހަމަކަށަވަރުން އެބައިމީހުން އެބައިމީހުންގެ ކާބަފައިން ދުށްއިރު އެއުރެން (އެކާބަފައިން) ވަނީ މަގުފުރެދިގެންތިބި ޙާލުގައެވެ. ފަހެ އެމީހުންވެސް (އެކާބަފައިން)ގެ ފިޔަވަޅުމަތީގައި ފިޔަވަޅުއަޅަމުން ހަލުވިކޮށް ދުވަމުން ދަނީއެވެ."
މާތްﷲ ވަޙީކުރައްވާފައިވެއެވެ.
أَتَوَاصَوْا بِهِ بَلْ هُمْ قَوْمٌ طَاغُونَ (سورة الذاريات53)
މާނައީ: "އަޅެ އެމީހުންވަނީ އެކަންކަމަށް (މަރުވުމުގެ ކުރިން) އެކަކު އަނެކަކަށް ވަޞިއްޔަތްކޮށްފައި ހެއްޔެވެ؟ އެމީހުންނަކީ ޙައްދުފަހަނައަޅާފައިވާ ނުކިޔަމަންތެރި ބަޔަކީއެވެ."

ދަރުމަ އޭޕްރީލް 2004 "އިސްވިދިޔަ އުންމަތްތަކަށް އޯގާވަންތަ ﷲގެ ކޯފާއާއި ޢުޤޫބާތް ޙައްޤުވީ ކީއްވެ؟"

Read more...

09 November 2010

ދިވެހިން ވަރަށް ސީރިޔަސްކޮށް ވިސްނާން ވެއްޖެ ކަމެކެވެ

ޑރ މަޢުރޫފް ޙުސައިން
ދިވެހިރާއްޖެ މިއަދު މިވަނީ ރުހޭބަޔަކު ރުހުނަސް ނުވަތަ ނުރުހޭ ބަޔަކު ނުރުހުނަސް ޑިމޮކްރަސީ ނިޒާމްގެ ތެރެއަށް ދީލާލާފައެވެ. ޑިމޮކްރަސީގެ މާނަޔަކީ ގިނަބަޔަކަށް ފެންނަގޮތަށް ކަންތައް ގެންދިއުމެވެ. އާދެ، އަޣްލަބިއްޔަތު ނިޒާމެވެ. މިތާގައި ގިނަބައެކޭ މިބުނެވޭ ބަހުގެ ޙަގީގީ މާނައެއް ކަމުގައިވެފައި އޮންނަނީ ގާނޫނު ހަދާ މަޖިލީހުގައި އޭރަކު އެތިބޭ މީހުންގެ ތެރެއިން ގިނަބަޔަކަށް ފެންނަ ގޮތުގެ ވާހަކައެވެ. މިހިސާބުން ހުއްޓި މި ދެންނެވުނު މަޖިލީހާއި ދިމާލަށް ބަލާލަން އެބަޖެހެއެވެ. އެތާގައި ކަންތައް ހިނގަމުންދާގޮތަކީ އަޅުގަނޑުމެންގެ ކުރިމަތީގައި ދިމާލަށް ފެންނަން ހުރި ޙަގީގަތެކެވެ. އެގޮނޑިތަކުގައި އިށީދެތިބެގެން އެކަކު އަނެކަކަށް "ޢިއްޒަތްތެރި" ކަމުގެ ލަގަބު ދީގެންތިބި މީހުންގެ ކިބައިގައިހުރި އިޚުލާޞްތެރި ކަމާއި ތިމާމެން ނިސްބަތްވާ ޕާރޓީގެ މަސްލަޙަތުގެ ކުރިޔަށް ދީނާއި ގައުމުގެ މަސްލަޙަތު ނެރޭމިންވަރުވެސް މިދަނީ ލޮލުންފެނި އަތުންހިފެމުންނެވެ.
އަޅުގަނޑަށްފެންނަގޮތުގައި އެތާގައި އަރައިރުންވެ ތަޅާފޮޅާންތިބި "ޢިއްޒަތްތެރިން" ގެތެރެއިން ގިނަބަޔަކު އެއްގަލަކަށް އަރަނީ ހަމަ އެންމެ މަސްއަލައެއްގައެވެ. އެއީ ދީނާއިގުޅުންހުރި އެކިއެކި ބިލްތައް އެމާތް ގެކޮޅުގެ ތަޅަމަށްވެސް ނާރުވާ ބޭރުކޮށްލުމުގައެވެ. ނުވަތަ ކޮންމެވެސް ގޮތަކުން ތަޅަމާއިހަމަޔަށް ގެނެވިއްޖެނަމަ އެއަށް ހަޖޫކިޔައި އެބިލެއް ބޭކާރުކޮށްލުމުގައެވެ. އެތާގައި އެކިއެކި "ޢިއްޒަތްތެރީން" ދައްކާފައިހުރި ވާހަކަތަކުން އެމީހުންގެ ކިބައިގައި މި ލޮބުވެތި ވަޠަނަށާއި މިމާތް ދީނަންހުރީ ކިހާވަރެއްގެ ލޯތްބެއް ކަން ފާޅުވަމުންދެއެވެ

ދިވެހިރާއްޖޭގެ ގާނޫނުހަދާ ގެއަކީ މިވަގުތުވެރިކަންކުރާ ޕާރޓީއާއި ވެރިކަމުންވެއްޓުމުން އަލުންއަރާން މަސައްކަތްކުރާ ޕާރޓީއާއި ދެބައިމީހުން ބަނޑުމުސާރަޔަށްބައްދާން އޮތް ގުޅަކުޅޭފަސްގަނޑަކަށްވެފައިވާއިރު ދިވެހިރާއްޖޭގެ އެކިއެކި ރަށްރަށުންވެސް ތަކުރާރުވެ ތަމްސީލުވެގެންދަނީ ހަމަ މިމަންޒަރެވެ. ކުދިކުދި ރަށްރަށުގެ މުޖުތަމަޢުތައްވަނީ ބައިބައިވެފައެވެ. އެއްބަޔަކު އަނެއްބަޔަކަށް އެއްޗެތިކިއުމާއި، ލަޢުނަތްދިނުމާއި، ތަޅާފޮޅުމާއި، މުދަލަށާއި ޖާނަށް ގެއްލުން ދިނުމަކީ ޢާންމުކަމަކަށް ވަނީ ވެފައެވެ. މިކަންތައް ގޮސްފައިވާ ހިސާބު ދާދިފަހުން އަޅުގަނޑު ކުރި ދަތުރެއްގައި ވަރަށްކާރީން ފެނުމުގެ ފުރުސަތު ލިބުނެވެ. އެއްބަޔަކު އަނެއްބައެއްގެ ހަރުގެ ތައް ސުންނާފަތިކޮށްލާފައި ހުރިތަން އަޅުގަނޑުމެންނަށް ދެއްކިއެވެ. މިނަފްރަތުގެ އަލިފާންގަނޑުގެ ތެރޭގައި ހަލާކުކުރަނީ ހަރުގެތައް އެކަންޏެއްނޫން އިގޭތޯއެވެ. ރޯގަސްގަހާގެހި ވެސް މެއެވެ. އެއްބަޔަކު ހިޔާވެލާން ވަންނަ ގަސްތައް އަނެއްބަޔަކު ކަނޑާލަނީއެވެ. މިގޮަތަށް ކަނޑާވައްޓާލާފައިވާ އެތައްގަހެއް އަޅުގަނޑުމެނަށް ދެއްކިއެވެ. މިހާލުގައި ރައްޔަތުން ފާޑެއްގެ މަސްތެއްގައި ތިއްބާ މިއިން ކޮންމެ ޕާރޓީއަކުންވެސް އެރަށްރަށަށް އަރައި ޖަލްސާތައްބާއްވައި އަނދަމުންދާ އަލިފާންގަނޑަށް ދަރުއަޅަމުންދެއެވެ. ހުރިހިތާމައެއްގެ ބޮޑުކަމާއެވެ.

ރަށްރަށުގެ އިޖުތިމާޢީ ޙާލަތު މިފަދަ ދަރަޖައަކަށް ދަށަށްގޮސް ދޭދޭދެމަފިރިންނާއި މައިންބަފައިންނާއި ދަރިންގެ ދޭތެރެއަށް ޕާރޓީ ވާދަވެރިކަމާއި ރުޅިވެރިކަން ވަނދެފައިވާއިރު މިއަށްވުރެ ބޮޑު ނުރައްކަލެއް ކުރިމަތިވެފައިވަނީ އަޅުގަނޑުމެންގެ ދީނަށެވެ. ސެކިއުލަރ އުސޫލަށް ތަބާވާ ލާދީނީ މީހުންގެ ފަރާތުންނެވެ. މިފަދަ މީހުންނަކީ އިހުގައިވެސް އަދި މިހާރުވެސް އަޅުގަނޑުމެންގެ ތެރޭގައި ތިބިބައެކެވެ. ސަރުކާރުގެ އެތެރޭގައްޔާއި ސަރުކާރުގެ ބޭރުގައެވެ. ރާއްޖޭގައްޔާއި ރާއްޖޭން ބޭރުގައެވެ. މިފަދަމީހުންގެ ނުފޫޒު އޭރަކު އެއޮންނަ ސަރުކާރަކަށް ނުހަނު ބޮޑަށް ފޯރައެވެެ. އަދިވަކީން ބޮޑަށް ޑިމޮކްރަސީގެ ނިޒާމް ގާއިމްވެ ބޭރުގެ ނުފޫޒުތަކަށް ރާއްޖެ ހުޅުވާލެވިފައިވާ މިޒަމާނުގައި މިކަމުގެ ނުރައްކާތެރިކަން ބޮޑުވާނެކަމީ ފެންނާންއޮތް ޙަގީގަތެކެވެ. "ދިވެހީންގެ އެކުވެރީން" ނޭ ކިޔައިގެން ނުވަތަ މިނޫނަސް އެކިއެކި ނަންނަމުގައި މިޝަނަރީން ނިކަން ފޯރިއާއިއެކީ މަސައްކަތް ކުރަމުންގެންދާ ކަމީ ކޮންމެ ދިވެއްސަކު ވިސްނާފިކުރު ކުރާންވެއްޖެ ކަމެކެވެ. ދީނަށް އެކިގޮތްގޮތުން ކުރެވެމުން މިދާ ފުރައްސާރަޔަކީ ދިވެހިން ވަރަށް ސީރިޔަސްކޮށް ވިސްނާން ވެއްޖެ ކަމެކެވެ.

އެކެއްދެމީހެއްގެ ޒާތީ މަސްލަޙަތު ކުރިޔަށް އެރުވުމަށްޓަކައި ދާދިފަހުން ރާއްޖޭގެ މީހުންދިރިއުޅޭ ރަށްރަށުގައި ބަނގުރާ ވިއްކުމަށް ރާއްޖޭގެ ގާނޫނުތަކާއި ގަވާޢިދު ތައް ބަދަލު ކުރާން އުޅުމުން ކަންތައްހިގާދިޔަ ގޮތުން ދިވެހީންތިބީ މިކަންތަކަށް ފިސާރި ހޭލާކަމުގެ ނިޝާންތަކެއް ފެނިގެން ދިޔައެވެ. އެކަމާއި ދެކޮޅަށް އިހުތިޖާޖުކުރުމަށްޓަކައި ދިވެހިރާއްޖޭގެ އެކިއެކިކަންކޮޅުތަކުން މީހުން ނިކުތީ ޕާރޓީ ވާދަވެރިކަމާއި ޢަޞަބިއްޔަތު ދޫކޮށްލާފައެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް މިފަދަ އެތައް ގޮންޖެހުންތަކަކާއި ކުރިމަތިވާނޭ ކަމުގައި ފެނެއެވެ. މިފަދަ ކޮންމެ ދަނޑިވަޅެއްގައިވެސް ދިވެހި ކޮންމެ ދަރިޔަކު ތެދުވާންވާނީ ހަމަ މިރޫޙުގައެވެ. ސަބަބަކީ، އެތަނެއްގެ ގާނޫނު އަސާސީގައި އެގައުމެއްގެ ރައްޔަތަކަށްވެވޭނީ ހަމައެކަނި މުސްލިމަކަށްކަމުގައި ލިޔެވިގެންވާ އެއްވެސް ގައުމެއް މިދިވެހިރާއްޖެ ނޫނީ މުޅިދުނިޔޭގައިވެސް ވާކަމަކަށް ނުވެއެވެ. މިމާއްދާ ބަދަލު ކޮށްލަން ބޭނުންވާ އެތައްބަޔަކު މިރާއްޖޭގައި އެބަތިއްބެވެ. 300 އަށްވުރެ ގިނަ ދިވެހި ކްރިސްޓިއަނުން އެބަތިބިކަމަށް މީހުުން ބުނާތީ އެބައިވެއެވެ. މިހެންއޮތުމުގެ ސަބަބުން ތިމަންނަމެން ފަކީރުން މިތިބީ އެކޮޅަށްވެސް މިކޮޅަށްވެސް ލައްވާނުލާ ކަމުގައި މިވެރީން އެބަރޮއިހޭރި ދަޢުވާ އެބަ ކުރެއެވެ. ހަނދާނަށް އަންނަނީ މި ދައުރު ފެށުނު ދުވަސްވަރު ދަރުމައިގެ މަސްއޫލު ވެރިންގެ ފަރާތްޕުޅުން އަޅުގަނޑަށް ފޮނުއްވި ސިޓީއުރައެއްގައި ވާ ލިއުންކޮޅެކެވެ. އެއީ އިގިރޭސިވިލާތުގެ ކޮންސަރވޭޓިވް ޕާރޓީގެ އިސްމީހުންގެ ވެބްސައިޓްގައި އެމީހުންގެ އިސްބައެއް މީހުން ލިޔެފައިވާ ލިއުންތަކެކެވެ. މީގައި ލިޔެފައިވާ މީހުންގެ ތެރޭގައި ކޮންސަރވޭޓިވް ޕާރޓީގެ ހިޔަނި ކެބިނެޓްގެ ވަޒީރުންވެސް ހިމެނެއެވެ. އަލަށް ދިވެހިރާއްޖޭގައި ހޮވުނު ސަރުކާރު ހޮވުނީ އެމީހުންގެ ވަރަށް ބޮޑުއެހީތެރިކަމާއި ލައިގެން ކަމާއި އަދި އާސަރުކާރުގައި އެމީހުންގެ ނުފޫޒު އޮތްކަމާއި އަދި ބަސްވިކޭނޭ ކަމުގައްޔާއި އަދި އެމީހުން އެންމެ ބޮލުގައި ރިއްސާކަމަކީ ދިވެހި ރާއްޖޭގެ ގާނޫނު އަސާސީގައި ދިވެއްސަކަށް ވެވޭނީ ހަމައެކަނި މުސްލިމަކަށް ވެގެން ކަމުގައި ލިޔެފައިވާ ޢިބާރަތް އަދިވެސް އޮންނަ އޮތުން ކަމުގައި ކަމުގައި ބުނުމަށްފަހުގައި ލިޔެފައިވެއެވެ.

“real opportunity for Conservative shadow ministers to exercise quiet diplomacy behind the scenes.”

މާނަޔަކީ: "މިއީ އަހަރެމެން ކޮންސަރވޭޓިވް ޕާރޓީގެ ހިޔަނި ކެބިނެޓްގެ ވަޒީރުންނަށް ފަރުދާގެ އަނެއްފަރާތުގައި ތިބެގެން މިކަމަށް ބާރުއަޅައި ޕްރެޝަރ ކުރުމަށް ލިބިފައިއޮތް ރަނުގެ ފުރުޞަތެކެވެ."

ލޮބުވެތި ދިވެހި މުސްލިމް އަޚުންނާއި އުޚުތުންނޭވެ! ފަރުދާގެ އަނެއްފަރާތުގައި ބަޔަކު ކޮށްފާނޭ ކަމަކަށް ވިސްނައި ފާރަވެރިވެގެން ތިބޭހުށި ކަމެވެ! ތިޔައިން އެއްވެސް ބޭފުޅަކު މަރުވުމަށްފަހު ކުރެވޭ ސުވާލު ތަކުގައި ތިބާ އުޅުނީ ކޮންޕާރޓީއެއްގައިތޯ ސުވާލުކުރައްވާނެކަމަކަށް އަޅުގަނޑަށް ހިޔެއް ނުވެއެވެ. ނަމަވެސް އިސްލާމަދީނަށް ގޮންޖަހައި ދީން ނައްތާލުމަށް ބަޔަކު މަސައްކަތް ކުރިއިރު ތިބާ ހެދީ ކިހިނެއްތޯ ސުވާލު އައުން އެކަށީގެން ވެއެވެ. މިއަދު މިއޮތީ ކޮންމެ ދިވެއްސަކުވެސް އެމީހަކު ނިސްބަތްވާ ޕާރޓީ ދީނާއި ގައުމަށް ވަފާތެރިކަން ހުރި މިންވަރުގެ ތަރާދުން ކިރާލަން ޖެހިފައެވެ. ރައްކާވެތިބިއްޔާ ދަތުރެވެ. drmauroof.blogspot.com އިން ނަގާފައި

Read more...

06 November 2010

ޛުލްޙިއްޖާމަހުގެ ދިހަދުވަހުގެ މާތްކަމާބެހޭގޮތުން ވާރިދުވެފައިވާ ބައެއް ޙަދީޘްތައް

އައްޝައިޚް ޙަސަން މޫސާ ފިކްރީ
1- އިބްނު ޢައްބާސް ރަޟިޔަ ﷲ ޢަންހުމާގެ އަރިހުން ރިވާވެގެންވެއެވެ. މާތް ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. "مَا مِنْ أَيَّامٍ الْعَمَلُ الصَّالِحُ فِيْهِنَّ أَحَبُّ إِلىَ اللهِ مِنْهُ فِي هَذِهِ الأَياَّمِ الْعَشْرِ . قاَلُوا وَلاَ الجِْهَادُ فِي سَبِيْلِ اللهِ !! قاَلَ : وَلاَ الجِْهَادُ فِي سَبِيْلِ اللهِ ، إِلاَّ رَجُلٌ خَرَجَ بِنَفْسِهِ وَمَالِهِ وَلَمْ يَرْجِعْ مِنْ ذَلِكَ بِشَيْءٍ" أخرجه البخاري 2/457
މާނައީ: "އެދުވަސްތަކެއްގައި ހެޔޮ ޢަމަލު ކުޅައުން ﷲ ގެ ޙަޟުރަތުގައި އެންމެ ލޮބުވެތިކަން ބޮޑުވެގެންވާ ދުވަސްވަރަކީ މި ދިހަ ދުވަހެވެ." ޞަހާބީން ދެންނެވިއެވެ. "ﷲ ގެ މަގުގައި ޖިހާދު ކުރުމަށްވެރެންވެސް އެދުވަސްތަކުގައި ކުރެވޭ ހެޔޮ ޢަމަލުތައް މާތްވެގެންވޭ ތޯއެވެ؟" ޙަދީޘްކުރެއްވިއެވެ. "ﷲ ގެ މަގުގައި ޖިހާދުކުރުމަށްވުރެވެސް މާތްވެގެންވެއެވެ. އެއީ މީހަކު އޭނާގެ ޖާނާއި މުދަލާއެކުގައި ނުކުމެ ﷲ ގެ މަގުގައި އެތަކެތި އެކުގައި ހޭދަކޮށްލައިފި މީހަކު ފިޔަވައެވެ." (ترجمة: الشيخ حسن موسى فكري)
2 - އަދިވެސް އިބްނު ޢައްބާސް ރަޟިޔަ ﷲ ޢަންހުމާގެ ރިވާކުރައްވާފައިވެއެވެ. މާތް ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. مَا مِنْ عَمَلٍ أَزْكَى عِنْدَ اللَّهِ عَزَّ وَجَلَّ وَلَا أَعْظَمَ أَجْرًا مِنْ خَيْرٍ تَعْمَلُهُ فِي عَشْرِ الْأَضْحَى قِيلَ وَلَا الْجِهَادُ فِي سَبِيلِ اللَّهِ عَزَّ وَجَلَّ قَالَ وَلَا الْجِهَادُ فِي سَبِيلِ اللَّهِ عَزَّ وَجَلَّ إِلَّا رَجُلٌ خَرَجَ بِنَفْسِهِ وَمَالِهِ فَلَمْ يَرْجِعْ مِنْ ذَلِكَ
"رواه الدارمي1/ 357 وإسناده حسن كما في الإرواء 3/398."
"ﷲ ގެ ޙަޟުރަތުގައި މާތްކަންބޮޑު އަދި ކުރާ ހެޔޮ ޢަމަލުތަކަށް ގިނަގުނަ އަޖުރު ލިބޭ ދުވަސްތަކެއް އަޟްޙާގެ ދިހަދުވަހަށްވުރެ، ކުރާ ޢަމަލުތަކަށްވުރެ ހެޔޮކަން ބޮޑު ދުވަސްތަކެއް ނުވެއެވެ." ސުވާލުކުރެވުނެވެ. "ﷲ ގެ މަގުގައި ޖިހާދު ކުރުމަށްވެރެންވެސް އެދުވަސްތަކުގައި ކުރެވޭ ހެޔޮ ޢަމަލުތައް މާތްވެގެންވޭ ތޯއެވެ؟" ޙަދީޘްކުރެއްވިއެވެ. "ﷲ ގެ މަގުގައި ޖިހާދުކުރުމަށްވުރެވެސް މާތްވެގެންވެއެވެ. އެއީ މީހަކު އޭނާގެ ޖާނާއި މުދަލާއެކުގައި ނުކުމެ ﷲ ގެ މަގުގައި އެތަކެތި އެކުގައި ހޭދަކޮށްލައިފި މީހަކު ފިޔަވައެވެ." (ترجمة: الشيخ حسن موسى فكري)
3- ޢަބްދު ﷲ ބުނު ޢުމަރު ރަޟިޔަ ﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. މާތް ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. "ماَ مِنْ أَياَّمٍ أَعْظَمُ عِنْدَ اللهِ وَلاَ أَحَبُّ إِلَيْهِ الْعَمَلُ فِيْهِنَّ مِنْ هَذِهِ الأَياَّمِ الْعَشْرِ فَأَكْثِرُوا فِيْهِنَّ مِنَ التَّهْلِيْلِ وَالتَّكْبِيْرِ وَالتِّحْمِيْدِ"
أخرجه احمد 7/224 وصحّح إسناده أحمد شاكر.
މާނައީ: "މިދިހަ ދުވަހަށްވުރެ ﷲ ގެ ޙަޟުރަތުގައި މަތިވެރިންކަން ބޮޑުވެގެންވާ އަދި ހެޔޮ ޢަމަލު ކުޅުން އެކަލާނގެ ޙަޟުރަތުގައި ލޮބުވެތިވެގެންވާ ދުވަސްތަކެއް ނުވެއެވެ. ފަހެ ތިޔަބައިމީހުން އެދުވަސްތަކުގައި ތަހުލީލު ތަކްބީރު ތަޙްމީދު ކިޔުން ގިނަކުރާށެވެ." (ترجمة: الشيخ حسن موسى فكري)
4- މާތް ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ޙައްޖު މަހުގެ ނުވަވަނަ ދުވަހު ރޯދައަށް ހުންނެވިއެވެ. އެކަލޭގެފާނުގެ އަނބިކަނބަލެއްގެ އަރިހުން ރިވާވެގެންވެއެވެ. كَانَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَصُومُ تِسْعَ ذِي الْحِجَّةِ "
أخرجه النسائي 4/205 وأبو داود وصححه الألباني في صحيح أبي داود 2/462
މާނައީ: "މާތް ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ޙައްޖު މަހުގެ ނުވަވަނަ ދުވަހު ރޯދައަށް ހުންނަވައެވެ." (ترجمة: الشيخ حسن موسى فكري)
5- ޞަޙީޙް މުސްލިމުގައި އައްނަބިއްޔު ޞައްލަﷲ އަލައިހި ވަސައްލަމް ޙަދީޘްފުޅު ކުރެއްވިކަމަށް ޢާއިޝަތު ރަޟިޔަﷲ އަންހާ ރިވާކުރެއްވިއެވެ. " مَا مِنْ يَوْمٍ أَكْثَرَ مِنْ أَنْ يُعْتِقَ اللَّهُ فِيهِ عَبْدًا مِن النَّارِ مِنْ يَوْمِ عَرَفَةَ وَإِنَّهُ لَيَدْنُو ثُمَّ يُبَاهِي بِهِمْ الْمَلَائِكَةَ فَيَقُولُ مَا أَرَادَ هَؤُلَاءِ ؟...." މާނަ:" ޢަރަފާތްދުވަހު މިންޖުކުރައްވާ ވަރަށްވުރެ ގިނައިން ﷲ ތަޢާލާ އެއިލާހުގެ އަޅުތަކުން ނަރަކައިން މިންޖު ކުރައްވާ ދުވަހެއް ނުވެއެވެ. އެކަލާނގެ އެދުވަހު ކުއްތަންވެވޮޑިގަންނަވައި ދެން ތިޔަބައިމީހުންގެ ސަބަބުން މަލާއިކަތްބޭކަލުންގެ އަރިހުގައި ފަޚްރުވެވޮޑިގަންނަވާނެއެވެ. ފަހެ އެކަލާނގެ ވަޙީ ކުރައްވާނެއެވެ. މި ބައިމީހުން ބޭނުންވަނީ ކޮންކަމެއް ހެއްޔެވެ؟" (ترجمة: محمد شافع)

Read more...

01 November 2010

ޙައްޖުމަހުގެ ފުރަތަމަ ދިހައިގެ މަތިވެރިކަން

އަލްއަޚް އާދަމް ނިޝާން المالديفي
"އަޅުގަނޑުމެންގެ ރާއްޖޭގައި ޢާއްމު ގޮތެއްގައި ޢީދު ދުވަހު ކަތިލާ އުޅެނީ ކުކުޅެވެ. އެހެންނަމަވެސް ޙަޤީޤަތަކީ ކޮންމެ އަޅުކަމެއްގައިވެސް އޭގެ ޖިންސު ދިމާކުރަން ޖެހޭކަމެވެ. އެހެންކަމުން ގެރިބަކަރިފަދަ ޖަނަވާރުން އަދާކުރަންޖެހޭ އަޅުކަމެއް އެތަކެތި ލިބެން ހުންނަކަމުގައިވާނަމަ މުސަޅެއް ނުވަތަ ކުކުޅެއް ނުވަތަ މަހެއް ކަތިލައިގެން ޤަބޫލު ނުކުރެވޭނެއެވެ."
އެންމެހައި ޙަމްދު ޘަނާ ޙައްޤުވަނީ މުއުމިނުންނަށް ހެޔޮ ޢަމަލު ކުރުމަށް މަގު ތަނަވަސް ކޮށްދެއްވެވި ގަދަ ކީރިިތިވަންތަ ﷲ ސުބްޙާނަހޫ ވަތަޢާލާއަށެވެ. ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާ ކުރަނީ ހެޔޮ ޢަމަލުތަކާއި ދުވަސްތައް އުނގަންނައި ދެއްވުމަށް މިއުއްމަތައް ކައުކުރެއްވެވި މާތް ނަބިއްޔާ މުޙައްމަދު صلى الله عليه وسلم އަށާއި އެކަލޭގެފާނުގެ އާލު އަސްޙާބުންނާއި ޤިޔާމަތާއި ޖެހެންދެން އެކަލޭގެފާނު ގެންނެވި ގޮތުގައި ހިފަހައްޓައިގެން ތިބިހާ ބަޔަކަށެވެ.

އަޅުކަމުގެ މޫސުމްތަކުގެ ތެރެއިން އެންމެ މަތިވެރިވެގެންވަނީ ޙައްޖުމަހުގެ ފުރަތަމަ ދިހައިގެ ދުވަސްތަކެވެ. އަހަރުގެ އެެހެން ހުރިހާ ދުވަސަތަކަށްވުރެ، ﷲ ތަޢާލާ އެދުވަސްތަކަށް މަތިވެރި ކުރައްވާފައި ވެއެވެ. ރަސޫލު ﷲ صلى الله عليه وسلمގެ ކިބައިން، ﷲ ތަޢާލާ ރުއްސުން ލެއްވެވި އިބްނު ޢައްބާސް ރިވާ ކުރައްވާފައިވާ ޙަދީޘްފުޅެއްގައި ވެއެވެ.

قال النبي صلى الله عليه وسلم: "ما من أيام العمل الصالح فيهن أحب إلى الله منه في هذه الأيام العشر . قالوا ولا الجهاد في سبيل الله !! قال : ولا الجهاد في سبيل الله ، إلا رجل خرج بنفسه وماله ولم يرجع من ذلك بشيء " (رواه البخاري 2/457 )

ކީރިތި ނަބިއްޔާ صلى الله عليه وسلم ޙަދީޘްފުޅު ކުރެއްވިއެވެ: "މިދިހަ ދުވަހަށްވުރެ (އެބަހީ: ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހަށްވުރެ) ބޮޑަށް، ﷲގެ ޙަޟްރަތުގައި ހެޔޮ ޢަމަލުތަކަށް ލޮބުވެތިގެންވާ އެހެން ދުވަސްތަކެއް ނުވެއެވެ. ޞަޙާބީ ބޭކަލުން ދެންނެވޫއެވެ. 'ﷲގެ މަގުގައި ޖިހާދު ކުރުމަށްވުރެވެސް ހެއްޔެވެ؟' އެކަލޭގެފާނު ދެންނެވިއެވެ. 'އާނއެކެވެ. 'ﷲގެ މަގުގައި ޖިހާދު ކުރުމަށްވުރެވެސް އެވެ. އެހެންނަމަވެސް އެއީ 'ﷲގެ މަގުގައި ޖިހާދު ކުރުމަށް އެމީހެއްގެ ނަފްސާއި މުދަލާއިގެން ނިކުމެ އެއިން އެއްވެސް އެއްޗަކައިގެން އެނބުރި ނާންނަ މީހަކު ފިޔަވައެވެ.'" (ރަވާހުލް ބުޚާރީ: 2/457)

މިއިން ދޭހަކޮށްދެނީ ﷲ ތަޢާލާގެ ޙަޟްރަތުގައި ޙައްޖުމަހުގެ ފުރަތަމަ ދިހައެއް، އަހަރުގެ އެހެން ހުރިހާ ދުވަސްތަކަކަށްވުރެ މަތިވެރިވެގެންވާ ކަމެވެ. އެއީ ރަމަޟާންމަހުގެ ފަހުދިހައިގެ ދުވަސްތަކަށްވުރެވެސް މެއެވެ. އެހެންނަމަވެސް ރަމަޟާންމަހުގެ ފަހުދިހައިގެ ރޭތައް ޙައްޖުމަހުގެ ފުރަތަމަ ދިހައިގެ ދުވަސްތަކަށްވުރެ މަތިވެރިވެގެން ވެއެވެ. އެއީ ލައެލަތުލް ޤަދްރި ވިލޭ ރޭ، ރަމަޟާންމަހުގެ ފަހުދިހައެއްގެ ރޭތަކުންކުރެ ރެއެއްގައި ހިމެނޭތީއެވެ. އެރޭގެ ހެޔޮކަންތައް އެއްހާސް މައްސަރަށްވުރެ ހެޔޮކަން ބޮޑުވެގެން ވެއެވެ.

އަޅުގަނޑުމެންނަކީ މާދަމާވެސް މަރު އައިސް އަޅުގަނޑުމެންނާއި ބައްދަލުކޮށްފިނަމަ ސުވަރުގެއަށް ދެވޭނެކަމުގެ އެއްވެސް ޔަޤީންކަމެއް އޮތް ބައެއް ނޫނެވެ. އަޅުގަނޑުމެން މިވަނީ ރަސޫލު ﷲ صلى الله عليه وسلمގެ ޙަދީޘްފުޅުގައި ވާފަދައިން، ނުބައިކަންތައްތަކަށް އަރައިގަތުމަށް އަވަސްވެގަންނަ އަދި ހެޔޮ ކަންތައްތައް ކުރުމަށް ލަސްވެގަންނަ ބައެއްކަމުގައި ވެފައެވެ. އެހެންކަމުން ވަޤުތު ފާއިތުވުމުގެ ކުރިން އަޅުގަނޑުމެން ހެޔޮކަންތައްތަކަށް އަވަސްވެގަނެ، މިދިހަ ދުވަހުގެ ފާއިދާ ފުރިހަމައަށް ލިބިގަންނަމާތޯއެވެ. މިގޮތުން ކުރެވިދާނެ ބައެއް ހެޔޮ ޢަމަލުތަކަކީ:

1. ރޯދަ ހިފުން.
ޙައްޖުމަހުގެ ފުރަތަމަ ނުވަދުވަހު ރޯދަ ހިފުމަކީ ސުންނަތެކެވެ. ރަސޫލު ﷲ صلى الله عليه وسلم އެދުވަސްތަކުގައި ރޯދަ ހިއްޕަވާ ކަމުގައިވެއެވެ. ރަސޫލު ﷲ صلى الله عليه وسلمގެ ބައެއް އަނބިކަނބަލުން ރިވާ ކުރައްވާފައިވާ ޙަދީޘްފުޅެއްގައި ވެއެވެ.

"كان النبي صلى الله عليه وسلم يصوم تسع ذي الحجة ويوم عاشوراء وثلاثة أيام من كل شهر" (أخرجه النسائي 4/205 وأبو داود)

"ކީރިތި ނަބިއްޔާ صلى الله عليه وسلم، ޙައްޖުމަހުގެ ނުވަދުވަހާއި، ޢާޝޫރާ ދުވަހާއި އަދި ހަނދުމަހުގެ ތިން ދުވަހު ރޯދަ ހިއްޕަވައެވެ."

2. ތަކްބީރާއި ތަޙްމީދާއި ތަހްލީލް ކިޔުން އިތުރު ކުރުން.
ޙައްޖުމަހުގެ ފުރަތަމަ ދިހަދުވަހު ތަކްބީރު ކިޔައި ތަޙްމީދު ކިޔައި ތަހްލީލު ކިޔައި އުޅުމީ ސުންނަތެކެވެ. މިގޮތުން މިސްކިތުގައާއި ގޭގައާއި މަގުތަކާއި އަދި މިނޫނަސް ޛިކުރު ކުރެވޭ ކޮންމެ ތަނެއްގައިވެސް ކިއިދާނެއެވެ. ފިރިހެނުން ކިޔާނީ އަޑު ހަރުކޮށެވެ. އަންހެނުން އަޑު މަޑު ކޮށެވެ. ﷲ ތަޢާލާ ރުއްސުން ލެއްވެވި ޢަބްދުﷲ ބުނު ޢުމަރު ކީރިތި ރަސޫލާ صلى الله عليه وسلمގެ ކިބައިން ރިވާ ކުރެއްވެވި ޙަދީޘްފުޅެއްގައެވެ.

قال النبي صلى الله عليه وسلم: "ما من أيام أعظم عند الله ولا أحب إليه العمل فيهن من هذه الأيام العشر فأكثروا فيهن من التهليل والتكبير والتحميد" (أخرجه احمد 7/224)

ކީރިތި ނަބިއްޔާ صلى الله عليه وسلم ޙަދީޘްފުޅު ކުރެއްވިއެވެ: "މިދިހަ ދުވަހަށްވުރެ (އެބަހީ: ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހަށްވުރެ) މަތިވެރި އަދި އެއިލާހުގެ ޙަޟްރަތުގައި އެދުވަސްތަކަށްވުރެ ހެޔޮ ޢަމަލުތަކަށް ލޮބުވެތިގެންވާ އެހެން ދުވަސްތަކެއް ނުވެއެވެ. ފަހެ ތިޔަބައިމީހުން އެދުވަސްތަކުގައި ތަހްލީލާއި* ތަކްބީރާއި* ތަޙްމީދު* ކިޔާހުށިކަމެވެ."

* ތަކްބީރަކީ: الله أكبر ، الله أكبر لا إله إلا الله ، والله أكبر ولله الحمد މިއެވެ. އަދި މިނޫން އެހެން ގޮތްގޮތަށްވެސް ވާރިދުވެފައިވެއެވެ.

* ތަހްލީލަކީ: لا إلَهَ إلاَّ الله وحْدَهُ لا شَرِيكَ لَهُ، لَهُ المُلْكُ ولَهُ الحَمْدُ وهُوَ على كلِّ شيءٍ قَدير މިއެވެ. އަދި މިނޫން އެހެން ގޮތްގޮތަށްވެސް ވާރިދުވެފައިވެއެވެ.

* ތަޙްމީދަކީ: الحَمْدُ لِلّـهِ މިއެވެ. އަދި މިނޫން އެހެން ގޮތްގޮތަށްވެސް ވާރިދުވެފައިވެއެވެ.

ތަކްބީރަކީ މިޒަމާނުގައި ވަރަށް ބޮޑަށް އުވި ގޮސްފައިވާ ސުންނަތެކެވެ. އަދި ޚާއްޞަކޮށް ފުރަތަމަ ދިހައެއްގައި މެއެވެ. މިހާރު މަދު މީހަކު މެނުވީ ތަކްބީރު ކިޔާތީއެއް ނުފެނެއެވެ. އިބުނު ޢުމަރާއި އަބޫ ހުރައިރާ އާއި ދެބޭކަލުން ޙައްޖުމަހުގެ ފުރަތަމަ ދިހައިގެ ދުވަސްތަކުގައި ބާޒާރު ތެރެއަށް ނިކުމެވަޑައިގެން ހަރުއަޑުން ތަކްބީރު ވިދާޅުވާކަމަށް ޘާބިތުވެފައިވެއެވެ. އަދި އެބޭކަލުންގެ ތަކްބީރުގެ އަޑުއިވުމުން އެހެން މީސްތަކުންވެސް ތަކްބީރު ކިޔައި ހަދައެވެ. މިޒަމާނުގައި ތަކްބީރު ކިޔައި މިއުޅެނީ އިމާމު ނުވަތަ އެހެންމީހަކު ނަމަވެސް ކިޔުމުން އެމީހެއްގެ އަޑު ދަށުންނެވެ. އެހެންނަމަވެސް މިއީ ސުންނަތާއި ޚިލާފު ގޮތެކެވެ. ސުންނަތްވެގެންވަނީ ކޮންމެ މީހަކުވެސް އަމިއްލައަށް ތަކްބީރު ކިޔުމެވެ. ޞަޙާބިއްޔަ ބޭކަލުންވެސް އެކަން ކުރައްވާފައި އޮތީ އެގޮތަށެވެ.

ފޮހެވެމުންދާ ނުވަތަ ފޮހެވިފައިވާ ސުންނަތެއް ދިރުވުމަކީ ވަރަށްވެސް މަތިވެރި އަޖުރު ހުރި ކަމެކެވެ. ރަސޫލު ﷲ صلى الله عليه وسلم ޙަދީޘްފުޅު ކުރައްވާފައިވެއެވެ.

"من أحيا سنة من سنتي قد أميتت بعدي فإن له من الأجر مثل من عمل بها من غير أن ينقص من أجورهم شيئاً" (أخرجه الترمذي 7/443)

"ތިމަންކަލޭގެފާނަށްފަހު، ތިމަންކަލޭގެފާނުގެ ސުންނަތުގެ ތެރެއިން މަރުވެ ގޮސްފައިވާ ސުންނަތެއް ދިރުވައިފި މީހަކަށް، (އެއަށްފަހު) އެޢަމަލު ކުރާ ކޮންމެ މީހަކަށް ލިބޭފަދަ އަޖުރު ލިބޭހުއްޓެވެ. އެއީ އެމީސްތަކުންގެ އަޖުރުން އެއްވެސް އެއްޗެއް އުނި ކުރުމެއް ނެތިއެވެ."

3. ޙައްޖާއި ޢުމްރާގެ އަޅުކަން އަދާކުރުން.
ޙައްޖުމަހުގެ ފުރަތަމަ ދިހައިގައިވާ އެންމެ މަތިވެރި އަޅުކަމަކީ ﷲގެ ގެފުޅަށް ގޮސް ޙައްޖުވުމެވެ. ޙައްޖުވުމަށް ﷲ ތަޢާލާ މިންވަރު ކޮށްދެއްވައިފި މީހަކު، އެއަޅުކަން އަދާކުރަން އޮތް އެންމެ ފުރިހަމަ ގޮތުގައި އަދާކޮށްފިނަމަ އެމީހަކަށް ބޮޑުވެގެންވާ ދަރުމަވެއެވެ. ރަސޫލު ﷲ صلى الله عليه وسلم ޙަދީޘްފުޅު ކުރައްވާފައިވެއެވެ.

"الحج المبرور ليس له جزاء إلا الجنة" (رواه البخاري ومسلم)

"މަބްރޫރު ޙައްޖަކަށް ސުވަރުގެ ފިޔަވައި އެހެން އެއްވެސް ޖަޒާއެއް ނުވެއެވެ."

4. އުޟްޙިޔާ ކަތިލުން.
މިދިހަދުވަހުގެ ތެރޭގައި ﷲ ތަޢާލާއަށް ކުއްތަންވުމަށްޓަކައި ކުރެވޭ އެއް ޢަމަލަކީ ޙައްޖު ދުވަހާއި ޖެހިގެން އަންނަ ދުވަހު، އާދެ ޢީދު ދުވަހު އުޟްޙިޔާ ކަތިލުމެވެ. މިގޮތުން ނަޢަމް ސޫފީގެ ތެރެއިން ހިމެނޭ ރަނގަޅު ފަލަ ނުވަތަ ހެޔޮވަރު ޖަނަވާރެއް ހޯދައި އެއަށް ލާރި ހޭދަކޮށް ﷲ އަށް ޤުރުބާން ކުރުމެވެ.

އަޅުގަނޑުމެންގެ ރާއްޖޭގައި ޢާއްމު ގޮތެއްގައި ޢީދު ދުވަހު ކަތިލާ އުޅެނީ ކުކުޅެވެ. އެހެންނަމަވެސް ޙަޤީޤަތަކީ ކޮންމެ އަޅުކަމެއްގައިވެސް އޭގެ ޖިންސު ދިމާކުރަން ޖެހޭކަމެވެ. އެހެންކަމުން ގެރިބަކަރިފަދަ ޖަނަވާރުން އަދާކުރަންޖެހޭ އަޅުކަމެއް އެތަކެތި ލިބެން ހުންނަކަމުގައިވާނަމަ މުސަޅެއް ނުވަތަ ކުކުޅެއް ނުވަތަ މަހެއް ކަތިލައިގެން ޤަބޫލު ނުކުރެވޭނެއެވެ.

އެހެންކަމުން ފުރުޞަތު އޮއްވާ އަވަހަށް މިދުވަސްތަކުގެ ބޭނުން ހިފަމާތޯއެވެ. ވަޤުތު ފާއިތުވެއްޖެނަމަ އެއީ އަނބުރާ ލިބޭނެ ޘަވާބެއް ނޫނެވެ. އަދި ފަހުން އެކަމާއި ހިތާމަ ކުރަން ޖެހޭނެއެވެ. އެދުވަހު ހޮޔޮ ޢަމަލު ކުރުމަށްޓަކައި އަލުން ދުނިޔެއަށް ފޮނުވާދިނުމަށް އެދުނުކަމުގައިވިޔަސް އެއަކަށް އިޖާބައެއް ނުދެވޭނެއެވެ.

-ނިމުނީ-
______________________________________________________

ނޯޓް: މިލިޔުމަކީ www.islamqa.com ގައިވާ ލިޔުމެއް އަޞްލަކަށް ބަލައިގެން ތައްޔާރުކުރެވިފައިވާ ލިޔުމެކެވެ.އަޞްލު: ދީނީ ނިއުސް.ކޮމް

Read more...

27 October 2010

ޙައްޖުގެ އަޅުކަން އަދާކުރާނޭގޮތް

އައްޝައިޚް އާދަމް ނަސީމް(ބީއޭ)
ޙައްޖުވުމަށް ނިޔަތްގަނެގެން ނިކުންމީހާ އޭނާގެ ޙައްޖުންނާއި ޢުމްރާއިން ﷲގެ ވަޖްހުފުޅާއި އާޚިރަތް ދުވަހުގެ ބާއްޖަވެރިކަން އެދުމަކީ ވާޖިބުކަމެކެވެ. އެއާ ޚިލާފަށް ކަންދެއްކުމާއި، ފަޚުރުވެރިވެ ގަތުމަކީ ޙަރާމްކަމެކެވެ. އަޅުކަމަކަށް ސަވާބުލިބުމުގެ ބަދަލުގައި އަޛާބު ލިބެނިވި ކަންކަމެވެ.
ﷲގެ ވަޙީބަސްފުޅުގެ މާނައިގައިވެއެވެ. "(196) ތިޔަބައިމީހުން ﷲއަށްޓަކައި ޙައްޖާއި ޢުމްރާ ފުރިހަމައަށް އަދާކުރާށެވެ! ފަހެ، އެކަމުގައި ތިޔަބައިމީހުންނަށް ހުރަސް އެޅިއްޖެނަމަ، ހަދްޔުގެ ތެރެއިން ތަނަވަސްވެ، ލިބުނު އެއްޗެއް ކަތިލުން ހުއްޓެވެ. (ހަދްޔަކީ ގެރި، ބަކަރި، ޖަމަލުގެ ތެރެއިން ކަޢުބަތުﷲ ގެފުޅަށް ހަދިޔާކުރެވޭ ތަކެއްޗެވެ.) އަދި ހަދްޔު އެކަތިލުމުގެ މަޙައްލަށް ފޯރައްޖައުމަށް ދާންދެން، ތިޔަބައި މީހުން ބޯ ނުބާލާހުށިކަމެވެ. ފަހެ، ތިޔަބައި މީހުންގެ ތެރެއިން ބަލިވެއްޖެމީހާ، ނުވަތަ ބޮލުގައި ބައްޔެއް ހުރެއްޖެމީހާ، އެކަންކަމުގެ ސަބަބުން، ބޯ ބާލައިފިނަމަ، ފަހެ، ރޯދައިން ނުވަތަ ޞަދަޤާތެއް ދިނުމުން ނުވަތަ ކަތިލުމަކުން، ފިދްޔައެއް ދިނުންހުއްޓެވެ. ފަހެ، ތިޔަބައިމީހުންނަށް އަމާންކަން ލިބިއްޖެނަމަ ޢުމްރާއަށްފަހު، ޙައްޖާއި ހަމައަށް ދާންދެން، އަރާމު ލިބިގެންފިމީހާ (އެބަހީ: ޙައްޖުގެ ދުވަސް ވަރުގައި ޢުމްރާގެ އަޅުކަންނިމި، އިޙްރާމުގެ ސަބަބުން ޙަރާމްވާ ކަންތައްތައް ހުއްދަ ވުމަށްފަހު، މައްކާގައިހުރެ އަލުން ޙައްޖަށް އިޙްރާމް ބަދެފިމީހާ) ހަދްޔުގެ ތެރެއިން، ތަނަވަސްވެލިބުނު އެއްޗެއް ކަތިލުން ހުއްޓެވެ. ފަހެ، އެނުލިބިއްޖެމީހާ، ޙައްޖުގެ ތެރޭގައި ތިންދުވަހު، އަދި ޙައްޖުން އެނބުރި އައުމަށްފަހު ހަތްދުވަހު ރޯދަހިފުންހުއްޓެވެ. އެއީ ފުރިހަމަ ވެގެންވާ ދިހަދުވަހެވެ. އެކަންއޮތީ އެމީހެއްގެ އަހުލުވެރީން ޙުރުމަތްތެރި ވެގެންވާ މިސްކިތްހުރި ރަށުގެ ވަޒަންވެރީން ކަމުގައި ނުވާމީހަކަށެވެ. އަދި ތިޔަބައިމީހުން ﷲއަށް ތަޤްވާވެރިވާށެވެ! އަދި ހަމަކަށަވަރުން ﷲއީ ޢުޤޫބާތް ގަދަފަދަ ވެގެންވާ ރަސްކަލާނގެކަން ތިޔަބައިމީހުން ދަންނާށެވެ!

(197) ޙައްޖުގެ ވަގުތަކީ ކަނޑައެޅި އެނގިގެންވާ މައްސަރުތަކެކެވެ. ފަހެ، އެމައްސަރުތަކުގައި ޙައްޖުގެ ފަރުޟު ކޮށްގެންފިމީހާ (ދަންނާށެވެ!) ފަހެ، ޙައްޖު ވުމުގެތެރޭގައި ޖިމާޢުވުމެއް، އުރެދުމެއް، އަދި އަރާރުން ވުމެއްވެސްނެތެވެ. އަދި، ހެޔޮކަމުގެ ތެރެއިން ތިޔަބައިމީހުން ކުރާކޮންމެކަމެއް ﷲދެނެވޮޑިގެންވެއެވެ. އަދި ތިޔަބައިމީހުން ދަތުރުމަތީގެ ކޮއްތު ލިބިގަންނާށެވެ! ފަހެ، ހަމަކަށަވަރުން އެންމެމޮޅު ކޮއްތަކީ ތަޤްވާއެވެ. އޭ ބުއްދީގެ އަހުލުވެރިންނޭވެ! ތިޔަބައިމީހުން ތިމަންރަސްކަލާނގެއަށް ތަޤްވާވެރިވާށެވެ!

(198) ތިޔަބައިމީހުންގެ ވެރި ރަސްކަލާނގެ ޙަޟްރަތުން ލިބޭ ފަޟްލުވަންތަވެރިކަމެއް، (އެބަހީ: ވިޔަފާރި ކުރުންފަދަ ގޮތްގޮތުން ހޯދާ ތަނަވަސްކަމެއް) އެދިގަތުމުގައި ތިޔަބައިމީހުންގެ މައްޗަކަށް ކުށެއްނެތެވެ. ދެންފަހެ، ތިޔަބައިމީހުން ޢަރަފާތުން އެނބުރި އައުމުގެ ދަތުރު ފަށައިގެންފިނަމަ، އަލްމަޝްޢަރުލް ޙަރާމްގައި ﷲހަނދުމަކޮށް، (ތަލްބިޔާކިޔާ، ދުޢާކޮށް) އުޅޭށެވެ! އަދި އެކަލާނގެ ތިޔަބައި މީހުންނަށް ތެދުމަގު ދެއްކެވިފަދައިން، ތިޔަބައިމީހުން އެކަލާނގެ ހަނދުމަކުރާށެވެ! އޭގެކުރިން ތިޔަބައިމީހުންވެފައިވަނީ މަގުފުރެދިގެންވާ މީހުންގެ ތެރެއިންކަން ކަށަވަރެވެ.

(199)ދެން، މީސްތަކުން (ޢަރަފާތުން މުޒުދަލިފާއަށް) އެނބުރިއަންނަ ފަދައިން ތިޔަބައިމީހުންވެސް، އެނބުރި އަންނާށެވެ! އަދި ތިޔަބައިމީހުން ﷲގެ ޙަޟްރަތުން ފާފަ ފުއްސެވުން އެދޭށެވެ! ހަމަކަށަވަރުން ﷲއީ، ގިނަގިނައިން ފާފަ ފުއްސަވާ ރަހީމުވަންތަ ރަސްކަލާނގެއެވެ.

(200) ފަހެ، ތިޔަބައިމީހުންގެ ޙައްޖުގެ އަޅުކަންތައް އަދާކޮށް ނިމިއްޖެ ހިނދެއްގައި، ތިޔަބައިމީހުން، ތިޔަބައިމީހުންގެ ކާބަފައިން ހަނދުމަކޮށް އުޅުނު ފަދައިން، ނުވަތަ އެއަށްވުރެ ގަދަވެގެންވާ ހަނދާން ކުރުމަކުން، ތިޔަބައިމީހުން ﷲހަނދުމަކުރާށެވެ! އަޅަމެންގެ ވެރިރަސްކަލާކޯއެވެ! ދުނިޔޭގައި އަޅަމެންނަށް ހެޔޮކަން ދެއްވާދޭނވެ އޭ ކިޔައި ދުޢާކުރާމީހުން، މީސްތަކުންގެ ތެރެއިންވެއެވެ. އެއިން މީހަކަށް އާޚިރަތުގައި އެއްވެސް ނަސީބެއްނެތެވެ.

(201) އަދި އަޅަމެންގެ ވެރިރަސްކަލާކޯއެވެ! ދުނިޔޭގައި ހެޔޮކަން، އަދި އާޚިރަތުގައިވެސް ހެޔޮކަން އަޅަމެންނަށް ދެއްވާދޭނވެ އޭ އަދި ނަރަކައިގެ އަޛާބުން އަޅަމެން ދިންނަވާދޭނވެ އޭ ކިޔައި ދުޢާކުރާ މީހުންވެސް އެމީހުންގެ ތެރެއިންވެއެވެ.

(202) އެބައިމީހުން ހޯދައިގަތް ހެޔޮކަމުގެ ނަސީބު އެބައިމީހުންނަށް ހުއްޓެވެ. ﷲއީ، ހިސާބު ބެއްލެވުން އަވަސްވެ ވޮޑިގެންވާ ރަސްކަލާނގެއެވެ.

(203) ޢަދަދު ކަނޑަ އެޅިގެންވާ ދުވަސްތަކެއްގައި (އެބަހީ: އައްޔާމުއް ތަޝްރީޤުގެ ތިންދުވަހު) ﷲ ހަނދުމަކޮށް (ތަކުބީރުކިޔައި) އުޅޭށެވެ! (އެއީ މިނާގައި ތިންދުވަހެވެ.) ފަހެ، ދެދުވަހުގެ ތެރޭގައި (އެނބުރި ދިޔުމަށް) އަވަސްވެގަތް މީހާ (ދަންނާށެވެ!) ފަހެ، އެމީހެއްގެ މައްޗަކަށް ފާފައެއްނެތެވެ. އަދި (ތިންދުވަހަށް) ލަސްކުޅަމީހާ (ދަންނާށެވެ!) ފަހެ، އެމީހާގެ މައްޗަކަށްވެސް ފާފައެއްނެތެވެ. އެއީ ތަޤްވާވެރިވެއްޖެ މީހަކަށެވެ. އަދި ތިޔަބައިމީހުން ﷲއަށް ތަޤްވާވެރިވާށެވެ! ހަމަކަށަވަރުން ތިޔަބައިމީހުން (ޤިޔާމަތް ދުވަހުން) މަޙުޝަރަށް ފޮނުއްވޭނީ އެކަލާނގެ ޙަޟްރަތަށްކަން ތިޔަބައިމީހުން ދަންނާށެވެ!” (ސޫރަތުލް ބަޤަރާ)

ޙައްޖުގެ މަގުތަކަށް ކެރިކުޅަދާނަ ވެއްޖެމީހާ ޢުމުރުން އެއްފަހަރު ޙައްޖުވުމަކީ ވާޖިބުކަމެކެވެ. ހަމައެފަދައިން ޢުމުރުން އެއްފަހަރު ޢުމްރާވުމަކީވެސް ވާޖިބުކަމެކެވެ. ދިވެހިރާއްޖެއިން ޙައްޖަށްދާ މީހުން ޢާއްމުގޮތެއްގައި ކުރަނީ ޙައްޖު ތަމައްތުޢުއެވެ. އެހެންކަމުން ޙައްޖާއި ޢުމްރާއާއި މިދެވާޖިބު ޙައްޖު ދަތުރުގައި އަދާކުރެވޭނެއެވެ. ޙައްޖު ތަމައްތުޢުގެ ވާހަކަ އަދި ފަހުން އަންނަ ހުއްޓެވެ. ޙައްޖުގެ މަގުތަކަށް ކެރިކުޅަދާނަ ވުމަކީ ޙައްޖުވުމަށް ޚަރަދުކުރުމަށް ކުޅަދާނަ ވެގެންވުމާއި، ޞިއްޙީގޮތުން ކުޅަދާނަ ވެގެންވުމާއި މަގުއަމާން ވެގެންވުމެވެ. ޙައްޖު ވާޖިބުވުމުން ޙައްޖުވުމަށް އަވަސްވެގަތުމަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަމުރު ކުރައްވާފައިވެއެވެ. އެއީ އޭނާއަށް ހުށަހެޅިދާނެކަމެއް އެއްވެސް މީހަކަށް އެގިގެން ނުވާކަމަށް ޓަކައެވެ. ފަހެ ބަލިވެސް ވެދާނެއެވެ. މަރުވެސް ވެދާނެއެވެ. އަންހެނުންގެ މައްޗަށްވެސް ޙައްޖާއި ޢުމްރާ ވާޖިބުވެގެންވެއެވެ. ޞައްޙަ ސަނަދަކުން ރިވާވެގެންވެއެވެ. ހަމަކަށަވަރުން ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުގައި ޢާއިޝަތުގެފާނު، ދެންނެވިއެވެ. ﷲގެ ރަސޫލާއެވެ! އަންހެނުންވެސް ޖިހާދުކުރަން ޖެހޭތޯއެވެ؟ ޙަދީޘް ކުރެއްވިއެވެ. އެކަނބަލުންގެ މައްޗަށްއޮތީ ހަނގުރާމަ ކުރުމެއް ހިމެނިފައިނުވާ ޖިހާދެކެވެ. ޔަޢުނީ: ޙައްޖުވުމާއި ޢުމްރާވުމެވެ. މިޙަދީޘް ރިވާކުރެއްވީ އަޙުމަދުބުނު ޙަންބަލްއާއި އިބުނު މާޖާއެވެ.

ކޮންމެ މީހަކުމެ އެމީހެއްގެ ޢުމުރުން އެއްފަހަރު މެނުވީ ޙައްޖާއި ޢުމްރާ ވާޖިބު ވެގެނެއްނުވެއެވެ. ޢުމުރުން އެއްފަހަރަށްވުރެ ގިނައިން ޙައްޖާއި ޢުމްރާކޮށްފިމީހާގެ އެއަޅުކަން ހިމެނޭނީ ސުއްނަތް އަޅުކަމުގެ ތެރޭގައެވެ. ޙައްޖާއި ޢުމްރާ ގިނަކުރުމަކީ ސުއްނަތްވެގެންވާ ކަމެކެވެ.

ދެންފަހެ، ޙައްޖުވުމަށް ނުވަތަ ޢުމްރާވުމަށް ޤަސްދުކޮށް ޢަޒުމްކަނޑައަޅައި ނުކުންނަމީހާ، ﷲއަށް ތަޤްވާވެރިވުމަށް އޭނާގެ އަހުލުވެރީންނަށް ވަޞިޔަތް ކުރުމަކީ މުސްތަޙައްބު ކަމެކެވެ. އަދި އޭނާގެ އަތުން ދަރަނީގެ ގޮތުން މީހުން ގެންގޮސްފައިވާ ތަކެތީގެ ތެރެއިން ލިބެންޖެހޭ ތަކެއްޗާއި، މީހަކަށް އެއްޗެއް ދޭންވެފައިވާނަމަ އެ އެއްޗަކާއި، މިބާވަތުގެ މުޢާމަލާތުގެ ކަންތައްތައް ލިޔެ ހެކިކޮށް ހެދުމަކީވެސް ކުރަންޖެހޭ ކަންކަމެވެ. އަދި ތެދުވެރި ތަޥްބާވުމަކީވެސް އޭނާގެ މައްޗަށް އޮތް ވާޖިބުކަމެކެވެ. އަދި އޭނާގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް ނުވަތަ ޢުމްރާގެ އަޅުކަން އަދާކުރުމަށް ހޭދަކުރާ ހޭދަކުރުމަކީ ޙަލާލުގޮތުގައި ހޯދާފައިހުރި ތަކެތި ކަމުގައިވުން ވާޖިބުވެގެންވެއެވެ. ފަހެ، މުސްލިމުން ކޮންމެ ހާލެއްގައިވެސް އަބަދުގެ އަބަދަށް ބޭނުންކުރަން ޖެހެނީ ޙަލާލު ތަކެއްޗެވެ. ޞައްޙަ ޙަދީޘުން ސާބިތުވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. ހަމަކަށަވަރުން އަރަހުށި މާތްﷲއީ ހުސްޠާހިރުވަންތަ ރަސްކަލާނގެއެވެ. ޙަލާލު އެއްޗެއް މެނުވީ އެކަލާނގެ ޤަބޫލުފުޅެއް ނުކުރައްވައެވެ.

ޙައްޖުވުމަށް ނިޔަތްގަނެގެން ނިކުންމީހާ އޭނާގެ ޙައްޖުންނާއި ޢުމްރާއިން ﷲގެ ވަޖްހުފުޅާއި އާޚިރަތް ދުވަހުގެ ބާއްޖަވެރިކަން އެދުމަކީ ވާޖިބުކަމެކެވެ. އެއާ ޚިލާފަށް ކަންދެއްކުމާއި، ފަޚުރުވެރިވެ ގަތުމަކީ ޙަރާމްކަމެކެވެ. އަޅުކަމަކަށް ސަވާބުލިބުމުގެ ބަދަލުގައި އަޛާބު ލިބެނިވި ކަންކަމެވެ.

ޙައްޖުވުމަށް ނުވަތަ ޢުމްރާވުމަށް ޤަޞްދުކޮށްފިމީހާ މިއަޅުކަންތައް އަދާކުރުމަށްޓަކައި ﷲ ޝަރުޢު ކުރައްވާފައިވާގޮތް ސުއްނަތުގެ އަލީގައި ދަސްކުރުން ވާޖިބުވެގެންވެއެވެ. ފޮތްފޮތުން ދަސްކުރުމާއި ޢިލްމުގެ އަހުލު ވެރީންނާ ސުވާލުކުރުން ހުއްޓެވެ. އެއީ އަޅުކަން އަދާކުރާގޮތް ރަނގަޅަށް އުނގެނުމަށްޓަކައެވެ.

ކޮންމެ ދަތުރެއް ފަށާއިރުވެސް ދަތުރު ދުޢާކިޔުން ހަނދާންކުރުން ހުއްޓެވެ. މިމޭރުމުން ބަލާއިރު މުހިއްމު ދުޢާތައް ލިޔެޗާޕް ކޮށްފައިވާ ކުދިކުދި ފޮތްތަކުގެ ތެރެއިން ރަގަޅު ފޮތެއް ގެންގުޅުން ރަނގަޅުވާނެއެވެ. ދަތުރުމަތީގައި ޛިކުރު ކުރުމާއި، ދުޢާކުރުމާއި، ފާފަފުއްސަވައި ދެއްވުންއެދި ﷲގެ ޙަޟްރަތަށް ދެންނެވުމާއި، ޤުރްއާން ކިޔެވުމާއި، ޞަލަވާތް ކިޔެވުމާއި، ނަމާދަށް ރައްކައުތެރިވުމާއި، ދޫރައްކާތެރި ކުރުމާއި، ބުނެވުނޭ ބުނެފިއޭގެ ވާހަކަ ދޫކޮށްލުމާއި، އަދި މިނޫނަސް މިބާވަތުގެ ހެޔޮ ޢަމަލުތަކުގައި މަޝްޣޫލުވުން ހުއްޓެވެ.

ދަންނައެވެ! ޙައްޖަށް ނުވަތަ ޢުމްރާއަށް އިޙްރާމް ބަންނަ މީހާއަށް ދެޙާލަތެއްވެއެވެ. (1) އޭގެ ތެރެއިން އެއްޙާލަތަކީ ޙައްޖުގެ މައްސަރުތައް ފިޔަވައި އެހެން މައްސަރެއްގެ ދުވަހެއްގައި އިޙްރާމް ބަނުމެވެ. މިޙާލަތުގައި އިޙްރާމް ބަދެވޭނީ ހަމައެކަނި ޢުމްރާއަށެވެ. ދުލުން ނިޔަތްކިޔާނީ އަދި ހިތުނިޔަތް ގަންނާނީ ޢުމްރާވުމަށެވެ. މީޤާތުން އިޙްރާމްބަނުން ހުއްޓެވެ. އިހުރާމް ބަނދެވޭނީ އިޙްރާމްހެދުން ލައިގެން މިއަޅުކަމަށް ނިޔަތް ގަތުމުންނެވެ. އިހުރާމްގެ ހެދުން ލުމަކުން ނިޔަތްނުގަންނަހާ ހިނދަކު އިޙްރާމް ބަންކަމަކަށް ނުވާނެއެވެ. އިޙްރާމް ބަނުމަށްފަހު ގެފުޅާ ހަމައަށް ދެވެންދެން ތަލްބިޔާ ކިޔަންވާނެއެވެ. ފިރިހެނުން ހަރުއަޑުންނެވެ. އަންހެނުން ހަރުއަޑަކުންނޫނެވެ. އިޙްރާމް ބަނުމުން ޙަރާމްވާ ކަންތައްތަކެއް ހުރެއެވެ. އެވާހަކަ އަދިފަހުން އަންނަހުއްޓެވެ. ގެފުޅާހަމައަށް ދެވުމާއެކު ތަލްބިޔާކިޔުން ހުއްޓުނީއެވެ. ދެންގެފުޅުގައި ޠަވާފުކުރާނީއެވެ. ދެން މަޤާމު އިބްރާހީމުގައި ޠަވާފުގެ ދެރަކްޢަތް ނަމާދު ކުރާނީއެވެ. މަޤާމް އިބްރާހީމުގައި ދެރަކްޢަތް ނުކުރެވޭނަމަ ޙަރަމްފުޅުގެ ކޮންމެތަނެއްގައި މިދެރަކްޢަތް ކުރުމުންވެސް ފުދޭނެއެވެ. އެއަށްފަހު ޞަފާއާއި މަރުވާއާ ދެމެދު ހަތްފަހަރު ހިނގާނީއެވެ. ދެން އެއަށްފަހު ބޯބޭލުމުން ނުވަތަ ބޯ ކުރުކުރުމުން އިޙްރާމް ކެނޑުނީއެވެ. އިޙްރާމް ބަނުމުން ޙަރާމްވީ ކަންތައް ހުއްދަވީއެވެ. އަންހެނުން ބޯކުރުކުރުމުގެ ބަދަލުގައި އެކަނބަލުންގެ ބޮލުގެ އިސްތަށިގަނޑުން އަނގުލެއްހައި މިންވަރު ބުރިކޮށްލުމުން އިޙްރާމު ކެނޑުނީއެވެ.

(2) ދެވަނަ ޙާލަތަކީ ޙައްޖުގެ މައްސަރު ތަކުގެ ތެރެއިން ދުވަހެއްގައި އިޙްރާމްބަނުމެވެ. ޙައްޖުގެ މައްސަރުތަކަކީ ޝައްވާލު މަހާއި، ޒުލްޤަޢުދާ މަހާއި، ޒުލްޙިއްޖާ މަހުގެ ފުރަތަމަ ދިހަ ދުވަހާއިއެވެ. މިޙާލަތުގައި އިޙްރާމް ބަންނަ މީހާއަށް ތިންގޮތަކުންކުރެ އެއްގޮތަށް އިޙްރާމް ބަނުމުގެ އިޚްތިޔާރު ލިބިގެންވެއެވެ. އެއީ (1) ހަމައެކަނި ޙައްޖަށް އިޙްރާމް ބަނުން. (2) ޢުމްރާއަށް އިޙްރާމް ބަނުން. (3) ޙައްޖާއި ޢުމްރާއާ އެއްކޮށް އިޙްރާމްބަނުން. މިއެވެ. ދެންފަހެ، ހަމައެކަނި ޙައްޖަށް އިޙްރާމް ބަންނަމީހާ އާއި، ޙައްޖާއި ޢުމްރާއާ އެއްކޮށް އިޙްރާމްބަން މީހާއާއި މިދެމީހުންމިބަން އިޙްރާމް ކެނޑޭނީ ޒުލްޙިއްޖާމަހުގެ ދިހަވަނަ ދުވަހުއެވެ. އެއީ ޢަރަފާތުގައި ހުރުމާއި، މުޒުދަލިފާގައި ރޭކުރުމަށްފަހު، މިނާއަށްގޮސް އެދުވަހު ކުރަންޖެހޭ ކަންތައްތަކުގެ ތެރެއިން ބައެއްކަންތައް ކުރުމަށް ފަހުގައެވެ. އިޙްރާމް ބަނުމުން ޙަރާމްވީ ކަންތައްތަކުގެ ތެރެއިން ޖިމާޢުވުން ފިޔަވައި އެހެނިހެން ކަންތައް މިހިސާބުން ހުއްދަވީއެވެ. އަނބިކަނބުލޭގެ ހުއްދަވާނީ ނުވަތަ ފިރިކަލުން ހުއްދަވާނީ ޠަވާފުލް އިފާޟާކޮށް ޞަފާމަރުވާގައި ހިނގުމަށް ފަހުއެވެ. ޙައްޖުމަހުގެ އަށްވަނަދުވަހާއި، ނުވަ ވަނަދުވަހާއި، ދިހަ ވަނަދުވަހާއި، އައްޔާމުއް ތަޝްރީޤުގެ ތިންދުވަހު ޙައްޖުވެރިން ކުރަންޖެހޭ ކަންތައްތަކުގެ ވާހަކަ އަދި ފަހުން އަންނަހުއްޓެވެ. އަދި މިއަށްވުރެ ތަފްޞީލުކޮށް ލިޔެފައި ހުންނަ ފޮތްފޮތުން އުނގެނުން ހުއްޓެވެ.

ދެންފަހެ އިސްވެދިޔަ ދެވަނަޙާލަތުގެ ދެވަނަ ނަމްބަރުގައިވާގޮތަށް އިޙްރާމް ބަންނަމީހާ ދަންނައެވެ! އޭނާ ޙައްޖުވާނަމަ އެކުރަނީ ޙައްޖު ތަމައްތުޢުއެވެ. ދިވެހިރާއްޖެއިން ޙައްޖަށް ދާމީހުން ޢާއްމުގޮތެއްގައި ކުރަނީ ޙައްޖު ތަމައްތުޢުއެވެ. ޙައްޖު ތަމައްތުޢު ކުރާގޮތަކީ ޙައްޖުގެ މައްސަރު ތަކުގެ ތެރެއިން ދުވަހެއްގައި މީޤާތުން ޢުމްރާއަށް އިޙްރާމް ބަނުމެވެ. ދެންއިސްވެ ބަޔާންކުރެވުނު ފަދައިން ޢުމްރާގެ އަޅުކަން ނިންމައި ޙަލާލުވާނީއެވެ. މިޙާލަތުގައި، ޢުމްރާގެ އަޅުކަން އަދާކޮށް ނިމުމަށްފަހު، ޙަލާލުވެގެން މައްކާގައި ހުންނާނީއެވެ. ޙަލާލުވުމޭ ބުނެވުނު ބަހުގެ މާނައަކީ އިޙްރާމް ބަނުމުން ޙަރާމްވީ ކަންތަކުން ޙަލާލުވުމެވެ. މިމޭރުމުން މާތްވެގެންވާ މައްކާގައި ހުރެފައި ޒުލްޙިއްޖާމަހުގެ އަށްވަނަ ދުވަހު ޙައްޖަށް އިޙްރާމް ބަންނާނީއެވެ. ޙައްޖަށް އިޙްރާމް ބަންނާނީ އެމީހަކުއެހުރި ހޮޓަލެއްގައެވެ. ނުވަތަ އެހުރި ގެއެއްގައެވެ. މިޙާލަތުގައި ޙައްޖަށް އިޙްރާމްބަނުމަށް މީޤާތަށް ދާކަށްނުޖެހޭނެއެވެ. ޙައްޖުމަހުގެ އަށްވަނަދުވަހު އިޙްރާމް ބަދެގެން މިނާއަށް ދާނީއެވެ. އެދުވަހު މިނާއަށް ދާދިޔުމަކީ ޙައްޖުގެ ސުންނަތް ކަންތަކުގެ ތެރޭގައި ހިމެނޭކަމެކެވެ. މިނާގައި ނަމާދު ކުރާނީ ކޮންމެ ނަމާދެންމެ އެނަމާދެއްގެ ވަގުތުގައި ހަތަރު ރަކްޢަތްނަމާދު ޤަޞްރުކޮށެވެ. އެބަހީ ހަތަރު ރަކްޢަތް ނަމާދު ދެރަކްޢަތުންނެވެ. ދެން ޙައްޖުމަހުގެ ނުވަ ވަނަދުވަހު ފަތިސްނަމާދުކޮށްގެން ޢަރަފާތަށްދާން ނިކުންނާނީއެވެ. ޢަރަފާތުގެ އަޅުކަން ފެށޭނީ މެންދުރުވުމުންނެވެ. އެހިނދު، މެންދުރު ނަމާދާއި ޢަޞްރު ނަމާދު ޤަޞްރުކޮށް، ޖަމްޢުކޮށް ކުރުމަށްފަހު ދުޢާކުރުމުގައި ދެމިހުންނާނީއެވެ. ޢަރަފާތުން ނިކުތުން ހުއްދަވާނީ އެދުވަހުގެ އިރުއޮއްސުމުންނެވެ. ޢަރަފާތުގައި ހުންނަހުރުމަކީ ޙައްޖުގެ ރުކުންތަކުގެ ތެރޭގައި ހިމެނޭކަމެކެވެ. ޙައްޖުގެ ރުކުނެއް ފާއިތުވެއްޖެނަމަ ޙައްޖުފާއިތުވީއެވެ. ޙައްޖުގެ ވާޖިބެއް އެޅިއްޖެނަމަ ކައްފާރާދޭނީއެވެ. ޙައްޖުގެ ރުކުނާއި ވާޖިބު ތަފާތުވެގެންވެއެވެ. ވާޖިބެއް އެޅިއްޖެނަމަ ކައްފާރާ ދިނުމުންއެކަން ހަމަޖެހޭނެއެވެ. ކޮންމެއަކަސް ނުވަ ވަނަދުވަހު ޢަރަފާތުގައި ހުރުމަށްފަހު ޙައްޖުގެ އަޅުކަމުގެ ތެރެއިން ދެންއޮތްބައި ފުރިހަމަކުރާނީއެވެ. އެހެންކަމުން ނުވަ ވަނަދުވަހާއި، ދިހަވަނަދުވަހާއި، އައްޔާމުއް ތަޝްރީޤުގެ ތިންދުވަހު ޙައްޖުވެރިޔާ ކުރަންޖެހޭ ކަންތައްތައް އުނގެނި ދެނެގަތުން ވާޖިބުވެގެންވެއެވެ. ޙައްޖު ތަމައްތުޢު ކުރާމީހާގެ މައްޗަށް ބަކަރި ކަތިލުން ވާޖިބުވާނެއެވެ. އެކަމަށް ކުޅަދާނަ ނުވާމީހާ ދިހަދުވަހު ރޯދަ ހިފަންޖެހޭނެއެވެ. އެއީ ޙައްޖުގައި ތިންދުވަހެވެ. އެނބުރިރަށަށް އައުމަށްފަހު ހަތްދުވަހެވެ. މުޅިއެކު ފުރިހަމަ ދިހަދުވަހެވެ.

ޢުމްރާއަށް ޙައްޖަށް އިޙްރާމް ބަނުމުން ޙަރާމްވާ ކަންތައްތަކަކީ (1) ހަށިގަނޑުގެ އެއްވެސް ތަނަކުން އިސްތަށިބޭލުން ނުވަތަ އިސްތަށިގަނޑު ކުރުކުރުން ނުވަތަ އިސްތަށި އުފުރުން. (2) ނިޔަފަތި ކެނޑުން ނުވަތަ ނިޔަފަތި އުފުރުން. (3) މީރުވަސްދުވާ ބާވަތުގެ އެއްވެސް އެއްޗެއް ހަށިގަނޑުގައި ނުވަތަ ފޭރާމުގައިލުން. އިޙްރާމް ބަނުމުގެ ކުރީގައި އިޙްރާމް ބަނުމަށްޓަކައި ހަށިގަނޑުގައި ހުވަނދުލުން ހުއްދައެވެ. އެކަމަކު އިޙްރާމް ބަނުމުގެ ކުރީގައި ކަމަށްވިޔަސް އިޙްރާމް ހެދުމުގައި ހުވަނދުލުންފަދަ މީރުވަސްދުވާ އެއްވެސް އެއްޗެއް ލައިގެނެއްނުވާނެއެވެ. (4) ފަހާފައި ހުންނަހެދުން ފިރިހެނުންލުން. (5) ފިރިހެނުން ބޫޓަށް އެރުންފަދަ ފައިތިލަ ނިވާވެފައި ހުންނަ ބާވަތުގެ ފައިވާނަށް އެރުން. (6) މޫނު ނިވާކުރުން. އިޙްރާމް ބަދެގެންއިންނަ އަންހެނާ، މޫނު ނިވާކުރުމަށްޓަކައި ފަހާފައިހުންނަ ބުރުގާފަދަ އެއްޗަކުން މޫނުނިވާކުރުން. އަންހެނާގެ ބޯނިވާކުރަން އަޅާބުރުގާފަދަ އެއްޗަކުން ކޮންމެހެން ބޭނުމެއް ޖެހިއްޖެ ޙާލަތެއްގައި (އެބަހީ: ހިލޭފިރިހެނުންގެ ގާތުގައިނަމަ) އެކަނބުލޭގެމޫނު ނިވާކޮށްލުން ޖާއިޒުވެގެންވެއެވެ. (7) އަތްތިލަ ނިވާކުރުމަށްޓަކައި އަތުއުރަފަދަތަކެތި ބޭނުންކުރުމަކީ މަނާކަމެކެވެ. ނަމަވެސް ހެދުމުން، ނުވަތަ އަޅައިގެން ހުރިބުރުގާއަކުން އަތްތިލަ ނިވާކޮށްލުން ޖާއިޒުވެގެންވެއެވެ. (8) ޖިމާޢުވުން. (9) ނުބައި ވާހަކަދެއްކުމާއި އަރާރުންވުން. (10)ފިރިހެނުން ބޯނިވާކުރުން. (11) އެއްގަމު ޝިކާރަކުރުން. (12) ކައިވެނިކުރުން. (13) ޝަހުވަތްތެރި ކަމާއެކު އަނބި ކަނބުލޭގެ ގައިގައިބީހުން. (14) ޙަރަމްގެ އިމުގެތެރޭގައި ހުންނަ ގަސްކެނޑުމާއި ރޯވިނަ އުފުރުމަކީ އިޙްރާމުގައި ތިބޭމީހުންނާއި އެނޫން މީހުންގެ މައްޗަށްވެސް ޙަރާމްވެގެންވާ ކަމެކެވެ. (މިނާއާއި މުޒްދަލިފާއަކީ ޙަރަމުގެ އިމުތެރޭގައި ހިމެނޭ ތަންތަނެވެ. ޢަރަފާތަކީ ޙަރަމުގެ ޙުދޫދުގެ ތެރޭގައި ހިމެނޭ ތަނެއްނޫނެވެ.) މީހުންގެ އަތުން ވެއްޓިފައި ހުންނަތަކެތި ހޮވާހެދުމަކީ ޙަރަމްފުޅުގެ ތެރޭގައި ޙަރާމްކަމެކެވެ. ވެރިފަރާތަށް ރައްދުކުރުމަށްޓަކައި އެފަދަތަކެތި ހޮވުމަކީ ހުއްދަކަމެކެވެ. މިޒަމާނުގައި އެފަދަތަކެތި ބަލައިގަންނަ އޮފީސް ޙަރަމްފުޅުގެ ތެރޭގައި ހުރެއެވެ. ގެއްލުން އެއްޗެއް ސިފަކޮށް ދިނުމުން އެއޮފީހަކަށް އެއެއްޗެއް ލިބިފައިވާނަމަ އޭގެ ވެރިފަރާތަށް އެއެއްޗެއް ލިބޭނެއެވެ.

އިޙްރާމް ބަދެގެންހުންނަ މީހާ ފެންވެރުމަކީ ހުއްދަކަމެކެވެ. އިޙްރާމްހެދުން ދާވެއްޖެނަމަ ހެދުންބަދަލު ކޮށްލުމަކީ ހުއްދަކަމެކެވެ. ބަދަލުގައި ބޭނުންކުރާ ހެދުމަކީވެސް އިޙްރާމް ބަނުމަށް ހުއްދަވެގެންވާ ހެދުމަކަށްވާން ޖެހޭނެއެވެ.

ޙައިޟުވެރިޔާއާއި ނިފާސްވެރިޔާއަށްވެސް އިޙްރާމް ބަދެވޭނެއެވެ. އެކަނބަލުން ޢަމަލުކުރާނެ މަގަކީ ފެންވަރާ ސާފުތާހިރުވެގެން އިޙްރާމްހެދުން އަޅާނީއެވެ. މީޤާތުން ނިޔަތްގަންނާނީއެވެ. ނަމާދުކުރުން ޙަރާމްވެގެންވާ ފަދައިން ގެފުޅުގައި ޠަވާފުކުރުންވެސް އެކަނބަލުންނަށް ޙަރާމްވެގެންވެއެވެ. އެހެންކަމުން މައްކާއަށް ވާޞިލުވުމުން އެކަނބަލުން ހިނައިޠާހިރުވެވެންދެން މައްކާގައި ތިބޭނީއެވެ. ހިނައިޠާހިރުވެވުމުން ޠަވާފު ކުރާނީއެވެ. ޢަރަފާތުގައި ތިބުމާއި، މުޒްދަލިފާގައި ރޭކުރުމާއި، މިނާގައި ރޭކުރުމާއި، ޖަމްރާއަށް ހިލައުކުމާއި މިހުރިހައި ކަމެއްވެސް އެކަނބަލުންނަށް ކުރެވޭނެއެވެ. ނުކުރެވޭނެކަމަކީ ނަމާދު ކުރުމާއި ޠަވާފު ކުރުމެވެ. މިކަންކަން ކުރެވޭނީ ހިނައި ޠާހިރުވެވުނު އިރަކުންނެވެ. ހިނައިޠާހިރުވެވޭނީ ޕީރިއަޑުގެ ކަންތައް ނިމުނީމައެވެ.

ޙައްޖާއި ޢުމްރާއާ ބެހޭގޮތުން އިސްވެދިޔަ ޙުކުމްތަކާއި މިޙުކުމްތަކާ ގުޅިފައި ހުންނަ ޙުކުމްތައް، މިއަށްވުރެ ތަފްޞީލްކޮށް ލިޔެފައި ހުންނަ ފޮތްފޮތުން އުނގެނި ދަސްކުރުން ހުއްޓެވެ. މިލިޔުމުގައި މިވަނީ ހަމައެކަނި އައުޓުލައިނެކެވެ. މިއަކީ މިއަޅުކަމުގައި ފުދޭމިންވަރެއްނޫނެވެ. ތަފްސީލު ބޭނުންވެގެންވެއެވެ.

ދަންނައެ! ޙައްޖުމަހުގެ 9ވަނަދުވަހަކީ ޢަރަފާތް ދުވަހެވެ. ޙައްޖަށް ނުދާމީހުން އެދުވަހު ރޯދަ ހިފުމަކީ މުހިއްމު ކަމެކެވެ. ޔަޢްނީ އެދުވަހު ރޯދަ ހިފުމަކީ ސުއްނަތް އަޅުކަމެކެވެ. ޙައްޖުވެރީން ޢަރަފާތުގައި ތިބޭއިރު ރޯދަހިފުމެއްނޯވެއެވެ. ކީރިތި ރަސޫލާ ސައްލަﷲ ޢަލައިހި ވަސައްލަމަ ޢަރަފާތުގައި ހުންނަވައި ރޯދަފުޅު ހިއްޕެވިކަމެއް ސާބިތެއްނުވެއެވެ. ހަމައެފަދައިން އެކަލޭގެފާނުގެ އަރިހުގައި ތިއްބެވި އަޞްޙާބު ބޭކަލުންވެސްމެއެވެ. ދިވެހިރާއްޖެއިން ޙައްޖަށްދާ މީހުންގެ ތެރެއިން ބައެއްމީހުން ޢަފަރާތް ދުވަހު ޢަރަފާތުގައި ރޯދައަށް ތިބެއެވެ. އެކަމަކު އެއީ ސާބިތުވާ ކަމެއްނޫނެވެ. އެދުވަހުގެ މުހިއްމު އަޅުކަމަކީ މެންދުރުވުމުން މެންދުރު ނަމާދާއި ޢަޞްރުނަމާދާއި ޤަޞްރު، ޖަމްޢު ކުރުމަށްފަހު ދުޢާ ކުރުމުގައި ދެމިތިބުމެވެ.

ބައެއް ޙައްޖުވެރިން ޢަރަފާތުގައި ތިބޭއިރު، ބާޠިލުޢަޤީދާއެއްގެ މައްޗަށް ބިނާކޮށް ޢަރަފާތު ބިމުގައި ހިލަ ވަޅުލާހަދާވެސްމެއެވެ. އެއީ ބިދްޢައެކެވެ. ބިދްޢައިން ރައްކައުތެރިވުން ހުއްޓެވެ.

ޙައްޖުމަހުގެ ނުވަވަނަދުވަހަކީ ޢަރަފާތް ދުވަހެވެ. ޢަރަފާތުގައި ހުރުމަކީ ޙައްޖުވުމުގެ ރުކުންތަކުގެ ތެރެއިން ރުކުނެކެވެ. ޢަރަފާތުގައި ހުރުން ފާއިތުވެއްޖެ މީހަކަށް އެއަހަރަކު ޙައްޖެއް ނުލިބޭނެއެވެ. ޢަރަފާތުގައި ހުރުމުގެ ފުރިހަމަ ވަގުތަކީ އެދުވަހުގެ މެންދުރުން ފެށިގެން އެދުވަހުގެ އިރުއޮއްސިއްޖައުމަށް ދާންދެންނެވެ. އިރުއޮއްސުމުގެ ކުރީގައި ޢަރަފާތުން ނިކުތުމަކީ ދީނުގައި މަނާކަމެކެވެ. އިރުއޮއްސުމުން ޢަރަފާތުން ނިކުތީމާ ރޭގަނޑުން ބައެއްވެސް ޢަރަފާތުގައި ލިބުނީއެވެ. ކޮންމެއަކަސް ޢުޛުރެއް މެދުވެރިވުމުން އިސްވެދިޔަ ވަގުތުގައި ޢަރަފާތުގައި ނުހުރެވުނުމީހާ އެރޭގެ (ޔަޢްނީ: ޢަރަފާތް ދުވަހުގެ ރޭގަނޑުގެ) ފަތިހު ފަޖްރުއްޞާދިގުގެއަލިކަން ފާޅުވުމުގެ ކުރީގައި ޢަރަފާތުގައި މަޑުކޮށްލެވުނުނަމަ ޢަރަފާތް ލިބުނު މީހެއްކަމުގައި ބެލެވޭނެއެވެ.

ޢަރަފާތް ދުވަހު މެންދުރުވުމުން އިމާންމީހާ ދުވަހާ އެކަށީގެންވާ ޚުޠުބާއެއް ވިދާޅުވެ މީސްތަކުންނާ މުޚާޠަބު ކުރެއްވުމަކީ ސުއްނަތް ވެގެންވާ ކަމެކެވެ. އެއަށްފަހު މެންދުރުނަމާދާއި ޢަޞްރުނަމާދު ޤަޞްރުކޮށް ޖަމްޢުކުރާނީއެވެ. މެންދުރު ނަމާދަށް ބަންގިއާއި ޤަމަތްދޭންވާނެއެވެ. ސަލާމް ދިނުމަށްފަހު ޢަޞްރުނަމާދަށް ޤަމަތްދޭންވާނެއެވެ. ދެން އިރުއޮއްސިއްޖައުމަށް ދާންދެން ދުޢާކުރުމުގައި ދެމިތިބޭނީއެވެ. އެދުވަހު ކުރުން ޚާއްޞަވެގެންވާ ދުޢާތައް ދުޢާފޮތްފޮތުގައި ހުންނާނެއެވެ. ތަކްރާރުކޮށް ދުޢާކުރުން ހުއްޓެވެ. ގިނަގިނައިން ފާފަފުއްސެވުންއެދި ކީރިތިވަންތަ ﷲގެ ޙަޟްރަތަށް ދެންނެވުން ހުއްޓެވެ. ގިނަގިނައިން ޞަލަވާތް ކިޔެވުން ހުއްޓެވެ. ގިނަގިނައިން ޤުރްއާން ކިޔެވުން ހުއްޓެވެ. ތަޥްބާވުން ހުއްޓެވެ. ޢަރަފާތް ދުވަހަށްވުރެ ގިނައިން މީސްތަކުން ނަރަކައިން މުއްތިކޮށްދެއްވާ އެހެންދުވަހެއް ނުވާކަމަށް ޞައްޙަ ޙަދީޘުން ސާބިތުވެއެވެ. ބަދްރު ހަނގުރާމައިގެ ދުވަސްފިޔަވައި ޝައިޠާނާ އެންމެބޮޑަށް ނިކަމެތި ވެގެންދާ ދުވަހަކީވެސް ޢަރަފާތްދުވަހެވެ.

އެދުވަހު އިރު އޮއްސުމަށްފަހު ޢަރަފާތުން ނިކުންނާނީ މަޣްރިބުނަމާދު ނުކޮށެވެ. މުޒްދަލިފާއަށް ދެވުމުން މަޣްރިބްނަމާދު ތިންރަކްޢަތުން ޢިޝާނަމާދު ދެރަކްޢަތުން މިދެނަމާދު ޖަމްޢުކޮށް ކުރާނީއެވެ. މުޒްދަލިފާގައި އެންމެ ފުރަތަމަ ކުރާނީ ނަމާދެވެ. ހިލަހޮވާނީ ނަމާދަށްފަހުއެވެ. މުޒްދަލިފާގައި ރޭކުރުމަކީ ޙައްޖުގެ ވާޖިބެކެވެ. ވާޖިބެއް އެޅިއްޖެއްޔާ ފިދްޔަދޭންޖެހޭނެއެވެ. އެއީ ބަކަރިއެއް ކަތިލުން ނުވަތަ ތިންދުވަހު ރޯދަ ހިފުން ނުވަތަ ހަ މިސްކީނުންނަށް ކޮންމެ މީހަކަށް ޞާޢެއްގެ ދެބައިކުޅަ އެއްބައިގެ މިންވަރު ކާންދިނުމެވެ. ޙައްޖުވެރިން މުޒްދަލިފާގެ ރޭގައި ރޭކުރާނީ މުޒްދަލިފާގައެވެ. ބަލިކަށިމީހުން ރޭގަނޑުގެ ފަހުބައިގައި މިނާއަށް ރުޖޫޢުވުން ޖާއިޒުވެގެންވެއެވެ. އެނޫންމީހުން ފަތިސްނަމާދު ކުރާނީ މުޒަދަލިފާގައެވެ. އެއަށްފަހު ދުޢާކުރުމުގައި ދެމިތިބޭނީއެވެ.

އިރަށްދޮންވެ އިރުއަރަން ކައިރިވުމުން މިނާއަށް ދަތުރުފަށާނީ އިރުއެރުމުގެ ކުރީގައެވެ. ޙައްޖަށް އިޙްރާމް ބަދެގެން ކިޔަންފެށި ތަލްބިޔާ ނިމޭހުށީ ޖަމްރަތުލް ޢަޤަބާއާ ހަމައަށް ދެވުމުންނެވެ. އެދުވަހު ޔަޢްނީ ޢީދުދުވަހު މުޒްދަލިފާއިން މިނާއަށް އައުމަށްފަހު ކުރަންޖެހޭ ކަންތައްތަކަކީ

(1) ޖަމްރަތުލް ޢަޤަބާއަށް ހިލައުކުން.

(2) ކަތިލުން.

(3) ބޯބޭލުން ނުވަތަ ބޯކުރުކުރުން. (އަންހެނުން އެކަނބަލުންގެ އިސްތަށިގަނޑުގެ ނިމޭހިސާބުން އަގުލެއްގެ މިންވަރު ބުރިކޮށްލާނީއެވެ.)

(4) ޠަވާފުލް އިފާޟާކުރުމާއި ސަޢްޔުކުރުން. މިއެވެ.

މިކަންތައް މިމަގުން ތަރުތީބު ކުރުން ސުންނަތް ވެގެންވެއެވެ. ނަމަވެސް މިކަންކަން މިމަގުންނޫން ގޮތަކަށް އިސްފަސްކުރުމަކީ ހުއްދަކަމެކެވެ. ހިލައުކުމާއި، ބޯބޭލުން ނުވަތަ ބޯކުރުކުރުމާއި، ސަޢްޔުކުރުމާއެކު ޠަވާފުލް އިފާޟާ ކުރުމާއި، މިތިން ކަންތަކުގެ ތެރެއިން ފުރަތަމަ ބުނެވުނު ދެކަންތައް ކުރުމުން ފުރަތަމަ ޙަލާލު ވެވުނީއެވެ. އެބަހީ ޙައްޖަށް އިޙްރާމްބަނުމުން ޙަރާމްވީ ކަންތަކުގެ ތެރެއިން އަނބިމީހާ ފިޔަވައި އެހެނިހެން ކަންތައް ޙަލާލުވީއެވެ. އަނބިމީހާ ޙަލާލުވާނީ މިތިންކަންތައް ފުރިހަމަ ކުރުމުންނެވެ. ޢީދުދުވަހު މިކަންތައްތައް ނުކުރެވުނުމީހާ އައްޔާމުއްތަޝްރީޤުގެ ތިންދުވަހުގެ ތެރޭގައި މިކަންތައް ކޮށްނިންމާނީއެވެ. ޢުޒުރުވެރިވެއްޖެނަމަ އުޒުރު ފިލައިދިޔަ ދުވަހަކުންނެވެ. ކަތިލުންވެސް ހަމަމިފަދައެވެ. އައްޔާމުއް ތަޝްރީޤުގެ ތިންދުވަހުންކުރެ ކޮންމެ ދުވަހަކު ތިންޖަމްރާއަށް ހިލައުކުމާއި މިނާގައި ރޭކުރަން ޖެހޭނެއެވެ. ހިލައުކަންވާނީ މެންދުރުވުމަށް ފަހުގައެވެ. މިނާގައި ތިންދުވަހު ނުތިބެ ދެދުވަހުތިބުމަކީ ކުށެއްނޫނެވެ. މިނާގައިތިބޭ ތިބުމަކީ ﷲހަނދުމަ ކުރުމަށްތިބޭ ތިބުމެކެވެ.

އިސްވެދިޔަ ކަންތައް އިސްވެދިޔަ ފަދައިން ކުރުމުން ޙައްޖުނިމުނީއެވެ. ޙައްޖުވެރިންނާއި އެނޫންމީހުން ޒަމްޒަމްފެން ބުއިމަކީ ސުއްނަތް ވެގެންވާކަމެކެވެ. އެއީ ފައިދާހުރި ބުއިމެކެވެ. އެއީކޮންމެ ބަލިމަޑުކަމަކަށް ޝިފާލިބޭ ކަމެކެވެ. ޙައްޖުވެރިޔާ ރަށަށް އެނބުރި އައުމުގެކުރީގައި އަލްމަސްޖިދުއްނަބަވީއަށް ޒިޔާރަތް ކުރުމަކީ އެދެވިގެންވާ ކަމެކެވެ. ޙައްޖުގެ އަޅުކަމާބެހޭ ޙުކުމްތައް މިއަށްވުރެ ތަފްޞީލުކޮށް ލިޔެފައި ހުންނަފޮތްފޮތުން އުނގެނުން ހުއްޓެވެ. އެޙައްޖުގައި ކުށެއްއެކުލެވިގެންނުވާ ގޮތުގެމަތީން މަބްރޫރު ޙައްޖެއް ވެއްޖެމީހާއަށް ސުވަރުގެ ހުރިކަމުގެ އުފާވެރި ޚަބަރު އަހަރުމެންގެ މާތްނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ މިއުއްމަތަށް ދެއްވާފައިވެއެވެ. ޙައްޖުވެރިޔާ މާތްވެގެންވާ މައްކާގައި އެންމެފަހުން ކުރަންޖެހޭކަމަކީ ޠަވާފުލްވަދާޢުއެވެ. އާދެ! ވަދާޢުގެ ޠަވާފެވެ.
އަޞްލު: ދިނީ ނިއުސް.ކޮމް

Read more...