Showing posts with label ޖާހިލުކަން. Show all posts
Showing posts with label ޖާހިލުކަން. Show all posts

21 December 2011

ޢިލްމާއި، ޢިލްމުގެ އަހުލުވެރިންގެ މާތްކަން

އަލްއަޚް ބިލާލް ޢަބްދުއްސައްތާރު
الحمد لله الذي أوضح لنا سبيل الهداية، وأزاح عن بصائرنا ظلمة الغواية، والصلاة والسلام على النبي المصطفى والرسول المجتبى، المبعوث رحمة للعالمين، وقدوة للسالكين، وعلى آله وصحبه ومن تبعهم بإحسان إلى يوم الدين

ހަމަކަށަވަރުން ޢިލްމު އުނގެނުމަކީ ﷲ ސުބްޙާނަހު ވަތަޢާލާއަށް ވެވޭ ބިރުވެތި ކަމެކެވެ. އެއީ އަޅުކަމެކެވެ. އަދި ޢިލްމު ދިރާސާ ކުރުމަކީ ތަސްބީޙައެކެވެ. ޢިލްމު ހޯދާ އެ ޢިލްމު ލިބިގަތުމައްޓަކައި މަސައްކަތްކުރުމަކީ ޖިހާދެކެވެ. އެހެންމީހުނަށް އެ ޢިލްމު އުނގަންނާދިނުމަކީ ޞަދަޤާތެކެވެ. އަދި ޢިލްމަކީ އެކަނިވާ ވަގުތު މީހާގެ އެކަނި ފިލުވާދޭ އެކުވެރިޔާވެސްމެވެ. ބާއްޖަވެރިކަމާއި ކާމިޔާބަށް މަގުދައްކާދޭ ނޫރެއެއްވެސް މެއެވެ. ދަތިއުނދަގޫ ހާލަތެއްގައި ނަމަ އެހީތެރިޔާއެވެ. ނިޢުމަތުގެ ގޮވަތި ސުވަރުގެއަށް މަގުދައްކާދޭ ޢަލާމާތެއްވެސް މެއެވެ.

ޢިލްމުގެ ސަބަބުން ﷲ ތަޢާލާ މީސްތަކުން މަތިވެރިކުރައްވައެވެ. ހެޔޮކަމަށް މަގު ދައްކާ އިމާމުންކަމުގައި ޢިލްމުވެރިން ވެގެންދެއެވެ. އަދި އެއީ މީސްތަކުން އެމީހުންގެ ކިބައިން ނަމޫނާ ލިބިގަންނަންތިބި މީހުންނެވެ. ޢިލްމުވެރިންނާއި އެކުގައިވުމަށް ﷲތަޢާލާގެ މާލާއިކަތުން ލޯބިކުރައްވައެވެ. އަދި އެ މަލާއިކަތުންގެ ފިޔަތަކުން ޢިލްމުވެރިން ވަށާލައެވެ. ޢިލްމުގެ އަހުލުވެރިންނަށްޓަކައި ކައުނުގައިވާހާ ތަކެއްޗެއް އިސްތިޣްފާރުކުރެއެވެ. ކަނޑުގައިވާ މަސްތަކާއި އެއްގަމުގައިވާ ނަޢަމްސޫފިތަކާއި އުޑާއި އެ އުޑުގައިވާ ތަރިތަކަށް ދާންދެނެވެ. ﷲ ތަޢާލާ ގެ ވަޙި ބަސްފުޅުގައި ވެއެވެ. ” يَرْفَعِ اللَّهُ الَّذِينَ آمَنُوا مِنكُمْ وَالَّذِينَ أُوتُوا الْعِلْمَ دَرَجَاتٍ وَاللَّهُ بِمَا تَعْمَلُونَ خَبِيرٌ ” (މުޖާދަލާ 11 ) . މާނަ : ” ތިޔަބައިމީހުންގެ ތެރެއިން އީމާންވީ މީސްތަކުން ﷲ ތަޢާލަ މަތިވެރިކުރެއްވިއެވެ. އަދި ޢިލްމު ދެއްވި މީހުން ދަރަޖަތަކަށް އުފުއްލެއްވިއެވެ. “
ދަންނާށެވެ. އަނދިރިކަމުން މީސްތަކުންގެ ހިތްތަކަށް ދިރުންގެނެސްދެނީ ޢިލްމެވެ. ބަލިކަށިވެފާވާ ހިތްތަކަށް އާރޯކަން ގެނެސްދެނީވެސް ޢިލްމެވެ. ޢިލުމުގެ ސަބަބުން މީސްތަކުން މަތިވެރިވެގެންވާ ދަރަޖަތަކަށް އުފުލިގެންދެއެވެ. ޢަމަލުތަކުގެ އިމާމަކީ ޢިލްމެވެ. ޢަމަލުތައް ތަބަޢުވަނީ ޢިލްމަށެވެ. ބާއްޖަވެރިކަން ގެނެސްދީ ހިތާމަވެރިކަމުން މީހާ ދުރުކޮށްދޭ އެއްޗަކީ ޢިލްމެވެ.

އަބުއްދަރުދާއު ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ހަދީސްފުޅުކުރައްވަނިކޮށް ތިމަންނާ އަޑުއެހީމެވެ. ” مَن سَلَكَ طَرِيقًا يَلتَمِسُ فِيهِ عِلمًاً سَهَّلَ الله لَهُ طَرِيقًا إِلى الجَنَّة، وإنَّ المَلائِكَةَ لَتَضَعَ أَجنِحَتِهَا لِطَالِبِ العِلمِ رِضًا بِماَ يَصنَع. وإنَّ العَالِم لَيَستَغفِرُ لَه مَنْ فِى السَمَوات ومَن فِى الأَرضِ حَتَّى الحِيتَانُ فِى المَاء، وفَضلُ العَالِم عَلَى العَابِد كَفَضلِ القَمَرِ عَلى سَائِرِ الكَوَاكِبِ. وَإِنَّ العُلَمَاءُ وَرَثَةُ الأَنبِيَاءِ. وَإِنَّ الأَنبِيَاءَ لَم يُوَرِّثُوا دِينَارًا وَلاَ دِرُهَمًا، وَإِنَّمَا وَرَّثُوا العِلمَ، فَمَن أَخَذَه أَخَذَ بِحَظٍّ وَافِر. ” މާނަ : ” ޝަރުޢީ ޢިލްމު ހޯދުމަށް ގަސްތުކޮށް މަގެއްފަހިކޮށްފިމީހާ އަށް ﷲ ތަޢާލާ ސުވަރުގެއަށް މަގު ފަސޭހަކޮށްދެއްވައެވެ. ޢިލްމު އުނގެނޭމީހާ އެ އުނގެނޭ އުނގެނުމާމެދު ރުހިގެންވާހާލު މަލާއިކަތުން ، ޢިލްމުއުނގެނޭމީހާ އަށްޓަކައި އެ މަލާއިކަތުންގެ ފިޔަގަފުޅުތައް ތިރިކޮށްލައްވައެވެ. ހަމަކަށަވަރުންވެސް ޢިލްމުވެރިޔާ އަށް އުޑުތަކާއި ބިމުގައިވާހާތަކެތި އިސްތިޣްފާރުކުރެއެވެ. ކަނޑުގައިވާ މަސްތަކަށް ދާންދެނެވެ. އަދި އަޅުވެރިޔާ ގެ މައްޗަށް ޢިލްމުވެރިޔާ ގެ މަތިވެރިކަމަކީ އުޑުގައިވާ އެހެނިހެން ތަރިތަކުގެ މައްޗަށް ހަނދު މަތިވެރިވެ އުޖާލާވެފާވާ ފަދަ މަތިވެރިކަމެކެވެ. އަދި ހަމަކަށަވަރުން ޢިލްމުވެރިންނަކީ ނަބީބޭކަލުންގެ ވާރުތަވެރިންނެވެ. އަދި ހަމަކަށަވަރުން ނަބީ ބޭކަލުން ވާރުތަކުރެއްވި އެއްޗަކީ ދީނާރާއި ދިރުޙަމު( ރުފިޔާ ފައިސާ) ކަމުގައި ނުވެއެވެ. އެހެނެއްކަމަކު އެބޭކަލުން ވާރުތަކުރެއްވީ ޢިލްމެވެ. އެ ޢިލްމު ލިބިގެންފިމީހާ މަތިވެރިވެގެންވާ ނަސީބެއް ލިބިގެންފިއެވެ. “

ޢިލްމު ދިރާސާކޮށް ޢިލްމު އުނގެނި އުނގަންނާދިނުމުގާ މަޝްޣޫލުވެ އުޅުމަކީ ސުއްނަތް ނަމާދާއި ސުއްނަތް ރޯދައާއި ތަސްބީޙައަށްވުރެ މަތިވެރި ކަމެއްކަމުގައި ވެއެވެ. އެހެނީ ޢިލްމުގެ ފައިދާ ޢިލްމުވެރިޔާ އަށާއި އެހެންމީހުންނަށްވެސް ޢާއްމުވެގެންވެއެވެ. ނަމަވެސް ސުތްނަތްރޯދައާއި ސުއްނަތް ނަމާދު ތަކަކީ އެކަންކުރާމީހާއަށް އެކަނި ހާސިލްވާ ކަމެކެވެ. އަދި ޢިލްމަކީ އެހެނިހެން އަޅުކަންތައް ގޯސްކޮށްކުރެވޭނަމަ އިސްލާހުކޮށްދޭނޭ ވަސީލަތެވެ. އަޅުކަން ރަނގަޅަށް އަދާކުރުމަށްޓަކައި ޢިލްމަށް ބޭނުންވެއެވެ. ޢިލްމުވެރިޔާ ދުނިޔެދޫކުރި ކަމުގައި ވިޔަސް އޭނާ ދޫކުރިޢިލްމުން ދުނިޔޭގައިތިބި މީހުން ފައިދާލިބިގަނެއެވެ. ނަމަވެސް ސުއްނަތްނަމާދުތަކާއި ރޯދަތަކަކީ އެމީހަކު މަރުވެދިޔުމުން އެ ހިސާބުން ނިމިގެންދާ ކަންތައްތަކެވެ. ޢިލްމުވެރިޔާ ދޫކޮށްފާ ދާ ޢިލްމުގެ ސަބަބުން ޝަރީޢަތް ދިރުވާ ދީނުގެ ޝިޢާރުތައް ރައްކާތެރިކުރެވިގެން ދެއެވެ.

ޢަލީ ބުން އަބީތޯލިބު ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. ” ޢިލްމު މުދަލައްވުރެ މާ ހެޔޮކަންބޮޑުވެގެންވެއެވެ. އެހެނީ ޢިލްމު ތިބާ ހިމާޔައްކޮށްދެއެވެ. ނަމަވެސް މުދާ ހިމާޔަތްކޮށްދޭން ޖެހެނީ ތިބާއަށެވެ. ޢިލްމަކީ ތިބާ އެ ހޭދަކޮށް މީސްތަކުންނަށް ފޯރުކޮށްދިންވަރަކުން އިތުރުވެ ތާޒާވާ އެއްޗެކެވެ. ނަމަވެސް މުދާ ހޭދަކުރުމުން މަދުވެގެންދެއެވެ. ޢިލްމަކީ ހާކިމެވެ. ނަމަވެސް މުދަލަކީ އޭގެމައްޗަށް ހުކުމުކުރެވޭ އެއްޗެކެވެ.” ޢިލްމު، ޢިލްމުވެރިޔާ އޭނާ ހައްދަވާގެންގުޅުއްވާ އިލާހަށް ކިޔަމަންތެރިކަން އަދާކުރުމުގެ މަގަށް ގެންދެއެވެ. އަދި ޢިލްމުވެރިޔާ މަރުވެގެން ދިޔުމަށްފަހުގައިވެސް އޭނާ ދޫކޮށްފައި ދިޔަ ޢިލްމެއްގެ ސަބަބުން ދަރުމަ ލިބި ލިބި ހުރެއެވެ.

ޢިލްމުވެރިޔާ މަރުވެގެން ދިޔުމުން ވެސް އޭނާޔާ ޢިލްމު ވަކިނުވެއެވެ. އެ ޢިލްމުގެ ފައިދާ އޭނާއަށް ލިބެމުންދެއެވެ. ނަމަވެސް މުދާވެރިޔާ މަރުވެގެން ދިޔުމުން އޭނާގެ މުދާ އޭނާޔާ ވަކިވެއެވެ. ޢިލްމަކީ އެއަށް ވެރީންނާއި އަދި އެނޫންމީސްތަކުންވެސް ބޭނުންޖެހިފާވާ އެއްޗެކެވެ. ނަމަވެސް މުދާވެރިންގެ ބޭނުންޖެހެނީ، ފަޤީރުންނާއި މަހުރޫމުވެފައިވާމީހުން ނެވެ. އަދި ޢިލްމަކީ ތަވާޟުޢުވެރިކަމަށް މަގުދައްކާއެއްޗެކެވެ. ނަމަވެސް މުދާވެރިކަމަކީ ބޮޑާވެރިމާއި ކިބުރުވެރިކަމަށް މަގުދައްކާ ކަމެކެވެ. ޢިލްމުގެ ސަބަބުން ނިކަމެތި މީހާ ޝަރަފުވެރިމީހަކަށް ބަދަލުކޮށްލައެވެ. އަދި ޝަރަފުވެރިމީހާގެ ޝަރަފުވެރިކަން އިތުރުކޮދެއެވެ.

ޢަޠާއު ބުން ރަބާޙު އަކީ މައްކާގެ އަންހެނެއްގެ އަޅެއްކަމުގައި ވިއެވެ. އެއްފަރެއްގައި ޚަލީފާ ސުލައިމާން ބުން ޢަބްދުލްމަލިކު އެކަލޭގެފާނުގެ ދެ ދަރިކަލުންނާއެކު ވަޑައިގަތެވެ. އަދި އިށީންދެ ވަޑައިގަތެވެ. އޭރު ޢަޠާއު ބުން ރަބާޙު ހުންނެވީ ނަމާދު ކުރައްވާށެވެ. ނަމާދު ކޮށް ނިންމަވާލެއްވުމަށްފަހު އެބޭފުޅުންނާއި ދިމާއަށް ޢަޠާއު ބުން ރަބާޙް އެންބުރިވަޑައިގަތެވެ. އެ ހިނދު ޚަލީފާ ސުލައިމާނު ބުން ޢަބްދުލް މަލިކު އެކަލޭގެފާނާއި ހައްޖުގެ އަޅުކަންތަކާއި ބެހޭގޮތުން ސުވާލުކުރައްވަމުން ގެންދެވިއެވެ. އެއަށްފަހު ސުލައިމާނު ބުން ޢަބްދުލް މަލިކު އެކަލޭގެފަނުގެ ދެ ދަރިންނާ މުޚާތަބު ކުރައްވާ ވިދާޅުވިއެވެ. ތެދުވާށެވެ. ދެން އެ ދެކުދިން ތެދުވިއެވެ. ދެން ވިދާޅުވިއެވެ. އޭ ދެ ދަރިކަލުންނޭވެ. ޢިލްމު އުނގެނުމުގާ ފަރުވާކުޑަކޮށް ވަރުބަލި ނުވާށެވެ. އެހެނީ ތިމަންނަމެން މި އަޅުމީހާގެ ކުރިމަތީގާ ނިކަމެތިވާންޖެހުނު ޖެހުން ތިމަންނާ ހަނދާނެއްނުނެތޭނެއެވެ.

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީސްކުރެއްވި ޞައްޙަ ބަސްފުޅެއްގައި ވެއެވެ. “مَنْ غَدَا إِلَى الْمَسْجِدِ لا يُرِيدُ إِلا أَنْ يَتَعَلَّمَ خَيْرًا أَوْ يُعْلَمَهُ،كَانَ لَهُ كَأَجْرِ حَاجٍّ تَامًّا حِجَّتُهُ” މާނަ: “ދީނުގެ ޢިލްމު އުނގެނުމަށް ނުވަތަ އުނގަންނާދިނުމަށް އެދިގެން މިސްކިތައް ގޮސްއުޅޭ މީހާއަށް ލިބޭ އަޖުރަކީ ފުރިހަމަ ޙައްޖެއް އަދާކުރިމީހާގެ އަޖުރެވެ.”

وأصلي على النبي الأكرم محمد بن عبد الله – صلى الله عليه وسلم – وما كان من صواب فمن الله عز وجل وما كان من خطأ فمني ومن الشيطان
_______________________
www.dhisalafiyyah.net



Read more...

10 October 2011

ޖާހިލު ކަމަކީ ބަނބުކޭލުގެ ކަރުގަނޑުން ދުޅަ ބައްޔަށް ބޭސްކުރާންވެސް ޖެހިދާ ކަމެކޭ

ޙުސައިން ޞަލާޙުއްދީނު ރަޙިމަހުﷲ
ފުވައްމުލަކު ފާމުދޭރި ކިލެގެފާނުންގެ ކަރިއްޔަ މުޙައްމަދު ދީދީ ފެންފުށީ ގަނޑުވަރު ޢަލިދީދީ ވާހަކަ ކިޔައިދެއްވިޔޭ. ބަނބުކޭލަކީ މާއިހަކު މިރާއްޖޭގައި ހުންނަ އެއްޗެއްނޫނޭ. ބަނބުކެޔޮ ގަސް އިންޑިޔާއިން މިރާއްޖެއަށް ފުރަތަމަ ގެންނެވީ، ތިމަންގެ ކާފައި ކަލޭގެފާނުންގެ ބަފައިކަލުންނަށަވި (ކާފަގެ ބައްޕަ) އައްސުލްޠާން މުޙައްމަދު ޣިޔާޘުއްދީން ރަދުންނެވެ. މިރަދުން ބަނބުކެޔޮ ގަސް ގެންނަވައިގެން އެއިގެތެރެއިން ގަހެއް މިރަށު (ޔަޢުނީ ފުވައްމުލަކު) ދޫޑިގަމު އެދުރު މަނިކުފާނަށް ފޮނުއްވައިފިއެވެ. ގަސްގެނައި މީހާ އެދުރު މަނިކުފާނުގެ އަރިހު ދެންނެވި ބަހަކީ ރަދުން ވިދާޅުވިޔޭ. މިއީ ވަރަށް ރަނގަޅު އެއްޗެކޭ. ރަނގަޅު ކާނާއަކަށްވެސް ފުދޭނެޔޭ.
ދެން އެދުރު މަނިކުފާނު މިގަސް ދޫޑިގަމު އެދުރުގޯތީން ބޭރު އިރުމަތީ ފަރާތުގައި އިންދަވައިގެން ރަނގަޅަށް ހެދެމުން އަންނަނިކޮށް އެދުރުމަނިކުފާނަށް ދުޅަބަލީގެ އާލާސްކަންފުޅު ޖެހިއްޖެއެވެ. މިރަށު މީހުންނަކީ އެބަލިދެކެ މާބިރުގަންނަ ބަޔެކެވެ. އެބަލި ޖެހިއްޖެ މީހަކު ލައިއުޅެނީވެސް ވަލަށެވެ. އެކަމަކު އެދުރު މަނިކުފާނުގެ ޖާހު ބޮޑުކަމާއި މީހުންނަށް އެމަނިކުފާނުގެ ބޭނުން ބޮޑުކަމުން ވަލަށްލާން ނުކެރި ގޯތީގެ އިރުމަތީފުޅަފު ކައިރީގައި ކުޑަ ގެޔެއް އަޅައިފައި އެގެޔަށް ލައިގެން އެދުރު މަނިކުފާނުގެ ދަރިވަރުން ދަންފަޅި ބަހައިގެން އެމަނިކުފާނުންގެ އަރިހުގައި އެބައުޅެތޭ. މިދުވަސްވަރު އެއްކަލަ ގަހުން ދިގު އެއްޗެހިތަކެއް ނުކުންނާން ފަށައިފިޔޭ. މިވާހަކަ އެދުރު މަނިކުފާނުންގެ އަރިހުގައި އެބައިމީހުން ދެންނެވީމާ ވިދާޅުވިޔޭ. ކޮބާ ނިކަން ތިޔަ ގެނެސްބަލާށޭ. ދެން އެދުރު މަނިކުފާނުން މިތަކެތި ބައްލަވާފައި މިތަނުން ދެތިން ހަތަރު ތޮޅިއެއް ވަށްފޮއްޗަށް ކޮށައި ފެނު ކައްކައިގެން ކާން އުޅެއުޅެ މިބައިމީހުންގެ އަރުން އެތެރެޔަކަށް މިޔެއް ނުދިޔައެވެ. ދެން އެދުރު މަނިކުފާނު ވިދާޅުވިޔޭ. ތިޔަތަކެތި ދެން އުކާލާށޭ. ކޮންމެއަކަސް ތިޔައަކީ ފަސޭހަގޮތަކުން ކެވޭ އެއްޗަކަށް ނުވީތާޔޭ.

ދެން މިބައިމީހުން މިތަކެތި އުކާލާފާ ތިއްބާ ކުޑަދުވަސްކޮޅަކުން ގަހުގައި މާފަލަ ޒާތުގެ ހަޔެއްކަ އެތި ނުކުމެގެން އެބަހަރަ ބޮޑުވެއެވެ. މިވާހަކަ ދެންނެވީމާ އެދުރު މަނިކުފާނުން ވިދާޅުވިޔޭ އާނއާނ! ތިޔައިގެ މޮޅު އެއްޗަކީ ތިޔަ ނުކުންނަނީ ތޯއްޗެކެވެ. ދޮން ވެގެން ވެއްޓޭންދެން ތިބޭށޭ. މިހެންވެފައި އޮއްވައި އެއްރެޔަކު ދަންވަރު މިގަސްދަށުން ބަންކިޔާފައި އަޑެއް އިވިއްޖެއެވެ. މިތާ ތިބި ދެތިންކުދިން ގަތްބިރުން އެކަކު އަނެކަކަށް އަނގައިންވެސް ނުބުނެ އިރު އަރާންދެން ތިބެއްޖައޫއެވެ. އިރުއެރިފަހުން ގޮސްބެލިއިރު މިއިވުނު އަޑަކީ މިގަހުގަ އިން ބޮޑު އެއްޗެއް ވެއްޓިގެން އައިސް ބިންމަތީގައި ޖެހުނު އަޑުކަމުގައި ވެއްޖެއެވެ. ދެން މިބައިމީހުން މިނަގައިގެން އައިސް އެދުރު މަނިކުފާނަށް ދެއްކީމާ ވިދާޅުވިޔޭ. ވަޅިޔަކުން ފަޅާލަބަލާށޭ. ފަޅާލީމާ ކަރުގަނޑު ދައްކަވާފައި ވިދާޅުވިޔޭ. ކާންވީ އެއްޗަކީ މިއޮތީ ކަމަށޭ ވާނީ ކޮންމެ އެއްޗެއްގެވެސް އެންމެމޮޅުވާނީ އެންމެ އެތެރޭގައި އޮންނަތަނެއް ވިއްޔާއޭ.

ދެން މިކަރުގަނޑު ނަގައިގެން ކުދިކުދިކޮށް ކޮށައިގެން ރާފޮނި އަޅައިގެން ކައްކައިފޫއެވެ. އެދުރު މަނިކުފާނުން މިފަރިއްކުޅުވައިފޫއެވެ. އެރޭ އެދުރުމަނިކުފާނަށް ވީ ގޮތަކީ ނުލާހިކުވަރަށް ބޭރަށްހިންގަވައި ވަޑައިގަތުމެއް އަތުވެއްޖެޔޭ. ދެތިން ދުވަހު ބޭރަށްހިންގާފައި އެދުރު މަނިކުފާނުގެ އާލާސްކަންފުޅު ފަސޭހަވާން ފަށައިފިއެވެ. މިބައިމީހުން އެންމެން ބުނެފޫއޭ. ތިޔަ އެއްޗަކީ ވަރަށްމޮޅު އެއްޗެކޭ. ތިޔައީ ދުޅަބަލީގެ ބޭހެވެ. ދެންމިކަން މިހެން ހިނގިފަހުން އެގަހުގައި އަޅާ އެއްޗަކާ މީހުންނަކު އަޅައެއް ނުލަތެވެ. މިހެން އެތައް ދުވަހެއްވީފަހުން ރަށުގާ ފެންބޮޑުވެ ރަށް ތަދުވެގެން އުޅުނު ދުވަސްވަރެއްގައި މީހުން އެދުރު މަނިކުފާނުގެ އަރިހުގައި ދަންނަވައިފޫއެވެ. މިގަހުން ވެރޭތަކެތި މިތާކު އުޅޭ މުސްކުޅި ދައިތަޔަކު ގެންގޮސްގެން އެގޮތް މިގޮތް ހަދައިގެން ކައިއެބައުޅެޔޭ. އެދައިތާގެ ގޭތެރެ ވަރަށްވެސް ތިޔާގެއެވެ. ދެން އެދުރުމަނިކުފާނު އެދައިތާ ގެންނަވައިގެން އެއްސެވީމާ ދެންނެވިޔޭ. އަޅުގަނޑު އެއްރެޔަކު ފަތިހު ހީކަރުވައިގަނެގެން މިތަންގަނޑެއްގައި އަލިފާންގަނޑެއް ޖަހައިގެން އުޅެނިކޮށް މާމީރު ކާއެއްޗެއްގެ ވަސްދުވާންފެށީމާ ބެލިއިރު އެއީ މިގަހުން ވެއްޓިފައި އޮތް އެއްޗެއް ފިހެވެނީއޭ. އަޅުގަނޑު އޭގެ ރަހަބެލިއިރު ވީ ވަރަށް މީރު ކާއެއްޗަކަށެވެ. ދެން އަޅުގަނޑު އެއްޗެހިތައް ގޭދޮށަށް ގެންގޮސްގެން ފިހެގެން ފެނު ކައްކައިގެން އެގޮތް މިގޮތަށް ކައިއުޅޭތާ ކިތަންމެ ދުވަހެކެވެ.

ދެން އެދައިތާގެ ކިބައިން އެދުރު މަނިކުފާނު ބަނބުކެޔޮ ކެއުމުގެ ގޮތްތައް އައްސަވައި ދަސްފުޅު ކުރައްވައިފިއެވެ. ދެން އެތައް މިތާގައި ބަނބުކެޔޮ ގަސްތައް ހެދި ގިނަވެއްޖެއެވެ. މިހެންވެޔޭ މިބުނީ ޖާހިލުކަމަކީ ބަނބުކެޔޮ ކަރުން ދުޅަބައްޔަށް ބޭސްވެސް ކުރެވޭ ކަމެކެވެ.

Read more...