16 August 2014

ހިނައިގަތުމުގެ ޞިފައާއި އެކަމުގެ ކައިފިއްޔަތު

މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު

ޖުނުބުވެރިކަމުން ހިނައިގަތުމުގައި ދެގޮތެއް ވެއެވެ. އެއީ މުސްތަޙައްބުވެގެންވާ ގޮތާއި، ފުދިގެންވާގޮތެވެ. (كيفية الإجزاء)
މުސްތަޙައްބުވެގެންވާ ގޮތަކީ: ދެއަތްތިލަ ދޮވެލުމާއި، އޭގެފަހުގައި ޢައުރަގުނަވަން ދޮވުމާއި، ޢައުރަގުނަވަނުގައި ޖެހިފައި ހުރި ހަޑިކަމެއް ހުރިހަމަ ފިލުވައިލުމާއި، އޭގެފަހުގައި ނަމާދަށް ވުޟޫކުރާފަދައިން ވުޟޫކުރުމާއި، އޭގެފަހުގައި ބޮލަށް ފެންއެޅުމާއި އެފެން އެޅުމުގައި އަތުން ބޮލުގެ އިސްތަށިތައް ވިނަވައިލުމާއި، އެބަހީ ބޮލުގެ ހަންގަނޑުގައި ރަނގަޅަށް ފެންޖެހެންދެން އަތުގެ އިނގިލިތަކުން އިސްތަށީގެ ބުޑުގައި ޙަރަކާތްކުރުމެވެ. އޭގެފަހުގައި ތިން އަތްގޮށީގެ ފެން ބޮލަށް އޮއްސާލުމެވެ. އޭގެފަހުގައި ހަށިގަނޑުގެ އެހެންތަންތަނަށް ފެން އޮހޮރުވާލުމެވެ. އެއީ ޢާއިޝާ ރަޟިޔަﷲ ޢަންހުގެ ޙަދީޘުގައި މިގޮތަށް އައިސްފައިވާތީއެވެ.

ފުދިގެންވާ ގޮތް: އެއީ ނިޔަތްގަތުމަށްފަހު، މުޅި ހަށިގަނޑުގައި ފެންޖެއްސުމެވެ. އެއީ މައިމޫނާ ރަޟިޔަﷲ ޢަންހާގެ ޙަދީޘުގައި އެގޮތަށް އައިސްފައިވާތީއެވެ. މައިމޫނާ ރަޟިޔަﷲ ޢަންހާ ވިދާޅުވިއެވެ. وَضَعَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ وَضُوءَ الْـجَنَابَةِ فَأَفْرَغَ عَلَى يَدَيْهِ فَغَسَلَهُماَ مَرَّتَيْنِ أَوْ ثَلَاثًا ثُمَّ تَمَضْمَضَ واسْتَنْشَقَ وَغَسَلَ وَجْهَهُ وَذِرَاعَيْهِ ثُمَّ أَفَاضَ الـمَاءَ عَلَى رَأْسِهِ ثُمَّ غَسَلَ جَسَدَهُ فَأَتَيْتُهُ بِالْـمِنْدِيلِ فَلَمْ يُرِدْهاَ وَجَعَلَ يَنْفُضُ الْـمَاءَ بِيَدِهِ [ متفق عليه.‏ رواه البخاري، (249)‏، ومسلم (317)‏.‏]މާނައީ: “ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޖުނުބުވެރިކަމުން ހިނައިގަތުމަށްޓަކައި ފެން ބަހައްޓަވައެވެ. އޭގެފަހުގައި ދެއަތްތިލައަށް ފެންއޮއްސަވައި ދެ އަތްތިލަ ދެފަހަރު ނުވަތަ ތިންފަހަރު ދޮންނެވިއެވެ. އޭގެފަހުގައި އަނގަޔަށް ފެންލައްވައި އަދި ނޭފަތަށްފެން ލެއްވިއެވެ. އަދި މޫނާއި އަތް(ދަނޑި) ދޮންނެވިއެވެ. އޭގެފަހުގައި ބޮލަށް ފެން އޮއްސެވިއެވެ. އޭގެފަހުގައި އެކަލޭގެފާނުގެ ހަށިކޮޅު ދޮންނެވިއެވެ. ދެން ތިމަންނާ ރުމާލެއް ހިފައިގެން އެކަލޭގެފާނުގެ އަރިހަށް އަތުވެއްޖައީމެވެ. އެކަލޭގެފާނު އެ ބޭނުންފުޅުވެވަޑައިނުގަތެވެ. އަދި އެކަލޭގެފާނުގެ ހަށިކޮޅުން، އަތްޕުޅުން ފެން ފުއްސެވިއެވެ.”

އަދި ޢާއިޝާ ރަޟިޔަﷲ ޢަންހާގެ ކިބައިންވެސް މިފަދަ ޙަދީޘެއް އައިސްފައިވެއެވެ. އެ ޙަދީޘްގައިވެއެވެ. ثُمَّ يُخَلِّلُ شَعْرَهُ بِيَدِهِ حَتَّى إِذَا ظَنَّ أَنَّهُ قَدْ رَوَى بَشَرَتَهُ، أَفَاضَ عَلَيْهِ الْـمَاءَ ثَلاَثَ مَرَّاتٍ، ثُمَّ غَسَلَ سَائِرَ جَسَدِهِ ‏.‏ [ متفق عليه.‏ رواه البخاري، (248)‏، ومسلم (316)‏.‏]މާނައީ: “އޭގެ ފަހުގައި އެކަލޭގެފާނުގެ އަތްޕުޅުން އިސްތަށިފުޅު ވިނަވާލައްވައެވެ. ބޮލުގެ ހަންގަނޑު ރަނގަޅަށް ތެތްވެއްޖެކަމަށް ހީކުރާވަރަށެވެ. ތިންފަހަރު ބޮލަށް ފެންއޮއްސަވާލައްވައެވެ. އޭގެފަހުގައި ހަށިގަނޑުގެ ދެންހުރި ބައިތައް ދޮވެލައްވައެވެ.”

ޖުނުބުވެރިކަމުން ހިނައިގަންނައިރު އަންހެނާ އޭނާގެ އިސްތަށިގަނޑު މޮހާލުން ވާޖިބުވެގެންނުވެއެވެ. އެކަމަކު ހައިޟުވެރިކަމުން ހިނައިގަންނައިރު އަންހެނާ އޭނާގެ އިސްތަށިގަނޑު މޮހާލަން ލާޒިމުވާނެއެވެ. އެއީ އުންމު ސަލަމާ ރަޟިޔަﷲ ޢަންހާގެ ޙަދީޘުގައި އައިސްފައިވާތީއެވެ. އުންމު ސަލަމާ ރަޟިޔަﷲ ޢަންހާ ވިދާޅުވިއެވެ. يَا رَسُولَ اللهِ إِنِّي امْرَأَةٌ أَشُدُّ ضَفْرَ رَأْسِي أَفَأَنْقُضُهُ لِغُسْلِ الْجَنَابَةِ فَقَالَ ‏((إِنَّمَا يَكْفِيكِ أَنْ تَحْثِي عَلَيْهِ ثَلاَثَ حَثَيَاتٍ مِنْ مَاءٍ ثُمَّ تُفِيضِينَ عَلَيْكِ مِنَ الْـمَاءِ فَتَطْهُرِيْنَ )) [رواه مسلم برقم 330] މާނައީ: “އޭ ﷲގެ ރަސޫލާއެވެ! ހަމަކަށަވަރުން އަހުރެންނަކީ ބޮލުގެ އިސްތަށިގަނޑުބޯ އަދި އިސްތަށިގަނޑުދިގު އަންހެނަކީމެވެ. ޖުނުބުގެހިނެއިން ހިނައިގަންނައިރު އަހުރެންގެ އިސްތަށިގަނޑު މޮހައިލަންޖެހޭނެތޯއެވެ؟ އެކަލޭގެފާނު ޙަދީޘްފުޅުކުރެއްވިއެވެ. “ހަމަކަށަވަރުން ތިންއަތްގޮށިފެން ތިބާގެ ބޮލަށް އަޅައިލުމުން ތިބާއަށް ފުދޭނެއެވެ. ދެން މުޅިހަށިގަނޑަށް ފެންއޮހޮރުވައިލާށެވެ. ފަހެ އޭރުން ތިބާހުންނާނީ ޠާހިރުވެފައެވެ.”

(ނުނިމޭ)

الفقه الميسر في ضوء الكتاب والسنة
وزارة الشؤون الإسلامية والأوقاف والدعوة والإرشاد- المملكة العربية السعودية

Blog Widget by LinkWithin

No comments:

Post a Comment