31 December 2010

ކީރިތި ޤުރުއާން

އަލްއަޚް މުޙައްމަދު ޝަމްޢޫން
ކީރިތި ޤުރުއާނަކީ މީސްތަކުންނަށް ތެދުމަގު ދެއްކެވުމަށްޓަކައި ޖިބްރީލްގެފާނު މެދުވެރި ކުރައްވަވާ رسول الله صلى الله عليه وسلم އަށް ޢަރަބިބަހުން ބާވައިލެއްވުނު ﷲ سبحانه وتعالىގެ ކަލާމްފުޅެވެ. އެއީ އެންމެ ފަހުން ބާވައިލެއްވުނު ފޮތެވެ. އެފޮތް ބާވައިލެއްވުމުން އޭގެ ކުރީގެ ހުރިހާ ފޮތްތައް މަންސޫޚް ވެއްޖެއެވެ.

ދުނިޔޭގައި އުޅޭއިރު ދިމާވާ ދަތިތަކާއި ވަސްވާސް ތަކުން ސަލާމަތްވާން ބޭނުންކުރެވެން އޮތް ހަތިޔާރަކީ ކީރިތި ޤުރުއާނެވެ. އެއީ ހިތަށް ގެނެސް ގަންނަންވެސް ނޭނގޭހާ ބާރުގަދަ ފޮތެކެވެ. ﷲ سبحانه وتعالى ވަޙީކުރައްވާފައިވާ އާޔަތެއްގެ މާނައިގައި ވެއެވެ. "ތިމަންއިލާހު މި ޤުރުއާން ފަރުބަދައެއްގެ މައްޗަށް ބާވައިލެއްވި ނަމަ، ހަމަ ކަށަވަރުން އެފަރުބަދައެއް ﷲ سبحانه وتعالى އަށް ބިރުވެތި ވުމުގެ ސަބަބުން ކުނޑިކުނޑި ވެގެންތިރިއަށް ފައިބާތީ ކަލެއަށް ފެނުނީހެވެ." މި ދުނިޔެއާއި އަންނަން އޮތް ދުނިޔޭގެ ކާމިޔާބީއަށް މަގު ދައްކައި ދެވޭނެ ހަމައެކަނި އެހީތެރިއަކީ ކީރިތި ޤުރުއާނެވެ.

ކީރިތި ޤުރުއާނަކީ ކިޔެވުން އަޅުކަމެއް ކަމުގައި ލައްވައި ﷲ سبحانه وتعالى ބާވައިލެއްވި ފޮތެކެވެ. ޤުރުއާން ކިޔަވާން ވާނީ ލަސްލަހުން އަކުރުތަކަށް ބަލައިގެންނެވެ. ﷲ سبحانه وتعالى ވަޙީ ކުރައްވަނީ ورتل القرآن ترتيلا މާނައީ ، ޤުރުއާން ކިޔަވާހިނދު އެ ޤުރުއާން ތަޖްވީދުމަގުން އެއަކުރެއްގެ މަޚްރަޖުން އެއަކުރެއް ކިޔާށެވެ.

އަދިވެސް ވަޙީކުރައްވަނީ وَإِذَا قُرِئَ الْقُرْآَنُ فَاسْتَمِعُوا لَهُ وَأَنْصِتُوا لَعَلَّكُمْ تُرْحَمُونَ (الأعراف 204) މާނައީ ޤުރުއާން ކިޔެވޭ ހިނދު މަޑުމައިތިރިވެ އަޑު އަހާށެވެ. އެއީ ތިޔަބައިމީހުންގެ މައްޗަށް ރަޙްމަތް ލެއްވުމަށްޓަކައެވެ.

ވީމާ ލަސްލަހުން އަކުރުތަކަށް ބަލައިގެން ގިނަގިނައިން ޤުރުއާން ކިޔަވައި، ޤުރުއާން ކިޔެވޭ ހިނދު މަޑުމައިތިރިވެ ވާހަކަނުދައްކައި ތިބެމާ ހިނގާށެވެ.

Read more...

29 December 2010

މަންމަ ގާތުން ޒިނޭކުރުމުގެ ހުއްދައަށް އެދުނު އަންހެންކުއްޖާ

އަލްއަޚް ނަބީލް
އަންހެންކުއްޖަކު އޭނާގެ މަންމަ ގާތުން ޒިނޭކުރުމުގެ ހުއްދައަށް އެދުނެވެ. އެހިނދު މަންމަ ނުހަނު ލޯތްބާއި ކުލުނާއެކު އެއީ ދީނީ ގޮތުން ވަރަށް ބޮޑު ޙަރާމްކަމެއްކަމާއި ކިހާވަރެއްގެ ހަޑިމުޑުދާރު ޢަމަލެއްކަން ވިސްނައިދެވޭތޯ މަސައްކަތް ކުރިއެވެ. ނަމަވެސް އަންހެންކުއްޖާ އޭނާގެ ޚިޔާލު ދޫކުރާ ގޮތެއް ނުވިއެވެ. އެންމެ ފަހުން މަންމަ ބުނީ ވަކި ޝަރުތެއްގެ މަތީން ހުއްދަދެވިދާނޭ ކަމުގައެވެ. އެ ޝަރުތަކީ މަންމަ ބުނާ ކަންތައްތަކެއް ކޮށްދިނުން ކަމުގައި ބުންޏެވެ. ދެން އަންހެންކުއްޖާ ވަރަށް އުފަލުން އެކަމާ ޤަބޫލުވެ ކޮށްދޭންވީ ކޮން ކަމެއްތޯ ސުވާލުކުރިއެވެ. މަންމަ އެދުނީ މާދަމާ ހެދުނުހެދުނާ ރަސްގެފާނު ގަނޑުވަރުން ނުކުމެވަޑައިގަންނަވާ ވަގުތު ގަޑުވަރުގެ ދޮރުކުރިމަތީ ހުރުމަށެވެ. އަދި ރަސްގެފާނު ނުކުމެވަޑައިގަންނަވާން ފެށުމުން ހޭނެތުނީ ކަމަށް ހެދިފައި ބިންމައްޗަށް ވެއްޓިގަތުމަށެވެ.

އަންހެންކުއްޖާ އަނެއް ދުވަހުގެ އިރު އަރާއިރަށް ނިކަން ނަލަހެދިފައި ގޮސް ރަސްގެފާނުގެ ގަނޑުވަރުގެ ކުރިމަތީގައި ހުރެއްޖެއެވެ. ރަސްގެފާނު ހަމަ ނުކުމެޑައިގަންނަވާން ފެށުމުން ވެއްޓިގަނެއްޖެއެވެ. ރަސްގެފާނަށް މި މަންޒަރު ހަމަ ފެނުމާއެކު ކުއްލިއަކަށް އަންހެންކުއްޖާއާ ދިމާއަށް ވަޑައިގެންނެވިއެވެ. ދެން އެންމެހާ ވަޒީރު ބޭކަލުންނާއި އެހެންވެސް މީހުން އެކުއްޖާގެ ވަށައިގެން ޖަމާވެއްޖެއެވެ. ހޭނެތިގެން ކަމަށް ހެދިގެން އޮވެއޮވެފައި އެމީހުން އެކުރި ހޭހަމެއް ކޮށްހެދުމުން ރަނގަޅުވީ ކަމަށް ހެދިގެން، ތެދުވެފައި ރަސްގެފާނަށް ވަރަށް ޝުކުރުއަދާކޮށްފައި އަންހެންކުއްޖާ މަންމަ ގެ ގާތަށް އެނބުރި ހިނގައްޖެއެވެ. އަދި ކަންތައް ހިނގާދިޔަ ގޮތުގެ ވާހަކަ ކިޔައިދީފައި ދެން ކޮށްދޭންވީ ކޮން ކަމެއްތޯ ސުވާލުކުރިއެވެ.

ދެވަނަ ކަމެއްގެ ގޮތުގައި މަންމަ ހުށައެޅީ ހަމަ އެކަންތައް އެތަނުގައި ދެވަނަ ފަހަރަށް ތަކުރާރުކުރުމަށެވެ. ދެން އަންހެންކުއްޖާ ޖެހިގެން އައިދުވަހު ހަމަ އެތަނަށް ގޮސް ކުރީ ދުވަހު ކަންތައް ކުރި ފަދައިން ކަންތައް ކޮށްފިއެވެ. މިއަދުގައި އަންހެންކުއްޖާ ވެއްޓުމުން އެކަމާ ހަރަކާތްތެރިވީ ވަޒީރުއާއި އޭނާ އާ އެކު އައި ޖަމާއަތެކެވެ. މިއަދަކު ރަސްގެފާނު އެކަމަކާ އަޅާލެއްވުމެއް ނެތި ވަޑައިގެންނެވީއެވެ. ދެން ހޭއެރީ ކަމަށް ހެދިފައި ވަޒީރަށް ޝުކުރުއަދާކުރުމަށް ފަހު ގެއަށް އައިސް ކަންތައް ދިމާވި ގޮތް މަންމަ އަށް ކިޔައިދީފިއެވެ. އަދި ތިންވަނަ ކަމަކީ ކޮބައިތޯ ސުވާލުކުރިއެވެ.

ތިންވަނަކަމަކީ މާދަމާވެސް ހަމަ އެތަނުގައި އެކަންތައް ތަކުރާރު ކުރުން ކަމުގައި މަންމަ ބުންޏެވެ. އަންހެން ކުއްޖާ ޖެހިގެން އައިދުވަހު ވެސް ހަމަ އެތަނަށް ގޮސް އާދައިގެ މަތީން އޭނާގެ މިޝަން ހިންގާލިއެވެ. މިއަދަކު ވަޒީރެއް ވެސް އަޅައެއް ނުލެއްވިއެވެ. މިއަދު އަންހެން ކުއްޖާ އާ އެހީވާން އައީ ގަނޑުވަރުތެރޭ އުޅޭ ނިކަން އާދައިގެ ދެތިން މީހެކެވެ. ދެން މިއަދުވެސް އެނބުރި އައިސް ކަންތައް ހިނގާދިޔަ ގޮތް މަންމައަށް ކިޔައިދީފިއެވެ. ނަމަވެސް އަންހެންކުއްޖާ މިހާރު ވަރަށް ނުތަނަވަސްކަން އިޙްސާސްކުރާ ކަހަލައެވެ. އަންހެންކުއްޖާ މަންމަ އާ ސުވާލުކޮށްލިއެވެ. ކޮބާ އަދިވެސް ކޮށްދޭން ޖެހޭ ކަންތައްތައް ނުނިމޭ ހެއްޔެވެ؟ މަންމަ ބުނީ ދެން ބާކީ އޮތީ އެންމެ ކަމެއް ކަމުގައެވެ. އެއީ އަދި ހަމަ އެންމެ ފަހަރަކު އެކަންތައް ތަކުރާރުކޮށްލުން ކަމުގައެވެ.

ވަރަށް ހިތްވަރުކޮށްފައި ޖެހިގެން އައިދުވަހު ވެސް އަންހެންކުއްޖާ އޭނާގެ ޢަމަލު ތަކުރާރުކޮށްލިއެވެ. ނަމަވެސް މިއަދު އެނބުރި ގެއަށް އައީ ރޮމުން ގިސްލަމުންނެވެ. މިއަދުގައި ކަންތައް ހިނގާދިޔަ ގޮތަކީ އަންހެންކުއްޖާ ހޭނެތިގެން ކަމަށް ހެދިފައި ވެއްޓުނީމާ އެއްވެސް މީހަކު ގާތެއް ނުވިއެވެ. ބައެއް މީހުން ޒާތްޒާތުގެ އެއްޗެހި ކިޔާ މަލާމާތްކުރި އިރު ބައެއް މީހުން މަގުހިނގާފައި ދަމުން ކޮޅުފައިން ތަޅާވެސް ހެެދީއެވެ.

ކަންތައް ވީގޮތް މަންމައަށް ކިޔައިދިނުމުން، ބުއްދިވެރި ވިސްނުންތޫނު މަންމަ އަންހެންކުއްޖާ އަށް ބުންޏެވެ. ޒިނޭގެ މިސާލަކީ މިއީއެވެ. ފެށުމުގައި ބޭފުޅުން ވެސް އެކުގައި އުޅޭނެއެވެ. މާގިނަ ދުވަސްތަކެއް ނުވެ އެންމެން ދަރިފުޅާ ދުރަށް ހިނގައިދާނެއެވެ. ގެއްލިދިޔަ އަބުރުވެސް އަނބުރާ ނުމެލިބޭނެއެވެ. އަދި ކިއެއްހެއްޔެވެ؟ އެންމެ ނިކަމެތި މީހާ ވެސް ދަރިފުޅަށް މަލާމަތްކުރާނެއެވެ. އޭ އަހަރެންގެ ލޯބިވާ ދަރިފުޅާއެވެ؟ އަދި ވެސް އެހާ ބަދުނަސީބު ޢަމަލަކަށް ލޯބިކުރަންހެއްޔެވެ؟ އަންހެންކުއްޖާ ހުވާކޮށްފައި ރޮވިފައި ބުނީ މިހާރު ވިސްނިއްޖެ ކަމުގައެވެ. އަދި އެހާ ދަށުދަރަޖައިގެ ވާހަކައެއް މަންމަ ގާތުގައި ދެއްކުނީތީ އަންހެންކުއްޖާ މަންމަ ގާތުން މާފަށް އެދުނެވެ.

....................................
ދީނީނިއުސް.ކޮމް އިން ނަގާފައިވާ ލިޔުމެއް

Read more...

26 December 2010

އީމާންކަމާއި އިސްލާމްކަމާއި ދެމެދުގައިވާ ގުޅުން

އައްޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް
އީމާންކަމާއި އިސްލާމްކަމަކީ ވަރަށް ގާތް ގުޅުމެއް އޮންނަ ދެކަލިމައެވެ. އަލްއީމާން އާއި އަލްއިސްލާމް މިދެލަފްޒު ވަކިވަކިން ބޭނުންކުރެވޭއިރު ކޮންމެ ލަފުޒެއްގައިވެސް އަނެއްލަފްޒުގެ މާނަ ހިމެނެއެވެ. މިސާލަކަށް އަލްއީމާންއޭ ބުނުމުން އީމާންކަމާއި އިސްލާމްކަން ހިމެނިގެންދެއެވެ. ހަމައެފަދައިން "އަލްއިސްލާމް" އޭ ބުނުމުންވެސް އިސްލާމްކަމާއި އީމާންކަން ހިމެނެއެވެ. އެހެންނަމަވެސް މިދެލަފްޒު އެއްތަނެއްގައި އެއްޢިބާރާތެއްގައި ބަޔާން ކުރެވިއްޖެނަމަ މިދެލަފްޒުގެ މާނަ ތަފާތުކޮށް ކުރެވެއެވެ. ދެލަފްޒު އެއްތަނެއްގައި އެއްޢިބާރާތެއްގައި އަންނަ ވަގުތު އަލްއީމާންގެ ލަފްޒު ބޭނުންކުރެވެނީ ތެދުކުރުމާއި ޔަޤީންކުރުމަށެވެ. އަދި އަލްއިސްލާމް މިލަފްޒު ބޭނުންކުރެވެނީ ގުނަވަންތަކުން ކުރެވޭ ހެޔޮޢަމަލުތަކަށެވެ. މިކަން ވަރަށް ސާފުކޮށް މަޝްހޫރު ޙަދީޘް ޖިބްރީލްއިން ހާމަވެގެންދެއެވެ.
އެޙަދީޘުން އީމާންކަމަކީ ހިތުން ތެދުކޮށް ޔަޤީންކުރަންޖެހޭ ކަންތައްތަކެއްކަން އެނގެއެވެ. އަދި އިސްލާމްކަމަކީ ގުނަވަންތަކުން ކުރެވޭ ހެޔޮ ޢަމަލުއާޢި ގުޅުންހުރި އެއްޗެއްކަންވެސް ހާމަވެއެވެ.

އަލްއިސްލާމް މިލަފްޒު ވަކިން ބޭނުންކުރާއިރު އީމާންކަން އޭގައި ހިމެނޭކަމުގެ ދަލީލަކީ:

ބަޤަރާ ސޫރަތުގެ 136 ވަނަ އާޔަތުގައި މާތްﷲ ވަޙީކުރެއްވި މިއާޔަތެވެ.

قُولُواْ آمَنَّا بِاللّهِ وَمَآ أُنزِلَ إِلَيْنَا وَمَا أُنزِلَ إِلَى إِبْرَاهِيمَ وَإِسْمَاعِيلَ وَإِسْحَقَ وَيَعْقُوبَ وَالأسْبَاطِ وَمَا أُوتِيَ مُوسَى وَعِيسَى وَمَا أُوتِيَ النَّبِيُّونَ مِن رَّبِّهِمْ لاَ نُفَرِّقُ بَيْنَ أَحَدٍ مِّنْهُمْ وَنَحْنُ لَهُ مُسْلِمُونَ

މާނައީ: "ތިޔަބައިމީހުން ބުނާށެވެ! ތިމަންމެން ﷲ އަށާއި ތިމަންމެންނަށް ބާއްވައިލައްވާފައިވާ ތަކެއްޗަށާއި އިބްރާހީމްގެފާނަށާއި އިސްމާޢީލުގެފާނަށާއި، އިސްޙާޤުގެފާނަށާއި ޔަޢުޤޫބުގެފާނަށާއި އެކަލޭގެފާނުގެ ދަރީންނަށް ބާއްވައިލައްވައިފައިވާ ތަކެއްޗަށާއި މޫސާގެފާނަށާއި ޢީސާގެފާނަށް ދެއްވާފައިވާ ތަކެއްޗަށާއި އަދި (އެހެނިހެން) ނަބިއްޔުންނަށް، އެބޭކަލުންގެ ވެރިރަސްކަލާނގެ ޙަޟްރަތުން ދެއްވާފައިވާ ތަކެއްޗަށް އީމާންވެއްޖައީމެވެ. ތިމަންމެން އެއިން އެއްވެސް ބޭކަލަކާމެދު ތަފާތެއް ނުކުރަމުއެވެ. އަދި ތިމަންމެން މިތިބީ، އެކަލާނގެއަށް ކިޔަމަންވެ މުސްލިމުންކަމުގައި ވެގެންނެވެ."

އަލްއީމާން މިލަފްޒު ވަކިން ބޭނުންކުރާއިރު އިސްލާމްކަން އޭގައި ހިމެނޭކަމުގެ ދަލީލަކީ:

މާތްﷲ ވަޙީކުރެއްވި މިއާޔަތެވެ: ޙުޖުރާތު ސޫރަތުގެ 2،3،4ވަނަ އާޔަތުގައި މާތް ﷲ ވަޙީކުރައްވާފައިވެއެވެ.

إِنَّمَا الْمُؤْمِنُونَ الَّذِينَ إِذَا ذُكِرَ اللّهُ وَجِلَتْ قُلُوبُهُمْ وَإِذَا تُلِيَتْ عَلَيْهِمْ آيَاتُهُ زَادَتْهُمْ إِيمَانًا وَعَلَى رَبِّهِمْ يَتَوَكَّلُونَ - الَّذِينَ يُقِيمُونَ الصَّلاَةَ وَمِمَّا رَزَقْنَاهُمْ يُنفِقُونَ - أُوْلَئِكَ هُمُ الْمُؤْمِنُونَ حَقًّا لَّهُمْ دَرَجَاتٌ عِندَ رَبِّهِمْ وَمَغْفِرَةٌ وَرِزْقٌ كَرِيمٌ

މާނައީ: "މުއުމިނުންވާކަން ކަށަވަރީ، ﷲ ހަނދުމަކުރާ ހިނދު އެބައިމީހުންގެ ހިތްތައް ބިރުވެތިވާ މީހުން ކަމުގައެވެ. އަދި އެކަލާނގެ (ބާއްވައިލެއްވި) އާޔަތްތައް އެބައިމީހުންނަށް ކިޔައިދެވޭ ހިނދު، އެބައިމީހުންގެ އީމާންކަން އިތުރުވާމީހުން ކަމުގައެވެ. އަދި އެބައިމީހުންގެ ވެރި ރަސްކަލާނގެއަށް ވަކީލުކުރާ މީހުން ކަމުގައެވެ. އެބައިމީހުންނީ، ނަމާދު ޤާއިމްކުރާ މީހުންނެވެ. އަދި އެބައިމީހުންނަށް ތިމަންރަސްކަލާނގެ ދެއްވި ތަކެތި ހޭދަކުރާ މީހުންނެވެ. ޙަޤީޤަތުގައި މުއުމިނުންނަކީ، ހަމަ އެބައިމީހުންނެވެ. އެބައިމީހުންގެ ވެރިރަސްކަލާނގެ ޙަޟްރަތުގައި (މަތިވެރި) ދަރަޖަތަކާއި، ފާފަފުއްސެވުމާއި، ދީލަތިވެގެންވާ ރިޒުޤް އެބައިމީހުންނަށް ހުއްޓެވެ."

Read more...

23 December 2010

އެއްޗެހި އޭގެ އިދިކޮޅު ތަކެތިން ތަޢާރަފްކުރުން

އައްޝައިޚް މުޙައްމަދު އިބްރާހިމް، ޅ ނައިފަރު
"كِتابُ التَّوحِيد" ފޮތުގައި ފޮތުގެ މުޞައްނިފު ރަޙިމަހުﷲ ބަހުސް ކުރައްވާފައިވަނީ ޝިރުކާ ބެހޭގޮތުންނެވެ. އޭގެ ޙިކުމަތަކީ އިންސާނާ ޝިރުކުން އެއްކިބާވުމަކީ ޙަޤީޤަތުގައި އޭނާ ތައުޙީދަށް އިޤުރާރުވުމެވެ. އަދި އެހެންނޫނަސް އެއްޗެހި ތަޢާރަފްކުރާ އެތައްގޮތެއްވެއެވެ. އޭގެތެރެއިން އެއްގޮތަކީ "تُعْرَفُ الأَشْيَاءُ بِأَضْدَادِهَا" އާދެ! އެއްޗެހި އޭގެ އިދިކޮޅު ތަކެތިން ތަޢާރަފުކުރުމެވެ.
މިސާލަކަށް ފިންޏަކީ ހޫނުގެ އިދިކޮޅެވެ. ހިޔަލަކީ އަވީގެ އިދިކޮޅެވެ. ޔަޤީނަކީ ޝައްކުގެ އިދިކޮޅެވެ. އަދިވެސް މިފަދަ މިނޫން މިސާލުތަކެވެ. އެހެން ކަމުން ކިތާބުއްތައުޙީދު ފޮތުގެ مصنّف -رحمه الله تعالى- ތައުޙީދުގެ ތަޢާރަފު ކުރައްވާފައިވަނީ ޝިރުކުގެ ވައްތަރުތައް ބަޔާންކޮށްދެއްވައިގެންނެވެ. އަދި ޚާއްޞަކޮށް ﷲ ތަޢާލާ ގެ أُلوُهِيَّة ގައި ކުރެވޭ ޝިރުކުތަކާއި، ޝިރުކުކުރެވޭ ގޮތްތައް ބަޔާންކޮށް ދެއްވައި ގެންނެވެ. މާތްﷲ، އެކަލޭގެފާނުގެ މިމަސައްކަތް ޤަބޫލުކުރައްވާ އެކަލޭގެފާނަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވާށިއެވެ!

Read more...

18 December 2010

މަސްޖިދުލް އަޤްޞާ ވެއްޓެނީ

އަލްއަޚް މުޙައްމަދު ވިޝާޙް
ފަލަސްޠީނުގެ ޢިލްމުވެރިން ގެ ލީގު (އެލް. ޕީ. އެސް) އިން ޢަރަބި ޤައުމުތަކަށާއި، ހުރިހާ އިސްލާމީ ޤައުމުތަކަށް އިޒްރޭލުން ހިންގާ ކަންތައްތަކާ ގުޅޭގޮތުން ވަރުގަދަ އިންޒާރެއް ދީފިއެވެ. މި އިންޒާރު ދީފައިވަނީ އިޒްރޭލުން ފަލަސްޠީނުގައި ހިންގަމުންގެންދާ އަދި އިތުރުކުރަމުންދާ ދާ ފަނާ ކުރުންތަކާއި، އިތުރު ކުރަމުން ގެންދާ ޔަހޫދީ ވަޒަންވެރިންނާއި، ޔަހޫދީން ވެރިވެގެންފައިވާ އޫރުޝަލީމް އަދި ވަކިން ޚާއްޞަކޮށް މަސްޖިދުލް އަޤްޞާގެ ޙަރަމް ވަށައިގެން ޔަހޫދީވަންތަކުރުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅިގެންނެވެ.

އެލް. ޕީ އެސް އިން ހޮނިހިރު ދުވަހު ނެރުނު ބަޔާނުގައި ބަޔާންކޮށްފައިވާ ގޮތުން އިޒްރޭލުގެ ބިންތަކަށް ވެރިވެގަތުމާބެހޭ އޮތޯރިޓީ (އިޒްރޭލީ އޮކިޔުޕޭޝަން އޮތޯރިޓީ – އައި. އޯ އޭ) އިންވަނީ މަސްޖިދުލް އަޤްޞާއާއި މަސްޖިދުލް އަޤްޞާ ވަށައިގެންވާ ސަރަހައްދުތައް ސުންނާފަތިކުރުުމުގެ ޕޮލިސީ ފައްޓާފައެވެ. ފަލަސްޠީނުގެ ޢިލްމުވެރިންގެ ލީގުން އިތުރަށް ފާހަގަ ކުރާގޮތުގައި ހުރިހާ މުސްލިމުންވެސް ވަގުތު ފާއިތުވުމުގެކުރިން އެބައިމީހުންގެ ނިދިން ހޭލަންވެއްޖެއެވެ. މީގެ އިތުރުން މަސްޖިދުލް އަޤްޞާ މިހާރު ބިމާ ހަމަވާން ގާތްވެއްޖެ ކަމަށާއި، މުސްލިމުންގެ މުޤައްދަސް މިސްކިތް ސުންނާފަތިވާ ހިނދުވެސް މުސްލިމުން ބަލަންތިބި ނަމަ އިސްލާމްދީނަށްޓަކައި އެބައިމީހުން ތެދުވާނީ ކޮންދުވަހަކުން ކަމާމެދު ސުވާލު އުފެދޭކަމަށްވެސް އެ ބަޔާނުގައިވެއެވެ.

Read more...

14 December 2010

އާދަމުގެ ދަރީންގެ ޙަޔާތް ސީދާމަގުން ނެއްޓުން

އައްޝައިޚް އަބޫބަކްރު އިބްރާހިމް ޢަލީ ހިންނަވަރު
" ކޮންމެ މަޚްލޫޤަކަށްވެސް ޚާލިޤަކު (އެބަހީ ހެއްދެވިފަރާތެއް) ވާންޖެހޭނެކަން އެމީހުންގެ ބުއްދިތަކަށްވެސް އެނގެއެވެ. މައުޖޫދުވެފައިވާ ކޮންމެ އެއްޗަކަށްވެސް އެއެއްޗެއް ހެއްދެވިފަރާތެއް ވާނޭކަން ދަނެއެވެ. އަދި އެހެންވީއިރު މިހާ ފުރިހަމަކޮށް މިހާ ރީތިކޮށް އަދި އެހާ ހިމުންކޮށް އުފެދިފައިވާ ކައުނަށް (ކައުނުގެ މާނައަކީ ދުނިޔެއެވެ) ކޮންމެހެންވެސް ޙިކުމަތްވަންތަ ކުޅަދުންވަންތަ އަދި ދެނެވޮޑިގެންވާ ފަރާތެއް އެބަހީ ކަލަކު ވާންޖެހޭނެކަން ދަނެއެވެ. އެކަމާއި މެދު އިންކާރުކޮށްފި މީހަކީ އެހެންޏާ ބުއްދިނެތް މީހެކެވެ. އެހެންނާ ބޮޑާކަމާއި ކިބުރުވެރިކަމުން ބުއްދިގޯސްވެ އަދި ތިމާގެ ނަފްސު ހަލާކުކޮށްފި މީހެކެވެ. އެފަދަ މީހުންނާމެދު ވާހަކަދައްކާކަށް ބޭނުމެއް ނެތެވެ."
ﷲ ތަޢާލާ ޚަލްޤުތަކުން ހެއްދެވީ އެކަލާނގެއަށް އަޅުކަންކުރުމަށްޓަކައެވެ. އަދި އެކަންތައްތަކަށް އެހީ ވެވޭނެގޮތުން، އަޅުކަންކުރުމަށް ފަސޭހަވާނޭގޮތުން، އެބައިމީހުންނަށް އެކަލާނގެ ރިޒުޤު ތައްޔާރުކޮށްދެއްވާފައި ވެއެވެ. އެކަލާނގެ ވަޙީކުރައްވާފައިވެއެވެ. " وَمَا خَلَقْتُ الْجِنَّ وَالْإِنْسَ إِلَّا لِيَعْبُدُونِ * مَا أُرِيدُ مِنْهُمْ مِنْ رِزْقٍ وَمَا أُرِيدُ أَنْ يُطْعِمُونِ * إِنَّ اللَّهَ هُوَ الرَّزَّاقُ ذُو الْقُوَّةِ الْمَتِينُ" (އައްޛާރިޔާތު 56-58) މާނައީ: ތިމަންރަސްކަލާނގެ ޖިންނީންނާއި އިންސާނުން ހެއްދެވީ އެބައިމީހުން ތިމަންރަސްކަލާނގެއަށް އެކަނި އަޅުކަންކުރުމަށްޓަކައެވެ. އެބައިމީހުންގެ ކިބައިން އެއްވެސް ރިޒުޤެއް ތިމަންރަސްކަލާނގެ އެދިވޮޑި ނުގަންނަވަމެވެ. ހަމަކަށަވަރުން ﷲ އީ ގިނަގިނައިން ރިޒުޤު ދެއްވާ ގަދަފަދަ ބާރުވެރި ރަސްކަލާނގެއެވެ. މިއެވެ. ނަފްސު އޭގެ އަޞްލު ފިޠްރަރުގެ (އެއްވެސް އެއްޗަކާ ނުގުޅިހުރި އަޞްލުގޮތުގެ) މައްޗަށް ދޫކޮށްލައިފިއްޔާ ﷲ ގެ އިލާހީވަންތަކަމަށް އިޤުރާރުވާ އެއްޗެއްކަމުގައިވެއެވެ. ﷲ އަށް ލޯބިވާ އެކަލާނގެއަށް އަޅުކަންކުރާ އަދި އެކަލާނގެއާ އެއްވެސް ޝަރީކެއްނުކުރާނެ އެއްޗެއްކަމުގައި ވިއެވެ. އެހެންނަމަވެސް އެނަފްސު ފާސިދުކޮށް ސީދާމަގުން ކައްސުވާލަނީ އިންސީންނާއި އަދި ޖިންނީންގެ ޝައިޠާތުން އެނަފްސަށް ޒީނަތްތެރިކޮށްދޭ އެކިއެކި ބާވަތް ބާވަތުގެ ވަސްވާސްތަކުންނާއި ކަންތައްތަކުންނެވެ.
މިބުނާ ޝައިޠާނުން އޭގެ އެއްބަޔަކު އަނެއްބަޔަކަށް ފޮނިބަސްތަކާއި ފާޑުފާޑުގެ ވަސްވާސްތައް ހެއްލުންތެރިކުރުމަށްޓަކައި ކިޔައިދީ ހަދައެވެ. ޒީނަތްތެރިކޮށްދެއެވެ.

ފަހެ އިންސާނާގެ އަޞްލު ފިޠްރަތުގައި ތައުޙީދު ބިންވަޅުނެގިގެން ވެއެވެ. ޝިރުކަކީ އެއަށް ބޭރުން ވަދެގެން އުޅޭ އިތުރު އެއްޗެކެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. "فَأَقِمْ وَجْهَكَ لِلدِّينِ حَنِيفًا فِطْرَةَ اللَّهِ الَّتِي فَطَرَ النَّاسَ عَلَيْهَا لاَ تَبْدِيلَ لِخَلْقِ اللَّهِ" (އައްރޫމް 30) މާނައީ: "ކަލޭގެފާނުގެ މޫނުފުޅު ސީދާކުރައްވައިގެންވާ ޙާލު ދީނަށް ކުރިމަތިފުޅުކުރައްވާށެވެ. (ނުވަތަ އިސްލާމްދީނުގައި ޤާއިމްވެވަޑައިގެން ހުންނަވާށެވެ.) އެއީ އެގޮތެއްގެ މަތީގައި މީސްތަކުން ﷲ ހެއްދެވި ފިޠުރަތެވެ. ﷲގެ ހެއްދެވުމަކަށް ބަދަލުވުމެއްނެތެވެ. އެބަހީ އެކަލާނގެ ދީނަކަށް ބަދަލުވުމެއް ނުވެއެވެ. މިއެވެ. އަދި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. "كُلُّ مَولُودٍ يُولَدُ عَلَى الْفِطْرَةِ فَأَبَوَاهُ يُهَوِّدَانِهِ أَو يُنَصِّرَانِهِ أَو يُمَجَّنَاسِهِ "(الحديث فى الصحيحين) މާނައީ: "ކޮންމެ ދަރިއަކު ދުނިޔެއަށް އުފަންވަނީ ފިޠުރަތުގެ މަތީގައެވެ. ދެންފަހެ އޭނާގެ މައިންބަފައިން އޭނާ ޔަހޫދީކުރެއެވެ. ނުވަތަ އޭނާ ނަޞްރާނީ (ނަޞްރާނީކުރުމަކީ ކްރިސްޓިއަންކުރުމެވެ.) ނުވަތަ އޭނާ މަޖޫސީކުރެއެވެ." މިއެވެ. އާދަމުގެ ދަރީންގެ މެދުގާ އަޞްލަކީ ތައުޙީދެވެ.

ފަހެ ސަލާމްލެއްވި އާދަމް ޢަލައިހިއްސަލާމްއަށް ފަހު ދިގު ޤަރުނުތަކަކަށް ދާންދެންއައި އެކަލޭގެފާނުންގެ ދަރިކޮޅުވަނީ އިސްލާމްދީން މަތީގައެވެ. ތައުޙީދުގެ މަތީގައެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. "كَانَ النَّاسُ أُمَّةً وَاحِدَةً فَبَعَثَ اللَّهُ النَّبِيِّينَ مُبَشِّرِينَ وَمُنْذِرِينَ .." (އަލްބަޤަރާ 213) މާނައީ: "މީސްތަކުންވީ އެއް އުއްމަތަކަށެވެ. ދެންފަހެ އުފާވެރިކަމުގެ ޚަބަރުދެއްވާ އަދި ބިރުވެރިކަމުގެ ޚަބަރުދެއްވާ ޙާލުގައި ﷲ ތަޢާލާ ނަބީބޭކަލުން ފޮނުއްވެވިއެވެ. މިއެވެ.

އެންމެ ފުރަތަމަ ޢަޤީދާގައި ޝިރުކު އުފެދި ސީދާމަގުން ނެއްޓުނީ ސަލާމްލެއްވި ނޫޙު ޢަލައިހިއްސަލާމްގެ ޤައުމުގައެވެ. ފަހެ، އެކަލޭގެފާނު، އެބަހީ ނޫޙު ޢަލައިހިއްސަލާމް ވީ އެންމެ ފުރަތަމަ އެ ރޮނގުން ވަޑައިގެންނެވި ރަސޫލާ ކަމުގައެވެ. (އެބަހީ މީސްތަކުންގެ މެދުގައި އުފެދިފައިވާ ޝިރުކު ނެތިކުރައްވައި މީސްތަކުން ތައުޙީދުގެ މަގަށް ސީދާ ކުރެއްވުމަށްޓަކައި އެންމެފުރަތަމަ ފޮނުއްވެވުނު ރަސޫލުބޭކަލަކީ ނޫޙު ޢަލައިހިއްސަލާމެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. "إِنَّا أَوْحَيْنَا إِلَيْكَ كَمَا أَوْحَيْنَا إِلَى نُوحٍ وَالنَّبِيِّينَ مِنْ بَعْدِهِ" (އައްނިސާ 163) މާނައީ: "ހަމަކަށަވަރުން ކަލޭގެފާނަށް ތިމަން ރަސްކަލާނގެ ވަޙީ ބާވައިލެއްވެވީ ނޫޙު ޢަލައިހިއްސަލާމްއާއި އަދި އެކަލޭގެފާނަށްފަހު ވަޑައިގެންނެވި ނަބީބޭކަލުންނަށްވެސް ވަޙީ ބާވައިލެއްވި ފަދައިންނެވެ. އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހުމާ ވިދާޅުވިއެވެ. ސަލާމްލެއްވި އާދަމްގެފާނާއި ސަލާމްލެއްވި ނޫޙުގެފާނާއި ދެމެދު ދިހަ ޤަރުނުވިއެވެ. އެއެންމެން ވީ އިސްލާމްދީން މަތީގައެވެ. އިޣާޘަތުއް ލަހްފާން އެވެ ކިޔުނު ފޮތުގައި އިބްނުލްޤައްޔިމް ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. މިބަސްފުޅު އެބަހީ އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހުމާ ވިދާޅުވި ބަސްފުޅުއެއީ ކަނޑައެޅިގެން ސީދާ ތެދު ބަސްފުޅެކެވެ. އެހެނީ ބަޤަރާ ސޫރަތުގެ އާޔަތުގައި އުބައްޔު ބުން ކަޢްބުގެ ޤިރާއަތުގައިވަނީ "فاَخْتَلَفُوا فَبَعَثَ اللَّهُ النَّبِيِّينَ" މިފަދައިންނެވެ. މާނައީ: ފަހެ އެމީހުން އިޚްތިލާފްވިއެވެ. ދެން ﷲ ތަޢާލާ ނަބީބޭކަލުން ފޮނުއްވެވިއެވެ. މިއެވެ. އަދި މިޤިރާއަތަށް ހެކިދޭ އަނެއް ބަސްފުޅަކީ ﷲ ތަޢާލާ ވަޙީކުރައްވާފައިވާ "وَمَا كَانَ النَّاسُ إِلاَّ أُمَّةً وَاحِدَةً فَاخْتَلَفُوا ..." (ޔޫނުސް 19) މާނައީ: "އެއް އުއްމަތެއްކަމުގައި މެނުވީ މީސްތަކުން ނުވެއެވެ. ދެން އެމީހުން އިޚްތިލާފްވީއެވެ. މިއެވެ. މިވާހަކަތަކުން އެކަލޭގެފާނު އެބަހީ: އިބްނުލްޤައްޔިމް ރަޙިމަހުﷲ ވިދާޅުވުމަށް އެދިވަޑައިގަންނަވަނީ ހަމަކަށަވަރުން ނަބީބޭކަލުން ފޮނުއްވެވުމުގެ ސަބަބަކީ މީސްތަކުން އެދީނެއްގެ މަތީގައި ތިބި ޞައްޙަދީނުން ތަފާތުވެ އިޚްތިލާފްވުމެވެ. އެއީ ޢަރަބީންވެސް އިބްރާހިމް ޢަލައިހިއްސަލާމްގެ ދީންމަތީގައި ތިބިފަދައިންނެވެ. އެހެން ތިއްބާ ޢަމްރޫ ބުނު ލުޙައްޔު އަލްޚުޒާޢީ އެވެ ކިޔާމީހަކު އައިސް އިބްރާހިމް ޢަލައިހިއްސަލާމްގެ ދީން ބަދަލުކޮށް ތަޣައްޔަރުކުރީއެވެ. ޢާއްމުކޮށް ޢަރަބިކަރައަށް ޚާއްޞަކޮށް ޙިޖާޒުކަރައަށް ބުދުތައް ގެނެސްހަދައި ﷲ ފިޔަވައި އެބުދުތަކަށް އަޅުކަން ކޮށްފޫއެވެ. ފަހެ މުޤައްދަސް (ޠާހިރު،މާތް) ވެގެންވާ ރަށާއި އެރަށާއި ގާތްވެގެންވާ ރަށްރަށުގައި ޝިރުކު ފެތުރިގެންދިޔައެވެ. ނަބީކަން ޙަތިމުކުރެއްވި މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ، ﷲ ތަޢާލާ، ނަބީކަމައިގެން ފޮނުއްވައިފުމަށް ދާންދެނެވެ. އެކަލޭގެފާނު ވަޑައިގެން މީސްތަކުންނަށް ތައުޙީދުގެ މަގަށް ގޮވާލައްވައި އިބްރާހިމް ޢަލައިހިއްސަލާމްގެ މިއްލަތް (ދީން) އަށް ތަބާވުމަށް ވިދާޅުވިއެވެ. ޙައްޤުވެގެންވާ ޖިހާދަކުން ﷲގެ މަގުގައި ޖިހާދުކުރައްވައި ބުދުތައް ކުދިކުދިކުރައްވައި ތައުޙީދުގެ ޢަޤީދާއާއި އިބްރާހިމް ޢަލައިހިއްސަލާމްގެ މިއްލަތަށް އެނބުރި އިޢާދަވެއްޖައުމަށް ދާންދެން ޖިހާދުކުރެއްވިއެވެ. އަދި ﷲ އެކަލާނގެ ދީން އެކަލޭގެފާނުންގެ އަތްޕުޅުމައްޗަށް ފުރިހަމަކުރެއްވިއެވެ. އަދި މުޅިދުނިޔެއަށް އެކަލާނގެ ނިޢުމަތް ފުރިހަމަކުރައްވާ ބަރާބަރުކުރެއްވިއެވެ. ފަހެ މިއުންމަތުގެ ކުރީކޮޅުން ފެށިގެން މާތްވެގެންވާ ޤަރުނުތައް ދިޔައީ އެކަލޭގެފާނުންގެ މިއްލަތުގެ މަތީގައެވެ. އެކަލޭގެފާނު ކަނޑައަޅާ ދައްކަވާ ދެއްވި ސީދާ ޤަވާޢިދުގެ މަތީންނެވެ. ދެންފަހެ އޭގެ ފަހުގެ ޤަރުނުތަކުގައި ޖާހިލުކަން ފެތުރި އެހެނިހެން ދީންތަކުން އެތަކެއް ބައިވަރު ބޭކާރު ތަކެތި އިސްލާމްދީނަށް ވަދެ މަސްހުނިވެ އަދި މަގުފުރައްދާ ދާޢީންގެ ސަބަބުންނާއި ޤަބުރުތަކުގެ މަތީގައި ޒިޔާރަތްތަކާއި އެކިއެކި ބިނާތައް ހެދުމުގެ ސަބަބުންނާއި އަދި މިނޫންވެސް މިބާވަތުގެ އެތައްކަމެއްގެ ސަބަބުން އަލުންވެސް މިއުއްމަތުގެ އެތަކެއް ބައެއްގެ މެދުގައި ޝިރުކު އުފެދިއްޖެއެވެ. ވަލީވެރިންނާއި ޞާލިޙު މާތް މީހުންނަށް ތަޢުޡީމު (މާތްކޮށް ހިތުމޭ) ކިޔައިގެން އަދި އެމީހުންނަށްވާ ލޯބީގެ ނަމުގައި އެމީހުންގެ ޤަބުރުތަކުގެ މަތީގައި ޒިޔާރަތްތައް ބިނާކޮށް ހެދީއެވެ. އަދި އެތަންތަނަކީ ﷲ ފިޔަވައި އަޅުކަންވެވޭ ބުދުތަކެއް ކަމުގައި އިޚްތިޔާރުކޮށް ނަދުރުބުނުން، ޤުރުބާންކުރުން، ސަލާމަތަށް އެދި ގޮވާ އާދޭސްކުރުން ކަހަލަ އެބާވަތުގެ އަޅުކަން ﷲ ފިޔަވައި އެތަންތަނަށް ކުރަން ފަށައިފިއެވެ. އަދި އެބާވަތުގެ ޝިރުކުތައް ކޮށްފައި އެއީ ޞާލިޙު މާތް ބޭކަލުންނަށް ތަވައްސުލު ކުރުމާއި (ގާތްކަން ހޯދުން، މީހަކު މެދުވެރިކޮށް އެހީ ހޯދުން) އެބޭކަލުންނަށް ހުންނަ ލޯބިވެތިކަން ފާޅުކުރުން ކަމުގައި ހަދައިފިއެވެ. އަދި އެމީހުން ދެކޭގޮތުގައި އެފަދަ ކަންތައްތައް ކުރުމަކީ އެބޭކަލުންނަށް އަޅުކަންކުރުން ކަމުގައި ނުވެއެވެ. (ނަމަވެސް އެއީ އެބޭކަލުންނަށް އަޅުކަން ކުރުމެވެ) އަދި ހަމަ އިސްވެދިޔަ މުޝްރިކުންގެ ބަހަކީވެސް އެއީކަން އެމީހުން ހަނދާންނެތިއްޖެއެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. "...مَا نَعْبُدُهُمْ إِلَّا لِيُقَرِّبُونَا إِلَى اللَّهِ زُلْفَى.." (އައްޒުމަރު 3) މާނައީ: ﷲ އާއި ކުއްތަންވުމަށް މެނުވީ، އަހަރެމެން އެތަކެއްޗަށް އަޅުކަންކުރާ ކަމުގައި ނުވަމެވެ. މިއެވެ. (މިއީ ބުދަށް އަޅުކަންކުރި އިސްވިދެޔަ ކާފަރުންގެވެސް ބަހެވެ.)

އިލާހީ އަދި ފަހުގައިވެސް އާދަމުގެ ދަރީންގެ މެދުގައި އުފެދިފައިވާ ޝިރުކާއި އެކުވެސް އޭގެތެރެއިން ގިނަމީޙުން ﷲގެ ރުބޫބިއްޔަ ވަންތަކަމަށް އީމާންވެއެވެ. (ރުބޫބިއްޔަ ވަންތަކަން އެއީ ربّ ވަންތަ ކަމެވެ.) ތައުޙީދުގެ އެބައި އެމީހުންވެސް ޤަބޫލުކުރެއެވެ. އެކަމަކު ކަށަވަރުންވެސް އެމީހުން ޝިރުކު ކުރީ އަޅުކަން ކުރުމުގައެވެ. ތައުޙީދުލް އުލޫހިއްޔާ ގައެވެ. (އުލޫހިއްޔާ އަކީ އިލާހު ވަންތަކަމެވެ.) ﷲ ތަޢާލާ ވަޙީކުރައްވާފައިވާ ފަދައިންނެވެ. "وَمَا يُؤْمِنُ أَكْثَرُهُمْ بِاللَّهِ إِلاَّ وَهُمْ مُشْرِكُونَ " (ޔޫސުފް: 106) މާނައީ: "އޭގެތެރެއިން ގިނަމީހުން ﷲ އަށް ޝިރުކު ކުރާ ޙާލުގައި މެނުވީ އީމާންވާ ކަމުގައި ނުވެއެވެ. ފިރްޢައުނު ކަހަލަ އަދި ދަހްރީން ކަހަލަ (ދަހްރީންނަކީ ދުނިޔޭގައިވާ ތަކެތި އުފެދި ފަނާވަނީ ޒަމާންއެނބުރެމުން ހިނގަމުންދާ ގޮތުންކަމަށް އީމާންވާ މީހުންނެވެ.) އަދި މިޒަމާނުގެ ޝުޔޫޢީން (އެބަހީ ކޮމިއުނިސްޓުން) ކަހަލަ މަދުބަޔަކު މެނުވީ ރައްބު ވޮޑިގެންވާކަމާއިމެދު އިންކާރު ނުކުރެއެވެ. އަދި އެފަދަ މީހުންވެސް އެކަލާނގެ ވޮޑިގެންވާކަމާމެދު އިދިކޮޅުހަދާ އަދި އިންކާރުކުރީ ބޮޑާކަމާއި ކިބުރުވެރިކަމުންނެވެ. އެހެންނޫންނަމަ އެމީހުންގެ އެތެރެފުށާއި އަދި ނަފްސު ޤަރާރުކޮށްދޭގޮތުގައި އެކަލާނގެ ވޮޑިގެންވާކަމަށް އިޤްރާރުވާން މަޖުބޫރުވެއެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. "وَجَحَدُوا بِهَا وَاسْتَيْقَنَتْهَا أَنْفُسُهُمْ ظُلْمًا وَعُلُوًّا" (އައްނަމްލު 14) މާނައީ: "އެމީހުންގެ ނަފްސުތައް އެކަން ޔަޤީންކުރެއެވެ. ނަމަވެސް އެމީހުން އެކަމަށް ދެކޮޅުހެދީ އަނިޔާވެރިކަމާއި ބޮޑާކަމުންނެވެ." މިއެވެ.

ކޮންމެ މަޚްލޫޤަކަށްވެސް ޚާލިޤަކު (އެބަހީ ހެއްދެވިފަރާތެއް) ވާންޖެހޭނެކަން އެމީޙުންގެ ބުއްދިތަކަށްވެސް އެނގެއެވެ. މައުޖޫދުވެފައިވާ ކޮންމެ އެއްޗަކަށްވެސް އެއެއްޗެއް ހެއްދެވިފަރާތެއް ވާނޭކަން ދަނެއެވެ. އަދި އެހެންވީއިރު މިހާ ފުރިހަމަކޮށް މިހާ ރީތިކޮށް އަދި އެހާ ހިމުންކޮށް އުފެދިފައިވާ ކައުނަށް (ކައުނުގެ މާނައަކީ ދުނިޔެއެވެ) ކޮންމެހެންވެސް ޙިކުމަތްވަންތަ ކުޅަދުންވަންތަ އަދި ދެނެވޮޑިގެންވާ ފަރާތެއް އެބަހީ ކަލަކު ވާންޖެހޭނެކަން ދަނެއެވެ. އެކަމާއި މެދު އިންކާރުކޮށްފި މީހަކީ އެހެންޏާ ބުއްދިނެތް މީހެކެވެ. އެހެންނާ ބޮޑާކަމާއި ކިބުރުވެރިކަމުން ބުއްދިގޯސްވެ އަދި ތިމާގެ ނަފްސު ހަލާކުކޮށްފި މީހެކެވެ. އެފަދަ މީހުންނާމެދު ވާހަކަދައްކާކަށް ބޭނުމެއް ނެތެވެ.

Read more...

11 December 2010

އީމާންކަން ގިނަވެ މަދުވުން

އައްޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް
އަހްލުއްސުއްނާވަލްޖަމާޢާގެ ޢަޤީދާއަކީ އީމާންކަމަކީ އިތުރުވެ މަދުވާ އެއްޗެކެވެ. އީމާންކަން އިތުރުވަނީ ކިޔަމަންތެރިކަމާއި ހެޔޮޢަމަލުގެ ސަބަބުންނެވެ. އީމާންކަން ދަށްވެ އުނިވަނީ އުރެދުމާއި ނުބައި ކަންތަކުގެ ސަބަބުންނެވެ. މިކަމަށް ކީރިތި ޤުރްއާނުންނާއި މާތްނަބިއްޔާ صَلَّ اللهُ عَلَيْهِ وَسَلَّم ގެ ސުންނަތުންނާއި އަޞްޙާބު ބޭކަލުންގެ ބަސްފުޅުތަކުން ދަލީލު ލިބެއެވެ.
ޤުރްއާންގެ ދަލީލު:
އަންފާލް ސޫރަތުގެ 2،3،4ވަނަ އާޔަތުގައި މާތްﷲ ވަޙީކުރެއްވިއެވެ.
إِنَّمَا الْمُؤْمِنُونَ الَّذِينَ إِذَا ذُكِرَ اللّهُ وَجِلَتْ قُلُوبُهُمْ وَإِذَا تُلِيَتْ عَلَيْهِمْ آيَاتُهُ زَادَتْهُمْ إِيمَانًا وَعَلَى رَبِّهِمْ يَتَوَكَّلُونَ - الَّذِينَ يُقِيمُونَ الصَّلاَةَ وَمِمَّا رَزَقْنَاهُمْ يُنفِقُونَ - أُوْلَئِكَ هُمُ الْمُؤْمِنُونَ حَقًّا لَّهُمْ دَرَجَاتٌ عِندَ رَبِّهِمْ وَمَغْفِرَةٌ وَرِزْقٌ كَرِيمٌ

1- ފަތުޙު ސޫރަތުގެ 4ވަނަ އާޔަތުގައި މާތްﷲ ވަޙީކުރެއްވިއެވެ.
هُوَ الَّذِي أَنزَلَ السَّكِينَةَ فِي قُلُوبِ الْمُؤْمِنِينَ لِيَزْدَادُوا إِيمَانًا مَّعَ إِيمَانِهِمْ وَلِلَّهِ جُنُودُ السَّمَاوَاتِ وَالْأَرْضِ وَكَانَ اللَّهُ عَلِيمًا حَكِيمًا
2- މަރްޔަމް ސޫރަތުގެ 76ވަނަ އާޔަތުގައި މާތްﷲ ވަޙީކުރެއްވިއެވެ.
وَيَزِيدُ اللَّهُ الَّذِينَ اهْتَدَوْا هُدًى وَالْبَاقِيَاتُ الصَّالِحَاتُ خَيْرٌ عِندَ رَبِّكَ ثَوَابًا وَخَيْرٌ مَّرَدًّا
3- އާލްޢިމްރާމް ސޫރަތުގެ 173ވަނަ އާޔަތުގައި މާތްﷲ ވަޙީކުރެއްވިއެވެ.
الَّذِينَ قَالَ لَهُمُ النَّاسُ إِنَّ النَّاسَ قَدْ جَمَعُواْ لَكُمْ فَاخْشَوْهُمْ فَزَادَهُمْ إِيمَاناً وَقَالُواْ حَسْبُنَا اللّهُ وَنِعْمَ الْوَكِيلُ

ސުންނަތުގެ ދަލީލު:
1- މާތްނަބިއްޔާ صَلَّ اللهُ عَلَيْهِ وَسَلَّم ޙަދީޘްކުރެއްވިއެވެ. مَنْ رَآى مِنْكُمْ مُنَكَراً فَالْيُغَيِّرُ بِيَدِهِ أَوْ بِلِسَانِهِ أَوْ بِقَلْبِهِ وَذَالِكَ أَضْعَفُ الإِيْمَانِ
2- މާތްނަބިއްޔާ صَلَّ اللهُ عَلَيْهِ وَسَلَّم ޙަދީޘްކުރެއްވިއެވެ. أَلْإِيْمَانُ بِضْع ٌوَسَبْعُوْنَ شُعْبَةٌ فَالْحَيَاءُ شُعْبَةٌ مِنَ الإِيْمَانِ
3- މާތްނަބިއްޔާ صَلَّ اللهُ عَلَيْهِ وَسَلَّم ޙަދީޘްކުރެއްވިއެވެ. أَكْمَلُ النَّاسِ إِيمَْانًا أَحْسَنُهُمْ أَخْلاَقاً

އަޞްޙާބު ބޭކަލުންގެ ބަސްފުޅުތައް:
އަބުއްދަރުދާއު رضى الله عنه ވިދާޅުވިއެވެ. އީމާންކަމަކީ އިތުރުވެ އުނިވާ އެއްޗެކެވެ.
އަބޫހުރައިރާ رضى الله عنه ވިދާޅުވިއެވެ. އީމާންކަމަކީ އިތުރުވެ އުނިވާ އެއްޗެކެވެ.
ޢުމަރު رضى الله عنه ވިދާޅުވިކަމުގައިވެއެވެ. އީމާންކަން އިތުރުކުރަން އަންނާށެވެ، ދެން އިށީނދެތިބެ الله ސުބުޙާނަހޫވަތަޢާލާ އަށް ޒިކުރު ކުރެއެވެ.
އިބްނި މަސްޢޫދު رضى الله عنه ވިދާޅުވިކަމުގައިވެއެވެ. ހައްދަވާ ގެންގުޅުއްވާ އިލާހު ތިމަންނަގެ އީމާންކަމާއި ޢިލްމާއި ފަހުމް އިތުރުކޮށްދެއްވާދޭވެ!

ޝަހާދަތުގެ ދެކަލިމަ ދުލުން ކިޔުމުން އީމާންކަން ފުދޭ ހެއްޔެވެ؟
ޝަހާދަތުގެ ދެކަލިމަ ހަމައެކަނި ދުލުކޮޅުން ކިޔާލުމަކުން އީމާންކަމަށް ނުފުދެއެވެ. ދުލުން ކިއުމާއިއެކު ހިތުގެ އަޑިން ޤަބޫލުކޮށް އެކަލިމަ އެދޭގޮތަށް ޢަމަލުތައްވެސް ބަހައްޓަންޖެހެއެވެ. އެހެންކަމުން ޢިލްމުވެރިން لا إله إلا الله ކިއުމުގެ ފައިދާ ފުރިހަމަ ގޮތުގައި ލިބިގަތުމަށްޓަކައި ހަތް ޝަރުޠެއް ކަނޑައަޅުއްވާފައިވެއެވެ. އެގޮތުން:
1. ފުރަތަމަ ޝަރުޠަކީ: އެކަލިމައިގައި ހިމެނޭ ނަހީގެ ބަޔާއި އިޘްބާތުގެ ބަޔާއެކު ކަލިމައިގެ މާނަ ރަނގަޅަށް އެނގުމެވެ. އެކަލިމައިގެ މާނައާއި އެކަލިމަ އެދޭ ކަންތައްތައް ނޭނގި އެކަލިމަ ކިއުމުން އެއްވެސް ފައިދާއެއް ނުކުރާނެއެވެ.
2. ދެވަނަ ޝަރުޠަކީ އެއްވެސް ޝައްކުކަމެއްނެތި އެކަލިމައިގައި ބުނާއެތި ޔަޤީންކުރުމެވެ.
3. ތިންވަނަ ޝަރުޠަކީ ޝިރުކުން އެއްފަރާތްވެގެންވާ އިޚްލާޞްތެރިކަމެއް ހުރުމެވެ.
4. ހަތަރުވަނަ ޝަރުޠަކީ ނިފާޤުކަމަށް ޖާގަނެތް ތެދުވެރިކަމަކުން އެކަލިމަ ތެދުކުރުމެވެ.
5. ފަސްވަނަ ޝަރުޠަކީ މިކަލިމައަށާއި މިކަލިމައިން ދަލީލުކޮއްދޭ އެންމެހާ ކަންތައްތަކަށް ލޯބިކުރުމެވެ.
6. ހަވަނަ ޝަރުޠަކީ އެކަލިމައިގެ ޙައްޤުތައް އަދާކުރުމުގައި ކިޔަމަންތެރިވުމެވެ.
7. ހަތްވަނަ ޝަރުޠަކީ ރައްދު ނަފީކުރާފަދަ ޤަބޫލުކުރުމަކުން ޤަބޫލުކުރުމެވެ.

Read more...