Showing posts with label ސިޔާސަތު. Show all posts
Showing posts with label ސިޔާސަތު. Show all posts

25 October 2020

ޖާހިލިއްޔަ ޒަމާނުގެ ޝާޢިރަކު މިވަނީ ބަޔާންކޮށްފައި ޑިމޮކްރަސީގައި މި އޮންނަ ޕާރޓީ ސިސްޓަމުގެ ވާހަކަ ނޫންބާވައެވެ.

މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު


ޖާހިލިއްޔަ ޒަމާނުގެ ޝާޢިރަކު މިވަނީ ބަޔާންކޮށްފައި ޑިމޮކްރަސީގައި މި އޮންނަ ޕާރޓީ ސިސްޓަމުގެ ވާހަކަ ނޫންބާވައެވެ.

Read more...

06 September 2012

ޝާމް


އަލްއަޚް މުޙައްމަދު ޝާފިޢު ބިން ޢަބްދުލްޣަފޫރު
الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.ޝާމްއަކީ މިހާރުގެ ސީރިޔާވެސް ހިމެނޭ ސަރަޙައްދެވެ. އެއީ އެބިމެއްގައި ﷲ ސުބްޙާނަހޫ ވަތަޢާލާ މިދުނިޔެއަށް ފޮނުއްވި އެތައް ނަބީންނަކާއި ރަސޫލުންނެއް އެބޭކަލުންގެ ދަޢުވަތު މިބިންމަތީ ފެތުރުއްވެވި ބިމެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ އެބިމެއްގައި ބަރަކާތްލައްވާފައިވާ ބިމެކެވެ.

އެއިލާހު ވަޙީކުރައްވާފައިވެއެވެ.وَأَوْرَثْنَا الْقَوْمَ الَّذِينَ كَانُواْ يُسْتَضْعَفُونَ مَشَارِقَ الأَرْضِ وَمَغَارِبَهَا الَّتِي بَارَكْنَا فِيهَا وَتَمَّتْ كَلِمَتُ رَبِّكَ الْحُسْنَى عَلَى بَنِي إِسْرَائِيلَ بِمَا صَبَرُواْ وَدَمَّرْنَا مَا كَانَ يَصْنَعُ فِرْعَوْنُ وَقَوْمُهُ وَمَا كَانُواْ يَعْرِشُونَ (الأعراف : 137 ) މާނަ: “ނިކަމެތިކޮށް ހިތެމުންދިޔަ ޤައުމުގެމީހުންނަށް، ބިމުގެ އިރުމައްޗާއި، އެ ބިމުގެ ހުޅަނގު، ތިމަންރަސްކަލާނގެ ވާރުތަކޮށްދެއްވީމެވެ. އެއީ ތިމަންރަސްކަލާނގެ އެތަންތާނގައި ބަރަކާތްލައްވާފައިވާ ތަންތަނެވެ. އަދި ކަލޭގެފާނުގެ ރައްބު އިސްރާއީލްގެ ދަރިންނަށް ދެއްވާފައިވާ (ވަޢުދުގެ) ހެޔޮބަސްފުޅު، އެއުރެން ކެތްތެރިވުމުގެ ސަބަބުން ފުރިހަމަވެގެންދިޔައެވެ. އަދި ތިމަންރަސްކަލާނގެ، ފިރްޢައުނާއި، އޭނާގެ ޤައުމުގެމީހުން ހަދަމުންގެންދިޔަ ތަކެއްޗާއި، އެއުރެން ބިނާކުރަމުންގެންދިޔަ ޢިމާރާތްތައް ހަލާކުކުރައްވައި، ނެތިކުރެއްވީމެވެ.”

ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ ރަޙިމަހުﷲ މި އާޔަތާބެހޭގޮތުން ވިދާޅުވެފައިވެއެވެ. “ފިރްޢައުނު ޣަރަޤުކުރެއްވުމަށްފަހުގައި، ވާރުތަކޮށްދެއްވި ބިމަކީ ޝާމްގެ އިރުމައްޗާއި ޝާމްގެ ހުޅަނގުކަން އެއީ ފާޅުވެ އެނގޭ ކަމެކެވެ.” (مناقب الشام وأهله (75))

އިބްނު ޖަރީރުއް ޠަބަރީ ރަޙިމަހުﷲ ވެސް މިއާޔަތުގެ ތަފްސީރާބެހޭގޮތުން، މިއާޔަތުގައި ވާރިދުވެފައިވާ މަޝާރިޤުލް އަރްޟިގެ މުރާދަކީ ޝާމުކަމުގައި ވިދާޅުވެފައިވެއެވެ. جامع البيان (5/3617)

އަދިވެސް ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ. سُبْحَانَ الَّذِي أَسْرَى بِعَبْدِهِ لَيْلاً مِّنَ الْمَسْجِدِ الْحَرَامِ إِلَى الْمَسْجِدِ الأَقْصَى الَّذِي بَارَكْنَا حَوْلَهُ لِنُرِيَهُ مِنْ آيَاتِنَا إِنَّهُ هُوَ السَّمِيعُ البَصِيرُ (الإسراء : 1 ) މާނަ: “އެއިލާހު ހުސްޠާހިރުވަންތަކަމާއެވެ! އެއިލާހީ، އަލްމަސްޖިދުލް ޙަރާމް އިން އަލްމަސްޖިދުލް އަޤްޞާއަށް އެއިލާހުގެ އަޅާ، ރޭގަނޑުން ބައެއްގައި ގެންދެވި އިލާހެވެ. އެއީ އެތާނގެ ވަށައިގެން، ތިމަންއިލާހު ބަރަކާތްލެއްވި ތަނެވެ. (އެއީ) ތިމަންއިލާހުގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިން ބައެއް، އެކަލޭގެފާނަށް ދެއްކެވުމަށްޓަކައެވެ. ހަމަކަށަވަރުން، އެއިލާހީ، އައްސަވާވޮޑިގެންވާ، ބައްލަވާވޮޑިގެންވާ އިލާހެވެ.”

އަލްއިމާމު ޠަބަރީ ރަޙިމަހުﷲ މިއާޔަތުގައިވާ الَّذِي بَارَكْنَا حَوْلَهُ (އެތާނގެ ވަށައިގެން ތިމަންއިލާހު ބަރަކާތްލެއްވި ތަން) ތަފްސީރުގައި ވިދާޅުވެފައިވެއެވެ. “ބަރަކާތްލެއްވިފައިވުމޭ ބަހުގެ މުރާދަކީ އެބައިމީހުންގެ މަސްކަނުގަޔާއި (ދިރިއުޅޭ ތަނުގަޔާއި) ކާބޯތަކެތީގަޔާއި އަދި ދަނޑުފަނގުގައެވެ.” جامع البيان (6/5093)

ޝާމްގެ ބިމަށް ބަލާލުމުންވެސް އެބިމަކީ ބަރަކާތްލެއްވިގެންވާ ބިމެއް ކަން ދޭހަވެއެވެ. އެހެނީ އެބިމަކީ ފެނާއި ކޯރުތައް ލެއްވުމުންނާއި، ގަސްގަހާގެއްސާއި ފަތްޕިލާވެލީގެ ތަނަވަސްކަމާއި މޭވާ ތަރުކާރީ އަދި ފަލަމަޑީގެ ތަނަވަސްކަން ވަރަށް ބޮޑަށް ލިބިފައިވާ ބިންގަނޑު ރަނގަޅު ސަރަޙައްދެކެވެ.

އަދިވެސް ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ. وَنَجَّيْنَاهُ وَلُوطاً إِلَى الْأَرْضِ الَّتِي بَارَكْنَا فِيهَا لِلْعَالَمِينَ (الأنبياء : 71 ) މާނަ:”އަދި ތިމަންއިލާހު އެކަލޭގެފާނާއި(އެބަހީ: އިބްރާހީމްގެފާނާއި) ލޫޠުގެފާނު ސަލާމަތްކުރައްވައި، ޢާލަމްތަކަށްޓަކައި، ތިމަންއިލާހު ބަރަކާތްލެއްވި ބިމަށް ފޮނުއްވީމެވެ.”

އިމާމުއް ޠަބަރީ ރަޙިމަހުﷲ އާއި ޖުމްހޫރު ތަފްސީރު ޢިލްމުވެރިން މިއާޔަތުގައި މިވާ ބަރަކާތްލެއްވިގެންވާ ބިމަކީ ޝާމްކަމުގައި ވިދާޅުވެއެވެ. އަދިވެސް އެކަލާނގެ ވަޙީކުރައްވާފައިވެއެވެ. وَلِسُلَيْمَانَ الرِّيحَ عَاصِفَةً تَجْرِي بِأَمْرِهِ إِلَى الْأَرْضِ الَّتِي بَارَكْنَا فِيهَا وَكُنَّا بِكُلِّ شَيْءٍ عَالِمِينَ (الأنبياء : 81 ) މާނަ: “އަދި ތިމަންއިލާހު، ސުލައިމާނުގެފާނަށް ވައިރޯޅި ގަދަޔަށްޖެހޭ ގޮތުގައި (އެ) ޚިދުމަތްތެރި ކުރެއްވީމެވެ. ތިމަންއިލާހު އެ ބިމުގައި، ބަރަކާތްލެއްވި ބިމަށް، އެކަލޭގެފާނުގެ އަމުރުފުޅަށް، އެ ވައިރޯޅި ހިނގައިދާގޮތުގައެވެ. އަދި ތިމަންއިލާހު ކޮންމެކަމެއް ދެނެވޮޑިގެންވަމެވެ.”

މިއާޔަތުގައި ވާ ބަރަކާތްލެއްވިގެންވާ ބިމުގެ މުރާދަކީ ޝާމްގެ ބިންކަމަށް ތަފްސީރު ޢިލްމުވެރިން އިއްތިފާޤުވެވަޑައިގެންފައިވެއެވެ.

އަދި ﷲ ސުބްޙާނަހޫ ވަތަޢާލާގެ މިބަސްފުޅެވެ. وَجَعَلْنَا بَيْنَهُمْ وَبَيْنَ الْقُرَى الَّتِي بَارَكْنَا فِيهَا قُرًى ظَاهِرَةً وَقَدَّرْنَا فِيهَا السَّيْرَ سِيرُوا فِيهَا لَيَالِيَ وَأَيَّاماً آمِنِينَ (سبأ : 18 ) މާނަ: “އަދި ތިމަންއިލާހު އެ ރަށްތަކުގައި ބަރަކާތްލެއްވި ރަށްތަކާއި، އެއުރެންނާ ދެމެދުގައި (ލޮލަށް ފެންނަހާ ކައިރީގައި) ފާޅުވެގެންވާ ރަށްތަކެއް ލެއްވީމެވެ. އަދި އެ ރަށްތަކުގުދެމެދުގައި ހިނގާބިނގާއުޅުން ތިމަންއިލާހު މިންވަރު ކަނޑައެޅުއްވީމެވެ. (ތިމަންއިލާހު އެއުރެންނަށް ވަޙީކުރެއްވީމެވެ.) ރޭތަކަކާއި، ދުވަސްތަކެއް ވަންދެން އަމާންކަން ލިބިގެންވާ ޙާލު، ތިޔަބައިމީހުން އެ ރަށްތަކުގައި ހިނގާބިނގާ ދަތުރުފަތުރުކޮށް އުޅޭށެވެ!”

މިއާޔަތުގެ ތަފްސީރުގައި އިބްނު ކަޘީރު ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. “މުޖާހިދާއި އަލްޙަސަނު އަދި މާލިކު އަދި ޤަތާދާ އަދި ޟައްޙާކު އަދި މިނޫންވެސް ބޭކަލުން (ރަޙިމަހުމުﷲ ޖަމީޢަން) މިއާޔަތުގައިވާ ބަރަކާތްލެއްވި ރަށްތަކުގެ މުރާދަކީ ޝާމްގެ ރަށްތައްކަމަށް ވިދާޅުވެފައިވެއެވެ.” تفسير القرآن العظيم (11/ 176).

ބަޔާންވެދިޔަ ފަސް އާޔަތް ޛިކުރުކުރެއްވުމަށްފަހުގައި ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. “މިއީ ޝާމުގެ ބިމުގެ ވާހަކަ ﷲ ސުބްޙާނަހޫ ވަތަޢާލާ ޛިކްކުރައްވާފައިވާ ފަސް އާޔަތެވެ. އިބްރާހީމް ޢަލައިހިއްސަލާމް ހިޖުރަކުރެއްވީވެސް އެބިމަށެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އިސްރާކުރެއްވުނީ އެބިމަށެވެ. އަދި ބަނީއިސްރާއީލުގެ މީހުން ގެންދެވުނީވެސް އެބިމަށެވެ. ސުލައިމާނުގެފާނުގެ ވެރިކަން ވީ އެބިމުގައެވެ. އަދި ސަބާގެ އަހުލުވެރިން ދިޔައީވެސް އެބިމަށެވެ.”

އަލްފަޚްރުއް ރާޒީ ވިދާޅުވިއެވެ. “ޝާމްގައި ބަރަކާތްލެއްވިގެންވަނީ ދެގޮތަކުންނެވެ. އެއީ ދީނީގޮތުންނާއި ދުނިޔަވީގޮތުންނެވެ. ދީނީގޮތުން އެމިބުގައި ބަރަކާތްލެއްވިގެންވަނީ އެބިމަކީ އެންމެ ގިނަ ނަބީން އެބިމަކަށް ފޮނުއްވުނު ބިމެވެ. އެނަބިއްޔުންގެ ޝިޢާރުތައް ފާޅުކުރެއްވީ އެބިމުގައެވެ. އެބިމުގައި އެބޭކަލުންގެ ނުބުއްވަތުގެ އަޘަރުތައްވެއެވެ. ދުނިޔަވީގޮތުން ބަރަކާތްލެއްވިގެންވަނީ އެބިމަކީ ފެންފަހި ބިމެއްކަމުގައި ލެއްވިގެންވުމުންނާއި ގަސްގަހާގެއްސާއި މޭވާ ތަރުކާރީ ތަނަވަސްވެގެން ވުމުގެ ސަބަބުންނެވެ.” مفاتيح الغيب (11/ 190)

އެބިން ﷲ ސުބްޙާނަހޫ ވަތަޢާލާ ޞިފަކުރައްވާފައިއެވަނީ ބަރަކާތްލެއްވިގެންވާ ބިމެއްގެ ގޮތުގައެވެ. އަދި އެތަނެއްގައި ﷲ ސުބްޙާނަހޫ ވަތަޢާލާ މޫސާ ޢަލައިހިއްސަލާމަށް މެދުވެރިއެއްނެތި ބަސްފުޅު ވަޙީކުރެއްވި ޠޫރު ފަރުބަދަވެސް ހުރީ އެބިމުގައެވެ. މަސްޖިދުލް ޢަޤްޞާވެސް ހުރީ އެބިމުގައެވެ. އެއީ އެތަނަކުން މާތް ﷲ ގެ ނަބިއްޔާ މިޢުރާޖުކުރެއްވުނު ތަނެވެ. މިއުންމަތުގެ މަޖުދުވަނީ އެބިމުގައެވެ. ފަހުޒަމާނަށް އައިސް ގިނަ ކަންތައްތަކެއް ހިނގަމުންދާނޭކަމަށް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޚަބަރުކުރައްވާފައިވެއެވެ. އަދި މިއުންމަތުގެ ފިރްޤަތުލްމަންޞޫރާ (ނަޞްރުލިބިގެންވާ ފިރުޤާ) ވެސް އެމިބުގައި ވާނެއެވެ. އަދި މީސްތަކުން މަޙްޝަރުކުރެއްވުންވެސް ވަނީ އެބިމުގައެވެ. (مناقب الشام وأهله) (77-78)

އިސްލާމްދީން ފާޅުވެގެންދިޔައީ އަދި ނަޞްރު ލިބިގެންދިޔައީ ޙިޖާޒުން ކަމުގައިވިޔަސް ބައެއްޒަމާންތަކުގައި އިސްލާދީނަށް ނަޞްރު ލިބިގެންދާނީ ޝާމްކަރައިންނެވެ.

ޝާމްކަރައިގެ ބިމުގައި ބަރަކާތް ލެއްވުމަށްއެދި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ދުޢާކުރެއްވިއެވެ. عن ابن عمر عن النبي – صلى الله عليه وسلم – قال: “اللهم بارك لنا في شأْمنا، اللهم بارك لنا في يمننا” قالوا: يا رسول الله وفي نجدنا؟ قال: “اللهم بارك لنا في شأْمنا، اللهم بارك لنا في يمننا” قالوا: يا رسول الله وفي نجدنا؟ فأظنه قال في الثالثة: “هناك الزلازل والفتن وبها يطلع قَرْنُ الشيطان”. أخرجه البخاري (7094)
އިބްނު ޢުމަރު ރަޟިޔަﷲ ޢަންހުމާގެ ކިބައިން ރިވާވެފައިވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. “އޭ ﷲ އަހަރެމެންނަށްޓަކައި އަހަރެމެންގެ ޝާމްގައި ބަރަކާތް ލައްވާނދޭވެ! އޭ ﷲ އަހަރެމެންނަށްޓަކައި އަހަރެމެންގެ ޔަމަނުގައި ބަރަކާތް ލައްވާނދޭވެ! (ޞަޙާބީން) ދެންނެވިއެވެ! “އޭ ﷲގެ ރަސޫލާއެވެ! އަހަރެމެންގެ ނަޖްދުގައިވެސް ތޯއެވެ!” ޙަދީޘްކުރެއްވިއެވެ. އޭ ﷲ އަހަރެމެންނަށްޓަކައި އަހަރެމެންގެ ޝާމްގައި ބަރަކާތް ލައްވާނދޭވެ! އޭ ﷲ އަހަރެމެންނަށްޓަކައި އަހަރެމެންގެ ޔަމަނުގައި ބަރަކާތް ލައްވާނދޭވެ! (ޞަޙާބީން) ދެންނެވިއެވެ! “އޭ ﷲގެ ރަސޫލާއެވެ! އަހަރެމެންގެ ނަޖްދުގައިވެސް ތޯއެވެ!” އަހަރެންނަށް ހީވާގޮތުން ތިންވަނަ ފަހަރު އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.” ބިންހެލުންތަކާއި ފިތުނަވަނީ އެތަނުގައި(އެބަހީ:ނަޖްދުގައި) ވެއެވެ. އަދި ޝައިޠާނާގެ ދަޅު ފާޅުވަނީ އެތަނުންނެވެ.” (ބުޚާރީ)

عن خالد بن معدان عن أصحاب رسول الله – صلى الله عليه وسلم – أنهم قالوا: يا رسول الله، أخبرنا عن نفسك؟ فقال: “دعوةُ أبي إبراهيم، وبُشرى عيسى، ورأت أُمِّي حين حملت بي أنه خرج منها نورٌ أضاءت له بُصرى، وبصرى أرض الشام”. (أخرجه الحاكم وهو صحيح بشواهده كما قال الألباني.) ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަޞްޙާބުންގެ ކިބައިން ޚާލިދު ބިން މަޢްދާން ރިވާކުރެއްވިއެވެ. އެބައިމީހުން ދެންނެވިއެވެ. އޭ ﷲގެ ރަސޫލާއެވެ. ކަލޭގެފާނާބެހޭގޮތުން ތިމަންމެންނަށް ޚަބަރުކޮށްބަލާށެވެ. ޙަދީޘްކުރެއްވިއެވެ. (ތިމަންކަލޭގެފާނީ) އިބްރާހީމްގެފާނުގެ ދުޢާއެވެ. އަދި ޢީސާގެފާނު ދެއްވި އުފާވެރި ޚަބަރެވެ. ތިމަންކަލޭގެފާނުގެ މަންމާފުޅު ތިމަންކަލޭގެފާނައިގެން ބަލިވެއިންނެވި ހިނދު އެކަމާނާގެ ކިބައިން ނުކުތް ނޫރެއް ބުޞްރާ އަލިކުރިއެވެ. އެއީ ޝާމްކަރައިގެ ބުޞްރާއެވެ.”

عن زيد بن ثابت قال: كنا عند رسول الله – صلى الله عليه وسلم – فقال: “طوبي للشام”، فقلنا: لأي ذلك يا رسول الله؟ قال: “لأن ملائكة الرحمن باسطة أجنحتها عليها”. أخرجه أبو داود وصححه الألباني ޒައިދު ބިން ޘާބިތު ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ އަރިހުގައި އަހަރެމެންވީމެވެ. ޙަދީޘްކުރެއްވިއެވެ. “ޝާމްއަށް ހެޔޮރަނގަޅުކަން ހުއްޓެވެ.” އަހަރެމެން ދެންނެވީމެވެ. އޭ ﷲގެ ރަސޫލާއެވެ. އެއީ ކޮންކަމެއްގެ ސަބަބުންހެއްޔެވެ؟ ޙަދީޘްކުރެއްވިއެވެ. “ހަމަކަށަވަރުން الرحمن ގެ މަލާއިކަތުން އެބޭކަލުންގެ ފިޔަފުޅުތައް ޝާމްގެ މައްޗަށް ފަތުރާފައިވެއެވެ.”

عن معاوية بن أبي سفيان قال: سمعت النبي – صلى الله عليه وسلم – يقول: “لا يزال من أُمتي أُمةٌ قائمةٌ بأمر الله، لا يضرهم من خذلهم ولا من خالفهم، حتى يأتيهم أمر الله وهم على ذلك”. رواه البخاري ومسلم. 3641/ 1037 قال معاذ بن جبل: وهم بالشام. رواه البخاري މުޢާވިޔަތު ބިން އަބީ ސުފްޔާން ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވަނިކޮށް އަހަރެން އަޑުއެހީމެވެ. “ތިމަންކަލޭގެފާނުގެ އުއްމަތުގައި ﷲގެ އަމުރުފުޅުތައްމަތީ ތިބޭބައެއް ފިލާނުދާހުއްޓެވެ. އެބައިމީހުންނާ ދެކޮޅުވެރިވުމަކުން އަދި އެބައިމީހުންނާ ޚިލާފުވުމަކުން އެބައިމީހުންނަށް އެއްވެސް ގެއްލުމެއް ނުލިބެއެވެ. އެބައިމީހުން އެގޮތުގައިތިބިޙާލު އެބައިމީހުންގެގެގާތަށް ﷲގެ އަމުރު އަތުވަންދެނެވެ.” މުޢާޛް ބިން ޖަބަލް ވިދާޅުވިއެވެ. އެބައިމީހުން ތިބޭހުށީ ޝާމްގައެވެ.

عن عبد الله بن حوالة قال: قال رسول الله – صلى الله عليه وسلم -:”سيصير الأمرُ إلى أن تكونوا جنوداً مجندةً: جندٌ بالشام وجندٌ باليمن وجندٌ بالعراق”، قال ابن حوالة: خِرْ لي يا رسول الله إن أدركت ذلك. فقال: “عليك بالشامِ فإنها خيرةُ الله من أرضه، يجتبي إليها خيرته من عباده، فأمّا إذا أبيتم، فعليكم بيمنكم، واسقوا من غُدُركم، فإن الله توكل لي بالشام وأهله”. ( رواه أبو داود وصححه الألباني) عبد الله بن حوالة ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. “މިހެން ކަންތައްތައް ވެގެންދާނެއެވެ. އެކިއެކި ލަޝްކަރުތަކެއް ވާނެއެވެ. ޝާމުން ލަޝްކަރަކާއި ޔަމަނުން ލަޝްކަރަކާއި ޢިރާޤުން ލަޝްކަރެކެވެ.” ابن حوالة ވިދާޅުވިއެވެ. އަހުރެން އެކަން ދެކެފިއްޔާ ދެން އަހަރެން ދާންވީ ތަނެއް ޚިޔާރުކޮށްދެއްވާށެވެ! ޙަދީޘްކުރެއްވިއެވެ. “ތިބާ ޝާމަށް ލާޒިމުވާށެވެ. އެއީ މިބިންމަތީގައި ﷲ ހޮއްވަވާފައިވާ ތަނެވެ. އެއިލާހުގެ އަޅުތަކުންގެ ތެރެއިން އެންމެ ހެޔޮމީހުން އެތަނަށް ޖަމާކުރައްވާނެއެވެ. ދެންފަހެ ތިޔަބައިމީހުންނަށް އެކަން ކުރުމުން މަނާވެގަންފިނަމަ ދެން ތިޔަބައިމީހުންނަށްޓަކައި ވަނީ ޔަމަނެވެ. ތިޔަބައިމީހުންގެ ފެންގަނޑުން ފެންބޯށެވެ. ހަމަކަށަވަރުން ﷲ ސުބްޙާނަހޫ ވަތަޢާލާ ތިމަންކަލޭގެފާނަށްޓަކައި ޝާމާއި އެތާގެ އަހުލުވެރިންގެ ޔަޤީންކަންދެއްވާފައިވެއެވެ. (އެބަހީ: އެތަންފިތުނަކައަކުން ހަލާކުނުރައްވާނެކަމުގެ ޔަޤީންކަމެވެ.)”

عن عبد الله بن عمر بن الخطاب ـ رضي الله عنه ـ قال: قال رسول الله – صلى الله عليه وسلم -: “ستخرج نار في آخر الزمان من (حَضْرمَوت) تحشر الناس”، قلنا: فماذا تأمرنا يا رسول الله؟ قال: “عليكم بالشام”. فضائل الشام ودمشق وصححه الألباني. ޢަބްދުﷲ ބިން ޢުމަރު ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. “ފަހު ޒަމާނުގައި ޙަޟްރަމައުތުން މީސްތަކުން ޙަޝްރުކުރާނޭ(އެއްކުރާނޭ) އަލިފާންގަނޑެއް ފާޅުވާނެއެވެ.” ތިމަންމެން ދެންނެވީމެވެ. އޭ ﷲގެ ރަސޫލާއެވެ. ކަލޭގެފާނު ތިމަންމެންނަށް އަމުރުކުރައްވަނީ ކޮންކަމަކަށްތޯއެވެ؟” ޙަދީޘްކުރެއްވިއެވެ. “ޝާމްއަށް ލާޒިމުވާށެވެ”

عن أبي ذر قال: قال رسول الله – صلى الله عليه وسلم -: “الشام أرض المحشر والمنشر” صححه الألباني އަބޫ ޛައްރު ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. “ޝާމްއަކީ މަޙްޝަރުގެ(އެބަހީ: އެއްކުރެވޭ) އަދި ނަޝްރުގެ(އެބަހީ: މީސްތަކުން ޤަބުރުތަކުންނުކުމެ އަލުންދިރުއްވޭ) ބިމެވެ.”

عن معاوية بن قُرة عن أبيه قال: قال رسول الله – صلى الله عليه وسلم -: “إذا فسد أهل الشامِ فلا خير فيكم، لا تزال طائفة من أُمتي منصورين لا يضرهم من خذلهم حتى تقوم الساعة”. رواه الترمذي وقال: هذا حديث حسن صحيح. معاوية بن قُرة އެކަލޭގެފާނުގެ ބައްޕަގެ ކިބައިން ރިވާކުރެއްވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. “ޝާމްގެ އަހުލުވެރިން ފަސާދަވެއްޖެނަމަ ތިޔަބައިމީހުންގެކިބައިގައި ހެޔޮކަމެއް ނުވެއެވެ. (އެބަހީ: އެތާގަ ތިބުމާއި އެދަނަށް ދިޔުމުގައި ހެޔޮކަމެއްނުވެއެވެ.) ތިމަންކަލޭގެފާނުގެ އުންމަތުގައި ނަޞްރުލިބިގެންވާ ބަޔަކު ފިލައިނުދެއެވެ. އެބައިމީހުންނަށް ނަޞްރުދިނުމުން އެއްކިބާވިމީހުންގެ ސަބަބުން އެބައިމީހުންނަށް އެއްވެސް ގެއްލުމެއް ނުވެއެވެ. (ޤިޔާމަތުގެ)ވަގުތު ޤާއިމުވުމާ ޖެހެންދެނެވެ.”

عن النواس بن سمعان قال: ذكر رسول الله – صلى الله عليه وسلم – الدَّجال ذات غداة…. (وفيه)، فبينما هو كذلك إذ بعث الله المسيح ابن مريم، فينزل عند المنارة البيضاء شرقي دمشق، واضعاً كفيه على أجنحة ملكين إذا طأطأ رأسه قَطَرَ، وإذا رفعه تحدَّر منه جمان كاللؤلؤ، فلا يحل لكافر يجد ريح نَفَسِهِ إلا مات، ونَفَسُهُ ينتهي حيث ينتهي طرفه، فيطلبه حتى يدركه بباب لُدٍّ فيقتلُهُ…”. أخرجه مسلم. النواس بن سمعان ވިދާޅުވިއެވެ. އެއްދުވަހެއްގެ ހެނދުނު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ތިމަންމެންގާތު ދައްޖާލުގެވާހަކަ ޛިކުރުކުރެއްވިއެވެ. (އެޙަދީޘްގައި އެކަލޭގެފާނު ކިޔައިދެއްވިއެވެ.) އެހާރުން ﷲ ސުބްޙާނަހޫ ވަތަޢާލާ އަލްމަސީހް ބިން މަރްޔަމް ދުނިޔެއަށް ފޮނުއްވަފާނެއެވެ. އެކަލޭގެފާނު ފައިބާވަޑައިގަންނަވާނީ އިރުމަތީ ދިމިޝްޤުގެ މިނާރަތުލް ބައިޟާއަށެވެ. (ހުދުކުލައިގެ މުންނާރަށެވެ) ދެމަލާއިކަތުންގެ ދެފިޔަފުޅުގައި އެކަލޭގެފާނުގެ ދެއަތްޕުޅުވާ ޙާލުގައެވެ. އެކަލޭގެފާނުގެ ބޯ ތިރިކުރައްވާހިނދު ތިކިތަކެއް ފައިބާނެއެވެ. އަދި އެކަލޭގެފާނުގެ ބޯ މައްޗަށް އުފުލާހިނދު އިތާމުތްފަދަ ތިކިތަކެއް ފައިބާނެއެވެ. އެކަލޭގެފާނު ނޭވާފުޅު ފޯރައިފި އެއްވެސް ކާފިރަކު މަރުނުވެ ނުދާހުއްޓެވެ. އެކަލޭގެފާނުގެ ނޭވާފުޅު އެކަލޭގެފާނުގެ ލޯފުޅަށް ފެންނަ ހިސާބަށް ދެމިގެންވެއެވެ. އަދި ޖައްދާލުގެ ފަހަތުން އޭތި އަތުލެވެންދެން ވަޑައިގަންނަވާނެއެވެ. އެއީ “ބާބުލުއްދި”(ބައިތުލް މަޤްދިސްގެކައިރި ރަށެއް) އާހަމައަށެވެ. އެތާނގައި ޖައްދާލު ޤަތުލުކުރައްވާނެއެވެ.

عن عبد الله بن عمرو قال: قال رسول الله – صلى الله عليه وسلم -: ” إنّ الإيمان إذا وقعت الفتن بالشام”. فضائل الشام ودمشق وصححه الألباني ޢަބްދުﷲ ބިން އަމްރޫ ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. “ފިތުނަ ފާޅުވެއްޖެއްޔާ ހަމަކަށަވަރުން އީމާންކަން ވާހުށީ ޝާމްގައެވެ.”

عن أبي الدرداء أن رسول الله – صلى الله عليه وسلم – قال: “إن فسطاط المسلمين يوم الملحمة بالغوطة إلى جانب مدينة يُقال لها دمشق من خير مدائن الشام”. رواه أبو داود وصححه الألباني. އަބުއްދަރުދާއު ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. “މުސްލިމުންގެ ލަޝްކަރު ފިތުނައިގެ ދުވަހުގައި ވާހުށީ އަލްޣޫޠާގައެވެ. އެއީ ޝާމްގައިވާ އެންމެ ހެޔޮ އެއް ރަށްކަމަށްވާ ދިމިޝްޤޭ ކިޔޭ ރަށުގެ ކައިރީގައިވާ ތަނެކެވެ.”
------------------
މަރުޖިޢު
إتحاف الأنام بذكر فضائل الشام
أبو بكر خالد بن موسى بن رجا نواصره

Read more...

22 July 2012

އިސްތިޢުމާރުން ފެށިފެށުން ފިކުރީ ވަކިތަކަކަށް

އަލްއަޚް މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު
ޤަދީމީ އިސްތިޢުމާރަކީކޮބާ؟
އެއީ ޖޯގްރަފީގޮތުން ހޯދޭ ބިންތަކުގައި މީހުން ވަޒަންވެރިކުރުވައި އެތަންތަން ފައިދާ ލިބިގަތުމަށްޓަކައި އާރާސްތުކޮށް ބިނާކުރުމެވެ.
ޒަމާނީ އިސްތިޢުމާރަކީ ކޮބާ؟
ޒަމާނީ އިސްތިޢުމާރަކީ ސިނާޢީ އިންޤިލާބުގެ ނަތީޖާއެއްގެ ސަބަބުން ނުފޫޒު ފެތުރުމާއި ވެރިވެގަތުމާއި އަތްގަދަ ކުރުމުގެ މައްޗަށް ބިނާވެފައިވާ އެއްޗެކެވެ. އަދި އޭގައި ތަފާތު އުކުޅުތައް ބޭނުންކުރެވެއެވެ.

ޢާއްމުގޮތެއްގައި އިސްތިޢުމާރު ކުރެވޭ ސަބަބުތައް
- ދުނިޔޭގެ ޤައުމުތަކުން ފަޤީރުކަން ނައްތާލައި ތަރައްޤީ ކުރުމުގެ ނަމުގައި.
- ބައިނަލް އަޤުވާމީ ދަނޑުގައި އެބައިމީހުންގެ އާރާއި ބާރު ދެމެހެއްޓުމަށް.
- ޔޫރަޕްގެ އުފެއްދުންތައް ވިއްކާނެ ބާޒާރުތައް ހޯދުމަށާއި
- މަސައްކަތްކުރާނެ އަގުހެޔޮ އަތްތަކެއް ހޯދުމަށް.
- ތަކެތި އުފެއްދުމަށްޓަކައި ހެޔޮއަގުގައި ނުވަތަ ހިލޭ ރޯމެޓީރިއަލް ހޯދުމަށް.
- ޔޫރަޕްގެ ބޮޑެތި ސިޔާސީ ވެރިން މަޝްހޫރުވެގަތުމަށް.

އިސްތިޢުމާރުގައި އެންމެ ކުރިއަރައިފައިވާ ޤައުތައް
- އިގިރޭސިވިލާތް، ފަރަންސޭސިވިލާތް، ރަޝިޔާ، އިޓަލީ

އިގިރޭސިވިލާތުގެ ދަށަށް ދިޔަ އިސްލާމީ ބައެއް ޤައުމުތައް:
- ޢަދަން، މިޞްރު، އިންޑިޔާ، ދިވެހިރާއްޖެ، ޢިރާޤު، ކުވައިތު

ފަރަންސޭސިވިލާތުގެ ދަށަށް ދިޔަ އިސްލާމީ ބައެއް ޤައުމުތައް:
- ލުބްނާން، މަޣުރިބް، އަލްޖަޒާއިރު، ސޫރިޔާ

އިސްލާމީ ޤައުމުތައް އިސްތިޢުމާރު ކުރުމަށް އެންމެ ބޮޑު ހުރަހަކަށްވީ:
މުސްލިމުންގެ ޢަޤީދާއެވެ. މުސްލިމުން ދެކޭގޮތުގައި މުސްލިމުން ބޯލަބަންޖެހޭ ފަރާތަކީ ﷲ ސުބްޙާނަހޫ ވަތަޢާލާ ކަމުގައި ވުން، އަދި އިސްލާމް ދީނަކީ މިނިވަންކަމުގެ އަގު ވަޒަންކުރާ ދީނަކަށްވުމާއި އިސްލާމްދީނުގެ އަޞްލުތައް ބިނާވެފައިވަނީ މީސްތަކުންގެ އަޅުވެތިކަމުން މީސްތަކުންނެރެ، ﷲގެ އަޅުވެތިކަމުގެ ދަށަށް މީސްތަކުން ގެންދިޔުންކަމުގައި ވުން.

ހަނދާންކުރަންޖެހޭ މުހިއްމު ނުކުތާއެއް:
އިސްތިޢުމާރު އިސްލާމީ ދުނިޔެއިން ފުހެވިގެން ދިޔަނަމަވެސް އެބައިމީހުން ޙަޤީޤަތުގައި އަދިވެސް އިސްލާމީ ޤައުމުތަކުގައި އެބަ ތިއްބެވެ. މިހެން ބުނެވޭ ސަބަބު ތައް:
- މުސްލިމުންގެ ކުރިއެރުމާއި ހޭލުންތެރިކަން ނައްތައިލުމަށް އެތެރެއާއި ބޭރުން މަސައްކަތްކުރުން.
- މުސްލިމުން ބިނާކުރި އިންސާނީ ޙަޟާރަތް ނައްތާލުމަށް މަސައްކަތްކުރުން.
- އިސްލާމީ ޝަޚްޞިއްޔަތު ނައްތާލަން މަސައްކަތްކުރުން.
- އެބައިމީހުން ބޭނުންވާ ފަސާދައިގެ “އޮއްތައް” އަމިއްލަ ފަސްގަނޑުގައި “މުޑުވައްކުރާނެ” އެބައިމީހުން ގެ ފިކުރުގެ “ދަނޑުވެރިންތައް” އެފަދަ ޤައުމުތަކުގައި އުފައްދާފައިވުން. މިފަދަ މީހުންނަކީ ޢާއްމުކޮށް ހުޅަނގުން ތަޢުލީމު ޙާޞިލްކުރުމުގެ ސަބަބުން އެބައިމީހުންގެ ސިކުނޑި ދޮވެވިފައި ތިބޭ، ލާދީނީ، އަދި ސެކިއުލަރ ވިސްނުމާއި އެމީހުން ބުނާ “މެދުމިނުގެ އިސްލާމްދީން” ނުވަތަ މޮޑަރޭޓް އިސްލާމްދީނަށް އަރާތިބި މީހުން
- އިސްލާމީ އުސޫލުތަކާ މުސްލިމުން ދުރުކުރުމަށް މަސައްކަތްކުރުން – މިކަން ޢާއްމުގޮތެއްގައި ކުރަނޭ އެކިއެކި ތަންތާޖެހޭ ތަޢުލީމާއި (ވަށާޖެހޭ ތަޢުލީމާއި) ޤައުމުގެ މަންހަޖު ނޮޓް ސޯ އިސްލާމިކް (އިސްލާމްދީނާ ބީރައްޓެހި) ގޮތަށް ބަދަލުކޮށްގެން
- ދީނަށް ކުރާ އިތުބާރު ނައްތާލުމަށް މަސައްކަތްކުރުން- ދީނުގައިވާ ޙައްދުތަކަށް ޖޯކުޖެހުމާއި ޙަޖޫޖެހުމަކީ ޢާއްމުކަމަކަށް ހަދައި އެކަމަކީ ޤައުމުގެ މުސްލިމުން ކަންބޮޑުވާކަމެއް ކަމުގައިވެފައި ވަނިކޮށް އެކަން ޢާއްމު ކުރިމިންވަރުން އެކަމަކީ އެހާ ބޮޑު ކަމަކަށް މުސްލިމުންނަށް ނުވެ، ދީނީ ކަންތައްތަކަކީ އާދައިގެ ކުދި ކުދި ކަންތައްތައް ކަމުގައި ބަލަންފަށާ ދަރަޖައަށް އެބައިމީހުންވެސް ވިސްނުންދެއެވެ.
- މުސްލިމުންގެ އެއްބައިވަންތަކަން ނަގާލުމަށް މަސައްކަތްކުރުން – ޑިމޮކްރަސީއާއި ރައްޔިތުންގެ ވެރިކަމާއި، އަންހެނުންގެ ޙައްޤުތަކާއި އިންސާނީ ޙައްޤުތަކުގެ ނަމުގައި – ބައިބައިވެ ކުނިވެ ފުޅައަޅާފައިވާ ނާކާމިޔާބު ދުނިޔަވީ ނިޒާމްތައް ގެނެސް – ކުލައަށް އަޅުކަންކޮށް، އެއްބަޔަކު އަނެއްބަޔަކަށް ތަޅާފޮޅާ، ޢާއިލާގެ އަފުރާދުންގެ މެދުގައިވެސް ސިޔާސީ ދެކޮޅުވެރިކަން އުފައްދާ ރަށްރަށުގެ މުޖްތަމަޢުތައްވެސް ފަސާދަކޮށް މުޅި ޤައުމުގެ އެކުވެރިކަން ނަގާލަނީވެސް “ހެޔޮވެރިކަމާއި” “ރައްޔިތުންގެ ވެރިކަމާއި” “ޑިމޮކްރަސީ” ގެ ނަމުގައެވެ.

އިސްތިޢުމާރުގެ އަސަރު
އިސްތިޢުމާރުގެ ސަބަބުން ޤައުމުގެ އަފުރާދުންގެ ވިސްނުމާއި ދެކޭގޮތް ބަދަލުކޮށްލައެވެ. ވިސްނުން މިގޮތަށް ބަދަލުވުމުން އެމީހެއްގެ ހުރިހާކަމެއް މަޑުމަޑުން ނުވަތަ ލަސްލަހުން ނަމަވެސް ބަދަލުވަމުން ދާނީ އިސްތިޢުމާރު (އަޅުވެތި) ކޮށްގެން އުޅޭބަޔެއްގެ ވިސްނުމާއި، ދީނާއި، ޘަޤާފަތާ އެއްގޮތަށެވެ. މިސާލަކަށް އިނގިރޭސި ވިލާތުން އިސްތިޢުމާރު (އަޅުވެތި) ކޮށްގެންތިބި ޤައުމުތަކުގައި ފެތުރިފައި ވަނީ އިނގިރޭސިބަހާއި، އިނގިރޭސީންގެ އާދަކާދައެވެ. އަދި ކިއެއްތަ ބައެއް ޤައުމުތަކުގެ މަސްވެރިން ލޯބޯ ފީއްސައިގެން ދޭހާ އަތްވެއްގައި އަދި ވެހޭހާ ވާރޭއެއްގައި ގުދާރުބިންދައިގެން ހޯދާ ފައިސާކޮޅުވެސް ދޭންޖެހެނީ ކުއީން އެލިޒަބަތަށެވެ. ކޮންމެވެސް ޖީސީ އޯލެވެލްއެއްގެ ނުވަތަ އޭލެވެލްއެއްގެ ފީގެ ނަމުގައެވެ. ފަރަންސޭސިވިލާތުން އަޅުވެތިކޮށްގެންތިބި ޤައުމުތަކުގައި އޮތީ، ފަރަންސޭސީންގެ ޘަޤާފަތާއި، ގޮތްތަކެވެ. މިކަންތައް ޚާއްޞަކޮށް އެފްރިކާގެ ޤައުމުތަކުން ފެންނަން އެބަހުއްޓެވެ

އިސްތިޢުމާރުގެ ސަބަބުން އިސްލާމީ ދުނިޔެއަށް ލިބުނު ގެއްލުންތައް:
- އިންޑިޔާ، ޒެންޒިބާރު، އަދި ޗާޑް ފަދަ އިސްލާމީ ބައެއް ޤައުމު ތަކުގައި ޢަރަބި އަކުރުގެ ބަދަލުގައި ލެޓިން އަކުރު ބޭނުންކުރަން ފެށުން. ޢަރަބި ބަސް އިސްތިޢުމާރު ކުރުމަކީ އިސްލާމްދީން އިސްތިޢުމާރުކުރުން ފަދަކަމެކެވެ. އެހެނީ އެދީނުގެ ކަންޒުތަކުގެ ތަޅުދަނޑިތަކަކީ ޢަރަބި ބަހެވެ. ޢަރަބި ބަހާ ނުލާ އެ ނުހުޅުވޭނެއެވެ.
- ތުރްކީ، މެލޭޝިއާ، ވަޟަޢީ ޤާނޫނު ތަޢާރަފްވުން. – ޔުނިވަރސިޓީ ތަކުގެ މަންހަޖުތައް ހުޅަނގުގެ ތައްގަނޑަށް ކަފާ، އެފަދަ ތަންތަނަކީވެސް “މޮޑެރޭޓް” އިސްލާމުން އުފައްދާ ތަންތަނަށް ހަދައި ޖިހާދުކުރުންފަދަ ދީނުގެ މުހިއްމު ވާޖިބުތައް އެއީ އިސްލާމުން ކިޔަވަން ނުޖެހޭ ކަންކަމަށް ހަދައިފިއެވެ.
- އިސްލާމީ ޡަޤާފަތް ގެއްލިގެން ދިއުން –: އިސްލާމީ ޘަޤާފަތަކީ ބީރައްޓެހި އެއްޗަކަށް ހެދުމަށްޓަކައި ސިޔާސީގޮތުން ގިނަ ގުނަ މަސައްކަތްތަކެއް ކުރެވެއެވެ. ދީނަކީ ހަމައެކަނި މިސްކިތުގައި އޮންނަންޖެހޭނެ އެއްޗަކަށް ހަދައި ދައުލަތް ހިންގުމުގެ ނިޒާމުން އިސްލާމީ ޘަޤާފަތް ފޭކޮށް، ހުޅަނގުގެ ވަޟަޢީ ނިޒާމްތައް ވައްދައި، ކޮރަޕްޝަނާއި ފަސާދައިގެ ވިހަގަދަ މޫތައް ފަތުރައި، މަސްތުވާތަކެއްޗާއި މާރާމާރީ ޢާއްމުކޮށް، މުޖްތަމަޢުގެ ޞުލްޙަ މަސަލަސްކަމާއި އަމަން އަމާންކަން ވެއްޔާ މޮޑެވި، ޒަމާނީ މުވާޞަލާތީ ވަޞީލަތްތަކުގެ އެހީގައި މުސްލިމުން އެމީހުންގެ ޘަޤާފަތާ އަދި ދީނާ ދުރުކުރުވައެވެ.

މަޤްޞަދަކީ ފިކުރު އިސްތިޢުމާރު ކުރުމެވެ. ފިކުރީ ހަނގުރާމައިގެ ވަކިތަކުން ސަލާމަތްވުމަކީ ހަނގުރާމައިގެ މައިދާނެއްގައި ދުޝްމަނެއްގެ ޙަމަލާއިން ސަލާމަތްވުމަށްވުރެ އުނދަގޫކަމެކެވެ.

Read more...

21 December 2011

ޢިލްމާއި، ޢިލްމުގެ އަހުލުވެރިންގެ މާތްކަން

އަލްއަޚް ބިލާލް ޢަބްދުއްސައްތާރު
الحمد لله الذي أوضح لنا سبيل الهداية، وأزاح عن بصائرنا ظلمة الغواية، والصلاة والسلام على النبي المصطفى والرسول المجتبى، المبعوث رحمة للعالمين، وقدوة للسالكين، وعلى آله وصحبه ومن تبعهم بإحسان إلى يوم الدين

ހަމަކަށަވަރުން ޢިލްމު އުނގެނުމަކީ ﷲ ސުބްޙާނަހު ވަތަޢާލާއަށް ވެވޭ ބިރުވެތި ކަމެކެވެ. އެއީ އަޅުކަމެކެވެ. އަދި ޢިލްމު ދިރާސާ ކުރުމަކީ ތަސްބީޙައެކެވެ. ޢިލްމު ހޯދާ އެ ޢިލްމު ލިބިގަތުމައްޓަކައި މަސައްކަތްކުރުމަކީ ޖިހާދެކެވެ. އެހެންމީހުނަށް އެ ޢިލްމު އުނގަންނާދިނުމަކީ ޞަދަޤާތެކެވެ. އަދި ޢިލްމަކީ އެކަނިވާ ވަގުތު މީހާގެ އެކަނި ފިލުވާދޭ އެކުވެރިޔާވެސްމެވެ. ބާއްޖަވެރިކަމާއި ކާމިޔާބަށް މަގުދައްކާދޭ ނޫރެއެއްވެސް މެއެވެ. ދަތިއުނދަގޫ ހާލަތެއްގައި ނަމަ އެހީތެރިޔާއެވެ. ނިޢުމަތުގެ ގޮވަތި ސުވަރުގެއަށް މަގުދައްކާދޭ ޢަލާމާތެއްވެސް މެއެވެ.

ޢިލްމުގެ ސަބަބުން ﷲ ތަޢާލާ މީސްތަކުން މަތިވެރިކުރައްވައެވެ. ހެޔޮކަމަށް މަގު ދައްކާ އިމާމުންކަމުގައި ޢިލްމުވެރިން ވެގެންދެއެވެ. އަދި އެއީ މީސްތަކުން އެމީހުންގެ ކިބައިން ނަމޫނާ ލިބިގަންނަންތިބި މީހުންނެވެ. ޢިލްމުވެރިންނާއި އެކުގައިވުމަށް ﷲތަޢާލާގެ މާލާއިކަތުން ލޯބިކުރައްވައެވެ. އަދި އެ މަލާއިކަތުންގެ ފިޔަތަކުން ޢިލްމުވެރިން ވަށާލައެވެ. ޢިލްމުގެ އަހުލުވެރިންނަށްޓަކައި ކައުނުގައިވާހާ ތަކެއްޗެއް އިސްތިޣްފާރުކުރެއެވެ. ކަނޑުގައިވާ މަސްތަކާއި އެއްގަމުގައިވާ ނަޢަމްސޫފިތަކާއި އުޑާއި އެ އުޑުގައިވާ ތަރިތަކަށް ދާންދެނެވެ. ﷲ ތަޢާލާ ގެ ވަޙި ބަސްފުޅުގައި ވެއެވެ. ” يَرْفَعِ اللَّهُ الَّذِينَ آمَنُوا مِنكُمْ وَالَّذِينَ أُوتُوا الْعِلْمَ دَرَجَاتٍ وَاللَّهُ بِمَا تَعْمَلُونَ خَبِيرٌ ” (މުޖާދަލާ 11 ) . މާނަ : ” ތިޔަބައިމީހުންގެ ތެރެއިން އީމާންވީ މީސްތަކުން ﷲ ތަޢާލަ މަތިވެރިކުރެއްވިއެވެ. އަދި ޢިލްމު ދެއްވި މީހުން ދަރަޖަތަކަށް އުފުއްލެއްވިއެވެ. “
ދަންނާށެވެ. އަނދިރިކަމުން މީސްތަކުންގެ ހިތްތަކަށް ދިރުންގެނެސްދެނީ ޢިލްމެވެ. ބަލިކަށިވެފާވާ ހިތްތަކަށް އާރޯކަން ގެނެސްދެނީވެސް ޢިލްމެވެ. ޢިލުމުގެ ސަބަބުން މީސްތަކުން މަތިވެރިވެގެންވާ ދަރަޖަތަކަށް އުފުލިގެންދެއެވެ. ޢަމަލުތަކުގެ އިމާމަކީ ޢިލްމެވެ. ޢަމަލުތައް ތަބަޢުވަނީ ޢިލްމަށެވެ. ބާއްޖަވެރިކަން ގެނެސްދީ ހިތާމަވެރިކަމުން މީހާ ދުރުކޮށްދޭ އެއްޗަކީ ޢިލްމެވެ.

އަބުއްދަރުދާއު ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ހަދީސްފުޅުކުރައްވަނިކޮށް ތިމަންނާ އަޑުއެހީމެވެ. ” مَن سَلَكَ طَرِيقًا يَلتَمِسُ فِيهِ عِلمًاً سَهَّلَ الله لَهُ طَرِيقًا إِلى الجَنَّة، وإنَّ المَلائِكَةَ لَتَضَعَ أَجنِحَتِهَا لِطَالِبِ العِلمِ رِضًا بِماَ يَصنَع. وإنَّ العَالِم لَيَستَغفِرُ لَه مَنْ فِى السَمَوات ومَن فِى الأَرضِ حَتَّى الحِيتَانُ فِى المَاء، وفَضلُ العَالِم عَلَى العَابِد كَفَضلِ القَمَرِ عَلى سَائِرِ الكَوَاكِبِ. وَإِنَّ العُلَمَاءُ وَرَثَةُ الأَنبِيَاءِ. وَإِنَّ الأَنبِيَاءَ لَم يُوَرِّثُوا دِينَارًا وَلاَ دِرُهَمًا، وَإِنَّمَا وَرَّثُوا العِلمَ، فَمَن أَخَذَه أَخَذَ بِحَظٍّ وَافِر. ” މާނަ : ” ޝަރުޢީ ޢިލްމު ހޯދުމަށް ގަސްތުކޮށް މަގެއްފަހިކޮށްފިމީހާ އަށް ﷲ ތަޢާލާ ސުވަރުގެއަށް މަގު ފަސޭހަކޮށްދެއްވައެވެ. ޢިލްމު އުނގެނޭމީހާ އެ އުނގެނޭ އުނގެނުމާމެދު ރުހިގެންވާހާލު މަލާއިކަތުން ، ޢިލްމުއުނގެނޭމީހާ އަށްޓަކައި އެ މަލާއިކަތުންގެ ފިޔަގަފުޅުތައް ތިރިކޮށްލައްވައެވެ. ހަމަކަށަވަރުންވެސް ޢިލްމުވެރިޔާ އަށް އުޑުތަކާއި ބިމުގައިވާހާތަކެތި އިސްތިޣްފާރުކުރެއެވެ. ކަނޑުގައިވާ މަސްތަކަށް ދާންދެނެވެ. އަދި އަޅުވެރިޔާ ގެ މައްޗަށް ޢިލްމުވެރިޔާ ގެ މަތިވެރިކަމަކީ އުޑުގައިވާ އެހެނިހެން ތަރިތަކުގެ މައްޗަށް ހަނދު މަތިވެރިވެ އުޖާލާވެފާވާ ފަދަ މަތިވެރިކަމެކެވެ. އަދި ހަމަކަށަވަރުން ޢިލްމުވެރިންނަކީ ނަބީބޭކަލުންގެ ވާރުތަވެރިންނެވެ. އަދި ހަމަކަށަވަރުން ނަބީ ބޭކަލުން ވާރުތަކުރެއްވި އެއްޗަކީ ދީނާރާއި ދިރުޙަމު( ރުފިޔާ ފައިސާ) ކަމުގައި ނުވެއެވެ. އެހެނެއްކަމަކު އެބޭކަލުން ވާރުތަކުރެއްވީ ޢިލްމެވެ. އެ ޢިލްމު ލިބިގެންފިމީހާ މަތިވެރިވެގެންވާ ނަސީބެއް ލިބިގެންފިއެވެ. “

ޢިލްމު ދިރާސާކޮށް ޢިލްމު އުނގެނި އުނގަންނާދިނުމުގާ މަޝްޣޫލުވެ އުޅުމަކީ ސުއްނަތް ނަމާދާއި ސުއްނަތް ރޯދައާއި ތަސްބީޙައަށްވުރެ މަތިވެރި ކަމެއްކަމުގައި ވެއެވެ. އެހެނީ ޢިލްމުގެ ފައިދާ ޢިލްމުވެރިޔާ އަށާއި އެހެންމީހުންނަށްވެސް ޢާއްމުވެގެންވެއެވެ. ނަމަވެސް ސުތްނަތްރޯދައާއި ސުއްނަތް ނަމާދު ތަކަކީ އެކަންކުރާމީހާއަށް އެކަނި ހާސިލްވާ ކަމެކެވެ. އަދި ޢިލްމަކީ އެހެނިހެން އަޅުކަންތައް ގޯސްކޮށްކުރެވޭނަމަ އިސްލާހުކޮށްދޭނޭ ވަސީލަތެވެ. އަޅުކަން ރަނގަޅަށް އަދާކުރުމަށްޓަކައި ޢިލްމަށް ބޭނުންވެއެވެ. ޢިލްމުވެރިޔާ ދުނިޔެދޫކުރި ކަމުގައި ވިޔަސް އޭނާ ދޫކުރިޢިލްމުން ދުނިޔޭގައިތިބި މީހުން ފައިދާލިބިގަނެއެވެ. ނަމަވެސް ސުއްނަތްނަމާދުތަކާއި ރޯދަތަކަކީ އެމީހަކު މަރުވެދިޔުމުން އެ ހިސާބުން ނިމިގެންދާ ކަންތައްތަކެވެ. ޢިލްމުވެރިޔާ ދޫކޮށްފާ ދާ ޢިލްމުގެ ސަބަބުން ޝަރީޢަތް ދިރުވާ ދީނުގެ ޝިޢާރުތައް ރައްކާތެރިކުރެވިގެން ދެއެވެ.

ޢަލީ ބުން އަބީތޯލިބު ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. ” ޢިލްމު މުދަލައްވުރެ މާ ހެޔޮކަންބޮޑުވެގެންވެއެވެ. އެހެނީ ޢިލްމު ތިބާ ހިމާޔައްކޮށްދެއެވެ. ނަމަވެސް މުދާ ހިމާޔަތްކޮށްދޭން ޖެހެނީ ތިބާއަށެވެ. ޢިލްމަކީ ތިބާ އެ ހޭދަކޮށް މީސްތަކުންނަށް ފޯރުކޮށްދިންވަރަކުން އިތުރުވެ ތާޒާވާ އެއްޗެކެވެ. ނަމަވެސް މުދާ ހޭދަކުރުމުން މަދުވެގެންދެއެވެ. ޢިލްމަކީ ހާކިމެވެ. ނަމަވެސް މުދަލަކީ އޭގެމައްޗަށް ހުކުމުކުރެވޭ އެއްޗެކެވެ.” ޢިލްމު، ޢިލްމުވެރިޔާ އޭނާ ހައްދަވާގެންގުޅުއްވާ އިލާހަށް ކިޔަމަންތެރިކަން އަދާކުރުމުގެ މަގަށް ގެންދެއެވެ. އަދި ޢިލްމުވެރިޔާ މަރުވެގެން ދިޔުމަށްފަހުގައިވެސް އޭނާ ދޫކޮށްފައި ދިޔަ ޢިލްމެއްގެ ސަބަބުން ދަރުމަ ލިބި ލިބި ހުރެއެވެ.

ޢިލްމުވެރިޔާ މަރުވެގެން ދިޔުމުން ވެސް އޭނާޔާ ޢިލްމު ވަކިނުވެއެވެ. އެ ޢިލްމުގެ ފައިދާ އޭނާއަށް ލިބެމުންދެއެވެ. ނަމަވެސް މުދާވެރިޔާ މަރުވެގެން ދިޔުމުން އޭނާގެ މުދާ އޭނާޔާ ވަކިވެއެވެ. ޢިލްމަކީ އެއަށް ވެރީންނާއި އަދި އެނޫންމީސްތަކުންވެސް ބޭނުންޖެހިފާވާ އެއްޗެކެވެ. ނަމަވެސް މުދާވެރިންގެ ބޭނުންޖެހެނީ، ފަޤީރުންނާއި މަހުރޫމުވެފައިވާމީހުން ނެވެ. އަދި ޢިލްމަކީ ތަވާޟުޢުވެރިކަމަށް މަގުދައްކާއެއްޗެކެވެ. ނަމަވެސް މުދާވެރިކަމަކީ ބޮޑާވެރިމާއި ކިބުރުވެރިކަމަށް މަގުދައްކާ ކަމެކެވެ. ޢިލްމުގެ ސަބަބުން ނިކަމެތި މީހާ ޝަރަފުވެރިމީހަކަށް ބަދަލުކޮށްލައެވެ. އަދި ޝަރަފުވެރިމީހާގެ ޝަރަފުވެރިކަން އިތުރުކޮދެއެވެ.

ޢަޠާއު ބުން ރަބާޙު އަކީ މައްކާގެ އަންހެނެއްގެ އަޅެއްކަމުގައި ވިއެވެ. އެއްފަރެއްގައި ޚަލީފާ ސުލައިމާން ބުން ޢަބްދުލްމަލިކު އެކަލޭގެފާނުގެ ދެ ދަރިކަލުންނާއެކު ވަޑައިގަތެވެ. އަދި އިށީންދެ ވަޑައިގަތެވެ. އޭރު ޢަޠާއު ބުން ރަބާޙު ހުންނެވީ ނަމާދު ކުރައްވާށެވެ. ނަމާދު ކޮށް ނިންމަވާލެއްވުމަށްފަހު އެބޭފުޅުންނާއި ދިމާއަށް ޢަޠާއު ބުން ރަބާޙް އެންބުރިވަޑައިގަތެވެ. އެ ހިނދު ޚަލީފާ ސުލައިމާނު ބުން ޢަބްދުލް މަލިކު އެކަލޭގެފާނާއި ހައްޖުގެ އަޅުކަންތަކާއި ބެހޭގޮތުން ސުވާލުކުރައްވަމުން ގެންދެވިއެވެ. އެއަށްފަހު ސުލައިމާނު ބުން ޢަބްދުލް މަލިކު އެކަލޭގެފަނުގެ ދެ ދަރިންނާ މުޚާތަބު ކުރައްވާ ވިދާޅުވިއެވެ. ތެދުވާށެވެ. ދެން އެ ދެކުދިން ތެދުވިއެވެ. ދެން ވިދާޅުވިއެވެ. އޭ ދެ ދަރިކަލުންނޭވެ. ޢިލްމު އުނގެނުމުގާ ފަރުވާކުޑަކޮށް ވަރުބަލި ނުވާށެވެ. އެހެނީ ތިމަންނަމެން މި އަޅުމީހާގެ ކުރިމަތީގާ ނިކަމެތިވާންޖެހުނު ޖެހުން ތިމަންނާ ހަނދާނެއްނުނެތޭނެއެވެ.

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީސްކުރެއްވި ޞައްޙަ ބަސްފުޅެއްގައި ވެއެވެ. “مَنْ غَدَا إِلَى الْمَسْجِدِ لا يُرِيدُ إِلا أَنْ يَتَعَلَّمَ خَيْرًا أَوْ يُعْلَمَهُ،كَانَ لَهُ كَأَجْرِ حَاجٍّ تَامًّا حِجَّتُهُ” މާނަ: “ދީނުގެ ޢިލްމު އުނގެނުމަށް ނުވަތަ އުނގަންނާދިނުމަށް އެދިގެން މިސްކިތައް ގޮސްއުޅޭ މީހާއަށް ލިބޭ އަޖުރަކީ ފުރިހަމަ ޙައްޖެއް އަދާކުރިމީހާގެ އަޖުރެވެ.”

وأصلي على النبي الأكرم محمد بن عبد الله – صلى الله عليه وسلم – وما كان من صواب فمن الله عز وجل وما كان من خطأ فمني ومن الشيطان
_______________________
www.dhisalafiyyah.net



Read more...

04 December 2011

ނިވާކަމެއް ނެތް ހެދުމާއި ޕާޓީތަކުގެ ބިމުގައި އިސްލާމް ކަމުގެ ނޫރު

ނިޢުމަތުﷲ އިދްރީސް، ހަވީރު ނޫސް
ރިއޯ ޑި ޖެނެއިރޯ (އޯގަސްޓް 23) - "އައްސަލާމް އަލައިކުމް،" ބްރެޒިލްގެ ރިއޯ ޑި ޖެނެއިރޯގައި ބިނާކުރި ފުރަތަމަ މިސްކިތުގައި ރޯދަ ވީއްލުމަށް ފަހު އެތެރެއަށް ވަންނަމުން އުމަރު ސަލާން ގޮވައިލި އެވެ.

އެއީ އޭނާ އަށް ދާދި ފަހުން ދަސްވި އަރަބި ބަސްތަކުގެ ތެރެއިން ބަހެކެވެ. ސަލާން ގޮވާލުމަށް ފަހު އަވަސް އަވަހަށް އުމަރު ޕޯޗްގީޒް ބަހުން ވާހަކަ ދައްކަން ފެށި އެވެ. މިސްކިތް ތެރޭގައި ތިބީ އީސާއީ ދީނުގެ އެންމެ ބޮޑު ގައުމުގައި އުމަރު ފަދައިން ދާދި ފަހުން އިސްލާމްވި މީހުންނެވެ.

އަންހެނުން ނިވާކަން ކުޑަ ހެދުމުގައި ނިކުމެ ޕާޓީކުރުމަށް މަޝްހޫރު ބްރެޒިލްގައި މުސްލިމުންގެ އާބާދީ އަދި ކިތަންމެ ކުޑަ ނަމަވެސް އެ ގައުމުގެ އެކި ނަސްލުގެ މީހުންގެ މެދުގައި ދަނީ މުސްލިމުންގެ އަދަދު އިތުރުވަމުންނެވެ. އެކަމަކު މީގެ އެތައް އަހަރެއް ކުރިން ސުރެ ބްރެޒިލް އަކީ ލީބިއާ، ފަލަސްތީން އަދި ސީރިއާ އަށް ނިސްބަތްވާ އާއިލާތަކުން ނޫނީ މުސްލިމުން ނުފެންނަ ގައުމެކެވެ.

މީގެ ހަތަރު އަހަރު ކުރިން ކްރިސްޓިއަން ފައްޅިއެއްގެ ފާދިރީއަކަށް އުޅުނު އުމަރު އޭނާ އިސްލާމްވި ސަބަބު ކިޔައިދިނެވެ.

"އަހަރެން ބޭނުންވި ހުރިހާ ކަމެއް އިސްލާމް ދީނުން ލިބިއްޖެ. އަހަރެން ބޭނުންވި ގޮތަށް ކަލާނގެ ހަޟްރަތަށް ކުއްތަން ވެވޭ،" އުމުރުން 34 އަހަރުގެ ގްރެފިކް ޑިޒައިނަރު ބުންޏެވެ.

އުމަރު އޭނާގެ އަސްލު ނަން ހާމަކުރަން އިންކާރުކުރި އެވެ. އެކަމަކު އިސްލާމް ވުމަށް ފަހު ކިޔާ ފުރިހަމަ ނަން ބުނެދިނެވެ. އެއީ އުމަރު އިސްރާފީލް ދާއޫދު ބިން އިބްރާހީމް އެވެ.

އުމަރުގެ އަނބިމީހާ ފާތިމާއާ އެކު ހުރެގެން އޭނާ އިސްލާމް ދީނުގެ ފުރިހަމަ ކަމުގެ ވާހަކަ ދެއްކި އެވެ. ފާތިމާ އިސްލާމް ވުމުގެ ކުރިން އޭނާގެ ނަމަކީ އެލަސެންދުރާ ފާރިއާ އެވެ. އަދި އިސްލާމް ވުމަށް ފަހު ފާތިމާ ވަނީ ބުރުގާ އަޅަން ވެސް ފަށައިފަ އެވެ.

"އެންމެ ފުރަތަމަ އަހަރެންގެ މަންމަ އަހަންނާ އެކު ބޭރަށް ދާން ވެސް އުޅުނީ ލަދުން. އަހަރެން ބުރުގާ އަޅަނީ މުސްލިމަކަށް ވާތީ. އެކަމަކު އަހަންނަކީ ބައި މަދު މުޖުތަމައުއަކަށް ނިސްބަތްވާ ބައެއްކަން އެނގޭ،" ފާތިމާ ބުންޏެވެ.

ފާތިމާ ބުރުގާ އަޅައިގެން އުޅުމަކީ ރިއޯ ގައި ގިނަ ބައެއްގެ ލޮލުގައި އަޅައިގަންނަ ކަމަކަށް ވާނެ އެވެ. ގޮނޑުދޮށާއި އެތަން މިތަނުގައި ބިކިނީއާ އެކު ގިނަ މީހުން އުޅުނެއް ކަމަކު ފާތިމާ ބުނީ އޭނާގެ ވިސްނުމަށް މުޖުތަމައުގައި ޖާގައެއް އެބަ އޮތް ކަމަށެވެ.

"ބްރެޒިލް އަކީ ތަފާތު އެކި ސަގާފަތްތަކުގެ މައްޗަށް އެކުލެވިގެންވާ މައްސުނި ގައުމެއް. މި މައްސުނި ކަމަކީ އެއް ބަޔަކު އަނެއް ބަޔަކު ބަލައިގަނެ އިހްތިރާމްކުރުމާ އެކު އުޅެން ފަސޭހަވާ ސަބަބެއް."

ބްރެޒިލްގެ ގިނަ މުސްލިމުން ގޮތަށް އުމަރާއި ފާތިމާ އަކީ ވެސް ވަރަށް ފަހުން އިސްލާމް ދީނަށް ވަން ބައެކެވެ. ސައޫދީ ސަރުކާރުގެ އެހީގައި އެ ދެ މީހުން ވެސް އަންނަ އަހަރު އަރަބި ދަސްކުރަން ސައޫދީ އަށް ފުރާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

ރިއޯގެ އުތުރުން އޮންނަ ޓިޖޫކާގައި ހުރި ކުޑަކުޑަ މިސްކިތް މަރާމާތުކޮށް ބޮޑުކުރީ މީގެ ހަތަރު އަހަރު ކުރިންނެވެ. މިސްކިތަށް އަންނަ މީހުންގެ އެހީއާ އެކު ކުރި ނިސްބަތުން ބޮޑު އެ މަރާމާތަށް ފަހު ވެސް މިސްކިތުގެ ޖާގަ އަކީ 400 އެވެ.

"މުސްލިމުންގެ އަދަދު ދަނީ ގިނަވަމުން. އަދި ގިނައީ އިސްލާމް ދީނަށް ވަންނަ ބްރެޒިލް މީހުން. މީހުން ގިނައިން މި ލިބެނީ އޮންލައިންކޮށް،" ބެނެފިޝެންޓް މުސްލިމް ސޮސައިޓީގެ ތަރުޖަމާނު ސާމީ އިޒްބެލް ބުންޏެވެ.

"ރިއޯގަ އެބަ އުޅޭ މުސްލިމުންގެ ގާތްގަނޑަކަށް 500 އާއިލާ. އޭގެ ތެރެއިން 85 ޕަސެންޓަކީ އަރަބި ގައުމަކާ ގުޅުމެއް ނެތް ސީދާ ބްރެޒިލް އާއިލާތައް،" އޭނާ ބުންޏެވެ.

އެކަމަކު ސާއޮ ޕޯލޯގައި ތަފާތެވެ. އެ ސަރަހައްދުގައި އުޅޭ މުސްލިމުންގެ ގިނަ މީހުންނަކީ އަރަބި ނަސްލުތަކަށް ނިސްބަތްވާ މީހުންނެވެ.

ބްރެޒިލްގައި ބޯހިމަނާއިރު މުސްލިމުންގެ އަދަދެއް ނުބަލަ އެވެ. ބަލަނީ ކްރިސްޓިއަނުންނާއި ޔަހޫދީން އަދި ބްރެޒިލްގެ ސަގާފީ ދީންތަކެވެ. މުސްލިމުން މި ހިމަނަނީ "އެހެނިހެން" ކެޓަގަރީގަ އެވެ.

ބްރެޒިލްގައި މުސްލިމުންގެ އަދަދު އިތުރުވަމުންދާކަން އެންމެ ރަނގަޅަށް އަންގައިދެނީ ނަމާދުކުރާ ތަންތަން ގިނަވަމުން އަންނާތީ އެވެ. މިހާރު އެ ގައުމުގައި 127 މިސްކިތް ހުރި އިރު އެއީ 2000 ވަނަ އަހަރު ހުރި އަދަދަށް ވުރެ ހަތަރު ގުނަ އިތުރު އަދަދެކެވެ.

އިސްލާމް ދީނުގެ ކަންތައް ދިރާސާކުރާ ތަޖުރިބާކާރެއް ކަމަށްވާ ޕޯލޯ ޕިންޓޯ ބުނީ ބްރެޒިލްގައި އިސްލާމް ދީނަށް ޝައުގުވެރިކަން އިތުރުވެ ގިނަ ބަޔަކު ދީނަށް ވަންނަށް ފެށީ ސެޕްޓެމްބަރު އެގާރައިގެ ހަމަލާ އަށް ފަހުގައި ކަމަށެވެ. --އޭއެފްޕީ
__________________________________
ހަވީރު ނޫހުން ނަގާފައިވާ ލިޔުމެއް
ލިޔުމުގެ އަޞްލު ވިދާޅުވޭ


Read more...

15 September 2011

ޙަލާލު ރިޒްޤު ތަނަވަސްވުމުގެ ސަބަބުތައް

އަލްއަޚް މުޙައްމަދު ޝާފިޢު ބިން ޢަބްދުލްޣަފޫރު
ރިޒްޤަކީ މާތް ﷲ ދެއްވާ އެއްޗެކެވެ. އެކަލާނގެއީ الرَّزَّاقُ (ގިނަގިނައިން ރިޒްޤުދެއްވާ އިލާހު) އެވެ.

ޙަލާލު ރިޒްޤު ތަނަވަސްވުމުގެ ސަބަބުތައް
1- الاِسْتِغْفَارُ والتَّوْبَةُ (އިސްތިޣްފާރު ކުރުމާއި ތައުބާވުން)
ދަލީލު: فَقُلْتُ اسْتَغْفِرُوا رَبَّكُمْ إِنَّهُ كَانَ غَفَّاراً * يُرْسِلِ السَّمَاءَ عَلَيْكُم مِّدْرَاراً * (نوح 10-11) މާނައީ: "ތިމަންކަލޭގެފާނު އެބައިމީހުނަށް ދެންނެވީމެވެ. ތިޔަބައިމީހުންގެ ރައްބަށް އިސްތިޣްފާރުކޮށް ދަންނަވާށެވެ. އެކަލާނގެއީ ގިނަގިނައިން ފާފަފުއްސަވާ ރަސްކަލާނގެއެވެ. އޭރުން ވާރޭފެން ތަނަވަސްކޮށްދެއްވާނެއެވެ."

2- تَقْوَى اللهَ عَزَّ وَجَلَّ (ﷲ ޢައްޒަ ވަޖައްލައަށް ބިރުވެތިވުން)
ދަލީލު: وَمَنْ يَتَّقِ اللهَ يَِجْعَلْ لَهُ مَخْرَجًا (*) وَيَرْزُقُهُ مِنْ حَيْثُ لاَ يَحْتَسِبُ} (الطلاق 2-3) "އަދި ﷲއަށް ބިރުވެތިވެއްޖެ މީހަކަށް މަގުދައްކަވާހުށީމެވެ. އަދި އޭނާ ހީނުކުރާ ގޮތްގޮތުން އޭނާއަށް ރިޒްގު ދެއްވާހުށީމެވެ."

3- التَّوَكُّلُ عَلَى اللهِ (ﷲ އަށް ވަކީލުކުރުން)
ދަލީލު: عُمَرَ بْنِ الْخَطَّابِ رَضِيَ اللَّهُ عَنْهُ ގެކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. "لَوْ أَنَّكُمْ تَوَكَّلُوْنَ عَلَى اللهِ حَقَّ تَوَكُّلِهِ لَرَزَقَكُمْ كَمَا يَرْزُقُ الطَّيْرَ، تَغْدُو خمِاَصاً وَتَرُوْحُ بِطَاناً" (إمام أحمد والترمذي وابن ماجه) "ތިޔަބައިމީހުން ހައްގުގޮތުގައި ﷲއަށް ވަކީލު ކޮށްފިނަމަ ދޫނިސޫފާ ސޫތްޕަށް ރިޒުގު ދެއްވާ ފަދައިން ތިޔަބައިމީހުނަށް ރިޒުގު ދެއްވީހެވެ. އެތަކެތި ހެނދުނު ނުކުންނަނީ ހުސްބަނޑާއެވެ. ހަވީރު އެނބުރި އަންނަނީ ބަނޑުފުރައިގެންނެވެ."

4- صِلَة ُالرَّحِمِ (ރަޙިމުގެ ގުޅުން ދެމެހެއްޓުން)
ދަލީލު: أَنَسْ بْنُ مَالِكٍ رَضِيَ اللَّهُ عَنْهُ ގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. "مَنْ أَحَبَّ أَنْ يُبْسَطَ لَهُ فِي رِزْقِهِ، وَيُنْسَأَ لَهُ فِي أَثَرِهِ فَلْيَصِلْ رَحِمَهُ" (البخاري ، مسلم ، أبو داود ، أحمد) ތިބާގެ އުމުރުގައި ބަރަކާތް ލެއްވި، ރިޒްގު ތަނަވަސްވުމަށް ލޯބިކުރާމީހާ (ބޭނުންވާ މީހާ) ރަހިމުގެ ގުޅުން ބަހައްޓާށިއެވެ."

5- الإِنْفَاقُ فِي سَبِيلِ اللهِ (ﷲ ގެ މަގުގައި ހޭދަކުރުން)
ދަލީލު: وَمَا أَنفَقْتُمْ مّن شَىْءٍ فَهُوَ يُخْلِفُهُ وَهُوَ خَيْرُ ٱلرَّازِقِينَ (سبأ 39) "ތިޔަބައިމީހުން ހޭދަކުޅަ އެއްޗެއްގެ ބަދަލު އެކަލާނގެ ދެއްވާނެއެވެ. އެއީ އެންމެ ހެޔޮ ރިޒްޤުދެއްވާ އިލާހެވެ" ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. (مَا نَقَصَ مَالُ عَبْدٍ مِنْ صَدَقَةٍ)-الترمذي وصححه- "ޞަދަގާތުގެ ސަބަބުން އަޅާގެ މުދާ އުންޏެއް ނުވާނެއެވެ."

Read more...

14 August 2011

ދުނިޔޭގެ ޙަޤީޤަތާމެދު ނަޒަރެއް

އަލްއަޚް ޙަސަން ނާޖީ
ދުނިޔެއަކީ ވަރަށް ޒަމާންވީތަނެކެވެ. އަދި ކަށްވަޅުގައި ހޭދަކުރަންޖެހޭ މުއްދަތަކީވެސް އެހާމެދިގު މުއްދަތެކެވެ. ޤިޔާމަތްދުވަހާމެދު ވިސްނައި ފިކުރުކޮށްފިނަމަ އެއީ ފަންސާސް ހާސް އަހަރެވެ. ސުވަރުގޭގައި ނުވަތަ ނަރަކައިގައިވާ މުއްދަތަކީ ނިމުމެއްނުވާ މުއްދަތެކެވެ.

މިފަނާވަނިވި ދުނިޔޭގައި އުޅެންލިބިފައިވާ މުއްދަތަކީ މިސާލަކަށް ފަސްދޮޅަސް އަހަރު ކަމުގައި ބަލަމާ ހިނގާށެވެ. އޭގެތެރެއިން ތިރީސްއަހަރު ހޭދަކުރެވެނީ ނިދުމުގައެވެ. ޙަޔާތުގެ ފުރަތަމަ ފަނަރަ ވަރަކަށް އަހަރު އެއީ އޭނަގެ ޅަފަތުގެ ދުވަސްވަރެވެ. ބާކީއޮތް ފަނަރަ އަހަރުގެ ތެރެއިން ގިނަދުވަސްތައް ހޭދަކުރެވިފައިވަނީ ކެއުންބުއިމާއި މުދާހޯދައި އެއްކުރުމާއި ދުނިޔެވީ އެކިއެކިޝަހުވަތްތަކުގައެވެ. ދެން އާޚިރަތަށްޓަކައި ކޮށްފައިވާ ޢަމަލުތަކަށް ނަޒަރުހިންގައިލާއިރު ވަރަށް ގިނަ ކަންތައްތަކަކީ ދެއްކުންތެރިކަމާއި ޣާފިލުކަންމަތީގައި ކުރެވިފައިވާ ކަންކަމެވެ. އުޚްރަވީޙަޔާތް ކާމިޔާބުކުރުމަށް އޮތީ މިމަދު ދުވަސްކޮޅެވެ.*
____________________________________
* އިބްނު އަލްޖައުޒީގެ لفتة الكبد إلى نصيحة الولد މިފޮތުން ނަގާފައި

Read more...

09 March 2010

ފުރާނައަށް ދޭންޖެހޭ ކާނާ

އަލްއަޚް މުޙައްމަދު ޝާފިޢު
ﷲ ސުބުޙާނަހޫ ވަތަޢާލާ އާދަމްގެފާނު ހެއްދެވީ ވެލީންނެވެ. ނުވަތަ މަށީންނެވެ. އިންސާނުންގެ ތެރެއިން އެންމެ ފުރަތަމަ އުފެއްދެވީ އާދަމްގެފާނެވެ. ތަކެތީގެ ތެރެއިން އެންމެ ފުރަތަމަ ހެއްދެވީ ޤަލަމެވެ. މިދުނިޔެ އުފެއްދެވުމަށްފަހު މަލާއިކަތުންނާއި ޖިންނީން އެއިލާހު ވަނީ އުފައްދަވާފައެވެ. އެއިލާހު މަލާއިކަތުން އުފައްދަވާފައިވަނީ އެއިލާހުގެ އަމުރުފުޅުތައް ތަންފީޛުކުރުންމަތީ ދެމިތިބުމަށެވެ.
މަލާއިކަތްބޭކަލުން އުފައްދަވާފައިވަނީ އެއިލާހުގެ ނޫރުންނެވެ. އިންސާނުން ބޭނުންވާފަދަ ހުރިހާ ޖިސްމާނީ އެދުންތަކާއި ޣަރީޒާތަކުން އެއިލާހުވަނީ މަލާއިކަތުން ސަލާމަތްކުރައްވާފައެވެ. އެބޭކަލުން ރެއާއި ދުވާލު ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ތަސްބީޙަކިޔައި ތަޙްމީދުކޮށް ތިބެތެވެ. އަދި އެއިލާހުގެ އަމުރުފުޅުތައް ތަންފީޛުރެއްވުމުގައި ކިޔަމަންތެރިކަމާއެކު ތިއްބަވައެވެ. މަލާއިކަތުންގެ ޢަދަދު ގަދަކީރިތިވަންތަ ﷲ ތަޢާލާ ފިޔަވައި އެހެން އެއްވެސް ފަރާތަކަށް އެނގިގެން ނުވެއެވެ.
ދެންފަހެ މިދުނިޔެމަތީގައި އިންސާނުން ލެއްވުމަށް ގަދަ ކީރިތިވަންތަ ﷲ ސުބުޙާނަހޫ ވަތަޢާލާ އިރާދަކުރެއްވި ހިނދު ދުނިޔޭގެ ބިމުން ވެލި ގެނައުމަށް އެއިލާހުގެ މަލާއިކަތުންނަށް އެންގެވިއެވެ. އެވެލީގެ ޒަރީއާއިން އެއިލާހު އާދަމް ޢަލައިއްސަލާމް އުފެއްދެވިއެވެ. އަދި އޭގެފަހުގައި ފުރާނަ އެޅުއްވިއެވެ. އަހަރެމެން އިންސާނުންގެ ދެރަ ނިކަމެތިކަމާއެވެ. ނެތުމުގެ ތެރެއިން ވެލީގެ ޛަރީއާއިން އަހަރެމެން އިންސާނުންގެ ހަށިގަނޑުގައި ލެއާއި، މަހާއި ކައްޓާއި، ދަތާއި، ނިޔަފައްޗާއި އިސްތަށްޓާއި އަދިވެސް ތަފާތު މާއްދާތަކެއް ވާގޮތަށް ޚަލްޤުކުރެއްވި ﷲ ސުބުޙާނަހޫ ވަތަޢާލާގެ ކުޅަދުންވަންތަކަމާއެވެ.
އިންސާނުން އުފެދުނު ޙާދިޘާއިން ދަލީލު ލިބޭގޮތުގައި އިންސާނާގެ ހަށިގަނޑުގައިވަނީ ދެކަމެކެވެ. ނުވަތަ އެހެން ޢިބާރާތަކުން ބުނާނަމަ އިންސާނާ ބެހިގެންވަނީ ދެބަޔަކަށެވެ. އެއްބަޔަކީ އޭނާގެ ޖިސްމާނީ ހަށިގަނޑެވެ. އަނެއްބަޔަކީ އޭނާގެ ރޫޙެވެ. (ފުރާނައެވެ). އިންސާނާގެ ހަށިގަނޑުގެ ހަމަޖެހުމަށް އަހަރެމެން ކިޔަނީ ރަނގަޅު ޞިއްޙަތެވެ. ރަނގަޅު ޞިއްޙަތެއްގައި ހުރުމަށް ހަށިގަނޑަށް ވަރަށް ގިނަ ކަންތައްތަކެއް ބޭނުންވެއެވެ. މިސާލަކަށް ކެޔުމާއި ބުއިމެވެ. ފެނެވެ. ސާފުތާހިރުކަމެވެ. އިންސާނާގެ ހަށިގަނޑަށް ބޭނުންވާ މިފަދަ ކަންތައްތައް ނެތިއްޖެނަމަ، އިސާހިތަކު އެ ހަށިގަނޑު ނިކަމެތިވެ، ބަލިކަށިވެ، ބަލިވެދާނެއެވެ. އަހަރެމެންގެ ޖިސްމާނީ ހަށިގަނޑަށް ފުރިހަމަ ޞިއްޙަތެއްގައި ހުރުމަށްޓަކައި ކާނާ ބޭނުންވާފަދައިން ރޫޙާނީ ހަށިގަނޑަށްވެސް "ކާނާ" ބޭނުންވެއެވެ. އެކަމަކު އެއީ އަހަރެމެންނަށް ފެންނަ ކާނާއެއް ނޫނެވެ. އިންސާނާގެ ރޫޙުގެ ނުވަތަ ފުރާނައިގެ ކާނާއަކީ ﷲ ސުބުޙާނަހޫ ވަތަޢާލާއަށް އީމާންވުމުގެ ސަބަބުން ލިބޭ ދާއިމީ ހިތްހަމަޖެހުމެވެ. އަދި އެ ކާނާއަކީ އީމާންކަމުގެ ސަބަބުން އިޙްސާސްކުރެވޭ ފޮނިކަމެކެވެ. އެއީ ހަމައެކަނި ﷲ ސުބުޙާނަހޫ ވަތަޢާލާ ހަނދުމަކުރުމުން ލިބޭ ހިތްހަމަޖެހުމެކެވެ. އެހެން އެއްވެސްކަމަކުން އިންސާނާގެ ރޫޙަށް ޙަޤީޤީ ކާނާއެއް ނުލިބޭނެއެވެ. އިންސާނާއަށް ޙަޤީޤީ ހިތްހަމަޖެހުމެއްވެސް ނުލިބޭނެއެވެ. ހަށިގަނޑު ފުރިހަމަ ޞިއްޙަތެއްގައި ބެހެއްޓުމަށްޓަކައި ހަށިގަނޑުގެ ޖިސްމާނީ އެދުންތައް ކިތަންމެ ގިނައިން ފުއްދަމުންދިޔަ ކަމުގައިވިޔަސް، އީމާންކަމުގެ ނޫރުން ހިތް އަލިވެ، އީމާންކަމުގެ ފޮނިކަމާއި ލައްޛަތު އިޙްސާސްކުރެވިގެން ނޫނީ، ޙަޤީޤީ ހިތްހަމަ ޖެހުމާ ހަމައަށް ވާޞިލެއް ނުވެވޭނެއެވެ.
ހަށިގަނޑު ފުރިހަމަ ޞިއްޙަތެއްގައި ބެހެއްޓުމަށްޓަކައި ރަނގަޅު ކާނާ ކާންޖެހޭގޮތަށް، އިންސާނާގެ ރޫޙާނީ ބާރު ގަދަކުރުމަށްޓަކައިވެސް "ކާނާ" ބޭނުންވެއެވެ. އެއީ އެންމެހާ ފާފަތަކުގެ ތޫނު ވަކިތަކުން ތިބާގެ ނަފްސު ސަލާމަތްކުރުމެވެ. އަދި ﷲ އަށް ކިޔަމަންތެރިވުމެވެ. އެއިލާހަށް އުރެދުމަށްވާ އެއްވެސްކަމެއްގައި ބައިވެރިނުވުމެވެ. އެއިލާހު އެންގެވިގޮތަށް ތިބާގެ ބަސްތަކާއި ޢަމަލުތައް ބައްޓަންކުރުމެވެ. އެއިލާހު އަމުރުކުރައްވާފައިވާ ކަންތައްތައް ކުރުމާއި ދުރުވުމަށް އަންގަވާފައިވާ ކަންތައްތަކުން ދުރުވުމެވެ. ﷲ ގެ މަގުގައި ޘާބިތުކަމާއެކު ފަސްނުޖެހި ކުރިއަށް ދިޔުމެވެ. ﷲ އާ ގުޅުން ބަދަހިކުރުމެވެ. ނަމާދު ކުރުމާއި ތަޤުވާވެރިވުމެވެ.
ކޮންމެ ފުރާނައަކަށްވެސް މިދުނިޔެމަތީގައި އެފުރާނަ އުފެއްދެވި ފަރާތުން ވަނީ އަޖަލެއް ކަނޑައަޅުއްވާފައެވެ. އަންނަން އޮތް ދުނިޔޭގައި ތިބާއަށް ހިތްހަމަޖެހުން ލިބޭނީ މިއަދު ތިބާގެ ފުރާނާއަށް "ކާނާ" ދީގެންނެވެ. ވެލިން އެއްވެސް ފާފައެއް ނެތި އުފެދިފައިވާ އަހަރެމެން އިންސާނުން ވެއްޔަށް އެނބުރިދަނީ ފާފަތަކައިގެންނެވެ. ތައުބާވެ ތިބާގެ ފުރާނައަށް އޭގެ ޙައްޤު ހޯދައިދޭށެވެ. އެފުރާނަ ހެއްދެވި ފަރާތުން އެފުރާނައަށްޓަކައި އަދާކުރުމަށް އަންގަވާފައިވާ ޙައްޤު އަދާކުރާށެވެ.

Read more...

01 November 2009

ކިތަންމެ ގިނައިން މެރިޔަސް މަރައިގެން ނުވާނެ

މުޙައްމަދު ޝާފިޢު
އިންސާނިއްޔަތަށް ޢަދުލް އިންސާފާއި ޞުލްޙަ މަސަލަސްކަމާއި ހިތްހަމަޖެހުން ވާރުތަކުރުމަށްޓަކައި ހޭބޯނާރާ މަސައްކަތްކުރާ މުޖްތަމަޢުތަކުގައި އިންސާނާއަކީ ކަރާމާތްތެރިވެގެންވާ މަޚްލޫޤެއްކަމަށް ދެއްކުމަށް ވަރަށް ގިނަ މަސައްކަތްތައް ކުރެއެވެ. މިގޮތުން އިންސާނީ ޙައްޤުތަކުގެ ނަމުގައި އިންސާނުންގެ މިނިވަންކަން ފުޅާކޮށް، އެއްވެސް އިންސާނެއްގެ ހަށިގަނޑަށް، ފުރާނައަށް، އަދި އޭނާގެ އަބުރަށް ނުވަތަ ޢިއްޒަތަށް ގެއްލުމެއް ލިބިދާނެ އެންމެހާ ދޮރުތައް ބަންދުކޮށް، އޭނާއަކީ ޙައްދެއްނެ ނެތް މިނިވަންކަމުގެ ޖައްވެއްގައި އެއްވެސް މިސްރާބެއް ނެތި އުދުހޭ ދޫންޏެއްފަދައިން، އަމިއްލަ ފިކުރަކާއި އަމިއްލަ ވިސްނުމެއް އަދި އަމިއްލަ ޙުރުމަތްތެރިކަމެއް ލިބިގެންވާ މީހެއްކަމަށް ދެއްކުމަށް ވަރަށް މަސައްކަތްކުރެއެވެ.

އިސްލާމީ ޝަރީޢަތުގައި ކަނޑައެޅިފައިވާ، ވައްކަން ކުރާ މީހުން އަތްކެނޑުމާއި، މީހުން މަރާމީހުން މެރުމާއި (ޤިޞާޞް) އަކީ އިންސާނީ ކަރާމާތަށް ގެއްލުންލިބޭ ކަމެއް ކަމުގައި ނިންމާ ހުޅަނގުގެ ތަޢައްޞުބީ ސިކުނޑިތަކުން، ފިކުރީ ހަނގުރާމައިގެ އެހީގައި މުސްލިމުންގެ ސިކުނޑިތައް ދޮވެލައިގެން، އިސްލާމީ ޝަރީޢަތާ އެންމެ ދުރުބަޔަކީ މުސްލިމުން ކަމުގައި ހަދައިފިއެވެ. ޞަލީބީ ހަނގުރާމައިގެ ފިކުރު ކަމުގައިވާ "ގަސް ކަނޑާނީ ގަހުގެ ވެރިޔާ ލައްވާ" މި ޝިޢާރުގެ ދަށުންނެވެ.
އިންސާނީ ޙައްޤުތަކޭ ކިޔައިގެން އަނގައަރުވާ މިފަދަ ޤައުމުތަކުގައި ޖަނަވާރުންނަށްވުރެ ދަށު ދަރަޖައެއް އަދިވެސް ދެވިފައިވަނީ އިންސާނުންނަށެވެ. އިސްލާމްދީނުގައި އިންސާނާއަށް ޢިއްޒަތްދެނީ އޭނާއަކީ ކުށެއް ނުކުރާހާ ހިނދަކު މަޢުޞޫމު މީހެކެވެ. އޭނާ މަރާލަންޖެހެނީ މީހެއްގެ ފުރާނަ އޭނާގެ ފުށުން ގެއްލިގެން ދިޔުމުންނެވެ. އެހެނީ ޙައްޤަކާ ލައިގެންނެވެ. އެހެނަސް، ހުޅަނގުގެ ނާތަހުޒީބީ ފިކުރުގެ ކުރިމަތީގައި ކުށެއް ކުރިޔަސް އެމީހަކު މަރައިގެން ނުވާނެއެވެ. އެހެނީ އިންސާނާއަކީ ޙުރުމަތްތެރިވެގެންވާ އަދި ކަރާމާތްތެރިވެގެންވާ މީހެކެވެ. އެކަމަކު އަންހެނެއްގެ ބަނޑުގައި އޮންނަ އިންސާނާ މަރާލިއަސް އެއީ އިންސާނީ ޙައްޤުތަކުގެ ގޮޅިއަށް ފެތޭ ކަމަކަށް ނުވެއެވެ. ފަހަރެއްގައި އަންހެނެއްގެ ބަނޑުގައި ގަރުބަ ގަންނަނީ "އިންސާނެއް" ނޫން ކަމަށްވެދާނެއެވެ. އިންސާނެއްނަމަ އެބުނާ އިންސާނީ ޙައްޤުތަކުގެ ހިޔާ ލިބެންވާނެ ނޫންތޯއެވެ؟ މައްސަލައަކަށްވަނީ މީހުން މަރާ މީހެއް، އޭނާގެ އެ ބޮޑު ޖަރީމާ އެހެން އިންސާނުންގެ މައްޗަށް ޢާއްމުކޮށްފާނެތީ، ހުރިހާ އިންސާނުންގެ ފުރާނައިގެ ޙުރުމަތަށްޓަކައި އޭނާގެ ފުރާނަ ހަށިގަނޑާ ވަކިކޮށްލުމެވެ. އެކަމަކު އެއްވެސް ކުށެއް ނުކުރާ މަޢުޞޫމު އިންސާނަކު "އިހާނެތި" ގޮތެއްގައި "އަނިޔާވެރިކަމާއެކު" އެ އިންސާނާގެ "މަންޒިލުން" ބޭރުކޮށްލައި "ދުނިޔޭގެ ވައިން މަޙްރޫމްކުރުމަކީ" އިންސާނީ ޙައްޤުތަކުގެ ތެރޭގައި ހިމެނޭ ކަމަކަށް ނުވެއެވެ. ޔޫރަޕާއި ހުޅަނގުގެ ބައެއް ޤައުމުތަކުގައި އެބޯރޝަން ނުވަތަ ދަރިވައްޓާލުން އާދެ އެހެން ޢިބާރާތަކުން ދަންނަވަނީ ނަމަ މީހުން މެރުމަކީ ޤާނޫނީ ގޮތުން ހުއްދަ ކަމެކެވެ. މިގޮތުން އެމެރިކާއާއި އިނގިރޭސި ވިލާތުގައިވެސް މީހުންމެރުމަކީ ހުއްދަކަމެކެވެ.އަދި އެކަން ކުރާ މީހާ އަށް އެއްވެސް އަދަބެއް ދެވޭ ކަމެއް ނޫނެވެ.
މިއަށް އަހަރެެމެން ކިޔަނީ ޑަބަލް ސްޓޭންޑަރޑްސްއެވެ. މެރީމާ ކުށަކަށް ވެފައި މެރީމާ ކުށަކަށް ނުވަނީއެވެ. އިންސާފަކީ މެރުމަކީ ކުށެކެވެ. މެރުންވާނީ މެރުމަށެވެ. ޅަފަތުގައި ނުވަތަ "ހަރުފަތުގައި" މެރިޔަސް ނުވަތަ ކުޑަކުއްޖަކު ނުވަތަ ބޮޑު މީހަކު މަރާލެވުނަސް މެރުން ވާނީ މެރުމަށެވެ. ދުނިޔޭގެ އިންސާނީ ޙައްޤުތަކުގެ ތިލަފަތް ޣައިރު މުސްލިމުންގެ މާއްދީ ބުއްދިން ކިރޭވަރަށް ވުރެ އިސްލާމްދީނުގެ ފުޅާ ތަޞައްވުރުގައި މާ ބަރެވެ. ހުރިހާ ވަޟަޢީ ޤާނުނުތައް އެއްކޮށްލީމާވެސް، އިލާހީ ޤާނޫނުގެ ކުރިމަތީގައި ފާޅުކަންބޮޑު ގޮތެއްގައި ކުރި ލިބޭނީ އިލާހީ ޤާނޫނަށެވެ. ފުރިހަމަ އެއްޗަަކަށް ކުރިލިބޭ އުޞޫލުންނެވެ.

Read more...