14 November 2011

ހެޔޮ ކަންކަމަށް ގޮވައިލުމުގެ އަދަބުތައް

އައްޝައިޚް ޢަބްދުﷲ ފާރޫގް ޙަސަން
ޙިމްޔަރު ވަންހަ އަކީ ޤަދީމީ ޢަރަބި ކަރައިގެ ބާރުގަދަ ޤަބީލާއެކެވެ. އެ ޤަބީލާ އިން އެތަކެއް ސަތޭކަ އަހަރެއް ވަންދެން ޔަމަނު ކަރައިގައި ރަސްކަން ކުރިއެވެ. އިތުރު ސާހިބާ ޞައްލަﷲ ޢަލައިހި ވަ ސައްލަމަ ޙިމްޔަރު ވަންހައިގެ ޝާހީ ޢާއިލާގެ މެމްބަރުންނަށް ދީނަށް ގޮވައިލެއްވުމުގެ ފަތްކޮޅެއް ފޮނުއްވިއެވެ. ޞުލްޙުލް ޙުދައިބިއްޔާ އަށް ފަހު އެކި ދައުލަތްތަކުގެ ރަސްރަސްކަލުންނަށް ދީނަށް ގޮވައިލެއްވުމުގެ ފަތްކޮޅުތަކެއް ފޮނުއްވި ދުވަސްވަރުއެވެ. މި ޙާދިޘާގެ ތަފްސީލުތައް ޠަބަޤާތު އިބްނު ސަޢްދުގައްޔާއި، އަލްބިދާޔަތު ވައްނިހާޔަތުގައްޔާއި އަދި އެ ނޫން ވެސް ވަރަށް ގިނަ ފޮތްތަކުގައި އައިސްފައި ވެއެވެ.

އިތުރު ސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙިމްޔަރު ވަންހައިގެ ޝާހީ ޢާއިލާ އަށް ފޮނުއްވި ފަތްކޮޅާއިގެން ދަތުރުފުޅު ކުރެއްވީ ޢައްޔާޝް ބިން ރަބީޢަތު ރަޟިޔަﷲ ޢަންހެވެ. ކައު ސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަލޭގެފާނާ ފަތްކޮޅު ޙަވާލު ކުރެއްވުމަށް ފަހު ވަރަށް ގިނަ އިރްޝާދުތައް ދެއްވިއެވެ. އޭގެ ތެރޭގައި ވެއެވެ. "ދަތުރުފުޅު މަތީގައި އަޢޫޛު ވިދާޅުވަމުން ވަޑައިގަންނަވާށެވެ. ކަލޭގެފާނުގެ މަންޒިލަށް ވަޑައިގެންފައި އެންމެ ފުރަތަމަ ދެ ރަކްޢަތް ނަމާދެއް ކުރައްވާށެވެ. އެއާ ވިދިގެން ކަލޭގެފާނުގެ ދަޢުވަތުގެ ކާމިޔާބީ އަށް އެދިވަޑައިގެން ދުޢާ ކުރައްވާށެވެ. އެއަށްފަހު ވަޑައިގެން ސިޓީ ރައްދު ކުރައްވާށެވެ."

ޢައްޔާޝު ކަންތައް ކުރެއްވީ ކައު ސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ނަޞޭޙަތްޕުޅާ އެއްގޮތަށެވެ. ދަތުރުފުޅު މަތީގައި ގިނަގިނައިން އަޢޫޛު ވިދާޅުވިއެވެ. އެކަލޭގެފާނުގެ މަންޒިލަށް ވަޑައިގެން ދެ ރަކްޢަތް ނަމާދެއް ކުރެއްވިއެވެ. އެކަލޭގެފާނު ތެދުމަށް ގޮވާލައްވާ އަމީރުންގެ ޙައްޤުގައި ހެޔޮ ދުޢާފުޅު ކުރެއްވިއެވެ. ޙިމްޔަރު ވަންހައިގެ ޝާހީ ޢާއިލާގެ ބޭފުޅުންނާ ޢައްޔާޝު ބައްދަލު ކުރެއްވީ އެއަށްފަހުއެވެ. ތާރީޚުގައި ބަޔާން ކުރެވިފައި ވާ ގޮތުގައި ޢައްޔާޝުގެ ދަޢުވަތުން އެ ތިން އަމީރުންގެ ހިތްޕުޅަށް ވަރަށް ބޮޑަށް އަސަރު ކުރިއެވެ. ޢައްޔާޝުގެ ދަޢުވަތަށް ލައްބައިކަ އޭ ޖަވާބު ދެއްވައި އިސްލާމް ވެވަޑައިގެންނެވިއެވެ. މި ޙާދިޘާ ހިނގައިފައި ވަނީ ހިޖުރައިން ނުވަވަނަ އަހަރުއެވެ.

މި ޙާދިޘާ އިން އެނގެނީ ހެޔޮ ކަންކަމަށް ގޮވައިލާ މީހުންގެ ސުލޫކު ހުންނަން ވާނެ ގޮތެވެ. މަގު އޮޅިފައި ވާ މީހަކަށް ހެޔޮ ކަމަކަށް ދަޢުވަތު ދޭ އިރު، ދަޢުވަތު ރައްދު ވާ މީހެއްގެ ގާތަށް ރުޅި އައުމުގެ އެކަށޭނަކަން ވެސް އޮވެއެވެ. އެ މީހެއްގެ "އަހަރެންވަންތަކަން" ހޭލައިގަތުމުގެ ފުރުސަތު ވެސް އޮވެއެވެ. އެ މީހަކު ނާތަހްޒީބު ގޮތަކަށް ޖަވާބު ދިނުމަކީ ވެސް ވެދާނެ ކަމެކެވެ. ހެޔޮ ކަންކަމަށް ގޮވައިލާ މީހުންނަށް އެ މީހަކު ހަރުކަށި ޖަވާބެއް ދިނުމުގެ އެކަށޭނަކަން ވެސް އޮވެއެވެ.

މި ދެންނެވި ފަދަ ވަގުތު ވަގުތުތަކުގައި ދާޢީންނަށް ޖެހޭނީ ޙައްދެއް ނޯންނަ ވަރަށް ރުޅި މަޑު ކުރާށެވެ. ދަޢުވަތު ރައްދު ވާ ފަރާތުން ނާތަހުޒީބު ޢަމަލެއް ކުރިޔަސް އަދި އެޔާ ވިދިގެން ތިމާމެންގެ ހިތްތަކުގައި ރައްދު ޖަވާބެއް ދިނުމުގެ ޚިޔާލު އުފެދުނު ކަމުގައި ވިޔަސް އެއީ ޝައިޠާނީ ޙަރަކާތެއް ކަމުގައި ބަލައި މާތް ﷲ ގެ ޙަޟުރަތުން ރައްކާތެރިކަމަށް އެދޭށެވެ. ޝައްކެއް ނެތެވެ. ހެޔޮ ކަމަށް ގޮވައިލާ މީހުންގެ ހިތްތަކުގައި އެބައިމީހުންގެ ދަޢުވަތު ރައްދު ވާ ފަރާތާ މެދު އިޚްލާޞްތެރިކަމާއި ހެޔޮ އެދުމުގެ ޝުޢޫރު އޮންނަން ޖެހޭނެއެވެ. އެ ޝުޢޫރުގެ ބާރުގައި، ދަޢުވަތު ރައްދު ވާ ފަރާތަށް ހެޔޮ ދުޢާ ކުރެވެން ފަށާ ވަރަށެވެ. އެބައިމީހުންނަށް ހަމަ ވިސްނުން ލިބި ހެޔޮ މަގަށް އެޅުމަކީ ތިމާމެން އެ ކަމަކަށް ދަހިވެތި ވާ ކަމެއް ކަމުގައި ވާ ވަރަށެވެ.

Read more...