22 June 2012

ތައުޙީދުގެ އަހުލުވެރިޔާ އެއްވެސް ޙިސާބަކާއި އަދި ޢަޛާބަކާ ނުލައި ސުވަރުގެ ވަންނަހުއްޓެވެ

އައްޝައިޚް އަބޫބަކްރު އިބްރާހިމް ޢަލީ
ަތައުޙީދުގެ އަހުލު ވެރިންނަކީ ﷲ ސުބްޙާނަހޫ ވަތަޢާލާ އެންމެ ލޯބިވެ ވޮޑިގެންވާ މީހުންނެވެ. ތައުޙީދު ބަރާބަރުކޮށް ތައުޙީދުގައިވާ ގޮތުގެމަތީން ޢަމަލުކުރާ މީހާ އެއްވެސް ހިސާބަކާއި، އަޛާބަކާއި ނުލައި ސުވަރުގެ ވަނާނެއެވެ.

ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.
إِنَّ إِبْرَاهِيمَ كَانَ أُمَّةً قَانِتاً لِلّهِ حَنِيفاً وَلَمْ يَكُ مِنَ الْمُشْرِكِينَ -النحل : 120-
މާނައީ: "ހަމަ ކަށަވަރުން އިބްރާހީމް(ޢަލައިހިއްސަލާމް) ވެވަޑައިގެންނެވީ ﷲ ފިޔަވައި އަޅުކަން ކުރެވޭ ހުރިހައި ތަކެތިން ދުރުވެ ވަޑައިގެން ހަމައެކަނި ﷲއަށް ކިޔަމަން ތެރިވެ ވަޑައިގެންވާ (ތައުޙީދުގެ) ނަމޫނާއެއް ކަމުގައެވެ. އަދި އެކަލޭގެފާނު މުޝްރިކުންގެ ތެރެއިން ވެވަޑައިނުގަންނަވައެވެ."

އަދި ﷲ ސުބްޙާނަހޫ ވަތަޢާލާ އިބްރާހީމްގެފާނަށް ތަޢުރީފް ވަޙީ ކުރައްވައި އިބްރާހީމްގެފާނީ އާޚިރަތް ދުވަހުން ވެސް ޞާލިޙް މާތް މީހުންގެ ތެރެއިންވާ ބޭކަލަކު ކަމުގައި އެންގެވިއެވެ. ފަހެ އިބްރާހީމްގެފާނަށް މިމަތިވެރި ދަރަޖަ ލިބިވަޑައިގަތީ އިބްރާހީމްގެފާނު ތައުޙީދުގެ ފުރިހަމަ ދީން މަތީ ޘާބިތުވެ ވަޑައިގެން ހުންނެވި ކަމުންނެވެ. އާދެ ﷲ ފިޔަވައި ބާތިލް ގޮތުގައި އަޅުކަން ކުރެވޭ ހުރިހައި އެއްޗިއްސަކުން ދުރުވެ ވަޑައިގެން ހުންނެވި ކަމުންނެވެ.

ﷲ ސުބްޙާނަހޫ ވަތަޢާލާ މުއުމިނުންނަށް މަދަޙަ ވަޙީ ކުރައްވައި އަންގަވައެވެ.
(وَالَّذِينَ هُمْ بِرَبِّهِمْ لَا يُشْرِكُونَ) -المؤمنون: 59-
މާނައީ: "އެމީހުންނަކީ (ފުރިހަމަ މުއުމިނުންނަކީ) އެމީހުން ހައްދަވައި ބޮޑުކުރެއްވި ރަސްކަލާނގެ ރަސްކަންފުޅާއި ހަމަ އެކައްޗަކާއިވެސް ޝަރީކަ ނުކުރާ މީހުންނެވެ."

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ގެ މިއުންމަތުން ހަތްދިހަހާސް މީހުން އެއްވެސް ހިސާބަކާއި އަޛާބަކާއި ނުލައި ސުވަރުގެ ވަންނާނޭ ކަމުގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ މިޢުރާޖުއަރާވަޑައިގެންނެވި ރޭގައި އެންގެވުނެވެ. އަދި އެމީހުންނަކީ ތައުޙީދާ ޚިލާފް ވާގޮތުގެމަތިން ފަންޑިތަ ހަދާ އަދި މިނޫން ވެސް އެބާވަތުގެ ޝިރުކުގެ އަސަރުވެސް ހުރި ކަންކަމުން ދުރުވެ ހަމަ އެކަނި އެމީހުން ހައްދަވައި ބޮޑުކުރެއްވި އިލާހުގެ ހަޟުރަތައް ވަކީލް ކުރާ މީހުން ކަމުގައި ހަދީޘް ކުރެއްވިއެވެ. (ބުޚާރީ އަދި މުސްލިމް)
__________________________________-
ސުވާލު:
(1) އެއްވެސް ހިސާބަކާއި އަޛާބަކާއި ނުލައި ސަވަރުގެ ވަންނާނެ މީހުންނަކީ ކޮން ބައެއް ހެއްޔެވެ؟
(2) އިބްރާހީމްގެފާނުންގެ މާތްކަން ބަޔާންކުރާ އާޔަތެއް ބަޔާންކުރޭ؟
(3) މުއުމިންނަށް މަދަޙަ ވަޙީ ކުރެއްވުމުގެ ސިފައެއް ބަޔާން ކުރޭ!
-----------------------------------------------------
އައްޝައިޚް އަބޫބަކްރު އިބްރާހިމް ޢަލީ ލިޔުއްވާފައިވާ "ރިސާލަތުއް ތައުޙީދި" ފޮތުން ނަގާފައި

Read more...

16 June 2012

ކަރުނަ ނުއޮހޮރޭ އެންމެ ލޮލެއްވެސް ނުވެއެވެ

ކޮންމެ ހުކުރު ދުވަހެއްގެ ހުކުރު ނަމާދަށްފަހު، އެރަށުގެ މައި މިސްކިތުގެ އިމާމް މީހާއާއި އޭނާގެ 11 އަހަރުގެ ދަރިފުޅު ރަށުތެރެއަށް ނުކުމެ، “ޖަންނަތަށް ދެވޭނެ މަގު” ކިޔާ ލީފްލެޓް ތަކަކާއި އިތުރު ދީނީ ލިޔުންތައްވެސް އެރަށުގެ މީސްތަކުންނަށް ބަހައެވެ.
މިފަދަ އެއް ހުކުރު ދުވަހެއްގެ މެންދުރުފަހު އިމާމް މީހާއި އޭނާގެ ދަރިފުޅު އެލިޔުންތައް ބެހުމަށްޓަކައި ބޭރަށް ނުކުންނަ ވަގުތު ޖެހުނުއިރު ވަރަށް ބޯކޮށް ވާރޭ ވެހެއެވެ. އަދި ވަރަށް ފިނިވެސް މެއެވެ. އެހެންކަމުން އެ ކުޑަކުއްޖާ ، އޭނާގެ އަތުގައި އޮތް އެންމެ ބޯ ހެދުން ލައިގެން ނުކުމެ ބައްޕަ ގާތުގައި ބުންޏެވެ. ” ބައްޕާއެވެ. އަހަރެން މިހިރީ ތައްޔާރު ވެގެންނެވެ.” އެހިނދު ބައްޕަ ބުންޏެވެ.” ތައްޔާރުވީ ކޮން ކަމަކަށް ހެއްޔެވެ؟” އެ ކުއްޖާ ބުންޏެވެ. ” މިއީ އަހަރުމެން ލިޔުންތައް ހިފައިގެން މަގުތަކަށް ނުކުންނަ ވަގުތެއް ނޫންހެއްޔެވެ؟” ޖަވާބުގައި ބައްޕާ ބުންޏެވެ. ” ދަރިފުޅާއެވެ. ބޭރުތެރެ ވަރަށް ފިންޏެވެ. އަނެއްކާ ވާރޭވެސް އެބަ ވެހެއެވެ.”

ޙައިރާން ކަމާއިއެކު ދަރިފުޅު ބައްޕައާ ދިމާލަށް ބަލާލިއެވެ. އަދި އަހާލިއެވެ. ” ބައްޕާއެވެ. ވާރޭ ވެހުނު ކަމުގައި ވިޔަސް މީސްތަކުން ޖަހަންނަމައަށް ދިއުން ނުހުއްޓޭނެއެއްނޫން ހެއްޔެވެ؟” ބައްޕަ ބުންޏެވެ. ” ދަރިފުޅާއެވެ. މިފަދަ ގޮތަކަށް މޫސުން އޮއްވައި ބައްޕައެއް ނުދާނަމެވެ.”

މޮޅިވެރިކަމާއިއެކު އެކުއްޖާ އަހާލިއެވެ. ” ބައްޕާއެވެ އަހަރެން ދިޔަސް އެންމެ ރަނގަޅު ހެއްޔެވެ؟” ފުރަތަމަ ނުފޮނުވާން ހުރެފައި އިރުކޮޅަކުން ބައްޕަ ބުންޏެވެ. ” ދަރިފުޅު ދިޔަސް މައްސަލައެއް ނެތެވެ. މިހުރީ ލިޔުންތަކެވެ. މަގުމަތީގައި ފަރުވާތެރިކަމާއި އެކު އުޅޭށެވެ.”

ބައްޕައަށް ޝުކުރު އަދާކުރުމަށްފަހު، ވާރޭގެ ތެރެއަށް އެ ކުޑަކުއްޖާ ނުކުތެވެ. ފެންނަ ކޮންމެ ގެއަކަށް، ދިމާވާ ކޮންމެ މީހަކަށް ލިޔުމެއް ދެމުންނެވެ. މިގޮތުގައި ދެގަޑިއިރު މަގުމަތި ހޭދަކުރި އިރު، އެކުއްޖާ ހުރީ އެއްކޮށް ތެމި ފޯވެފައެވެ. އޭރު ބާކީ އޮތީ އެންމެ ލިޔުމެކެވެ. އެހެންކަމުން ކަނެއްގައި މަޑު ކޮށްލުމަށްފަހު، އެލިޔުން ދޭނެ މީހެއް ފެނޭތޯ ހޯދާ ބަލާލިއެވެ. ނަމަވެސް މަގެއްގެ ކޮޅުންވެސް މީހަކު ފެންނާކަށް ނެތެވެ. ދެން އެންމެ ކައިރީގައި ހުރި ގެއަށް ބަލާލުމަށްފަހު، ގޭގެ ދޮރާ ދިމާއަށް ހިނގައިގަތެވެ. އަދި ހަމަ ދެވުމާއިއެކު ރަނގަބީލު ޖަހައިލިއެވެ. ނަމަވެސް އެއްވެސް ޖަވާބެއް ނައެވެ. އެކުއްޖާ ތަކުރާރުކޮށް ރަނގަބީލު ޖަހަމުން ދިޔައިރުވެސް އެއްވެސް ޖަވާބެއް ނުލިބުނެވެ.

އެންމެފަހުން މި 11 އަހަރުގެ ދާޢީ ( ދީނަށް ގޮވާލާ ނަޞޭޙަތްތެރިވާ މީހާ/ކުއްޖާ) ދިއުމަށްޓަކައި އެނބުރިލިއެވެ. ނަމަވެސް، ކޮންމެވެސް ކަމެއް އޭނަ ހުއްޓުވިއެވެ. އެކުއްޖާ އަނެއްކާވެސް ރަނގަބީލު ޖަހަން ފެށިއެވެ. އަދި ވަރަށް ބާރަށް ޓަކިޖަހަންވެސް ފެށިއެވެ. މަޑުމަޑުން ދޮރު ހުޅުވެން ފެށިއެވެ. އެތެރޭގައި ދޮރު ދޮށުގައި ހުއްޓިލައިގެން ހުރީ ވަރަށް ދެރަވެފައި ހުރި މުސްކުޅި އަންހެނެކެވެ. އެމީހާ ވަރަށް މަޑުމައިތިރިކަމާއި އެކު އަހައިލިއެވެ. ” ކޮއިފުޅަށް އަހަރެން ކޮށްދޭންވީ ކޮންކަމެއް ހެއްޔެވެ؟ “

އަލިކަމުން ފުރިގެންވާ ދެލޮލާއި ، ރިވެތި ހިނިތުންވުމާއި އެކު، މި ކުޑަކުޑަ ކުއްޖާ ބުނެލިއެވެ. ” އުނދަގު ކުރެވުނުނަމަ ވަރަށް ބޮޑަށް މަޢާފަށް އެދެމެވެ. ނަމަވެސް އަހަރެން ބުނެލަން ބޭނުމެވެ. ﷲ ތަޢާލަ ތިބާދެކެ ލޯބިވެ ވޮޑިގަންނަވައެވެ. އަދި ތިބާއަށް އަޅާލައެވެ. އަހަރެން މިއައީ އަހަރެން އަތުގައި އޮތް އެންމެ ފަހު ލީފްލެޓް ދޭށެވެ. މީގައި ﷲތަޢާލާ އާ ގުޅޭ ހުރިހާ ކަމަކާއި، އެއިލާޙުގެ ރުއްސެވުން ހޯދާނެ ގޮތާއި މީސްތަކުން ޚަލްޤު ކުރެއްވުމުގެ ޙިކްމަތް ވަރަށް ފުރިހަމައަށް ބަޔާންކޮށްދީފައި ވާނެއެވެ.”

އެލިޔުން ހަވާލުކުރުމަށްފަހު، ދިއުމަށްޓަކައި އެކުއްޖާ އެނބުރިލިއެވެ. އެވަގުތު އެމީހާ ގޮވާލިއެވެ. އަދި ބުނެލިއެވެ. ” ޝުކުރިއްޔާ! އަދި ﷲ ތިބާއަށް ހެޔޮ ރަޙްމަތް ލައްވާށިއެވެ!”

ޖެހިގެން އައި ހުކުރު ދުވަހުގެ ހުކުރު ނަމާދަށްފަހު އިމާމް މީހާ (އެ ކުޑަކުއްޖާގެ ބައްޕަ) ދަރުސެއް ދިނެވެ. އެއަށްފަހު އަހާލިއެވެ. ” އެއްވެސް މީހެއްގެ ސުވާލެއް ނުވަތަ ބުނެލަން ބޭނުންވާ އެއްވެސް އެއްޗެއް އެބަ އޮތް ހެއްޔެވެ؟”

އެހިނދު އެންމެ ފަހަތު ސަފުން މުސްކުޅި ފުރައިގެ އަންހެނެއްގެ އަޑު އިވެން ފެށިއެވެ. އޭނާގެ ވާހަކަ ތަކުގައި އުފާވެރިކަމާއި ހިތްހަމަޖެހުން އެކުލެވިގެންވާކަން ފާޅުވެގެން ދިޔައެވެ. ” މިތަނުން އެއްވެސް މީހަކަށް އަހަރެން ނޭނގޭނެއެވެ. މީގެ ކުރިން އަހަރެން މިތަނަކަށް ނާންނަމެވެ. މިދިޔަ ހުކުރު ދުވަހުގެ ކުރިން އަހަރެންނަކީ މުސްލިމެއް ނޫނެވެ. ދުވަސްކޮޅެއް ކުރިން އަހަރެންގެ ފިރިމީހާ މަރުވިއެވެ. އަދި މިދުނިޔޭގައި އަހަރެން އެކަނިވެރިވިއެވެ. މިދިޔަ ހުކުރު ދުވަހަކީ ވަކިން ފިނި އަދި ވިއްސާރަ ދުވަހެއް ކަމަށް ވުމުން އަހަރެންގެ އެކަނިވެރިކަން ވަކިން ބޮޑަށް އިތުރުވެގެން ދިޔައެވެ. ދިރި އުޅުމަށް އުއްމީދެއް އަދި އެދުމެއްވެސް ނެތެވެ. އެހެންކަމުން، ވާގަނޑަކާއި ގޮނޑިއެއް ހިފައިގެން އައިސް ދަންޖެހެން މަސައްކަތް ކުރީމެވެ. ވަލުގެ އެއްކޮޅު މަތީގައި އެއްސުމަށްފަހު، ގޮނޑިއަށް އަރައި، ވަލުގެ އަނެއްކޮޅު ކަރުގައި އެއްސީމެވެ. ގޮނޑިމަތީގައި އެކަނިވެރިކަމާއި އެކު ހިތް ކުދިކުދި ވެފައިވާ ޙާލު، އަރިއަކަށް ވެއްޓެން އުޅެނިކޮށް، ގޭގެ ރަނގަބީލުގެ ބާރު އަޑުން އަހަރެން ހައިރާން ކޮށްލިއެވެ. އަހަރެންގެ ހިތަށް އެރިއެވެ. މިނިޓެއް ވަންދެން މަޑުކޮށްލާނީ އެވެ. އޭރުން އެމީހަކު ހިނގައިދާނެއެވެ. އަހަރެން ވަރަށް އިރު މަޑުކުރީމެވެ. ނަމަވެސް ރަނގަބީލުގެ އަޑު ދިޔައީ ގަދަވަމުންނެވެ. އަދި އިރުކޮޅަކުން ވަރަށް ބާރަށް ޓަކިޖަހާ އަޑުވެސް އިވެންފެށިއެވެ. އަހަރެންގެ ހިތަށް އެރިއެވެ. މިވާނީ ކާކަށްބާއެވެ. އަހަރެންގެ ގާތަށް އެއްވެސް މީހަކު އައިސް ގޮސްވެއެއް ނޫޅެއެވެ.

ކަރުން ވާގަނޑު ނައްޓާލުމަށްފަހު، ބޭރު ދޮރާ ދިމާއަށް ހިނގައިގަތީމެވެ. އޭރުވެސް ރަނގަބީލުގެ އަޑު ދިޔައީ ގަދަވަމުންނެވެ. ދޮރު ހުޅުވާލުމަށްފަހު ބޭރު ބަލައިލިއިރު އަހަރެންގެ ލޮލަށް ފެނުނު މަންޒަރު ޤަބޫލުކުރަންވެސް ދަތިވިއެވެ. އެހެނީ ދޮރުކުރިމަތީ ހުއްޓިލައިގެން ހުރީ އަހަންނަށް މިހާތަނަށް ފެނުނު އެންމެ ރީތި އަލިކަންގަދަ ކުއްޖާއެވެ. އެކުއްޖާގެ ހިނިތުންވުން ސިފަކޮށްދޭން ނޭނގޭހާ ރީއްޗެވެ. އެކުއްޖާގެ އަނގައިން ނުކުތް ބަސްތަކުގެ ސަބަބުން، އަހަރެންގެ މަރުވެފައިވާ މިހިތަށް ދިރުން ލިއްބައިދިނެވެ. އެ ލޯބި ލޯބި އަޑުން ބުނެލިއެވެ. ” ﷲ ތަޢާލާ ތިބާދެކެ ލޯބިވެ ވޮޑިގަންނަވައެވެ. އަދި ތިބާއަށް އަޅާލައެވެ.” އެއަށްފަހު ‘ޖަންނަތަށް ދެވޭނެ މަގު” ކިޔާ މި ލީފްލެޓް އަހަރެންނަށް ހަވާލުކުރިއެވެ.

އެ ކުޑަކުޑަ ކުއްޖާ ވާރެއާއި ފިނީގެ ތެރެއަށް ގެއްލި ދިއުމުން ، ގޭގެ ދޮރު ލައްޕާލުމަށްފަހު، މިލިޔުމުގައިވާ ކޮންމެ ބަހެއް ވަރަށް ލަސްލަހުން ކިޔާލީމެވެ. އެއަށްފަހު، މައްޗަށް އަރައި ، ވާގަނޑާއި ގޮނޑި ނެގީމެވެ. މިހާރު އަހަރެންނަށް އޭގެ ބޭނުމެއް ނެތެވެ. މިހާރު އަހަރެންނަކީ އެއްކައުވަންތަ ޢިލާޙަށް ތަބަޢަވެގެން ހުރި އުފާވެރި މީހެކެވެ. މިޖަމާޢަތް ބޭއްވޭ ތަނުގެ ނަން އެ ލީފްލެޓްގެ ފަހަތުގައި ލިޔެވިފައި އޮތްތަން ފެނިފައި އަހަރެން މިތަނަށް މިއައީ ، ވަގުތު ކުޑަތަންވެފައި ވަނިކޮށް އަހަރެންގެ ގާތަށް އެކުޑަކުއްޖާ އައުމުގެ ސަބަބުން ތާއަބަދަށް ޖަހަންނަމައަށް ދިޔުމުން ސަލާމަތް ވުމުން އެކަމަށް ޝުކުރު އަދާކުރުމަށެވެ.”

ވާހަކަ މިހިސާބަށް ދިޔައިރު، ކަރުނަ ނުއޮހޮރޭ އެންމެ ލޮލެއްވެސް މިސްކިތުގައި ނުވެއެވެ. އަދި ތަކްބީރުގެ އަޑުފަށްގަނޑު ގުގުމައިގެން ދިޔައެވެ.

އިމާމް މީހާ (ކުޑަކުއްޖާގެ ބައްޕަ) މިމްބަރުން ފައިބައިގެން، ކުރީ ސަފުގައި އިށީނދެލައިގެން އިން އެކުޑަކުޑަ ކުއްޖާގެ ގާތަށް ދިޔައެވެ. އަދި ދަރިފުޅުގެ ގައިގައި ބައްދާލައިގެން އިނދެ، އެއްވެސް ހިފެހެއްޓުމެއްނެތި ރޯން ފެށިއެވެ.

ﷲ ތަޢާލާ ވަޙީ ކުރެއްވިއެވެ.

كُنْتُمْ خَيْرَ أُمَّةٍ أُخْرِجَتْ لِلنَّاسِ تَأْمُرُونَ بِالْمَعْرُوفِ وَتَنْهَوْنَ عَنِ الْمُنْكَرِ وَتُؤْمِنُونَ بِاللَّهِ وَلَوْ آمَنَ أَهْلُ الْكِتَابِ لَكَانَ خَيْرًا لَهُمْ مِنْهُمُ الْمُؤْمِنُونَ وَأَكْثَرُهُمُ الْفَاسِقُونَ

މާނައީ : ތިޔަބައިމީހުންނަކީ މީސްތަކުންގެ ތެރެއަށް ނެރުއްވި އެންމެ ހެޔޮ އުންމަތެވެ. (އެހެނީ) ތިޔަބައިމީހުން ހެޔޮކަންކަމަށް އަމުރުކޮށް މުންކަރާތްތައް ނަހީ ކުރެއެވެ. އަދި ތިޔަބައިމީހުން ﷲއަށް އީމާންވެއެވެ. (އާލް އިމްރާން 110 )

މައުލޫމާތު : ދީން ޑޮޓް އިންފޯ އިން

Read more...

02 June 2012

ފުންކޮށް ވިސްނާލައްވާ ބައްލަވާށެވެ

އަލްއަޚް ޢަބްދުﷲ ރަޝީދު
الله تعالى އަށް ފަށްފަށުން ޙަމްދުކުރަމެވެ. އަޅުގަނޑުމެންގެ މުސްލިމު ދިވެހި ދަރިންނަކީ އިސްލާމްދީންދެކެ ލޯބިވާ ބައެއްކަމާއި މެދު ޝައްކެއްތެވެ. ކޮންމެއެކަސް ދިވެހި ޤައުމަކީ އިސްލާމީ ޤައުމެކެވެ. މިހާތަނަށްވެސް ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގެ ގޮތުގައި އޮތް މުސްލިމް ދައުލަތެކެވެ. ދުނިޔެ މަތީގައި އިންސާނާއަށް ލިބޭނެ ބޮޑު ނިޢުމަތްތަކުގެ ތެރެއިން އެއް ނިއުމަތް ލިބިފައިވާ މީސްތަކުންތަކެއް އުޅެމުންދާ ކުޑަކުޑަ މުޖުތަމައެކެވެ.
އާއެކެވެ. އިސްލާމްދީނުގެ ހިދާޔަތަކީ އިންސާނަކަށް ލިބޭނެ އެންމެ ބޮޑު އެއް ނިއުތެވެ. އިސްލާމްދީން ނިޢުމަތަކަށްވަނީ އެއީ ބޮޑުމުދާ ގަޑެއްކަމުގައި ނުވަތަ ފައިސާތަކަށް ވީމައެއްނޫނެވެ. ނުވަތަ ބޮޑެތި އުސް އިމާރާތްކަކެއްވީމައެއް ނުމެނޫންމެވެ. އެހެނެއްކަމަކު އިސްލާދީން އެއީ އިންސާނިތްޔަތުގެ ހުންގާނަށްވީތީއެވެ. މިހުވަފެނީ ޙަޔާތް ދޫކޮށް ޙަޤީޤީ ޙަޔާތް އާދެ އާޚިރަތުގެ ބާއްޖަވެރިކަން ލިއްބައިދޭ ވަޞީލަތަށް ވީތީއެވެ. މުޖުތަމަޢުތަކުން ބޭއިންސާފާއި ނުބައި ރޭވުނަތައް ނެތިކޮށް، އަދުލްއިންސާފާއި ހެޔޮގޮތް ހޯދައިދޭ މަގުކަމުގައި ވިތީއެވެ. ނާމާންކަމާއި ބިރުވެރިކަން އެއްކިބާކޮށް، އަމާންކަމާއި ހަމަޖެހުން ލިއްބައިދޭ ސަބަބަށްވީތީއެވެ. ތަހްޒީބާއި ތަމައްދުނުގެ އަސްލުކަމުގައި ވީތީއެވެ. އެހެންކަމަށް ވީހިނދު މުޖުތަމަޢަށް އަދުލްއިންސާފާއި ހެޔޮގޮތް ބޭނުންނަމަ، އަމާންކަމާއި ހަމަޖެހުން ބޭނުންނަމަ، ތަހްޒީބާއި ތަމައްދުނު ބޭނުންނަމަ، އަޅުނޑުމެންނަށް އެދިމާއަށް ދުއްވައިދޭނެ ހުންގާނެއް ބޭނުން ވާނެކަމާއިމެދު ޝައްކެއްނެތެވެ. އާދެ އެ ހުންގާނަކީ އިސްލާމްދީނެވެ. އެދީން ރަގަނޅަށް ދެނެގަތުމެވެ. الله تعالى އީ ކޮން ފަރާތެއްކަން ދެނެގަނެ، ޙައްޤުގޮތުގައި އެއިލާހު އެއްކައުވަންތަކޮށް، ހަމައެކަނި އެއިލާހަށް އަޅުކަންކުރުމެވެ. އިސްލާމްދީނުގެ އަސާސީ އަސްލުތައް ދެނެގަނެ އެއަށް އަމަލުކުރުމެވެ. الله تعالى ގެ ރަސޫލާ صلى الله عليه وسلم އީ الله تعالى ފޮނުއްވި ޙައްޤުރަސޫލެއްކަން ދެނެގަނެ، އަދި އެކަލޭގެ ފާނު ގެނެސްދެއްވި ކަންކަމުގައި ހިފާ ނަހީކުރެއްވި ކަންކަމުން ދުރުހެލިވުމެވެ.
އޭ މުސްލިމް އޚުންނާއި އޚުތުންނޭ! އޭ ދިވެހި ދަރިންނޭ! ނިންކަން ފުންކޮށް ވިސްނާބައްލަވާށެވެ. "ތައުޙީދު" މިއީ ކޮންއެއްޗެއްހޭ؟ އަހައިފިނަމަ ޖަވާބު އެނގެނީ ކިތައް ދިވެހިންނަށްބާ؟ އާއެކެވެ. ތައުޙީދޭ ބުނެފިނަމަ އެއީ ކޮން އެއްޗެއްކަން އެގޭ ދިވެހިން މަދުކަމީ ހައިރާންވާންޖެހޭ ކަމެއް ނޫނެވެ. އަޅުގަނޑުމެންގެ ދިވެހި މުސްލިމު އަޚުންނާއި އުޚުތުންގެ ހާލަތައް ބަލާ އިރު އިސްލާމްދީނުގެ އާއްމު އެންމެ އަސާސީ ބައިތައްވެސް ނޭނގޭ ކަމީ، މިހާތަނަށް އައި އިރު ދިވެހިންނަށް އިސްލާމްދީނުގެ ޢިލްމު އުގަންނައި ދެވިފައި ނުވާކަމުގެ ހެއްކެވެ. މިމަތިވެރި ދީނުގެ މާތްވި އުސޫލުތައް ނޭނގޭކަމުގެ ބޮޑު ދަލީލެކެވެ. އެންމެ ކުޑަމިނުން ދީނަކީވެސް ކޮން އެއްޗެއްކަން އޭގެ ޙައްޤުގޮތުގައި ނޭނގޭ ކަމުގެ މިސާލެކެވެ. އެހެންކަމުން އަދިވެސް އިތުރަށް މިކަމާ ވިސްނަވާ، ތައުޙީދުގެ ކޮންމެވެސް މިން ވަރެއް އުގެނުމަށް ކުރިއަށް ވަޑައިގަންނަމާ ހިންގަވާށެވެ.
ތައުޙީދަކީކޮބާހެއްޔެވެ؟ އަދި އޭގެ ބައިތަކަކީ ކޮބާހެއްޔެވެ؟
ތައުހީދުގެ ލަފްޒީމާނައަކީ އެއްޗެއް އެކަނިވެރި ކޮށްލުމެވެ. ނުވަތަ އެއްމެ އެއްޗެއްކަމުގައި ހެދުމެވެ. ނުވަތަ އެންމެ ފަރާތެއްކަމުގައި ހެދުމެވެ. ނުވަތަ އެންކައުވަންތަ ކުރުމެވެ.
ޝަރުޢީގޮތުން ތަޢުޙީދުގެ މާނައަކީ الله تعالى އެއީ ވޮޑިގެންވާފަރާތެއްކަމަށް އީމާންވެހުރެ ރައްބުވަންތަކަމުގައި އާއި އިލާހުވަންތަކަމުގައި އެއިލާހުގެ އިސްމުފުޅުތަކާއި ޞިފަފުޅުތަކުގައި އެއިލާހު އެއްކައުވަންތަ ކުރުމެވެ.
الله تعالى ވަނީ ކީރިތި ޤުރުއާނުގެ އެތަށް އާޔަތެއްގައި ތައުޙީދު ނުވަތަ الله تعالى އެއްކައުވަންތަކުރުމާއި އެކަމުގެ ބައިތަކާއި ބެހޭގޮތުން އަޅުގަނޑުމެންނަށް އުގަންނައި ދީ ބަޔާންކޮށްދީފައެވެ.

ކީރިތި ޤުރުއާނުގެ ފުރަތަމަ ސޫރަތްކަމުގައިވާ الفاتحة ގައި الله تعالى ވަޙީކުރައްވާފައިވާ الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ ގައިވާ (لله) މިލަފްޒުން ތައުޙީދުލް އުލޫހިއްޔާ ނުވަތަ އަޅުކަންކުރުމުގައި الله تعالى އެއްކައުވަންތަކުރުން ޘާބިތުކޮށް ދަލާލަތުކޮށްދެއެވެ. އަދި (رب العالمين) އިން ތައުޙީދުއް ރުބޫބިއްޔާ ނުވަތަ ރައްބުވަންތަކަމުގައި الله تعالى އެއްކައުވަންތަކުރުން ޘާބިތުކޮށް ދަލާލަތުކޮށްދެއެވެ. (އެބަހީ އެއްޗެހި އުފައްދައި ޚަލްޤުކުރެއްވުމާއި އެތަކެތި ބަލާ ގެންގުޅުމާއި އެތަކެއްޗަށް ރިޒްޤުދެއްވައި ހުރިހާ ކަމެއް ކޮށްދެއްވަނީވެސް الله تعالى ކަން ހިތުގެ އަޑިން ޔަޤީންކޮށް ހަމައެކަނި الله تعالى އަށް އެކަން ނިސްބަތްކުރުންޘާބިތުކުރުމެވެ.) އަދި މިސޫރަތުގައި الله تعالى ވަޙީކުރައްވާފައި الرَّحْمَنِ الرَّحِيمِ އިން އެއިލާހަށް ނިސްބަތްވާ ހުރިހާ ސިފަފުޅުތަކެއްގައި އާއި ނަންފުޅުތަކެއްގައި އެ އިލާހު އެއްކައުވަންތަކަން ޘާބިތުކޮށްދީ އެކަމަށް ދަލާލަތު ކޮށްދެއެވެ. ތައުޙިދުއް ރުބޫބިއްޔާ އަށް ދަލާލަތު ކޮށްދެއްވަމުން އަދިވެސް الله تعالى ވަޙީކުރައްވާފައި ވެއެވެ. مَالِكِ يَوْمِ الدِّينِ . ހަމަ އެހެންމެ އަޅުކަމުގައި الله تعالى އެއްކައުވަންތަ ކުރުމަށް ދަލާލަތުކޮށްދެއްވަމުން ވަޙީކުރަށްވާފައި ވެއެވެ. إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ . ތައުޙީދު ނުވަތަ الله تعالى އެއްކައުވަންތަކުރުމުގެ ބައިތަކައި އޭގެ ތަފްޞީލު އުގަންނައިދީ ބަޔާންކޮށްދޭ މިފަދަ އެތައް އެތައް އާޔަތްތަކެއް ކީރިތި ޤުރުއާނުގައި الله تعالى ބަޔާންކޮށްދެއްވާފައި ވެއެވެ. މުޅިޤުރުއާން ވެސް އަޅުގަނޑުމެނނަށް ތައުޙީދު ބަޔާންކޮށްދެއެވެ. އެހެންކަމުން މަޝްހޫރު ހަތަރު މަޒުހަބު (ހަނަފީމަޒުހަބާއި މަލިކީ މަޒުހަބާއި ޝާފިޢީ މަޒުހަބާއި ހަންބަލީ މަޒުހަބުގެ) އިމާމުން ފަދަ އުއްމަތުގެ ސަލަފުއްސާލިހުން ތައުޙީދު ބަޔާންކޮށްދެއްވާ އޭގައި ތިން ބައެއްވަކަމަށް ބަޔާންކޮށްދެއްވާފައި ވެއެވެ. އެއީ ކުރިން ވެސް ބަޔާންވެދިޔަ ފަދައިން ތައުޙީދުއް ރުބޫބިއްޔާ އާއި ތައުޙީދުލް އުލޫހިއްޔާ އަދި ތައުޙީދުލް އަސްމާއި ވައްޞީފާތެވެ.
ތައުޙީދުލް އުލޫހިއްޔާ އާއި ތައުޙީދުއް ރުބޫބިއްޔާ އަދި ތައުޙީދުލް އަސްމާއި ވައްޞީފާތަކީ ކޮބާ؟
ތައުޙީދުލް އލޫހިއްޔާ އަކީ: ހުރިހާ އަޅުކަމެއްގައި الله تعالى އެކައުވަންތަކުރުމެވެ. އެބަހީ ހުރިހާ އަޅުކަމެއް الله تعالى އަށް ޚާލިޞްކުރުމެވެ. އެއްވެސް އަޅުކަމެއްގައި އެއިލާހާއި އެއްވެސް ފަރާތެއް ޝަރީކު ނުކުރުމެވެ. ނުވަތަ ބައިވެރި ނުކުރުމެވެ.
އަޅުކަމަކީ ރަސޫލާ صلى الله عليه وسلم ގެނެސް ދެއްވި ގޮތަށް الله تعالى އަށް ކިޔަމަންތެރިކަން އަދާކުރުމެވެ. އަދި ބަސްތަކާއި ފެންނަކަންކަމާއި އަދި ނުފެންނަކަންކަމުގެ ތެރެއިން الله تعالى ލޯބިވެ ވޮޑިގަންނަވާ ކޮންމެ ބަހަކާއި އަމަލެކެވެ.
ތައުޙީދުއް ރުބޫބިއްޔާ އަކީ: الله تعالى ކުރައްވާ ކޮންމެ ކަމެއްގައި އެއިލާހު އެއްކައުވަންތަކުރުމެވެ. އެއިން އެވެސްކަމެއްގައި އެކަލާނެގެ އާ އެއްވެސް ފަރާތެއް ބައިވެރި ނުކުރުމެވެ. މިސާލަކަށް ޚަލްޤުކުރެއްވުމާއި، ރިޒްޤުދެއްވުމާއި، މަރުގެންނެވުމާއި ދިރުންވުން ފަދަކަންކަމެވެ.

ތައުޙިދުލް އަސްމާއި ވައްޞިފާތަކީ: ޤުރުއާނާއި ސުންނަތުން ސާބިތުވާ الله تعالى ގެ ނަންފުޅުތަކާއި ޞިފަފުޅުތައް އެއްވެސް ތަޢުވީލު ކުރުމަކާއި ވައްތަރު ބަޔާންކުރުމަކާއި ނުލައި އެއިލާހުގެ ޒާތުފުޅަށް ނިސްބައި ކުރުމެވެ. الله تعالىވަޙިކުރައްވާފައި ވަނީ لَيْسَ كَمِثْلِهِ شَيْءٌ "އެއިލާހާއި އެއްފަދަ އެއްވެސް އެއްޗެއް ނުވެއެވެ."
އަހަރެމެންނަކީ ޙައްޤުގޮތުގައި الله تعالى އެއްކައުވަންތަކުރާ މުއައްޙިދުންކަމުގައި ލައްވާ، ދުނިޔެއާއި އާޚިރަތުގެ ހަޤީޤީ ބާއްޖަވެރިންކަމުގައި ލައްވާށި. އާމީން

Read more...