03 April 2011

އިސްލާމްދީނުގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތުގެ މަޤާމް

އައްޝައިޚް މުޙައްމަދު މޫސާ ނައިފަރު
ޝަރުޢީ ޙުކުމްތައް ކަނޑައެޅުމުގައި ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ސުންނަތަކީ ކީރިތި ޤުރުއާނަށްފަހު އެންމެ އިސްކަންދެވޭ ޝަރުޢީ މަޞްދަރެވެ. އަދި އެމާތް ސުންނަތަކީ އިސްލާމްދީނުގެ ދެވަނަ އަޞްލެވެ. އެއީ އެއާއި ނުލައި ޝަރުޢީ ޙުކުމްތައް ދެނެނުގަނެވޭނެ ނަބަވީ ބަސްފުޅުތަކެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ސުންނަތުން ޘާބިތުވާ ކޮންމެ ކަމެއް ބެލެވޭނީ ޝަރުޢީ ތިލަފަތުގައި ޙުއްޖަތެއް ކަމުގައެވެ. އިލްމުވެރިން އެއްބަސްވެ ވަޑައިގަންނަވާ ގޮތުގައި ކަންތައްތަކުގެ ޙުކުމް ހޯދުމުގައި ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ސުންނަތަކީ ވަރަށް މުސްތަޤިއްލު މަރުޖިޢުއެކެވެ.

އެހެނީ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްފުޅު ކުރައްވަނީ "أَلاَ وَإِنِّي أوتِيْتُ اْلقُرْآنَ وَمِثْلَهُ مَعَهُ" މިފަދައިންނެވެ. މާނައީ: "ދަންނައެވެ. އަދި ތިމަންކަލޭގެފާނަށް ކީރިތި ޤުރުއާނާއެކު އެއާ އެއްފަދަ ވެގެންވާ އެއްޗެއް ދެވުނެވެ." މިބަސްފުޅުން އެނގެނީ އެކަލޭގެފާނަށް ވަޙީގެ ޛަރީޢާއިން ދެއްވިގެންވާ ކިޔެވޭ ތަކެތި އެބަހީ ކީރިތި ޤުރުއާނެކޭ އެއްފަދައިން ނުކިޔެވޭ ވަޙީއެއްވެސް އެކަލޭގެފާނަށް ދެއްވިގެންވާ ކަމެވެ. އެއީ އެކަލޭގެފާނުގެ ސުންނަތެކެވެ. ﷲ ވަޙީބަސްފުޅުގައިވާ ފަދައިންނެވެ. "وَيُعَلِّمُهُمُ الْكِتَابَ وَالْحِكْمَةَ" (البقرة: 129 ) މިއާޔަތުގައި "الْكِتَاب" އަކީ ކީރިތި ޤުރުއާނެވެ. "الْحِكْمَة" އަކީ އެކަލޭގެފާނުގެ ސުންނަތެވެ. ނަމަވެސް އެއީ ޤުރުއާނުގެ ތަފްސީރުގެ ގޮތުގައި ނުވަތަ ޤުރުއާނުގެ ބަޔާނުގެ ގޮތުގައި އެކަލޭގެފާނަށް ދެއްވިގެންވާ އެއްޗެކެވެ. އެބަހީ ޤުރުއާނުގެ މާނަތައް މީސްތަކުންނަށް ބަޔާންކޮށް ދެއްވުމަކީ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމައާ ޙަވާލު ކުރައްވާފައިވާ ވަރަށް ބޮޑު އަމާނާތެކެވެ. އަދި މަސްއޫލިއްޔަތެކެވެ. އެކަމަށް އިޝާރާތްކުރާ ﷲގެ ވަޙީ ބަސްފުޅަކީ "وَأَنْزَلْنَا إِلَيْكَ الذِّكْرَ لِتُبَيِّنَ لِلنَّاسِ مَا نُزِّلَ إِلَيْهِمْ" (النحل: 44) މިއާޔަތެވެ.

ދީނީ ހަމަތަކާ ޝަރުޢީ އުޞޫލުތަކުން ބަލާއިރު ކީރިތި ޤުރުއާނަށްފަހު މިދުނިޔެ މަތީގައިވާ އެންމެ އިތުބާރުހުރި ޞައްޙަ އެއްޗަކީ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތެވެ. މިކަން ޘާބިތުކޮށްދޭ އެންމެ ފުރިހަމަ ދަލީލަކީ މާތްﷲގެ ޙަޟްރަތުގައި ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ލިބިވަޑައިގެންފައިވާ ހައިބަތާ ދަރަޖައިގެ މަތިވެރި މަޤާމެވެ. އަލްއިމާމު ޝާފިޢީ ވިދާޅުވާ ގޮތުގައި ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މަޤާމުގެ މަތިވެރިކަން އަންގައިދޭ ބައެއް ކަންތައްތައް ކީރިތި ޤުރުއާނުގައި ވާރިދުވެގެން އައިސްފައި އެބަހުއްޓެވެ. އޭގެ ބައެއް މިޘާލުތަކަކީ:

1- ﷲއަށް އީމާންވުމަށް އެންގެވުމާ ގުޅިގެން ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް އީމާން ވުމަށް އެންގެވުން:
ކީރިތި ޤުރުއާނުގެ ވަރަށް ގިނަ އާޔަތްތަކުގައި މާތްﷲ އަށް އީމާންވުމަށް އަމުރުކުރައްވާ އެއާ ވިދިގެން ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް އީމާންވުމަށް އަމުރުކުރައްވާފައިވެއެވެ. އޭގެ އެއް އާޔަތަކީ "آَمِنُوا بِاللَّهِ وَرَسُولِهِ" (النساء 136) މިއާޔަތުގެ އިތުރުން އަދި އެހެން އާޔަތެއްގައި ﷲ ވަޙީކުރެއްވިއެވެ. "إِنَّمَا الْمُؤْمِنُونَ الَّذِينَ آَمَنُوا بِاللَّهِ وَرَسُولِهِ وَإِذَا كَانُوا مَعَهُ عَلَى أَمْرٍ جَامِعٍ لَمْ يَذْهَبُوا حَتَّى يَسْتَأْذِنُوهُ" (النور62) މިފަދަ އާޔަތްތަކުގެ އަލީގައި މުފައްސިރުން ވިދާޅުވަނީ ﷲއާ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް އީމާންވާމީހާގެ އީމާންކަން ފުރިހަމަވި ކަމުގައިވާނީ އެއްވެސްކަހަލަ އިދިކީލިކަމެއް ހަރުކަށިކަމެއް ނުކިޔަމަންތެރިކަމެއް ނެތި ފުރިހަމަ ޠާޢަތާއެކު ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވިދާޅުވާ ބަސްފުޅުތައް ކަނުލައި އަހާ އެއާ އެއްގޮތަށް ޢަމަލުކުރުމުންނެވެ. އެހެނީ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަމުރުފުޅުތަކަކީ ކީރިތި ޤުރުއާނުގެ އަމުރުފުޅުތަކެވެ. ނުވަތަ ކީރިތި ޤުރުއާނުގެ އަމުރުފުޅުތަކާ އެއްފަދަ އަމުރުފުޅުތަކެވެ.

2- ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ކިޔަމަންވެއްޖެމީހާ ﷲ އަށް ކިޔަމަންވެއްޖެކަމަށް އަންގަވާފައިވުން:
ކީރިތި ޤުރުއާނުގެ ޞަރީޙަ ނައްޞުން އެނގޭގޮތުގައި ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ކިޔަމަންވެއްޖެ މީހަކީ މާތް ﷲ އަށް ކިޔަމަންވެއްޖެ މީހެކެވެ. އަދި ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ބައިޢަތު ހިފައިފި މީހަކީ ﷲ އަށް ބައިޢަތު ހިފައިފި މީހެކެވެ. ނިސާ ސޫރަތުގެ 80 ވަނަ އާޔަތުގައި މާތް ﷲ ވަޙީކުރެއްވިއެވެ. "مَنْ يُطِعِ الرَّسُولَ فَقَدْ أَطَاعَ اللَّهَ" (النساء80) މާނައީ "ކީރިތި ރަސޫލާ (ޞައްލަﷲ ޢަލައިހި ވަސައްލަމް)އަށް ކިޔަމަންވާ މީހާ ފަހެ ހަމަކަށަވަރުން މާތް ﷲ އަށް ކިޔަމަންތެރި ވެއްޖެއެވެ." އަދިވެސް ވަޙީކުރައްވާފައިވެއެވެ. "إِنَّ الَّذِينَ يُبَايِعُونَكَ إِنَّمَا يُبَايِعُونَ اللَّهَ" (الفتح10) މާނައީ "ހަމަކަށަވަރުން ކަލޭގެފާނަށް ބައިޢަތު ހިފައިފި މީހުން އެބައިމީހުން އެބައިޢަތު ހިފާކަން ކަށަވަރީ ﷲ އަށެވެ." މިނޫނަސް މިފަދަ އެތައް އާޔަތެއްގައި ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ކިޔަމަން ވުމަކީ ކިހާ މުހިއްމުކަމެއްކަން އަންގަވައިފައިވެއެވެ. މިފަދަ އެއްއާޔަތަކީ ނިސާ ސޫރަތުގެ 65 ވަނަ އާޔަތެވެ. އެއާޔަތުގައި މާތް ﷲ ވަޙީ ކުރެއްވިއެވެ. "فَلاَ وَرَبِّكَ لاَ يُؤْمِنُونَ حَتَّى يُحَكِّمُوكَ فِيمَا شَجَرَ بَيْنَهُمْ ثُمَّ لاَ يَجِدُوا فِي أَنْفُسِهِمْ حَرَجًا مِمَّا قَضَيْتَ وَيُسَلِّمُوا تَسْلِيمًا" (النساء: 65) މާނައީ "އެހެންނަކުން ނޫނެވެ. ފަހެ ކަލޭގެފާނު ވެރިރަސްކަލާނގެ ގަންދެއްވާ ވަޙީ ކުރައްވަމެވެ. އެމީހުންގެ މެދުގައި އުފެދިފައިވާ ދެކޮޅުވެރިކަމުގައި ކަލޭގެފާނު ޙުކުމްވެރިކޮށްފުމަށް ދާންދެން އެބައިމީހުން އީމާނެއް ނުވާނެއެވެ. އެހިނދު ކަލޭގެފާނު ނިޔާ ކުރެއްވި ގޮތާމެދު އެމީހުންގެ ހިތްތަކުގައި ކުޑަވެސް ދަތިކަމެއް އެބައިމީހުން ނުދެކޭނެއެވެ. އަދި އެބައިމީހުން، އެނިޔާއަށް ފުރިހަމަ ވެގެންވާ ކިޔަމަން ވުމަކުން ކިޔަމަންވާނެއެވެ."

3- ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ގެނެސްދެއްވި ކަންތައްތަކުގައި ހިފަހައްޓާ ނަހީކުރެއްވި ކަންތައްތަކުން ދުރުހެލިވުމަށް އަންގަވާފައިވުން:
ކީރިތި ޤުރުއާން ކަށަވަރުކޮށްދޭ ގޮތުގައި ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ކުރައްވާ ކޮންމެ އަމުރުފުޅަކަށް ތަބަޢަވުމަކީ އަދި އެކަލޭގެފާނު މަނާކުރައްވާ ކޮންމެކަމަކުން ދުރުހެލިވުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް އޮތް ވާޖިބެކެވެ. މިކަން ބަޔާންކުރައްވާ ޙަޝްރު ސޫރަތުގެ 7 ވަނަ އާޔަތުގައި މާތް ﷲ ވަޙީކުރެއްވިއެވެ. "وَمَا آَتَاكُمُ الرَّسُولُ فَخُذُوهُ وَمَا نَهَاكُمْ عَنْهُ فَانْتَهُوا" (الحشر 7) މާނައީ: އަދި ރަސޫލާ (ޞައްލަﷲ ޢަލައިހި ވަސައްލަމަ) ތިޔަބައިމީހުންނަށް ގެނެސްދެއްވި ކޮންމެ ކަމެއްގައި ފަހެ ތިޔަބައިމީހުން ހިފަހައްޓާށެވެ. އަދި އެކަލޭގެފާނު ތިޔަބައިމީހުންނަށް ނަހީކުރެއްވި ކޮންމެ ކަމަކުން ފަހެ ތިޔަބައިމީހުން ދުރުހެލިވާށެވެ." މިކަމާބެހޭގޮތުން އަލްޢައްލާމާ އިބްނު ކަޘީރު ވިދާޅުވިއެވެ. "އެބަހީ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ތިޔަބައިމީހުންނަށް ކޮންމެފަދަ އަމުރެއް ކުރެއްވިޔަސް އެކަމެއް ތިޔަބައިމީހުން ކުރާށެވެ. އަދި އެކަލޭގެފާނު ތިޔަބައިމީހުންނަށް ކަމަކުން ދުރުހެލިވުމަށް އަންގަފައިފިނަމަ އެއީ ކޮންމެފަދަ ކަމެއްކަމުގައި ވިޔަސް ފަހެ އެކަމަކުން އަވަހަށް ދުރުހެލިވާށެވެ. އެހެނީ އެކަލޭގެފާނު އަބަދުވެސް އަމުރުކުރައްވަނީ ރަނގަޅު ކަންތައްތަކަށެވެ. އަދި މަނާކުރައްވަނީ ނުބައިކަންތައްތަކެވެ."

4- ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އަމުރުފުޅާ ޚިލާފުވާ މީހުންނަށް ވަޢީދުގެ ބަސްފުޅު އައިސްފައިވުން:
ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ކުރައްވާ އަމުރުފުޅުތަކަށް ފުރަގަސްދީ އެމާތް ނަބިއްޔާގެ ނަޞީޙަތްތަކާ އިރުޝާދުތަކަށް ޙުރުމަތްތެރިކޮށް ނުހިތާ މީހުންނަކީ ﷲ ގެ ކޯފާއާއި ޢަޛާބަށް ހުށަހެޅިގެންވާ ބައެއްކަން އަންގަވާފައިވެއެވެ. ހަމަ އެފަދައިން ކަންތައްކުރާ މީހުންނަކީ ބޮޑުވެގެންވާ ފިތުނައަކާ މުޞީބާތެއްގެ ތެރެއަށް ތިމާމެންގެ ނަފްސުތައް އެއްލާލައިފި ބައެއްކަމަށްވެސް އަންގަވާފައިވެއެވެ. މިކަމާބެހޭގޮތުން ނޫރު ސޫރަތުގެ 63 ވަނަ އާޔަތުގައި މާތް ﷲ ވަޙީކުރެއްވިއެވެ. "فَلْيَحْذَرِ الَّذِينَ يُخَالِفُونَ عَنْ أَمْرِهِ أَنْ تُصِيبَهُمْ فِتْنَةٌ أَوْ يُصِيبَهُمْ عَذَابٌ أَلِيمٌ" (النور 63) މިހެން ނުވާންވީ ސަބަބެއްނެތެވެ. މާތް ﷲ ވަނީ އެކަލޭގެފާނުގެ ދަރަޖަ އުފުއްލަވައި މަޤާމު މަތިވެރިކުރައްވާފައެވެ. މީގެ އިތުރުން ކީރިތި ޤުރުއާނުގެ އާޔަތްތަކުގައި ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމައާ މުސްލިމުން މުޢާމަލާތްކުރަންޖެހޭ އަދަބުވެރި ގޮތްތައްވެސް އަންގަވާފައިވެއެވެ. އެކަލޭގެފާނަށް ކިޔަމަންތެރިވުމަށާއި އިޙްތިރާމްކުރުމަށް އަންގަވާފައިވެއެވެ. ކަމަކާބެހޭގޮތުން އެކަލޭގެފާނަށް އެއްޗެއް ދަންނަވާނަމަ އެކަލޭގެފާނާ މުޚާޠަބުކުރަންވީގޮތްވެސް އަންގަވާފައިވެއެވެ. އަޅުގަނޑުމެންގެ ތެރެއިން އެއްބަޔަކު އަނެއްބަޔަކަށް ގޮވާއުޅޭ ބީދައިން ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްއަށް މުޚާޠަބުނުކުރުމަށް އަންގަވައި މާތްﷲ ވަޙީކުރެއްވިއެވެ. "لاَ تَجْعَلُوا دُعَاءَ الرَّسُولِ بَيْنَكُمْ كَدُعَاءِ بَعْضِكُمْ بَعْضًا" (النور 63) މުފައްސިރުން ވިދާޅުވާގޮތުގައި މިއާޔަތުގައި މި އަންގަވަނީ އެކަލޭގެފާނުގެ ނަންފުޅުން އެކަލޭގެފާނާ މުޚާޠަބު ނުކުރުމަށެވެ. އެކަލޭގެފާނާ މުޚާޠަބުކުރަންޖެހެނީ އަދަބު އިޙްތިރާމްގެ ނުވަތަ މަތީ ދަރަޖައިންނެވެ. ބޭނުންކުރަންޖެހޭ ޢިބާރާތްތަކަކީ: ياَ نَبِيَّ اللهِ، يَا رَسُولَ اللهِ، يَا رَسُولَ رَبِّ الْعَالَمِيْنَ، يَا خَاتَمَ النَّبِيِّيْنَ މިފަދަ މިފަދަ ޢިބާރާތްތަކެވެ. މިހެން ނުވާންވީ ސަބަބެއްނެތެވެ. ކޮންމެ ނަބީބޭކަލަކާ އަދި ރަސޫލު ބޭކަލަކާ އެކަލާނގެ މުޚާޠަބުކުރައްވަނީ އެބޭކަލެއްގެ ނަންފުޅުންނެވެ. ނަމަވެސް ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމައާ މުޚާޠަބުކުރައްވަނީ "يَا أَيُّهَا الرَّسُولُ, يَاأَيُّهَا النَّبِيُّ" މިފަދަ މާތް އުޞްލޫބުންނެވެ.

ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތުގެ މަޤާމަކީ ކޮބައިކަން އަންގައިދޭ ބައެއް ޚާއްޞަ ސިފަތައް:
1- އަޅުކަންތަތަކަށް ބަލާއިރު ޢާއްމުގޮތެއްގައި ކީރިތި ޤުރްއާނުގެ ނައްޞުން އެނގެނީ އެއީ ވާޖިބު ކަންތައްތަކެއް ކަމެވެ. ނަމަވެސް މިކަންތައްތައް އަދާ ކުރަންޖެހޭ ގޮތުގެ ފުރިހަމަ ތަފްޞީލުތައް އައިސްފައިވަނީ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތުގައެވެ. މިސާލަކަށް ނަމާދާއި ބެހޭ ގޮތުން ކީރިތި ޤުރުއާނުގައި އައިސްފައިވަނީ أَقِيمُوا الصَّلاةَ (الأنعام 72) ޒަކާތާއި ބެހޭ ގޮތުން وَآتُوا الزَّكَاةَ (البقرة 43) ޙައްޖާއި ބެހޭގޮތުން وَأَتِمُّواالْحَجَّ وَالْعُمْرَةَ لِلَّهِ (البقرة 196) މިފަދައިންނެވެ. ނަމަވެސް މިކަންތައްތައް ގެންދަންވީ ފުރިހަމަ ގޮތްތައް ބަޔާންކުރައްވާ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްފުޅު ކުރައްވަވަނީ "صَلُّوْا كَمَا رَأَيْتُمُوْنِيْ أُصَلِّيْ" މާނައީ "ތިމަންކަލޭގެފާނު ނަމާދު ކުރަނިކޮށް ތިޔަބައިމީހުންނަށް ފެނުނު ގޮތަށް ތިޔަބައިމީހުން ނަމާދު ކުރާށެވެ." އެހެންބަސް ފުޅެއްގައި ވިދާޅުވަނީ "خُذُوْا عَنِّيْ مَنَاسِكَكُمْ" މިފަދައިންނެވެ. މާނައީ "ތިމަންކަލޭގެފާނުގެ އަރިހުން ޙައްޖުގެ މަނާސިކުތައް ތިޔަބައިމީހުން ލިބިގަންނާށެވެ." މިއިން އަންގައިދެނީ ސުންނަތަށް ތަބަޢަވުމުގެ މުހިއްމުކަމެކެވެ. އަދި ސުންނަތަކީ ކީރިތި ޤުރުއާނުގެ ޝަރަޙަކަންވެސް އެނގެއެވެ. ޢަބްދުއްރަޙްމާނު ބުނު ޔަޒީދު ކިޔާ ބޭކަލަކަށް އިޙުރާމްގައި ފިރިހެނަކު ޢާއްމުކޮށް ބޭނުންކުރާ ފަހާފައިހުރި ހެދުމެއް ލައިގެންހުއްޓާ ފެނިވަޑައިގަތުމުން އޭނާއަށް ޢަބްދުއްރަޙްމާން އެކަން މަނާ ކުރެއްވިއެވެ. އެހިނދު އޭނާ ޢަބްދުއްރަޙްމާނަށް ވިދާޅުވިއެވެ. ޤުރުއާނުން ތިޔަކަމުގެ ދަލީލެއް ދައްކަވާށެވެ. އެވަގުތު ޢަބްދުއްރަޙްމާން މިއާޔަތް ކިޔަވާ ވިދާޅުވިއެވެ. "وَمَاآتَاكُمْ الرَّسُولُ فَخُذُوهُ وَمَانَهَاكُمْ عَنْهُ فَانْتَهُوا" (الحشر 7 ) މާނައީ "އަދި ރަސޫލާ (ޞައްލަﷲ ޢަލައިހި ވަސައްލަމަ) ތިޔަބައިމީހުންނަށް ގެނެސްދެއްވި ކޮންމެ ކަމެއްގައި ފަހެ ތިޔަބައިމީހުން ހިފާށެވެ. އަދި އެކަލޭގެފާނު ތިޔަބައިމީހުންނަށް ނަހީ ކުރެއްވި ކޮންމެ ކަމަކުން ފަހެ ތިޔަބައިމީހުން ދުރުހެލިވާށެވެ." ޢަބްދުއްރަޙްމާން މިއާޔަތް ވިދާޅުވީ އިޙްރާމްގައި ތިބޭ ފިރިހެނުން ފަހާފައި ހުންނަ ފޭރާންލުން ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ މަނާ ކުރައްވާފައި ވާތީއެވެ.

2- ޢާއްމުގޮތެއްގައި އެއްވެސް އިސްތިޘްނާއެއްނެތި ކީރިތި ޤުރުއާނުގައި އައިސްފައިވާ ބައެއް ކަންތައްތަކުގައި އިސްތިޘްނާ ކުރެވޭ ޙާލަތްތައްވެސް ސުންނަތުން އަޅުގަނޑުމެންނަށް އޮޅުން ފިލައެވެ. މިސާލަކަށް ވާރުތަ މުދަލާއި ބެހޭ ގޮތުން މާތްﷲ ވަޙީ ކުރެއްވިއެވެ. "يُوصِيكُمْ اللَّهُ فِي أَوْلادِكُمْ لِلذَّكَرِمِثْلُ حَظِّ الأُنثَيَيْنِ فَإِنْكُنَّ نِسَاءً فَوْقَاثْنَتَيْنِ" (النساء 11 ) މިއާޔަތުގައި އަޅުގަނޑުމެންނަށް ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޞިއްޔަތް ކުރައްވަނީ އަޅުގަނޑުމެންގެ އަންހެން ދަރިންނަށް ލިބޭބައިގެ ދެގުނަ ފިރިހެން ދަރިންނަށް ދިނުމަށެވެ. ނަމަވެސް ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތުން އެނގޭ ގޮތުގައި މުދަލުގެ ވެރިޔާ މަރާލައިފި މީހަކަށް މުދަލަކުން ނުލިބޭނެއެވެ. ތަރިކައިން އޭނާ މަޙްރޫމްވާނެއެވެ. އެހެނީ އެކަލޭގެފާނު ޙަދީޘް ކުރައްވަނީ "ليس لقاتل ميراث" މިފަދައިންނެވެ. މާނައީ "މަރާލި މީހާއަށް ވާރުތަ މުދަލުން ލިބުމެއް ނެތެވެ." މިސާލަކަށް ފިރިހެން ދަރިއަކާ އަންހެން ދަރިއަކު ހުރިމީހާގެ ފިރިހެން ދަރިފުޅު އޭނާގެ ބައްޕަ މަރާލައިފިނަމަ އެއީ އިސްތިޘްނާ ޙާލަތެކެވެ. އެޙާލަތުގައި އެފިރިހެން ކުއްޖާއަކަށް ބައްޕަގެ މުދަލަކުން ނުލިބޭނެއެވެ. މި ޙުކުމް އަޅުގަނޑުމެންނަށް މިލިބުނީ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ގެ ސުންނަތުންނެވެ.

3- މުޠުލަޤު ގޮތެއްގައި ކީރިތި ޤުރުއާނުގައި ކަނޑައެޅިފައިވާ ބައެއް ކަންތައްތަކަށް އިންތަކެއް ކަނޑައެޅިގެން ވާކަންވެސް އަޅުގަނޑުމެންނަށް އެގެނީ ސުންނަތުންނެވެ. މިސާލަކަށް ވައްކަން ކުރާމީހާގެ އަތްކެނޑުމަށް ކީރިތި ޤުރުއާނުގައި ވަނީ އަންގަވާފައެވެ. ޤުރުއާނުގެ ނައްޞުން ދަލާލަތު ކުރަނީ ކުކުޅު ބިހެއް ވަގަށް ނަގާމީހާއާއި ނުވަތަ ކުކުޅު ބިހެއްގެ ބަރުދަނަށް ރަން ނުވަތަ ރަނުން ހެދިފައިވާ އެއްޗެއް ވަގަށް ނަގާ މީހާއަކީ އަދި 10 ލާރި ނުވަތަ 1000ރުފިޔާ ވަގަށް ނަގާމީހާ އަކީވެސް ވަގެއްކަމެވެ. އެމީހާގެ އަތްކަނޑަން ޖެހޭނެކަމެވެ. ނަމަވެސް ސުންނަތުން ޘާބިތުވަނީ ވައްކަންކުރާމީހާގެ އަތް ކެނޑޭނީ ވަގަށް ނަގާ އެތީގައި ކަނޑައެޅިފައިވާ ނިޞާބެއް ހަމަވާނަމައެވެ. އަދި އެކަލޭގެފާނު ސުންނަތުން އަތްކަނޑަން ޖެހޭ މިންވަރާ ފުރަތަމަ ފަހަރަށް ވައްކަމެއްކޮށްފި ނަމަ ކަނޑަން ޖެހެނީ ކޮންއަތެއް ކަންވެސް އެގެއެވެ. އެއީ ކަނާއަތެވެ. އަތްކެނޑޭނީ އެކުރި ވައްކަމަކީ އަތްކެނޑުމުގެ ޝަރުޠު ފުރިހަމަވާ ވައްކަމަށް ވާނަމައެވެ. އެ ޝަރުޠުތައް ކަނޑައެޅިފައިވަނީ ސުންނަތުގައެވެ. އަދި މިނޫނަސް ޢަރަބި ބަހުގެ އަތްދަނޑި އެއީ އަތް ކަމުގައި ބެލެވެއެވެ. އަދި ޢަރަބި ބަހުގައި ހަމައެކަނި އަތްތިލަ އެއީ އަތްކަމުގައިވެސް ބެލެވެއެވެ. ވީމާ ކީރިތި ޤުރުއާނުގައި އަތްކެނޑުމަށް އަންގަވާފައި އޮތްބަސްފުޅުން އަތްކަނޑަންވީ ކިހާ ހިސާބަކުންކަމެއް ނޭނގެއެވެ. އެކަން އެނގެނީ ސުންނަތުންނެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަންގަވާފައިވާ ގޮތުގައި އަތްކަނޑާނީ އަތްތިލައިގެ ކުޑަހުޅާ ހަމައަށެވެ.

4. ކީރިތި ޤުރުއާނުގައި ބައެއް ފަހަރު ތަފާތު ދެކަމެއްގެ ޙުކުމް ބަޔާން ކުރައްވާފައި އޮވެދާނެއެވެ. އަދި އެދެކަމުގެ މައްޗަށް ޘާބިތުވާފަދަ ބައެއް ކަންތައްތަކުގެ ޙުކުމް ބަޔާން ނުކުރައްވާ އޮވެދާނެއެވެ. އެފަދަ ކަންކަމުގައި ޢަމަލު ކުރާނެގޮތް ބަޔާން ވެފައިވަނީ ސުންނަތުގައެވެ. މިސާލަކަށް މުޅަތަކެތި ކެއުން މާތްﷲ ޙަރާމް ކުރެއްވިއެވެ. އަދި ޝަރުޢީހަމަތަކުން ކަތިލެވޭ ތަކެތި ހުއްދަ ކުރެއްވިއެވެ. މިދެޙުކުމުގެ މައްޗަށް ބުރަ ކުރެވޭ ކަމެއްގެ ގޮތުގައި ކަތިލެވޭ އެތީގެ ބަނޑުގައި އޮންނަ ދަރި ހިމެނެއެވެ. އެދަރީގެ ޙުކުމް އަޅުގަނޑުމެންނަށް އެނގެނީ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތުންނެވެ. އެކަލޭގެފާނު ޙަދީޘް ކުރައްވަނީ "ذَكَاةُ الْجَنِيْنِ ذَكَاةُ أُمِّهِ" މާނައީ "މައި އެތި ކަތިލުން ހިމެނެނީ ބަނޑުގައިވާ ދަރި ކަތިލުން ކަމުގައެވެ."

5- ކީރިތި ޤުރުއާނުގައި މާތް ﷲ ކަމަކަށް އަމުރު ކުރައްވާއިރު ފަހަރެއްގައި އެކަމެއްގެ އަޞްލު މުރާދަކީ ކޮބައިކަން ރަނގަޅަށް އޮޅުން ނުފިލާ ކަހަލަ ގޮތަކަށް އެމައްސަލަ އައިސްފައި އޮވެދާނެއެވެ. މިސާލަކަށް ކޮންމެހެން އަނބިމީހާ ވަރި ކުރަން ޖެހިއްޖެ ޙާލަތެއްގައި އޭނާ ވަރި ކުރާނަމަ ވަރި ކުރަންވީ ގޮތް ބަޔާން ކުރައްވާ ﷲ ވޙީ ކުރެއްވިއެވެ. "يَاأَيُهَا النَّبِيُّ إِذَا طَلَّقْتُمْ النِّسَاءَ فَطَلِّقُوهُنَّ لِعِدَّتِهِنَّ"(الطلاق 1 ) މާނައީ "އޭ ނަބިއްޔާއެވެ. ތިޔަބައިމީހުންގެ އަނބިން ވަރި ކުރާނަމަ އެކަނބަލުންގެ ޢިއްދައާ ދިމާކޮށް ވަރި ކުރާ ހުށިކަމެވެ." މި އާޔަތުގައި ޢިއްދައާ ދިމާކޮށް ވަރިކުރަން އޮތް ބަސްފުޅުގެ އަސްލު މުރާދަކީ ކޮބައިކަން އެނގެނީ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތުންނެވެ. އެއީ އަންނަނިވި ޙާދިޘާއެވެ. ޢުމަރުގެފާނުގެ ދަރިކަލުން ޢަބްދުﷲގެފާނު އެކަލޭގެފާނުގެ އަނބިކަނބަލުން ޙައިޟުގެ ދުވަސްވަރުގައި ވަރި ކުރެއްވުމުން ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. "އޭނާއަށް ރުޖޫޢަ ކުރުމަށް އަމުރު ކުރާށެވެ. އެއަށްފަހު ޙައިޟުވެ ޠާހިރު ވުމުން އޭނާއާއެކު އުޅެން އެދޭނަމަ ރަނގަޅު ގޮތުގައި އުޅޭށެވެ. ނުވަތަ އޭނާއާ ޖިމާޢުނުވެ ވަރި ކުރާށެވެ. "ކޮންމެއަކަސް އިސްވެ ދިޔަ އާޔަތުގައި އަނބިން ވަރި ކުރާނަމަ ޢިއްދައާއި ދިމާވާ ގޮތަށް ވަރިކުރުމަށް އޮތްބަސްފުޅުގެ މުރާދަކީ ކޮބައިކަން ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘްފުޅުން އޮޅުން ފިލައެވެ. އެއީ ޖިމާޢުނުވާ ޠުހުރެއްގައި އަނބިމީހާ ވަރި ކުރުމެވެ.

6. ކީރިތި ޤުރުއާނުގައި ވާރިދުވެގެން އައިސްފައިނުވާ ބައެއް ކަންތައްތައްވެސް ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތުގައި ވާރިދުވެފައި ވުމުން އިސްލާމްދީނުގައި ޝަރުޢު ވެފައިވާ ކަންތައްތައް ކަމުގައި އެކަންތައްތައް ހިމެނެއެވެ. މިއިންވެސް އަންގައިދެނީ ސުންނަތުގެ މުހިއްމު ކަމެކެވެ. މިސާލަކަށް ފަށުވި ފޭރާމާ ރަނުގެ ގަހަނާ މިއުއްމަތުގެ ފިރިހެނުންނަށް ޙަރާމްވެފައި އަންހެނުންނަށް ހުއްދަކަން އެނގެނީ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތުންނެވެ. އަދި ރަނާ ރިހިން ހަދާފައި ހުންނަ ތަށީގައި ކެއުން ބުއިން މިއުއްމަތުގެ އަންހެނުނަށާއި ފިރިހެނުންނަށް ހުއްދަ ނޫންކަންވެސް ޘާބިތު ވަނީ ސުންނަތުންނެވެ. އަދި މިނޫނަސް މިފަދަ މިޘާލުތައް ފެންނަން އެބަހުއްޓެވެ.

އާދެ! ޝައްކެއް ނެތް ގޮތުގައި ކީރިތި ޤުރުއާނުގެ އާޔަތްތަކާއިމެދު ވިސްނާލުމުން އެފޮތުގައި ދިރިއުޅުމުގެ މައިގަނޑު ކަންތައްތަކާއިބެހޭ ހުރިހާ ކަމެއް ޖުމްލަ ގޮތެއްގައި ބަޔާންވެފައި ވާތީ ފެނެއެވެ. އަޅުކަމާއި މުޢާމަލާތާއި އެހެނިހެން ހުރިހާ ކަމެއް ގައެވެ. މިގޮތުން އެއްވެސް ކަމެއް އުނިވެފައި ނުވެއެވެ. އަލްއަންޢާމު ސޫރަތުގައި މާތްﷲ ވަޙީ ކުރައްވާފައި ވެއެވެ. "مَا فَرَّطْنَا فِي الْكِتَابِ مِنْ شَيْءٍ" (الأنعام 38) މާނައީ " ފޮތުގައި (ނުލިއުއްވައި) ތިމަންރަސްކަލާނގެ އެއްވެސް ކަމެއް ދުލެއް ނުކުރައްވަމެވެ." އަދި އައްނަޙްލު ސޫރަތުގައި ވަޙީ ކުރެއްވިއެވެ. "وَنَزَّلْنَا عَلَيْكَ الْكِتَابَ تِبْيَاناً لِكُلِّ شَيْءٍ" (النحل 89 ) މާނައީ އަދި ތިމަންރަސްކަލާނގެ ކަލޭގެފާނުގެ މައްޗަށް ފޮތް ބާވައި ލެއްވީމެވެ. އެއީ ކޮންމެ ކަމެއް ބަޔާން ކޮށް ދެއްވާ ގޮތުގައެވެ." ޖުމްލަ ގޮތެއްގައި މިއުޞޫލުން ކީރިތި ޤުރުއާނުގައި ހުރިހާ ކަމެއް ބަޔާން ވެގެން ވެއެވެ. އެކަމަކު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތުގެ އަލީގައި ބަލައިފިނަމަ ފެންނާނީ ހުރިހާ ކަމެއްގެވެސް ތަފްޞީލެވެ. ހުރިހާ ކަމެއްގެ ބަޔާނެވެ. ޤުރުއާނާ ސުންނަތުން ކަމަކާމެދު ވަކި ޙުކުމެއް ކަނޑައެޅިގެން އެގެން ނެތް ކަމުގައި ވިޔަސް އެދެ އަޞްލާ ޚިލާފު ނުވާ ގޮތުން ކުރެވޭ އިޖުތިހާދަކީވެސް އިސްވެދިޔަ އާޔަތް ތަކުގައިވާ ފަދައިން ޤުރުއާނުގައި ހުރިހާ ކަމެއް ބަޔާން ވެގެންވުން ކަމުގައި ބެލެވިދާނެއެވެ.

ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ފޮނުއްވުނީ އިސްލާމްދީނާ ޤުރުއާން މީސްތަކުންނަށް އުގަންނައި ދެއްވުމަށްޓަކައެވެ. ވީމާ އިސްލާމްދީނުގެ އެއްވެސް ކަމެއް އިތުރު އެކަލޭގެފާނުގެ ޙަދީޘް ނުވަތަ ސުންނަތާ ނުލައި ފުރިހަމައަށް ނޭނގޭނެކަން ޤަބޫލު ކުރަން ޖެހެއެވެ. އެހެން ކަމުން ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތަކީ މުސްލިމުންގެ ގާތުގެ ވަރަށް މަޤުބޫލު އެއްޗަކަށް ވާންޖެހެއެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާގެ ވަޙީބަސްފުޅުންވެސް އެކަން އެގެއެވެ. ނޫރު ސޫރަތުގެ 51 ވަނަ އާޔަތުގައި އެކަލާނގެ ވަޙީ ކުރެއްވިއެވެ. "إِنَّمَاكَانَ قَوْلَ الْمُؤْمِنِينَ إِذَا دُعُوا إِلَى اللَّهِ وَرَسُولِهِ لِيَحْكُمَ بَيْنَهُمْ أَنْ يَقُولُوا سَمِعْنَا وَأَطَعْنَا وَأُوْلَئِكَ هُمْ الْمُفْلِحُونَ" (النور 51 ) މާނައީ "އެބައިމީހުންގެ މެދުގައި ޙުކުމް ކުރެއްވުމަށް ﷲ އާއި އެކަލާނގެ ރަސޫލާގެ އަރިހަށް އައުމަށް އެބައިމީހުންނަށް ގޮވާލެވިއްޖެ ހިނދަކު މުއުމިނުންގެ ބަހެއް ކަމުގައި ވާކަން ކަށަވަރީ ތިމަންމެން އަހައިފީމުއޭ އަދި ކިޔަމަން ވެއްޖައީމުއޭ އެބައިމީހުން ބުނުމެވެ. އަދި ދިންނަވާނޭ މީހުންނަކީ ހަމަ އެބައިމީހުންނެވެ."

އިސްލާމްދީނުގައި ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމައާ އެކަލޭގެފާނުގެ ސުންނަތުގެ މަޤާމަކީ ކޮބައިކަން އިސްވެދިޔަ ބައެއް ކަންތައްތަކުން އަޅުގަނޑުމެންނަށް އޮޅުން ފިލައެވެ. އަޅުގަނޑުގެ ދުޢާއަކީ މާތްﷲ އަޅުގަނޑުމެންނަށް ހެޔޮ މަގަށް މަގުދައްކަވައި ކީރިތި ޤުރުއާނާ ކައުއިތުރު ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތުގައިވާ ގޮތަށް އުޅުމުގެ ހެޔޮ ތައުފީޤު ދެއްވުމެވެ. އާމީން .

Blog Widget by LinkWithin

No comments:

Post a Comment