24 March 2011

ސަވާރީއެއްގެ މަތީގައި ޑަބަލްސީޓުހެދުން ހުއްދަވެގެންވުން: ކިތާބުއްތައުޙީދި

އައްޝައިޚް މުޙައްމަދު އިބްރާހިމް ނައިފަރު
اﷲ تعالى ވަޙީކުރައްވާފައިވެއެވެ.
وَمَا خَلَقْتُ الْجِنَّ وَالْإِنْسَ إِلَّا لِيَعْبُدُونِ (الذاريات: 56) މާނައީ: "ޖިންނީންނާއި، އިންސާނުން، ތިމަން اﷲ އަށް އަޅުކަން ކުރުމަށް މެނުވީ ނުހައްދަވަމެވެ."
އަދިވެސް އެކަލާނގެ ވަޙީކުރައްވާފައިވެއެވެ.
وَلَقَدْ بَعَثْنَا فِي كُلِّ أُمَّةٍ رَسُولًا أَنِ اُعْبُدُوا اللَّهَ وَاجْتَنِبُوا الطَّاغُوتَ (النحل: 36) މާނައީ: "އަދި ހަމަކަށަވަރުން ކޮންމެ އުއްމަތަކަށްވެސް ތިމަން ﷲ ރަސޫލަކު ފޮނުއްވީމެވެ. (އެއީ މީސްތަކުންނަށް ތައުޙީދުގެ މި ދަޢުވަތު ދިނުމަށްޓަކައެވެ.) ތިޔަބައިމީހުން ﷲ އަށް އަޅުކަން ކުރާށެވެ. އަދި ޠާޣޫތުން (އެބަހީ ﷲ ތަޢާލާ ފިޔަވައި އަޅުކަން ވެވޭ ކޮންމެ އެއްޗަކުން) ދުރުހެލިވެ އެއްކިބާވާށެވެ."
އަދިވެސް އެކަލާނގެ ވަޙީކުރައްވާފައިވެއެވެ.
قَضَى رَبُّكَ أَلَّا تَعْبُدُوا إِلَّا إِيَّاهُ وَبِالْوَالِدَيْنِ إِحْسَانًا إِمَّا يَبْلُغَنَّ عِنْدَكَ الْكِبَرَ أَحَدُهُمَا أَوْ كِلَاهُمَا فَلَا تَقُلْ لَهُمَا أُفٍّ وَلَا تَنْهَرْهُمَا وَقُلْ لَهُمَا قَوْلًا كَرِيمًا *وَاخْفِضْ لَهُمَا جَنَاحَ الذُّلِّ مِنَ الرَّحْمَةِ وَقُلْ رَبِّ ارْحَمْهُمَا كَمَا رَبَّيَانِي صَغِيرًا (الإسراء: 23 - 24 )
މާނައީ: "އަދި ތިބާގެ ވެރިރަސްކަލާނގެ ފައިސަލާ ކުރައްވާފައިވަނީ ތިޔަބައިމީހުން އެކަލާނގެއަށް މެނުވީ އަޅުކަން ނުކުރުމަށާއި، މައިން ބަފައިންނަށް ހެޔޮކޮށް ހިތުމަށެވެ. އެދެމީހުން ކުރެ އެކަކު ނުވަތަ އެދެމީހުން ތިބާގެ ގާތުގައި މުސްކުޅި އުމުރާ ހަމައަށް ފޯރައިފިނަމަ ފަހެ އެދެމީހުންނަށް އުއްފުވެސް ނުބުނާށެވެ. އަދި އެދެމީހުންނަށް ހަރުކަށިބަސްވެސް ނުބުނާށެވެ. އަދި އެދެމީހުންނަށް މާތްބަހުން ބުނާށެވެ. އަދި އެދެމީހުންނަށް އޯގާތެރިކަމާއެކު ނިކަމެތިކަމުގެ ފިޔަ ތިރިކޮށްލާށެވެ. އަދި އެދެމީހުންނަށް މިފަދައިން ދުޢާކޮށްދޭށެވެ. އޭހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! އެދެމީހުން މިއަޅާ ކުޑައިރުއްސުރެ ތަރުބިއްޔަތުކޮށް ބަލާބޮޑުކުރިފަދައިން އެދެމީހުންނަށް ރަޙުމަތްލައްވާނދޭވެ."
އަދިވެސް އެކަލާނގެ ވަޙީކުރައްވާފައިވެއެވެ.
وَاعْبُدُوا اللَّهَ وَلَا تُشْرِكُوا بِهِ شَيْئًا (النساء: 36) މާނައީ: "އަދި ތިޔަބައިމީހުން ﷲ އަށް އަޅުކަން ކުރާށެވެ. އަދި އެކަލާނގެއާ އެއްވެސް އެއްޗެއް ޝަރީކުނުކުރާށެވެ."
އަދިވެސް އެކަލާނގެ ވަޙީކުރައްވާފައިވެއެވެ.
قُلْ تَعَالَوْا أَتْلُ مَا حَرَّمَ رَبُّكُمْ عَلَيْكُمْ أَلَّا تُشْرِكُوا بِهِ شَيْئًا وَبِالْوَالِدَيْنِ إِحْسَانًا وَلَا تَقْتُلُوا أَوْلَادَكُمْ مِنْ إِمْلَاقٍ نَحْنُ نَرْزُقُكُمْ وَإِيَّاهُمْ وَلَا تَقْرَبُوا الْفَوَاحِشَ مَا ظَهَرَ مِنْهَا وَمَا بَطَنَ وَلَا تَقْتُلُوا النَّفْسَ الَّتِي حَرَّمَ اللَّهُ إِلَّا بِالْحَقِّ ذَلِكُمْ وَصَّاكُمْ بِهِ لَعَلَّكُمْ تَعْقِلُونَ * وَلَا تَقْرَبُوا مَالَ الْيَتِيمِ إِلَّا بِالَّتِي هِيَ أَحْسَنُ حَتَّى يَبْلُغَ أَشُدَّهُ وَأَوْفُوا الْكَيْلَ وَالْمِيزَانَ بِالْقِسْطِ لَا نُكَلِّفُ نَفْسًا إِلَّا وُسْعَهَا وَإِذَا قُلْتُمْ فَاعْدِلُوا وَلَوْ كَانَ ذَا قُرْبَى وَبِعَهْدِ اللَّهِ أَوْفُوا ذَلِكُمْ وَصَّاكُمْ بِهِ لَعَلَّكُمْ تَذَكَّرُونَ * وَأَنَّ هَذَا صِرَاطِي مُسْتَقِيمًا فَاتَّبِعُوهُ وَلَا تَتَّبِعُوا السُّبُلَ فَتَفَرَّقَ بِكُمْ عَنْ سَبِيلِهِ ذَلِكُمْ وَصَّاكُمْ بِهِ لَعَلَّكُمْ تَتَّقُونَ (الأنعام: 151- 153)
މާނައީ: "(އޭ މުޙައްމަދުގެފާނެވެ.) ކަލޭގެފާނު ވިދާޅުވާށެވެ. ތިޔަބައިމީހުން އަންނާށެވެ. ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ތިޔަބައިމީހުންގެ މައްޗަށް ޙަރާމްކުރެއްވި ކަންތައްތައް ތިމަންކަލޭގެފާނު ކިޔައިދެއްވާ ހުށީމެވެ. އެއީ ތިޔަބައިމީހުން އެކަލާނގެއާ އެއްވެސް އެއްޗަކާ ޝަރީކު ނުކުރާށެވެ. އަދި (މައިންބަފައިންނަށް ބަދު ސުލޫކު ނުކުރާށެވެ. އަދި ކިއެއްތަ!) މައިންބަފައިންނަށް އިޙުސާންތެރިކޮށް ހިތާށެވެ. އަދި ތިޔަބައިމީހުން ފަޤީރުވެދާނެކަމަށް ބިރުން ތިޔަބައިމީހުންގެ ދަރިން ޤަތުލުނުކުރާށެވެ. ތިޔަބައިމީހުންނަށާއި، އެކުދިންނަށް ރިޒުގު ދެއްވަނީ ތިމަން ރަސްކަލާނގެއެވެ. އަދި ތިޔަބައިމީހުން ފާޙިޝް ކަންތައްތަކާ ކައިރިނުވާށެވެ. އެއީ ފާޅުވެގެންވާ ކަމެއްވިޔަސް އަދި ވަންހަނާ ވެގެންވާ ކަމެއްވިޔަސްމެއެވެ. އަދި ޙައްޤަކާއި ނުލައި ﷲ ތަޢާލާ ޙުރުމަތްތެރިކުރައްވައިފައިވާ ނަފްސެއް ތިޔަބައިމީހުން ޤަތުލުނުކުރާށެވެ. މިގޮތަށް އެކަލާނގެ ތިޔަބައިމީހުންނަށް ވަޞިއްޔަތްކުރައްވައެވެ. އެއީ ތިޔަބައިމީހުން ވިސްނާތޯއެވެ. އަދި ހެޔޮގޮތުގައި މެނުވީ ޔަތީމުންގެ މުދަލާކައިރި ނުވާށެވެ. (އެބަހީ ތިޔަބައިމީހުންގެ އަތުގައިވާ ޔަތީމުންގެ މުދާ ހެޔޮގޮތުގައި މެނުވީ ޚަރަދު ނުކުރާށެވެ.) އެއީ އެކުދިން ބާލިޣުވެ ޒުވާން އުމުރާ ހަމައަށް ފޯރައިފުމަށް ދާންދެނެވެ. އަދި ތިޔަބައިމީހުން އިންސާފުވެރި ކަމާއިއެކު މިނެކިރުމުގައި ވަފާތެރިވާށެވެ. (އެބަހީ ފުރިހަމަ ކުރާށެވެ.) އެއްވެސް ނަފުސަކަށް އެނަފުސަކަށް ކުޅަދާނަވެގެންނުވާ މިންވަރަކަށް ތިމަން ރަސްކަލާނގެ ތަކުލީފެއް ނުޖައްސަވަމެވެ. އަދި ތިޔަބައިމީހުން ބަސްބުނާ ހިނދު އިންސާފުވެރިވާށެވެ. އެއީ ގާތްތިމާގެ މީހަކާ ދޭތެރޭ ބަސްބުނަން ޖެހުނުކަމުގައި ވީނަމަވެސްމެއެވެ. އަދި ﷲ ގެ ޢަހުދު ފުރިހަމަ ކުރާށެވެ. (އެބަހީ ﷲ އަމުރުކުރެއްވި ކަންތައް ކުރާށެވެ. ނަހީކުރެއްވި ކަންތަކުން ދުރުވާށެވެ. އަދި ﷲ ގެ ފޮތަށާއި ރަސޫލާގެ ސުންނަތަށް ޢަމަލުކުރާށެވެ. ﷲ ގެ ޢަހުދަކީމިއެވެ.) މިގޮތަށް އެކަލާނގެ ތިޔަބައިމީހުންނަށް ވަޞިއްޔަތް ކުރައްވައެވެ. އެއީ ތިޔަބައިމީހުން ނަސޭހަތް ހާސިލުކުރޭތޯއެވެ. އަދި މިއީ ތިމަން ﷲ ގެ ސީދާވެގެންވާ ތެދުމަގެވެ. މި މަގަށް ތިޔަބައިމީހުން ތަބާވާށެވެ. އަދި އެހެނިހެން މަގުތަކަށް ތިޔަބައިމީހުން ތަބާނުވާށެވެ. (ތަބާ ވެއްޖެނަމަ) އެމަގުތައް ތިޔަބައިމީހުން އެކަލާނގެ، ތެދުމަގުން އެއްކިބާ ކުރާނެއެވެ. މިގޮތަށް އެކަލާނގެ ތިޔަބައިމީހުންނަށް ވަޞިއްޔަތްކުރައްވައެވެ. އެއީ ތިޔަބައިމީހުން ތަޤުވާވެރިވޭތޯއެވެ."
މާތްﷲ ރުއްސުންލެއްވި ޢަބްދުﷲ ބުނު މަސްޢޫދު ގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.
" مَنْ أَرَادَ أَنْ يَنْظُرَ إِلَى وَصِيَّةِ مُحَمَّدٍ الَّتِي عَلَيْهَا خَاتَمُهُ, فَلْيَقْرَأْ قَولَهُ تَعَالى قُلْ تَعَالَوْا أَتْلُ مَا حَرَّمَ رَبُّكُمْ عَلَيْكُمْ. إلى قوله: وَأَنَّ هَذَا صِرَاطِي مُسْتَقِيمًا فَاتَّبِعُوهُ الأية " މާނައީ: محمّد صلّى الله عليه وسلّم އެކަލޭގެފާނުގެ ސިއްކަފުޅު ޖައްސަވައިފައިވާ ވަޞިއްޔަތްޕުޅަށް ބަލަން ބޭނުންވާމީހާ ފަހެ ﷲ ތަޢާލާގެ ވަޙީބަސްފުޅު قُلْ تَعَالَوْا أَتْلُ مَا حَرَّمَ رَبُّكُمْ عَلَيْكُمْ އިން ފެށިގެން وَأَنَّ هَذَا صِرَاطِي مُسْتَقِيمًا فَاتَّبِعُوهُ ގެ ނިޔަލަށް ކިޔާ ހުށިކަމެވެ. (އާޔަތުގެ މާނަ އިސްވެ ހިނގައްޖެއެވެ.) رواه الترمذي وحسّنه.
އަދި މާތްﷲ ރުއްސުންލެއްވި މުޢާޛު ބުނު ޖަބަލު ގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އަހުރެން رسول الله صلّى الله عليه وسلّم ގެ ފަހަތްޕުޅުގައި އެކަލޭގެފާނުގެ ޙިމާރުކޮޅުގެ މަތީގައި ސަވާރުވެގެން ވަނިކޮށް އަހުރެންނަށް ޙަދީޘްފުޅުކުރެއްވިއެވެ.
" يَا مُعَاذُ ! أَتَدْرِيْ مَا حَقُّ اللهِ عَلى العِبَادِ، وَمَا حَقُّ العِبَادِ عَلى اللهِ؟". قُلْتُ: اللهُ وَرَسُولُهُ أَعْلَمُ، قَالَ: "حَقُّ اللهِ عَلى العِبَادِ أَنْ يَعْبُدُوهُ وَلا يُشْرِكُوا بِهِ شَيْئاً، وَحَقُّ العِبَادِ عَلى اللهِ أَلاَّ يُعَذِّبَ مَنْ لاَ يُشْرِكُ بِهِ شَيْئاً". قُلْتُ : يَارَسُولَ اللهِ ! أَفَلا أُبَشِّرُ النَاسَ؟ قَالَ: "لاَ تُبَشِّرْهُمْ فَيَتَّكِلُوا" (البخاري ومسلم)
މާނައީ: "އޭ މުޢާޛެވެ! އަޅުތަކުންގެ މައްޗަށްވާ ﷲ ގެ ޙައްޤާއި، ﷲ ގެ މައްޗަށްވާ އަޅުތަކުންގެ ޙައްޤު އެނގިލައްވާތޯއެވެ؟ އަހުރެން ދެންނެވީމެވެ. އެކަން އެންމެ މޮޅަށް ދެނެވޮޑިގެންވަނީ ﷲ އެވެ. އަދި އެކަލާނގެ ރަސޫލާއަށެވެ. ޙަދީޘްފުޅުކުރެއްވިއެވެ. އަޅުތަކުންގެ މައްޗަށްވާ ﷲ ގެ ޙައްޤަކީ އެކަލާނގެއަށް އަޅުކަން ކުރުމާއި، އެކަލާނގެ އާ އެއްވެސް އެއްޗެއް ޝަރީކުނުކުރުމެވެ. އަދި ﷲ ގެ މައްޗަށްވާ އަޅުތަކުންގެ ޙައްޤަކީ އެކަލާނގެއާ އެއްވެސް އެއްޗެއް ޝަރީކުނުކުރާ މީހާއަށް ޢަޛާބު ނުދެއްވުމެވެ." އަހުރެން ދެންނެވީމެވެ. އޭﷲ ގެ ރަސޫލާއެވެ! އެހެންވިއްޔާ އަހުރެން މީސްތަކުންނަށް އެކަމުގެ އުފާވެރި ޚަބަރު ނުދެއްވާނެ ހެއްޔެވެ؟ (އެބަހީ ދެއްވަންތޯއެވެ.) ޙަދީޘްފުޅުކުރެއްވިއެވެ. އެބައިމީހުންނަށް އެކަމުގެ އުފާވެރިކަމުގެ ޚަބަރުނުދެއްވާށެވެ. (ދެއްވައިފިނަމަ) އޭރުން އެބައިމީހުން އެކަމުގެ މައްޗަށް ބަރޯސާކޮށްފައި ޢަމަލުކުރުން ދޫކޮށްލައިފާނެތެވެ.

އިސްވެދިޔަ ނައްޞުތަކުގައާއި އަޘަރުތަކުގައި އެކުލެވޭ މަސްއަލަތައް:
1. ޖިންނީންނާއި އިންސާނުން ހެއްދެވުމުގައިވާ ޙިކުމަތް.
2. ހަމަކަށަވަރުން އަޅުކަން ކުރުމޭ ބުނެވުނު ބަހުގެ މުރާދަކީ اﷲ އެއްކައުވަންތަކުރުމެވެ. ސަބަބަކީ رسول الله صلّى الله عليه وسلّم އާއި މުޝްރިކުންނާއި ދެމެދު އަރައިރުން ހިނގީ މިކަމުގައެވެ. (އެބަހީ لاَ إِلَهَ إِلاَّ اللهُ ސާބިތުކުރުމުގައެވެ. އެންމެހައި އަޅުކަމެއް ﷲ ފިޔަވައި އެހެން ހުރިހާ ފަރާތްތަކުން ނަފީކޮށް ހަމައެކަނި ﷲ އަށް ސާބިތުކުރުމުގައެވެ.)
3. ހަމަކަށަވަރުން ﷲ އެއްކައުވަންތަ ނުކޮށްފިމީހާ ދަންނައެވެ. އޭނާ ﷲ އަށް އަޅުކަން ކުރުމުން އެއްކިބާ ވެގެންފިއެވެ. އެހެންކަމުން މިކަމުގައި ﷲ ތަޢާލާ މި ވަޙީ ބަސްފުޅުގެ މާނަވެއެވެ. وَلَا أَنْتُمْ عَابِدُونَ مَا أَعْبُدُ (الكافرون: 5) މާނައީ: "އަދި، ތިމަންކަލޭގެފާނު އަޅުކަންކުރައްވާ ފަރާތަށް އަޅުކަން ކުރާ ބައެއްކަމުގައި ތިޔަބައިމީހުން ނުވެއެވެ."
4. ރަސޫލުބޭކަލުން ފޮނުއްވުމުގައިވާ ޙިކުމަތް.
5. ހަމަކަށަވަރުން ހުރިހާ އުއްމަތަކަށްވެސް (ﷲ ތަޢާލާގެ) ރިސާލަތު ޢާއްމުވެގެންވުން. (އެބަހީ ހުރިހާ އުއްމަތަކަށް ވެސް އެއުއްމަތެއްގެ ހިދާޔަތަށްޓަކައި ވަނީ ރަސޫލުން ފޮނުއްވިފައެވެ.)
6. ހަމަކަށަވަރުން ހުރިހާ ނަބިއްޔުންގެ ދީނަކީ އެއްދީނެކެވެ. (އެބަހީ ހުރިހާ ނަބިއްޔުންގެ ދަޢުވަތީ ނުކުތާއަކީ އެބޭކަލުންގެ އުއްމަތްތަކަށް ﷲ ގެ އެއްކައުވަންތަކަމަށް ގޮވައިލުމެވެ.)
7. ބޮޑު މައްސަލައަކީ، ހަމަކަށަވަރުން ޠާޣޫތަށް ކާފަރުވެގެން މެނުވީ ﷲ އަށް އަޅުކަންކުރުން ޙާޞިލެއްނުވާނެއެވެ.އަދި ހަމަ މިމޭރުމުން ﷲ ތަޢާލާގެ އަންނަނިވި ވަޙީބަސްފުޅުވެއެވެ. فَمَنْ يَكْفُرْ بِالطَّاغُوتِ وَيُؤْمِنْ بِاللَّهِ فَقَدِ اسْتَمْسَكَ بِالْعُرْوَةِ الْوُثْقَى لَا انْفِصَامَ لَهَا وَاللَّهُ سَمِيعٌ عَلِيمٌ (البقرة: 256) މާނައީ:"ފަހެ ޠާޣޫތަށް ކާފަރުވެ ﷲ އަށް އީމާން ވެއްޖެމީހާ ދަންނައެވެ. ހަމަކަށަވަރުން އޭނާ ވަކިވުމެއްނުވާ އުޅަކެއްގައި ވަރުގަދައަށް ހިފަހައްޓައިފިއެވެ."
8. ހަމަކަށަވަރުން اﷲ ފިޔަވައި އަޅުކަންވެވޭ ކޮންމެ އެއްޗަކަށް ޠާޣޫތޭ ކިޔެއެވެ.
9. ސަލަފުއްޞާލިޙުންގެ އަރިހުގައި ބަޔާންވެގެން ދިޔަ މުޙްކަމް ތިން އާޔަތުގެ އަހައްމިއްޔަތުކަމުގެ ބޮޑުކަން. އަދި އެތިން އާޔަތުގައި ﷲ ތަޢާލާގެ ޙަޟްރަތުން އަޅުތަކުންނަށް ދިހަ ޙުކުމްދެވިފައިވެއެވެ. އޭގެތެރެއިން އެންމެ ފުރަތަމަ ޙުކުމަކީ ﷲ އާ ޝަރީކުކުރުމުން މަނާކުރުމެވެ.
10. އިސްރާ ސޫރަތުގައިވާ މުޙްކަމް އާޔަތްތަކުގައި އަށާރަ މައްސަލަ ބަޔާންވެގެންވެއެވެ.ﷲ ތަޢާލާ އެމައްސަލަތައް ފަށްޓަވާފައިވަނީ އެކަލާނގެ މި ވަޙީ ބަސްފުޅުންނެވެ. لَا تَجْعَلْ مَعَ اللَّهِ إِلَهًا آَخَرَ فَتَقْعُدَ مَذْمُومًا مَخْذُولًا (الإسراء: 22) މާނައީ: "ތިބާ اﷲ އާއި އެކުގައި އެހެން އިލާހަކު ނުހަދާށެވެ. (ހަދައިފިނަމަ) އޭރުން ތިބާ އިށީދެއިންނާނީ ނުބައި ބަސްލިބި، ނިކަމެތިވެގެންވާ މީހެއްގެ ގޮތުގައެވެ." އަދި އެކަލާނގެ އެމައްސަލަތައް ނިންމަވާ ލައްވާފައިވަނީ މި ވަޙީ ބަސްފުޅުންނެވެ. وَلَا تَجْعَلْ مَعَ اللَّهِ إِلَهًا آَخَرَ فَتُلْقَى فِي جَهَنَّمَ مَلُومًا مَدْحُورًا (الإسراء: 39) މާނައީ: "ތިބާ اﷲ އާއި އެކުގައި އެހެން އިލާހަކު ނުހަދާށެވެ. (ހަދައިފިނަމަ) އޭރުން ތިބާ މަލާމަތް ލިބި ރަޙުމަތުން ދުރުކުރެވިފައިވާ މީހެއްގެ ގޮތުގައި ނަރަކައަށް އެއްލައި ލެވޭނެއެވެ." ﷲ ތަޢާލާ މިމައްސަލަތަކުގެ އަހައްމިއްޔަތު ކަމުގެ މައްޗަށް އަޅަމެން ހުޝިޔާރު ކުރައްވާފައިވަނީ އެކަލާނގެ މި ވަޙީ ބަސްފުޅުންނެވެ. ذَلِكَ مِمَّا أَوْحَى إِلَيْكَ رَبُّكَ مِنَ الْحِكْمَةِ (الإسراء: 39) މާނައީ: "މިކަންތައް ވަނީ ކަލޭގެފާނުގެ ވެރިރަސްކަލާނގެ ކަލޭގެފާނުގެ މައްޗަށް ވަޙީ ކުރައްވައިފައިވާ ޙިކްމަތުގެ ތެރެއިންނެވެ."
11. الحقوق العشرة (ދިހަ ޙައްޤު) ގެ އާޔަތޭ ނަމަކަށް ކިޔުނު ނިސާ ސޫރަތުގެ އާޔަތް. ﷲ ތަޢާލާ މިއާޔަތް ފައްޓަވާފައިވަނީ މިފަދައިންނެވެ. وَاعْبُدُوا اللَّهَ وَلَا تُشْرِكُوا بِهِ شَيْئًا (النساء: 36) (މާނައިސްވެ ހިނގައްޖެއެވެ.)
12. رسول الله صلّى الله عليه وسلّم އަވަހާރަވުމަށް ކައިރިވެވަޑައިގެންފައިވަނިކޮށް އެކަލޭގެފާނުގެ ވަޞިއްޔަތްޕުޅުގެ މައްޗަށް ތަންބީހު ކުރެއްވުން.
13. އަހުރެމެންގެ މައްޗަށްވާ ﷲ ތަޢާލާގެ ޙައްޤު ދެނެގަތުން.
14.ﷲ ތަޢާލާގެ ޙައްޤު އަޅުތަކުން އަދާކޮށްފިނަމަ އެކަލާނގެ މައްޗަށްވާ އަޅުތަކުންގެ ޙައްޤު ދެނެގަތުން.
15. ހަމަކަށަވަރުން މިމައްސަލަ އަޞްޙާބު ބޭކަލުންކުރެ ގިނަބޭކަލުންނަށް އެނގިވަޑައިގެންފައިނުވެއެވެ. (ސަބަބަކީ رسول الله صلّى الله عليه وسلّم މުޢާޛުގެފާނަށް އެކަން މީސްތަކުންނަށް ބަޔާން ނުކުރެއްވުމަށް އަމުރުކުރައްވައިފައިވާތީއެވެ. މުޢާޛުގެފާނު އެކަން އެހެނިހެން ޞަޙާބީންނަށް ބަޔާންކޮށްދެއްވީ އަވަޙާރަވުމަށް ކައިރިވީ ވަގުތުގައެވެ. އެއީ ޢިލްމުފޮރުވި މީހުންގެ ތެރެއިންވެ، ފާފަވެރިވެދާނެތީ ބިރުފުޅުގެންނެވެ.)
16. މަޞްލަޙަަތަށްޓަކައި ޢިލްމުފޮރުވުން ހުއްދަވެގެންވުން.
17. މުސްލިމަކަށް އޭނާ އުފާކުރަނިވި ޚަބަރެއްދިނުން މުސްތަޙައްބުވެގެންވުން.
18.ﷲ ތަޢާލާގެ ތަނަވަސް ރަޙުމަތުގެ މައްޗަށް ބަރޯސާކޮށް ޢަމަލުކުރުން ދޫކޮށްލުމުން ބިރުވެތިވުން.
19. ނޭނގޭ ކަމަކުން ސުވާލު ވެވިއްޖެއްޔާ ސުވާލު ވެވުނުމީހާ "اللهُ وَرَسُولُهُ أَعْلَمُ" (އެބަހީ އެކަން އެންމެ މޮޅަށް ދެނެވޮޑިގެންވަނީ ﷲ ތަޢާލާއެވެ. އަދި އެކަލާނގެ ރަސޫލާއެވެ.) މިފަދައިން ބުނުން.
20. ބައެއްމީހުން (ބައެއް) ޢިލްމަށް ޚާއްޞަކޮށް އަނެއްބަޔަކު (އެޢިލްމުން) މަޙުރޫމުކުރުން ހުއްދަވެގެންވުން.
21. (رسول الله صلّى الله عليه وسلّم ގެ ޒާތުފުޅު އެހާމާތްވުމާއެކު) ހިމާރުގެ މައްޗަށް ސަވާރުވެވަޑައިގަތުމުގަޔާއި އަދި ފަހަތްޕުޅަށް އެހެން މީހަކު ސަވާރުކުރެއްވުމުގައި އެކަލޭގެފާނުގެ ތަވާޟުޢުވެރިކަން.
22. ސަވާރީއެއްގެ މަތީގައި ޑަބަލްސީޓުހެދުން ހުއްދަވެގެންވުން
23. މާތްﷲ ރުއްސުންލެއްވި معاذ بن جبل ގެ މާތްކަން.
24. ތައުޙީދުގެ މައްސަލައިގެ އަހައްމިއްޔަތުކަމުގެ ބޮޑުކަން.
.........................................................
=އައްޝައިޚް މުޙައްމަދު އިބްރާހިމް ތަރުޖަމާކުރައްވާފައިވާ ކިތާބުއްތައުޙީދި ފޮތުން ނަގާފައި=

Blog Widget by LinkWithin

1 comment: