31 October 2013

އިސްލާމީ ތަރުބިއްޔަތުގެ ޢިލްމު އުފެދިގެން އައިގޮތް

އަލްއަޚް މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު

އިސްލާމްދީނަކީ ތަރުބިއްޔަތަށް ވަރަށްބޮޑަށް ބާރުއަޅާ ދީނެކެވެ. އިސްލާމީ ޝަރީޢަތުގެ ވަރަށް ގިނަ ބައިތަކަކީ ތަރުބަވީ ޢަމަލުތަކެވެ. އިސްލާމްދީނަކީ ހަމައެކަނި ޢިލްމާ މަޢުރިފާގެ މައްޗަށް ބިނާވެފައިވާ ދީނެއް ނޫނެވެ. އަދި ކިއެއްތަ އެއީ ޢަމަލީ ދީނެކެވެ. ޢިލްމަކީ އެ ޢަމަލަށް ވާޞިލްކޮށްދޭ މެދުވެރިޔާއެވެ. މާތް ﷲ މި ބިންމައްޗަށް އަޅުގަނޑުމެން އިންސާނުންނަށް ތެދުމަގު ދެއްކެވުމަށްޓަކައި ފޮނުއްވި ނަބިއްޔުންނާއި ރަސޫލުން ކުރެއްވި ހަމައެކަނި ކަމަކީ ﷲ ސުބްޙާނަހޫ ވަތަޢާލާ އެބޭކަލުން މެދުވެރިކުރައްވައި އުންމަތްތަކުގެ މައްޗަށް ބާވައިލެއްވި ފޮތްތައް ކިޔަވައިދިނުމާއި ޝަރީޢަތް ކިޔަވައިދިނުން އެކަންޏެއް ނޫނެވެ. އަދި ކިއެއްތަ އެބޭކަލުން ޢަމަލީގޮތުން އެ ޝަރީޢަތްތައް ތަޠުބީޤުކުރެއްވިއެވެ. ހަމައެކަނި ﷲ އެއްކައުވަންތަކުރުމަށާއި ޝިރުކުރުން އެއްކިބާވުމަށް ގޮވާލެއްވީއެއް ނޫނެވެ. ﷲ ފިޔަވާ އަޅުކަންވެވޭ ބުދުތައް މުގުރާލެއްވުމުގެ މަތިވެރިވެގެންވާ ޢަމަލުގެ ނަމޫނާވެސް ދެއްކެވީއެވެ. އެހެންކަމުން އިސްލާމްދީނުގައި ޢަމަލީ ބަޔަށް ދެވިފައިވާ މަތިވެރި ދަރަޖަ ކިތަންމެ ރަނގަޅަކަށްވެސް އެބޭކަލުންގެ ޙަޔާތްޕުޅަށް ބަލައިލުމުން ދޭހަވެއެވެ.

މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އިސްލާމްދީނައިގެން ވަޑައިގެންނެވި މުޖުތަމަޢަކީ ޖާހިލު މުޖުތަމަޢެކެވެ. ޝިރުކާއި ޚުރާފާތާއި ފާފައާއި ނުބައިކަންތައްތައް އިންތިހާއަށް ފެތުރިފައިވާ މުޖުތަމަޢެކެވެ. ސިލްމާއި ސަލާމަތްކަމާއި އަމަން އަމާންކަން ނެތް ބިރުވެރި މުޖުތަމަޢެކެވެ. އެފަދަ މުޖުތަމަޢެއްގެ ތެރޭގައި އުޅެ ބޮޑުވި މީހުން، އިސްލާމްދީނުގެ ސާފު ޢަޤީދާއާއި ރިވެތި އަޚްލާޤުގެ ކޯރުން ފެން ލިބެން ފެށުމާއެކު، ޖާހިލިއްޔަތުގެ ކުނި މިލަތަކުން ސާފުވެއްޖެއެވެ. އަދި ކިޔެއްތަ މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މަތިވެރި ޞަޙާބީންނަކީ މި ދުނިޔެމަތީގައި ނަބީންނަށްފަހު އެންމެ މަތިވެރި ތަރުބިއްޔަތެއް ލިބިވަޑައިގެން ތިއްބެވި ބޭކަލުންނަށް ވިއެވެ. އެތަރުބިއްޔަތުގެ އުސްތާޛަކީ މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައެވެ. އެކަލޭގެފާނު އެބޭކަލުންނަށް ތަޢުލީމު ދެއްވައި ތަރުބިއްޔަތު ކުރެއްވިއެވެ. އެންމެ ފުރިހަމަ ތަރުބިއްޔަތުން ތަރުބިއްޔަތު ދެއްވިއެވެ. ތަރުބިއްޔަތުގެ އެންމެ މަތީ ދަރަޖައަށް ވާޞިލުވެއްޖައުމަށް ދާނދެނެވެ. އެތަރުބިއްޔަތުގެ ސަބަބުން އެބޭކަލުންގެ އަމިއްލަ ނަފުސުތަކަށްވުރެ ބޮޑަށް އެބޭކަލުންގެ މުސްލިމު އަޚުންދެކެ ލޯބިވިއެވެ. ﷲ ތަޢާލާ ޞިފަކުރައްވާފައިވާ ފަދައިންނެވެ. وَالَّذِينَ تَبَوَّءُوا الدَّارَ وَالْإِيمَانَ مِنْ قَبْلِهِمْ يُحِبُّونَ مَنْ هَاجَرَ إِلَيْهِمْ وَلَا يَجِدُونَ فِي صُدُورِهِمْ حَاجَةً مِمَّا أُوتُوا وَيُؤْثِرُونَ عَلَىٰ أَنْفُسِهِمْ وَلَوْ كَانَ بِهِمْ خَصَاصَةٌ وَمَنْ يُوقَ شُحَّ نَفْسِهِ فَأُولَٰئِكَ هُمُ الْمُفْلِحُونَ (الحشر 9) އަދި އެއުރެންގެ ކުރީގައި، މަދީނާގައި ވަޒަންވެރިވެ، އީމާންކަމުގައި ޤާއިމުވެތިބި އަންޞާރުން، އެއުރެންގެ ގާތަށް ހިޖުރަކުރި މުހާޖިރުންދެކެ ލޯބިވެތެވެ. އަދި އެއުރެންނަށް (އެބަހީ: މުހާޖިރުންނަށް) ދެއްވި އެއްވެސް އެއްޗަކަށް އެއްވެސް ބޭނުމެއް (ނުވަތަ ދަހިވެތި ކަމެއް) އެއުރެން (އެބަހީ: އަންޞާރުން) ގެ ހިތްތަކުގައި ނުވެއެވެ. އަދި އެއުރެންގެ އަމިއްލަ ނަފުސުތަކުގެ މައްޗަށް، އެއުރެންނަށް އިސްކަންދެތެވެ. އެއުރެންނަށް ބޭނުންތެރިކަން ބޮޑުވެފައި ވީނަމަވެސްމެއެވެ. އެމީހެއްގެ އަމިއްލަ ނަފުސުގެ ދަހިވެތިކަމުން މިންޖުވެއްޖެ މީހާ (ދަންނާށެވެ!) ފަހެ، އެއުރެންނީ ހަމަ ދިންނަވާނެ މީހުންނެވެ."

ނަބަވީ މި ތަރުބިއްޔަތުގެ ސަބަބުން މުޅި ދުނިޔޭގެ ތާރީޚު ބަދަލުވެގެން ދިޔައެވެ. އިންސާނީ ޙަޔާތް އެފުށް މިފުށަށް ޖެހިގެން ދިޔައެވެ. ހަނގުރާމައާއި ދެކޮޅުވެރިކަމުގެ ތެރޭގައިވި މުޖުތަމަޢު، ޞުލްޙަވެރިކަމާއި އެއްބައިވަންތަ މުޖުތަމަޢަކަށް ވެގެންދިޔައެވެ.
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަވަހާރަވެވަޑައިގަތުމަށްފަހުގައި ތާބިޢީންގެ ޖީލު ތަރުބިއްޔަތު ކުރެއްވީ އެކަލޭގެފާނުގެ މަތިވެރި ޞަޙާބީންނެވެ. ތާބިޢީން ތެރެއިން ނުކުމެވަޑައިގެންނެވި ބޮޑެތި ބޮޑެތި ޢިލްމުވެރިންގެ އުސްތާޛުންނަކީ ޞަޙާބީންގެ މަސައްކަތުގެ މޭވާއެވެ. ތަރުބިއްޔަތުގެ މައިދާނުގައި އަޅުގަނޑުމެން ނަމޫނާއަކަށް މި ބަލާ ތާބިޢީންނާއި އެބޭކަލުންނަށް ފަހުގައި ވަޑައިގެންނެވި ޖީލުތަކަކީ މި ދެންނެވި މަތިވެރި ތަރުބަވީ މަދަރުސާގެ ދަރިވަރުންނެވެ. ޢިލްމާއި ޢަމަލުގައި، ޙައްޤުގެ މަގުގައި ޘާބިތުވެ ތިއްބެވުމާއި، ކެތްތެރިކަމާއި، ދަޢުވަތުގައިވެސް އެބޭކަލުން ދައްކަވާފައިވާ ރިވެތި ނަމޫނާތަކަކީ އެބޭކަލުންގެ ފަހުގެ އެތައް ޖީލުތަކަކަށްވާ ޢިބުރަތްތެރި ފިލާވަޅުތަކެވެ.
މާތްވެގެންވާ ޤަރުނުތަކަށްފަހުގައިވެސް އިސްލާމްދީނުގެ ޢިލްމުވެރިންނާއި ދާޢީންނާއި މުފައްކިރުން ތަރުބިއްޔަތުގެ މަތިވެރި މަސައްކަތައިގެން ކުރިއަށް ވަޑައިގެންނެވިއެވެ. އެގޮތުން ކީރިތި ޤުރުއާން ހިތުދަސް އެތައް ޤާރީންނާއި، ފިޤުހުވެރިންނާއި، ތަފްސީރު ޢިލްމުވެރިންނާއި، ދުނިޔަވީ އެކިއެކި ދާއިރާތަކުގެ ޢިލްމުވެރިންނާއި މުފައްކިރުން އިސްލާމީ އުންމަތުގައި އުފެދިފައިވެއެވެ.
އިސްލާމީ ތަރުބިއްޔަތު ތަދުވީނުކުރެވި ފޮތްތައް ލިޔެވި ވަކި ފަންނެއްގެ ގޮތުގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޒަމާނުގައި ވަކިވެގެން އައިސްފައިނުވި ނަމަވެސް އިސްލާމީ ތަރުބިއްޔަތުގެ އަސާސުތަކާއި މަންހަޖު ކީރިތި ޤުރުއާނާއި މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވިދާޅުވި ބަސްފުޅުތަކާއި ކުރެއްވި ކަންތައްތަކާއި އިޤުރާރުވެވަޑައިގެންނެވި ކަންތައްތަކުގައި ވަރަށް ރަނގަޅަށް އަހަރެމެންނަށް ދައްކަވާފައިވެއެވެ. އެހެންކަމުން އިސްލާމީ ތަރުބިއްޔަތުގެ އަސާސީ މަރުޖިޢަކީ ކީރިތި ޤުރުއާނާއި ސުންނަތެވެ. ކީރިތި ޤުރުއާނަށް ބަލާލާއިރު ކީރިތި ޤުރުއާނުގައި އަހަރެމެންގެ ނަފުސުތަކާއި އަހުލުވެރިން ތަރުބިއްޔަތު ކުރަންވީ މަންހަޖު ސާފުކޮށް ބަޔާންކޮށްދެއްވާފައިވެއެވެ. يَا أَيُّهَا الَّذِينَ آمَنُوا اسْتَجِيبُوا لِلَّهِ وَلِلرَّسُولِ إِذَا دَعَاكُمْ لِمَا يُحْيِيكُمْ وَاعْلَمُوا أَنَّ اللَّهَ يَحُولُ بَيْنَ الْمَرْءِ وَقَلْبِهِ وَأَنَّهُ إِلَيْهِ تُحْشَرُونَ (الأنفال 24) "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންނަށް ދިރުންދޭ ކަމަކަށް ރަސޫލާ ތިޔަބައިމީހުންނަށް ގޮވައިލައްވާހިނދު، ﷲ އަށާއި ރަސޫލާއަށް ތިޔަބައިމީހުން އިޖާބަ ދޭހުށިކަމެވެ! އަދި ތިޔަބައިމީހުން ދަންނާށެވެ! ހަމަކަށަވަރުން، ﷲ، އިންސާނާއާއި، އޭނާގެ ހިތުގެ އެދުންތަކާ ދެމެދު ހުރަސްއަޅުއްވަތެވެ. އަދި ހަމަކަށަވަރުން، ތިޔަބައިމީހުން (ޤިޔާމަތްދުވަހުން) އެއްކުރައްވާހުށީ، އެކަލާނގެ ޙަޟްރަތަށެވެ."
މިއީ ﷲ ތަޢާލާ، ކީރިތި ޤުރުއާނާއި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތަށް އަހަރެމެން އިޖާބަދޭން ޖެހޭގޮތް އަމުރުކުރައްވާފައިވާ އާޔަތެކެވެ. އެ ދެއެތީގައި އިންސާނާގެ ޙަޔާތާއި ދުނިޔެއާއި އާޚިރަތުގައި އުފާވެރިކަން ލިބިގަންނާނީ ކިހިނެއްކަން ސާފުކޮށް ބަޔާންވެގެންވެއެވެ. އަދި ތަރުބިއްޔަތުގެ ޢިލްމުގައި އަހަރެމެންނަށް އެ ނަމޫނާތަކަކަށް ބަރޯސާވެއްޖެނަމަ ކާމިޔާބު ޙާޞިލުކުރެވޭނެ އެތައް ތަރުބަވީ އުސްލޫބުތަކެއް ކީރިތި ޤުރުއާން އަހަރެމެންނަށް ދަސްކޮށްދެއެވެ. މިސާލަކަށް ވާހަކަ ކިޔައިދިނުމާއި، ވަޢުޡު ނަޞީޙަތްދިނުމާއި، ދޭދޭ މީހުންގެ ދެމެދުގައި ދެކެވިފައިވާ ވާހަކަތަކާއި، ޢިބުރަތްތަކާއި ނަމޫނާތަކެވެ. އަދި ހަމައެގޮތަށް އިންސާނާއަށް ތާއަބަދުގެ އުފާވެރިކަން ލިއްބައިދޭނެ ކަންކަމާއި، މެދުކެނޑުމެއް ނެތް ނިޢުމަތް ލިބޭނެގޮތެވެ. އަދި ހަމައެގޮތަށް އިންސާނާގެ ދިރިއުޅުން ބާއްޖަވެރިކުރާނޭގޮތާއި އާޚިރަތުގެ ގޮވާން ލިބިގަންނާނެގޮތްވެސް ސާފުކޮށް ކިޔާދީފައިވެއެވެ.
ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތުގައި ވަރަށް ފުރިހަމަ ތަރުބަވީ ދަރުސްތަކެއް ވެއެވެ. އެއީ އަހަރެމެންނަށް ވާ މިސާލުތަކެކެވެ. އެކަލޭގެފާނުގެ އަނބިއަނބިކަނބަލުންނާއެކު އުޅުއްވި ދިރިއުޅުއްވުމާއި، ޢާއިލާ މީހުންނާއި ގާތްތިމާގެ މީހުންނާއެކު އުޅުއްވި ދިރިއުޅުއްވުމާއި، ޞަޙާބީންނާއެކު އުޅުއްވި ގޮތާއި، އިސްލާމްދީން އިޢުލާނުކުރުމާއެކު އެކަލޭގެފާނުގެ އަރިހަށް ޒިޔާރަތްކުރެއްވި އެތައް ވަފުދުތަކާ އެކު މުޢާމަލާތުކުރެއްވި ގޮތާއި، އެކަލޭގެފާނުގެ ޢަދުއްވުން ކަމުގައިވި މައްކާގެ މުޝްރިކުންނާމެދު ކަންތައްތައް ކުރެއްވި ގޮތާއި، މަދީނާއަށް ހިޖުރަކުރެއްވުމަށްފަހު، މަދީނާގައި އުޅެމުން ދިޔަ ޔަހޫދީންނާއި އަދި ފަހުން މުނާފިޤުންނާމެދު ޢަމަލުކުރެއްވި ގޮތާއި، އެކަލޭގެފާނުގެ ޢަޤީދާއާއި އަޅުކަމުގައި އަދި އަޚްލާޤުގައި އަދި މިނޫންވެސް ކަންކަމުގައި ޢަމަލުކުރައްވާފައި ހުރިގޮތަކީ އެކަލޭގެފާނު ދޫކުރެއްވި ފަދަ ހަރުދަނީ ޖީލެއް އުފައްދަން އަހަރެމެން ބޭނުންނަމަ ކޮންމެހެންވެސް ދެނެގަންނަންޖެހޭ ކަންކަމެވެ. އަދި ހަމަ އެގޮތަށް އެކަލޭގެފާނުގެ މޫރިތި ސުންނަތުގައިވެސް ވަރަށް ގިނަ ތަރުބަވީ އުސްލޫބުތައް ގެންގުޅުއްވާފައިވެއެވެ. ވާހަކަ ކިޔާ ދެއްވުމާއި، ޢިބުރަތްތަކާއި، ވަޢުޡު ނަޞީޙަތް ދެއްވުމާއި އުފާވެރި ޚަބަރު ދެއްވުމާއި އިންޛާރުކުރެއްވުމާއި، ޝައުޤުވެރިކުރެއްވުމާއި ބިރުގެންނެވުމާއި މިހެންގޮސް ވަރަށް ގިނަ އުސްލޫބުތަކެކެވެ.
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘްތައް ތަދުވީނުކުރެވެން ފެށުމާއެކު ޙަޤީޤަތުގައި އެ ލިޔެވުނީ އެކަލޭގެފާނު ޞަޙާބީން ތަރުބިއްޔަތު ކުރެއްވުމުގައި ގެންގުޅުއްވި މަންހަޖެވެ. އޭގެ ފަހުގައި ތަރުބިއްޔަތުގެ ނާހިޔާގައި ލިޔުންތައް ވަކިކުރެވުނެވެ މިސާލަކަށް އިމާމު ބުޚާރީ ރަޙިމަހުﷲ ގެ އަލްއަދަބުލް މުފްރަދު އޭ ކިޔުނު ފޮތެވެ. އޭގެ ފަހުގައި އައި އަހަރުތަކުގައި އިސްލާމީ ތަރުބިއްޔަތާ ގުޅޭ ތަފާތު މައުޟޫތަކަށް ފޮތްތައް ލިޔެވެމުން ދިޔައެވެ. އާދެ ޚާއްޞަ ފަންނެއްގެ ގޮތުގައި ތަރުބިއްޔަތު ޚާއްޞަވިއެވެ. އޭގެ ތެރެއިން ބައެއް ފޮތްތަކަކީ އަޚްލާޤުގެ ވާހަކަތައް ބަޔާންކުރެވިފައިވާ ފޮތްތަކެވެ. އަނެއްބައި ފޮތްތަކުގައި ބޮޑަށް އަލިއަޅުއްވާލައްވާފައިވަނީ ތަޢުލީމާއި ތަޢުލީމު އުނގަންނައިދިނުމުގެ މައްޗަށެވެ. އަދި އޭގެ ތެރެއިން އަލަށް އުފަންވާ ކުއްޖާއާ ބެހޭ ޙުކުމްތަކަށް ޚާއްޞަ ފޮތްތަކާއި، ޒުހުދުވެރިކަމާ ބެހޭ ފޮތްތަކާއި، ތާރީޚީ ތަރުބަވީ ފޮތްތައް ހިމެނެއެވެ.
ފުރަތަމަ: ތަޢުލީމާއި ތަޢުލީމު އުނގަންނައިދިނުމޭ ބެހޭ ފޮތްތައް
1- އާދާބުލް މުޢައްލިމީނަ (ޓީޗަރުންގެ ނުވަތަ އުސްތާޛުންގެ ކިބައިގައި ހުންނަންޖެހޭ އަދަބުތަކާ ބެހޭ ފޮތެއް) - ލިޔުއްވީ އިބްނު ސަޙްނޫން (އަވަހާރަވީ 256 ހ ގައި)
2- އައްރިސާލާ އަލްމުފައްޞަލާ ލިއަޙްވާލިލް މުތަޢައްލިމީނަ ވަ އަޙްކާމިލް މުޢައްލިމީނަ ވަލް މުތަޢައްލިމީނަ- (ކިޔަވާކުދިންގެ ޙާލާއިމެދު އަދި މުދައްރިސުންގެ އަދި ކިޔަވާކުދިންގެ ޙުކުމްތަކާމެދު ތަފްޞީލުކުރެވިފައިވާ ފޮތެއް) ލިޔުއްވީ އަލްޤާބިސީ (324ހ ން 403ހ)
3- އަލްޖާމިޢު ލިއަޚްލާޤިއްރާވީ ވަ އާދާބިއްސާމިޢި (ޙަދީޘް ރިވާކުރައްވާ ބޭކަލުންގެ އަދަބުތަކާއި ޙަދީޘް އަޑުއައްސަވާ ބޭކަލުންގެ އަދަބު ތަކާބެހޭގޮތުން އެކުލަވާލެވިފައިވާ ފޮތެއް) - ލިޔުއްވީ ޚަތީބުލް ބަޣްދާދީ (392ހ ން 463ހ)
4- ތަޢުލީމުލް މުތަޢައްލިމި ފީ ޠަރީޤިއް ތަޢައްލުމި (އުނގެނުމުގެ މަގުގައި ކިޔަވާކުއްޖާގެ ކިޔެވުމާ ބެހޭ ފޮތެއް) ބުރުހާނުއްދީން އައްޒަރުނޫޖީ (އަވަހާރަވީ 593 ހ ގައި)
5- އަލްޙިއްޘު ޢަލަލް ޙިފްޡި (ހިފުޒުކުރުމަށް ބާރުއެޅުމާ ބެހޭ ފޮތެއް) - އިބްނުލް ޖައުޒީ (508ހ ން 597 ހ)
6- ތަޛްކިރަތުއް ސާމިޢި ވަލްމުތަކައްލިމި ފީ އަދަބިލް ޢާލިމި ވަލް މުތަޢައްލިމި (މުދައްރިސުންނާއި ދަރިވަރުންގެ އަދަބުތަކާބެހޭ ފޮތެއް - އިބްނު ޖަމާޢަތު (639ހ ން 733ހ)
ދެވަނަ: ތަރުބިއްޔަތު އަދި އަޚްލާޤުގެ ފޮތްތައް
1- އަލްއަޚްލާޤު ވައްސިޔަރު ފީ މުދާވާތިއް ނުފޫސި (ނަފްސުތަކަށް ފަރުވާކުރުމުގައި އަޚުލާޤާއި ސީރަތާ ބެހޭ ފޮތެއް) އިބްނު ޙަޒަމް (384ހ ން 456ހ)
2- އަދަބުއް ދުންޔާ ވައްދީން (ދުނިޔެއާއި ދީނުގެ އަދަބުތަކާ ބެހޭ ފޮތެއް) އަލްމާވަރްދީ (364ހ ން 450 ހ)
3- އައްޛަރީޢާ އިލާ މަކާރިމިއް ޝަރީޢާ (ޝަރީޢަތުގެ މަތިވެރި އަޚްލާޤާބެހޭ ފޮތެއް) އައްރާޣިބުލް އަޞްފަހާނީ (499ހ ން 502ހ)
4- އައްޔުހަލް ވަލަދު (އޭ ދަރިފުޅާއެވެ، ނަޞީޙަތުގެ ފޮތެއް) އަބޫ ޙާމިދު އަލްޣަޒާލީ (450ހ ން 505ހ)
5- ލަފްތަތުލް ކަބިދި ފީ ނަޞީޙަތިލް ވަލަދި (ދަރިފުޅަށް ދިނުމަށް ރަނގަޅު ނަޞީޙަތްތައް ހުރި ފޮތެއް) އިބުނުލް ޖައުޒީ (508ހ ން 598ހ)
6- އައްސުލޫކު- (ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާގެ ފަތާވާގެ ތެރެއިން ދިހަވަނަ މުޖައްލަދު) (661ހ ން 728ހ)
7- ތުޙްފަތުލް މައުދޫދި ބިއަޙްކާމިލް މައުލޫދި (އަލަށް އުފަންވާ ކުދިންނާ ބެހޭ ޙުކުމްތަކުގެ މައްޗަށް ހިމެނޭ ފޮތެއް) - އިބްނު ޤައްޔިމް އަލްޖައުޒިއްޔާ (691ހ ން 751ހ)
8- އަލްއާދާބުއް ޝަރްޢިއްޔާ (ޝަރުޢީ އަދަބުތައް) އިބްނު މުފްލިޙް (691ހ ން 751ހ)
9- ތަޙްރީރުލް މަޤާލް ފީ އާދާބި ވަ އަޙްކާމި ވަފަވާއިދި ޔަޙްތާޖު އިލައިހާ މުއައްދިބޫ އަލްއަޠްފާލް (ކުދީން ތަރުބިއްޔަތު ކުރުމުގައި ބޭނުންވާ ކަންތައްތަކާއި އެކަމުގެ އަދަބުތަކާއި ޙުކުމްތަކާބެހޭ ފޮތެއް) - ޝިހާބުއްދީން އަބުލް ޢައްބާސް އަޙްމަދުލް ޙައިޘަމީ އަލްއަންޞާރީ (909ހ ން 973ހ)
ޒުހުދުވެރިކަމާ ބެހޭ ފޮތްތައް
1- ކިތާބުއް ޒުހުދި - އިބްނުލް މުބާރަކު (އަވަހާރަވީ 181ހ)
2- ކިތާބުއް ޒުހުދި - ވަކީޢު ބިން ޖައްރާޙު (129ހ ން 197ހ)
3- ކިތާބުއް ޒުހުދި - އަޙްމަދު ބިން ޙަންބަލް (164ހ ން 241)
4- ކިތާބުއް ޒުހުދި - ހަންނާދު ބިން އައްސައްރީ އަލްކޫފީ (152ހ ން 243ހ)
ބަޔާންވެދިޔަ މުޞައްނަފާތުތަކާއި އަދި މި މައުޟޫގައި ލިޔެފައިވާ އެހެން ފޮތްތަކަށް ބަލާއިރު ތަރުބިއްޔަތުގެ ޢިލްމަށް ސަލަފުން ދެއްވި އަހަންމިއްޔަތުކަމުގެ ބޮޑުކަން ހާމަވެއެވެ. އިސްލާމީ ޢިލްމުތަކުގެ ތެރޭގައި ތަރުބިއްޔަތުގެ ޢިލްމުގެ ވަރަށް ބޮޑު ބައެއް ހިމެނެއެވެ. ބައެއް މީހުންނަށް ހީވެފައިވާ ގޮތަށް ތަރުބިއްޔަތުގެ ޢިލްމަކީ މުސްލިމުން ގުރީކުގެ ފިލޯސަފަރުންގެ ކިބައިން އިސްލާމްދީނަށް ވަން އެއްޗެއް ނޫންކަން އަދި އެ ޢިލްމަކީ އެމީހުންގެ ކިބައިން ނެގިއެއްޗެއް ނޫންކަން މިކަންކަމުން ވަރަށް ސާފުކޮށް އަހަރެމެންނަށް އެނގިގެން އެބަދެއެވެ.
ތަރުބިއްޔަތުގެ މައިދާނުގައި ބޭނުންކުރެވޭ ބައެއް ހުޅަނގުގެ ފޮތްތައް ތަރުޖަމާކޮށްފައި ވުމަކީ އަދި އެޢިލްމަކީ އެމީހުންނަށް ނިޞްބަތްވާ އެއްޗެއްކަމަށް ޤަބޫލުކުރަންޖެހޭ އަދި ބުނަންޖެހޭ ސަބަބެއް ނޫނެވެ. އަދި އެއީ ފަހުގެ ޢިލްމެއްކަމަށްވެސް މިކަމުން ދަލާލަތެއް ނުކުރެއެވެ. އަދި ހަމައެހެންމެ ޞައްޙަ ތަރުބަވީ ޢިލްމާއި، ބޭރުން އެތެރެކުރެވިފައިވާ ތަރުބަވީ ބައެއް ފިކުރުތަކުގެ ތަފާތު ހުރިކަންވެސް ފާހަގަކޮށްލަން ޖެހެއެވެ. މިހާރަށް ބަލާފައި ކުރީގެ މި ކަންކަން ހަނދާން ނައްތާލާފައި، އަހަރެމެންގެ އުންމަތް ތަރުބިއްޔަތުގެ މައިދާނުގައި ކޮށްފައިވާ ބުރަ މަސައްކަތާއި ވެފައިވާ މަތިވެރި ޤުރުބާނީ ހަނދާންނައްތާލައިގެން ނުވާނެއެވެ.
ތަރުބިއްޔަތުގެ ޢިލްމުގެ ތެރެއަށް އެކި އެކި ޢިލްމުތަކާއި މުޖުތަމަޢުތަކާއި މަންހަޖުތަކުގެ އަސަރުކުރުމަކީ ނުވެ ނުދާނެކަމެކެވެ. ޢައްބާސީ ދައުލަތުގެ ދުވަސްވަރު ކުރެވުނު ގުރީކުގެ ތަރުޖަމާތަކުގެ އަސަރު ކޮންމެވެސްވަރަކަށް އިސްލާމީ ބައެއް ޢިލްމުތަކަށް ކުރިއެވެ. ތަރުބިއްޔަތުގެ ޢިލްމަކީވެސް އޭގެތެރެއިން ހިމެނޭ ޢިލްމެކެވެ. މިގޮތުން އަސަރުކުރި ފޮތެއްގެ މިސާލަކީ އަލްފާރާބީ ލިޔުއްވި ފޮތް ތަޙްޞީލުއް ސަޢާދާ (އަވަހާރަވީ 339ހ) އާއި އިބްނު މިސްކަވައިހި ލިޔުއްވި ފޮތް ތަހްޛީބުލް އަޚްލާޤު (އަވަހާރަވީ 421ހ) އަދި މިނޫންވެސް މިބާވަތުގެ ބައެއް ފޮތްފޮތެވެ.
މިޒަމާނުގައި ތަރުބިއްޔަތުގެ ޢިލްމުގެ ފޮތްތަކަށް ބަލާލާއިރު، އެކި އެކި ދިމަދިމާއިން ތަރުބިއްޔަތުގެ ޢިލްމުގެ އަސަރު މުސްލިމު މުޖުތަމަޢުތަކަށް ކުރާތީ ފެނެއެވެ. އެއްވެސް ބަދަލަކާ ނުލައި ނުވަތަ އެއްވެސް ކޮމެންޓެއް ކުރުމަކާ ނުލައި ހުޅަނގުގެ ބައެއް ފޮތްތައް ހުރިގޮތަށް ތަރުޖަމާކުރެވިފައިވެއެވެ. މިސާލަކަށް ފިލިޕް އެޗް ފެނިކްސް (Dr. Philip H. Phenix) ގެ ފޮތް "ތަރުބިއްޔަތުގެ ފަލްސަފާ" (ފިލޯސަފީ އޮފް އެޑިޔުކޭޝަން) އާއި ޖޯސެފް ޓާސްމަންގެ "ތަރުބިއްޔަތުގައި އާ އުދަރެސްތައް" އަދި މިނޫންވެސް ފޮތްތައް ހިމެނެއެވެ.

ހުޅަނގުގެ މަންހަޖާއި ތިއަރީތަކުގެ އަސަރު ވަރަށް ބޮޑަށް ކޮށްފައިވާ ތަރުބަވީ ފޮތްތައް އެބަހުއްޓެވެ. އެފަދަ ފޮތްތައް މުޖުތަމަޢުތަކުގައި ޢާއްމުވުމުގެ ސަބަބުން ބައެއް މީހުންނަށް ހީވެފައި އޮންނަނީ ތަރުބިއްޔަތަކީ ހުޅަނގުގެ ނަޒަރިއްޔަތު ތަކާއި ފިކުރުތަކުން އުފަންވެފައިވާ ކަމެއްކަމަށެވެ.
ޙަޤީޤަތުގައި މުސްލިމުން ތަރުބިއްޔަތުގެ އުސްތާޛުންނަށް ހުޅަނގުގެ ތަރުބަވީ ފިކުރުގެ ސަބަބުން އިސްލާމީ ތަރުބިއްޔަތަށް ކުރާ އަސަރު ވިސްނުނެވެ. އަދި އެއީ ބާޠިލު ޢަޤީދާގެ މައްޗަށް ބިނާވެފައިވާ ތަރުބިއްޔަތަކަށްވާތީ، ތަރުބިއްޔަތުގައި އިސްލާމީ އުޞޫލުތަކަށް ރުޖޫޢަވިއެވެ. ނަތީޖާއެއްގެ ގޮތުން ވަރަށް ގިނަ ތަރުބަވީ ދިރާސާތައް ޢާއްމުވެގެން ދިޔައެވެ. އަދި ތަރުބިއްޔަތުގެ ދާއިރާއިން އެތައް ފޮތްތަކެއް ލިޔެވެންފެށިއެވެ. މިފޮތުން މިފަދަ ގިނަ ފޮތްތައް ލިޔެވުނީ މަތީ ފެންވަރަށް ކިޔަވާދޭ ކިޔަވާދިނުމުގައި ހަދާ ދިރާސާތަކުގެ އިތުރުން ތީސީސް ނުވަތަ ރިސާލާތަކުގެ ގޮތުގައެވެ.
މިކަންތައްތަކުން އަހަރެމެންނަށް އެނގިގެންދިޔަ ކަމަކީ ތަރުބިއްޔަތުގެ ޢިލްމުގެ ބިންގާ އެޅިބަޔަކީ މުސްލިމުންކަމެވެ. އަދި އެބިންގަލަކީ އިސްލާމީ މަންހަޖުގެ އަލީގައި އަޅާފައިވާ ބިންގަލެކެވެ. މީސްތަކުންނަށް ތަރުބިއްޔަތުގެ ޢިލްމަށް މުސްލިމުން އަހައްމިޔަތުކަން ނުދޭހެން ހީވީ އިޤްތިޞާދީގޮތުންނާއި، ޞިނާޢީގޮތުން ހުޅަނގު ކުރިއަރައިގެން ދިޔަދުވަސްވަރު، މުސްލިމުން ފަހަތުގައި ތިބުގެ ސަބަބުން ތަރުބިއްޔަތުގެ ދާއިރާއާއި އަދިވެސް ޢިލްމީ އެހެން ދާއިރާތަކުގައި ހޯދުންތައް ހޯދުމާއި ދިރާސާތައްކުރުން މަޑުޖެހިލާފައި އޮތުމުގެ ސަބަބުންނެވެ.
އިސްލާމީ އުންމަތް ފަހަތަށް ދާން މެދުވެރިވި ސަބަބުތަކުގެ ތެރޭގައި ޤުރުއާނާއި ސުންނަތް ދޫކޮށް އެހެންގޮތްތައް ހޯދަން އުޅުން ހިމެނެއެވެ. އެހެންކަމުން ހުރިހާ ދާއިރާއަކުންވެސް ކީރިތި ޤުރުއާނާއި ސުންނަތަށް ރުޖޫޢަވެގެން ނޫނީ އުންމަތުގެ ކުރީކޮޅުގައި އޮތް ކުރިއެރުމާއި ރިވެހި އަޚްލާޤު އަނބުރާ ނުލިބޭނެތީ، އިސްލާމީ ޤައުމުތަކުގައި ޤުރުއާނާ ސުންނަތަށް ރުޖޫޢަވުމުގެ އޮއިވަރެއް ފެތުރިގެން ދިޔުމާއެކު ތަރުބިއްޔަތާއި އެހެނިހެން ދާއިރާތަކުގައިވެސް ޤުރުއާނާ ސުންނަތަށް ރުޖޫޢަވުމުގެ ނަތީޖާއެއްގެ ގޮތުން ކުރީގައި ލިޔެވެފައިވާ ތަރުބަވީ ފޮތްތައް ކިޔައި، އެ ޢިލްމުގައި ހޯދުންތައް ހޯދައި ދިރާސާތައްކޮށް އެ ޢިލްމައިގެން އުޅެން ފެށިއެވެ.
މުޖުތަމަޢުތަކުގައި މިއަދު ފެތުރިފައިވާ އިޖުތިމާޢީ މަލިމަޑުކަމަކީ އިސްލާމީ ތަރުބިއްޔަތުގެ ގިއުގަނޑުން ނުކުތުމުގެ ސަބަބުން އުފަންވިކަންކަމެވެ. އެހެންކަމުން ހުރިހާ މުސްލިމުންވެސް އަދި ޢާއްމުކޮށް އިންސާނިއްޔަތު އެއްކޮށް އިސްލާމީ މަންހަޖަށް ބޭނުންޖެހިގެންވާކަން އެނގެއެވެ. ޚާއްޞަކޮށް ފިކުރީ ހަނގުރާމައިގެ އޮއިވަރު މުޅިދުނިޔެތެރޭގައި ގަދަވެފައިވުމާއެކު އަންނަމުންދާ ނޭދެވޭ އަސަރުތަކުން މުޖުތަމަޢު ސަލާމަތްކުރެވޭނެ ހަމައެކަނި މަގަކީ އިސްލާމީ ތަރުބިއްޔަތުގެ މަގަށް ރުޖޫޢަވުމެވެ. ތަރުބިއްޔަތުގެ ހަށިގަނޑަށް ހުޅަނގުގެ ޖަރާސީމުވަނުމުގެ ކުރީގައި ރައްކާތެރިވެވިއްޖެނަމަ އެ ޖަރާސީމު ވަނުމަށްފަހު ފަރުވާކުރުމަށްވުރެ ކިތަންމެހާވެސް ރަނގަޅެވެ. ފަރުވާކުރުމަށްވުރެ ރައްކާތެރިވުން ރަނގަޅެވެ. ﷲ ތަޢާލާ ކިރިތި ޤުރުއާނުގައި ވަޙީކުރައްވާފައިވެއެވެ. يَا أَيُّهَا الَّذِينَ آمَنُوا قُوا أَنْفُسَكُمْ وَأَهْلِيكُمْ نَارًا وَقُودُهَا النَّاسُ وَالْحِجَارَةُ عَلَيْهَا مَلَائِكَةٌ غِلَاظٌ شِدَادٌ لَا يَعْصُونَ اللَّهَ مَا أَمَرَهُمْ وَيَفْعَلُونَ مَا يُؤْمَرُونَ (التحريم 6) "އޭ އީމާންވީ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ އަމިއްލަ ނަފުސުތަކާއި، ތިޔަބައިމީހުންގެ އަހުލުވެރިން، ނަރަކައިން ސަލާމަތްކުރާށެވެ! އެ ނަރަކައިގެ ދަރަކީ، މީހުންނާއި ހިލައެވެ. އެ ނަރަކައިގެ މައްޗަށް (ބަނޑޭރިންކަމުގައި) ހަރުކަށި، އަދި ގަދަފަދަ މަލާއިކަތުންވެއެވެ. ﷲ، އެބޭކަލުންނަށް ކުރައްވާ އަމުރަކަށް އެބޭކަލުން ނުއުރެދޭނެތެވެ. އަދި އެބޭކަލުންނަށް އަމުރުކުރައްވާކަންތައް އެބޭކަލުން ކުރައްވާނެތެވެ."

Blog Widget by LinkWithin

No comments:

Post a Comment