22 December 2011

ދީންފަސާދަކުރީ ވެރިންނާއި ނުބައި ޢިލްމުވެރިންނާއި އަޅުވެރީން ނޫން ދެން ކޮންބަޔެއް ހެއްޔެވެ؟

ތަރުޖަމާ: އަލްއަޚް މުޙައްމަދު ޝާފިޢު ބިން ޢަބްދުލްޣަފޫރު
قَالَ عَبْدُ اللهِ بِنْ المُبَارَكُ وَغَيْرُهُ مِنَ السَّلَفِ : صِنْفَانِ مِنَ النَّاسِ إِذَا صَلُحَا صَلُحَ النَّاسُ ، وَإِذَا فَسَدَا فَسَدَ النَّاسُ ، قِيْلَ : مَنْ هُمْ ؟ قاَلَ : المُلُوكُ ، وَالْعُلَمَاءُ
ޢަބްދުﷲ ބިން މުބާރަކާއި ސަލަފުންގެ ތެރެއިން އެނޫންވެސް ބޭކަލުން ވިދާޅުވިއެވެ. މީސްތަކުންގެ ތެރެއިން ދެބާވަތެއްގެ ބަޔަކުވެއެވެ. އެދެބައިމީހުން އިޞްލާޙްވެއްޖެނަމަ މީސްތަކުން އިޞްލާޙްވެއްޖެއެވެ. އަދި އެދެބައިމީހުން ފަސާދަވެއްޖެނަމަ މީސްތަކުން ފަސާދަވެއްޖެއެވެ. ބުނެވުނެވެ. އެއީ ކޮންބައެއްތޯއެވެ؟ ވިދާޅުވިއެވެ. އެއީ ވެރީންނާއި ޢިލްމުވެރިންނެވެ.

قَالَ عَبْدُ اللهِ بِنْ المُبَارَكُ ޢަބްދުﷲ ބިން މުބާރަކު ވިދާޅުވިއެވެ.


رَأَيْتُ الذُّنُوبَ تُمِيْتُ الْقُلُوبَ ، ويُتْبِعُها الذُّلَّ إِدْمَانُها
ފާފަތަކުގެ ސަބަބުން ހިތްތައް މަރުވެގެންދާތީ ތިމަން ދުށީމެވެ.
އަދި އެފާފަތައް ކުރުންމަތީ ދެމިހުރުމުން ނިކަމެތިކަން ގެނުވައެވެ.

وَتَرْكُ الذُّنُوبِ حَيَاةُ الْقُلُوبِ، وَخَيْرٌ لِنَفْسِكَ عِصْيَانُهَا
ހިތުގެ ދިރުމަކީ ފާފަތައް ދޫކޮށްލުމެވެ.
އަދި ތިބާގެ ނަފްސަށް ހެޔޮކަންބޮޑީ ހަވާނަފްސަށް އުރެދުމެވެ.

وَهَلْ أَفْسَدَ الدِّيْنَ إِلاَّ المُلُوكُ، وَأَحْبَارُ سُوْءٍ وَرُهْبَانُهَا
ދީންފަސާދަކުރީ ވެރިންނާއި ނުބައި ޢިލްމުވެރިންނާއި އަޅުވެރީން ނޫން ދެން ކޮންބަޔެއް ހެއްޔެވެ؟

=من كتاب إعلام الموقعين عن رب العالمين لابن قيم الجوزية- فصل علماء الأمة على ضربين =

Read more...

21 December 2011

ޢިލްމާއި، ޢިލްމުގެ އަހުލުވެރިންގެ މާތްކަން

އަލްއަޚް ބިލާލް ޢަބްދުއްސައްތާރު
الحمد لله الذي أوضح لنا سبيل الهداية، وأزاح عن بصائرنا ظلمة الغواية، والصلاة والسلام على النبي المصطفى والرسول المجتبى، المبعوث رحمة للعالمين، وقدوة للسالكين، وعلى آله وصحبه ومن تبعهم بإحسان إلى يوم الدين

ހަމަކަށަވަރުން ޢިލްމު އުނގެނުމަކީ ﷲ ސުބްޙާނަހު ވަތަޢާލާއަށް ވެވޭ ބިރުވެތި ކަމެކެވެ. އެއީ އަޅުކަމެކެވެ. އަދި ޢިލްމު ދިރާސާ ކުރުމަކީ ތަސްބީޙައެކެވެ. ޢިލްމު ހޯދާ އެ ޢިލްމު ލިބިގަތުމައްޓަކައި މަސައްކަތްކުރުމަކީ ޖިހާދެކެވެ. އެހެންމީހުނަށް އެ ޢިލްމު އުނގަންނާދިނުމަކީ ޞަދަޤާތެކެވެ. އަދި ޢިލްމަކީ އެކަނިވާ ވަގުތު މީހާގެ އެކަނި ފިލުވާދޭ އެކުވެރިޔާވެސްމެވެ. ބާއްޖަވެރިކަމާއި ކާމިޔާބަށް މަގުދައްކާދޭ ނޫރެއެއްވެސް މެއެވެ. ދަތިއުނދަގޫ ހާލަތެއްގައި ނަމަ އެހީތެރިޔާއެވެ. ނިޢުމަތުގެ ގޮވަތި ސުވަރުގެއަށް މަގުދައްކާދޭ ޢަލާމާތެއްވެސް މެއެވެ.

ޢިލްމުގެ ސަބަބުން ﷲ ތަޢާލާ މީސްތަކުން މަތިވެރިކުރައްވައެވެ. ހެޔޮކަމަށް މަގު ދައްކާ އިމާމުންކަމުގައި ޢިލްމުވެރިން ވެގެންދެއެވެ. އަދި އެއީ މީސްތަކުން އެމީހުންގެ ކިބައިން ނަމޫނާ ލިބިގަންނަންތިބި މީހުންނެވެ. ޢިލްމުވެރިންނާއި އެކުގައިވުމަށް ﷲތަޢާލާގެ މާލާއިކަތުން ލޯބިކުރައްވައެވެ. އަދި އެ މަލާއިކަތުންގެ ފިޔަތަކުން ޢިލްމުވެރިން ވަށާލައެވެ. ޢިލްމުގެ އަހުލުވެރިންނަށްޓަކައި ކައުނުގައިވާހާ ތަކެއްޗެއް އިސްތިޣްފާރުކުރެއެވެ. ކަނޑުގައިވާ މަސްތަކާއި އެއްގަމުގައިވާ ނަޢަމްސޫފިތަކާއި އުޑާއި އެ އުޑުގައިވާ ތަރިތަކަށް ދާންދެނެވެ. ﷲ ތަޢާލާ ގެ ވަޙި ބަސްފުޅުގައި ވެއެވެ. ” يَرْفَعِ اللَّهُ الَّذِينَ آمَنُوا مِنكُمْ وَالَّذِينَ أُوتُوا الْعِلْمَ دَرَجَاتٍ وَاللَّهُ بِمَا تَعْمَلُونَ خَبِيرٌ ” (މުޖާދަލާ 11 ) . މާނަ : ” ތިޔަބައިމީހުންގެ ތެރެއިން އީމާންވީ މީސްތަކުން ﷲ ތަޢާލަ މަތިވެރިކުރެއްވިއެވެ. އަދި ޢިލްމު ދެއްވި މީހުން ދަރަޖަތަކަށް އުފުއްލެއްވިއެވެ. “
ދަންނާށެވެ. އަނދިރިކަމުން މީސްތަކުންގެ ހިތްތަކަށް ދިރުންގެނެސްދެނީ ޢިލްމެވެ. ބަލިކަށިވެފާވާ ހިތްތަކަށް އާރޯކަން ގެނެސްދެނީވެސް ޢިލްމެވެ. ޢިލުމުގެ ސަބަބުން މީސްތަކުން މަތިވެރިވެގެންވާ ދަރަޖަތަކަށް އުފުލިގެންދެއެވެ. ޢަމަލުތަކުގެ އިމާމަކީ ޢިލްމެވެ. ޢަމަލުތައް ތަބަޢުވަނީ ޢިލްމަށެވެ. ބާއްޖަވެރިކަން ގެނެސްދީ ހިތާމަވެރިކަމުން މީހާ ދުރުކޮށްދޭ އެއްޗަކީ ޢިލްމެވެ.

އަބުއްދަރުދާއު ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ހަދީސްފުޅުކުރައްވަނިކޮށް ތިމަންނާ އަޑުއެހީމެވެ. ” مَن سَلَكَ طَرِيقًا يَلتَمِسُ فِيهِ عِلمًاً سَهَّلَ الله لَهُ طَرِيقًا إِلى الجَنَّة، وإنَّ المَلائِكَةَ لَتَضَعَ أَجنِحَتِهَا لِطَالِبِ العِلمِ رِضًا بِماَ يَصنَع. وإنَّ العَالِم لَيَستَغفِرُ لَه مَنْ فِى السَمَوات ومَن فِى الأَرضِ حَتَّى الحِيتَانُ فِى المَاء، وفَضلُ العَالِم عَلَى العَابِد كَفَضلِ القَمَرِ عَلى سَائِرِ الكَوَاكِبِ. وَإِنَّ العُلَمَاءُ وَرَثَةُ الأَنبِيَاءِ. وَإِنَّ الأَنبِيَاءَ لَم يُوَرِّثُوا دِينَارًا وَلاَ دِرُهَمًا، وَإِنَّمَا وَرَّثُوا العِلمَ، فَمَن أَخَذَه أَخَذَ بِحَظٍّ وَافِر. ” މާނަ : ” ޝަރުޢީ ޢިލްމު ހޯދުމަށް ގަސްތުކޮށް މަގެއްފަހިކޮށްފިމީހާ އަށް ﷲ ތަޢާލާ ސުވަރުގެއަށް މަގު ފަސޭހަކޮށްދެއްވައެވެ. ޢިލްމު އުނގެނޭމީހާ އެ އުނގެނޭ އުނގެނުމާމެދު ރުހިގެންވާހާލު މަލާއިކަތުން ، ޢިލްމުއުނގެނޭމީހާ އަށްޓަކައި އެ މަލާއިކަތުންގެ ފިޔަގަފުޅުތައް ތިރިކޮށްލައްވައެވެ. ހަމަކަށަވަރުންވެސް ޢިލްމުވެރިޔާ އަށް އުޑުތަކާއި ބިމުގައިވާހާތަކެތި އިސްތިޣްފާރުކުރެއެވެ. ކަނޑުގައިވާ މަސްތަކަށް ދާންދެނެވެ. އަދި އަޅުވެރިޔާ ގެ މައްޗަށް ޢިލްމުވެރިޔާ ގެ މަތިވެރިކަމަކީ އުޑުގައިވާ އެހެނިހެން ތަރިތަކުގެ މައްޗަށް ހަނދު މަތިވެރިވެ އުޖާލާވެފާވާ ފަދަ މަތިވެރިކަމެކެވެ. އަދި ހަމަކަށަވަރުން ޢިލްމުވެރިންނަކީ ނަބީބޭކަލުންގެ ވާރުތަވެރިންނެވެ. އަދި ހަމަކަށަވަރުން ނަބީ ބޭކަލުން ވާރުތަކުރެއްވި އެއްޗަކީ ދީނާރާއި ދިރުޙަމު( ރުފިޔާ ފައިސާ) ކަމުގައި ނުވެއެވެ. އެހެނެއްކަމަކު އެބޭކަލުން ވާރުތަކުރެއްވީ ޢިލްމެވެ. އެ ޢިލްމު ލިބިގެންފިމީހާ މަތިވެރިވެގެންވާ ނަސީބެއް ލިބިގެންފިއެވެ. “

ޢިލްމު ދިރާސާކޮށް ޢިލްމު އުނގެނި އުނގަންނާދިނުމުގާ މަޝްޣޫލުވެ އުޅުމަކީ ސުއްނަތް ނަމާދާއި ސުއްނަތް ރޯދައާއި ތަސްބީޙައަށްވުރެ މަތިވެރި ކަމެއްކަމުގައި ވެއެވެ. އެހެނީ ޢިލްމުގެ ފައިދާ ޢިލްމުވެރިޔާ އަށާއި އެހެންމީހުންނަށްވެސް ޢާއްމުވެގެންވެއެވެ. ނަމަވެސް ސުތްނަތްރޯދައާއި ސުއްނަތް ނަމާދު ތަކަކީ އެކަންކުރާމީހާއަށް އެކަނި ހާސިލްވާ ކަމެކެވެ. އަދި ޢިލްމަކީ އެހެނިހެން އަޅުކަންތައް ގޯސްކޮށްކުރެވޭނަމަ އިސްލާހުކޮށްދޭނޭ ވަސީލަތެވެ. އަޅުކަން ރަނގަޅަށް އަދާކުރުމަށްޓަކައި ޢިލްމަށް ބޭނުންވެއެވެ. ޢިލްމުވެރިޔާ ދުނިޔެދޫކުރި ކަމުގައި ވިޔަސް އޭނާ ދޫކުރިޢިލްމުން ދުނިޔޭގައިތިބި މީހުން ފައިދާލިބިގަނެއެވެ. ނަމަވެސް ސުއްނަތްނަމާދުތަކާއި ރޯދަތަކަކީ އެމީހަކު މަރުވެދިޔުމުން އެ ހިސާބުން ނިމިގެންދާ ކަންތައްތަކެވެ. ޢިލްމުވެރިޔާ ދޫކޮށްފާ ދާ ޢިލްމުގެ ސަބަބުން ޝަރީޢަތް ދިރުވާ ދީނުގެ ޝިޢާރުތައް ރައްކާތެރިކުރެވިގެން ދެއެވެ.

ޢަލީ ބުން އަބީތޯލިބު ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. ” ޢިލްމު މުދަލައްވުރެ މާ ހެޔޮކަންބޮޑުވެގެންވެއެވެ. އެހެނީ ޢިލްމު ތިބާ ހިމާޔައްކޮށްދެއެވެ. ނަމަވެސް މުދާ ހިމާޔަތްކޮށްދޭން ޖެހެނީ ތިބާއަށެވެ. ޢިލްމަކީ ތިބާ އެ ހޭދަކޮށް މީސްތަކުންނަށް ފޯރުކޮށްދިންވަރަކުން އިތުރުވެ ތާޒާވާ އެއްޗެކެވެ. ނަމަވެސް މުދާ ހޭދަކުރުމުން މަދުވެގެންދެއެވެ. ޢިލްމަކީ ހާކިމެވެ. ނަމަވެސް މުދަލަކީ އޭގެމައްޗަށް ހުކުމުކުރެވޭ އެއްޗެކެވެ.” ޢިލްމު، ޢިލްމުވެރިޔާ އޭނާ ހައްދަވާގެންގުޅުއްވާ އިލާހަށް ކިޔަމަންތެރިކަން އަދާކުރުމުގެ މަގަށް ގެންދެއެވެ. އަދި ޢިލްމުވެރިޔާ މަރުވެގެން ދިޔުމަށްފަހުގައިވެސް އޭނާ ދޫކޮށްފައި ދިޔަ ޢިލްމެއްގެ ސަބަބުން ދަރުމަ ލިބި ލިބި ހުރެއެވެ.

ޢިލްމުވެރިޔާ މަރުވެގެން ދިޔުމުން ވެސް އޭނާޔާ ޢިލްމު ވަކިނުވެއެވެ. އެ ޢިލްމުގެ ފައިދާ އޭނާއަށް ލިބެމުންދެއެވެ. ނަމަވެސް މުދާވެރިޔާ މަރުވެގެން ދިޔުމުން އޭނާގެ މުދާ އޭނާޔާ ވަކިވެއެވެ. ޢިލްމަކީ އެއަށް ވެރީންނާއި އަދި އެނޫންމީސްތަކުންވެސް ބޭނުންޖެހިފާވާ އެއްޗެކެވެ. ނަމަވެސް މުދާވެރިންގެ ބޭނުންޖެހެނީ، ފަޤީރުންނާއި މަހުރޫމުވެފައިވާމީހުން ނެވެ. އަދި ޢިލްމަކީ ތަވާޟުޢުވެރިކަމަށް މަގުދައްކާއެއްޗެކެވެ. ނަމަވެސް މުދާވެރިކަމަކީ ބޮޑާވެރިމާއި ކިބުރުވެރިކަމަށް މަގުދައްކާ ކަމެކެވެ. ޢިލްމުގެ ސަބަބުން ނިކަމެތި މީހާ ޝަރަފުވެރިމީހަކަށް ބަދަލުކޮށްލައެވެ. އަދި ޝަރަފުވެރިމީހާގެ ޝަރަފުވެރިކަން އިތުރުކޮދެއެވެ.

ޢަޠާއު ބުން ރަބާޙު އަކީ މައްކާގެ އަންހެނެއްގެ އަޅެއްކަމުގައި ވިއެވެ. އެއްފަރެއްގައި ޚަލީފާ ސުލައިމާން ބުން ޢަބްދުލްމަލިކު އެކަލޭގެފާނުގެ ދެ ދަރިކަލުންނާއެކު ވަޑައިގަތެވެ. އަދި އިށީންދެ ވަޑައިގަތެވެ. އޭރު ޢަޠާއު ބުން ރަބާޙު ހުންނެވީ ނަމާދު ކުރައްވާށެވެ. ނަމާދު ކޮށް ނިންމަވާލެއްވުމަށްފަހު އެބޭފުޅުންނާއި ދިމާއަށް ޢަޠާއު ބުން ރަބާޙް އެންބުރިވަޑައިގަތެވެ. އެ ހިނދު ޚަލީފާ ސުލައިމާނު ބުން ޢަބްދުލް މަލިކު އެކަލޭގެފާނާއި ހައްޖުގެ އަޅުކަންތަކާއި ބެހޭގޮތުން ސުވާލުކުރައްވަމުން ގެންދެވިއެވެ. އެއަށްފަހު ސުލައިމާނު ބުން ޢަބްދުލް މަލިކު އެކަލޭގެފަނުގެ ދެ ދަރިންނާ މުޚާތަބު ކުރައްވާ ވިދާޅުވިއެވެ. ތެދުވާށެވެ. ދެން އެ ދެކުދިން ތެދުވިއެވެ. ދެން ވިދާޅުވިއެވެ. އޭ ދެ ދަރިކަލުންނޭވެ. ޢިލްމު އުނގެނުމުގާ ފަރުވާކުޑަކޮށް ވަރުބަލި ނުވާށެވެ. އެހެނީ ތިމަންނަމެން މި އަޅުމީހާގެ ކުރިމަތީގާ ނިކަމެތިވާންޖެހުނު ޖެހުން ތިމަންނާ ހަނދާނެއްނުނެތޭނެއެވެ.

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީސްކުރެއްވި ޞައްޙަ ބަސްފުޅެއްގައި ވެއެވެ. “مَنْ غَدَا إِلَى الْمَسْجِدِ لا يُرِيدُ إِلا أَنْ يَتَعَلَّمَ خَيْرًا أَوْ يُعْلَمَهُ،كَانَ لَهُ كَأَجْرِ حَاجٍّ تَامًّا حِجَّتُهُ” މާނަ: “ދީނުގެ ޢިލްމު އުނގެނުމަށް ނުވަތަ އުނގަންނާދިނުމަށް އެދިގެން މިސްކިތައް ގޮސްއުޅޭ މީހާއަށް ލިބޭ އަޖުރަކީ ފުރިހަމަ ޙައްޖެއް އަދާކުރިމީހާގެ އަޖުރެވެ.”

وأصلي على النبي الأكرم محمد بن عبد الله – صلى الله عليه وسلم – وما كان من صواب فمن الله عز وجل وما كان من خطأ فمني ومن الشيطان
_______________________
www.dhisalafiyyah.net



Read more...

04 December 2011

ނިވާކަމެއް ނެތް ހެދުމާއި ޕާޓީތަކުގެ ބިމުގައި އިސްލާމް ކަމުގެ ނޫރު

ނިޢުމަތުﷲ އިދްރީސް، ހަވީރު ނޫސް
ރިއޯ ޑި ޖެނެއިރޯ (އޯގަސްޓް 23) - "އައްސަލާމް އަލައިކުމް،" ބްރެޒިލްގެ ރިއޯ ޑި ޖެނެއިރޯގައި ބިނާކުރި ފުރަތަމަ މިސްކިތުގައި ރޯދަ ވީއްލުމަށް ފަހު އެތެރެއަށް ވަންނަމުން އުމަރު ސަލާން ގޮވައިލި އެވެ.

އެއީ އޭނާ އަށް ދާދި ފަހުން ދަސްވި އަރަބި ބަސްތަކުގެ ތެރެއިން ބަހެކެވެ. ސަލާން ގޮވާލުމަށް ފަހު އަވަސް އަވަހަށް އުމަރު ޕޯޗްގީޒް ބަހުން ވާހަކަ ދައްކަން ފެށި އެވެ. މިސްކިތް ތެރޭގައި ތިބީ އީސާއީ ދީނުގެ އެންމެ ބޮޑު ގައުމުގައި އުމަރު ފަދައިން ދާދި ފަހުން އިސްލާމްވި މީހުންނެވެ.

އަންހެނުން ނިވާކަން ކުޑަ ހެދުމުގައި ނިކުމެ ޕާޓީކުރުމަށް މަޝްހޫރު ބްރެޒިލްގައި މުސްލިމުންގެ އާބާދީ އަދި ކިތަންމެ ކުޑަ ނަމަވެސް އެ ގައުމުގެ އެކި ނަސްލުގެ މީހުންގެ މެދުގައި ދަނީ މުސްލިމުންގެ އަދަދު އިތުރުވަމުންނެވެ. އެކަމަކު މީގެ އެތައް އަހަރެއް ކުރިން ސުރެ ބްރެޒިލް އަކީ ލީބިއާ، ފަލަސްތީން އަދި ސީރިއާ އަށް ނިސްބަތްވާ އާއިލާތަކުން ނޫނީ މުސްލިމުން ނުފެންނަ ގައުމެކެވެ.

މީގެ ހަތަރު އަހަރު ކުރިން ކްރިސްޓިއަން ފައްޅިއެއްގެ ފާދިރީއަކަށް އުޅުނު އުމަރު އޭނާ އިސްލާމްވި ސަބަބު ކިޔައިދިނެވެ.

"އަހަރެން ބޭނުންވި ހުރިހާ ކަމެއް އިސްލާމް ދީނުން ލިބިއްޖެ. އަހަރެން ބޭނުންވި ގޮތަށް ކަލާނގެ ހަޟްރަތަށް ކުއްތަން ވެވޭ،" އުމުރުން 34 އަހަރުގެ ގްރެފިކް ޑިޒައިނަރު ބުންޏެވެ.

އުމަރު އޭނާގެ އަސްލު ނަން ހާމަކުރަން އިންކާރުކުރި އެވެ. އެކަމަކު އިސްލާމް ވުމަށް ފަހު ކިޔާ ފުރިހަމަ ނަން ބުނެދިނެވެ. އެއީ އުމަރު އިސްރާފީލް ދާއޫދު ބިން އިބްރާހީމް އެވެ.

އުމަރުގެ އަނބިމީހާ ފާތިމާއާ އެކު ހުރެގެން އޭނާ އިސްލާމް ދީނުގެ ފުރިހަމަ ކަމުގެ ވާހަކަ ދެއްކި އެވެ. ފާތިމާ އިސްލާމް ވުމުގެ ކުރިން އޭނާގެ ނަމަކީ އެލަސެންދުރާ ފާރިއާ އެވެ. އަދި އިސްލާމް ވުމަށް ފަހު ފާތިމާ ވަނީ ބުރުގާ އަޅަން ވެސް ފަށައިފަ އެވެ.

"އެންމެ ފުރަތަމަ އަހަރެންގެ މަންމަ އަހަންނާ އެކު ބޭރަށް ދާން ވެސް އުޅުނީ ލަދުން. އަހަރެން ބުރުގާ އަޅަނީ މުސްލިމަކަށް ވާތީ. އެކަމަކު އަހަންނަކީ ބައި މަދު މުޖުތަމައުއަކަށް ނިސްބަތްވާ ބައެއްކަން އެނގޭ،" ފާތިމާ ބުންޏެވެ.

ފާތިމާ ބުރުގާ އަޅައިގެން އުޅުމަކީ ރިއޯ ގައި ގިނަ ބައެއްގެ ލޮލުގައި އަޅައިގަންނަ ކަމަކަށް ވާނެ އެވެ. ގޮނޑުދޮށާއި އެތަން މިތަނުގައި ބިކިނީއާ އެކު ގިނަ މީހުން އުޅުނެއް ކަމަކު ފާތިމާ ބުނީ އޭނާގެ ވިސްނުމަށް މުޖުތަމައުގައި ޖާގައެއް އެބަ އޮތް ކަމަށެވެ.

"ބްރެޒިލް އަކީ ތަފާތު އެކި ސަގާފަތްތަކުގެ މައްޗަށް އެކުލެވިގެންވާ މައްސުނި ގައުމެއް. މި މައްސުނި ކަމަކީ އެއް ބަޔަކު އަނެއް ބަޔަކު ބަލައިގަނެ އިހްތިރާމްކުރުމާ އެކު އުޅެން ފަސޭހަވާ ސަބަބެއް."

ބްރެޒިލްގެ ގިނަ މުސްލިމުން ގޮތަށް އުމަރާއި ފާތިމާ އަކީ ވެސް ވަރަށް ފަހުން އިސްލާމް ދީނަށް ވަން ބައެކެވެ. ސައޫދީ ސަރުކާރުގެ އެހީގައި އެ ދެ މީހުން ވެސް އަންނަ އަހަރު އަރަބި ދަސްކުރަން ސައޫދީ އަށް ފުރާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

ރިއޯގެ އުތުރުން އޮންނަ ޓިޖޫކާގައި ހުރި ކުޑަކުޑަ މިސްކިތް މަރާމާތުކޮށް ބޮޑުކުރީ މީގެ ހަތަރު އަހަރު ކުރިންނެވެ. މިސްކިތަށް އަންނަ މީހުންގެ އެހީއާ އެކު ކުރި ނިސްބަތުން ބޮޑު އެ މަރާމާތަށް ފަހު ވެސް މިސްކިތުގެ ޖާގަ އަކީ 400 އެވެ.

"މުސްލިމުންގެ އަދަދު ދަނީ ގިނަވަމުން. އަދި ގިނައީ އިސްލާމް ދީނަށް ވަންނަ ބްރެޒިލް މީހުން. މީހުން ގިނައިން މި ލިބެނީ އޮންލައިންކޮށް،" ބެނެފިޝެންޓް މުސްލިމް ސޮސައިޓީގެ ތަރުޖަމާނު ސާމީ އިޒްބެލް ބުންޏެވެ.

"ރިއޯގަ އެބަ އުޅޭ މުސްލިމުންގެ ގާތްގަނޑަކަށް 500 އާއިލާ. އޭގެ ތެރެއިން 85 ޕަސެންޓަކީ އަރަބި ގައުމަކާ ގުޅުމެއް ނެތް ސީދާ ބްރެޒިލް އާއިލާތައް،" އޭނާ ބުންޏެވެ.

އެކަމަކު ސާއޮ ޕޯލޯގައި ތަފާތެވެ. އެ ސަރަހައްދުގައި އުޅޭ މުސްލިމުންގެ ގިނަ މީހުންނަކީ އަރަބި ނަސްލުތަކަށް ނިސްބަތްވާ މީހުންނެވެ.

ބްރެޒިލްގައި ބޯހިމަނާއިރު މުސްލިމުންގެ އަދަދެއް ނުބަލަ އެވެ. ބަލަނީ ކްރިސްޓިއަނުންނާއި ޔަހޫދީން އަދި ބްރެޒިލްގެ ސަގާފީ ދީންތަކެވެ. މުސްލިމުން މި ހިމަނަނީ "އެހެނިހެން" ކެޓަގަރީގަ އެވެ.

ބްރެޒިލްގައި މުސްލިމުންގެ އަދަދު އިތުރުވަމުންދާކަން އެންމެ ރަނގަޅަށް އަންގައިދެނީ ނަމާދުކުރާ ތަންތަން ގިނަވަމުން އަންނާތީ އެވެ. މިހާރު އެ ގައުމުގައި 127 މިސްކިތް ހުރި އިރު އެއީ 2000 ވަނަ އަހަރު ހުރި އަދަދަށް ވުރެ ހަތަރު ގުނަ އިތުރު އަދަދެކެވެ.

އިސްލާމް ދީނުގެ ކަންތައް ދިރާސާކުރާ ތަޖުރިބާކާރެއް ކަމަށްވާ ޕޯލޯ ޕިންޓޯ ބުނީ ބްރެޒިލްގައި އިސްލާމް ދީނަށް ޝައުގުވެރިކަން އިތުރުވެ ގިނަ ބަޔަކު ދީނަށް ވަންނަށް ފެށީ ސެޕްޓެމްބަރު އެގާރައިގެ ހަމަލާ އަށް ފަހުގައި ކަމަށެވެ. --އޭއެފްޕީ
__________________________________
ހަވީރު ނޫހުން ނަގާފައިވާ ލިޔުމެއް
ލިޔުމުގެ އަޞްލު ވިދާޅުވޭ


Read more...

14 November 2011

ހެޔޮ ކަންކަމަށް ގޮވައިލުމުގެ އަދަބުތައް

އައްޝައިޚް ޢަބްދުﷲ ފާރޫގް ޙަސަން
ޙިމްޔަރު ވަންހަ އަކީ ޤަދީމީ ޢަރަބި ކަރައިގެ ބާރުގަދަ ޤަބީލާއެކެވެ. އެ ޤަބީލާ އިން އެތަކެއް ސަތޭކަ އަހަރެއް ވަންދެން ޔަމަނު ކަރައިގައި ރަސްކަން ކުރިއެވެ. އިތުރު ސާހިބާ ޞައްލަﷲ ޢަލައިހި ވަ ސައްލަމަ ޙިމްޔަރު ވަންހައިގެ ޝާހީ ޢާއިލާގެ މެމްބަރުންނަށް ދީނަށް ގޮވައިލެއްވުމުގެ ފަތްކޮޅެއް ފޮނުއްވިއެވެ. ޞުލްޙުލް ޙުދައިބިއްޔާ އަށް ފަހު އެކި ދައުލަތްތަކުގެ ރަސްރަސްކަލުންނަށް ދީނަށް ގޮވައިލެއްވުމުގެ ފަތްކޮޅުތަކެއް ފޮނުއްވި ދުވަސްވަރުއެވެ. މި ޙާދިޘާގެ ތަފްސީލުތައް ޠަބަޤާތު އިބްނު ސަޢްދުގައްޔާއި، އަލްބިދާޔަތު ވައްނިހާޔަތުގައްޔާއި އަދި އެ ނޫން ވެސް ވަރަށް ގިނަ ފޮތްތަކުގައި އައިސްފައި ވެއެވެ.

އިތުރު ސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙިމްޔަރު ވަންހައިގެ ޝާހީ ޢާއިލާ އަށް ފޮނުއްވި ފަތްކޮޅާއިގެން ދަތުރުފުޅު ކުރެއްވީ ޢައްޔާޝް ބިން ރަބީޢަތު ރަޟިޔަﷲ ޢަންހެވެ. ކައު ސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަލޭގެފާނާ ފަތްކޮޅު ޙަވާލު ކުރެއްވުމަށް ފަހު ވަރަށް ގިނަ އިރްޝާދުތައް ދެއްވިއެވެ. އޭގެ ތެރޭގައި ވެއެވެ. "ދަތުރުފުޅު މަތީގައި އަޢޫޛު ވިދާޅުވަމުން ވަޑައިގަންނަވާށެވެ. ކަލޭގެފާނުގެ މަންޒިލަށް ވަޑައިގެންފައި އެންމެ ފުރަތަމަ ދެ ރަކްޢަތް ނަމާދެއް ކުރައްވާށެވެ. އެއާ ވިދިގެން ކަލޭގެފާނުގެ ދަޢުވަތުގެ ކާމިޔާބީ އަށް އެދިވަޑައިގެން ދުޢާ ކުރައްވާށެވެ. އެއަށްފަހު ވަޑައިގެން ސިޓީ ރައްދު ކުރައްވާށެވެ."

ޢައްޔާޝު ކަންތައް ކުރެއްވީ ކައު ސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ނަޞޭޙަތްޕުޅާ އެއްގޮތަށެވެ. ދަތުރުފުޅު މަތީގައި ގިނަގިނައިން އަޢޫޛު ވިދާޅުވިއެވެ. އެކަލޭގެފާނުގެ މަންޒިލަށް ވަޑައިގެން ދެ ރަކްޢަތް ނަމާދެއް ކުރެއްވިއެވެ. އެކަލޭގެފާނު ތެދުމަށް ގޮވާލައްވާ އަމީރުންގެ ޙައްޤުގައި ހެޔޮ ދުޢާފުޅު ކުރެއްވިއެވެ. ޙިމްޔަރު ވަންހައިގެ ޝާހީ ޢާއިލާގެ ބޭފުޅުންނާ ޢައްޔާޝު ބައްދަލު ކުރެއްވީ އެއަށްފަހުއެވެ. ތާރީޚުގައި ބަޔާން ކުރެވިފައި ވާ ގޮތުގައި ޢައްޔާޝުގެ ދަޢުވަތުން އެ ތިން އަމީރުންގެ ހިތްޕުޅަށް ވަރަށް ބޮޑަށް އަސަރު ކުރިއެވެ. ޢައްޔާޝުގެ ދަޢުވަތަށް ލައްބައިކަ އޭ ޖަވާބު ދެއްވައި އިސްލާމް ވެވަޑައިގެންނެވިއެވެ. މި ޙާދިޘާ ހިނގައިފައި ވަނީ ހިޖުރައިން ނުވަވަނަ އަހަރުއެވެ.

މި ޙާދިޘާ އިން އެނގެނީ ހެޔޮ ކަންކަމަށް ގޮވައިލާ މީހުންގެ ސުލޫކު ހުންނަން ވާނެ ގޮތެވެ. މަގު އޮޅިފައި ވާ މީހަކަށް ހެޔޮ ކަމަކަށް ދަޢުވަތު ދޭ އިރު، ދަޢުވަތު ރައްދު ވާ މީހެއްގެ ގާތަށް ރުޅި އައުމުގެ އެކަށޭނަކަން ވެސް އޮވެއެވެ. އެ މީހެއްގެ "އަހަރެންވަންތަކަން" ހޭލައިގަތުމުގެ ފުރުސަތު ވެސް އޮވެއެވެ. އެ މީހަކު ނާތަހްޒީބު ގޮތަކަށް ޖަވާބު ދިނުމަކީ ވެސް ވެދާނެ ކަމެކެވެ. ހެޔޮ ކަންކަމަށް ގޮވައިލާ މީހުންނަށް އެ މީހަކު ހަރުކަށި ޖަވާބެއް ދިނުމުގެ އެކަށޭނަކަން ވެސް އޮވެއެވެ.

މި ދެންނެވި ފަދަ ވަގުތު ވަގުތުތަކުގައި ދާޢީންނަށް ޖެހޭނީ ޙައްދެއް ނޯންނަ ވަރަށް ރުޅި މަޑު ކުރާށެވެ. ދަޢުވަތު ރައްދު ވާ ފަރާތުން ނާތަހުޒީބު ޢަމަލެއް ކުރިޔަސް އަދި އެޔާ ވިދިގެން ތިމާމެންގެ ހިތްތަކުގައި ރައްދު ޖަވާބެއް ދިނުމުގެ ޚިޔާލު އުފެދުނު ކަމުގައި ވިޔަސް އެއީ ޝައިޠާނީ ޙަރަކާތެއް ކަމުގައި ބަލައި މާތް ﷲ ގެ ޙަޟުރަތުން ރައްކާތެރިކަމަށް އެދޭށެވެ. ޝައްކެއް ނެތެވެ. ހެޔޮ ކަމަށް ގޮވައިލާ މީހުންގެ ހިތްތަކުގައި އެބައިމީހުންގެ ދަޢުވަތު ރައްދު ވާ ފަރާތާ މެދު އިޚްލާޞްތެރިކަމާއި ހެޔޮ އެދުމުގެ ޝުޢޫރު އޮންނަން ޖެހޭނެއެވެ. އެ ޝުޢޫރުގެ ބާރުގައި، ދަޢުވަތު ރައްދު ވާ ފަރާތަށް ހެޔޮ ދުޢާ ކުރެވެން ފަށާ ވަރަށެވެ. އެބައިމީހުންނަށް ހަމަ ވިސްނުން ލިބި ހެޔޮ މަގަށް އެޅުމަކީ ތިމާމެން އެ ކަމަކަށް ދަހިވެތި ވާ ކަމެއް ކަމުގައި ވާ ވަރަށެވެ.

Read more...

25 October 2011

އޭ ލޯބިވާ މަންމައާއި ބައްޕައެވެ

އަލްއަޚް އަޙްމަދު ރިމާޒް
އޭ އަހަރެންގެ ލޮލުގެ ފިނިކަން ކަމުގައިވާ މަންމާއެވެ.
އޭ އަހަރެންހެ ހިތުގެ ދިރުންކަމުގައިވާ ބައްޕާއެވެ.
އަހަރެން މިސިޓީ ލިޔުމުގެ ކުރިން ވަރަށް ވިސްނީމެވެ.
މިސިޓީ ލިޔަން ވަރަށް ފަސްޖެހުނީމެވެ. ސަބަބަކީ މަންމައާއި ބައްޕައަށްޓަކައި އަހަރެންގެހިތުގައިވާ މަތިވެރި ދަރަޖައެވެ. ތި ދެމައިންނަށްޓަކައި އަހަރެންގެ ހިތުގައިވާ އިޙްތިރާމެވެ.
އެކަމަކު ވަގުތު ފާއިތުވަނީއެވެ. ވަގުތު ފާއިތުވުމުގެ ކުރިން މަންމަމެންނަށް އަހަރެންގެ ހިތުގައިމިވާ އުދާސްތައް ބަޔާންކުރަން ބޭނުމެވެ.

އަހަރެން މިދުނިޔެ އުފަންވި ދުވަހަކީ މަންމައާއި ބައްޕަ އެންމެ އުފާވި ދުވަސްކަން އަހަރެންނަށް އެގެއެވެ. މަންމަމެން އެދުވަހު ވީ އުފަލުން ލޮލޮން އުފާވެރިކަމުގެ ކަރުނަ އޮހޮރިގެން ދިޔައެވެ.
އެންމެ ރީތި ހެދުންތަކާއި ކުޅޭ ސާމާނު އަހަންނަށް ގަނެދިނެވެ.
އެއައްފަހު އެންމެ މަތިވެރި ތަރުބިއްޔަތަކުން އަހަރެން ތަރުބިއްޔަތު ކުރީމުއެވެ.
އަދި އެންމެ މަތިވެރިވެގެންވާ ރީތި އަޚްލާގީ ސިފަތަކުން އަހަރެން ޒީނަތްތެރި ކުރުވީމުއެވެ.
ﷲ ތިދެމައިންނަށް އެއިލާހުގެ ތަނަވަސް ރަހްމަތުން ރަހްމަތްލައްވާށި! އަދި ގިނަގުނަވެގެންވާ ސަވާބާއި ދަރުމަ ދެއްވާށި!
ދުނިޔެއާއި އާޚިރަތުގައި ތި ދެމައިންގެ ގަދަރު އުފުއްލަވާށި!
އަދި ތި ދެމައިން ސުވަރުގޭގެ އެންމެ މަތީ ފިރްދައުސްގައި ލައްވާށި!
އެކަމަކު މަންމަމެންގެ ވަޒީފާއާއި ހުރެ މަންމަމެންގެ ލޯއްބާއި އަޅާލުމާއި އެޙީތެރިކަމުން ފަހުން މަހްރޫމްވިއެވެ.
އަހަރެންގެ ހާލުބަލާލާނެ ވަގުތެއް މަންމަމެންނަކަށް ނުވެއެވެ.
އަހަރެންގެ ސްކޫލްގެ ކިޔެވުމާއި ބެހޭގޮތުން ސުވާލުކޮއްލާނެ ވަގުތެއް މަންމަމެންނަކަށް ނުވެއެވެ.
އަހަރެންގެ ރައްޓެހިންނަކީ ކޮންކަހަލަ ބައެއްކަމެއް މަންމަމެންނެއް ނުބަލަމުއެވެ.
އަހަރެން ގެއިން ބޭރަށްދަނީ ކީއްކުރަންކަމާއި ގެއަށް އެބުރި އަންނަނީ ކޮންއިރަކުކަމެއް މަންމަމެނެއް ނުބަލަމުއެވެ.
އަހަރެންގެ ސްކޫލް ފޮތްތަކާއި، ރިޕޯޓްފޮތްވެސް ބަލާލާނެ ވަގުތެއް މަންމަމެންނަކަށް ނުވެއެވެ.
ލޯބިވާ މަންމައާއި ބައްޕާއެވެ!
އަހަރެން ސްކޫލުދޮށުން ބަލާ އަންނަ ގޭގެ މަސައްކަތުމީހާ ލަސްވެ، އެކަނި މާއެކަނި މަގުމަތީ އެތައް އިރަކު ހުންނަކަން މަންމަމެންނަށް އެގޭހެއްޔެވެ؟
އެހެންކުދިންގެ މައިންބަފައިން އެކުދިންގެ އަތުގައި ހިފައިގެން ގެއަށް ގެންދާ މަންޒަރު އަހަންނަށް ފެނުމުން އެގޮތަށް އަހަންނާއި މެދު މަންމަމެން ކަންތައްކުރަން އަހަރެންވެސް ބޭނުންވާކަން މަންމަމެންނަށް އެގޭހެއްޔެވެ؟
ސްކޫލުގެ ބައެއްފިލާވަޅުތައް އަހަރެންނަކަށް ދޭހައެއްނުވެއެ. އަދި ބައެއް ތަމްރީނުތައް އަމިއްލައަށް ހަދާކަށް އަހަރެންނަކަށް ނޭގެއެވެ.
މިކަންތަކާއި ހުރެ ކުލާހުގައި އަހަންނަށް އަދަބުދެވެނީ ކިހާވަރަކަށް ކަން މަންމަމެންނަށް އެގޭހެއްޔެވެ؟
ކޮންމެ ދުވަހަކު ކުލާހުގައި ހުރިހާ ކުދިންގެ ކުރިމަތީ މުދައްރިސުން އަހަރެންނާއި ސުވާލުކުރެއެވެ.
އަހަރެން ފިލާވަޅުތައް ނަހަދާއަންނާތީއެވެ.
ސުވާލުތަކަށް ޖަވާބު ނުދެވޭތީއެވެ.
މުދައްރުސުން އަހަރެންގެ މަންމައާއި ބައްޕަކޮބާހޭ ސުވާލުކުރެއެވެ.
މަންމަމެން އަހަރެންނަށް އެހީތެރިނުވަނީހޭ، އަހަރެންގެ ފޮތްތައް ނުބަލަނީހޭ ސުވާލުކުރެވެ
ހުރިހާ ކުދިންގެ ކުރިމަތީ މި ގޮތަށް ކަންތައްވާ ކޮންމެ ހިނދަކު އަހަރެންގެ ހިތް ކުދިކުދި ވެގެންދެއެވެ.
އަހަރެންނަށް ގިސްލާރޮވެއެވެ.
މަންމަމެންނަށް އަޅެފަހެ މިކަން އެގޭހެއްޔެވެ.
ސްކޫލަށް ގަޑިޖެހިންދާތީ ސުޕަވައިޒަރުން އަހަންނާއި ސުވާލުކުރެވެ؟
އެހެންކުދިން އިންޓަވަލަލް ކުރަން އެއްޗެހި ގެންނައިރު އަހަރެން އިންޓަވަލް ކުރަން އެއްޗެއް ނުދޭކަން މަންމަމެންނަށް އިނގޭ ހެއްޔެވެ؟
އަހަރެން ކިޔަވަނީ ކޮން ކުލާހެއްގަކަމާއި، ކޮން ގްރެޑެއްގަކަން މަންމަމެނަށް އަޅެ އިގޭހެއްޔެވެ؟
އަހަރެންގެ ރައްޓެހިން އަހަރެން ކައިރީ ބުނެއވެ. އެކުދިންގެ މަންމަމެންނާއި އެކީ ފިލާވަޅުތައް މުރާޖަޢާ ކުރާވާހަކަ. އަދި އަހަރެންގެ ކައިރިން މަންމަމެންނާއި އެކީ ފިލާވަޅު މުރާޖަޢާ ކުރިން ހޭ އެކުދިން ސުވާލުކުރެވެ؟
ލޯބިވާމަންމައާއި ބައްޕާއެވެ. އެކަހަލަ ވަގުތު އަހަރެން ހާދަ ދެރައެއްވެއެވެ. އަކަމަކު މަންމަމެންގެ ގަދަރާއި އިހްތިރާމް އެކުދިންގެ ކުރިމަތީ ގެއްލި މަންމަމެންނަށް މަލާމާތް ކޮށް އިހާނެތި ބަހެއްބުނެފާނެ ކަމަށްޓަކައި އަހަރެން ދޮގުހަދަމެވެ. އަހަރެންވެސް މަންމަމެންނާއި އެކީ ފިލާވަޅުތައް މުރާޖައާކުރީމެވެ.
އާއެކެވެ.......މަންމަމެންނަޓަކައި އަހަރެން އެކުދިން ކުރިމަތީ ދޮގުހަދަމެވެ.
މަންމަމެންދެކެ އަހަރެން ވާ ލޯއްބެއްގެ ސަބަބުންނެވެ. މަންމަމެން ފަޟީހަތް ވެދާނެތީ އަހަރެން މި އުޅެންޖެހޭ ހާލު މަންމަމެންނަށް އެގޭހެއްޔެވެ؟
އަހަރެން ފާއިތުވެގެންމިދިޔަ އަހަރުތަކުގައި ކުރަމުންމިދާ ހިތާމައާއި އިހްސާސްކުރަމުންމިދާ ހިތްދަތިކަމުގެ ސަބަބުން ހިތް މިވަނީ ހަލާކުވާން ކައިރިވެފައެވެ. އަހަރެންގެ އަޑު މިވަނީ ކުރަކި ވެފައެވެ.
އަހަރެން ބޭނުންވަނީ ހަމައެކަނި ކާނެ ތަކެއްޗާއި ލާނެ އަންނައުނު ހޯދަދޭ މައިންބަފައިންނެއް ނޫނެވެ.
އަހަރެން ބޭނުންވަނީ އަހަންނަށް އަޅާލާ ލޯބިކުރާ އަހަރެންގެ އުފަލާއި ހިތާމައިގައި ހިއްސާވާ މައިންބަފައިންނެވެ.
އަހަރެންނަށް އޯގާތެރިވާ ނަސޭޙަތްތެރިވެ އިރުޝާދުދީ އެހީތެރިވާނެ ނަމޫނާ މައިންބަފައިންނެވެ.
އަހަރެންނާއި ތަފާތު ފާޑުފާޑުގެ ކުދިންނާއި ދިމާވެއެވެ. އެކުދިންތައް ފާޑުފާޑުގެ ކަންތައްތަކަށް އަހަންނަށް ހިތްވަރުދީ ވަސްވާސް ދެއެވެ. އަހަންނަށް މި ކުދިންނަކީ ކޮންކަހަލަ ކުދިބައެއްކަމާއި، ހެޔޮނުބައި ކަންތައްތައް މަންމަމެން ބުނެދޭނީ ކޮންއިރަކުބާވައެވެ.
އަހަރެން ކުރާ ޢަމަލެއްގެ ސަބަބުން މަންމަމެންނަށް ހުތުރުނަމެއް ލިބުމުގެ ކުރިން އަހަރެންނަށް ހެޔޮނުބައި ބުނެދީބަލާށެވެ.އަހަރެން މަންމަމެންނަށް އުރެދޭކަށް ބޭނުމެއް ނޫނެވެ. މަންމަމެން ކުރިމަތީޒުވާބު ކުރާކަށް ބޭނުމެއް ނޫނެވެ. އަހަރެން ބޭނުމީ މަންމަމެން މާދަމާ އަހަންނާއި މެދު ފަޚުރުވެރިވާ މޮޅު ކުއްޖަކަށް ވާށެވެ. މައިންބަފައިންނަށް ކިޔަމަންތެރި ސާލިހު ދަރިއަކަށްވާށެވެ. މަންމަމެންގެ ހެޔޮކަމުގެ ތިލަފަތަށް ބަރުކުރާ ފަރާތަކަށް ވާށެވެ
ލޯބިވާ މަންމާއެވެ. ލޯބިވާ ބައްޕާއެވެ.
އަހަރެން މި އެކަނިވެރިކަމާއި ހިތާމައިގެ ފުން ކަނޑަށް ޣަރަގުވުމުގެ ކުރިން ސަލާމަތްކޮށްދޭށެވެ.
އަހަރެން ......................... ހަލާކުކުރުމުގެ ކުރިން ސަލާމަތްކޮށްދޭށެވެ.
ނުބައި ގޯސްބަޔަކު އަހަރެންގެ އަތުގައި ހިފުމުގެ ކުރިން އަހަރެންގެ އަތުގައި ހިފައި ސަލާމަތްކޮށްދޭށެވެ.

ލިޔުނީ
މަންމައާއި ބައްޕަ، ހަދާންނައްތާލާ އެކަހެރި ކޮށްލާފައިވާ ދަރިފުޅު

Read more...

19 October 2011

ތައުޙީދުއް ރުބޫބިއްޔާ

އައްޝައިޚް އަބޫބަކްރު އިބްރާހިމް، ހިންނަވަރު
ތައުޙީދުއްރުބޫބިއްޔާ ގެ މުރާދަކީ ޢާލަމްތަކާއި އެތަންތާގައިވާ އެންމެހައި ތަކެއްޗެއް ހައްދަވައި، އެތަކެތި ތަރުބިއްޔަތު ކުރައްވައި، އެތަކެއްޗަށް ރިޒްޤު ދެއްވައި ހައްދަވަނީ ހަމައެކަނި ﷲ ސުބްޙާނަހޫ ވަތަޢާލާކަން ޤަބޫލް ކުރުމެވެ. އަދި އެތަކެތި މަރުއްވައި، ފަނާ ކުރައްވައި ހައްދަވަނީވެސް ހަމައެކަނި ﷲ ސުބްޙާނަހޫ ވަތަޢާލާކަމުގައި ޤަބޫލުކޮށް ޔަޤީން ކުރުމެވެ.

އަދި އެންމެހައި ތަކެތީގެ ހުރިހައި ބޭނުންތަކެއް ފުއްދަވައި ދެއްވައި، ތަނަވަސް ކަމާއި މުއްސަދިކަމާއި، އުފަލާއި އަރާމާއި، މިކަންކަން ދެއްވުމުގެ ވެރިޔަކީ ހަމައެކަނި ﷲ ސުބްޙާނަހޫ ވަތަޢާލާކަމާއި، އަދި ފަޤީރުކަމާއި ދަތިކަމާއި، ހިތާމަޔާއި ވޭނާއި، އަދި މުސީބާތްތައް ފިއްލެވުމުގެ ވެރިފަރާތަކީ ވެސް ހަމައެކަނި ﷲ ސުބްޙާނަހޫ ވަތަޢާލާކަމުގައި ހިތުގެ އަޑިން ޤަބޫލުކޮށް އެކަމުގެ މައްޗަށް އީމާން ވުމެވެ. އަދި އެ އިލާހު އިރާދަކުރެއްވި ކޮންމެ ކަމެއް ކުރެއްވުމަށް ކުޅަދުންވަންތަ އިލާހު ކަމުގައި ޔަޤީން ކުރުމެވެ. އަދި މިދެންނެވި ބާވަތުގެ އެއްވެސް ކަމެއް ކުރެއްވުމުގައި އެއިލާހު އާއި ބައިވެރިވާ އެހެން އެއްވެސް އެއްޗެއް ނުވާކަމުގައި ކަށަވަރުކޮށް ޔަޤީން ކުރުމެވެ. މިއިން އެއްވެސް ކަމެއްގައި ﷲ ސުބްޙާނަހޫ ވަތަޢާލާއާ އެކު އެހެން އެއްޗެއް ބައިވެރިވާ ކަމުގާ ޔަޤީން ކޮށްފިނަމަ ތައުޙީދު ގެއްލުނީއެވެ. ޝިރުކު ކުރެވުނީއެވެ. މިހެން އީމާންވުންވެސް ވަނީ ތައުޙީދުގެ މިބައިގެ ތެރެއިންނެވެ.
ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވާފައި ވެއެވެ.
"الْحَمْدُ لِلَّهِ رَبِّ الْعَالَمِيْنَ" (سورة الفاتحة 1)
މާނައީ: "އެންމެހައި ޙަމްދާއި ތަޢުރީފް ޙައްޤު ވެގެންވަނީ ޢާލަމް ތައް ހައްދަވައި، އެތަކެތި ތަރުބީޔަތު ކުރައްވާ، އެތަކެތީގެ ރައްބަށެވެ."

އަދިވެސް އެހެން އާޔަތެއް އެއްގައި ﷲ ސުބްޙާނަހޫ ވަތަޢާލާއީ އެންމެހައި ޢާލަމްތަކުގެ ވެރި ރައްބު ކަން ބަޔާންކޮށް ވަޙީ ކުރައްވާފައިވެއެވެ.
"اللهُ خَالِقُ كُلِّ شَيْءٍ" (الزمر 62)
މާނައީ: "ﷲ އީ ހުރިހައި ތަކެއްޗެއް ހައްދަވާ އިލާހެވެ."

އަދި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ މިފަދައިން ދުޢާ ކުރައްވާފައި ވެއެވެ.
(اللَّهُمَّ رَبَّ السَّمَاوَاتِ وَرَبَّ الأَرْضِ وَرَبَّ الْعَرْشِ الْعَظِيْمِ رَبَّنَا وَرَبَّ كُلِّ شَيْءٍ) (رواه مسلم) މާނައީ: "އޭ ހައްދަވައި ބޮޑު ކުރެއްވި ރައްބު އެވެ! އުޑުތަކާއި، ބިމާއި، ބޮޑުވެގެންވާ ޢަރުޝިއާއި، އަޅަމެންނާއި، އަދި ހުރިހައި ތަކެތި ހައްދަވައި ބޮޑު ކުރައްވާ ރައްބު އެވެ." މިއެވެ.

ސުވާލު:
(1) ތައުޙީދުއްރުބޫބިއްޔާއިން އެދެވޭ މުރާދަކީ ކޮބައި ހެއްޔެވެ؟
(2) ހުރިހައި ތަކެތި ހައްދަވާ ރިޒުޤު ދެއްވާ އެތަކެތި ފަނާކުރެއްވުމުގެ ވެރި ފަރާތަކީ ކޮބައިހެއްޔެވެ؟
(3) ޚަލްޤުތަކުންގެ ބޭނުންތައް ފުއްދަވައި އުދަގޫތައް ފިއްލަވަނީ ކާކުހެއްޔެވެ؟
(4) ރުބޫބިއްޔާގެ ގެ މައްޗަށް ދަލީލްކުރާ އާޔަތަކާއި ޙަދީޘް އެއް ބަޔާން ކުރޭ!
__________________________
ޝައިޚް އަބޫބަކްރު އިބްރާހިމް ލިޔުއްވާފައިވާ "ރިސާލަތުއްތައުޙީދި ފޮތުން ނަގާފައި"

Read more...

13 October 2011

އަލްއިމާމުއް ޠަޙާވީ ރަޙިމަހުﷲ

އަލްއަޚް މުޙައްމަދު ސިނާން
އަލްއިމާމުއް ޠަޙާވީ ރަޙިމަހުﷲ ގެ ނަންފުޅަކީ އަބޫ ޖަޢުފަރު އަޙްމަދު ބިން މުޙައްމަދު ބިން ސަލާމާ ބިން ސަލްމަތު ބިން ޢަބްދުލްމަލިކު ބިން ސަލަމަތު ބިން ސަލީމް ބިން ސުލައިމާން ބިން ޖަވާބުލްއަޒްދީ އައްޠަޙާވީއެވެ. އެކަލޭގެފާނު ނިސްބަތްވެފައިވަނީ މިޞްރުގެ އަވަށަކަށެވެ. އުފަންވެވަޑައިގެންފައިވަނީ ހިޖުރައިން 239 ވަނަ އަހަރުއެވެ.

އެކަލޭގެފާނު އުޅުއްވި ޒަމާނަކީ ފިޤުހާއި ޙަދީޘް ޢިލްމުގެ ރަން ޒަމާނެވެ. އެކަލޭގެފާނު އެންމެ ފުރަތަމަ ޢިލްމު ހޯއްދަވާފައިވަނީ، އަލްއިމާމުއް ޝާފިޢީ ރަޙިމަހުﷲގެ އެންމެ އިސްދަރިވަރުކަމުގައިވާ، އެކަލޭގެފާނުގެ މަންމަ ފަރާތުގެ ބޮޑުބޭބެ އިސްމާޢީލް ބިން ޔަޙްޔާ އަލްމުޒަނީގެ އަރިހުންނެވެ. ހަމައެފަދައިން މިޞްރަށް ވަޑައިގަންނަވާ ކޮންމެ ޢިލްމުވެރިޔެއްގެ ކިބައިން ޢިލްމު ހޯއްދެވުމަށް ގަދައަޅައި މަސައްކަތް ކުރެއްވިއެވެ. އެކަލޭގެފާނު ޢިލްމު ލިބިވަޑައިގެންނެވި ޢިލްމުވެރިންގެ ޢަދަދު ތިންސަތޭކައަށް އަރައެވެ.

ފިޤްހީ މައްސަލަތައް ދިރާސާކުރެއްވުމުގައި އިމާމް އަބޫ ޙަނީފާ ރަޙިމަހުﷲ ގެ މަޝްހޫރު ދެދަރިވަރުން ކަމުގައިވާ އަބޫ ޔޫސުފް ޔަޢްޤޫބު ބިން އިބްރާހީމުލް އަންޞާރީއާއި، އަބޫ އަބްދުﷲ މުޙައްމަދު ބިން އަލްޙަސަން އައްޝައިބާނީ ރަޙިމަހުމަﷲ ގެ ފޮތްތަކަށް ގިނަގިނައިން ރުޖޫޢަވަޑައިގަންނަވައެވެ. ނަތީޖާއެއްގެ ގޮތުން އިމާމް ޠަޙާވީ ރަޙިމަހުﷲ ފިޤްހީ މައްސަލަތަކުގައި ބުރަވެވަޑައިގަންނަވާ މަޛްހަބެއްގެގޮތުގައި އިމާމް އަބޫ ޙަނީފާގެ މަޛްހަބު ޚިޔާރުކުރެއްވިއެވެ.

އެކަލޭގެފާނަކީ އެކަލޭގެފާނުގެ ޒަމާނުގައި ފިޤްހުން އަރާ ހުންނެވި ބޭކަލެކެވެ. ހަމައެފަދައިން ޙަދީޘް ޢިލްމުގައިވެސް ފާހަގަކުރެވޭ ބޭކަލެކެވެ. އެކަލޭގެފާނު ލިޔުއްވާފައިވާ ފޮތްތަކަކީ ނުހަނު ގިނަގުނަ ފައިދާތަކެއް އެފޮތްތަކުން ލިބިދޭ، ޢިލްމުވެރިން އެފޮތްތަކަކަށް އިޢްތިމާދުވާ ފޮތްތަކެކެވެ. އެކަލޭގެފާނު ލިޔުއްވާފައިވާ މުހިއްމު ފޮތްތަކުގެ ތެރޭގައި:

1. އަލްޢަޤީދަތުއް ޠަޙާވިއްޔާ
2. މަޢާނިލް އާޘާރު
3. މުޝްކިލުލް އާޘާރު
4. އަޙްކާމުލް ޤުރުއާން
5. އަލްމުޚްތަޞަރު
6. ޝަރްޙުލް ޖާމިޢުލް ކަބީރު
7. ޝަރްހުލް ޖާމިޢުލް ޞަޣީރު
8. އައްޝުރޫޠު
9. އައްނަވާދިރުލް ފިޤްހިއްޔާ
10. އައްރައްދު ޢަލާ އަބީ ޢުބައިދު
11. އައްރައްދު ޢަލާ ޢީސަ ބިން އަބާން، މިފަދަ އެތައް ފޮތެއް ހިމެނެއެވެ.

އެކަލޭގެފާނު އަވަހާރަވެފައިވަނީ ހިޖުރައިން 321 ވަނަ އަހަރުއެވެ. އޭރު އެކަލޭގެފާނުގެ ޢުމުރަކީ 82 އަހަރެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ އެކަލޭގެފާނަށް ރަޙްމަތް ލައްވާށި!
_______________
އަޞްލު: ދިސަލަފިއްޔާ

Read more...

11 October 2011

ނަމާދުގެ ފިނިކަން

އަލްއަޚް މުޙައްމަދު ޝާފިޢު ބިން ޢަބްދުލްޣަފޫރު
ނަމާދުގެ ޙަޤީޤީ ފޮނިކަމާއި ލައްޒަތު އަޅުގަނޑުމެން ނަމާދު ކުރާއިރު އިޙްޞާޞްކުރެވޭ ބާއެވެ؟ ނަމާދުގެ ސަބަބުން އަޅުގަނޑުމެންނަށް ލިބެންވީ ފައިދާތައް ޙަޤީޤަތުގައި އަޅުގަނޑުމެންނަށް އެބަ ލިބޭބާއެވެ؟ އަޅުގަނޑުމެން ގިނަ ފަހަރަށް ނަމާދުކުރަނީ މިސްކިތުގައި ނިތްތަޅާލާ އުޞޫލުންނެވެ. ނަމާދު އެ އަދާކުރަންވީ ގޮތުގައި ކުރެވޭނީ، ނަމާދަކީ ކޮން އެއްޗެއްކަން އަދި ނަމާދު ކުރަންވީ ކިހިނެއްކަން އެނގިގެންނެވެ. ނަމާދާއިމެދު ވިސްނާލަމާ ހިނގާށެވެ

ނަމާދު އެކުލެވިގެންވަނީ މައިގަނޑު ތިން ބައެއްގެ މައްޗަށެވެ. އޭގެތެރޭގައި ހަށިގަނޑުން ކުރާ ޙަރަކާތްތަކާއި، ދުލުން ކިޔާ ބަސްތަކާއި، ހިތުގެ ޢަމަލު ހިމެނެއެވެ. ހަށިގަނޑުން ކުރާ ޙަރަކާތްތަކުގެ މިސާލަކީ ނަމާދުގައި ކޮޅަށްހުރުމާއި، ރުކޫޢުކުރުމާއި، ސަޖިދަކުރުމާއި، އިށީނދެ އިނުމާއި، ދެއަތް ދެކޮނޑާ ހަމައަށް އުފުލުން ފަދަ ކަންކަމެވެ. ދުލުން ކިޔާ ބަސްތަކުގެ މިސާލަކީ ތަކްބީރު ކިޔުމާއި، ތަޞްބީޙަކިޔުމާއި، ތަޙްމީދުކިޔުމާއި، ކީރިތި ޤުރުއާން ކިޔެވުމާއި، ފާފަފުއްސެވުން އެދި ދެންނެވޭ ދެންނެވުން (އިސްތިޣްފާރު) އާއި އެކިއެކި ކަންކަމަށް އެދި ކުރެވޭ ދުޢާއެވެ. ނަމާދުގެ ހިތުގެ ޢަމަލުގެ މިސާލަކީ ނަމާދުގައި މާތް ﷲ ގެ ޙަޟްރަތާއި އަޅާ ގުޅިފައި ހުންނަ ގުޅުމާއި، ދުނިޔޭގެ ދިރިއުޅުމުން ވިސްނުން އެއްކިބާކޮށްގެން ހުންނަ ހުރުމާއި، ބިރުވެތިކަމާއި، ޚުޝޫޢަތްތެރިކަމާއި މަޑުމައިތިރިކަމާއެކު އިބްތިހާލުވެ ހުންނަ ހުރުމާއި، ހިތް ނިޔަތް ޚާލިޞްވެ ހުރެ އެއްކައުވަންތަ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ކަށަކުޅަދުންވަންތަ ކަމާއި، ނަރަކައިގެ ޢަޛާބަށް ބިރުވެރިވެ ހުރެ، އެއިލާހުގެ ޙަޟްރަތުން ފާފަ ފުއްސެވުމަށާއި ރަޙުމަތަށް އުއްމީދުކުރާ ޙާލު ތިމާގެ ނިކަމެތިކަން ހިތް މައްޗަށް ގެނެސް، އެއިލާހުގެ މަދަދާއި ވާގިވެރިކަމަށް ހިތުގެ އަޑީން އެދުމާއި އެންމެހައި ވަސްވާސްތަކުން ތިބާގެ ހިތް ސާފުކުރުމަށް މަސައްކަތް ކުރުމެވެ.

ނަމާދުގައި ހުންނައިރު ފާޑުފާޑުގެ ވަސްވާސްތައް ހިތަށް އަރާ އަދި އެކިއެކި ޚިޔާލުތައް ކުރެވޭކަމީ ވަރަށް ގިނަ މީހުންގެ ޝަކުވާއެކެވެ. މިއީ ތެދަކަށް ވެދާނެއެވެ. ސަބަބަކީ ނަމާދުގައި ހުންނަ ވަޤުތަކީ ޝައިޠާނާ އޭނާގެ މަސައްކަތް އެންމެ ވަރުގަދަޔަށް ކުރާ ވަޤުތެވެ. އަޅާއާއި ﷲ އާއި ގުޅުނަ ނުދިނުމަށް އެސޮރަށް ކުރެވެން އޮތްހައި މަސައްކަތެއް ކުރާނެއެވެ. ނަމާދުގައި ހުންނައިރު ދުނިޔަވީ އެކިއެކި ކަންތައްތަކަށް ޚިޔާލުކުރުމުން ސަލާމަތްވުމަށްޓަކައި ތިބާގެ ނަފްސާ ވަރުގަދަ ޖިހާދެއް ކުރަންޖެހެއެވެ. އެޖިހާދުގެ ހަތިޔާރެއްކަމަށް ބަލާނީ ނަމާދުގައި ކިޔާ ތަކެއްޗެވެ. ތަކްބީރާއި، ތަހްލީލާއި، ތަސްބީޙައާއި ތަޙްމީދެވެ. ކީރިތި ޤުރުއާނެވެ. އޭގެ މާނައެވެ.

ސައިންޓިފިކް ގޮތުން ބަލާއިރު އިންސާނާގެ ސިކުނޑިއަކީ ހުސްކޮށް، އެއްވެސް ފިކުރެއްނެތި ވާއެއްޗެއް ނޫނެވެ. އަބަދުވެސް އޭނާގެ ސިކުނޑިއަށް ކޮންމެވެސް އެއްޗެއް އަރައަރާ ހުރެއެވެ. އެހެންކަމުން، ނަމާދުގައި ހުންނަ އިރުވެސް ސިކުނޑި މަސައްކަތް ކުރަނީ މި އުޞޫލުންނެވެ. ސިކުނޑި ޖެހޭނީ އަހަރެމެން ބާރު ފޯރުވައިގެން އަހަރެމެން ބޭނުންވާ މަޤްޞަދެއް ޙާޞިލްކުރުމަށްޓަކައި އަހަރެމެން ބޭނުންވާ ކަމަކާ ދިމާއަށް ގެންދާށެވެ.

ޝައިޠާނާގެ ކެހިވެރި ވަސްވާހުގެ ވަކިތަކުން ސަލާމަތްވުމަށްޓަކައި ނަމާދުގައި ހުންނައިރު އަޅުގަނޑުމެން ކިޔާ ތަކެއްޗާމެދު ވިސްނުމުން އިސާހިތަކު އެވަސްވާސްތައް ފިލައިގެން ހިނގައިދާނެއެވެ. އެހެނީ ނަމާދުގައި ހުންނަ ކޮންމެ މިނެޓަކީ ކޮންމެ ވަޤުތަކީ އަހަރެމެންގެ ކަންފަތް ނުވަތަ ދޫ މަޝްޣޫލުވާ ވަޤުތެކެވެ. އިމާމާ ޤުރުއާން ކިޔަވާއިރު އަޑުއެހުމުގައި ކަންފަތް މަޝްޣޫލުވެއެވެ. ދޫ މަޝްޣޫލުވަނީ ތަކުބީރު ކިޔުމުގައެވެ. ނުވަތަަ ޤުރުއާން ކިޔެވުމުގައެވެ. ނުވަތަ ދުޢާކިޔުމުގައެވެ. އެހެންކަމުން ދުލުން ކިޔަމުންދާ އެއްޗަކާ ދޭތެރޭ ވިސްނައި އެކަން ހިތްމައްޗަށް ގެންނަން މަސައްކަތް ކުރަނީ ނަމަ، ޝައިޠާނާއަށް ފަސޭހައިން ޖާގައެއް ނުލިބޭނެއެވެ. ނަމާދުގައި ހުސްވަޤުތެއް ނުވެއެވެ. އެހެންކަމުން ނަމާދުގައި ﷲ އަށް ބިރުވެތިވުމަށް ފަސޭހަ ވާނެއެވެ.

މިދެންނެވި ގޮތުގެ މިސާލަކީ ސޫރަތުލް ފާތިޙާ ކިޔަވަމުން ދާއިރު (اهْدِنَا الصِّرَاطَ الْمُسْتَقِيمَ) ކިޔަވާ އިރު "އަޅަމެންނަށް ސީދާވެގެންވާ ތެދު މަގު ދައްކަވާނދޭވެ!" މިކަން ހިތަށް ގެނައުމެވެ. އަދި ﷲ އަކްބަރު ކިޔާ ހިނދު "އެންމެ ބޮޑީ ﷲ" ކަން ހިތްމައްޗަށް ގެނައުމާއި މިނޫންވެސް ނަމާދުގެ ކޮންމެ އަޑުއެހުމަކާއި ކިޔުމެއްގެ މާނަ ހިތްމައްޗަށް ގެނެސް ހިތާއި ސިކުނޑި ނަމާދަށް ޙާޟިރުކުރުމަށް މަސައްކަތް ކުރުމެވެ. އެހެންކަމުން ނަމާދު އޭގެ އެންމެ ފައިދާ ކުރަނިވި ގޮތުގައި އަދާކުރުމަށްޓަކައި ނަމާދުގައި ކިޔާ ތަކެތީގެ މާނަ ދަސްކުރުމަކީ ކޮންމެހެން ބޭނުން ކަމެކެވެ. ކިޔޭ ނުކިޔޭ އެއްޗެއް ނޭނގިހުރެ ކުރެވޭ ނަމާދަކުން އޭގެ ފޮނިކަމާއި ލައްޒަތު އިޙްސާސް ކުރެވޭނެކަމަށް ނުބެލެވެއެވެ.

އެހެންކަމުން އަޅުގަނޑުމެން މަސައްކަތް ކުރަންވީ އަޅުގަނޑުމެން މިކުރާ ނަމާދުތަކަކީ، ޤިޔާމަތް ދުވަހުން ވަޔަށް ބުރުއްސާލެވޭ ކުނޑިތަކަކަށް ވެދާނޭގޮތަށް މިސްކިތަށް އަރައި ނިތް ތަޅާޅުމުގެ ބަދަލުގައި، ﷲގެ ޙަޟްރަތަށް އުފުލިގެންދާ ކޮލިޓީ ނަމާދަކަށް ހެދޭތޯއާއި އެނަމާދުގެ ސަބަބުން އަޅުގަނޑުމެންނަށް ހިތް ހަމަޖެހުން ލިބޭތޯއެވެ. އެހެނީ ނަމާދުގެ ފޮނިކަމާއި ލައްޒަތު އިޙްޞާޞްކުރެވިއްޖެނަމަ އެއްނަމާދު ކުރުމަށްފަހު އަނެއް ނަމާދަށް އިންތިޒާރު ކުރެވޭނެއެވެ. އަދި އެއްވެސް ނަަމާދެއް ދޫކޮށްލަން ހިތްހަމައެއް ނުޖެހޭނެއެވެ. އަދި ނަމާދު އަޅާފައި އެއްވެސް ކަމެއް ނުކުރާނެއެވެ. ނަމާދުގެ ސަބަބުން ލިބޭ ޙަޤީޤީ ފޮނިކަމާއި ލައްޒަތަކީ ދުނިޔެއާއި ދުނިޔޭގައި ވާހާ އެއްޗަކަށްވުރެ މާ މީރު އަދި މާ އަގުހުރި ފޮނިކަމަކާއި ލައްޒަތެކެވެ. މުއުމިނުންގެ ހިތުގެ ފަރުވާއަކީ އަދި މުއުމިނުންގެ ދުނިޔެމަތީގެ ސުވަރުގެއަކީ ނަމާދެވެ.

އެއްވެސް މެދުވެރިއަކު ނެތި ސީދާ ﷲ ސުބުޙާނަހޫ ވަތަޢާލާ، އެއިލާހުގެ ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމްގެ މައްޗަށް ފަރުޟުކުރެއްވެވި ފަސް ނަމާދަކީ، އެހެން ހުރިހާ އަޅުކަންތަކާއި ޚިލާފު އަޅުކަމެކެވެ. އެހެން ހުރިހާ އަޅުކަންތައް ފަރުޟުކުރައްވާފައިވަނީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް މިބިންމަތީ ހުންނަވަނިކޮށެވެ. އެެހެންނަމަވެސް ނަމާދު ފަރުޟު ކުރެއްވެވީ އެކަލޭގެފާނު މިޢުރާޖު އުފުއްލަވާފައެވެ. ވީމާ މިކަމުންވެސް ނަމާދު އަހަންމިއްޔަތާއި މަތިވެރިކަން އެނގި ދޭހަވެގެން ދެއެވެ.

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ލޮލުގެ ފިނިކަން ކަމުގައިވި ނަމާދު އަޅުގަނޑުމެން އެންމެންގެ ލޮލުގެ ފިނިކަން ކަމުގައި ލެއްވުން އެދި ގަދަ ކީރިތި ވަންތަ ﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވަމެވެ. އޭ އަޅަމެން ހައްދަވާ ބޮޑުކުރައްވަވާ ގެންގުޅުއްވާ އިލާހެވެ. އިނބަ ﷲ އަށް ބިރުވެތިވެ، އިނބަ ﷲ ރުހިވޮޑިގަންނަވާ ގޮތުގައި އިނބަ ﷲ އެންމެ ރުއްސަވާ އަޅުކަން ކަމުގައިވާ، ނަމާދު އެންމެ ފުރިހަމަ ގޮތުގައި އަދާކުރުމުގެ ތަވްފީޤު އަޅަމެން އެންމެނަށް ދެއްވާނދޭވެ! آمين.

Read more...

10 October 2011

ޖާހިލު ކަމަކީ ބަނބުކޭލުގެ ކަރުގަނޑުން ދުޅަ ބައްޔަށް ބޭސްކުރާންވެސް ޖެހިދާ ކަމެކޭ

ޙުސައިން ޞަލާޙުއްދީނު ރަޙިމަހުﷲ
ފުވައްމުލަކު ފާމުދޭރި ކިލެގެފާނުންގެ ކަރިއްޔަ މުޙައްމަދު ދީދީ ފެންފުށީ ގަނޑުވަރު ޢަލިދީދީ ވާހަކަ ކިޔައިދެއްވިޔޭ. ބަނބުކޭލަކީ މާއިހަކު މިރާއްޖޭގައި ހުންނަ އެއްޗެއްނޫނޭ. ބަނބުކެޔޮ ގަސް އިންޑިޔާއިން މިރާއްޖެއަށް ފުރަތަމަ ގެންނެވީ، ތިމަންގެ ކާފައި ކަލޭގެފާނުންގެ ބަފައިކަލުންނަށަވި (ކާފަގެ ބައްޕަ) އައްސުލްޠާން މުޙައްމަދު ޣިޔާޘުއްދީން ރަދުންނެވެ. މިރަދުން ބަނބުކެޔޮ ގަސް ގެންނަވައިގެން އެއިގެތެރެއިން ގަހެއް މިރަށު (ޔަޢުނީ ފުވައްމުލަކު) ދޫޑިގަމު އެދުރު މަނިކުފާނަށް ފޮނުއްވައިފިއެވެ. ގަސްގެނައި މީހާ އެދުރު މަނިކުފާނުގެ އަރިހު ދެންނެވި ބަހަކީ ރަދުން ވިދާޅުވިޔޭ. މިއީ ވަރަށް ރަނގަޅު އެއްޗެކޭ. ރަނގަޅު ކާނާއަކަށްވެސް ފުދޭނެޔޭ.
ދެން އެދުރު މަނިކުފާނު މިގަސް ދޫޑިގަމު އެދުރުގޯތީން ބޭރު އިރުމަތީ ފަރާތުގައި އިންދަވައިގެން ރަނގަޅަށް ހެދެމުން އަންނަނިކޮށް އެދުރުމަނިކުފާނަށް ދުޅަބަލީގެ އާލާސްކަންފުޅު ޖެހިއްޖެއެވެ. މިރަށު މީހުންނަކީ އެބަލިދެކެ މާބިރުގަންނަ ބަޔެކެވެ. އެބަލި ޖެހިއްޖެ މީހަކު ލައިއުޅެނީވެސް ވަލަށެވެ. އެކަމަކު އެދުރު މަނިކުފާނުގެ ޖާހު ބޮޑުކަމާއި މީހުންނަށް އެމަނިކުފާނުގެ ބޭނުން ބޮޑުކަމުން ވަލަށްލާން ނުކެރި ގޯތީގެ އިރުމަތީފުޅަފު ކައިރީގައި ކުޑަ ގެޔެއް އަޅައިފައި އެގެޔަށް ލައިގެން އެދުރު މަނިކުފާނުގެ ދަރިވަރުން ދަންފަޅި ބަހައިގެން އެމަނިކުފާނުންގެ އަރިހުގައި އެބައުޅެތޭ. މިދުވަސްވަރު އެއްކަލަ ގަހުން ދިގު އެއްޗެހިތަކެއް ނުކުންނާން ފަށައިފިޔޭ. މިވާހަކަ އެދުރު މަނިކުފާނުންގެ އަރިހުގައި އެބައިމީހުން ދެންނެވީމާ ވިދާޅުވިޔޭ. ކޮބާ ނިކަން ތިޔަ ގެނެސްބަލާށޭ. ދެން އެދުރު މަނިކުފާނުން މިތަކެތި ބައްލަވާފައި މިތަނުން ދެތިން ހަތަރު ތޮޅިއެއް ވަށްފޮއްޗަށް ކޮށައި ފެނު ކައްކައިގެން ކާން އުޅެއުޅެ މިބައިމީހުންގެ އަރުން އެތެރެޔަކަށް މިޔެއް ނުދިޔައެވެ. ދެން އެދުރު މަނިކުފާނު ވިދާޅުވިޔޭ. ތިޔަތަކެތި ދެން އުކާލާށޭ. ކޮންމެއަކަސް ތިޔައަކީ ފަސޭހަގޮތަކުން ކެވޭ އެއްޗަކަށް ނުވީތާޔޭ.

ދެން މިބައިމީހުން މިތަކެތި އުކާލާފާ ތިއްބާ ކުޑަދުވަސްކޮޅަކުން ގަހުގައި މާފަލަ ޒާތުގެ ހަޔެއްކަ އެތި ނުކުމެގެން އެބަހަރަ ބޮޑުވެއެވެ. މިވާހަކަ ދެންނެވީމާ އެދުރު މަނިކުފާނުން ވިދާޅުވިޔޭ އާނއާނ! ތިޔައިގެ މޮޅު އެއްޗަކީ ތިޔަ ނުކުންނަނީ ތޯއްޗެކެވެ. ދޮން ވެގެން ވެއްޓޭންދެން ތިބޭށޭ. މިހެންވެފައި އޮއްވައި އެއްރެޔަކު ދަންވަރު މިގަސްދަށުން ބަންކިޔާފައި އަޑެއް އިވިއްޖެއެވެ. މިތާ ތިބި ދެތިންކުދިން ގަތްބިރުން އެކަކު އަނެކަކަށް އަނގައިންވެސް ނުބުނެ އިރު އަރާންދެން ތިބެއްޖައޫއެވެ. އިރުއެރިފަހުން ގޮސްބެލިއިރު މިއިވުނު އަޑަކީ މިގަހުގަ އިން ބޮޑު އެއްޗެއް ވެއްޓިގެން އައިސް ބިންމަތީގައި ޖެހުނު އަޑުކަމުގައި ވެއްޖެއެވެ. ދެން މިބައިމީހުން މިނަގައިގެން އައިސް އެދުރު މަނިކުފާނަށް ދެއްކީމާ ވިދާޅުވިޔޭ. ވަޅިޔަކުން ފަޅާލަބަލާށޭ. ފަޅާލީމާ ކަރުގަނޑު ދައްކަވާފައި ވިދާޅުވިޔޭ. ކާންވީ އެއްޗަކީ މިއޮތީ ކަމަށޭ ވާނީ ކޮންމެ އެއްޗެއްގެވެސް އެންމެމޮޅުވާނީ އެންމެ އެތެރޭގައި އޮންނަތަނެއް ވިއްޔާއޭ.

ދެން މިކަރުގަނޑު ނަގައިގެން ކުދިކުދިކޮށް ކޮށައިގެން ރާފޮނި އަޅައިގެން ކައްކައިފޫއެވެ. އެދުރު މަނިކުފާނުން މިފަރިއްކުޅުވައިފޫއެވެ. އެރޭ އެދުރުމަނިކުފާނަށް ވީ ގޮތަކީ ނުލާހިކުވަރަށް ބޭރަށްހިންގަވައި ވަޑައިގަތުމެއް އަތުވެއްޖެޔޭ. ދެތިން ދުވަހު ބޭރަށްހިންގާފައި އެދުރު މަނިކުފާނުގެ އާލާސްކަންފުޅު ފަސޭހަވާން ފަށައިފިއެވެ. މިބައިމީހުން އެންމެން ބުނެފޫއޭ. ތިޔަ އެއްޗަކީ ވަރަށްމޮޅު އެއްޗެކޭ. ތިޔައީ ދުޅަބަލީގެ ބޭހެވެ. ދެންމިކަން މިހެން ހިނގިފަހުން އެގަހުގައި އަޅާ އެއްޗަކާ މީހުންނަކު އަޅައެއް ނުލަތެވެ. މިހެން އެތައް ދުވަހެއްވީފަހުން ރަށުގާ ފެންބޮޑުވެ ރަށް ތަދުވެގެން އުޅުނު ދުވަސްވަރެއްގައި މީހުން އެދުރު މަނިކުފާނުގެ އަރިހުގައި ދަންނަވައިފޫއެވެ. މިގަހުން ވެރޭތަކެތި މިތާކު އުޅޭ މުސްކުޅި ދައިތަޔަކު ގެންގޮސްގެން އެގޮތް މިގޮތް ހަދައިގެން ކައިއެބައުޅެޔޭ. އެދައިތާގެ ގޭތެރެ ވަރަށްވެސް ތިޔާގެއެވެ. ދެން އެދުރުމަނިކުފާނު އެދައިތާ ގެންނަވައިގެން އެއްސެވީމާ ދެންނެވިޔޭ. އަޅުގަނޑު އެއްރެޔަކު ފަތިހު ހީކަރުވައިގަނެގެން މިތަންގަނޑެއްގައި އަލިފާންގަނޑެއް ޖަހައިގެން އުޅެނިކޮށް މާމީރު ކާއެއްޗެއްގެ ވަސްދުވާންފެށީމާ ބެލިއިރު އެއީ މިގަހުން ވެއްޓިފައި އޮތް އެއްޗެއް ފިހެވެނީއޭ. އަޅުގަނޑު އޭގެ ރަހަބެލިއިރު ވީ ވަރަށް މީރު ކާއެއްޗަކަށެވެ. ދެން އަޅުގަނޑު އެއްޗެހިތައް ގޭދޮށަށް ގެންގޮސްގެން ފިހެގެން ފެނު ކައްކައިގެން އެގޮތް މިގޮތަށް ކައިއުޅޭތާ ކިތަންމެ ދުވަހެކެވެ.

ދެން އެދައިތާގެ ކިބައިން އެދުރު މަނިކުފާނު ބަނބުކެޔޮ ކެއުމުގެ ގޮތްތައް އައްސަވައި ދަސްފުޅު ކުރައްވައިފިއެވެ. ދެން އެތައް މިތާގައި ބަނބުކެޔޮ ގަސްތައް ހެދި ގިނަވެއްޖެއެވެ. މިހެންވެޔޭ މިބުނީ ޖާހިލުކަމަކީ ބަނބުކެޔޮ ކަރުން ދުޅަބައްޔަށް ބޭސްވެސް ކުރެވޭ ކަމެކެވެ.

Read more...

09 October 2011

މުއްސަންޖަކު ހުސްއަތާ

އަލްއަޚް އާދަމް އިނާޒް ޢަދުނާން
މިއީ ކެނެޑާގައި ދިރިއުޅޭ ޢަރަބި އަޚަކު އޭނާގެ ރަޙްމަތްތެރިއެއްގެ މުއްސަނދި ބައްޕަ އާއި ބެހޭގޮތުން ކިޔައިދީފައިވާ ޢިބްރަތުން ފުރިގެންވާ ވާހަކައެކެވެ. އޭނާގެ ރަޙްމަތްތެރިޔާގެ ބައްޕައަކީ ވަރަށް ބޮޑު މަހުޖަނެކެވެ. އޭނާގެ މިލްކުގައި ނުހަނު ގިނަ ބިލްޑިންގްތަކާއި މުދާތައް ހުއްޓެވެ. ދުވަސްތައް ވޭތުވަމުންގޮސް އެންމެފަހުން އެމުއްސަނދި މަހުޖަނުވެސް މުސްކުޅިވެ ވަރަށް ބޮޑަށް ބަލިވެ ޙާލުދެރަވެއްޖެއެވެ. އަދި ޙަޔާތުގެ އެންމެފަހު ދުވަސްތައް ގުނަންފެށިއެވެ. އޭނާ މަރުވުމުގެ މަދު ދުވަސްކޮޅެއްކުރިން އެމުސްކުޅިޔާ ތަކުރާރުކޮށް ކިޔަންފެށިއެވެ. (اَنَا فَقِيْر ، اَنَا فَقِيْر) މާނައަކީ: [ތިމަން މީ ފަޤީރެކެވެ. ތިމަން މީ ފަޤީރެކެވެ.]

އޭނާ ގާތަށް ޒިޔާރަތްކުރާ އެނާގެ ދަރީންނަށް މިމަންޒަރު ފެނުމުން އެމުސްކުޅިޔާއަށް އޭނާގެ ހުރިހާ މުދަލެއް ދެއްކިއެވެ. އެއީ އޭނާއަކީ ފަޤީރެއްނޫންކަން އަންގައިދިނުމަށެވެ. ނަމަވެސް އެމުސްކުޅިޔާ ތަކުރާރުކޮށް ކިޔަމުންގެންދިޔައެވެ. [އަހަރެންނަކީ ފަޤީރެކެވެ. އަހަރެންނަކީ ފަޤީރެކެވެ.] އޭނާގެ ދަރީން މިކަމާ ކަންބޮޑުވެގެން އެހިސާބުގައި ދިރިއުޅުއްވާ ޢިލްމުވެރިޔަކު ބައްޕަ ކައިރިއަށް ގެނައެވެ. ޢިލްމުވެރިޔާ، އެބަލިމީހާގެ ކައިރީ ވަގުކޮޅެއް ހޭދަކޮށްލުމުން ޢިލްމުވެރިޔާއަށް ވިސްނުނީ މުސްކުޅިޔާ އެބުނަނީ އޭނާ މުދަލުގެ ގޮތުން ފަޤީރު ވާހަކައެއް ނޫންކަމެވެ. އަދި ކިއެއްތަ! އޭނާ އެބުނަނީ ހެޔޮ ޢަމަލުގެ ގޮތުން އޭނާއަކީ ފަޤީރެއްކަމެވެ. އެހެނީ އޭނާގެ މުޅި ޙަޔާތް ވޭތުކޮށްފައިވަނީ މުދާ ގިނަކޮށް ޖަމާކުރުމަށެވެ. މިއަދު މަރުގެ ދާނަށް ވެއްޓުމުން ﷲ އަށްޓަކައި ވަގުތު ދޭން ޖެހޭނެކަން އޭނާއަށް ވިސްނުނީއެވެ. ކޮންމެއަކަސް އެމީހާ މަރުވެގެން ދިޔައިރުވެސް އޭނާ ކިޔަމުން ދިޔައީ (އަނަ ފަޤީރް) އަހަންނަކީ ފަޤީރަކީމެވެ. އަހަންނަކީ ފަޤީރަކީމެވެ.

ލޮބުވެތި އަޚުންނާ އުޚްތުންނޭވެ! އަޅުގަނޑުމެންގެ ޙަޔާތުގެވެސް ގިނަ ވަގުތުތަކެއް ވޭތުވެގެން މިދަނީ ފައިދާއެއްނެތް ބޭކާރު ގެއްލުންދެނިވި ކަންކަމަށެވެ. އެހެންކަމުން ތިމާގެ ޙަޔާތުގެ އެންމެ ސިކުންތެއްވެސް ﷲ އަށް އުރެދުމަށް ހޭދަނުކުރަމާތޯއެވެ. އޭގެ ބަދަލުގައި ގިނަގިނައިން ހެޔޮޢަމަލުކޮށް އަބަދީ ޙަޔތާއި ކުރިމަތިލާއިރު ހެޔޮޢަމަލުގެ ގޮތުން މުއްސަނދި މީހަކަށް ވަމާތޯއެވެ. އެހެންނޫނީ އެމަހުޖަނު ފަދައިން އަހަންނަކީ ފަޤީރެކޭ ބުނަންޖެހިދާނެއެވެ. ﷲ ތަޢާލާ، އަޅުގަނޑުމެންނަށް ހެޔޮ ނިމުމެއްދެއްވާށިއެވެ! އާމީން!

ޢަރަބި ޅެންވެރިޔަކު ކިޔާފައިވާ ޅެމެއްގައިވެއެވެ.
وَلَدَتْكَ أُمُّكَ يَابْنَ آدَمَ بَاكِياً * وَالنَّاسُ حَوْلَكَ يَضْحَكُوْنَ سُرُوْرًا
އޭ އާދަމުގެ ދަރިޔާއެވެ! ތިބާގެ މަންމަ ތިބާ ވިހެއީ ރޮއެރޮއެވާ ޙާލުގައެވެ. އެވަގުތު (ތިބާގެ ޢާއިލާގެ) މީސްތަކުން، (ތިބާ އުފަންވުމުގެ އުފަލުގައި) ހެމުންގެންދިޔައެވެ .

فَاعْمَلْ لِنَفْسِكَ أَنْ تَكُوْنَ إِذَا بَكَوْا * فِيْ يَوْمِ مَوْتِكَ ضَاحِكاً مَسْرُوْراً
އެހެންކަމުން ތިބާ މިދުނިޔެއަށް އަލްވަދާޢުކިޔާ ދުވަހު އެބައިމީހުން ރޮއެ ހިތާމަކުރާއިރު، ތިބާ އުފަލުގައި ވުމަށްޓަކާ (ހެޔޮ) ޢަމަލު ކުރާށެވެ
_____________________________
އަޞްލު: މުސާފިރު ބްލޮގް

Read more...

08 October 2011

ޒިނޭކުރުން ގިނަވެފައިވަނިކޮށް އައި ބިންހެލުން

މުޙައްމަދު މުސްޠަފާ ޙުސެއިން/ދަރުމަ – އޯގަސްޓް 2003
އިސްވެ ދިޔަ ޤައުމުތައް ކަމުގައިވާ ޢާދު އާއި ޘަމޫދް އާއި މަދްޔަނާއި ސަދޫމް ހަލާކުވެ ފަނާވެ ދިޔަ ވާހަކަ އަޅުގަނޑުމެން އަޑު އަހަމުއެވެ. އެޤައުމުތައް ހަލާކުވެ ދިޔައީ، އެޤައުމުތަކުގެ މީހުން ކުރަމުންދިޔަ ބޮޑެތި ފާފަތަކުގެ ސަބަބުންނެވެ. އެއީ އީމާންތެރިކަން އެއްގޮތަކަށްވެސް ނެތުމުގެ ސަބަބުންނެވެ.
ބައެއް މީހުން ހީކުރާ ގޮތުގައި މިހާރު އެކަހަލަ ކަންތައްތަކެއް ނުހިގާނެއެވެ. ނަމަވެސް މިލިޔާ ޙާދިޘާ ބައެއް ބޭފުޅުން އަޑުއައްސަވާފައިވެސް އޮވެދާނެއެވެ. 1999 ވަނައަހަރުގެ ހޫނު މޫސުމުގައި ތުރުކީ ވިލާތަށް ވަރުގަދަ ބިންހެލުމެއް އައެވެ. މިޙާދިޘާގައި މަރުވެ ދިޔަމީހުންގެ ޢަދަދު 20000 އިން މައްޗަށް އަރައިގެން ދިޔައެވެ. ބިންހެލުމުގެ އަސަރު އެންމެ ބޮޑަށް ފޯރީ އިޒްމަދް އާއި ގުލްޖުކް އަށް ކަމުގައިވީނަމަވެސް، މުޅި ތުރުކީ ވިލާތަށް މިކަމުގެ އަސަރު ފޯރާފައިވެއެވެ. ބިންހެލުމުގެ ސަބަބުން ބިމާ ހަމަވެފައިވާ ބޮޑެތި ޢިމާރާތްތައް އަޅުގަނޑުމެންނަށް ފޮޓޯތަކުން ވާނީ ފެނިފައެވެ. މިކަމެއް ހިނގާފައިވަނީ އެންމެ 45 ސިކުންތުގެ ތެރޭގައެވެ. މިކަން ﷲއަށް އުނދަގޫވެ ވޮޑިގެންނުވެއެވެ. މިގެއްލުންތައް ލިބުނީ ޢަސްކަރީ ފައުޖުތަކަކުން، ބޮންތަކަކުން ނޫނެވެ. އެންމެ 45 ސިކުންތުގައި ބޮޑެތި ސަހަރުތަކެއް ބިމާ ހަމަވީއެވެ. ތުރުކީ ވިލާތުގައި އެފަހަރު ހިނގި މިޙާދިޘާގައި މިސްކިތްތަކަށް އެއްވެސް ގެއްލުމެއް ނުލިބެއެވެ. ލިބުނަސް ލިބިފައިވަނީ ވަރަށް ކުދިކުދި ގެއްލުންތަކެކެވެ. ފޮޓޯއިން ތިޔަ ފެނިވަޑައިގަންނަވަނީ އެގޮތުން ސަލާމަތުން ހުރި މިސްކިތެކެވެ. ﷲގެ ކުޅަދުންވަންތަ ވެރިކަމުން މުޅި އެހިސާބު ފަނާވެގެން ދިޔައިރުވެސް، މިސްކިތުގެ އެންމެ ކުޑަދޮރެއްވެސް ހަލާކު ނުވެއެވެ. ބިންހެލުން އައުމުގެ ކުރިން ގުލްޖުކްގެ ކަނޑުގެ ޢަސްކަރީ ސިފައިންގެ މަރުކަޒުގައި އެހެން ޙާދިޘާއެއް ހިގާފައި ވެއެވެ. މިމަރުކަޒު ހުންނަނީ މަރުމަރާ ކަނޑުގެ އައްސޭރީގައެވެ. މިދަންނަވާލަނީ މިޙާދިޘާ ލޮލުން ދެކެ، އަތުން ހިފި ތުރުކީ ސިފައިންގެ ޒުވާން މުސްލިމަކު ކިޔައިދީފައިވާ ވާހަކައެކެވެ. މަރުކަޒު ފަނާވެ، ހަލާކުވެގެން ދިޔައިރު ސަލާމަތްވި ހަމައެކަނި މީހަކީވެސް އޭނާއެވެ............ އެޙާދިޘާ ހިނގި އިރު ޕާޓީއެއް ކުރިއަށް ދަނީއެވެ. އެޕާޓީގައި އިސްރާއީލު ސިފައިންގެ އޮފިސަރުންނާއި، އެމެރިކާ ސިފައިންގެ އޮފިސަރުންނާއި، ތުރުކީ ސިފައިންގެ އޮފިސަރުން ތިއްބެވެ....... ރާބޮމުން ގެންދިޔައެވެ. މަޖާކުރުމަށްޓަކައި އިސްރާއީލުގެ އަންހެން ކުދިންތަކެއް ގެނެސްފައި ތިއްބެވެ. އެކުދިން ތިބީ ދެބައިކުޅަ އެއްބައި އޮރިޔާން ޙާލުގައެވެ. އެމީހުން އެވަގުތު އިސްލާމް ދީނަށް ފުރައްސާރަ ކުރަމުން ގެންދިޔައެވެ. ތުރުކީގެ ކޮމާންޑިންގ އޮފިސަރަކު، ޚަތިމެއް ގެނައުމަށް އޭނާގެ އެހީތެރިޔަކު ކައިރީގައި ބުންޏެވެ. އޭރު އޭނާ ހުރީ ރާ ބޮއިގެންނެވެ. އޭނާ އަމުރު ކުރީ އެންމެން ހީ، މަޖާ ނެގުމަށްޓަކައި އެވަޤުތު ޤުރުއާން ކިޔެވުމަށެވެ. ނަމަވެސް މިއެހީތެރިޔާ ޤުރުއާނެއް ނުކިޔެވިއެވެ. އޭނާއަށް ކިޔާން ނޭގެނީއެއް ކަމެއް ނުވަތަ ހަމަޤަސްދުގައިނުކިޔެވީ ކަމެއް ނޭގެއެވެ. އޮފިސަރު ރުޅި އައިސްގެން ކީރިތި ޤުރުއާން އަތުލައި، ވީދަން ފެށިއެވެ. އަދި ނަށަމުންދިޔަ އަންހެން ކުދީންގެ ފައިދޮށަށް ގަނޑުތައް އުކާލިއެވެ. ޒުވާން ސިފައިންގެ މީހާ ދުވެފައި އެތަނުން ނުކުތެވެ. އަދި ނުކުންނަމުން އޭނާ ފަހަތް ބަލައިލިއެވެ. އެވަގުތު އޭނާއަށް ދެކަމެއް ވަނިކޮށް ފެނުނެވެ. އައްސޭރީގެ ފެންގަނޑު ހިނދެން ފެށިއެވެ. އަދި ފެންގަނޑު ދެބައިވިއެވެ. އެވަގުތު އެދިމާލުން ކޯދުލާފައި ދިޔާ އަލިފާން އަރަންފެށިއެވެ. އަދި އަލިފާންގަނޑު ޢަސްކަރީ މަރުކަޒުގައި ޖެހުނެވެ. އަދި އެހިސާބުން ފެންގަނޑުވެސް މައްޗަށް އުފުލެން ފެށިއެވެ. އިސާހިތަކު މަރުކަޒު ފޮރުވެން ފަށައިފިއެވެ. އެވަގުތު އުޑުންއެރި ވިދުވަރަކުން އިތުރު ގެއްލުންތައް ދިނެވެ. އެޒުވާނާ ދުވަމުން ގެންދިޔައެވެ. އެމަރުކަޒުން ސަލާމަތްވީ އޭނާ އެކަންޏެއެވެ.

މަރުކަޒު ފަނާވިލެއް ބޮޑުކަމުން އެތާހުރި ސާމާނުތަކާއި މީހުންގެ ވަސްވެސް ނެތެވެ. އެއްވެސް ސާމާނެއް ފެނޭތޯ ބެލުމުގެ ގޮތުން 1999 ގެ ޑިސެމްބަރާ ޖެހެންދެން އެމެރިކާ ސިފައިންނާއި ތުރުކީ ސިފައިންނާއި އިސްރާއީލު ސިފައިން ގުޅިގެން މަސައްކަތް ކުރިއެވެ. އަދި ފުނަށް ފީނާ ހެދިއެވެ. ނަމަވެސް އެއްވެސް އެއްޗެއް ނުލިބުނެވެ. ކީރިތި ޤުރުއާނުގެ ޙުރުމަތް ކެނޑި މި މީހުންނަށް ﷲގެ ޢަޛާބު އައީ މާ ގަދަފަދަ ކޮށެވެ.

އެއަށްފަހު ތުރުކީގެ އާބާދީ ބޮޑު ބައެއް ސަހަރު ތަކަށް ވަރުގަދަ ބިންހެލުމެއް އައެވެ. މިބިންހެލުން އައީ 17 އޯގަސްޓް 1999 ވަނަ ދުވަހު މެންދަމުން އަލިވެ 3:05 ގައެވެ. ތުރުކީ ވިލާތުގެ އާބާދީގައި 95 އިންސައްތަ އަކީ މުސްލިމުންނެވެ. ނަމަވެސް މުސްޠަފާ ކަމާލު އަތާތުރުކްގެ ވެރިކަމުގެ ޒަމާނުންފެށިގެން ތުރުކީ ވިލާތުން އިސްލާމީ ދަންމަރު ވަނީ ނިއްވާލާފައެވެ. މިދަންމަރު ރޯވިޔަ ނުދިނުމަށް ، ތުރުކީ ސިފައިންނާ ގުޅިގެން ހުޅަނގުގެ ޤައުމުތަކުން ދަނީ މަސައްކަތް ކުރަމުންނެވެ. ބިންހެލުން އައުމުން ބައެއް މުސްކުޅިވެރިން ބުނިގޮތުގައި އެމީހުންނަށް ސަޖިދަ ކުރާންވެސް ނޭގެއެވެ. އަދި އެމީހުން ސަޖިދަ ނުކުރާތީ ޢިމާރާތްތައް ސަޖިދަ ކުރުމުގެ ގޮތުން ބިމަށް ތިރިވީ ކަމަށްވެސް އެމީހުން ބުންޏެވެ.
ބިންހެލުން އައުމާއެކު ބައެއްމީހުން ގެތަކުން ނުކުމެގެން އައިއިރު އެމީހުންގެ ފޭރާމަކަށް އޮތީ ހަމައެކަނި ދަށުންލާ އެއްޗިއްސެވެ. ބައެއްމީހުންގެ އެއްވެސް ފޭރާމެއް ނެތެވެ. (ﷲ ތަޢާލާ މިފަދަ ކަންތަކުން އަޅުގަނޑުމެން ސަލާމަތް ކުރައްވާނދޭވެ!)
ވެއްޓުނު ހޮޓާތަކުގެ ތެރެއިން އަލިމަސް ހޮޓަލޭ ކިޔާ ހޮޓަލަކީ 5 ތަރީގެ ހޮޓަލެކެވެ. އެހޮޓަލުގެ ބިންގަލުގެ ބައިގައި އެކަނިވެސް 350 ޓަނުގެ ކޮންކިރީޓާއި އެކަތަ އެކުލެވިގެންވާ ކަމަށް ޢިމާރާތް ރޭނި ފަރާތުން ބުންޏެވެ. ބިމާ ހަމަވި މިހޮޓަލުގެ ގާފުނި ތަކުގެ ދަށުން 300 ވަރަކަށް މީހުންގެ ހަށިގަނޑު ނެރުނެވެ. މި މީހުންގެ ތެރެއިން ގާތްގަޑަކަށް 80 އިން ސައްތަ މީހުން ތިބީ ޒިނޭ ކުރާށެވެ.
ބޭންކު ވިޔަފާރި ކުރާ މީހަކު އޭނާގެ ވިޔަފާރި ދަތުރު ނިންމާލާފަ އެނބުރި އައި އިރު ބިންހެލުން ވަނީ އައިސްފައެވެ. އޭނާގެ ގެ ހުރި ތަނަށް ގޮސް އަންހެނުންގެ ހަށިގަނޑު ފެނޭތޯ މަސައްކަތް ކުރިއެވެ. އަދި ފެނުނެވެ. އޭނާގެ އަންހެނުން އޮތީ އޭނާގެ އެންމެ ގާތް އެކުވެރިޔާއާއެކު ޒިނޭ ކުރާ ޙާލު، ފިސްފިސް ވެފައެވެ. މިހިރީ އުއްމަތަށް ހުރި ބޮޑެތި ފިލާވަޅު ތަކެވެ. މިކަހަލަ ބޮޑެތިފާފަތައް އެހެނިހެން އިސްލާމީ ޤައުމުތަކުގައިވެސް ހިންގަމުން ގެންދާކަމީ ހިތާމަ ހުރި ކަމެކެވެ.
ތުރުކީ ވިލާތުގައި ފަހަކަށް އައިސް ދީނީ ކަންތައްތަކާ ދެކޮޅަށް ޢަސްކަރިއްޔާއިން ފިޔަވަޅުތައް އަޅާފައި ވެއެވެ. މިގޮތުން 28 ފެބްރުއަރީ 1999 ގައި ޢަސްކަރީ ސަރުކާރުން ފަގުޑި އެޅުމާއި، ޙިޖާބު ލުމާއި ޢުމުރުން 14 އަހަރުން ދަށުގެ ކުދިންނަށް އިސްލާމީ ތަޢުލީމު ދިނުން މަނާކުރިއެވެ. އަދި ތުރުކީގައި އޮންނަ ޤާނޫނެއްގައި ބުނާ ގޮތުން ސަރުކާރުގެ މުވައްޒަފެއްގެ ނުވަތަ ޢަސްކަރީ މީހެއްގެ އަންހެނުން އެކަށީގެންވާ އިސްލާމީ ހެދުމެއް އަޅައިފިނަމަ، އެ މުވައްޒަފަކު މަޤާމުން ވަކި ކުރެވެއެވެ. އަދި ޖަލަށް ލެވެއެވެ.
ތުރުކީ ސިފައިންގެ އިސް އޮފިސަރުން އެކި ފަހަރު މަތިން އިސްލާމްދީނާ އިދިކޮޅު ޝިއާރުތައް ފާޅުކޮށްފައި ވެއެވެ. މިގޮތުން ނޭޓޯއަށް ވެސް ނިސްބަތްވާ އޮފިސަރަކު ބުނެފައި ވެއެވެ. “އަހަރެމެން މިހާރު މިތިބީ ތުރުކީ ވިލާތުން އިސްލާމްދީން މުޅިން ފޮހެލެވޭ ހިސާބަށް އައިސްފައެވެ.”
ގުލްޖުކް ގެ ސިފައިންގެ މަރުކަޒުގައި ހުރެފައި އެކަކު ބުންޏެވެ. “އަހަރުމެންނަށް މިހާރު މި ތިބެވެނީ ވަރަށް ހަރުދަނާ އަދި އިތުބާރު ހުރި މަޤާމެއްގައެވެ. އަދި އަހަރުމެން މިތިބީ އަހަރެމެންގެ ރޭވުންތައް އިރުމަތީ ޔޫރަޕަށް ވެސް ފަތުރާ ހިސާބަށް އާދެވިފައެވެ. އެއްވެސް ފަރާތަކަށް ދެނެއް އަހަރުމެންނެއް ނުހުއްޓުވޭނެއެވެ.” އޭނާ މިހެން ބުނީ ގުލްޖުކްގެ މަރުކަޒުގައި ހުރެފައެވެ. އަދި އިތުރަށް މަލާމާތުގެ ރާގަކަށް ބުނެލިކަމަށް ވެއެވެ. “ﷲ އަށް ވެސް އަހަރުމެންނެއް ނުހުއްޓުވޭނެއެވެ.” (މިފަދަނުބައި ޢަމަލުތަކުން އަޅަމެން ދުރުކުރައްވާދޭނވެ!)
އެމީހުން ފަޚުރުވެރިވެ ބޮޑާބަސްތައް ބުނަމުންދިޔައީ އެ މަރުކަޒު ހަދާފައި ހުރިލެއް ވަރުގަދަ ކަމުންނެވެ. ތުރުކީ ވިލާތުގައި އެތަނަށްވުރެ ވަކި ގަދަ ތަނެއް ހުންނާނެ ކަމަކަށް ނުވެއެވެ. ބުނާތީ އިވޭ ގޮތުގައި އެތަން ހަދާފައި ހުންނަނީ ބިން ހެލުނަސް ހަލާކުނުވާ ފަދަ ގޮތަކަށެވެ. އަދި ބޮމުގެ އަސަރު ވެސް ނުފޯރާނެ ގޮތަށެވެ. މުހިއްމު ހަތިޔާރުތަކާއި އާލާތްތައް ކޮށާރު ކޮށްފައި ހުންނަނީ އެތަނުގައެވެ.
އިންސާނާ ކިތަންމެ މަތިހަށިނަގާފައި އުޅުނަސް އިލާހީ ޤާނޫނުގެ ކުރިމަތީގައި ހެދޭނޭ ހަމަ އެއްވެސް ގޮތެއް ނޯވެއެވެ. ދެއްކޭނޭ ހަމަ އެއްވެސް ބާރެއް ނޯވެއެވެ.
އެ މަރުކަޒު ފަނާވި ރޭ އެތަނުން ބޭރުގައި ތިބި މީހުންނަށް ވެސް ބިރުވެރި މަންޒަރުތައް ފެނިފައި ވެއެވެ. އެންމެ ފުރަތަމަ ބިންގަނޑު ތެރޭން އިވެން ފެށީ ރުއިމުގެ އަޑު ކަހަލަ އަޑެކެވެ. އެއަށްފަހު އެއަށްވުރެ ވެސް އަޑިން އިވެން ފެށީ ބިރުވެރި އަޑެކެވެ. ބައެއް މީހުން ހީކުރީ ޤިޔާމަތް ވަނީ ކަމަށެވެ. އެއަށްފަހު ބިންގަނޑު ހޫނުވިއެވެ. އަދި ބައެއް ހިސާބުތަކުން އާވި އަރަން ފެށިއެވެ. ދެން މީހުންނަށް ފެނުނީ ގުލްޖުކްގެ އައްސޭރި އާ ދިމާލުން ވަރަށް ހަލުވިކޮށް ދިޔަވަރު ހިކެން ފެށި ތަނެވެ. އިސާހިތަކު އެދިމާލުގެ އަޑި ވެސް ފެންނާން ފަށައިފިއެވެ. އަދި ރީތިކޮށް ހިކުނެވެ. ދެން ފެނުނީ ކުއްލިއަކަށް ދިޔާ އަލިފާންގަނޑު އެދިމާލުގެ ބިންގަނޑު ފަޅާލާފައި އަރައިގަތް ތަނެވެ. އަލިފާން ގަނޑު އެރީ މައްޗަށެވެ. ބައެއް މީހުންނަށް އެވަގުތު އުޑު ފެނުނީ ގަދަ ރަތް ކުލައިގައި ވަނިކޮށެވެ. އެރި އަލިފާންގަނޑު ފޭބީ ހަމަ ސީދާ ކަނޑުގެ ސިފައިންގެ މަރުކަޒަށެވެ. ދެން އައީ 45 ސިކުންތުގެ ބިން ހެލުމެކެވެ. މި ބިން ހެލުމުގައި ބޮޑެތި އިމާރާތްތައް ބިމާހަމަކޮއްލިއެވެ. ބިން ހެލުމާއެކު 30-40 މީޓަރުގެ ބިޔަ ރާޅު ކަނޑުގައި އުފެދުނެވެ. މި ރާޅު ބައިކިލޯމީޓަރު އެއްގަމަށް އަރައިގެން ދިޔައެވެ. މި މާސިންގާ ރާޅު ސިފައިންގެ އެ މަރުކަޒު ހަލާކުކޮށް ސުންނާފަތިކޮށްލިއެވެ. ސިފައިންގެ މަރުކަޒުގެ އިތުރުން އާއްމުކޮށް ނެށުމާއި ޖުވާކުޅުން އޮންނަ އެހިސާބުގައި ހުރި ހޮޓަލަކަށް ވެސް ބިޔަ ރާޅު އެރިއެވެ.
ގުލްޖުކްގެ ޒުވާނަކު ބުންޏެވެ. “މިއީ ހަމަ އަހަރެމެންނަށް ވާންވީ ގޮތެވެ. އަހަރުމެން އުޅެމުން އައީ އަރާމު ދިރިއުޅުމެކެވެ. އަހަރުމެންގެ ގިނަ މީހުންގެ އަތުގައި ދެގެ ތިން ގެ ހުއްޓެވެ. އަދި ދެތިން ކާރު އޮވެއެވެ. އަހަރުމެން ވަގުތުތައް ނަގާލަމުން ދިޔައީ ޒިނޭ ކުރުމުގައެވެ.” ވިސްނާ މީހުންނަށް މިހިރީ ބޮޑެތި ޢިބްރަތްތަކެވެ.
ކަނޑުގެ ސިފައިންގެ މަރުކަޒަށް މި ދިމާވި ގޮތުގެ ޚަބަރުތައް އޮތީ ހުޅަނގުގެ ޚަބަރު ފަތުރާ ވަސީލަތްތަކުން ވަރަށް ބޮޑަށް ފޮރުވައި، އޮޅުވާލާފައެވެ. ގަތް ލަދަކުން ތޯއްޗެކެވެ.މި ޚަބަރު ތަފްޞީލުކޮށް ދީފައި ވަނީ ހުޅަނގުގެ އެންމެ ނޫހެއްގައެވެ. އެއީ، އެމެރިކާގެ ވޮޝިންގްޓަންގައި ނުކުންނަ “އެގްޒެކެޓިވް އިންޓެލިޖެންސް ރިވިޔު” އޭ ކިޔާ ނޫހެއްގައެވެ. މިއީ ހަފުތާއަކު އެއް ފަހަރު ނުކުންނަ، ސިއްރު މަޢުލޫމާތު އެކުލެވޭ ނޫހެކެވެ. އަގަކީ 10 ޑޮލަރެވެ. މިބިންހެލުމާއި ބެހޭ މަޒްމޫނު ޖަހާފައި ވަނީ 3 ސެޕްޓެމްބަރު 1999 ގެ އަދަދުގައެވެ. 26ވަނަ ޞަފުޙާ ގައި އޮތް މަޒްމޫނު ފަށާފައި ވަނީ މި ސުރުޚީންނެވެ. “ބިން ހެލުމުގެ ސަބަބުން، ތުރުކީ ވިލާތުން ކޯކަސަސް ސަރަޙައްދަށް ވަންނަން ކުރި މަސައްކަތް ނާކާމިޔާބުވެއްޖެ” މަޒްމޫނުގެ ވަކި ހިސާބެއްގައި ލިޔެފައި ވެއެވެ. “.... އައްސޭރި ސަހަރެއް ކަމުގައިވާ ގުލްޖުކްގެ ބައެއް ހިސާބުތައް ވަނީ މަރުމަރާ ކަނޑުގެ ތެރެއަށް ގެނބިފައެވެ. މި ޙާދިޘާގައި ތުރުކީގެ ކަނޑުގެ ސިފައިންގެ އެންމެ މުހިއްމު މަރުކަޒު ވަނީ ހަލާކުވެ ގޮސްފައެވެ. އަދި އެންމެ އިސް އޮފިސަރުންގެ އެތަކެއް މީހުން މަރުވިއެވެ.27 ވަނަ ޞަފުޙާގެ ގައި ލިޔެފައިއޮތެވެ. “ތުރުކީއަށް އައި ބިން ހެލުމުން ނޭޓޯގެ ރޭވުން ވެސް ހެލިގެންފިއެވެ.” މިއީ މުޅި ދުނިޔެއަށް ލިބުނު ފިލާވަޅެކެވެ. ޚާއްޞަކޮށް ބޮޑެތިފާފަތަކަށް އަރައިގަންނަ މީހުންނަށެވެ. ދީނަށް ފުރައްސާރަ ކުރާމީހުންނަށެވެ. ހުރިހާ ބާރެއް މިލްކުވެ ވޮޑިގެންވަނީ ﷲ އަށެވެ.

Read more...

05 October 2011

އެތީސްޓުން އީމާންވުމަށް އޮތް އެންމެ ފަސޭހަ މަގު

އަލްއަޚް މުޙައްމަދު ޝާފިޢު ބިން ޢަބްދުލްޣަފޫރު
ﷲ ސުބުޙާނަހޫ ވަތަޢާލާ ވޮޑިގެންވާކަމާއި މިކައުނު ހައްދަވާ ތަދްބީރު ކުރައްވާ ފަރާތަކީ އެއިލާހުކަން ދެނެގަތުމަށްޓަކައި އޮތް އެންމެ ފަސޭހަ މަގަކީ އިންސާނާއަށް ލިބިގެންވާ ސަލާމަތް ބުއްދީގެ މަގެވެ. އިންސާނާ އޭނާގެ ސިކުނޑި ބޭނުންކޮށްގެން ވިސްނުމުން އެނގޭ ކަމަކީ މިކައުނުގައި ޢަޖައިބު ކަންތައްތަކެއް ވާކަމެވެ. ވަރަށް ޢިލްމުވެރި ފަރާތަކަށް ނޫނީ ނުގެނެވޭފަދަ އެނގުންތަކެއް ކައުނުގައިވާ ހުރިހާ މާއްދާއެއްގައިވެސް އެކުލެވިގެންވާކަމެވެ. އާދެ މިކައުނު ހެއްދެވި ކުޅަދުންވަންތަ ފަރާތެއް ވާކަމެވެ.

އަހަރެމެންގެ ވަށައިގެންވާހާއި ދިރޭ ތަކެއްޗާއި ނުދިރޭ ތަކެއްޗާއި ކައުނަށް ނަޒަރު ހިންގާލާއިރު އެނގޭ ކަމަކީ މިހުރިހާ އެއްޗެއް ނެތުމުގެ ތެރެއިން އުފައްދަވާ، ތަދުބީރުކުރައްވައި، ރިޒްޤުދެއްވާ ކުޅަދުންވަންތަ، ޙިކްމަތްވަންތަ ހުރިހާކަމެއް ދެނެވޮޑިގެންވާ އިލާހެއް ވާކަމެވެ.
ފުރިހަމަ ނިޒާމުތަކުން ފުރާ ފުރިހަމަވެފައިވާ މިކައުނަކީ އެއްވެސް ޚާލިޤެއް ނެތި "އަމިއްލައަށް" ނުވަތަ "ޗާންސަކުން" އުފެދިފައިވާ ކައުނެއްކަމުގައި މުލްޙިދުން ނުވަތަ އެތީސްޓުން ދަޢުވާކުރެއެވެ. މިބައިމީހުންގެ މިދަޢުވާއަކީ އެއްވެސް ތާކުންތާކު ނުޖެހޭ ބާޠިލް ދަޢުވާއެކެވެ. ދުނިޔޭގައި މިވާ ހުރިހާ ތަކެއްޗަކީ އެއްވެސް އަޞްލެއް މަޤްޞަދެއް ނެތި ވާތަކެތި ކަމުގައި ސަލާމަތް ބުއްދިއަށް ޤަބޫލުކުރެވޭނީ ކިހިނަކުން ހެއްޔެވެ؟ މިކައުނުގައި ހިނގަމުން މިދާ ހުރިހާ ކަމަކީ ހަމަ އެއްވެސް ބޭނުމެއް ނުވަތަ މާނައެއް ނެތް އަދި އެކަންތައްތައް ރާއްވަވައި ހަމަޖައްސަވާ ފަރާތެއް ނެތި ހަމަ އަމިއްލައަށް ހިނގަމުންދާ ކަންތައްތަކެއް ބާވައެވެ؟

އެތީސްޓުންގެ މި ވަހުމީ ނަޒަރިއްޔާއަކީ ބުއްދީގެ ތަރާދުގައި އެއްވެސް ބަރުދަނެއް ނެތް ނަޒަރިއްޔާއެކެވެ. އަދި ކިއެއްތަ އެމީހުން މި ފުރިހަމަ ނިޒާމު ނިސްބަތް ކުރަނީ "ތަބީޢަތް" ނުވަތަ "ބައި ޗާންސް(އިއްތިފާޤް) އަދި "ބޭނުމެއްޖެހިގެންވުން" ފަދަ ކަންތައްތަކަށެވެ.

މިކައުނު އުފެދުނީ ތަބީޢަތުންކަމަށް ބުނާމީހުން އެބުނަނީ ތަބީޢަތް އޭގެ ނަފްސު އަމިއްލައަށް އުފައްދާ އެތަބީޢަތުގެ މަތިން ހުރިހާ އެއްޗެއް އުފެއްދީކަމުގައެވެ. ބުއްދިހުރި ކޮންމެ އިންސާނަކަށްވެސް އެނގޭނެފަދައިން މާއްދާއެއް އެމުނިއެކުލެވުމަށްޓަކައި އޭގެ ބައިތަކާއި ތަބީޢީ ސިފަތައް އޭގައި ލައްވާނޭ ފަރާތެއް ވާންޖެހެއެވެ.

ދެންއޮތީ އިއްތިފާޤަކުން ނުވަތަ ބައި ޗާންސަކުން މިދުނިޔެ އުފެދުނު ކަމަށް މުލްޙިދުން ކުރާ ބާޠިލު ދަޢުވާއެވެ. މިތިއަރީ އެކުލަވާލުމުގައި މުލްޙިދުން ބޭނުންކުރަނީ މިލިޔަން މިލިޔަންގެ ބޮޑެތި ޢަދަދުތަކެވެ. އެގޮތުން އެތައް ޒަމާނެއް ކުރިން މިކައުނު އުފެދި ޙަޔާތް ތަރުތީބު ވަމުން އައިސް މިހާ ފުރިހަމަކޮށް ތަރުތީބުވެފައިވާ ކަމުގައި މިވެރީން ޤަބޫލުކުރެއެވެ. އިންތިޒާމު ކުރައްވާ ފަރާތެއް ނެތި އިންތިޒާމްވަނީ ކިހިނެއްބާއެވެ؟

ދިރޭ ކާއިނާތުތައް ތަފާތުވެގެން ތަރައްޤީވެގެން އައީ ކުޑަކުޑަ ތަރައްޤީވެފައިނުވާ ކާއިނާތަކުން ކަމަށް މުލްޙިދުން ބުނެއެވެ. އަދި މިގޮތުން އަންނަ ކޮންމެ ބަދަލަކީ ކޮންމެވެސް ބޭނުމެއް ޖެހިގެން އަންނަ ބަދަލެއްކަމަށްވެއެވެ. އެގޮތުން މިސާލަކަށް އެބައިމީހުން ނަގާފައިވަނީ ޒަރާފާގެ ކަނދުރާ ދިގުވީގޮތަކީ މައްޗަށް ހެދިފައި ހުންނަ ގަސްގަހުން ކަރުދަމައިގެން އޮވެގެން ކާންޖެހުމެވެ. ހިނިއަންނަ ޒާތުގެ ވާހަކައެއް ދެއްތޯއެވެ. ކުރާނީ ކީއްހެއްޔެވެ؟ މިއީ އެމީހުންގެ ވިސްނުން ހުންނަވަރެވެ.

އަދި މިމީހުން ޤަބޫލުކުރާގޮތުގައި އިންސާނާއަކީވެސް މިއުޞޫލުން އެތައް ޒަމާންތަކެއް ވޭތުވުމުގެ ތެރޭގައި "ފުރޮޅިފައިވާ" ނުވަތަ "އިވޯލްވެފައިވާ" ޙައިވާނެކެވެ.

މިއަދު މުޅިދުނިޔޭގައި އުޅޭ އެންމެހާ އިންސާނުންގެ ތެރެއިން ދީންޤަބޫލުނުކުރާ، ނުވަތަ ކަލަކު ވޮޑިގެންވާކަމަށް ޤަބޫލުނުކުރާ މީހުންނަކީ ވަރަށް މަދު ޢަދަދެއްގެ ބައެކެވެ. މިފަދަ މީހުންނަކީ މާތްވެގެންވާ އިސްލާމްދީން އައުމުގެ ކުރީގައިވެސް އުޅުނު ބައެކެވެ.

އެބައިމީހުން ބުނެ އުޅޭ ކަމަށް ޖާހިލިއްޔަ ޒަމާނުގެ ޝިޢުރެއްގައިވެއެވެ. وما نحن إلا أرحام تدفع ، وأرضٌ تبلع "އަހަރެމެންނަކީ ހަމައެކަނި ރަޙިމަކުން މިބިންމައްޗަށް އުފަންވާ އަދި އެއަށްފަހު އެބިންގަނޑުގެ ތެރެއަށް ވަދެގެންވާ ބަޔަކީމެވެ."

މިބައިމީހުންނަކީ ހަމައެކަނި ހީއެއްގެ މައްޗަށް ބުރަވާ ބައެއްކަން ބަޔާންކުރައްވަމުން ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
وَقَالُوا مَا هِيَ إِلَّا حَيَاتُنَا الدُّنْيَا نَمُوتُ وَنَحْيَا وَمَا يُهْلِكُنَا إِلَّا الدَّهْرُ وَمَا لَهُم بِذَٰلِكَ مِنْ عِلْمٍ إِنْ هُمْ إِلَّا يَظُنُّونَ ﴿الجاثية٢٤﴾
މާނައީ: "އެމީހުން ބުންޏެވެ. ތިމަންމެންގެ ދުނިޔޭގެ ދިރިއުޅުންމެނުވީ، އެހެން ދިރިއުޅުމެއްނެތެވެ. ތިމަންމެން ދިރިތިބެމުއެވެ. އަދި މަރުވަމުއެވެ. އަދި ޒަމާން މެނުވީ ތިމަންމެން ހަލާކެއް ނުކުރެތެވެ. އެކަމާމެދު އެއުރެންނަކަށް އެއްވެސް ޢިލްމެއް ނުވެއެވެ. އެއުރެންނީ ހީކުރާބަޔަކު ކަމުގައިމެނުވީ ނުވެތެވެ."

ދެވަނަ ގޮތަކީ މިކައުނު އަމިއްލައަށް ޤަޞްދާއި އިރާދައިން އޭގެ މާއްދާ އުފެދިގެން އައުމެވެ. މާއްދާގެ އެކިއެކި ބައިތައް އެތަކެތި އަމިއްލަ ނަފްސުން އިރާދައާ އެހީތެރިކަމާއެކު އުފެދި ފުރިހަމަ ވުމެވެ. އެހެނީ އަމިއްލަ ވިސްނުމާއި ކުޅަދާނަކަމުން މަޚްލޫޤުން އަމިއްލައަށް އުފެދުމެވެ.

އިސްވެދިޔަ ދެގޮތަކީވެސް ބާޠިލުދެގޮތްކަން އަންގަވައި މާތް ﷲ ވަޙީކުރައްވާފައިވެއެވެ.
أَمْ خُلِقُوا مِنْ غَيْرِ شَيْءٍ أَمْ هُمُ الْخَالِقُونَ ﴿ الطور٣٥﴾
މާނައީ: "އަދި ކިއެއްތަ! ހެއްދެވިފަރާތެއްނެތި އެއުރެން ހެދިގަތީހެއްޔެވެ؟ ނުވަތަ ހެއްދެވި ފަރާތްތަކަކީ، އެއުރެން ހެއްޔެވެ؟"

އެހެންކަމުން އެތީސްޓުން ނުވަތަ މުލްޙިދުން މިކުރާ ދަޢުވާތަކަކީ ބާޠިލު ދަޢުވާތަކެކެވެ. އެ ދަޢުވާތަކުގައި އެއްވެސް އޮއްޓަރެއް ފަންވަރެއް ނެތް ދަޢުވާތަކެކެވެ. ބުއްދީގެ ތަރާދުގައި އެއްވެސް ބަރުދަނެއް ނެތް އެއްޗެކެވެ.

ބުއްދި އިންސާނާކައިރީ ބުނެދޭގޮތުގައި ވުޖޫދުގައިވާ ކޮންމެ އެއްޗެއް ވުޖޫދުކުރައްވާ ފަރާތެއް ވާނެއެވެ. ހައްދަވާފައިވާ ކޮންމެ އެއްޗެއް ހައްދަވާފަރާތެއް ވާނެއެވެ. ﷲ ވޮޑިގެންވާކަމުގެ ހެއްކަކީ ކޮބާތޯ އަޢުރާބީއާ ސުވާލުކުރުމުން އަޢުރާބީ ބުންޏެވެ.
البِعْرَةُ تَدُلُّ عَلَى الْبَعِيْرِ، وَالأَثَرُ يَدُلُّ عَلَى الْمَسِيْرِ، فَسَمَاءٌ ذَاتُ أَبْرَاجٍ، وَأَرْضٌ ذَاتُ فِجَاجٍ، وَبِحَارٌ ذَاتُ أَمْوَاجٍ أَلاَ تَدُلُّ عَلَى اللَّطِيْفِ الْخَبِيْرِ؟!!
ޖަމަލުގެ ފިޔަވަޅު ދަލީލުކޮށްދެނީ ޖަމަލެވެ. ފިޔަވަޅު ދަލީލުކޮށްދެނީ ހިނގާމީހާއެވެ. ބުރުޖުތައް (ތަރިތައް) ވާ އުޑެވެ. އަދި ވާދީތަކާއި ތަނަވަސް މަގުތައްވާ ބިމެވެ. އަދި ބާނިތައްވާ ކަނޑެވެ. މިހުރިހާ ކަންތައްތައް، ކީރިތިވަންތަ ޚަބީރުވަންތަ ﷲ ވޮޑިގެންވާކަމަށް ދަލީލު ނުކުރޭ ހެއްޔެވެ؟

މީހުންނާ މުދާ އަރުވައިގެން ބަރާކޮށްފައިވާ ނަވެއް، އެއްވެސް މާލިމީއެއް ނެތި ކަނޑުގެ އޮޔާއި ވައިގެ ތެރޭގައި ބާންޏާއި ރާޅުތަކުގެ ތެރޭގައި ދަތުރުކުރަން ދޫކޮށްލުމުން އެ ނައު ރައްކާތެރިކަމުގެ އައްސޭރިއަކަށް ގެންގޮސްދެނޭ ހެއްޔެވެ؟ އެއްވެސް ބެލެހެއްޓުންތެރިއަކު ނެތި މިއޮށް ބޮޑު ކައުނު ދޫކޮށްލެވިފައިވާ ނަމަ މިކައުނުގެ ނިޒާމު އޮންނާނީ ކިހިނެއްބާއެވެ؟

ކުކުޅު ބިހަކަށް ބަލާލަބަލާށެވެ. ހުދުކުލައިގެ ތޮއްޓެއްގެ ތެރޭގައި އޮންނަ ލޮނދިގަނކެވެ. ދުވަސް ކޮޅަކުން އޭގެން އެ ނުކުންނަނީ ފިޔޮކެކެވެ. ސުބްޙާނަﷲ އެވެ. ﷲ ގެ ކުޅަދުންވަންތަ ކަމެވެ. މިދުނިޔޭގައިވާ ކޮންމެ އެއްޗެއްވެސް ރަމްޒުކޮށްދެނީ ﷲ ސުބުޙާނަހޫ ވަތަޢާލާ ވޮޑިގެންވާކަމެވެ.

އަހަރެމެންގެ ވަށައިގެން މިހެދޭ ގަސްގަހާ ގެއްސާއި، ފަތްޕިލާވެއްޔާއި މާމެލާމެއްޔާ މެދު ވިސްނިން ހެއްޔެވެ؟ މާމެލާމެއްޔަށް އެ ލިބިގެންވާ ޗާލުކަމާއި އެ މާމެލާމެލީގައިވާ ވަހާމެދު ފިރުކުކޮށްލިން ހެއްޔެވެ؟ އެތަކެތި އެއަށް ލިބުނީ ހަމަ އަމިއްލަށް ބާއެވެ؟

އެހެންކަމުން އަހަރެމެންނަށް އޮތީ އެފަރާތް ވޮޑިގެންވާކަމަށް ޤަބޫލުކޮށް، އެކަމަށް އިޢުތިރާފުވެ އެއިލާހަށް ކިޔަމަންތެރިކަން އަދާކޮށް އެއިލާހު ދެއްވި ހިދާޔަތުގެ މަތީގައި ކިޔަމަންތެރިކަމާއެކު މިދުނިޔޭގެ ވަޤުތީ ޙަޔާތުގެ މަދު ވަގުތުކޮޅު، ވަޢުދުކުރައްވާފައިވާ އުޚްރަވީ ޙަޔާތް ކާމިޔާބުކުރުމުގައި ހޭދަކުރުމެވެ.

Read more...

24 September 2011

ޗައިނާ ދަތުރު

ތަރުޖަމާ:އަލްއަޚް އަޙްމަދު އަސްލަމް
އެއްދުވަހަކު ޢިލްމުވެރިޔަކު އޭނާގެ ބައިވެރިންނާއެކު ދީނީ ނަސޭހަތް ދިނުމަށް ޗައިނާއަށް ދިއައެވެ. މިދަތުރުގައި ދީނީ ނަސޭހަތް ދިނުމަށް ހަމަޖެހިފައިވަނީ ޗައިނާގެ އެކި ކަންކޮޅުތަކުގައި ހުންނަ ހޯލުތަކުގައެވެ.

އެމީހުން ތިބޭ ތަނާއި ތަންކޮޅެއް ދުރު ހިސާބެއްގައި ނަސޭހަތްދޭން ހަމަޖެހިފައި އޮތް ދުވަހެއް ކަމުން ކުލީ ކާރެއް ހަމަޖެއްސިއެވެ. ކާރު އައުމާއިއެކު އެންމެން ކާރަށްއަރާ ހަމަޖެހިލާފައި އެމީހުން އެބުނާ ހިސާބަކަށް ދެވޭނީ ކިހާއިރަކުންތޯ ޑުރައިވަރާއި ސުވާލު ކޮށްލިއެވެ.

"ގާތްގަނޑަކަށް ދެ ގަޑިއިރު ތެރޭ ހީވަނީ ދެވިދާނެހެން" ޑުރައިވަރު ލަފާކޮށްލާފައި ބުންޏެވެ.
"އަހަރެމެން މިވަގުތުކޮޅު ކޮންމެހެން ހުސްކޮށް ތިބެގެން ކަމަކުނުދާނެ! ޢިލްމުވެރިންނަކީ ﷲ ސުބުހާނަހޫ ވަތަޢާލާ، އެކަލާނގެ ދީން އެހެންމީހުނަށް ދަސްކޮށްދީ އޮޅުންފިލުވައި ދިނުމަށް ކަނޑައަޅުއްވާފައިވާ ބައެއް. އަހަރެމެންގެ މަސްއޫލިއްޔަތެއް މިޑުރައިވަރަށް އިސްލާމްދީނުގެ ދަޢުވަތު ދިނުމަކީ، އެހެންނޫނީ މިކާރަށް އަރާ ކާފަރުންނެކޭ އަހަރެމެންނެކޭ އެއްވެސް ތަފާތެއް ނެތް؟" ޑުރައިވަރަށް ނޭނގޭނެ ކަހަލަ ގޮތަކަށް ޝެއިޚު އޭނާގެ ބައިވެރިންނާއި ދިމާއަށް އެނބުރިލާފައި ބުންޏެވެ.

ޝެއިޚު މަޑުމައިތިރިކަމާއިއެކު ޑުރައިވަރާއި ވާހަކަ ދައްކަންފެށިއެވެ. "ކަލޭ އެއްވެސް ދީނެއް ޤަބޫލުކުރަންތަ؟" "ނޫން! އަހަރެން އެއްވެސް ދީނެއް ޤަބޫލެއް ނުކުރަން. އަހަރެން ހެނދުނު ހޭލައިގެން ނުކުންނަނީ ލާރިހޯދުމަށް މަސައްކަތްކުރަން. ދެން ދުވަސް ނިމުމުން އަހަރެންނަށް ލިބުނު ލާރިކޮޅު އެއްކޮއްލާފައި ގެއަށް ބޭނުންވާ ސާމާނުކޮޅު ގަނެލައިގެން ގެއަށް ދަނީ. އަހަރެން ކޮން ކަމަކަށް ދީނެއް ބޭނުންވަނީ؟" ޑުރައިވަރު ބުންޏެވެ.

"ކަލޭ ދުވަހަކު ވެސް އިސްލާމް ކިޔާ ދީނެއްގެ އަޑު އެހިންތަ؟" ޝެއިޚު ބުންޏެވެ. "އެހާ ބޮޑަކަށް ނާހަން، ތަންކޮޅެއްކުރިން އަހަރެނަށް ފެނުން ވީޑިއޯއެއްގައި އަޑުއެހިން ތިބުނާބަޔަކީ ވަރަށް ލޭ އޮހޮރުވުން ގިނަ ބައެކޭބުނާ އަޑު، މިއަށްވުރެން ބޮޑަކަށް ނޭނގޭ." ޑުރައިވަރު ބުންޏެވެ.

"ތިހެން ވިއްޔާ ބުނެބަލަ، ކަލޭ ދަންނަ ގޮތުގައި ކޮމްޕިއުޓަރަކީ ކޯޗެއް؟ ޝެއިޚު އެހިއެވެ. "އަހަރެންނަށް ހީވަނީ އެއީ އަދި މިހާތަނަށް އީޖާދު ކުރި އެންމެ މޮޅު މެޝިންހެން، އަދި އެޔަކީ އެހާ ބޭނުންތެރި މުހިންމުވެސް އެއްޗެއް" ޑުރައިވަރު ބުންޏެވެ.

"ތިހެންވިއްޔާ ބުނެބަލަ، ކަލެއަށް ހީވަނީ އެއީ އަމިއްލައަށް އުފެދުން އެއްޗެއް ހެންތަ، ނޫނީ ކޮންމެވެސް މީހަކު އުފެއްދިއެއްޗެއް ހެންތަ؟" ޝެއިޚު އަނެއްކާވެސް ސުވާލު ކުރިއެވެ. "ކިހިނެއް އޭތި އެކަނި އުފެދޭނީ އަހަރެންނަށް ޔަގީން އެއީ ހަމަ ކޮންމެވެސް މޮޅުމީހަކު އުފެއްދި އެއްޗެއްކަން." ޑުރައިވަރު ބުންޏެވެ.

"އިންސާނުންނާއި ކޮމްޕިއުޓަރާއި ތެރެއިން ކޯޗެއް މޮޅުވެފައި ފުރިހަމަވާނީ؟" ޝެއިޚު އެއްސެވެ. "އެއްވެސް ޝައްކެއްނެތް އިންސާނުން" ޑުރައިވަރު ޖަވާބުދިނެވެ.

"މައްސަލައެއް ނެތް ކޮމްޕިއުޓަރު އުފެއްދީ އިންސާނުން، އަދި އިންސާނުންނަކީ ކޮމްޕިއުޓަރަކަށް ވުރެންވެސް މޮޅު ފުރިހަމަ އެއްޗަކަށް ވާއިރު އިންސާނުންވެސް އުފެދިފައިވަނީ އެކަންޏެއް ނޫން އަދި އިންސާނުން ހައްދަވާފައިވަނީ ކޮންމެވެސް ފަރާތަކުންކަން ކަށަވަރު." ޝެއިޚު ބުންޏެވެ. "އާނ!" ޑުރައިވަރު ބުންޏެވެ.

"އިސްލާމްދީނުގައި އަހަރެމެން މުސްލިމުން މިޤަބޫލުކުރަނީ ހުރިހާ އެއްޗެއްވެސް ހެއްދެވީ ﷲ ކަމުގައި. ރަނގަޅު އަދި ކުރިއަށް ވިސްނާލަބަލަ، ހިތަށް ގެނެސްބަލަ ކަލެއަކީ ދުވަހަކުވެސް ކޮމްޕިއުޓަރެއް ލޮލަށް ނުފެންނަ އަދި އޭގެ ވާހަކަ އަޑުވެސް ނާހާ މީހެއްކަމަށް، ދެން އަހަރެން ކަލޭގެ އަތަށް ކޮމްޕިއުޓަރެއް ދީފައި މީތި ބޭނުން ކުރާށޭ ބުނީމައި އެނގޭނެތަ އެމެޝިނާ ކުޅެން؟ ޝެއިޚު ބުންޏެވެ. "ނޫނ! ނޭނގޭނެ" ޑުރައިވަރު ބުންޏެވެ.

"ދެން މިސާލަކަށް އަހަރެން މިދިނީ ކޮމްޕިއުޓަރު ބޭނުންކުރާނެ ގޮތުގެ ފޮތެއް، ކަލޭގެ އަތަށް އޭރުން އެކޮމްޕިއުޓަރު އެންމެ ފުރިހަމައަށް ބޭނުންކުރަން އެނގޭނެތަ؟ ޝެއިޚު ސުވާލުކުރިއެވެ. "އާނ! އޭރުން އެނގިދާނެ ކުޑަކޮށް ބޭނުން ކުރަން، އެކަމަކު އެންމެ ފުރިހަމައަށް ބޭނުންކުރާކަށް ނޭނގޭނެ" ޑުރައިވަރު ބުންޏެވެ.

އިސްލާމް ދީނުގައި އަހަރެމެން ބަލަނީ ޤުރުއާނަކީ އިންސާނުން ދުނިޔޭގައި ދިރިއުޅެންވީ ގޮތް ބަޔާން ކޮށްފައިވާ ފޮތްކަމަށް. މިފޮތުގައިވާ ގޮތާއި ޚިލާފަށް އުޅެން ވެއްޖެއްޔާ އެބަޔަކު ހަލާކުވެދާނެ، ހަމައެގޮތަށް ކޮމްޕިއުޓަރުވެސް އެމެޝިން ބޭނުންކުރަން އޮންނަ ގޮތްނޫން އެހެން ގޮތަކަށް ބޭނުން ކޮށްފިއްޔާ އޭތީގައި މައްސަލަތައްޖެހި ހަލާކުވެދާނެ، މިގޮތުން ކޮމްޕިއުޓަރުވެސް ބޭނުންކުރަން ޖެހޭނީ އެމެޝިން ބޭނުންކުރާނޭ ގޮތް ލިޔެވިފައިވާ ފޮތާ އެއްގޮތަށް، އެފޮތާއި އެއްގޮތަށް އެބޭނުންކުރާނޭ ފުރިހަމަ ގޮތް ކިޔައިދޭން އެނގޭނީ އެކަމުގެ ޚާއްސަ އިންޖިނޭރުންނަށް. މިގޮތުގެ މަތީން އެކި ޖީލުތަކާއި ހަމައަށް ކޮންމެ ޢިލްމެއް ވެސް އަންނަނީ އެކަމެއްގެ މޭސްތިރިންގެ ކިބައިން ނަގުލުވަމުން.

ހަމަ މިފަދައިން ﷲ ސުބުޙާނަހޫ ވަތަޢާލާގެ ކަލާމްފުޅު ކަމުގައިވާ ޤުރުއާނާއި އެކަލާނގެ ރަސޫލާގެ ބަސްފުޅުތައް މިއަންނަނީ މިގޮތުގެމަތިން ދައުރުވަމުން، ﷲ ސުބުޙާނަހޫ ވަތަޢާލާ އިންސާނުން ހައްދަވާފައި، އުޅެންވީގޮތް ޤުރުއާނުގައި ބަޔާންކުރައްވާފައި ރަސޫލުބޭކަލުން ފޮނުއްވީ އެކަލާނގެ ބަސްފުޅުތަކުގެ އަލީގައި މީސްތަކުންނަށް ދިރިއުޅުން ބައްޓަން ކުރަންވީގޮތް ބަޔާންކޮއްދެއްވުމަށް" ޝެއިޚު މަޑުމައިތިރިކަމާއި ޝައުގުވެރިކަމާ އެކު ކިޔައިދެމުން ދިޔައެވެ.

މިހާ ހިސާބަށް ދެމީހުންގެ ވާހަކަ ދިޔަތަނާ މިމީހުންގެ މަންޒިލާއި ހަމައަށް އާދެވިއްޖެއެވެ. ޝެއިޚަށް އެވަގުތު ފެނުނީ ޑުރައިވަރުގެ ދެލޮލުން ކަރުނަ ފައިބަމުން ދިޔަތަނެވެ. ޝެއިޚުގެ އެބަސްތަކުން ޑުރައިވަރުގެ ހިތަށް ވަނީ ވަރަށް ފުން އަސަރުތަކެއް ކޮށްފައެވެ. މިއީ އަދި މީގެކުރިން ޑުރައިވަރު އަޑުއަހައިފައިވާ ކަހަލަ ވާހަކަތަކެއްނޫނެވެ.

"އަހަރެން ވަރަށް ޝައުގުވެރިވެއްޖެ ތިޔަ ވާހަކަތައް އަޑުއަހަން، ބުރަކަމަކަށް ނުވަންޏާ އަހަރެން އެދެނީ އަހަރެންގެ ކައިރީގައި ކަލޭމެން އަދި ފަނަރަ ވަރަކަށް މިނިޓު، ތިޔަ ދީނުގެ ވާހަކަ ދައްކަން މަޑުކޮއްލަދިނިއްޔާ" ޑުރައިވަރު އަސަރާއިއެކު ބުންޏެވެ.

ޝެއިޚު އޭނާގެ އެދުން އުފަލާއި އެކު ޤަބޫލު ކުރިއެވެ. އަދި އިސްލާމްދީނުގެ ކަންތައްތައް އޭނާއަށް ކިޔާދިނެވެ. އޭނާ ވަރަށް ޝައުގުވެރިކަމާއިއެކު އަޑުއަހަމުން، ސުވާލުތައް ކުރަމުން ގެންދިއައެވެ. ޑުރައިވަރުގެ ހިތުގައިވަނީ ވަރަށް އާދަޔާ ޚިލާފު އިހުސާސްތަކެކެވެ.

"އަހަރެން ބޭނުން ތިޔަ ދީނަށް ވަންނަން، ކިހިނެއް އަހަރެން ހަދަންވީ؟" ޑުރައިވަރު ބުންޏެވެ. "ﷲ ފިޔަވާ ހައްޤުގޮތުގައި އަޅުކަންވެވޭ އެހެން އިލާހެއް ނުވާކަމަށާއި އަދި މުޙައްމަދުގެފާނަކީ އެކަލާނގެ ރަސޫލާކަމަށް އަޅު ހެކިވަމެވެ. މިހެން ދުލުންކިޔާ ހިތުގެ އަޑިން ޤަބޫލުކުރުމުން އެ އަހަރެމެންގެ ދީނަށް ވަދެވުނީ" ޝެއިޚު ބުންޏެވެ.

މިވަގުތުން ފެށިގެން ޑުރައިވަރު އިސްލާމް ވެއްޖެއެވެ. ޝެއިޚާއި އޭނާގެ ބައިވެރިން މިޑުރައިވަރަށް ހިދާޔަތް ދެއްވިކަމަށްޓަކައި ﷲ އަށް ޝުކުރުކުރިއެވެ.
__________________________________
ދީނީނިއުސް.ކޮމް އިން ނަގާފައި

Read more...

22 September 2011

ތައުޙީދަކީ އަހަރެމެންގެ ޢަޤީދާއެވެ

އަލްއަޚް އަޙްމަދު މިޙްސަން މުޙައްމަދު
ބަހުގެ ގޮތުން ތައުޙީދު މި ބަހަކީ (ވައްޙަދަ، ޔުވައްޙިދު) މި ފިޢުލުގެ މަސްދަރެވެ. އެހެންކަމުން ﷲ ތަޢާލާގެ ވަޙުދާނިއްޔަތުކަމަށް އީމާންވާ ނުވަތަ އެއްކައުވަންތަކުރާ މީހާއަކީ މުވައްޙިދެކެވެ. އަދި މުޝްރިކުން ﷲ ތަޢާލާގެ ޒާތުފުޅާއި ސިފަފުޅުތަކުގައި ބައިވެރިކުރާ އަދި ވައްތަރުކުރާ ތަކެތިން އެއިލާހު އެއްކައުވަންތަކުރާ މީހާއަކީވެސް މުވައްޙިދެކެވެ.
ޢަރަބި ބަހުގައި ވާޙިދު، އަޙަދު، އަދި ވަޙީދުވެސް ކިޔައި އުޅެއެވެ. މިހުރިހާ ބަހެއްގެ މާނަޔަކީވެސް މުޚާތަބުކުރެވޭ ފަރާތަކީ އެއްފަރާތެއްކަން ބުނެދިނުމެވެ. ﷲތަޢާލާއަކީ އަންދާދު ނުވަތަ ބުދުތަކާއި އަދި މުޝްރިކުން ޝިރުކު ކުރަންބޭނުން ކުރާ އެއްވެސް އެއްޗަކާއި އަދި އެއްވެސް ޝަކްލަކާއި އެއްވެސް ޙާލަތެއްގައި އެއްފަދަވެގެންނުވާ އަދި ވައްތަރުވެގެންނުވާ އެއްކައުވަންތަ އިލާހުއެވެ. އެހެންކަމުން ތައުޙީދުގެ މާނައަކީ ﷲ ތަޢާލާއަކީ އެކައުވަންތަ އިލާހު ކަމާއި އެއިލާހާއި އެއްފަދަވެގެންވާ ހަމަ އެކައްޗެއްވެސް ނުވާކަން ދަތުމެވެ. އަދި މިކަން ނޭގޭމީހާ ނުވަތަ އެއިލާހަށް ޝަރީކު ކުރެވޭތަކެތިން އެއިލާހު އެއްކައުވަންތަ ނުކުރާ މީހާއަކީ ޢައިރު މުވައްޙިދެކެވެ.

އަދި ޝަރުޢީގޮތުން ތައުޙީދުގެ މާނައަކީ تعريفه في الاصطلاح فهو : إفراد الله تعالى بما يختص به من الألوهية والربوبية والأسماء والصفات . މާނައީ: “ﷲ ތަޢާލާއަށް ޚާއްސަވެގެންވާ އެއިލާހުގެ އުލޫހިއްޔަތާއި އެއިލާހުގެ ރުބޫބިއްޔަތާއި އެއިލާހުގެ ނަންފުޅުތަކާއި ސިފަފުޅުތަކުގައި އެއިލާހު އެއްކައުވަން ކުރުން” އަދި އެހެން ގޮތަކަށް ބުނާނަމަ ތައުޙީދަކީ ﷲ ތަޢާލާގެ ރުބޫބިއްޔަތާއި އުލޫހިއްޔަތާއި އެއިލާހުގެ ނަންފުޅުތަކާއި ސިފަފުޅުތަކުގައި އެއިލާހު އެއްކައުވަންތަ ވެގެންވާކަމަށް އިޢުތިޤާދު ކުރުމޭވެސް ބުނެވިދާނެއެވެ.

އާދެ “ތައުޙީދު” މި އިޞްތިލާހު އިލްމުވެރިން ނަގާފައިވަނި ޤުރްއާނާއި ސުންނަތުންނެވެ. އެހެންކަމުން މިކަމަށް އެބޭކަލުން ގެންނަވާ ބައެއް ދަލީލްތައްވެސް އެބަހުއްޓެވެ. ކީރިތި ގުރްއާންގެ އަލް-އިޚްލާޞް ސޫރަތުގައި ﷲ ތަޢަލާ ވަޙީކުރައްވާފައިވެއެވެ. ( قل هو الله أحد … الخ السورة ) . “ވިދާޅުވާށެވެ. އެއިލާހަކީ އެއްކައުވަންތަ އެއްފަރާތެވެ”. އަދި ބަޤަރާ ސޫތަރުގެ 163 ވަނަ އާޔަތުގައި ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. ( وَإِلَهُكُمْ إِلَهٌ وَاحِدٌ لا إِلَهَ إِلا هُوَ الرَّحْمَنُ الرَّحِيمُ ) البقرة/163 މާނައީ ” އަދި ތިޔަބައިމީހުންގެ އިލާހުއީ، އެއްކައުވަންތަ އިލާހުއެވެ. އެއިލާހުގެ މެނުވީ إله އަކު ނުވެއެވެ. އެއީ رحمن ވަންތަ رحيم ވަންތަ އިލާހުއެވެ. (163)) އަދިވެސް ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. ( لَقَدْ كَفَرَ الَّذِينَ قَالُوا إِنَّ اللَّهَ ثَالِثُ ثَلاثَةٍ وَمَا مِنْ إِلَهٍ إِلا إِلَهٌ وَاحِدٌ وَإِنْ لَمْ يَنْتَهُوا عَمَّا يَقُولُونَ لَيَمَسَّنَّ الَّذِينَ كَفَرُوا مِنْهُمْ عَذَابٌ أَلِيمٌ ) المائدة/73 މާނައީ ” ހަމަކަށަވަރުން، اللَّه އީ، ތިން إله އިންގެ މައްޗަށް އުފެދިވައިވާ إله އެކޭ ބުނި މީހުން كافر ވެއްޖެކަން ކަށަވަރެވެ. އެއްކައުވަންތަ إله މެނުވީ، އެހެން إله އަކު ނުވެއެވެ. އެއުރެން އެބުނާ ބުނުން ހުއްޓާނުލިނަމަ، ހަމަކަށަވަރުން، އެއުރެންގެ ތެރެއިން كافر ވި މީހުންނަށް ވޭންދެނިވި عذاب ލިބޭނެކަން ކަށަވަރެވެ. (73) އަދި މި މާނާއިގައި ﷲ ތަޢާލާ ބާވައިލައްވާފައިވާ އާޔަތްތައް ވަރަށްވެސް ގިނައެވެ.

في صحيح البخاري (7372 ) ومسلم ( 19 ) عن ابن عباس رضي الله عنهما قال : ” لَمَّا بَعَثَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ مُعَاذَ بْنَ جَبَلٍ إِلَى نَحْوِ أَهْلِ الْيَمَنِ قَالَ لَهُ : ” إِنَّكَ تَقْدَمُ عَلَى قَوْمٍ مِنْ أَهْلِ الْكِتَابِ فَلْيَكُنْ أَوَّلَ مَا تَدْعُوهُمْ إِلَى أَنْ يُوَحِّدُوا اللَّهَ تَعَالَى فَإِذَا عَرَفُوا ذَلِكَ فَأَخْبِرْهُمْ أَنَّ اللَّهَ قَدْ فَرَضَ عَلَيْهِمْ خَمْسَ صَلَوَاتٍ فِي يَوْمِهِمْ وَلَيْلَتِهِمْ فَإِذَا صَلَّوْا فَأَخْبِرْهُمْ أَنَّ اللَّهَ افْتَرَضَ عَلَيْهِمْ زَكَاةً فِي أَمْوَالِهِمْ تُؤْخَذُ مِنْ غَنِيِّهِمْ فَتُرَدُّ عَلَى فَقِيرِهِمْ فَإِذَا أَقَرُّوا بِذَلِكَ فَخُذْ مِنْهُمْ وَتَوَقَّ كَرَائِمَ أَمْوَالِ النَّاسِ “ އިބްނު ޢައްބާސް رضي الله عنهما ވިދާޅުވިއެވެ. ރަސޫލާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ މުޢާޒު ބުން ޖަބަލް ޔަމަނަށް ފޮނުއްވުއިރު ޙަދީޘް ކުރެއްވިއެވެ. ” ކަލޭގެފާނު ތިޔަ ވަޑައިގަންނަވަނީ އަހުލުކިތާބީންގެ ތެރެއިންވާ ބަޔަކު ތިބި ގައުމަކަށެވެ. އެހެންކަމުން އެންމެ ފުރަތަ ކަލޭގެފާނުގެ މައްޗަށްވަނީ ﷲ ތަޢާލާ އެއްކައުވަންތަ ކުރުމަށް އެބައިމީހުންނަށް ގޮވާލުމެވެ. އަދި އެބަމީހުން މިކަން ގަބޫލްކޮށްފިނަމަ އެބަމީހުންގެ ދުވާލުގެ ވަގުތުގަޔާއި ރޭގަނޑުގެ ވަގުތުގައި ކޮންމެ ދުވަހަކު ކުރުމަށް 5 ނަމާދު އެބަމީހުންގެ މައްޗަށް ފަރުޟު ވެގެންވާކަމުގައި އެބައިމީހުންނަށް އަންގަވާށެވެ. އަދި އެބައިމީހުން ނަމާދުކުރާނަމަ ދެން އެބައިމީހުންގެ މައްޗަށް ﷲ ތަޢާލާ ޒަކާތް ފަރުޟު ކުރައްވާފައިވާކަމުގެ ޚަބަރުދެއްވާށެވެ. މި ޒަކާތަކީ އެބައިމީހުންގެ މުއްސަންދިންގެ މުދަލުންނެގި އެބައިމީހުންގެ ފަޤީރުނަށް ރައްދުކުރެވޭ އެއްޗެކެވެ. އެބައިމީހުން މިކަމަށް އިގުރާރު ވެއްޖެނަމަ ޒަކާތް ނަންގަވާށެވެ. އަދި އެބައި މީހުންގެ މޮޅު މުދާތަކަށް ރައްކާތެރިވާށެވެ.”

في صحيح مسلم ( 16 ) عن ابن عمر رضي الله عَنْ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ : ( بُنِيَ الإِسْلامُ عَلَى خَمْسَةٍ : عَلَى أَنْ يُوَحَّدَ اللَّهُ ، وَإِقَامِ الصَّلاةِ وَإِيتَاءِ الزَّكَاةِ وَصِيَامِ رَمَضَانَ وَالْحَجِّ ) އިބްނު ޢުމަރު ރަސޫލާ صَلَّى اللَّهُ عَلَيْهِ وَسَلَّمَގެ އަރިހުން ރިވާ ކުރައްވާފައިވެއެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “އިސްލާމްދީން ބިނާވެގެންވަނީ 5 ކަމެއްގެ މައްޗަށެވެ: ﷲ ތަޢާލާ އެއްކައުވަންތަކުރުމާއި، ނަމާދުޤާއިމް ކުރުމާއި، ޒަކާތް ދިނުމާއި، ރަމަޟާންމަހުގެ ރޯދައާއި ޙައްޖުގެ މައްޗަށެވެ.”

އެހެންކަމުން މި ބަޔާންވެދިޔަ ޤުރްއާން އާއި ސުންނަތުގެ ހުރިހާ ނައްޞަކުންވެސް ބަޔާންކޮށްދެނީ ޝަހާދަތުގެ ދެކަލިމައިގެ ޙަޤީޤީ މާނައެވެ. އަދި ލޮބުވެތި ނަބިއްޔާ މުޙައްމަދު صَلَّى اللَّهُ عَلَيْهِ وَسَلَّمَ ގެ މައްޗަށް ބާވައިލެއްވުނު މި އިސްލާމްދީނަކީ ޙައްޤު ދީންކަން ދަލީލްކޮށްދެއެވެ. އަދި ޤުރުއާންއާއި ސުންނަތުގައި މިދަލީލްތައް އެއްމާނައެއްގައި ތަފާތު ގޮތްގޮތަށް ރިޕީޓްވެގެންވެސް އައިސްފައިވެއެވެ.

ބާޔާންވެދިޔާ ދަލީލްތަކުން ދާލީލްކޮށްދޭ ގޮތުގައި ތައުޙީދަކީ ޝަހާދަތުގެ ދެ ކަލިމައިގެ ޙަޤީޤީ މާނައެވެ. އަދި އިސްލާމްދީނަކީ ﷲ ގެ ނަބިއްޔާއަށް އެ އިލާހު ބާވައިލައްވައި މުޅި ޘަޤަލައިން އަށް ނުވަތަ އިންސީންނާއި ޖިންނީންނަށް ބާވައިލެއްވި ދީންކަން ދަލީލުކޮށްދެއެވެ. އަދި މި ދީން ފިޔަވައި އެހެން ދީނެއް ﷲ ތަޢާލާ ރުހިވޮޑިނުގަންނަވާނެކަންވެސް އެނގިގެންދެއެވެ.

ﷲ ތަޢާލާ އާލް-ޢިމްރާން ސޫރަތުގެ 19 ވަނަ އާޔަތުގައި ވާޙީ ކުރައްވާފައިވެއެވެ. ( إِنَّ الدِّينَ عِنْدَ اللَّهِ الإسلام ) آل عمران/19 މާނައީ ” ހަމަކަށަވަރުން ﷲ ގެ ޙަޞުރަތުގައި ދީނަކީ އިސްލާމްދީނެވެ”
އަދިވެސް އެއިލާހު ޖައްލަ ޝައުނުހް ވާޙި ކުރައްވާފއި ވެއެވެ. ( وَمَنْ يَبْتَغِ غَيْرَ الإسلام دِيناً فَلَنْ يُقْبَلَ مِنْهُ وَهُوَ فِي الآخِرَةِ مِنَ الْخَاسِرِينَ ) آل عمران/85 . މާނައީ” دين އެއްގެ ގޮތުގައި إسلام دين ނޫން دين އެއް އެދޭމީހާ (ދަންނާށެވެ!) ފަހެ، އެމީހާގެ ކިބައިން (އެކަން) قبول އެއް ނުކުރައްވާ ހުށްޓެވެ. އަދި، آخرة ގައި އޭނާ ވާހުށީ، ގެއްލެނިވެގެންވާ މީހުންގެ ތެރެއިންނެވެ.”

ދެން ތިޔަބޭފުޅުނަށް އެގިލައްވަންވީ ޢިލްމުވެރިން ތައުޙީދު 3 ބަޔަކަށް ބައްސަވާކަމެވެ. އާދެ މި 3 ބަޔަކީ ތައުޙީދުއް ރުބޫބިއްޔާ، ތައުޙީދުލް އުލޫހިއްޔާ އަދި ތައުޙީދުލް އަސްމާއި ވައް ސިފާތިއެވެ. މި ތިން ބައެވެ.

ތައުޙިދުއް ރުބޫބިއްޔާ އަކީ ﷲ ތަޢާލާ ކުރައްވާ ކަންތައްތަކުގައި އެއިލާހު އެއްކައުވަންތަ ކުރުމެވެ. އޭގެ މިސާލަކީ މަޚްލޫގުން ޚަލްޤު ކުރެއްވުމާއި އެއިލާހުގެ ވެރި ކަމާއި ކަންތައް ތަދުބީރު ކުރެއްވުމާއި މަޚްލޫގުން ދިރުއްވުމާއި މަރުގެންނެވުންފަދަ ކަންތައްތަކެވެ. އަދި ތައުޙީދުއް ރުބޫބިއްޔާއަށް ދަލާލަތު ކުރާ ވަރަށްގިނަ ދަލީލްތައް ޤުރްއާނާއި ސުންނަތުގަ އިއިސްފަވެއެވެ.

އެހެންކަމުން ﷲ ފިޔަވައި ޚަލްޤު ކުރައްވާ ފަރާތެއް ވާކަމަށާއި އެއިލާހު ފިޔަވައި މި ކާއިނާތުގެ ވެރިފަރާތެއްވާކަމަށާއި އެއިލާހު ފިޔަވައި ކަންތައްތައް ރާއްވަވާއި ހިންގަވާ އެހެންފަރާތެއްވާކަމަށް އިޢުތިޤާދު ކޮށްފިމީހާ ނުވަތަ ގަބޫލްކޮށްފި މީހާ ﷲ ތަޢާލާގެ ރުބޫބިއްޔަތަށް އީމާންވުމުން އެކަހެރި ވެއްޖެކަން ކަށަވަރެވެ. އަދި އޭނާ ﷲ ތަޢާލާއަށް ކާފަރު ވެއްޖެކަން ކަށަވަރެވެ.

މައްކާގެ މުޝްރިކުންވެސް ޖުމްލަގޮތެއްގައި ތައުޙީދުއްރުބޫބިއްޔާއަށް އީމާންވިއެވެ. އަދި މިކަމަށް ދަލީލްކުރާ ވަރަށްގިނަ އާޔަތްތަކެއް ކީރިތި ޤުރްއާނުގައިވެއެވެ.

އަލް ޢަންކަބޫތް ސޫރަތުގެ 61 ވަނަ އާޔަތުގައި ﷲ ތަޢާލާ ވަޙީކުރައްވާފައި ވެއެވެ. ( وَلَئِنْ سَأَلْتَهُمْ مَنْ خَلَقَ السَّمَاوَاتِ وَالأَرْضَ وَسَخَّرَ الشَّمْسَ وَالْقَمَرَ لَيَقُولُنَّ اللَّهُ فَأَنَّى يُؤْفَكُون َ) العنكبوت/61 ” މާނައީ “ހަމަކަށަވަރުން، އުޑުތަކާއި، ބިން ހައްދަވައި، އިރާއި، ހަނދު خدمة ތެރިކުރެއްވީ ކާކުހޭ، އެއުރެން ކުރެން (އެބަހީ: مشرك ން ކުރެން) ކަލޭގެފާނު އައްސަވައިފިނަމަ، އެއުރެން اللَّه އޭ ދަންނަވާނެކަން ކަށަވަރެވެ. ފަހެ، އެއުރެން حق ން އެއްކިބާވަނީ ކޮންފަދައަކުން ހެއްޔެވެ؟”

އަލް-ޢަންކަބޫތު ސޫރަތުގެ 63 ވަނަ އާޔަތުގައި ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. ( وَلَئِنْ سَأَلْتَهُمْ مَنْ نَزَّلَ مِنَ السَّمَاءِ مَاءً فَأَحْيَا بِهِ الأَرْضَ مِنْ بَعْدِ مَوْتِهَا لَيَقُولُنَّ اللَّهُ قُلِ الْحَمْدُ لِلَّهِ بَلْ أَكْثَرُهُمْ لا يَعْقِلُونَ ) العنكبوت/63 “ އަދި ހަމަކަށަވަރުން، އުޑުން ފެންބާވައިލައްވައި، ބިން މަރުވެފައި އޮތުމަށްފަހު، އެ ފެނުން ބިމަށް ދިރުން ދެއްވީ ކާކުހޭ އެއުރެން ކުރެން ކަލޭގެފާނު އައްސަވައިފިނަމަ، ހަމަކަށަވަރުން، އެއުރެން اللَّه އޭ ދަންނަވާނެކަން ކަށަވަރެވެ. ކަލޭގެފާނު ވިދާޅުވާށެވެ! حمد ހުރީ اللَّه އަށެވެ. އަދި ކިއެއްތަ! އޭގެތެރެއިން ގިނަމީހުންނަކަށް (އެކަމެއް) ނުވިސްނެތެވެ.”

އަދި އައް ޒުޚްރުފު ސޫރަތުގެ 87 ވަނަ އާޔަތުގައި ﷲ ވަޙީ ކުރައްވާފައިވެއެވެ. ( وَلَئِنْ سَأَلْتَهُمْ مَنْ خَلَقَهُمْ لَيَقُولُنَّ اللَّهُ فَأَنَّى يُؤْفَكُونَ ) الزخرف/87 “ ހަމަކަށަވަރުން، އެއުރެން ހެއްދެވީ ކާކުތޯ، އެއުރެންނާ ކަލޭގެފާނު سؤال ކުރައްވައިފިނަމަ، އެއުރެން ބުނާނެކަން ކަށަވަރެވެ. ﷲ އެވެ. ފަހެ، އެއުރެން حق ން އެއްކިބާވަނީ ކޮންފަދައަކުން ހެއްޔެވެ؟”

މި އާޔްތްތަކުންވެސް އެނގިގެންދަނީ ކާފަރުންވެސް ﷲ ތާޢަލާއަކީ ޚަލްޤު ކުރައްވާ ފަރާތްކަމާއި ކާއިނާތުގެ ވެރި ފަރާތްކަމާއި އަދި ކަންތައްތައް ތަދުބީރު ކުރައްވަނީ އެއިލާހުކަމަށް އީމާންވާކަމެވެ. އަދި މިޔާއެކުވެސް އެބައިމީހުންގެ އަޅުކަންތަކުގައި ﷲ ތަޢާލާ އެއްކައުވަންތަ ނުކުރުން ވެގެންދިޔައީ އެބައިމީހުންގެ އެންމެ ބޮޑު ފާފައަށެވެ. އަދި އެބަމީހުންގެ ވިސްނުމުގެ އެންމެ އުނިކަންކަމުގައި މިކަން ވެގެންދިޔައެވެ. ސަބަބަކީ ބުއްދީގެ އަހުލުވެރިން ކަމުގައި އެބައިމީހުންވީނަމަ ރުބޫބިއްޔަތުގެ މަތިވެރި ސިފަތަކުން އެބައިމީހުން މަތިވެރި ކުރި ﷲއަށް އަޅުކަންތައް ކުރުމުގައި އެއިލާހު އެއްކައުވަންތަ ކުރަންއެނގުނީހެވެ. އެހެން ނަމަވެސް އެއިލާހުވަނީ މުޝްރިކުންގެ ހުރިހާ ޝިރުކަކުން ހުސްތާހިރުވަންތަވެ ވޮޑިގެންނެވެ. އެހެންކަމުން ﷲ ތަޢާލާގެ ރުބޫބިއްޔަތަށް އީމާންވާ ކޮންމެ މީހަކަށްވެސް ލާޒިމްވެގެންވަނީ އެއިލާހުގެ އުލޫހިއްޔަތުގައިވެސް އެއިލާހު އެއްކައުވަންތަ ކުރުމަށެވެ.

ދެން އޮތީ ތައުޙީދުލް އުލޫޙިއްޔާއެވެ. މީގެ މާނައަކީ ހުރިހާ ވައްތަރެއްގެ އަޅުކަންތަކެއްގައިވެސް އެއިލާހު އެއްކައުވަންތަ ކުރުމެވެ. އެއީ ފާޅުގަ ފެންނަގޮތަށް ކުރެވޭ އަޅުކަންތަކާއި ނުފެންނަ ގޮތަށް ކުރެވޭ އަޅުކަންތަކުގައިވެސްމެވެ. އަދި ބަހުންނާއި ޢަމަލުން ވެސްމެވެ. އަދި އެއީ ކޮންމެ ފަރާތެއްކަމުގައި ވިޔަށް ﷲ ފިޔަވައި އެހެން އެއްވެސް ފަރާތަކަށް އަޅުކަންކުރުމުން ދުރުހެލިވުމުންނެވެ. ﷲ ތަޢާލާ އަލް-އިސްރާއު ސޫރަތުގެ 23 ވަނަ އާޔަތުގައި ވަޙީ ކުރައްވާފއިވެއެވެ. ( وقضى ربك ألا تعبدوا إلا إياه ) الإسراء/23 “އެއިލާހު ފިޔަވައި އެހެންފަރާތަކަށް ތިޔަބައިމީހުން އަޅުކަން ނުކުރުމަށް ތިޔަބައިމީހުންގެ ރައްބު ކަނޑައަޅުއްވައިފިއެވެ.” އަދި އައް ނިސާ ސޫރަތުގެ 36 ވަނަ އާޔަތުގައި ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. ( واعبدوا الله ولا تشركوا به شيئا ) النساء/36 “ ތިޔަބައިމީހުން، ﷲ އަށް އަޅުކަންކުރާށެވެ! އަދި، އެއިލާހަށް އެއްވެސް އެއްޗެއް شريك ނުކުރާހުށިކަމެވެ! ” ތައުޙީދުލް އުލޫޙިއްޔަތަކީ އަޅުކަންތަކުގައި ﷲ ތަޢާލާ އެއްކައުވަންތަ ކުރުމޭވެސް އަޅުގަނޑުމެންނަށް ބުނެވިދާނެއެވެ.

އަދި ތައުޙީދުގެ މިބަޔަށް ތައުޙީދުލް އުލޫހިއްޔާއޭ ކިޔޭ ސަބަބަކީ މިބައިގައި ﷲ ތަޢާލާއަށް އިލާހުވަންތަކަން ޚާލިސް ކުރުމާއި އަޅުކަންތައް ޚާލިސް ކުރމާއި ލޯބިވެތިވުން އެއިލާހަށް ޚާލިސް ކުރުމާއި މަތިވރިކުރުން ހިމެނިގެންވާތީއެވެ.

ތައުޙީދުގެ މިބަޔަށް ތައުޙީދުލް ޢިބާދާއޭވެސް ކިޔެއެވެ. މީގެ ސަބަބަކީ އަޅާ ﷲ އަށް އަޅުވެތިވެ އެއިލާހުގެ އަމުރުތައް ތަންފީޒުކޮށް ނަހީކުރެއްވި ކަންތަކުން ދުރުހެލިވުން މިބައިގައި ހިމެނިގެންވާތީއެވެ.

އަދި މިޔަށް ތައުޙީދުއް ޠަލަބު ވަލްޤަސްދު ވަލް އިރާދަތި އޭވެސް ކިޔެއެވެ. ސަބަބަކީ މި ގޮތަށް ﷲ އެއްކައުވަންކުރާ އަޅާ ﷲ ގެ ހަޟްރަތުން މެނުވީ ކަމަކަށް އެދި ގަސްދު ނުކުރާނެއެވެ. އަދި އޭނާކުރާ ހުރިހާ އަޅުކަމަކުންވެސް އޭނާ އެދޭނީ ހަމައެކަނި ﷲ ތަޢާލާގެ މޫނުފުޅަށެވެ.

އާދެ ތައުޙީދުލް އުލޫޙިއްޔަތަކީ ތައުޙީދުގެ ބައިތަކުގެ ތެރެއިން މީސްތަކުން މަގުފުރެދުނު ބައެވެ. ﷲ ތަޢާލާ ރަސޫލުން ފޮނުއްވެވީ ތައުޙީދުލް އުލޫޙިއްޔަތަށްޓަކައެވެ. އަދި ފޮތްތައް ބާވައިލެއްވީ މިޔަށްޓަކައެވެ. އަދި މަޚްލޫޤުން ހެއްދެވީވެސް މިޔަށްޓަކައެވެ. އަދި ޝަރީޢަތުގެ ހުކުމްތައް ޝަރުޢު ކުރެއްވީވެސް މިޔަށްޓަކައެވެ. ނަބީބޭކަލުންނާއި އެބޭކަލުންގެގެ ގައުމުތަކުގެ މީސްތަކުންނާއި ދެމެދު ހިނގި ހުރިހާ ކުރިމަތިލުމެއްވެސް ހިނގާފައިވަނީ މިޔަށްޓަކައެވެ. އަދި މީގެ ސަބަބުން ދެކޮޅުވެރިވެގަތް މީހުން ހާލާކުކުރައްވައި މިޔަށް އީމާންވީ މުއުމިނުންނަށް ސަލާމަތްކަން ލިބުނެވެ. މިއިންވެސް އަޅުގަނޑުމެންނަށް އެނގިގެންދަނީ ތައުޙީދުލް އުލޫޙިއްޔަތުގެ މުހިއްމުކަމެވެ.

އެހެންކަމުން އަޅުކަންތަކުގެ ތެރެއިން އެއްވެސް މިންވަރެއްގައި ﷲ ތަޢާލާއާއި އެހެންފަރާތަކައި ބައިވެރިކޮށްފިމީހާ އިސްލާމްދީނުގެ މިއްލަތުން ބޭރުވެގެންދާނެއެވެ. އަދި އޭނާ އެ ވެއްޓިގެންދަނީ ބޮޑު ފިތުނަޔެއްގެ ތެރެޔަށެވެ. އަޅުގަނޑުމެން ﷲ ގެ ޙަޟުރަތުން ސަލާމަތްކަމަށް އެދެމެވެ.

އާދެ ދެން އޮތީ ތައުޙީދުލް އަސްމާއި ވައްސިފާތި މިބައެވެ. މާނައީ ﷲ ތަޢާލާގެ ނަންފުޅުތަކާއި ސިފަފުޅުތަކުގައި އެންމެ ފުރިހަމަ ގޮތުގައި އެއިލާހު އެއްކައުވަންތަކުރުމެވެ. އަދި އަޅާގެ ހިތުގައި ﷲ ތަޢާލާގެ ނަންފުޅުތަކާއި ސިފަފުޅުތަކުގައި އެއިލާހާއި އެއްވެސްފާރާތާކައި އެއްގޮތްވެގެން ނުވާކަމަށް އިޢުތިޤާދު ކުރުމެވެ. ތައުޙީދުލް އަސްމާއި ވައްސިފާތި ބިނާވެގެންވަނީ 2 އަސާސެއްގެ މައްޗަށެވެ:

އެއްވަނަ އަސާސަކީ: އަލް އިޘްބާތު ނުވަތަ ޘާބިތު ކުރުން. މާނައީ ﷲ ތަޢާލާގެ ނަންފުޅު ތަކާއު ސިފަފުޅުތައް އެއިލާހުގެ ފޮތުގައި ޘާބިތުކޮށްދެއްވާފައިވާ ގޮތަށް ޘާބިތު ކުރުމާއި އެ އިލާހުގެ ނަބިއްޔާ އެއިލާހުގެ ނަންފުޅުތަކައި ސިފަފުޅުތައް އެކަލޭގެފާނުގެ ސުންނަތުގައި ޘާބިތު ކޮށްދެއްވާފައިވާ ގޮތަށް ޘާބިތު ކުރުމެވެ. މިގޮތަށް ޘާބިތުކުރުމުގައި އެއިލާހުގެ މަތިވެރިވެގެންވާ ނަންފުޅުތަކާއި ސިފަފުޅުތަކަށް ބަދަލުގެނެސް އޭގެ މާނަ ތައުވީލުކޮށް އޭގެ ޙަޤީޤަތއް އޮޅުވާލައި އޭގެ ކައިފިއްޔަތު ބަޔާންކުރުން ހުއްދަވެގެންނުވޭ.

ދެވަނަ އަސާސަކީ: އައްތަންޒީހު (ހުސްތާހިރުވަންތަ ކުރުން): ﷲ ތަޢާލާއަކީ ހުރިހާ އުނިކަމަކާއި ޢައިބުތަކުން ހުސްތާހިރުވަންތަވެ ވޮޑިގެންވާއިލާހުއެވެ. އަދި އެއިލާހު އެއިލާހުގެ ނަފުސުފުޅު އެ ސިފަތަކަކުން ބަރީއަކުރެއްވި ސިފަތަކުން އެއިލާހު ހުސްތާހިރުވަންތަކުރަންޖެހެއެވެ. މީގެ ދަލީލަކީ ކީރިތިޤުރްއާންގައި ﷲ ތަޢާލާ ވަޙީކުރައްވާފައިވާ މިބަސްފުޅެވެ. ( ليس كمثله شيء وهو السميع البصير ) މާނައީ “އެއިލާހާއި އެއްފަދަވެގެންވާ އެކައްޗެއްވެސް ނުވެއެވެ. އެއިލާހުއީ އައްސަވާވޮޑިގެންވާ ބައްލާވާވޮޑިގެންވާ އިލާހުއެވެ.” މި އާޔަތުގެ ފުރަތަމަ ބައިގައި ﷲ ތަޢާލާވަނީ އެހެން ފަރާތްތަކާއި އެއްފަދަވުމުން އެއިލާހުގެ ޒާތުފުޅު ހުސްތާހިރުވަންތަ ކުރައްވާފައެވެ. އަދި އޭގެފަހުގައި އެންމެ ފުރިހަމަވެގެންވާ ގޮތުގައި އެއިލާހަށް ލާއިޤުވެގެންވާގޮތަށް އެއިލާހަށް ސިފަތަކެއް ޘާބިތުކުރައްވާފައެވެ.
___________________________________
މިލިޔުމަކީ ދިސަލަފިއްޔާ ވެބްސައިޓުން ނަގާފައިވާ ލިޔުމެކެވެ.

Read more...

17 September 2011

ހުރިހާ ރަސޫލުންނާއި ނަބިއްޔުން ގޮވާލެއްވީ ތައުޙީދަށް

އަލްއަޚް މުޙައްމަދު ޝާފިޢު ބިން ޢަބްދުލްޣަފޫރު
ﷲ ސުބުޙާނަހޫ ވަތަޢާލާ މިދުނިޔެ މައްޗަށް ފޮނުއްވި ހުރިހާ ރަސޫލުންނާއި ނަބިއްޔުން ގޮވާލެއްވީ އެއްކަމަކަށެވެ. އެބޭކަލުންގެ ރިސާލަތުގެ މަޤްޞަދަކީ އެއް މަޤްޞަދެކެވެ. އެއީ އެއްކައުވަންތަ ﷲ އަށް އެކަނި އަޅުކަންކުރުމާއި އެއިލާހު ފިޔަވައި ޙައްޤުވެގެން އަޅުކަންކުރަންޖެހޭ އެހެން އިލާހެއް ނުވާކަން ޘާބިތުކޮށްދިނުމެވެ.

"وَلَقَدْ بَعَثْنَا فِي كُلِّ أُمَّةٍ رَسُولاً أَنِ اعْبُدُوا اللَّهَ وَاجْتَنِبُوا الطَّاغُوتَ فَمِنْهُمْ مَنْ هَدَى اللَّهُ وَمِنْهُمْ مَنْ حَقَّتْ عَلَيْهِ الضَّلالَةُ فَسِيرُوا فِي الْأَرْضِ فَانْظُرُوا كَيْفَ كَانَ عَاقِبَةُ الْمُكَذِّبِينَ" النحل ٣٦
"ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ކޮންމެ އުންމަތަކަށްމެ ރަސޫލަކު ފޮނުއްވީމެވެ. އެއީ، ހަމައެކަނި ﷲ އަށް އަޅުކަންކުރުމަށާއި، ބުދުތަކާ ދުރުހެލިވުމަށް އެންގެވުމަށެވެ. ފަހެ، ﷲ ތެދުމަގު ދެއްކެވި މީހުން، އެއުރެންގެ ތެރެއިންވެއެވެ. އަދި މަގުފުރެދުން އެބަޔެއްގެ މައްޗަށް ޙައްޤުވެގެންވީ މީހުންވެސް އެއުރެންގެ ތެރެއިންވެއެވެ. ފަހެ، ތިޔަބައިމީހުން ބިމުގައި ދަތުރުފަތުރުކޮށް އުޅޭށެވެ. ފަހެ، ދޮގުކުޅަމީހުންގެ ނަތީޖާއޮތީ ކޮންފަދައަކުންކަން ތިޔަބައިމީހުން ދެކޭށެވެ!"

އިބްނު ޢައްބާސްގެ ރިވާޔަތުގައިވާ ގޮތުން، އާދަމް ޢަލައިހިއްސަލާމްއިން ފެށިގެން ދިހަ ޤަރުނު ވަންދެން މިބިންމަތީގައި ޚާލިޞް ތައުޙީދު އޮތެވެ. އޭގެފަހުގައި ޝިރުކުގެ އަނދިރިކަން މިދުނިޔެއަށް ވެރިވާންފެށިއެވެ. ނޫޙު ޢަލައިހިއްސަލާމް ފޮނުއްވުނީ މި ޝިރުކުގެ އަނދިރިކަމުން ތައުޙީދުގެ އަލިކަމުގެ ތެރެއަށް މީސްތަކުން ނެރުމަށްޓަކައެވެ. އެކަލޭގެފާނަކީ އެންމެ ފުރަތަމަ ފޮނުއްވުނު ރަސޫލެވެ.
"لَقَدْ أَرْسَلْنَا نُوحًا إِلَىٰ قَوْمِهِ فَقَالَ يَا قَوْمِ اعْبُدُوا اللَّـهَ مَا لَكُم مِّنْ إِلَـٰهٍ غَيْرُهُ إِنِّي أَخَافُ عَلَيْكُمْ عَذَابَ يَوْمٍ عَظِيمٍ" الأعراف: ٥٩
"ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ނޫޙު، އެކަލޭގެފާނުގެ ޤައުމުގެމީހުންގެ ގާތަށް ރަސޫލުކަމައިގެން ކަމާއިގެން ފޮނުއްވީމެވެ. ފަހެ، އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ ޤައުމުގެ ގެމީހުންނޭވެ! ތިޔަބައިމީހުން ހަމައެކަނި ﷲ އަށް އަޅުކަން ކުރާށެވެ! އެކަލާނގެ ފިޔަވައި އެހެން އިލާހަކު ތިޔަބައިމީހުންނަކަށް ނުވެތެވެ. ހަމަކަށަވަރުން، ބޮޑުވެގެންވާ ދުވަހެއްގެ ޢަޛާބު ތިޔަބައިމީހުންނަށް ލިބިދާނެކަމަށް އަހުރެން ބިރުގަނެއެވެ."
"وَلَقَدْ أَرْسَلْنَا نُوحًا إِلَىٰ قَوْمِهِ فَقَالَ يَا قَوْمِ اعْبُدُوا اللَّـهَ مَا لَكُم مِّنْ إِلَـٰهٍ غَيْرُهُ أَفَلَا تَتَّقُونَ" المؤمنون: ٢٣
"ހަމަކަށަވަރުން، ތިމަންރަސްކަލާނގެ، ނޫޙު، އެކަލޭގެފާނުގެ ޤައުމުގެ މީހުންގެ ގާތަށް ރަސޫލުކަމާއިގެން ފޮނުއްވީމެވެ. ފަހެ، އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ ޤައުމުގެ މީހުންނޭވެ! ތިޔަބައިމީހުން ހަމައެކަނި ﷲ އަށް އަޅުކަންކުރާށެވެ! އެކަލާނގެ ފިޔަވައި، އެހެން އިލާހަކު ތިޔަބައިމީހުންނަކަށް ނުވެއެވެ. ފަހެ، ތިޔަބައިމީހުން (އެކަލާނގެއަށް) ތަޤުވާވެރި ނުވަނީހެއްޔެވެ؟"

ޢާދު ބާގައިގެ މީހުންގެ ގާތަށް ހޫދު ޢަލައިހިއްސަލާމް ފޮނުއްވުނެވެ.
" وَإِلَىٰ عَادٍ أَخَاهُمْ هُودًا قَالَ يَا قَوْمِ اعْبُدُوا اللَّـهَ مَا لَكُم مِّنْ إِلَـٰهٍ غَيْرُهُ أَفَلَا تَتَّقُونَ " الأعراف: ٦٥
"އަދި ތިމަންރަސްކަލާނގެ ޢާދުބާގައިގެ މީހުންގެ ގާތަށް އެއުރެންގެ އަޚް، ހޫދު (ފޮނުއްވީމެވެ.) އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ ޤައުމުގެ މީހުންނޭވެ! ތިޔަބައިމީހުން ހަމައެކަނި ﷲއަށް އަޅުކަން ކުރާށެވެ! އެކަލާނގެ ފިޔަވައި، އެހެން އިލާހަކު ތިޔަބައިމީހުންނަކަށް ނުވެއެވެ. ފަހެ، ތިޔަބައިމީހުން (އެއިލާހަށް) ތަޤުވާވެރި ނުވަނީ ހެއްޔެވެ؟"
"وَإِلَىٰ عَادٍ أَخَاهُمْ هُودًا قَالَ يَا قَوْمِ اعْبُدُوا اللَّـهَ مَا لَكُم مِّنْ إِلَـٰهٍ غَيْرُهُ إِنْ أَنتُمْ إِلَّا مُفْتَرُونَ" هود: ٥٠
"އަދި ތިމަންރަސްކަލާނގެ ޢާދު ބާގައިމީހުންގެ ގާތަށް، އެއުރެންގެ އަޚް، ހޫދު (ފޮނުއްވީމެވެ.) އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ ޤައުމުގެ މީހުންނޭވެ! ތިޔަބައިމީހުން ހަމައެކަނި ﷲ އަށް އަޅުކަންކުރާށެވެ! އެކަލާނގެ ފިޔަވައި އެހެން އިލާހަކު ތިޔަބައިމީހުންނަކަށް ނުވެތެވެ. ތިޔަބައިމީހުންނީ، ދޮގުހަދާ ބަޔަކު ކަމުގައި ނޫނީ ނުވެތެވެ."

ޘަމޫދު ބާގައިގެ މީހުންގެ ގާތަށް ޞާލިޙް ޢަލައިހިއްސަލާމް ފޮނުއްވުނެވެ.
"وَإِلَىٰ ثَمُودَ أَخَاهُمْ صَالِحًا قَالَ يَا قَوْمِ اعْبُدُوا اللَّـهَ مَا لَكُم مِّنْ إِلَـٰهٍ غَيْرُهُ قَدْ جَاءَتْكُم بَيِّنَةٌ مِّن رَّبِّكُمْ هَـٰذِهِ نَاقَةُ اللَّـهِ لَكُمْ آيَةً فَذَرُوهَا تَأْكُلْ فِي أَرْضِ اللَّـهِ وَلَا تَمَسُّوهَا بِسُوءٍ فَيَأْخُذَكُمْ عَذَابٌ أَلِيمٌ" الأعراف: ٧٣
"އަދި ތިމަންރަސްކަލާނގެ ޘަމޫދު ބާގައިމީހުންގެ ގާތަށް އެއުރެންގެ އަޚް، ޞާލިޙް (ފޮނުއްވީމެވެ.) އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ ޤައުމުގެ މީހުންނޭވެ! ތިޔަބައިމީހުން، ހަމައެކަނި ﷲ އަށް އަޅުކަންކުރާށެވެ! އެކަލާނގެ ފިޔަވައި، އެހެން އިލާހަކު ތިޔަބައިމީހުންނަކަށް ނުވެއެވެ. ތިޔަބައިމީހުންގެ ރައްބުގެ ޙަޟްރަތުން ބަޔާންވެގެންވާ މުޢްޖިޒާތެއް ތިޔަބައިމީހުންނަށް އަތުވެއްޖެކަން ކަށަވަރެވެ. މުޢްޖިޒާތެއްގެ ގޮތުން މިއޮތީ ތިޔަބައިމީހުންނަށްޓަކައި ﷲ ފޮނުއްވި ޖަމަލެވެ. ފަހެ، ﷲގެ ބިމުން އޭތި ކައިއުޅުމަށް ތިޔަބައިމީހުން ދޫކުރާށެވެ! އަދި އެއަށް އެއްވެސް ގޯނާއެއް ތިޔަބައިމީހުން ނުކުރާށެވެ! ފަހެ، (އެކަން ކޮށްފިނަމަ) ވޭންދެނިވި ޢަޛާބެއް ތިޔަބައިމީހުންނަށް ލިބޭނެތެވެ."
"وَإِلَىٰ ثَمُودَ أَخَاهُمْ صَالِحًا قَالَ يَا قَوْمِ اعْبُدُوا اللَّـهَ مَا لَكُم مِّنْ إِلَـٰهٍ غَيْرُهُ هُوَ أَنشَأَكُم مِّنَ الْأَرْضِ وَاسْتَعْمَرَكُمْ فِيهَا فَاسْتَغْفِرُوهُ ثُمَّ تُوبُوا إِلَيْهِ إِنَّ رَبِّي قَرِيبٌ مُّجِيبٌ" هود: ٦١
"އަދި ތިމަންރަސްކަލާނގެ ޘަމޫދު ބާގައިމީހުންގެ ގާތަށް އެއުރެންގެ އަޚް ޞާލިޙް ފޮނުއްވީމެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ ޤައުމުގެ މީހުންނޭވެ! ހަމައެކަނި ﷲ އަށް ތިޔަބައިމީހުން އަޅުކަންކުރާށެވެ! އެކަލާނގެ ފިޔަވައި، އެހެން އިލާހަކު ތިޔަބައިމީހުންނަކަށް ނުވެއެވެ. އެކަލާނގެ ތިޔަބައިމީހުން ބިމުގެ ތެރެއިން އުފެއްދެވިއެވެ. އަދި އެ ބިމުގައި ޢިމާރާތްކޮށް، އެ ބިމުގެ ފައިދާ ލިބިގަންނަ ބަޔަކު ކަމުގައި ތިޔަބައިމީހުން ލެއްވިއެވެ. ފަހެ، ތިޔަބައިމީހުން ފާފަފުއްސެވުންއެދި، އެކަލާނގެއަށް ދަންނަވާށެވެ! ދެން ތިޔަބައިމީހުން، އެކަލާނގެއަށް ތައުބާވާށެވެ! ހަމަކަށަވަރުން، ތިމަންކަލޭގެފާނުގެ ރައްބަކީ، ކުއްތަންވެވޮޑިގެންވާ އިޖާބަކުރައްވާ ރަސްކަލާނގެއެވެ."

މަދްޔަނުގެ އަހުލުވެރިންގެ ގާތަށް ޝުޢައިބު ޢަލައިހިއްސަލާމް ފޮނުއްވުނެވެ.
"وَإِلَىٰ مَدْيَنَ أَخَاهُمْ شُعَيْبًا قَالَ يَا قَوْمِ اعْبُدُوا اللَّـهَ مَا لَكُم مِّنْ إِلَـٰهٍ غَيْرُهُ قَدْ جَاءَتْكُم بَيِّنَةٌ مِّن رَّبِّكُمْ فَأَوْفُوا الْكَيْلَ وَالْمِيزَانَ وَلَا تَبْخَسُوا النَّاسَ أَشْيَاءَهُمْ وَلَا تُفْسِدُوا فِي الْأَرْضِ بَعْدَ إِصْلَاحِهَا ذَٰلِكُمْ خَيْرٌ لَّكُمْ إِن كُنتُم مُّؤْمِنِينَ" الأعراف: ٨٥
"އަދި މަދްޔަނުގެ މީހުންގެ ގާތަށް ތިމަންރަސްކަލާނގެ އެއުރެންގެ އަޚް، ޝުޢައިބު ފޮނުއްވީމެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ ޤައުމުގެ މީހުންނޭވެ! ތިޔަބައިމީހުން، ހަމައެކަނި ﷲ އަށް އަޅުކަން ކުރާށެވެ! އެކަލާނގެ ފިޔަވައި، އެހެން އިލާހަކު ތިޔަބައިމީހުންނަކަށް ނުވެތެވެ. ތިޔަބައިމީހުންގެ ރައްބުގެ ޙަޟްރަތުން، ބަޔާންވެގެންވާ ހެތްކެއް ތިޔަބައިމީހުންނަށް އަތުވެއްޖެކަން ކަށަވަރެވެ. ފަހެ، ތިޔަބައިމީހުން، މިނުމާއި، ކިރުން ފުރިހަމަ ކުރާށެވެ! އަދި މީސްތަކުންނަށް އެއުރެންގެ ތަކެތި ތިޔަބައިމީހުން އުނިނުކުރާށެވެ! އަދި އެ ބިން އިޞްލާޙް ކުރުމަށްފަހު، ތިޔަބައިމީހުން ބިމުގައި ފަސާދަނުކުރާށެވެ! ތިޔަބައިމީހުންނީ، އީމާންވާ ބަޔަކު ކަމުގައިވާނަމަ، އެގޮތް ތިޔަބައިމީހުންނަށް ހެޔޮކަން ބޮޑެވެ."
"وَإِلَىٰ مَدْيَنَ أَخَاهُمْ شُعَيْبًا قَالَ يَا قَوْمِ اعْبُدُوا اللَّـهَ مَا لَكُم مِّنْ إِلَـٰهٍ غَيْرُهُ وَلَا تَنقُصُوا الْمِكْيَالَ وَالْمِيزَانَ إِنِّي أَرَاكُم بِخَيْرٍ وَإِنِّي أَخَافُ عَلَيْكُمْ عَذَابَ يَوْمٍ مُّحِيطٍ" هود: ٨٤
"އަދި މަދްޔަނުގެ މީހުންގެ ގާތަށް ތިމަންރަސްކަލާނގެ، އެއުރެންގެ އަޚު، ޝުޢައިބު ފޮނުއްވީމެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ ޤައުމުގެ މީހުންނޭވެ! ތިޔަބައިމީހުން ހަމައެކަނި ﷲ އަށް އަޅުކަންކުރާށެވެ! އެކަލާނގެ ފިޔަވައި އެހެން އިލާހަކު ތިޔަބައިމީހުންނަކަށް ނުވެއެވެ. އަދި މިނުމުގައްޔާއި، ކިރުމުގައި، ތިޔަބައިމީހުން އުނިނުކުރާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުންވަނީ (ފުދި) ހެޔޮޙާލުގައި ކަމަށް ތިމަންކަލޭގެފާނަށް ފެނިވަޑައިގަނެއެވެ. އަދި ހަމަކަށަވަރުން، ތިޔަބައިމީހުން ވަށާލައިފައިވާ ދުވަހެއްގެ ޢަޛާބަށް، ތިޔަބައިމީހުންނާމެދު، ތިމަންކަލޭގެފާނު ބިރުފުޅު ގަނެތެވެ."
"وَإِلَىٰ مَدْيَنَ أَخَاهُمْ شُعَيْبًا فَقَالَ يَا قَوْمِ اعْبُدُوا اللَّـهَ وَارْجُوا الْيَوْمَ الْآخِرَ وَلَا تَعْثَوْا فِي الْأَرْضِ مُفْسِدِينَ" العنكبوت: ٣٦
"އަދި މަދްޔަނުގެ މީހުންގެ ގާތަށް، އެއުރެންގެ އަޚް، ޝުޢައިބު ފޮނުއްވީމެވެ. ފަހެ، އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ ޤައުމުގެ މީހުންނޭވެ! ތިޔަބައިމީހުން ހަމައެކަނި ﷲ އަށް އަޅުކަންކުރާށެވެ! އަދި ތިޔަބައިމީހުން އާޚިރަތް ދުވަހަށް އެދޭށެވެ! އަދި ފާސިދުންކަމުގައިވެ ތިބެ، ތިޔަބައިމީހުން ބިމުގައި ފަސާދަނުކުރާހުށި ކަމެވެ!"

ބަނީ އިސްރާއިލުގެ ގާތަށް ޢީސާ ޢަލައިހިއްސަލާމް ފޮނުއްވުނެވެ.
"لَقَدْ كَفَرَ الَّذِينَ قَالُوا إِنَّ اللَّهَ هُوَ الْمَسِيحُ ابْنُ مَرْيَمَ وَقَالَ الْمَسِيحُ يَا بَنِي إِسْرائيلَ اعْبُدُوا اللَّهَ رَبِّي وَرَبَّكُمْ إِنَّهُ مَنْ يُشْرِكْ بِاللَّهِ فَقَدْ حَرَّمَ اللَّهُ عَلَيْهِ الْجَنَّةَ وَمَأْوَاهُ النَّارُ وَمَا لِلظَّالِمِينَ مِنْ أَنْصَارٍ" المائدة ٧٢
"ހަމަކަށަވަރުން، ﷲ އީ، މަރްޔަމްގެފާނުގެ ދަރިކަލުން އަލްމަސީޙް ކަމަށް ބުނި މީހުން ކާފިރުވެއްޖެކަން ކަށަވަރެވެ. އަދި އަލްމަސީޙް ވިދާޅުވިއެވެ. އޭ އިސްރާއީލްގެދަރިންނޭވެ! އަހުރެންގެ ރައްބު، އަދި ތިޔަބައިމީހުންގެވެސް ރައްބު ކަމުގައިވާ ﷲ އަށް ތިޔަބައިމީހުން އަޅުކަން ކުރާށެވެ! ހަމަކަށަވަރުން ﷲ އަށް ޝަރީކުކުރާ މީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، ﷲ، އެމީހާގެ މައްޗަށް ސުވަރުގެ ޙަރާމްކުރެއްވިއެވެ. އަދި އެމީހަކު އުޅޭނެތަނަކީ ނަރަކައެވެ. އަދި އަނިޔާވެރިންނަށް ނަޞްރުދޭނޭ އެއްވެސް ބަޔަކު ނުވެއެވެ."

އިބްރާހީމް ޢަލައިހިއްސަލާމް އެކަލޭގެފާނުގެ ޤައުމުގެ މީހުންގެ ގާތަށް ފޮނުއްވުނެވެ.
"وَإِبْرَاهِيمَ إِذْ قَالَ لِقَوْمِهِ اعْبُدُوا اللَّـهَ وَاتَّقُوهُ ذَٰلِكُمْ خَيْرٌ لَّكُمْ إِن كُنتُمْ تَعْلَمُونَ" العنكبوت ١٦
"އަދި އިބްރާހީމް، އެކަލޭގެފާނުގެ ޤައުމުގެ މީހުންނަށް ވިދާޅުވިހިނދު (ހަނދުމަކުރާށެވެ!) ތިޔަބައިމީހުން ހަމައެކަނި ﷲ އަށް އަޅުކަންކުރާށެވެ! އަދި ތިޔަބައިމީހުން އެކަލާނގެއަށް ތަޤްވާ ވެރިވާށެވެ! ތިޔަބައިމީހުންނަށް އެނގޭކަމުގައިވަނީނަމަ، އެގޮތް ތިޔަބައިމީހުންނަށް ހެޔޮކަން ބޮޑެވެ."

މަތީގައިވާ އާޔަތްތަކަށް ވިސްނާލުމުން، ﷲ ސުބުޙާނަހޫ ވަތަޢާލާ އެއިލާހުގެ ރަސޫލުންނާ ނަބިއްޔުން މެދުވެރިކުރައްވައި އިންސާނުންނަށް ދެއްވި މެސެޖަކީ އެއް މެސެޖެއްކަން ވަރަށް ޞަރީކޮށް އެނގިގެން ދެއެވެ. ފޮނުއްވުނު ރަސޫލުބޭކަލުންނާއި ނަބީބޭކަލުންގެ ތެރެއިން ގިނަ ބޭކަލުން، ޤައުމުތަކަށް ވަޑައިގެން، އިއްވެވި ރިސާލާ ﷲ ސުބުޙާނަހޫ ވަތަޢާލާ ޙިކާޔަތެއްގެ ގޮތުން ކީރިތި ޤުރުއާނުގައި ބަޔާންކުރައްވާފައިވަނީ، އެއް ޢިބާރާތްތަކަކުންނެވެ. އެބޭކަލުން ވިދާޅުވިކަމަށް ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
يَا قَوْمِ اعْبُدُوا اللَّـهَ مَا لَكُم مِّنْ إِلَـٰهٍ غَيْرُهُ "އޭ އަހުރެންގެ ޤައުމުގެ މީހުންނޭވެ! ތިޔަބައިމީހުން ހަމައެކަނި ﷲ އަށް އަޅުކަންކުރާށެވެ! އެކަލާނގެ ފިޔަވައި އެހެން އިލާހަކު ތިޔަބައިމީހުންނަކަށް ނުވެއެވެ."

އަދި يَا قَوْمِ اعْبُدُوا اللَّـهَ "އޭ އަހުރެންގެ ޤައުމުގެ މީހުންނޭވެ! ތިޔަބައިމީހުން ހަމައެކަނި ﷲ އަށް އަޅުކަންކުރާށެވެ!" އަދި اعْبُدُوا اللَّـهَ "ތިޔަބައިމީހުން ހަމައެކަނި ﷲ އަށް އަޅުކަންކުރާށެވެ!" ފަދަ އެއްމާނައެއް ދޭހަވާ ޢިބާރާތްތައް ރަމްޒުކޮށްދެނީ އެބޭކަލުންގެ މެސެޖަކީ އެއް މެސެޖެއްކަމެވެ. އެއީ ﷲ ސުބުޙާނަހޫ ވަތަޢާލާ އަށް އެކަނި އަޅުކަން ކުރުމެވެ. އެއިލާހު އެއްކައުވަންތަކުރުމެވެ.

އަހަރެމެންގެ ލޮބުވެތި ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަ ވެސް ދެއްވީ ހަމަ މި މެސެޖެވެ. އެކަލޭގެފާނުގެ މުޅި ޙަޔާތްޕުޅު ހޭދަކުރެއްވީ ޝިރުކުގެ އަނދިރިކަމުން ތައުޙީދުގެ އަލިކަމުގެ ތެރެއަށް މީސްތަކުން ނެރުމުގައެވެ.

Read more...