09 October 2011

މުއްސަންޖަކު ހުސްއަތާ

އަލްއަޚް އާދަމް އިނާޒް ޢަދުނާން
މިއީ ކެނެޑާގައި ދިރިއުޅޭ ޢަރަބި އަޚަކު އޭނާގެ ރަޙްމަތްތެރިއެއްގެ މުއްސަނދި ބައްޕަ އާއި ބެހޭގޮތުން ކިޔައިދީފައިވާ ޢިބްރަތުން ފުރިގެންވާ ވާހަކައެކެވެ. އޭނާގެ ރަޙްމަތްތެރިޔާގެ ބައްޕައަކީ ވަރަށް ބޮޑު މަހުޖަނެކެވެ. އޭނާގެ މިލްކުގައި ނުހަނު ގިނަ ބިލްޑިންގްތަކާއި މުދާތައް ހުއްޓެވެ. ދުވަސްތައް ވޭތުވަމުންގޮސް އެންމެފަހުން އެމުއްސަނދި މަހުޖަނުވެސް މުސްކުޅިވެ ވަރަށް ބޮޑަށް ބަލިވެ ޙާލުދެރަވެއްޖެއެވެ. އަދި ޙަޔާތުގެ އެންމެފަހު ދުވަސްތައް ގުނަންފެށިއެވެ. އޭނާ މަރުވުމުގެ މަދު ދުވަސްކޮޅެއްކުރިން އެމުސްކުޅިޔާ ތަކުރާރުކޮށް ކިޔަންފެށިއެވެ. (اَنَا فَقِيْر ، اَنَا فَقِيْر) މާނައަކީ: [ތިމަން މީ ފަޤީރެކެވެ. ތިމަން މީ ފަޤީރެކެވެ.]

އޭނާ ގާތަށް ޒިޔާރަތްކުރާ އެނާގެ ދަރީންނަށް މިމަންޒަރު ފެނުމުން އެމުސްކުޅިޔާއަށް އޭނާގެ ހުރިހާ މުދަލެއް ދެއްކިއެވެ. އެއީ އޭނާއަކީ ފަޤީރެއްނޫންކަން އަންގައިދިނުމަށެވެ. ނަމަވެސް އެމުސްކުޅިޔާ ތަކުރާރުކޮށް ކިޔަމުންގެންދިޔައެވެ. [އަހަރެންނަކީ ފަޤީރެކެވެ. އަހަރެންނަކީ ފަޤީރެކެވެ.] އޭނާގެ ދަރީން މިކަމާ ކަންބޮޑުވެގެން އެހިސާބުގައި ދިރިއުޅުއްވާ ޢިލްމުވެރިޔަކު ބައްޕަ ކައިރިއަށް ގެނައެވެ. ޢިލްމުވެރިޔާ، އެބަލިމީހާގެ ކައިރީ ވަގުކޮޅެއް ހޭދަކޮށްލުމުން ޢިލްމުވެރިޔާއަށް ވިސްނުނީ މުސްކުޅިޔާ އެބުނަނީ އޭނާ މުދަލުގެ ގޮތުން ފަޤީރު ވާހަކައެއް ނޫންކަމެވެ. އަދި ކިއެއްތަ! އޭނާ އެބުނަނީ ހެޔޮ ޢަމަލުގެ ގޮތުން އޭނާއަކީ ފަޤީރެއްކަމެވެ. އެހެނީ އޭނާގެ މުޅި ޙަޔާތް ވޭތުކޮށްފައިވަނީ މުދާ ގިނަކޮށް ޖަމާކުރުމަށެވެ. މިއަދު މަރުގެ ދާނަށް ވެއްޓުމުން ﷲ އަށްޓަކައި ވަގުތު ދޭން ޖެހޭނެކަން އޭނާއަށް ވިސްނުނީއެވެ. ކޮންމެއަކަސް އެމީހާ މަރުވެގެން ދިޔައިރުވެސް އޭނާ ކިޔަމުން ދިޔައީ (އަނަ ފަޤީރް) އަހަންނަކީ ފަޤީރަކީމެވެ. އަހަންނަކީ ފަޤީރަކީމެވެ.

ލޮބުވެތި އަޚުންނާ އުޚްތުންނޭވެ! އަޅުގަނޑުމެންގެ ޙަޔާތުގެވެސް ގިނަ ވަގުތުތަކެއް ވޭތުވެގެން މިދަނީ ފައިދާއެއްނެތް ބޭކާރު ގެއްލުންދެނިވި ކަންކަމަށެވެ. އެހެންކަމުން ތިމާގެ ޙަޔާތުގެ އެންމެ ސިކުންތެއްވެސް ﷲ އަށް އުރެދުމަށް ހޭދަނުކުރަމާތޯއެވެ. އޭގެ ބަދަލުގައި ގިނަގިނައިން ހެޔޮޢަމަލުކޮށް އަބަދީ ޙަޔތާއި ކުރިމަތިލާއިރު ހެޔޮޢަމަލުގެ ގޮތުން މުއްސަނދި މީހަކަށް ވަމާތޯއެވެ. އެހެންނޫނީ އެމަހުޖަނު ފަދައިން އަހަންނަކީ ފަޤީރެކޭ ބުނަންޖެހިދާނެއެވެ. ﷲ ތަޢާލާ، އަޅުގަނޑުމެންނަށް ހެޔޮ ނިމުމެއްދެއްވާށިއެވެ! އާމީން!

ޢަރަބި ޅެންވެރިޔަކު ކިޔާފައިވާ ޅެމެއްގައިވެއެވެ.
وَلَدَتْكَ أُمُّكَ يَابْنَ آدَمَ بَاكِياً * وَالنَّاسُ حَوْلَكَ يَضْحَكُوْنَ سُرُوْرًا
އޭ އާދަމުގެ ދަރިޔާއެވެ! ތިބާގެ މަންމަ ތިބާ ވިހެއީ ރޮއެރޮއެވާ ޙާލުގައެވެ. އެވަގުތު (ތިބާގެ ޢާއިލާގެ) މީސްތަކުން، (ތިބާ އުފަންވުމުގެ އުފަލުގައި) ހެމުންގެންދިޔައެވެ .

فَاعْمَلْ لِنَفْسِكَ أَنْ تَكُوْنَ إِذَا بَكَوْا * فِيْ يَوْمِ مَوْتِكَ ضَاحِكاً مَسْرُوْراً
އެހެންކަމުން ތިބާ މިދުނިޔެއަށް އަލްވަދާޢުކިޔާ ދުވަހު އެބައިމީހުން ރޮއެ ހިތާމަކުރާއިރު، ތިބާ އުފަލުގައި ވުމަށްޓަކާ (ހެޔޮ) ޢަމަލު ކުރާށެވެ
_____________________________
އަޞްލު: މުސާފިރު ބްލޮގް

Blog Widget by LinkWithin

1 comment:

  1. ވަރަށް ޢިބްރަތްތެރި ވާހަކައެއް

    ReplyDelete