31 August 2011

މުއުމިނުންނަށް ވާގިވެރިވުމުގެ ވަންނިތައް

އައްޝައިޚް ޢަބްދުﷲ ބިން މުޙައްމަދު އިބްރާހިމް
އަލް އިމާމް އިބްނުލްޤައްޔިމް ލިއުއްވާފައި ވެއެވެ." މުއުމިނުން އެއްބަޔަކު އަނެއްބަޔަކާއި މުޥާސާތު ކުރުން (އެހީތެރިވުން) ހުރީ ތަފާތު ވައްތަރުތަކަށެވެ. މުދަލުން އެހީވުމެވެ. ޖާހުން އެހީވުމެވެ. ހަށިގަނޑާއި ޚިދްމަތް ކުރުމުން އެހީތެރިކަން ދިނުމެވެ. ނަޞީޙަތާއި އިރުޝާދުން އެހީތެރިވުމެވެ. ހެޔޮދުޢާ އާއި އޭނާގެ ފާފަފުއްސެވުމަށް އެދި ﷲ ގެ ޙަޟްރަތުގައި ދެންނެވުމެވެ.
އަދި އޭނާގެ ހިތާމަޔާއި އުދާސް ތަކުގައި ބައިވެރި ވުމެވެ. މިހުރިހާ އެހީތެރިކަމެއް ބިނާވެފައި އޮންނާނީ އެމީހެއްގެ އީމާންކަން ހުރި މިންވަރަކާއި ގިނަ މަދު މިނެއްގެ މައްޗަށް މިނެކިރޭ ގޮތަށެވެ. ފަހެ އީމާންކަން ނިކަމެތިވީވަރަކުން އެހީތެރިކަން ނިކަމެތިވެ ހީނަރުވާނެއެވެ. ވަރުގަދަވާ ވަރަކަށް ގަދަވެ ބަދަހިވާނެއެވެ. ސަލާމާއި ޞަލަޥާތް ލެއްވި މާތްރަސޫލާއަކީ މިބުނެވިދިޔަ ހުރިހާ ގޮތަކުންވެސް މީސްތަކުންކުރެ އެމީހެއްގެ އެކުވެރީންނަށް އެންމެ އެހީތެރި ބޭފުޅާއެވެ. އެކަލޭގެފާނުގެ އަޞްޙާބުންގެ ތެރޭގައިވެސް މުޥާސާތު ބިނާވާނީ އެއިގެތެރެއިން ކޮންމެ ބޭކަލެއްގެވެސް އެކަލޭގެފާނާއި ތަބަޢަވުމުގައި ހުރި ފުރިހަމަ ކަމެއްގެމައްޗަށެވެ.

މިހިސާބަށް ލިޔުއްވުމަށްފަހު ދެން އިބުނުލް ޤައްޔިމް ލިޔުއްވާފައި ވަނީ ތާބިޢީންގެފަހުން ވަޑައިގެންނެވި ޒާހިދު ކަމަށް އިސްލާމީ ތާރީޚްގައި ފަވައިލެވިފައިވާ ބިޝްރުލް ޙާފީގެ ޙާދިޘާ އެކެވެ. ލިޔުއްވާފައި ވެއެވެ." އެއްފަހަރަކު ވަރަށް ފިނިގަދަ ރެއަކު ބިޝްރުލްޙާފީގެ ކައިރިއަށް ބަޔަކަށް ދެވުނެވެ. އޭރު އެކަލޭގެފާނު ހުންނެވީ ޤަމީހެއްނެތި ހުސްގަޔާ ހަދައިލުމުގެ ސަބަބުން ފިނިކަމުން ތުރުތުރު އަޅައަޅައެވެ. އެވަޤުތު އެމީހުން ދެންނެވިއެވެ. އޭ އަބޫ ނަސްރެވެ! ތީ ކޮން ވަޑާމެއްހެއްޔެވެ؟؟ އެހިނދު ބިޝްރު ވިދާޅުވިއެވެ." ފަޤީރުންގެ ޙާލާއި އެމީހުންނަށް ފިނިވާނެވަރު ތިމަންނާ ހިތަށްއެރީއެވެ. އަދި ތިމަން އަތަކު އެމީހުންނަށް ހީފިލުވާލުމަށް އެހީތެރިވެދޭފަދަ އެއްޗެއްވެސް ނުމެނެތްމެއެވެ. އެހެންވެ އެމީހުންގެ އިޙްސާސްތަކުގައި ބައިވެރިވެ، ޙިއްސާވެލެވޭތޯ މިހެން ހުރެލީއެވެ"

Read more...

25 August 2011

އަށާރަ އަހަރު ބޮޑުމީހަކަށްވާ އުމުރުކަމުގައި ބެލުމަކީ ''ޤައުމީ'' ކަމެކެވެ

ލިޔުނީ: އަލްއަޚް ޖޯސެފް
އަހަރެން މި މަޢުލޫއަށް ލިޔެލަން ގަސްތުކުރީ ކުޑަކުދިންގެ ވާހަކަ ، ކައިވެނި ކުރެވޭނެ އުމުރުގެ ވާހަކަ މާ ފޯރިއެއްގައި ދައްކަމުން ގެންދާތީ މިކަން ދުނިޔައިގައި ހިނގަމުންދާ
ގޮތުގެ މައްޗަށް އަލިއަޅުވާލުމަށްޓަކައެވެ.

ދީނީގޮތުންނާއި ޖިސްމާނީގޮތުން ( ބައިލޮޖިކަލް ގޮތުން) ކުޑަކުއްޖެއްގެ އުމުރުން ބޮޑުމީހެއްގެ އުމުރަށް ބަދަލުވުން
ދީނީގޮތުން ބޮޑެތިމީހުން ކަމުގައި ބަލައިގަންނަނީ ބާލިޣު ވުމުން ނުވަތަ ހައިލު ވުމުންނެވެ. މިއީ އިސްލާމް ދީން އައުމުގެ ކުރިން ޔާހޫދީ ދީނާއި ނަސޯރާދީނުގައިވެސް މިކަން ބަލަމުން އައި ގޮތެވެ. އަދިއަދަށް ދާންދެންވެސް މިކަން މި ދީންތަކުގައި ބަލަނީ މި ހެންނެވެ.

ދެންއޮތީ ޖިސްމާނީ ގޮތުން ( ބައިލޮޖިކަލް ގޮތުން ) ކުދިން ބޮޑެތިމީހުންނަށް ވާ ގޮތެވެ. އަންހެން ކުދިން އުމުރުން 10 އަހަރާއި 16 އަހަރާއި ދެމެދު ހައިލުވެއެވެ. އިނގިރޭސި ވިލާތުގައި އާއްމުގޮތެއްގައި ކުދިން ހައިލުވާ އުމުރަކީ އުމުރުން 13 އަހަރެވެ. ނުވަތަ 12 އަހަރެވެ. ހައިލުވުމުގެ ހަތަރު އަހަރު ކުރިން ރިލީޒިން ހޯމޯންއޭ ކިޔާ މާއްދާއެއް އުފައްދަން ފަށައެވެ. ޕިޗިއުޓަރީ އާއި ހައިޕޯތެލަމަސް ގުޅިފައިވާ ލޭހޮޅިތަކުން މި މާއްދާ ހަރަކާތް ކުރުވައެވެ. މިކަމުގެ ސަބަބުން އިތުރު އެހެން މާއްދާތައް އުފެދެން މެދުވެރިވެއެވެ. މި ގޮތުން އުފެދޭ އެއްމާއްދާއަކީ ކުއްޖާ ހެދި ބޮޑުވުމަށް އެހީތެރިވެދޭ މާއްދާއެކެވެ. ހައިލު ވުމުގެ ހަތަރު އަހަރު ކުރިން ކުއްޖާ އުފެދި ބޮޑުވުމަށް ބޮޑެތި ތަފާތުތަކެއްއާދެއެވެ. އަދި ފުރަތަމަ ދެ އަހަރުގައި އުފެދި ބޮޑުވަމުން . އެއަށްފަހު ހައިލުވުމާއި އެކު ކުއްޖާ އުފެދި ބޮޑުވުން ލަސްވެއެވެ. އުމުރުން 12 ވަރަކަށް އައުމާއި އެކު ރިލީޒިން ހޯމޯންސް ގެ އެހެން މާއްދާތައް އުފެދެންފަށައެވެ. މި މާއްދާއަށް ކިޔަނީ "ގޮނޮޓޮޑްރޮފިން ރިލީޒިން ހޯމޯން" އެވެ. މި މާއްދާއަކީ އަންހެނުންގެ ޖިންސީ އެދުންވެރިކަމާއި ގުޅިފައިވާ މާއްދާއެކެވެ. މިހާ ހިސާބުން އަންހެން ކުއްޖަކަށް ނަމަ ބޮޑެތިމީހުންނަށް ކުރެވޭ އިހްސާސްތައް ކުރަންފަށައެވެ.

ޤައުމުތަކުގައި އުމުރުން ބޮޑެތިމީހުންނަށް ބަލާ އުމުރު
ހޮލަންޑް ގެ ޤާނޫނު ބުނާގޮތުން ބޮޑެތިމީހުން ކަމުގައި ބަލަނީ އުމުރުން 12 އަހަރު ވުމުންނެވެ. އެހެން ކަމުން އުމުރުން 12 އަހަރުގެ ސިލްވިޔާ އޭނާގެ 30 އަހަރުގެ ބޯއީފްރެންޑް އަލްބާޓޯ އާއި އެކު ޖިންސީ ގުޅުން ހިންގުމަކީ އެ ޤައުމުގައި ޤާނޫނީ ގޮތުން މައްސަލައެއްނޫނެވެ.

އިޓަލީ ވިލާތުގެ ޤާނޫނު ބުނާގޮތުން 14 އަހަރު ވުމުން ބޮޑުމީހެއްކަމުގައި ބެލެވެއެވެ.އ އަދި އެ އުމުރު ކުދިންގެ ބޯއިފްރެންޑް އާއި އެކު ޖިންސީ ގުޅުން ހިންގިދާނެއެވެ. ފަރަންސޭސި ވިލާތުގައި 15 އަހަރު ވުމުން ބޮޑެތިމީހުން ކަމުގައި ބެލެވެއެވެ. ޖަރުމަނުވިލާތުގައި 16 އަހަރު ވުމުން ބޮޑުމީހެއްކަމުގައި ބެލެވެއެވެ. އަޔަރލެންޑް ގައި 17 އަހަރު ވުމުން ބޮޑުމީހެއްކަމުގައި ބެލެވެއެވެ. އަދި އިނގިރޭސި ވިލާތާއި ދިވެހިރާއްޖޭގައި 18 އަހަރު ވުމުން ބޮޑުމީހެއްކަމުގައި ބެލެވެއެވެ. އިނގިރޭސި ވިލާތުގައި އެއްޖިންސުން ގުޅުން ހިންގުމަށް ބޮޑުމީހެއްކަމުގައި މި ބެލެވެނީ 18 އަހަރުވުމުންނެވެ. އަނެއްޖިންސުގެ މީހަކާއި އެކު ގުޅުން ހިންގުމަށް ( ޒިނޭކުރުމަށް ހުއްދަ ކުރާ އުމުރަކީ ) ބޮޑުމީހެއްކަމުގައި އިނގިރޭސި ވިލާތުގައި ބަލާ އުމުރަކީ 16 އަހަރެވެ.

މަތީގައި ބަޔާން ކުރެވިފައިވާ ޤައުމުތަކަކީ އިސްލާމީޤައުމުތަކަކަށް ނުވުމުން އެޤައުމުތަކުގައި ބޯއީ ފްރެންޑް އާއި އެކު ގުޅުން ހިންގުމަކީ ( ޒިނޭ ކުރުމަކީ) އެޤައުމުތަކުގެ ޤާނޫގައި މަނާ ކަމެއް ނޫނެވެ. އަދި އެއީ އެމީހުންގެ ޘަގާފަތުގައި މާބޮޑުކަމެއްނޫނެވެ.

http://www.youtube.com/watch?v=m3_ZqeR27Mg
.މަތީގައިވާ ލިންކް އިން މި މަޢުލޫއާއި ގުޅުންހުރި ވާހަކަކޮޅެއް ފެނިލައްވާނެއެވެ.

ކައިވެނި ކުރެވޭ އުމުރު މަތިކުރުމުގެ މައިގަނޑުބޭނުން
ދުނިޔޭގެ އާބާދީ ބޮޑުވެގެން އަތްނުފޯރާވަރަށް ގޮސް ހައިހޫނުކަމުގެ ދުވަސްތަކެއް އަތުވެދާނެކަމަށް ތަރައްޤީވެފައިވާ ޤައުމުތަކުގައި ހީކުރެވެންފެށިއެވެ. މިގޮތުން 24 ފެބްރުއަރީ 2005 ގައި އދ ގެ އާބާދީ އާއި ބެހޭބައިން މިކަމާ ގުޅޭ ރިޕޯޓެއްނެރުނެވެ. މި ރިޕޯޓްގައި އޭރު އޮތް 6.2 ބިލިއަން މީހުންގެ އާބާދީ 9.1 ބިލިޔަނަށް 2050 ވަނަ އަހަރާއި ހަމައިން ވާސިލްވާނެކަމަށް ލަފާކުރެވޭކަމުގައި ބަޔާންކޮށްފައިވެއެވެ. އަދި މިކަމަށް ހައްލެއް ހޯދުމަށްޓަކައި ހުރިހާ ޤައުމުތަކެއް ގުޅިގެން މަސައްކަތް ކުރަންފެށިއެވެ. މިގޮތުން ދިވެހިސަރުކާރުން ކުރި އެއް މަސައްކަތަކީ "އާބާދުވުން ހުއްޓުވާލާ" ( ވިހެއުން ހުއްޓުވާލާ ) ރަށްރަށަށް އައްޑަނަ ދޭންފެށިއެވެ. އަދި ކާވެނި ކުރެވޭ އުމުރު 18 އަހަރަށް މަތިކޮށްލިއެވެ.

ކިޔެވުމާއި އުނގެނުމުގައި ގިނަދުވަސްތަކެއް ހޭދަކުރުމަށް ކަރިކިއުލަމްތައް ތައްޔާރުކުރެވުނުވެ. މިގޮތުން 2 އަހަރަށް ވުރެ ކުރުމުއްދަތަކަށް ހަދާ ޑިޕްލޮމާ ބައެއް ޤައުމުތަކުގެ ސަރުކާރުތަކުން ޤަބޫލުނުކުރާންފެށިއެވެ.

ދުނިޔޭގެ އާބާދި ކޮންޓްރޯލް ކުރަނީ އެއްގޮތަކަށްވެސް އެ އާބާދީގައި ހިމެނޭ މީހުންނެއްނޫނެވެ. މަސްހޫރު "ބްލެކްޑެތް" ޗައިނާގެ މައްޗަށް ފެތުރިގެން ދިޔަ ގޮތާއި "ދޫނިރޯގާ، އޫރު ރޯގާ ދުނިޔޭގެ މައްޗަށް ނާމާންކަން ގެންނަމުންދާގޮތް މިއަދު އަހަރެމެންގެ ލޮލަށްފެނެއެވެ. ހަރިކޭން ، ސުނާމީ ފަދަ ގުދުރަތީ ކާރިޘާ ތަކަކީ އަހަރެމެންނަށް އާވާހަކައެއްނޫނެވެ.

ކާވެނިކުރާ އުމުރު ލަސްކުރުމުގެ ދެވަނަ ބޭނުމެއްކަމުގައި ބެލެވެނީ އެއްޖިންސުން ގުޅުން ހިންގުމުގެ އޮއިވަރު ފަތުރާލުމެވެ. މިއީ ވެސް އާބާދީ ކޮންޓްރޯލް ކުރުމާއި ގުޅުންހުރި ކަމެކެވެ. ތިމާގެ ޖިންސީ އެދުންވެރިކަން ހޭލައްވާލާ ފުރަތަމަ ގޮތެއްގެ މަތީގައި އެކަން ( ޖިންސީ އެދުންވެރިކަމުގެ ހަޔާތް ) ދެމިހުންނާނެކަމަށް މިއަދުގެ ސައިންސް ހެކިދެއެވެ. މިހެން ކަމުން އިސްލާމްދީނުގައި އެއްޖިންސުން ގުޅުން ހިންގުމަށް އޮންނަ އަދަބަކީ މެރުމެވެ.

12 ނުވަތަ 13 އަހަރުގެ ކުއްޖަކު ވިހުމުގައި އޮތީ ކޮން ގެއްލުމެއްހެއްޔެ؟
(ކިއުންތެރިން އެދޭނަމަ މި މަޢުލޫއަށް ލިޔެވިދާނެއެވެ. އަހަރެން ކޮންމެހެން ބާރަ އަހަރުގައި ކާވެނި ކުރުމަށް ހިތްވަރު ދެނީއެއްނޫނެވެ. ކާވެނި ކުރުމަށް ތައްޔާރު ވެއްޖެކަން އެންމެ ބޮޑަށް އެނގޭނީ ހަމަ އެކަމަށް ތައްޔާރު ވެފައިވާ މީހާއަށެވެ.)

Read more...

18 August 2011

ތުނބުޅި ބެހެއްޓުމުގެ ޙުކުމް

އައްޝައިޚް އާދަމް ޝަމީމް ބިން އިބްރާހިމް
الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد
ތުނބުޅިއަކީ މާތް ﷲ ފިރިހެނުންނަށް ޚާއްސަ ކުރައްވާފައިވާ ޒީނަތެކެވެ. ތުނބުޅި ދިގުކުރުމާއި މަތިމަސް ކުރުކުރުމަކީ ފިރިހެނުންގެ ފިޠުރަތުގައި މާތް ﷲ ލައްވާފައިވާ ކަމެކެވެ.
عَائِشَةَ رضي الله عنها ގެ އަރިހުން ރިވާވެގެން ވެއެވެ. رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ހަދީޘްކުރެއްވިއެވެ. ((عَشْرٌ مِنْ الْفِطْرَةِ قَصُّ الشَّارِبِ وَإِعْفَاءُ اللِّحْيَةِ …)) صحيح مسلم. މާނައީ: “ދިހަކަމެއް ފިތުރަތުގެ ތެރެއިން ވެއެވެ. (އޭގެ ތެރޭގައި) މަތިމަސް ކޮށުމާއި ތުނބުޅި ދިގުކުރުން.. ވެއެވެ.
އެހެންކަމުން رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ އެކަލޭގެފާނުންގެ ތުނބުޅިފުޅު ދިގުކުރެއްވިއެވެ. އަދި އެކަލޭގެފާނުންގެ އަޞްޙާބުންނަށާއި މިއުންމަތުގެ މުއުމިނުންނަށް ތުނބުޅި ދިގުކުރުމަށާއި މަތިމަސް ކުރުކުރުމަށް އަމުރު ކުރައްވާފައި ވެއެވެ. އަދި އެއާއި ޚިލާފުވުން ނަހީކުރައްވާފައިވެއެވެ. އޭގެތެރެއިން އެއް ބަސްފުޅަކީ البخاري އާއި مسلم ދެބޭފުޅުން ابْنِ عُمَرَ رَضِيَ اللَّهُ عَنْهُمَا ގެ އަރިހުން ރިވާކުރައްވާފައި ހަދީޘެވެ. رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ހަދީޘްކުރައްވާފައި ވެއެވެ. ((انْهَكُوا الشَّوَارِبَ وَأَعْفُوا اللِّحَى)) މާނައަކީ: “މަތިމަސް ކުރުކުރާށެވެ! އަދި ތުނބުޅި ދިގުކުރާށެވެ!”

ތުނބުޅި ދިގުކުރުމަކީ މުއުމިނުންގެ ސިފައެކެވެ. އަދި އެއާ ޚިލާފުވުމަކީ މުޝްރިކުންނާއި ކާފަރުންނާއި މަޖޫސީންގެ އާދައަކެވެ. އެހެންކަމުން އެބައި މީހުންނާއި ޚިލާފުވުމަކީވެސް ކޮންމެހެން ލާޒިމު ކަމެކެވެ. އެކަމަށް އަމުރު ކުރައްވައި އިތުރު އެކަލޭގެފާނުން ހަދީޘްކުރައްވާފައި ވެއެވެ. ((خَالِفُوا الْمُشْرِكِينَ وَفِّرُوا اللِّحَى وَأَحْفُوا الشَّوَارِبَ)) البخاري ومسلم. މާނައީ: “ތިޔަބައިމީހުން މުޝްރިކުންނާއި ޚިލާފުވާށެވެ! ތުނބުޅި ދިގުކުރާށެވެ! އަދި މަތިމަސް ކުރުކުރާށެވެ!”

އަނެއް ހަދީޘެއްގައި أبو هريرة رضي الله عنه ގެ އަރިހުން ރިވާވެގެން ވެއެވެ. رسول الله صلى الله عليه وسلم ހަދީޘްކުރައްވާފައި ވެއެވެ. ((جُزُّوا الشَّوَارِبَ وَأَرْخُوا اللِّحَى خَالِفُوا الْمَجُوسَ)) صحيح مسلم (ج 2، ص 73) މާނައަކީ: “މަތިމަސް ކޮށާށެވެ! އަދި ތުނބުޅި ‘އިރްޚާ’ ކުރާށެވެ! (އިރްޚާ އަކީ: އެއްޗެއް އެލުވައިލުމެވެ. އޭގެ ދިގުމިނުގައި ދޫކޮށްލުމެވެ. މާނައަކީ އެލިފައިވާނެހެން ދިގުކުރާށެވެ!) އަދިވެސް ابْنِ عُمَرَ رَضِيَ اللَّهُ عَنْهُمَا ވިދާޅުވިއެވެ. ((أَنَّهُ أَمَرَ بِإِحْفَاءِ الشَّوَارِبِ وَإِعْفَاءِ اللِّحْيَةِ)) “ހަމަކަށަވަރުން މަތިމަސް ކުރުކުރުމަށާއި ތުނބުޅި މާފުކުރުމަށް (ދިގުކުރުމަށް) އިތުރުއެކަލޭގެފާނުން އަމުރު ކުރައްވާފައިވެއެވެ.” މިހަދީޘް ރިވާކުރައްވާފައި مسلم (ج 2، ص 71) އެވެ.

ތުނބުޅި ދިގުކުރުމަކީ އިތުރުއެކަލޭގެފާނުން އަމުރުކުރައްވާފައިވާ ވާޖިބެއްކަމާއި އެއާއި ޚިލާފުވުމަކީ ނަހީކުރެވިފައިވާ ކަމެއްކަމުގައި އިސްވެދިޔަ ހަދީޘްތަކުން ޞަރީހަކޮށް އިނގެއެވެ. އަދިވެސް އިތުރު އެކަލޭގެފާނުންގެ ސުންނަތާއި އަސްހާބުބެއިކަލުންގެ އަޘަރުތަކާއި އޭގެފަހުގެ ސަލަފުއްޞާލިހުންގެ އިލްމުވެރި އިމާމުންނާއި އެއްމެހައި ފިގުހުވެރިންގެ އަރިހުން ތުނބުޅި ދިގުކުރުމުގެ ވާޖިބުކަމާއި އެއާއި ޚިލާފަށް ތުނބުޅި ބޭލުމާއި ކުރުކޮށް ކޮށުމަކީ ހަރާން ކަމެއްކަމުގައި އެތަކެއް ރިވާޔަތަކާއި ބަސްފުޅެއް ވާރިދުވެފައިވެއެވެ. އުންމަތުގެ ހަތަރު އިމާމުންނާއި އެބޭފުޅުންނަށް ތަބާވާ ހަތަރު މަޛުހަބުގައިވެސް ވަނީ މިފަދައިންނެވެ. އިހުގެއާއި ފަހުގެ ބޮޑެތި ގިނަ ޢިލްމުވެރި ބޭފުޅުންނާއި ފަތުވާ ކޮމެޓީތަކުންވެސް ތުނބުޅި ދިގުކުރުމާއި މަތިމަސް ކުރުކުރުމަކީ ވާޖިބެއް ކަމާއި ތުނބުޅި ބޭލުމަކީ އަދި ކުރުކޮށް ނުވަތަ ތުނިކޮށް ކޮށުމަކީ ހަރާމް ކަމެއް ކަމުގައި ފަތުވާ ދެއްވާފައިވެއެވެ.

ތުނބުޅި ކޮށުން ހުއްދަވާނެ މިންގަނޑެއްކަމުގައި ބައެއް ތަޙުގީގުގެ ޢިލްމުވެރިން ބަޔާންކޮށްފައިވާ އެއްމެ ކުރުމިނަކީ މުށްފުރެންދެން ހިފެހެއްޓުމަށްފަހުގައި އިތުރުވާބައެވެ. އެއީ عبد الله بْنِ عُمَرَ رَضِيَ اللَّهُ عَنْهُمَا އާއި އަދިވެސް އެހެން ބައެއް ސަލަފުންގެ އަރިހުން ވާރިދުވެފައިވާ ކަމެއް ކަމުގައި ވާތީއެވެ. އަދި އާދަޔާއި ޚިލާފަށް ދިގުވާ ތުނބުޅިއެއް ނަމަ އަތުން ހިފަހަށްޓާފައި ކޮށައިލުމުންވެސް ދިގު ތުނބުޅިއެއްކަމުގައި އިތުބާރު ކުރެވޭތީއާއި ތުނބުޅި ދިގުކުރުމަށް އައިސްފައިވާ އިސްވެދިޔަ އަމުރުފުޅުތަކާއި ޚިލާފު ނުވާކަމަށްޓަކައި ބައެއް ޢިލްމުވެރިން އެމިންވަރަށް ކޮށުން ހުއްދަ ކުރައްވައެވެ. ވީމައި ދަލީލުތަކުން ޘާބިތުވާ މިންވަރަކީ މިއެވެ. މުށަށްވުރެ ކުރުކޮށް ނުވަތަ ތުނިކޮށް ކޮށިދާނެކަމުގައި ބުނެވޭ ހުރިހާ ބަސްތަކަކީ އެބަސްތައް ބުނާ ބޭފުޅުންގެ އަމިއްލަ ޚިޔާލެވެ. އެއްވެސް ހުއްޖަތެއް އަދި ދަލީލެއް ނޫނެވެ.
والله أعلم، وصلى الله على محمد وآله وسلم
___________________________
އައްޝައިޚް އާދަމް ޝަމީމް ބިން އިބްރާހިމްގެ ރަސްމީ ވެބްސައިޓުން ނަގާފައި

Read more...

16 August 2011

އީމާންކަން އިތުރުވުމާއި އުނިވުން

އަލްއަޚް އަބޫ ދުޖާނާ
އަލް އިމާމް ބުޚާރީ އެކަލޭގެފާނުގެ ފޮތުގައި "އީމާންކަން އިތުރުވުމާއި އުނިވުމުގެ ވާހަކަ ނަންގަތް ބާބު" މިސުރުޚީގެ ދަށުން ބާބު ނަންގަވައި މިސުރުޚީގެ މުހިއްމުކަން މީސްތަކުންނަށް އެންގެވިއެވެ.

ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
" ...إِنَّهُمْ فِتْيَةٌ آَمَنُوا بِرَبِّهِمْ وَزِدْنَاهُمْ هُدًى"
މާނައީ: "....އެއުރެންނީ އެއުރެންގެ ވެރިރަސްކަލާނގެއަށް އީމާންވެ، އެއުރެންނަށް، ތިމަންރަސްކަލާނގެ ތެދުމަގު އިތުރުކުރައްވާފައިވާ ޒުވާން ފިރިހެނުން ތަކެކެވެ." (الكهف : 13)

އަދިވެސް ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
وَمَا جَعَلْنَا أَصْحَابَ النَّارِ إِلَّا مَلَائِكَةً وَمَا جَعَلْنَا عِدَّتَهُمْ إِلَّا فِتْنَةً لِلَّذِينَ كَفَرُوا لِيَسْتَيْقِنَ الَّذِينَ أُوتُوا الْكِتَابَ وَيَزْدَادَ الَّذِينَ آَمَنُوا إِيمَانًا وَلَا يَرْتَابَ الَّذِينَ أُوتُوا الْكِتَابَ وَالْمُؤْمِنُونَ وَلِيَقُولَ الَّذِينَ فِي قُلُوبِهِمْ مَرَضٌ وَالْكَافِرُونَ مَاذَا أَرَادَ اللَّهُ بِهَذَا مَثَلًا كَذَلِكَ يُضِلُّ اللَّهُ مَنْ يَشَاءُ وَيَهْدِي مَنْ يَشَاءُ وَمَا يَعْلَمُ جُنُودَ رَبِّكَ إِلَّا هُوَ وَمَا هِيَ إِلَّا ذِكْرَى لِلْبَشَرِ
މާނައަކީ: "އަދި ނަރަކައިގެ ބަނޑޭރިން ކަމުގައި، ތިމަންރަސްކަލާނގެ މަލާއިލަތުން މެނުވީ ނުލައްވަމެވެ. އަދި ކާފިރުވި މީހުންނަށް އިމްތިޙާނެއްކަމުގައި މެނުވީ އެ މަލާއިކަތުންގެ ޢަދަދު ނުލައްވަމެވެ. (އެއީ) ފޮތް ލިބުނު މީހުންނަށް ޔަޤީންވުމަށާއި، އަދި އީމާންވި މީހުންގެ އީމާންކަން އިތުރުވުމަށާއި، އަދި ފޮތް ލިބުނު މީހުންނާއި އީމާންވި މީހުން ޝައްކު ނުކުރުމަށްޓަކައެވެ. މި މިޘާލުން ﷲ އިރާދަކުރެއްވީ ކޮންއެއްޗެއް ބާވައެވެ؟ އެފަދައިން ﷲ އިރާދަކުރައްވާ މީހަކު މަގުފުރައްދަވަތެވެ. އަދި އެކަލާނގެ އިރާދަކުރައްވާ މީހަކަށް ތެދުމަގު ދައްކަވަތެވެ. އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެ ލަޝްކަރުގެ ޢަދަދު، އެކަލާނގެ މެނުވީ ދެނެވޮޑިގެން ނުވެތެވެ. އަދި އާދަމްގެ ދަރިންނަށް ޢިބްރަތްތެރި ހަނދާންކޮށްދިނުމެއް ކަމުގައި މެނުވީ، އެނަރަކަ ނުވެއެވެ." (المدثر : 31)

އަދިވެސް ވަޙީކުރެއްވިއެވެ.
"...الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِي وَرَضِيتُ لَكُمُ الْإِسْلَامَ دِينًا..."
މާނައީ: ..."މިއަދު ތިޔަބައިމީހުންގެ ދީން، ތިޔަބައިމީހުންނަށް ތިމަންރަސްކަލާނގެ ފުރިހަމަ ކޮށްދެއްވައިފީމެވެ. އަދި ތިމަންރަސްކަލާނގެ ނިޢުމަތް، ތިޔަބައިމީހުންގެ މައްޗަށް ތިމަންރަސްކަލާނގެ ފުރިހަމަކޮށްދެއްވައިފީމެވެ. އަދި އިސްލާމްދީން ތިޔަބައިމީހުންނަށް ދީނެއްކަމުގައި، ތިމަންރަސްކަލާނގެ ރުހިވޮޑިގެންފީމެވެ.".(المائدة :3)

މިއާޔަތުން ދޭހަކޮށްދެނީ މިދީނުގެ ފުރިހަމަކަމުގެ ތެރެއިން އެއްވެސް އެއްޗެއް ނުވަތަ އެއްވެސް ކަމެއް ދޫކޮށްލައިފިނަމަ އީމާންކަން އުނިވެދާނެކަމެވެ. ނުވަތަ އީމާންކަން ފުރިހަމަ ނުވާނެއެވެ. އަދި މިދީނަށް އުނި އިތުރުކުރުމެއް ނުވާކަމެވެ.

އަނަސް ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. ނަބީ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. "އެމީހެއްގެ ހިތުގައި ހެޔޮކަމުގެ ހިމަގޮދަން (ބާރުލީ)އޮށެއްގެ މިންވަރު އޮތްޙާލު لاإله إلاالله (ﷲ ފިޔަވައި އެހެން އިލާހަކު ނުވެއެވެ) ކިޔައިފިމީހާ ނަރަކައިން ނުކުންނަ ހުއްޓެވެ. އަދި އެމީހެއްގެ ހިތުގައި ހެޔޮކަމުގެ ގޮދަން އޮށެއްގެ މިންވަރު އޮވެފައި لاإله إلاالله (ﷲ ފިޔަވައި އެހެން އިލާހަކު ނުވެއެވެ) ކިޔައިފިނަމަވެސް އެމީހަކު ނަރަކައިން ނުކުންނަހުއްޓެވެ. އަދި އެމީހެއްގެ ހިތުގައި ހެޔޮކަމުގެ ޒައްރެއް (ނުވަތަ ކުޑަ ހިންޏެއް) ގެ މިންވަރު ވިޔަސް އޮވެފައި لاإله إلاالله (ﷲ ފިޔަވައި އެހެން އިލާހަކު ނުވެއެވެ) ކިޔައިފިނަމަ، އެމީހަކު ނަރަކައިން ނުކުންނަހުއްޓެވެ." އެހެން ރިވާޔަތެއްގައި "ހެޔޮކަމެއްގެ މިންވަރު" މިތަންކޮޅުގެ ބަދަލުގައި އޮތީ "އީމާންކަމުގެ މިންވަރެވެ." (ބުޚާރީ)

ޢުމަރު ބުނު ޚައްޠާބު ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. ހަމަކަށަވަރުން ޔަހޫދީންގެ މީހަކު (އެމީހަކީ كَعْبُ الْأَحْبَارއެވެ.) އެކަލޭގެފާނަށް (ޢުމަރުގެފާނަށް) ދެންނެވިއެވެ. "އޭ މުއުމިނުތަކުންގެ އަމީރެވެ! ތިޔަބޭކަލުންގެ ފޮތުގައި، ތިޔަބޭކަލުން ކިޔަވައި އުޅޭ އާޔަތެއް ވެއެވެ. އެއާޔަތް އަޅުގަނޑުމެން ޔަހޫދީންގެ ޖަމާޢަތުގެ މައްޗަށް ބާވައިލެއްވުނުނަމަ، އެދުވަހަކީ ޢީދެއްކަމުގައި އަޅުގަނޑުމެން ހެދީމުހެވެ." އެކަލޭގެފާނު (ޢުމަރުގެފާނު) ވިދާޅުވިއެވެ. "(އެއީ) ކޮން އާޔަތެއް ހެއްޔެވެ؟" އޭނާ ދެންނެވިއެވެ. (އެއީމިއާޔަތެވެ.) "މިއަދު ތިމަން ﷲ ތިޔަބައިމީހުންނަށް ތިޔަބައިމީހުންގެ ދީން ފުރިހަމަކޮށްދެއްވައިފީމެވެ. އަދި ތިމަން ﷲ ތިޔަބައިމީހުންގެ މައްޗަށް ތިމަން ﷲގެ ނިޢުމަތް ފުރިހަމަކޮށްދެއްވައިފީމެވެ. އަދި ތިމަން ﷲ ތިޔަބައިމީހުންނަށް އިސްލާމް އެއީ ދީނެއްކަމުގައި ރުއްސަވައިފީމެވެ." (المائدة : 3)

(އޭނާގެ ވާހަކައާއި ބެހޭގޮތުން) ޢުމަރު ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. "ހަމަކަށަވަރުން އެއީ ކޮންދުވަހެއް ކަމާއި، ނަބީ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މައްޗަށް އެއާޔަތް ބާވައިލެއްވުނު ތަން އަހުރެމެން ދަންނަމުއެވެ. އެއީ ހުކުރު ދުވަހެކެވެ. (އެއާޔަތް) ބާވައިލެއްވުނު އިރު ނަބީ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހުއްޓިވަޑައިގެން ހުންނެވީ ޢަރަފާތުގައެވެ." (ބުޙާރީ)
________________________________
މަޞްދަރު: އަލް އިމާމް ބުޚާރީ އެކަލޭގެފާނުގެ ފޮތުގައި "އީމާންކަން އިތުރުވުމާއި އުނިވުމުގެ ވާހަކަ ނަންގަތް ބާބު".
______________________________________________
މިލިޔުން ނަގާފައިވަނީ ދީން.އިިންފޮރ.ކޮމް އިން ނެވެ.

Read more...

14 August 2011

ދުނިޔޭގެ ޙަޤީޤަތާމެދު ނަޒަރެއް

އަލްއަޚް ޙަސަން ނާޖީ
ދުނިޔެއަކީ ވަރަށް ޒަމާންވީތަނެކެވެ. އަދި ކަށްވަޅުގައި ހޭދަކުރަންޖެހޭ މުއްދަތަކީވެސް އެހާމެދިގު މުއްދަތެކެވެ. ޤިޔާމަތްދުވަހާމެދު ވިސްނައި ފިކުރުކޮށްފިނަމަ އެއީ ފަންސާސް ހާސް އަހަރެވެ. ސުވަރުގޭގައި ނުވަތަ ނަރަކައިގައިވާ މުއްދަތަކީ ނިމުމެއްނުވާ މުއްދަތެކެވެ.

މިފަނާވަނިވި ދުނިޔޭގައި އުޅެންލިބިފައިވާ މުއްދަތަކީ މިސާލަކަށް ފަސްދޮޅަސް އަހަރު ކަމުގައި ބަލަމާ ހިނގާށެވެ. އޭގެތެރެއިން ތިރީސްއަހަރު ހޭދަކުރެވެނީ ނިދުމުގައެވެ. ޙަޔާތުގެ ފުރަތަމަ ފަނަރަ ވަރަކަށް އަހަރު އެއީ އޭނަގެ ޅަފަތުގެ ދުވަސްވަރެވެ. ބާކީއޮތް ފަނަރަ އަހަރުގެ ތެރެއިން ގިނަދުވަސްތައް ހޭދަކުރެވިފައިވަނީ ކެއުންބުއިމާއި މުދާހޯދައި އެއްކުރުމާއި ދުނިޔެވީ އެކިއެކިޝަހުވަތްތަކުގައެވެ. ދެން އާޚިރަތަށްޓަކައި ކޮށްފައިވާ ޢަމަލުތަކަށް ނަޒަރުހިންގައިލާއިރު ވަރަށް ގިނަ ކަންތައްތަކަކީ ދެއްކުންތެރިކަމާއި ޣާފިލުކަންމަތީގައި ކުރެވިފައިވާ ކަންކަމެވެ. އުޚްރަވީޙަޔާތް ކާމިޔާބުކުރުމަށް އޮތީ މިމަދު ދުވަސްކޮޅެވެ.*
____________________________________
* އިބްނު އަލްޖައުޒީގެ لفتة الكبد إلى نصيحة الولد މިފޮތުން ނަގާފައި

Read more...

09 August 2011

ހާރުކެއުން


އަލްއަޚް މުޙައްމަދު ޝާފިޢު ބިން ޢަބްދުލްޣަފޫރު

ރޯދަވެރިޔާ ހާރުކެއުން އެއީ ސުންނަތްވެގެންވާ ކަމެކެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. " تَسَحَّرُوا فَإِنَّ فِي السَّحُورِ بَرَكَة" (رواه البخاري ومسلم) މާނައީ: "ތިޔަބައިމީހުން ހާރު ކާށެވެ. ފަހެ ހަމަކަށަވަރުން ހާރުކެއުމުގައި ބަރަކާތްތެރި ކަމެއްވެއެވެ."

އަދިވެސް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.
(إِنَّ فَصْلَ مَا بَيْنَ صِيَامِنَا وصِيَامِ أَهْلِ الْكِتَابِ أَكْلَةُ السَّحَر) (رواه مسلم) މާނައީ: "އަހަރެމެންގެ ރޯދައާއި ފޮތުގެ އަހުލުވެރިންގެ (އެބަހީ؛ ޔަހޫދީންނާއި ނަޞާރާއިންގެ) ރޯދައާއި ދެމެދުގައިވާ ތަފާތަކީ ހާރުކެއުމެވެ."

އަދިވެސް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. "السَّحُورُ أَكْلُهُ بَرَكَةٌ فَلاَ تَدَعُوهُ، وَلَوْ أَنْ يَجْرَعَ أَحَدُكُمْ جُرْعَةً مِنْ مَاءٍ، فَإِنَّ اللهَ وَمَلاَئِكَتَهُ يُصَلُّون عَلَى الْمُتَسَحِّرِين" (رواه أحمد، وحسنه الألباني)
މާނައީ: "ހާރަކީ ބަރަކާތް ލިބިގެންވާ ކެއުމެކެވެ. އެހެންކަމުން އެކަން ދޫކޮށް ނުލާށެވެ. އެއީ ހަމައެކަނި ފެން ކޯވަރެއް ބޯލުން ކަމުގައި ވިޔަސްމެއެވެ. ފަހެ ހަމަކަށަވަރުން ﷲ ގެ ރަޙުމަތް ހާރުކާ މީހުންގެ މައްޗަށް ހުއްޓެވެ. އަދި އެއިލާހުގެ މަލާއިކަތުންވެސް އެބައިމީހުންނަށް ރަހުމަތް ލެއްވުމަށް އެދި ދުޢާކުރެއެވެ."

ހާރުކެއުން ލަސްކޮށްލުންވެސް ސުންނަތްވެގެންވެއެވެ. عَنْ أَنَسِ بْنِ مَالِكٍ، أَنَّ زَيْدَ بْنَ ثَابِتٍ، حَدَّثَهُ: " أَنَّهُمْ تَسَحَّرُوا مَعَ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ، ثُمَّ قَامُوا إِلَى الصَّلاَةِ، قُلْتُ: كَمْ بَيْنَهُمَا؟ قَالَ: قَدْرُ خَمْسِينَ أَوْ سِتِّينَ "، يَعْنِي آيَةً (رواه البخاري) އަނަސް ރަޟިޔަ ﷲ ޢަންހު ޒައިދު ބުނު ޘާބިތުގެ އަރިހުން ރިވާކުރައްވާފައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. މާތް ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ތިމަންމެންނާއެކުގައި ހާރު ފަރީއްކުޅުވިއެވެ. އެއަށްފަހު ނަމާދު ކުރެއްވުމަށް ތެދުވެވަޑައިގަތެވެ. އަނަސްގެފާނު ވިދާޅުވިއެވެ. ތިމަންކަލޭގެފާނު ސުވާލުކުރެއްވީމެވެ. ހާރު ކޭންބެއްލެވުމާއި ބަންގިޔާ ދެމެދުގައިވީ ކިހާ ވަގުތުކޮޅެއް ތޯއެވެ؟ ވިދާޅުވިއެވެ. ފަންސާހަކަށް ނުވަތަ ފަސްދޮޅަހަކަށް އާޔަތް ކިޔައިލެވޭހާ ވަގުތުކޮޅެކެވެ.

އަދިވެސް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. "لاَ تَزَالُ أُمَّتِي بِخَيْرٍ مَا عَجَّلُوا الإِفْطَارَ وَأَخَّرُوا السُّحُورَ" (رواه أحمد) މާނައީ: "ރޯދަވީއްލުން އަވަސްކޮށް އަދި ހާރުކެއުން ލަސްކުރާހާ ހިނދަކު ތިމަން ކަލޭގެފާނުގެ އުއްމަތް ހެއުކަމުން ފިލައި ނުދާނެއެވެ."


Read more...

02 August 2011

އަޅުކަމާއި ހެޔޮކަމުގެ ރޭހުން ދަރުމައާއި ޘަވާބުގެތަށި ހޯދުމުގެމޫސުން

ޢަބްދުﷲ ފަހުމީ ދީދީ ރަޙިމަހުﷲ
މަގުތަކާއި ގޮވަތިތަކަށް ލިބިފައިމިވާ ޒީނަތްތެރިކަމަކީ، އަޚުންނާއި އުޚުތުންގެ މޫނުމަތީން އެފެންނަ ހިނިވަރުނަ ކަމަކީ، އަނގޮޅިތަކާއި މުންނާރުތަކުގައި ދިއްލިފައި އެވާ ބައްތިތަކުގެ ސިއްރަކީ، އެހެރައިވޭ ބަޑިއަޑުގެ މާނައަކީ، ފުރަކީރިތި ރަމަޟާންމަސް ވަދެއްޖެކަމެވެ. އެމަހުގެ ރޯދައިގެ ރިޔާޟަތުން ހަށިގަނޑާއި ފުރާނަޔަށް ފައިދާ ހޯދައިގަތުން ވާޖިބު ވެއްޖެކަމެވެ. އެމަހުގެ އަޅުކަމާ ހެޔޮކަމުގެ ރޭހުން ދަރުމައާއި އިނާމުގެ ތަށި ހޯދުމަށް ހިއްމަތާއިއެކު މަސައްކަތް ކުރުން ފަރުޟުވެއްޖެކަމެވެ.

އެކަނި މައްސަރުގެ ފަރާތަށް ބަލައިފިނަމަ، އެއީ ސައްޔިދުނާ މުޙައްމަދު ސައްލަﷲ ޢަލައިހި ވަސައްލަމްގެފާނާށް ޤުރްއާން ބާވައިލެއްވި މައްސަރެވެ.

عَلَيْهِمْ وَعَلَى إِخْوَانِهِمْ مِنَ اللهِ وَافِر التَّحِيَّة وَأَزْكَى السَّلاَمِ

މިމަހުގައި ހިންގެވިފައިވާ އިލާހީ ޢަވާއިދު އެކަނި މިއަކީއެއްނޫނެވެ. އަހުރެމެންގެ ކީރިތި ނަބިއްޔާއަށް ނަބީކަމާއި ރަސޫލުކަމުގެ މަތިވެރި ތަޝްރީފް ލިބިވަޑައިގަތީ މިމަހުގައެވެ. ދީނުގެ ކަލިމައަށް ނަޞްރު ލިބުމުން އިސްލާމީ ދިދަ ޢިއްޒަތްތެރިވީ މިމަހުގައެވެ. ދަރުމައާއި ޘަވާބު ހާސްގުނަޔަށްވުރެ އިތުރުވެގެންވާ ލައިލަތުލް ޤަދުރި ވިލޭރޭ ވަދީޢާ ވެވިފައިވަނީ އެމަހުގައެވެ. ކީރިތި ﷲ ޢަފޫ ޢާއްމު ކުރެއްވުމާއި، ރަޙުމަތް ތަނަވަސް ކުރެއްވުމުގެ ގޮތުން އަޅުތަކުންގެ ކިބައަށް އެންމެ ޚާއްޞަގޮތުގައި ބައްލަވައި ވޮޑިގަންނަވަނީ އެމަހުގައެވެ.

ރަމަޟާން މަހަށް ހަނދުބެލުމާއިއެކު ރަޙުމަތާއި ބަރަކާތުގެ ދޮރުތައް ހުޅުވޭހުށިކަމަށް ޚަބަރު އައިސްފައިވެއެވެ. އެމަހުގެ ކޮންމެ ރެޔަކު، މިއުއްމަތުގެ ނަރަކަވަންތަވެރީންކުރެ އެތައްއެތައް ބަޔަކު ނަރަކައިން މުއްތި ކުރައްވާހުށިކަމަށް ޚަބަރު ވާރިދުވިއެވެ. މަޝްހޫރު ދިވެހި މިސާލުގައި ބުނެވެނީ: ރޯދަމަހާ ރޯއްޖާއެވެ.

ރޯދަޔަށް ބަލާއިރު، އެއީ އެޚާއްޞަ އަޅުކަމެކެވެ. ގިނަގުނަވެގެންވާ ދީނީ، ދުންޔަވީ ފައިދާތަކުގެ މައްޗަށް އެކުލެވިގެންވާ ހެޔޮކަމެކެވެ. އިސްލާމީ ޤަދީމީ ވާޖިބެވެ. ދީނުގެ ޤަވާޢިދުގެ މަތިވެރި ފަސްރުކުނުގެ ތެރެއިން އަރައިހުރި އެއްފަރުޟެކެވެ.

ހަށިގަނޑުގެ ޝަހްވާނީ އެދުންތައް މަރައި މަކާރިމީ ސިފަތައް ދިރުވާ ކަމެކެވެ. ފުރާނައިގެ ރޫޙާނީ ބާރުގަދަވެ، މަތިވެރި ޢާލަމުގެ ބަރަކާތްތެރިކަން ޙާޞިލުވާ ކަމެކެވެ.
ރޯދައަކީ އިޤްތިޞާދުގެ އެންމެ ފުރިހަމަ ދަރުހެވެ. ތަނަވަސްކަމުގެ އަހުލުވެރީން، ދަތިޙާލުގައިވާ މީހުންނާއި އެހީވުމުގެ ފަރާތަށް ގޮވާ ފިޠުރަތުގެ ސާފު ގޮވުމެވެ. ރޯދަވެރިޔާ، ރޯދަނޫން ދުވަހެއްގެ، ކެއުމާއި ބުއިމާއި ސިގިރެޓް، ދުން ބިލެތްފަދަ ތަކެތީން ކުރާ ޚަރަދު ރޯދައިގެ ސަބަބުން ނުކޮށް ހުރުމުން، ދުވާލަކު އިތުރުވާނޭ މިންވަރު މަސްދުވަހެއްގެ މައްޗަށް ހިމަނައިލީމާ ރަމަޟާންމަހުގައި އިޤްތިޞާދުގެ ގޮތުން ލިބެނިވި ފައިދާ ވިސްނިދާނެއެވެ. އަހަރެއްގެ ތެރެއިން މަސްދުވަހެއްގެ މިބުނެވިދިޔަގޮތުން ފައިދާޔަށް ނުކުތް މިންވަރެއް، އަހަރުގެ އެހެން މައްސަރުތަކުގައިވެސް ފައިދާއަށް ނެރުމަށް ގަދައަޅައިފިނަމަ އެއީ މާދަތިކަމަކަށް ނުވާނޭކަން ފައުޅުވެގެންވެއެވެ.

ތަނަވަސްކަމުގެ އަހުލުވެރިޔާ ކިރިޔާ ފަރިޔާ ފަޖުރުނުލާހުއްޓައި، ހުރިހައި ރަނގަޅު ތަކެއްޗަކުން ކައިބޮއި ބަނޑުބޮޑުކޮށްގެން، ޘަވާބު ގިނަގުނަވެގެންވާ މަތިވެރި އަޅުކަމެއްގެ ނިޔަތްގަނެގެން ރޯދަޔަށް ހުއްޓައި ދުވާލުގެ މެންދުރަކާއި ކައިރިވާއިރު ބަނޑުހައިކަމުގެ އަސަރު ހަށިގަނޑުގައި ހިނގައިލީމާ، ގައިގެ ހަކަތަ ދެރަވާގޮތްވެ، ބޯ ބަރުވެފައި ނިދިއަންނަގޮތް ދިމާވެދެއެވެ. އަދި ރުޅި އަރާގޮތް މާ ގާތްކަމަކަށް ވެދެއެވެ. މިއިރު މީނާއަށްޓަކައި ރޯދަވީއްލައިގެން ކައިބޮއި ހަދާނޭ ހިތްއެދޭ ތަކެތި ތައްޔާރުވާތީ ފެނިފެނިހުރެއެވެ. މިވާ އެއްޗަކަށް ވިސްނައިފިނަމަ، އެއީ ރޯދައިގެ ޙާލުގެ ދޫ ރޯދަވެރިޔާއާއި ޚިޠާބު ކުރަނީކަން ރަނގަޅަށް ވިސްނޭނެއެވެ.

މައުޟޫޢަކީ: އޭ މާތްވެގެންވާ ރޯދަވެރިޔާއެވެ. ކަލެއަކީ ތަނަވަސްކަމުގެ ވެރިޔާއެވެ. ކަލޭގެ ރޯދަޔަށް ތިޔަހުރީ، ވެވޭހައި ރަނގަޅަކަށް ރަނގަޅު ތަކެތީން ހައުރުކައިގެންނެވެ. ކަލޭ ތިޔަ ރޯދައިން އެދޭ ޘަވާބާއި ބަރަކާތް ގިނަގުނައެވެ. ކަލޭގެ ރޯދަވީއްލުމަށްޓަކައި ހިތްއެދޭފަދައަކުން ދޮލަނގު ތައްޔާރުވާތީ ތިއަހަރެ ފެންނަނީއެވެ. މިކަމާއިއެކު މެންދުރާއި ކައިރިވާއިރު ކަލެއަށް ހައިހޫނުކަމުގެ ކެކުޅުން ތިއަހައި ބޭޤަރާރުކަން ދެނީވިއްޔާ، ދަތިކަމުގެ ސަބަބުން އެއްފަހަރު ކެއްޔާ ދެފަހަރު ނުކައި އެތިބޭ ނިކަމެތީންނަށް ހައިހޫނުކަމުން ކިހައިވަރެއް ވާނެތޯއެވެ. މިކަންމައްޗަށް ވިސްނައި ކަލޭގެ ބައެއް މަޖަލާއި، ތަރައްފުހީ ޚަރަދު އެކަށީގެންވާ މިންވަރަކަށް މަދުކޮށް އޭގެ ބަޔަކުންނަމަވެސް ފަޤީރު ނިކަމެތީންނާއި އެހީވާށެވެ. ލޭގެ އެއްބަނޑުކަމާއި، ދީނުގެ އަޚުކަމުގެ ޙައްޤުތަކަށް ފަރުވާތެރިވާށެވެ.

ކުޑަވެސް ޝައްކެއްނެތެވެ. ރޯދައިގެ ޙާލުގެ ދޫ މަޤާލުގެ ދުލަށްވުރެ ފަސޭހައެވެ. އޭގެ މާނަ ބުނާ ބަހެއްގެ މާނަޔަށްވުރެ ޞަރީޙައެވެ. ބޭނުންވެގެންވަނީ ތަޖްރީބާކާރު މީހަކަށެވެ. ވިސްނޭ ހިތަކަށެވެ. ހިތުގެ މަޑުކަމާއި ރަޙުމަތްތެރިކަމަށެވެ. ރަމަޟާންމަހާއި ވިދިގެން ފިޠުރުޒަކާތް ވާޖިބުވުމުގެ ސިއްރަކީވެސް ރޯދައިގެ ޙިކުމަތަށް ވިސްނައިފި މީހަކަށް ވަންހަނާވެގެންވާނޭ ކަމެއްނޫނެވެ.

ހިތާމަހުއްޓެވެ. ރޯދަވެރީންކުރެ ހާހަކުން މީހަކުވެސް ރޯދައިގެ މާނައަށް ވިސްނައޭ ހީއެއްނުވެއެވެ. ރޯދަމަސް ކުރިމަތިވާހިނދުން، ރޯދަޔަށްޓަކައި ތައްޔާރުވެވޭތީ ފެންނަނީ ކުޅިވަރުގެ ސާމާނުތަކެވެ. ގޯސް އެއްވުންތަކާއި ވިޔާނުދާ ވާހަކަތައް ދައްކައި ހުސްއަނގަ ތެޅޭނޭގޮތްތަކެވެ. ރޯދަމަހަކީ ރޯދަމަހެވެ. އެއިޤްތިޞާދުގެ މަތިވެރި ދަރުހެވެ. ނަމަވެސް އެމައްސަރަށްޓަކައި އަޅުގަނޑުމެންނަށް ތައްޔާރުވެވެނީ ފުރިހަމަ ހަމަސްދުވަހުގެ ޚަރަދެވެ. އެއީ ޚަރަދު މަދުކޮށް ލިބުނު ތަކެއްޗަކުން ބައެއް އިތުރުކޮށްފައި ޞަދަޤާތް ދިނުމުގެ މަގަށް ގޮވާ މައްސަރެވެ. މިމައްސަރުގެ އުރަދުއަޅައި އަޅުގަނޑުމެން ދަރައިވިކެނީއެވެ. ރޯދަމަހާއި އެމާތް ރޯދައިގެ ކަރާމާތް ނަފީކުރާގޮތްތަކުން މާތްރަސްކަލާނގެ އަޅުތަކުން ދުރުވެގަތުން މައްޗަށް އެއްބާރުލާނޭނަމަ ކޮންފަދަތޯއެވެ.

ފޫބެދޭގޮތަށް ވެވޭ ކަންތައް ހަމަ މަދީއެވެ. ތަރާވީސްދަމަށާއި ހައުރުދަމަށާއި، އިރުއޮއްސޭ ވަގުތަށް އެހުރިހައި ތަކެއްޗެއް ތައްޔާރުކޮށް އެހައިވަރެއް ނޭރުވިއަސް ފުދިދާނެއެވެ. ސައި، ފަނި، ޝަރުބަތު، ގުޅަ އެކިބާވަތުގެ ފަތަފޮޅީން އެވަރުނުކުރިއަސް ވެދާނެއެވެ. އެކަމަކު...... ހައުރުވެސް އޭގެގޮތުގައި ކާކަށް ނުކެރެއެވެ. އެކަމާދޭތެރޭ އައިސްފައިވާ ޙަދީޘްފުޅު ބަޔާންކުރާ ޘަވާބު އެއީ ބޭނުންކަމަކަށް ނުހެދެއެވެ.

މާތް ޙަދީޘްގައިވަނީ: މިއުއްމަތުގެ މީހުން ހެޔޮލިބޭ ރަނގަޅުގޮތުން ފިލައިނުދާނެއޭ، އެމީހުންގެ ހައުރުކެއުން ފަސްކުރުމާ، ރޯދަވީއްލުން އަވަސްކުރުންމަތީ ދެމިތިބިހައި ހިނދަކު! ޙަދީޘް ކަރީމް. މާނައަކީ، ހައުރަ ކެއުން އެދެވިގެންވަނީ ފަޖުރާއިމެދު ޝައްކުނުވާ ހިސާބުން ފަޖުރާއި ވީހައިވެސް ކައިރިއެއްގައެވެ. ޘަވާބު ގިނަގުނަވެގެންވާ ސުންނަތް ގޮތަކީ މިއެވެ. ރޯދަ ވީއްލުން އެދެވިގެންވަނީ އިރުއޮއްސުނުކަން އެނގުމަށްފަހު ވީހައި އަވަހަކަށެވެ. މިއީ ޘަވާބު ގިނަގުނަވާ ސުންނަތްގޮތެވެ.

މެންދަމުގެ ކުރީގައި ކޭއެއްޗެއް އެއީ ކަލިޔާބިރިންޖީ ކަމުގައިވިއަސް ހައުރަކަށް ނުފުދޭނެއެވެ. މިހެންނަމަވެސް މިހާރު ދަންބެރާއެކު ހައުރުކައިގެން ނޯށޯންނަނީ ކިތައް ގޭގައިބާއޭ ހީވެއެވެ. ރޯދައިގެ އެއްމެ މުހިއްމު އެއްސުންނަތް މަރުވަނީއެވެ. ކަމަކީ ކަންނެތްކަމެވެ. ނިންޖަށް އަޅުދާސްވުމުގެ ބޮޑުކަމެވެ. ނަފުސަށް އިޢުތިމާދު ނުވާކަމެވެ.
ރޯދަމަހުގެ ލައިލަތުލް ޤަދުރިވިލޭރެއަކީ އެރޭގެ ކޮންމެ އަޅުކަމެއްގެ ޘަވާބު ހާސްމަސްދުވަހު އަޅުކަމަށްވުރެ ބޮޑުކަން އެނގި ސާބިތުވެފައިވާ ރެއެކެވެ. އެއީ ވަކި މިވެނި ރެއެއްކަން ވަންހަނާ ކުރެވިފައިވަނީ އަޅުތަކުން އިނާމު ހޯދައިގަތުމުގައި ވާދަ ދުއްވުމަށްޓަކައެވެ. ރޯދަމަހުގެ ކޮންމެ ރެއަކު އެދެވޭ މަގުން އަޅުކަންކޮށް، އެޔާ ވިދިގެން ދެން އަންނަ ރެއަކީ ލައިލަތުލްޤަދުރި ވިލޭރޭކަމަށް ވެދާނޭކަން މައްޗަށް ފަރުވާވެ އެމަހުގެ ހުރިހައި ރެއެއް އަޅުކަމުން ދިރުވައިފި އަޅަކު ބޮޑުވެގެންވާ ނަސީބާއި ދަރުމަ ލިބިގެންފިއެވެ. މިހުން ނޫންނަމަ، އިންސާނިއްޔަތަށް ހުށަހޮޅިފައިވާ އިލާހީ މުބާރާތުގައި ބައިވެރިނުވުމުގެ ދެރައާއި ގެއްލުމާއި ހުތުރުގެ ބޮޑުކަމާއެވެ.

އެއީ ރޭތަކާއި ދުވާތަކުގައި އިޖާބަވަންތަކަން ހިމެނިގެންވާ ދަރުމަވަންތަ މައްސަރެކެވެ. ޤުރްއާން ކިޔެވުމާއި، ނަމާދުން އެހެނިހެން ޒިކުރާއި ޚައިރާތުން އެމަހަށް އިތުރު ތަރުޙީބެއް ނުދިން މުސްލިމަކީ ފުރިހަމަކަމުން މަޙުރޫމްވެގެންވާ ނަސީބުކުޑަ މީހެކެވެ. ރަމަޟާން މަހުގެ ތަރުޙީބަށްޓަކައި އެންމެ ކުޑަމިނުން، ދުވާލު ޤުރްއާނުގެ ފޮތެއްގެ މިންވަރުން ޒިކުރެއްކޮށް ރޭގަނޑު ތަރާވީޙުގެ މިންވަރުން އަޅުކަމާއި މަޝްޢޫލު ނުވިމީހަކީ ދީނަށް ޙުރުމަތެއްނެތް މީހެކެވެ. މިވެނި މުބާރާތަކުން ތަށިލިބުނު މީހަކަށް މިތައް 100ރ. ލިބޭނޭކަން އެނގޭނަމަ އެމުބާރާތުގައި ބައިވެރިނުވެ ނުކެރޭ ކޮންމެ މީހަކު، ރަމަޟާން މަހުން މާތްރަސްކަލާނގެ އަޅުތަކުންގެ މައްޗަށް ހުށަހަޅުއްވައިފައިވާ އިލާހީ މުބާރާތުން ލައިލަތުލްޤަދްރިގެ އިނާމް ލިބިގަތުމަށް ހީވާގިވާހުށިކަމެވެ. މިހެން ނޫންނަމަ.....

އީމާނީ ރިވެތިގޮތުގައި ރަމަޟާންމަހުގެ ރޯދަ ހިފައިފި މީހާއަށް ލިބޭހުށިކަން އެނގިފައިވާ ނިޢުމަތާއި ޝަރަފުގެ ބޮޑުކަމާއެވެ. ޤިޔާމަތް ދުވަހުން ހިސާބު ބެއްލެވޭހިނދު މަޡުލޫމުންނަށް ޡާލިމުންގެ ކިބައިން ބަދަލު ލިބެދެވުމުގައިވެސް ރޯދަވެރިއެއްގެ ރޯދަ އަނެކަކަށް ލިބިނުދެއްވާނޭކަން އެނގިފައިވެއެވެ. އެކަނި މިއެއްނޫނެވެ. މިކަހަލަ ހާހެވެ. ގިނަކުޅައުން އެދޭނަމަ......

ޝައްވާލުމަހަކީ ރޯދަމަހެއް ނުމެނޫނެވެ. އެކަމަކު ޝައްވާލުމަހުގެ ހަރޯދައަކީ ރޯދަމަހުގެ ރޯދައާއި ވަކިވެގެންވާ ރޯދައެއްނޫނެވެ. ރަމަޟާން މަހުގެ ރޯދަ ހިފުމުގެ ފުރިހަމަކަށް ފުރިހަމަވާހުށީ ޝައްވާލުމަހުގެ ހަރޯދަހިފުމުންނެވެ.

ދިވެހި ޖައްވަށް ނޭވާލާ އިސްލާމު އަޚުތަކުންނަށް ވާޖިބުވެގެންވަނީ އިލާހީ ގޮވުންތަކަށް ރިވެތި އިޖާބަ ދިނުމެވެ. ވެހޭތާ ފެންނެގުމެވެ.

މުރާދު ގެއްލިއްޖެ މީހާއަށް ލިބޭހުށީ ޙުނައިނުގެ ދެޚުއްފުއެވެ.

كلّ الصّيد فِي جَوفِ الفرا، والسّلام على من التبع الهدى
............................................
(1 ރަމަޟާން 1368 ގެ ސަރުކާރު ޙަބަރު)

Read more...