02 August 2011

އަޅުކަމާއި ހެޔޮކަމުގެ ރޭހުން ދަރުމައާއި ޘަވާބުގެތަށި ހޯދުމުގެމޫސުން

ޢަބްދުﷲ ފަހުމީ ދީދީ ރަޙިމަހުﷲ
މަގުތަކާއި ގޮވަތިތަކަށް ލިބިފައިމިވާ ޒީނަތްތެރިކަމަކީ، އަޚުންނާއި އުޚުތުންގެ މޫނުމަތީން އެފެންނަ ހިނިވަރުނަ ކަމަކީ، އަނގޮޅިތަކާއި މުންނާރުތަކުގައި ދިއްލިފައި އެވާ ބައްތިތަކުގެ ސިއްރަކީ، އެހެރައިވޭ ބަޑިއަޑުގެ މާނައަކީ، ފުރަކީރިތި ރަމަޟާންމަސް ވަދެއްޖެކަމެވެ. އެމަހުގެ ރޯދައިގެ ރިޔާޟަތުން ހަށިގަނޑާއި ފުރާނަޔަށް ފައިދާ ހޯދައިގަތުން ވާޖިބު ވެއްޖެކަމެވެ. އެމަހުގެ އަޅުކަމާ ހެޔޮކަމުގެ ރޭހުން ދަރުމައާއި އިނާމުގެ ތަށި ހޯދުމަށް ހިއްމަތާއިއެކު މަސައްކަތް ކުރުން ފަރުޟުވެއްޖެކަމެވެ.

އެކަނި މައްސަރުގެ ފަރާތަށް ބަލައިފިނަމަ، އެއީ ސައްޔިދުނާ މުޙައްމަދު ސައްލަﷲ ޢަލައިހި ވަސައްލަމްގެފާނާށް ޤުރްއާން ބާވައިލެއްވި މައްސަރެވެ.

عَلَيْهِمْ وَعَلَى إِخْوَانِهِمْ مِنَ اللهِ وَافِر التَّحِيَّة وَأَزْكَى السَّلاَمِ

މިމަހުގައި ހިންގެވިފައިވާ އިލާހީ ޢަވާއިދު އެކަނި މިއަކީއެއްނޫނެވެ. އަހުރެމެންގެ ކީރިތި ނަބިއްޔާއަށް ނަބީކަމާއި ރަސޫލުކަމުގެ މަތިވެރި ތަޝްރީފް ލިބިވަޑައިގަތީ މިމަހުގައެވެ. ދީނުގެ ކަލިމައަށް ނަޞްރު ލިބުމުން އިސްލާމީ ދިދަ ޢިއްޒަތްތެރިވީ މިމަހުގައެވެ. ދަރުމައާއި ޘަވާބު ހާސްގުނަޔަށްވުރެ އިތުރުވެގެންވާ ލައިލަތުލް ޤަދުރި ވިލޭރޭ ވަދީޢާ ވެވިފައިވަނީ އެމަހުގައެވެ. ކީރިތި ﷲ ޢަފޫ ޢާއްމު ކުރެއްވުމާއި، ރަޙުމަތް ތަނަވަސް ކުރެއްވުމުގެ ގޮތުން އަޅުތަކުންގެ ކިބައަށް އެންމެ ޚާއްޞަގޮތުގައި ބައްލަވައި ވޮޑިގަންނަވަނީ އެމަހުގައެވެ.

ރަމަޟާން މަހަށް ހަނދުބެލުމާއިއެކު ރަޙުމަތާއި ބަރަކާތުގެ ދޮރުތައް ހުޅުވޭހުށިކަމަށް ޚަބަރު އައިސްފައިވެއެވެ. އެމަހުގެ ކޮންމެ ރެޔަކު، މިއުއްމަތުގެ ނަރަކަވަންތަވެރީންކުރެ އެތައްއެތައް ބަޔަކު ނަރަކައިން މުއްތި ކުރައްވާހުށިކަމަށް ޚަބަރު ވާރިދުވިއެވެ. މަޝްހޫރު ދިވެހި މިސާލުގައި ބުނެވެނީ: ރޯދަމަހާ ރޯއްޖާއެވެ.

ރޯދަޔަށް ބަލާއިރު، އެއީ އެޚާއްޞަ އަޅުކަމެކެވެ. ގިނަގުނަވެގެންވާ ދީނީ، ދުންޔަވީ ފައިދާތަކުގެ މައްޗަށް އެކުލެވިގެންވާ ހެޔޮކަމެކެވެ. އިސްލާމީ ޤަދީމީ ވާޖިބެވެ. ދީނުގެ ޤަވާޢިދުގެ މަތިވެރި ފަސްރުކުނުގެ ތެރެއިން އަރައިހުރި އެއްފަރުޟެކެވެ.

ހަށިގަނޑުގެ ޝަހްވާނީ އެދުންތައް މަރައި މަކާރިމީ ސިފަތައް ދިރުވާ ކަމެކެވެ. ފުރާނައިގެ ރޫޙާނީ ބާރުގަދަވެ، މަތިވެރި ޢާލަމުގެ ބަރަކާތްތެރިކަން ޙާޞިލުވާ ކަމެކެވެ.
ރޯދައަކީ އިޤްތިޞާދުގެ އެންމެ ފުރިހަމަ ދަރުހެވެ. ތަނަވަސްކަމުގެ އަހުލުވެރީން، ދަތިޙާލުގައިވާ މީހުންނާއި އެހީވުމުގެ ފަރާތަށް ގޮވާ ފިޠުރަތުގެ ސާފު ގޮވުމެވެ. ރޯދަވެރިޔާ، ރޯދަނޫން ދުވަހެއްގެ، ކެއުމާއި ބުއިމާއި ސިގިރެޓް، ދުން ބިލެތްފަދަ ތަކެތީން ކުރާ ޚަރަދު ރޯދައިގެ ސަބަބުން ނުކޮށް ހުރުމުން، ދުވާލަކު އިތުރުވާނޭ މިންވަރު މަސްދުވަހެއްގެ މައްޗަށް ހިމަނައިލީމާ ރަމަޟާންމަހުގައި އިޤްތިޞާދުގެ ގޮތުން ލިބެނިވި ފައިދާ ވިސްނިދާނެއެވެ. އަހަރެއްގެ ތެރެއިން މަސްދުވަހެއްގެ މިބުނެވިދިޔަގޮތުން ފައިދާޔަށް ނުކުތް މިންވަރެއް، އަހަރުގެ އެހެން މައްސަރުތަކުގައިވެސް ފައިދާއަށް ނެރުމަށް ގަދައަޅައިފިނަމަ އެއީ މާދަތިކަމަކަށް ނުވާނޭކަން ފައުޅުވެގެންވެއެވެ.

ތަނަވަސްކަމުގެ އަހުލުވެރިޔާ ކިރިޔާ ފަރިޔާ ފަޖުރުނުލާހުއްޓައި، ހުރިހައި ރަނގަޅު ތަކެއްޗަކުން ކައިބޮއި ބަނޑުބޮޑުކޮށްގެން، ޘަވާބު ގިނަގުނަވެގެންވާ މަތިވެރި އަޅުކަމެއްގެ ނިޔަތްގަނެގެން ރޯދަޔަށް ހުއްޓައި ދުވާލުގެ މެންދުރަކާއި ކައިރިވާއިރު ބަނޑުހައިކަމުގެ އަސަރު ހަށިގަނޑުގައި ހިނގައިލީމާ، ގައިގެ ހަކަތަ ދެރަވާގޮތްވެ، ބޯ ބަރުވެފައި ނިދިއަންނަގޮތް ދިމާވެދެއެވެ. އަދި ރުޅި އަރާގޮތް މާ ގާތްކަމަކަށް ވެދެއެވެ. މިއިރު މީނާއަށްޓަކައި ރޯދަވީއްލައިގެން ކައިބޮއި ހަދާނޭ ހިތްއެދޭ ތަކެތި ތައްޔާރުވާތީ ފެނިފެނިހުރެއެވެ. މިވާ އެއްޗަކަށް ވިސްނައިފިނަމަ، އެއީ ރޯދައިގެ ޙާލުގެ ދޫ ރޯދަވެރިޔާއާއި ޚިޠާބު ކުރަނީކަން ރަނގަޅަށް ވިސްނޭނެއެވެ.

މައުޟޫޢަކީ: އޭ މާތްވެގެންވާ ރޯދަވެރިޔާއެވެ. ކަލެއަކީ ތަނަވަސްކަމުގެ ވެރިޔާއެވެ. ކަލޭގެ ރޯދަޔަށް ތިޔަހުރީ، ވެވޭހައި ރަނގަޅަކަށް ރަނގަޅު ތަކެތީން ހައުރުކައިގެންނެވެ. ކަލޭ ތިޔަ ރޯދައިން އެދޭ ޘަވާބާއި ބަރަކާތް ގިނަގުނައެވެ. ކަލޭގެ ރޯދަވީއްލުމަށްޓަކައި ހިތްއެދޭފަދައަކުން ދޮލަނގު ތައްޔާރުވާތީ ތިއަހަރެ ފެންނަނީއެވެ. މިކަމާއިއެކު މެންދުރާއި ކައިރިވާއިރު ކަލެއަށް ހައިހޫނުކަމުގެ ކެކުޅުން ތިއަހައި ބޭޤަރާރުކަން ދެނީވިއްޔާ، ދަތިކަމުގެ ސަބަބުން އެއްފަހަރު ކެއްޔާ ދެފަހަރު ނުކައި އެތިބޭ ނިކަމެތީންނަށް ހައިހޫނުކަމުން ކިހައިވަރެއް ވާނެތޯއެވެ. މިކަންމައްޗަށް ވިސްނައި ކަލޭގެ ބައެއް މަޖަލާއި، ތަރައްފުހީ ޚަރަދު އެކަށީގެންވާ މިންވަރަކަށް މަދުކޮށް އޭގެ ބަޔަކުންނަމަވެސް ފަޤީރު ނިކަމެތީންނާއި އެހީވާށެވެ. ލޭގެ އެއްބަނޑުކަމާއި، ދީނުގެ އަޚުކަމުގެ ޙައްޤުތަކަށް ފަރުވާތެރިވާށެވެ.

ކުޑަވެސް ޝައްކެއްނެތެވެ. ރޯދައިގެ ޙާލުގެ ދޫ މަޤާލުގެ ދުލަށްވުރެ ފަސޭހައެވެ. އޭގެ މާނަ ބުނާ ބަހެއްގެ މާނަޔަށްވުރެ ޞަރީޙައެވެ. ބޭނުންވެގެންވަނީ ތަޖްރީބާކާރު މީހަކަށެވެ. ވިސްނޭ ހިތަކަށެވެ. ހިތުގެ މަޑުކަމާއި ރަޙުމަތްތެރިކަމަށެވެ. ރަމަޟާންމަހާއި ވިދިގެން ފިޠުރުޒަކާތް ވާޖިބުވުމުގެ ސިއްރަކީވެސް ރޯދައިގެ ޙިކުމަތަށް ވިސްނައިފި މީހަކަށް ވަންހަނާވެގެންވާނޭ ކަމެއްނޫނެވެ.

ހިތާމަހުއްޓެވެ. ރޯދަވެރީންކުރެ ހާހަކުން މީހަކުވެސް ރޯދައިގެ މާނައަށް ވިސްނައޭ ހީއެއްނުވެއެވެ. ރޯދަމަސް ކުރިމަތިވާހިނދުން، ރޯދަޔަށްޓަކައި ތައްޔާރުވެވޭތީ ފެންނަނީ ކުޅިވަރުގެ ސާމާނުތަކެވެ. ގޯސް އެއްވުންތަކާއި ވިޔާނުދާ ވާހަކަތައް ދައްކައި ހުސްއަނގަ ތެޅޭނޭގޮތްތަކެވެ. ރޯދަމަހަކީ ރޯދަމަހެވެ. އެއިޤްތިޞާދުގެ މަތިވެރި ދަރުހެވެ. ނަމަވެސް އެމައްސަރަށްޓަކައި އަޅުގަނޑުމެންނަށް ތައްޔާރުވެވެނީ ފުރިހަމަ ހަމަސްދުވަހުގެ ޚަރަދެވެ. އެއީ ޚަރަދު މަދުކޮށް ލިބުނު ތަކެއްޗަކުން ބައެއް އިތުރުކޮށްފައި ޞަދަޤާތް ދިނުމުގެ މަގަށް ގޮވާ މައްސަރެވެ. މިމައްސަރުގެ އުރަދުއަޅައި އަޅުގަނޑުމެން ދަރައިވިކެނީއެވެ. ރޯދަމަހާއި އެމާތް ރޯދައިގެ ކަރާމާތް ނަފީކުރާގޮތްތަކުން މާތްރަސްކަލާނގެ އަޅުތަކުން ދުރުވެގަތުން މައްޗަށް އެއްބާރުލާނޭނަމަ ކޮންފަދަތޯއެވެ.

ފޫބެދޭގޮތަށް ވެވޭ ކަންތައް ހަމަ މަދީއެވެ. ތަރާވީސްދަމަށާއި ހައުރުދަމަށާއި، އިރުއޮއްސޭ ވަގުތަށް އެހުރިހައި ތަކެއްޗެއް ތައްޔާރުކޮށް އެހައިވަރެއް ނޭރުވިއަސް ފުދިދާނެއެވެ. ސައި، ފަނި، ޝަރުބަތު، ގުޅަ އެކިބާވަތުގެ ފަތަފޮޅީން އެވަރުނުކުރިއަސް ވެދާނެއެވެ. އެކަމަކު...... ހައުރުވެސް އޭގެގޮތުގައި ކާކަށް ނުކެރެއެވެ. އެކަމާދޭތެރޭ އައިސްފައިވާ ޙަދީޘްފުޅު ބަޔާންކުރާ ޘަވާބު އެއީ ބޭނުންކަމަކަށް ނުހެދެއެވެ.

މާތް ޙަދީޘްގައިވަނީ: މިއުއްމަތުގެ މީހުން ހެޔޮލިބޭ ރަނގަޅުގޮތުން ފިލައިނުދާނެއޭ، އެމީހުންގެ ހައުރުކެއުން ފަސްކުރުމާ، ރޯދަވީއްލުން އަވަސްކުރުންމަތީ ދެމިތިބިހައި ހިނދަކު! ޙަދީޘް ކަރީމް. މާނައަކީ، ހައުރަ ކެއުން އެދެވިގެންވަނީ ފަޖުރާއިމެދު ޝައްކުނުވާ ހިސާބުން ފަޖުރާއި ވީހައިވެސް ކައިރިއެއްގައެވެ. ޘަވާބު ގިނަގުނަވެގެންވާ ސުންނަތް ގޮތަކީ މިއެވެ. ރޯދަ ވީއްލުން އެދެވިގެންވަނީ އިރުއޮއްސުނުކަން އެނގުމަށްފަހު ވީހައި އަވަހަކަށެވެ. މިއީ ޘަވާބު ގިނަގުނަވާ ސުންނަތްގޮތެވެ.

މެންދަމުގެ ކުރީގައި ކޭއެއްޗެއް އެއީ ކަލިޔާބިރިންޖީ ކަމުގައިވިއަސް ހައުރަކަށް ނުފުދޭނެއެވެ. މިހެންނަމަވެސް މިހާރު ދަންބެރާއެކު ހައުރުކައިގެން ނޯށޯންނަނީ ކިތައް ގޭގައިބާއޭ ހީވެއެވެ. ރޯދައިގެ އެއްމެ މުހިއްމު އެއްސުންނަތް މަރުވަނީއެވެ. ކަމަކީ ކަންނެތްކަމެވެ. ނިންޖަށް އަޅުދާސްވުމުގެ ބޮޑުކަމެވެ. ނަފުސަށް އިޢުތިމާދު ނުވާކަމެވެ.
ރޯދަމަހުގެ ލައިލަތުލް ޤަދުރިވިލޭރެއަކީ އެރޭގެ ކޮންމެ އަޅުކަމެއްގެ ޘަވާބު ހާސްމަސްދުވަހު އަޅުކަމަށްވުރެ ބޮޑުކަން އެނގި ސާބިތުވެފައިވާ ރެއެކެވެ. އެއީ ވަކި މިވެނި ރެއެއްކަން ވަންހަނާ ކުރެވިފައިވަނީ އަޅުތަކުން އިނާމު ހޯދައިގަތުމުގައި ވާދަ ދުއްވުމަށްޓަކައެވެ. ރޯދަމަހުގެ ކޮންމެ ރެއަކު އެދެވޭ މަގުން އަޅުކަންކޮށް، އެޔާ ވިދިގެން ދެން އަންނަ ރެއަކީ ލައިލަތުލްޤަދުރި ވިލޭރޭކަމަށް ވެދާނޭކަން މައްޗަށް ފަރުވާވެ އެމަހުގެ ހުރިހައި ރެއެއް އަޅުކަމުން ދިރުވައިފި އަޅަކު ބޮޑުވެގެންވާ ނަސީބާއި ދަރުމަ ލިބިގެންފިއެވެ. މިހުން ނޫންނަމަ، އިންސާނިއްޔަތަށް ހުށަހޮޅިފައިވާ އިލާހީ މުބާރާތުގައި ބައިވެރިނުވުމުގެ ދެރައާއި ގެއްލުމާއި ހުތުރުގެ ބޮޑުކަމާއެވެ.

އެއީ ރޭތަކާއި ދުވާތަކުގައި އިޖާބަވަންތަކަން ހިމެނިގެންވާ ދަރުމަވަންތަ މައްސަރެކެވެ. ޤުރްއާން ކިޔެވުމާއި، ނަމާދުން އެހެނިހެން ޒިކުރާއި ޚައިރާތުން އެމަހަށް އިތުރު ތަރުޙީބެއް ނުދިން މުސްލިމަކީ ފުރިހަމަކަމުން މަޙުރޫމްވެގެންވާ ނަސީބުކުޑަ މީހެކެވެ. ރަމަޟާން މަހުގެ ތަރުޙީބަށްޓަކައި އެންމެ ކުޑަމިނުން، ދުވާލު ޤުރްއާނުގެ ފޮތެއްގެ މިންވަރުން ޒިކުރެއްކޮށް ރޭގަނޑު ތަރާވީޙުގެ މިންވަރުން އަޅުކަމާއި މަޝްޢޫލު ނުވިމީހަކީ ދީނަށް ޙުރުމަތެއްނެތް މީހެކެވެ. މިވެނި މުބާރާތަކުން ތަށިލިބުނު މީހަކަށް މިތައް 100ރ. ލިބޭނޭކަން އެނގޭނަމަ އެމުބާރާތުގައި ބައިވެރިނުވެ ނުކެރޭ ކޮންމެ މީހަކު، ރަމަޟާން މަހުން މާތްރަސްކަލާނގެ އަޅުތަކުންގެ މައްޗަށް ހުށަހަޅުއްވައިފައިވާ އިލާހީ މުބާރާތުން ލައިލަތުލްޤަދްރިގެ އިނާމް ލިބިގަތުމަށް ހީވާގިވާހުށިކަމެވެ. މިހެން ނޫންނަމަ.....

އީމާނީ ރިވެތިގޮތުގައި ރަމަޟާންމަހުގެ ރޯދަ ހިފައިފި މީހާއަށް ލިބޭހުށިކަން އެނގިފައިވާ ނިޢުމަތާއި ޝަރަފުގެ ބޮޑުކަމާއެވެ. ޤިޔާމަތް ދުވަހުން ހިސާބު ބެއްލެވޭހިނދު މަޡުލޫމުންނަށް ޡާލިމުންގެ ކިބައިން ބަދަލު ލިބެދެވުމުގައިވެސް ރޯދަވެރިއެއްގެ ރޯދަ އަނެކަކަށް ލިބިނުދެއްވާނޭކަން އެނގިފައިވެއެވެ. އެކަނި މިއެއްނޫނެވެ. މިކަހަލަ ހާހެވެ. ގިނަކުޅައުން އެދޭނަމަ......

ޝައްވާލުމަހަކީ ރޯދަމަހެއް ނުމެނޫނެވެ. އެކަމަކު ޝައްވާލުމަހުގެ ހަރޯދައަކީ ރޯދަމަހުގެ ރޯދައާއި ވަކިވެގެންވާ ރޯދައެއްނޫނެވެ. ރަމަޟާން މަހުގެ ރޯދަ ހިފުމުގެ ފުރިހަމަކަށް ފުރިހަމަވާހުށީ ޝައްވާލުމަހުގެ ހަރޯދަހިފުމުންނެވެ.

ދިވެހި ޖައްވަށް ނޭވާލާ އިސްލާމު އަޚުތަކުންނަށް ވާޖިބުވެގެންވަނީ އިލާހީ ގޮވުންތަކަށް ރިވެތި އިޖާބަ ދިނުމެވެ. ވެހޭތާ ފެންނެގުމެވެ.

މުރާދު ގެއްލިއްޖެ މީހާއަށް ލިބޭހުށީ ޙުނައިނުގެ ދެޚުއްފުއެވެ.

كلّ الصّيد فِي جَوفِ الفرا، والسّلام على من التبع الهدى
............................................
(1 ރަމަޟާން 1368 ގެ ސަރުކާރު ޙަބަރު)

Blog Widget by LinkWithin

No comments:

Post a Comment