30 January 2011

لا إله إلا الله ކިޔައިފި މީހާ ސުވަރުގެ ވަދެއްޖެ

އާދަމް ޝަމީމް ބިން އިބްރާހިމް
الحمد لله رب العالمين، والصلاة والسلام على نبينا محمد وعلى آله وصحبه وسلم، وبعد:
"لا إله إلا الله" އަކީ ތައުހީދުގެ ކަލިމައެވެ. ދީނާއި މިއްލަތުގެ ތަރަހައެވެ. ސުވަރުގޭގެ ތަޅުދަނޑިއެވެ. އަދި ނަރަކައިން ދިންނެވުމުގެ ސަބަބެވެ. އެކަމަކު ހަމަ އެކަނި ދުލު ކޮޅުން ކިޔާލުމަކުން ނުފުދޭނެއެވެ. އަދިކިޔެއް މި ކަލިމައިގެ ޝަރުތުތަކެއް ވެއެވެ. އެ ޝަރުތުތައް ފުރިހަމަ ކޮށްފުމަށް ދާންދެން އެކަލިމަޔަކީ، އެ ކިޔާ މީހާއަށް މަންފާ ހުރި އެއްޗެއް ކަމުގައި ނުވާނެއެވެ. ޤުރުއާނާއި ސުންނަތުގައި މި ޝަރުތުތައް ވަރަށް ޞަރީހަކޮށް ބަޔާން ކުރައްވާފައި ވެއެވެ.
އެއީ:

العلم އެވެ. އެއީ "لا إله إلا الله" މި ކަލިމާގެ މާނަ އެނގުމެވެ. އޭގެ މާނައާއި މެދު ޖާހިލު ނުވުމެވެ. މިކަލިމަ ދުލުން ކިޔާ އިރު އޭގެ މާނަ ހިތުގައި އޮތުމެވެ. ޝިރުކާއި ތައުހީދު ވަކިކުރަން އެނގުމެވެ. އެއީ ﷲ އަށް އެކަނި އަޅުކަން ކުރުމާއި، އެކަލާނގެ މެނުވީ އަޅުކަން ކުރެވޭ އެއްމެހާ ފަރާތަކަށް ކާފަރުވެ، ޝިރުކުން ބަރީއަވުމެވެ. ﷲ ވަހީކުރެއްވިއެވެ. ﴿ فاعلم أنه لا إله إلا الله ﴾ " ފަހެ ﷲ މެނުވީ އަޅުކަން ހައްގު ފަރާތެއް ނުވާކަން ދަންނާށެވެ!"

اليقين އެވެ. ޝަހާދަތުގެ މާނަ އެއްވެސް ޝައްކަކާއި ވަސްވާހަކާއި ނުލައި ކަށަވަރުކޮށް ޔަގީން ކުރުމެވެ. ﷲ ވަހީކުރެއްވިއެވެ. ﴿ إنما المؤمنون الذين أمنوا بالله ورسوله ثم لم يرتابوا..﴾ ހަމަ އެކަނި މޫމިނުންނަކީ ﷲ އާއި އެކަލާނގެ ރަސޫލާއަށް އީމާންވެ، ދެން އެކަމުގައި ޝައްކު ނުކުރާމީހުންނެވެ." ޝައްކު ކުރުމަކީ ނިފާގެވެ.
"

القبول އެވެ. ތައުހީދުގެ ކަލިމައާއި އޭގެ މާނަ ގަބޫލުކުރުމާއި، ﷲގެ ހަޟުރަތުން ބާވައިލެއްވިފައިވާ އެއްވެސް ކަމެއް ރައްދު ނުކުރުމެވެ. އެކަލާނގެ ވަހީކުރެއްވިއެވެ. ﴿ إنَّهم كانوا إذا قيل لهم لا إله إلا اللهُ يستكبرُون " އެބައިމީހުންގެ ގާތުގައި لا إله إلا الله ކިޔަން ބުނެވިއްޖެނަމަ ކިބުރުވެރިވެއެވެ." ﷲގެ ބަސްފުޅު އައުމުން އެ ރައްދު ކުރުމަކީ އީމާންކަމެއް ނޫނެވެ.

الإنقياد އެވެ. އެއީ ﷲ ގެ ތައުޙީދަށް ކިޔަމަން ގަތުމެވެ. އަދި އެކަލާނގެ އަމުރުފުޅުތަަކަށް ބޯލެނބުމެވެ. ނަހީތަކުން ދުރުހެލިވުމެވެ. އެކަލާނގެ އަމުރު ކުރެއްވިއެވެ. ﴿ وأنيبوا إلى ربكم وأسلموا له ﴾ "އަދި ﷲގެ ހަޟުރަތައް ރުޖޫއަވެ، އެކަލާނގެއަށް ކިޔަމަންތެރި ވާށެވެ." އެކަލާނގެ ބަސްފުޅާއި އޯޑަރަށް އިންކާރު ކޮށްފި މީހެއްގެ އީމާންކަމެއް ނުވެއެވެ.

الصدق އެވެ. އެއީ ޝަހާދަތުގެ މާނަ ތެދު ކުރުމެވެ. އަދި ﷲއާ އެކަލާނގެ ރަސޫލާގެ އަރިހުން ސާބިތުވެފައިވާ އެއްވެސް ކަމެއް ދޮގު ނުކުރުމެވެ. ހަދީޘްގައިވެއެވެ. ((مَنْ قَالَ لَا إِلَهَ إِلَّا اللَّهُ صَادِقًا بِهَا دَخَلَ الْجَنَّةَ)) " ތެދުވެރިކަމާ އެކުގައި لا إله إلا الله ކިޔައިފި މީހާ ސުވަރުގެ ވަދެއްޖެއެވެ.)) أحمد
المحبة އެވެ. އެއީ ލޯތްބެވެ. ޝަހާދަތުގެ ދެކަލިމައާއި އެދެކަލިމައިގެ އަހުލުވެރިންދެކެ ލޯބިވުމެވެ. އަދި ﷲ ބާވައިލެއްވި އެއްމެހައި ތަކެއްޗަށާއި މާތް ރަސޫލާ ގެންނެވި އެއްމެހައި ކަމަކަށް ލޯބިވުމެވެ. ﴿ والذين ءامنوا أشد حباً لله ﴾ " އަދި އީމާންވީ މީހުން އެއްމެ ބޮޑަށް ލޯބިވަނީ ﷲ ދެކެއެވެ." ﷲ އާއި އެކަލާނގެ ރަސޫލާއާއި މޫމިނުންދެކެ ރުޅި ނޭރުމެވެ.

الإخلاص އެވެ. ހަމަ އެކަނި ﷲގެ ވަޖުހުފުޅަށް ޓަކައި މި ކަލިމަ ކިޔުމާއި، އެއްވެސް އަޅުކަމެއްގައި އެހެން ފަރާތެއް ބައިވެރި ނުކުރުމެވެ. ﴿وما أمروا إلا ليعبدوا الله مخلصين له الدين حنفاء﴾ " އަދި ޝިރުކުން ދުރުހެލިވެ، ﷲއަށް ދީން ޚާލިޞްކޮށްގެންވާ ހާލުގައި އެކަލާނގެއަށް އަޅުކަންކުރުމަށް މެނުވީ އެބައިމީހުނަށް އަމުރުވެވިގެން ނުވެއެވެ."

الكفر އެވެ. ﷲ ފިޔަވާ އަޅުކަން ކުރެވޭ އެއްމެހާ ފަރާތްތަކަށް ކާފަރުވުމެވެ. ޝިރިކުގެ އަހުލުވެރިންނާއި، އެބައިމީހުންގެ މަޒުހަބުތަކަކީ ޞައްހަ ނޫން އެއްޗެއްކަމުގައި ދެކި، އެއީ ހުސް ބާތިލު ގޮތްތަކެއް ކަމުގައި އިޢުތިޤާދު ކޮށް، އެއާ މުޅިން ދުރުހެލިވެ ބަރީއަވާން ޖެހޭނެއެވެ. މިއިން އެއްމެ ޝަރުތެއް އުނި ނުކޮށް، ހުރިހާ ޝަރުތުތަކެއް ފުރިހަމަ ކުރަން ޖެހޭނެއެވެ. ނޫންނަމަ ތިމާގެ ތައުހީދު ކަމަކު ނުދާނެއެވެ. މިފަދައިން لا إله إلا الله ކިޔައިފި މީހާ ސުވަރުގެ ވަދެ، އޭނާގެ މައްޗަށް ނަރަކަ ހަރާމްވެއްޖެއެވެ.
وصلى الله على نبينا محمد وعلى آله وصحبه وسلم تسليما كثيرا

Read more...

28 January 2011

ބަރްސީސާ

އަލްއަޚް ޢަބްދުﷲ ނަޢީމް އިބްރާހިމް
ވަރަށް ކުރީގެ ދުވަސްވަރެއްގައި ވަރަށް ޢިލްމުވެރި، އަޅުވެރި މީހަކު އުޅުނެވެ. އެ މީހާގެ ނަމަކީ ބަރްސީސާ އެވެ. އޭނާ އަކީ ބަލި މީހުންނަށް ފަރުވާ ދޭ މީހެކެވެ. ﷲ އޭނާގެ އަތުގައި ލައްވައިފައިވާ ޝިފާގެ ބާރުގެ ސަބަބުން ދުރު ދުރުން މީހުން އޭނާޔާ ބައްދަލު ކުރާން އާދެ އެވެ. އޭނާގެ ފަރުވާއިން ބަލި ފަސޭހަ ވެގެން، ހެޔޮ ދުޢާ ކުރަމުން ދާ މީހުންގެ ޢަދަދު ވަރަށް ގިނަ އެވެ. ބަރްސީސާގެ މި ޢިއްޒަތާއި، ހެޔޮ ނަމުގެ ސަބަބުން ޝައިޠާނާގެ ހިތުގައި ހަސަދަވެރިކަންއުފެދިއްޖެ އެވެ. ވުމާއެކު އޭނާ މަސައްކަތް ފެށީ ބަރްސީސާގެ ރީތި ނަން ހުތުރު ކުރެވޭނޭ ގޮތެއް ހޯދާށެވެ.
އެތައް ވިސްނުމަކަށް ފަހު އޭނާ އަށް ވަރަށް މޮޅު ބުއްދިއެއް ކުރެވިއްޖެ އެވެ. އޭނާ ރޭވީ، ބަރްސީސާ މަގު ފުރައްދައި، ނުބައި މަގަށް އެނބުރުވުމަށް ޓަކައި، ޒުވާން، ރީތި އަންހެނަކު އޭނާގެ ގާތަށް ފޮނުވާށެވެ.
ޝައިޠާނާ އޭނާގެ މަޝްރޫޢަށްޓަކައި ޚިޔާރު ކުޅައީ ރަސްގެފާނުގެ ދަރިކަނބަލުންނެވެ. އެ ކަމަނާ އަކީ ނުހަނު ބުރު ސޫރަ ރީތި، ސަމައްތަރު ހެއު އަންހެން ސާހިބެކެވެ. ޝައިޠާނާ އެ ދިޔަ ދިޔައީނުން ގޮސް މި ކަމަނާ އަށް ވަރުގަދަ އާލާސްކަންފުޅެއް ޖައްސައިފި އެވެ. އެ އާލާސްކަންފުޅުގެ ބޭހެއް އެއްވެސް ޙަކީމަކަށް، ޑަކްޓަރަކަށް އެނގޭ ކަމަކަށް ނުވިއެވެ. އެ ކަމަނާ ފަރީއްކުޅުއްވުން ހުއްޓަވައި ލައްވައިފި އެވެ. ފެންފޮދު ހިއްޕެވުން ހުއްޓަވައި ލައްވައިފި އެވެ. އެއް ދުވަހުން އަނެއް ދުވަހަށް އެ ކަމަނާގެ ހަށިކޮޅުގެ ކުލަ ދިޔައީ ރީނދޫ ވަމުންނެވެ. ރަސްގެފާނަށް ދަރިކަނބަލުންގެ ހާލުކޮޅު ފެނި ވަޑައިގަތުމުން ހިތާމަފުޅު ކުރައްވައި، ކީރިތި ކުރައްވައި ހައްދަވަނީ އެވެ. އަޅުއްވާނޭ ފިޔަވަޅުފުޅެއް ރަސްގެފާނަކަށް އެނގިވަޑައެއް ނުގަތެވެ.
އެންމެ ފަހުން ރަސްގެފާނުގެ އަމުރުފުޅަށް މުޅި ސަހަރަށް ޢާއްމު އިޢުލާނެއް ނެރެވިއްޖެ އެވެ. އެ އިޢުލާނުގައި ވަނީ ރަސްގެފާނުގެ ދަރިކަނބަލުން ގެ އާލާސްކަންފުޅު ރަނގަޅު ވާ ކަހަލަ ބޭހެއް ހެދި މީހަކު އެދުނު ކޮންމެ ކަމެއް ފުރިހަމަ ކޮށް ދެއްވާނޭ ކަމަށެވެ.
ޝައިޠާނާ އަށް މި އިޢުލާނުގެ އަޑު އިވުމާއެކު އިންސާނެއްގެ ސިފަ ޖެހިގެން ޝާހީ ދަރުބާރަށް ހިނގައްޖެ އެވެ. ރަސްގެފާނުގެ އަމުރުފުޅަށް އޭނާ ދަރުބާރަށް ހާޒިރު ކުރެވިއްޖެ އެވެ.
"ކަލޭ ތިޔަ އައީ އަހަރެންގެ ދަރިކަނބަލުންނަށް ބޭސް ކުރާން ހެއްޔެވެ؟ ކަލެއަށް އޭނާގެ އާލާސްކަންފުޅު ފިލުވައިލެވޭނޭ ހެއްޔެވެ؟"
"މާތް ސާހިބާ އެވެ. އަޅުގަނޑުގެ އިޚްތިޔާރުގައި އެއްވެސް ކަމެއް ނެތެވެ. އަޅުގަނޑަކީ ނިކަމެތި ދަނޑުވެރިއަކީމެވެ." ޝައިޠާނާ ޖަވާބު ދިނެވެ.
ރަސްގެފާނު ޙައިރާންފުޅު ވެފައި ސުވާލު ކުރެއްވި އެވެ. "ކަލޭ މި ތަނަށް އައީ ކީއް ކުރަން ހެއްޔެވެ؟ އަހަރެން މި ހުންނަނީ އަހަރެންގެ ދަރިކަނބަލުންނަށް ފަރުވާ ކޮށް، އާލާސްކަންފުޅުން ފަސޭހަ ކޮށްދޭނޭ މީހަކު މަތި ނުވެފަ އެވެ."
"މާތް ސާހިބާ އެވެ. އެ ކަމަނާގެ އާލާސްކަންފުޅު ފިލުވައި ދޭނޭ މީހަކު އަޅުގަނޑު ދަންނަމެވެ. އަޅުގަނޑުމެންގެ ރަށުގައި ވަރަށް އަޅުވެރި، ދީންވެރި، ޢިލްމުވެރިއަކު އުޅެ އެވެ. އޭނާގެ ނަމަކީ ބަރްސީސާ އެވެ. ނިކަމެތީންނާއި، ބަލިމީހުންނަށް އެހީތެރިވެ ދިނުމަކީ އޭނާގެ އާދަ އެކެވެ. ބަލި ބަލީންނާއި، މައްސަލަ ތަކުން ސަލާމަތް ނުވެގެން އުޅޭ އެތައް ބަޔަކު އޭނާގެ ކައިރިއަށް ދެއެވެ. މާތް މަނިކުފާނުގެ ދަރިކަނބަލުންގެ އާލާސްކަންފުޅު އޭނާ ފިލުވައި ދީފާނެ އެވެ." ޝައިޠާނާ ބުންޏެވެ.
ރަސްގެފާނު ޝައިޠާނާ އާ ދިމާ އަށް ޝައްކުގެ ނަޒަރަކުން ބައްލަވައި ލެއްވި އެވެ.
"އެހެން ކަމަށް ވާ ނަމަ އޭނާ މި ތަނަށް ނައީ ކީއް ވެގެން ހެއްޔެވެ؟ އަހަރެންގެ ދަރިކަނބަލުންގެ އާލާސްކަންފުޅު ފިލުވައި ދިން މީހަކު ބޭނުން ކޮންމެ ކަމެއް ކޮށްދޭނޭ ކަމަށް އަހަރެން އޮންނާނީ މުޅި ސަހަރަށް އިޢުލާނު ކޮށްފަ އެވެ."
ދަނޑުވެރިއެއްގެ ސިފަ ޖެހިގެން އައިސް ހުރި ޝައިޠާނާ، ރަސްގެފާނުގެ ވާހަކަފުޅު އަހައިފައި ޝައިޠާނީ ހިނިތުން ވުމަކާއެކު މަޑު މަޑުން ބުނެލި އެވެ.
"މާތް ސާހިބާ އެވެ. ގަދަރުފުޅު އުފުލިގެންވާ ރާޖާ އެވެ. އޭނާ އަކަށް މި ތަނަކަށް ނާދެވޭނެ އެވެ. ބަލި މީހުން ދަނީ އޭނާގެ ކައިރި އަށެވެ."
"ތިޔަ ދައްކަނީ ކޮން ކަހަލަ ވިޔާ ނުދާ ވާހަކަ ތަކެއް ހެއްޔެވެ؟ އަހަރެންގެ ދަރިކަނބަލުންނަށް ބޭސް ކުރާކަށް އޭނާ އަކަށް ނާދެވޭނެ ހެއްޔެވެ؟" ރަސްގެފާނު ކޯފާގެ ރާގަކަށް އައްސަވައި ލެއްވި އެވެ.
"މާތް ސާހިބާއެވެ. މަނިކުފާނުގެ އުމުރުފުޅު ދަންމަވާށި އެވެ. އޭނާ އަކީ ވަރަށް އާދަޔާ ޚިލާފު މީހެކެވެ. ރަހެއްގެ ދަރިކަނބަލެކޭ، ދަނޑުވެރިއެއްގެ ދަރިއެކޭ އޭނާގެ ކުރިމަތީގައި އެއްވެސް ތަފާތެއް ނުހުރެ އެވެ. އޭނާގެ ކުރިމަތީގައި އެންމެން ހަމަ ހަމަ އެވެ. ބަލި މީހެއް ނަމަ އޭނާގެ ކައިރިއަށް ނުދާ މީހަކު ނެތެވެ." ޝައިޠާނާ ބުންޏެވެ.
ރަސްގެފާނު ކޯފާގެ ކޮޅަށް ކޯފާ އިސް ކުރައްވައި، ތަޚުތުން ތެދުވެ ވަޑައިގެންފި އެވެ. "އަހަރެން މިއީ މި ސަހަރުގެ ރަސްގެފާނުކަން ކަލެއަކަށް ފަހެ ނޭނގޭ ހެއްޔެވެ؟ އަހަރެންގެ ދަރިކަނބަލުން އެއްވެސް ޙަކީމެއް، ބޭސްވެރިއެއްގެ ގާތަކަށް ވަޑައެއް ނުގަންނަވާނެ އެވެ."
"މަނިކުފާނުގެ އުމުރުފުޅު ދަންމަވާށި އެވެ. ބަރްސީސާ އަކީ ޙަކީމެއް ނޫނެވެ. އޭނާ އަކީ ބޭސްވެރިއެއްވެސް ނޫނެވެ. މަނިކުފާނަށް ވިސްނި ވަޑައިގަންނަވާ ގޮތަށް އަޅުގަނޑަށް ނުދެންނެވުނީ ކަމަށް ހީވެ އެވެ. އޭނާ އަކީ ދީންވެރި، ޢިލްމުވެރި އެކެވެ. އޭނާ ބޭނުން ކުރާ ބޭހެއްގެ ބާވަތެއް އެއްވެސް ޙަކީމަކަށް ވެސް ނޭނގެ އެވެ. އޭނާގެ ސިއްރުތައް އެނގޭ މީހަކު ހުންނަ ކަމަކަށް ނުވެ އެވެ. އެހެން ނަމަވެސް އޭނާގެ ކައިރިއަށް ދާ މީހުން އެނބުރި ދަނީ ފަސޭހަ ވެގެންނެވެ." ޝައިޠާނާ ބުންޏެވެ.
އޭނާގެ މި ޖަވާބު އަޑު އިވި ވަޑައިގަތުމުން ރަސްގެފާނު ފުން ވިސްނުންފުޅެއްގެ ތެރެއަށް ގެއްލި ވަޑައިގެންފި އެވެ. އިރުކޮޅަކު އެހެން ހުންނެވުމަށް ފަހު ވިދާޅު ވިއެވެ.
"އެންމެ ރަނގަޅެވެ. އޭނާ އަށް މި ތަނަށް ނާދެވޭ ކަމަށް ވަނީ ނަމަ އަހަރެން އޭނާގެ ކައިރިއަށް ހިނގައިދާނަމެވެ. ދަރިކަނބަލުންގެ ފުރާނަ އަށްޓަކައި ކުރަން ޖެހޭ ކޮންމެ ކަމެއް ކުރާން އަހަރެން މި ހުންނަނީ ތައްޔާރަށެވެ. އެކަމަކު އަހަރެން ގެ ވާހަކަ އަޑު އަހާށެވެ. މި ކަމުގެ ނަތީޖާ ނުބައިކޮށް ނުކުމެއްޖެ ނަމަ..."
ރަސްގެފާނުގެ ވާހަކަފުޅު ނުނިމެނީސް ޝައިތާނާ ބޯ ތިރިކޮށްފައި ދަންނަވައިފި އެވެ.
"ސާހިބާ އެވެ. އަޅުގަނޑުގެ ބޯ ހަށިގަނޑާ ވަކި ކޮށް ލައްވާށެވެ."
ރަސްގެފާނު ހަމަ އެ ވަގުތު އަރިހު ބޭކަލުން ގެންނަވައި ދަތުރުފުޅަށް ތައްޔާރު ކުރާން އަންގަވައިފި އެވެ.
މާ ގިނަ އިރުތަކެއް ނުވެ، ރަސްގެފާނުގެ ދަރިކަނބަލުން އެނދުދާންކޮޅެއްގައި ވަޑުވައިގެން ޝާހީ ޤާފިލާ ދަތުރަށް ފަށައިފި އެވެ. ޤާފިލާ ބަރްސީސާގެ ގެއަށް ދިއުމާ އެކު އޭނާ ރަސްގެފާނަށް ވަރަށް ބޮޑަށް އިޙްތިރާމް ކޮށް، އަދަބު އަދާ ކުރި އެވެ. ރަސްގެފާނު ދަރިކަނބަލުންގެ ހާލުކޮޅުގެ ވާހަކައިން ވިދާޅު ވުމަށްފަހު، އާލާސްކަންފުޅުން ފަސޭހަ ކޮށް ދެވިދާނެތޯ ސުވާލު ކުރެއްވި އެވެ.
ބަރްސީސާ ނުހަނު މަޑުމައިތިރި ކަމާއެކު ދެންނެވި އެވެ.
"މާތް ސާހިބާ އެވެ. އަޅުގަނޑު އަބަދުވެސް މަސައްކަތް ކުރަނީ ހުރިހައި އިންސާނުންނާ މެދުވެސް ރަނގަޅަށް ކަންތައް ކުރެވޭތޯ އެވެ. އަޅުގަނޑު މަނިކުފާނުގެ ދަރިކަނބަލުން ބަލައިލާނަމެވެ. އާލާސްކަންފުޅުގެ ބާވަތް އަޅުގަނޑަށް އެނގިއްޖެ ނަމަ ﷲ ގެ އިޒުނަފުޅާއެކު ބޭހެއް ހެދޭތޯ މަސައްކަތް ކުރާނަމެވެ. އެކަމަކު އަޅުގަނޑުގެ ޝަރުޠެއް އެބަ އޮތެވެ. އަޅުގަނޑު އެ ކަމަނާ މުޢާއިނާ ކުރާ ވަގުތު އެއްވެސް އިތުރު މީހަކު ކައިރީގައި ހުރެގެން ނުވާނެ އެވެ."
މި ޝަރުޠުގެ ސަބަބުން ރަސްގެފާނުގެ ހިތްޕުޅަށް ބިރުވެރިކަން ވަދެގެން ދިޔަ އެވެ. ދަރިކަނބަލުން ހިލޭ ފިރިހެނަކާ އެކީ ގިނިކަންޏާ އުޅުއްވާން ދޫ ކޮށްލެއްވުމަކީ ކިހިނަކުން ކުރެއްވޭނޭ ކަމެއް ތޯއެވެ؟ އެހެން ނަމަވެސް ބަރްސީސާގެ ޝަރުޠާ ރުހިވަޑައިގަންނަވާން ރަސްގެފާނަށް މަޖުބޫރުވެ ވަޑައިގެންފި އެވެ.
ދަރިކަނބަލުން ވަކި ކޮޓަރި އަކަށް ގެންދެވިއްޖެ އެވެ. ބަރްސީސާ މުޢާއިނާ ކުރާން ފަށައިފި އެވެ. އެ ރީތި އަންހެން ސާހިބާގެ ހާލުކޮޅު ވަރަށް ދެރަ އެވެ. މޫނުފުޅު ވަނީ ރީނދޫ ވެފަ އެވެ. ތުންފަތްޕުޅު ވަނީ ހިކިފަ އެވެ. ހަށިކޮޅުގައި ފުރާނައެއް ނެތޭ ހީވާ ފަހަރުވެސް އާދެ އެވެ. ބަރްސީސާ މުޢާއިނާ ކުރުމާއިގެން އުޅެނިކޮށް ކޮޓަރި ތެރެއިން ހިޔަންޏެއް ވެއްޖެ އެވެ. ކުރިމަތީން ފެންނާން އެހެރީ މީހެއްގެ ހިޔަންޏެވެ.
"ކަލޭ ތިޔައީ ކާކު ހެއްޔެވެ؟" ބަރްސީސާ އަހައިލި އެވެ.
"އަހަރެން މިއީ ރަސްގެފާނުގެ ޚާއްޞަ މީހަކީމެވެ." އޭނާ ޖަވާބު ދިނެވެ.
"މި ތަނަށް އައީ ކީއް ކުރާން ހެއްޔެވެ؟" ބަރްސީސާ ހަރުކަށި ރާގަކަށް އަހައިލި އެވެ.
"ޤާފިލާ އެނބުރި ދިއުމުގެ ދަތުރު ފަށާން ރަސްގެފާނު އެންގެވި ވާހަކަ ބުނެލާން ވެގެންނެވެ. އެންމެން އެ ދަނީ މި ދަރިކަނބަލުން ކަލޭގެ ކައިރިއަށް ދޫ ކޮށްލާފަ އެވެ." އެ މީހާ ބުންޏެވެ.
"އެއީ ކީއް ވެގެން ހެއްޔެވެ؟" ބަރްސީސާ އަހައިލި އެވެ.
"ރަސްގެފާނު ކަލެއަށް ވަރަށް ބޮޑަށް އިތުބާރު ކުރައްވަ އެވެ." އޭނާ ބުންޏެވެ.
ބަރްސީސާ ފަޚުރުވެރިކަމާ އެކު މޭ ފުއްޕައިލި އެވެ.
"އެންމެ ރަނގަޅެވެ. އަހަރެންގެ ފަރާތުން ރަސްގެފާނަށް ޝުކުރު ދަންނަވާށެވެ. އަދި ރަސްގެފާނުގެ ދަރިކަނބަލުން ފަސޭހަފުޅު ކުރެވޭތޯ ކުރެވޭން އޮތް ހުރިހައި ކަމެއް ކުރާނަމޭ ދަންނަވާށެވެ."
"މުސްކުޅިޔާއެވެ. ކަލޭގެ އުމުރު ދިގު ކުރައްވާށިއެވެ." އެ މީހާ މިހެން ބުނެފައި ކޮޓަރިން ނުކުމެއްޖެ އެވެ.
އެއީ އިންސާނެއް ނޫނެވެ. ކޮޓަރިން ނުކުތް ވަގުތު އޭނާގެ ތުންފަތް މައްޗަށް ވެރިވެފައި ވަނީ ޝައިޠާނީ ހިނިތުން ވުމެކެވެ. އޭނާ އެ ދިޔަ ގޮތަށް ދިޔައީ ރަސްގެފާނުގެ އަރިއަހަށެވެ.
"މާތް ސާހިބާ އެވެ. މުސްކުޅި ޙަކީމް ވިދާޅު ވަނީ މަނިކުފާނުގެ ދަރިކަނބަލުން މި ތަނަށް ދޫކޮށްލައްވާފައި ވަޑައިގަންނަވާށެވެ. އޭނާ ވިދާޅު ވަނީ ހައެއްކަ ދުވަހު މި ތާނގައި އެ ކަމަނާ ބާއްވަވަން ބޭނުންފުޅުވާ ކަމަށެވެ."
"ނޫނެކެވެ. ތިޔަހެން ހެދޭނީ ކިހިނެއް ހެއްޔެވެ؟ އަހަރެން މި ތާނގައި ހުންނާނީ އެވެ. އަހަރެންގެ ދަރިކަނބަލުންނަށް ވުރެ ބޮޑަށް އަހަރެން ލޯބިވާ އެކަކުވެސް ނެތެވެ." ރަސްގެފާނު ވިދާޅު ވިއެވެ.
"މާތް ސާހިބާ އެވެ. ބަރްސިސާ އަށް އިތުބާރު ކުރެއްވުމަކީ މި ވަގުތު މަނިކުފާނު ކުރައްވާން ޖެހި ވަޑައިގެންފައިވާ ކަމެކެވެ. މަނިކުފާނުގެ ދަރިކަނބަލުންނަށް ރަނގަޅަށް ބޭސް ފަރުވާ ކުރެވޭނީ އޭރުން ކަމަށް އަޅުގަނޑަށް ފެނެ އެވެ. މަނިކުފާނު ވިދާޅުވީ ގޮތަކަށް ހަދާން އަޅުގަނޑުމެން މި ތިބީ ތައްޔާރަށެވެ. އެހެން ނަމަވެސް އަޅުގަނޑަށް ފެންނަނީ އޭނާ ވިދާޅުވާ ގޮތަކަށް ހައްދަވާށެވެ."
ރަސްގެފާނު ފިކުރުފުޅު ކުރައްވާން ފައްޓަވައިފި އެވެ. އަހަރެންގެ ދަރިކަނބަލުންނަށް ކަމެއް ވެއްޖެއްޔާ ހަދާނީ ކިހިނެއް ހެއްޔެވެ؟ އެހެން ނަމަވެސް އެހެން ގޮތެއް ފެނިވަޑައިގަންނަވާން ނެތީމާ އެންމެ ފަހުން ޖެހިވަޑައިގަތީ އެއްބަސްވެ ވަޑައިގަންނަވާށެވެ.
"އެންމެ ރަނގަޅެވެ. އަހަރެން އޭނާ އަށް ވަރަށް ބޮޑަށް އިތުބާރު ކުރަމޭ ބަރްސީސާ ގާތު ކަލޭ ގޮސް ބުނާށެވެ. އަހަރެމެން ހަމަ މިހާރު ފުރާނީ އެވެ."
ރަސްގެފާނު ގެ ޤާފިލާ ފުރައިގެން ދިއުމާއެކު ޝައިޠާނާ ދިޔައީ ބަރްސީސާގެ ކައިރި އަށެވެ. އޭނާ ވަރަށް އަދަބުވެރިކަމާ އެކު ބުނެފިއެވެ.
"ރަސްގެފާނު ވަޑައިގެންފި އެވެ. ދެން އަވަހަށް މަނިކުފާނުގެ މޮޅުކަން ދައްކައިލައްވާށެވެ."
"އަހަރެން މަސައްކަތް ކުރާނަމެވެ. ބަދު ރޫޙުތަކުން މި ދަރިކަނބަލުން ސަލާމަތް ކުރައްވާތޯ އަހަރެން ދުޢާ ކުރާނަމެވެ."
"އާދޭހެވެ. އިޖާބަ ކުރައްވާ ކަހަލަ ދުޢާ ކުރައްވާށެވެ." މިހެން ބުނެފައި ޝައިޠާނާ ހިނގައްޖެ އެވެ.
ޝައިޠާނާ ދިޔަ ނަމަވެސް އެތައް އިރެއް ވީ އިރުވެސް ބަރްސީސާ އަކަށް އޭނާގެ ވަސްވާސް ތަކަކުން ސަލާމަތެއް ނުވެވުނެވެ. އޭނާގެ ބޮލުގައި ރިއްސަނީ އެވެ. ހަދާނޭ ގޮތެއް ނޭނގެ އެވެ. ޝައިޠާނާގެ ނުބައި އަސަރު ތަކުން މިންޖު ވެވުނީ އެތައް މަސައްކަތަކުންނެވެ.
ދެން އޭނާ ފެށީ ދުޢާ ކުރާށެވެ. ރަސްގެފާނުގެ ދަރިކަނބަލުންގެ މޫނުފުޅުގެ ކުލަވަރު ބަދަލު ވާން ފަށައިފި އެވެ. ދެ ކޯތާފަތްޕުޅަށް ޖަންބު ކުލަ އަރާން ފަށައިފި އެވެ. ލޯފުޅު ހުޅުވިއްޖެ އެވެ.
"ކަލޭ ތިޔައީ ކާކު ހެއްޔެވެ؟" އެ ކަމަނާ ސުވާލު ކުރެއްވި އެވެ.
"އަޅުގަނޑުގެ ނަމަކީ ބަރްސީސާ އެވެ. އަޅުގަނޑު ކަމަނާ އަށް ބޭސް ކުރަނީ އެވެ."
"މިހާރު އަހަރެންގެ ހާލު ރަނގަޅެވެ." އެ ކަމަނާ ވިދާޅު ވިއެވެ. "އަހަރެމެން މިތިބީ ކޮން ތަނެއްގައި ހެއްޔެވެ؟"
"ކަމަނާ ތިޔަ އޮންނެވީ އަޅުގަނޑުގެ ގޭގަ އެވެ." ބަރްސީސާ ދެންނެވި އެވެ.
"އަހަރެންގެ ގަނޑުވަރުގައި ބޭސް ނުކުރީ ކީއްވެގެން ހެއްޔެވެ؟ ބައްޕާފުޅު ކޮބައި ހެއްޔެވެ؟" އެ ކަމަނާ ސުވާލު ކުރެއްވި އެވެ.
"ކަމަނާ އަށް ފަސޭހަފުޅު ވާންދެން އޮންނަވާނީ މި ގޭގަ އެވެ. ރަސްގެފާނު ކަމަނާ މި ތާނގައި ބާއްވަވާފައި ވަޑައިގެންފި އެވެ. އަޅުގަނޑު ކަމަނާ ގޮވައިގެން ގަނޑުވަރަށް ދާނަމެވެ." ބަރްސީސާ ދެންނެވި އެވެ.
"އަހަރެންގެ ބަލި ފަސޭހަ ކޮށް ދިނީ ކަލޭ ހެއްޔެވެ؟"
"ކަމަނާގެ އާލާސްކަންފުޅުން ފަސޭހަފުޅުވީ ﷲ ގެ ރަޙްމަތުންނެވެ. ޝިފާ ދެއްވާ ފަރާތަކީ އެއީ އެވެ. އަޅުގަނޑު ހަމައެކަނި ދުޢާ ކުރީ އެވެ."
"މިހާރު އަހަރެންގެ ޙާލު ރަނގަޅެވެ. ތެދުވެ އިށީނުމަކަށްވެސް އެއްވެސް ހުރަހެއް ނެތެވެ."
މިހެން ވިދާޅު ވެފައި ރަސްގެފާނުގެ ދަރިކަނބަލުން ތެދުވެ ވަޑައިގެން، އިށީނދެ ވަޑައިގެންފި އެވެ. އާލާސްކަންފުޅުން ފަސޭހަފުޅު ވުމާއެކު ބަރްސީސާ އެ ކަމަނާ ގޮވައިގެން ގަނޑުވަރަށް ހިނގައްޖެ އެވެ. ދަރިކަނބަލުން ފެނިވަޑައިގަތުމާއެކު ރަސްގެފާނު ވީ އުފާފުޅެއްގެ ބޮޑު ކަމުން ލޯފުޅުން ކަރުނަފޮދު އޮހިގަތެވެ. ދަރިކަނބަލުންގެ ނިތްކުރިފުޅުގައި ބޮސް ދެއްވައި ކީރިތި ކުރެއްވި އެވެ.
"ބައްޕާފުޅާ އެވެ. އަޅުގަނޑު ވަރަށް ބޮޑަށް ބަނޑުފައިގެންފި އެވެ. އަވަހަށް މޭވާ އާއި ކާ އެއްޗެތި ގެނެސް ދެއްވާށެވެ."
"ހަމަ މިހާރު ތިޔަ އެއްޗެތި ގެންނާން މި އަންގަނީ އެވެ."
"އަޅުގަނޑަށް މިހާރު އިހްސާސް ކުރެވެނީ އަލުން ދުނިޔެއަށް އާދެވިގެން އުޅެނީ ކަމުގަ އެވެ. އަޅުގަނޑުގެ ހަށިގަނޑުން ހުރިހައި ތަދެއް ފިލައިފި އެވެ. ހުރިހައި ހުޅެއް މިހާރު ސީދާ ކުރެވެ އެވެ."
ރަސްގެފާނުގެ ދަރިކަނބަލުން ގެ އާލާސްކަންފުޅު ރަނގަޅު ވީމާ އެންމެން ތިބީ އުފަލުންނެވެ. ބަރްސީސާ އެއް ފިޔަވަޅު ކުރިއަށް ޖެހިލުމަށް ފަހު ދެންނެވި އެވެ.
"މާތް ސާހިބާ އެވެ. އަޅުގަނޑު ދިއުމުގެ އިޒުނަފުޅު ދެއްވާށެވެ. އަޅުގަނޑުގެ ވާޖިބު އަދާ ކުރެވިއްޖެއެއް ނޫންތޯއެވެ؟"
ރަސްގެފާނު ބަރްސީސާ އާ ކަރާއި ކަރު ޖައްސައި ސަލާން ކުރެއްވި އެވެ.
"ބަރްސީސާ އެވެ. ތިޔަހެން ގޮސްގެން ނުވާނެ އެވެ. މި ތާނގައި އަހަރެމެންގެ ކައިރީގައި ހުންނާށެވެ. ކަލޭ ބުނި ކޮންމެ ކަމެއް އަހަރެން ކޮށް ދޭނަމެވެ."
ބަރްސީސާ ހިނިތުން ވެލި އެވެ.
"މާތް ސާހިބާ އެވެ. މަނިކުފާނުގެ އުމުރުފުޅު ދަންމަވާށި އެވެ. އަޅުގަނޑުގެ މައްޗަށް މަނިކުފާނު އިތުބާރު ކުރެއްވި ކަމީ އިނާމެއްގެ ގޮތުގައި ފުދޭ ކަމެކެވެ. އެއީ އަޅުގަނޑަށް ލިބުނު ވަރަށް ބޮޑު ހިތްވަރެކެވެ. އަޅުގަނޑަކަށް މި ތާނގައި ހުރެވޭކަށް ނޯންނާނެ އެވެ. އަޅުގަނޑުގެ އިންތިޒާރުގައި އެތައް ބަޔަކު މިހާރުވެސް ތިބޭނެ އެވެ. އެ މީހުންނަށް ޚިދުމަތް ކުރުމަކީ އަޅުގަނޑުގެ ވާޖިބެކެވެ."
ބަރްސީސާ އަށް އިޙްސާސް ކުރެވުނު ގޮތުގައި ރަސްގެފާނުގެ ދަރިކަނބަލުން އޭނާޔާ ދިމާއަށް ބައްލަވާން ހުންނެވި ހުންނެވުމުގައި ޝުކުރުވެރިވެ ވަޑައިގަތުން ނޫން އެހެން ޖަޒުބާތެއް ވެސް ފޮރުވިފައި ވެއެވެ.
ބަރްސީސާ އެނބުރި އޭނާގެ ރަށަށް އަތުވެއްޖެ އެވެ. އެހެން ނަމަވެސް އޭނާގެ ހިތަށާއި ސިކުނޑިއަށް މިހާރު ފެތުރިފައިވާ ޖަޒުބާތަކީ މީގެ ކުރީން އޭނާ ދުވަހަކުވެސް ތަޖުރިބާ ކޮށްފައި ނުވާ ފަދަ ޖަޒުބާތު ތަކެކެވެ. އޭނާގެ ކުރިމަތީގައި ތާ އަބަދު އެނބުރެނީ ރަސްގެފާނުގެ ދަރިކަނބަލުންގެ ރީތި ސޫރަފުޅެވެ. އޭނާގެ ނޭފަތުގައި ހަރުލާފައި ވަނީ އެ ކަމަނާގެ ހަށިކޮޅުގެ ވަހެވެ.
އޭނާ ކެތްތެރި ކަމެއް ނެތް ގޮތެއްގައި އެނދުގައި އޮވެގެން ފުރޮޅެނީ އެވެ. ކުއްލިއަކަށް އޭނާ އަށް އިހްސާސް ކުރެވެނީ ކޮޓަރި ތެރޭގައި މީހަކު އުޅޭ ކަމުގަ އެވެ. އޭނާ އަށް އިވެނީ މީހަކު ވާހަކަ ދައްކާ އަޑެވެ. އެއީ ޝައިޠާނާގެ އަޑެވެ.
"ބަރްސީސާ އެވެ. ކަލޭ ތިޔަ އޮތީ ޢިޝްޤުގައި ޖެހިފަ އެވެ. ކަލޭގެ ހަށިގަނޑުގައި އުފެދިފައި ތިޔަ ވަނީ އިންސާނީ ޖަޒުބާތެވެ. ސިކުނޑިއަށް ވެރި ވެފައި ތިޔަ ވަނީ ރަސްގެފާނުގެ ދަރިކަނބަލުންގެ ޚިޔާލެވެ. މިހާރު ކަލެއަކަށް އެ ކަމަނާޔާ ނުލައި ދިރިއެއް ނުހުރެވޭނެ އެވެ. ކޮންމެ ގޮތެއް ހަދައިގެން ނަމަވެސް އޭނާ ހާސިލު ކުރެވޭތޯ ބަލާށެވެ."
ބަރްސީސާ ދާ ހިއްލާ ފޯ ވެއްޖެ އެވެ. އޭނާ އަމިއްލަ ނަފްސު ކޮންޓްރޯލް ކުރެވޭތޯ މަސައްކަތް ކުރިއެވެ. އެކަމަކު ނުބައި ޚިޔާލުތައް ސިކުނޑިން ފޮހެލެވޭނޭ ގޮތެއް ނުވި އެވެ. އެއީ ތެދެކެވެ. އޭނާ އެހެރީ ރަސްގެފާނުގެ ދަރިކަނބަލުންގެ ޢިޝްޤުގައި ރަނގަޅަށް ޖެހިފަ އެވެ."
ޝައިޠާނާ ދިޔައީ އޭނާ ރޭވުން ހިންގަމުންނެވެ. ޝިކާރަ އެ އޮތީ މިހާރު ދަލުގައި ޖެހިފަ އެވެ. ރަސްގެފާނުގެ ދަރިކަނބަލުންނަށް އެކި ކަހަލަ އާލާސްކަންފުޅު ޖެހޭން ފަށައިފި އެވެ. ވަރުފުޅު ދެރަ ވެގެން ގޮސް އެނދު ދާންކޮޅުން ތެދުވެ ވަޑައި ނުގެންނެވޭ ހިސާބަށް ހިނގައްޖެ އެވެ. މުޅި ގަނޑުވަރު ތެރެއަށް އަނެއްކާވެސް މާޔޫސީގެ އަސަރު ފެތުރޭން ފަށައިފި އެވެ.
ޝައިޠާނާ އަނެއްކާވެސް އިންސާނެއްގެ ސިފައިގައި ގަނޑުވަރަށް އަތުވެއްޖެ އެވެ.
"މާތް ސާހިބާ އެވެ. އެނގިވަޑައިގެންފިތޯއެވެ؟ އަޅުގަނޑަކީ ބަރްސީސާގެ މީހަކީމެވެ."
"އާނއެކެވެ. އެނގިއްޖެ އެވެ. ކަލޭ ތިޔަ އައީ ވަރަށް ރަނގަޅު ދަނޑިވަޅެއްގަ އެވެ. އަހަރެންގެ ދަރިކަނބަލުންނަށް އަނެއްކާވެސް ބޮޑު އާލާސްކަންފުޅެއް ޖެހިއްޖެ އެވެ." ރަސްގެފާނު ވިދާޅު ވިއެވެ.
"މާތް ސާހިބާ އެވެ. ދަރިކަނބަލުން އަނެއްކާވެސް ބަރްސީސާގެ ކައިރިއަށް ފޮނުއްވާށެވެ. އެކަމަކު މި ފަހަރު ތަންކޮޅެއް ގިނަ ދުވަހު ބަހައްޓަވާން ވާނެ އެވެ. ފުރިހަމަ އަށް ފަރުވާ ހޯއްދެވޭނީ އޭރުންނެވެ." ޝައިޠާނާ ބުންޏެވެ.
ރަސްގެފާނު އެ ގޮތާ ރުހިވަޑައިގެންފި އެވެ. އެއީ ޚުދު ރަސްގެފާނު ވެސް ގަސްތުފުޅު ކުރައްވައިފައި އޮތް ގޮތެވެ. ހަމަ އެ ވަގުތު ދަރުފުޅުގެ ތައްޔާރީތައް ފެށިއްޖެ އެވެ. މާ ގިނަ އިރު ތަކެއް ނުވެ ރަސްގެފާނުގެ ދަރިކަނބަލުންގެ ޤާފިލާ ދަތުރަށް ފަށައިފި އެވެ.
އެ ކަމަނާ ވަޑައިގަތުމުން ބަރްސީސާ ހުރީ ވަރަށް އުފަލުންނެވެ. އޭނާގެ ލޯބިވެރިޔާ، އޭނާގެ ކައިރިއަށް އައީ އެވެ.
މަޑު މަޑުން ރަސްގެފާނުގެ ދަރިކަނބަލުންގެ ހާލުކޮޅު ރަނގަޅު ވާން ފަށައިފި އެވެ. އެކަމަކު ބަރްސީސާ އާއި، އެ ކަމަނާޔާ ދެމެދު އޮތް ގުޅުން ބަދަލު ވާން ފަށައިފި އެވެ. އެއް ދުވަހަކު ބަރްސީސާ އެ ކަމަނާގެ ކުރިފުޅު މަތީގައި އޭނާގެ ލޯބި ފާޅު ކޮށްފި އެވެ. އެ ކަމަނާވެސް ލޯބީގެ ޖަވާބު ދެއްވީ ލޯބިންނެވެ. ދެ ލޯބިވެރިންގެ އުފަލުގެ ކޮޅެއް ނެތެވެ.
މި ގޮތުގައި އެތައް މަހެއް ފާއިތު ވެގެން ހިނގައްޖެ އެވެ. އެހެން ނަމަވެސް އެ މީހުންނަށް އިހްސާސް ކުރެވުނީ ދެތިން ގަޑި އިރަށް ވުރެ ގިނަ ވަގުތު ފާއިތު ވެގެން ނުދާ ކަމުގަ އެވެ. ޝައިޠާނާގެ ތީރު ގޮސް ޖެހުނީ ސީދާ އަމާޒަށެވެ. ރަސްގެފާނުގެ ދަރިކަނބަލުން އާލާސްވެ އިންނަވައިފި އެވެ.
ބަރްސީސާ އަށް މި ކަން އެނގުނީމާ ވަރަށް ބޮޑަށް ހާސް ވެއްޖެ އެވެ. ރަސްގެފާނު އޭނާ އަށް ކުރެއްވި އިތުބާރު ފަން ފުލުން ދިޔައީމާ ވަރަށް ބޮޑަށް ދެރަ ވެއްޖެ އެވެ.
އެއް ދުވަހަކު ތުނބުޅީގެ ހުރިހައި އިސްތަށްޓެއް ނުރަ ވެފައިވާ މުސްކުޅި މީހަކު ބަރްސީސާގެ ކައިރިއަށް އަތުވެއްޖެ އެވެ. އެއީ ޝައިޠާނާ އެވެ.
"ބަރްސީސާ އެވެ. ކަލޭގެ ކުރިމަތީގައި އޮތް މައްސަލަ އަކީ ކޮބައިކަން އަހަރެންނަށް ވަރަށް ރަނގަޅަށް އެނގެ އެވެ. އެ މައްސަލަ ޙައްލު ކުރަން އޮތީ އެންމެ ގޮތެކެވެ."
ބަރްސީސާ ޙައިރާން ވެފައި އަހައިލި އެވެ. "އެއީ ކޮން ގޮތެއް ހެއްޔެވެ؟"
"ރަސްގެފާނުގެ ދަރިކަނބަލުން ގަތުލު ކޮށްފައި އެއްވެސް މީހަކަށް ނޭނގޭ ތަނެއްގައި ވަޅު ލާށެވެ." ޝައިޠާނާ ބުންޏެވެ.
"މުސްކުޅިޔާ އެވެ. ތިޔަ ދައްކަނީ ކޮން ކަހަލަ ވާހަކައެއް ހެއްޔެވެ؟ އެ ކަމަނާ ޤަތުލު ކޮށްފައި އަހަރެން އެހެން މީސް މީހުންގެ ކުރިމައްޗަށް ނުކުންނާނީ ކިހިނެއް ހެއްޔެވެ؟" ބަރްސީސާ ބުންޏެވެ.
"މީހުން ކަލެއަށް އިތުބާރު ކުރެ އެވެ. ކަލޭ ދައްކާ ކޮންމެ ވާހަކައެއް ޤަބޫލު ކުރާނެ އެވެ. އެ ކަމަނާ އާލާސްކަންފުޅުގައި އަވަހާރަވީއޭ، އެހެންވީމާ ވަޅުލައިފީމޭ ބުނާށެވެ." ޝައިޠާނާ ސިއްރުވެރި ރާގަކަށް ބުނެލިއެވެ.
"ތިޔައީ ރަނގަޅު ބުއްދި އެކެވެ. އެކަމަކު އަހަރެންނަކަށް ތިޔަ ކަމެއް ނުކުރެވޭނެ އެވެ. އަހަރެން އެ ކަމަނާ ދެކެ ލޯބި ވެއެވެ."
"ބަރްސީސާ އެވެ. ތިޔައީ ނާޖާއިޒު ލޯތްބެކެވެ. އަހަރެން މި ބުނާ ގޮތަށް ނުހަދައިފިއްޔާ ކަލޭގެ އަބުރާއި، ޢިއްޒަތް ވެއްޔާ މޮޑެވިދާނެ އެވެ." މިހެން ބުނެފައި ޝައިޠާނާ ހިނގައްޖެ އެވެ.
ބަރްސީސާ ވިސްނާން ފަށައިފި އެވެ. އެންމެ ފަހުން އޭނާ ކަނޑައެޅީ އެ ޝައިޠާނީ މަޝްރޫޢު ހިންގާށެވެ. އެއް ރެއަކު ރަސްގެފާނުގެ ދަރިކަނބަލުން އަވަހާރަ ކޮށްލުމަށް ފަހު ވަޅު ލައިފި އެވެ. ރަސްގެފާނަށް އެ ކަމަނާ އަވަހާރަވީ ޚަބަރު އެރުވީ ވެސް ޚުދު އޭނާ އެވެ. އެ ޚަބަރު ލިބިވަޑައިގަތުމުން ރަސްގެފާނަށް ހީފުޅުވީ މޭފުޅަށް ޚަންޖަރެއް ހަރައިލީ ހެންނެވެ. ކުޑަ އިރުކޮޅަކު ހިމޭނުން ހުންނެވުމަށް ފަހު ސުވާލު ކުރެއްވިއެވެ.
"އެ ކަމަނާގެ ޤަބުރު ކޮބައި ހެއްޔެވެ؟"
"މާތް ސާހިބާ އެވެ. އަޅުގަނޑު މި އައީ އެ ކަމަނާ ވަޅުލާފަ އެވެ." ބަރްސީސާ ދެންނެވި އެވެ.
މުޅި ގަނޑުވަރަށް ހިތާމައިގެ ދުވަސް އަތުވެއްޖެ އެވެ. މުޅި ޤައުމު ހިތާމަ ކުރަނީ އެވެ.
ޝައިޠާނާ ދަނޑުވެރިއެއްގެ ސިފައިގައި ރަސްގެފާނުގެ ގަނޑުވަރަށް އަތުވެއްޖެ އެވެ.
"މާތް ސާހިބާ އެވެ. ބަރްސީސާ މަނިކުފާނަށް މަކަރު ހަދައިފި އެވެ. އޭނާ ހެދީ ދޮގެވެ. މަނިކުފާނުގެ ދަރިކަނބަލުން އިންނެވީ އާލާސްވެ އެވެ. ބަރްސީސާ އެ ކަމަނާގެ ކަރުފުޅުގައި ހިފައި އަވަހާރަ ކޮށްލީ އެވެ."
"ބަރްސީސާ ތިޔަ ކަހަލަ ނުބައި ކަމެއް ނުކުރާނެ އެވެ. އަހަރެންގެ ދަރިކަނބަލުންގެ ފުރާނަ ސަލާމަތް ކޮށް ދިނީ އޭނާ އެވެ."
"ތިޔައީ ތެދު ފުޅެކެވެ. އެ ކަމަނާގެ ފުރާނަފުޅު ސަލާމަތް ކޮށްދިނީ އޭނާ އެވެ. އަދި އެ ކަމަނާގެ ފުރާނަ ފުޅު ދުއްވައިލީވެސް ހަމަ އޭނާ އެވެ." ޝައިޠާނާ ދެންނެވި އެވެ.
ރަސްގެފާނު ހުންނެވީ ދަރިކަނބަލުން އަވަހާރަ ވުމުގެ ސަބަބުން ލިބިވަޑައިގަތް ހިތާމަފުޅުގަ އެވެ. އެހެން ހުންނަވަނިކޮށް މި ލިބިވަޑައިގަތް ޚަބަރަކުން ވަރަށް ބޮޑަށް ކޯފާ ވެއްޖެ އެވެ.
"ތިޔައީ ވަރަށް ބޮޑު ދޮގެކެވެ. ކަލޭ ތިޔަ ދައްކާ ވާހަކަ އަކީ ދޮގެއް ކަމަށް ސާބިތު ވެއްޖެ ނަމަ އަހަރެންގެ އަތުން ކަލޭ ގަތުލު ކޮށްލާނަމެވެ."
"އަޅުގަނޑު ތިޔަ ގޮތާ ރުހެމެވެ." ޝައިޠާނާ ބުންޏެވެ. "އަޅުގަނޑުގެ ވާހަކަ އަކީ ދޮގަކަށް ވެއްޖެ ނަމަ އަޅުގަނޑު ގަތުލު ކޮށްލައްވާށެވެ. އެކަމަކު އަޅުގަނޑުގެ ވާހަކަ އަކީ ތެދެއް ކަމަށް ވެއްޖެ ނަމަ ބަރްސީސާ ގަތުލު ކޮށްލައްވާން ވާނެ އެވެ."
ރަސްގެފާނު ސިފައިންނާ އެކު ޝައިޠާނާގެ ފަހަތުން ދަތުރުފުޅު ފައްޓަވައިފި އެވެ. އޭނާ ދެއްކި ތަނަށް ގޮސް މަހާނަ ކޮނެގެން ބެލީމާ އެއީ ތެދެއްކަން ވަރަށް ރަނގަޅަށް ސާބިތު ވެއްޖެ އެވެ.
ރަސްގެފާނު ވިދާޅު ވިއެވެ. "އެ ނުލަފާ ކަލޭގެ އަހަރެންނަށް މަކަރު ހެދީތާ އެވެ. އޭނާ އަށް ވަރުގަދަ އަދަބެއް ދޭނަމެވެ."
ހަމަ އެ ވަގުތު ބަރްސީސާ ހައްޔަރު ކުރެވިއްޖެ އެވެ. މުޅި ސަހަރުގެ އެންމެން އޭނާ އަށް އެއްޗެތި ކިޔައި މަލާމާތް ކުރާން ފަށައިފި އެވެ. މީގެ ކުރީން މީހުންގެ ބަލި ބައްޔަށް ފަރުވާކޮށް، އެހީތެރިވެދީ، އަޅުކަން ކޮށް އުޅުނު ޤަދަރުވެރި މީހާ މިހާރު އެންމެންގެ ކުރިމަތީގައި ޤާތިލަކަށް ވީ އެވެ.
ރަސްގެފާނު އޭނާ މަރާން ޙުކުމް ކުރެއްވީމާވެސް އޭނާގެ ލޮލުން އެންމެ ކަރުނަ ތިތްކެއްވެސް ނުވެއްޓެ އެވެ. ދަން ޖައްސާ މަޅިގަނޑު ތައްޔާރު ކުރެވި، ބަރްސީސާ އެ ތަނަށް ގެނެވިއްޖެ އެވެ. ޖައްލާދު ބަރްސީސާގެ ކަރަށް މަޅިގަނޑު މަހައިފި އެވެ. ބަރްސީސާ ޖައްލާދާ ދިމާއަށް ބަލައިލި އެވެ. އެ މީހަކީ ކުރީން ދުވަހު ރަސްގެފާނުގެ މީހެއްގެ ނަމުގައި އޭނާގެ ކައިރިއަށް ދިޔަ މީހާ އެވެ.
"ކަލޭ ހެއްޔެވެ؟" ބަރްސީސާ އަހައިލި އެވެ.
"އާނއެކެވެ. އަހަރެން މިއީ ކަލޭގެ ކައިރިއަށް ދިޔަ މީހާ އެވެ. ކަލެއަކަށް އަދިވެސް އަހަރެން މިއީ ކާކު ކަމެއް ނޭނގެއެއް ނޫން ހެއްޔެވެ؟ އަހަރެން މިއީ ޝައިޠާނާ އެވެ."
"އެހެން ހެއްޔެވެ؟ ކަލޭ ތިޔައީ ޝައިޠާނާ ހެއްޔެވެ؟ ކަލޭ އަހަރެންނަށް މިހައި ބޮޑު ބޮނޑިއެއް ދިނީ ކީއް ވެގެން ހެއްޔެވެ؟" ބަރްސީސާ އަހައިލި އެވެ.
"ކަލޭގެ ގަދަރާއި ޢިއްޒަތް މާ ބޮޑު ވެގެން ދިޔައީ އެވެ. ކަލެއަކީ އަހަރެންނަށް ވުރެވެސް ބޮޑު މީހެއް ކަމަށް މީހުން ގަބޫލު ކުރާން ފެށީ އެވެ. އެ ކަމާ އަހަރެން ކަން ބޮޑު ވީ ވަރުން ކަލެއަށް ބޮނޑި ދިނީ އެވެ."
ބަރްސީސާ އަކަށް އެ ވާހަކަ ތަކަށް ދޭނޭ ޖަވާބެއް ނޭނގުނެވެ. އޭނާ ބުންޏެވެ. "އެހެން ވެއްޖެއްޔާ ބަލަހައްޓައިގެން ތިޔަ ހުންނަނީ ކީއް ކުރާން ހެއްޔެވެ؟ މަޅިގަނޑަށް ބާރު ކޮށްލާށެވެ."
"ބަރްސީސާ އެވެ. ފުރަތަމަ އަހަރެންގެ ވާހަކަ އަޑު އަހާށެވެ." ޝައިޠާނާ ބުންޏެވެ. "މި ތަނަށް އެއްވެ މި ތިބަ މީހުންނާ ދިމާ އަށް ނިކަން ބަލައިބަލާށެވެ. އެ މީހުންގެ ލޮލުގައި އެ ވަނީ ނަފްރަތުގެ ކުލަވަރެވެ. އެއީ މީގެ ކުރީން ކަލެއަށް ހާދަހާ ޤަދަރެއް ކުރި ބައެކެވެ."

"އިތުރު ވާހަކަ ނުދައްކައި ކަލޭގެ މަސައްކަތާއިގެން ކުރިއަށް ދާށެވެ." ބަރްސީސާ ބުންޏެވެ.
"އަހަރެން ބޭނުން ވަނީ ކަލެއަށް އިތުރު ފުރުސަތެއް ދޭށެވެ. ކަލޭ އަހަރެންގެ ކުރިމަތީގައި ސަޖިދަ ޖަހައި، އެންމެ ބާރު ގަދަ ފަރާތަކީ އަހަރެން ކަމަށް އިޢުތިރާފް ވެއްޖެ ނަމަ އަހަރެން ކަލޭ ސަލާމަތް ކޮށް ދީފާނަމެވެ." ޝައިޠާނާ ބުންޏެވެ.
"އަހަރެން ކަލެއަށް ސަޖިދަ ޖަހަންވީ ހެއްޔެވެ؟ އަހަރެން ކަރުގައި މި މަޅިގަނޑު އޮއްވައި ސަޖިދަ ޖަހާނީ ކިހިނެއް ހެއްޔެވެ؟" ބަރްސީސާ ބުނެލިއެވެ.
ޝައިޠާނާ މަކަރުވެރި ގޮތަކަށް ހީނގަތެވެ. ބަރްސީސާގެ ކަންފަތުގައި އަނގަ ޖަހާފައި ބުންޏެވެ. "މިއީ ހަމައެކަނި ކަލެއާއި އަހަރެންނާ ދެމެދު އޮތް ކަމެކެވެ. އެހެން އެއްވެސް މީހަކަށް މިތަން ނުވެސް ފެންނާނެ އެވެ. އަހަރެންގެ މަތިވެރި ކަމަށް އިޢުތިރާފް ވާ ކަމަށް ބޮލުން އިޝާރާތް ކޮށްލާށެވެ. އަހަރެން ކަލޭ ދޫ ކޮށްލާނަމެވެ."
ބަރްސީސާ ގެ ހިތަށް އެ ވަސްވާސް ތަކުން އަސަރު ކޮށްފި އެވެ. އޭނާ މަރު ދެކެ ބިރު ގެންފި އެވެ. ސަލާމަތް ވާން އޮތީ ޝައިޠާނާ ބުނި ގޮތަކަށް ހަދައިގެންނެވެ. ވުމާއެކު އޭނާ ޝައިޠާނާ ބުނި ގޮތަށް ބޮލުގެ އިޝާރާތުން، ޝައިޠާނާގެ މަތިވެރި ކަމަށް އިޢުތިރާފް ވެއްޖެ އެވެ. އޭނާ ބޯ ތިރި ކޮށްލުމާއެކު ޝައިޠާނާ މަޅިގަނޑަށް ދަމައިލި އެވެ. ބަރްސީސާ ހަމަ އެ ވަގުތު މަރު ވެއްޖެ އެވެ. އަނގައިން އަޑެއްވެސް ނުނުކުތެވެ.
ވަށައިގެން އެއްވެ ތިބި މީހުން ޙައިރާން ވެފައި ބަލަން ތިބީ އެވެ. ޖައްލާދު ބާރަށް ހެނީ އެވެ. އޭނާގެ ދުޝްމަން މީހާ ބަލި ކޮށްލެވުނީމާ އެ ކަމުގެ އުފާ ކުރަނީ އެވެ.
...........
ކަވާސާއިން ނަގާފައި

Read more...

26 January 2011

ރަނގަޅު މުޖްތަމަޢެއް އުފެއްދުމަށް

ދަރުމަ މަޖައްލާ
ތިބާވީ ކޮންމެ ތަނެއްގައި ﷲ އަށް ތަޤުވާވެރިވާށެވެ. ތިބާއަކީ ދުޅަހެޔޮ މުސްލިމަކަށް ވާށެވެ. އަޚްލާޤު ރަނގަޅު މީހަކަށްވާށެވެ. ފިކުރު ހޭލުންތެރި މީހަކަށް ވާށެވެ. ޢަޤީދާ ރަނގަޅު މީހަކަށް ވާށެވެ. ރަނގަޅު އަޅުވެރިއަކަށް ވާށެވެ. ތިބާގެ ނަފްސާ ޖިހާދުކުރާ މީހަކަށްވާށެވެ.
އާމްދަނީ ހޯދާ މީހަކަށް ވާށެވެ. ވަގުތަށް ފަރުވާތެރިވާށެވެ. ކަންތައްތަކުގައި އިންތިޡާމް ރަނގަޅުމީހަކަށްވާށެވެ. ތިބާގެ ވަޠަނާ މުޖްތަމަޢާ އެހެންމީހުންނަށް ފައިދާހުރި މީހަކަށްވާށެވެ. ތިބާވީ ކޮންމެ ތަނެއްގައި ﷲ އަށް ތަޤުވާވެރިވާށެވެ. ތިބާގެ ގެއަކީ ހުރިހާކަމެއްގައިވެސް އިސްލާމީއަދަބުތަކާއި އަޚްލާޤަށް ރައްކާތެރިވާ ތަނެއްކަމުގައި ހަދާށެވެ. ރަނގަޅު ޢަޤީދާއަކާއި ރަނގަޅު ތަރުބިއްޔަތަކާއި ރަނގަޅު ޘަޤާފަތެއް ހޯދައިދެވިއްޖެނަމަ ރަނގަޅު އަންބެއް އިޚްތިޔާރުކުރަން މުސްލިމް ފިރިހެނާއަށް އެނގޭނެއެވެ. އޭރުން އަނބިމީހާގެ ޙައްޤު އަދާކޮށް، އަނބިމީހާގެ ވާޖިބު ފުރިހަމަކުރުވަން އެނގޭނެއެވެ. ރަނގަޅުގޮތުގައި ދަރީން ތަރުބިއްޔަތުކުރުމުގައި އަނބިމީހާއާ ބައިވެރިވާނެއެވެ. އެހެންމީހުންނާ ރަނގަޅަށް މުޢާމާލާތްކުރާނެއެވެ. އަދި މުޖްތަމަޢާ އުއްމަތަށް ފައިދާހުރި ކަންތައްތައް ކުރާނެއެވެ.

Read more...

24 January 2011

އަހަރެމެންގެ މިސާލަކީ ރާނާ މީހެއްގެ މިސާލެވެ

އަލްއަޚް މުޙައްމަދު ޝާފިޢު ބިން ޢަބްދުލްޣަފޫރު
ހުނަރުވެރި ރާނާ މީހެކެވެ. އޭނާ ގިނަދުވަސްތަކެއް ވަންދެން ވަޒީފާގައި އުޅުމަށްފަހު ޕެންޝަނާއި ނުވަތަ ވަޒީފާ ދޫކޮށްލުމާއި ކައިރިވެއްޖެއެވެ. އޭނާ އޭނާގެ ވަޒީފާ ނިންމާލަން ބޭނުންވާ ވާހަކަ ވެރިމީހާގެ ކައިރީގައި ބުނެފިއެވެ. އަދި އޭނާގެ ޢާއިލާއާއެކު ގިނަ ވަޤުތު ހޭދަކުރުމަށްޓަކައި ވީހާ އަވަހަށް ވަޒީފާއިން ވަކިވާން ބޭނުންކަމުގައި ބުނެފިއެވެ

ވެރިމީހާ ވަރަށް ދެރަވިއެވެ. އެއީ އޭނާގެ އެންމެ އިތުބާރުކުރާ އެންމެ ރަނގަޅު އެއް މުވައްޡަފު ވަޒިފާއިން ވަކިވާތީއެވެ. އެހެންނަމަވެސް ވަޒީފާއިން ވަކިވުމުގެ ކުރީން މުވައްޡަފުގެ ކިބައިން އެންމެ އެދުމެއް އެދުނެވެ. ރާނާމީހާ ވެރިމީހާގެ އެ އެދުން ޤަބޫލުކުރީ ވަރަށް ބޮޑަށް އާދޭސްކުރިފަހުންނެވެ. އެ އެދުމަކީ އެނާ ވަޒީފާއިން ވަކިވުމުގެ ކުރީން އަދި އެއް ގެ ރާނާ ދިނުމެވެ.

ރާނާ މީހާ ހުރީ ވަރަށްބޮޑަށް ވަޒިފާއިން ވަކިވާ ހިތް ވެފައެވެ. އެހެންކަމުން އަވަސް އަވަސް ކޮށްލާފައި ފަރުވާ ކުޑަކަމާއެކު ގެ ރާނަން ފަށައިފިއެވެ. އޭނާ ރޭނުމަށް އެހާބޮޑު ސަމާލުކަމެއް ނުދެއެވެ. މަސައްކަތްކުރީ ކުރާ ހިތަކުން ނޫނެވެ. ގެ ރޭނުމުގައި ބޭނުންކުރީ ފެންވަރު ދަށް އެއްޗިއްސެވެ. އިސާހިތަކު ގެ ރާނާ ނިންމާލައިފިއެވެ.

ގެ ރާނާ ނިމުމުން ވެރިމީހާކައިރީގައި މަސައްކަތް ނިމުނު ވާހަކަ ބުންޏެވެ. އަދި ވެރިމީހާ ގެނެސް އެ ގެ ދެއްކިއެވެ. ވެރިމީހާ ގެއަށް ވަނުމުގެ ކުރީގައި ކަރުދާސްތަކަކާއި ތަޅުދަނޑިއެއް ރާނާ މީހާގެ އަތަށް ދިނެވެ. އަދި ބުންޏެވެ. "މިއީ އަހަރެންގެ ފަރާތުން ތިބާއަށް ހަދިޔާކުރާ ގެއެކެވެ." ރާނާ މީހާއަށް ލިބުނީ ޝޮކެކެވެ. އޭނާ ވަރަށް ދެރަވިއެވެ. ކިހާ ދެރަކަމެއް ހެއްޔެވެ؟ އޭނާ އެ ރޭނި ގެޔަކީ އޭނާ އަށް ދޭން ބިނާކުރި ގެޔެއްކަން އެނގުނުނަމަ އެހެން ގެތަކަށްވުރެ ފެންވަރު ރަނގަޅުކޮށް އެ ގެ ރޭނީހެވެ.

އަހަރެމެންގެ މިސާލަކީ މިފަދަ ރާނާ މީހެއްގެ މިސާލެވެ. އަހަރެމެން ދުނިޔެމަތީގައި މިބިނާކުރަނީ ސުވަރުގޭގައި އަހަރެމެން އުޅޭނެ ގެއެވެ. އަހަރެމެން ދުނިޔޭގައި ޢަމަލުތައް އިޚްލާޞްތެރިކަމާއެކު ކޮށް ހެޔޮކަންތައްތަކުގައި މަޝްޣޫލުވެއްޖެނަމަ ސުވަރުގޭގައި އަހަރެމެންގެ ގެ ފުރިހަމަ ވާނެއެވެ. އަހަރެމެން ވަޒީފާއިން ވަކިވާނެ އިރެއް އަހަރެމެންނަކަށް ނޭނގެއެވެ. ހަމަ ކޮންމެ ވަޤުތެއްގައިވެސް މަރު އަހަރެމެންނާ ބައްދަލުކޮށްފާނެއެވެ.

އަހަރެމެން މިބިނާކުރާ ގެއަކީ އަހަރެމެންގެ ގެއެވެ. އަހަރެމެންނަށް މިގެ ބިނާކުރަން ލިބޭ ވަޤުތަކީ އަހަރެމެން ވަޒީފާއިން ވަކިވުމުގެ ކުރިއެވެ. އެހެންކަމުން ގެ ފުރިހަމަކަމާއެކު ބިނާކުރާށެވެ.
..........
ދީނީ ނިއުސް.ކޮމް އިން ނަގާފައި

Read more...

22 January 2011

ޢިބްރަތްތެރި ވާހަކަ - ލުއިކަރުނަ

ޅޮހީ ޢަބްދުއްރަޙީމް / މަނަދޫގެ
ފެންކަޅިވެފައިވާ ޒުވާނާ އެނދުގައި އޮށޯވެގެން އޮތްއިރު، އެނބުރެމުންދާ ފަންކާއަށް ބަލަހައްޓައިގެން އޮތެވެ. ޒުވާނާގެ ޚިޔާލުތައް އެވަނީ އެނބުރެމުންދާ ފަންކާގެ ފިޔަަތައްފަދައިން އެނބުރެން ފަށާފައެވެ. ބުރަކަށްފަހު ބުރެކެވެ. ހިނދު ހިނދު، ކޮޅުން ގިސްލުމުގެ އަޑުވެސް ގުގުމާލަ އެވެ.
މިއަދު އެޒުވާނާ އެވަނީ އެކަނިވެރިއަކަށް ވެފައެވެ. ޒަމާނުގެ އުފާތަކުން ލިބިގަންނަމުން އައި ލައްޒަތުތަކުން މަޙުރޫމުވެ އެއޮތީ ބަލިއެނދެއްގައެވެ.
ބަލާ ބެލުމަށް އެއީ ހަމައާދައިގެ ފަންސަވީހަކަށް އަހަރުގެ ޒުވާނެކެވެ. މޫނުމަތީންވެސް އެއްވެސް ބައްޔެއްގެ ނިޝާނެއް ފެންނާކަށެއް ނެތެވެ. އަދި ނުރައްކާތެރި ބައްޔެއްގައި އުޅޭ މީހެއްގެ ފުށުން ފެންނަ ފަދަ އެއްވެސް އަސަރެއްވެސް ފެންނާކަށް ނެތެވެ. މަޑުމަޑުން ކަޝްފުވަމުން ދިޔައީ ޒުވާނާގެ އުފާވެރި ދުވަސްތަކެވެ. އެހަނދާންތައް އާވުމުން ޒުވާނާގެ ލޮލުން ކަރުނަ ހިލުވާލާ ހިތްދަތި ފަސްމަގެވެ.

ޒުވާނާގެ އުފާވެރި ޙަޔާތުގެ ތަރި ފިޔަޖަހަންފެށީ، މީގެ ގާތް ގަނޑަކަށް އަށެއްކަ އަހަރުކުރީންނެވެ. ޒުވާނާއަކީ މާލޭ މުއްސަނދި މަންމައަކާއި ބައްޕައެއްގެ ހުރި ހަމައެކަނި ފިރިހެންދަރިފުޅެވެ.

ސުކޫލުދައުރުގައި ޒުވާނާއަކީ ރާއްޖޭގެ އެންމެ މަޝްހޫރު އެއްސުކޫލުގެ ބަސްވިކޭ، ތަޢުލީމީ ދާއިރާގައި ރަތްވަނަތަކެއް ހޯދާފައިވާ ކިޔަމަންތެރި ދަރިވަރެކެވެ. ސުކޫލުގައި ބޭއްވޭ ތަފާތު ހަރަކާތްތަކުގައި ހަރަކާތްތެރިވި، އަދި ސުކޫލުގެ ވެރިންނާއި މުދައްރިސުންގެ ރުހުން ލިބިފައިވާ ދަރިވަރެކެވެ. ސުކޫލުދައުރަށް ފަހު ޒުވާނާ ނުކުތީ މުޖުތަމަޢުގެ ތެރެއަށެވެ. އިތުރަށް ކިޔަވަން ލިބުނު ފުރުޞަތު ދޫކޮށްލީ، އޭނާ ދެކެ ލޯބިވާ ކަމަށްބުނާ ބައިވެރިޔާ ދޫކޮށްލާފައި ދާން ހިތް ނޭދޭތީއެވެ. އަދި މައިންބަފައިންވެސް މާބޮޑަށް "މަޖުބޫރު" ނުކުރާތީއެވެ. މަންމައާއި ބައްޕަވެސް ވިސްނައިދިނީ ދަރިފުޅު ބޭނުން ކަމެއް ކުރުމުގެ އިހުތިޔާރު ލިބިފައިވާ ކަމަށާއި، އެހެންނޫނަސް ބޮޑުވެފައިވާ ދަރިއެއްގެ މިނިވަންކަމަށް އަރައިގަތުމަކީ ރަނގަޅު ގޮތެއް ނޫންކަމަށް ބުނަމުންނެވެ. ޙަޤީޤަތަކީ ހަމައެއީއެވެ.

ޒުވާނާ ބޭނުންވީ އޭނާގެ އާޢިލާގެ ވާރުތަވަމުން އައި ވިޔަފާރީގެ ތެރެއަށް ވަންނާށެވެ. ހުރިހާ ކަމަށްވެސް ވަރަށް ކާމިޔާބެވެ. ވިޔަފާރީގެ ވެރިޔަކީ ޒުވާނާގެ ބައްޕަކަމުން ޒުވާނާއަށް ވަކި މުސާރައެއް ކަނޑައެޅިފައެއް ނެތެވެ. " މިހުރިހާ އެއްޗަކީވެސް ދަރިފުޅުގެ އެއްޗެހި" އެއީ ޒުވާނާގެ ބައްޕަގެ އަތްމަތީ ބަހެވެ.
ޒުވާނާގެ ޅަ ސިކުނޑި ވަރަށް އަވަހަށް ފައިސާއަށް ހޭނިއްޖެއެވެ. ރަޙުމަތްތެރިންގެ ޢަދަދު އިތުރުވީ ހީކުރި ވަރަށްވުރެވެސް އަވަހަށެވެ. އެއީ ނަސީބުގަދަ ޒުވާނެކެވެ. ބޭނުންވާ ކޮންމެ ކަމެއް ކޮންމެވަޤުތަކު ކޮށްލެވެން ހުރެއެވެ. ބޭނުންވާ ވަރަކަށް ބޭނުން ޢަދަދަކަށް ފައިސާލިބެން ހުރެއެވެ. ޒުވާނާގެ އުޅުން ގޯހެކޭ މީހަކުނުބުނެއެވެ. އެހެން މީހުންނަށް ފެންނަނީ އުންމީދީ ޒުވާނެއްގެ ގޮތުގައެވެ.

ޒުވާނާގެ މައިންބަފައިންވެސް ޒުވާނާއަށް ހިތްވަރުދެމުން ދެއެވެ. ރައްޓެހިންނާއި ގުޅުން ބަދަހިކުރުމާއި، ހިތްހަމަ ޖެހިގެން އުފަލުގައި އުޅުމަށް ބާރު އަޅައެވެ. އެގޮތުން ޒުވާނާގެ ހުސް ވަގުތު ތަކާއި ޗުއްޓީތައް ހޭދަވެގެންދަނީ ތަފާތު ޕާޓީތަކާއި، ރޭގަނޑު ބޭއްވޭ ދެޖިންސުގެ ނެށުންތަކާއި، ރިސޯޓުތަކުގައި ބޭއްވޭ ކުލަގަދަ ހަފުލާތަކުންނެވެ. ޒުވާނާގެ މައިންބަފައިން ތިބެނީ އުފަލުންނެވެ. އެފަދަ ނަސީބުވެރި ދަރިޔަކު، އެފަދަ ނަސީބުވެރި ދެމަފިރިޔަކަށް ނޫނީ ނުލިބޭނެ ކަމަށް އެދެމަފިރިން ލޮލާއި ބޮލުން ޤަބޫލުކުރެއެވެ.

ނަމަވެސް ދުނިޔެމަތީގައި ގިނަފަހަރަށް މުއްސަނދީންގެ ނަސީބު ގުޅިފައި އޮންނަނީ ފައިސާއާއެވެ. ނަމަވެސް އެފައިސާތަކާއި މުދާތައް، ކިތަންމެ މަހުޖަނެއްގެ ހަލާކަށްވެފައިވެސް އެބަހުއްޓެވެ. ދުނިޔެ ހިނގަމުން ދަނީ އަބަދުވެސް މި ޢަޖާއިބުކުރަނިވި އުޞޫލުގެ މަތީންނެވެ.

ޒުވާނާގެ މުއްސަނދިކަމާއި ފާގަތިކަމުގެ ތަރި މެދުއުޑުގައި ފިޔަ ޖަހަމުން ދިޔައެވެ. ހަމައެޔާއެކު ޒުވާނާގެ އުޅުމަށްވެސް ބޮޑު ބަދަލުތަކެއް އަންނަން ފަށައިފިއެވެ. ސަބަބަކީ އެހާ ގިނަ ފައިސާތަކާއި، އުފަލާއި ތަނަވަސް ކަމުގައި އުޅޭއިރުވެސް ޒުވާނާގެ ޒަމީރަށް ލިބެމުންދިޔަ ނުތަނަވަސް ކަމެވެ. ދިރިއުޅުމުގައި ކޮންމެވެސް ކަމެއް މަދުވާ ކަމުގެ އިހުސާސް ކުރެވެނީއެވެ. ޒުވާނާ މިކަންކަމާއި ވަރަށް ފިކުރު ކުރިއެވެ. ނަމަވެސް ޒުވާނާއަކަށް މިކަމެއް އޮޅުންފިލާ ގޮތެއް ނުވިއެވެ. ފިކުރު ކުރަމުންގޮސް ކަންކަމާއި ހާސްވާންވެސް ފަށައިފިއެވެ.

މައިންބަފައިން ލަފާދިނީ މާބުރަކޮށް މަސައްކަތް ނުކޮށް، ތާޒާވެލާ އަރާމުކޮށްލުމަށް ދުނިޔޭގެ ކޮންމެވެސް ތަނަކަށް ދަތުރުކޮށްލުމަށެވެ. ދުނިޔެ ބަދަލުވަމުން ދަނީވެސް ވަރަށް އަވަހަށެވެ. ޒުވާނާއަށް ދުނިިޔެ ފެންނަމުންދަނީ ބަދަލުވަމުންދާ ތަނެއްގެ ގޮތުގައެވެ. ޒުވާނާ ވިސްނާ ވިސްނާވެސް މިއޮޅުންބޮޅުންގަނޑު ނިއުޅައިލެވޭނެ ގޮތެއް ނުވިއެވެ.

ޒުވާނާ އެހެން ޤައުމަކަށް ދިޔުމަށް ދަތުރުކުރަމުން ދިޔައެވެ. މަންޒިލަށް ދެވުމާއެކު ޒުވާނާ އެއާރޕޯޓަށް ފައިބައިފިއެވެ. ހުރިހާ މީހުންވެސް ހޭލަ މޭލަ ވަމުން ދިޔައިރު މުޅި ތަން "ރަކަ ރަކަ" އަޅާ ކަހަލައެވެ. ކުއްލިއަކަށް ޒުވާނާއަށް ހައިރާންކަމެއް ލިބުނީ ފަހަތުން އައި މީހެއްގެ އަތް ޒުވާނާގެ ކޮނޑުގެ މަތގައި ބާއްވާލުމުންނެވެ.

އެއީ ޒުވާނާގެ ކުޑަ އިރުގެ ރަޙުމަތްތެރިއެކެވެ. ހަމަ އެޒުވާނާއާއި އެއް ޢުމުރެއްގެ ދީންވެރި ޒުވާނެކެވެ. ޒުވާނާއަށް އޭނާގެ ރަޙުމަތްތެރިޔާއާއި ބައްދަލުކުރެވުނީ ހަމަ އެންމެރަނގަޅު ވަގުތުގައެވެ. ދެމީހުން ވާހަކަ ދައްކަމުންގޮސް ޒުވާނާގެ ހިތުގެ އުދާސްތައް ރަޙުމަތްތެރިޔާއަށް ހާމަކޮށްދިނެވެ. އެގޮތުގައި ވަގުތު ދެމިގެން ދާންފަށައިފިއެވެ.

ގަޑީގެ ވަގުތު އަބަދުވެސް އޮންނަނީ ކުރިޔަށް އޮތް ވަގުތު އަތުލައިގަތުމަށް ދަހިވެތި ވެފައެވެ. ނުހަނު މަޑު މަޑުން ސިކުންތަކަށް ފަހު ސިކުންތެއް ފަހަތަށް ލަނީ، އަޖަޢިބުވާހައި ވަރަށްވުރެވެސް އަވަހަށެވެ. ގިނަ ފަހަރަށް އިންސާނާއަށް އެނގުމަކާވެސް ނުލައެވެ. އަބަދުވެސް އޮންނަނީ ވަޤުތުގެ ފަހަތުން އިންސާނާއަށް ދުވަން ޖެހިފައެވެ. ބައެއް ފަހަރަށް ވަޤުތު ވެފައިވަނީ އިންސާނާގެ ހަތުރަކަށެވެ. އަނެއްބައި ފަހަރަށް ވަޤުތަކީ އިންސާނާގެ ލަނޑުދަނޑި ކަމަށްވެސް ވެދެއެވެ.

ޒުވާނާ ހިނގައިގަތީ ދެމީހުން ފަހުން ބައްދަލުވުމަށް ވަޢުދުވަމުންނެވެ. ހުންނަން ހަމަޖެހިފައިވާ ތަނަށް ދިޔުމަށްޓަކައި ސަވާރީގައި ދަތުރަށް ފަށައިފިއެވެ. ކާރޫބާރޫ ބޮޑުމަގުން ކާރު ދުއްވަމުން ދިޔައިރު، މަގުގެ ދެފަރާތުން ފެންނަމުން ދިޔައީ، އިންސާނާގެ މަސައްކަތްތެރި ކަމުގެ ކުޅަދާނަކަމެވެ. ނަމަވެސް އެއިން ލިބެނީ ކޮން ހިތަހަމަ ޖެހުމެއްބާވައޭ ޒުވާނާގެ ހިތަށް އަރައި ފައިބަމުންދިޔައެވެ. އޭރު ކާރުހުރީ އޭގެ ދުވެލި މެކުހަށް ޖަހާފައެވެ. އިރުކޮޅެއް ނުވެ އިވުނީ ގަދަފަދަ އަޑެކެވެ. ޒުވާނާއަށް ވީއެއް ނުވީއެއް ނޭންގުނެވެ. މޫނު މައްޗަށް އަނދިރިވެއްޖެއެވެ.

ޒުވާނާގެ ހޭވެރިކަން ރުޖޫޢަވީ އިރުގައި، ޒުވާނާއޮތީ މިހާރު އެއޮތް ބަލި ހާލަތަށް ރުޖޫޢަވެފައެވެ. ހަށިގަނޑުގެ ވާތްފަރާތް އެއްކޮށް ވާވުމުގެ ސަބަބުން މުޅި އުމުރަށްވެސް ހިނގާބިނގާވެ އުޅުމުން މަޙޫރޫމުވެފައެވެ.

މިއީ ކޮންކަހަލ ދުނިޔެއެއް ހެއްޔެވެ؟ ބައެއް ދުވަސް ދުވަހު ނުހަނު ރީތި ޗާލާކީ ކުލަތަށް އެކި ގޮތް ގޮތަށް ދައްކައިދެއެވެ. އަނެއްބައި ދުވަސް ދުވަހު ހަމަ އެކުލަތައް އަވާ މެންދުރަކަށްވަނީވެސް މަދެއްކޮށެއް ނޫނެވެ.

އެޔަށްފަހު ޒުވާނާގެ ދުނިޔެ ހަނިވެއްޖެއެވެ. ކިތަންމެ ފައިސާ ގިނަ ނަމަވެސް ޞިއްޙަތެއް ނުގަނެވުނެވެ. ވަށައިގެން ޕަރުވާނާތަކެއް ފަދައިން އުޅުނު ރަޙުމަތްތެރިން ލޮލުގެ ކުރިމަތީން ޣައިބުވެއްޖެއެވެ. އެކަނިވެރިޔެކޭ ބުނަން ބޭނުން ނުވި ކަމުގައިވިޔަސް ޙަޤީޤީ އެކަނިވެރިޔަކަށް ވެއްޖެއެވެ. ކަމަކަށް ބޭނުންވިޔަސް ތިބެނީ ތުން ފިއްތައިގެން، މުސާރަކޮޅުގެ ދަހިވެތިކަމުގައި މަސައްކަތްކުރާ ބިދޭސީންނެވެ.

ޒުވާނާ މިކަންތައްތަކާ މާބޮޑަކަށް އަޅައެއްނުލައެވެ. ޒުވާނާގެ ދުނިޔެވަނީ ފަންމީރިއެއްހާ ހަނިވެފައެވެ. ނަމަވެސް ޒުވާނާ ކަންބޮޑުވެ ހާސްވަނީ، ގަދަވެ ސަލާމަތުން ހުރިއިރު ޙައްޤު ގޮތް ނުވިސްނުނީތީއެވެ. ޒުވާން އުމުރުގެ އަގުހުރި ވަގުތުކޮޅު، ބޭކާރު ކަންކަމުގައި ނަގާލެވުނީތީއެވެ. އެކަމަކު ޒުވާނާ އަދިވެސް އުންމީދު ކަނޑައެއް ނުލައެވެ. ހެއްދެވި ފަރާތަށް ތައުބާވީ ހެޔޮހިތުންނެވެ. ދިމާވެފައިވާ ދަތި އުނދަގޫތަކަށް ކެއްކުރަމުންދަނީވެސް ކިޔަމަންތެރިކަމާއި ޙަޤީޤީ އީމާންތެރިކަމާއެކުއެވެ. ﷲ ސުބުޙާނާހޫ ވަތަޢާލާ ދެއްވާފައިވާ ނިޢުމަތްތައް ހާދަހައިވާ ގިނައެވެ. އެހުރިހާ ނިޢުމަތްތަކެއް ހަނދުމަކޮށް ، އެކަލާނގެ ކުޅަދުންވަންތަކަމާއި، ހައިބަތު ހިތަށް ގެނައުމުން ހިތަށް އެލިބޭ ހިތްހަމަޖެހުމެއްގެ ބޮޑުކަމާއެވެ. ޒުވާނާގެ ހިތުގައި މިހާރު އެއްވެސް އޮޅުން ބޮޅުމެއްނެތެވެ. ހިތްއެވަނީ އީމާންތެރިކަމުގެ ހުޅުކޮޅޫން އެކީ އެކައްޗަކަށް ދިއްލި ހުޅުދާންވެފައެވެ. ދުނިޔެއަކީ ފަނާވެދަނިވި ވަގުތީ ފާލަމެކެވެ. ފައިސާއާއި މުދަލަކީ އަވާމެންދުރެއް ފަދަ އެއްޗެކެވެ. ނުހަނު އަވަހަށް ބީވެގެން ހނގައިދާނެއެވެ. އޮށޯވެލައިގެން އޮތް ޒުވާނާގެ ހިތްވަނީ މަޑުމޮޅިވެފައެވެ. ތެދުމަގު ދެއްކެވީތީ ޝުކުރުކުރާ ހާލުގައެވެ. ނަމަވެސް ޒުވާނާގެ ފަސްމަގުގެ އަނދިިރ ދުވަސްތަށް ހަނދާންވުމުން ހިތް ގުޑުން އަރާ ކަހަލައެވެ. އަދިވެސް އެތަދު ހިތުގައި ނުފިލައި ހިނގާކަހަލައެވެ.

ފެންކަޅިވެފައިވާ ޒުވާނާގެ ލޮލުން ނުކުތް ވިދާ ވިދާ އިން ކަރުން ތިއްކެއް، ލުއި ލުއި ގޮތަކަށް ފުރޮޅިލާފައި ގޮސް ކޯތާފަތުގެ ދަށަށް ޣައިބުވެއްޖެއެވެ. ޒުވާނާ ނޭވާ ހިފަހައްޓާލިއެވެ. ނަމަވެސް ކަރުނަތައް ހިފަހައްޓައެއް ނުލެވުނެވެ. ހޯސްލާފައި ފައިބަމުން ދިޔަ ކަރުނަތަކާއެކު، ގިސްލުމުގެ އަޑު ކޮޓަރީގެ ހަތަރު ބިތަށް ހިނދިއްޖެއެވެ.
....................
ޅޮހީ ޢަބްދުއްރަޙީމްގެ ބްލޮގް
www.aruoxam.blogspot.com



Read more...

19 January 2011

މާތް ﷲ ގެ އެއްކައުވަންތަކަމުގެ ހެކިތައް

އައްޝައިޚް ޙަސަން މޫސާ ފިކްރީ
الله سبحانه وتعالىއަކީ އެއްކައުވަންތަ އިލާހުކަމާއި، ޚަލްޤުކުރެއްވުމާއި ރިޒުޤުދެއްވުމުގައި އެކަލާނގެ އެއްކައުވަންތަކަމާއި، އެކަލާނގެ ފިޔަވައި ޙައްޤުވެގެން އަޅުކަމެއްވެވޭ އިލާހަކު ނުވާކަންމުގެ މައްޗަށް ހެކި ލިބޭ ކަންތައްތަކުގެ ތެރޭގައި:
1) الفطرة ފިޠުރަތު
2) الشرع ޝަރުޢީ ދަލީލުތައް
3) العقل ބުއްދީގެ ދަލީލުތައް
4) الحس. ޙިއްސީ ދަލީލުތައް

މިބަޔާންކުރި ކަންތައްތަކުން، ތައުޙީދުގެ ތިންބައިގެ މައްޗަށް ދަލީލު ނުވަތަ ހެކިލިބެއެވެ. ތައުޙީދުގެ ތިންބަޔަކީ އެކުވެ ގުޅިލާމެހިފައިވާ ތިންބައެވެ. އެތިން ބައިންކުރެ ބަޔަކަށް އިންކާރު ކުރުމަކީ ޝިރުކުގެ ތެރެއިން ހިމެނޭ ކަމެކެވެ. އަދި އޭގެތެރެއިން އެއްބަޔަށް އީމާންވެ އެހެން ބައިތައް ދޫކޮށްލުމަކުން ތިމާއަކަށް އީމާންވެވުނީ ކަމުގައެއް ނުވާނެއެވެ.

އޭގެ މިސާލަކީ الله سبحانه وتعالى އަށް މެނުވީ އެކަމެއްގައި ކުޅަދުންވަތަކަން ލިބިވޮޑިގެން ނުވާ ކަމެއްގައި، އެކަލާނގެ ފިޔަވައި އެހެންފަރާތަކަށް އެދި ދުޢާކުރުމެވެ. އެފަދަ ދުޢާއަކީ الله سبحانه وتعالى ފިޔަވައި އެހެންފަރާތަކަށް ކުރެވޭ އަޅުކަމެކެވެ. ވީމާ މިއީ އެކަލާނގެ އުލޫހިއްޔަތުގައި ކުރެވޭ ޝިރުކެކެވެ.

މިފަދައިން الله سبحانه وتعالى ފިޔަވައި އެހެން ފަރާތަކަށް މިސާލަކަށް ވަލީވެރިޔަކަށް ދުޢާކުރުން ނުވަތަ ޒިޔާރަތަކަށް ނަދުރު ބުނުމުގައި، ދުޢާކުރުމުގައި ދުޢާކުރާމީހާގެ ޢަޤީދާއަކީ ނުވަތަ އޭނަ ޤަބޫލުކުރާ ގޮތުގައި الله سبحانه وتعالى ފިޔަވައި ނުވަތަ އެކަލާނގެ އާއެކު އޭނާ އެދުޢާ ކުރާ ފަރާތްވެސް، އޭނާ އެ އެދޭކަންތައް ފުއްދައި ދިނުމުގެ ކުޅަދާނަކަން ލިބިގެންވާ ކަމުގައެވެ. ވީމާ މިއީ الله سبحانه وتعالى ގެ ރުބޫބިއްޔަތުގައި ޝިރުކު ކުރުމެވެ.

ހަމައެފަދައިން، އޭނަ އެދުޢާ ކުރާ ފަރާތަށް މިސާލަކަށް ޒިޔާރަތެއްގައިވާ ވަލީވެރިޔަކަށް ދުޢާކުރަނީ، އެފަރާތަކީ އަޑުއިވޭ ފަރާތެއްކަމުގައި ޤަބޫލުކުރާތީއެވެ. ވީމާ މިއީ الله سبحانه وتعالى ގެ الأسماء والصفات ގައި ޝިރުކު ކުރުމެވެ. އެހެނީ އޭނާއަށް އެޤަބޫލުކުރެވެނީ އެދުޢާކުރާ ފަރާތަކީ ހުރިހާ އެންމެންގެ އަޑު ދުރުންނާއި ގާތުން ފުރިހަމައަށް އިވޭ ފަރާތެއް ކަމުގައެވެ.

އިސްވެދިޔަ ވާހަކަތަކުން ދޭހަވަނީ، الله سبحانه وتعالى ގެ އުލޫހިއްޔަތުގައި ޝިރުކު ކުރުމަކީ އެކަލާނގެ ރުބޫބިއްޔާތާއި الأسماء والصفات ގައި ޝިރުކުރުން ލާޒިމުކުރާ ކަމެއްކަމުގައެވެ.
1- الفطرة ފިޠުރަތު
ބަހުގެ ގޮތުން ފިޠުރަތަކީ އުފެއްދެވިގެންވާ ގޮތެވެ. ނުވަތަ خلق ކުރެއްވިގެންވާ ގޮތެވެ. ޝަރުޢީ ގޮތުން ބަލާއިރު ފިޠުރަތަކީ إسلام ކަމެވެ. އެއި شيخ الإسلام ابن تيمية އާއި ابن القيم ގެ ރައުޔުވެސް މެއެވެ.

ކޮންމެ މަޚްލޫޤަކުވެސް الله سبحانه وتعالى އުފައްދަވާފައިވަނީ އޭނާ އުފެއްދެވި ފަރާތަށް އީމާންވާ ޙާލުގައި، އީމާންކަމުގެ މަތީގައެވެ. އެއީ އޭނާގެ އެއްވެސް ވިސްނުމެއް، ފިކުރެއް، ތަޢްލީމެއް އެކަމުގެ މައްޗަށް ބޭނުންޖެހިގެންވާ ކަމެއްނޫނެވެ. އުފެދުމުގައި الله سبحانه وتعالى ލައްވާފައިވާ މި ޤަބޫލުކުރުން ނުވަތަ ޢަޤީދާ ބަދަލުކޮށްލާނޭ ކަމެއް މެދުވެރި ނުވާހާ ހިނދަކު، އިންސާނާގެ އަޞްލު ޢަޤީދާއަކީ މިއީއެވެ.

މާތް ނަބިއްޔާ صَلَّ اللهُ عَلَيْهِ وَسَلَّمْ ޙަދީޘްކުރައްވާފައިވެއެވެ. "مَا مِنْ مَوْلُوْدٍ إِلاَّ يُوْلَدُ عَلَى الْفِطْرَةِ، فَأَبَوَاهُ يُهَوِّدَانِهِ، أَوْ يُنَصِّرَانِهِ، أَوْ يُمَجِّسَانِهِ" މާނައީ: "ދުނިޔެއަށް އުފަންވާ އެއްވެސް ކުއްޖަކު ފިޠުރަތުގެ މަތީގައި މެނުވީ އުފަން ނުވެއެވެ. ދެން އޭނާ ޔަހޫދީއަކަށް ނުވަތަ ނަޞާރާއަކަށް ނުވަތަ މަޖޫސީއަކަށް ހަދަނީ އޭނާގެ މައިންބަފައިންނެވެ." އަދި ބައެއް ރިވާޔަތްތަކުގައި މިފަދައިންވެސް ވާރިދުވެފައިވެއެވެ. "إِلاَّ عَلىَ هَذِهِ المِْلَّةِ" އެބަހީ: އެކުއްޖާ މި މިއްލަތުގައި މެނުވީ އުފަންނުވެއެވެ."

އަދި މާތް ނަބިއްޔާ صَلَّ اللهُ عَلَيْهِ وَسَلَّمْ ގެ ޤުދުސިއްޔަ ޙަދީޘްފުޅެއްގައި الله سبحانه وتعالى ވަޙީކުރައްވާފައިވެއެވެ. "إِنِّيْ خَلَقْتُ عِبَادِيْ حُنَفَاءَ كُلُّهُمْ، وَإِنَّهُمْ أَتَتْهُمُ الشَّيَاطِيْنُ فَاجْتَالَتُهُمْ عَنْ دِيْنِهِمْ". މާނައީ: "ތިމަންރަސްކަލާނގެ އަޅުތަކުން ޚަލްޤުކުރެއްވީ އެއްކައުވަންތަކަމުގެ ދީންމަތީގައެވެ. ދެން އެމީހުންގެ ގާތަށް ޝައިޠާނާ އައިސް އެމީހުން އެދީނުން އެއްކިބާކުރިއެވެ."

އިންސާނާ އުއްފައްދަވާފައިވަނީ، ދަތި އުނދަގޫތަކާއި މުޞީބާތްތަކުގެ ވަގުތުގައި الله سبحانه وتعالى ގެ ޙަޟުރަތައް ރުޖޫޢަވާފަދަ ގޮތެއްގައެވެ. ކޮންމެ އިންސާނަކަށްވެސް ބޮޑުވެގެންވާ ދަތި އުނދަގުލެއް ނުވަތަ ބިރުވެރިކަމެއް ކުރިމަތިވެއްޖެނަމަ، އެމީހަކީ ދީނެއް، އިލާހެއް، ޤަބޫލު ނުކުރާ މީހެއް ކަމުގައި ވިޔަސްވެސް، ބޮޑެތި މުޞީބާތުގެ ވަގުތުގައި އެހެނިހެން ޚިޔާލުތަކާއި ފިކުރުތައް އެއިންސާނާއާއި ވަކިވެއެވެ. އަދި އޭނާގެ ފިޠުރަތުގެ އަޞްލު މެނުވީ އޭނާއާއި އެކުގައި ނުވެއެވެ. އެއީ الله سبحانه وتعالى އެއްކައުވަންތަ ކަމަށް އިޤުރާރުވުމެވެ. އެފަދަ ޙާލަތެއްގައި އޭނާގެ ހިތުގެ އެންމެ ފުންމިނުން، އޭނާގެ ނަފްސު އެދިގޮވާނީ އޭނާ ހެއްދެވި އިލާހަށެވެ. އޭނާއަށް ކުރިމަތިވެފައިވާ ބިރުވެރިކަމާއި ދަތިކަން ސަލާމަތް ކޮށްދެއްވުމަށް އެދި ދަންނަވާނީ ހަމައެކަނި އޭނާގެ ވެރިރަސްކަލާނގެ އަށެވެ. އެކަލާނގެ ފިޔަވައި އެހެން އެއްވެސް ފަރާތެއް އެފަދަ ވަގުތެއްގައި އޭނާއަކަށް ހަނދާނެއް ނުވާނެވެ.

މިވާހަކަ އަންގަވަމުން الله سبحانه وتعالى ވަޙީކުރައްވާފައިވެއެވެ. لِيَكْفُرُوا بِمَا آتَيْنَاهُمْ وَلِيَتَمَتَّعُوا فَسَوْفَ يَعْلَمُونَ (العنكبوت: 65)
މާނައީ: "ފަހެ އެއުރެން ނަވަށް އެރިހިނދު، އެކަލާނގެއަށް އީމާންކަން ޚާލިޞްކުރާ ޙާލުގައި، الله سبحانه وتعالى އަށް އެއުރެން ދުޢާކުރެތެވެ. ފަހެ އެކަލާނގެ އެއުރެން ސަލާމަތްކުރައްވައި، އެއްގަމަށް ގެންނެވި ހިނދު، އެއުރެން އެކަލާނގެއަށް ޝަރީކު ކުރެތެވެ."

އިންސާނާ އުފަންވަނީ މަގު ގެއްލިފައިވާ ޙާލުގައި ޝިރުކަކީ ކޮބައިކަން ނުވަތަ الله سبحانه وتعالى ގެ އެއްކައުވަންތަކަމަކީ ކޮބައިކަން ނޭނގޭ ޙާލުގައެއް ނޫނެވެ. އިސްވެ ބަޔާންކުރެވުނު ޙަދީޘްފުޅުންވެސް ދޭހަވި ފަދައިން ކޮންމެ މީހަކުވެސް އުފަންވަނީ އިސްލާމްކަންމަތީގައި الله سبحانه وتعالى ގެ އެއްކައުވަންތަކަމަށް އިޤުރާރުވާ ޙާލުގައޭ ޙަދީޘް ކުރައްވާފައިވުމުގެ މާނައަކީ، އޭނާގެ ނަފްސާއި ޠަބީޢަތުގައި އެކަންކަމުގެ މައްޗަށް ލޯބި الله سبحانه وتعالى ވަނީ އޭނާގެ ކިބައިގައި ލައްވާފައެވެ. އެކަލާނގެ ރުބޫބިއްޔަތަށާއި އުލޫހިއްޔަތަށް އޭނާގެ ހިތުގައި ލައްވާފައިވެއެވެ. އުފަންވިއިރު ހުރި ޠާހިރުކަންމަތީގައި، އެތުއްތު ކުއްޖާގެ ޢަޤީދާ ބަދަލު ކޮށްލާނޭ ކަމެއް މެދުވެރިނުވެ ހުރެއްޖެނަމަ އޭނާގެ ހިތުގައި الله سبحانه وتعالى ގެ އެއްކައުވަންތަކަމަށް ލޯބި ހުންނާނެއެވެ. އެއީ އެފަދަ ތުއްތު ކުއްޖަކަށް ކާންބޯން ނުވަތަ މައިމީހާގެ ގާތުން ލިބޭ ކިރުފޮދަށް ލޯބިކުރާ ފަދައިންނެވެ.

2- الشرع ޝަރުޢީ ދަލީލުތައް
الله سبحانه وتعالى ވޮޑިގެންވާކަމުގެ ޝަރުޢީ ދަލީލުތަކާއި، އެކަލާނގެއީ އެއްކައުވަންތަ އިލާހުކަމުގެ މައްޗަށްހުރި ދަލީލުތައް ވަރަށްވެސް ގިނައެވެ. الله سبحانه وتعالى ބާވައިލެއްވި ކޮންމެ ފޮތަކީ އަދި އެކަލާނގެ ފޮނުއްވެވި ކޮންމެ ރަސޫލަކު ވަޑައިގެންނެވީ މިކަން ބަޔާންކޮށްދެވުމަށްޓަކައެވެ.

الله سبحانه وتعالى ވަޙީކުރައްވާފައިވެއެވެ. وَمَا أَرْسَلْنَا مِن قَبْلِكَ مِن رَّسُولٍ إِلَّا نُوحِي إِلَيْهِ أَنَّهُ لَا إِلَهَ إِلَّا أَنَا فَاعْبُدُونِ (الأنبياء: 25)
މާނައީ: "ހަމަކަށަވަރުން، ތިމަންރަސްކަލާނގެ މެނުވީ އިލާހަކު ނުވާކަމަށް އެބޭކަލަކަށް ވަޙީނުކުރައްވާ އެއްވެސް ރަސޫލަކު، ކަލޭގެފާނުގެ ކުރިންވެސް ތިމަންރަސްކަލާނގެ ނުފޮނުއްވަމެވެ. ފަހެ، ތިޔަބައިމީހުން (ހަމައެކަނި) ތިމަންރަސްކަލާނގެއަށް އަޅުކަން ކުރާށެވެ."

الله سبحانه وتعالى ފޮނުއްވެވި އެންމެހާ ރަސޫލުންނާއި، އެކަލާނގެ ބާވައިލެއްވެވި އެންމެހައި ފޮތްތަކަކީވެސް އެކަލާނގެ އެއްކައުވަންތަކަމުގެ ހެކިތަކެކެވެ. އެފޮތްތަކުގައިވާ ޙުކުމްތަކާއި އަޅުކަމުގެ ބާވަތްތަކާއި، މީސްތަކުންގެ މަޞްލަޙަތަށްޓަކައި ކަނޑައަޅުއްވާފައި ހުރި ރިވެތި އުޞޫލުތަކުން މިކަމުގެ މައްޗަށް ފުރިހަމައަށް ހެކިލިބެއެވެ.

3- العقل ބުއްދީގެ ދަލީލުތައް
ކޮންމެ އުފެއްދެވިގެންވާ އެއްޗަކީ ނުވަތަ މިކާއިނަތުގައިވާ ކޮންމެ އެއްޗަކީވެސް އެ އެއްޗެއް ހެއްދެވި ފަރާތެއް ވާކަމުގެ ދަލީލެކެވެ. އެހެނީ އެއްވެސް އެއްޗެއް ހަމަ ހުރެފައެއް ނުއުފެދޭނެއެވެ. އަދި އެ އެއްޗެއްގެ ނަފްސަކުން އަމިއްލައަކަށްވެސް އުފެދޭނެ ކަމަކަށް ބުއްދި ޤަބޫލެއް ނުކުރެއެވެ. އެއްވެސް ކަމަކީ ކުއްލިއަކަށް އޭގެ އަމިއްލަ ޒާތުގައިވާ ކަންކަމެއް ނޫނެވެ. ވީމާ މިކާއިނާތުގައި އެކުލެވިގެން މިވާ ފުރިހަމަ ނިޒާމާއި، ކަންތައްތައް ހިނގުމުގައި މިވާ ފުރިހަމަ ތަރުތީބަކީ އެކަންތައްތައް ބަލަހައްޓަވައި އަދި ހިންގަވާނޭ ފަރާތެއް ނެތި ވާނޭ ކަންކަން ކަމުގައި ބުއްދި ޤަބޫލެއް ނުކުރެވެ.

ހަމައެފަދައިން މިހުރިހާ މަޚުލޫޤުންނަކީވެސް އެހެން ފަރާތަކަށް ބޭނުންޖެހިފައިވާ މަޚްލޫޤުންތަކެކެވެ. އެއްވެސް މަޚުލޫޤަކީ އަމިއްލަ ފުދުންތެރިކަމުގައި އެހެން ފަރާތަކަށް ބޭނުންވުމެއް ނެތި އުޅެވޭ އެއްޗަކަށް ނުވާހިނދު އެހެން ފަރާތަކަށް ބޭނުން ޖެހުމުގެ މިސިފައަކީ ކޮންމެ މަޚުލޫޤެއްގެވެސް ޒާތުގައި އެކުލެވިގެންވާ، ލާޒިމު ސިފައެކެވެ. މި ބޭނުން ޖެހުންވެސް ދަލީލު ކުރަނީ އެހުރިހާ މަޚްލޫޤުތަކުންގެ ކަންތައްތައް ބަލަހައްޓަވާ އިލާހަކުވާނޭކަމެވެ. އަދި އެއީ އެހެން އެއްޗެއްސަށް ބޭނުންވުމުން ހުސްޠާހިރުވެގެންވާ އެއްކައުވަންތަ އިލާހެވެ. އެއީ رب العالمين އެވެ.

މިފަދަ ބުއްދީގެ ދަލީލުތައް ކީރިތި ޤުރްއާނުގައިވެސް الله سبحانه وتعالى ވަނީ ވަޙީކުރައްވާފައެވެ. أَمْ خَلَقُوا السَّمَاوَاتِ وَالْأَرْضَ بَل لَّا يُوقِنُونَ (الطور: 35)
މާނައީ: "ނުވަތަ ހެއްދެވި ފަރާތެއްނެތި އެއުރެން ހެދިގަތީހެއްޔެވެ؟ ނުވަތަ ހެއްދެވި ފަރާތަކީ، އެއުރެން ހެއްޔެވެ؟" އެބަހީ: އެއްވެސް ފަރާތެއް ހެއްދެވުމަކާ ނުލައި އެމީހުން އަމިއްލައަށް ނުއުފެދޭނެއެވެ. އަދި އެމީހުންގެ ނަފްސުތަކުން އެމީހުން އަމިއްލައަށް އުފެދުން އެއީވެސް މުސްތަޙީކުލު ކަމެކެވެ.

جبير بن مطعم ވިދާޅުވިއެވެ. رَسُوْلُ اللّهِ صَلَّ اللهُ عَلَيْهِ وَسَلَّم ޠޫރު ސޫރަތް ކިޔަވާ ވިދާޅުވަނިކޮށް ތިމަންނާއަށް އަޑު އިވުނެވެ. (އޭރު ޖުބައިރަކީ މުޝްރިކެކެވެ.) މާތް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ މިއާޔަތާއި ހަމައަށް ކިޔަވައި ވިދާޅުވުމުން، މިއާޔަތުގެ އަޑު ތިމަންނާއަށް އިވުމުން ތިމަންނާގެ ހިތް ހީވީ މޭފަޅާފައި ނުކުމެގެން ހިނގައި ދާނޭ ހެންނެވެ. އީމާންކަން ތިމަންނާގެ ހިތަށް އެންމެ ފުރަތަމަ ވަނީ އެހިނދުގައެވެ."

އެއްވެސް އިލާހަކު ނުވެޔޭ ނުވަތަ ތިމަންމެން އުފެދުނީ އަމިއްލަޔަށޭ ބުނާމީހުން އެބުނާ ބަހެކޭ އެއްވަރަށް ދެކޮޅު ނުޖެހޭ، އަދި ހަމަނުޖެހޭ އަނެއް ވާހަކައަކީ الله سبحانه وتعالى އަށް ބައިވެރިންތަކެއް ވާކަމަށް ކުރެވޭ ދަޢުވާއެވެ. ނުވަތަ އެކަލާނގެއަށް ދަރިކަލަކު ވާކަމަށް ނަޞާރާއިން ކުރާ ދަޢްވާއެވެ. ނުވަތަ ހިންދޫއިން އެމީހުންގެ ކަލާނގެ ދަރީންނާއި އަނބީންނާއި ތިބޭކަމުގެ ޤަބޫލުކުރާ ކުރުންފަދަ ޢަޤީދާތަކެވެ. އަޅުގަނޑުމެންގެ ޙަޔާތުގެ ތަޖުރިބާތަކުގެ އަލީގައިވެސް، އެއީ ބާޠިލު ޢަޤީދާއެއްކަން ދޭހަވެއެވެ.

ބުއްދިން ވިސްނައި ފިކުރިކޮށްލައިފި މީހަކަށް الله سبحانه وتعالى ގެ އެއްކައުވަންތަކަން ސާފުކޮށް އެނގޭނެތެވެ. އަޅުގަނޑުމެންގެ ދިވެހިބަހުގައި ކިޔާ މިސާލެއް އޮވެއެވެ. އެއީ "އެއް އުރައެއްގައި ދެކަނޑިއަކަށް ނޯވެވޭނެވާހަކައެވެ." މިއީ އިހުގެ މީހުން ބުއްދިކޮށް ބުނެއުޅޭ ބަހެކެވެ. ނަމަވެސް މިކަމުގެ ޙަޤީޤަތަކީ މިކައުނުގައިވެސް الله سبحانه وتعالى ފިޔަވައި އެހެން އިލާހަކު ވަނީނަމަ މުޅިކައުނު ފަސާދަވެ ހިނގައްޖައީސްކަން ކަށަވަރެވެ. މާތްﷲ ވަޙީކުރައްވާފައިވެއެވެ. لَوْ كَانَ فِيهِمَا آلِهَةٌ إِلَّا اللَّهُ لَفَسَدَتَا فَسُبْحَانَ اللَّهِ رَبِّ الْعَرْشِ عَمَّا يَصِفُونَ (الأنبياء: 22)
މާނައީ: "އުޑާއި ބުމުގައި الله ފިޔަވައި އެހެން އިލާހަކު ވަނީނަމަ އެދެތަން ފަސާދަ ވެއްޖަހީހެވެ. ފަހެ ޢަރުޝީގެ ވެރިރަސްކަލާނގެ އެމީހުން އެޞިފަކުރާ ކަންތައްތަކުން ހުސްޠާހިރުވަންތަވެ ވޮޑިގެންވެއެވެ."

އިސްވެ ދެންނެވިފަދައިން މިއީ އަޅުގަނޑުމެންގެ ޙަޔާތުގައި ތަޖުރިބާ ކުރެވިފައިވާ ކަމެކެވެ. އެއްވެސް ޤައުމުގެއްގައި ދެ ރައީސަކަށް ނުހުރެވޭނެފަދައިން، ނުވަތަ ހުރެއްޖެނަމަ އެދެފަރާތުގެ ދެމެދުގައި މައްސަލަތަކާއި ކޯޅުންތައް އުފެދި މުޅިގައުމު ބައިބައިވެދާ ފަދައިން މިކައުނުގައިވެސް އިތުރު އެހެން އިލާހުންތަކެއް ވުމަކީ މިކައުނު ބައިބައިވެ ފަސާދަވެގެން ހިނގައިދާނެއެވެ.

އެހެންވީމާ، ބުއްދީގެ އަހުލުވެރިން، ކަންކަމުގެ ޙަޤީޤަތް ހޯދައި ބަލާމީހުންނަށް ޙައްޤަކީ ކޮބައިކަން އެނގި އެމީހުންގެ ބުއްދީގެ ސަބަބުން ޙައްޤުގެ މަގަށް އެމީހުންނަށް ވަނީ މަގު ފެނިފައެވެ. މިފަދަ މީހުންގެ ތެރެއިން އެންމެ ފުރިހަމަ މިސާލަކީ ޖާހިލިއްޔަ ޒަމާނުގައި ޙައްޤުގެ މަގު ހޯދުމަށް މަސައްކަތްކުރި މީހުންނެވެ. އެމީހުންގެ ބުއްދީގެ ސަބަބުން، މައްކާގެ މުޝްރިކުން ކޮށްއުޅުނު ޢަމަލުތަކަކީ ބާޠިލު ގޮތްތަކެއްކަން އެނގުނެވެ. އެފަދަ މީހުންގެ ތެރޭގައި ޒައިދު ބުނު ޢަމްރު ބުނު ނުފައިލާއި، ސަޢާދު ބުނު ޒައިދާއި ވަރަޤަތު ބުނު ނައުފަލު ފަދަ ބޭކަލުން ހިމެނުނެވެ. އެމީހުންގެ ވާހަކަ ތަކުގެ ތެރޭގައި، އެމީހުން އެއްކައުވަންތަ އިލާހަކަށް އީމާންވާކަން އެނގެން އެބަހުއްޓެވެ.

ޤުސް ބިން ސާޢިދާ، ޖާހިލިއްޔަ ޒަމާނުގައި މައްކާގެ ޢުކާޡު ބާޒާރުގައި އޭނާ ދިން މަޝްހޫރު ޚުޠުބާގައި ކިޔާފައިވެއެވެ. " أيها الناس اسمعوا وعوا، من عاش مات ومن مات فات، وكل ما هو آتٍ آتٍ، ليل داج، ونهار ساج، وسماء ذات أبراج، ونجوم تُزهر، وبحار تزْخَر، وجبال مرساة، وأرض مدحاة، وأنهار مجراة، إن في السماء لخبراً وإن في الأرض لعبراً، ما بال الناس يذهبون فلا يرجعون ؟ أرضوا في المقام فأقاموا ؟ أم تركوا فناموا ؟ "
މާނައީ: "އޭ މީސްތަނުންނޭވެ! އަޑުހައި ދަސްކުރާށެވެ! ދިރިއުޅުނު ކޮންމެ މީހަކީ މަރުވާނޭ މީހެކެވެ. މަރުވެއްޖެ މީހަކީ ނެތިގޮސްފައިވާ މީހެކެވެ. ވާނޭ ކޮންމެ ކަމެއް ވެހިނގައި ދާނެވެ. އަނދިރި ރޭގަނޑެކެވެ. އަލި ދުވާލެކެވެ. ބުރުޖުތަކުން ފުރިގެންވާ އުޑެކެވެ. ވިދައި ބަބުޅާ ތަރިތަކެކެވެ. އަދި ގަދަ ކަނޑެކެވެ. އުސްފަރުބަދަ ތަކެކެވެ. ފެތުރިފައިވާ ބިމެކެވެ. ހިނގަހިނގާ ހުންނަ ކޯރުތަކެކެވެ. އުޑުގައިވަނީ ޚަބަރެވެ. ބިމުގައިވަނީ ޢިބުރަތެވެ. މީސްތަކުން ދިޔުމަށްފަހު އެނބުރި ނާންނަނީ ކީއްވެގެން ހެއްޔެވެ؟ އެތަނާމެދު ރުހެވޭތީ ނާންނަނީ ހެއްޔެވެ؟ ނުވަތަ އެމީހުން ދޫކޮށްގޮސް ނިދީހެއްޔެވެ؟"

މިޒަމާނުގެ ސައިންސްވެރިންނާއި ރިސާޗުތަކާއި ދިރާސާތައް ހަދާމީހުންގެ ތެރެއިން ވަރަށް ގިނަ ބަޔަކު الله سبحانه وتعالى ގެ އެއްކައުވަންތަކަމަށްވަނީ އިޤުރާރުވެފައެވެ. މިފަދަ މިސާލުތައް ވަރަށްވެސް ގިނައެވެ. ތިމާއަށް ލިބިފައިވާ ޢިލްމުގެ ސަބަބުން އީމާންކަމަށް މަގުދައްކައެވެ.

މިވާހަކަތަކުންވެސް ދޭހަވަނީ ބުއްދިން الله سبحانه وتعالى ގެ އެއްކައުވަންތަކަމަށް ދަލީލު ލިބޭކެމެވެ. ދެން އުފެދޭ ސުވާލަކީ ބުއްދިން الله سبحانه وتعالى ގެ އެއްކައުވަންތަކަމަށް ދަލީލު ނުލިބެންޏާ ދެންހަދާނީ ކިހިނެއްތޯ ނުވަތަ ތިމާގެ ބުއްދި އެއްކައުވަންތަކަމަށް އިންކާރު ކުރާނެބާއެވެ؟ މިސުވާލުގެ ޖަވާބުގައި ބުނަން އޮތީ، الله سبحانه وتعالى ގެ އެއްކައުވަންތަކަން ބުއްދީން އިންކާރު ކުރާނަމަ އެއީ ބުއްދީގައި ހުރި އުނިކަމެކެވެ. ޢަރަބި ޅެންވެރިޔަކު ކިޔާފައިވެއެވެ.

إذا ادعى عقلك إنكاره ބުއްދިން އެކަލާނގެ އެއްކައުވަންތަކަން އިންކާރު ކުރާނަމަ
فأنكر العقل ودعواه ތިބާގެ ބުއްދި އާއި އެބުއްދީގެ އެދަޢުވާއަށް އިންކާރުކުރާށެވެ.

މިވާހަކަތުން ބަޔާންވެ އެނގެނީ، މިކައުނު އުފެދުނީ އޭގެ ޒާތުގައި އަމިއްލަޔަށް ކަމުގައި ބުނާ މީހުންގެ އެވާހަކައަކީ ދެކޮޅުޖެހޭ ވާހަކައެއް ނޫނެވެ. އަދި ޚާލިޤަކީ ޠަބީޢަތް ކަމުގައި އެބުނާ ބުނުމަކީވެސް ތާކުންތާކު ޖެހޭ ރަނގަޅު ވާހަކައެއް ނޫނެވެ.

މިކާއިނާތުގައިވާ އެންމެހައި ތަކެއްޗަކުން الله سبحانه وتعالى ގެ އެއްކައުވަންތަކާމާއި އެކަލާނގެ ތައުޙީދުގެ މައްޗަށް ދަލީލު ލިބެއެވެ. އަދި މިކަން އިންކާރުކުރާ މީހާ ނުވަތަ މިކަން ޤަބޫލު ނުކުރާ މީހާ ޤަބޫލު ނުކުރަނީ އޭނާގެ އަމިއްލަ ނަފްސުގެ އަނިޔާވެރިކަމުންނެވެ. الله سبحانه وتعالى ވަޙީކުރައްވާފައިވެއެވެ. قُتِلَ الْإِنسَانُ مَا أَكْفَرَهُ - مِنْ أَيِّ شَيْءٍ خَلَقَهُ - مِن نُّطْفَةٍ خَلَقَهُ فَقَدَّرَهُ (عبس: 17 – 19)
މާނައީ: "އިންސާނާއަށް ލަޢްނަތް ލެއްވިއެވެ. އޭނާގެ ހުރި ކާފަރުކަމުގެ ބޮޑުކަމާއެވެ. (17) އެކަލާނގެ އެއިންސާނާ ހެއްދެވީ ކޮން އެއްޗަކުން ހެއްޔެވެ؟ (18) އެކަލާނގެ އެއިންސާނާ ހެއްދެވީ މަނި ތިއްކަކުންނެވެ. ދެން އެއިންސާނާގެ ހުރިހާ ކަމެއް މިންވަރު ކުރެއްވިއެވެ.(19)"

4- الحس ޙިއްސީ ދަލީލުތައް
ޙިސުންތަކުން ވަރަށް ސާފުކޮށް الله سبحانه وتعالى ގެ އެއްކައުވަންތަކަމަށް ހެކިލިބެއެވެ. އެފަދަ ހެކިތައް ވަރަށްވެސް ގިނައެވެ. އޭގެ ތެރެއިން:

ހ) ދުޢާ އިޖާބަކުރެއްވުން
މުޞީބާތާއި ދަތި އުނދަގުލުގެ ވަގުތުތަކުގައި ކަންކަމަށް އެދި ދަންނަވާ ދެންނެވުންތައް އެކަލާނގެ އިޖާބަކުރައްވައެވެ. އަދި އެމީހުން އެދޭކަންތައްތައް ފުއްދަވައި ދެއްވައެވެ. މިކަމަށް ހުރި ދަލީލުތަކުގެ ތެރެއިން އެންމެ ސާފުކަންބޮޑު ދަލީލުތަކަކީ ނަބިއްޔުންގެ ދުޢާފުޅުތަކެވެ.

އެގޮތުން ނޫޙުގެފާނު އެކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް ދުޢާކުރެއްވިއެވެ. فَدَعَا رَبَّهُ أَنِّي مَغْلُوبٌ فَانتَصِرْ - فَفَتَحْنَا أَبْوَابَ السَّمَاء بِمَاء مُّنْهَمِرٍ - وَفَجَّرْنَا الْأَرْضَ عُيُونًا فَالْتَقَى الْمَاء عَلَى أَمْرٍ قَدْ قُدِرَ (القمر: 10 - 12)
މާނައީ: "ފަހެ އެކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް، އެކަލޭގެފާނު ދުޢާކުރައްވައި ވިދާޅުވިއެވެ. ހަމަކަށަވަރުން، މިއަޅާ ވަނީ ދެރަކޮށްލެވިފައެވެ. ފަހެ މިއަޅާއަށް ނަޞްރު ދެއްވާނދޭވެ!(10) ފަހެ، ބޯކޮށް އޮހިގަންނަ ފެނަކަށް ތިމަންރަސްކަލާނގެ އުޑުގެ ދޮރުތައް ހުޅުއްވެވީމެވެ. (11) އަދި ތިމަންރަސްކަލާނގެ ފެންއާރުތަކަށް ބިންގަނޑު ފެޅުއްވެވީމެވެ. ފަހެ، ނިޔާ ކުރައްވާފައިވާ ކަމެއްގެ މައްޗަށް ދެފެންގަނޑު ދެފަރާތުން (އުޑުން އޮހުނު ފެނާއި، ބިމުން އެރިފެން) ބައްދަލުވިއެވެ. (12)"

ޔޫނުސްގެފާނުގެ ވާހަކަ އަންގަވަމުން އެކަލާނގެ ވަޙީކުރެއްވިއެވެ. وَذَا النُّونِ إِذ ذَّهَبَ مُغَاضِبًا فَظَنَّ أَن لَّن نَّقْدِرَ عَلَيْهِ فَنَادَى فِي الظُّلُمَاتِ أَن لَّا إِلَهَ إِلَّا أَنتَ سُبْحَانَكَ إِنِّي كُنتُ مِنَ الظَّالِمِينَ (الأنبياء: 87)
މާނައީ: "ފަހެ، އެކަލޭގެފާނު އަނދިރިތަކުގެ ތެރޭގައި ދުޢާކުރެއްވިއެވެ. އިބަރަސްކަލާނގެ މެނުވީ އިލާހަކު ނުވެއެވެ. އިބަރަސްކަލާނގެ ހުސްޠާހިރުވަންތަކަމާއެވެ. ހަމަކަށަވަރުން އަނިޔާވެރިންގެ ތެރެއިން ތިމަންކަލޭގެފާނުވީމެވެ!" ދެން الله سبحانه وتعالى އެކަލޭގެފާނުގެ ދުޢާ އިޖާބަކުރެއްވިއެވެ. އަދި މަހުގެ ބަނޑުން އެކަލޭގެފާނު ސަލާމަތްކުރެއްވިއެވެ.

އަދި އައްޔޫބުގެފާނުގެ ވާހަކަ އަންގަވައި ވަޙީކުރެއްވިއެވެ. وَاذْكُرْ عَبْدَنَا أَيُّوبَ إِذْ نَادَى رَبَّهُ أَنِّي مَسَّنِيَ الشَّيْطَانُ بِنُصْبٍ وَعَذَابٍ - ارْكُضْ بِرِجْلِكَ هَذَا مُغْتَسَلٌ بَارِدٌ وَشَرَابٌ - وَوَهَبْنَا لَهُ أَهْلَهُ وَمِثْلَهُم مَّعَهُمْ رَحْمَةً مِّنَّا وَذِكْرَى لِأُوْلِي الْأَلْبَابِ (ص: 41 -43)
މާނައީ: "ތިމަންރަސްކަލާނގެ އަޅާ އައްޔޫބުގެފާނު ހަނދުމަކުރައްވާށެވެ! އެއީ އެކަލޭގެފާނުގެ ވެރިރަސްކަލާނގެ ޙަޟުރަތަށް ދުޢާދެންނެވި ހިނދުގައެވެ. އެކަލޭގެފާނު ދެންނެވިއެވެ. އަޅުގެ ގައިގައި ޝައިޠާނާ ބީހި، އެކަލޭގެ ފާރާތުން އަޅާއަށް ވަރުބަލިކަމާއި ވޭން ލިބިއްޖެއެވެ.(41) (އެކަލޭގެފާނަށް އެންގެވިއެވެ.) ކަލޭގެފާނުގެ ފައިންޕުޅުން (ބިމުގައި) ޖައްސަވާށެވެ! (ދެން އެތަނުން ފެން އާރެއް ނުކުތުމުން އެންގެވިއެވެ.) މިއީ ކަލޭގެފާނު ނާނެފިއްލެވުމަށާއި، ހިއްޕެވުމަށްވާ ފިނި ފެނެވެ."

އަދި ޞަޙީޙުލް ބުޚާރީގައި أنس ގެފާނުގެ އަރިހުން ރިވާވެގެން ވެއެވެ. ހުކުރު ދުވަހު މާތް ނަބިއްޔާ ޞައްލައްﷲ ޢަލައިހި ވަސައްލަމަ މެންބަރުގައި ހުންނަވައިގެން ޚުޠުބާ ދެއްވަނިކޮށް ރަށްފުށުގެ މީހަކު މިސްކިތަށްވަނެވެ. އަދި ބުންޏެވެ. އޭ الله سبحانه وتعالى ގެ ރަސޫލާއެވެ! މުދާތަށް ހަލާކުވެއްޖެވެއެވެ. އަދި އަނބިދަރިން ބަނޑަށް ޖެހިއްޖެއެވެ. ފަހެ ތިމަންމެންނަށް ދުޢާކޮށް ދެއްވާށެވެ! ދެން އެކަލޭގެފާނުގެ ދެއަތްޕުޅު އުފުއްލަވައި ދުޢާކުރެއްވިއެވެ. ފަހެ ފަރުބަދަތަކެއްހާ ބިޔަ ވިލާތައް އައިސް އުޑުމަތި ބަނަކުރިއެވެ. އެކަލޭގެފާނު މިންބަރު ފައިބައިވަޑައިގަތުމުގެ ކުރީގައި، އެކަލޭގެފާނުގެ ތުނބުޅިފުޅަށް ވާރޭތިކި ޖަހަންފެށިތަން ތިމަންމެން ދެކުނީމެވެ. އަދި ޖެހިގެން އައި ހުކުރު ދުވަހު ހަމައެމީހާ ނުވަތަ އެހެން މީހަކު ތެދުވެ ދެންނެވިއެވެ. އޭ الله سبحانه وتعالى ގެ ރަސޫލާއެވެ. ބިނާތައް ހަލާކުވެއްޖެއެވެ. މުދާތަށް ޣަރަޤުވެއްޖެއެވެ. ފަހެ ތިމަންމެނަށް ދުޢާކޮށްދެއްވާށެވެ. ދެން އެކަލޭގެފާނުގެ ދެއަތްޕުޅު އުފުއްލަވައި ދުޢާކުރެއްވިއެވެ. "اللهم حوالينا ولا علينا" ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! ތިމަންމެންގެ ވަށައިގެންވާ ހިސާބުތަކަށް ވާރޭ ފޮނުއްވައި ތިމަންމެންގެ މަތީން ވާރޭ ހުއްޓަވާނދޭވެ!" ދެން އެކަލޭގެފާނު އިޝާރާތް ކުރައްވައި ނިމިވަޑައި ނުގަންނަވަނީސް ވާރޭ ހުއްޓިއްޖެއެވެ.

ދުޢާ އިޖާބަ ކުރެއްވުމުގެ ޝަރުޠުތައް ފުރިހަމަ ކުރުމާއެކު ދުޢާ ކުރަނީނަމަ الله سبحانه وتعالى އެދުޢާ އިޖާބަކުރައްވާނެތެވެ.

ށ) ރަސޫލުބޭކަލުންގެ ތެދުވެރިކަން
މިއީވެސް الله سبحانه وتعالى ގެ އެއްކައުވަންތަކަމުގެ މައްޗަށް ލިބޭ ޙިއްސީ ދަލީލެކެވެ. އެހެނީ ރަސޫލުބޭކަލުން الله سبحانه وتعالى ގެ ރިސާލަތު ފުރިހަމަ ކުރެއްވިއެވެ. އަދި الله سبحانه وتعالى ގެ އެންގެވުންތައް މީސްތަކުންނަށް ފޯރުކޮށްދެއްވިއެވެ. الله سبحانه وتعالى އެބޭކަލުން މީސްތަކުންގެ ތެރެއިން އިޚްތިޔާރު ކުރައްވައި ހޮއްވެވީ މިކަމަށެވެ. އަދި އެބޭކަލުންނަށް ދަލީލުތަކާއި ހެކި ދެއްވިއެވެ. އަދި އެބޭކަލުންނަށް ނަޞްރު ދެއްވައި ކާމިޔާބު ދެއްވިއެވެ. އަދި އެބޭކަލުންގެ ޢަދުއްވުން ބަލިކުރެއްވެވިއެވެ.

ނަބީބޭކަލުންނަކީ މީސްތަކުންގެ ތެރޭގައި ހިމެނޭ އެންމެ ތެދުވެރި ބޭކަލުންނެވެ. ހަމައެފަދައިން ނަބީކަމުގެ ދަޢުވާއަކީ ވަރަށް ބޮޑު ދަޢުވާއެކެވެ. އެކަމަށްޓަކައި الله سبحانه وتعالى އިޚްތިޔާރު ކުރައްވާފައިވަނީ އެކަލާނގެ ޚަލްޤުތަކުންކުރެ އެންމެ ތެދުވެރި ފަރާތްތަކެވެ. އަދި އެބޭކަލުންނަށް الله سبحانه وتعالى ގެ ޙަޟުރަތުން ވާގި ލިބިވަޑައިގަތުމާއި، އެބޭކަލުންގެ އަތްޕުޅުމަތީން މުޢްޖިޒާތްތައް ފާޅުވުމާއި، މިހުރިހާ ކަމަކުންވެސް އެބޭކަލުންގެ އެދަޢުވާގެ ނުވަތަ އެގޮވާލަށްވާ ކަންތައްތަކުގެ ތެދުވެރިކަން ސާބިތު ވެގެންދެއެވެ. މިހުރިހާ ކަމަކުން ދޭހަވަނީ އެބޭކަލުން ފޮނުއްވިގެންވަނީ الله سبحانه وتعالى ގެ ޙަޟުރަތުން ކަމުގައެވެ. އަދި އަޅުކަންކުރުން ޙައްޤުވެގެންވާ އިލާހަކީ އެކަލާނގެކަމެވެ.

މިވާހަކަތަކަށް މިސާލެއްކަމުގައި ހިމަނައިލަން ޤަޞްދުކުރަނީ މައްކާގެ މުޝްރިކުންގެ ބޮޑެއްކަމުގައިވާ ވަލީދު ބުނުލް މުޣީރާ رَسُوْلُ الله صَلَّ اللهُ عَلَيْهِ وَسَلَّمْ ކީރިތި ޤުރްއާން ކިޔަވާވިދާޅުވާ އަނޑު އެހުމަށްފަހުގައި މައްކާގެ މުޝްރިކުންގެ ގާތުގައި ދެއްކި ވާހަކަތަކެވެ. وَاللهِ لَقَدْ سَمِعْتُ مُحَمَّداً آنِفاً يَقُولُ كَلاَماً مَا هُوَ مِنْ كَلاَمِ الإِنْسِ ، ولاَ مِنْ كَلاَمِ الجِنَّ ، إِنَّ لَهُ لَحَلاَوَةً ، وَإِنَّ عَلَيْهِ لَطَلاَوَةً ، وَإِنَّ أَعْلاَهُ لَمُثْمِرٌ ، وَإِنَّ أسْفَلَهُ لَمُغْدِقٌ ، وَإِنَّهُ يَعْلُوا وَمَا يُعْلَى عَلَيْهِ
މާނައީ: " الله ގަންދީ ބުނަމެވެ. ދެންމެ މުޙައްމަދުގެފާނު ވިދާޅުވަނިކޮށް ތިމަން އަޑުއެހި ބަސްތަކަކީ އެއީ އިންސާނެއްގެ ބަސްތަކެއް ނޫނެވެ. އަދި ޖިންނިއެއްގެ ބަހެއްވެސް ނޫނެވެ. އެބަސްތަކުގައި ފޮނިކަމެއްވެއެވެ. އަދި އެބަސްތަކުގައިވަނީ ރީތިކަމާއި ފުރިހަމަކަމެވެ. އޭގެ މަތީގައިވަނީ މޭވާއަޅައިފައެވެ. އޭގެ ދަށުގައިވަނީ ތިޔާގިކަމެވެ. އެބަސްތައް މަތިވެރިވެގެންވެއެވެ. އަދި އޭގެ މައްޗަށް އެހެން އެއްޗަކަށް މަތިވެރިވެއެއް ނުގަނެވޭނެއެވެ."

ދެން އަބޫ ޖަހުލު މުޣީރާގެ ފަހަތުން އޭނާގެ ގެއަށް ދިޔައެވެ. އެއީ އޭނާ އިސްލާމްވެއްޖެނަމަ މައްކާގެ ޤުރައިޝުން އެކުގައި އިސްލާމްވެދާނެކަމުގެ ބިރަށެވެ. ދެން އެކަމުގައި އޭނާއާ މަޝްވަރާކޮށް ޤުރައިޝުންގެ ތެރެއަށް ގޮސް އޭނާ އެބުނި ބުނުން އަނބުރާ ގެނައުމަށް އެއްބަސްކުރުވިއެވެ. ދެން އޭނާ ޤުރައިޝުން އެއްވެތިބޭ މަޖިލިހަށް ގޮސް ބުންޏެވެ. މުޙައްމަދުގެފާނަކީ މޮޔައެއް ނޫނެވެ. އަދި ކާހިނެއް ނުވަތަ ދޮގުވެރިއެއްވެސް ނޫނެވެ. ދެން އެމީހުން ސުވާލުކުރުމުން ބުންޏެވެ. އެއީ ތިމާގެ މުދަލާއި އަނބިދަރީންނާ ވަކިކުރުވަނިވި ސިޙުރެކެވެ.

ދެން الله سبحانه وتعالى މި އާޔަތް ތައް ބާވައިލެއްވިއެވެ. ذَرْنِي وَمَنْ خَلَقْتُ وَحِيدًا - وَجَعَلْتُ لَهُ مَالًا مَّمْدُودًا - وَبَنِينَ شُهُودًا - وَمَهَّدتُّ لَهُ تَمْهِيدًا - ثُمَّ يَطْمَعُ أَنْ أَزِيدَ - كَلَّا إِنَّهُ كَانَ لِآيَاتِنَا عَنِيدًا - سَأُرْهِقُهُ صَعُودًا - إِنَّهُ فَكَّرَ وَقَدَّرَ - فَقُتِلَ كَيْفَ قَدَّرَ - ثُمَّ قُتِلَ كَيْفَ قَدَّرَ - ثُمَّ نَظَرَ - ثُمَّ عَبَسَ وَبَسَرَ - ثُمَّ أَدْبَرَ وَاسْتَكْبَرَ - فَقَالَ إِنْ هَذَا إِلَّا سِحْرٌ يُؤْثَرُ - إِنْ هَذَا إِلَّا قَوْلُ الْبَشَرِ - سَأُصْلِيهِ سَقَرَ (المدثر: 11 - 26)
މާނައީ: "ހަމައެކަނި ތިމަންރަސްކަލާނގެ ހެއްދެވި މީހާ، ކަލޭގެފާނު ތިމަން ރަސްކަލާނގެއަށް ދޫކޮށްލަވާށެވެ.(11) އަދި ގިނަވެގެންވާ މުދަލާއި ކައިރީގައި ތިބޭނޭ ފިރިހެން ދަރީން ތިމަންރަސްކަލާނގެ އޭނާއަށް ދެއްވީމެވެ.(12،13) އަދި ދުނިޔޭގެ ހުރިހައި ކަމެއް ތަނަވަސްކޮށްދެއްވައި އޭނާއަށް ފަސޭހަކޮށްދެއްވީމެވެ.(14) ދެންވެސް އޭނާ އެދެނީ ތިމަންރަސްކަލާނގެ އޭނާއަށް އިތުރުކޮށްދެއްވުމަށެވެ.(15) ހަމަހިލާ އެހެންނަކުން ނޫނެވެ. އެނާވީ ތިމަންރަސްކަލާނގެ އާޔަތްތަކަށް ދެކޮޅުހަދާ މީހުންގެ ތެރެއިންނެވެ.(16) ނިކަންހުރެ ތިމަންރަސްކަލާނގެ، ގަދަފަދަވެގެންވާ ޢަޛާބަށް ކުރިމަތިލުމަށް އޭނާއަށް ޖައްސަވާހުށީމެވެ.(17) ހަމަކަށަވަރުން އޭނާ ވިސްނައި ފިކުރުކޮށް ރޭވިއެވެ.(18) ފަހެ އޭނާއަށް ލަޢްނަތް ލެއްވިއެވެ. އޭނާ ރޭވީކޮންފަދައަކުން ހެއްޔެވެ؟(19) ދެން އޭނާއަށް ލަޢްނަތްލެއްވިއެވެ. އޭނާ ރޭވީ ކޮންފަދައަކުން ހެއްޔެވެ؟(20) ދެން އޭނާ ބަލައި ވިސްނައިލިއެވެ.(21) ދެން އޭނާ މޫނު ކުނިކޮށްލައި މޫނު ހެދިއެވެ.(22) ދެން އޭނާ ފުރަގަސްދީ ބޮޑާވިއެވެ.(23) ފަހެ އޭނާ ބުންޏެވެ. މިޤުރްއާނަކީ އަސަރު ކުރުވަނިވި ސިޙުރެއްކަމުގައިމެނުވީ ނުވެއެވެ.(24) މީ އާދަމުގެ ދަރިއެއްގެ ބަސްކަމުގައި މެނުވީ ނުވެއެވެ.(25) ނިކަންހުރެ ތިމަންރަސްކަލާނގެ އޭނާ ނަރަކައަށް ވައްދަވާނަމެވެ.(26)"

ކީރިތި ރަސޫލާ ގެ ސީރަތުގައި މިފަދަ ހާދިސާތައް ވަރަށްވެސް ގިނައެވެ. ބަދުރު ހަނގުރާމައިގެ ދުވަހުގައި ނަޖިދު ކަރައިގެ މުސްކުޅިއެއްކަމުގައި ހެދިގެން ޤުރައިޝުންނަށް ވާގިވެރިވާން އިބިލީސް އައިސް އުޅެނިކޮށް އުޑުން މަލާއިކަތް ބޭކަލުން އެހަނގުރާމައިގައި ބައިވެރިވި މުސްލިމުންގެ މަދަދަށްޓަކައި الله سبحانه وتعالى ފޮނުއްވިތަން، އިބިލީހަށް ފެނުނުކަމުގައިވެސް ސީރަތުގައި ސާބިތުވެއެވެ. މިހާދިސާއާއި މިނޫންވެސް ހާދިސާތަކުން الله سبحانه وتعالى ގެ އެއްކައުވަންތަކަމާއި، އެކަލާނގެ ވޮޑިގެންވާކަމުގެ ހެކިތައް ވަރަށް ފުރިހަމައަށް ލިބެއެވެ.

ނ) ނަފްސުތަކުގައިވާ ހެކިތައް
الله سبحانه وتعالى އިންސާނުން އުފައްދަވާފައިވަނީ އެންމެ ފުރިހަމަ ސޫރައިގައެވެ. އެކަލާނގެ ވަޙީކުރެއްވިއެވެ. وَصَوَّرَكُمْ فَأَحْسَنَ صُوَرَكُمْ (التغابن: 3)
މާނައީ: "އަދި ތިޔަބައިމީހުން ޞޫރަކުރައްވައި، އަދި ތިޔަބައިމީހުންގެ ޞޫރަ ރިވެތިކުރެއްވެވިއެވެ." يَعْلَمُ مَا فِي السَّمَاوَاتِ وَالْأَرْضِ وَيَعْلَمُ مَا تُسِرُّونَ وَمَا تُعْلِنُونَ وَاللَّهُ عَلِيمٌ بِذَاتِ الصُّدُورِ (التين: 4) އަދިވެސް ވަޙީކުރެއްވެވިއެވެ. މާނައީ: "ހަމަކަށަވަރުން ތިމަންރަސްކަލާނގެ އިންސާނާ އެންމެ ރިވެތި ޞޫރައިގައި ހެއްދެވީމެވެ."

ނަފްސުތަކުގައިވާ ކުޅަދުންވަންތަކަމުގެ ހެކިތަކަށްބަލައި ފިކުރުކުރުމަށް އަންގަވައި ވަޙީކުރައްވާފައިވެއެވެ. وَفِي أَنفُسِكُمْ أَفَلَا تُبْصِرُونَ (الذاريات: 21)
މާނައީ: "އަދި ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކުގައިވެސް ކުޅަދުންވަންތަކަމުގެ ހެކިތަކެއްވެއެވެ. ފަހެ، ތިޔަބައިމީހުން ވިސްނައި ނުބަލަނީހެއްޔެވެ؟"

އިންސާނާ އޭނާގެ ނަފްސާމެދު ވިސްނައިލުމުން، އެނަފްސަކީ ޢަޖައިބުން ފުރިގެންވާ ނަފްސެއްކަން އެނގޭނެއެވެ. ނަފްސުގެ ބޭރުފުށުގައިވަނީ ފުރިހަމަކަމާއި ރިވެތިކަމެވެ. އަދި އެހެން ހުރިހާ ޙައިވާނުންގެ ތެރެއިން ޚާއްޞަ ސިފަތައް އިންސާނާއަށް ދެއްވާފައިވާކަން ސާބިތުވެއެވެ. ހަމައެފަދައިން އިންސާނާގެ އެތެރެ ހަށީގައިވާ ނިޒާމުތަކާއި، އެނިޒާމުތަކުގެ ފުރިހަމަކަން މިއަދު ސައިންސްވެރީން ދަނީ ހޯދައި ކަޝަފުކުރަމުންނެވެ. މިފަދަ ފުރިހަމަ މަޚްލޫޤުންތަކެއް ލައްވާފައި ވުމުންވެސް ދޭހަވަނީ އެކަލާނގެ ކުޅަދުންވަންތަކަމާއި އެއްކައުވަންތަކަމެވެ.

Read more...

18 January 2011

މުސްއަބް އިބްނު ޢުމައިރު: ކޮންފަދަ މަތިވެރި ސިޔަރަތެއްތޯއެވެ

އަލްއަޚް ޢަބްދުﷲ ޝާކިރު މުޙައްމަދު
ކައުއިތުރު ނަބިއްޔާ މުޙައްމަދު صلى الله عليه وسلم ގެ ސަހާބީންގެ ތެރެއިން މުސްޢަބް އިބްނު ޢުމައިރަކީ ޤުރައިޝްވަންހައިގެ ބަގީޗާގައި ފޮޅިފައިވާ ފުރިހަމަ މަލެކެވެ. ރީތިކަމާއި ޒުވާންކަމުން ފުރިގެންވި ބޭކަލެކެވެ. ތާރީޚް ލިޔުއްވާ ބޭކަލުން އެކަލޭގެފާނު ސިފަކުރައްވާފައިވަނީ މައްކާގެ ފިރިހެން ސާހިބުންގެތެރެއިން ޒުވާންކަމާއި ބުރުސޫރައާއި ތަނަވަސްކަމުގެގޮތުން އެންމެމަތީދަރަޖައިގެ ބޭކަލެއްގެގޮތުގައެވެ.
އެކަލޭގެފާނު ތަރުބިއްޔަތު ކުރެވި ބޮޑުފުޅުވަމުންދިޔައީ ތަނަވަސްކަމުގެ ތެރޭގައެވެ. މުދަލާއި ފައިސާވެރިކަމުގެ އަރާމާ ލައްޒަތު އެކަލޭގެފާނުގެ އެންމެ ތުއްޕުޅުއިރުންސުރެ ޙާޞިލްވަމުންދިޔައެވެ. އެގޮތުން މުސްޢަބް އިބްނު ޢުމައިރު ފަދައިން މައިންބަފައިންގެ ލޯތްބާއި، އަޅާލުމާއި، އެހީތެރިކަން ލިބިގެން ބޮޑުވަމުންދިޔަ އެހެން ކުއްޖަކު މައްކާގައި އެދުވަސްވަރުނުވެއެވެ. މައްކާގެ ރީތި މާތް ޒުވާން އަންހެން ބޭކަނބަލުންގެ އެދުމެއްކަމުގައި އެކަލޭގެފާނު ވެފައިވެއެވެ. ހަފްލާތަކާއި އެއްވުންތަކުގައި މީސްތަކުންގެ ލޯތައް އަމާޒުވަމުންދިޔަ ބޭކަލަކުކަމުގައި އެކަލޭގެފާނު ވެގެންގޮސްފައިވެއެވެ. ދުނިޔޭގެ މިފަދަ މަތިވެރިކަމާއި ޖާހް ލިބިފައިވާ މިފަދަ ޒުވާނަކު އިސްލާމްދީނުގެ އަޤީދާގެ އަހުލުވެރިންގެ ތެރެއިން މަތިވެރި ނަމޫނާއަކަށް ވެގެންހިނގައިދާނެބާވައެވެ؟ ﷲ ގެ މަތިވެރިކަމާއެވެ. މުސްއަބް އިބްނު ޢުމައިރުގެ ސިޔަރަތަކީ ކޮންފަދަ މަތިވެރި ސިޔަރަތެއްތޯއެވެ؟ އެކަލޭގެފާނު ވެވަޑައިގެންފައިވަނީ އިސްލާމީ ތާރީޚްގައި އުފެދުނު މަތިވެރި މިސާލުތަކުގެތެރެއިންނެވެ. އިސްލާމްދީނުގެ ޚިދާޔަތުގައި އެދީނުގެ ރިވެތި އަޚްލާގުގެ މަތީގައި މާތް ނަބިއްޔާގެ ތަރުބިއްޔަތުގެ ދަށުން ކުރިއަށްވަޑައިގެންނެވި މާތް ސަޙާބީއެއްކަމުގައެވެ.

މުސްޢަބް އިބްނު އުމައިރުގެ ޒުވާންދުވަސްވަރުގައި އެއްދުވަހަކު އެކަލޭގެފާނަށް މައްކާގައި ފެތުރެމުންދިޔަ މުޙައްމަދު އަލް އަމީނުގެ ޚަބަރުތައް އިވިވަޑައިގެންނެވިއެވެ. މުޙައްމަދު ގެފާނަކީ ހެޔޮކަމާއި އިންޒާރުގެ ޚަބަރުތަކާއިގެން މާތް ﷲ ގެ އެއްކައުވަންތަކަމަށް ގޮވާލެއްވުމަށް ވަޑައިގެންނެވި އެއިލާހުގެ ރަސޫލާކަމުގެ ޚަބަރުތަކެވެ. މައްކާ މެންދަމުގެ ނިދިން ހޭލިހިނދު ފެތުރެމުންދިޔަ މާތް ނަބިއްޔާ މުޙައްމަދު صلى الله عليه وسلم ގެ ޚަބަރުތައް އެންމެ ފަރުވާތެރިކަމާއެކު އައްސަވަމުންދިޔަ އެއްބޭކަލަކުކަމުގައި އެކަލޭގެފާނު ވެވަޑައިގެންނެވިއެވެ. އެހެނީ އެކަލޭގެފާނުގެ ޒުވާންކަމާއި، މުޖުތަމަޢުގައި އެކަލޭގެފާނަށް ދީފައިވާ މަގާމާއި މުއްސަނދިކަމުގެ ތެރެއިންވެސް، ހައްޤުގޮތް ދެނެގަތުމާއި، ހަޤީގަތައް ވިސްނުން ބެހެއްޓުމުގެ މަތިވެރި ސިފަފުޅު އެކަލޭގެފާނަށް ލިބިވަޑައިގެންފައިވެއެވެ.
އެކަލޭގެފާނަށް މުޙައްމަދު صلى الله عليه وسلم އާއި އެކަލޭގެފާނުގެ ބަސްފުޅު ތެދުކުޅަމީހުން ޤުރައިޝުންގެ ބޮޑުންނާއި ވަކިން ދުރުހިސާބެއްގައިވާ އަލް-އަރްޤަމް އިބްނު އަލް-އަރްޤަމްގެ ގެކޮޅު (ދާރުލް އަރްޤަމް) ގައި ބައްދަލުކުރައްވާ ޚަބަރުލިބިވަޑައިގެންނެވުމުން މުސްޢަބް އިބްނު ޢުމައިރު އެންމެ ހިނދުކޮޅެއްވެސް ލަސްނުކުރައްވާ އެދިމާއަށް އަވަސްވެވަޑައިގެންނެވިއެވެ. އެގޮތުން އެއްރެއަކު އެކަލޭގެފާނު ދާރުލް އަރްޤަމްއަށް ވަޑައިގެން ޝައުޤުވެރިކަމާއި، ފަރުވާތެރިކަމާއެކު މާތް ނަބިއްޔާ އެކަލޭގެފާނުގެ އަރިހުގައި ތިއްބެވި ބޭފުޅުންނަށް ދެއްވަމުންދިޔަ އިރުޝާދުތައް އަޑުއަހަމުންދިޔައެވެ. އަދި އެކަލޭގެފާނު ކީރިތި ޤުރުއާން ކިޔަވާވިދާޅުވެ އެބޭކަލުންނާއިއެކު ނަމާދުކުރެއްވާ އަޑު އައްސަވާ އެމަންޒަރު ބައްލަވަމުން ގެންދެވިއެވެ. ނަތީޖާއެއްގެގޮތުން ހަމަ އެހިނދު ހަމައެރޭގަނޑުގައި އެކަލޭގެފާނުގެ ހިތްޕުޅު އިސްލާމްދީނުގެ މަތިވެރި އަޤީދާގައި ސާބިތުކުރެއްވުމުގެ އަޒުމް ކަނޑައެޅުއްވިއެވެ. އަދި އެކަން އިޢުލާންކުރެއްވެވިއެވެ. އެހިނދު އެކަލޭގެފާނުގެ ހިތްޕުޅަށްވެރިވެގެންދިޔަ އަސަރުތަކުގެ ޖޯޝުގައި އެކަލޭގެފާނު އިންނެވިތަނުން ތެދުވެވަޑައިގެންނެވުނެވެ. ނަމަވެސް މާތް ރަސޫލާ މުޙައްމަދު صلى الله عليه وسلم އެކަލޭގެފާނުގެ ބަރަކާތްތެރި ކަނާއަތްޕުޅުން މުސްޢަބް އިބްނު ޢުމައިރުގެ ބޮލުގައި ފިރުމާލައްވާ މަސަލަސްކުރެއްވެވިއެވެ. އެހިނދު މުސްޢަބްގެ ހިތްޕުޅުގައި މަޑުމައިތިރިކަމާއި އަމާންކަން ފެތުރިގެންދިޔައެވެ. ހަމަދެންމެ އިސްލާމްދީނުގެ ހިދާޔަތް ލިބިވަޑައިގެންނެވި ޒުވާން ސާހިބާ އެސްފިޔަޖަހާލާހާއަވަހަށް އެކަލޭގެފާނުގެ ޢުމުރުގެ ބޭކަލުންނަށްވުރެ ހިކްމަތްތެރި އަދި އިސްލާމީ ހަޟާރަތް މަތިވެރިކުރެއްވުމުގައި ސާބިތުވެވަޑައިގަންނަވާނޭ ބޭކަލަކުކަމުގައިވެވަޑައިގެންނެވިއެވެ.
* * * *
މުސްޢަބްގެފާނުގެ މަންމާފުޅަކީ ޚުނާސް ބިންތި މާލިކްއެވެ. އާރިދްގެ މީހުން އެކަމަނާދެކެ ބިރުގަނެ ޖެހިލުންވެއެވެ. އެހެނީ އެކަމަނާއަކީ ޝަޙްޞިއްޔަތު ވަރުގަދަ ބޭކަނބަލެކެވެ. މުސްޢަބްގެފާނު އިސްލާމްވެވަޑައިގެންނެވުމަށްފަހު އެކަލޭގެފާނު ޖެހިލުންވެވަޑައިގަންނަވާ ބިރުފުޅުގަންނަވާ އެއްވެސް މީހަކު މިބިންމަތީގައި ނުވެއެވެ. ނަމަވެސް އެކަލޭގެފާނުގެ މަންމާފުޅު ފިޔަވައެވެ. މުޅި މައްކާގެ އެންމެހާ ބޮޑުންނާއި، ބިރުވެރި ސަހަރާތައް އެކަލޭގެފާނާއި ކުރިމަތިލީކަމުގައިވިއަސް އެކަމާއި އެކަލޭގެފާނު ޖެހިލުމެއްނެތި ސާބިތުކަމާއެކު ކުރިމަތިލައްވާނެއެވެ. ނަމަވެސް އެކަލޭގެފާނުގެ މަންމަ އާއި ކުރިމަތިލުމަކީ އެކަލޭގެފާނު ވަރަށް ޖެހިލުންވެވަޑައިގަންނަވާކަމަކަށްވުމާއެކު މާތް ﷲ އެހެންގޮތެއް އިރާދަކުރައްވަންދެއް އެކަލޭގެފާނުގެ އިސްލާމްކަން މަންމައަށް ވަންހަނާކުރުމަށް ނިންމެވިއެވެ. ނަމަވެސް އެކަލޭގެފާނު ގިނަގިނައިން ދާރުލް އަރްޤަމްއަށް ވަޑައިގެން މާތް ރަސޫލާ މުޙައްމަދު صلى الله عليه وسلم ގެ ފަރާތްޕުޅުން ދަރުސްތައް ޚާޞިލްކުރައްވަމުން ގެންދެވިއެވެ. އެގޮތުން އެކަލޭގެފާނުގެ އީމާންތެރިކަން އެއްދުވަހުން އަނެއްދުވަހަށް އިސްލާމްދީނުގެ މަތީގައި ސާބިތުކަމާއެކު ހަރުދަނާކުރަމުންގެންދެވިއެވެ. މިކަމުގެ އެއްވެސް ހިލަމެއް އެކަލޭގެފަނުގެ މަންމާފުޅަށް އެނގުމެއްނެތިއެވެ.
ކަންމިހެން އޮތްނަމަވެސް އެދުވަސްވަރު މައްކާގެ ޙާލަތު އޮތްގޮތުން މިފަދަކަންކަން ސިއްރުކޮށްގެން އުޅުމަކީ ވާނޭކަމެއްނޫނެވެ. ޤުރައިޝުންގެ ލޯތަކާއި ކަންފަތްތައް މީހެއްގެ ކުޑަވެސް ހިލަމެއްވާނަމަ އެތަނެއްގައި ފާރަވެރިވަމުންދިޔައެވެ. މައްކާގެ ހޫނު ފަސްގަނޑުގައި އެޅެމުންދިޔަ ކޮންމެ ފައިތިލައެއްގެ ނިޝާން އެބައިމީހުން ބަލަމުންދިޔައީ ފަރުވާތެރިކަމާއެކުގައެވެ. އެގޮތުން އުޘްމާން އިބްނު ލަލްހާއަށް މުސްޢަބު ދާރުލް އަރްޤަމްއަށް ވަދެވަޑައިގަންނަވަނިކޮށް ފެނިވަޑައިގަތެވެ. އަދި ދެވަނަ ދުވަހަކުވެސް އެކަލޭގެފާނު ދާރުލް އަރްޤަމްއަށް ވަދެވަޑައިގެން މުހައްމަދު صلى الله عليه وسلم ނަމާދުކުރައްވާފަދައިން ނަމާދުކުރައްވަނިކޮށް ފެނުމާއިއެކު ދުވެފައިގޮސް އެކަމުގެ ޚަބަރު މުސްޢަބުގެ މަންމައަށްދިނެވެ. މުސްޢަބްގެ މަންމައަށް އެ ޚަބަރު ލިބުމުން ޚައިރާންވެ ކަންބޮޑުވެފައިހުއްޓެވެ.
އެންމެފަހުން މުސްޢަބް އޭނާގެ މަންމަގެ ކުރިމައްޗަށް ހާޟިރުކުރެވުނެވެ. އަދި އެ މައިދާނުގައި މައްކާގެ ބޮޑުންވެސް އެކަލޭގެފާނު ވަށާލައިގެންތިއްބެވެ. ނަމަވެސް މުސްޢަބް ސާބިތުކަމާއިއެކު އިންކާރުކުރެވެންނެތް ހަޤީޤަތުގެ ވާހަކަ އެބައިމީހުންނަށް ކިޔައިދެމުންދިޔައެވެ. އަދި އެކަލޭގެފާނާއި ރަސޫލުﷲ صلى الله عليه وسلم އަށް އީމާންވެވަޑައިގެންނެވި އެންމެހާ ބޭކަލުންގެ ހިތްތަކަށް އަމާންކަމާއި، އިންސާފާއި، ހިކުމަތްތެރިކަމާއި، ސާބިތުކަމާއި ތަޤުވާވެރިކަން ލިބިގެންދިޔަ ކީރިތި ޤުރުއާނުގެ އާޔަތްތައް ވިދާޅުވަމުންގެންދެވިއެވެ.
އެހިނދު އެކަލޭގެފާނުގެ މަންމާފުޅު އެކަލޭގެފާނުގެ ގައިކޮޅުގައި ޖެއްސެވުމަށް އަތް އުފުއްލަވާލެއްވިއެވެ. ނަމަވެސް ޒުވާން މުސްޢަބުގެ މޫނުމަތިން ފެންނަމުންދިޔަ އުޖާލާކަމާއި ސާބިތުކަމާއި މަޢުސޫމްކަމުގެ ނަތީޖާއެއްގެގޮތުން އޭނާގެ އަތް މަޑުމަޑުން ތިރިކޮށްލިއެވެ. އެކަލޭގެފާނުގެ މަންމާފުޅުގެ މައިވަންތަކަމުގެ ޖަޒުބާތުގައި އެކަލޭގެފާނަށް އަނިޔާނުކުރައްވާ ދޫކޮށްލިނަމަވެސް އެކަލޭގެފާނު އެކަލޭގެފާނުގެ ޤައުމުގެ މީހުންގެ ކަލާނގެތަކަށް ކާފަރުވީކަމަށްޓަކައި އެކަލޭގެފާނު ގޭގެ ކޮޓަރިއެއްގައި ހައްޔަރުކުރެވުނެވެ. މުސްޢަބް މިގޮތުގައި ކަސްތޮޅުގައި އިންނަވަނިކޮށް މުޙައްމަދު صلى الله عليه وسلم އަށް އީމާންވެވަޑައިގެން ބައެއް ބޭކަލުން ހަބުޝްކަރައަށް ހިޖުރަކުރެއްވި ޚަބަރު ލިބިވަޑައިގަތުމުން އެކަލޭގެފާނަށް ފާރަލުމަށްތިބި މީހުންނާއި އެކަލޭގެފާނުގެ މަންމައަށް ފިލައިގެން ހަބުޝްކަރައަށް ހިޖުރަކުރެއްވިއެވެ.
އެގޮތުން އެކަލޭގެފަނާއެކު ހަބުޝްކަރައަށް ހިޖުރަކުރެއްވި ބޭކަލުންނާއެކު ހަބުޝްކަރައިގައި ހުންނެވުމަށްފަހު އަނެއްކާވެސް މައްކާއަށް ވަޑައިގެންނެވިއެވެ. އަދި ދެވަނަފަހަރު ރަސޫލުﷲ صلى الله عليه وسلم ގެ އަމުރުފުޅަށް ހަބުޝްކަރައަށް ހިޖުރަކުރެއްވި ބޭކަލުންނާއެކު އަނެއްކާވެސް ހިޖުރަކުރައްވާ ހަބުޝްކަރައަށް ވަޑައިގެންނެވިއެވެ. އެކަލޭގެފާނު ހަބުޝްކަރައިގައި ހުންނެވިނަމަވެސް އެކަލޭގެފާނުގެ އަޒުމްފުޅާއި ތަޤުވާވެރިކަންދިޔައީ އެއްދުވަހުން އަނެއްދުވަހަށް ވަރުގަދަވެ ހަރުދަނާވަމުންނެވެ. އެހެންކަމުން އެކަލޭގެފާނު ހައްދަވާ ގެންގުޅުއްވާ މަތިވެރި އިލާހުގެ ހައްޤުގައި ސާބިތުކަމާއެކު ތެދުވެވަޑައިގެންނެވުމަށް އެކަލޭގެފާނުގެ ނަފްސު ތައްޔާރުވެއްޖެކަމުގެ އިޙްސާސް އެކަލޭގެފާނަށް ކުރެއްވެވުމާއެކު އެމަގުގައި ނުކުމުވަޑައިގެންނެވިއެވެ. އެއްދުވަހަކު އެކަލޭގެފާނު ނުކުމެވަޑައިގެން ރަސޫލުﷲ صلى الله عليه وسلم އާއި ބައެއް މުސްލިމުން އިށީންދެވަޑައިގެން ތިއްބެވި މަޖިލީހަކަށް ވަޑައިގެންނެވިއެވެ. އެކަލޭގެފާނު ހަމަ ފެނިވަޑައިގެންނެވުމާއެކު އެ މަޖިލީހުގައި ތިއްބެވި ބޭކަލުން އިސްދަށަށްޖައްސަވައިގެން ތިއްބެވިއެވެ. އަދި އެހިނދު އެބޭކަލުންގެ ލޮލުން ކަރުނަފޮދު ފޭދެމުންދިޔައެވެ. އެހެނީ ޒުވާން މުސްޢަބް ބާވެ ވީދިފައިވާ ހެދުމެއްގައި ހުންނެވިތަން މީގެކުރިން އެބައިމީހުން ދެކެފައެއްނުވެއެވެ. އެބައިމީހުންގެ ލޯތައް ފަރިތަވެފައިވަނީ މުސްޢަބް އިސްލާމްވެވަޑައިގަތުމުގެ ކުރިން ތުރުކުރައްވަމުންދިޔަ ޖަރީކުރެވިފައިވާ ޗާލު ހެދުންތަކަށެވެ.
ނަމަވެސް ކައުއިތުރު މާތް ނަބިއްޔާ މުހައްމަދު صلى الله عليه وسلم އަށް އެކަލޭގެފާނު ފެނިވަޑައިގަތީ ހިކުމަތްތެރިކަމާއި ސާދާ ހިނިތުން މޫނެއްގެ ވެރިއެއްގެގޮތުގައެވެ. އެހިނދު އެކަލޭގެފާނު ވިދާޅުވިއެވެ. "ތިމަންކަލޭގޭފާނު މުސްޢަބް ފުރަތަމަ ދެކެވަޑައިގެންނެވިދުވަހު އެކުއްޖެއްގެ މައިންބަފައިންގެ ފަރާތުން ލޯތްބާއި އަޅާލުން އެފަދަ ދަރަޖައަކަށް ލިބެމުންދިޔަ ދެވަނަ ކުއްޖަކު މައްކާގައި ނުވެއެވެ. ނަމަވެސް އެ ހުރިހާ ކަމެއް ދޫކޮށްލައްވާ އެކަލޭގެފާނު އެ ވަޑައިގަތީ މާތް ﷲ އާއި އެކަލާނގެ ރަސޫލާގެ ލޯބި ހާޞިލްކުރެއްވުމަށެވެ"
އެކަލޭގެފާނަށް އާއިލާގެ ފަރާތުން ލިބެމުންއައި ހުރިހާ ދުނިޔަވީ އުފާތަކެއް އެކަލޭގެފާނު އިސްލާމްވެވަޑައިގެންނެވުމުން އެކަލޭގެފާނު މަންމަވަނީ އެކަލޭގެފާނާއި ދުރުކުރައްވާފައެވެ. އަދި އެކަލޭގެފާނުގެ މަންމާފުޅުގެ ދީނަށް އެކަލޭގެފާނު އެނބުރިވަޑައި ނުގެންނެވުމުން އެކަމަނާވަނީ އެކަމަނާގެ އެއްވެސް ކާއެއްޗެއް މުހައްމަދު صلى الله عليه وسلم ގެ ދީން ޤަބޫލުކުރިއެއްވެސް މީހަކަށް ނުދޭން ނިންމާފައެވެ. އެއީ ޚުދު އެކަމަނާގެ ދަރިކަލުންކަމުގައިވީމަނަވެސްމެއެވެ. އެކަލޭގެފާނަށް އެކަލޭގެފާނުގެ މަންމާފުޅާ އެންމެފަހުން ބައްދަލުވެފައިވަނީ އެކަލޭގެފާނު ހަބުޝްކަރައަށް ހިޖުރަކުރެއްވުމަށްފަހު އެނބުރި މައްކާއަށް ވަޑައިގެންނެވި ފަހަރު އެކަލޭގެފާނުގެ މަންމާފުޅު އެކަލޭގެފާނު ދެވަނަފަހަރަށް ހައްޔަރުކުރެއްވުމަށް އުޅުއްވިއިރުގައެވެ. އެފަހަރު އެކަލޭގެފާނުވަނީ އެކަލޭގެފާނުގެ މަންމާފުޅުގެ އަމުރަށް އެކަލޭގެފާނު ހައްޔަރުކުރުމަށް އައި ކޮންމެ މީހަކު ޤަޠުލުކުރާނެކަމުގެ އިންޒާރުދެއްވާފައެވެ. އެކަލޭގެފާނުގެ މަންމާފުޅަށް އެކަލޭގެފާނުގެ އަޒުމްފުޅުގެ ވަރުގަދަ ކަމާއި ކުރަން ކަނޑައަޅައިފި ކޮންމެ ކަމެއްގައި ސާބިތުވެ ހުންނަވާ މިންވަރު އެނގިވަޑައިގަންނަވައެވެ. އެހެންވެ އެކަލޭގެފާނު ހައްޔަރުކުރުމަށް އެކަލޭގެފާނުގެ މަންމާފުޅަކަށް ކެރިވަޑައެއް ނުގެންނެވިއެވެ.
އެދެމައިކަނބަލުން ވަކިވެވަޑައިގެންނެވި ވަގުތު ފެނިގެން ދިޔައީ ހައްޤާއި ބާޠިލްގެ ވަރުގަދަ މިސާލެކެވެ. އެކަމަނާ އެކަލޭގެފާނަށް އަމުރުކުރިއެވެ. "މިތަނުން ދުރައްދާށެވެ. ތިމަންމީ ކަލޭގެ މަންމައެއްނޫނެވެ!" އެހިނދު މުސްޢަބް އިބްނު ޢުމައިރު އެކަލޭގެފާނުގެ މަންމާފުޅުގެ ގާތަށް ވަޑައިގެން ވިދާޅުވިއެވެ. "ތިމަން މަންމައަށް ނަސޭހަތްތެރިވަމެވެ. ތިމަންގެ ހިތްވަނީ މަންމައާއި އެކުގައެވެ. ﷲ މެނުވީ އިލާހަކު ނުވާކަމަށާއި މުޙައްމަދު صلى الله عليه وسلم އެއީ އެކަލާނގެ ރަސޫލާކަމަށް ހެކިވެވަޑައިގަންނަވާށެވެ." އެކަމަކު މުސްޢަބްގެ މަންމަރުޅިވެރިކަމާއެކު ބުންޏެވެ."ތަރިތައް ގަންދީ ބުނަމެވެ. ތިމަންގެ ދަރަޖައާއި ޖާހު ދައްކޮށްލާ، ހެޔޮވިސްނުމާއި ދުރުވާކަށް ކަލޭގެ ދީނަކަށް އީމާނެއް ނުވާނަމެވެ."
އެހިނދު ހިތާމައާއި މޮޅިވެރިކަމާއެކު އެކަލޭގެފާނު އެކަލޭގެފާނުގެ މުއްސަނދި ދިރިއުޅުމާއި ލޯބިވާ މަންމަ ދޫކޮށްލައްވާ ހައްޤުގެ މަގުގައި ނުކުމެވަޑައިގެންނެވީއެވެ. އެކަލޭގެފާނަށް އެއަށްފަހު ކުރިމަތިވެ ވަޑައިގެންނެވި ދަތި ދިރިއުޅުމާއިމެދު އެކަލޭގެފާނު ހިތްޕުޅު ހަމަޖެހިވަޑައިގެން ސާބިތުވެވަޑައިގެންނެވިއެވެ. ބާހެދުންކޮޅު ތުރުކުރައްވަން ޖެހިވަޑައިގެންނެވިއެވެ. އެއްދުވަހު ފަރިއްކުޅުއްވާނަމަ އަނެއްދުވަހު ހުންނަވަނީ ބަނޑުހައިކަންމަތީގައެވެ. އެކަލޭގެފާނުގެ މި ވަރުގަދަ އަޤީދާއާއި ސާބިތުކަމުގެ ސަބަބުން އެތަކެއް ބައެއްގެ ކުރިމަތީގައި އެކަލޭގެފާނުގެ ޤަދަރު އުފުލިގެންދިޔައެވެ. އަދި އެތައްބަޔަކަށް އެކަލޭގެފާނުގެ ސަބަބުން ހިތްވަރާއި ކެތްތެރިކަން ލިބިގެންދިޔައެވެ.
* * * *
މުސްޢަބް އިބްނު އުމައިރު މިހާލުކޮޅުގައި ހުންނަވަނިކޮށް އެކަލޭގެފާނުގެ ހަޔާތްޕުޅުގައި ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި އެންމެ ބުރަ އަދި އެންމެ އުނދަގޫ މަސައްކަތް އެކަލޭގެފާނާއި މާތް ނަބިއްޔާ ހަވާލުކުރެއްވެވިއެވެ. މާތް ނަބިއްޔާ މުޙައްމަދު صلى الله عليه وسلم އެކަލޭގެފާނާއި ޙަވާލުކުރެއްވެވި މަސައްކަތްޕުޅަކީ މާތް ނަބިއްޔާގެ ނަބީކަން ތެދުކޮށް އެކަލޭގެފާނާއި ބައިއަތު ހިއްޕަވައިގެންތިއްބެވި އަންސާރުން، މަދީނާގައި އިސްލާމް ދީނުގެ ދަޢުވަތު ފެތުރުމަށް ތައްޔާރުކުރުމެވެ. އަދި ހިޖްރައިގެ ދުވަހަށްޓަކައި މަދީނާގެ އަޙުލުވެރިން ތައްޔާރުކުރެއްވެވުމެވެ. މި ބުރަ އަދި އުނދަގޫ މަސައްކަތްޕުޅު މުސްޢަބް އިބްނު ޢުމައިރާއި މާތް ނަބިއްޔާ صلى الله عليه وسلم ޙަވާލުކުރެއްވެވިއިރު މާތް ނަބިއްޔާގެ ސަހާބީންގެ ގޮތުގައި މުސްޢަބްގެފާނަށްވުރެން މާ އުމުރުފުޅުން ދޮށީބޭކަލުންނާއި ޢާއިލީ ގޮތުންނާއި އެހެނިހެން ގޮތްގޮތުންވެސް ރަސޫލުﷲ صلى الله عليه وسلم އާއި މާ ގާތް އަރިސް ބޭކަލުން ތިއްބެވިއެވެ. ނަމަވެސް މި މަސްޢޫލިއްޔަތު މުސްޢަބްގެފާނާއި މާތް ނަބިއްޔާ ޙަވާލުކުރެއްވެވީ އެކަލޭގެފާނު އެ މަސްޢޫލިއްޔަތު ފުރިހަމައަށް އަދާކުރައްވާނޭކަމުގެ އިތުބާރު އެކަލޭގެފާނަށް ލިބިވަޑައިގެންފައިވާތީއެވެ. އެވަގުތު ކުރިމަތިވެފައިވާ އެންމެބޮޑު މަސައްކަތްކަމުގައިވާ، އިސްލާމީ ދަޢުލަތެއްގެ ބިންގާ އެރަށެއްގައި އެޅިގެންދާ މަދީނަތުލް މުނައްވަރާ އެވަރުގަދަ ހާދިސާއަށް ތައްޔާރުކުރެއްވުމުގެ މަސްޢޫލިއްޔަތު އެކަލޭގެފާނު މުސްޢަބްގެ އަތްޕުޅުމަށްޗަށް، ޙަވާލުކުރެއްވީ އިތުބާރާއެކުގައެވެ. އެހެނީ މަދީނަތުލް މުނައްވަރާއަކީ އެ ބިމަކުން އިސްލާމްދީން މަތިވެރިކޮށް އިރުމައްޗާއި ހުޅަނގަށް އަދި އުތުރާއި ދެކުނަށް އިސްލާމްދީން ފަތުރާނޭ އެތަކެއް ހާދިސާތަކަކާއި އެތަކެއް ބަޠަލުންތަކެއް ފާޅުވެގެންދިއުމަށް މިންވަރުކުރެވިފައިވާ މާތް ސަހަރެވެ.
މުސްޢަބްގެފާނުގެ ތޫނު ވިސްނުންފުޅާއި، މަތިވެރި މިޒާޖުފުޅުގެ ސަބަބުން އެކަލޭގެފާނާއި ޙަވާލުކުރެވުނު ޒިންމާ އަދާކުރުމަށް ބޭނުންވާ ހުރިހާ ސިފަފުޅުތަކެއް އެކަލޭގެފާނަށް ލިބިވަޑައިގެންފައިވެއެވެ. އެގޮތުން އެކަލޭގެފާނުގެ ޒާހިދުކަމާއި، ތެދުވެރިކަމާއި، އަމާނާތްތެރިކަމުގެ ސަބަބުން މަދީނާގެ އަޙުލުވެރިންގެ ހިތްތައް އެކަލޭގެފާނު ފަތަޙަކުރެއްވެވިއެވެ. ނަތީޖާއެއްގެ ގޮތުން މަދީނާގެ އަޙުލުވެރިން ބައިބަޔަށް އިސްލާމްދީނުގެ ހިދާޔަތުގެ ދަށަށް ވަންނަމުންދިޔައެވެ. އެކަލޭގެފާނާއި އެ މަސްޢޫލިއްޔަތު ހަވާލުކުރެވުނުއިރު މަދީނާގައި ތިއްބެވީ އަގަބާގައި މާތް ނަބިއްޔާގެ މައްޗަށް ބައިއަތު ހިއްޕެވި ބާރަ ބޭކަލުންނެވެ. ނަމަވެސް މުސްޢަބުގެފާނުގެ މަސައްކަތްޕުޅުގެ ސަބަބުން މަދު މަސްތަކެއްގެ ތެރޭގައި އެ ޢަދަދު އެތައްގުނައަކަށް އިތުރުވެގެން ގޮސްފައިވެއެވެ. އެގޮތުން ޖެހިގެންއައި ހައްޖު މޫސުމުގައި މަދީނާގެ މުސްލިމުންގެ ފަރާތުން 70 މުޢުމިން ފިރިހެނުންނާއި އަންހެނުންގެ ވަފުދެއް މާތް ނަބިއްޔާއާއި ބައްދަލުކުރެއްވުމަށް ފޮނުވުނެވެ. އެބައިމީހުން ވަޑައިގެންނެވީ އެބައިމީހުންގެ އުސްތާޛް އަދި މާތް ނަބިއްޔާގެ ރަސޫލް މުސްޢަބް އިބްނު ޢުމައިރާއި އެކުގައެވެ. މުސްޢަބްގެފާނު ވަނީ އެކަލޭގެފާނުގެ ކާމިޔާބު މަސައްކަތްޕުޅުގެ ސަބަބުން މާތް ނަބިއްޔާ މުޙައްމަދު صلى الله عليه وسلم އެކަލޭގެފާނުގެ ސަފީރުން އައްޔަންކުރުމުގައި ގެންގުޅުއްވާ ވިސްނުންފުޅުގެ ފުރިހަމަކަން ސާބިތުކޮށްދެއްވާފައެވެ.
* * * *
މުސްޢަބްގެފާނަށް އެކަލޭގެފާނާއި ޙަވާލުކުރެއްވުނު މަސްޢޫލިއްޔަތު ރަނގަޅަށް އެނގިވަޑައިގަންނަވައެވެ. އެގޮތުން އެކަލޭގެފާނަކީ މަދީނާގެ އަހުލުވެރިންނަށް ހައްޤު ދީން ބަޔާންކޮށްދެއްވާ ތެދުމަގަށް މަގުދެއްކެވެމަށް ރަސޫލުﷲ صلى الله عليه وسلم ގެ ފަރާތްޕުޅުން ފޮނުވުނު ބޭކަލެއްކަން އެކަލޭގެފާނު ފަޚުރުވެރިކަމާއެކު ދެނެވަޑައިގަންނަވައެވެ. އެހެންކަމުން މަދީނާއިން އެކަލޭގެފާނުގެ އާރުކާޓީއެއް ކަމުގައި ވެވަޑައިގެންނެވި އަސްޢަދު އިބްނު ޒަރޫރާއިއެކު، އެ ގޮވާލެއްވުމުގައި ސާބިތުވެ ހުންނެވިއެވެ. އަދި އެ ދެބޭކަލުންއެކުގައި މަދީނާގެ ޤަބީލާތަކަށާއި، ގެތަކަށާއި އެއްވުންތަކަށް ވަޑައިގެން ކީރިތި މާތްﷲ ގެ ފޮތުން އެކަލޭގެފާނަށް އެނގުނު މިންވަރަކުން ބަޔާންކޮށްދެއްވަމުން ގެންދެވިއެވެ. އަދި އެބައި މީހުންގެ ހިތްތަކުގައި ﷲ އެއްކައުވަންތަ ކުރުމުގެ އަޤީދާގެ އޮށް އިންދަވަމުން ގެންދެވިއެވެ.
މި ބުރަ އަދި ދަތި މަސައްކަތާއިގެން އެކަލޭގެފާނު ކުރިއަށް ވަޑައިގެންނެވިހިނދު އެކަލޭގެފާނާއި އެކަލޭގެފާނަށް ތަބާވީ މީސްތަކުންނަށް އެތަކެއް އުނދަގޫތަކާއި އަދި ފުރާނަފުޅަށް ނުރައްކާވެދާފަދަ އެތަކެއް ހާދިސާތަކާއި ކުރިމަތިލައްވަން ޖެހިވަޑައިގަތެވެ. އެފަދަ އެއް ހާދިސާއެއްގައި އެކަލޭގެފާނު މީސްތަކުންނާއިގެން މަޖިލީހެއްގައި އިސްލާމް ދީނުގެ ދަޢުވަތު ފެތުރުއްވުމުގެ މަސައްކަތުގައި އިންނަވަނިކޮށް އަބްދު އަޝްހަލް ގަބީލާގެ ބޮޑެއްކަމުގައިވާ އުސައިދު އިބްނު ހުޒަރު އޭނާގެ ދުނި ދަނޑިއަށް ތޫނުކޮށްފައިވާ ދުންޏެއް މަހާލައިގެން ރުޅި އޭގެ އިންތިހާއަށް ގޮސްފައިވާހާލު އެބޭކަލުންނާއި ކުރިމަތި ލެއްވިއެވެ. އަދި އުސައިދު އޭނާގެ އަހުލުވެރިންގެ ދީން ފަސާދަކޮށް މީގެ ކުރިން ދުވަހަކުވެސް އެބައިމީހުން އަޑުވެސް އަހާފައިނުވާ ދީނެއް ފަތުރާ އެބައިމީހުންގެ ކަލާނގެތައް އެއްކަލާނގެއަށް ހެދުމަށް އައިސް އުޅޭ މުސްއަބްގެ ގާތައް ރުޅިވެރިކަމާއެކު އަންނަ މަންޒަރު ބަލަންތިބި މީސްތަކުން ބިރުން ކޮޅަށް ތެދުވިއެވެ. ނަމަވެސް ހިތްވަރުފުޅުގަދަ ކެތްތެރި މުސްޢަބް ސާބިތުކަމާއެކު ހުންނެވިއެވެ. އެހިނދު އަސްޢަދު އިބްނު ޒަރޫރާ އެކަލޭގެފާނާއި ދިމާއަށް ހަރުއަޑުން ބުންޏެވެ. "ކަލޭ މިތަނަށް އައީ ކީއްކުރަންހެއްޔެވެ؟ ތިމަންނަމެންގެ ކާބަފައިންގެ ދީނުގެ އަގީދާ ފަސާދަކުރަނީހެއްޔެވެ؟ ކަލޭގެ ފުރާނަ ސަލާމަތްކުރަންބޭނުންނަމަ ހަމަމިހާރު މިތަނުން ނުކުމެގެން ދާށެވެ!"
ނަމަވެސް ބިޔަ ކަނޑެއްގެ ހަމަހިމޭންކަމާއި އެ ކަނޑުގެ ބާރާއިއެކު ހުންނެވި މުސްޢަބް ވާހަކަފުޅު ދައްކަވަން ފެއްޓެވިއެވެ. "ތިބާ އަހަރެމެންނާއެކު ނުއިށިންނާނުހެއްޔެވެ؟ ތިބާއަށް އަހަރެންގެ މި ގޮވާލުން ޤަބޫލުކުރެވޭނަމަ ތިބާ މި ދަޢުވަތަށް އިޖާބަދޭނީއެވެ. އަދި ތިބާ މި ގޮވާލުމާއި ދެކޮޅުވެރިވެ އިންކާރުކުރާނަމަ ތިބާ ތިޔަ ރުޅިއަންނަ ކަންތަކާއި އަހަރެމެން ތިބާއާ ދުރުކޮށްފާނަމަވެ."
ﷲ ގެ މަތިވެރިކަމާއެވެ! އުސައިދަކީ އޭނާގެ ގަދަފަދަ ކަމާއެކުވެސް ވިސްނުންތޫނު ހުށިޔާރުބޭކަލެކެވެ. އެހެންކަމުން މުސްޢަބުގެ މިބަސްފުޅާއިމެދު ވިސާނާލެއްވިއެވެ. އެކަލޭގެފާނަށް ފެނިވަޑައިގަތީ މުސްޢަބް އެއްވެސް ހަރުކަށިކަމެއްނެތި އެކަލޭގެފާނުގެ ދަޢުވަތުގެ އަޑުއެހުމަށް އެ މަޖިލީހުގައި އިށީނުމަށް ދަޢުވަތު ދިންތަނެވެ. އެ ގޮވާލެއްވުމަކީ ރަނގަޅު ގޮވާލެއްވުމެއްނަމަ އެއަށް އިޖާބަދޭނީއެވެ. ނުވަތަ އެނާ އޭނާގެ އެ ގޮވާލުމާއިގެން އަހަރެންގެ އަހުލުވެރިން ދޫކޮށް މި ސަހަރުން ފައިބައިގެން ދާނީއެވެ. އެހެންކަމުން އުސައިދު އެކަލޭގެފާނުގެ ދުނިދަނޑި ބިންމަތީގައި ބެހެއްޓެވުމަށްފަހު އިށީންދެވަޑައިގެންނެވިއެވެ.
މުސްޢަބު ކީރިތި ޤުރުއާނުގެ މޫރިތި އާޔަތްތަކުން މާތް ނަބިއްޔާ މުޙައްމަދު صلى الله عليه وسلم ގެ ދަޢުވަތުގެ ޚަބަރުތައް ބަޔާންކޮށްދެއްވަމުން ގެންދެވިއެވެ. އަދި ހަމަ އެހިނދުން އެހިނދަށް އުސައިދުގެ ހިތްޕުޅުގައި އުފެދިފައިވާ ޝައްކުތަކާއި ސުވާލުތަކަށް ޖަވާބުލިބި ދިރުން ލިބިގެންދިޔައެވެ. މުސްޢަބްގެ ވާހަކަފުޅު ނިންމަވާލެއްވުމާއެކު މުސްޢަބަށާއި އެއްވެފައިވާ މީސްތަކުންނަށް މުޚާތަބުކުރައްވާ އުސައިދު ވިދާޅުވިއެވެ. "އެއީ ކޮންފަދަ ރިވެތި އަދި ކޮންފަދަ ތެދުވެރި ބަސްފުޅުތަކެއްތޯއެވެ؟ ކަލޭގެފާނުގެ ދީނަށް އަހުރެން ވަންނާނީ ކިހިނެތްތޯއެވެ؟" އެހިނދު މުސްޢަބް އެކަލޭގެފާނަށް ތާހިރުވެވަޑައިގަތުމަށާއި ޝަހާދަތް ވިދާޅުވުމަށް އެންގެވިއެވެ.
އުސައިދު އިރުކޮޅަކަށް ދުރަށް ވަޑައިގެން ސާފުފެން ބޮލަށް އަޅުއްވަމުން އެކަލޭގެފާނުގެ ހަށިކޮޅާއި ހެދުންކޮޅު ތާހިރުކުރައްވަމުން ވަޑައިގެންނެވިއެވެ. އަދި މީސްތަކުންގެ ކުރިމަތީގައި ހަރުއަޑުފުޅުން ވިދާޅުވިއެވެ. "ﷲ މެނުވީ އެހެން އިލާހަކު ނުވެއެވެ. އަދި މުޙައްމަދުގެފާނީ ﷲގެ ރަސޫލާކަމަށް އަޅުހެކިވަމެވެ."
އުސައިދުގެފާނު އިސްލާމްވެ ވަޑައިގެންނެވި ޚަބަރު މަދީނާގައި ވިދުވަރެއްހެން ފެތުރިގެންދިޔައެވެ. އަދި އެ ޚަބަރު އައްސަވާ ސަޢާދު އިބްނު މުއާޛް ވަޑައިގެން މުސްޢަބްގެ ވާހަކަފުޅު އަޑުއައްސަވާ އިސްލާމްވެ ވަޑައިގެންނެވިއެވެ. އަދި އެކަލޭގެފާނަށްފަހު ސަޢާދު އިބްނު އުބާދާ ވަޑައިގެން އިސްލާމްވެވަޑައިގަތެވެ.
އެއަށްފަހު މުޅި މަދީނާގައި އިސްލާމްދީނުގެ ހިދާޔަތުގެ ނޫރު ފެތުރިގެންދިޔައެވެ. މީސްތަކުން ބައިބަޔަށް އެތަނަށް ޖަމާވެ އެކަކު އަނެކަކާއި ސުވާލުކުރަމުން ދިޔައެވެ. "އުސައިދު އިބްނު ހުޒައިރާއި، ސަޢާދު އިބްނު މުއާޛާއި، ސަޢާދު އިބްނު އުބާދާ އިސްލާމްދީން ޤަބޫލުކުރައްވައިފިނަމަ ތިމަންމެން މި މަޑުކުރަނީ ކޮންކަމަކަށްތޯއެވެ؟ އަވަހަށް މުސްޢަބްގެ ގާތަށްގޮސް އިސްލާމްވާށެވެ. އެއީ ހައްޤުދީނެވެ."
މާތް ރަސޫލާ މުޙައްމަދު صلى الله عليه وسلم ގެ ފަރާތްޕުޅުން ފޮނުއްވުނު ފުރަތަމަ ރަސޫލު އެކަލޭގެފާނުގެ މަސައްކަތްޕުޅުގައި ކާމިޔާބު ހޯއްދެވިއެވެ. ކެތްތެރިކަމާއި، ހިތްވަރާއި ހިކުމަތްތެރިކަމާއެކުގައެވެ. އެއީ އެކަލޭގެފާނު ދުނިޔޭގެ އަރާމާއި އުފާ ދޫކޮށް ހައްޤުގެ މަގުގައި ކުރެއްވި ވަރުގަދަ ޖިހާދުގެ ނަތީޖާއެވެ.
* * * *
ދުވަސްތައް ފާއިތުވަމުންގޮސް މުސްލިމުންގެ ޖަމާއަތް އެންމެބޮޑަށް އިންތިޒާރުކުރަމުންދިޔަ ދުވަސް އަތުވެއްޖެއެވެ. ރަސޫލުﷲ صلى الله عليه وسلم އާއި އެކަލޭގެފާނުގެ ސަޙާބީން މަދީނާއަށް ހިޖުރަކުރައްވައިފިއެވެ. މުސްޢަބްގެފާނުގެ ބުރަ މަސައްކަތްޕުޅުން އެދުވަހައްޓަކައި މަދީނާވަނީ ފުރިހަމައަށް ތައްޔާރުކުރައްވާފައެވެ. އިސްލާމްދީނުގެ މަތިވެރި އަޤީދާގެ ބަގީޗާތައް މަދީނާގައި ފަރިވެ ފޮޅެމުންދިޔައެވެ. ނަތީޖާއެއްގެގޮތުން ޤުރައިޝްވަންހައިގެ މުޝްރިކުންގެ ރުޅިވެރިކަން ދިޔައީ އިންތިހާއަށް އިތުރުވަމުންނެވެ. މުސްލިމުންނާއި ދެކޮޅަށް ރާވަމުންދިޔަ ތަފާތު ރޭވުންތަކުގެ ނަތީޖާއެއްގެގޮތުން ބަދުރުގެ މައިދާނުގައި ދެބައިމީހުންގެ މެދުގައި ވަރުގަދަ ހަނގުރާމައެއް ކުރެވުނެވެ. އެ ހަނގުރާމައިގައި މުޝރިކުންނަށް ރަނގަޅުފިލާވަޅުތަކެއް ލިބިގެންދިޔައެވެ. އަދި ހައްޤައް ނަޞްރުލިބި މުސްލިމުންނަށް ބޮޑުވެގެންވާ ކާމިޔާބީއެއް ލިބިގެންދިޔައެވެ. ނަމަވެސް ބަދުރުން ލިބުނު ބޮޑު ގެއްލުމަށްފަހުވެސް މުޝްރިކުން އެބައިމީހުންގެ ބާޠިލް ދަޢުވާގައި ކުރިއަށް ދިޔައެވެ. އަދި މުސްލިމުންނާއި ދެކޮޅަށް އިތުރު ރޭވުންތައް ރާވަމުން ދިޔައެވެ. އެންމެފަހުން ދެވަނަ ކުރިމަތިލުމަކަށް އުހުދުގެ މައިދާން ފައްކާވެގެންދިޔައެވެ. މި ހަނގުރާމައަށްޓަކައި މުސްލިމުންގެ ލަޝްކަރުތައް ރުކުރުވާލުމަށްފަހު މާތް ނަބިއްޔާ މުސްލިމުންގެ ދިދަ ހަވާލުކުރައްވާނޭ ބޭކަލަކަށް އެކަލޭގެފާނުގެ ސަޙާބީންގެ ތެރެއިން ބައްލަވަމުން ދިޔައެވެ. އަދި އެކަމަށްޓަކައި އެކަލޭގެފާނު އިޚްތިޔާރުކުރެއްވީ ދެވަނަ އެހެން ބޭކަލެއް ނޫނެވެ. ހިތްވަރުފުޅުގަދަ ވިސްނުންފުޅުތޫނު މުސްޢަބް އިބްނު އުމައިރެވެ. އެކަލޭގެފާނާއި މުސްލިމުންގެ ދިދަ ޙަވާލުކުރެއްވުމާއިއެކު ސާބިތުކަމާއެކު ކުރިއަށް ހިންގަވައި ވަޑައިގެންނެވިއެވެ.
* * * *
ބިރުވެރި ނުރައްކާތެރި ހަނގުރާމަ ފެށިއްޖެއެވެ. އިސާހިތަކު ދެފަރާތުގެ ހަމަލާތައް ވަރުގަދަވެ ކުރިފަޅަމުން ދިޔައެވެ. އަދި މުސްލިމުންގެ ތެރޭގައި ތިބި މުނާފިޤުން ހަނގުރާމައިގެ މައިދާން ދޫކޮށް ބަލިވެގެން ފިލަންދާތަން ފެނުމުން ފަރުބަދަ މަތީގައި ދުނި އުއްކަވަން ތިއްބެވި މުސްލިމުންގެ ފައުޖުތައް ރަސޫލުﷲ صلى الله عليه وسلم ގެ ބަސްފުޅަށް ކިޔަމަންވުމެއްނެތި މައިދާން ދޫކޮށް ފިލަން ދުއްވައިގަތެވެ. ނަތީޖާއެއްގެގޮތުން ފަރުބަދަ މައްޗަށް އެރުމަށް ދިޔަ އެތަކެއް މުސްލިމުންނެއް މުނާފިޤުންގެ ކަނޑިތަކުގެ ދަށުގައި ޝަހީދުވެގެންދިޔައެވެ. މި ފުރުޞަތުގެ ބޭނުންހިފާ މުޝްރިކު މުނާފިޤުން އަވަސްވެގަތީ މާތް ނަބިއްޔާ މުޙައްމަދު صلى الله عليه وسلم ޝަހީދުކޮށްލުމަށް އެކަލޭގެފާނާއި ދިމާކުރުމަށެވެ. ނަމަވެސް މުސްޢަބް އަށް މި މަންޒަރުފެނުމާއެކު "ﷲ އަކްބަރު" އެންމެބޮޑީ ﷲ އޭ ހަރުއަޑުފުޅުން ވިދާޅުވަމުން އެބައިމީހުންނާ ދިމާއަށް ސިންގާއެއްފަދައިން ހަމަލާދެއްވަން ފެއްޓެވިއެވެ. އެހިނދު ޚުދު އެކަލޭގެފާނު ވެވަޑައިގަތީ ބޮޑު ލަޝްކަރެއްކަމުގައެވެ. އެކަލޭގެފާނުގެ ބޭނުންފުޅަކަށް ވެވަޑައިގަތީ މުޝްރިކުންގެ ސަމާލުކަން ރަސޫލުﷲ صلى الله عليه وسلم ގެ ބަދަލުގައި އެކަލޭގެފާނުންގެ މައްޗަށް އަނބުރާލެއްވުމެވެ. އެއް އަތްޕުޅުން މުސްލިމުންގެ ދިދަ ހިއްޕަވައިގެން ހުންނަވާ އަނެއް އަތްޕުޅުން ކަނޑިހިއްޕަވައިގެން މުޝްރިކުންނާއި ގަދަފަދަކަމާއެކު ކުރިމަތިލައްވަމުން ގެންދެވިއެވެ. ނަމަވެސް މަޑުމަޑުން މުޝްރިކުންގެ ޢަދަދު ގިނަވަމުންދިޔައެވެ. އެބައިމީހުން ބޭނުންވީ މުސްޢަބްގެ ދުވަސްދުއްވާލުމަށްފަހު ރަސޫލުﷲ صلى الله عليه وسلم އާއި ކުރިމަތިލުމެވެ.
މި މަންޒަރު އެންމެ ފުރިހަމަގޮތުގައި ސިފަވެގެންދާނީ މިމަންޒަރު ހަމަލޮލުން ފެނުނު ސަޙާބީއެއް އެކަން ސިފަކުރައްވާފައިވާގޮތުންކަން ކަށަވަރެވެ. އެގޮތުން މުސްޢަބްގެފާނުގެ އެންމެ ފަހުގެ ހަރަކާތްތައް އިބްރާހީމް އިބްނު މުޙައްމަދު އިބްނު ޝަރްހަބީލް އަލް އަބްދަރީ އެކަލޭގެފާނުގެ ބައްޕާފުޅުގެ އަރިހުން ރިވާކުރައްވާފައިވާގޮތަށް އިބްނު ސަޢާދު ވިދާޅުވެދެއްވާފައިވެއެވެ.
"އުހުދުގެ ދުވަހު މުސްލިމުންގެ ދިދަ ހިއްޕަވައިގެން ހުންނެވީ މުސްޢަބް އިބްނު އުމައިރެވެ. މުސްލިމުންގެ ސަފުތައް ރޫޅި ބައިބައިވެގެންދިޔަ ހިނދުވެސް މުސްޢަބް އެކަލޭގެފާނުގެ މަސްޢޫލިއްޔަތު އަދާކުރެއްވުމުގައި ސާބިތުވެ ހުންނަވާ މުޝްރިކުންނާއި ކުރިމަތިލައްވަމުންދިޔައެވެ. މުޝްރިކުންގެ ތެރެއިން އިބްނު ޤުމާޙް އާއި ބައްދަލުވެއްޖައުމަށް ދާންދެނެވެ. އޭނާއަކީ ކަނޑި ހަނގުރާމައިގެ ވަރުގަދަ ފަހުލަވާނެކެވެ. އޭނާ އޭނާގެ ކަނޑިން މުސްޢަބްގެ ކަނާތްޕޫލުގައި ޖައްސަވާ ހަށިކޮޅާއި ވަކިކޮށްލެއްވިއެވެ. އެހިނދު މުސްޢަބް ވިދާޅުވިއެވެ. "ރަސޫލަކު ކަމުގައި މެނުވީ މުޙައްމަދުގެފާނު ވެވަޑައިގެންނުވެއެވެ. ހަމަކަށަވަރުން އެކަލޭގެފާނުންގެ ކުރިންވެސް ރަސޫލުން އިސްވެގޮސްފައިވެއެވެ." (3:144) ދެން އެކަލޭގެފާނުގެ ވާތްޕުޅުން ދިދައިގައި ހިއްޕަވައި އޭގެ ބާރުގައި ކޮޅަށް ހުންނެވިއެވެ. ނަމަވެސް ޤުމާޙް އޭނާގެ ކަނޑިން މުސްޢަބްގެ ވާތްޕުޅުގައި ޖަހާ ހަށިކޮޅާއި ވަކިކޮށްލެއްވިއެވެ. ދެން އެކަލޭގެފާނުގެ އަތޮޕުޅުގެ ވަކިކޮށްނުލެވިވާ ބައިން މޭފުޅާއިލާ ފިއްތަވައިލައްވައިގެން ދިދަ ކޮޅަށް ބެހެއްޓެވިއެވެ. އަދި ވިދާޅުވިއެވެ. "ރަސޫލަކު ކަމުގައި މެނުވީ މުޙައްމަދުގެފާނު ވެވަޑައިގެންނުވެއެވެ. ހަމަކަށަވަރުން އެކަލޭގެފާނުންގެ ކުރިންވެސް ރަސޫލުން އިސްވެގޮސްފައިވެއެވެ." ނަމަވެސް ޤުމާހް އޭނާގެ ހަންޖަރުން ޖަހާ މުސްޢަބްގެ ހަށިކޮޅު ފޫދުއްވާލިއެވެ. އެހިނދު މުސްޢަބް ވެއްޓިވަޑައިގަތެވެ. އަދި އެކަލޭގެފާނަށްފަހު މުސްލިމުންގެ ދިދަވެސް ވެއްޓިގެން ދިޔައެވެ.
* * * *
އެކަލޭގެފާނަކީ ޝަހީދުންގެ ތެރެއިންވެސް މަތިވެރި ޝަހީދެކެވެ. އެކަލޭގެފާނު ޝަހީދުވެވަޑައިގެން ވެއްޓިވަޑައިގަތީ މާތްﷲ އާއި އެކަލާނގެ ރަސޫލާގެ މަގުގައި ހައްޤުގޮތުގައި ފުރިހަމަ ޖިހާދެއް ކުރައްވާފައެވެ. އެކަލޭގެފާނު ޝަހީދުވެވަޑައިގެން ވެއްޓިވަޑައިގެންނެވިއިރު އެކަލޭގެފާނު ހީފުޅުކުރެއްވީ އެކަލޭގެފާނުގެ ނިމުން ވެގެންދާނީ މުޝަރިކުންގެ އަތްދަށުވެ ރަސޫލުﷲ صلى الله عليه وسلم ޝަހީދުވެވަޑައިގަތުންކަމުގައެވެ. ނަމަވެސް އެކަލޭގެފާނުގެ އަމިއްލަފުޅު ނަފްސު ނުރައްކަލުގެ ތެރެއަށް އެއްލަވާލެއްވީ މާތް ނަބިއްޔާގެ ދިފާޢުގައެވެ. ނަމަވެސް ރަސޫލުﷲ صلى الله عليه وسلم ދެކެ އެކަލޭގެފާނު ވެވަޑައިގަންނަވާ ލޯތްބާއި، އެކަލޭގާފާނަށްޓަކައި ގަންނަވާ ބިރުފުޅެއްގެސަބަބުން މުސްޢަބް އެކަލޭގެފާނުގެ ހަށިކޮޅަށް އަރަމުންދިޔަ ކޮންމެ ހަމަލާއަކާއި އެކު ވިދާޅުވަމުން ގެންދެވީ "ރަސޫލަކު ކަމުގައި މެނުވީ މުޙައްމަދުގެފާނު ވެވަޑައިގެންނުވެއެވެ. ހަމަކަށަވަރުން އެކަލޭގެފާނުންގެ ކުރިންވެސް ރަސޫލުން އިސްވެގޮސްފައިވެއެވެ." (3:144) މާތް ﷲ ކީރިތި ޤުރުއާނުގައި މި އާޔަތް ބާއްވާލެއްވުނީ މި ހާދިސާގެ ފަހުންނެވެ.
* * * *
މި ބިރުވެރި ހަނގުރާމައަށްފަހު މީސްތަކުންނަށް މުސްޢަބު ފެނިވަޑައިގެންނެވީ އެކަލޭގެފާނުގެ މޫނުފުޅު ފަސްގަނޑުގައި ޖައްސަވައިގެން ބަންޑުން ވެއްޓިވަޑައިގެން އޮންނަވަނިކޮށެވެ. އެހެނީ އެކަލޭގެފާނު އަވަހާރަވެގެން ވެއްޓިވަޑައިގަތުމަށްފަހު މުޝްރިކުން ރަސޫލާއަށް ގެއްލުމެއް ދޭތަން އެކަލޭގެފާނު ދެކެވަޑައިގަންނަވަން ބޭނުންފުޅު ނުވަނީއެވެ. އެހެންކަމުން އެކަލޭގެފާނުގެ މޫނުފުޅު ފަސްގަނޑުގައި ފޮރުއްވެވީއެވެ. ނުވަތަ ރަސޫލުﷲ صلى الله عليه وسلم ގެ ދިފާއުގައި ނުހުންނެވި ޝަހީދުޖެހިވަޑައިގެން ވެއްޓިވަޑައިގަންނަވަންޖެހުމުން އެކަމުގެ ލަދުވެތިކަމުގައި މޫނު ފޮރުއްވެވީއެވެ.
އޭ މުސްޢަބެވެ. ﷲ ކަލޭގެފާނާއިއެކު ވޮޑިގެންވެއެވެ. ތިޔައީ ކޮންފަދަ މަތިވެރި ސިޔަރަތެއްގެ ވެރިއެއްތޯއެވެ!
ރަސޫލުﷲ صلى الله عليه وسلم އާއި ސަހާބީން ހަނގުރައިމައިގެ މައިދާނުގެ ހާލަތު ބައްލަވަމުން ޝަހީދުވެވަޑައިގެންނެވި ބޭކަލުންނަށް ސަލާމްދަންނަވަމުން ވަޑައިގެންނެވިއެވެ. އެހިނދު މުސްޢަބްގެ ހަށިކޮޅުގެ ގާތަށް ވަޑައިގެންނެވުނުހިނދު އިތުރު އެކަލޭގެފާނުގެ ލޯފުޅުން ހިފެހެއްޓުމެއްނެތި ކަރުނަފުޅު އޮހޮރިގެން ދިޔައެވެ.
ޚައްބާބު އިބްނު އަލް-އައުރާތް ރިވާކުރެއްވިއެވެ: ތިމަންމެން ﷲ އަށްޓަކައި ރަސޫލުﷲ صلى الله عليه وسلم ގެ އަރިހުގައި މަދީނާއަށް ހިޖުރަކުރީމެވެ. އެއީ ﷲ ގެ ދަރުމަ ވަންތަވެރިކަމުން ޙާޞިލުކުރެވުނު މިންވަރައް ޙާޞިލްކުރުމަށްޓަކައެވެ. އަހަރެމެންގެ ތެރެއިން ބައެއް ބޭކަލުން މިދުނިޔެއާއި ވަކިވެވަޑައިގަތީ ދުނިޔެއިން އެބައިމީހުންނަށް އެއްވެސް މިންވަރެއް ހާޞިލްނުކުރެއްވޭ ޙާލުގައެވެ. އޭގެތެރެއިން އެއް ބޭކަލަކު ކަމުގައި މުސްޢަބް އިބްނު ޢުމައިރު ހިމެނިވަޑައިގަންނަވައެވެ. އެކަލޭގެފާނު ޝަހީދުވެވަޑައިގެންނެވީ އުހުދު ހަނގުރާމައިގައެވެ. އެކަލޭގެފާނު ދުނިޔޭގެ މުދަލުގެ ތެރެއިން ބާވެ ވީދިފައިވާ ފޭރާމެއްނޫނީ ދޫކުރައްވާފައިނުވެއެވެ. އެއިން ތިމަންމެން އެކަލޭގެފާނުގެ ބޯ ނިވާކުރައްވައިފިނަމަ އެކަލޭގެފާނުގެ ފައިންޕުޅު ހާމަވެއެވެ. އަދި އެއިން ފައިންޕުޅު ނިވާކުރައްވައިފިނަމަ މޫނުފުޅު ހާމަވެއެވެ. ދެން ރަސޫލުﷲ صلى الله عليه وسلم ތިމަންމެންނަށް ހަދީޘްކުރެއްވިއެވެ. "ތިއިން އެކަލޭގެފާނުގެ މޫނުފުޅު ނިވާކުރައްވާށެވެ. އަދި ފައިންޕުޅަ ވިނައަޅުއްވާ ފޮރުވާލައްވާށެވެ."
މާތް ނަބިއްޔާ މުޙައްމަދު صلى الله عليه وسلم އަށް އެކަލޭގެފާނުގެ ބޮޑުބޭބޭފުޅުގެ ދަރިކަލުން ހަމްޒާގެފާނު ޝަހީދުވެވަޑައިގަތުމާއި އަދި ހަމަ އެހެންމެ މުޝްރިކުން އެކަލޭގެފާނުގެ ހަށިކޮޅާއިމެދު ކަންތައްތައް ކުރެއްވި އިހާނެތިގޮތުގެ ސަބަބުން ލިބިވަޑައިގެންނެވި ފުން ހިތާމައާއި އަދި އެތަކެއް ޞާލިޙް ސަޙާބީންނެއް ހަނގުރައިމައިގައި ޝަހީދުވެވަޑައިގަތުމުން ކުރިމަތިފުޅުވެވަޑައިގެންނެވި ހިތާމަފުޅާއިއެކުވެސް، އެކަލޭގެފާނުގެ ފަރާތުން ފޮނުއްވުނު ފުރަތަމަ ރަސޫލު ކަމުގައިވާ މުސްޢަބްގެ ހަށިކޮޅުގެ ކައިރިއަށް ވަޑައިގެންނެވުމުން އެކަލޭގެފާނުގެ ހިތާމަފުޅު އެތައް ގުނައެއް އިތުރުވެގެން ދިޔައެވެ. އަދި ލޯފުޅުން ފައިބައިގެންދިޔަ ކަރުނައިން މުޅި ކޯތާފަތްޕުޅު ތެމިގެން ދިޔައެވެ. އަދި އަންނަނިވި އާޔަތް ކިޔަވާ ވިދާޅުވިއެވެ. "ﷲ އަށް އެއުރެން އަހުދުވީ ކަންތަކަށް ތެދުވެރިވީ ފިރިހެނުންތަކެއް މުޢުމިނުންގެ ތެރެއިންވެއެވެ." (33:23) އެއަށްފަހު އެކަލޭގެފާނު މުސްޢަބްގެ ހަށިކޮޅު ފޮރުވާފައިވާ ފޭރާންކޮޅަށް ބައްލަވައި ހަދީޘްފުޅުކުރެއްވިއެވެ. "ތިމަން ކަލޭގެފާނަށް މައްކާއިން ކަލޭގެފާނު ފެނިވަޑައިގެންނެވިއިރު ކަލޭގެފާނުފަދަ ޤަދަރުވެރި މަތިވެރި، އަދި ވަކިން ތަނަވަސް އެހެން ބޭކަލަކު ދެކެވަޑައެއް ނުގަންނަވަމެވެ. އެކަމަކު މިއަދު ކަލޭގެފާނުތިޔަ އޮންނެވީ އަމިއްލަފުޅު ހަށިކޮޅު ނިވާކޮށްލާނޭ ފަދައެއްވެސްނެތި ﷲ ގެ މަގުގައި ޝަހީދުވެވަޑައިގެންނެވެ." ދެން އެއަށް ފަހު މައިދާނުގައިވާ ހުރިހާ ޝަހީދުންނާއި މުޚާތަބުކުރައްވާ ހަދީޘްފުޅުކުރެއްވިއެވެ. "މަހުޝަރުކުރެވޭ ދުވަހު ތިޔަބައިމީހުންނީ ﷲ ގެ މަގުގައި ޝަހީދުވެވަޑައިގެންނެވި ބައެއްކަމުގައި އެކަލާނގެ ރަސޫލާ ހެކިވެވޮޑިގަންނަވައެވެ." އަދި އެކަލޭގެފާނުގެ ސަހާބީން އެއްކުރައްވާ ހަދީޘްފުޅު ކުރެއްވިއެވެ. "އޭ މީސްތަކުންނޭވެ، އެބައިމީހުންނަށް ޒިޔާރަތްކޮށް ސަލާމް ދަންނަވާށެވެ. ހަމަކަށަވަރުން އެބައިމީހުން އެސަލާމަށް ޖަވާބުނުދެއްވާޙާލު އެއްވެސް މުސްލިމަކު އެބޭކަލުންނަށް ސަލާމްނުދަންނަވައެވެ."
މާތް ﷲ މުސްޢަބް އިބްނު އުމައިރަށާއި ﷲ ގެ މަގުގައި ޖިހާދުކޮށް ޝަހީދުވެވަޑައިގެންނެވި އެންމެހާ ބޭކަލުންނަށް ސަލާމް ލައްވާށިއެވެ. އަދި މުސްޢަބް އިބްނު ޢުމައިރުގެ ސިޔަރަތުން އަޅަމެންގެ ހިތްތަކުގައި އިބަ އިލާހާއި އިބަ އިލާހުގެ ރަސޫލާގެ މައްޗަށްވާ ލޯބި އިތުރުކުރައްވާށިއެވެ. – އާމީން-

Read more...