18 January 2011

މުސްއަބް އިބްނު ޢުމައިރު: ކޮންފަދަ މަތިވެރި ސިޔަރަތެއްތޯއެވެ

އަލްއަޚް ޢަބްދުﷲ ޝާކިރު މުޙައްމަދު
ކައުއިތުރު ނަބިއްޔާ މުޙައްމަދު صلى الله عليه وسلم ގެ ސަހާބީންގެ ތެރެއިން މުސްޢަބް އިބްނު ޢުމައިރަކީ ޤުރައިޝްވަންހައިގެ ބަގީޗާގައި ފޮޅިފައިވާ ފުރިހަމަ މަލެކެވެ. ރީތިކަމާއި ޒުވާންކަމުން ފުރިގެންވި ބޭކަލެކެވެ. ތާރީޚް ލިޔުއްވާ ބޭކަލުން އެކަލޭގެފާނު ސިފަކުރައްވާފައިވަނީ މައްކާގެ ފިރިހެން ސާހިބުންގެތެރެއިން ޒުވާންކަމާއި ބުރުސޫރައާއި ތަނަވަސްކަމުގެގޮތުން އެންމެމަތީދަރަޖައިގެ ބޭކަލެއްގެގޮތުގައެވެ.
އެކަލޭގެފާނު ތަރުބިއްޔަތު ކުރެވި ބޮޑުފުޅުވަމުންދިޔައީ ތަނަވަސްކަމުގެ ތެރޭގައެވެ. މުދަލާއި ފައިސާވެރިކަމުގެ އަރާމާ ލައްޒަތު އެކަލޭގެފާނުގެ އެންމެ ތުއްޕުޅުއިރުންސުރެ ޙާޞިލްވަމުންދިޔައެވެ. އެގޮތުން މުސްޢަބް އިބްނު ޢުމައިރު ފަދައިން މައިންބަފައިންގެ ލޯތްބާއި، އަޅާލުމާއި، އެހީތެރިކަން ލިބިގެން ބޮޑުވަމުންދިޔަ އެހެން ކުއްޖަކު މައްކާގައި އެދުވަސްވަރުނުވެއެވެ. މައްކާގެ ރީތި މާތް ޒުވާން އަންހެން ބޭކަނބަލުންގެ އެދުމެއްކަމުގައި އެކަލޭގެފާނު ވެފައިވެއެވެ. ހަފްލާތަކާއި އެއްވުންތަކުގައި މީސްތަކުންގެ ލޯތައް އަމާޒުވަމުންދިޔަ ބޭކަލަކުކަމުގައި އެކަލޭގެފާނު ވެގެންގޮސްފައިވެއެވެ. ދުނިޔޭގެ މިފަދަ މަތިވެރިކަމާއި ޖާހް ލިބިފައިވާ މިފަދަ ޒުވާނަކު އިސްލާމްދީނުގެ އަޤީދާގެ އަހުލުވެރިންގެ ތެރެއިން މަތިވެރި ނަމޫނާއަކަށް ވެގެންހިނގައިދާނެބާވައެވެ؟ ﷲ ގެ މަތިވެރިކަމާއެވެ. މުސްއަބް އިބްނު ޢުމައިރުގެ ސިޔަރަތަކީ ކޮންފަދަ މަތިވެރި ސިޔަރަތެއްތޯއެވެ؟ އެކަލޭގެފާނު ވެވަޑައިގެންފައިވަނީ އިސްލާމީ ތާރީޚްގައި އުފެދުނު މަތިވެރި މިސާލުތަކުގެތެރެއިންނެވެ. އިސްލާމްދީނުގެ ޚިދާޔަތުގައި އެދީނުގެ ރިވެތި އަޚްލާގުގެ މަތީގައި މާތް ނަބިއްޔާގެ ތަރުބިއްޔަތުގެ ދަށުން ކުރިއަށްވަޑައިގެންނެވި މާތް ސަޙާބީއެއްކަމުގައެވެ.

މުސްޢަބް އިބްނު އުމައިރުގެ ޒުވާންދުވަސްވަރުގައި އެއްދުވަހަކު އެކަލޭގެފާނަށް މައްކާގައި ފެތުރެމުންދިޔަ މުޙައްމަދު އަލް އަމީނުގެ ޚަބަރުތައް އިވިވަޑައިގެންނެވިއެވެ. މުޙައްމަދު ގެފާނަކީ ހެޔޮކަމާއި އިންޒާރުގެ ޚަބަރުތަކާއިގެން މާތް ﷲ ގެ އެއްކައުވަންތަކަމަށް ގޮވާލެއްވުމަށް ވަޑައިގެންނެވި އެއިލާހުގެ ރަސޫލާކަމުގެ ޚަބަރުތަކެވެ. މައްކާ މެންދަމުގެ ނިދިން ހޭލިހިނދު ފެތުރެމުންދިޔަ މާތް ނަބިއްޔާ މުޙައްމަދު صلى الله عليه وسلم ގެ ޚަބަރުތައް އެންމެ ފަރުވާތެރިކަމާއެކު އައްސަވަމުންދިޔަ އެއްބޭކަލަކުކަމުގައި އެކަލޭގެފާނު ވެވަޑައިގެންނެވިއެވެ. އެހެނީ އެކަލޭގެފާނުގެ ޒުވާންކަމާއި، މުޖުތަމަޢުގައި އެކަލޭގެފާނަށް ދީފައިވާ މަގާމާއި މުއްސަނދިކަމުގެ ތެރެއިންވެސް، ހައްޤުގޮތް ދެނެގަތުމާއި، ހަޤީގަތައް ވިސްނުން ބެހެއްޓުމުގެ މަތިވެރި ސިފަފުޅު އެކަލޭގެފާނަށް ލިބިވަޑައިގެންފައިވެއެވެ.
އެކަލޭގެފާނަށް މުޙައްމަދު صلى الله عليه وسلم އާއި އެކަލޭގެފާނުގެ ބަސްފުޅު ތެދުކުޅަމީހުން ޤުރައިޝުންގެ ބޮޑުންނާއި ވަކިން ދުރުހިސާބެއްގައިވާ އަލް-އަރްޤަމް އިބްނު އަލް-އަރްޤަމްގެ ގެކޮޅު (ދާރުލް އަރްޤަމް) ގައި ބައްދަލުކުރައްވާ ޚަބަރުލިބިވަޑައިގެންނެވުމުން މުސްޢަބް އިބްނު ޢުމައިރު އެންމެ ހިނދުކޮޅެއްވެސް ލަސްނުކުރައްވާ އެދިމާއަށް އަވަސްވެވަޑައިގެންނެވިއެވެ. އެގޮތުން އެއްރެއަކު އެކަލޭގެފާނު ދާރުލް އަރްޤަމްއަށް ވަޑައިގެން ޝައުޤުވެރިކަމާއި، ފަރުވާތެރިކަމާއެކު މާތް ނަބިއްޔާ އެކަލޭގެފާނުގެ އަރިހުގައި ތިއްބެވި ބޭފުޅުންނަށް ދެއްވަމުންދިޔަ އިރުޝާދުތައް އަޑުއަހަމުންދިޔައެވެ. އަދި އެކަލޭގެފާނު ކީރިތި ޤުރުއާން ކިޔަވާވިދާޅުވެ އެބޭކަލުންނާއިއެކު ނަމާދުކުރެއްވާ އަޑު އައްސަވާ އެމަންޒަރު ބައްލަވަމުން ގެންދެވިއެވެ. ނަތީޖާއެއްގެގޮތުން ހަމަ އެހިނދު ހަމައެރޭގަނޑުގައި އެކަލޭގެފާނުގެ ހިތްޕުޅު އިސްލާމްދީނުގެ މަތިވެރި އަޤީދާގައި ސާބިތުކުރެއްވުމުގެ އަޒުމް ކަނޑައެޅުއްވިއެވެ. އަދި އެކަން އިޢުލާންކުރެއްވެވިއެވެ. އެހިނދު އެކަލޭގެފާނުގެ ހިތްޕުޅަށްވެރިވެގެންދިޔަ އަސަރުތަކުގެ ޖޯޝުގައި އެކަލޭގެފާނު އިންނެވިތަނުން ތެދުވެވަޑައިގެންނެވުނެވެ. ނަމަވެސް މާތް ރަސޫލާ މުޙައްމަދު صلى الله عليه وسلم އެކަލޭގެފާނުގެ ބަރަކާތްތެރި ކަނާއަތްޕުޅުން މުސްޢަބް އިބްނު ޢުމައިރުގެ ބޮލުގައި ފިރުމާލައްވާ މަސަލަސްކުރެއްވެވިއެވެ. އެހިނދު މުސްޢަބްގެ ހިތްޕުޅުގައި މަޑުމައިތިރިކަމާއި އަމާންކަން ފެތުރިގެންދިޔައެވެ. ހަމަދެންމެ އިސްލާމްދީނުގެ ހިދާޔަތް ލިބިވަޑައިގެންނެވި ޒުވާން ސާހިބާ އެސްފިޔަޖަހާލާހާއަވަހަށް އެކަލޭގެފާނުގެ ޢުމުރުގެ ބޭކަލުންނަށްވުރެ ހިކްމަތްތެރި އަދި އިސްލާމީ ހަޟާރަތް މަތިވެރިކުރެއްވުމުގައި ސާބިތުވެވަޑައިގަންނަވާނޭ ބޭކަލަކުކަމުގައިވެވަޑައިގެންނެވިއެވެ.
* * * *
މުސްޢަބްގެފާނުގެ މަންމާފުޅަކީ ޚުނާސް ބިންތި މާލިކްއެވެ. އާރިދްގެ މީހުން އެކަމަނާދެކެ ބިރުގަނެ ޖެހިލުންވެއެވެ. އެހެނީ އެކަމަނާއަކީ ޝަޙްޞިއްޔަތު ވަރުގަދަ ބޭކަނބަލެކެވެ. މުސްޢަބްގެފާނު އިސްލާމްވެވަޑައިގެންނެވުމަށްފަހު އެކަލޭގެފާނު ޖެހިލުންވެވަޑައިގަންނަވާ ބިރުފުޅުގަންނަވާ އެއްވެސް މީހަކު މިބިންމަތީގައި ނުވެއެވެ. ނަމަވެސް އެކަލޭގެފާނުގެ މަންމާފުޅު ފިޔަވައެވެ. މުޅި މައްކާގެ އެންމެހާ ބޮޑުންނާއި، ބިރުވެރި ސަހަރާތައް އެކަލޭގެފާނާއި ކުރިމަތިލީކަމުގައިވިއަސް އެކަމާއި އެކަލޭގެފާނު ޖެހިލުމެއްނެތި ސާބިތުކަމާއެކު ކުރިމަތިލައްވާނެއެވެ. ނަމަވެސް އެކަލޭގެފާނުގެ މަންމަ އާއި ކުރިމަތިލުމަކީ އެކަލޭގެފާނު ވަރަށް ޖެހިލުންވެވަޑައިގަންނަވާކަމަކަށްވުމާއެކު މާތް ﷲ އެހެންގޮތެއް އިރާދަކުރައްވަންދެއް އެކަލޭގެފާނުގެ އިސްލާމްކަން މަންމައަށް ވަންހަނާކުރުމަށް ނިންމެވިއެވެ. ނަމަވެސް އެކަލޭގެފާނު ގިނަގިނައިން ދާރުލް އަރްޤަމްއަށް ވަޑައިގެން މާތް ރަސޫލާ މުޙައްމަދު صلى الله عليه وسلم ގެ ފަރާތްޕުޅުން ދަރުސްތައް ޚާޞިލްކުރައްވަމުން ގެންދެވިއެވެ. އެގޮތުން އެކަލޭގެފާނުގެ އީމާންތެރިކަން އެއްދުވަހުން އަނެއްދުވަހަށް އިސްލާމްދީނުގެ މަތީގައި ސާބިތުކަމާއެކު ހަރުދަނާކުރަމުންގެންދެވިއެވެ. މިކަމުގެ އެއްވެސް ހިލަމެއް އެކަލޭގެފަނުގެ މަންމާފުޅަށް އެނގުމެއްނެތިއެވެ.
ކަންމިހެން އޮތްނަމަވެސް އެދުވަސްވަރު މައްކާގެ ޙާލަތު އޮތްގޮތުން މިފަދަކަންކަން ސިއްރުކޮށްގެން އުޅުމަކީ ވާނޭކަމެއްނޫނެވެ. ޤުރައިޝުންގެ ލޯތަކާއި ކަންފަތްތައް މީހެއްގެ ކުޑަވެސް ހިލަމެއްވާނަމަ އެތަނެއްގައި ފާރަވެރިވަމުންދިޔައެވެ. މައްކާގެ ހޫނު ފަސްގަނޑުގައި އެޅެމުންދިޔަ ކޮންމެ ފައިތިލައެއްގެ ނިޝާން އެބައިމީހުން ބަލަމުންދިޔައީ ފަރުވާތެރިކަމާއެކުގައެވެ. އެގޮތުން އުޘްމާން އިބްނު ލަލްހާއަށް މުސްޢަބު ދާރުލް އަރްޤަމްއަށް ވަދެވަޑައިގަންނަވަނިކޮށް ފެނިވަޑައިގަތެވެ. އަދި ދެވަނަ ދުވަހަކުވެސް އެކަލޭގެފާނު ދާރުލް އަރްޤަމްއަށް ވަދެވަޑައިގެން މުހައްމަދު صلى الله عليه وسلم ނަމާދުކުރައްވާފަދައިން ނަމާދުކުރައްވަނިކޮށް ފެނުމާއިއެކު ދުވެފައިގޮސް އެކަމުގެ ޚަބަރު މުސްޢަބުގެ މަންމައަށްދިނެވެ. މުސްޢަބްގެ މަންމައަށް އެ ޚަބަރު ލިބުމުން ޚައިރާންވެ ކަންބޮޑުވެފައިހުއްޓެވެ.
އެންމެފަހުން މުސްޢަބް އޭނާގެ މަންމަގެ ކުރިމައްޗަށް ހާޟިރުކުރެވުނެވެ. އަދި އެ މައިދާނުގައި މައްކާގެ ބޮޑުންވެސް އެކަލޭގެފާނު ވަށާލައިގެންތިއްބެވެ. ނަމަވެސް މުސްޢަބް ސާބިތުކަމާއިއެކު އިންކާރުކުރެވެންނެތް ހަޤީޤަތުގެ ވާހަކަ އެބައިމީހުންނަށް ކިޔައިދެމުންދިޔައެވެ. އަދި އެކަލޭގެފާނާއި ރަސޫލުﷲ صلى الله عليه وسلم އަށް އީމާންވެވަޑައިގެންނެވި އެންމެހާ ބޭކަލުންގެ ހިތްތަކަށް އަމާންކަމާއި، އިންސާފާއި، ހިކުމަތްތެރިކަމާއި، ސާބިތުކަމާއި ތަޤުވާވެރިކަން ލިބިގެންދިޔަ ކީރިތި ޤުރުއާނުގެ އާޔަތްތައް ވިދާޅުވަމުންގެންދެވިއެވެ.
އެހިނދު އެކަލޭގެފާނުގެ މަންމާފުޅު އެކަލޭގެފާނުގެ ގައިކޮޅުގައި ޖެއްސެވުމަށް އަތް އުފުއްލަވާލެއްވިއެވެ. ނަމަވެސް ޒުވާން މުސްޢަބުގެ މޫނުމަތިން ފެންނަމުންދިޔަ އުޖާލާކަމާއި ސާބިތުކަމާއި މަޢުސޫމްކަމުގެ ނަތީޖާއެއްގެގޮތުން އޭނާގެ އަތް މަޑުމަޑުން ތިރިކޮށްލިއެވެ. އެކަލޭގެފާނުގެ މަންމާފުޅުގެ މައިވަންތަކަމުގެ ޖަޒުބާތުގައި އެކަލޭގެފާނަށް އަނިޔާނުކުރައްވާ ދޫކޮށްލިނަމަވެސް އެކަލޭގެފާނު އެކަލޭގެފާނުގެ ޤައުމުގެ މީހުންގެ ކަލާނގެތަކަށް ކާފަރުވީކަމަށްޓަކައި އެކަލޭގެފާނު ގޭގެ ކޮޓަރިއެއްގައި ހައްޔަރުކުރެވުނެވެ. މުސްޢަބް މިގޮތުގައި ކަސްތޮޅުގައި އިންނަވަނިކޮށް މުޙައްމަދު صلى الله عليه وسلم އަށް އީމާންވެވަޑައިގެން ބައެއް ބޭކަލުން ހަބުޝްކަރައަށް ހިޖުރަކުރެއްވި ޚަބަރު ލިބިވަޑައިގަތުމުން އެކަލޭގެފާނަށް ފާރަލުމަށްތިބި މީހުންނާއި އެކަލޭގެފާނުގެ މަންމައަށް ފިލައިގެން ހަބުޝްކަރައަށް ހިޖުރަކުރެއްވިއެވެ.
އެގޮތުން އެކަލޭގެފަނާއެކު ހަބުޝްކަރައަށް ހިޖުރަކުރެއްވި ބޭކަލުންނާއެކު ހަބުޝްކަރައިގައި ހުންނެވުމަށްފަހު އަނެއްކާވެސް މައްކާއަށް ވަޑައިގެންނެވިއެވެ. އަދި ދެވަނަފަހަރު ރަސޫލުﷲ صلى الله عليه وسلم ގެ އަމުރުފުޅަށް ހަބުޝްކަރައަށް ހިޖުރަކުރެއްވި ބޭކަލުންނާއެކު އަނެއްކާވެސް ހިޖުރަކުރައްވާ ހަބުޝްކަރައަށް ވަޑައިގެންނެވިއެވެ. އެކަލޭގެފާނު ހަބުޝްކަރައިގައި ހުންނެވިނަމަވެސް އެކަލޭގެފާނުގެ އަޒުމްފުޅާއި ތަޤުވާވެރިކަންދިޔައީ އެއްދުވަހުން އަނެއްދުވަހަށް ވަރުގަދަވެ ހަރުދަނާވަމުންނެވެ. އެހެންކަމުން އެކަލޭގެފާނު ހައްދަވާ ގެންގުޅުއްވާ މަތިވެރި އިލާހުގެ ހައްޤުގައި ސާބިތުކަމާއެކު ތެދުވެވަޑައިގެންނެވުމަށް އެކަލޭގެފާނުގެ ނަފްސު ތައްޔާރުވެއްޖެކަމުގެ އިޙްސާސް އެކަލޭގެފާނަށް ކުރެއްވެވުމާއެކު އެމަގުގައި ނުކުމުވަޑައިގެންނެވިއެވެ. އެއްދުވަހަކު އެކަލޭގެފާނު ނުކުމެވަޑައިގެން ރަސޫލުﷲ صلى الله عليه وسلم އާއި ބައެއް މުސްލިމުން އިށީންދެވަޑައިގެން ތިއްބެވި މަޖިލީހަކަށް ވަޑައިގެންނެވިއެވެ. އެކަލޭގެފާނު ހަމަ ފެނިވަޑައިގެންނެވުމާއެކު އެ މަޖިލީހުގައި ތިއްބެވި ބޭކަލުން އިސްދަށަށްޖައްސަވައިގެން ތިއްބެވިއެވެ. އަދި އެހިނދު އެބޭކަލުންގެ ލޮލުން ކަރުނަފޮދު ފޭދެމުންދިޔައެވެ. އެހެނީ ޒުވާން މުސްޢަބް ބާވެ ވީދިފައިވާ ހެދުމެއްގައި ހުންނެވިތަން މީގެކުރިން އެބައިމީހުން ދެކެފައެއްނުވެއެވެ. އެބައިމީހުންގެ ލޯތައް ފަރިތަވެފައިވަނީ މުސްޢަބް އިސްލާމްވެވަޑައިގަތުމުގެ ކުރިން ތުރުކުރައްވަމުންދިޔަ ޖަރީކުރެވިފައިވާ ޗާލު ހެދުންތަކަށެވެ.
ނަމަވެސް ކައުއިތުރު މާތް ނަބިއްޔާ މުހައްމަދު صلى الله عليه وسلم އަށް އެކަލޭގެފާނު ފެނިވަޑައިގަތީ ހިކުމަތްތެރިކަމާއި ސާދާ ހިނިތުން މޫނެއްގެ ވެރިއެއްގެގޮތުގައެވެ. އެހިނދު އެކަލޭގެފާނު ވިދާޅުވިއެވެ. "ތިމަންކަލޭގޭފާނު މުސްޢަބް ފުރަތަމަ ދެކެވަޑައިގެންނެވިދުވަހު އެކުއްޖެއްގެ މައިންބަފައިންގެ ފަރާތުން ލޯތްބާއި އަޅާލުން އެފަދަ ދަރަޖައަކަށް ލިބެމުންދިޔަ ދެވަނަ ކުއްޖަކު މައްކާގައި ނުވެއެވެ. ނަމަވެސް އެ ހުރިހާ ކަމެއް ދޫކޮށްލައްވާ އެކަލޭގެފާނު އެ ވަޑައިގަތީ މާތް ﷲ އާއި އެކަލާނގެ ރަސޫލާގެ ލޯބި ހާޞިލްކުރެއްވުމަށެވެ"
އެކަލޭގެފާނަށް އާއިލާގެ ފަރާތުން ލިބެމުންއައި ހުރިހާ ދުނިޔަވީ އުފާތަކެއް އެކަލޭގެފާނު އިސްލާމްވެވަޑައިގެންނެވުމުން އެކަލޭގެފާނު މަންމަވަނީ އެކަލޭގެފާނާއި ދުރުކުރައްވާފައެވެ. އަދި އެކަލޭގެފާނުގެ މަންމާފުޅުގެ ދީނަށް އެކަލޭގެފާނު އެނބުރިވަޑައި ނުގެންނެވުމުން އެކަމަނާވަނީ އެކަމަނާގެ އެއްވެސް ކާއެއްޗެއް މުހައްމަދު صلى الله عليه وسلم ގެ ދީން ޤަބޫލުކުރިއެއްވެސް މީހަކަށް ނުދޭން ނިންމާފައެވެ. އެއީ ޚުދު އެކަމަނާގެ ދަރިކަލުންކަމުގައިވީމަނަވެސްމެއެވެ. އެކަލޭގެފާނަށް އެކަލޭގެފާނުގެ މަންމާފުޅާ އެންމެފަހުން ބައްދަލުވެފައިވަނީ އެކަލޭގެފާނު ހަބުޝްކަރައަށް ހިޖުރަކުރެއްވުމަށްފަހު އެނބުރި މައްކާއަށް ވަޑައިގެންނެވި ފަހަރު އެކަލޭގެފާނުގެ މަންމާފުޅު އެކަލޭގެފާނު ދެވަނަފަހަރަށް ހައްޔަރުކުރެއްވުމަށް އުޅުއްވިއިރުގައެވެ. އެފަހަރު އެކަލޭގެފާނުވަނީ އެކަލޭގެފާނުގެ މަންމާފުޅުގެ އަމުރަށް އެކަލޭގެފާނު ހައްޔަރުކުރުމަށް އައި ކޮންމެ މީހަކު ޤަޠުލުކުރާނެކަމުގެ އިންޒާރުދެއްވާފައެވެ. އެކަލޭގެފާނުގެ މަންމާފުޅަށް އެކަލޭގެފާނުގެ އަޒުމްފުޅުގެ ވަރުގަދަ ކަމާއި ކުރަން ކަނޑައަޅައިފި ކޮންމެ ކަމެއްގައި ސާބިތުވެ ހުންނަވާ މިންވަރު އެނގިވަޑައިގަންނަވައެވެ. އެހެންވެ އެކަލޭގެފާނު ހައްޔަރުކުރުމަށް އެކަލޭގެފާނުގެ މަންމާފުޅަކަށް ކެރިވަޑައެއް ނުގެންނެވިއެވެ.
އެދެމައިކަނބަލުން ވަކިވެވަޑައިގެންނެވި ވަގުތު ފެނިގެން ދިޔައީ ހައްޤާއި ބާޠިލްގެ ވަރުގަދަ މިސާލެކެވެ. އެކަމަނާ އެކަލޭގެފާނަށް އަމުރުކުރިއެވެ. "މިތަނުން ދުރައްދާށެވެ. ތިމަންމީ ކަލޭގެ މަންމައެއްނޫނެވެ!" އެހިނދު މުސްޢަބް އިބްނު ޢުމައިރު އެކަލޭގެފާނުގެ މަންމާފުޅުގެ ގާތަށް ވަޑައިގެން ވިދާޅުވިއެވެ. "ތިމަން މަންމައަށް ނަސޭހަތްތެރިވަމެވެ. ތިމަންގެ ހިތްވަނީ މަންމައާއި އެކުގައެވެ. ﷲ މެނުވީ އިލާހަކު ނުވާކަމަށާއި މުޙައްމަދު صلى الله عليه وسلم އެއީ އެކަލާނގެ ރަސޫލާކަމަށް ހެކިވެވަޑައިގަންނަވާށެވެ." އެކަމަކު މުސްޢަބްގެ މަންމަރުޅިވެރިކަމާއެކު ބުންޏެވެ."ތަރިތައް ގަންދީ ބުނަމެވެ. ތިމަންގެ ދަރަޖައާއި ޖާހު ދައްކޮށްލާ، ހެޔޮވިސްނުމާއި ދުރުވާކަށް ކަލޭގެ ދީނަކަށް އީމާނެއް ނުވާނަމެވެ."
އެހިނދު ހިތާމައާއި މޮޅިވެރިކަމާއެކު އެކަލޭގެފާނު އެކަލޭގެފާނުގެ މުއްސަނދި ދިރިއުޅުމާއި ލޯބިވާ މަންމަ ދޫކޮށްލައްވާ ހައްޤުގެ މަގުގައި ނުކުމެވަޑައިގެންނެވީއެވެ. އެކަލޭގެފާނަށް އެއަށްފަހު ކުރިމަތިވެ ވަޑައިގެންނެވި ދަތި ދިރިއުޅުމާއިމެދު އެކަލޭގެފާނު ހިތްޕުޅު ހަމަޖެހިވަޑައިގެން ސާބިތުވެވަޑައިގެންނެވިއެވެ. ބާހެދުންކޮޅު ތުރުކުރައްވަން ޖެހިވަޑައިގެންނެވިއެވެ. އެއްދުވަހު ފަރިއްކުޅުއްވާނަމަ އަނެއްދުވަހު ހުންނަވަނީ ބަނޑުހައިކަންމަތީގައެވެ. އެކަލޭގެފާނުގެ މި ވަރުގަދަ އަޤީދާއާއި ސާބިތުކަމުގެ ސަބަބުން އެތަކެއް ބައެއްގެ ކުރިމަތީގައި އެކަލޭގެފާނުގެ ޤަދަރު އުފުލިގެންދިޔައެވެ. އަދި އެތައްބަޔަކަށް އެކަލޭގެފާނުގެ ސަބަބުން ހިތްވަރާއި ކެތްތެރިކަން ލިބިގެންދިޔައެވެ.
* * * *
މުސްޢަބް އިބްނު އުމައިރު މިހާލުކޮޅުގައި ހުންނަވަނިކޮށް އެކަލޭގެފާނުގެ ހަޔާތްޕުޅުގައި ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި އެންމެ ބުރަ އަދި އެންމެ އުނދަގޫ މަސައްކަތް އެކަލޭގެފާނާއި މާތް ނަބިއްޔާ ހަވާލުކުރެއްވެވިއެވެ. މާތް ނަބިއްޔާ މުޙައްމަދު صلى الله عليه وسلم އެކަލޭގެފާނާއި ޙަވާލުކުރެއްވެވި މަސައްކަތްޕުޅަކީ މާތް ނަބިއްޔާގެ ނަބީކަން ތެދުކޮށް އެކަލޭގެފާނާއި ބައިއަތު ހިއްޕަވައިގެންތިއްބެވި އަންސާރުން، މަދީނާގައި އިސްލާމް ދީނުގެ ދަޢުވަތު ފެތުރުމަށް ތައްޔާރުކުރުމެވެ. އަދި ހިޖްރައިގެ ދުވަހަށްޓަކައި މަދީނާގެ އަޙުލުވެރިން ތައްޔާރުކުރެއްވެވުމެވެ. މި ބުރަ އަދި އުނދަގޫ މަސައްކަތްޕުޅު މުސްޢަބް އިބްނު ޢުމައިރާއި މާތް ނަބިއްޔާ صلى الله عليه وسلم ޙަވާލުކުރެއްވެވިއިރު މާތް ނަބިއްޔާގެ ސަހާބީންގެ ގޮތުގައި މުސްޢަބްގެފާނަށްވުރެން މާ އުމުރުފުޅުން ދޮށީބޭކަލުންނާއި ޢާއިލީ ގޮތުންނާއި އެހެނިހެން ގޮތްގޮތުންވެސް ރަސޫލުﷲ صلى الله عليه وسلم އާއި މާ ގާތް އަރިސް ބޭކަލުން ތިއްބެވިއެވެ. ނަމަވެސް މި މަސްޢޫލިއްޔަތު މުސްޢަބްގެފާނާއި މާތް ނަބިއްޔާ ޙަވާލުކުރެއްވެވީ އެކަލޭގެފާނު އެ މަސްޢޫލިއްޔަތު ފުރިހަމައަށް އަދާކުރައްވާނޭކަމުގެ އިތުބާރު އެކަލޭގެފާނަށް ލިބިވަޑައިގެންފައިވާތީއެވެ. އެވަގުތު ކުރިމަތިވެފައިވާ އެންމެބޮޑު މަސައްކަތްކަމުގައިވާ، އިސްލާމީ ދަޢުލަތެއްގެ ބިންގާ އެރަށެއްގައި އެޅިގެންދާ މަދީނަތުލް މުނައްވަރާ އެވަރުގަދަ ހާދިސާއަށް ތައްޔާރުކުރެއްވުމުގެ މަސްޢޫލިއްޔަތު އެކަލޭގެފާނު މުސްޢަބްގެ އަތްޕުޅުމަށްޗަށް، ޙަވާލުކުރެއްވީ އިތުބާރާއެކުގައެވެ. އެހެނީ މަދީނަތުލް މުނައްވަރާއަކީ އެ ބިމަކުން އިސްލާމްދީން މަތިވެރިކޮށް އިރުމައްޗާއި ހުޅަނގަށް އަދި އުތުރާއި ދެކުނަށް އިސްލާމްދީން ފަތުރާނޭ އެތަކެއް ހާދިސާތަކަކާއި އެތަކެއް ބަޠަލުންތަކެއް ފާޅުވެގެންދިއުމަށް މިންވަރުކުރެވިފައިވާ މާތް ސަހަރެވެ.
މުސްޢަބްގެފާނުގެ ތޫނު ވިސްނުންފުޅާއި، މަތިވެރި މިޒާޖުފުޅުގެ ސަބަބުން އެކަލޭގެފާނާއި ޙަވާލުކުރެވުނު ޒިންމާ އަދާކުރުމަށް ބޭނުންވާ ހުރިހާ ސިފަފުޅުތަކެއް އެކަލޭގެފާނަށް ލިބިވަޑައިގެންފައިވެއެވެ. އެގޮތުން އެކަލޭގެފާނުގެ ޒާހިދުކަމާއި، ތެދުވެރިކަމާއި، އަމާނާތްތެރިކަމުގެ ސަބަބުން މަދީނާގެ އަޙުލުވެރިންގެ ހިތްތައް އެކަލޭގެފާނު ފަތަޙަކުރެއްވެވިއެވެ. ނަތީޖާއެއްގެ ގޮތުން މަދީނާގެ އަޙުލުވެރިން ބައިބަޔަށް އިސްލާމްދީނުގެ ހިދާޔަތުގެ ދަށަށް ވަންނަމުންދިޔައެވެ. އެކަލޭގެފާނާއި އެ މަސްޢޫލިއްޔަތު ހަވާލުކުރެވުނުއިރު މަދީނާގައި ތިއްބެވީ އަގަބާގައި މާތް ނަބިއްޔާގެ މައްޗަށް ބައިއަތު ހިއްޕެވި ބާރަ ބޭކަލުންނެވެ. ނަމަވެސް މުސްޢަބުގެފާނުގެ މަސައްކަތްޕުޅުގެ ސަބަބުން މަދު މަސްތަކެއްގެ ތެރޭގައި އެ ޢަދަދު އެތައްގުނައަކަށް އިތުރުވެގެން ގޮސްފައިވެއެވެ. އެގޮތުން ޖެހިގެންއައި ހައްޖު މޫސުމުގައި މަދީނާގެ މުސްލިމުންގެ ފަރާތުން 70 މުޢުމިން ފިރިހެނުންނާއި އަންހެނުންގެ ވަފުދެއް މާތް ނަބިއްޔާއާއި ބައްދަލުކުރެއްވުމަށް ފޮނުވުނެވެ. އެބައިމީހުން ވަޑައިގެންނެވީ އެބައިމީހުންގެ އުސްތާޛް އަދި މާތް ނަބިއްޔާގެ ރަސޫލް މުސްޢަބް އިބްނު ޢުމައިރާއި އެކުގައެވެ. މުސްޢަބްގެފާނު ވަނީ އެކަލޭގެފާނުގެ ކާމިޔާބު މަސައްކަތްޕުޅުގެ ސަބަބުން މާތް ނަބިއްޔާ މުޙައްމަދު صلى الله عليه وسلم އެކަލޭގެފާނުގެ ސަފީރުން އައްޔަންކުރުމުގައި ގެންގުޅުއްވާ ވިސްނުންފުޅުގެ ފުރިހަމަކަން ސާބިތުކޮށްދެއްވާފައެވެ.
* * * *
މުސްޢަބްގެފާނަށް އެކަލޭގެފާނާއި ޙަވާލުކުރެއްވުނު މަސްޢޫލިއްޔަތު ރަނގަޅަށް އެނގިވަޑައިގަންނަވައެވެ. އެގޮތުން އެކަލޭގެފާނަކީ މަދީނާގެ އަހުލުވެރިންނަށް ހައްޤު ދީން ބަޔާންކޮށްދެއްވާ ތެދުމަގަށް މަގުދެއްކެވެމަށް ރަސޫލުﷲ صلى الله عليه وسلم ގެ ފަރާތްޕުޅުން ފޮނުވުނު ބޭކަލެއްކަން އެކަލޭގެފާނު ފަޚުރުވެރިކަމާއެކު ދެނެވަޑައިގަންނަވައެވެ. އެހެންކަމުން މަދީނާއިން އެކަލޭގެފާނުގެ އާރުކާޓީއެއް ކަމުގައި ވެވަޑައިގެންނެވި އަސްޢަދު އިބްނު ޒަރޫރާއިއެކު، އެ ގޮވާލެއްވުމުގައި ސާބިތުވެ ހުންނެވިއެވެ. އަދި އެ ދެބޭކަލުންއެކުގައި މަދީނާގެ ޤަބީލާތަކަށާއި، ގެތަކަށާއި އެއްވުންތަކަށް ވަޑައިގެން ކީރިތި މާތްﷲ ގެ ފޮތުން އެކަލޭގެފާނަށް އެނގުނު މިންވަރަކުން ބަޔާންކޮށްދެއްވަމުން ގެންދެވިއެވެ. އަދި އެބައި މީހުންގެ ހިތްތަކުގައި ﷲ އެއްކައުވަންތަ ކުރުމުގެ އަޤީދާގެ އޮށް އިންދަވަމުން ގެންދެވިއެވެ.
މި ބުރަ އަދި ދަތި މަސައްކަތާއިގެން އެކަލޭގެފާނު ކުރިއަށް ވަޑައިގެންނެވިހިނދު އެކަލޭގެފާނާއި އެކަލޭގެފާނަށް ތަބާވީ މީސްތަކުންނަށް އެތަކެއް އުނދަގޫތަކާއި އަދި ފުރާނަފުޅަށް ނުރައްކާވެދާފަދަ އެތަކެއް ހާދިސާތަކާއި ކުރިމަތިލައްވަން ޖެހިވަޑައިގަތެވެ. އެފަދަ އެއް ހާދިސާއެއްގައި އެކަލޭގެފާނު މީސްތަކުންނާއިގެން މަޖިލީހެއްގައި އިސްލާމް ދީނުގެ ދަޢުވަތު ފެތުރުއްވުމުގެ މަސައްކަތުގައި އިންނަވަނިކޮށް އަބްދު އަޝްހަލް ގަބީލާގެ ބޮޑެއްކަމުގައިވާ އުސައިދު އިބްނު ހުޒަރު އޭނާގެ ދުނި ދަނޑިއަށް ތޫނުކޮށްފައިވާ ދުންޏެއް މަހާލައިގެން ރުޅި އޭގެ އިންތިހާއަށް ގޮސްފައިވާހާލު އެބޭކަލުންނާއި ކުރިމަތި ލެއްވިއެވެ. އަދި އުސައިދު އޭނާގެ އަހުލުވެރިންގެ ދީން ފަސާދަކޮށް މީގެ ކުރިން ދުވަހަކުވެސް އެބައިމީހުން އަޑުވެސް އަހާފައިނުވާ ދީނެއް ފަތުރާ އެބައިމީހުންގެ ކަލާނގެތައް އެއްކަލާނގެއަށް ހެދުމަށް އައިސް އުޅޭ މުސްއަބްގެ ގާތައް ރުޅިވެރިކަމާއެކު އަންނަ މަންޒަރު ބަލަންތިބި މީސްތަކުން ބިރުން ކޮޅަށް ތެދުވިއެވެ. ނަމަވެސް ހިތްވަރުފުޅުގަދަ ކެތްތެރި މުސްޢަބް ސާބިތުކަމާއެކު ހުންނެވިއެވެ. އެހިނދު އަސްޢަދު އިބްނު ޒަރޫރާ އެކަލޭގެފާނާއި ދިމާއަށް ހަރުއަޑުން ބުންޏެވެ. "ކަލޭ މިތަނަށް އައީ ކީއްކުރަންހެއްޔެވެ؟ ތިމަންނަމެންގެ ކާބަފައިންގެ ދީނުގެ އަގީދާ ފަސާދަކުރަނީހެއްޔެވެ؟ ކަލޭގެ ފުރާނަ ސަލާމަތްކުރަންބޭނުންނަމަ ހަމަމިހާރު މިތަނުން ނުކުމެގެން ދާށެވެ!"
ނަމަވެސް ބިޔަ ކަނޑެއްގެ ހަމަހިމޭންކަމާއި އެ ކަނޑުގެ ބާރާއިއެކު ހުންނެވި މުސްޢަބް ވާހަކަފުޅު ދައްކަވަން ފެއްޓެވިއެވެ. "ތިބާ އަހަރެމެންނާއެކު ނުއިށިންނާނުހެއްޔެވެ؟ ތިބާއަށް އަހަރެންގެ މި ގޮވާލުން ޤަބޫލުކުރެވޭނަމަ ތިބާ މި ދަޢުވަތަށް އިޖާބަދޭނީއެވެ. އަދި ތިބާ މި ގޮވާލުމާއި ދެކޮޅުވެރިވެ އިންކާރުކުރާނަމަ ތިބާ ތިޔަ ރުޅިއަންނަ ކަންތަކާއި އަހަރެމެން ތިބާއާ ދުރުކޮށްފާނަމަވެ."
ﷲ ގެ މަތިވެރިކަމާއެވެ! އުސައިދަކީ އޭނާގެ ގަދަފަދަ ކަމާއެކުވެސް ވިސްނުންތޫނު ހުށިޔާރުބޭކަލެކެވެ. އެހެންކަމުން މުސްޢަބުގެ މިބަސްފުޅާއިމެދު ވިސާނާލެއްވިއެވެ. އެކަލޭގެފާނަށް ފެނިވަޑައިގަތީ މުސްޢަބް އެއްވެސް ހަރުކަށިކަމެއްނެތި އެކަލޭގެފާނުގެ ދަޢުވަތުގެ އަޑުއެހުމަށް އެ މަޖިލީހުގައި އިށީނުމަށް ދަޢުވަތު ދިންތަނެވެ. އެ ގޮވާލެއްވުމަކީ ރަނގަޅު ގޮވާލެއްވުމެއްނަމަ އެއަށް އިޖާބަދޭނީއެވެ. ނުވަތަ އެނާ އޭނާގެ އެ ގޮވާލުމާއިގެން އަހަރެންގެ އަހުލުވެރިން ދޫކޮށް މި ސަހަރުން ފައިބައިގެން ދާނީއެވެ. އެހެންކަމުން އުސައިދު އެކަލޭގެފާނުގެ ދުނިދަނޑި ބިންމަތީގައި ބެހެއްޓެވުމަށްފަހު އިށީންދެވަޑައިގެންނެވިއެވެ.
މުސްޢަބު ކީރިތި ޤުރުއާނުގެ މޫރިތި އާޔަތްތަކުން މާތް ނަބިއްޔާ މުޙައްމަދު صلى الله عليه وسلم ގެ ދަޢުވަތުގެ ޚަބަރުތައް ބަޔާންކޮށްދެއްވަމުން ގެންދެވިއެވެ. އަދި ހަމަ އެހިނދުން އެހިނދަށް އުސައިދުގެ ހިތްޕުޅުގައި އުފެދިފައިވާ ޝައްކުތަކާއި ސުވާލުތަކަށް ޖަވާބުލިބި ދިރުން ލިބިގެންދިޔައެވެ. މުސްޢަބްގެ ވާހަކަފުޅު ނިންމަވާލެއްވުމާއެކު މުސްޢަބަށާއި އެއްވެފައިވާ މީސްތަކުންނަށް މުޚާތަބުކުރައްވާ އުސައިދު ވިދާޅުވިއެވެ. "އެއީ ކޮންފަދަ ރިވެތި އަދި ކޮންފަދަ ތެދުވެރި ބަސްފުޅުތަކެއްތޯއެވެ؟ ކަލޭގެފާނުގެ ދީނަށް އަހުރެން ވަންނާނީ ކިހިނެތްތޯއެވެ؟" އެހިނދު މުސްޢަބް އެކަލޭގެފާނަށް ތާހިރުވެވަޑައިގަތުމަށާއި ޝަހާދަތް ވިދާޅުވުމަށް އެންގެވިއެވެ.
އުސައިދު އިރުކޮޅަކަށް ދުރަށް ވަޑައިގެން ސާފުފެން ބޮލަށް އަޅުއްވަމުން އެކަލޭގެފާނުގެ ހަށިކޮޅާއި ހެދުންކޮޅު ތާހިރުކުރައްވަމުން ވަޑައިގެންނެވިއެވެ. އަދި މީސްތަކުންގެ ކުރިމަތީގައި ހަރުއަޑުފުޅުން ވިދާޅުވިއެވެ. "ﷲ މެނުވީ އެހެން އިލާހަކު ނުވެއެވެ. އަދި މުޙައްމަދުގެފާނީ ﷲގެ ރަސޫލާކަމަށް އަޅުހެކިވަމެވެ."
އުސައިދުގެފާނު އިސްލާމްވެ ވަޑައިގެންނެވި ޚަބަރު މަދީނާގައި ވިދުވަރެއްހެން ފެތުރިގެންދިޔައެވެ. އަދި އެ ޚަބަރު އައްސަވާ ސަޢާދު އިބްނު މުއާޛް ވަޑައިގެން މުސްޢަބްގެ ވާހަކަފުޅު އަޑުއައްސަވާ އިސްލާމްވެ ވަޑައިގެންނެވިއެވެ. އަދި އެކަލޭގެފާނަށްފަހު ސަޢާދު އިބްނު އުބާދާ ވަޑައިގެން އިސްލާމްވެވަޑައިގަތެވެ.
އެއަށްފަހު މުޅި މަދީނާގައި އިސްލާމްދީނުގެ ހިދާޔަތުގެ ނޫރު ފެތުރިގެންދިޔައެވެ. މީސްތަކުން ބައިބަޔަށް އެތަނަށް ޖަމާވެ އެކަކު އަނެކަކާއި ސުވާލުކުރަމުން ދިޔައެވެ. "އުސައިދު އިބްނު ހުޒައިރާއި، ސަޢާދު އިބްނު މުއާޛާއި، ސަޢާދު އިބްނު އުބާދާ އިސްލާމްދީން ޤަބޫލުކުރައްވައިފިނަމަ ތިމަންމެން މި މަޑުކުރަނީ ކޮންކަމަކަށްތޯއެވެ؟ އަވަހަށް މުސްޢަބްގެ ގާތަށްގޮސް އިސްލާމްވާށެވެ. އެއީ ހައްޤުދީނެވެ."
މާތް ރަސޫލާ މުޙައްމަދު صلى الله عليه وسلم ގެ ފަރާތްޕުޅުން ފޮނުއްވުނު ފުރަތަމަ ރަސޫލު އެކަލޭގެފާނުގެ މަސައްކަތްޕުޅުގައި ކާމިޔާބު ހޯއްދެވިއެވެ. ކެތްތެރިކަމާއި، ހިތްވަރާއި ހިކުމަތްތެރިކަމާއެކުގައެވެ. އެއީ އެކަލޭގެފާނު ދުނިޔޭގެ އަރާމާއި އުފާ ދޫކޮށް ހައްޤުގެ މަގުގައި ކުރެއްވި ވަރުގަދަ ޖިހާދުގެ ނަތީޖާއެވެ.
* * * *
ދުވަސްތައް ފާއިތުވަމުންގޮސް މުސްލިމުންގެ ޖަމާއަތް އެންމެބޮޑަށް އިންތިޒާރުކުރަމުންދިޔަ ދުވަސް އަތުވެއްޖެއެވެ. ރަސޫލުﷲ صلى الله عليه وسلم އާއި އެކަލޭގެފާނުގެ ސަޙާބީން މަދީނާއަށް ހިޖުރަކުރައްވައިފިއެވެ. މުސްޢަބްގެފާނުގެ ބުރަ މަސައްކަތްޕުޅުން އެދުވަހައްޓަކައި މަދީނާވަނީ ފުރިހަމައަށް ތައްޔާރުކުރައްވާފައެވެ. އިސްލާމްދީނުގެ މަތިވެރި އަޤީދާގެ ބަގީޗާތައް މަދީނާގައި ފަރިވެ ފޮޅެމުންދިޔައެވެ. ނަތީޖާއެއްގެގޮތުން ޤުރައިޝްވަންހައިގެ މުޝްރިކުންގެ ރުޅިވެރިކަން ދިޔައީ އިންތިހާއަށް އިތުރުވަމުންނެވެ. މުސްލިމުންނާއި ދެކޮޅަށް ރާވަމުންދިޔަ ތަފާތު ރޭވުންތަކުގެ ނަތީޖާއެއްގެގޮތުން ބަދުރުގެ މައިދާނުގައި ދެބައިމީހުންގެ މެދުގައި ވަރުގަދަ ހަނގުރާމައެއް ކުރެވުނެވެ. އެ ހަނގުރާމައިގައި މުޝރިކުންނަށް ރަނގަޅުފިލާވަޅުތަކެއް ލިބިގެންދިޔައެވެ. އަދި ހައްޤައް ނަޞްރުލިބި މުސްލިމުންނަށް ބޮޑުވެގެންވާ ކާމިޔާބީއެއް ލިބިގެންދިޔައެވެ. ނަމަވެސް ބަދުރުން ލިބުނު ބޮޑު ގެއްލުމަށްފަހުވެސް މުޝްރިކުން އެބައިމީހުންގެ ބާޠިލް ދަޢުވާގައި ކުރިއަށް ދިޔައެވެ. އަދި މުސްލިމުންނާއި ދެކޮޅަށް އިތުރު ރޭވުންތައް ރާވަމުން ދިޔައެވެ. އެންމެފަހުން ދެވަނަ ކުރިމަތިލުމަކަށް އުހުދުގެ މައިދާން ފައްކާވެގެންދިޔައެވެ. މި ހަނގުރާމައަށްޓަކައި މުސްލިމުންގެ ލަޝްކަރުތައް ރުކުރުވާލުމަށްފަހު މާތް ނަބިއްޔާ މުސްލިމުންގެ ދިދަ ހަވާލުކުރައްވާނޭ ބޭކަލަކަށް އެކަލޭގެފާނުގެ ސަޙާބީންގެ ތެރެއިން ބައްލަވަމުން ދިޔައެވެ. އަދި އެކަމަށްޓަކައި އެކަލޭގެފާނު އިޚްތިޔާރުކުރެއްވީ ދެވަނަ އެހެން ބޭކަލެއް ނޫނެވެ. ހިތްވަރުފުޅުގަދަ ވިސްނުންފުޅުތޫނު މުސްޢަބް އިބްނު އުމައިރެވެ. އެކަލޭގެފާނާއި މުސްލިމުންގެ ދިދަ ޙަވާލުކުރެއްވުމާއިއެކު ސާބިތުކަމާއެކު ކުރިއަށް ހިންގަވައި ވަޑައިގެންނެވިއެވެ.
* * * *
ބިރުވެރި ނުރައްކާތެރި ހަނގުރާމަ ފެށިއްޖެއެވެ. އިސާހިތަކު ދެފަރާތުގެ ހަމަލާތައް ވަރުގަދަވެ ކުރިފަޅަމުން ދިޔައެވެ. އަދި މުސްލިމުންގެ ތެރޭގައި ތިބި މުނާފިޤުން ހަނގުރާމައިގެ މައިދާން ދޫކޮށް ބަލިވެގެން ފިލަންދާތަން ފެނުމުން ފަރުބަދަ މަތީގައި ދުނި އުއްކަވަން ތިއްބެވި މުސްލިމުންގެ ފައުޖުތައް ރަސޫލުﷲ صلى الله عليه وسلم ގެ ބަސްފުޅަށް ކިޔަމަންވުމެއްނެތި މައިދާން ދޫކޮށް ފިލަން ދުއްވައިގަތެވެ. ނަތީޖާއެއްގެގޮތުން ފަރުބަދަ މައްޗަށް އެރުމަށް ދިޔަ އެތަކެއް މުސްލިމުންނެއް މުނާފިޤުންގެ ކަނޑިތަކުގެ ދަށުގައި ޝަހީދުވެގެންދިޔައެވެ. މި ފުރުޞަތުގެ ބޭނުންހިފާ މުޝްރިކު މުނާފިޤުން އަވަސްވެގަތީ މާތް ނަބިއްޔާ މުޙައްމަދު صلى الله عليه وسلم ޝަހީދުކޮށްލުމަށް އެކަލޭގެފާނާއި ދިމާކުރުމަށެވެ. ނަމަވެސް މުސްޢަބް އަށް މި މަންޒަރުފެނުމާއެކު "ﷲ އަކްބަރު" އެންމެބޮޑީ ﷲ އޭ ހަރުއަޑުފުޅުން ވިދާޅުވަމުން އެބައިމީހުންނާ ދިމާއަށް ސިންގާއެއްފަދައިން ހަމަލާދެއްވަން ފެއްޓެވިއެވެ. އެހިނދު ޚުދު އެކަލޭގެފާނު ވެވަޑައިގަތީ ބޮޑު ލަޝްކަރެއްކަމުގައެވެ. އެކަލޭގެފާނުގެ ބޭނުންފުޅަކަށް ވެވަޑައިގަތީ މުޝްރިކުންގެ ސަމާލުކަން ރަސޫލުﷲ صلى الله عليه وسلم ގެ ބަދަލުގައި އެކަލޭގެފާނުންގެ މައްޗަށް އަނބުރާލެއްވުމެވެ. އެއް އަތްޕުޅުން މުސްލިމުންގެ ދިދަ ހިއްޕަވައިގެން ހުންނަވާ އަނެއް އަތްޕުޅުން ކަނޑިހިއްޕަވައިގެން މުޝްރިކުންނާއި ގަދަފަދަކަމާއެކު ކުރިމަތިލައްވަމުން ގެންދެވިއެވެ. ނަމަވެސް މަޑުމަޑުން މުޝްރިކުންގެ ޢަދަދު ގިނަވަމުންދިޔައެވެ. އެބައިމީހުން ބޭނުންވީ މުސްޢަބްގެ ދުވަސްދުއްވާލުމަށްފަހު ރަސޫލުﷲ صلى الله عليه وسلم އާއި ކުރިމަތިލުމެވެ.
މި މަންޒަރު އެންމެ ފުރިހަމަގޮތުގައި ސިފަވެގެންދާނީ މިމަންޒަރު ހަމަލޮލުން ފެނުނު ސަޙާބީއެއް އެކަން ސިފަކުރައްވާފައިވާގޮތުންކަން ކަށަވަރެވެ. އެގޮތުން މުސްޢަބްގެފާނުގެ އެންމެ ފަހުގެ ހަރަކާތްތައް އިބްރާހީމް އިބްނު މުޙައްމަދު އިބްނު ޝަރްހަބީލް އަލް އަބްދަރީ އެކަލޭގެފާނުގެ ބައްޕާފުޅުގެ އަރިހުން ރިވާކުރައްވާފައިވާގޮތަށް އިބްނު ސަޢާދު ވިދާޅުވެދެއްވާފައިވެއެވެ.
"އުހުދުގެ ދުވަހު މުސްލިމުންގެ ދިދަ ހިއްޕަވައިގެން ހުންނެވީ މުސްޢަބް އިބްނު އުމައިރެވެ. މުސްލިމުންގެ ސަފުތައް ރޫޅި ބައިބައިވެގެންދިޔަ ހިނދުވެސް މުސްޢަބް އެކަލޭގެފާނުގެ މަސްޢޫލިއްޔަތު އަދާކުރެއްވުމުގައި ސާބިތުވެ ހުންނަވާ މުޝްރިކުންނާއި ކުރިމަތިލައްވަމުންދިޔައެވެ. މުޝްރިކުންގެ ތެރެއިން އިބްނު ޤުމާޙް އާއި ބައްދަލުވެއްޖައުމަށް ދާންދެނެވެ. އޭނާއަކީ ކަނޑި ހަނގުރާމައިގެ ވަރުގަދަ ފަހުލަވާނެކެވެ. އޭނާ އޭނާގެ ކަނޑިން މުސްޢަބްގެ ކަނާތްޕޫލުގައި ޖައްސަވާ ހަށިކޮޅާއި ވަކިކޮށްލެއްވިއެވެ. އެހިނދު މުސްޢަބް ވިދާޅުވިއެވެ. "ރަސޫލަކު ކަމުގައި މެނުވީ މުޙައްމަދުގެފާނު ވެވަޑައިގެންނުވެއެވެ. ހަމަކަށަވަރުން އެކަލޭގެފާނުންގެ ކުރިންވެސް ރަސޫލުން އިސްވެގޮސްފައިވެއެވެ." (3:144) ދެން އެކަލޭގެފާނުގެ ވާތްޕުޅުން ދިދައިގައި ހިއްޕަވައި އޭގެ ބާރުގައި ކޮޅަށް ހުންނެވިއެވެ. ނަމަވެސް ޤުމާޙް އޭނާގެ ކަނޑިން މުސްޢަބްގެ ވާތްޕުޅުގައި ޖަހާ ހަށިކޮޅާއި ވަކިކޮށްލެއްވިއެވެ. ދެން އެކަލޭގެފާނުގެ އަތޮޕުޅުގެ ވަކިކޮށްނުލެވިވާ ބައިން މޭފުޅާއިލާ ފިއްތަވައިލައްވައިގެން ދިދަ ކޮޅަށް ބެހެއްޓެވިއެވެ. އަދި ވިދާޅުވިއެވެ. "ރަސޫލަކު ކަމުގައި މެނުވީ މުޙައްމަދުގެފާނު ވެވަޑައިގެންނުވެއެވެ. ހަމަކަށަވަރުން އެކަލޭގެފާނުންގެ ކުރިންވެސް ރަސޫލުން އިސްވެގޮސްފައިވެއެވެ." ނަމަވެސް ޤުމާހް އޭނާގެ ހަންޖަރުން ޖަހާ މުސްޢަބްގެ ހަށިކޮޅު ފޫދުއްވާލިއެވެ. އެހިނދު މުސްޢަބް ވެއްޓިވަޑައިގަތެވެ. އަދި އެކަލޭގެފާނަށްފަހު މުސްލިމުންގެ ދިދަވެސް ވެއްޓިގެން ދިޔައެވެ.
* * * *
އެކަލޭގެފާނަކީ ޝަހީދުންގެ ތެރެއިންވެސް މަތިވެރި ޝަހީދެކެވެ. އެކަލޭގެފާނު ޝަހީދުވެވަޑައިގެން ވެއްޓިވަޑައިގަތީ މާތްﷲ އާއި އެކަލާނގެ ރަސޫލާގެ މަގުގައި ހައްޤުގޮތުގައި ފުރިހަމަ ޖިހާދެއް ކުރައްވާފައެވެ. އެކަލޭގެފާނު ޝަހީދުވެވަޑައިގެން ވެއްޓިވަޑައިގެންނެވިއިރު އެކަލޭގެފާނު ހީފުޅުކުރެއްވީ އެކަލޭގެފާނުގެ ނިމުން ވެގެންދާނީ މުޝަރިކުންގެ އަތްދަށުވެ ރަސޫލުﷲ صلى الله عليه وسلم ޝަހީދުވެވަޑައިގަތުންކަމުގައެވެ. ނަމަވެސް އެކަލޭގެފާނުގެ އަމިއްލަފުޅު ނަފްސު ނުރައްކަލުގެ ތެރެއަށް އެއްލަވާލެއްވީ މާތް ނަބިއްޔާގެ ދިފާޢުގައެވެ. ނަމަވެސް ރަސޫލުﷲ صلى الله عليه وسلم ދެކެ އެކަލޭގެފާނު ވެވަޑައިގަންނަވާ ލޯތްބާއި، އެކަލޭގާފާނަށްޓަކައި ގަންނަވާ ބިރުފުޅެއްގެސަބަބުން މުސްޢަބް އެކަލޭގެފާނުގެ ހަށިކޮޅަށް އަރަމުންދިޔަ ކޮންމެ ހަމަލާއަކާއި އެކު ވިދާޅުވަމުން ގެންދެވީ "ރަސޫލަކު ކަމުގައި މެނުވީ މުޙައްމަދުގެފާނު ވެވަޑައިގެންނުވެއެވެ. ހަމަކަށަވަރުން އެކަލޭގެފާނުންގެ ކުރިންވެސް ރަސޫލުން އިސްވެގޮސްފައިވެއެވެ." (3:144) މާތް ﷲ ކީރިތި ޤުރުއާނުގައި މި އާޔަތް ބާއްވާލެއްވުނީ މި ހާދިސާގެ ފަހުންނެވެ.
* * * *
މި ބިރުވެރި ހަނގުރާމައަށްފަހު މީސްތަކުންނަށް މުސްޢަބު ފެނިވަޑައިގެންނެވީ އެކަލޭގެފާނުގެ މޫނުފުޅު ފަސްގަނޑުގައި ޖައްސަވައިގެން ބަންޑުން ވެއްޓިވަޑައިގެން އޮންނަވަނިކޮށެވެ. އެހެނީ އެކަލޭގެފާނު އަވަހާރަވެގެން ވެއްޓިވަޑައިގަތުމަށްފަހު މުޝްރިކުން ރަސޫލާއަށް ގެއްލުމެއް ދޭތަން އެކަލޭގެފާނު ދެކެވަޑައިގަންނަވަން ބޭނުންފުޅު ނުވަނީއެވެ. އެހެންކަމުން އެކަލޭގެފާނުގެ މޫނުފުޅު ފަސްގަނޑުގައި ފޮރުއްވެވީއެވެ. ނުވަތަ ރަސޫލުﷲ صلى الله عليه وسلم ގެ ދިފާއުގައި ނުހުންނެވި ޝަހީދުޖެހިވަޑައިގެން ވެއްޓިވަޑައިގަންނަވަންޖެހުމުން އެކަމުގެ ލަދުވެތިކަމުގައި މޫނު ފޮރުއްވެވީއެވެ.
އޭ މުސްޢަބެވެ. ﷲ ކަލޭގެފާނާއިއެކު ވޮޑިގެންވެއެވެ. ތިޔައީ ކޮންފަދަ މަތިވެރި ސިޔަރަތެއްގެ ވެރިއެއްތޯއެވެ!
ރަސޫލުﷲ صلى الله عليه وسلم އާއި ސަހާބީން ހަނގުރައިމައިގެ މައިދާނުގެ ހާލަތު ބައްލަވަމުން ޝަހީދުވެވަޑައިގެންނެވި ބޭކަލުންނަށް ސަލާމްދަންނަވަމުން ވަޑައިގެންނެވިއެވެ. އެހިނދު މުސްޢަބްގެ ހަށިކޮޅުގެ ގާތަށް ވަޑައިގެންނެވުނުހިނދު އިތުރު އެކަލޭގެފާނުގެ ލޯފުޅުން ހިފެހެއްޓުމެއްނެތި ކަރުނަފުޅު އޮހޮރިގެން ދިޔައެވެ.
ޚައްބާބު އިބްނު އަލް-އައުރާތް ރިވާކުރެއްވިއެވެ: ތިމަންމެން ﷲ އަށްޓަކައި ރަސޫލުﷲ صلى الله عليه وسلم ގެ އަރިހުގައި މަދީނާއަށް ހިޖުރަކުރީމެވެ. އެއީ ﷲ ގެ ދަރުމަ ވަންތަވެރިކަމުން ޙާޞިލުކުރެވުނު މިންވަރައް ޙާޞިލްކުރުމަށްޓަކައެވެ. އަހަރެމެންގެ ތެރެއިން ބައެއް ބޭކަލުން މިދުނިޔެއާއި ވަކިވެވަޑައިގަތީ ދުނިޔެއިން އެބައިމީހުންނަށް އެއްވެސް މިންވަރެއް ހާޞިލްނުކުރެއްވޭ ޙާލުގައެވެ. އޭގެތެރެއިން އެއް ބޭކަލަކު ކަމުގައި މުސްޢަބް އިބްނު ޢުމައިރު ހިމެނިވަޑައިގަންނަވައެވެ. އެކަލޭގެފާނު ޝަހީދުވެވަޑައިގެންނެވީ އުހުދު ހަނގުރާމައިގައެވެ. އެކަލޭގެފާނު ދުނިޔޭގެ މުދަލުގެ ތެރެއިން ބާވެ ވީދިފައިވާ ފޭރާމެއްނޫނީ ދޫކުރައްވާފައިނުވެއެވެ. އެއިން ތިމަންމެން އެކަލޭގެފާނުގެ ބޯ ނިވާކުރައްވައިފިނަމަ އެކަލޭގެފާނުގެ ފައިންޕުޅު ހާމަވެއެވެ. އަދި އެއިން ފައިންޕުޅު ނިވާކުރައްވައިފިނަމަ މޫނުފުޅު ހާމަވެއެވެ. ދެން ރަސޫލުﷲ صلى الله عليه وسلم ތިމަންމެންނަށް ހަދީޘްކުރެއްވިއެވެ. "ތިއިން އެކަލޭގެފާނުގެ މޫނުފުޅު ނިވާކުރައްވާށެވެ. އަދި ފައިންޕުޅަ ވިނައަޅުއްވާ ފޮރުވާލައްވާށެވެ."
މާތް ނަބިއްޔާ މުޙައްމަދު صلى الله عليه وسلم އަށް އެކަލޭގެފާނުގެ ބޮޑުބޭބޭފުޅުގެ ދަރިކަލުން ހަމްޒާގެފާނު ޝަހީދުވެވަޑައިގަތުމާއި އަދި ހަމަ އެހެންމެ މުޝްރިކުން އެކަލޭގެފާނުގެ ހަށިކޮޅާއިމެދު ކަންތައްތައް ކުރެއްވި އިހާނެތިގޮތުގެ ސަބަބުން ލިބިވަޑައިގެންނެވި ފުން ހިތާމައާއި އަދި އެތަކެއް ޞާލިޙް ސަޙާބީންނެއް ހަނގުރައިމައިގައި ޝަހީދުވެވަޑައިގަތުމުން ކުރިމަތިފުޅުވެވަޑައިގެންނެވި ހިތާމަފުޅާއިއެކުވެސް، އެކަލޭގެފާނުގެ ފަރާތުން ފޮނުއްވުނު ފުރަތަމަ ރަސޫލު ކަމުގައިވާ މުސްޢަބްގެ ހަށިކޮޅުގެ ކައިރިއަށް ވަޑައިގެންނެވުމުން އެކަލޭގެފާނުގެ ހިތާމަފުޅު އެތައް ގުނައެއް އިތުރުވެގެން ދިޔައެވެ. އަދި ލޯފުޅުން ފައިބައިގެންދިޔަ ކަރުނައިން މުޅި ކޯތާފަތްޕުޅު ތެމިގެން ދިޔައެވެ. އަދި އަންނަނިވި އާޔަތް ކިޔަވާ ވިދާޅުވިއެވެ. "ﷲ އަށް އެއުރެން އަހުދުވީ ކަންތަކަށް ތެދުވެރިވީ ފިރިހެނުންތަކެއް މުޢުމިނުންގެ ތެރެއިންވެއެވެ." (33:23) އެއަށްފަހު އެކަލޭގެފާނު މުސްޢަބްގެ ހަށިކޮޅު ފޮރުވާފައިވާ ފޭރާންކޮޅަށް ބައްލަވައި ހަދީޘްފުޅުކުރެއްވިއެވެ. "ތިމަން ކަލޭގެފާނަށް މައްކާއިން ކަލޭގެފާނު ފެނިވަޑައިގެންނެވިއިރު ކަލޭގެފާނުފަދަ ޤަދަރުވެރި މަތިވެރި، އަދި ވަކިން ތަނަވަސް އެހެން ބޭކަލަކު ދެކެވަޑައެއް ނުގަންނަވަމެވެ. އެކަމަކު މިއަދު ކަލޭގެފާނުތިޔަ އޮންނެވީ އަމިއްލަފުޅު ހަށިކޮޅު ނިވާކޮށްލާނޭ ފަދައެއްވެސްނެތި ﷲ ގެ މަގުގައި ޝަހީދުވެވަޑައިގެންނެވެ." ދެން އެއަށް ފަހު މައިދާނުގައިވާ ހުރިހާ ޝަހީދުންނާއި މުޚާތަބުކުރައްވާ ހަދީޘްފުޅުކުރެއްވިއެވެ. "މަހުޝަރުކުރެވޭ ދުވަހު ތިޔަބައިމީހުންނީ ﷲ ގެ މަގުގައި ޝަހީދުވެވަޑައިގެންނެވި ބައެއްކަމުގައި އެކަލާނގެ ރަސޫލާ ހެކިވެވޮޑިގަންނަވައެވެ." އަދި އެކަލޭގެފާނުގެ ސަހާބީން އެއްކުރައްވާ ހަދީޘްފުޅު ކުރެއްވިއެވެ. "އޭ މީސްތަކުންނޭވެ، އެބައިމީހުންނަށް ޒިޔާރަތްކޮށް ސަލާމް ދަންނަވާށެވެ. ހަމަކަށަވަރުން އެބައިމީހުން އެސަލާމަށް ޖަވާބުނުދެއްވާޙާލު އެއްވެސް މުސްލިމަކު އެބޭކަލުންނަށް ސަލާމްނުދަންނަވައެވެ."
މާތް ﷲ މުސްޢަބް އިބްނު އުމައިރަށާއި ﷲ ގެ މަގުގައި ޖިހާދުކޮށް ޝަހީދުވެވަޑައިގެންނެވި އެންމެހާ ބޭކަލުންނަށް ސަލާމް ލައްވާށިއެވެ. އަދި މުސްޢަބް އިބްނު ޢުމައިރުގެ ސިޔަރަތުން އަޅަމެންގެ ހިތްތަކުގައި އިބަ އިލާހާއި އިބަ އިލާހުގެ ރަސޫލާގެ މައްޗަށްވާ ލޯބި އިތުރުކުރައްވާށިއެވެ. – އާމީން-

Blog Widget by LinkWithin

1 comment: