19 December 2009

ފާއިތުވެދިޔަ ހިޖްރީ އަހަރާއި ޢަލްވަދާޢުކިޔާއިރު

އަލްއަޚް ނިމާލް މުޙައްމަދު
އެންމެހާ ޙަމްދާއި ޘަނާ ޙައްޤުވެގެންވަނީ އަރަހުށި ހުސްޠާހިރުވަންތަ މާތްﷲއަށެވެ. އެ އިލާހަކީ ދުނިޔެއާއި ދުނިޔޭގައި ހިނގާ އެންމެހާ ކަންތައްތައް މުއުމިނު އަޅުތަކުންނަށް ޢިބްރަތެއްކަމުގައި ލެއްވި އިލާހެވެ. ޞަލަވާތާއި ސަލާމްލެއްވުން އެދި ދުޢާކުރަނީ ދުނިޔޭގައި ހިނގާ އެންމެހާ ކަނަތައްތަކުން ޢިބްރަތް ޙާޞިލުކުރަންވީ ގޮތް ބަޔާންކޮށްދެއްވި މާތް ޞާޙިބާ މުޙައްމަދު ޞައްލަﷲޢަލައިހި ވަސައްލަމަށެވެ.

އެއްވެސް އޮޅުމެއްނެތްގޮތުގައި އަޅުގަނޑުމެންނާޢި އަލްވަދާޢު ކިޔާފައިމިވާ އަހަރަކީ އަޅުގަނޑުމެންގެ ދުނިޔެވީ ޙަޔާތުން އުނިވެގެންދިޔަ އަހަރެކެވެ. އަދި އަޅުގަނޑުމެން އާޚިރަތަށްޓަކައި ކުރަމުންދާ ދަތުރުގައި ކަޑައްތުކުރި އަހަރެއްކަން ކަށަވަރެވެ. އަޅުގަނޑުމެން ދުނިޔެއާއި ދުރުކޮށް އާޚިރަތާއި ގާތްކުރި އަހަރެއްކަން ޔަޤީނެވެ. އިސްލާމީ އުއްމަތުގެ މަޝްހޫރު ޢިލްމުވެރިއެއް ކަމުގައިވާ ޙަސަނުލް ބަޞަރީ ރަޙިމަހުﷲ ވިދާޅުވެފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ." އޭ އާދަމުގެ ދަރިޔާއެވެ! ހަމަކަށަވަރުން ތިބާއަކީ ދުވަސްތަކެކެވެ.ފަހެ، ދުވަހެއް ފާއިތުވެ ހިގައްޖެނަމަ ތިބާގެ ޙަޔާތުންވެސް ބައެއް އުނިވެ ހިނގައްޖެއެވެ." ކަންމިހެންއޮތުމާއެކު، މިއީ ބުއްދި ސަލާމަތުންހުރި ދެ އިންސާނުން ދެބަސްނުވާނެ ޙަޤީގަތެކެވެ.
ހަމައެފަދައިން އަޅުގަނޑުމެން ފާއިތުކޮށްފައިމިވާ އަހަރުގައި އަޅުގަނޑުމެން ކޮށްފައިވާ އެންމެހާ ޢަމަލުތަކާއި،އަޅުގަނޑުމެންގެ ދުލުން ބޭރުކުރި އެންމެހާ ބަސްތައް ލިޔެވި ރައްކާކުރެވިފައިވާކަންވެސް ކަށަވަރެވެ.މާތްﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ. ﴿وَيَقُولُونَ يَا وَيْلَتَنَا مَالِ هَذَا الْكِتَابِ لا يُغَادِرُ صَغِيرَةً وَلا كَبِيرَةً إِلا أَحْصَاهَا وَوَجَدُوا مَا عَمِلُوا حَاضِرًا وَلا يَظْلِمُ رَبُّكَ أَحَدًا﴾ (ސޫރަތުލްކަހުފް 49).މާނައީ:" އަދި އެއުރެން ބުނާނެތެވެ. އޭ ތިމަންނަމެންނަށް ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ! މިފަތަށް ވެފައި މިވަނީ ކީއްހެއްޔެވެ؟ ކިތައްމެ ކުޑަކަމެއްވެސް، އަދި ބޮޑުކަމެއްވެސް އެފަތުގައި ނުހިމަނައި ދޫކޮށްފައެއްނެތެވެ. އަދި އެއުރެންކުޅަ އެންމެހާ ޢަމަލުތައް އެފަތުގައިވާތީ، އެއުރެންދެކޭނެތެވެ. ކަލޭގެފާނުގެ ވެރި އިލާހު އެއްވެސް މީހަކަށް އަނިޔާވެރިވޮޑިނުގަންނަވައެވެ"

އެހެންކަމުން، ފާއިތުވެދިޔަ އަހަރުގެ ދުވަސްތައް ﷲއާ އެއިލާހުގެ ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިވަސައަލަމް ރުހިވޮޑިގަންނަވާގޮތަށް ހޭދަކޮށް، ރެއާއި ދުވާ ތަކުރާރުވުމާއި ދުނިޔެއަށް އަންނަމުންދާ ބަދަލުތަކުން ޢިބަރަތް ހާޞިލުކުރި މީހުންނަކީ ކާމިޔާބުލިބިގެންފިބަޔެއްކަން ޔަޤީނެވެ.

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ޙަޔާތުގެ ދިރުންކަމުގައިވާ އިރަށް އަޅުގަނޑުމެން ބަލާލަމާ ހިނގާށެވެ. އިރުމަތިފަރާތުން އިރު އަރައި،ހުޅަނގު ފަރާތަށް އެ އިރު އޮއްސެމުންދާތަން އަޅުގަނޑުމެންނަށް ފެންނަމުންދެއެވެ. ހަމަކަށަވަރުން މިކަމުގައި ވިސްނައިފިކުރު ކޮށްފި ކޮންމެ މީހަކަށް ޢިބްރަތްތަކެއް ޙާޞިލްވާނެކަން ކަށަވަރެވެ. ހަމައެފަދައިން ރޭގަނޑުގެ އަނދިރިކަމުގެ ތެރެއަށް އަލިކަން ގެނެސްދޭ ހަނދާއި މެދު އަލުގަނޑުމެން ފިކުރު ހިންގާލަމާހިނގާށެވެ. މަސްފެށިގެން އަންނައިރު ރޮއްޖެއްހެން ފެންނަ ހަނދު، ދުވަހަކަށްފަހު ދުވަހެއް ބޮޑުވަމުންގޮސް ފުރިހަމަ ހަނދަކަށްވުމަށްފަހު ދެން އަނެއްކާވެސް މަޑުމަޑުން ކުޑަވަމުން ގޮސް ކުރީގެ ޙާލަތަށް ރުޖޫޢަވާތަން ފެންނަމުންދެއެވެ. މިއީ އިންސާނުންގެ ޙަޔާތުންވެސް އަޅުގަނޑުމެންނަށް ފެންނަމުންދާ ގޮތެވެ. އެހެނީ އިންސާނާ ކުޑަކުއްޖެއްގެ ގޮތުގައި ވުމަށްފަހު، ޒުވާންވެ ގައިބާރުޖެހި ފުރާފުރިހަމަވެ، އަނެއްކާވެސް ގައިބާރުދެރަވެ ކުޑަކުއްޖެއްގެ ޙާލަތަށް އެނބުރި ރުޖޫޢަވެއެވެ.

ހަމަ މިބީދައިން އަހަރުގެ ދުވަސްތައް ދުވަހަކަށްފަހު ދުވަހެއް ފާއިތުވަމުން ގޮސް އާ އަހަރަކަށް މަރުހަބާކިޔަމުންދެއެވެ. އަހަރުގެ ކުރީކޮޅު އެ އަހަރުގެ ދިގުކަމާއި މެދު ފިކުރުކުރެވެއެވެ. ނަމަވެސް ދުވަސްތައް މާޒީގެ ޞަފްޙާތަކަށް ބަދަލުވަމުންގޮސް ވިދާލާ ވިނދުވަރެއްފަދަ ހަލުވިމިނެއްގައި އަހަރު ނިމޭތަން ފެންނަމުންދެއެވެ. މިގޮތަށް އިންސާނާވެސް އޭނާގެ ޢުމުރާމެދު ދިގުނަޒަރަކުން ވިސްނަ ވިސްނާ ހުއްޓާ ޢުމުރުގެ ދުވަސްތައް ފާއިތުވަމުން ގޮސް އޭނަގެ އަޖަލާއި ބައްދަލުކުރަންޖެހެއެވެ. އޭނައާ މަރުގެ ސަކަރާތް ބައްދަލުކުރާއިރު އިތުރު މުހުލަތުތަކަކަށް ޙާލުގެ ދުލުން އެދޭ ކަހަލެއެވެ.

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! އަޅުގަނޑުމެންގެ ޙަޔާތުގެ ޠަބީޢަތަކީ މީކަމަށްވާއިރު އަޅުގަނޑުމެން ވަރަށް ބޮޑަށް މިކަމާ ސަމާލުވެ ތިބެން އެބަޖެހެއެވެ. ވަކިން ޚާއްސަކޮށް އަދުގެ ދުނިޔޭގައި ކުރަންޖެހޭ ކަންތައްތައް ގިނަވުމުން ނުވަތަ "ބިޒީ ޝެޑިއުލްގެ" ސަބަބުން މި ޙަޤީޤަތާއިމެދު ވިސްނާލަން ލިބޭ ފުރުޞަތު ކުޑަވުމުންނެވެ. އަޅުގަނޑުމެންގެތެރެއިން ގިނަމީހުންނަށް ދުނިޔޭގެ ކަންތައްތަކުގައި މަޝްޢޫލުވުމުގެ ބޮޑުކަމުން ޙަޔާތުގެ މަޤްސަދާއިމެދު ވިސްނާލަން ހިތަކަށްވެސް ނައަރައެވެ. އެހެންނަމަވެސް، އަޅުގަނޑުމެންގެތެރެއިން ކޮންމެ މީހަކުވެސް ޤަބޫލުކުރާ ޙަޤީޤަތް، "މަރު" އަޅުގަނޑުމެންނާއި ބައްދަލުކުރެއެވެ.ﷲ ތަޢާލާ ވަޙީކުރައްވާފައިވަނީ މިފަދައިންނެވެ. ﴿كُلُّ نَفْسٍ ذَائِقَةُ الْمَوْتِ﴾ (ސޫރަތު އާލްޢިމްރާން 185) މާނައީ:" ކޮންމެ ނަފްސެއްވެސް މަރުގެ ރަހަދެކޭނެއެވެ."

އެހެންކަމުން ބުއްދިވެރިންނަކީ ފާއިތުވި އަހަރު އެމީހަކު ހޭދަކޮށްފައިވާ ގޮތާމެދު ވިސްނާ ފިކުރުކުރާ މީހުންނެވެ. ތިމާގެމީހުންނާއި ރައްޓެހިން ތިމާއަށް ފިލަންދާ ދުވަހުގެ ކުރިން ތިމާގެ އަމިއްލަ ނަފްސު ޙިސާބުކުރާ މީހުންނެވެ. ޢުމަރު ރަޟިޔަﷲ ޢަންހު ވިދާޅުވެފައިވާ ފަދައިންނެވެ." ތިޔަބައިމީހުންގެ ޙިސާބު (ޤިޔާމަތް ދުވަހު) ބެއްލެވުމުގެ ކުރިން ، އަމިއްލައަށް ތިޔަބައިމީހުންގެ ނަފްސުތައް ޙިސާބުކުރާށެވެ"

އެހެންކަމުން ފާއިތުވެދިޔަ އަހަރު،ﷲ ގެ އެންގެވުންތަކާއި އެ އިލާހުގެ ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމުގެ އިރުޝާދުތަކާއި އެއްގޮތަށް އުޅެވިފައިވޭތޯ ނަފްސުތައް ޙިސާބުކުރަން ޖެހެއެވެ. އެކަންތައްތަކާއި ޚިލާފަށް އުޅެވިފައިވާނަމަ، އެކަމަށް ﷲ ގެ ޙަޟްރަތަށް އަސްތަޢްފާރުކޮށް ތައުބާއަށް އެދެންޖެހެއެވެ. އެހެނީ އެ އިލާހަކީ އަޅަތަކުންނަށް ފާފަފުއްސަވާ ދެއްވާ އިލާހެވެ. ﷲ ވަޙީކުރައްވާފައިވެއެވެ. ﴿وَهُوَ الَّذِي يَقْبَلُ التَّوْبَةَ عَنْ عِبَادِهِ وَيَعْفُو عَنِ السَّيِّئَاتِ وَيَعْلَمُ مَا تَفْعَلُونَ﴾ (ސޫރަތުއްޝޫރާ 25) މާނައީ:"އެ އިލާހަކީ، އެ އިލާހުގެ އަޅުތަކުންގެ ކިބައިން ތައުބާ ޤަބޫލުކުރައްވައި،ނުބައިކަންތަކަށް ޢަފޫކުރައްވާ އިލާހެވެ.އަދި ތިޔަބައިމީހުން ކުރާކަންތައްތައް، އެ އިލާހު ދެނެވޮޑިގެންވެއެވެ " ހަމަ އެފަދައިން މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމު ޙަދީޘްކުރައްވާފައިވަނީ ފާފައިން ތައުބާވާމީހަކީ ފާފައެއް ނެތްފަދަ މީހެއްކަމުގައެވެ.

ކަންމިހެންއޮތުމާއެކު، ތައުބާވުމަށް އަވަސްވެގަންނަން ޖެހެއެވެ. އަދި މި ފެށުނު އަހަރު،ﷲ އާއި އެ އިލާހުގެ ނަބިއްޔާގެ އެންގެވުންތަކާއި ޚިލާފްނުވުމަށް ޢަޒުމްކަނޑައަޅަންޖެހެއެވެ.

ހަމައެއާއެކު، މިދިޔަ އަހަރު ﷲއާ އެ އިލާހުގެ ރަސޫލާ ރުހިވޮޑިގަންނަވާ ގޮތަށް ފާއިތުކުރި މީހުން ، އެކަމަށް ތައުފީޤް ދެއްވިކަމަށްޓަކައި ﷲއަށް ޙަމްދުކޮށް ޝުކުރުކުރަންޖެހެއެވެ. އަދި އެ ގޮތުގައި ފަހުނޭވަޔާ ހަމައަށް ލެހެއްޓެވުމަށް އެދި ދުޢާކުރަންޖެހެއެވެ.

އެހެންކަމުން، އަޅުގަނޑުގެ ދުޢާއަކީ އަޅުގަނޑުމެން މި ފެށި އަހަރަކީ ބާއްޖަވެރި އަހަރެއްކަމުގައި ލެއްވުމެވެ. އަދި މި އަހަރަކީ އަޅުގަނޑުމެންގެ ލޮބުވެތި ވަޠަނުގެ އެންމެހާ އަޚުންނާއި އުޚުތުންނާއި އަދި އެންމެހާ މުސްލިމުންނަށް ނަޞްރާއި ކާމިޔާބުލިބެނިވި އަހަރެއްކަމުގައި ލައްވައި، އަޅުގަނޑުމެންނަކީ ޙަޔާތުގައި ލިބިފައިވާ ފުރުޞަތުގެ ބޭނުން ﷲއާއި އެ އިލާހުގެ ރަސޫލާ ޞައްލަﷲޢަލައިހި ވަސައްލަމަ ރުހިވޮޑިގަންނަވާގޮތަށް ހިފާބަޔަކުކަމުގައި ލެއްވުމެވެ.

وصلى الله وسلم على سيدنا محمد وآله وصحبه والحمد لله رب العالمين

Read more...

19 November 2009

ޙައްޖު މަހުގެ ފުރުތަމަ ދިހަ ދުވަސް

އަލްއަޚް ނިމާލް މުޙައްމަދު
އެންމެހާ ޙަމްދާއި ޘަނާ ޙައްޤުވެގެންވަނީ ކާއިނާތު މިލްކުވެވޮޑިގެންވާ އަރަހުށި ހުސްޠާހިރުވަންތަ މާތް ﷲއަށެވެ. ޞަލަވާތާއި ސަލާމް ލެއްވުމަށް އެދި ދުޢާކުރަނީ އަޅުގަނޑުމެންގެ މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲޢަލައި ވަސައްލަމައަށެވެ. މި ޞަލަވާތުގައި އެކަލޭގެފާނަށް ނަޞްރު ދެއްވި މަތިވެރި ޞަޙާބީންނާއި،ޤިޔާމަތް ދުވަހާ ހަމައަށް އެކަލޭގެފާނުގެ ރިސާލަތަށް ބޯލަބައި ކިޔަމަންތެރިވާ އެންމެހާ އަޚުންނާއި އުޚްތުން ޝާމިލުކުރަމެވެ.
ﷲ ސުބުޙާނަހޫ ވަތަޢާލާގެ ފަޟުލްވަންވެރިކަމުން އަޅުގަނޑުމެންނަށް ގުނާ ޢަދަދު ނުކުރެވޭހާ ގިނަގުނަ ނިޢުމަތް ދެއްވާފައިވެއެވެ. މާތްﷲ ވަޙީކުރައްވާފައިވެއެވެ. (وَإِنْ تَعُدُّوا نِعْمَةَ اللَّهِ لا تُحْصُوهَا)( ސޫރަތުލް އިބްރާހީމް:34) މާނައީ: "ﷲގެ ނިޢުމަތްތައް ތިޔަބައިމީހުން ގުނާނަނަމަ، ތިޔަބައިމީހުންނަށް އެނިޢުމަތްތައް ޢަދަދު ނުކުރެވޭހުއްޓެވެ." މިގޮތުން، އަޅުގަނޑުމެންނަށްޓަކައި އެ އިލާހު ބައެއް ޒަމާންތައް މާތްކުރައްވާ އެޒަމާންތަކުގައި ކުރާ ހެޔޮ ޢަމަލުތަކުގެ ދަރުމަ އެހެނިހެން ދުވަސްތަކުގައި ކުރާ ޢަމަލުތަކަށްވުރެ އިތުރުކޮށްދެއްވައެވެ. އަޅުގަނޑުމެންނާއި ބައްދަލުކޮށްފައި މިވާ ޙައްޖު މަހުގެ ފުރުތަމަ ދިހަ ދުވަހަކީ މާތް ﷲ ސުބުޙާނަހޫ ވަތަޢާލާ އެހެނިހެން ދުވަސްތަކަށްވުރެ މާތްކުރައްވާ މި ދުވަސްތަކުގައި ކުރާ ހެޔޮ ޢަމަލުތަކުގެ ޘަވާބު އިތުރުކުރައްވާފައިވާ ދުވަސްތަކެކެވެ.
އެހެންކަމުން، އެންމެހާ ލޮބުވެތި އަޚުންނާއި އުޚުތުންނަށް މި މަތިވެރި މޫސުމާއި ބެހޭގޮތުން ހަނދާން ކޮށްދިނުމަށްޓަކައި މި ލިޔުން ލިޔަން ޤަސްދުކުރީމެވެ.

މި މަހުގެ ފުރުތަމަ ދިހަ ދުވަހުގެ މާތްކަން ޤުރުއާނުގައި ބަޔާންވެފައވޭ:
ކީރިތި ޤުރުއާނުގައި މި ދުވަސްތަކުގެ މާތްކަމަށް އިޝާރާތް ކުރެވިފައިވެއެވެ. ޤުރުއާނުގައި މި ދުވަސްތަކުގެ ޛިކުރުކުރެވިފައިވުމުން ދޭހަވަނީ ﷲތަޢާލާގެ ޙަޟްރަތުގައި މި ދުވަސްތަކުގެ މާތްކަމެވެ. އެ އިލާހު ވަޙީކުރައްވާފައިވެއެވެ. ( وَأَذِّنْ فِي النَّاسِ بِالْحَجِّ يَأْتُوكَ رِجَالاً وَعَلَى كُلِّ ضَامِرٍ يَأْتِينَ مِنْ كُلِّ فَجٍّ عَمِيقٍ * لِيَشْهَدُوا مَنَافِعَ لَهُمْ وَيَذْكُرُوا اسْمَ اللَّهِ فِي أَيَّامٍ مَعْلُومَاتٍ )(ސޫރަތުލް ޙައްޖު:27،28) މާނައީ: "އަދި ކަލޭގެފާނު މީސްތަކުންނަށް ޙައްޖަށް އައުމަށް ގޮވާލައްވާށެވެ! އޭރުން ފައިމަގަގައްޔާއި، އަނަރޫފަ ޖަމަލުމަތީގައި، ދުރުތަންތަނުން އެބައިމީހުން ކަލޭގެފާނުގެ ގާތަށް އަންނާނެތެވެ. އެއީ އެބައިމީހުންނަށް ހުރި( ދީނާއި،ދުނިޔެވީ) މަންފާތަކެއް ލިބިގަތުމަށްޓަކައެވެ. އަދި ކަނޑައެޅި އެނގިގެންވާ ދުވަސްތަކެއްގައި އެއުރެން ﷲގެ އިސްމުފުޅު ހަނދުމަކޮށްއުޅުމަށެވެ." އިބްނު ކަޘީރު ރަޙިމަހުﷲ އެކަލޭގެފާނުގެ ތަފްސީރުގައި "الأيام المعلومات" ގެ ތަފްސީރުގައި މާތްﷲ ރުއްސުންލެއްވި އިބްނު އައްބާސްގެ ރިވާޔަތެއް ގެނެސްފައިވެއެވެ. "الأيام المعلومات أيام العشر" "ކަނޑައެޅި އެގިގެންވާ ދުވަސްތަކަކީ (ޙައްޖު މަހުގެ) ދިހަ ދުވަހެވެ."
ހަމަ އެފަދައިން، ފަޖްރު ސޫރަތުގައި އެ އިލާހު ވަޙީ ކުރައްވާފައިވެއެވެ. { وَالْفَجْرِ * وَلَيَالٍ عَشْرٍ } މާނައީ:"ފަތިސް ގަންދެއްވަމެވެ.އަދި ދިހަ ރޭ ގަންދެއްވަމެވެ" (ސޫރަތުލް ފަޖްރު1،2 ) އަލް އިމާމުއް ޠަބަރީ ރަހިމަޙުﷲ " وَلَيَالٍ عَشْرٍ " ގެ ތަފްސީރުގައި ބަޔާންކުރައްވާފައިވަނީ އެއީ ޙައްޖު މަހުގެ ދިހ ދުވަސްކަމުގައެވެ. ހަމަ އެފަދައިން އިބްނު ކަޘީރު ރަޙިމަހުﷲ، އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހުމާއި، އިބްނުއް ޒުބައިރު އަދި މުޖާޙިދު ރަޙިމަހުﷲ ފަދަ އެތައް ގިނަ މުފައްސިރުންގެ ކިބައިން މި އާޔަތުގެ މުރާދަކީ ޙައްޖު މަހުގެ ދިހަ ދުވަސްކަމަށް ބަޔާންކުރައްވާފައިވެއެވެ."
މި ދިހަ ދުވަހުގެ މާތްކަން ސުންނަތުގައި ބަޔާންވެފައިވޭ:
ރަސޫލުﷲ ޞައްލާﷲ ޢަލައިހި ވަސައްލަމުގެ ޞައްޙަ ޙަދީޘްތަކުން ޙައްޖުމަހުގެ ފުރުތަމަ ދިހަ ދުވަހުގެ މާތްކަން ބަޔާންވެފައިވެއެވެ. އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހު ރިވާ ކުރައްވާފައިވެއެވެ. ރަސޫލުﷲ ޞައްލަﷲޢަލައި ވަސައްލަމް ޙަދީޘްކުރެއްވިއެވެ." ( ما من أيام العمل الصالح فيهن أحب إلى الله منه في هذه الأيام العشر . قالوا ولا الجهاد في سبيل الله !! قال : ولا الجهاد في سبيل الله ، إلا رجل خرج بنفسه وماله ولم يرجع من ذلك بشيء) " (އަލް އިމާމުލް ބުޚާރީ). މާނައި." ހެޔޮ ޢަމަލުތައް ﷲ ތަޢާލާގެ ޙަޟްރަތުގައި މި ދިހަ ދުވަހަށް ވުރެ ހެޔޮކަންބޮޑުވެގެންވާ ދުވަސްތަކެއްނުވެއެވެ."(ޞަޙާބީން) ދެންނެވިއެވެ. ﷲގެ މަގުގައި ޖިހާދުކުރުމަށްވުރެންވެސް ބޮޑަށްތޯއެވެ؟ އެކަލޭގެފާނު ޙަދީޘްކުރެވިއެވެ." މީހަކު އޭނަގެ ނަފްސާއި މުދަލުން ޖިހާދުކުރުމަށް ނުކުމެ، އެއިން އެއްޗަކާއެކު އެނބުރިނައި މީހާ ފިޔަވާ ޖިހާދުކުރުމަށްވުރެންވެސް ބޮޑަށެވެ"
އަދިވެސް އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހު ރިވާކުރައްވާފައިވެއެވެ. މާތް ނަބިއްޔާ ޞައްލަﷲޢަލައި ވަސައްލަމް ޙަދީޘްކުރެއްވިއެވެ. ( ما من عمل أزكى عند الله عز وجل ، ولا أعظم أجراً من خير يعمله في عشر الأضحى . قيل : ولا الجهاد في سبيل الله ؟ قال : ولا الجهاد في سبيل الله عز وجل ، إلا رجل خرج بنفسه وماله ، فلم يرجع من ذلك بشيء )(އައްދާރަމީ) މާނައީ: "އަޟުޙާގެ ދިހަ ދުވަހު ކުރާ ހެޔޮ ޢަމަލުތަކަށް ވުރެ ﷲ ތަޢާލާގެ ޙަޟުރަތުގައި މަތިވެރިކަންބޮޑު އަދި ހެޔޮ ކަންތަކުގެ ޘަވާބު އިތުރުވެގެންވާ ޢަމަލުތަކެއްނުވެއެވެ. "(ޞަޙާބީން) ދެންނެވިއެވެ. ﷲ ތަޢާލާގެ މަގުގައި ޖިހާދުކުރުމަށް ވުރެންވެސްތޯއެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ." މީހަކު އޭނަގެ ނަފްސާއި މުދަލުން ޖިހާދުކުރުމަށް ނުކުމެ، އެއިން އެއްޗަކާއެކު އެނބުރިނައި މީހާ ފިޔަވާ ޖިހާދުކުރުމަށްވުރެންވެސް ބޮޑަށެވެ"
މަތީގައި ބަޔާން ކުރެވުނު އާޔަތްތަކާއި ޙަދީޘްތަކުން އަޅުގަނޑުމެންނަށް އެނގި ހާމަވެގެންދަނީ މި ދިހަ ދުވަހުގެ މާތް ކަމެވެ. އަދި ﷲ ތަޢާލާގެ ޙަޟްރަތުގައި މި ދިހަ ދުވަހަށްވުރެ، ހެޔޮ ޢަމަލުތަކުގެ ދަރުމައާއި ޘަވާބު އިތުރުވެގެންވާ ދުވަސްތަކެއް ނެތްކަމެވެ.


ޙައްޖުމަހުގެ ފުރުތަމަ ދިހަ ދުވަސް އެހެނިހެން ދުވަސްތަކަށްވުރެ މާތްވަނީ ކީއްވެ؟
1. ﷲ ސުބުޙާނަހޫ ވަތަޢާލާ މި ދިހަ ދުވަސް ގަންދެއްވާ ހުވާކުރައްވާފައިވުން:-
ﷲ ތަޢާލާ މި ދިހަ ދުވަސް ގަންދެއްވާ ހުވާކުރައްވާފައިވަނީ މި ދުވަހުގެ މަތިވެރިކަމުގެ ސަބަބުންކަމާމެދު އެއްވެސް ޝައްކެތްނެތެވެ. (وَلَيَالٍ عَشْرٍ) މާނައީ: "އަދި ދިހަ ރޭ ގަންދެއްވަމެވެ"
2. ކީރިތި ޤުރުއާނުގައި މި ދިހަ ދުވަހުގެ ޛިކުރުކުރެވިފައިވުން
މާތް ﷲ ސުބުޙާނަހޫ ވަތަޢާލާ އެ އިލާހުގެ ފޮތުގައި މި ދިހަ ދުވަހުގެ ޛިކުރު ކުރައްވާފައިވާކަމީ، މި ދުވަސްތައް އެހެނިހެން ދުވަސްތަކަށް ވުރެ މާތްކަންބޮޑުވި ސަބަބެކެވެ. އެ އިލާހު ވަޙީ ކުރައްވާފައިވެއެވެ.( وَيَذْكُرُوا اسْمَ اللَّهِ فِي أَيَّامٍ مَعْلُومَاتٍ) މާނައީ: "އަދި ކަނޑައެޅި އެނގިގެންވާ ދުވަސްތަކެއްގައި އެއުރެން ﷲގެ އިސްމުފުޅު ހަނދުމަކޮށްއުޅުމަށެވެ."
3. ހެޔޮ ޢަމަލުކުރުމުގެ މޫސުމެއްކަމުގައި ބަޔާންވެފައިވުން.
މަތީގައި ބަޔާން ކުރެވުނު މާތް ނަބިއްޔާގެ ޙަދީޘްތަކުގައި ޙައްޖުމަހުގެ ފުރުތަމަ ދިހަ ދުވަހަށްވުރެ ﷲ ގެ ޙަޟްރަތުގައި ހެޔޮ ޢަމަލުތަކުގެ ޘަވާބު އިތުރުވެގެންވާ ދުވަސްތަކެއް ނެތްކަމަށް ބަޔާންކުރައްވާފައިވެއެވެ.
4. އިސްލާމް ދީނުގެ ފަސްވަނަ ރުކުން، ޙައްޖުގެ މާތް އަޅުކަން އަދާކުރުމަށް ފަށަނީ މި ދިހަ ދުވަސްތެރޭގައި ކަމަށްވުން.
ޙައްޖުގެ އަޅުކަން އަދާކުރުމަށްޓަކައި އިޙުރާމްބަންނަނީ ( يوم التروية )، ޙައްޖު މަހުގެ އަށްވަނަ ދުވަހުއެވެ. މި ދުވަހަކީ ޙައްޖުގެ އަޅުކަންތައްފެށޭ ދުވަހެވެ. ހަމައެފަދައިން ޙައްޖުގެ އެންމެ މުހިއްމު ރުކުން ކަމުގައިވާ ޢަރާފާތުގައި މަނޑުކުރަނީ ހައްޖު މަހުގެ ނުވަވަނަ ދުވަހު މެންދުރު ފަހުގައެވެ. ޢަރަފާތް ދުވަހަކީ އެދުވަހެއްގައި މާތްﷲ ސުބުޙާނަހޫ ވަތަޢާލާ އެ އިލާހުގެ އަޅުތަކުން އެންމެ ގިނައިން ނަރަކައިން މިންޖުކުރައްވާ ދުވަހެވެ. عائشة ރަޟިޔަﷲ ޢަންހާ ރިވާކުރައްވާފައިވާ ޙަދީޘެއްގައިވެއެވެ. މާތް ނަބިއްޔާ ޞައްލަﷲޢަލައި ވަސައްލަމް ޙަދީޘްކުރެއްވިއެވެ. " ما من يومٍ أكثر من أن يُعتق الله عز وجل فيه عبداً من النار ، من يوم عرفة...."( ޞަޙީހު މުސްލިމު) މާނައީ: "ޢަރަފާތް ދުވަހަށްވުރެ ގިނައިން ﷲ ތަޢާލާ އެ އިލާހުގެ އަޅުތަކުން ނަރަކައިން މިންޖުކުރައްވާ ދުވަހެއްނުވެއެވެ."
މީގެ އިތުރުން މި ދިހަ ދުވަހުގެ ތެރޭގައި މުޒްދަލިފާގައި ރޭކުރުމާއި، އަދި މުސްލިމުންގެ އެންމެ ބޮޑު ޢީދު ކަމުގައިވާ ޢީދުލް ޢަޟްޙާ ހިމެނިފައިވާކަމީ، މި ދުވަސްތައް އެ އިލާހުގެ ޙަޟްރަތުގައި މާތްކުރެވުމުގެ ސަބަބަތަކުގެ ތެރެއިން ހިމެނޭކަމެއްކަން ކަށަވަރެވެ.
5. ﷲ ތަޢާލާއަށް ކުއްތަންވުމަށްޓަކައި ޤުރުބާން ޤަތިލުން މިދުވަސްތަކުގައި ހިމެނިފައިވުން.
ޙައްޖުގެ އަޅުކަން އަދާކުރުމަށްޓަކައި އެކި އެކި ހިސާބުތަކުން އަންނަ އެ އިލާހުގެ އަޅުތަކުން ޤުރުބާން ކަތިލުމާއި،އުޟުޙިޔާ ކަތިލުން ހިމެނިފައިވަނީ މި ދިހަ ދުވަހުގެ ތެރޭގައި ކަމަށްވުމީ، މި ދުވަސްތައް އެ އިލާހުގެ ޙަޟްރަތުގައި މާތްކުރެވުމުގެ ސަބަބެކެވެ.
ހެޔޮކަމުގެ މި މޫސުމާއި ކުރިމަތިލާނީ ކިހިނެއް؟
މަތީގައި ބަޔާންކުރެވުނު ސަބަބުތަކަށްޓަކައި ﷲ ތަޢާލާގެ ޙަޟްރަތުގައި މާތްކުރެވިފައިވާ ހެޔޮކަމުގެ މި މޫސުމާ ކުރިމަތިލާނީ ކިހިނެއްތޯއެވެ؟ ހަމަޔަޤީނުންވެސް މިއި އަހަރަކު އެއްފަހަރު ލިބޭނެ ފުރުޞަތެކެވެ. މި ފުރުޞަޠު ބޭނުންނުކެރެވި ފާއިތުވެއްޖެނަމަ، ދެން މި ފަދަ އެހެން ފުރުޞަތެއް ލިބޭނެކަމުގެ ޔަޤީންކަން އޮތީ އަޅުގަނޑުމެންގެ ތެރެއިން ކޮންބޭފުޅަކަށްތޯއެވެ؟ އަޅުގަނޑުމެންނާއެކު ފާއިތުވި އަހަރުގެ ޙައްޖު މަހުގައި އުޅުނު ބައެއް ލޮބުވެތި އަޚުންނާއި އުޚުތުން ވަނީ މި ހެޔޮކަމުގެ މޫސުމާއި ބައްދަލުވުމުގެ ކުރިން ދުނިޔެއާއި އަލްވަދާޢު ކިޔާފައެވެ.
އެހެންކަމުން ބުއްދިވެރިންނަކީ، މި ފަދަ ފުރުޞަތުތައް ނަގާނުލައި،ހެޔޮކަމުގެ މޫސުމެއްގެ ގޮތުގައި މި ދުވަސްތައް ބަލާގަންނަ މީހުންނެވެ. ވުމާއެކު ތިރީގައި އެވަނީ މި މޫސުމުގެ ބޭނުން ހެޔޮގޮތުގައި ކުރެވިދާނެ ބައެއްގޮތްތަކެވެ.
1. މި ދުވަސްތަކާއި ބައްދަލުކުރާއިރު، ތެދުވެރި ތައުބާއަކުން ތައުބާވުން
އާދެ، ހެޔޮކަމުގެ މި މޫސުމާއި ބައްދަލުކުރާއިރު އަޅުގަނޑުމެންނަކީ، ތައުބަތުއްނަޞޫޙާ ނުވަތަ ތެދުވެރި ތައުބާއަކުން ތައުބާވެ މި ދުވަސްތަކާއި ބައްދަލުކުރާ ބަޔަކަން ވާންޖެހެއެވެ. ހަމަކަށަވަރުން ﷲއަށް ތައުބާވެ، ކުރަމުން ދިޔަ ފާފަތައް ދޫކޮށް އެ އިލާހަށް ރުޖޫޢަވުމަކީ އެންމެ ހެޔޮ ޢަމަލުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އަދި ކީއްތޯއެވެ؟ އަޅުތަކުން ﷲއަށް ތައުބާވުމަކީ އެ އިލާހު އެކަމަކަށް ލޯބިވވޮޑިގަންނަވާކަމެކެވެ. ﷲ ވަޙީ ކުރައްވާފައިވެއެވެ. (يَا أَيُّهَا الَّذِينَ آَمَنُوا تُوبُوا إِلَى اللَّهِ تَوْبَةً نَصُوحًا)( އައްތަޙްރީމް-8) މާނައީ: "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތެދުވެރި އިޚްލާސްތެރި ތައުބާއަކުން، ތިޔަބައިމީހުން ﷲއަށް ތައުބާވާށެވެ." އަދިވެސް އެ އިލާހު ވޙީކުރައްވާފައިވެއެވެ. (إِنَّ اللَّهَ يُحِبُّ التَّوَّابِينَ وَيُحِبُّ الْمُتَطَهِّرِينَ)( އަލްބަޤަރާ: 222) މާނައީ: "ހަމަކަށަވަރުން ގިނަގިނައިން ތައުބާވާ މީހުންދެކެ ﷲ ލޯބިވެވޮޑިގަންނަވައެވެ. އަދި ޠާހިރުވާމީހުންދެކެވެސް އެ އިލާހު ލޯބިވެވޮޑިގަންނަވައެވެ"
2. ތެދުވެރިކަމާއެކު ހެޔޮ ޢަމަލުތަކުގެ މަތީގައި ދެމިހުރުމަށް ޢަޒުމު ކަނޑައެޅުމާއި ނުބައި ކަންތައްތަކުން ދުރުވުމަށް ޢަޒުމްކަނޑައެޅުން
މި މޫސުމާއި ބައްދަލުކުރާއިރު، އަލުގަނޑުމެން ހެޔޮ ޢަމަލުކުރުންމަތީ ދެމިތިބިމަށް ޢަޒުމްކަނޑައެޅިދާނެއެވެ. މި ދުވަސްތަކުގައި އަޅުކަންކުރުމަށް ހީވާގިވާފަދައިން މި މޫސުމަށް ފަހު ޙަޔާތުގެ ބާކީ ދުވަސްތަކުގައި ހެޔޮ ޢަމަލު ކުރުންމަތީ ދެމިތިބުމަށް ޢަޒުމް ކަނޑައެޅިދާނެއެވެ. ހަމައެފަދައިން މަސްތުވާތަކެތި ބޭނުންކުރުމާއި، ދުންފަތުގެ އިސްތިޢުމާލުކުރުމާއި އަދިވެސް އެ ނޫން އެހެނިހެން ފާޙިޝް ޢަމަލުތައް ކުރަމުންދާ މީހުން އެކަންތައް ހުއްޓުމަށްވެސް ޢަޒުމްކަނޑައަޅައި މަސައްކަތްކުރެވިދާނެއެވެ. އެހެނީ ﷲ ގެ މަގަށް ރުޖޫޢަވުމަށް ތެދުވެރިކަމާއެކު މަސައްކަތްކޮށްފި މީހަކަށް އެ އިލާހު އެ ކަމުގެ ތައުފީޤުދެއްވާނެކަން ކަށަވަރެވެ. އެ އިލާހު ވަޙީ ކުރައްވާފައިވެއެވެ. (وَالَّذِينَ جَاهَدُواْ فِينَا لَنَهدِيَنَّهُمّ سُبُلَنَا)( އަލް އަންކަބޫތު:69)މާނައީ: "ތިމަން އިލާހުގެ މަގުގައި ޖިހާދުކުރިމީހުން (ދަންނާށެވެ!) އެއުރެންނަށް ތިމަން އިލާހުގެ މަގުތަކަށް މަގުދައްކަވާހުށީމެވެ".
3. ﷲ ސުބުޙާނަހޫ ވަތަޢާލާމަތިން ހަނދުމަކުރުން ގިނަކުރުމާއި ޛިކުރުކުރުން ގިނަކުރުން.
މުސްލިމެއްގެ ޙަޔާތުގެ ކޮންމެ ދުވަހަކީވެސް މާތްﷲ ގެ ހަނދުމަކުރުމާއި ޛިކުރުކުރުންމަތީ ހޭދަކުރާ ދުވަހެކެވެ. ނަމަވެސް، މި ފަދަ މަތިވެރި މޫސުމަކާއި ބައްދަލުވުމުން އެ އިލާހު ހަނދުމަކުރުމާއި ޛިކުރުން އިހުނަށްވުރެ ގިނަކޮށް ހީވާގިވާންޖެހެއެވެ. މި ގޮތުން އެންމެ މާތް ޛިކުރު ކަމުގައިވާ ކީރިތި ޤުރުއާން ކިޔެވުން ގިނަކުރެވިދާނެއެވެ. މާތް ނަބިއްޔާ ޞައްލަﷲޢަލައި ވަސައްލަމް ޙަދީޘްކުރެއްވާފައިވަނީ ޤުރުއާނުން ކިޔަވާ ކޮންމެ އަކުރަކަށް ދިހަ ދަރުމަ ދެއްވާކަމަށެވެ. އެހެންކަމަށްވާނަމަ ހެޔޮ ޢަމަލުތަކުގެ ދަރުމަ އިތުރުވެގެންދާ މި ފަދަ ދުވަސް ވަރެއްގައި ޤުރުއާން ކިޔެވުން ގިނަކުރުމުން މަތިވެރި ޘަވާބާއި ދަރުމަ ލިބިގެންދާނެކަމީ ކަށަވަރުކމެކެވެ.
ހަމަ އެފަދައިން އެ އިލާހު ހަނދުމަކޮށް ޛިކުރުކުރުމުގެ ތެރޭގައި، ތަކްބީރު، ތަޙްމީދު އަދި ތަސްބީޙު ކިޔުން ހިމެނެއެވެ. އެހެނީ މާތް ނަބިއްޔާ ޞައްލަﷲޢަލައި ވަސައްލަމް މި ދުވަސްތަކުގައި އެ އިލާހުގެ ޛިކުރުކުރުމަށް ބާރުއަޅުއްވާފައިވެއެވެ. އެހެންކަމުން ސަލަފުންގެ ބޭކަލުން މި ދިހަ ދުވަހު ބާޒާރަށް ނުކުމެ ވަޑައިގެން ތަކްބީރުވިދާޅުވަމުން ވަޑައިގަންނަވައެވެ. ހަމައެފަދައިން ނަމާދުގެ ފަހުގަޔާއި މަގުމަތީގަޔާއި، ގޭގައި ތަކްބީރުކިޔުން ސުންނަތްވެގެންވެއެވެ. އިބްނު ޢުމަރު ރަޟިޔަﷲ ޢަންހު ރިވާކުރައްވާފައިވެއެވެ. މާތް ނަބިއްޔާ ޞައްލަﷲޢަލައި ވަސައްލަމް ޙަދީޘްކުރެއްވިއެވެ. (ما من أيام أعظم عند الله سبحانه ولا أحب إليه العمل فيهن من هذه الأيام العشر؛ فأكثروا فيهن من التهليل والتكبير والتحميد )(رواه أحمد) މާނައީ: "ﷲގެ ޙަޟްރަތުގައި މި ދިހަ ދުވަހަށް ވުރެ މަތިވެރި އަދި ހެޔޮ ޢަމަލުކުރުން ލޮބުވެތިކަންބޮޑު ދުވަސްތަކެއް ނުވެއެވެ. ފަހެ، ތިޔަބައިމީހުން ތަހުލީލާއި،ތަކްބީރު އަދި ތަޙްމީދުކިޔުން ގިނަކުރާށެވެ." "الله أكبر. الله أكبر. الله أكبر. لا إله إلا الله. والله أكبر. الله أكبر. الله أكبر ولله الحمد" މިއީ ތަކްބީރު ކިޔުމަށް ބައެއް ސަލަފުންގެ ކިބައިން ވާރިދުވެފައިވާ ޞީޣާއެކެވެ.
4. ސުންނަތް ނަމާދުކުރުން ގިނަކުރުން
ހެޔޮ ކަމުގެ މި މޫސުމުގެ ދަރުމަ ލިބިގަތުމަށްޓަކައި ސުންނަތް ނަމާދުކުރުން ގިނަކުރެވިދާނެއެވެ. ހަމަ އެފަދައިން ރޭ އަޅުކަންކުރުމުގައިވެސް އިތުރަށް ހީވާގިވެވިދާނެއެވެ. ސުންނަތް ނަމާދުތަކަށް ފަރުވާތެރި ވުމުގެ ކުރިން ފަރްޟު ނަމާދުތަކަށް ރައްކާތެރިވެ، ފުރުތަމަ ތަކްބީރު ލިބޭނެހެން ޖަމާޢަތުގައި ބައިވެރިވެ ނަމާދުކުރުމަށް ހީވާގިވެވިދާނެއެވެ. ޘައުބާން ރަޟިޔަﷲ ޢަންހު ރިވާކުރައްވާފައިވެއެވެ. "ތިމަންކަލޭގެފާނު ރަސޫލުﷲ ޞައްލﷲޢަލައހި ވަސައްލަމް މިހެން ޙަދީޘްކުރައްވަނިކޮށް އަޑުއެހީމެވެ." (عليك بكثرة السجود لله، فإنك لا تسجد لله سجدة إلا رفعك الله بها درجة، وحطَّ عنك بها خطيئة)(ރަވާހް މުސްލިމް) މާނައީ: "ތިބާ ގިނަގިނައިން ﷲ ސަޖިދަކުރުންހުއްޓެވެ. އެހެނީ ތިބާ އެ އިލާހަށް ކުރާ ކޮންމެ ސަޖިދައަކާއިއެކު، ތިބާގެ ދަރަޖަ އެ އިލާހު އުފުއްލަވައެވެ. އަދި ތިބާގެ ފާފައެއް ފުއްސަވައެވެ". މިއީ އާއްމު ދުވަސްތަކުގައި ކަމަށްވާއިރު މި މަތިވެރި މޫސުމުގައި ސަޖިދަކުރުން ގިނަކުރުމުން ދަރުމަ އިތުރުވާނެކަން ޔަޤީނެވެ.
5. އުޟުޙިޔާ ކަތިލުން
ޙައްޖުމަހުގެ ދިހަވަނަ ދުވަހު، ބޮޑު ޢީދު ދުވަހު އުޟްޙިޔާ ކަތިލުމަކީ އެކަމަށް ކުޅަދާނަކަން ލިބެގެންވާ މީހަކަށް ކުރުން ސުންނަތްކަންބޮޑުވެގެންވާ، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމާއި އެކަލޭގެފާނުގެ ޞަޙާބީން އެކަން ކުރުން މަތީ ދެމިތިބި ކަމެކެވެ.
6. ޙައްޖާއި ޢުމްރާގެ މާތް އަޅުކަން އަދާކުރުން
އެއްވެސް ޝައްކެތްނެތް ގޮތުގައި، ޙައްޖާއި ޢުމްރާގެ އަޅުކަމަކީ މި ދުވަސްތަކުގައި ކުރެވޭނެ އެންމެ ހެޔޮކަންބޮޑު އެއް އަމަލެވެ. މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކރައްވާފައިވަނީ ޤަބޫލުކުރެވިގެންވާ މަބްރޫރު ޙައްޖަކަށް ސުވަރުގެ ނޫނީ އެހެންޖަޒާއެއް ނުވާކަމުގައެވެ.
7. ރޯދަ ހިފުން
އާދެ، ހެޔޮ ކަމުގެ މި މޫސުމުގައި ސުންނަތް ރޯދަ ހިފިދާނެއެވެ. އެހެނީ މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރައްވާފައިވަނީ މީހަކު ﷲއަށް ޓަކައި ރޯދައެއް ހިފައިފިނަމަ ﷲ ތަޢާލާ އޭނަ ނަރަކައާއި ހަތްދިހަ ޙަރީފުގެ ރާސްތާއަށް ދުރުކުރައްވައެވެ. އެހެންކަމަށްވާނަމަ، މި މަތިވެރި ދުވަސްތަކުގައި ރޯދަ ހިފުމުން ލިބޭނެ ދަރިމަ އިތުރުވާނެކަން ކަށަވަރެވެ. ޢަރަފާތު ދުވަހު ރޯދައަށް ހުރުމަކީ އެކަލޭގެ ފާނުގެ ސުންނަތުން ޘާބިތުވެފައިވާ ގަދަވެގެންވާ ސުންނަތެކެވެ. ޙައްޖުގެ މާތް އަޅުކަން އަދާކުރުމުގެ ފުރުޞަތު ނުލިބުނު އަޚުންނާއި އުޚުތުން ޙައްޖުމަހުގެ ނުވަވަނަދުވަހު ރޯދަހިފުމަކީ ސުންނަތްކަންބޮޑުކަމެކެވެ. އެހެނީ އެކަލޭގެފާނު ބައެއް އަނބިކަނބަލުންގެ ކިބައިން، އެކަލޭގެފާނު ޙައްޖުމަހުގެ ނުވަވަނަ ދުވަހު ރޯދައަށް ހުންނަވާކަމަށް އައިސްފައިވެއެވެ.
ހަމައެފަދައިން ޞަދަޤާތް ކުރުމާއި، ފަޤީރުންނަށް އެހީވުމާއި، މިނޫނަށް މި ފަދަ ހެޔޮ ޢަމަލުތައް ގިނަކޮށް މި މޫސުމުގެ ބޭނުން ހެޔޮގޮތުގައި ހިފައި ކާމިޔާބު ލިބެނިވި ބަޔަކަށްވަމާ ހިނގާށެވެ. އަޅުގަނޑުގެ ދުއާއަކީ އަޅުގަނޑުމެން އެންމެންނަކީ މި މޫސުމުގައި ހެޔޮ ޢަމަލުކުރުމުގެ ތައުފީޤުދެއްވާ ސުވަރުގޭގެ އަހްލުވެރިންގެ ތެރެއިން ލެއްވުމެވެ.
وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين

Read more...

07 November 2009

ލޮލުގެ ކޮއި

ޑރ.މަޢުރޫފް ޙުސައިން
"އޭނާގެ މަންމަ ހުންނަނީ އެއް ލޮލެވެ. އޭނާ މަންމަ ދެކެ ވަރަށް ރުޅިއާދެއެވެ. މަންމައަކީ އޭނާގެ ޙަޔާތުގައި ޖެހިފައިވާ ލަދުވެތިކަމުގެ ލައްގަނޑެކެވެ. ޢާއިލާގެ ޚަރަދު ބަރަދު ބެލެހެއްޓުމަށްޓަކައި މަންމަ ކުރާ ކަމަކީ މީހުންނަށް ކައްކައި ދިނުމެވެ.
ސްކޫލްގެ ސްޕޯރޓްސް މީޓް ދުވަހެވެ. ރައްޓެހިކުދީން ކައިރީގައި ހުއްޓާ މަންމަ އަތުވެއްޖެއެވެ. ދަރިފުޅާއޭ ކިޔާ އޭނާއަށް ގޮވާލިއެވެ. އޭނާ ލަދުން ހަލާކުނުވީ ކިރިޔާއެވެ. އެއްލޯ ހުރި އަންހެނާގެ ގޮވާލުމަށް އިޖާބަ ދިނުމަކާ ނުލައި އޭނާގެ މޫނު އަނެއް ފަރާތަށް އަނބުރާލިއެވެ. ދާދިއަވަހަށް ކްލާސް ކުދީން އޭނާއާ ދިމާކުރަން ފެށިއެވެ. "ކަލޭގެ މަންމައަކީ އެއްލޯ ނެތް މީހެކެވެ."
އެދުވަހު އޭނާ ގެޔަށް ދިޔައީ ރުޅިއައިސް ރަތްވެފައި ހުރެގެންނެވެ. މަންމައާއި ދިމާލަށް ހަޅޭއްލެވިއެވެ. ކަލޭގެ ބޭނުމަކީ އަހަރެން ލަދުގަންނަވާލައި އެކުވެރީންގެ ކުރިމަތީގައި އަހަރެން ބޭޒާރުކޮށްލުމެވެ. އަހަރެންގެ ޙަޔާތުން ކަލޭ ގެއްލި ޣާއިބު ނުވަނީ ކީއްވެގެން ހެއްޔެވެ؟ މަންމަ ޖަވާބުގައި އެކައްޗެކޭވެސް ނުބުނެއެވެ.

އޭނާ ބޭނުންވީ މި ސިފަހުތުރު މުސްކުޅި ދައިތައާއި މި ނިކަމެތި ޖިފުޓިގަނޑު ދުވަހަކުވެސް ނުފެންނަ ހިސާބަށް ދުރަށް ދާށެވެ. އެހެންކަމުން އޭނާ ނިކަން މޮޅަށް ކިޔެވިއެވެ. ކްލާހުންނާއި، ސްކޫލުންނާއި، ޔުނިވަރސިޓީން ވަނަ ހޯދިއެވެ. ޕީ.އެޗް.ޑީ ނެގިއެވެ. އެނބުރި ޤައުމަށް އައީ ދުނިޔެ ޤަބޫލުކުރާ ފެންވަރުގެ މޮޅު މީހެއްގެ ގޮތުގައެވެ. ރަނގަޅު ވަޒީފާ ލިބުނެވެ. މީހަކާ އިނދެ ލޯބި ލޯބި ތިން ކުދީން ލިބިއްޖެއެވެ. އުފަލާއި ފާގަތިކަމުގައި ކާރޫ ބާރޫ ބޮޑު ސަހަރުގައި ވަޒަންވެރިވެގެން އުޅެން ފަށައިފިއެވެ.
އެއްދުވަހަކު އޭނާގެ ކުޑަ ދަރިފުޅު ދުވެފައި އައެވެ. އަދި ބުންޏެވެ. "ބައްޕާއެވެ! ދޮރާށި ކައިރީގައި މުސްކުޅި ދައިތައަކު ހުރެގެން އެއްޗެހިތަކެއް އެބަ ކިޔައެވެ. ވަރަށް ބިރުވެރި ފާޑަކަށް ހުރި މީހެކެވެ. އޭނާގެ ހުރީވެސް އެންމެ ލޮލެކެވެ. " އޭނާ ނުކުތެވެ. އަންހެނަކުވެސް އެނާގެ ފަހަތުން އައެވެ. އޭނާ ފެނުމާއެކު "ދަރިފުޅާ" އޭ ކިޔާ ގޮވަމުން ކައިރިއަށް އަންނަން ފެށިއެވެ. އަންހެނުން އެހިއެވެ. "މީ ކާކު ހެއްޔެވެ؟" އޭނާ ބުންޏެވެ. "ނޭނގެއެވެ. ކޮންމެވެސް އަވަށްގަނޑެއްގެ ފަޤީރު ދައިތައެކެވެ." އަންހެނުން އެ ދައިތައަށް ރުފިޔާއެއް ދެމާ ހިނގާށޭ ކިޔާ ފައިސާ ބަލާ ގޭތެރެއަށް ވަން ވަޤުތު އޭނާ ހަޅޭއްލަވަން ފެށިއެވެ. "ކަލެއަށް ނުފެންނަ ހިސާބަށް އައިސް އުޅެނިކޮށް އަހަރެންގެ ދަރީން ބިރުގަންނަވާން މި ހިސާބަށްވެސް ފާވެގަތީ ހެއްޔެވެ؟ ހަމަ މިހާރު ފެއްސިގެން ނުދިޔަނަމަ ފުލުހުންނަށް ގުޅާނަމެވެ." މިފަދަ އިންޒާރުތައް ދިނުމުން މުސްކުޅި ދައިތަ މަޑުމަޑުން ނުކުމެގެން ހިނގައްޖެއެވެ.
އޭގެ އެތައް ދުވަހެއް ފަހެވެ. އޭނާގެ އަވަށުގެ ސްކޫލްގެ މުސްކުޅި ދަރިވަރުން އެއްވެގެން ބާއްވާ ޙަފްލާއަކަށް ދާން ދަޢުވަތު ލިބިއްޖެއެވެ. އަދި މިތަނަށް ހިނގައްޖެއެވެ. ކުޑައިރުގެ އެކުވެރިންނާއެކު މަޖާ ވަޤުތުތަކެއް ހޭދަކުރުމަށް ފަހު ސަހަރަށް ފުރުމުގެ ކުރީން ކުޑައިރު އުޅުނު ޖިފުޓި ގަނޑު ހުރިތޯ ބަލާލަން ދަހިތް ވެއްޖެއެވެ. މީހުން ކައިރީ އަހައިގެން އެހިސާބު ހޯދައިފިއެވެ. ތަނގަނޑު މީހުން ބުނިގޮތުގައި މަންމަ މަރުވިތާ ދެތިން މަހެއް ވެއްޖެއެވެ. އެ ޖިފުޓިގަނޑުވެސް ވަނީ މުޅިން ވީރާނަވެގެން ވެއްޓިފައެވެ. އެތާގައި އިރުކޮޅަކު މަޑުކޮށްލުމަޑްފަހު އެނބުރި ދާން ހިނގައިގަތެވެ. އެވަޤުތު މުސްކުޅި ދައިތައެއް އައެވެ. އަދި ވާހަކަ ދައްކަން ފެށިއެވެ. އޭނާއަކީ ކާކުކަން އެނގިގެންނެވެ. އޭނާއަކީ ކުރީގެ އަވައްޓެރިއެކެވެ.
"ކަލޭގެ މަންމަ އަބަދުވެސް ދައްކަނީ ކަލޭގެ ވާހަކަ. ވިލާތުން ކިޔަވާ މޮޅުވެގެން އަންނާނޭ ދުވަހެއްގެ އިންތިޒާރުގައި އޭނާގެ ވަޤުތުތައް ހޭދަކުރީ. އެންމެފަހުން ކަލޭ އައިސް ޝަހަރުގައި އުޅޭ ޚަބަރެއް ވެގެން މީހުން ކައިރިން ފައިސާކޮޅެއް ހޯދައިގެން ކަލޭ ފެނޭތޯ ދިޔަ. އެދަތުރަކު ގޮސްފައި އައިފަހުން މީހަކާ އަނގައިން ބުނުމެއް ނޯވޭ. އޭނާގެ ބަލިޙާލު ވަރަށް ބޮޑުވި. މަރުވުމުގެ ދުވަސްކޮޅެއް ކުރިން އަހަރެންނަށް ގޮވާ ގެންގޮސް ސިޓީއެއް ޙަވާލުކުރި. އަދި ބުނި އޭނާގެ ދަރިފުޅު ދުވަހަކު ކޮޅުންވެސް އެހިސާބަށް އައިސްފިނަމަ އެސިޓީ ރައްދުކޮށްދިނުމަށް"
ދައިތަ އޭނާ ގޮވައިގެން ގޮސް އޭނާގެ ދެރަ ޖިފުޓިގަނޑު ތެރެއަށް ވަދެ ފޮށްޓެއް ހުޅުވާލިއެވެ. އަދި އޭނާގެ އަތަށް ސިޓީއެއް ދިއްކޮށްލިއެވެ.
އޭގައި ވެއެވެ.
"އަހަރެންގެ އެންމެ ލޯބިވާ އަހަރެންގެ ހުރި ހަމައެކަނި ދަރިފުޅާއެވެ. މަންމަގެ ވަޤުތުތައް ހޭދަކުރީ ދަރިފުޅުގެ ހަނދާނުގައެވެ. މަންމަ ދަރިފުޅު ބަލާ ބޮޑުކުރީ ބަފައެއްގެ އެހީއަކާ ނުލައެވެ. މީހުންނަށް މަސައްކަތްކޮށްދީ ބުރަ އުފުލުމުގައި މަންމަގެ ޒުވާންކަން ދުއްވާލީމެވެ. ދަރިފުޅަށް ރަނގަޅުގޮތް ހޯދައިދެވޭތޯ މަންމަގެ ހުރިހާ ވަޤުތެއް ހޭދަކުރީމެވެ.
ލޯބިވާ ދަރިފުޅާއެވެ. ދަރިފުޅު މަންމަ ދެކެ ފޫހިވަނީ މަންމަ އަކީ އެއްލޯ ނެތް މީހަކަށް ވާތީ ނޫންހެއްޔެވެ؟ ދަރިފުޅު ތުއްތުއިރު ލިބުނު އަނިޔާއެއްގައި ދަރިފުޅުގެ އެއްލޯ މުޅިން ހަލާކުވިއެވެ. އެލޮލުން ފެނުމުގެ އެއްވެސް އުއްމީދެއް ނެތް ކަމުގައި ޑޮކްޓަރުން ބުންޏެވެ. މަންމަގެ ތުއްތު ދަރިފުޅު އެއްލޯ ނެތި ބޮޑުވާކަށް މަންމަގެ ލަގޮނޑިއަކަށް ކެތެއް ނުކުރެވުނެވެ. އެހެންކަމުން ދަރިފުޅުގެ ލޮލުގެ ފެނުން އަނބުރާ ގެނައުމަށްޓަކައި ކުރަންޖެހުނު އޮޕަރޭޝަނަށްޓަކައި މަންމަގެ އެއްލޯ ހަދިޔާކުރީމެވެ.
މަންމަގެ ލޮލުގެ ކޮއިފަދަ ދަރިފުޅާއެވެ. މަންމަގެ އެއްވެސް ޝަކުވާއެއް ނެތެވެ.

ނޯޓް: މިލިޔުމަކީ ދަރުމަ މަޖައްލާއިން ނަގާފައިވާ ލިޔުމެކެވެ.

Read more...

01 November 2009

ކިތަންމެ ގިނައިން މެރިޔަސް މަރައިގެން ނުވާނެ

މުޙައްމަދު ޝާފިޢު
އިންސާނިއްޔަތަށް ޢަދުލް އިންސާފާއި ޞުލްޙަ މަސަލަސްކަމާއި ހިތްހަމަޖެހުން ވާރުތަކުރުމަށްޓަކައި ހޭބޯނާރާ މަސައްކަތްކުރާ މުޖްތަމަޢުތަކުގައި އިންސާނާއަކީ ކަރާމާތްތެރިވެގެންވާ މަޚްލޫޤެއްކަމަށް ދެއްކުމަށް ވަރަށް ގިނަ މަސައްކަތްތައް ކުރެއެވެ. މިގޮތުން އިންސާނީ ޙައްޤުތަކުގެ ނަމުގައި އިންސާނުންގެ މިނިވަންކަން ފުޅާކޮށް، އެއްވެސް އިންސާނެއްގެ ހަށިގަނޑަށް، ފުރާނައަށް، އަދި އޭނާގެ އަބުރަށް ނުވަތަ ޢިއްޒަތަށް ގެއްލުމެއް ލިބިދާނެ އެންމެހާ ދޮރުތައް ބަންދުކޮށް، އޭނާއަކީ ޙައްދެއްނެ ނެތް މިނިވަންކަމުގެ ޖައްވެއްގައި އެއްވެސް މިސްރާބެއް ނެތި އުދުހޭ ދޫންޏެއްފަދައިން، އަމިއްލަ ފިކުރަކާއި އަމިއްލަ ވިސްނުމެއް އަދި އަމިއްލަ ޙުރުމަތްތެރިކަމެއް ލިބިގެންވާ މީހެއްކަމަށް ދެއްކުމަށް ވަރަށް މަސައްކަތްކުރެއެވެ.

އިސްލާމީ ޝަރީޢަތުގައި ކަނޑައެޅިފައިވާ، ވައްކަން ކުރާ މީހުން އަތްކެނޑުމާއި، މީހުން މަރާމީހުން މެރުމާއި (ޤިޞާޞް) އަކީ އިންސާނީ ކަރާމާތަށް ގެއްލުންލިބޭ ކަމެއް ކަމުގައި ނިންމާ ހުޅަނގުގެ ތަޢައްޞުބީ ސިކުނޑިތަކުން، ފިކުރީ ހަނގުރާމައިގެ އެހީގައި މުސްލިމުންގެ ސިކުނޑިތައް ދޮވެލައިގެން، އިސްލާމީ ޝަރީޢަތާ އެންމެ ދުރުބަޔަކީ މުސްލިމުން ކަމުގައި ހަދައިފިއެވެ. ޞަލީބީ ހަނގުރާމައިގެ ފިކުރު ކަމުގައިވާ "ގަސް ކަނޑާނީ ގަހުގެ ވެރިޔާ ލައްވާ" މި ޝިޢާރުގެ ދަށުންނެވެ.
އިންސާނީ ޙައްޤުތަކޭ ކިޔައިގެން އަނގައަރުވާ މިފަދަ ޤައުމުތަކުގައި ޖަނަވާރުންނަށްވުރެ ދަށު ދަރަޖައެއް އަދިވެސް ދެވިފައިވަނީ އިންސާނުންނަށެވެ. އިސްލާމްދީނުގައި އިންސާނާއަށް ޢިއްޒަތްދެނީ އޭނާއަކީ ކުށެއް ނުކުރާހާ ހިނދަކު މަޢުޞޫމު މީހެކެވެ. އޭނާ މަރާލަންޖެހެނީ މީހެއްގެ ފުރާނަ އޭނާގެ ފުށުން ގެއްލިގެން ދިޔުމުންނެވެ. އެހެނީ ޙައްޤަކާ ލައިގެންނެވެ. އެހެނަސް، ހުޅަނގުގެ ނާތަހުޒީބީ ފިކުރުގެ ކުރިމަތީގައި ކުށެއް ކުރިޔަސް އެމީހަކު މަރައިގެން ނުވާނެއެވެ. އެހެނީ އިންސާނާއަކީ ޙުރުމަތްތެރިވެގެންވާ އަދި ކަރާމާތްތެރިވެގެންވާ މީހެކެވެ. އެކަމަކު އަންހެނެއްގެ ބަނޑުގައި އޮންނަ އިންސާނާ މަރާލިއަސް އެއީ އިންސާނީ ޙައްޤުތަކުގެ ގޮޅިއަށް ފެތޭ ކަމަކަށް ނުވެއެވެ. ފަހަރެއްގައި އަންހެނެއްގެ ބަނޑުގައި ގަރުބަ ގަންނަނީ "އިންސާނެއް" ނޫން ކަމަށްވެދާނެއެވެ. އިންސާނެއްނަމަ އެބުނާ އިންސާނީ ޙައްޤުތަކުގެ ހިޔާ ލިބެންވާނެ ނޫންތޯއެވެ؟ މައްސަލައަކަށްވަނީ މީހުން މަރާ މީހެއް، އޭނާގެ އެ ބޮޑު ޖަރީމާ އެހެން އިންސާނުންގެ މައްޗަށް ޢާއްމުކޮށްފާނެތީ، ހުރިހާ އިންސާނުންގެ ފުރާނައިގެ ޙުރުމަތަށްޓަކައި އޭނާގެ ފުރާނަ ހަށިގަނޑާ ވަކިކޮށްލުމެވެ. އެކަމަކު އެއްވެސް ކުށެއް ނުކުރާ މަޢުޞޫމު އިންސާނަކު "އިހާނެތި" ގޮތެއްގައި "އަނިޔާވެރިކަމާއެކު" އެ އިންސާނާގެ "މަންޒިލުން" ބޭރުކޮށްލައި "ދުނިޔޭގެ ވައިން މަޙްރޫމްކުރުމަކީ" އިންސާނީ ޙައްޤުތަކުގެ ތެރޭގައި ހިމެނޭ ކަމަކަށް ނުވެއެވެ. ޔޫރަޕާއި ހުޅަނގުގެ ބައެއް ޤައުމުތަކުގައި އެބޯރޝަން ނުވަތަ ދަރިވައްޓާލުން އާދެ އެހެން ޢިބާރާތަކުން ދަންނަވަނީ ނަމަ މީހުން މެރުމަކީ ޤާނޫނީ ގޮތުން ހުއްދަ ކަމެކެވެ. މިގޮތުން އެމެރިކާއާއި އިނގިރޭސި ވިލާތުގައިވެސް މީހުންމެރުމަކީ ހުއްދަކަމެކެވެ.އަދި އެކަން ކުރާ މީހާ އަށް އެއްވެސް އަދަބެއް ދެވޭ ކަމެއް ނޫނެވެ.
މިއަށް އަހަރެެމެން ކިޔަނީ ޑަބަލް ސްޓޭންޑަރޑްސްއެވެ. މެރީމާ ކުށަކަށް ވެފައި މެރީމާ ކުށަކަށް ނުވަނީއެވެ. އިންސާފަކީ މެރުމަކީ ކުށެކެވެ. މެރުންވާނީ މެރުމަށެވެ. ޅަފަތުގައި ނުވަތަ "ހަރުފަތުގައި" މެރިޔަސް ނުވަތަ ކުޑަކުއްޖަކު ނުވަތަ ބޮޑު މީހަކު މަރާލެވުނަސް މެރުން ވާނީ މެރުމަށެވެ. ދުނިޔޭގެ އިންސާނީ ޙައްޤުތަކުގެ ތިލަފަތް ޣައިރު މުސްލިމުންގެ މާއްދީ ބުއްދިން ކިރޭވަރަށް ވުރެ އިސްލާމްދީނުގެ ފުޅާ ތަޞައްވުރުގައި މާ ބަރެވެ. ހުރިހާ ވަޟަޢީ ޤާނުނުތައް އެއްކޮށްލީމާވެސް، އިލާހީ ޤާނޫނުގެ ކުރިމަތީގައި ފާޅުކަންބޮޑު ގޮތެއްގައި ކުރި ލިބޭނީ އިލާހީ ޤާނޫނަށެވެ. ފުރިހަމަ އެއްޗަަކަށް ކުރިލިބޭ އުޞޫލުންނެވެ.

Read more...

02 October 2009

މިއުޒިކުގެ ސަބަބުން ހިތާއި ފުރާނައަށް

ހަމަ ޙަޤީޤަތުގައިވެސް މިއުޒިކަކީ އޭގެ ސަބަބުން ހިތް ހަމަޖެހުން ލިބޭ އެއްޗެއްބާ؟ މިއުޒިކު އަޑުނާހާ މީހުންގެ ހިތްތައް ވަނީ ހިތްހަމަޖެހުމާއި އުފާވެރިކަމުން މަޙްރޫމްވެފައިބާ؟ މިއުޒިކުގައި އާދަޔާ ޚިލާފު "ގެއްލުންތަކެއް" އެކުލެވޭބާ؟

އިބުނު ޤައްޔުމު ރަޙިމަހުﷲ ވިދާޅުވިއެވެ. "ތިމާގެ ބުއްދިއާއި،ޢިލްމާއި، ދީނުގެ ގޮތުން އުނިވެފައިވާ؛ ބާޠިލު، ޖާހިލުންގެ ހިތްތައް ޝިކާރަކުރުމަށް ޓަކައި ﷲގެ ޢަދުއްވުގެ މަކަރާއި ހީލަތުގެ ތެރޭގައި ހޯއްގޮވުމާއި ތުބުންފުމުން، އަދި އަތްތިލަބަޑިއާއި، ލަވަޔާއި މިޔުޒިކު އަޑު އިއްވުން ހިމެނެއެވެ. އެއީ ހިތްތައް ކީރިތި ޤުރުއާން ކިޔެވުމުން މަނާކުރުވައި، އަދި އޭނާ ހަޑިހުތުރު ކަންކަމާއި އުރެދުމުގެ މަތީގައި ބައިންދާ އެއްޗެކެވެ. ފަހެ އެއީ ޝައިޠޯނާގެ ޤުރުއާނެވެ. އަދި ރަހުމާނުވަންތަ ރަސްކަލާނގެ ޙަޞުރަތާއި އޭނާއާއި ދެމެދުގައި ވާ ބޯ ފަރުދާއެވެ. އަދި އެއީ ލިވާޠާއި ޒިނޭގެ މެތުރުމެވެ. އަދި ފާސިގު ޢާޝިގުން އެއުރެންގެ މަޢުޝޫގުންގެ ގާތުން ކޮޅުނެއްކޮޅަށް ކަންތައްތައް ލިބިގަންނަނީ އޭގެ ޛަރިއްޔާއިންނެވެ. އަދި ބާޠިލު ހިތްތަކާއި ޝައިތޯނާ ގާތްވަނީ އޭގެ ސަބަބުންނެވެ. އަދި ހިތްމޮޅުކަމާއި ކިބުރުވެރި ކަން އެކުލެވޭގޮތަށް އެހިތްތަކަށް އެކަން ރީތިކޮށްދެއެވެ. އަދި ބާޠިލު ކަންކަން އެހިތްތަކަށް ރީތި އެއްޗެއްގެ ގޮތުގައި ވަސްވާސް ކުރެއެވެ. ދެން އޭނަގެ އެވަސްވާސްތައް ޤަބޫލުކުރެއެވެ. މިކަމުގެ ސަބަބުން ޤުރުއާނާއި އަޅައި ނުލައި އެ ދޫކޮށްލައެވެ. ފަހެ އެ އަޑުއެހުމުގައި ވަނިކޮށް ކަލޭ އެތަން ފެންނާނެނަމައެވެ! އެބައިމީހުންގެ އަޑުމަޑުވެ، ޙަރަކާތްތައް މަޑުވެ، އެބައިމީހުންގެ ހިތްތައް އެކުގައި އޭގެމައްޗަށް ހުއްޓި، އެކަތިގަނޑެއްހެން އެއާއި ދިމާއަށް ގަނޑުވެފައި ވަނިކޮށް ދެކޭނެއެވެ. ފަހެ އެބައިމީހުން އެއާއި ދިމާއަށް ލެނބިފައި ވެއެވެ. އެއީ ނަޝްވާނުން ލެނބިގެންވާ ފަދައަކުން ނޫނެވެ. އަދި އެއުރެން އެމީހުންގެ ހަރަކާތްތަކުގަޔާއި ނެށުމުގައި މުގުރެމުން ބިނދެމުން ދާނެއެވެ. މުޚަންނިސުން(ޚުންސާއިން) ނާއި ނަޝްވާނުންގެ ބިނދުންތައްކަލޭ ދެކުނިންހެއްޔެވެ! އަދި އެއީ އެމީހުނަށް ހައްގުވެގެންވާ ގޮތެވެ. އެހެނީ އެއުރެންގެ މަސްތު އެމީހުންގެ ނަފްސުތަކާއި އެކުވެފައި ވެއެވެ. ފަހެ އެމީހުން އެކަމުގައި [حُميَّا الكُئُوس] ކުރާ އެއްމެ ބޮޑެތި ކަންތައްތައް ކުރެއެވެ. ޣައިރުﷲ އަށެވެ. އަދި ކިޔެއް ޝައިތޯނާ އަށެވެ. ހިތްތައް އެތަނުގައި ވީދެއެވެ. ﷲގެ އުރެދުމުގައި މުދާތައް އެތަނުގައި ހޭދަކުރެވެއެވެ. އެބައިމީހުން އެއުރެންގެ ޙަޔާތް ލައްޛަތާއި މިޔުޒިކުގައި ހޭދަކުރެއެވެ.

އަދި އެބައިމީހުން ކުޅިވަރާއި މަޖަލަކީ އެމީހުންގެ ދީންކަމުގައި ހަދައެވެ. ޤުރުއާނުގެ ސޫރަތެއް އަޑުއެހުމަށްވުރެ ޝައިތޯނާގެ މިޒްމާރު އެހުން އެމީހުންގެ ގާތުގައި މާ ލޮބުވެތިކަން ބޮޑުވެގެން ވެއެވެ. އަދި އެއިން މީހަކު ޤުރުއާން ފަށައިގެން ނިމެންދެން އަޑުއެހި ނަމަވެސް އެއިން އެއްމެ ކެހެރިއެއްވެސް ނުގުޑާހުއްޓެވެ. [ولا أزعج له قاطنا] ޝައިތޯނާގެ ޤުރުއާން އޭނާގެ މައްޗަށް ކިޔެވި އޭނާގެ ކަންފަތަށް ޝައިތޯނާގެ މިޒްމާރުގެ އަޑު ވަދެއްޖައުމަށް ދާންދެން .. އެހިސާބުން އޭނާގެ ހިތުން ވަޖިދުގެ އާރުތައް ފަޅައިގެން ގޮސް ލޮލުގެމަތިންނާއި ދެފައިގެމަތިން ހިނގައި ނެށެންފަށައެވެ. އަދި ދެއަތްތިލައިގެމަތިން ހިނގައި އަތްތިލަބަޑި ޖެހެން ފަށައެވެ. އަދި އޭނާގެ ހުރިހައި ގުނަވަނެއްގެމަތިން ހިނގައި އެތަންތަން ތަޅުވައި ނަށަން ފަށައެވެ. އަދި އޭނާގެ ނޭވައިގައި ހިނގަންފެށުމުން އެއުފުލެން ފަށައެވެ.

އޭ މިހިރަ ފިތުނަވެރި ކުރާ، ފިތުނަވެރިވެފައިވާ މީހާއެވެ! ތިމާއަށް މާތް ﷲގެ ޙަޟުރަތުން ލިބިފައިވާ ނަޞީބުކޮޅު ޝައިތޯނާގެ ބަޔަށް ވިއްކައިލައި އަތްމަތި ހުސްވެ ގެއްލުންވެފައިވާ މީހާއެވެ! ކީރިތި ޤުރުއާން އަޑުއަހާއިރު ކަލޭއަށް ތިޔަ ޝައުގުވެރިކަން ނާންނަނީ ކީއްވެގެން ހެއްޔެވެ؟! ތިޔަ ހުރިހައި ޛައުގަކާއި ވަޖިދެއް ކީރިތިޤުރުއާން ކިޔަވާއިރު ވެއެވެ؟ އެކަމަކު ކޮންމެ މީހަކުވެސް ދަނީ އެމީހަކާއި މުނާސަބު އެއްޗަކާއި ދިމާއަށެވެ. އަދި ލެނބެނީ އެމީހަކާއި ވައްތަރު އެއްޗަކާއި ދިމާއަށެވެ".
____________________
(އިޣާސަތުއްލަހުފާނު މިން މަކާޔީދިއްޝައިތޯނު ފޮތުން ކުރުކޮށް).

Read more...