19 December 2009

ފާއިތުވެދިޔަ ހިޖްރީ އަހަރާއި ޢަލްވަދާޢުކިޔާއިރު

އަލްއަޚް ނިމާލް މުޙައްމަދު
އެންމެހާ ޙަމްދާއި ޘަނާ ޙައްޤުވެގެންވަނީ އަރަހުށި ހުސްޠާހިރުވަންތަ މާތްﷲއަށެވެ. އެ އިލާހަކީ ދުނިޔެއާއި ދުނިޔޭގައި ހިނގާ އެންމެހާ ކަންތައްތައް މުއުމިނު އަޅުތަކުންނަށް ޢިބްރަތެއްކަމުގައި ލެއްވި އިލާހެވެ. ޞަލަވާތާއި ސަލާމްލެއްވުން އެދި ދުޢާކުރަނީ ދުނިޔޭގައި ހިނގާ އެންމެހާ ކަނަތައްތަކުން ޢިބްރަތް ޙާޞިލުކުރަންވީ ގޮތް ބަޔާންކޮށްދެއްވި މާތް ޞާޙިބާ މުޙައްމަދު ޞައްލަﷲޢަލައިހި ވަސައްލަމަށެވެ.

އެއްވެސް އޮޅުމެއްނެތްގޮތުގައި އަޅުގަނޑުމެންނާޢި އަލްވަދާޢު ކިޔާފައިމިވާ އަހަރަކީ އަޅުގަނޑުމެންގެ ދުނިޔެވީ ޙަޔާތުން އުނިވެގެންދިޔަ އަހަރެކެވެ. އަދި އަޅުގަނޑުމެން އާޚިރަތަށްޓަކައި ކުރަމުންދާ ދަތުރުގައި ކަޑައްތުކުރި އަހަރެއްކަން ކަށަވަރެވެ. އަޅުގަނޑުމެން ދުނިޔެއާއި ދުރުކޮށް އާޚިރަތާއި ގާތްކުރި އަހަރެއްކަން ޔަޤީނެވެ. އިސްލާމީ އުއްމަތުގެ މަޝްހޫރު ޢިލްމުވެރިއެއް ކަމުގައިވާ ޙަސަނުލް ބަޞަރީ ރަޙިމަހުﷲ ވިދާޅުވެފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ." އޭ އާދަމުގެ ދަރިޔާއެވެ! ހަމަކަށަވަރުން ތިބާއަކީ ދުވަސްތަކެކެވެ.ފަހެ، ދުވަހެއް ފާއިތުވެ ހިގައްޖެނަމަ ތިބާގެ ޙަޔާތުންވެސް ބައެއް އުނިވެ ހިނގައްޖެއެވެ." ކަންމިހެންއޮތުމާއެކު، މިއީ ބުއްދި ސަލާމަތުންހުރި ދެ އިންސާނުން ދެބަސްނުވާނެ ޙަޤީގަތެކެވެ.
ހަމައެފަދައިން އަޅުގަނޑުމެން ފާއިތުކޮށްފައިމިވާ އަހަރުގައި އަޅުގަނޑުމެން ކޮށްފައިވާ އެންމެހާ ޢަމަލުތަކާއި،އަޅުގަނޑުމެންގެ ދުލުން ބޭރުކުރި އެންމެހާ ބަސްތައް ލިޔެވި ރައްކާކުރެވިފައިވާކަންވެސް ކަށަވަރެވެ.މާތްﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ. ﴿وَيَقُولُونَ يَا وَيْلَتَنَا مَالِ هَذَا الْكِتَابِ لا يُغَادِرُ صَغِيرَةً وَلا كَبِيرَةً إِلا أَحْصَاهَا وَوَجَدُوا مَا عَمِلُوا حَاضِرًا وَلا يَظْلِمُ رَبُّكَ أَحَدًا﴾ (ސޫރަތުލްކަހުފް 49).މާނައީ:" އަދި އެއުރެން ބުނާނެތެވެ. އޭ ތިމަންނަމެންނަށް ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ! މިފަތަށް ވެފައި މިވަނީ ކީއްހެއްޔެވެ؟ ކިތައްމެ ކުޑަކަމެއްވެސް، އަދި ބޮޑުކަމެއްވެސް އެފަތުގައި ނުހިމަނައި ދޫކޮށްފައެއްނެތެވެ. އަދި އެއުރެންކުޅަ އެންމެހާ ޢަމަލުތައް އެފަތުގައިވާތީ، އެއުރެންދެކޭނެތެވެ. ކަލޭގެފާނުގެ ވެރި އިލާހު އެއްވެސް މީހަކަށް އަނިޔާވެރިވޮޑިނުގަންނަވައެވެ"

އެހެންކަމުން، ފާއިތުވެދިޔަ އަހަރުގެ ދުވަސްތައް ﷲއާ އެއިލާހުގެ ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިވަސައަލަމް ރުހިވޮޑިގަންނަވާގޮތަށް ހޭދަކޮށް، ރެއާއި ދުވާ ތަކުރާރުވުމާއި ދުނިޔެއަށް އަންނަމުންދާ ބަދަލުތަކުން ޢިބަރަތް ހާޞިލުކުރި މީހުންނަކީ ކާމިޔާބުލިބިގެންފިބަޔެއްކަން ޔަޤީނެވެ.

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ޙަޔާތުގެ ދިރުންކަމުގައިވާ އިރަށް އަޅުގަނޑުމެން ބަލާލަމާ ހިނގާށެވެ. އިރުމަތިފަރާތުން އިރު އަރައި،ހުޅަނގު ފަރާތަށް އެ އިރު އޮއްސެމުންދާތަން އަޅުގަނޑުމެންނަށް ފެންނަމުންދެއެވެ. ހަމަކަށަވަރުން މިކަމުގައި ވިސްނައިފިކުރު ކޮށްފި ކޮންމެ މީހަކަށް ޢިބްރަތްތަކެއް ޙާޞިލްވާނެކަން ކަށަވަރެވެ. ހަމައެފަދައިން ރޭގަނޑުގެ އަނދިރިކަމުގެ ތެރެއަށް އަލިކަން ގެނެސްދޭ ހަނދާއި މެދު އަލުގަނޑުމެން ފިކުރު ހިންގާލަމާހިނގާށެވެ. މަސްފެށިގެން އަންނައިރު ރޮއްޖެއްހެން ފެންނަ ހަނދު، ދުވަހަކަށްފަހު ދުވަހެއް ބޮޑުވަމުންގޮސް ފުރިހަމަ ހަނދަކަށްވުމަށްފަހު ދެން އަނެއްކާވެސް މަޑުމަޑުން ކުޑަވަމުން ގޮސް ކުރީގެ ޙާލަތަށް ރުޖޫޢަވާތަން ފެންނަމުންދެއެވެ. މިއީ އިންސާނުންގެ ޙަޔާތުންވެސް އަޅުގަނޑުމެންނަށް ފެންނަމުންދާ ގޮތެވެ. އެހެނީ އިންސާނާ ކުޑަކުއްޖެއްގެ ގޮތުގައި ވުމަށްފަހު، ޒުވާންވެ ގައިބާރުޖެހި ފުރާފުރިހަމަވެ، އަނެއްކާވެސް ގައިބާރުދެރަވެ ކުޑަކުއްޖެއްގެ ޙާލަތަށް އެނބުރި ރުޖޫޢަވެއެވެ.

ހަމަ މިބީދައިން އަހަރުގެ ދުވަސްތައް ދުވަހަކަށްފަހު ދުވަހެއް ފާއިތުވަމުން ގޮސް އާ އަހަރަކަށް މަރުހަބާކިޔަމުންދެއެވެ. އަހަރުގެ ކުރީކޮޅު އެ އަހަރުގެ ދިގުކަމާއި މެދު ފިކުރުކުރެވެއެވެ. ނަމަވެސް ދުވަސްތައް މާޒީގެ ޞަފްޙާތަކަށް ބަދަލުވަމުންގޮސް ވިދާލާ ވިނދުވަރެއްފަދަ ހަލުވިމިނެއްގައި އަހަރު ނިމޭތަން ފެންނަމުންދެއެވެ. މިގޮތަށް އިންސާނާވެސް އޭނާގެ ޢުމުރާމެދު ދިގުނަޒަރަކުން ވިސްނަ ވިސްނާ ހުއްޓާ ޢުމުރުގެ ދުވަސްތައް ފާއިތުވަމުން ގޮސް އޭނަގެ އަޖަލާއި ބައްދަލުކުރަންޖެހެއެވެ. އޭނައާ މަރުގެ ސަކަރާތް ބައްދަލުކުރާއިރު އިތުރު މުހުލަތުތަކަކަށް ޙާލުގެ ދުލުން އެދޭ ކަހަލެއެވެ.

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! އަޅުގަނޑުމެންގެ ޙަޔާތުގެ ޠަބީޢަތަކީ މީކަމަށްވާއިރު އަޅުގަނޑުމެން ވަރަށް ބޮޑަށް މިކަމާ ސަމާލުވެ ތިބެން އެބަޖެހެއެވެ. ވަކިން ޚާއްސަކޮށް އަދުގެ ދުނިޔޭގައި ކުރަންޖެހޭ ކަންތައްތައް ގިނަވުމުން ނުވަތަ "ބިޒީ ޝެޑިއުލްގެ" ސަބަބުން މި ޙަޤީޤަތާއިމެދު ވިސްނާލަން ލިބޭ ފުރުޞަތު ކުޑަވުމުންނެވެ. އަޅުގަނޑުމެންގެތެރެއިން ގިނަމީހުންނަށް ދުނިޔޭގެ ކަންތައްތަކުގައި މަޝްޢޫލުވުމުގެ ބޮޑުކަމުން ޙަޔާތުގެ މަޤްސަދާއިމެދު ވިސްނާލަން ހިތަކަށްވެސް ނައަރައެވެ. އެހެންނަމަވެސް، އަޅުގަނޑުމެންގެތެރެއިން ކޮންމެ މީހަކުވެސް ޤަބޫލުކުރާ ޙަޤީޤަތް، "މަރު" އަޅުގަނޑުމެންނާއި ބައްދަލުކުރެއެވެ.ﷲ ތަޢާލާ ވަޙީކުރައްވާފައިވަނީ މިފަދައިންނެވެ. ﴿كُلُّ نَفْسٍ ذَائِقَةُ الْمَوْتِ﴾ (ސޫރަތު އާލްޢިމްރާން 185) މާނައީ:" ކޮންމެ ނަފްސެއްވެސް މަރުގެ ރަހަދެކޭނެއެވެ."

އެހެންކަމުން ބުއްދިވެރިންނަކީ ފާއިތުވި އަހަރު އެމީހަކު ހޭދަކޮށްފައިވާ ގޮތާމެދު ވިސްނާ ފިކުރުކުރާ މީހުންނެވެ. ތިމާގެމީހުންނާއި ރައްޓެހިން ތިމާއަށް ފިލަންދާ ދުވަހުގެ ކުރިން ތިމާގެ އަމިއްލަ ނަފްސު ޙިސާބުކުރާ މީހުންނެވެ. ޢުމަރު ރަޟިޔަﷲ ޢަންހު ވިދާޅުވެފައިވާ ފަދައިންނެވެ." ތިޔަބައިމީހުންގެ ޙިސާބު (ޤިޔާމަތް ދުވަހު) ބެއްލެވުމުގެ ކުރިން ، އަމިއްލައަށް ތިޔަބައިމީހުންގެ ނަފްސުތައް ޙިސާބުކުރާށެވެ"

އެހެންކަމުން ފާއިތުވެދިޔަ އަހަރު،ﷲ ގެ އެންގެވުންތަކާއި އެ އިލާހުގެ ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމުގެ އިރުޝާދުތަކާއި އެއްގޮތަށް އުޅެވިފައިވޭތޯ ނަފްސުތައް ޙިސާބުކުރަން ޖެހެއެވެ. އެކަންތައްތަކާއި ޚިލާފަށް އުޅެވިފައިވާނަމަ، އެކަމަށް ﷲ ގެ ޙަޟްރަތަށް އަސްތަޢްފާރުކޮށް ތައުބާއަށް އެދެންޖެހެއެވެ. އެހެނީ އެ އިލާހަކީ އަޅަތަކުންނަށް ފާފަފުއްސަވާ ދެއްވާ އިލާހެވެ. ﷲ ވަޙީކުރައްވާފައިވެއެވެ. ﴿وَهُوَ الَّذِي يَقْبَلُ التَّوْبَةَ عَنْ عِبَادِهِ وَيَعْفُو عَنِ السَّيِّئَاتِ وَيَعْلَمُ مَا تَفْعَلُونَ﴾ (ސޫރަތުއްޝޫރާ 25) މާނައީ:"އެ އިލާހަކީ، އެ އިލާހުގެ އަޅުތަކުންގެ ކިބައިން ތައުބާ ޤަބޫލުކުރައްވައި،ނުބައިކަންތަކަށް ޢަފޫކުރައްވާ އިލާހެވެ.އަދި ތިޔަބައިމީހުން ކުރާކަންތައްތައް، އެ އިލާހު ދެނެވޮޑިގެންވެއެވެ " ހަމަ އެފަދައިން މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމު ޙަދީޘްކުރައްވާފައިވަނީ ފާފައިން ތައުބާވާމީހަކީ ފާފައެއް ނެތްފަދަ މީހެއްކަމުގައެވެ.

ކަންމިހެންއޮތުމާއެކު، ތައުބާވުމަށް އަވަސްވެގަންނަން ޖެހެއެވެ. އަދި މި ފެށުނު އަހަރު،ﷲ އާއި އެ އިލާހުގެ ނަބިއްޔާގެ އެންގެވުންތަކާއި ޚިލާފްނުވުމަށް ޢަޒުމްކަނޑައަޅަންޖެހެއެވެ.

ހަމައެއާއެކު، މިދިޔަ އަހަރު ﷲއާ އެ އިލާހުގެ ރަސޫލާ ރުހިވޮޑިގަންނަވާ ގޮތަށް ފާއިތުކުރި މީހުން ، އެކަމަށް ތައުފީޤް ދެއްވިކަމަށްޓަކައި ﷲއަށް ޙަމްދުކޮށް ޝުކުރުކުރަންޖެހެއެވެ. އަދި އެ ގޮތުގައި ފަހުނޭވަޔާ ހަމައަށް ލެހެއްޓެވުމަށް އެދި ދުޢާކުރަންޖެހެއެވެ.

އެހެންކަމުން، އަޅުގަނޑުގެ ދުޢާއަކީ އަޅުގަނޑުމެން މި ފެށި އަހަރަކީ ބާއްޖަވެރި އަހަރެއްކަމުގައި ލެއްވުމެވެ. އަދި މި އަހަރަކީ އަޅުގަނޑުމެންގެ ލޮބުވެތި ވަޠަނުގެ އެންމެހާ އަޚުންނާއި އުޚުތުންނާއި އަދި އެންމެހާ މުސްލިމުންނަށް ނަޞްރާއި ކާމިޔާބުލިބެނިވި އަހަރެއްކަމުގައި ލައްވައި، އަޅުގަނޑުމެންނަކީ ޙަޔާތުގައި ލިބިފައިވާ ފުރުޞަތުގެ ބޭނުން ﷲއާއި އެ އިލާހުގެ ރަސޫލާ ޞައްލަﷲޢަލައިހި ވަސައްލަމަ ރުހިވޮޑިގަންނަވާގޮތަށް ހިފާބަޔަކުކަމުގައި ލެއްވުމެވެ.

وصلى الله وسلم على سيدنا محمد وآله وصحبه والحمد لله رب العالمين

Blog Widget by LinkWithin

No comments:

Post a Comment