29 April 2011

ފާފަ ފުއްސެވުން އެދި ކިޔާ ބައެއް ދުޢާ

އަލްއަޚް މުޙައްމަދު ޝާފިޢު ބިން ޢަބްދުލްޣަފޫރު
ފާފަކުރެވޭ ބައެއް މީހުން ތައުބާވުމަށްފަހުވެސް ފާފަފުއްސެވުން އެދި ކިޔާ ދުޢާތައް ނޭނގިގެން އުޅެއެވެ. ތިރީގައި މިގެނެސްދެނީ، ފާފަފުއްސެވުން އެދި ކުރެވިދާނެ ބައެއް ދުޢާއެވެ. އެންމެންނަށްވެސް ފާފަކުރެވެއެވެ. އެންމެ ރަނގަޅު މީހާއަކީ ފާފަކުރެވުމުން އެކަމާ ހިތާމަކޮށް، ތައުބާވެ، އެފާފައަށް ދެވަނަފަހަރަށް އަރައިނުގަންނަ މީހާއެވެ.

اللَّهُمَّ إِنِّي ظَلَمْتُ نَفْسِيْ فَاغْفِرْ لِيْ، فَإِنَّهُ لاَ يَغْفِرُ الذُّنُوْبَ إِلاَّ أَنْتَ
އޭ ހައްދަވާބޮޑުކުރެއްވި ރަސްކަލާކޮ! ހަމަކަށަވަރުން މިއަޅާ، މިއަޅާގެ އަމިއްލަ ނަފްސަށް އަނިޔާވެރިވީމެވެ. ފަހެ މިއަޅާއަށް ފާފަފުއްސަވާނދޭވެ! އެހެނީ ހަމަކަށަވަރުން އިބަﷲ މެނުވީ ފާފަފުއްސަވާދެވޭނެ އެހެން ފަރާތެއް ނުވެއެވެ. (ރަވާހު ބުޚާރީ ވަ މުސްލިމް)

"سُبْحاَنَكَ اللَّهُمَّ وَبِحَمْدِكَ، أَشْهَدُ أَن لاَّ إِلٰهَ إِلاَّ أَنْتَ, أَسْتَغْفِرُكَ وَأَتُوْبُ إِلَيْكَ
"އިބަﷲގެ ހުސްޠާހިރުވަންތަކަމާއެވެ! އޭ ހައްދަވާބޮޑުކުރެއްވި ރަސްކަލާކޮ! އަދި އެންމެހާ ޙަމްދު ތަޢުރީފެއް އިބަﷲއަށް ލިބިވޮޑިގެންވެއެވެ. އިބަﷲ މެނުވީ އަޅުކަންވެވުން ޙައްޤުވެގެންވާ އެހެން އެއްވެސް އިލާހަކު ނުވާކަމަށް މިއަޅާ ހެކިވަމެވެ. މިއަޅާ އިބަﷲގެ ޙަޟްރަތުން ފާފަ ފުއްސަވައިދެއްވުމަށް އެދި ދަންނަވަމެވެ. އަދި އިބަﷲއަށް މިއަޅާ ތައުބާވަމެވެ." (ރަވާހު އަހްލުއްސުނަން ވަޞައްޙަޙަހޫ އަލްއަލްބާނީ)

"اَللَّهُمَّ اغْفِرْ لِيْ ذَنْبِيْ كُلَّهُ, دِقَّهُ وَجِلَّهُ, وَأَوَّلَهُ وَآخِرَهُ وَعَلاَنِيَتَهُ وَسِرَّهُ"
"އޭ ހައްދަވާބޮޑުކުރެއްވި ރަސްކަލާކޮ! މިއަޅާގެ ހުރިހައި ފާފަތަކެއް ފުއްސަވާނދޭވެ! އޭގެ ކުދިފާފަތަކާއި ބޮޑެތި ފާފަތަކެވެ. އަދި ފުރަތަމަ ފާފައާއި އެންމެ ފަހުގެ ފާފައެވެ. ފާޅުވެގެންވާ ފާފައާއި ސިއްރުވެ ވަންހަނާ ވެގެންވާ ފާފައެވެ." (ރަވާހު މުސްލިމް)

"رَبِّ اغْفِرْ لِيْ رَبِّ اغْفِرْ لِيْ"
"މިއަޅާ ހައްދަވާބޮޑުކުރެއްވި ރަސްކަލާކޮ! މިއަޅާއަށް ފާފަފުއްސަވާނދޭވެ! މިއަޅާ ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! މިއަޅާއަށް ފާފަފުއްސަވާނދޭވެ!" (ރަވާހު އަބޫދާއޫދު)

"اَللَّهُمَّ إِنِّيْ ظَلَمْتُ نَفْسِيْ ظُلْماً كَثِيْرًا, وَلاَ يَغْفِرُ الذُّنُوْبَ إِلاَّ أَنْتَ, فَاغْفِرْ لِيْ مَغْفِرَةً مِنْ عِنْدِكَ وَارْحَمْنِيْ إِنَّكَ أَنْتَ الْغَفُوْرُ الرَّحِيْمُ"
"އޭ ހައްދަވާބޮޑުކުރެއްވި ރަސްކަލާކޮ! ހަމަކަށަވަރުން މިއަޅާވަނީ މިއަޅާގެ އަމިއްލަ ނަފްސަށް ގިނަވެގެންވާ އަނިޔާވެރިވުމަކުން އަނިޔާވެރިވެފައެވެ. އަދި އިބަﷲ ފިޔަވައި ފާފަތައްފުއްސަވާނެ އެހެންއެއްވެސް ފަރާތެއް ނުވެއެވެ. ފަހެ އިބަﷲގެ ޙަޟްރަތުންވާ ފާފަފުއްސެވުމަކުން މިއަޅާއަށް ފާފަފުއްސަވާނދޭވެ! އަދި މިއަޅާއަށް އޯގާވެރިވެވޮޑިގަންނަވާނދޭވެ! ހަމަކަށަވަރުން އިބަރަސްކަލާނގެއީ ފާފަފުއްސަވާ އޯގާވަންތަ ރަސްކަލާނގެއެވެ." (ރަވާހު އަލްބުޚާރީ ވަމުސްލިމް)

"اَللَّهُمَّ اغْفِرْ لِيْ ماَ قَدَّمْتُ, وَماَ أَخَّرْتُ, وَماَ أَسْرَرْتُ, وَماَ أَعْلَنْتُ, وَماَ أَسْرَفْتُ, وَماَ أَنْتَ أَعْلَمُ بِهِ مِنِّيْ. أَنْتَ الْمُقَدِّمُ, وَأَنْتَ الْمُؤَخِّرُ لاَ إِلٰهَ إِلاَّ أَنْتَ"
އޭ ހައްދަވާބޮޑުކުރައްވި ރަސްކަލާކޮ! މިއަޅާއަށް މިއަޅާގެ އިސްވެދިޔަހައި ފާފަތަކާއި ފަސްވެދިޔަހައި ފާފައެއް ފުއްސަވާނދޭވެ! އަދި މިއަޅާ ސިއްރުން ކުރިހައި ފާފަތަކާއި ފާޅުގައި ކުރިހައި ފާފައެއް ފުއްސަވާނދޭވެ! އަދި މިއަޅާ ހައްދުފަހަނަޅާވަރަށް ކޮށްފައިވާ ފާފަތައް ފުއްސަވާނދޭވެ! އަދި އެއީ ފާފައެއްކަން މިއަޅާއަށް ވުރެބޮޑަށް އިބަﷲ ދެނެވޮޑިގަންނަވާ ފާފަވެސް މިއަޅާއަށް ފުއްސަވާނދޭވެ! އިބަރސްކަލާނގެއީ އިސްވެވޮޑިގަންނަވާ އަދި ފަސްވެވޮޑިގަންނަވާ ރަސްކަލާނގެއެވެ. އިބަރަސްކަލާނގެ ފިޔަވާ އަޅުކަން ވެވުން ޙައްޤުވެގެންވާ އެހެން އެއްވެސް އިލާހަކު ނުވެއެވެ. (ރަވާހު މުސްލިމް)

"أَسْتَغْفِرُ اللهَ الْعَظِيْمَ الَّذِيْ لاَ إِلٰهَ إِلاَّ هُوَ الْحَيُّ الْقَيُّوْمُ وَأَتُوْبُ إِلَيْهِ"
"މަތިވެރިވެގެންވާ ﷲގެ ޙަޟްރަތުން ފާފަފުއްސެވުމަށް އެދެމެވެ. އެކަލާނގެއީ އެކަލާނގެ ފިޔަވައި އަޅުކަންވެވުން ޙައްޤުވެގެންވާ އެހެންއެއްވެސް އިލާހަކު ނުވާ ރަސްކަލާނގެއެވެ. އެކަލާނގެއީ ދިރިދެމިވޮޑިގެންވާ އަބަދަށް ޤާއިމްވެވޮޑިގެންވާ ރަސްކަލާނގެއެވެ. އެކަލާނގެ ޙަޟްރަތަށް ތައުބާވަމެވެ." (ރަވާހު އަބޫދާއޫދު ވައްތިރިމިޛީ ވަ ޞައްޙަޙަހޫ އަލްއަލްބާނީ)

Read more...

18 April 2011

ކީރިތި ޤުރުޢާން ހިތުދަސްކުރުމުގައި ބަލަންޖެހޭ ކަންތައްތައް

އައްޝައިޚް އާދަމް ޝަމީމް ބިން އިބްރާހިމް
ޝައްކެއްނެތް ގޮތުގައި ކީރިތި ޤުރްއާން އުނގެނި ދަސްކުރުމަކީ މަތިވެތިވެގެންވާ ޢަމަލެކެވެ. އެއީ ތިބާގެ އަމިއްލަ ނަފްސަށާއި މުޅި އުންމަތަށް އެކަމުގެ ފައިދާ އާއި ލާބަ ހޯދައި ދެވިދާނެ ކަމެކެވެ. ހަމަ އެފަދައިން އެއީ ދެމިގެންވާ ޞަދަގާތެއްކަމުގައި ވެސް ހެދިދާނެ އެއްޗެކެވެ.

އިތުރު އެކަލޭގެފާނުންގެ އަރިހުން ޞައްހަ ވެގެން ވެއެވެ. އެކަލޭގެފާނުން ހަދީޘް ކުރައްވާފައިވެއެވެ. (( خَيْرُكُمْ مَنْ تَعَلَّمَ الْقُرْآنَ وَعَلَّمَهُ )) “ތިޔަބައިމީހުންކުރެ އެއްމެ ހެޔޮ މީހަކީ ކީރިތިޤުރްއާން އުންގެނި އެހެން މީހުނަށް އެ އުނގަންނައިދޭ މީހާއެވެ.” މިހަދީޘް عُثْمَانَ رَضِيَ اللَّهُ عَنْهُ ގެ އަރިހުން البخاري އެބޭފުޅާގެ صحيح (ج 15، ص 439) ގައި ރިވާކުރައްވާފައި ވެއެވެ. ވީމައި ކީރިތި ޤުރްއާން ދަސްކުރާ ހިތްވާ ކުދިންނާއި މީހުން، އަދި ތިބާގެ ދަރިންނަށް ކީރިތި ޤުރްއާން ދަސްކޮށްދިނުމަށްޓަކައި މަސައްކަތް ކުރާ މައިންބަފައިންނަކީ ނަސީބުވެރި ބައެއްކަމުގައި ޝައްކެއްނެތެވެ. އަދި އިތުރު އެކަލޭގެފާނުން ޚަބަރު ދެއްވާފައި އެވާ ހެޔޮކަމުގައި ޝާމިލުވާނެ މީހެއްކަން ޔަގީނެވެ.

މިފަދައިން ކީރިތި ޤުރްއާން ކިޔެވުމާއި ހިތުދަސްކުރުމުގައި ހުރި ޘަވާބާއި ދަރުމަ ކުޑަ ކުދިންނަށް އަންގައިދިނުމަކީ އެކަމަށް އެއްމެ ފުރިހަމަ ގޮތުގައި ހިތްވަރު ދިނުމެވެ. އަދި އެކަމުގެ މައްޗަށް ރަނގަޅު އިނާމެއް ކަނޑައެޅުމަކީވެސް އެއްމެ ރަނގަޅު ކަމެކެވެ.

ކީރިތި ޤުރްއާން ދަސްކުރުމުގައި ޢަމަލު ކުރަން ޖެހޭ ނުވަތަ ސަމާލުވުން މުހިންމު ކަމުގައި ފެންނަ ބައެއް ނުކުތާ ތިރީގައި ފާހަގަ ކޮށްލާނަމެވެ.

-އާންމުކޮށް ޤުރްއާން ދަސްކުރުމަކީ އުނދަގޫ ކަމެއް ނޫނެވެ. ނަމަވެސް އުނދަގޫ ކަމަކީ ހިތުދަސްކުރާ ބައިތައް ހަނދާނުގައި ބެހެއްޓުމެވެ. ވީމައި ދަސްކުރާ މިންވަރަށްވުރެ ދަސްކޮށްފައިވާ ބައިތައް މުރާޖިޢާ ކުރުމަށް އަހަންމިޔަތުކަން ދޭން ވާނެއެވެ. ވަކިން ޚާއްސަކޮށް ކީރިތި ޤުރްއާން ހަނދާންނެތޭލެއް އަވަސް ވާނެއެވެ. އިތުރު އެކަލޭގެފާނުންގެ އަރިހުން ޞައްހަވެގެން ވެއެވެ. އެކަލޭގެފާނުން ހަދީޘްކުރައްވާފައިވެއެވެ. (( تَعَاهَدُوا هَذَا الْقُرْآنَ فَوَالَّذِي نَفْسُ مُحَمَّدٍ بِيَدِهِ لَهُوَ أَشَدُّ تَفَلُّتًا مِنْ الْإِبِلِ فِي عُقُلِهَا)) صحيح مسلم، (ج 4، ص 202) މާނައަކީ: "މި ކީރިތި ޤުރްއާން (ހަނދާނުގައި ބެހެއްޓުމަށްޓަކައި ) މަސައްކަތް ކުރާށެވެ! މުޙަންމަދުގެފާނުންގެ ނަފްސު އެފަރާތެއްގެ އަތްޕުޅުގައިވާ ކަލާނގެ ގަންދީ ވިދާޅުވަމެވެ. ޤުރްއާނަކީ ހަނދާންނެތުމުގައި މޮހިފައިވާ ޖަމަލު އެސޮރުގެ ވާގަނޑުން ވީއްލިގެން ދާވަރަށްވުރެ އަވަހަށް ފިލައިދާ އެއްޗެކެވެ."

-ކީރިތި ޤުރްއާން ހިތުދަސްކުރާ ކުއްޖާ ނުވަތަ މީހަކު ކޮންމެ ދުވަހަކުވެސް ކޮންމެވެސް މިންވަރެއް، ބައި ޞަފްހާ ނުވަތަ އެއްޞަފްޙާ ދަސްކުމާއި އެކުގައި ބާކީ ވަގުތުތައް މުރާޖިޢާ ކުރުމަށް ބަހައިލުން ރަނގަޅެވެ. އެގޮތުން އެއްމެ ގިނައިން މުރާޖިޢާ ކުރާނީ އެއްމެ ކައިރި މާޟީގައި ދަސްކޮށްފައިވާ ބައިތަކެވެ. އަދި ކޮންމެ ދުވަހަކުވެސް އަލަސް ދަސްކުރާ ބަޔާއި މުރާޖިޢާ ކުރާ ބައިތައް ބަލައިގެން ކިޔުމާއި އެކުގައި ނުބަލައި ކޮންމެވެސް މީހަކަށް ކިޔައިދޭން ވާނެއެވެ. މިގޮތުން ޤުރްއާން ދަސްކުރާނީ ހަނދާން ނުނެތޭ މިންވަރު ބަލައިގެންނެވެ.

-ކީރިތި ޤުރްއާން ދަސްކުރުމުގައި ޤުރްއާން ހިތުދަސް، ޤާރީ އެއްގެ އެހީ ހޯދުން ވަރަށް މުހިންމެވެ. ރައްކާތެރި އަދި ފަސޭހަ ގޮތަކީ ޤާރީއެއްގެ އެހީތެރިކަމާއި އެފަދަ ފަރާތެއްގެ ބެލުމުގެ ދަށުގައި ކުރިއަށް ދިޔުމެވެ.

ދުޢާއަކީ މާތް ﷲ ތިޔަފަރާތަށާއި އެއްމެހައި މުސްލިމުންނަށް ކީރިތި ޤުރްއާން ކިޔަވައި އެފޮތް ދަސްކޮށް އެފޮތަށް ޢަމަލު ކުރުމުގެ ހެޔޮ ތައުފީގު އެކަލާނގެ ދެއްވުމެވެ. އާމީން!
والله أعلم، وصلى الله على محمد وآله وسلم
www.adamshameem.com

Read more...

12 April 2011

އިސްލާމީ ޝަރީޢަތުގެ ތަޢުރީފު

އައްޝައިޚް މުޙައްމަދު ޝަހީމް ޢަލީ ސަޢީދު
އިސްލާމީ ޝަރީޢަތަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ، އެކަލާނގެ އަޅުތަކުން އެކަލާނގެ އަށް ފުރިހަމަގޮތުގައި އަޅުވެތިވުމަށްޓަކައި ތަބަޢަވުމަށް، ރުހިވޮޑިގެން ކަނޑަ އަޅުއްވާފައިވާ މަންހަޖެވެ. އެއީ މާތްވެގެންވާ އިސްލާމްދީނެވެ. އެދީނުގެ އުޞޫލުތަކެވެ. އެއީ ދިރިއުޅުމުގެ މަގެވެ. ދީނުގެ ޙުކުމްތަކާއި، ދައުލަތް ހިންގުމުގެ ނިޒާމު އެޝަރީއަތުގައި ފުރިހަމައަށް ލައްވާފައިވެއެވެ.

ޝިރުކުގެ ނުބައިކަމާ ޖަހާލަތުގެ އަނދިރިކަމުގެތެރެއަށް މިދުނިޔެ ޣަރަޤުވެފައިވަނިކޮށް، އިސްލާމީ ޝަރީޢަތް ބާވާލެއްވުނީ އިންސާނިއްޔަތަށް ބޭނުންވާ އަދި، އެންމެ ފައިދާހުރި ހުރިހާ ކަމަކާއިގެންނެވެ. އެއީ އިންސާނީ ޙަޔާތުގެ ހުރިހާ ދާއިރާއެއް ޝާމިލުވާގޮތުގެ މަތިން ބާވާލެއްވިފައިވާ ޝަރީޢަތެކެވެ.

މިޝަރީޢަތް ބާވާލެއްވުނުއިރު އިންސާނިއްޔަތުގެ ޙާލަތު އޮތީ ކޮންފަދަގޮތަކަށްތޯއެވެ؟ ދަރީން، މައިން ފަދަ މީހުންނާ ކައިވެނިކުރެއެވެ. ނިކަމެތިން ވަނީ އަނިޔާވެރިންގެ ޗާބޫކުތަކުގެ ދަށުގައެވެ. ޙައްޤަކީ ކޮންއެއްޗެއްކަމެއް ދަންނަނީ މަދުބައެކެވެ. ޢަދުލުއިންސާފެއްނެތެވެ. ލޭއޮހޮރުވުމާއި، މީހުންގެ މުދާތައް ނުޙައްޤުން ކެއުމާއި، ޚިޔާނާތް އޮތީ އިންތިހާއަށް ފެތުރިފައެވެ.

އަންހެންދަރީން ދިރިތިއްބާ ވަޅުލައެވެ. އަންހެނުންގެ ޙައްޤުތަކީ އޮތް އެއްޗެއްނޫނެވެ. ބަނގުރާއަކީ އެބައިމީހުންގެ އެންމެގާތް އެކުވެރިޔާއެވެ. ޒިނޭކުރުމާއި، ފާޙިޝްކަންތައްތަކުން މުޖުތަމަޢުތައްއޮތީ ގުގުމާލާފައެވެ. ދީލަތިކަމާއި، ވަޢުދަށް ވަފާތެރިވުމާއި، ގެފުޅަށްއަންނަ މީހުންނަށް ފެންދިނުމާއި، މިފަދަ މަދު ރީތި އާދަތަކެއް މެނުވީ ނެތެވެ.

މާތްވެގެންވާ ކަޢުބާގައި އެތައްސަތޭކަ ބުދު ބެހެއްޓިފައިހުއްޓެވެ. ދުނިޔެ އޮތީ އިޞްލާޙީ އިންޤިލާބަކަށް ބޭނުންވެފައެވެ. ތެދުވެރި މުޞްލިޙަކަށް އެދިއެދިއެވެ. ޝާއިރުންނާއި، ޙަކީމުންނާއި، ރާހިބުންގެ ދުލުން ނަބިއްޔެއްގެ ޚަބަރުތައް އަންނަމުންދިޔައެވެ. އިންތިޒާރުތައް ކުރެވުނެވެ. މާގިނަ ދުވަސްތަކެއްނުވަނީސް ޤުރައިޝު ވަންހައިގެ ސާހިބާ މާތް މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް ނަބީކަމާއިގެން ފޮނުއްވައިފިއެވެ.

އެކަލޭގެފާނު މިޝަރީޢަތް އިޢުލާންކުރެއްވިއެވެ. ވަރަށް މަތިވެރި ނިދާއަކުންނެވެ. ދެ ދުނިޔޭގެ ފަލާޙާއި ކާމިޔާބު އެދޭނަމަ އެކަލޭގެފާނު ގެނެސްދެއްވި ޝަރީޢަތަށް ތަބާވުމަށް ގޮވާލެއްވިއެވެ.

މިހެންކަމުން އިސްލާމީ ޝަރީޢަތް ބާވާލެއްވުނީ އިންސާނާގެ ދުނިޔަވީ ޙަޔާތް ބާއްޖަވެރިކުރުމާއި، އުޚުރަވީ ޙަޔާތުގެ ފަލާޙަށް މަގުދައްކާ ނޫރެއްގެ ގޮތުގައިވެސްމެއެވެ. އަދި އެމަތިވެރި ޝަރީޢަތަކީ ވަކި ޖަމާޢަތަކަށް، ނުވަތަ ވަކި ޤައުމަކަށް، ނުވަތަ ވަކި ޖިންސަކަށް ބާވާލެއްވުނު ޝަރީޢަތެއް ނޫނެވެ.

އެއީ އެންމެހައި އިންސާނުންނަށާ، އަދި ކިއެއްތޯ ޖިންނީން ވެސް ޝާމިލްވާ ގޮތަށް ބާވާލެއްވުނު މާތްވެގެންވާ ހިދާޔަތުގެ ނޫރެވެ. އަލިގަދަ ދަންމަރެވެ.


ﷲ ވަޙީކުރައްވާފައިވެއެވެ: ﴿ يَا أَيُّهَا النَّاسُ قَدْ جَاءَتْكُمْ مَوْعِظَةٌ مِنْ رَبِّكُمْ وَشِفَاءٌ لِمَا فِي الصُّدُورِ وَهُدًى وَرَحْمَةٌ لِلْمُؤْمِنِينَ ﴾ ( يونس 57 ) މާނައީ : [ އޭމީސްތަކުންނޭވެ! ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ޙަޟްރަތުން ތިޔަބައިމީހުންގެ ގާތަށް ވަޢުޡަކާއި ހިތްތަކުގައިވާ ބަލިތަކަށް ޝިފާއަކާއި މުއުމިން ތަކުންނަށް ތެދުމަގަކާއި ރަޙްމަތެއް އަތުވެއްޖެކަން ކަށަވަރެވެ.]

މިފަދަ މަތިވެރި ނިދާއަކުން އިންސާނިއްޔަތާ މުޚާޠަބު ކުރެއްވައި ﷲ އެކަލާނގެ ޝަރީޢަތް އިޢުލާންކުރެއްވިއެވެ.

Read more...

03 April 2011

އިސްލާމްދީނުގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތުގެ މަޤާމް

އައްޝައިޚް މުޙައްމަދު މޫސާ ނައިފަރު
ޝަރުޢީ ޙުކުމްތައް ކަނޑައެޅުމުގައި ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ސުންނަތަކީ ކީރިތި ޤުރުއާނަށްފަހު އެންމެ އިސްކަންދެވޭ ޝަރުޢީ މަޞްދަރެވެ. އަދި އެމާތް ސުންނަތަކީ އިސްލާމްދީނުގެ ދެވަނަ އަޞްލެވެ. އެއީ އެއާއި ނުލައި ޝަރުޢީ ޙުކުމްތައް ދެނެނުގަނެވޭނެ ނަބަވީ ބަސްފުޅުތަކެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ސުންނަތުން ޘާބިތުވާ ކޮންމެ ކަމެއް ބެލެވޭނީ ޝަރުޢީ ތިލަފަތުގައި ޙުއްޖަތެއް ކަމުގައެވެ. އިލްމުވެރިން އެއްބަސްވެ ވަޑައިގަންނަވާ ގޮތުގައި ކަންތައްތަކުގެ ޙުކުމް ހޯދުމުގައި ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ސުންނަތަކީ ވަރަށް މުސްތަޤިއްލު މަރުޖިޢުއެކެވެ.

އެހެނީ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްފުޅު ކުރައްވަނީ "أَلاَ وَإِنِّي أوتِيْتُ اْلقُرْآنَ وَمِثْلَهُ مَعَهُ" މިފަދައިންނެވެ. މާނައީ: "ދަންނައެވެ. އަދި ތިމަންކަލޭގެފާނަށް ކީރިތި ޤުރުއާނާއެކު އެއާ އެއްފަދަ ވެގެންވާ އެއްޗެއް ދެވުނެވެ." މިބަސްފުޅުން އެނގެނީ އެކަލޭގެފާނަށް ވަޙީގެ ޛަރީޢާއިން ދެއްވިގެންވާ ކިޔެވޭ ތަކެތި އެބަހީ ކީރިތި ޤުރުއާނެކޭ އެއްފަދައިން ނުކިޔެވޭ ވަޙީއެއްވެސް އެކަލޭގެފާނަށް ދެއްވިގެންވާ ކަމެވެ. އެއީ އެކަލޭގެފާނުގެ ސުންނަތެކެވެ. ﷲ ވަޙީބަސްފުޅުގައިވާ ފަދައިންނެވެ. "وَيُعَلِّمُهُمُ الْكِتَابَ وَالْحِكْمَةَ" (البقرة: 129 ) މިއާޔަތުގައި "الْكِتَاب" އަކީ ކީރިތި ޤުރުއާނެވެ. "الْحِكْمَة" އަކީ އެކަލޭގެފާނުގެ ސުންނަތެވެ. ނަމަވެސް އެއީ ޤުރުއާނުގެ ތަފްސީރުގެ ގޮތުގައި ނުވަތަ ޤުރުއާނުގެ ބަޔާނުގެ ގޮތުގައި އެކަލޭގެފާނަށް ދެއްވިގެންވާ އެއްޗެކެވެ. އެބަހީ ޤުރުއާނުގެ މާނަތައް މީސްތަކުންނަށް ބަޔާންކޮށް ދެއްވުމަކީ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމައާ ޙަވާލު ކުރައްވާފައިވާ ވަރަށް ބޮޑު އަމާނާތެކެވެ. އަދި މަސްއޫލިއްޔަތެކެވެ. އެކަމަށް އިޝާރާތްކުރާ ﷲގެ ވަޙީ ބަސްފުޅަކީ "وَأَنْزَلْنَا إِلَيْكَ الذِّكْرَ لِتُبَيِّنَ لِلنَّاسِ مَا نُزِّلَ إِلَيْهِمْ" (النحل: 44) މިއާޔަތެވެ.

ދީނީ ހަމަތަކާ ޝަރުޢީ އުޞޫލުތަކުން ބަލާއިރު ކީރިތި ޤުރުއާނަށްފަހު މިދުނިޔެ މަތީގައިވާ އެންމެ އިތުބާރުހުރި ޞައްޙަ އެއްޗަކީ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތެވެ. މިކަން ޘާބިތުކޮށްދޭ އެންމެ ފުރިހަމަ ދަލީލަކީ މާތްﷲގެ ޙަޟްރަތުގައި ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ލިބިވަޑައިގެންފައިވާ ހައިބަތާ ދަރަޖައިގެ މަތިވެރި މަޤާމެވެ. އަލްއިމާމު ޝާފިޢީ ވިދާޅުވާ ގޮތުގައި ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މަޤާމުގެ މަތިވެރިކަން އަންގައިދޭ ބައެއް ކަންތައްތައް ކީރިތި ޤުރުއާނުގައި ވާރިދުވެގެން އައިސްފައި އެބަހުއްޓެވެ. އޭގެ ބައެއް މިޘާލުތަކަކީ:

1- ﷲއަށް އީމާންވުމަށް އެންގެވުމާ ގުޅިގެން ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް އީމާން ވުމަށް އެންގެވުން:
ކީރިތި ޤުރުއާނުގެ ވަރަށް ގިނަ އާޔަތްތަކުގައި މާތްﷲ އަށް އީމާންވުމަށް އަމުރުކުރައްވާ އެއާ ވިދިގެން ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް އީމާންވުމަށް އަމުރުކުރައްވާފައިވެއެވެ. އޭގެ އެއް އާޔަތަކީ "آَمِنُوا بِاللَّهِ وَرَسُولِهِ" (النساء 136) މިއާޔަތުގެ އިތުރުން އަދި އެހެން އާޔަތެއްގައި ﷲ ވަޙީކުރެއްވިއެވެ. "إِنَّمَا الْمُؤْمِنُونَ الَّذِينَ آَمَنُوا بِاللَّهِ وَرَسُولِهِ وَإِذَا كَانُوا مَعَهُ عَلَى أَمْرٍ جَامِعٍ لَمْ يَذْهَبُوا حَتَّى يَسْتَأْذِنُوهُ" (النور62) މިފަދަ އާޔަތްތަކުގެ އަލީގައި މުފައްސިރުން ވިދާޅުވަނީ ﷲއާ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް އީމާންވާމީހާގެ އީމާންކަން ފުރިހަމަވި ކަމުގައިވާނީ އެއްވެސްކަހަލަ އިދިކީލިކަމެއް ހަރުކަށިކަމެއް ނުކިޔަމަންތެރިކަމެއް ނެތި ފުރިހަމަ ޠާޢަތާއެކު ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވިދާޅުވާ ބަސްފުޅުތައް ކަނުލައި އަހާ އެއާ އެއްގޮތަށް ޢަމަލުކުރުމުންނެވެ. އެހެނީ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަމުރުފުޅުތަކަކީ ކީރިތި ޤުރުއާނުގެ އަމުރުފުޅުތަކެވެ. ނުވަތަ ކީރިތި ޤުރުއާނުގެ އަމުރުފުޅުތަކާ އެއްފަދަ އަމުރުފުޅުތަކެވެ.

2- ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ކިޔަމަންވެއްޖެމީހާ ﷲ އަށް ކިޔަމަންވެއްޖެކަމަށް އަންގަވާފައިވުން:
ކީރިތި ޤުރުއާނުގެ ޞަރީޙަ ނައްޞުން އެނގޭގޮތުގައި ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ކިޔަމަންވެއްޖެ މީހަކީ މާތް ﷲ އަށް ކިޔަމަންވެއްޖެ މީހެކެވެ. އަދި ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ބައިޢަތު ހިފައިފި މީހަކީ ﷲ އަށް ބައިޢަތު ހިފައިފި މީހެކެވެ. ނިސާ ސޫރަތުގެ 80 ވަނަ އާޔަތުގައި މާތް ﷲ ވަޙީކުރެއްވިއެވެ. "مَنْ يُطِعِ الرَّسُولَ فَقَدْ أَطَاعَ اللَّهَ" (النساء80) މާނައީ "ކީރިތި ރަސޫލާ (ޞައްލަﷲ ޢަލައިހި ވަސައްލަމް)އަށް ކިޔަމަންވާ މީހާ ފަހެ ހަމަކަށަވަރުން މާތް ﷲ އަށް ކިޔަމަންތެރި ވެއްޖެއެވެ." އަދިވެސް ވަޙީކުރައްވާފައިވެއެވެ. "إِنَّ الَّذِينَ يُبَايِعُونَكَ إِنَّمَا يُبَايِعُونَ اللَّهَ" (الفتح10) މާނައީ "ހަމަކަށަވަރުން ކަލޭގެފާނަށް ބައިޢަތު ހިފައިފި މީހުން އެބައިމީހުން އެބައިޢަތު ހިފާކަން ކަށަވަރީ ﷲ އަށެވެ." މިނޫނަސް މިފަދަ އެތައް އާޔަތެއްގައި ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ކިޔަމަން ވުމަކީ ކިހާ މުހިއްމުކަމެއްކަން އަންގަވައިފައިވެއެވެ. މިފަދަ އެއްއާޔަތަކީ ނިސާ ސޫރަތުގެ 65 ވަނަ އާޔަތެވެ. އެއާޔަތުގައި މާތް ﷲ ވަޙީ ކުރެއްވިއެވެ. "فَلاَ وَرَبِّكَ لاَ يُؤْمِنُونَ حَتَّى يُحَكِّمُوكَ فِيمَا شَجَرَ بَيْنَهُمْ ثُمَّ لاَ يَجِدُوا فِي أَنْفُسِهِمْ حَرَجًا مِمَّا قَضَيْتَ وَيُسَلِّمُوا تَسْلِيمًا" (النساء: 65) މާނައީ "އެހެންނަކުން ނޫނެވެ. ފަހެ ކަލޭގެފާނު ވެރިރަސްކަލާނގެ ގަންދެއްވާ ވަޙީ ކުރައްވަމެވެ. އެމީހުންގެ މެދުގައި އުފެދިފައިވާ ދެކޮޅުވެރިކަމުގައި ކަލޭގެފާނު ޙުކުމްވެރިކޮށްފުމަށް ދާންދެން އެބައިމީހުން އީމާނެއް ނުވާނެއެވެ. އެހިނދު ކަލޭގެފާނު ނިޔާ ކުރެއްވި ގޮތާމެދު އެމީހުންގެ ހިތްތަކުގައި ކުޑަވެސް ދަތިކަމެއް އެބައިމީހުން ނުދެކޭނެއެވެ. އަދި އެބައިމީހުން، އެނިޔާއަށް ފުރިހަމަ ވެގެންވާ ކިޔަމަން ވުމަކުން ކިޔަމަންވާނެއެވެ."

3- ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ގެނެސްދެއްވި ކަންތައްތަކުގައި ހިފަހައްޓާ ނަހީކުރެއްވި ކަންތައްތަކުން ދުރުހެލިވުމަށް އަންގަވާފައިވުން:
ކީރިތި ޤުރުއާން ކަށަވަރުކޮށްދޭ ގޮތުގައި ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ކުރައްވާ ކޮންމެ އަމުރުފުޅަކަށް ތަބަޢަވުމަކީ އަދި އެކަލޭގެފާނު މަނާކުރައްވާ ކޮންމެކަމަކުން ދުރުހެލިވުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް އޮތް ވާޖިބެކެވެ. މިކަން ބަޔާންކުރައްވާ ޙަޝްރު ސޫރަތުގެ 7 ވަނަ އާޔަތުގައި މާތް ﷲ ވަޙީކުރެއްވިއެވެ. "وَمَا آَتَاكُمُ الرَّسُولُ فَخُذُوهُ وَمَا نَهَاكُمْ عَنْهُ فَانْتَهُوا" (الحشر 7) މާނައީ: އަދި ރަސޫލާ (ޞައްލަﷲ ޢަލައިހި ވަސައްލަމަ) ތިޔަބައިމީހުންނަށް ގެނެސްދެއްވި ކޮންމެ ކަމެއްގައި ފަހެ ތިޔަބައިމީހުން ހިފަހައްޓާށެވެ. އަދި އެކަލޭގެފާނު ތިޔަބައިމީހުންނަށް ނަހީކުރެއްވި ކޮންމެ ކަމަކުން ފަހެ ތިޔަބައިމީހުން ދުރުހެލިވާށެވެ." މިކަމާބެހޭގޮތުން އަލްޢައްލާމާ އިބްނު ކަޘީރު ވިދާޅުވިއެވެ. "އެބަހީ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ތިޔަބައިމީހުންނަށް ކޮންމެފަދަ އަމުރެއް ކުރެއްވިޔަސް އެކަމެއް ތިޔަބައިމީހުން ކުރާށެވެ. އަދި އެކަލޭގެފާނު ތިޔަބައިމީހުންނަށް ކަމަކުން ދުރުހެލިވުމަށް އަންގަފައިފިނަމަ އެއީ ކޮންމެފަދަ ކަމެއްކަމުގައި ވިޔަސް ފަހެ އެކަމަކުން އަވަހަށް ދުރުހެލިވާށެވެ. އެހެނީ އެކަލޭގެފާނު އަބަދުވެސް އަމުރުކުރައްވަނީ ރަނގަޅު ކަންތައްތަކަށެވެ. އަދި މަނާކުރައްވަނީ ނުބައިކަންތައްތަކެވެ."

4- ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އަމުރުފުޅާ ޚިލާފުވާ މީހުންނަށް ވަޢީދުގެ ބަސްފުޅު އައިސްފައިވުން:
ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ކުރައްވާ އަމުރުފުޅުތަކަށް ފުރަގަސްދީ އެމާތް ނަބިއްޔާގެ ނަޞީޙަތްތަކާ އިރުޝާދުތަކަށް ޙުރުމަތްތެރިކޮށް ނުހިތާ މީހުންނަކީ ﷲ ގެ ކޯފާއާއި ޢަޛާބަށް ހުށަހެޅިގެންވާ ބައެއްކަން އަންގަވާފައިވެއެވެ. ހަމަ އެފަދައިން ކަންތައްކުރާ މީހުންނަކީ ބޮޑުވެގެންވާ ފިތުނައަކާ މުޞީބާތެއްގެ ތެރެއަށް ތިމާމެންގެ ނަފްސުތައް އެއްލާލައިފި ބައެއްކަމަށްވެސް އަންގަވާފައިވެއެވެ. މިކަމާބެހޭގޮތުން ނޫރު ސޫރަތުގެ 63 ވަނަ އާޔަތުގައި މާތް ﷲ ވަޙީކުރެއްވިއެވެ. "فَلْيَحْذَرِ الَّذِينَ يُخَالِفُونَ عَنْ أَمْرِهِ أَنْ تُصِيبَهُمْ فِتْنَةٌ أَوْ يُصِيبَهُمْ عَذَابٌ أَلِيمٌ" (النور 63) މިހެން ނުވާންވީ ސަބަބެއްނެތެވެ. މާތް ﷲ ވަނީ އެކަލޭގެފާނުގެ ދަރަޖަ އުފުއްލަވައި މަޤާމު މަތިވެރިކުރައްވާފައެވެ. މީގެ އިތުރުން ކީރިތި ޤުރުއާނުގެ އާޔަތްތަކުގައި ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމައާ މުސްލިމުން މުޢާމަލާތްކުރަންޖެހޭ އަދަބުވެރި ގޮތްތައްވެސް އަންގަވާފައިވެއެވެ. އެކަލޭގެފާނަށް ކިޔަމަންތެރިވުމަށާއި އިޙްތިރާމްކުރުމަށް އަންގަވާފައިވެއެވެ. ކަމަކާބެހޭގޮތުން އެކަލޭގެފާނަށް އެއްޗެއް ދަންނަވާނަމަ އެކަލޭގެފާނާ މުޚާޠަބުކުރަންވީގޮތްވެސް އަންގަވާފައިވެއެވެ. އަޅުގަނޑުމެންގެ ތެރެއިން އެއްބަޔަކު އަނެއްބަޔަކަށް ގޮވާއުޅޭ ބީދައިން ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްއަށް މުޚާޠަބުނުކުރުމަށް އަންގަވައި މާތްﷲ ވަޙީކުރެއްވިއެވެ. "لاَ تَجْعَلُوا دُعَاءَ الرَّسُولِ بَيْنَكُمْ كَدُعَاءِ بَعْضِكُمْ بَعْضًا" (النور 63) މުފައްސިރުން ވިދާޅުވާގޮތުގައި މިއާޔަތުގައި މި އަންގަވަނީ އެކަލޭގެފާނުގެ ނަންފުޅުން އެކަލޭގެފާނާ މުޚާޠަބު ނުކުރުމަށެވެ. އެކަލޭގެފާނާ މުޚާޠަބުކުރަންޖެހެނީ އަދަބު އިޙްތިރާމްގެ ނުވަތަ މަތީ ދަރަޖައިންނެވެ. ބޭނުންކުރަންޖެހޭ ޢިބާރާތްތަކަކީ: ياَ نَبِيَّ اللهِ، يَا رَسُولَ اللهِ، يَا رَسُولَ رَبِّ الْعَالَمِيْنَ، يَا خَاتَمَ النَّبِيِّيْنَ މިފަދަ މިފަދަ ޢިބާރާތްތަކެވެ. މިހެން ނުވާންވީ ސަބަބެއްނެތެވެ. ކޮންމެ ނަބީބޭކަލަކާ އަދި ރަސޫލު ބޭކަލަކާ އެކަލާނގެ މުޚާޠަބުކުރައްވަނީ އެބޭކަލެއްގެ ނަންފުޅުންނެވެ. ނަމަވެސް ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމައާ މުޚާޠަބުކުރައްވަނީ "يَا أَيُّهَا الرَّسُولُ, يَاأَيُّهَا النَّبِيُّ" މިފަދަ މާތް އުޞްލޫބުންނެވެ.

ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތުގެ މަޤާމަކީ ކޮބައިކަން އަންގައިދޭ ބައެއް ޚާއްޞަ ސިފަތައް:
1- އަޅުކަންތަތަކަށް ބަލާއިރު ޢާއްމުގޮތެއްގައި ކީރިތި ޤުރްއާނުގެ ނައްޞުން އެނގެނީ އެއީ ވާޖިބު ކަންތައްތަކެއް ކަމެވެ. ނަމަވެސް މިކަންތައްތައް އަދާ ކުރަންޖެހޭ ގޮތުގެ ފުރިހަމަ ތަފްޞީލުތައް އައިސްފައިވަނީ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތުގައެވެ. މިސާލަކަށް ނަމާދާއި ބެހޭ ގޮތުން ކީރިތި ޤުރުއާނުގައި އައިސްފައިވަނީ أَقِيمُوا الصَّلاةَ (الأنعام 72) ޒަކާތާއި ބެހޭ ގޮތުން وَآتُوا الزَّكَاةَ (البقرة 43) ޙައްޖާއި ބެހޭގޮތުން وَأَتِمُّواالْحَجَّ وَالْعُمْرَةَ لِلَّهِ (البقرة 196) މިފަދައިންނެވެ. ނަމަވެސް މިކަންތައްތައް ގެންދަންވީ ފުރިހަމަ ގޮތްތައް ބަޔާންކުރައްވާ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްފުޅު ކުރައްވަވަނީ "صَلُّوْا كَمَا رَأَيْتُمُوْنِيْ أُصَلِّيْ" މާނައީ "ތިމަންކަލޭގެފާނު ނަމާދު ކުރަނިކޮށް ތިޔަބައިމީހުންނަށް ފެނުނު ގޮތަށް ތިޔަބައިމީހުން ނަމާދު ކުރާށެވެ." އެހެންބަސް ފުޅެއްގައި ވިދާޅުވަނީ "خُذُوْا عَنِّيْ مَنَاسِكَكُمْ" މިފަދައިންނެވެ. މާނައީ "ތިމަންކަލޭގެފާނުގެ އަރިހުން ޙައްޖުގެ މަނާސިކުތައް ތިޔަބައިމީހުން ލިބިގަންނާށެވެ." މިއިން އަންގައިދެނީ ސުންނަތަށް ތަބަޢަވުމުގެ މުހިއްމުކަމެކެވެ. އަދި ސުންނަތަކީ ކީރިތި ޤުރުއާނުގެ ޝަރަޙަކަންވެސް އެނގެއެވެ. ޢަބްދުއްރަޙްމާނު ބުނު ޔަޒީދު ކިޔާ ބޭކަލަކަށް އިޙުރާމްގައި ފިރިހެނަކު ޢާއްމުކޮށް ބޭނުންކުރާ ފަހާފައިހުރި ހެދުމެއް ލައިގެންހުއްޓާ ފެނިވަޑައިގަތުމުން އޭނާއަށް ޢަބްދުއްރަޙްމާން އެކަން މަނާ ކުރެއްވިއެވެ. އެހިނދު އޭނާ ޢަބްދުއްރަޙްމާނަށް ވިދާޅުވިއެވެ. ޤުރުއާނުން ތިޔަކަމުގެ ދަލީލެއް ދައްކަވާށެވެ. އެވަގުތު ޢަބްދުއްރަޙްމާން މިއާޔަތް ކިޔަވާ ވިދާޅުވިއެވެ. "وَمَاآتَاكُمْ الرَّسُولُ فَخُذُوهُ وَمَانَهَاكُمْ عَنْهُ فَانْتَهُوا" (الحشر 7 ) މާނައީ "އަދި ރަސޫލާ (ޞައްލަﷲ ޢަލައިހި ވަސައްލަމަ) ތިޔަބައިމީހުންނަށް ގެނެސްދެއްވި ކޮންމެ ކަމެއްގައި ފަހެ ތިޔަބައިމީހުން ހިފާށެވެ. އަދި އެކަލޭގެފާނު ތިޔަބައިމީހުންނަށް ނަހީ ކުރެއްވި ކޮންމެ ކަމަކުން ފަހެ ތިޔަބައިމީހުން ދުރުހެލިވާށެވެ." ޢަބްދުއްރަޙްމާން މިއާޔަތް ވިދާޅުވީ އިޙްރާމްގައި ތިބޭ ފިރިހެނުން ފަހާފައި ހުންނަ ފޭރާންލުން ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ މަނާ ކުރައްވާފައި ވާތީއެވެ.

2- ޢާއްމުގޮތެއްގައި އެއްވެސް އިސްތިޘްނާއެއްނެތި ކީރިތި ޤުރުއާނުގައި އައިސްފައިވާ ބައެއް ކަންތައްތަކުގައި އިސްތިޘްނާ ކުރެވޭ ޙާލަތްތައްވެސް ސުންނަތުން އަޅުގަނޑުމެންނަށް އޮޅުން ފިލައެވެ. މިސާލަކަށް ވާރުތަ މުދަލާއި ބެހޭ ގޮތުން މާތްﷲ ވަޙީ ކުރެއްވިއެވެ. "يُوصِيكُمْ اللَّهُ فِي أَوْلادِكُمْ لِلذَّكَرِمِثْلُ حَظِّ الأُنثَيَيْنِ فَإِنْكُنَّ نِسَاءً فَوْقَاثْنَتَيْنِ" (النساء 11 ) މިއާޔަތުގައި އަޅުގަނޑުމެންނަށް ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޞިއްޔަތް ކުރައްވަނީ އަޅުގަނޑުމެންގެ އަންހެން ދަރިންނަށް ލިބޭބައިގެ ދެގުނަ ފިރިހެން ދަރިންނަށް ދިނުމަށެވެ. ނަމަވެސް ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތުން އެނގޭ ގޮތުގައި މުދަލުގެ ވެރިޔާ މަރާލައިފި މީހަކަށް މުދަލަކުން ނުލިބޭނެއެވެ. ތަރިކައިން އޭނާ މަޙްރޫމްވާނެއެވެ. އެހެނީ އެކަލޭގެފާނު ޙަދީޘް ކުރައްވަނީ "ليس لقاتل ميراث" މިފަދައިންނެވެ. މާނައީ "މަރާލި މީހާއަށް ވާރުތަ މުދަލުން ލިބުމެއް ނެތެވެ." މިސާލަކަށް ފިރިހެން ދަރިއަކާ އަންހެން ދަރިއަކު ހުރިމީހާގެ ފިރިހެން ދަރިފުޅު އޭނާގެ ބައްޕަ މަރާލައިފިނަމަ އެއީ އިސްތިޘްނާ ޙާލަތެކެވެ. އެޙާލަތުގައި އެފިރިހެން ކުއްޖާއަކަށް ބައްޕަގެ މުދަލަކުން ނުލިބޭނެއެވެ. މި ޙުކުމް އަޅުގަނޑުމެންނަށް މިލިބުނީ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ގެ ސުންނަތުންނެވެ.

3- މުޠުލަޤު ގޮތެއްގައި ކީރިތި ޤުރުއާނުގައި ކަނޑައެޅިފައިވާ ބައެއް ކަންތައްތަކަށް އިންތަކެއް ކަނޑައެޅިގެން ވާކަންވެސް އަޅުގަނޑުމެންނަށް އެގެނީ ސުންނަތުންނެވެ. މިސާލަކަށް ވައްކަން ކުރާމީހާގެ އަތްކެނޑުމަށް ކީރިތި ޤުރުއާނުގައި ވަނީ އަންގަވާފައެވެ. ޤުރުއާނުގެ ނައްޞުން ދަލާލަތު ކުރަނީ ކުކުޅު ބިހެއް ވަގަށް ނަގާމީހާއާއި ނުވަތަ ކުކުޅު ބިހެއްގެ ބަރުދަނަށް ރަން ނުވަތަ ރަނުން ހެދިފައިވާ އެއްޗެއް ވަގަށް ނަގާ މީހާއަކީ އަދި 10 ލާރި ނުވަތަ 1000ރުފިޔާ ވަގަށް ނަގާމީހާ އަކީވެސް ވަގެއްކަމެވެ. އެމީހާގެ އަތްކަނޑަން ޖެހޭނެކަމެވެ. ނަމަވެސް ސުންނަތުން ޘާބިތުވަނީ ވައްކަންކުރާމީހާގެ އަތް ކެނޑޭނީ ވަގަށް ނަގާ އެތީގައި ކަނޑައެޅިފައިވާ ނިޞާބެއް ހަމަވާނަމައެވެ. އަދި އެކަލޭގެފާނު ސުންނަތުން އަތްކަނޑަން ޖެހޭ މިންވަރާ ފުރަތަމަ ފަހަރަށް ވައްކަމެއްކޮށްފި ނަމަ ކަނޑަން ޖެހެނީ ކޮންއަތެއް ކަންވެސް އެގެއެވެ. އެއީ ކަނާއަތެވެ. އަތްކެނޑޭނީ އެކުރި ވައްކަމަކީ އަތްކެނޑުމުގެ ޝަރުޠު ފުރިހަމަވާ ވައްކަމަށް ވާނަމައެވެ. އެ ޝަރުޠުތައް ކަނޑައެޅިފައިވަނީ ސުންނަތުގައެވެ. އަދި މިނޫނަސް ޢަރަބި ބަހުގެ އަތްދަނޑި އެއީ އަތް ކަމުގައި ބެލެވެއެވެ. އަދި ޢަރަބި ބަހުގައި ހަމައެކަނި އަތްތިލަ އެއީ އަތްކަމުގައިވެސް ބެލެވެއެވެ. ވީމާ ކީރިތި ޤުރުއާނުގައި އަތްކެނޑުމަށް އަންގަވާފައި އޮތްބަސްފުޅުން އަތްކަނޑަންވީ ކިހާ ހިސާބަކުންކަމެއް ނޭނގެއެވެ. އެކަން އެނގެނީ ސުންނަތުންނެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަންގަވާފައިވާ ގޮތުގައި އަތްކަނޑާނީ އަތްތިލައިގެ ކުޑަހުޅާ ހަމައަށެވެ.

4. ކީރިތި ޤުރުއާނުގައި ބައެއް ފަހަރު ތަފާތު ދެކަމެއްގެ ޙުކުމް ބަޔާން ކުރައްވާފައި އޮވެދާނެއެވެ. އަދި އެދެކަމުގެ މައްޗަށް ޘާބިތުވާފަދަ ބައެއް ކަންތައްތަކުގެ ޙުކުމް ބަޔާން ނުކުރައްވާ އޮވެދާނެއެވެ. އެފަދަ ކަންކަމުގައި ޢަމަލު ކުރާނެގޮތް ބަޔާން ވެފައިވަނީ ސުންނަތުގައެވެ. މިސާލަކަށް މުޅަތަކެތި ކެއުން މާތްﷲ ޙަރާމް ކުރެއްވިއެވެ. އަދި ޝަރުޢީހަމަތަކުން ކަތިލެވޭ ތަކެތި ހުއްދަ ކުރެއްވިއެވެ. މިދެޙުކުމުގެ މައްޗަށް ބުރަ ކުރެވޭ ކަމެއްގެ ގޮތުގައި ކަތިލެވޭ އެތީގެ ބަނޑުގައި އޮންނަ ދަރި ހިމެނެއެވެ. އެދަރީގެ ޙުކުމް އަޅުގަނޑުމެންނަށް އެނގެނީ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތުންނެވެ. އެކަލޭގެފާނު ޙަދީޘް ކުރައްވަނީ "ذَكَاةُ الْجَنِيْنِ ذَكَاةُ أُمِّهِ" މާނައީ "މައި އެތި ކަތިލުން ހިމެނެނީ ބަނޑުގައިވާ ދަރި ކަތިލުން ކަމުގައެވެ."

5- ކީރިތި ޤުރުއާނުގައި މާތް ﷲ ކަމަކަށް އަމުރު ކުރައްވާއިރު ފަހަރެއްގައި އެކަމެއްގެ އަޞްލު މުރާދަކީ ކޮބައިކަން ރަނގަޅަށް އޮޅުން ނުފިލާ ކަހަލަ ގޮތަކަށް އެމައްސަލަ އައިސްފައި އޮވެދާނެއެވެ. މިސާލަކަށް ކޮންމެހެން އަނބިމީހާ ވަރި ކުރަން ޖެހިއްޖެ ޙާލަތެއްގައި އޭނާ ވަރި ކުރާނަމަ ވަރި ކުރަންވީ ގޮތް ބަޔާން ކުރައްވާ ﷲ ވޙީ ކުރެއްވިއެވެ. "يَاأَيُهَا النَّبِيُّ إِذَا طَلَّقْتُمْ النِّسَاءَ فَطَلِّقُوهُنَّ لِعِدَّتِهِنَّ"(الطلاق 1 ) މާނައީ "އޭ ނަބިއްޔާއެވެ. ތިޔަބައިމީހުންގެ އަނބިން ވަރި ކުރާނަމަ އެކަނބަލުންގެ ޢިއްދައާ ދިމާކޮށް ވަރި ކުރާ ހުށިކަމެވެ." މި އާޔަތުގައި ޢިއްދައާ ދިމާކޮށް ވަރިކުރަން އޮތް ބަސްފުޅުގެ އަސްލު މުރާދަކީ ކޮބައިކަން އެނގެނީ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތުންނެވެ. އެއީ އަންނަނިވި ޙާދިޘާއެވެ. ޢުމަރުގެފާނުގެ ދަރިކަލުން ޢަބްދުﷲގެފާނު އެކަލޭގެފާނުގެ އަނބިކަނބަލުން ޙައިޟުގެ ދުވަސްވަރުގައި ވަރި ކުރެއްވުމުން ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. "އޭނާއަށް ރުޖޫޢަ ކުރުމަށް އަމުރު ކުރާށެވެ. އެއަށްފަހު ޙައިޟުވެ ޠާހިރު ވުމުން އޭނާއާއެކު އުޅެން އެދޭނަމަ ރަނގަޅު ގޮތުގައި އުޅޭށެވެ. ނުވަތަ އޭނާއާ ޖިމާޢުނުވެ ވަރި ކުރާށެވެ. "ކޮންމެއަކަސް އިސްވެ ދިޔަ އާޔަތުގައި އަނބިން ވަރި ކުރާނަމަ ޢިއްދައާއި ދިމާވާ ގޮތަށް ވަރިކުރުމަށް އޮތްބަސްފުޅުގެ މުރާދަކީ ކޮބައިކަން ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘްފުޅުން އޮޅުން ފިލައެވެ. އެއީ ޖިމާޢުނުވާ ޠުހުރެއްގައި އަނބިމީހާ ވަރި ކުރުމެވެ.

6. ކީރިތި ޤުރުއާނުގައި ވާރިދުވެގެން އައިސްފައިނުވާ ބައެއް ކަންތައްތައްވެސް ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތުގައި ވާރިދުވެފައި ވުމުން އިސްލާމްދީނުގައި ޝަރުޢު ވެފައިވާ ކަންތައްތައް ކަމުގައި އެކަންތައްތައް ހިމެނެއެވެ. މިއިންވެސް އަންގައިދެނީ ސުންނަތުގެ މުހިއްމު ކަމެކެވެ. މިސާލަކަށް ފަށުވި ފޭރާމާ ރަނުގެ ގަހަނާ މިއުއްމަތުގެ ފިރިހެނުންނަށް ޙަރާމްވެފައި އަންހެނުންނަށް ހުއްދަކަން އެނގެނީ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތުންނެވެ. އަދި ރަނާ ރިހިން ހަދާފައި ހުންނަ ތަށީގައި ކެއުން ބުއިން މިއުއްމަތުގެ އަންހެނުނަށާއި ފިރިހެނުންނަށް ހުއްދަ ނޫންކަންވެސް ޘާބިތު ވަނީ ސުންނަތުންނެވެ. އަދި މިނޫނަސް މިފަދަ މިޘާލުތައް ފެންނަން އެބަހުއްޓެވެ.

އާދެ! ޝައްކެއް ނެތް ގޮތުގައި ކީރިތި ޤުރުއާނުގެ އާޔަތްތަކާއިމެދު ވިސްނާލުމުން އެފޮތުގައި ދިރިއުޅުމުގެ މައިގަނޑު ކަންތައްތަކާއިބެހޭ ހުރިހާ ކަމެއް ޖުމްލަ ގޮތެއްގައި ބަޔާންވެފައި ވާތީ ފެނެއެވެ. އަޅުކަމާއި މުޢާމަލާތާއި އެހެނިހެން ހުރިހާ ކަމެއް ގައެވެ. މިގޮތުން އެއްވެސް ކަމެއް އުނިވެފައި ނުވެއެވެ. އަލްއަންޢާމު ސޫރަތުގައި މާތްﷲ ވަޙީ ކުރައްވާފައި ވެއެވެ. "مَا فَرَّطْنَا فِي الْكِتَابِ مِنْ شَيْءٍ" (الأنعام 38) މާނައީ " ފޮތުގައި (ނުލިއުއްވައި) ތިމަންރަސްކަލާނގެ އެއްވެސް ކަމެއް ދުލެއް ނުކުރައްވަމެވެ." އަދި އައްނަޙްލު ސޫރަތުގައި ވަޙީ ކުރެއްވިއެވެ. "وَنَزَّلْنَا عَلَيْكَ الْكِتَابَ تِبْيَاناً لِكُلِّ شَيْءٍ" (النحل 89 ) މާނައީ އަދި ތިމަންރަސްކަލާނގެ ކަލޭގެފާނުގެ މައްޗަށް ފޮތް ބާވައި ލެއްވީމެވެ. އެއީ ކޮންމެ ކަމެއް ބަޔާން ކޮށް ދެއްވާ ގޮތުގައެވެ." ޖުމްލަ ގޮތެއްގައި މިއުޞޫލުން ކީރިތި ޤުރުއާނުގައި ހުރިހާ ކަމެއް ބަޔާން ވެގެން ވެއެވެ. އެކަމަކު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތުގެ އަލީގައި ބަލައިފިނަމަ ފެންނާނީ ހުރިހާ ކަމެއްގެވެސް ތަފްޞީލެވެ. ހުރިހާ ކަމެއްގެ ބަޔާނެވެ. ޤުރުއާނާ ސުންނަތުން ކަމަކާމެދު ވަކި ޙުކުމެއް ކަނޑައެޅިގެން އެގެން ނެތް ކަމުގައި ވިޔަސް އެދެ އަޞްލާ ޚިލާފު ނުވާ ގޮތުން ކުރެވޭ އިޖުތިހާދަކީވެސް އިސްވެދިޔަ އާޔަތް ތަކުގައިވާ ފަދައިން ޤުރުއާނުގައި ހުރިހާ ކަމެއް ބަޔާން ވެގެންވުން ކަމުގައި ބެލެވިދާނެއެވެ.

ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ފޮނުއްވުނީ އިސްލާމްދީނާ ޤުރުއާން މީސްތަކުންނަށް އުގަންނައި ދެއްވުމަށްޓަކައެވެ. ވީމާ އިސްލާމްދީނުގެ އެއްވެސް ކަމެއް އިތުރު އެކަލޭގެފާނުގެ ޙަދީޘް ނުވަތަ ސުންނަތާ ނުލައި ފުރިހަމައަށް ނޭނގޭނެކަން ޤަބޫލު ކުރަން ޖެހެއެވެ. އެހެން ކަމުން ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތަކީ މުސްލިމުންގެ ގާތުގެ ވަރަށް މަޤުބޫލު އެއްޗަކަށް ވާންޖެހެއެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާގެ ވަޙީބަސްފުޅުންވެސް އެކަން އެގެއެވެ. ނޫރު ސޫރަތުގެ 51 ވަނަ އާޔަތުގައި އެކަލާނގެ ވަޙީ ކުރެއްވިއެވެ. "إِنَّمَاكَانَ قَوْلَ الْمُؤْمِنِينَ إِذَا دُعُوا إِلَى اللَّهِ وَرَسُولِهِ لِيَحْكُمَ بَيْنَهُمْ أَنْ يَقُولُوا سَمِعْنَا وَأَطَعْنَا وَأُوْلَئِكَ هُمْ الْمُفْلِحُونَ" (النور 51 ) މާނައީ "އެބައިމީހުންގެ މެދުގައި ޙުކުމް ކުރެއްވުމަށް ﷲ އާއި އެކަލާނގެ ރަސޫލާގެ އަރިހަށް އައުމަށް އެބައިމީހުންނަށް ގޮވާލެވިއްޖެ ހިނދަކު މުއުމިނުންގެ ބަހެއް ކަމުގައި ވާކަން ކަށަވަރީ ތިމަންމެން އަހައިފީމުއޭ އަދި ކިޔަމަން ވެއްޖައީމުއޭ އެބައިމީހުން ބުނުމެވެ. އަދި ދިންނަވާނޭ މީހުންނަކީ ހަމަ އެބައިމީހުންނެވެ."

އިސްލާމްދީނުގައި ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމައާ އެކަލޭގެފާނުގެ ސުންނަތުގެ މަޤާމަކީ ކޮބައިކަން އިސްވެދިޔަ ބައެއް ކަންތައްތަކުން އަޅުގަނޑުމެންނަށް އޮޅުން ފިލައެވެ. އަޅުގަނޑުގެ ދުޢާއަކީ މާތްﷲ އަޅުގަނޑުމެންނަށް ހެޔޮ މަގަށް މަގުދައްކަވައި ކީރިތި ޤުރުއާނާ ކައުއިތުރު ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތުގައިވާ ގޮތަށް އުޅުމުގެ ހެޔޮ ތައުފީޤު ދެއްވުމެވެ. އާމީން .

Read more...