Showing posts with label ރޯދަ. Show all posts
Showing posts with label ރޯދަ. Show all posts

16 August 2020

މުޙައްރަމް މަހުގައި ސުންނަތް ރޯދަ ހިފުން އޮންނަނީ ކިހިނެއްތޯ؟

މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު
މުޙައްރަމް މަހުގެ މާތްކަން
 މުޙައްރަމް މަހަކީ އެހެނިހެން މަސްތަކުގެ މައްޗަށް މާތްކުރައްވާފައިވާ މައްސަރުތަކުގެ ތެރެއިން މައްސަރެކެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.

Read more...

03 August 2020

ބީޟުގެ ދުވަސްތަކުގެ ރޯދަ

މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު
ބީޟުގެ ދުވަސްތަކުގެ ރޯދައަކީ ކޮބާ؟

Read more...

31 May 2020

ޤަޟާ ރޯދަޔަށް ހުއްޓައި ފިރިމީހާ ޖިމާޢުވާން އެދެފިނަމަ ރޯދަ ދޫކޮށްލުން ހުއްދަތޯއެވެ؟

މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު

ޤަޟާ ރޯދައަކީ ސުންނަތް ރޯދަ ފަދަ ރޯދައެއް ނޫނެވެ. ޤަޟާ ރޯދައަށް ނިޔަތް ގަތުމަށް ފަހުގައި ޝަރުޢީ ޢުޛުރެއް މެދުވެރިވުމުން ނޫނީ ރޯދަ ދޫކޮށްލުން ހުއްދަވެގެން ނުވެއެވެ. ސުންނަތް ރޯދައަކަށް ހުންނަ މީހާ ޝަރުޢީ ޢުޛުރެއް މެދުވެރިނުވިޔަސް އޭނާއަށް ރޯދަ ދޫކޮށްލެވިދާނެއެވެ.

Read more...

30 May 2020

ޝައްވާލުމަހުގެ ހަ ރޯދަޔާ އެއް ނިޔަތެއްގައި ބީޟުގެ ދުވަސްތަކުގެ ރޯދަ ހިފިދާނެތޯ؟

މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު
މި މައްސަލާގައި އެބަހީ ޝައްވާލު މަހުގެ 6 ރޯދަ ހިފާއިރު، އައްޔާމުލް ބީޟު (ކޮންމެ ހަނދުމަހެއްގައި ހިފުން ސުންނަތްވެގެންވާ 3 ދުވަހުގެ ރޯދަ) އާ އެއްނިޔަތެއްގައި ޝައްވާލުމަހުގެ 6 ދުވަހުގެ ތެރެއިން 3 ދުވަހުގެ ރޯދަ ހިފުމުން އެކަމުގެ ޘަވާބު ލިބޭނެތޯ، ޝައިޚް ބިން ބާޒް ރަޙިމަހުﷲ އާ ސުވާލު ކުރެވުމުން، ﷲ ގެ ފަޟްލުވަންތަކަން ތަނަވަސްވެގެންވާ ކަމަށާއި އަދި އެކަމުގެ ޘަވާބު ލިބޭނެކަމަށް އުންމީދުކުރެވޭ ކަމަށް ވިދާޅުވެފައިވެއެވެ. 

Read more...

ޤަޟާ ރޯދަ ހިފާއިރު ފިރިމީހާގެ އިޛުނަ ހޯދަން ޖެހޭނެތޯ؟

މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު

ޢުޛުރެއްގެ ސަބަބުން ފާއިތުވެގެންދާ ފަރުޟު ރޯދަ ހިފުމަކީ ވާޖިބެކެވެ. ވާޖިބު ރޯދަ ހިފާއިރު ފިރިމީހާގެ އިޛުނަ ހޯދުމަކީ ޝަރުޠެއް ނޫނެވެ. ވާޖިބު ނޫން ރޯދަ ހިފާއިރު، ފިރިމީހާ ޙާޟިރުވެ ހުރިނަމަ ފިރިމީހާގެ އިޛުނަ ހޯދަން ޖެހޭނެއެވެ.

Read more...

29 May 2020

ރޯދަޔަށް ހުރެ އަރިދަފުސް ދިރުވުމުން ރޯދަ ގެއްލޭނެ ހެއްޔެވެ؟

މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު
ރޯދަވެރިޔާ އަރިދަފުސް ދިރުވުމުން ރޯދަ ގެއްލޭނެތޯ ނުވަތަ ނޫންތޯ މިކަމާ މެދުގައި ޢިލްމުވެރިންގެ މެދުގައި ޚިލާފުހުއްޓެވެ. ޞައްޙަވެގެންވާ ބަހަކީ އެކަމުގެ ސަބަބުން ރޯދަ ނުގެއްލޭނެ ކަމަށް ބުނާ ބަހެވެ. އެހެނީ އެއީ ކެއުމާއި ބުއިމުގެ މާނާގައިވާ ކަމެއް ނޫނެވެ.

Read more...

23 May 2020

ރަމަޟާން މަހުގެ ރޯދަ ޤަޟާނުކޮށް ޝައްވާލުމަހުގެ 6 ރޯދަ ހިފިދާނެތޯ؟

މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު


ރަމަޟާންމަހުގެ ރޯދަ ޤަޟާނުކޮށް ޝައްވާލުމަހުގެ ރޯދަ ހިފިދާނެ ހެއްޔެވެ؟
މިއީ ޢިލްމުވެރިންގެ މެދުގައި ޚިލާފު ހުރި މައްސަލަ އެކެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. مَنْ صَامَ رَمَضَانَ ثُمَّ أَتْبَعَهُ سِتًّا مِنْ شَوَّالٍ كَانَ كَصِيَامِ الدَّهْرِ - رواه مسلم (1164) "ރަމަޟާން މަހު ރޯދަ ހިފާފަ، އޭގެ ފަހުގަ އެއާއި ވިދިގެން ޝައްވާލު މަހުގެ 6 ރޯދަ ހިފައިފި މީހާ މުޅި އަހަރު ރޯދަ ހިފި ފަދަ އެވެ." 


Read more...

22 May 2020

ޙައިޟުވީ އިރުއޮއްސުމުގެ ކުރިންކަން ނުވަތަ ފަހުންކަން ނޭނގޭނަމަ

މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު
ސުއާލު: ރަމަޟާން މަހުގެ ދުވަހެއްގައި ރޯދަ ވީލުމަށް ފަހު، ކުޑަ ވަޤުތު ކޮޅެއްގެ ފަހުން އަހަރެންނަށް ޙައިޟުގެ ލޭ ފެނުނެވެ. އަހަރެން ޙައިޟުވެރިވީ ރޯދަ ވީލުމުގެ ކުރިންކަމެއް ނޫނީ ރޯދަ ވީއްލުމުގެ ފަހުން ކަމެއް ނޭނގެއެވެ. ވީމާ އެދުވަހުގެ ރޯދަ އަޅުގަނޑަށް ލިބޭނެތޯއެވެ؟ ނޫނީ އެރޯދަ ޤަޟާ ކުރަން ޖެހޭނެ ތޯއެވެ؟ 

Read more...

17 June 2014

އެންމެ ރަނގަޅު ފުރުޞަތު

މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު

މާ ގިނަ ދުވަސްތަކެއް ނުވެ ﷲ ސުބްޙާނަހޫ ވަތަޢާލާގެ އިޛުނަފުޅާއެކު އަޅުގަނޑުމެންނާ އެއިލާހު މާތްކުރެއްވި މައްސަރުތަކުގެ ތެރެއިން އެންމެ މާތް މައްސަރު ބައްދަލުކުރާނެއެވެ.
ރޭތަކުގެ ތެރެއިން އެންމެ މާތް ރޭ ވަނީ އެ މައްސަރުގައެވެ. ފޮތްތަކުގެ ތެރެއިން އެންމެ މާތް ފޮތް އުންމަތްތަކުގެ ތެރެއިން އެންމެ މާތް އުންމަތުގެ، ރަސޫލުންގެ ތެރެއިން އެންމެ މާތް ރަސޫލާގެ މައްޗަށް ބާވައިލެއްވުނީ އެރޭގައެވެ.


Read more...

02 August 2013

ރޯދަމަހު ކުރެވޭ ބައެއް ކުށްތައް

އަލްއަޚް މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު
1- ރޭގަނޑުގެ ގިނަވަގުތު ނުނިދާ އުޅުން
2- ދުވާލުގެ ވަގުތުތަކުގައި މާ ގިނައިން ނިދުން
3- ބައެއްފަހަރަށް ޖަމާޢަތުގެ ނަމާދު ދޫވުން


Read more...

27 March 2013

ޢާޝޫރާ ދުވަހުގެ ރޯދަހިފުން

އަލްއަޚް މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު

ޢާޝޫރާ ދުވަހަކީ ކޮން ދުވަހެއް؟
އެއީ ކޮންމެ އަހަރެއްގެ މުޙައްރަމްމަހުގެ ދިހަވަނަ ދުވަހެވެ

އެދުވަހުގެ ރޯދަހިފަނީ ކީއްވެ؟
އެދުވަހުގައި ފިރުޢައުނާއި އޭނާގެ ޤައުމުގެ ކިބައިން ﷲ ސުބްޙާނަހޫ ވަތަޢާލާ މޫސާ ޢަލައިހިއްސަލާމާއި އެކަލޭގެފާނުގެ ޤައުމުގެ މީހުން ނަޖާކުރެއްވި ކަމުގެ މައްޗަށް ﷲ ތަޢާލާއަށް ޝުކުރުވެރިވުމުގެ ގޮތުންނެވެ.


Read more...

25 December 2012

ރޯދަހިފުން ސުންނަތްވެގެންވާ ދުވަސްތައް

އަލްއަޚް މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު

1- ދާއޫދުގެފާނުގެ ރޯދަ - ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. أَحَبُّ الصِّيَامِ إِلَى اللهِ صِيَامُ ‏ ‏دَاوُدَ ‏‏ كَانَ يَصُومُ يَوْمًا وَيُفْطِرُ يَوْمًا -رواه البخاري މާނައަކީ: " ﷲ އެންމެ ލޯބިވެވޮޑިގަންނަވާ ރޯދައަކީ، ދާއޫދުގެފާނު ހިއްޕެވި ރޯދައެވެ. އެކަލޭގެފާނު ދެ ދުވަހުން އެއް ދުވަހު ރޯދަ ހިއްޕެވިއެވެ."

Read more...

09 August 2011

ހާރުކެއުން


އަލްއަޚް މުޙައްމަދު ޝާފިޢު ބިން ޢަބްދުލްޣަފޫރު

ރޯދަވެރިޔާ ހާރުކެއުން އެއީ ސުންނަތްވެގެންވާ ކަމެކެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. " تَسَحَّرُوا فَإِنَّ فِي السَّحُورِ بَرَكَة" (رواه البخاري ومسلم) މާނައީ: "ތިޔަބައިމީހުން ހާރު ކާށެވެ. ފަހެ ހަމަކަށަވަރުން ހާރުކެއުމުގައި ބަރަކާތްތެރި ކަމެއްވެއެވެ."

އަދިވެސް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.
(إِنَّ فَصْلَ مَا بَيْنَ صِيَامِنَا وصِيَامِ أَهْلِ الْكِتَابِ أَكْلَةُ السَّحَر) (رواه مسلم) މާނައީ: "އަހަރެމެންގެ ރޯދައާއި ފޮތުގެ އަހުލުވެރިންގެ (އެބަހީ؛ ޔަހޫދީންނާއި ނަޞާރާއިންގެ) ރޯދައާއި ދެމެދުގައިވާ ތަފާތަކީ ހާރުކެއުމެވެ."

އަދިވެސް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. "السَّحُورُ أَكْلُهُ بَرَكَةٌ فَلاَ تَدَعُوهُ، وَلَوْ أَنْ يَجْرَعَ أَحَدُكُمْ جُرْعَةً مِنْ مَاءٍ، فَإِنَّ اللهَ وَمَلاَئِكَتَهُ يُصَلُّون عَلَى الْمُتَسَحِّرِين" (رواه أحمد، وحسنه الألباني)
މާނައީ: "ހާރަކީ ބަރަކާތް ލިބިގެންވާ ކެއުމެކެވެ. އެހެންކަމުން އެކަން ދޫކޮށް ނުލާށެވެ. އެއީ ހަމައެކަނި ފެން ކޯވަރެއް ބޯލުން ކަމުގައި ވިޔަސްމެއެވެ. ފަހެ ހަމަކަށަވަރުން ﷲ ގެ ރަޙުމަތް ހާރުކާ މީހުންގެ މައްޗަށް ހުއްޓެވެ. އަދި އެއިލާހުގެ މަލާއިކަތުންވެސް އެބައިމީހުންނަށް ރަހުމަތް ލެއްވުމަށް އެދި ދުޢާކުރެއެވެ."

ހާރުކެއުން ލަސްކޮށްލުންވެސް ސުންނަތްވެގެންވެއެވެ. عَنْ أَنَسِ بْنِ مَالِكٍ، أَنَّ زَيْدَ بْنَ ثَابِتٍ، حَدَّثَهُ: " أَنَّهُمْ تَسَحَّرُوا مَعَ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ، ثُمَّ قَامُوا إِلَى الصَّلاَةِ، قُلْتُ: كَمْ بَيْنَهُمَا؟ قَالَ: قَدْرُ خَمْسِينَ أَوْ سِتِّينَ "، يَعْنِي آيَةً (رواه البخاري) އަނަސް ރަޟިޔަ ﷲ ޢަންހު ޒައިދު ބުނު ޘާބިތުގެ އަރިހުން ރިވާކުރައްވާފައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. މާތް ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ތިމަންމެންނާއެކުގައި ހާރު ފަރީއްކުޅުވިއެވެ. އެއަށްފަހު ނަމާދު ކުރެއްވުމަށް ތެދުވެވަޑައިގަތެވެ. އަނަސްގެފާނު ވިދާޅުވިއެވެ. ތިމަންކަލޭގެފާނު ސުވާލުކުރެއްވީމެވެ. ހާރު ކޭންބެއްލެވުމާއި ބަންގިޔާ ދެމެދުގައިވީ ކިހާ ވަގުތުކޮޅެއް ތޯއެވެ؟ ވިދާޅުވިއެވެ. ފަންސާހަކަށް ނުވަތަ ފަސްދޮޅަހަކަށް އާޔަތް ކިޔައިލެވޭހާ ވަގުތުކޮޅެކެވެ.

އަދިވެސް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. "لاَ تَزَالُ أُمَّتِي بِخَيْرٍ مَا عَجَّلُوا الإِفْطَارَ وَأَخَّرُوا السُّحُورَ" (رواه أحمد) މާނައީ: "ރޯދަވީއްލުން އަވަސްކޮށް އަދި ހާރުކެއުން ލަސްކުރާހާ ހިނދަކު ތިމަން ކަލޭގެފާނުގެ އުއްމަތް ހެއުކަމުން ފިލައި ނުދާނެއެވެ."


Read more...

02 August 2011

އަޅުކަމާއި ހެޔޮކަމުގެ ރޭހުން ދަރުމައާއި ޘަވާބުގެތަށި ހޯދުމުގެމޫސުން

ޢަބްދުﷲ ފަހުމީ ދީދީ ރަޙިމަހުﷲ
މަގުތަކާއި ގޮވަތިތަކަށް ލިބިފައިމިވާ ޒީނަތްތެރިކަމަކީ، އަޚުންނާއި އުޚުތުންގެ މޫނުމަތީން އެފެންނަ ހިނިވަރުނަ ކަމަކީ، އަނގޮޅިތަކާއި މުންނާރުތަކުގައި ދިއްލިފައި އެވާ ބައްތިތަކުގެ ސިއްރަކީ، އެހެރައިވޭ ބަޑިއަޑުގެ މާނައަކީ، ފުރަކީރިތި ރަމަޟާންމަސް ވަދެއްޖެކަމެވެ. އެމަހުގެ ރޯދައިގެ ރިޔާޟަތުން ހަށިގަނޑާއި ފުރާނަޔަށް ފައިދާ ހޯދައިގަތުން ވާޖިބު ވެއްޖެކަމެވެ. އެމަހުގެ އަޅުކަމާ ހެޔޮކަމުގެ ރޭހުން ދަރުމައާއި އިނާމުގެ ތަށި ހޯދުމަށް ހިއްމަތާއިއެކު މަސައްކަތް ކުރުން ފަރުޟުވެއްޖެކަމެވެ.

އެކަނި މައްސަރުގެ ފަރާތަށް ބަލައިފިނަމަ، އެއީ ސައްޔިދުނާ މުޙައްމަދު ސައްލަﷲ ޢަލައިހި ވަސައްލަމްގެފާނާށް ޤުރްއާން ބާވައިލެއްވި މައްސަރެވެ.

عَلَيْهِمْ وَعَلَى إِخْوَانِهِمْ مِنَ اللهِ وَافِر التَّحِيَّة وَأَزْكَى السَّلاَمِ

މިމަހުގައި ހިންގެވިފައިވާ އިލާހީ ޢަވާއިދު އެކަނި މިއަކީއެއްނޫނެވެ. އަހުރެމެންގެ ކީރިތި ނަބިއްޔާއަށް ނަބީކަމާއި ރަސޫލުކަމުގެ މަތިވެރި ތަޝްރީފް ލިބިވަޑައިގަތީ މިމަހުގައެވެ. ދީނުގެ ކަލިމައަށް ނަޞްރު ލިބުމުން އިސްލާމީ ދިދަ ޢިއްޒަތްތެރިވީ މިމަހުގައެވެ. ދަރުމައާއި ޘަވާބު ހާސްގުނަޔަށްވުރެ އިތުރުވެގެންވާ ލައިލަތުލް ޤަދުރި ވިލޭރޭ ވަދީޢާ ވެވިފައިވަނީ އެމަހުގައެވެ. ކީރިތި ﷲ ޢަފޫ ޢާއްމު ކުރެއްވުމާއި، ރަޙުމަތް ތަނަވަސް ކުރެއްވުމުގެ ގޮތުން އަޅުތަކުންގެ ކިބައަށް އެންމެ ޚާއްޞަގޮތުގައި ބައްލަވައި ވޮޑިގަންނަވަނީ އެމަހުގައެވެ.

ރަމަޟާން މަހަށް ހަނދުބެލުމާއިއެކު ރަޙުމަތާއި ބަރަކާތުގެ ދޮރުތައް ހުޅުވޭހުށިކަމަށް ޚަބަރު އައިސްފައިވެއެވެ. އެމަހުގެ ކޮންމެ ރެޔަކު، މިއުއްމަތުގެ ނަރަކަވަންތަވެރީންކުރެ އެތައްއެތައް ބަޔަކު ނަރަކައިން މުއްތި ކުރައްވާހުށިކަމަށް ޚަބަރު ވާރިދުވިއެވެ. މަޝްހޫރު ދިވެހި މިސާލުގައި ބުނެވެނީ: ރޯދަމަހާ ރޯއްޖާއެވެ.

ރޯދަޔަށް ބަލާއިރު، އެއީ އެޚާއްޞަ އަޅުކަމެކެވެ. ގިނަގުނަވެގެންވާ ދީނީ، ދުންޔަވީ ފައިދާތަކުގެ މައްޗަށް އެކުލެވިގެންވާ ހެޔޮކަމެކެވެ. އިސްލާމީ ޤަދީމީ ވާޖިބެވެ. ދީނުގެ ޤަވާޢިދުގެ މަތިވެރި ފަސްރުކުނުގެ ތެރެއިން އަރައިހުރި އެއްފަރުޟެކެވެ.

ހަށިގަނޑުގެ ޝަހްވާނީ އެދުންތައް މަރައި މަކާރިމީ ސިފަތައް ދިރުވާ ކަމެކެވެ. ފުރާނައިގެ ރޫޙާނީ ބާރުގަދަވެ، މަތިވެރި ޢާލަމުގެ ބަރަކާތްތެރިކަން ޙާޞިލުވާ ކަމެކެވެ.
ރޯދައަކީ އިޤްތިޞާދުގެ އެންމެ ފުރިހަމަ ދަރުހެވެ. ތަނަވަސްކަމުގެ އަހުލުވެރީން، ދަތިޙާލުގައިވާ މީހުންނާއި އެހީވުމުގެ ފަރާތަށް ގޮވާ ފިޠުރަތުގެ ސާފު ގޮވުމެވެ. ރޯދަވެރިޔާ، ރޯދަނޫން ދުވަހެއްގެ، ކެއުމާއި ބުއިމާއި ސިގިރެޓް، ދުން ބިލެތްފަދަ ތަކެތީން ކުރާ ޚަރަދު ރޯދައިގެ ސަބަބުން ނުކޮށް ހުރުމުން، ދުވާލަކު އިތުރުވާނޭ މިންވަރު މަސްދުވަހެއްގެ މައްޗަށް ހިމަނައިލީމާ ރަމަޟާންމަހުގައި އިޤްތިޞާދުގެ ގޮތުން ލިބެނިވި ފައިދާ ވިސްނިދާނެއެވެ. އަހަރެއްގެ ތެރެއިން މަސްދުވަހެއްގެ މިބުނެވިދިޔަގޮތުން ފައިދާޔަށް ނުކުތް މިންވަރެއް، އަހަރުގެ އެހެން މައްސަރުތަކުގައިވެސް ފައިދާއަށް ނެރުމަށް ގަދައަޅައިފިނަމަ އެއީ މާދަތިކަމަކަށް ނުވާނޭކަން ފައުޅުވެގެންވެއެވެ.

ތަނަވަސްކަމުގެ އަހުލުވެރިޔާ ކިރިޔާ ފަރިޔާ ފަޖުރުނުލާހުއްޓައި، ހުރިހައި ރަނގަޅު ތަކެއްޗަކުން ކައިބޮއި ބަނޑުބޮޑުކޮށްގެން، ޘަވާބު ގިނަގުނަވެގެންވާ މަތިވެރި އަޅުކަމެއްގެ ނިޔަތްގަނެގެން ރޯދަޔަށް ހުއްޓައި ދުވާލުގެ މެންދުރަކާއި ކައިރިވާއިރު ބަނޑުހައިކަމުގެ އަސަރު ހަށިގަނޑުގައި ހިނގައިލީމާ، ގައިގެ ހަކަތަ ދެރަވާގޮތްވެ، ބޯ ބަރުވެފައި ނިދިއަންނަގޮތް ދިމާވެދެއެވެ. އަދި ރުޅި އަރާގޮތް މާ ގާތްކަމަކަށް ވެދެއެވެ. މިއިރު މީނާއަށްޓަކައި ރޯދަވީއްލައިގެން ކައިބޮއި ހަދާނޭ ހިތްއެދޭ ތަކެތި ތައްޔާރުވާތީ ފެނިފެނިހުރެއެވެ. މިވާ އެއްޗަކަށް ވިސްނައިފިނަމަ، އެއީ ރޯދައިގެ ޙާލުގެ ދޫ ރޯދަވެރިޔާއާއި ޚިޠާބު ކުރަނީކަން ރަނގަޅަށް ވިސްނޭނެއެވެ.

މައުޟޫޢަކީ: އޭ މާތްވެގެންވާ ރޯދަވެރިޔާއެވެ. ކަލެއަކީ ތަނަވަސްކަމުގެ ވެރިޔާއެވެ. ކަލޭގެ ރޯދަޔަށް ތިޔަހުރީ، ވެވޭހައި ރަނގަޅަކަށް ރަނގަޅު ތަކެތީން ހައުރުކައިގެންނެވެ. ކަލޭ ތިޔަ ރޯދައިން އެދޭ ޘަވާބާއި ބަރަކާތް ގިނަގުނައެވެ. ކަލޭގެ ރޯދަވީއްލުމަށްޓަކައި ހިތްއެދޭފަދައަކުން ދޮލަނގު ތައްޔާރުވާތީ ތިއަހަރެ ފެންނަނީއެވެ. މިކަމާއިއެކު މެންދުރާއި ކައިރިވާއިރު ކަލެއަށް ހައިހޫނުކަމުގެ ކެކުޅުން ތިއަހައި ބޭޤަރާރުކަން ދެނީވިއްޔާ، ދަތިކަމުގެ ސަބަބުން އެއްފަހަރު ކެއްޔާ ދެފަހަރު ނުކައި އެތިބޭ ނިކަމެތީންނަށް ހައިހޫނުކަމުން ކިހައިވަރެއް ވާނެތޯއެވެ. މިކަންމައްޗަށް ވިސްނައި ކަލޭގެ ބައެއް މަޖަލާއި، ތަރައްފުހީ ޚަރަދު އެކަށީގެންވާ މިންވަރަކަށް މަދުކޮށް އޭގެ ބަޔަކުންނަމަވެސް ފަޤީރު ނިކަމެތީންނާއި އެހީވާށެވެ. ލޭގެ އެއްބަނޑުކަމާއި، ދީނުގެ އަޚުކަމުގެ ޙައްޤުތަކަށް ފަރުވާތެރިވާށެވެ.

ކުޑަވެސް ޝައްކެއްނެތެވެ. ރޯދައިގެ ޙާލުގެ ދޫ މަޤާލުގެ ދުލަށްވުރެ ފަސޭހައެވެ. އޭގެ މާނަ ބުނާ ބަހެއްގެ މާނަޔަށްވުރެ ޞަރީޙައެވެ. ބޭނުންވެގެންވަނީ ތަޖްރީބާކާރު މީހަކަށެވެ. ވިސްނޭ ހިތަކަށެވެ. ހިތުގެ މަޑުކަމާއި ރަޙުމަތްތެރިކަމަށެވެ. ރަމަޟާންމަހާއި ވިދިގެން ފިޠުރުޒަކާތް ވާޖިބުވުމުގެ ސިއްރަކީވެސް ރޯދައިގެ ޙިކުމަތަށް ވިސްނައިފި މީހަކަށް ވަންހަނާވެގެންވާނޭ ކަމެއްނޫނެވެ.

ހިތާމަހުއްޓެވެ. ރޯދަވެރީންކުރެ ހާހަކުން މީހަކުވެސް ރޯދައިގެ މާނައަށް ވިސްނައޭ ހީއެއްނުވެއެވެ. ރޯދަމަސް ކުރިމަތިވާހިނދުން، ރޯދަޔަށްޓަކައި ތައްޔާރުވެވޭތީ ފެންނަނީ ކުޅިވަރުގެ ސާމާނުތަކެވެ. ގޯސް އެއްވުންތަކާއި ވިޔާނުދާ ވާހަކަތައް ދައްކައި ހުސްއަނގަ ތެޅޭނޭގޮތްތަކެވެ. ރޯދަމަހަކީ ރޯދަމަހެވެ. އެއިޤްތިޞާދުގެ މަތިވެރި ދަރުހެވެ. ނަމަވެސް އެމައްސަރަށްޓަކައި އަޅުގަނޑުމެންނަށް ތައްޔާރުވެވެނީ ފުރިހަމަ ހަމަސްދުވަހުގެ ޚަރަދެވެ. އެއީ ޚަރަދު މަދުކޮށް ލިބުނު ތަކެއްޗަކުން ބައެއް އިތުރުކޮށްފައި ޞަދަޤާތް ދިނުމުގެ މަގަށް ގޮވާ މައްސަރެވެ. މިމައްސަރުގެ އުރަދުއަޅައި އަޅުގަނޑުމެން ދަރައިވިކެނީއެވެ. ރޯދަމަހާއި އެމާތް ރޯދައިގެ ކަރާމާތް ނަފީކުރާގޮތްތަކުން މާތްރަސްކަލާނގެ އަޅުތަކުން ދުރުވެގަތުން މައްޗަށް އެއްބާރުލާނޭނަމަ ކޮންފަދަތޯއެވެ.

ފޫބެދޭގޮތަށް ވެވޭ ކަންތައް ހަމަ މަދީއެވެ. ތަރާވީސްދަމަށާއި ހައުރުދަމަށާއި، އިރުއޮއްސޭ ވަގުތަށް އެހުރިހައި ތަކެއްޗެއް ތައްޔާރުކޮށް އެހައިވަރެއް ނޭރުވިއަސް ފުދިދާނެއެވެ. ސައި، ފަނި، ޝަރުބަތު، ގުޅަ އެކިބާވަތުގެ ފަތަފޮޅީން އެވަރުނުކުރިއަސް ވެދާނެއެވެ. އެކަމަކު...... ހައުރުވެސް އޭގެގޮތުގައި ކާކަށް ނުކެރެއެވެ. އެކަމާދޭތެރޭ އައިސްފައިވާ ޙަދީޘްފުޅު ބަޔާންކުރާ ޘަވާބު އެއީ ބޭނުންކަމަކަށް ނުހެދެއެވެ.

މާތް ޙަދީޘްގައިވަނީ: މިއުއްމަތުގެ މީހުން ހެޔޮލިބޭ ރަނގަޅުގޮތުން ފިލައިނުދާނެއޭ، އެމީހުންގެ ހައުރުކެއުން ފަސްކުރުމާ، ރޯދަވީއްލުން އަވަސްކުރުންމަތީ ދެމިތިބިހައި ހިނދަކު! ޙަދީޘް ކަރީމް. މާނައަކީ، ހައުރަ ކެއުން އެދެވިގެންވަނީ ފަޖުރާއިމެދު ޝައްކުނުވާ ހިސާބުން ފަޖުރާއި ވީހައިވެސް ކައިރިއެއްގައެވެ. ޘަވާބު ގިނަގުނަވެގެންވާ ސުންނަތް ގޮތަކީ މިއެވެ. ރޯދަ ވީއްލުން އެދެވިގެންވަނީ އިރުއޮއްސުނުކަން އެނގުމަށްފަހު ވީހައި އަވަހަކަށެވެ. މިއީ ޘަވާބު ގިނަގުނަވާ ސުންނަތްގޮތެވެ.

މެންދަމުގެ ކުރީގައި ކޭއެއްޗެއް އެއީ ކަލިޔާބިރިންޖީ ކަމުގައިވިއަސް ހައުރަކަށް ނުފުދޭނެއެވެ. މިހެންނަމަވެސް މިހާރު ދަންބެރާއެކު ހައުރުކައިގެން ނޯށޯންނަނީ ކިތައް ގޭގައިބާއޭ ހީވެއެވެ. ރޯދައިގެ އެއްމެ މުހިއްމު އެއްސުންނަތް މަރުވަނީއެވެ. ކަމަކީ ކަންނެތްކަމެވެ. ނިންޖަށް އަޅުދާސްވުމުގެ ބޮޑުކަމެވެ. ނަފުސަށް އިޢުތިމާދު ނުވާކަމެވެ.
ރޯދަމަހުގެ ލައިލަތުލް ޤަދުރިވިލޭރެއަކީ އެރޭގެ ކޮންމެ އަޅުކަމެއްގެ ޘަވާބު ހާސްމަސްދުވަހު އަޅުކަމަށްވުރެ ބޮޑުކަން އެނގި ސާބިތުވެފައިވާ ރެއެކެވެ. އެއީ ވަކި މިވެނި ރެއެއްކަން ވަންހަނާ ކުރެވިފައިވަނީ އަޅުތަކުން އިނާމު ހޯދައިގަތުމުގައި ވާދަ ދުއްވުމަށްޓަކައެވެ. ރޯދަމަހުގެ ކޮންމެ ރެއަކު އެދެވޭ މަގުން އަޅުކަންކޮށް، އެޔާ ވިދިގެން ދެން އަންނަ ރެއަކީ ލައިލަތުލްޤަދުރި ވިލޭރޭކަމަށް ވެދާނޭކަން މައްޗަށް ފަރުވާވެ އެމަހުގެ ހުރިހައި ރެއެއް އަޅުކަމުން ދިރުވައިފި އަޅަކު ބޮޑުވެގެންވާ ނަސީބާއި ދަރުމަ ލިބިގެންފިއެވެ. މިހުން ނޫންނަމަ، އިންސާނިއްޔަތަށް ހުށަހޮޅިފައިވާ އިލާހީ މުބާރާތުގައި ބައިވެރިނުވުމުގެ ދެރައާއި ގެއްލުމާއި ހުތުރުގެ ބޮޑުކަމާއެވެ.

އެއީ ރޭތަކާއި ދުވާތަކުގައި އިޖާބަވަންތަކަން ހިމެނިގެންވާ ދަރުމަވަންތަ މައްސަރެކެވެ. ޤުރްއާން ކިޔެވުމާއި، ނަމާދުން އެހެނިހެން ޒިކުރާއި ޚައިރާތުން އެމަހަށް އިތުރު ތަރުޙީބެއް ނުދިން މުސްލިމަކީ ފުރިހަމަކަމުން މަޙުރޫމްވެގެންވާ ނަސީބުކުޑަ މީހެކެވެ. ރަމަޟާން މަހުގެ ތަރުޙީބަށްޓަކައި އެންމެ ކުޑަމިނުން، ދުވާލު ޤުރްއާނުގެ ފޮތެއްގެ މިންވަރުން ޒިކުރެއްކޮށް ރޭގަނޑު ތަރާވީޙުގެ މިންވަރުން އަޅުކަމާއި މަޝްޢޫލު ނުވިމީހަކީ ދީނަށް ޙުރުމަތެއްނެތް މީހެކެވެ. މިވެނި މުބާރާތަކުން ތަށިލިބުނު މީހަކަށް މިތައް 100ރ. ލިބޭނޭކަން އެނގޭނަމަ އެމުބާރާތުގައި ބައިވެރިނުވެ ނުކެރޭ ކޮންމެ މީހަކު، ރަމަޟާން މަހުން މާތްރަސްކަލާނގެ އަޅުތަކުންގެ މައްޗަށް ހުށަހަޅުއްވައިފައިވާ އިލާހީ މުބާރާތުން ލައިލަތުލްޤަދްރިގެ އިނާމް ލިބިގަތުމަށް ހީވާގިވާހުށިކަމެވެ. މިހެން ނޫންނަމަ.....

އީމާނީ ރިވެތިގޮތުގައި ރަމަޟާންމަހުގެ ރޯދަ ހިފައިފި މީހާއަށް ލިބޭހުށިކަން އެނގިފައިވާ ނިޢުމަތާއި ޝަރަފުގެ ބޮޑުކަމާއެވެ. ޤިޔާމަތް ދުވަހުން ހިސާބު ބެއްލެވޭހިނދު މަޡުލޫމުންނަށް ޡާލިމުންގެ ކިބައިން ބަދަލު ލިބެދެވުމުގައިވެސް ރޯދަވެރިއެއްގެ ރޯދަ އަނެކަކަށް ލިބިނުދެއްވާނޭކަން އެނގިފައިވެއެވެ. އެކަނި މިއެއްނޫނެވެ. މިކަހަލަ ހާހެވެ. ގިނަކުޅައުން އެދޭނަމަ......

ޝައްވާލުމަހަކީ ރޯދަމަހެއް ނުމެނޫނެވެ. އެކަމަކު ޝައްވާލުމަހުގެ ހަރޯދައަކީ ރޯދަމަހުގެ ރޯދައާއި ވަކިވެގެންވާ ރޯދައެއްނޫނެވެ. ރަމަޟާން މަހުގެ ރޯދަ ހިފުމުގެ ފުރިހަމަކަށް ފުރިހަމަވާހުށީ ޝައްވާލުމަހުގެ ހަރޯދަހިފުމުންނެވެ.

ދިވެހި ޖައްވަށް ނޭވާލާ އިސްލާމު އަޚުތަކުންނަށް ވާޖިބުވެގެންވަނީ އިލާހީ ގޮވުންތަކަށް ރިވެތި އިޖާބަ ދިނުމެވެ. ވެހޭތާ ފެންނެގުމެވެ.

މުރާދު ގެއްލިއްޖެ މީހާއަށް ލިބޭހުށީ ޙުނައިނުގެ ދެޚުއްފުއެވެ.

كلّ الصّيد فِي جَوفِ الفرا، والسّلام على من التبع الهدى
............................................
(1 ރަމަޟާން 1368 ގެ ސަރުކާރު ޙަބަރު)

Read more...

24 July 2011

ރޯދަ މަހާއި ރޯއްޖާއެވެ

ޢަބްދުﷲ ފަހުމީ ދީދީ ރަޙިމަހުﷲ
އޭ މާތްވެގެންވާ އިސްލާމް ތަކުންނޭވެ! އެތައް ގޮތަކުން މެދުވެރި ވެފައިވާ ދަތިކަމާއި ތަދުކަމެއް ހާސްކަމެއްގައި ތިޔަބައިމީހުން ފިލައި ނުދެތެވެ. ހަމަ ތެދު ތެދެވެ. އެއްވެސް އޮޅުމެއް ނެތް ސާފުގޮތުން ތިޔަބައިމީހުންގެ ހިތުގެ އެދުންތަކުގެ މޫނު މިއަދު އަނބުރާލައިގެންވަނީ، އެފަރާތް ފިޔަވައި ދެން ދެވަނަ ފަރާތެއް ނެތް މަތިވެރި ފަރާތަށެވެ. މުރާދު ތަކުގެ ޤިބްލަ އަށެވެ. ރަޙީމުވަންތަ އިޖާބަވަންތަ މާތް ރަސްކަލާންގެ ކިބަފުޅަށެވެ.

ހުރި އުހައުވެރިކަމެއްގެ ބޮޑުކަމާއިއެވެ! ނިޔަނެތި ނަޞީބު ވަރަށް އޯގާވެރި ގޮތަކުން، މިއަދު ތިޔަބައިމީހުންނަށް ބަލާލައިފިއެވެ. މިއޮއް އައީ ބަރަކާތްތެރި ވެގެންވާ ރަމަޟާން މަހެވެ. ޢަމަލުގެ ޘަވާބު ގިނަގުނަވާ މަހެވެ. ރަޙުމަތާއި ޢަފޫ ބާވައިލެއްވުމުގެ ޚާއްޞަ މައްސަރެވެ. ރޯދަމަހާ ރޯއްޖާއެވެ.

ޢަފޫއާއި ސަލާމަތް ހޯދައިގަތުމަށް ގަދަ އަޅާންވީއެވެ. ރަޙުމަތުގެ ވިލާގެ ފެން، ބޭނުންވަރަކަށް ނަގާންވީއެވެ. ރޯދައިގެ ޢިއްޒަތްތެރި މެހެމާނައިގެން އިޙްތިރާމްގެ ޙަފްލާއެއް ޤާއިމްކުރާންވީއެވެ. ލައިލަތުލް ޤަދްރީގެ ރޭހުން އިނާމެއް ލިބޭތޯ ތަންކޮޅެއް ނުބަހައްޓާ މަސައްކަތް ކުރާންވީއެވެ. مَنْ جَدَّ وَجَدَ އަކީ، ފިތުރަތުގެ އަލި މޮޓޯކަން ހަނދާންނެތި ނުކުރާށެވެ. މި ބަރަކާތްތެރި ޡަރްފުގައި ކިރިޔާވެސް ވިސްނައިފި ކަނބުރަކަށް އެއްދޮނުގައި ދެބުޅި ޖެހިދާނެއެވެ. ޔަޣުނީ: އިސްލާމީ ޤަވާޢިދުގެ އަސާސީ ފަސް ރުކުނުގެ ތެރެއިން، ހަތަރުވަނައަށް ގުނޭ މާތް ރޯދައިގެ ވާޖިބު ކަމުގައިވާ ރުކުން، އޭގެ ހެޔޮ މުސޫމުގައި އަދާވެވިދާނެއެވެ. މިކަމަށް ބެހެއްޓުނު އިހްތިރާމް، މިވަޤުތު ޖެހިފައިމިވާ ޙާލުތަކާމެދު ދެންނެވުނު އާދޭހެއްގެ މަޤާމުގައި ޤޫލުވެވިގެން މާތް ރަސްކަލާންގެ އެޙާލުތަކަށް ހެޔޮބަދަލު ފޮނުއްވަވާފާނެއެވެ.

ރޯދައަކީ މަތިވެރި މާނަތަކުން ފުރިގެންވާ ޚާއްޞަ އަޅުކަމެކެވެ. އިންސާނީ ޙަޔާތް ބާއްޖަވެރި ކުރުމުގެ ޤަވާޢިދު އެފަރާތަށް ގޮވާ ކަމެކެވެ. އިލާހީ ފޮތް ތަކަށް އެކަން މައްޗަށް އެއްބާރުލާ ކަމެކެވެ. އިންސާނީ ދައުރު ފެށުމާއެކު އޭގެ އާދަ ޖާރީ ވެފައިވާ މުސްކުޅި ހަރުކަމެކެވެ. ތެދުގޮތުން ރޯދައަށް ހުރި މީހަކު ދުވާލުގެ ހަވީރު އަތަށް އެޅީމާ އެވާ ގޮތްތަަކަށް އިންސާނާ ވިސްނާލައިފިނަމަ، ނިކަމެތީންނަށްވެސް ބަނޑުހައި ހޫނުކަން ލިބެނިވި ކެކުޅުންތައް ހިތަށް ކަޝްފުވާނެއެވެ. އޭރުން މާތް ވެގެންވާ އިސްލާމްދީނުގެ އަޞްލު ފަސްރުކުނުގެ ތެރެއިން ރޯދާގައި ހިމެނިފައިވާ ޙިކުމަތްތައް ވެސް ފައުޅުވާނެއެވެ. އިޤްތިޞާދުގެ އެންމެ މަތިވެރި އެއްދުސްތޫރު ކަމުގައި ރޯދަވެއެވެ. ކޮންމެވެސް ރޯދައިގެ ނަމުގައި މާބޮޑު އިސްރާފްތަކެއް ނުކޮށް ވޭތޯ ބަލާށެވެ. ރޯދަމަހު އެނޫން އިރަށްވުރެ އަޅުކަމާ ގައިގޯޅިވެ ޤުރުއާން ކިޔެވުން ގިނަކުރުމީ ރޯދައާއި އިޙްތިފާލްކުރުމުގެ އެންމެ ރިވެތި ސުންނަތެވެ.

ނޯޓް: މިއީ 01 ޝައްވާލު 1366 ގެ ސަރުކާރުގެ ޚަބަރު ، އަލްއިސްލާމް – ދީނުލްފިޠްރާ-1 އިން ނަގާފައިވާ ލިޔުމެކެވެ.

Read more...

04 September 2010

އިސްލާމީ ޝަރީޢަތުގައި ރޯދަ

އައްޝައިޚް މުޙައްމަދު ޝަހީމް ޢަލީ ސަޢީދު
الحمد لله الذي كتب علينا الصيام و جعله من أركان الإسلام ، و الصلاة و السلام على من بلغ رسالة ربه ، سيدنا محمد و على آله و صحبه و سلم ، و يعد :
އާދެ! އެހެނިހެން އުންމަތްތަކުގެ މީހުންގެ މައްޗައްވެސް ރޯދަ ފަރުޟުކުރެއްވުނު ފަދައިން މާތް ﷲ، މުޙައްމަދުގެފާނުގެ އުންމަތުގެ މީހުންގެ މައްޗަށްވެސް ރޯދަ ފަރުޟުކުރެއްވިއެވެ. އެއީ އެކަލާނގެ ކިބަފުޅަށް ބިރުވެތިވެ ތަޤުވާވެރިވުމަށެވެ. ދެންފަހެ ރަމަޟާންމަހުގެ ދުވަސްތައް އަޅުގަނޑުމެންނާއެކު ތަކުރާރުވަމުންދާއިރު، ރޯދައާއިބޭހޭގޮތުން ބައެއްފަހަރު ބޭނުންވެދާނެ މަޢުލޫމާތު ތަކެއްވެސް ވާނެކަންޔަޤީނެވެ. މިހެންކަމުން އަޅުގަނޑު މި މަޒްމޫނު ޚާއްޞަކޮށްލާނީ ރޯދައާއި އޭގެ ބައެއް ޙުކުމުތަކާއި، އަދި ފިޠުރު ޒަކާތުގެ މައްޗަށްވެސް ކޮންމެވެސް ވަރަކަށް އަލި އަޅުވާފައިވާ ލިއެވޭ މަޒްމޫނެއްގެ ގޮތުގައެވެ. ﷲ ތައުފީޤް ދެއްވާށި އާމީން.

ރޯދައިގެ ތަޢުރީފް
(الصيام) މިއީ ޢަރަބި ލަފްޒެކެވެ. ޢަރަބި ބަހުގައި އެބަހުގެ މާނައަކީ ހަނުހުރުމެވެ. މިލަފްޒު ހަނުހުރުމުގެ މާނައިގައި ކީރިޤުރުއާނުގެ މަރްޔަމް ސޫރަތުގެ 26 ވަނަ އާޔަތުގައި ﷲ ތަޢާލާ މަރްޔަމްގެފާނަށް ވަޙީކުރެއްވި ބަސްފުޅެއްގެ މާނާގައި ވެއެވެ. "ދެން ކަމަނާއަށް މީހަކު ފެނިއްޖެނަމަ ބުނާށެވެ. ހަމަކަށަވަރުން އަހުރެން މިއިނީ ރަޙްމާންވަންތަ ރަސްކަލާނގެ ކިބައަށް ރޯދަހިފުމަށް ނަދުރު ގަނެގެންނެވެ! ވީމާ އަދު އަހުރެން، އެއްވެސް މީހަކާ ވާހަކަދައްކައި އުޅޭކަށްނެތީމެވެ." މިތަނުގައި މިލަފްޒުގެ މުރާދަކީ ވާހަކަނުދައްކައި ހަނުހުރުމެވެ.

ދެންފަހެ ރޯދައިގެ ޝަރުޢީ މާނައަކީ : ފަޖުރުލީއްސުރެން ރޯދަހިފުމުގެ ނިޔަތުގައި، އިރުއޮއްސިއްޖައުމަށް ދާންދެން އެރޯދަ ގެއްލައިފަނިވި ކަންކަމުން މަނާވެގެންހުރުމެވެ.

ރޯދަފަރުޟުކުރެއްވިކަމުގެ ދަލީލު :
ރަމަޟާންމަހުގެ ރޯދައަކީ ފަރުޟު ރޯދައެއްކަމަށް ކީރިތި ޤުރުއާނާއި، ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތާއި އުންމަތުގެ އިޖުމާޢުގައި އައިސްފައިވެއެވެ. މާތްﷲ ވަޙީކުރެއްވި ބަސްފުޅެއްގެ މާނާގައިވެއެވެ. "އޭ އީމާންވީ މީހުންނެވެ! ތިޔަބައިމީހުންގެ ކުރީގެ މީހުންގެ މައްޗައް ރޯދަ ފަރުޟުކުރެއްވުނުފަދައިން، ތިޔަބައިމީހުންގެ މައްޗަށްވެސް ރޯދަ ފަރުޟުކުރެވިއްޖެއެވެ. އެއީ ތިޔަބައިމީހުން ތަޤްވާވެރިވުމަށްޓަކައެވެ.

ކީރިތި ރަސޫލާގެ ސުންނަތް : (بني الإسلام على خمس ، شهادة ألا إله إلا الله و أن محمدا رسول الله ، و إقام الصلاة ، و إيتاء الزكاة ، و صيام رمضان ، وحج البيت) މިބަސްފުޅުގެ މާނައަކީ : "އިސްލާމްދީން ބިނާވެފައިވަނީ ފަސްކަމެއްގެ މައްޗަށެވެ. އެއީ ﷲގެ އެއްކައުވަންތަކަމަށް ހެކިވުމާއެކު މުޙައްމަދުގެފާނީ ﷲ ގެރަސޫލާކަމަށްހެކިވުމާއި، ނަމާދުޤާއިމުކުރުމާއި، ޒަކާތްދިނުމާއި. ރަމްޟާން މަހު ރޯދަހިފުމާއި، ގެފުޅަށް ޙައްޖުވުމެވެ."

އުންމަތުގެ އިޖުމާޢު : މުޙައްމަދު ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ނަބަވީ ޙަޔާތުން ފެށިގެން އަދާހަމައަށް، ރޯދަމަހުގެ ރޯދައަކީ ފަރުޟު ރޯދައެއްކަމާއި، އެއީ އިސްލާމްދީނުގެ އެއްރުކުންކަމުގައްޔާއި، އެއަށް އިންކާރުކުރާމީހާއަކީ ކާފިރުވެ މުރުތައްދުވެ އިސްލާމުންގެ މިއްލަތުން ބޭރުވެފައިވާ މީހެއްކަމަށް މިއުންމަތް އިޖުމާޢުވެފައިވެއެވެ. ރޯދަ ފަރުޟުކުރެއްވުނީ ހިޖުރައިން ދެވަނައަހަރު ޝަޢްބާންމަހުގެ ދެވަނައަށްވީ ހޯމަދުވަހު އެވެ.

ރަމަޟާންމަހާއި އެމަހުގެ ރޯދައިގެ މާތްކަން
ރަމަޟާންމަސް ގާތްވުމުން އެމަހުގެ މާތްކަން އުއްމަތަށް ބަޔާންކުރައްވަމުން ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވިދާޅުވި ބަސްފުޅެއްގައިވެއެވެ. (قد جاءكم شهر مبارك ، افترض الله عليكم صيامه ، تفتح فيه أبواب الجنة ، و تغلق فيه أبواب الجحيم ، و تغل فيه الشياطين ، فيه ليلة خير من ألف شهر ، من حرم خيرها ، فقد حرم) މިބަސްފުޅުގެ މާނައަކީ "ހަމަކަށަވަރުން ބަރަކާތްތެރިވެގެންވާ މައްސަރެއް ތިޔަބައިމީހުންގެ ގާތަށް އަތުވެއްޖެއެވެ. ﷲ ތިޔަބައިމީހުންގެ މައްޗަށް އެމަހުގައި ރޯދަ ހިފުން ފަރުޟުކުރައްވައިފިއެވެ. އަދި އެމަހުގައި ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވެއެވެ. އަދި ނަރަކައިގެ ދޮރުތައް ބަންދުކުރެވެއެވެ. އަދި ޝައިޠާނުން ކަސްތަޅުއެޅުވެއެވެ. އެމަހުގައި، އެއްހާސް މައްސަރަށްވުރެން ހެޔޮކަންބޮޑު ރެއެއްވެއެވެ. އެރޭގެ ހެޔޮކަމުން މަޙްރޫމުވެއްޖެމީހާ، ފަހެ ހަމަކަށަވަރުން މަޙްރޫމް ވެއްޖެއެވެ." މިޙަދީޡް ރިވާކުރެއްވީ އަލްއިމާމް އަޙްމަދާއި، އަލްއިމާމު ނަސާއީއާއި، އަލްއިމާމު ބައިހަޤީއެވެ. އަދި ރަމަޟާންމަހުގެ ރޯދައާ ބެހޭގޮތުން ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޡްކުރައްވާފައިވެއެވެ. "من صام رمضان إيمانا واحتسابا غفر له ما تقدم من ذنبه" މާނައީ : "ﷲ ގެ އެއްކައުވަންތަކަމަށް އިމާންވުމާއެކު އެކަލާނގެ ހަޟްރަތުން ސަވާބާއި ދަރުމަ އެދޭ ޙާލު ރަމަޟާންމަހު ރޯދަހިފައިފިމީހާ ދަންނާށެވެ. އެމީހާގެ އިސްވެ ގޮސްފައިވާ ފާފަތައް ފުހެވިއްޖެއެވެ." މިޙަދީޡް ރިވާކުރެއްވީ އަލްއިމާމުލް ބުޚާރީއާއި، އަލްއިމާމު މުސްލިމެވެ.

ރޯދަ ވާޖިބު ވުމުގެ ޝަރުޠުތައް
ރޯދަ ވާޖިބު ވުމުގެ ޝަރުޠުތައް އެއީ:
1- އިސްލާމަކު ކަމުގައި ވުން
2- ބާލިޣުވެފައިވުން
3- ބުއްދިހުރުން
4- ރޯދަހިފުމަށް ކުޅަދާނަވުން
5- ޤާއިމްވެހުރި މީހަކު ކަމުގައިވުން (ދަތުރުވެރިއަކު ކަމުގައި ނުވުން) މިއެވެ.

މިހެންކަމުން، ކާފިރުމީހާއާއި، ކުޑަކުއްޖާއާއި، މޮޔަމީހާއާއި، ގަނޑުވެފައިވާ މީހާއާއި، މަސްތުވެފައިވާ މީހާއާއި، މުސްކުޅިކަންބޮޑުކަމަށްޓަކައްޔާއި، ފަސޭހަނުވާފަދަ ބައްޔެއްހުރިކަމަށްޓަކައި ރޯދަ ހިފުމަށް ނުކުޅެދިފައިވާ މީހާއާއި، ދަތުރުވެރިޔާއާއި މިބުނެވުނު އެންމެންގެ މައްޗަށް ރޯދަ ވާޖިބު ނުވާހުއްޓެވެ.

ރޯދަ ޞައްޙަ ވުމުގެ ޝަރުޠުތައް
1- އިސްލާމަކު ކަމުގައިވުން
2- ބުއްދިނުފިލައިހުރުން
3- ޙައިޟު ނިފާސްފަދަ ކަންކަމުން ޠާހިރުވެ އިނުން.
4- ވަގުތުވަނުން (ފަރުޟު ރޯދަނަމަ ރަމަޟާންމަހަށް ހަނދުބެލުން.) މިއެވެ.

ދެންފަހެ ކާފިރުވެފައިވާމީހާ އާއި، މޮޔަވެފައިވާ މީހާއާއި، ޙައިޟް، ނިފާސްވެރިޔާއާއި، ވަގުތުގެކުރިން ރޯދަހިފާ މީހާގެރޯދަ ޞައްޙައެއް ނުވާނެއެވެ.

ރޯދައިގެ ރުކުންތައް
ދެންފަހެ ރޯދައިގެ ރުކުންތައް ތިނެކެވެ.
1- ފަރުޟު ރޯދައަށް ރޭގަނޑު ނިޔަތްގަތުން.
2- ހިފާރޯދަ ޢައްޔަންކުޅައުން(ޢައްޔަންކުޅައުމަކީ ހިފާރޯދައެއްނަމަ އެރޯދައަކީ ފަރުޟުރޯދައެއްކަން ނުވަތަ ސުންނަތް ރޯދައެއްނަމަ އެކަންވެސް ނިޔަތުން ޢައްޔަންކުޅައުމެވެ. ނިޔަތުގެ މަޙައްލަކީ ހިތެވެ. ދުލެއްނޫނެވެ. ދުލުން ކިއުމަކީ ޝަރުޠެއްނޫންކަމަށް ޝާފިޢީ މަޒުހަބުގެ އެންމެ ބޮޑު މުޖުތަހިދު ޢިލުވެރިއެއްކަމުގައިވާ އަލްއިމާމު ނަވަވީ އެކަލޭގެފާނު ލިއުއްވި ރަވްޟާގައި ބަޔާންކުރައްވާފައިވެއެވެ).
3- ރޯދަގެއްލޭކަންކަމުން ދުރުވެގަތުން. މިއެވެ.

ރޯދަ ފާސިދުކުރާ ކަންތައްތަކާއި، އެއާ ގުޅިފައިވާ އެހެނިހެން ޙުކުމްތައް
ދެންފަހެ ރޯދަ ގެއްލޭ ކަންކަމުގެ ތެރޭގައި ހަށިގަނޑަށް އެއްޗެއް ވާސިލުވާންހުރި ދޮރުތަކުގެ ތެރެއިން ދޮރަކުން އެއްޗެއް މީހާގެ އެތެރެހައްޓަށް ވާސިލުވެއްޖެނަމަ ރޯދަގެއްލިދާހުއްޓެވެ. އަދި ހަމަ އެހެންމެ ދެދޮރުންކުރެ ދޮރަކުން ބޭހެއްކުޅަގޮތަކުން އެތެރެހައްޓަށް އެއްޗެއް ވާސިލުވުމާއި، ނުވަތަ އެކުން ފުރައި އަނގަޔަށް ނުވަތަ ނޭފަތަށް ފެންލުމުން އެތެރެހައްޓަށް ވާޞިލުވެއްޖެނަމަ ރޯދަގެއްލިދާހުއްޓެވެ.
ފަހެ ފުރައިހަމަކޮށް އަނގަޔަށް ނުވަތަ ނޭފަތަށް ފެންލުމަކާނުލައި މިދެކަމަކުންކުރެ ކަމަކުން ފެންފޮދެއް ވާޞިލުވިޔަސް ރޯދަ ނުގެއްލޭނެއެވެ. އަދި ހަމަ އެހެންމެ އެއްޗަކުން ވަސްބެލުމުންނާއި، ވަހެއްގެ އަސަރު ބޮލުގެތެރެއަށް ވަނަސް ރޯދަނުގެއްލޭނެއެވެ. އަދި ހަމައެހެންމެ އެއްޗަކުން ރަހަބަލަން އުޅުމުގެތެރޭގައި އެއިގެ ރަހަ ކަރުތެރެއަށް ވާސިލުވިޔަސް، އަދި ލޮނުން ކޯދޮންނައިރު އޭގެ ރަހަ ކަރުތެރެއަށް ދިޔަޔަސް، ނުވަތަ ހުޅުވިގެންވާ ދޮރެއްނޫން ތަނަކުން ވާޞިލުވި އެއްޗަކުން ރޯދަ ނުމެގެއްލޭނެއެވެ. މިސާލަކަށް ލޮލުގަ އަޅާ އަދުނުގެ އަސަރު ކަރުތެރެއަށް ފޭބިޔަސް ނުވަތަ އިސްތަށީގައިލާ ތެލުގެ އަސަރު އިސްތަށިބުޑުން ހަށިގަނޑަށް ވާސިލުވިޔަސް ރޯދަ ނުގެއްލޭނެއެވެ.
ދަންނާށެވެ! އެދުންވެރިކަމާއެކު ބީހުމުން މަނި ފައިބައިފިނަމަ ރޯދަގެއްލިދާހުއްޓެވެ. ނަމަވެސް ފިކުރުކުރުމުން، ނުވަތަ ލަދުވެތިތަނެއް ބަލައިގެން، ނުވަތަ ނިދީގައި މަނިބޭރުވިޔަސް އެމީހެއްގެ ރޯދަނުގެއްލޭނެއެވެ. އަދި ހަމަ އެހެންމެ އެމީހާގެ ރުހުމަކާނުލައި ގަދަކަމުން އަނގަޔަށް އެއްޗެއް އަޅައި ކައްވައިފިނަމަވެސް، ރޯދަނުގެއްލޭހުއްޓެވެ. އަދި ހަމަ އެހެންމެ ހަނދާންނެތިވެގެން ކެއުމާއި، އަދި ހަނދާންނެތިވެގެން އަނބިމީހާއެކު އެއްދާންކުރިއަސްވެސް ރޯދަ ނުގެއްލޭނެއެވެ.
ދެންފަހެ ފަޖުރު ނުލާހެން ހީވަންޏާ ކެއުން ހެޔޮވާނެއެވެ. އަދި އިމާމު ނަވަވީ ވިދާޅުވެފައިވާ ގަދަބަހުގެ މައްޗަށް ،ފަޖުރުލުމާމެދު ޝައްކުވިޔަސް ކެއުން ހެޔޮވާހުއްޓެވެ. އެހެނީ އަސްލަކީ ރޭގަނޑު ވުމެވެ. ދެންފަހެ ފަޖުރުލުމާއިމެދު، ނުވަތަ އިރު އޮއްސުމާމެދު އިޖުތިހާދުކޮށް ކެއިނަމަ މިބަހީ ތިމާގެ ފިކުރުން ފަޖުރުނުލައޭހިތައި، ނުވަތަ އިރު އޮއްސިއްޖޭ ހިތައި ކައިފުމަށްފަހު އެމީހާގެ އިޖުތިހާދު ކުށްކަން އެމީހާ އަށް ފަހުން ބަޔާންވެއްޖެނަމަ އެމީހާގެ ރޯދަ ބާޠިލު ވެދާހުއްޓެވެ.
ފަހެ އެމިހާ ކާއެއްޗެހި އަނގައިގައި ވަނިކޮށް ފަޖުރުލައިފިނަމަ ،އެޙާލުގައި އެ އެއްލައިލަފިނަމަ އެމީހާގެ ރޯދަ ޞައްޙަވާނެއެވެ. އެކެއުމުން އެތިކޮޅެއްވިޔަސް ދިރުވައިލައިފިނަމަ އެމީހާގެ ރޯދަ ޞައްޙަނުވާހުއްޓެވެ. އަދި އެމީހާ އަށް އެގުމަކާއިނުލައި އެއިން އެތިކޮޅެއް ކަރުތެރެއަށް ދިޔަސް ރޯދަ ނުގެއްލޭނެ ކަމަށް ޝާފިޢީ މަޒުހަބުގެ މުޖުތަހިދު ދަންނަބޭކަލެއްކަމުގައިވާ ނަވަވީ އިމާމު ރައުޟާގައި ބަޔާންކުރައްވާފައިވެއެވެ.

ފަހެ އަނބިމީހާއާ އެކު ޖިމާޢުވާން އޮއްވާ ފަޖުރުލައިފިނަމަ އަދި އެޙާލުގައި ލުހެލައިފިނަމަ މަނިފޭބިޔަސް ރޯދަ ޞައްޙަވާހުއްޓެވެ. ފަޖުރުލައިފިކަން ނުދެނެހުރެ ލަސްވެއޮތަސް އެނގުނު ހިނދު ނިގުޅައިލައިފިޔަސް ރޯދަ ބާޠިލުވެދާހުއްޓެވެ.

ރޯދައިގެ ކައްފާރާ
ރަމަޟާން މަހު ދުވާލު ޝުބުހައެއްނެތި ޖިމާޢުކޮށް ރޯދަ ފާސިދުކުރިމީހާގެ މައްޗައް އެރޯދަ ޤަޟާކުރުމާއެކު ކައްފާރާ ދިނުން ވާޖިބުވާ ހުއްޓެވެ. ފަހެ ޖިމާޢުވުން ނޫންކަމަކުން ރޯދަގެއްލުވާލައިފި މީހާގެ މައްޗަށް ކައްފާރާދިނުން ވާޖިބު ނުވާހުއްޓެވެ. މިގޮތުން އަމިއްލައަށް އެދުންފުއްދުމުގެ ސަބަބުން މަނިބޭރުވިޔަސް، ނުވަތަ ތަނެއްބަލައިގެން، ނުވަތަ ފިކުރުކުރުމުގެ ސަބަބުން ބޭރުވިޔަސް ކައްފާރާއެއް ދޭކަން ނުޖެހޭނެއެވެ. އެމީހާގެ މައްޗަށް ވާޖިބުވެގެންވަނީ އެރޯދަ ޤަޟާކުރުމެވެ. އެހެނީ ކައްފާރާ އަކީ ހަމަ އެކަނި ރޯދަމަހުގެ ޙުރުމަތް ކަނޑައި ޤަސްތުގައި ޖިމާޢުވާ މީހާގެ މައްޗަށް އޮތް ކަމެއްކަމުގައި ނައްޞުގައި ވާތީއެވެ. އެނޫން ކަމަކުން ކައްފާރާ ދޭންޖެހޭނެ ކަމެއް އައިސްފައިވާކަމަށް އެނގިފައެއްނުވެއެވެ.
ފަހެ ނަދުރު ރޯދައާއި، ރަމަޟާންމަހުގެ ޤަޟާރޯދަފަދަ، ރަމަޟާންމަސް ނޫން މަހެއްގައި ހިފާ ފަރުޟުރޯދައެއް ނުވަތަ ސުންނަތް ރޯދައެއް ޖިމާޢުވުމަކުން، ފާސިދުކުޅަޔަސް ކައްފާރާއެއް ވާޖިބެއްނުމެނޫނެވެ. އަދި ދަތުރުވެރިޔާ ރޯދައަށް ހުރެފައި ޤަސްތުގައި ޖިމާޢުވިޔަސް އެންމެ ޞައްޙަކަން ބޮޑު ބަހުގައި ކައްފާރާދިނުން ވާޖިބު ނުވާހުއްޓެވެ. ރޯދައަށް ހުރެފައި ހަނދާންނެތިވެގެން ކެއުމަށްފަހުގައި އެކަމުން ރޯދަގެއްލިދާނެކަމަށް ހީވެ، ޖިމާޢުވުމުންނާއި، ނުވަތަ ރޯދައަށް ނިޔަތް ގަތުމަށްފަހު ފަޖުރުނުލާކަމަށް ހީކޮށް ޖިމާޢުވީ ފަހުން ފަޖުރުލައްޖެކަން އެނގިއްޖެނަމަވިޔަސް ކައްފާރާ ދިނުން ވާޖިބު ނުވާހުއްޓެވެ. ދަންނާށެވެ. ރަމަޟާން މަހުގައި ރޯދައަށް ހުރެ ކުރާ ޝުބުހައެއްކަމުގައިވާ ޖިމާޢުއަކީ ރޭގަނޑުން ބައެއްހުރިކަމާއި، ފަޖުރުލައްޖެކަމާއިމެދު ޝައްކުވާޙާލުގައި ކުރާ ޖިމާޢުފަދަ ޖިމާޢުއެވެ.
ފަހެ ރޯދަމަހުގައި ޢަމްދުން ރޯދަ ވީއްލައިފިނަމަ ދެން ބާކީ އޮތްބައިގައި އިމްސާކަށް ހުރުމާއެކު އެރޯދަ ޤަޟާކުރުން ވާޖިބުވާހުއްޓެވެ. އަދި ހަމަ އެހެންމެ ރަމަޟާންމަހުގެ ރޯދައަށް ރޭގަނޑު ނިޔަތްގަތުން އަޅައިފިމީހާގެ މައްޗަށާއި، އިރުއޮއްސިޖޭ ހިތައި ރޯދަވީއްލި މީހާގެ މައްޗަށާއި، ޝަޢްބާންމަހުގެ ތިރީސްވަނަ ދުވަހަކީ ރޯދަމަހުގެ އެއްވަނަ ދުވަސްކަން އެމީހާއަށް ބަޔާންވެއްޖެމީހާގެ މައްޗަށާއި، އަނގަޔަށް ނުވަތަ ނޭފަތައް ފެންލުމުގައި މުބާލަޣާ ކުރުމުގެ ސަބަބުން އެތެރެހައްޓަށް ފެން އިސްވެގެން ފައިބައްޖެމީހާގެ މައްޗަށާއި، މިއެންމެންގެ މައްޗައް އެފާއިތުވީ ރޯދަ ޤަޟާކުރުމާއެކު، ދުވަހުން ބާކީ އޮތްބައިގައި އިމްސާކަށް ހުރުން ހުއްޓެވެ. މިހެނީ މިއިން ކޮންމެ ކަމެއްވެދިޔައީ އެމީހާގެ އިހުމާލުންނެވެ. و الله أعلم

ރަމަޟާންމަހުގައި ވީއްލާރޯދަ
ރަމަޟާންމަހުގައި ވީއްލާރޯދަ ހައެކެވެ. އެއީ :
1- ރޯދަވިލުން ވާޖިބުވެ އެވީއްލި ރޯދަ ޤަޟާކުރުން ވާޖިބުވާ ރޯދައެވެ. އެއީ ޙައިޟުވެރިޔާއާއި، ނިފާސްވެރިޔާގެ ރޯދައެވެ.
2- ޤަޟާކުރުން ވާޖިބުވުމާއެކު ވީއްލަން ހެޔޮވާ ރޯދައެވެ. އެއީ ދަތުރުވެރިޔާގެ ރޯދައާއި، ބަލިމީހުންގެ ރޯދައެވެ.
3- ފިދުޔަ ދިނުމާއެކު ޤަޟާކުރުން ވާޖިބުވާ ރޯދައެވެ. އެއީ ތިމާނޫން މީހަކުގެ މައްޗަށް ގެއްލުމެއް ލިބިދާނެކަމަށްޓަކައި ދޫކޮށްލެވޭރޯދައެވެ. މީގެ މިސާލަކީ މައިމީހާ އޭނާގެ ބަނޑުގައިވާ ދަރިފުޅަށް ގެއްލުމެއް ލިބިދާނެހެން ހީވެގެން އެމައިމީހާ ދޫކޮށްލާރޯދައެވެ.
4- ޤަޟާކުރުން ވާޖިބުނުވެ ފިދުޔަދިނުން ވާޖިބުވާ ރޯދަ، މިކަންހުރީ ރޯދަހިފުމަށް ނުކުޅެދިއްޖެ މުސްކުޅިކަން ބޮޑުވެފައިވާ މީހާއެވެ. މިމީހާ ރޯދަ ވީއްލުން ހެޔޮވެ، މުއްދު ދިނުން ވާޖިބުވާ ހުއްޓެވެ.
5- ފިދުޔަދިނުން ވާޖިބުނުވެ ޤަޟާކުރުން ވާޖިބުވާ ރޯދައެވެ. މިރޯދަތައް ގިނައެވެ. މިސާލަކަށް، ހަނދާންނެތި ނިޔަތް ނުގަންނަ މީހާއާއި، ޖިމާޢުވުން ނޫންފަދަ ކަމަކުން ޤަސްދުގައި އަމްދުން ރޯދަ ވީއްލާ މީހާފަދަ މީސްމީހުންގެ ރޯދައެވެ. ފަހެ ޖިމާޢުވެއްޖެނަމަ އެމީހާގެ މައްޗަށް އެރޯދަ ޤަޟާކުރުމާ އެކު ކައްފާރާދިނުން ވާޖިބުވެގެންވެއެވެ.
6- ޤަޟާއެއްވިޔަސް، ފިދުޔައެއްވިޔަސް ދިނުން ވާޖިބުނުވުން. އެއީ މޮޔަމީހާގެ ރޯދައެވެ، އެއީ އެމީހާއަކީ އަސްލުގައިވެސް ތަކުލީފް ލިބިގެންނުވާ މީހަކަށްވާތީއެވެ.

ރޯދަވެރިއާ އަށް މަކްރޫހަވެގެންވާ ކަންތައްތައް
1- މީހުންނަށް ނުބައި ބަސްގޮވުން.
2- ރޯދަވީލުން ފަސްކުޅައުން، އެބަހީ އިރު އޮއްސިއްޖެކަން އެގުމުންވެސް، ޤަސްދުގައި ފަސްކުޅައުމެވެ.
3- ދަތުން އެއްޗެހި ހެފުން، ދަންނާށެވެ! ހަފައިފައިދިނީމާ ކައިއުޅޭދަރިއެއް ގެންގުޅޭ އަމާ އަށް ރޯދައަށް ނެތް އެކަން ކޮށްދޭނޭ މީހަކުނުވާނަމަ އެ އަމާއަށް އެކަން ކުރުން މަކްރޫހަވެގެނެއްނުވެއެވެ.
4- އެއްޗެތީގެ ރަހަބެލުން.
5- ކަވާޖެހުނުން.
6- ނާރުގެއްސުން. ދަންނާށެވެ! އިމާމު ނަވަވީ މިމައްސަލަ ރައުޟާގައި ބަޔާންކުރައްވާފައިވަނީ، އެއީ އައުލާކަން ބޮޑުވެގެންވާގޮތާއި ޚިލާފްކަމެއްގެ ގޮތުގައެވެ.
7- ޝަހުވަތްތެރިކަން ނުހިލޭ މީހާ އަނބިމީހާ ގައިގައި ބޮސްދިނުން، ފަހެ ޝަހުވަތު ހިލިދާނެނަމަ އެކަންކުރުން ހުއްދަވެގެން ނުވެއެވެ.
8- ޝަހުވަތާއެކު ހަލާލުތަނެއްބެލުން. ފަހެ ބެލުން ޙަރާމް ތަނެއް ބެލުމަކީ ޢަމްދުން ހަރާމް ކަމެކެވެ.

އެތެރެހައްޓަށް ވާސިލުވިޔަސް ރޯދަ ނުގެއްލޭ ތަކެތި
މީގެ ތެރެއިން ބައެއްކަންތައް ބުނެވިހިނގައްޖެއެވެ. ނަމަވެސް ހަނދާންކުޅައުމަށާއި، އިތުރުކުރުމަށް ބޭނުންވާތީ މިވާހަކަ ގެނައީއެވެ. ދަންނާށެވެ. އެމީހާގެ ރުހުމަކާއި ނުލައި، ނުވަތަ އެއީ ޙަރާމްކަމެއްކަން ނޭނގިހުރެ، ނުވަތަ ހަނދާންނެތުމުން ވިޔަސް އެތެރެހައްޓަށް އެއްޗެއް ވާސިލުވިޔަސް ރޯދަ ނުގެއްލޭހުއްޓެވެ. އަދި ހަމަ އެހެންމެ ފިލުވައިލަން ނުކުޅެދިއްޖެ ކާއެތިކޮޅެއްގެ މަތިން ކުޅުހިނގައިގެން ވާސިލުވާ އެއްޗެހިން ވެސް ރޯދަ ނުގެއްލޭނެއެވެ. އަދި ހަމަ އެއާއެކު އެތެރެހައްޓަށް ހިރަފުސް ވާސިލުވިޔަސް ރޯދަ ނުގެއްލޭނެއެވެ. އަދި ހަމަ އެހެންމެ އަނގަ ހުޅުވައިގެން ހުއްޓާ، މެހި، މަދިރި ފަދަ އެއްޗެއް ކަރުތެރެއަށް ވާސިލުވިޔަސް ރޯދަ ނުގެއްލޭނެއެވެ. و الله أعلم

ރޯދަވެރިއާ ކުރުން ސުންނަތްވެގެންވާ ބައެއްކަންތައްތައް .
ރޯދަވެރިޔާކުރުން ސުންނަތްކަން ގަދަވެގެންވާ ތިންކަމެއްވެއެވެ. އެއީ :
1- ހާރުކެއުން.
2- ހާރުކެއުން ފަސްކުރުން.
3- ރޯދަވީލުން އަވަސްކުރުން. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޡްކުރައްވާފައި ވެއެވެ. ( تسحروا فإن في السحور بركة ، ولا يزال الناس بخير ما عجلوا الفطر ، و أخروا السحور ) މިބަސްފުޅުގެ މާނައަކީ : "ތިޔަބައިމީހުން ހާރުކާށެވެ. ފަހެ ހާރުކެއުމުގައި ބަރަކާތްހުއްޓެވެ. އަދި (ރޯދަވީއްލާ ވަގުތު އައުމުން) އަވަހަށް ރޯދަވީއްލުމާއި، (ވީހާވެސް ވަގުތާއި ގާތްކޮށް) ހާރުކެއުން ލަސް ކުރާހާ ހިނދަކު މީސްތަކުން ހެޔޮކަމުން ފިލައިނުދާނެއެވެ."
އަދި ހަމަ އެހެންމެ ކަދުރުން ރޯދަވީއްލުމަކީ ސުންނަތްވެގެންވާގޮތެވެ. ދެންފަހެ ކަދުރު ނުލިބިއްޖެމީހާ ފެނުން ރޯދަވީލުމަށްވެސް ސުންނަތުގައި އިރުޝާދު ދެއްވާފައިވެއެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ބަސްފުޅެއްގައިވެއެވެ. (إذاكان أحدكم صائما فليفطر على التمر ، فإن لم يجد فعلى الماء فإنه طهور) މިބަސްފުޅުގެ މާނައަކީ : "ތިޔަބައިމީހުންކުރެ މީހަކު ރޯދައަށްހުރެއްޖެނަމަ އެމިހާ ކަދުރުން ރޯދަ ވީއްލާހުށިކަމެވެ. ދެންފަހެ ކަދުރުން ރޯދަވީއްލާން ނުލިބިއްޖެނަމަ ފަހެ ފެނުން ރޯދަވީއްލާހުށިކަމެވެ. ފަހެ އެއީ ޠާހިރު ކުރާ އެއްޗެކެވެ." (މީގެ މުރާދަކީ އެހެންތަކެތީގައި ނެތްފަދަ، ޠަހޫރުކަމުގެ ސިފަތައް އޭގައި ފުރިހަމަވެގެންވާ އެއްޗެކެވެ.)
އަދި ހަމަ އެހެންމެ ރޯދަވީއްލުމާއެކު މިފަދައިން ދުޢާ ކިއުންވެސް ސުންނަތްވެގެންވެއެވެ. (اللهم إني لك صمت ، وبك آمنت ، و عليك توكلت ، وعلى رزقك أفطرت) މިދުޢާގެ މާނައަކީ : "އޭ ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ ! މިއަޅާ އިބަރަސްކަލާނގެ ކިބަފުޅަށް ރޯދަހިފީމުއެވެ. އަދި އިބަރަސްކަލާނގެއަށް މިއަޅާ އީމާންވަމުއެވެ. އަދި އިބަރަސްކަލާނގެއަށް ވަކީލުކުރީމުއެވެ. އަދި އިބަރަސްކަލާނގެ ދެއްވި ރިޒުގުން ރޯދާ ވީއްލަމެވެ." އަދި މިނޫނަސްވެސް ތިމާއަށާއި، ތިމާގެ މައިންބަފައިންނަށާއި އަނބިދަރީންނާއި އެންމެހައި އިސްލާމުންނަށް، އެވަގުތުގައި ހެޔޮދުޢާކުރުމަކީ ހެޔޮކަމުގެ ތެރެއިންވާ ކަމެކެވެ. އަދި އެވަގުތަކި ދުޢާ އިޖާބަކުރެއްވޭ ވަގުތެއްވެސް މެއެވެ.

ރޯދަވެރިޔާ ދޫކޮށްލުން މުސްތަޙައްބު ބައެއްކަންތައްތައް
ރޯދައަށްހުންނަމީހާ ދޫކޮށްލުން މުސްތަޙައްބު ކަންކަމުގެ ތެރޭގައި، ކަވާޖެހުމާއި، ނާރުގެއްސުމާއި، ޝަހުވަތު ހިލިދާނޭފަދަ މީހަކުނަމަ އަނބިމީހާއާއެކު ލޯބިކުޅައުމާއި، ރޯދަ ބާޠިލުނުވިޔަސްވެސް ރޯދައިގެ އަސްލު ޙިކުމަތާއި އަރާރުންވާފަދަ ކަންތައްތައް ކުރުމާއި، ކެއުމުގެ ރަހަބެލުމާއި، ދަތުން އެއްޗެހި އުފުރުމާއި، މީރުވަސްދުވާ އެއްޗެތީގެ ވަސްބެލުމާއި، ޣީބަބުނުމާއި، ދޮގުހެދުމާއި، ދެބައޮޑުވުމާއި، މިފަދަ ހުރިހާކަމަކުން ސަލާމަތްވެހުރެ ރޯދަ ފުރިހަމަކުރުމަކީ ރޯދަވެރިއާގެ މައްޗަށް ސުންނަތްވެގެންވާ ކަމެކެވެ. ފަހެ މިކަންތައްތަކަށް އަރައިގަތުން، ރޯދައިގެ ޙިކުމަތް ގެއްލި ދިޔައީއެވެ. އެފަދަ މީހަކު ކެއުންބުއިން ދޫކޮށްފައި ތިމާ މިހިރީ ރޯދައަށޭބުނެ ހުރުމަކީ ފައިދާއެއް އޮތް ކަމެއްނޫނެވެ.

ފިޠުރު ޒަކާތުގެ ވާހަކަ
ރަމަޟާންމަހުގެ ރޯދައަށްފަހު ދެން މުއުމިނުން އަވަސްވެގަންނަނީ ފިޠުރުޒަކާތް ދިނުމަށެވެ. އެއީ އެބައިމީހުން ރަމަޟާންމަހުގައި ކުރި އަޅުކަންތައް ﷲ ޤަބޫލުކުރައްވާތޯއެވެ. މިހެންކަމުން ފިޠުރު ޒަކާތާބޭހޭގޮތުންވެސް ކޮންމެވެސް އެއްޗެއް ނުބުނެ ދޫކޮށްލަން ހިތްހަމައެއްނުޖެހެއެވެ.
ދެންފަހެ ފިޠުރުޒަކާތުގެ އަސްލަކީ އިތުރު ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުން ވާރިދުވެފައިވާ މާތް ޙަދީޘްފުޅުތަކެވެ. އޭގެތެރޭގައި އިބުނު އުމަރު ރިވާކުރެއްވި ޙަދީޘް ވެއެވެ. މިޙަދީޘްފުޅުގެ މާނައިގައި ވެއެވެ. "މުސްލިމުންގެ ތެރެއިންވާ ބޮޑެތިމީހުންނާއި، ކުޑަކުދީންނާއި، ފިރިހެނުންނާއި، އަންހެނުންނާއި، އަޅުންނާއި، މިނިވަނުންގެ މައްޗަށް، ކަދުރުން ނުވަތަ ހިމަ ގޮދަނުން ޞާޢެއް ދިނުން ފަރުޟު ކުރެއްވިއެވެ." މިޙަދީޘް ރިވާކުރައްވާފައިވަނީ ބުޚާރީ އިމާމެވެ.

ފިޠުރު ޒަކާތް ވާޖިބުވުމުގެ ޝަރުޠުތައް
އެކަންކަމަކީ :
1. އިސްލާމަކު ކަމުގައިވުން.
2. ރަމަޟާންމަހުގެ ފަހު ދުވަހު އިރުއޮސްފުހުނުމެވެ.
3. ތިމާ ނަފަޤާތްދިނުން ވަޖިބުވާ މީހުންނާއި، ތިމާޔާއި، ޢީދު ދުވަހާއި، ޢީދު ވިލޭރޭ ކާނޭތަކެއްޗަށްވުރެން އިތުރަށް އެއްޗެއްހުރުމެވެ.
ފަހެ މި ތިން ޝަރުތު ފުރިހަމަ ނުވާނަމަ ފިޠުރު ޒަކާތް ވާޖިބު ނުވާހުއްޓެވެ. ދަންނާށެވެ. މަސްމަހަށް މުސާރަ ދީގެން ގެންގުޅޭ މުސާރަ ވެރީންގެ ކިބައިން ފިޠުރު ޒާކާތް ނެރުން މުސާރަ ދޭމީހާގެ މައްޗައް ވާޖިބު ނުވާހުއްޓެވެ. ޒިނޭގެދަރިއާގެ ކިބައިން ފިޠުރު ނެރުން ވާޖިބުވާހުށީ އަމާގެ މައްޗަށެވެ. މިހެނީ އެކުއްޖާގެ ނަފަޤާތްވެސް ވާޖިބުވަނީ އެ އަމާގެ މައްޗަށް ކަމުގައި ވީތީ އެވެ.

ފިޠުރު ޒަކާތް ދިނުން ވާޖިވާ މިންވަރު
އާދެ! ފިޠުރު ޒަކާތް ދިނުން ވާޖިބުވާ މިންވަރަކީ ޞާޢެކެވެ. ޞާޢަކީ ހަސަތޭކަ އަށްޑިހަ ފަސްދިރުހަމާއި، ދިރުހަމަކު ހަތްބައިކުޅަ ފަސްބައެވެ. ދިރުހަމަކީ ބައި ކުޅަދެވެ. ދެން ފަހެ ޞާޢަކީ ހަތަރު މުއްދެވެ. މުއްދަކީ ސަތޭކަ ހަތްދިހައެއް ދިރުހަމާއި ދިރުހަމަކު ހަތްބައިކުޅަ ތިންބައެވެ.

ފިޠުރު ޒަކާތް ދިނުން ވާޖިބުވާ ވަގުތު
ފިޠުރު ޒަކާތަކީ ރަމަޟާންމަހުގެ ފަހުކޮޅު ދޭންޖެހޭ އެއްޗެއްކަމަށް ދަންނަބޭކަލުން އެއްބަސްވެ ވަޑައިގަންނަވައެވެ. ނަމަވެސް ސީދާ އެ ދޭން ޖެހޭ ވަގުތަކީ ކޮބައިކަމާމެދު އެބޭކަލުންގެ މެދުގައި ޚިލާފެއް އައިސްފައި ވެއެވެ. ދެންފަހެ އިމާމު ޘައުރީ އާއި، އިމާމް އަޙްމަދާއި، އިމާމު އިސްޙާޤާއި، މިބޭކަލުންނާއި، އަދި އިމާމު ޝާފިޢީގެ އާ މަޒުހަބުގައާއި، އިމާމު މާލިކު އަރިހުން އައިސްފައިވާ އެއްރިވާޔަތުގައި، ފިޠުރުޒަކާތް ނެރުން ވާޖިބުވާ ވަގުތަކީ ރަމްޟާން މަހު ފަހު ދުވަހު އިރު އޮއްސުމުން، ޢީދު ވިލޭރޭގައެވެ. އެހެނީ އެވަގުތަކީ ރަމްޟާން މަސް ނިމޭ ވަގުތު ކަމުގައި ވާތީ އެވެ.
އަދި އިމާމު އަބޫޙަނީފާއާއި އިމާމުއްލައިޘް، އަދި ޝާފިޢީގެފާނުގެ ކުރީގެ މަޒުހަބުގައާއި ،އިމާމު މާލިކުގެ އަރިހުން އައިސްފައިވާ ދެވަނަ ރިވާޔަތުގައި ފިޠުރު ޒަކާތް ނެރެންވާޖިބުވާ ވަގުތަކީ ޢީދު ދުވަހު ފަޖުރުލުމަށްފަހުއެވެ. މިއިން ކޮންމެ ގޮތަކަށް ޢަމަލުކުރިޔަސް އެންމެ ރަނގަޅެވެ. ޝަރުޠަކީ ޢީދު ނަމާދުގެ ކުރިން އޭގެ ހައްޤުވެރިންނަށް އެފޯރުކޮށްދިނުމެވެ.

ފިޠުރު ޒަކާތް ވާޖިބުވާ ވަގުތަށްވުރެ ކުރިން ދިނުން
ޢީދު ދުވަހުގެ އެއްދުވަސް ނުވަތަ ދެ ދުވަސްކުރިން ފިޠުތު ޒަކާތް ނެރެވިދާނެ ކަމަށް ގިނަ ދަންނަބޭކަލުން ވިދާޅުވެއެވެ. ހަމަ އެފަދައިން ޢީދު ދުވަހަށް ވުރެން ލަސްކުރުމަކީ ހުއްދަވެގެންވާ ކަމެއް ނޫންކަމަށްވެސް އެބޭކަލުން އިއްތިފާޤުވެވަޑައިގެންފައިވެއެވެ.

ފިޠުރު ޒަކާތް ދެވޭފަރާތްތައް
ފިޠުރު ޒަކާތްވެސް ރައްދުކުރުން ވާޖިބު ވަނީވެސް މުދަލު ޒަކާތް ރައްދުކުރުމަށް ﷲ ކަނޑަ އަޅުއްވާފައިވާ ފަރާތްތަކަށެވެ. އެކަލާންގެ ވަޙީކުރެއްވި ބަސްފުޅެއްގެ މާނާގައިވެއެވެ. "ޞަދަޤާތުގެ ތަކެތި ވާކަންކަށަވަރީ ފަޤީރުންނަށާއި މިސްކީނުންނަށެވެ. އަދި އެއާއިމެދު (އެބަހީ، ތަކެތި އެއްކޮށްބަހައި، އެނޫނަސް އެތަކެއްޗާއިމެދު) މަސައްކަތްކުރާ މީހުންނަށެވެ. އަދި އެބައިމީހުންގެ ހިތްތައް އެކުވެރިކުރަށްވާފައިވާ މީހުންނަށެވެ. (އެއީ އެބައިމީހުންގެ ފަރާތުން އިސްލާމުންނަށް ނުރައްކާތެރިކަމެއް އަތުވެދާނެކަމަށް ހީވާބައަކު މަތަކުރުމަށާއި އަލުން އިސްލާމްވުން އުންމީދު ކުރެވޭ ބައަކު އިސްލާމް ކުރުމަށާއި މިބާވަތުގެ ކަންތައްތަކެވެ. އޭގެ ތަފްޞީލު ފިޤުހު ފޮތްތަކުގައި ވެއެވެ.) އަދި އަޅުން މިނިވަން ކުރުމުގައްޔާއި، ދަރަނިވެރީންނަށެވެ. އަދި ﷲ ގެ މަގުގައި ޖިހާދު ކުރާމީހުންނަށާއި، ޙާލުގައި ޖެހިފައިވާ ދަތުރު ވެރީންނަށެވެ. ﷲ ގެ ހަޟްރަތުން ކަނޑައަޅުއްވާފައިވާ ފަރުޟެއްގެ ގޮތުގައެވެ. ﷲ އީ ދެނެވޮޑިގެންވާ ޙިކުމަތްވަންތަ ރަސްކަލާންގެ އެވެ."

ފިޠުރު ޒަކާތް ނެރުމުގެ ޙިކުމަތް
އިސްލާމުން ދިރިއުޅޭ މުޖުތަމަޢަކީ އެއްބަނޑު އެއްބަފާ، އެއްބަޔަކު އަނެއްބަޔަކަށް އެހީތެރި މުޖުތަމަޢެއް ކަމުގައި ރަމްޒުކޮށްދިނުމަށާއި، އަދި އެފިޠުރު ޒަކާތަކީ ރަމަޟާންމަހުގެ ރޯދަވެރިއާގެ ފާފަތައް ފުއްސަވައިދެއްވުމަށް އެދި ކުރެވޭ ޞަދަޤާތެއްކަމުގައި ވުމަށެވެ. ފިޠުރު ޒަކާތް ވާޖިބު ކުރެއްވީ ހިޖުރައިން ދެވަނަ އަހަރު ޝަޢުބާން މަހުގައެވެ.
އިމާމު އަބޫދާވުދް އިބުނު ޢައްބާސްގެފާނުގެ އަރިހުން ރިވާކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "މިސްކީނުންނަށް ކާނާއެއްގެ ގޮތުގައްޔާއި، ރޯދަވެރިއާ ރޯދައަށް ހުރި އިރު ކުރެވިފައިވާ ފައިދާއެއްނުވާކަންކަމާއި، ބުނެވިފައިވާ ހުތުރުބަސްތަކުން ޠާހިރުކޮށްދޭ އެއްޗެއްގެ ގޮތުގައި، ﷲ ގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ފިޠުރު ޒަކާތް ވާޖިބު ކުރެއްވިއެވެ. ފަހެ ޢީދު ނަމާދުގެ ކުރިން އެޒަކާތް އަދާކޮށްފިމީހާގެ ކިބައިން ޤަބޫލު ކުރެއްވޭ ހުއްޓެވެ. އަދި ޢީދު ނަމާދު ފަހުން އަދާކޮށްފިނަމަ ފަހެ އެޒަކާތަކީ ޞަދާޤާތުގެ ތެރެއިންވާ އެއްޗެކެވެ."

ފިތުރުޒަކާތާއި މުދަލުޒަކާތުގެ ހުރި ތަފާތު
1- މުދަލުން ޒަކާތްދިނުމަކީ އިސްލާމްދީނުގެ ރުކުނެވެ.
2- މުދަލުން ޒަކާތްނުދިން މީހާގެ އަތުން ގަދަކަމުން ޙާކިމަށް ޒަކާތް ނެރެވެއެވެ.
3- މުދަލުން ޒަކާތްދިނުމަށް އިންކާރުކުރާމީހާ އަކީ މުރުތައްދުވެފައިވާ މީހެކެވެ.
4- މުދަލުން ޒަކާތްނުދޭ މީހާ އެ އަދާކުރަންދެން ހަނގުރާމަވެސް ކުރެވިދާނެއެވެ.
5- މުދަލު ޒަކާތަކީ ކީރިތި ޤުރުއާނުގެ ޤަޠްޢީ ދިލާލަތުން ރުކުނެވެ.
6- މުދަލު ޒަކާތަކީ ރުކުނެއްކަމަށް މިއްލަތުގެ މުޢްތަބަރު އިމާމުން އިޖުމާޢުވެފައި ވެއެވެ.
7- ފިޠުރު ޒަކާތަކީ ވާޖިބެކެވެ.
8- އަދި ބައެއް ޢިލްމުވެރިން އެއީ ވަޖިބެއްތޯ އާ މެދު ޚިލާފްވެފައި ވެއެވެ.
9- ފިޠުރު ޒަކާތް އަދާނުކުރިއަސް މިއްލަތުން ބޭރުނުވާނެއެވެ. ނަމަވެސް ކުޅަދާނަކަން ހުރިމީހާ އެކަން ނުކޮށްފިނަމަ ފާފަވެރިވާނެކަން ކަށަވަރެވެ.

ދެންފަހެ ރޯދައާއި އެއާ ގުޅިފައިވާ ބައެއް ކަންތައްތަކާ ބެހޭގޮތުން އަޅުގަނޑު ލިއުނު މިމަޒްމޫނު ނިމުނީއެވެ. މީގެ މަޢްލޫމާތުގައި އެއްވެސް ކުށެއްވާނަމަ ކިއުންތެރިންގެ ފަރާތުން އަޅުގަނޑު އެދެނީ އަޅުގަނޑާ ގުޅުއްވައި، ޞައްޙަ ގޮތް ބަޔާންކޮށް ދެއްވުމެވެ. ޝައްކެއްނެތް ގޮތުގައި އެއްވެސް އިންސާނަކު ކުރާކަމަކީ މުޅިން ފުރިހަމަ ކަމެއްނޫނެވެ. އަޅުގަނޑުގެ ހެޔޮދުޢާ އަކީ ﷲ ތައާލާ މިބަޔާންކުރެވުނު މަޢްލޫމާތުން އަޅުގަނޑުގެ ލޮބުވެތި އަޚުންނާއި އުޚުތުންނަށް ފައިދާއާ މަންފާކުރުމުގެ ތަވްފީޤް ދެއްވުމެވެ. އެކަލާނގެއީ އެންމެ ދީލަތިވަންތަ ރަސްކަލާނގެއެވެ.

މަޢްލޫމާތުގެ މަޞްދަރުތައް :
1- القرآن الكريم .
2- ޒުހުރުލް ކަމާލާތު ފީ އަޙްކާމިލް ޢިބާދާތި/ އަލްޢައްލާމާ ޢަލީ އެދުރު ތަކުރުފާނު.
3- ފިޤުހުއްސުނާ / އަލްއުސްތާޛް ސައްޔިދު ސާބިޤް.
4- އަލްމުހައްޛަބު ފީ ފިޤްހިލް އިމާމިއްޝާފިޢީ / އަލްއިމާމުއްޝިރާޒީ.
5- ތަޢުލީމުއްދިޔާނާ / އަލްއުސްތާޛު މުހައްމަދު ޖަމީދު

Read more...

13 August 2010

ރޯދަމަހަށް މަރުޙަބާ

ޢަބްދުﷲ ފާރޫޤް އިބްރާހިމް
ރޯދަމަހަށް އިސްތިޤްބާލްކުރަންޖެހެނީ ކޮން އެއްޗަކުންތޯއެވެ؟ އާދެ! ރޯދަމަހަށް އިސްތިޤްބާލުކުރަންޖެހެނީ ތައުބާވުމުންނެވެ. ރޯދަމަހަކީ ރަޙްމަތުގެ މައްސަރަކަށްވާއިރު އެމަހުގައި ﷲގެ ރަޙުމަތާއި ކުއްތަންވުމަށްޓަކައި އެންމެ އިސްކޮށް ކުރަންޖެހޭނެކަމަކީ، ތެދުވެރިކަމާއެކު ﷲ އަށް ތައުބާވުމެވެ. ތައުބާވުމަށްޓަކައި ކުރަންޖެހޭނީ ހަތަރުކަމެކެވެ.

ފުރަތަމަ ކަމަކީ ކުރީގައި ކޮށްކޮށްހުރި ފާފަ ނުކޮށް ހުއްޓާލުމެވެ. ދެވަނަކަމަކީ ކުރީގައި ކުރެވިފައިވާ ފާފައިގެ މައްޗަށް ދެރަވުމެވެ. ތިންވަނަ ކަމަކީ ކުރިއަށް އޮތްތާނގައި އަލުން ފާފަނުކުރުމަށް ޢަޒުމް ކަނޑައެޅުމެވެ. ހަތަރުވަނަ ކަމަކީ ކުރީގައި ކުރެވުނު ފާފައިން މީހެއްގެ ޙައްޤެއް ހިފިފައިވާނަމަ އެމީހަކަށް އެއެއްޗެއް އަނބުރާ ދިނުން ނުވަތަ އެޙައްޤު ކެނޑުވުމެވެ. ނަމަވެސް ޙައްޤު ކެނޑުވުމުގެ ނިޔަތުގައި ތިމާއަށް ކުރެވިފައިވާ ފާފައިގެ ވާހަކަ އެހެންމީހުންގެ ގާތުގައި ދައްކައިގެން ނުވާނެއެވެ. ﷲ އަށް ފާފަފުއްސެވުން އެދި ދަންނަވާނީއެވެ. މީހެއްގެ އަތުން ނުޙައްޤުން ސިއްރުން ނުވަތަ ގަދަކަމުން އަތުލައިގެންފައިވާ މުދަލެއް ވެއްޖެމީހާ އެއިން ތައުބާވާނަމަ އެމުދަލުގެ ވެރިޔަކު އެނގޭނަމަ އެމީހަކަށް ނުވަތަ އެމީހެއްގެ ބަދަލުގައި ހުރިމީހަކަށް އެމުދާ އަނބުރާ ދިނުން ވާޖިބުވާނެއެވެ. އެމުދަލުގެ ވެރިފަރާތް މަރުވެފައިވާނަމަ އޭނާގެ ވާރިޘުންނަށް ދޭނީއެވެ. އެފަދަ މުދަލުގެ ވެރިފަރާތް ނޭނގޭނަމަ ނުވަތަ އޭގެ ވެރިފަރާތް ހޯދަން ނުކުޅެދިއްޖެނަމަ އެފަދަ މުދާތައް ހޭދަކުރާނީ ޢާއްމު މަޞްލަޙަތަށާއި ފަޤީރުންގެ ޙައްޤުގައެވެ. އެނޫން ގޮތްގޮތުން ތިމާގެ އަމިއްލަ ނަފްސަށް ފާފަކޮށްގެން ހޯދޭ މުދާތައް ހުރެއްޖެނަމަ ތައުބާވާހިނދު އެފަދަ މުދާތައްވެސް ޢާއްމު ފައިދާ އެކުލެވޭ ކަންތައްތަކަށް ހޭދަކުރުން މޮޅުއިތުރުވެގެން ވެއެވެ.
ނަރަކައިގެ އަޛާބުން ދިންނެވުމަށް އެދި ތެދުހިތުން ތައުބާވުމަށް މިއީ ރަނުގެ ފުރުޞަތެކެވެ. ކޮންމެ އާދަމުގެދަރިއަކީ ކުށަށް ހުށަހެޅިގެންވާ މީހެކެވެ. ކުށަށް އިޢުތިރާފުވެ ކުށް ޤަބޫލުކޮށް ތައުބާވާ މީހުންނަކީ އޭގެތެރެއިން އެންމެ ހެޔޮ މީހުންނެވެ. ކުށްފާފަތައް ކިތަންމެ ގިނަވިޔަސް ﷲގެ ރަޙްމަތުން އެދުންކަނޑައިފުމީ އަޅުތަކުންނަށް އޮތްކަމެއް ނޫނެވެ. އެފަދަ މީހުންނަށް މާތްﷲ އަންގަވާފައިވަނީ ﷲގެ ރަޙްމަތަށް އެދި ތައުބާވުމެވެ. މާތްﷲވަޙީ ކުރެއްވި ބަސްފުޅެއްގެ މާނައިގައި ވެއެވެ.
"ކަލޭގެފާނު ވިދާޅުވާށެވެ. އޭ ފާފަކުރުމުގައި އިސްރާފުކޮށް އެބައިމީހުންގެ ނަފުސުތަކަށް އަނިޔާވެރިވެ އުޅުނު ތިމަންރަސްކަލާނގެ އަޅުންނޭވެ! ﷲ ގެ ރަޙްމަތާމެދު ތިޔަބައިމީހުން އެދުންކަނޑާނުލާށެވެ. ހަމަކަށަވަރުން ﷲ އެންމެހައި އަޅުތަކުންގެ ފާފަ ފުއްސަވައެވެ. ހަމަކަށަވަރުން އެކަލާނގެއީ ގިނަގިނައިން ފާފަ ފުއްސަވާ ރަޙީމުވަންތަ ރަސްކަލާނގެއެވެ." (ޒުމަރު:53)
ރޯދަމަހަކީ ރަޙުމަތުގެ މަހެވެ. ފާފަ ފުއްސެވުމުގެ މަހެވެ. ނަރަކައިން ދިންނެވުމުގެ މަހެވެ. މިމަހުގެ މިފަދަ ދުވަސްތަކުގައި އެކަލާނގެ ޙަޟްރަތަށް ކުއްތަންވެ ތައުބާވެއްޖެ މީހާގެ ތައުބާ އެކަލާނގެ ޤަބޫލު ކުރައްވާނެއެވެ. އެމީހެއްގެ ކުށްތައް އެކަލާނގެ ޢަފޫކުރައްވައި ފާފަ ފުއްސަވާނެއެވެ. އެކަލާނގެ ވަޙީކުރެއްވި ބަސްފުޅެއްގެ މާނައިގައި ވެއެވެ.
"އެކަލާނގެ އަޅުތަކުންގެ ކިބައިން ތައުބާ ޤަބޫލު ކުރައްވައި ކުށްތައް ޢަފޫކުރައްވަނީ ހަމަ އެކަލާނގެއެވެ. އަދި ތިޔަބައިމީހުން ކުރާ ކުށްތައް އެކަލާނގެ ދެނެވޮޑިގެންވެއެވެ." (ޝޫރާ: 25)
މާތްﷲ ވަޙީކުރެއްވިއެވެ.
"އޭ އީމާންވެއްޖެ މީސްތަކުންނޭވެ. ތިޔަބައިމީހުން މާތްﷲ އަށް ތެދުވެރިކަމާއެކު ތައުބާވާށެވެ. ތިޔަބައިމީހުން ހައްދަވާ ގެންގުޅުއްވާ އިލާހު ތިޔަބައިމީހުންގެ ކުށްތައް ޢަފޫ ކުރައްވާނެތެވެ. އަދި އެތާނގެ ދަށުން ފެންއާރުތްއް ހިނގަހިނގާހުރި ސުވަރުގެތަކަށް ތިޔަބައިމީހުން ވައްދަވާނެތެވެ." (ތަޙްރީމް:8)
"އޭ މުއުމިނުންނޭވެ! ތިޔަބައިމީހުން އެންމެން އެކުގައި މާތް ﷲ އަށް ތައުބާވާށެވެ. ތިޔަބައިމީހުންނަށް ނަޞީބު ލިބި ދިންނަވާތޯއެވެ." (ނޫރު: 31)
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.
"ހަމަކަށަވަރުން މަތިވެރި ﷲ އެއިލާހުގެ ރަޙްމަތް ރޭގަނޑުގައި ބާވައިލައްވައެވެ. އެއީ ދުވާލުގެ ފާފަވެރިންނަށް ފުއްސެވުމަށްޓަކައެވެ. އަދި އެ އިލާހުގެ ރަޙްމަތް ދުވާލުގައި ބާވައިލައްވައެވެ. އެއީ ރޭގަނޑުގެ ފާފަވެރީންނަށް ފުއްސެވުމަށްޓަކައެވެ. ހުޅަނގުން އިރު އަރަންދެން މިގޮތަށް މެދުނުކެނޑި ރަޙްމަތް ބާވައިލެއްވުމުގައި އެއިލާހު ދެމިވޮޑިގެންވެއެވެ."
ނޯޓް: މިލިޔުން ނަގާފައިވަނީ ދަރުމަ–ނޮވެމްބަރ 2003 އިން

Read more...

10 August 2010

ރޯދަމަސް އައުމުގެ ކުރިން

އަލްއަޚް އިސްމާޢިލް ނާޖީ
ރޯދަ މަސް އަންނަނީއެވެ. ތެދުވެރި މުސްލިމުން ތިބީ އެ މަސް އަންނަލެއް ލަސްވެގެން ކެތް މަދުވެފައެވެ. ތައުބާވާން ބޭނުންވާ މުސްލިމުން ތިބީ، މާޟީގައި ކުރެވުނު ފާފަތަކުން، ހިތް ނުތަނަވަސްވެ މޮޅިވެފައެވެ. ފާފަތަކާއި ހައްމުތަކާއި ޣައްމުތަކުން އެ މީހުންވަނީ، ހިލިނުގަނެވިފައެވެ. ނަމަވެސް ރޯދަ މަހަކީ، މި ފަދަ މީހުންގެ އުއްމީދު އާލާވާނެ މަހެކެވެ. ތައުބާވުމަށެވެ.

މި ދިޔަ ރޯދަ މަހު ރޯދަ ނުހިފާ އުޅޭނެ ގޮތަކަށް އުޅެފައި، މި ރޯދަ މަސް އައުމުގެ ކުރިން މަރުވެ ދިޔައީ ކިތައް މީހުން ހެއްޔެވެ؟

ވޭތުވެ ދިޔަ ރޯދަ މަހު ރޯދަ ހިފައި އަޅުކަން ކުރުމަށްފަހު މި ރޯދަ މަސް އައުމުގެ ކުރިން ދުނިޔެ ދޫކުރި ތިމާގެ މީހެއް ރައްޓެއްސެއް ދަންނަ މީހެއް ނަމަވެސް އެބަހުރި ހެއްޔެވެ؟

ޢުމުރުގައި މިވީ ތަނަށް، ކިތައް ރޯދަ މަހާ ދިމާވިހެއްޔެވެ؟ ދިހައެއް، ވިހި ނުވަތަ ތިރީސް ހެއްޔެވެ؟ ދެން ވޭތުވެދިޔަ ރޯދަ މަސްތަކުގައި، ކަލޭގެ އަޅުކަން ކުރުން ހުރީ ކިހިނެއްހެއްޔެވެ؟ އީމާންތެރިކަން އިތުރަށް ސާބިތުވިހެއްޔެވެ؟ ދީންވެރިކަން އިތުރުވިހެއްޔެވެ؟ ﷲ އާ ކުއްތަންވުން ގިނަކުރިންހެއްޔެވެ؟ އަދި މިއަށްވުރެ މުހިއްމު ސުވާލަކީ، ރޯދަ މަހަށް ފަހު ކަލޭގެ ތަޤުވާވެރިކަން ކިހިނެއްހެއްޔެވެ؟ ރޯދަ ހިފުމުގެ މައިގަނޑު މަޤްޞަދުކަމުގައިވާ ''އެއީ ތިޔަބައި މީހުން ތަޤުވާވެރިވޭތޯއެވެ.'' ޙާޞިލު ކުރެވުނުހެއްޔެވެ؟

އެންމެ ފުރަތަމަ، މި ރޯދަ މަހުގެ އަޅުކަން ފުރިހަމަ ކުރެވުމުގެ ނަސީބު އަހަރެމެންގެ ޢުމުރުގައި، ﷲ ލެއްވުން އެދި ދުޢާކުރަމާ ހިނގާށެވެ. ރަޖަބް މަސް ފެއްޓުމުން ރަސޫލު -ޞައްލަﷲ ޢަލައިހިވަސައްލަމަ- ކުރައްވާ ދުޢާއަކީ ''ހައްދަވައި ބޮޑު ކުރެއްވި ރަސްކަލާކޮ! ރަޖަބްމަހާއި ޝަޢްބާން މަހުގައި، އަހަރެމެންނަށް ބަރަކާތް ލައްވާފާނދޭވެ! އަދި ރޯދަ މަހާއި ހަމައަށް އަހަރެމެން ވާޞިލުކުރައްވާފާނދޭވެ!'' (ރަވާހު އައްޠަބަރާނީ)

ރަށުގެ ބޮޑު މަގު ބުރު ކައިރީގައި، އެހެންދާ އެންމެންނަށް ފައިސާ ބަހާ މީހެއް އެބަހުއްޓެވެ. އެ މީހަކު ބޭނުންވަރަކަށް، ގޯންޏަކަށް ފައިސާ އަޅާފައި އެނާ ދެއެވެ. މި މުއްސަނދި މީހާ އަތުން ފައިސާ ހޯދާކަށް އެއްވެސް މަސައްކަތެއް ކުރާކަށް ނުޖެހެއެވެ. ބުރު ކައިރިއަށް ޖެހިލާ ކޮންމެ މީހަކު ވެސް މަހުޖަނަކަށް ވެދެއެވެ. އަންހެނެއް ފިރިހެނެއް، މުސްކުޅިއެއް، ކުޑަކުއްޖެއް، ކުއްވެރިއެއް، އަޅުވެރިއެއް ތަފާތެއް ނޯވެއެވެ. އިސާހިތަކު މުޅިރަށަށް މި ޚަބަރު ފެތުރި، ރަށު އެންމެން އެތަނަށް ޖަމާވާން ފަށައިފިއެވެ. ނުދާންވީ ސަބަބެއް ނެތެވެ. 83 އަހަރުވަންދެން މެދު ނުކެނޑި މަސައްކަތް ކުރުމުން ވެސް ނުލިބޭހޭ ގިނަ ފައިސާ އެންމެ ހިނދުކޮޅެއްގެ ތެރޭގައި ލިބޭ ވިއްޔާއެވެ. މިއީ އެކަމަކު ޙަޤީޤީ ވާހަކައެއް ނޫނެވެ.

އެކަމަކު އަހަރެމެންނަށް މިއަށްވުރެ މާ މޮޅު، މާ ހެޔޮކަން ބޮޑު، މާ އަގުހުރި ''ފައިސާ'' ލިބެން އެބަ ހުއްޓެވެ. އާދެ، އެއީ ލައިލަތުލް ޤަދްރި ވިލޭރޭގައެވެ. އެރޭ އަޅުކަން ކުރުމުންނެވެ. އެންމެ ރެއަކުން 83 އަހަރުގެ ހެޔޮކަން ލިބެން އެބައޮތެވެ. ދެންމެ ދުނިޔޭގެ އަރާމު ހޯދަން އަހަރެމެންގެ ކިބައިގައި ހުރި ޝައުޤުވެރިކަން މިކަމަށް ނެތީ ކީއްވެގެންހެއްޔެވެ؟ 83 އަހަރު ދުވަހު މީހަކު އަޅުކަން ކުރުމުން ލިބޭނެ ޘަވާބު އެންމެ ރެއަކުން އެބަ ލިބެއެވެ. މިހާ ދިގުމުއްދަތަކަށް އަޅުކަން ކުރެވެނީ ކާކަށް ހެއްޔެވެ؟ ޅަފަތުގެ ދުވަސްވަރު، ދިރިއުޅުމުގެ މަސައްކަތަށް ދާ ވަގުތު، ބަލިވެ އޮންނަ ވަގުތު، ނިދާފައި އޮންނަ ވަގުތު ކަނޑާލީމާ ޤަރުނެއްވަންދެން ދުނިޔޭގައި އުޅޭ މީހަކަށްވެސް މި މުއްދަތަށް އަޅުކަން ނުކުރެވޭނެއެވެ.

ވީމާ މި ރޯދަ މަހާއި، މަހުގައި ހިމެނޭ ލައިލަތުލް ޤަދްރިވިލޭރޭގެ ހެޔޮކަން ހޯދައިގަންނާނީ ކިހިނެއްހެއްޔެވެ؟ މި ބަރަކާތް ލިބިގަތުމަށްޓަކައި، ކުރެވިދާނެ ބައެއް ކަންތައް ލިޔެލާނަމެވެ.

އެކެއް:
ތައުބާ އާކުރާށެވެ. ތެދުވެރި، މޮޅިވެރި ހިތަކާއެކު ﷲ ޙަޟްރަތުގައި މުނާޖާ ދަންނަވާށެވެ. ފާފައަށް އިޢްތިރާފުވެ، ކުށަށް އިޤްރާރުވާށެވެ. އަދި އެފަދަ ކަމެއް ދެން މުޅި ޙަޔާތުގައި ވެސް ނުކުރަން ޢަޒުމު ކަނޑައަޅާށެވެ. ފާފައިގެ މައްޗަށް ހިތާމަކޮށް ކަރުނަ އޮހޮރާށެވެ. މީހަކަށް އަނިޔާވެރިވެވިފައި ވާނަމަ، ޙައްޤު ކަނޑުވައި ޙައްޤު ރައްދުކުރާށެވެ. މީހަކާ ރުޅިވެރިވެގެން އުޅޭނަމަ، ޞުލްޙަވެރިވެ ޙަސަދައާއި ކެހިވެރިކަން ހިތުން ނެރެ ސާފުކޮށްލާށެވެ. މި ރޯދައަށް ފަހު ޙަޔާތުގެ އާ ޞަފުޙާއެއް ހުޅުވާށެވެ.

ދޭއް:
މި ރަމަޟާން މަހަކީ، ޙަޔާތުގެ މުހިއްމު މަގު ނިޝާނަކަށް ހަދަން ޢަޒުމު ކަނޑައަޅާށެވެ. އަދި މި ކަން ފުރިހަމަކޮށްދެއްވުން އެދި ދޫނުކޮށް، ކެނޑިނޭޅި ﷲ އަށް ދުޢާ ކުރާށެވެ. ރޯދަ ހިފުމަށާއި، ރޭ އަޅުކަންކުރުމަށާއި، ހެޔޮ އަޅުކަންތައް ކުރުމުގެ ވާގި ދެއްވުން އެދި އެ ކަލާނގެ ކިބަފުޅުން އެދޭށެވެ.

ތިނެއް:
މުޅި އަހަރު ތެރޭ ދުވަހަކު ވެސް ޤުރުއާން ނުކިޔަވާ ހުރީމާ، ފުރަތަމަ ފައްޓައިގަންނަ އިރު ކުޑަ އުނދަގޫ ކަމެއް ހުރެދާނެއެވެ. އެއީ ނުކިޔަވާ ނުކިޔަވާ ދުލުގައި ދަބަރު ޖެހުމުން ވާ ގޮތެކެވެ. ނަމަވެސް ކުޑަކޮށް ކެތް ކޮށްލާފައި، ކުރިއަށް ގެންދިޔައިމާ، ޤުރުއާނުގެ ފޮނިކަން ހިތަށް އިޙްސާސްވާނެއެވެ. ޢަރަބި ބަސް ނޭނގެއްޏާ ޤުރުއާނުގެ މާނައިގެ ތަރުޖަމާއެއް ހޯދާށެވެ.

މިހާރުއްސުރެ ވެސް، މި ރޯދަ މަހު ޤުރުއާން ކިޔަވާނެ ގޮތެއް ރާވާށެވެ. ކޮންމެ ދުވަހަކު ވެސް ކިޔަވާނެ ޚާއްޞަ ވިރުދެއް އެކަށައަޅާށެވެ. އަދި އެކަމުގައި އިލްތިޒާމުވާށެވެ. މުޞްޙަފުގައި ހުންނަނީ ގާތްގަނޑަކަށް 600 ޞަފުޙާ ކަމަށް ބަލަމާ ހިނގާށެވެ. ދެން މި ރޯދަ މަހު ތިރީސް ދުވަސް ހުރެއްޖެނަމަ، ސަތޭކަ ފަންސާސް ފަރުޟު ނަމާދު ކުރެވޭނެވެ. ވީމާ ކޮންމެ ނަމާދެއްގެ ކުރިން 4 ޞަފުޙާ ޤުރުއާނުން ކިޔަވައިފިނަމަ، ޚަތިމެއް ކުރެވޭނެއެވެ. މިއަށް ވުރެ ވެސް އަދި ޘަވާބު އިތުރުކޮށްލަން ބޭނުމިއްޔާ، ނަމާދުގެ ފަހުން ވެސް 4 ޞަފުޙާ ކިޔަވާށެވެ. މީކީ މާކަ ގިނަ ވަގުތެއް ދާނެ ކަމެއް ވެސް ނޫނެވެ. މުދިމު ބަންގިދީފައި ނަމަދު ކުރުމާ ދެމެދު އެ އޮންނަ ވަގުތުކޮޅު ތެރޭ ވެސް މިކަން ކުރެވިދާނެއެވެ.

ވިސްނާލަ ބަލާށެވެ. ޤުރުއާނަކީ މާތް ﷲގެ ކަލާމްފުޅެވެ. އެފަދަ މާތް އެއްޗެއް ކިޔަވަން، ފުރުސަތު ލިބުމަކީ ކިހާ މަތިވެރި ނަސީބެއް ހެއްޔެވެ؟ ޢާލަމްތަކުގެ ވެރިރަސްކަލާނގެ ބާވައިލެއްވި ފޮތް ކިޔައި، އެ ކަލާނގެ އަމުރުތަކާއި ނަހީތައް ބަލައި، އިރުޝާދާއި ވާހަކަ ތަކުން ޢިބްރަތް ލިބިގަތުމަށް ވުރެ މަތިވެރި ޝަރަފެއް ކޮބައި ހެއްޔެވެ؟ ޤުރުއާން ކިޔެވުމުން ހިތަށް ލިބޭ ފޮނިކަން އިޙްސާސްވާނީ ހަމަ އެ ކިޔަވާ މީހަކަށެވެ.

ހަތަރެއް:
ކުރިން ނަމާދުގެ ރާތިބު ސުންނަތްތައް ނުކުރާ ކަމަށް ވަންޏާ، މި މަހަކީ މިކަން ކުރާނެ މަހަކަށް ހަދާށެވެ. ފަތިސް ނަމާދުގެ ކުރީގައި ދެ ރަކްޢަތް، މެންދުރު ނަމާދު ކުރީގައި ދެ ރަކްޢަތް (ނުވަތަ ހަތަރު ރަކްޢަތް) އަދި ފަހުގައި ދެ ރަކްޢަތް، މަޣްރިބު ނަމާދު ފަހުގައި ދެ ރަކްޢަތް، އަދި ޢިޝާ ނަމާދުގެ ފަހުގައި ވެސް ދެ ރަކްޢަތް ކުރުމުން، ރާތިބު ސުންނަތް ކުރެވުނީއެވެ. އަދި މިކަމުގެ ޘަވާބަކީ ސުވަރުގޭގެ އިތުރު ގަނޑުވަރެކެވެ. މިއީ ޞައްޙަ ޙަދީޘެއްގައި ވާ ވާހަކައެކެވެ. އަދި ޟުޙާ ނަމާދު ކޮށްލެވުނިއްޔާ ކިތަންމެހާ ވެސް ރަނގަޅެވެ. ހަމަ އެހެންމެ، ވާރިދުވެފައިވާ ޞައްޙަ ދުޢާތަކެއް ވެސް ކިޔޭތޯ ބަލާށެވެ. އަދި އެންމެ މަދުވެގެން ވެސް ތިން ރަކްޢަތުގެ ދަމުނަމާދެއް ކުރެވޭތޯ ބަލާށެވެ.

ފަހެއް:
ޢިލްމު އުނގެނުނު ވަރަކަށް އީމާންކަން އިތުރަށް ގަދަވެއެވެ. ޢިލްމަކީ، ސީދާ މަގުން މީހާ ކައްސައިލިޔަސް، މަގު ސީދާކޮށްދިނުމުގައި އެހީތެރިވާ އެއްޗެކެވެ. ވީމާ ދީނީ ޢިލްމު އުނގެނޭށެވެ. މީގެ މާނައަކީ މުސްލިމަކަށް ވުމަށްޓަކައި، ކޮންމެ މީހަކު، އިމާމް ޝާފިޢީ އަށް ވާންޖެހޭނެއޭ ބުނުމެއް ނޫނެވެ. މާނައަކީ، ދީނުގެ އަސާސީ އެއްޗެހި ދަސްކުރުމަށް ފަހު، މަޑުމަޑުން ނަމަވެސް، ދީނުގެ ޙަލާލާއި ޙަރާމް ދަސްކުރާށެވެ. ދީނީ ފޮތްތައް ކިޔައި ބަލާށެވެ. ޤުރުއާނުގެ މާނަ ދަސްކުރާށެވެ. ހިތަށް އަރާ ސުވާލެއް އޮތިއްޔާ، އެނގޭ މީހަކާ ކުރާށެވެ.

ހައެއް:
މި މަހަކީ، ކީރިތި ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- އެންމެ ދީލަތިވެވަޑައިގަންނަވާ މައްސަރެވެ. ވީމާ އަހަރެމެން ވެސް އެހެން މަސްމަހަށް ވުރެ، މި މަހުގައި ދީލަތިވަމާ ހިނގާށެވެ. ރޯދަ މަސް ނިމިގެން ދާއިރު، އެންމެ ރުފިޔާއެއް ވެސް ޞަދަޤާތް ނުކުރާ މީހުން އުޅެއެވެ. ގިނަ މީހުން އެކަން ނުކުރަނީ ހަނދާނަށް އެކަން ނާންނާތީއެވެ. ވީމާ، މިފަހަރު ހަނދާން ނުނެތޭނެ ފަދައަކުން ލިޔެގެން ނަމަވެސް މިކަން ކުރަމާ ހިނގާށެވެ. ތިމަންނައަށް ދުވާލަކު ހޭދަކުރެވޭނީ ކިހާވަރެއްކަން، ހިސާބުކޮށްލާށެވެ. އަދި މި މަހު މުސާރައިން، ގޭ ކުއްޔާއި، ކެއުމާއި، ބިލުތައް ފަދަ އަސާސީ ޚަރަދުތައް ކަނޑާފައި، ދެން ހުރި ފައިސާއެއް ޞަދަޤާތް ކުރުމުގެ ހިތްވަރު ލިބިގަންނާނީ ކާކުހެއްޔެވެ؟! ހަމަ އެންމެ މަހަކުއެވެ.

ހަތެއް:
ތިމާގެ މީހަކާއި މައްސަލައެއް ޖެހިފައި އޮތިއްޔާ، މި މަސް އައުމުގެ ކުރިން، އެ މައްސަލަ ހައްލުކުރާށެވެ. މައިންބަފައިންނަށް ނުކިޔަމަންތެރިވާނަމަ، އެކަން ހުއްޓާލާށެވެ. ދަރިންނަށް ނުބައިކޮށް ހިތައި، ކުދިންގެ މެދުގައި ތަފާތުކުރުން ގެންގުޅޭނަމަ އެކަންވެސް ރަނގަޅު މަގަށް އަޅުވާށެވެ. އަނބިމީހާއަށް ނުބައިކޮށް ހިތައި، އޭނާއަށް އަހުވަ ދައްކާނަމަ، އެކަމުން ތައުބާވެ އަދި އޭނާގެ ކިބައިން މާފަށް އެދި، ޒަވާޖީ ޙަޔާތް މަރާމާތުކުރާށެވެ.

އަށެއް:
މި މަހުގެ އަސްލަކީ ކާއެއްޗެހި މަދުކުރުމެވެ. މަސް ނިމޭއިރު ދިހަ ބާރަ ކިލޯގެ މަސް، ގައިގައި ޖެއްސުމެއް ނޫނެވެ. ނު ކައި ގިނައިރު ހުރުމުން، މީރު އެއްޗެއް ކާލާ ހިތްވާނެއެވެ. އެއީ މައްސަލައެއް ނޫނެވެ. މައްސަލައަކަށްވަނީ، އިސްރާފަކަށް ވުމުންނެވެ. ފަސް ހަ ބާވަތުގެ ޖޫހާއި ހުރިހާ ވައްތަރެއްގެ ހެދިކާ، ކައިިގެން އަދި ދެ ބަނޑަށް ކެއުމަކީ ބައެއް މީހުންގެ އާދައެކެވެ. ދެން ތަރާވީސް ނުކޮށް، ''ތަރާވީސް ކަނީ'' އެވެ. ދެން ދަނީ ރައްޓެހިންނާއެކު ހޮޓަލަށެވެ. ނުވަތަ ރައްޓެހި ގެއަކަށެވެ. ދެން ހާރެވެ! މިއީ މިކަން އޮންނަންވާނެ ގޮތް ހެއްޔެވެ؟

މި މަހަކީ، ބޮޑެތި ޖާފަތް ބާއްވާ މަހަކަށް ނުހަދައި، މި މަހުގައި ފަޤީރުންނަށް ދީލަތިވާށެވެ. ނަމަވެސް މީގެ މާނައަކީ، ރައްޓެހިންނާއި ތިމާގެ މީހުން ގެއިން ކަޅު ސައިތައްޓެއް ވެސް ނުދިނުމެއް ނޫނެވެ. ތިމާގެ ކަމުގެ ގުޅުން ބަދަހި ކުރުމުގެ ގޮތުން، ރައްޓެހިކަން އާލާކުރުމުގެ ގޮތުން، ދަޢްވަތު ދިނުން ރަނގަޅެވެ. ނަމަވެސް ހައްދުން ނައްޓައިގެން ނުވާނެއެވެ. ޢިޝާ ނަމާދު ފަހުން ކޮންމެ ރެއަކު ޕާޓީ ބާއްވަންޏާ ދެން އެރޭ، ރޭ އަޅުކަން ކުރާނީ ކޮންވަގުތަކު ހެއްޔެވެ؟

ނުވައެއް:
އިސްލާމީ ޤައުމުތަކުގައި، ސިލްސިލާ ފިލްމުތަކާއި މުނިފޫހި ފިލުވުމުގެ ކާނިވާ އަންނަ މަހަކީ، ރަމަޟާން މަހެވެ. ނަމަވެސް މި ކާނިވަލަށް ނުވަންނަން ޢަޒުމު ކަނޑައަޅައިފިއްޔާ، އެކަން ކުރެވިދާނެއެވެ. ގިނަ ވަގުތު ޓީވީ ބެލުމާއި ސިލްސިލާ، އަދި ކުޅިވަރުފަދަ އެއްޗެހި ބެލުމުގައި ރޭތައް ހޭދަ ނުކުރަން ނިންމާށެވެ. ބަނޑު ދައްކައިގެން ނަށާ މަންޒަރު، ބެލުން އެއީ އެއްވެސް ވަގުތަކު ހުއްދަ ކަމެއް ނޫނެވެ.

ދިހައެއް:
ޣައިބު ބުނުމާއި، ދެބައޮޑުވުން ހުއްޓާލާށެވެ. އެއްވެސް ކުނި ބުންޏެއް ނެތް، ސާފު ރޯދައެއް ހިފުމަށްޓަކައި މި ދެކަންތަކުން ދުރުހެލިވާންޖެހެއެވެ. މުސްލިމުންގެ މަސް ކެއުން އެއީ މީރު ރަހަ ދޭނެ ކަމެއް ނޫނެވެ. އެއްޗެއް ބުނަންޏާ ހެޔޮ ބަހެއް، ތެދުވާހަކައެއް، ނަސޭހަތެއް، ބުނާށެވެ. ދޮގުވާހަކަ، ނެތިމޮށުން، ޙަޤީޤަތް އޮޅުވާލުން، މުޖްތަމަޢުގައި ހިނގާ ނުބައި ކަންތައްތައް ފާޅުކޮށް އެކަން ފެތުރުން ހުއްޓާލާށެވެ. އަދި އެފަދަ ވާހަކަ ލިޔެފައި ހުންނަ އެއްޗެހި ކިއުން ހުއްޓާލާށެވެ. މީހަކު ޒިނޭ ކުރާވާހަކަ، ވަގު އަންބެއް ގެންގުޅޭވާހަކަ އެއީ އަޑުއަހަން މުހިއްމު ވާހަކައެއްހެއްޔެވެ؟


ނޯޓް: މިލިޔުމަކީ ކަވާސާ.ކޮމް އިން ނަގާފައިވާ ލިޔުމެކެވެ.

Read more...

09 August 2010

ރޯދަމަހުގެ އިސްލާމުން! – ތިބާ އަކީ ވެސް އޭގެ މީހެއްތަ؟

އަލްއަޚް މުޙައްމަދު ޝާފިޢު
އަނެއްކާވެސް އައު ރޯދަ މަހަކަށް ހަނދު ބަލަނީއެވެ. މި ރޯދަމަސް ތިބާ ހޭދަކުރައްވަން ޤަޞްދު ކުރައްވަނީ ކިހިނެއްތޯއެވެ؟
ރޯދަމަހުގައި މުސްލިމުންގެ ކަންތައްތައް ހުންނަގޮތުން ފަސް ބަޔަކަށް އެމީހުން ބެހިދާނެއެވެ.
ފުރަތަމަ ބައިގެ މީހުންނީ ރޯދަމަހަށްޓަކައި ކެތްތެރިކަމެއްނެތި އިންތިޒާކުރާ، އެމަހަށް ތައްޔާރުވާ މީހުންނެވެ. ފަރުޟު އަޅުކަން ކުރުމުގައި އެމީހުން މުރާލިވެއެވެ. މުޞްތަޙައްބު ޙަރަކާތްތަކުގައި ގިނަވަޤުތު ހޭދަކުރެއެވެ. އެއީ މިދުނިޔެއަށް ކައުކުރެއްވި މާތް ރަސޫލާ މުޙައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމްގެ ފިޔަވަޅުފުޅުތައް މަތީން ހިނގަން މަސައްކަތްކުރާ ތަޤުވާވެރީންނެވެ.
ދެވަނަ ބައިގެ މީހުންނީ މި ރޯދަމަސް އައިސް އަދި ފައިބައިގެން ދިޔަކަމުގައި ވިޔަސް އެމީހުންގެ ހެޔޮ ޢަމަލުތައް އިތުރުކުރުމަށް ވަކިން އިތުރު މަސައްކަތް ނުކުރާ މީހުންނެވެ. މިބައިމީހުން އެ ނަގާލަނީ އަނބުރާ ލިބުމެއް ނެތް ހެޔޮކަމުގެ ދުވަސްތަކެކެވެ.
ތިންވަނަ ބައިގެ މީހުންނީ މިމަހު ނޫނީ ﷲ އެންގެވި ގޮތަށް އަޅުކަން ކުރުމުގައި ފަރުވާ ނުބަހައްޓާ މީހުންނެވެ. މިމީހުންނީ “ރޯދަމަހުގެ އިސްލާމުން” ނެވެ. ރޯދަމަސް އައުމުން މިމީހުން އަޅުކަމުގައި އުޅެއެވެ. ނަމާދުކުރުމަށް ފަރުވާ ބަހައްޓައެވެ. ރޯދަމަސް ނިމުމުން ނަމާދުކުރުން ނިމެއެވެ. މާތް ﷲ ރުއްސަވާފައި ވަނިކޮށް ނިޔާވުމަކީ އެމީހުންނަށް އޮތް އެންމެ ރަނގަޅު ގޮތެވެ.

ހަތަރުވަނަ ގުރޫޕްގެ މީހުންނީ ކެއިން ބުއިން ފިޔަވައި އެހެން އެއްވެސް ކަމަކުން އެއްކިބާވެގެން ނޫޅޭ މީހުންނެވެ. މިމީހުންނަށް ރޯދައިގެ ސަބަބުން ކަރު ހިއްކުމާއި ބަނޑުހައި ހޫނުކަން ނޫނީ ނުލިބެއެވެ.

ފަސްވަނަ ބައިގެ މީހުންނީ ރޯދަމަހުގެ ދުވާލުގެ ވަގުތުތައް ނިދުމުގެ ވަޤުތުތަކަކަށް ހަދައި އެމަހުގެ ރޭގަނޑުތައް މުނިފޫހި ފިލުވުމުގެ ޕާރޓީތަކަކަށް ހަދާ މީހުންނެވެ. ޒިކުރުކުރުމާއި ﷲ ހަނދުމަކޮށް މަޢުރިފާ ކޮށް ދެނެގަތުމުގެ ބަދަލުގައި މިމީހުން ކުޅިވަރާއި މުނިފޫހި ފިލުވުމުގެ ކަންތަކުގައި ޢުމުރުގެ ދުވަސްތައް އިސްރާފު ކުރެއެވެ. މިމީހުންނަށް ދުޅަ ހެޔޮކަމުގެ ނިޢުމަތް ދެއްވާފައި ވާއިރުވެސް، އަދި ހެޔޮކަންތައްތައް ކުރުމުގެ ފުރުޞަތު ލިބިފައިވާއިރުވެސް މި ހެޔޮ ނިޢުމަތް ހިތަށް ޣާފިލުކަންމަތީ ނާޝުކުރުވެރިކަމުގައި ދުވަސްތައް ހޭދަކުރެއެވެ.

ތިބާ ހިމެނެނީ މިފަސް ބައިގެ ތެރެއިން ކޮން ބަޔެއްގައި ތޯއެވެ؟ މިރޯދަމަހަކީ އެހެން މަސްތަކާއި ޚިލާފަށް، ތިމާގެ ނަފްޞު ޠާހިރުކޮށްލުމަށް، ހެޔޮކަމަށް ރުޖޫޢަވުމަށް، ޙަޔާތުގެ އައު ޞަފްޙާއެއް އެއްލުމަށް މަސައްކަތްކުރާ ވަޤުތަކަށް ހަދަމާތޯއެވެ. ޔަޤީނުން އެނގޭ ކަމަކީ މިރޯދަމަހެއް ތިބާއަށް ދެނެއް ނުލިބޭނެކަމެވެ. ޢުމުރުގެ ބާކީ އޮތް ދުވަސްތަކުން އެއްރޯދަމަސް އުނިވަނީއެވެ. ކަންދިމާވާގޮތުން ތިބާއާ ބައްދަލުވާ އެންމެ ފަހު ރޯދަމަހަކީ މިރޯދަމަސް ކަމުގައިވެސް ވެދާނެއެވެ. ތެދުވާށެވެ. ހެޔޮކަންތަކުގައި މަޝްޣޫލު ވާށެވެ.

Read more...

06 August 2010

މިއީ އެންމެ ފަހުގެ ރޯދަމަހަށް ވެދާނެއެވެ

އަލްއަޚް މުޙައްމަދު އަނީލް
"ނަމަވެސް މިއަދު، އަޅުގަނޑުމެންގެ ޓީވީ ތަކާއި ރޭޑިއޯތަކުން ރަމަޟާންމަސް އައުމުގެ ހަ މަސް ދުވަސް ކުރިން މަސައްކަތް ކުރަނީ އެމަހުގައި ދައްކާނެ ފަސާދަ ކުރަނިވި، ﷲގެ ޛިކުރުން ޣާފިލުކޮށްފަނިވި ސިލްސިލާ ޕްރޮގްރާމްތަކާއި އެހެނިހެން ކުޅިވަރުތައް ރޭވުމުގެ މަޝްވަރާތައް ބޭއްވޭތޯއެވެ. ކޮންމެ ޕްރޮގްރާމެއްގެ ދެކޮޅުގައި ((ބަރަކާތްތެރި ރަމަޟާން)) މަހުގެ ތަހުނިޔާ ކިޔަމުން އެމަހުގެ ރަޙްމަތާއި، މަޢްފިރަތާއި ނަރަކައިން މުއްތި ކުރެއްވުމުން ރައްޔިތުން ޣާފިލު ކުރުމުގެ ފާޙިޝް ޢަމަލުތައް ލައިވް ކާސްޓް ކުރަމުން އެހެރަ ގެންދަނީއެވެ.

އެބައިމީހުންގެ ޙާލުގެ ދުލުން ބުނާކަހަލައެވެ. (( ރަމަޟާން މަހަކީ އެމަހެއްގައި ޓީވީ ސިލްސިލާތަކާއި ހާރުދަން ކުޅިވަރުތައް ބާވައިލެއްވި މައްސަރެވެ.))
"

މުސްލިމުން ރޯދަމަހަށް އިސްތިޤްބާލު ކުރުމުގެ މަގުމަތީގައި ވާއިރު، އެބައިމީހުންގެ ޙާލާއިމެދު ބަލާލި ކޮންމެ މީހެއްގެ ލޮލުން އަންނާނީ ލޭގެ ކަރުނައެވެ. އެބައިމީހުންނާ ބައްދަލު ކުރުމަށް އަހަރަކު އެއްފަހަރު އަންނަ ރަޙުމަތާއި ބަރަކާތުން ފުރިގެންވާ މައްސަރާއި ބައްދަލު ކުރުމުގެ އެއްވެސް ޖޯޝެއް އެބައިމީހުންގެ ކިބަޔަކު ނެތެވެ. ނޫނެކެވެ. ޖޯޝު އެބަހުއްޓެވެ. ނަމަވެސް އެއީ އެމަހުގައި ކޮއްތު އެއްކުރުމުގެ ޖޯޝެވެ. ގެދޮރު ރީތި ކުރުމުގެ ޖޯޝެވެ. ގެއަށް އާ ވެލި ލުމުގެ ޖޯޝެވެ. ނަމަވެސް...އެބައިމީހުންގެ ރޫޙަށް އެއްވެސް ކަހަލަ ދިރުމެއް ގެނެސް، އެ މައްސަރުގެ ރަޙްމަތާއި، ފާފަ ފުއްސެވުމާއި، ނަރަކައިން ދިންނެވުން ލިބޭތޯ މަސައްކަތް ކުރަނީ ވަރަށްވެސް މަދު ބައެކެވެ.

މި ގޮތަށް ރަމަޟާންމަހަށް އިސްތިޤުބާލު ކުރުމުގެ ގޮތުން ތިމާމެންގެ ރޫޙު ހަނދާން ނައްތާލައި، މާއްދިއްޔަތު ކުރިއަށް ނެރެގެން އުޅުމަކީ، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްއާއި އެކަލޭގެފާނުގެ މިތުރު ޞަޙާބީން ރޯދަމަހަށް ތައްޔާރުވެ ވަޑައިގެންނެވި ގޮތެއް ނޫނެވެ.

އަޅުގަނޑުމެންގެ ކުރީގައި އުޅުއްވި ޞާލިޙު އަޅުން (ސަލަފުއްޞާލިޙުން) ހަމަސް ދުވަސް ވަންދެން ، ހެޔޮގޮތުގައި ހޭދަކުރުމަށްޓަކައި ރަމަޟާންމަސް ދެއްވުން އެދި ދުޢާ ކުރައްވާކަމުގައި ވިއެވެ. އަދި އެ މަސް ލިބިއްޖެ ނަމަ، އަޅުކަން ކުރުމުގައި އެމަހުގެ ދުވަސްތައް ހޭދަކުރައްވާ ކަމުގައި ވިއެވެ. އަދި ރަމަޟާންމަސް ދިޔުމުން އެމަހުގައި ކުރެވުނު އަޅުކަންތައް ޤަބޫލުކުރެއްވުން އެދި ﷲއަށް ދުޢާ ކުރެއްވުމުގައި ހަ މަސް ދުވަސް ހޭދަ ކުރައްވާ ކަމުގައި ވިއެވެ.

ނަމަވެސް މިއަދު، އަޅުގަނޑުމެންގެ ޓީވީ ތަކާއި ރޭޑިއޯތަކުން ރަމަޟާންމަސް އައުމުގެ ހަ މަސް ދުވަސް ކުރިން މަސައްކަތް ކުރަނީ އެމަހުގައި ދައްކާނެ ފަސާދަ ކުރަނިވި، ﷲގެ ޛިކުރުން ޣާފިލުކޮށްފަނިވި ސިލްސިލާ ޕްރޮގްރާމްތަކާއި އެހެނިހެން ކުޅިވަރުތައް ރޭވުމުގެ މަޝްވަރާތައް ބޭއްވޭތޯއެވެ. ކޮންމެ ޕްރޮގްރާމެއްގެ ދެކޮޅުގައި ((ބަރަކާތްތެރި ރަމަޟާން)) މަހުގެ ތަހުނިޔާ ކިޔަމުން އެމަހުގެ ރަޙްމަތާއި، މަޢްފިރަތާއި ނަރަކައިން މުއްތި ކުރެއްވުމުން ރައްޔިތުން ޣާފިލު ކުރުމުގެ ފާޙިޝް ޢަމަލުތައް ލައިވް ކާސްޓް ކުރަމުން އެހެރަ ގެންދަނީއެވެ.

އެބައިމީހުންގެ ޙާލުގެ ދުލުން ބުނާކަހަލައެވެ. (( ރަމަޟާން މަހަކީ އެމަހެއްގައި ޓީވީ ސިލްސިލާތަކާއި ހާރުދަން ކުޅިވަރުތައް ބާވައިލެއްވި މައްސަރެވެ.))

ރަމަޟާން މަހުގެ ޙުރުމަތަށްޓަކައި ޖިންނީންގެ ތެރެއިންވާ ޝައިޠާނުންތައް ކަސްތަޅު އަޅުއްވައި ބަންދު ކުރެވިފައިވީނަމަވެސް، މި ދެންނެވި ފާޙިޝް ޢަމަލުތައް ފަތުރަން އުޅޭ މީހުންދަނީ، އިންސީންގެ ތެރެއިންވާ ޝައިޠާނުންނަށް ވާގިވެރިވަމުންނެވެ. އިންސީންގެ ތެރެއިންވާ ޝައިޠާނުންނަށް ވާގިވެރިވެ އިސްލާމްދީނާއި ދެކޮޅަށް ރެއާއި ދުވާލު ހަނގުރާމަ ކުރަމުން އެހެރަ ގެންދަނީއެވެ.

ރަމަޟާން މަސް ފެށުމުގެ ދެތިން ދުވަސް ކުރިން ބާޒާރަށް ހިނގައްޖެނަމަ ފެންނާނީ މީސްތަކުން ބައިބަޔަށް އެއްވެ، އެކި ކުލަކުލައިގެ އެކި އެކި ބާވަތް ބާވަތުގެ ކާބޯތަކެތި އެއް ކުރުމުގެ މަސައްކަތް ކުރާތަނެވެ. މި ބައިމީހުން ތައްޔާރުވަނީ ހަނގުރާމައަކަށްހެން ހީވެއެވެ. އެއްގޮތަކަށްވެސް މިބައިމީހުން ކުރިމަތިލުމަށް ތައްޔާރުވަމުން މިދަނީ ތަޤްވާ އާއި ރޯދައިގެ މައްސަރަކާ ކަމަށް ހިއެއް ނުވެއެވެ.

ދީނީ އިރުޝާދުތައް ދެއްވާ ދީނީ ޢިލްމުވެރިންގެ ބަހާއި މިބައިމީހުންނާއި ދެމެދު އެއްވެސް ގާތްކަމެއް ނެތެވެ. ދުނިޔަވީ އެދުންތަކުގެ ތެރޭގައި ބަރަކާތްތެރި މި މަސް ދުއްވާލަނީއެވެ. މިގޮތުގައި ގިނަ މުސްލިމުންގެ ޙަޔާތް ވަނީ އެކޮޅުކޮޅުން ޖެހިފައެވެ. ރޭގަނޑު ހަތަރުދަމު ޓީވީގެ އަވާގައި ޖެހިގެން ހޭލާ ތިބެއެވެ. ނުވަތަ ކޮންމެވެސް ރޯދަ ކުޅިވަރެއް ނުވަތަ ހާރުދަން ވާދެމުމެއްގެ ތެރޭގައި މުޅިރޭ ދުއްވާލައެވެ. އެއަށްފަހު ފަޖުރު ލުމުގެ ކުޑަ ވަގުތުކޮޅެއް ކުރިން ނިދަން އޮށޯވެތެވެ. ދުވާލު މިބައިމީހުންގެ މަސައްކަތަކީ، ފިނި ބައްރު ތަކުގައި އުޅޭ ސާރިދޯޅުތަކެއް ފަދައިން ނިދުމެވެ.

އިސްލާމީ ގިނަ ދައުލަތް ތަކާއި އެނޫންވެސް ބައެއް ދައުލަތް ތަކުން، ރަމަޟާންމަސް އައުމުން ސަރުކާރުގެ ރަސްމީގަޑި ކުރު ކޮށްލައެވެ. އަދި ވަޒީފާއަށް ޙާޟިރުވާންޖެހޭ ގަޑި ފަސްކޮށްލައެވެ. މިހުރިހާ ކަމަކާއެކުވެސް ގިނަ ބަޔަކަށް މި މަހަކީ ކަންނެތްކަމުގެ މަހަކަށް ވެފައިވެއެވެ. ވަޒީފާއަށް ގަޑިޖެހުގެން އައުން ގިނަވެގެން ދެއެވެ. ސުވާލު ކުރެވިއްޖެނަމަ އެމީހުން ބުނަނީ، ((އަހަރެމެން މިތިބީ ރޯދަ ހިފައިގެންނެވެ.)) މިބައިމީހުންގެ މިބަހުން ދޭހަވަނީ މި މާތް މައްސަރަކީ ކަންނެތްކަމާއި މަސައްކަތް ނުކޮށް ދޫކުރުމުގެ މައްސަރެއް ކަމަށެވެ. މި ދަޢުވާއަކީ ބޭކާރު ވާހަކައެކެވެ. ޔޫސުފް ޢަލައިހިއްސަލާމްގެ ލެއިން ވަލުކުއްތާތައް ބަރީއަވެގެންވާ ފަދައިން މިބައިމީހުންގެ މި ދަޢުވާތަކުން ރޯދަމަހާއި ރޯދަ ބަރީއަވެގެންވެއެވެ. އަޅުގަނޑުމެންގެ ކުރިން ވަޑައިގެންނެވި ޞާލިހުން (ސަލަފުއްޞާލިޙުން) ހިތްވަރާއި ހިތްމަތާއި ޖޯޝު، އަދި ޢަޒުމާއި ބާރު ދެނެވަޑައިގެންނެވީ މި ރަމަޟާންމަހުގައެވެ. މަޝްހޫރު ބަދުރު ހަނގުރާމަ ހިނގާފައިވަނީ ރަމަޟާންމަހެއްގައެވެ. މައްކާ ފަތަޙަ ކުރެވުނީވެސް ރަމަޟާންމަހެއްގައެވެ. އަންދަލުސް (ސްޕެއިން) ފަތަޙަ ވެގެން ދިޔައީ ރަމަޟާން މަހެއްގައެވެ. މިހެން ވީއިރު.... އޭ މުއައްޒަފުންނޭވެ!!! ރޯދައަކީ ތިޔަބައިމީހުންގެ ކަންނެތްކަމުގެ ސަބަބު ކަމުގައި ދައްކަނީ ކީއްވެގެން ހެއްޔެވެ؟

ޣާފިލުވެގެން ތިބި ބައެއްގެ ގާތަށް މިއަންނަ މާތް ކަރާމާތްތެރި މެހުމާނާއިމެދު ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ!!!

އެބައިމީހުންނަށް މި މާތް މެހުމާނުގެ ޙައްޤު ޤަދަރު އެނގޭނެނަމަ ކޮންފަދަ ހެއްޔެވެ؟!!!

ނޯޓް: މިލިޔުމަކީ ނޫރުލްއިސްލާމް އިން ނަގާފައިވާ ލިޔުމެކެވެ.

Read more...