03 August 2020

ބީޟުގެ ދުވަސްތަކުގެ ރޯދަ

މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު
ބީޟުގެ ދުވަސްތަކުގެ ރޯދައަކީ ކޮބާ؟
ބީޟުގެ ދުވަސްތަކުގެ ރޯދައަކީ ކޮންމެ ހަނދު މަހެއްގައި ހިފުން ސުންނަތްވެގެންވާ ތިން ރޯދައެވެ. މި ރޯދައަށް ބީޟުގެ ދުވަސްތަކުގެ ރޯދައޭ ކިޔުނީ އެ ރޯދަހިފަނީ ހަނދު އޭގެ އެންމެ އަލިކަން ގަދަވެ، ހުދުވާ ދުވަސްތަކުގައި ކަމަށްވާތީއެވެ. ބީޟުގެ މާނައަކީ ހުދެވެ.
 އެ ރޯދަތައް ޝަރްޢުވެފައިވާ ކަމުގެ ދަލީލު ތަކަކީ عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ قَالَ : أَوْصَانِي خَلِيلِي بِثَلَاثٍ لا أَدَعُهُنَّ حَتَّى أَمُوتَ : صَوْمِ ثَلاثَةِ أَيَّامٍ مِنْ كُلِّ شَهْرٍ ، وَصَلاةِ الضُّحَى ، وَنَوْمٍ عَلَى وِتْرٍ- رواه البخاري (1124) ومسلم 721 އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. "އަހަރުންގެ ރަޙްމަތްތެރިޔާ (ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ) އަހުރެންނަށް ތިން ކަމަކަށް ވަޞިއްޔަތް ކުރެއްވިއެވެ. އަހަރެން މަރުވެއްޖައުމަށް ދަންދެން އެކަންކަން ދޫނުކުރާ ހުށީމެވެ. އެއީ ކޮންމެ މަހެއްގެ ތިން ދުވަހު ރޯދަ ހިފުމާއި ޟުޙާ ނަމާދު ކުރުމާއި ވިތުރިކޮށްގެން ނިދުމެވެ."

 وعن عبد لله بن عمرو بن العاص رضي لله عنهما قال لي رسول لله صلى الله عليه وسلم : " وإنَّ بحَسْبِكَ أنْ تَصُومَ كُلَّ شَهْرٍ ثَلَاثَةَ أيَّامٍ، فإنَّ لكَ بكُلِّ حَسَنَةٍ عَشْرَ أمْثَالِهَا، فإنَّ ذلكَ صِيَامُ الدَّهْرِ كُلِّهِ، " . رواه البخاري ( 1874 ) ومسلم ( 1159 ) . ޢަބްދުﷲ ބިން ޢަމްރޫ ބިން އަލްޢާޞް ރަޟިޔަﷲ ޢަންހުމާ ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ތިމަންނާއަށް ޙަދީޘްކުރެއްވިއެވެ. "ހަމަކަށަވަރުން ކޮންމެ މަހަކު ތިންދުވަހު ރޯދަ ހިފުން ތިބާއަށް ފުދިގެންވެއެވެ. އެހެނީ ހަމަކަށަވަރުން ކޮންމެ ހެޔޮކަމަކީ ތިބާއަށް އޭގެ ދިހަގުނަ ޘަވާބު ލިބޭ ކަމެކެވެ. ހަމަކަށަވަރުން އެއީ މުޅިއަހަރު ރޯދަހިފުން ފަދަ ކަމެކެވެ." 
 ބީޟުގެ ދުވަސްތަކުގެ ރޯދަ ގިނަމީހުން ހިފާ އުޅެނީ ކޮންމެ މަހެއްގެ 13 އަދި 14 އަދި 15 ގައި، އެކަމަށް އެއްވެސް ދަލީލެއް ވޭތަ؟ 
ބީޟުގެ ދުވަސްތަކުގެ ރޯދަ ކޮންމެ މަހެއްގެ 13 އަދި 14 އަދި 15 ގައި ހިފުމަށް އަންނަނިވި ޙަދީޘް އައިސްފައިވެއެވެ. عن أبي ذَرٍّ قَالَ : قَالَ لِي رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : ( إِذَا صُمْتَ شَيْئًا مِنْ الشَّهْرِ فَصُمْ ثَلَاثَ عَشْرَةَ وَأَرْبَعَ عَشْرَةَ وَخَمْسَ عَشْرَةَ ) روى الترمذي (761) والنسائي (2424)حسنه الألباني في "الإرواء" (947) . އަބޫ ޛައްރު ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަހުރެންނަށް ޙަދީޘްކުރެއްވިއެވެ. "މަހުގެ އެއްވެސް ދުވަސްވަރެއްގައި ތިބާ ރޯދަހިފާ ނަމަ ތޭރައާއި ސާދައާއި ފަނަރާގައި ރޯދަ ހިފާށެވެ." 

 ބީޟުގެ ދުވަސްތަކުގެ ރޯދަ 13 އަދި 14 އަދި 15 ގައި ހިފުން ލާޒިމުތޯއެވެ؟ އެހެން ދުވަސްތަކަކުން އެރޯދަ ހިފިދާނެތޯއެވެ؟
 ބީޟުގެ ދުވަސްތަކުގެ ރޯދަ 13 އަދި 14 އަދި 15 ގައި ހިފުން ކޮންމެހެން ލާޒިމެއް ނޫނެވެ. މަހުގެ ކޮންމެ ތިން ދުވަހެއްގައި ހިފިކަމުގައިވިޔަސް އެ ސުންނަތް ޙާޞިލްވާނެއެވެ. އެއީ އަންނަނިވި ޙަދީޘްގައިވާ ފަދައިންނެވެ. 
عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ قَالَ : أَوْصَانِي خَلِيلِي بِثَلَاثٍ لَا أَدَعُهُنَّ حَتَّى أَمُوتَ : صَوْمِ ثَلاثَةِ أَيَّامٍ مِنْ كُلِّ شَهْرٍ ، وَصَلاةِ الضُّحَى ، وَنَوْمٍ عَلَى وِتْرٍ- رواه البخاري (1124) ومسلم 721 އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. "އަހަރުންގެ ރަޙްމަތްތެރިޔާ (ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ) އަހުރެންނަށް ތިން ކަމަކަށް ވަޞިއްޔަތް ކުރެއްވިއެވެ. އަހަރެން މަރުވެއްޖައުމަށް ދަންދެން އެކަންކަން ދޫނުކުރާ ހުށީމެވެ. އެއީ ކޮންމެ މަހެއްގެ ތިން ދުވަހު ރޯދަ ހިފުމާއި ޟުޙާ ނަމާދު ކުރުމާއި ވިތުރިކޮށްގެން ނިދުމެވެ." 

سُإِلَتْ عَائِشَةُ رَضِيَ اللهُ عَنْهَا: أَكانَ رَسولُ اللهِ صَلَّى اللَّهُ عليه وسلَّمَ يَصُومُ مِن كُلِّ شَهْرٍ ثَلَاثَةَ أَيَّامٍ؟ قالَتْ: نَعَمْ، فَقُلتُ لَهَا: مِن أَيِّ أَيَّامِ الشَّهْرِ كانَ يَصُومُ؟ قالَتْ: لَمْ يَكُنْ يُبَالِي مِن أَيِّ أَيَّامِ الشَّهْرِ يَصُومُ.- رواه مسلم ( 1160 ) ޢާއިޝާ ރަޟިޔަﷲ ޢަންހާއާ ސުވާލު ކުރެވުނެވެ. "ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ކޮންމެ މަހެއްގައިވެސް 3 ދުވަހު ރޯދަ ހިއްޕަވާތޯއެވެ.؟" ވިދާޅުވިއެވެ. "އާއެކެވެ." އެކަމަނާއަށް އަހުރެން ދެންނެވީމެވެ. "އެކަލޭގެފާނު ރޯދަ ހިއްޕަވަނީ މައްސަރުގެ ކޮން ދުވަހެއްގައި ތޯއެވެ؟" ވިދާޅުވިއެވެ. "އެކަލޭގެފާނު އެ ރޯދަތައް ހިއްޕަވަނީ މަހުގެ ކޮން ދުވަސްވަރެއްގައި ކަމެއް ފަރުވާލެއް ނުބަހައްޓަވައެވެ." 

 ބީޟުގެ ދުވަސްތަކުގެ ރޯދަ ޖައްސަ ޖައްސައިގެން ހިފުން ލާޒިމުތޯއެވެ؟ 
ބީޟުގެ ދުވަސްތަކުގެ ރޯދަ ޖައްސަޖައްސައިގެން ހިފުން ލާޒިމެއް ނޫނެވެ. އެހެނީ އެ ރޯދައިގެ މަޤްޞަދަކީ ކޮންމެ މަހެއްގެ ކޮންމެވެސް ތިން ދުވަހެއްގައި ރޯދަ ހިފުމެވެ. އެހެންކަމުން އެއް ރޯދަ ހިފާފައި އަނެއް ހަފްތާގައި އަނެއް ރޯދަ ހިފިޔަސް އަދި އެހެން ދުވަހެއްގައި ބާކީ އިން ރޯދަ ހިފިޔަސް ހަމަ ޞައްޙަވާނެއެވެ. މޮޅުއިތުރު ގޮތަކީ ޖައްސަޖައްސައިގެން ހިފުމެވެ.
 ބީޟުގެ ރޯދަ 13 އަދި 14 އަދި 15 ގައި ހިފާ މީހުން ޙައްޖުމަހުގެ އެ ރޯދަ ހިފާނީ ކިހިނެއް ހެއްޔެވެ؟ 
ޙައްޖުމަހުގެ 13 ވަނަ ދުވަހަކީ ރޯދަ ހިފުން ޙަރާމް ދުވަހެކެވެ. އެ ދުވަސް ހިމެނެނީ ރޯދަ ހިފުން ޙަރާމްވެގެންވާ އަންނަނިވި ދުވަސްތަކުގެ ތެރެއިންނެވެ.
 ހ- ފިޠްރު ޢީދު ދުވަސް
 ށ- އަޟްޙާ ޢީދު ދުވަސް
 ނ- އައްޔާމުއް ތަޝްރީޤުގެ ތިން ދުވަސް (ޙައްޖުމަހުގެ 11 އަދި 12 އަދި 13)

 އެހެންކަމުން، ޙައްޖުމަހުގައި ބީޟުގެ ދުވަސްތަކުގެ ރޯދަ ހިފާ މީހާ ޙައްޖުމަހުގެ 13 ވަނަ ދުވަހު ރޯދަ ހިފައިގެން ނުވާނެއެވެ. އޭނާ ރޯދަޔަށް ހުންނާނީ ޙައްޖުމަހުގެ 11 އަދި 12 އަދި 13 ނޫން ދުވަހެއްގައެވެ.

 ދެދުވަހުން އެއްދުވަހު ރޯދަ ހިފާ މީހާ، ހޯމަ ބުރާސްފަތި ހިފާ މީހާ، ނުވަތަ ޝައްވާލުމަހުގެ 6 ރޯދަ ހިފާމީހާ ނުވަތަ ޙައްޖުމަހުގެ 9 ދުވަހުގެ ރޯދަ ހިފާމީހާ އައްޔާމުލް ބީޟުގެ ރޯދަތައް ހިފަން ޖެހޭނެތޯއެވެ؟ 

ސުންނަތް ރޯދަ ހިފުމުގައި ﷲ ތަޢާލާގެ ރަޙްމަތް ވަންތަކަމުން އަހަރެމެންނަށް ގިނަ ޚިޔާރުތަކެއް (ޗޮއިސްތަކެއް) ﷲ ތަޢާލާ ދެއްވާފައިވެއެވެ. އެގޮތުން ސުންނަތް ރޯދައިގެ އަންނަނިވި ދަރަޖަތައް ވެއެވެ. 

1- ސުންނަތް ރޯދައިގެ ތެރެއިން އެންމެ ޘަވާބު ބޮޑުވެގެންވާ ރޯދަޔަކީ އަދި ﷲ ގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑުވެގެންވާ ސުންނަތް ރޯދަޔަކީ ދެދުވަހުން އެއްދުވަހު ރޯދަ ހިފުމެވެ. އެއީ ދާއޫދުގެފާނު ހިއްޕެވި ރޯދައެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. أَحَبُّ الصِّيَامِ إِلَى للهِ صِيَامُ ‏‏دَاوُدَ كَانَ يَصُومُ يَوْمًا وَيُفْطِرُ يَوْمًا -رواه البخاري މާނައަކީ: "ﷲ އެންމެ ލޯބިވެވޮޑިގަންނަވާ ރޯދައަކީ، ދާއޫދުގެފާނު ހިއްޕެވި ރޯދައެވެ. އެކަލޭގެފާނު ދެ ދުވަހުން އެއް ދުވަހު ރޯދަ ހިއްޕެވިއެވެ." ދެދުވަހުން އެއްދުވަހު ރޯދަހިފާ މީހާ މަހެއްގެ ތެރޭގައި 15 ވަރަކަށް ރޯދަ ހިފޭނެއެވެ. އެއީ 15*10 ވީމާ، 150 ރޯދަ ހިފުމުގެ ޘަވާބު އޭނާއަށް ލިބޭނެއެވެ. މިއީ ސުންނަތް ރޯދައިގެ އެންމެ މަތީ ދަރަޖައެވެ. 

2- އެއާ ޖެހިގެން މިއަންނަނީ ހޯމަ ބުރާސްފަތީގެ ރޯދައެވެ. ހޯމަ ދުވަހާއި ބުރާސްފަތި ދުވަހު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ރޯދަ ހިއްޕަވާތީ އެކަމާ ސުވާލު ދެންނެވުމުން ޙަދީޘްކުރެއްވިއެވެ. تُعْرَضُ الْأَعْمَالُ يَوْمَ ‏ ‏الِاثْنَيْنِ وَالْخَمِيسِ فَأُحِبُّ أَنْ يُعْرَضَ عَمَلِي وَأَنَا صَائِمٌ – رواه النسائي والترمذي وابن ماجه وصححه الألباني- މާނައަކީ: "ޢަމަލުތައް މާތް ﷲ ގެ ޙަޟްރަތަށް ހުށައެޅޭ ދުވަހަކީ ހޯމަ އަދި ބުރާސްފަތި ދުވަހެވެ. ފަހެ ރޯދައަށް ހުންނަވަނިކޮށް ތިމަންކަލޭގެފާނުގެ ޢަމަލުފުޅުތައް ހުށަހެޅެން ތިމަންކަލޭފާނު ލޯބިކުރައްވަމެވެ." ހޯމަ އަދި ބުރާސްފަތީގައި ރޯދަ ހިފާ މީހަކު ޢާއްމުގޮތެއްގައި މަހެއްގެ ތެރޭގައި 8 ރޯދަ ހިފޭނެއެވެ. އެއީ 8*10 ވީމާ 80 ދުވަހު ރޯދަ ހިފުމުގެ ޘަވާބެވެ. މިއީ ސުންނަތް ރޯދައިގެ ދެވަނަ ދަރަޖައެވެ.

 3- ސުންނަތް ރޯދައިގެ 3 ވަނަ ދަރަޖައަކީ ކޮންމެ މަހެއްގެވެސް 3 ދުވަހު ރޯދަހިފުމެވެ. އެއީ 13 އަދި 14 އަދި 15 ގައި ހިފިކަމުގައި ވިޔަސް ނުވަތަ މަހުގެ ކޮންމެވެސް 3 ދުވަހެއްގައި ރޯދަ ހިފިކަމުގައި ވިޔަސް މައްސަލައެއް ނެތެވެ. ކޮންމެ މަހެއްގެ 3 ދުވަހުގައި ރޯދަ ހިފާ މީހާ އަށް ލިބެނީ 10*3 އާދެ 30 ދުވަހު ރޯދަ ހިފުމުގެ ޘަވާބެވެ.

 ސުންނަތް ރޯދައިގެ ތިން ދަރަޖައަކީ
 ހ- ދެދުވަހުން އެއްދުވަހު ރޯދަ ހިފުމާއި
 ށ- ހޯމަ ބުރާސްފަތީގައި ރޯދަ ހިފުމާއި
 ނ- ކޮންމެ މަހުގެ ތިން ދުވަހު ރޯދަ ހިފުމެވެ.

 މި ތިން ދަރަޖައިގެ ތެރެއިން އެމީހަކަށް ކުޅަދާނަވީ މިންވަރެއްގައި ހިފަންވީއެވެ. އެންމެ ދަށް ދަރަޖާގައި ހިފާ މީހާއަށްވެސް ކޮންމެ މަހަކުވެސް އެމަހުގައި އެއްކޮށް ރޯދަ ހިފުމުގެ ޘަވާބު ލިބޭނެއެވެ. އެއީ އެންމެ ތިން ދުވަހު ރޯދަ ހިފައިގެންނެވެ.

 * - ދެދުވަހުން އެއްދުވަހު ރޯދަ ހިފާ މީހާ، ހުކުރެއް ހޮނިހިރެއް، ހޯމައެއް ބުރާސްފައްޗެއް، ހަނދުމަހުގެ 13 14 15 އެއް ބަލާކަށް ނުޖެހޭނެއެވެ. އަދި ހޯމަ ބުރާސްފަތީގައި ރޯދަ ހިފާކަށް އޭނާ ނުޖެހޭނެއެވެ. އަދި ކޮންމެ މަހެއްގެ ތިން ދުވަހު ރޯދަ ހިފާކަށްވެސް އޭނާ ނުޖެހޭނެއެވެ. އޭނާއަށް އެވަނީ އެމަހުގައި އޭނާއަށް ތިން ރޯދަޔަށްވުރެ އިތުރަށްވެސް ހިފިފައެވެ.

 *- ހޯމަ ބުރާސްފަތީގައި ރޯދަ ހިފާ މީހާ، ހަނދުމަހުގެ 3 ދުވަހަށް ބަލާކަށް ނުޖެހޭނެއެވެ. އެހެނީ އޭނާ އެވަނީ 3 ރޯދަޔަށްވުރެ ގިނައިން ހިފައިފައެވެ.

 *- ހަނދު މަހުގެ ތިން ދުވަހުގެ ރޯދަހިފާ މީހާ ހޯމަ ބުރާސްފަތި ބަލާކަށް ނުޖެހޭނެއެވެ. އޭނާ ބޭނުން ތިން ދުވަހެއްގައި އެ ރޯދަ ތައް ހިފިކަމުގައިވިޔަސް ރަނގަޅުވާނެއެވެ. 13 އަދި 14 އަދި 15 ގައި ހިފިކަމުގައި ވިޔަސް މައްސަލައެއް ނެތެވެ. 

 ސުންނަތް ރޯދަ ހިފުމުގެ މަތީ ދަރަޖާގައި ހިފައިގެން ހުރި މީހަކު އެވަނީ ދަށުދަރަޖަތައްވެސް ލިބިގެންފައެވެ. ޝައްވާލު މަހުގެ 6 ރޯދަ ހިފި މީހަކު ހަނދުމަހުގެ 3 ރޯދަ ހިފަން ޖެހޭނެތޯ ޝައިޚް އިބްނު ޢުޘައިމީން ރަޙިމަހުﷲ އާ ސުވާލު ކުރެވުމުން ވިދާޅުވިއެވެ. "އާއެކެވެ. އޭނާ ޝައްވާލުމަހުގެ ހަ ދުވަހުގެ ރޯދަ ހިފައިފިނަމަ ދެން އޭނާ ބީޟުގެ ދުވަސްތަކުގެ ރޯދަ އަލުން ހިފާކަށް ނުޖެހޭނެއެވެ. އެއީ އޭނާ 13 އަދި 14 އަދި 15 ވަނަ ދުވަހުގައި ޝައްވާލުމަހުގެ 6 ރޯދަ އިގެ ތެރެއިން ހިފިކަމުގައިވިޔަސް ނުވަތަ އެދުވަސްތަކުގެ ކުރިން ނުވަތަ ފަހުން ހިފިކަމުގައި ވިޔަސް މެއެވެ. އެހެނީ އޭނާ ހިމެނެނީ މަހުގައި 3 ރޯދަ ހިފި މީހުންގެ ތެރެއިންނެވެ. ޢާއިޝާ ރަޟިޔަﷲ ޢަންހާ ވިދާޅުވިއެވެ. "ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ކޮންމެ މަހެއްގައިވެސް 3 ދުވަހު ރޯދަ ހިއްޕަވައެވެ. އެކަލޭގެފާނު އެ ރޯދަތައް ހިއްޕަވަނީ މަހުގެ ކުރީކޮޅުގައި ނުވަތަ މަހުގެ މެދުތެރޭގައި ނުވަތަ މަހުގެ ފަހުކޮޅުގައި ކަމެއް ފަރުވާލެއް ނުބަހައްޓަވައެވެ." އެކަން ހިމެނެނީ މީހަކު މިސްކިތަށްވަދެފައި ރަވާތިބު ސުންނަތް ކުރުމުން އޭނާގެ ކިބައިން މަސްޖިދު ސުންނަތް ކެނޑިގެންދާ ބީދައިންނެވެ." 

 މަރްޖިޢުތައް
 "مجموع فتاوى ومقالات متنوعة" (15/387، 388) . 
https://islamqa.info/ar/answers/49867 https://islamqa.info/ar/answers/183611 https://islamqa.info/ar/answers/69781 https://islamqa.info/ar/answers/69781 https://islamqa.info/ar/answers/297278

Blog Widget by LinkWithin

No comments:

Post a Comment