29 July 2012

މެއްސެއްގެ ސަބަބުން އެކަކު ސުވަރުގެއަށް އަނެކަކު ނަރަކައަށް

އަލްއަޚް މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު
މާތްﷲ ރުއްސުންލެއްވި ޠާރިޤު ބުނު ޝިހާބުގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. رسول الله صلّى الله عليه وسلّم ޙަދީޘްފުޅުކުރެއްވިއެވެ.

“دَخَلَ الجَنَّةَ رَجُلٌ فِى ذُبَابٍ ، وَدَخَلَ النَّارَ رَجُلٌ فِي ذُبَابٍ”، قَالُوا: وَكيَفَ ذَلِكَ يَارَسُولَ اللهِ؟ قَالَ: “مَرَّ رَجُلاَنِ عَلَى قَوْمٍ لَهُمْ صَنَمٌ لاَ يَجُوزُهُ أَحَدٌ حَتَى يُقَرِّبَ لَهُ شَيْئاً، فَقَالُوا لأَحَدِهِمَا قَرِّبْ، قَالَ: لَيْسَ عِنْدِي شَيْءٌ أُقَرِّبُ، قَالُوا لَهُ: قَرِّبْ وَلَوْ ذُبَابًا، فَقَرَّبَ ذُبَابًا فَخَلَّوا سَبِيْلَهُ، فَدَخَلَ النَّارَ، وَقَالُوا لِلآخَرِ: قَرِّبْ فَقَالَ: مَا كُنْتُ لأُقَرِّبَ لأَحَدٍ شَيْئاً دُوْنَ اللهِ عَزَّ وَجَلَّ، فَضَرَبُوا عُنُقَهُ، فَدَخَلَ الجَّنَةَ” (رواه أحمد فى كتاب الزهد)

މާނައީ: “މެއްސެއްގެ ސަބަބުން ސުވަރުގެއަށް މީހަކުވަނެވެ. އަދި ހަމަ މެއްސެއްގެ ސަބަބުން ނަރަކައަށް ވެސް މީހަކުވަނެވެ. އަޞްޙާބު ބޭކަލުން ދެންނެވިއެވެ. އޭ ﷲގެ ރަސޫލާއެވެ! އެއީ ކިހިނެއްވީކަމެއްތޯއެވެ؟ ޙަދީޘްފުޅުކުރެއްވިއެވެ. ދެމީހަކު ހިނގަމުންހިނގަމުން ބުދެއްގެންގުޅޭ ބަޔަކު ކައިރިން ދާންޖެހުނެވެ. އެމަގުން ދާ އެކަކަށްވެސް އެބުދަށް ކޮންމެވެސް އެއްޗެއް ޤުރުބާންނުކޮށެއް ނުދެވެއެވެ. ދެން ފަހެ އެބައިމީހުން އެދެމީހުންކުރެ އެކަކަށް ބުނެފިއެވެ. މި ބުދަށް ޤުރުބާނީ އެއްކުރާށެވެ. އޭނާ ބުންޏެވެ. އަހަރެން އަތަކު ޤުރުބާންކުރާނެ އެކައްޗެއްވެސް ނެތެވެ. އެބައިމީހުން އޭނާއަށް ބުންޏެވެ. މެއްސެއްވިޔަސް ޤުރުބާންކުރާށެވެ. ދެންފަހެ އޭނާ މެއްސެއް ޤުރުބާންކޮށްފިއެވެ. ދެން އެބައިމީހުން އޭނާ ދިއުމަށް ދޫކޮށްލައިފިއެވެ. ފަހެ އޭނާ އެމެހީގެ ސަބަބުން ނަރަކައަށް ވަދެއްޖެއެވެ. ދެން އެބައިމީހުން ދެވަނަ މީހާއަށްބުނެފިއެވެ. ތިބާވެސް މިބުދަށް ޤުރުބާނީއެއް ކުރާށެވެ. އޭނާ ބުންޏެވެ. اﷲ ފިޔަވައި އެހެން އެއްވެސް ފަރާތަކަށް އަހަރެން ޤުރުބާނެއް ނުކުރާނަމެވެ. ހަމައެހިނދު އެބައިމީހުން އޭނާ ޤަތުލުކޮށްލައިފިއެވެ. ފަހެ އޭނާ އެމެހީގެ ސަބަބުން ސުވަރުގެ ވަދެއްޖެއެވެ.”

Read more...

26 July 2012

ޤުރުއާން ހިތުދަސްކުރުމުގެ ޤަވާޢިދުތައް

އަލްއަޚް މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު
1- ﷲ ސުބްޙާނަހޫ ވަތަޢާލާގެ ވަޖުހަފުޅު އަދައިގެން ކުރުން

2- ކިޔެވުން ތަޖުވީދުގެ މަގަށް ބެހެއްޓުން

3- ކޮންމެދުވަހަކުވެސް ހިތުދަސްކުރާނޭ ވަކި މިންވަރެއް ކަނޑައެޅުން

4- ރަނގަޅަށް ހިތުދަސްނުވަނީސް އެހެން އާޔަތްތައް ހިތުދަސްކުރަން ނުފެށުން

5- އެއް މުޞްޙަފަކުން ދަސްކުރުން (އެއްޗާޕަކުން)

6- އާޔަތްތަކުގައި ބުނާ އެއްޗެއް ދޭހަވުން – ފަހުމުވުން

7- ސޫރަތެއް ނިންމާފައި އަނެއްސޫރަތާ ރަނގަޅަށް ގުޅުވުން

8- ހިތުދަސްކޮށްފައިވާ ބައި އެހެންމީހަކަށް ކިޔައިދިނުން

9- ހިތުދަސްކޮށްފައިވާ ބައި މުރާޖަޢާކުރުން

10- އެއްވައްތަރު އާޔަތްތަކަށް ސަމާލުކަން ދިނުން

11- ހިތުދަސްކުރުމުގެ ރަންދުވަސްވަރުގެ ބޭނުން ހިފުން
----------------------------------------------------
މިލިޔުމުގެ ޕީޑީއެފް ފައިލް ވިދާޅުވުމަށް

Read more...

24 July 2012

ޣީބައިގެ މާނަ

އަލްއަޚް މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޣީބައިގެ މާނަ އަންގަވައި ދެއްވަމުން ޙަދީޘް ކުރެއްވިއެވެ.
"أَتَدْرُونَ مَا الْغِيبَةُ"
“ޣީބައަކީ ކޮބައިކަން ތިޔަބައި މީހުންނަށް އެނގޭހެއްޔެވެ؟”

އެބޭކަލުން ދެންނެވިއެވެ، “އެންމެ މޮޅަށް ދެނެވޮޑިގެންވަނީ މާތް ﷲއެވެ. އަދި މޮޅަށް ދެނެވަޑައިގަންނަވަނީ އެއިލާހުގެ ރަސޫލާއެވެ.” ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.
"ذِكْرُكَ أَخَاكَ بِمَا يَكْرَهُ"
“ތިބާގެ އަޚާގެ ވާހަކަ އޭނާނުރުހޭ ފަދައިން ދެއްކުމެވެ”

ދެން އެކަލޭގެފާނަށް ދެންނެވުނެވެ، “އަހަރެމެން ދެއްކީ (ހަގީގަތުގައިވެސް) އެއަޚާގެ ކިބައިގައި ވާކަމެއްގެ ވާހަކަ ނަމަވެސްތޯއެވެ.” ދެން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހަދީޘްކުރެއްވިއެވެ،

"إِنْ كَانَ فِيهِ مَاتَقُولُ فَقَدِ اغْتَبْتَهُ وَإِنْ لَمْ يَكُنْ فِيهِ مَا تَقُولُ فَقَدْ بَهَتَّهُ"
“އޭނާގެ ކިބައިގައި ތިޔަބައިމީހުން ބުނާފަދަ ސިފައެއް ވާނަމަ އެވާނީ ޣީބައަށެވެ، އަދި ތިޔަބައިމީހުން ބުނާފަދަ ސިފައެއް އޭނާގެ ކިބައިގައި ނުވާނަމަ، ތިޔަބައިމީހުންނަށް އޭނާގެ މައްޗަށް ދޮގުހަދައިފިއެވެ.”

އެހެންކަމުން “ޣީބަ”އިގެ މާނައަކީ މީހަކު ނެތްތާނގައި އޭނާގެ ވާހަކަ، އޭނާ އެތާނގައި ހުރިނަމަ ނުރުހޭނޭ ފަދައިން ދެއްކުމެވެ. އެހެންނަމަވެސް އޭނާގެ ކިބައިގައި އެފަދަ ކަމެއް ނުވާނަމަ އެވާހަކަ ވާނީ ދޮގަކަށެވެ.

ނޯޓް: މިލިޔުމުގައި ޙަވާލާދެވިފައިވާ ޙަދީޘަކީ ޞަޙީޙް މުސްލިމްގައި ވާރިދުވެފައިވާ ޙަދީޘެކެވެ.

Read more...

22 July 2012

އިސްތިޢުމާރުން ފެށިފެށުން ފިކުރީ ވަކިތަކަކަށް

އަލްއަޚް މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު
ޤަދީމީ އިސްތިޢުމާރަކީކޮބާ؟
އެއީ ޖޯގްރަފީގޮތުން ހޯދޭ ބިންތަކުގައި މީހުން ވަޒަންވެރިކުރުވައި އެތަންތަން ފައިދާ ލިބިގަތުމަށްޓަކައި އާރާސްތުކޮށް ބިނާކުރުމެވެ.
ޒަމާނީ އިސްތިޢުމާރަކީ ކޮބާ؟
ޒަމާނީ އިސްތިޢުމާރަކީ ސިނާޢީ އިންޤިލާބުގެ ނަތީޖާއެއްގެ ސަބަބުން ނުފޫޒު ފެތުރުމާއި ވެރިވެގަތުމާއި އަތްގަދަ ކުރުމުގެ މައްޗަށް ބިނާވެފައިވާ އެއްޗެކެވެ. އަދި އޭގައި ތަފާތު އުކުޅުތައް ބޭނުންކުރެވެއެވެ.

ޢާއްމުގޮތެއްގައި އިސްތިޢުމާރު ކުރެވޭ ސަބަބުތައް
- ދުނިޔޭގެ ޤައުމުތަކުން ފަޤީރުކަން ނައްތާލައި ތަރައްޤީ ކުރުމުގެ ނަމުގައި.
- ބައިނަލް އަޤުވާމީ ދަނޑުގައި އެބައިމީހުންގެ އާރާއި ބާރު ދެމެހެއްޓުމަށް.
- ޔޫރަޕްގެ އުފެއްދުންތައް ވިއްކާނެ ބާޒާރުތައް ހޯދުމަށާއި
- މަސައްކަތްކުރާނެ އަގުހެޔޮ އަތްތަކެއް ހޯދުމަށް.
- ތަކެތި އުފެއްދުމަށްޓަކައި ހެޔޮއަގުގައި ނުވަތަ ހިލޭ ރޯމެޓީރިއަލް ހޯދުމަށް.
- ޔޫރަޕްގެ ބޮޑެތި ސިޔާސީ ވެރިން މަޝްހޫރުވެގަތުމަށް.

އިސްތިޢުމާރުގައި އެންމެ ކުރިއަރައިފައިވާ ޤައުތައް
- އިގިރޭސިވިލާތް، ފަރަންސޭސިވިލާތް، ރަޝިޔާ، އިޓަލީ

އިގިރޭސިވިލާތުގެ ދަށަށް ދިޔަ އިސްލާމީ ބައެއް ޤައުމުތައް:
- ޢަދަން، މިޞްރު، އިންޑިޔާ، ދިވެހިރާއްޖެ، ޢިރާޤު، ކުވައިތު

ފަރަންސޭސިވިލާތުގެ ދަށަށް ދިޔަ އިސްލާމީ ބައެއް ޤައުމުތައް:
- ލުބްނާން، މަޣުރިބް، އަލްޖަޒާއިރު، ސޫރިޔާ

އިސްލާމީ ޤައުމުތައް އިސްތިޢުމާރު ކުރުމަށް އެންމެ ބޮޑު ހުރަހަކަށްވީ:
މުސްލިމުންގެ ޢަޤީދާއެވެ. މުސްލިމުން ދެކޭގޮތުގައި މުސްލިމުން ބޯލަބަންޖެހޭ ފަރާތަކީ ﷲ ސުބްޙާނަހޫ ވަތަޢާލާ ކަމުގައި ވުން، އަދި އިސްލާމް ދީނަކީ މިނިވަންކަމުގެ އަގު ވަޒަންކުރާ ދީނަކަށްވުމާއި އިސްލާމްދީނުގެ އަޞްލުތައް ބިނާވެފައިވަނީ މީސްތަކުންގެ އަޅުވެތިކަމުން މީސްތަކުންނެރެ، ﷲގެ އަޅުވެތިކަމުގެ ދަށަށް މީސްތަކުން ގެންދިޔުންކަމުގައި ވުން.

ހަނދާންކުރަންޖެހޭ މުހިއްމު ނުކުތާއެއް:
އިސްތިޢުމާރު އިސްލާމީ ދުނިޔެއިން ފުހެވިގެން ދިޔަނަމަވެސް އެބައިމީހުން ޙަޤީޤަތުގައި އަދިވެސް އިސްލާމީ ޤައުމުތަކުގައި އެބަ ތިއްބެވެ. މިހެން ބުނެވޭ ސަބަބު ތައް:
- މުސްލިމުންގެ ކުރިއެރުމާއި ހޭލުންތެރިކަން ނައްތައިލުމަށް އެތެރެއާއި ބޭރުން މަސައްކަތްކުރުން.
- މުސްލިމުން ބިނާކުރި އިންސާނީ ޙަޟާރަތް ނައްތާލުމަށް މަސައްކަތްކުރުން.
- އިސްލާމީ ޝަޚްޞިއްޔަތު ނައްތާލަން މަސައްކަތްކުރުން.
- އެބައިމީހުން ބޭނުންވާ ފަސާދައިގެ “އޮއްތައް” އަމިއްލަ ފަސްގަނޑުގައި “މުޑުވައްކުރާނެ” އެބައިމީހުން ގެ ފިކުރުގެ “ދަނޑުވެރިންތައް” އެފަދަ ޤައުމުތަކުގައި އުފައްދާފައިވުން. މިފަދަ މީހުންނަކީ ޢާއްމުކޮށް ހުޅަނގުން ތަޢުލީމު ޙާޞިލްކުރުމުގެ ސަބަބުން އެބައިމީހުންގެ ސިކުނޑި ދޮވެވިފައި ތިބޭ، ލާދީނީ، އަދި ސެކިއުލަރ ވިސްނުމާއި އެމީހުން ބުނާ “މެދުމިނުގެ އިސްލާމްދީން” ނުވަތަ މޮޑަރޭޓް އިސްލާމްދީނަށް އަރާތިބި މީހުން
- އިސްލާމީ އުސޫލުތަކާ މުސްލިމުން ދުރުކުރުމަށް މަސައްކަތްކުރުން – މިކަން ޢާއްމުގޮތެއްގައި ކުރަނޭ އެކިއެކި ތަންތާޖެހޭ ތަޢުލީމާއި (ވަށާޖެހޭ ތަޢުލީމާއި) ޤައުމުގެ މަންހަޖު ނޮޓް ސޯ އިސްލާމިކް (އިސްލާމްދީނާ ބީރައްޓެހި) ގޮތަށް ބަދަލުކޮށްގެން
- ދީނަށް ކުރާ އިތުބާރު ނައްތާލުމަށް މަސައްކަތްކުރުން- ދީނުގައިވާ ޙައްދުތަކަށް ޖޯކުޖެހުމާއި ޙަޖޫޖެހުމަކީ ޢާއްމުކަމަކަށް ހަދައި އެކަމަކީ ޤައުމުގެ މުސްލިމުން ކަންބޮޑުވާކަމެއް ކަމުގައިވެފައި ވަނިކޮށް އެކަން ޢާއްމު ކުރިމިންވަރުން އެކަމަކީ އެހާ ބޮޑު ކަމަކަށް މުސްލިމުންނަށް ނުވެ، ދީނީ ކަންތައްތަކަކީ އާދައިގެ ކުދި ކުދި ކަންތައްތައް ކަމުގައި ބަލަންފަށާ ދަރަޖައަށް އެބައިމީހުންވެސް ވިސްނުންދެއެވެ.
- މުސްލިމުންގެ އެއްބައިވަންތަކަން ނަގާލުމަށް މަސައްކަތްކުރުން – ޑިމޮކްރަސީއާއި ރައްޔިތުންގެ ވެރިކަމާއި، އަންހެނުންގެ ޙައްޤުތަކާއި އިންސާނީ ޙައްޤުތަކުގެ ނަމުގައި – ބައިބައިވެ ކުނިވެ ފުޅައަޅާފައިވާ ނާކާމިޔާބު ދުނިޔަވީ ނިޒާމްތައް ގެނެސް – ކުލައަށް އަޅުކަންކޮށް، އެއްބަޔަކު އަނެއްބަޔަކަށް ތަޅާފޮޅާ، ޢާއިލާގެ އަފުރާދުންގެ މެދުގައިވެސް ސިޔާސީ ދެކޮޅުވެރިކަން އުފައްދާ ރަށްރަށުގެ މުޖްތަމަޢުތައްވެސް ފަސާދަކޮށް މުޅި ޤައުމުގެ އެކުވެރިކަން ނަގާލަނީވެސް “ހެޔޮވެރިކަމާއި” “ރައްޔިތުންގެ ވެރިކަމާއި” “ޑިމޮކްރަސީ” ގެ ނަމުގައެވެ.

އިސްތިޢުމާރުގެ އަސަރު
އިސްތިޢުމާރުގެ ސަބަބުން ޤައުމުގެ އަފުރާދުންގެ ވިސްނުމާއި ދެކޭގޮތް ބަދަލުކޮށްލައެވެ. ވިސްނުން މިގޮތަށް ބަދަލުވުމުން އެމީހެއްގެ ހުރިހާކަމެއް މަޑުމަޑުން ނުވަތަ ލަސްލަހުން ނަމަވެސް ބަދަލުވަމުން ދާނީ އިސްތިޢުމާރު (އަޅުވެތި) ކޮށްގެން އުޅޭބަޔެއްގެ ވިސްނުމާއި، ދީނާއި، ޘަޤާފަތާ އެއްގޮތަށެވެ. މިސާލަކަށް އިނގިރޭސި ވިލާތުން އިސްތިޢުމާރު (އަޅުވެތި) ކޮށްގެންތިބި ޤައުމުތަކުގައި ފެތުރިފައި ވަނީ އިނގިރޭސިބަހާއި، އިނގިރޭސީންގެ އާދަކާދައެވެ. އަދި ކިއެއްތަ ބައެއް ޤައުމުތަކުގެ މަސްވެރިން ލޯބޯ ފީއްސައިގެން ދޭހާ އަތްވެއްގައި އަދި ވެހޭހާ ވާރޭއެއްގައި ގުދާރުބިންދައިގެން ހޯދާ ފައިސާކޮޅުވެސް ދޭންޖެހެނީ ކުއީން އެލިޒަބަތަށެވެ. ކޮންމެވެސް ޖީސީ އޯލެވެލްއެއްގެ ނުވަތަ އޭލެވެލްއެއްގެ ފީގެ ނަމުގައެވެ. ފަރަންސޭސިވިލާތުން އަޅުވެތިކޮށްގެންތިބި ޤައުމުތަކުގައި އޮތީ، ފަރަންސޭސީންގެ ޘަޤާފަތާއި، ގޮތްތަކެވެ. މިކަންތައް ޚާއްޞަކޮށް އެފްރިކާގެ ޤައުމުތަކުން ފެންނަން އެބަހުއްޓެވެ

އިސްތިޢުމާރުގެ ސަބަބުން އިސްލާމީ ދުނިޔެއަށް ލިބުނު ގެއްލުންތައް:
- އިންޑިޔާ، ޒެންޒިބާރު، އަދި ޗާޑް ފަދަ އިސްލާމީ ބައެއް ޤައުމު ތަކުގައި ޢަރަބި އަކުރުގެ ބަދަލުގައި ލެޓިން އަކުރު ބޭނުންކުރަން ފެށުން. ޢަރަބި ބަސް އިސްތިޢުމާރު ކުރުމަކީ އިސްލާމްދީން އިސްތިޢުމާރުކުރުން ފަދަކަމެކެވެ. އެހެނީ އެދީނުގެ ކަންޒުތަކުގެ ތަޅުދަނޑިތަކަކީ ޢަރަބި ބަހެވެ. ޢަރަބި ބަހާ ނުލާ އެ ނުހުޅުވޭނެއެވެ.
- ތުރްކީ، މެލޭޝިއާ، ވަޟަޢީ ޤާނޫނު ތަޢާރަފްވުން. – ޔުނިވަރސިޓީ ތަކުގެ މަންހަޖުތައް ހުޅަނގުގެ ތައްގަނޑަށް ކަފާ، އެފަދަ ތަންތަނަކީވެސް “މޮޑެރޭޓް” އިސްލާމުން އުފައްދާ ތަންތަނަށް ހަދައި ޖިހާދުކުރުންފަދަ ދީނުގެ މުހިއްމު ވާޖިބުތައް އެއީ އިސްލާމުން ކިޔަވަން ނުޖެހޭ ކަންކަމަށް ހަދައިފިއެވެ.
- އިސްލާމީ ޡަޤާފަތް ގެއްލިގެން ދިއުން –: އިސްލާމީ ޘަޤާފަތަކީ ބީރައްޓެހި އެއްޗަކަށް ހެދުމަށްޓަކައި ސިޔާސީގޮތުން ގިނަ ގުނަ މަސައްކަތްތަކެއް ކުރެވެއެވެ. ދީނަކީ ހަމައެކަނި މިސްކިތުގައި އޮންނަންޖެހޭނެ އެއްޗަކަށް ހަދައި ދައުލަތް ހިންގުމުގެ ނިޒާމުން އިސްލާމީ ޘަޤާފަތް ފޭކޮށް، ހުޅަނގުގެ ވަޟަޢީ ނިޒާމްތައް ވައްދައި، ކޮރަޕްޝަނާއި ފަސާދައިގެ ވިހަގަދަ މޫތައް ފަތުރައި، މަސްތުވާތަކެއްޗާއި މާރާމާރީ ޢާއްމުކޮށް، މުޖްތަމަޢުގެ ޞުލްޙަ މަސަލަސްކަމާއި އަމަން އަމާންކަން ވެއްޔާ މޮޑެވި، ޒަމާނީ މުވާޞަލާތީ ވަޞީލަތްތަކުގެ އެހީގައި މުސްލިމުން އެމީހުންގެ ޘަޤާފަތާ އަދި ދީނާ ދުރުކުރުވައެވެ.

މަޤްޞަދަކީ ފިކުރު އިސްތިޢުމާރު ކުރުމެވެ. ފިކުރީ ހަނގުރާމައިގެ ވަކިތަކުން ސަލާމަތްވުމަކީ ހަނގުރާމައިގެ މައިދާނެއްގައި ދުޝްމަނެއްގެ ޙަމަލާއިން ސަލާމަތްވުމަށްވުރެ އުނދަގޫކަމެކެވެ.

Read more...

18 July 2012

ޒުވާނުންނާއި އަޅުކަމުގެ ލައްޛަތާއި މީރުކަން


އައްޝައިޚް އިސްމާޢީލް މުޙައްމަދު

އަޅުކަމަށް އަހުރެމެންބޭނުންވެގެންވާވުމަކީ ފިޠުރީ ބޭނުމެކެވެ. ﷲ ތަޢާލާ ވަނީ އެކަލާނގެ އެންމެހާ އަޅުތަކުންގެ ކިބައިގައި އެ ފިޠުރަތު ލައްވަވާފައެވެ. އަޅުކަންކުރުމުގައި މީސްތަކުންގެ ތެރޭގައި ތިން ބައެއްވެއެވެ. އެއްބަޔަކީ ބައެއް އުރެދުންތައް ކުރުމުން ތިމާގެ ނަފުސަށް އަނިޔާ ކުރާބަޔެކެވެ. އަނެއް ބަޔަކީ މެދުމިންވަރު އިޚްތިޔާރު ކޮށްގެންވާ ބަޔެކެވެ. އެއީ ފަރްޟުތަކާއި ވާޖިބުތައް އަދާކުރުމާއި އެކު ޙަރާމްކަންތަކުން ދުރުވެ އެއްކިބާވެގެންވާ ބައެކެވެ. ތިންވަނަ ބަޔަކީ ހެއުކަންތައް ކުރުމުގައި އެއްބަޔަކު އަނެއްބަޔަކަށްވުރެ ކުރިއަރައިދިއުމަށް ގަދައަޅައި މަސައްކަތްކުރާ މީހުންނެވެ. އެއީ ފަރްޟުތަކާއި ވާޖިބުތައް އަދާ ކުރުމާއިއެކު ސުންނަތްތަކާއި، ނާފިލް ކަންތައް ވެސް ކުރަމުންދާ މީހުންނެވެ. މިކަމަކީ ތަރުބިއްޔަތާއި ގުޅިފައިވާ ކަމެކެވެ. މިކަމުގައި ޒުވާނުންގެތެރެއިން ގިނަބަޔަކީ ފަރުވާލެއް ނުބަހައްޓާ ބައެކެވެ.

އަޅުކަމުގެ އަޞްލަކީ (ﷲ ތަޢާލާގެ ޙަޟްރަތުގައި) އަޅާ ތިމާގެ ނިކަމެތިކަމާއި ތިމާމެންގެ ނިކަމެތިކަން ޤަބޫލުކޮށް އެކަލާނގެއަށް ބޯލަނބައި ކިޔަމަންވުމެވެ. އެހެންކަމުން ޝަރްޢީ ވަޡީފާ ތަކަށް އަޅުކަމުގެ ނަމުން ނަންދެވުނެވެ. އެގޮތަކީ އަޅުތަކުން އެކަން ލާޒިމު ކަންތައް ކަމުގައިދެކެ އެކަން އަދާކޮށްއުޅެނީ ﷲ ތަޢާލާއަށް ނިކަމެތިވެހުރެއެވެ. އަދި ޚުޝޫޢު އާއި ޚުޟޫޢުއާއި އެކުގައެވެ. މިދެންނެވުނީ އަޅުކަމުގެ ޢާއްމު ތަޢްރީފެކެވެ. މީގައި އަންނަނިވި ތިންބައި ޝާމިލުވެގެންވެއެވެ.

އެއީ: 1 - ނިކަމެތިކަމާއި ޚުޟޫޢަތްތެރިކަމެވެ. 2 - ކިޔަމަންތެރިކަމާއި އެކު ބޯލަބައި ޢަމަލީގޮތުން އެކަން ކުރުމެވެ. 3 - އަޅުކަމާއި އުލޫހިއްޔަވަންތަކަމެވެ.

އަޅުކަންކުރުމުން އެއްކިބާވެ އެކަމުން ދުރުވެގެންވަނިކޮށް ޒަމާންތަކާއި ވަގުތުތައް އަހުރެމެންގެ ކިބައިން ފާއިތުވެގެންހިގައްޖެއެވެ. އެއީ ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކުރުމާއި މެދު ދަހިވެތިވުމަށްފަހު އެކަމަށް ފަރުވާނުބަހައްޓައި އެކަން ދޫކޮށްލެވިފައި ވުމުންނެވެ. ވީމާ މިކަން މިގޮތަށްކުރެވުނީތީ އެކަމާއިމެދު އަހުރެމެން ދެރަވެ ހިތާމަކުރަމެވެ.

އާލް އިމްރާން ސޫރަތުގެ ފަނަރަވަނަ އާޔަތް އަހުރެމެން ކިޔަވައި އުޅުމާއި އެކުވެސް މިކަން މިގޮތަށް ކުރެވެނީ ކީއްވެހެއްޔެވެ؟
قُلْ أَؤُنَبِّئُكُمْ بِخَيْرٍ مِنْ ذَٰلِكُمْ لِلَّذِينَ اتَّقَوْا عِنْدَ رَبِّهِمْ جَنَّاتٌ تَجْرِي مِنْ تَحْتِهَا الْأَنْهَارُ خَالِدِينَ فِيهَا وَأَزْوَاجٌ مُطَهَّرَةٌ وَرِضْوَانٌ مِنَ اللَّهِ وَاللَّهُ بَصِيرٌ بِالْعِبَادِ "އޭ މުޙައްމަދު ، ކަލޭގެފާނު އެމީހުނަށް ވިދާޅުވާށެވެ! މިދުނިޔޭގައި މީސްތަކުންނަށް ޒީނަތްތެރިކޮށް ދަޅަދައްކައި ހެއްލުންތެރިކުރުވާ ކަންތަކަށްވުރެ ﷲ ތަޢާލާގެ ޢަޛާބަށް ބިރުވެތިވެ އެކަލާނގެ ތިމަންމެނަށް ބައްލަވައި ވޮޑިގެންވާ ކަމުގައިދެކި އެކަލާނގެއަށް ކިޔަމަންވެގެންވާ މީހުނަށްހުރި ހެއުކަމުގެ ޚަބަރު ތިމަންރަސޫލާ ތިޔަބައިމީހުންނަށް ދެއްވަންހެއްޔެވެ؟"

އެއީ ހައްދަވައި ބޮޑުކުރައްވާ ރަސްކަލާނގެ ޙަޟްރަތުގައި އެމީހުންނަށްހުރި ސުވަރުގެތަކެވެ. އެތާގައިވާ ގަޑުވަރުތަކާއި ގަސްތަކުގެ ދަށުގައި ކޯރުތައް ހިނގަހިނގައި ހުންނާނެއެވެ. އެމީހުން އެތާގައި ތާއަބަދު ދެމިތިބޭނެއެވެ. އަދި އެތާގައި އެމީހުންނަށް ޙައިޟާއި ނިފާސްކަމުގެ ލެއިންނާއި ނުބައި އަޚްލާޤުން ޠާހިރުވެގެންވާ އަނބީންވާނެއެވެ. އަދި މިއަށްވުރެވެސް ބޮޑު ނިޢުމަތެއް އެމީހުންނަށް ލިބުންވެއެވެ. އެއީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން އެމީހުންނަށް ލިބުމެވެ. ﷲ ތަޢާލާއީ އެކަލާނގެ ޚަލްޤުތަކުންގެ ހުރިހާކަމެއް މޮޅަށް ބައްލަވައި ވޮޑިގެންވާ ރަސްކަލާނގެއެވެ.

މިގޮތުން އަހުރެމެންގެ ނަފުސުތައް އަޅުކަމުގައި އާދަވެ ޝުޢޫރުތައް ފުރިހަމަވެ އަހުރެމެންގެ ޙިއްސުތައް ހޭލެވިދާނެއެވެ. ވީމާ މިދިރިއުޅުން ފުރިހަމަވެގެންދާހުށީ ބާއްޖަވެރި ކަމަކަށެވެ. އެއީ އަހަރުމެންގެ ފުރާނަތަކާއި ގުނަވަންތައް އެދުވަހެއްގައި ﷲ ތަޢާލާގެ އަމުރުފުޅުތަކަށް ބޯލަބައި ކިޔަމަންވެ އެއަށް ޢަމަލު ކުރުމުންނެވެ. އަދި މިއާއި ޚިލާފަށް އަހުރެމެންގެ ޢަމަލުތައް ދާނަމަ ދިމާވަނީ އުދަގުލާއި ދަތި ދިރިއުޅުމުގެ ދުވަސްތަކާއިއެވެ. އެއީ ސޫރަތުއް ޠާހާގެ 124 ވަނަ އާޔަތުގައި ވަޙީކުރައްވާފައިވާ ފަދައިންނެވެ. وَمَنْ أَعْرَضَ عَنْ ذِكْرِي فَإِنَّ لَهُ مَعِيشَةً ضَنْكًا وَنَحْشُرُهُ يَوْمَ الْقِيَامَةِ أَعْمَىٰ "ތިމަންރަސްކަލާނގެ ހަނދުމަކޮށް އުޅުމުން އެއްކިބާވެ އެކަމުން މޫނު އަބުރާލި މީހަކަށް ހުރީ ދުނިޔޭގެ އުނދަގުލާއި ދަތިކަމެވެ. ފެންނަފެނުމުގައި އެމީހަކީ އަތްމަތި ތަނަވަސް މީހަކު ކަމުގައިވިއަސްމެއެވެ. އަދި ޤިޔާމަތް ދުވަހުގައި ތިމަން ރަސްކަލާނގެ އެމީހަކު މަޙްޝަރު ކުރައްވަވާހުށީ ކަނުމީހެއްގެ ގޮތުގައެވެ. ދައްކާނެ ޙުއްޖަތެއް ދަލީލެއް ނެތް ގޮތުގައިމެއެވެ.

އަޅުކަންތައް ކުރުމުން މެދުކެނޑިގެންދިއުމުން ފާޅުވާބައެއް ސަބަބުތައް:
ހިތުގެ ހަރުކަށިކަން
ހަމަކަށަވަރުން އިންސާނާ އޭނާގެ ހިތުގެ ކުރަކިކަމާއި ހަރުކަށިކަން މިދަރަޖައަށް ހަރުކަށިވެއްޖެކަމާއި މެދު އިޙްސާސް ކުރެއެވެ. އަދި ހަމަކަށަވަރުން އޭނާގެ ހިތް މިހާރު މިވަނީ ހަރުވަމުންގޮސް ހިލައަށްވެފައެވެ. އެއީ އެއްވެސް އެއްޗަކުން އެހިތަށް އަސަރެއް ނުކުރުމާއި، އެއިން އެހެންއެއްޗަކަށް އަސަރެއް ނުކުރުވުމާއި އަދި އެއްވެސްކަމަކަށް މަޑުމައިތިރިވުމެއްނެތުމުންނެވެ.
ކީރިތި ޤުރުއާން ކިޔެވުމާއި އެއަށް ޢަމަލު ކުރުން ދޫކޮށްލުން
ކީރިތި ޤުރުއާނުގެ އާޔަތްތަކާއި އޭގެ ވަޢީދާއި ބިރުގެންނެވުމަކުން އަދި ޤުރުއާނުގައި އައިސްފައިވާ އަމުރުފުޅުތަކާއި އޭގައި ނަހީ ކުރައްވާފައިވާ ކަންތަކާއި އަދި ޤިޔާމަތް ދުވަސް ސިފަކުރައްވާފައިވާ ކަންތަކުން ކުރެ އެއްވެސް ކަމަކުން އަސަރެއް ނުކުރުމެވެ. އޭނާ އެމަތިވެރިމާތް ޤުރުއާން އަޑުއަހައި އުޅެނީ އާދައިގެ މީހެއްގެވާހަކައެއް އަހައި އުޅޭފަދައިންނެވެ. އަދި ކީއްތޯއެވެ. އަދި ކީރިތި ޤުރުއާން އެހުމާއި މެދު އޭނާގެ މޭވަނީ ދަތިކަމަކަށްވެފައެވެ. ވީމާ ޤުރުއާން ކިޔަވައި އެއިން ލިބިގަންނަންވީ ފައިދާ ލިބިގަތުމަކަށް އޭނާ ކުޅަދާނަވެގެންނުވެއެވެ. އެހެންކަމުން ދުވާލަކު އާދަކޮށް ކިޔެވުމަށް ހަމަޖެހިފައިވާ މިންވަރު، ތިލާވަތުކުރުމަކީވެސް އޭނާއަށްވާނެކަމެއްނޫނެއެވެ.
އިތުރު ހެއުކަންތައްކޮށް އުޅުމުގައި ފަރުވާކުޑަކުރުން.
ހެއު ޢަމަލުތައް ކުރުމުގައި ކަންނެތްވެ އުޅުމާއި އަޅުކަންކުރުމުގައި ފަރުވާ ކުޑަވެ އެކަމަށް އަޅައިލުން ނުބެހެއްޓުމުންނެވެ.
ވީމާ ނަމާދު އަދާކޮށްއުޅޭ ހުށީ ހަމައެކަނި ކުރެވޭ ޙަރަކާތްތަކެއްގެ ގޮތުގައެވެ. ކޮޅަށްހުރުމާއި ގުދުވުމާއި އިށީނުމެކެވެ. އޭގައި އެއްވެސް އަސަރެއް ނުވާނެއެވެ. ހުއްޓިހުރުން ބޭނުންވާހުށީ އެންމެފަހަތު ސަފުގައެވެ. ރަވާތިބު ސުންނަތާއި ނާފިލް ނަމާދާއި ވިތުރިފަދަ ކަންކަމަށް އެއްވެސް ފަރުވާއެއް ނުބަހައްޓާނެތެއެވެ.
އަޅުކަންކުރުމުގައި ފަރުވާކުޑަކޮށް އެކަން އުނިކޮށް އުޅޭމީހުނާއި އެކުގައި އުޅުމަށްދިމާވުން.
ޝައްކެއްނެތެއެވެ. އަޅުކަން ކުރުމަށް ފަރުވާކުޑަކޮށް އެކަމަށް ކަމޭނުހިތާ މީހުންނާއި އެކުގައި އުޅުމަށް ދިމާވުމަކީ އަޅުކަންކުރުމަށް އުނިކަމާއި ފަރުވާކުޑަކުރުމުގެ ސަބަބުތަކުގެ ތެރެއިން އެއްސަބަބެއެވެ. އެގޮތަކީ އިންސާނާވާހުށީ އޭނާގެ އެކުވެރިޔާގެ ދީނާއި ގޮތުގައިއެވެ. މިފަދަ ޙާލަތުގައި ޒުވާނާ އަބަދުވެސް ބަލާނީ އަދި ދެކޭނީ އޭނާގެ އެކުވެރިންގެގޮތާއި ނަމޫނާއެވެ. ދެންފަހެ ޒުވާނާ އޭނާގެ އެކުވެރިންނަށް ބަލާ މިބެލުން ފަހަރުގައި އެމީހުންނާއި އެއްގޮތަށްއުޅުމަށް މަޖުބޫރުކުރުވާނެއެވެ. އަދި އެ އެކުވެރިންއުޅޭ ގޮތާއި ނޭދެވޭ ކަންތައްތަކަށް މީނާވެސް ރުހި އެކަން ޤަބޫލުކުރާނެއެވެ. މިކަމުގައިވާ ބިރުވެރިކަމަކީ ފޮރުވެ ވަންހަނާވެގެންވާނެކަމެއް ނޫނެއެވެ.
ޝައިތާނާގެ ކެހިދިނުމާއި އެސޮރުގެ ވަސްވާސްތައް.
ހަމަކަށަވަރުން ޝައިތާނާ މުސްލިމުންނަށް އެތައްގޮތަކަށް އެކިވައްތަރަކަށް ކެހިދޭނެއެވެ. އޭގެތެރެއިން ބައެއްކަންތަކާއި ގޮތްތަކަކީ ސުންނަތްތަކާއި އިތުރު އަޅުކަން ފަހުންކުރުމަށް ދޫކޮށްލުމެއެވެ. މިގޮތުގެ މަތީން ވަރަށްގިނަބަޔަކު މިފަދަ އަޅުކަންތައް ކުރުން ދޫކޮށްލައެވެ. އެއީ އެމީހުންކުރަމުން އަންނަ މަސައްކަތްތައް ފުރިހަމަވެއްޖެއުމަށް ދާންދެނެއެވެ. އަދި އަނެއްބަޔަކު ދެކެނީ މަސައްކަތްތައް ފުރިހަމަ ކުރުމަށްފަހު ގޭގައި އެ އަޅުކަންތައް ކުރުމަށް ލަސްކުރުމެއެވެ. އެންމެފަހުގެ ނަތީޖާއަކީ ހަނދާންނެތުމުގެ ޢާލަމަށް އެކަންގޮސް ހަމަޖެހުމެއެވެ.

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަޅުކަންކުރެއްވުމުގެ ތެރެއިން ހިމެނޭ ބައެއް ކަންތައްތައް:
1- كَانَ رسول الله صلى الله عليه وسلم ( يَسْجُدُالسَّجِدَةَ مِنْ ذاَلِكَ قَدْرَمَايَقْرَأ أَحَدُكُمْ خَمْسِيْنَ آيَةَ قَبْلَ أَنْ يَرْفَعَ رَأْسَهُ) ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ސަޖިދަ ކުރައްވައި އެސަޖިދައިން، އިސްތަށިފުޅު އުފުއްލަވާލެއްވުމުގެ ކުރިން ތިޔަބައިމީހުންކުރެ މީހަކު (ކީރިތި ޤުރުއާނުން) ފަންސާސް އާޔަތް ކިޔަވާހާ އިރު އޮންނަވައެވެ. (ބުޚާރީގެ ރިވާޔަތުން ބައެއް)
2- كَانَ رسول الله صلى الله عليه وسلم ( إِذَا قَامَ فِيْ صَلاَتِهِ طَأْ طَأَ رَأْسَهُ تَوَاضُعًا لِلَّهِ تَعَالَى، وَلَمْ يَلْتَفِتْ وَلَمْ يَتَكَلَّمُ) ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަލޭގެފާނުގެ ނަމާދުފުޅުގައި ކޮޅަށް ހުންނަވައިފި ހިނދެއްގައި ﷲ ތަޢާލާއަށް ތަވާޟުޢު ވެރިވުމުގެ ގޮތުން އިސްތަށިފުޅު ތިރިކޮށްލައްވައި އިސްޖައްސަވައެވެ. އަދި އެއްފަރާތުން އަނެއްފަރާތަށް އެބުރިނުބައްލަވައެވެ. އަދި ވާހަކަފުޅެއްނުދައްކަވައެވެ. (އަލްބާނީ އެކުލަވާލައްވާފައިވާ "ޞިފަތު ޞަލާތިއްނަބިއްޔި" އިންނެގިފައިވާބަސްފުޅެކެވެ.)
3- كَانَ رسول الله صلى الله عليه وسلم ( إِذَاصَلّى الْفَجْرَ، جَلَسَ فِيْ مُصَلاَّه‘ حَتَّى تَطْلُعَ الشَّمْسُ) (رواه مسلم). ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ފަތިސްނަމާދު ކުރައްވައިފި ހިނދެއްގައި އިރުއަރަށްޖައުމަށް ދާންދެން ނަމާދު ކުރެއްވެވިތާނގައި އިންނަވައެވެ.
4- كَانَ رسول الله صلى الله عليه وسلم ( يَصُوْمُ ثَلاَثَةَ أَيَّامٍ مِنْ كُلِّ شَهْرٍ ) حديث: (حسن من رواية أحمد). ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ކޮންމެ މަހެއްގައި ތިން ރޯދަހިތްޕަވައެވެ.
5- كَانَ رسول الله صلى الله عليه وسلم ( يَتَحَرَّى صِيَامَ يَوْمِ الأِثْنَيْنِ وَالْخَمِيْسِ ). (زادالمعاد). ހޯމަދުވަހާއި ބުރާސްފަތި ދުވަހާއި ދެދުވަހުގައި ރޯދަ ހިތްޕެވުމަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެދިވަޑައިގެން މަސައްކަތް ކުރައްވައެވެ.

ޢަބްދުﷲ ބިން ޢުމަރު ރަޟިޔަﷲ ޢަންހުމާގެ އަޅުކަން
طوارس ވިދާޅުވިއެވެ. އިބްނު ޢުމަރު ފަދައިން ނަމާދުކުރައްވާ އެހެން އެއްވެސް މީހަކު އަހުރެންނުދެކެމެވެ. އެކަލޭގެފާނުގެ މޫނުފުޅާއި ދެއަތްތިލަފުޅާއި އަދި ދެފައިތިލަފުޅު ހުންނަނީ ވަރަށްބޮޑަށް ޤިބްލައަށް ކުރިމަތި ކުރައްވައިގެންނެވެ. އަދި ނާފިޢުގެ އަރިހުން ރިވާވެގެންވެއެވެ. ހަމަކަށަވަރުން ޟުޙާނަމާދުގެ ވަގުތާއި ހަމައަށް މަސްޖިދުއްނަބަވީގައި އިބްނު ޢުމަރު އިށީދެވަޑައިގެން އިންނަވައެވެ. މެންދުރާއި ޢަޞުރަށް އަވަސްވެ ވަޑައިގެންނަވައެވެ. އަދި ހާރުދަން މަތިވެއްޖިއްޔާ އިށީދެވަޑައިގެން ފާފަ ފުއްސެވުމަށާއި ދުޢާ ކުރެއްވުން މަތީގައި ފަތިސްވެއްޖައުމަށްދާންދެން އުޅުއްވައެވެ. އަދި ރޯދަ ހިއްޕަވަން ފައްޓަވައިފިނަމަ އެއަޅުކަންމަތީ ދެމިހުންނަވައެވެ. އެއީ އެކަލޭގެފާނުގެ ކިބައިން އެކަން އެގިއްޖައުމަށް ދާންދެނެއެވެ. އަދި ހުކުރުގެ ކުރީވަގުތުގައި ނަމާދުކުރެއްވުން ދިގު ކުރެއްވައެވެ. އަދި ހުކުރުނަމާދަށްފަހު އެކަލޭގެފާނުގެ ގަނޑުވަރުކޮޅުގައި ދެ ރަކްޢަތް ނަމާދު ކުރައްވައެވެ.

އަލްއިމާމު އަޙްމަދު ބިން ޙަންބަލްގެ އަޅުކަން
އަލްއިމާމު އަޙްމަދު ބިން ޙަންބަލްގެ ދަރިކަލުން ޢަބްދުﷲ ވިދާޅުވިއެވެ. (ތިމަންނަގެ ބައްޕާފުޅު ރެއާއި ދުވާލު ތިންސަތޭކަ ރަކްޢަތް ކުރައްވައެވެ. މިފަދައިން އަޅުކަމުގައި ހުންނަވަނިކޮށް އާލާސްކަންފުޅު ގައި ޖެހި ހަށިކޮޅުނިކަމެތިވުމުން ސަތޭކަފަންސާސް ރަކްޢަތް ހަމަޖައްސެވިއެވެ. އޭރު އެކަލޭގެފާނުގެ ޢުމުރުފުޅުން އަށްޑިހަ އަހަރުވެދާނެއެވެ. އަދި ބައްޕާފުޅު ހަތްދުވަހުގެ މުއްދަތުގައި ކީރިތި ޤުރުއާންކިޔަވައި ވިދާޅުވެ ޚަތިމްކުރައްވައެވެ. އަދި ދުވާލުގެ ނަމާދުތައް ފިޔަވައި ހަތްރޭގެ މުއްދަތުގައި ކުރައްވަވާ ނަމާދުތަކުގައި ޤުރުއާން ޚަތިމު ކުރައްވައެވެ. އަދި ޢިޝާ ނަމާދަށްފަހު ކުޑައިރުކޮޅަކު އަވަހާރަލައްޕަވައެވެ. އެއަށްފަހު ތެދުވެވަޑައިގެން ނަމާދުކުރެއްވުމާއި ދުޢާކުރެއްވުން މަތީގައި ފަޖުރުލައްޖައުމަށްދާންދެން ހުންނަވައެވެ. (مناقب الإمام أحمدبن حنبل ابن الجوزي).

އަލްއިމާމުއް ޝާފިޢީގެ އަޅުކަން
އަލްއިމާމުއް ޝާފިޢީ ރޭގަނޑު ތިންބަޔަށް ބައްސަވާލައްވައެވެ. ތިންބައިން ފުރަތަމަބައިގާ ލިޔުއްވައި އުޅުއްވައެވެ. ދެވަނަބައިގައި ނަމާދުކުރައްވައެވެ. ތިންވަނަބައިގައި އަވަހާރަފުޅު ލައްޕަވައެވެ. އައްޝާފިޢީ ވިދާޅުވާކަމުގައިވެއެވެ. ދުނިޔޭގެ ފައިދާއެއްނެތް ތަކެތިހޯދުމާއި ލިބިގަތުމަށް އެދި އުޅުމަކީ ޢުޤޫބާތެކެވެ. ﷲ ތަޢާލާ އެކަމުން ތައުޙީދުގެ އަހުލުވެރިންނަށް ޢުޤޫބާތް ދެއްވަނީއެވެ. އަދި އަލްއިމާމުއް ޝާފިޢީ އަސާއެއް ހިއްޕަވައިގެން ހިންގަވާ ވަޑައިގެން އުޅުއްވައެވެ. އެކަމާއިމެދު ދެންނެވުނެއެވެ. ޖަވާބުގައި ވިދާޅުވިއެވެ. ހަމަކަށަވަރުން އަހަންނަކީ ދުނިޔެދޫކޮށްދާ ދަތުރުވެރިއަކީމެވެ. އަދި ކޮންމެވެސް މީހަކު އައްޝާފިޢީއާއި ކޮންމެވެސް ކަމަކާއިމެދު ސުވާލުކުރިއެވެ. އަދި އެމައްސަލައާއިމެދު ނަބީ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުން އެވެނިހެން ޙަދީޘްރިވާ ވެފައިވެއެވެ. އަދި އެމީހަކު ޝާފިޢީގެފާނަށް ދެންނެވިއެވެ. އޭ އަބޫ ޢަބްދުﷲ އެވެ! ކަލޭގެފާނު މިފަދައިން ވިދާޅުވީމުހެއްޔެއެވެ؟ (މިއަޑު އައްސަވާފައި) އައްޝާފިޢީ ވިދާޅުވިއެވެ. އަހުރެން ހިނގާއުޅުމަށްވަނީ ކޮންބިމެއްހެއްޔެއެވެ؟ އަދި އަހުރެންނަށް ހިޔާވަހިކަންދޭހުށީ ކޮން އުޑެއްހެއްޔެއެވެ؟ އެއީ ނަބީ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުން އަހުރެން ޙަދީޘެއް ރިވާކޮށް އެއާއި އެއްގޮތަށް ނުބުނި ނަމައެވެ. އާދޭހެއެވެ. އަހުރެންނަށްހުރީ އެ ޙަދީޘްފުޅު އަހައި، އެއާއި އެއްގޮތަށް ބުނެ ޢަމަލުކުރުމެވެ.

އަލްއިމާމު އަބޫ ޙަނީފާގެ އަޅުކަން
އަލްއިމާމު އަބޫ ޙަނީފާ ނަމާދު ކުރައްވަވާ ގިނަކަމުން އެއީ (ބިމަށްހަރުކޮށްފައިވާ) ކަޑައެކޭ ބުނެވެއެވެ. އެކަލޭގެފާނާއި މެދު ނަޤުލު ވެވިފައިވެއެވެ. ހަމަކަށަވަރުން އެކަލޭގެފާނު ސާޅީސް އަހަރުގެ ދިގުމުއްދަތުގައި ޢިޝާނަމާދަށް ކުރައްވަވާ ވުޟޫއިން ފަތިސްނަމާދު ކުރައްވައެވެ. އަދި އެކަލޭގެފާނުގެ ވަރަޢަވެރިކަމާއި ތަޤްވާގެތެރެއިންވެއެވެ. އޭނާގެ އަތްޕުޅުން ދަރަނިނަގާފައިވާ މީހެއްގެ ފާރެއްގެ ހިޔަލުގައިވެސް އިށީދެވަޑައި ނުގަންނަވައެވެ. އަދި ޢާއްމުކޮށް އެކަލޭގެފާނު ރޭގަނޑުގައި ކީރިތި ޤުރުއާން ކިޔަވައި ވިދާޅުވެ އުޅުއްވައެވެ. އަދި އެކަލޭގެފާނުގެ އަވައްޓެރީން އޭނާގެ ރުއިމުގެ އަޑުއަހާފައި އޭނާގެމައްޗަށް އެމީހުންގެ ހިތުގައި ރަޙުމާއި އޯގާވެރިކަން އުފެދެއެވެ. އަދި އަލްއިމާމު އަބޫ ޙަނީފާ އަވަހާރަވިތާގައި އިންނަވައިގެން (އެކަލޭގެފާނު ދުނިޔޭގައި ހުންނެވިއިރު) ހަތްހާސް ފަހަރު ކީރިތި ޤުރުއާން ޚަތިމު ކުރެއްވި ކަމުގައިވެއެވެ.

އަދި އެކަލޭގެފާނު ދައްކަވާފައިވާ، ވާހަކަފުޅުތަކުގެ ތެރެއިންވެއެވެ. (ހަމަކަށަވަރުން ދުނިޔެ އަކީ ﷲ ތަޢާލާއަށް އުރެދެވޭތަނަކަށްވާތީ ދުނިޔެއަށް ތިބާ ރުޅިއަންނަކަމުގައި ނުވިނަމަ ހަމަކަށަވަރުން ދުނިޔެތިބާއަށް ރުޅިއަންނާނެއެވެ.)

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްފުޅުކުރެއްވިއެވެ. (اِيَّاكُمْ وَمُحَقَرَّاةِ الذُّنُوْبِ ,فَإِنَّ هُنَّ يَجْتَمِعْنَ عَلَى الرَّجْلِ حَتَّى يُهْلِكَهُ). ފާފަތައް އާދައިގެ ނިކަމެތިކަމެއްކަމުގައި ދުށުމާއިމެދު ބިރުވެތިވެ އެކަމުން ދުރުވެގަންނާށެވެ. އެހެނީ ހަމަކަށަވަރުން އިންސާނާ ހަލާކޮށްލައިފުމަށް ދާންދެން އެފާފަތައް އޭނާގެމައްޗަށް އެއްވަމުން ޖަމަޢަވަމުން ދެއެވެ. (المسند من حديث ابن مسعود).
ނަމާދުތައް އޭގެވަގުތު ތަކުގައިކުރުމުން ﷲ ތަޢާލާ ހަނދުމަކޮށް އުޅޭށެވެ. އެހެނީ ހަމަކަށަވަރުން ނަމާދަކީ އެއްނަމާދު އަނެއްނަމާދާއި ދެމެދުގައި ކުރެވޭ ކުދި ފާފަތަކުގެ ކައްފާރާއެކެވެ. ހަމައެފަދައިން ރޯދައާއި ކަޢްބަތުﷲ އަށް ގޮސް ޙައްޖުވުމެވެ.

މިފަދައިބުރަތްތެރި ދަރުސްތަކުން އިބުރަތްލިބި ތިމާމެންގެ ޢަމަލުތައް އިސްލާހުކުރެވޭތޯ މަސަތްކަތް ކުރައްވާށެވެ.

Read more...