28 October 2010

ޙައްޖުގެ އަޅުކަން އަދާކުރާނޭގޮތް

އައްޝައިޚް އާދަމް ނަސީމް(ބީއޭ)
ޙައްޖުވުމަށް ނިޔަތްގަނެގެން ނިކުންމީހާ އޭނާގެ ޙައްޖުންނާއި ޢުމްރާއިން ﷲގެ ވަޖްހުފުޅާއި އާޚިރަތް ދުވަހުގެ ބާއްޖަވެރިކަން އެދުމަކީ ވާޖިބުކަމެކެވެ. އެއާ ޚިލާފަށް ކަންދެއްކުމާއި، ފަޚުރުވެރިވެ ގަތުމަކީ ޙަރާމްކަމެކެވެ. އަޅުކަމަކަށް ސަވާބުލިބުމުގެ ބަދަލުގައި އަޛާބު ލިބެނިވި ކަންކަމެވެ.
ﷲގެ ވަޙީބަސްފުޅުގެ މާނައިގައިވެއެވެ. "(196) ތިޔަބައިމީހުން ﷲއަށްޓަކައި ޙައްޖާއި ޢުމްރާ ފުރިހަމައަށް އަދާކުރާށެވެ! ފަހެ، އެކަމުގައި ތިޔަބައިމީހުންނަށް ހުރަސް އެޅިއްޖެނަމަ، ހަދްޔުގެ ތެރެއިން ތަނަވަސްވެ، ލިބުނު އެއްޗެއް ކަތިލުން ހުއްޓެވެ. (ހަދްޔަކީ ގެރި، ބަކަރި، ޖަމަލުގެ ތެރެއިން ކަޢުބަތުﷲ ގެފުޅަށް ހަދިޔާކުރެވޭ ތަކެއްޗެވެ.) އަދި ހަދްޔު އެކަތިލުމުގެ މަޙައްލަށް ފޯރައްޖައުމަށް ދާންދެން، ތިޔަބައި މީހުން ބޯ ނުބާލާހުށިކަމެވެ. ފަހެ، ތިޔަބައި މީހުންގެ ތެރެއިން ބަލިވެއްޖެމީހާ، ނުވަތަ ބޮލުގައި ބައްޔެއް ހުރެއްޖެމީހާ، އެކަންކަމުގެ ސަބަބުން، ބޯ ބާލައިފިނަމަ، ފަހެ، ރޯދައިން ނުވަތަ ޞަދަޤާތެއް ދިނުމުން ނުވަތަ ކަތިލުމަކުން، ފިދްޔައެއް ދިނުންހުއްޓެވެ. ފަހެ، ތިޔަބައިމީހުންނަށް އަމާންކަން ލިބިއްޖެނަމަ ޢުމްރާއަށްފަހު، ޙައްޖާއި ހަމައަށް ދާންދެން، އަރާމު ލިބިގެންފިމީހާ (އެބަހީ: ޙައްޖުގެ ދުވަސް ވަރުގައި ޢުމްރާގެ އަޅުކަންނިމި، އިޙްރާމުގެ ސަބަބުން ޙަރާމްވާ ކަންތައްތައް ހުއްދަ ވުމަށްފަހު، މައްކާގައިހުރެ އަލުން ޙައްޖަށް އިޙްރާމް ބަދެފިމީހާ) ހަދްޔުގެ ތެރެއިން، ތަނަވަސްވެލިބުނު އެއްޗެއް ކަތިލުން ހުއްޓެވެ. ފަހެ، އެނުލިބިއްޖެމީހާ، ޙައްޖުގެ ތެރޭގައި ތިންދުވަހު، އަދި ޙައްޖުން އެނބުރި އައުމަށްފަހު ހަތްދުވަހު ރޯދަހިފުންހުއްޓެވެ. އެއީ ފުރިހަމަ ވެގެންވާ ދިހަދުވަހެވެ. އެކަންއޮތީ އެމީހެއްގެ އަހުލުވެރީން ޙުރުމަތްތެރި ވެގެންވާ މިސްކިތްހުރި ރަށުގެ ވަޒަންވެރީން ކަމުގައި ނުވާމީހަކަށެވެ. އަދި ތިޔަބައިމީހުން ﷲއަށް ތަޤްވާވެރިވާށެވެ! އަދި ހަމަކަށަވަރުން ﷲއީ ޢުޤޫބާތް ގަދަފަދަ ވެގެންވާ ރަސްކަލާނގެކަން ތިޔަބައިމީހުން ދަންނާށެވެ!

(197) ޙައްޖުގެ ވަގުތަކީ ކަނޑައެޅި އެނގިގެންވާ މައްސަރުތަކެކެވެ. ފަހެ، އެމައްސަރުތަކުގައި ޙައްޖުގެ ފަރުޟު ކޮށްގެންފިމީހާ (ދަންނާށެވެ!) ފަހެ، ޙައްޖު ވުމުގެތެރޭގައި ޖިމާޢުވުމެއް، އުރެދުމެއް، އަދި އަރާރުން ވުމެއްވެސްނެތެވެ. އަދި، ހެޔޮކަމުގެ ތެރެއިން ތިޔަބައިމީހުން ކުރާކޮންމެކަމެއް ﷲދެނެވޮޑިގެންވެއެވެ. އަދި ތިޔަބައިމީހުން ދަތުރުމަތީގެ ކޮއްތު ލިބިގަންނާށެވެ! ފަހެ، ހަމަކަށަވަރުން އެންމެމޮޅު ކޮއްތަކީ ތަޤްވާއެވެ. އޭ ބުއްދީގެ އަހުލުވެރިންނޭވެ! ތިޔަބައިމީހުން ތިމަންރަސްކަލާނގެއަށް ތަޤްވާވެރިވާށެވެ!

(198) ތިޔަބައިމީހުންގެ ވެރި ރަސްކަލާނގެ ޙަޟްރަތުން ލިބޭ ފަޟްލުވަންތަވެރިކަމެއް، (އެބަހީ: ވިޔަފާރި ކުރުންފަދަ ގޮތްގޮތުން ހޯދާ ތަނަވަސްކަމެއް) އެދިގަތުމުގައި ތިޔަބައިމީހުންގެ މައްޗަކަށް ކުށެއްނެތެވެ. ދެންފަހެ، ތިޔަބައިމީހުން ޢަރަފާތުން އެނބުރި އައުމުގެ ދަތުރު ފަށައިގެންފިނަމަ، އަލްމަޝްޢަރުލް ޙަރާމްގައި ﷲހަނދުމަކޮށް، (ތަލްބިޔާކިޔާ، ދުޢާކޮށް) އުޅޭށެވެ! އަދި އެކަލާނގެ ތިޔަބައި މީހުންނަށް ތެދުމަގު ދެއްކެވިފަދައިން، ތިޔަބައިމީހުން އެކަލާނގެ ހަނދުމަކުރާށެވެ! އޭގެކުރިން ތިޔަބައިމީހުންވެފައިވަނީ މަގުފުރެދިގެންވާ މީހުންގެ ތެރެއިންކަން ކަށަވަރެވެ.

(199)ދެން، މީސްތަކުން (ޢަރަފާތުން މުޒުދަލިފާއަށް) އެނބުރިއަންނަ ފަދައިން ތިޔަބައިމީހުންވެސް، އެނބުރި އަންނާށެވެ! އަދި ތިޔަބައިމީހުން ﷲގެ ޙަޟްރަތުން ފާފަ ފުއްސެވުން އެދޭށެވެ! ހަމަކަށަވަރުން ﷲއީ، ގިނަގިނައިން ފާފަ ފުއްސަވާ ރަހީމުވަންތަ ރަސްކަލާނގެއެވެ.

(200) ފަހެ، ތިޔަބައިމީހުންގެ ޙައްޖުގެ އަޅުކަންތައް އަދާކޮށް ނިމިއްޖެ ހިނދެއްގައި، ތިޔަބައިމީހުން، ތިޔަބައިމީހުންގެ ކާބަފައިން ހަނދުމަކޮށް އުޅުނު ފަދައިން، ނުވަތަ އެއަށްވުރެ ގަދަވެގެންވާ ހަނދާން ކުރުމަކުން، ތިޔަބައިމީހުން ﷲހަނދުމަކުރާށެވެ! އަޅަމެންގެ ވެރިރަސްކަލާކޯއެވެ! ދުނިޔޭގައި އަޅަމެންނަށް ހެޔޮކަން ދެއްވާދޭނވެ އޭ ކިޔައި ދުޢާކުރާމީހުން، މީސްތަކުންގެ ތެރެއިންވެއެވެ. އެއިން މީހަކަށް އާޚިރަތުގައި އެއްވެސް ނަސީބެއްނެތެވެ.

(201) އަދި އަޅަމެންގެ ވެރިރަސްކަލާކޯއެވެ! ދުނިޔޭގައި ހެޔޮކަން، އަދި އާޚިރަތުގައިވެސް ހެޔޮކަން އަޅަމެންނަށް ދެއްވާދޭނވެ އޭ އަދި ނަރަކައިގެ އަޛާބުން އަޅަމެން ދިންނަވާދޭނވެ އޭ ކިޔައި ދުޢާކުރާ މީހުންވެސް އެމީހުންގެ ތެރެއިންވެއެވެ.

(202) އެބައިމީހުން ހޯދައިގަތް ހެޔޮކަމުގެ ނަސީބު އެބައިމީހުންނަށް ހުއްޓެވެ. ﷲއީ، ހިސާބު ބެއްލެވުން އަވަސްވެ ވޮޑިގެންވާ ރަސްކަލާނގެއެވެ.

(203) ޢަދަދު ކަނޑަ އެޅިގެންވާ ދުވަސްތަކެއްގައި (އެބަހީ: އައްޔާމުއް ތަޝްރީޤުގެ ތިންދުވަހު) ﷲ ހަނދުމަކޮށް (ތަކުބީރުކިޔައި) އުޅޭށެވެ! (އެއީ މިނާގައި ތިންދުވަހެވެ.) ފަހެ، ދެދުވަހުގެ ތެރޭގައި (އެނބުރި ދިޔުމަށް) އަވަސްވެގަތް މީހާ (ދަންނާށެވެ!) ފަހެ، އެމީހެއްގެ މައްޗަކަށް ފާފައެއްނެތެވެ. އަދި (ތިންދުވަހަށް) ލަސްކުޅަމީހާ (ދަންނާށެވެ!) ފަހެ، އެމީހާގެ މައްޗަކަށްވެސް ފާފައެއްނެތެވެ. އެއީ ތަޤްވާވެރިވެއްޖެ މީހަކަށެވެ. އަދި ތިޔަބައިމީހުން ﷲއަށް ތަޤްވާވެރިވާށެވެ! ހަމަކަށަވަރުން ތިޔަބައިމީހުން (ޤިޔާމަތް ދުވަހުން) މަޙުޝަރަށް ފޮނުއްވޭނީ އެކަލާނގެ ޙަޟްރަތަށްކަން ތިޔަބައިމީހުން ދަންނާށެވެ!” (ސޫރަތުލް ބަޤަރާ)

ޙައްޖުގެ މަގުތަކަށް ކެރިކުޅަދާނަ ވެއްޖެމީހާ ޢުމުރުން އެއްފަހަރު ޙައްޖުވުމަކީ ވާޖިބުކަމެކެވެ. ހަމައެފަދައިން ޢުމުރުން އެއްފަހަރު ޢުމްރާވުމަކީވެސް ވާޖިބުކަމެކެވެ. ދިވެހިރާއްޖެއިން ޙައްޖަށްދާ މީހުން ޢާއްމުގޮތެއްގައި ކުރަނީ ޙައްޖު ތަމައްތުޢުއެވެ. އެހެންކަމުން ޙައްޖާއި ޢުމްރާއާއި މިދެވާޖިބު ޙައްޖު ދަތުރުގައި އަދާކުރެވޭނެއެވެ. ޙައްޖު ތަމައްތުޢުގެ ވާހަކަ އަދި ފަހުން އަންނަ ހުއްޓެވެ. ޙައްޖުގެ މަގުތަކަށް ކެރިކުޅަދާނަ ވުމަކީ ޙައްޖުވުމަށް ޚަރަދުކުރުމަށް ކުޅަދާނަ ވެގެންވުމާއި، ޞިއްޙީގޮތުން ކުޅަދާނަ ވެގެންވުމާއި މަގުއަމާން ވެގެންވުމެވެ. ޙައްޖު ވާޖިބުވުމުން ޙައްޖުވުމަށް އަވަސްވެގަތުމަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަމުރު ކުރައްވާފައިވެއެވެ. އެއީ އޭނާއަށް ހުށަހެޅިދާނެކަމެއް އެއްވެސް މީހަކަށް އެގިގެން ނުވާކަމަށް ޓަކައެވެ. ފަހެ ބަލިވެސް ވެދާނެއެވެ. މަރުވެސް ވެދާނެއެވެ. އަންހެނުންގެ މައްޗަށްވެސް ޙައްޖާއި ޢުމްރާ ވާޖިބުވެގެންވެއެވެ. ޞައްޙަ ސަނަދަކުން ރިވާވެގެންވެއެވެ. ހަމަކަށަވަރުން ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުގައި ޢާއިޝަތުގެފާނު، ދެންނެވިއެވެ. ﷲގެ ރަސޫލާއެވެ! އަންހެނުންވެސް ޖިހާދުކުރަން ޖެހޭތޯއެވެ؟ ޙަދީޘް ކުރެއްވިއެވެ. އެކަނބަލުންގެ މައްޗަށްއޮތީ ހަނގުރާމަ ކުރުމެއް ހިމެނިފައިނުވާ ޖިހާދެކެވެ. ޔަޢުނީ: ޙައްޖުވުމާއި ޢުމްރާވުމެވެ. މިޙަދީޘް ރިވާކުރެއްވީ އަޙުމަދުބުނު ޙަންބަލްއާއި އިބުނު މާޖާއެވެ.

ކޮންމެ މީހަކުމެ އެމީހެއްގެ ޢުމުރުން އެއްފަހަރު މެނުވީ ޙައްޖާއި ޢުމްރާ ވާޖިބު ވެގެނެއްނުވެއެވެ. ޢުމުރުން އެއްފަހަރަށްވުރެ ގިނައިން ޙައްޖާއި ޢުމްރާކޮށްފިމީހާގެ އެއަޅުކަން ހިމެނޭނީ ސުއްނަތް އަޅުކަމުގެ ތެރޭގައެވެ. ޙައްޖާއި ޢުމްރާ ގިނަކުރުމަކީ ސުއްނަތްވެގެންވާ ކަމެކެވެ.

ދެންފަހެ، ޙައްޖުވުމަށް ނުވަތަ ޢުމްރާވުމަށް ޤަސްދުކޮށް ޢަޒުމްކަނޑައަޅައި ނުކުންނަމީހާ، ﷲއަށް ތަޤްވާވެރިވުމަށް އޭނާގެ އަހުލުވެރީންނަށް ވަޞިޔަތް ކުރުމަކީ މުސްތަޙައްބު ކަމެކެވެ. އަދި އޭނާގެ އަތުން ދަރަނީގެ ގޮތުން މީހުން ގެންގޮސްފައިވާ ތަކެތީގެ ތެރެއިން ލިބެންޖެހޭ ތަކެއްޗާއި، މީހަކަށް އެއްޗެއް ދޭންވެފައިވާނަމަ އެ އެއްޗަކާއި، މިބާވަތުގެ މުޢާމަލާތުގެ ކަންތައްތައް ލިޔެ ހެކިކޮށް ހެދުމަކީވެސް ކުރަންޖެހޭ ކަންކަމެވެ. އަދި ތެދުވެރި ތަޥްބާވުމަކީވެސް އޭނާގެ މައްޗަށް އޮތް ވާޖިބުކަމެކެވެ. އަދި އޭނާގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް ނުވަތަ ޢުމްރާގެ އަޅުކަން އަދާކުރުމަށް ހޭދަކުރާ ހޭދަކުރުމަކީ ޙަލާލުގޮތުގައި ހޯދާފައިހުރި ތަކެތި ކަމުގައިވުން ވާޖިބުވެގެންވެއެވެ. ފަހެ، މުސްލިމުން ކޮންމެ ހާލެއްގައިވެސް އަބަދުގެ އަބަދަށް ބޭނުންކުރަން ޖެހެނީ ޙަލާލު ތަކެއްޗެވެ. ޞައްޙަ ޙަދީޘުން ސާބިތުވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. ހަމަކަށަވަރުން އަރަހުށި މާތްﷲއީ ހުސްޠާހިރުވަންތަ ރަސްކަލާނގެއެވެ. ޙަލާލު އެއްޗެއް މެނުވީ އެކަލާނގެ ޤަބޫލުފުޅެއް ނުކުރައްވައެވެ.

ޙައްޖުވުމަށް ނިޔަތްގަނެގެން ނިކުންމީހާ އޭނާގެ ޙައްޖުންނާއި ޢުމްރާއިން ﷲގެ ވަޖްހުފުޅާއި އާޚިރަތް ދުވަހުގެ ބާއްޖަވެރިކަން އެދުމަކީ ވާޖިބުކަމެކެވެ. އެއާ ޚިލާފަށް ކަންދެއްކުމާއި، ފަޚުރުވެރިވެ ގަތުމަކީ ޙަރާމްކަމެކެވެ. އަޅުކަމަކަށް ސަވާބުލިބުމުގެ ބަދަލުގައި އަޛާބު ލިބެނިވި ކަންކަމެވެ.

ޙައްޖުވުމަށް ނުވަތަ ޢުމްރާވުމަށް ޤަޞްދުކޮށްފިމީހާ މިއަޅުކަންތައް އަދާކުރުމަށްޓަކައި ﷲ ޝަރުޢު ކުރައްވާފައިވާގޮތް ސުއްނަތުގެ އަލީގައި ދަސްކުރުން ވާޖިބުވެގެންވެއެވެ. ފޮތްފޮތުން ދަސްކުރުމާއި ޢިލްމުގެ އަހުލު ވެރީންނާ ސުވާލުކުރުން ހުއްޓެވެ. އެއީ އަޅުކަން އަދާކުރާގޮތް ރަނގަޅަށް އުނގެނުމަށްޓަކައެވެ.

ކޮންމެ ދަތުރެއް ފަށާއިރުވެސް ދަތުރު ދުޢާކިޔުން ހަނދާންކުރުން ހުއްޓެވެ. މިމޭރުމުން ބަލާއިރު މުހިއްމު ދުޢާތައް ލިޔެޗާޕް ކޮށްފައިވާ ކުދިކުދި ފޮތްތަކުގެ ތެރެއިން ރަގަޅު ފޮތެއް ގެންގުޅުން ރަނގަޅުވާނެއެވެ. ދަތުރުމަތީގައި ޛިކުރު ކުރުމާއި، ދުޢާކުރުމާއި، ފާފަފުއްސަވައި ދެއްވުންއެދި ﷲގެ ޙަޟްރަތަށް ދެންނެވުމާއި، ޤުރްއާން ކިޔެވުމާއި، ޞަލަވާތް ކިޔެވުމާއި، ނަމާދަށް ރައްކައުތެރިވުމާއި، ދޫރައްކާތެރި ކުރުމާއި، ބުނެވުނޭ ބުނެފިއޭގެ ވާހަކަ ދޫކޮށްލުމާއި، އަދި މިނޫނަސް މިބާވަތުގެ ހެޔޮ ޢަމަލުތަކުގައި މަޝްޣޫލުވުން ހުއްޓެވެ.

ދަންނައެވެ! ޙައްޖަށް ނުވަތަ ޢުމްރާއަށް އިޙްރާމް ބަންނަ މީހާއަށް ދެޙާލަތެއްވެއެވެ. (1) އޭގެ ތެރެއިން އެއްޙާލަތަކީ ޙައްޖުގެ މައްސަރުތައް ފިޔަވައި އެހެން މައްސަރެއްގެ ދުވަހެއްގައި އިޙްރާމް ބަނުމެވެ. މިޙާލަތުގައި އިޙްރާމް ބަދެވޭނީ ހަމައެކަނި ޢުމްރާއަށެވެ. ދުލުން ނިޔަތްކިޔާނީ އަދި ހިތުނިޔަތް ގަންނާނީ ޢުމްރާވުމަށެވެ. މީޤާތުން އިޙްރާމްބަނުން ހުއްޓެވެ. އިހުރާމް ބަނދެވޭނީ އިޙްރާމްހެދުން ލައިގެން މިއަޅުކަމަށް ނިޔަތް ގަތުމުންނެވެ. އިހުރާމްގެ ހެދުން ލުމަކުން ނިޔަތްނުގަންނަހާ ހިނދަކު އިޙްރާމް ބަންކަމަކަށް ނުވާނެއެވެ. އިޙްރާމް ބަނުމަށްފަހު ގެފުޅާ ހަމައަށް ދެވެންދެން ތަލްބިޔާ ކިޔަންވާނެއެވެ. ފިރިހެނުން ހަރުއަޑުންނެވެ. އަންހެނުން ހަރުއަޑަކުންނޫނެވެ. އިޙްރާމް ބަނުމުން ޙަރާމްވާ ކަންތައްތަކެއް ހުރެއެވެ. އެވާހަކަ އަދިފަހުން އަންނަހުއްޓެވެ. ގެފުޅާހަމައަށް ދެވުމާއެކު ތަލްބިޔާކިޔުން ހުއްޓުނީއެވެ. ދެންގެފުޅުގައި ޠަވާފުކުރާނީއެވެ. ދެން މަޤާމު އިބްރާހީމުގައި ޠަވާފުގެ ދެރަކްޢަތް ނަމާދު ކުރާނީއެވެ. މަޤާމް އިބްރާހީމުގައި ދެރަކްޢަތް ނުކުރެވޭނަމަ ޙަރަމްފުޅުގެ ކޮންމެތަނެއްގައި މިދެރަކްޢަތް ކުރުމުންވެސް ފުދޭނެއެވެ. އެއަށްފަހު ޞަފާއާއި މަރުވާއާ ދެމެދު ހަތްފަހަރު ހިނގާނީއެވެ. ދެން އެއަށްފަހު ބޯބޭލުމުން ނުވަތަ ބޯ ކުރުކުރުމުން އިޙްރާމް ކެނޑުނީއެވެ. އިޙްރާމް ބަނުމުން ޙަރާމްވީ ކަންތައް ހުއްދަވީއެވެ. އަންހެނުން ބޯކުރުކުރުމުގެ ބަދަލުގައި އެކަނބަލުންގެ ބޮލުގެ އިސްތަށިގަނޑުން އަނގުލެއްހައި މިންވަރު ބުރިކޮށްލުމުން އިޙްރާމު ކެނޑުނީއެވެ.

(2) ދެވަނަ ޙާލަތަކީ ޙައްޖުގެ މައްސަރު ތަކުގެ ތެރެއިން ދުވަހެއްގައި އިޙްރާމްބަނުމެވެ. ޙައްޖުގެ މައްސަރުތަކަކީ ޝައްވާލު މަހާއި، ޒުލްޤަޢުދާ މަހާއި، ޒުލްޙިއްޖާ މަހުގެ ފުރަތަމަ ދިހަ ދުވަހާއިއެވެ. މިޙާލަތުގައި އިޙްރާމް ބަންނަ މީހާއަށް ތިންގޮތަކުންކުރެ އެއްގޮތަށް އިޙްރާމް ބަނުމުގެ އިޚްތިޔާރު ލިބިގެންވެއެވެ. އެއީ (1) ހަމައެކަނި ޙައްޖަށް އިޙްރާމް ބަނުން. (2) ޢުމްރާއަށް އިޙްރާމް ބަނުން. (3) ޙައްޖާއި ޢުމްރާއާ އެއްކޮށް އިޙްރާމްބަނުން. މިއެވެ. ދެންފަހެ، ހަމައެކަނި ޙައްޖަށް އިޙްރާމް ބަންނަމީހާ އާއި، ޙައްޖާއި ޢުމްރާއާ އެއްކޮށް އިޙްރާމްބަން މީހާއާއި މިދެމީހުންމިބަން އިޙްރާމް ކެނޑޭނީ ޒުލްޙިއްޖާމަހުގެ ދިހަވަނަ ދުވަހުއެވެ. އެއީ ޢަރަފާތުގައި ހުރުމާއި، މުޒުދަލިފާގައި ރޭކުރުމަށްފަހު، މިނާއަށްގޮސް އެދުވަހު ކުރަންޖެހޭ ކަންތައްތަކުގެ ތެރެއިން ބައެއްކަންތައް ކުރުމަށް ފަހުގައެވެ. އިޙްރާމް ބަނުމުން ޙަރާމްވީ ކަންތައްތަކުގެ ތެރެއިން ޖިމާޢުވުން ފިޔަވައި އެހެނިހެން ކަންތައް މިހިސާބުން ހުއްދަވީއެވެ. އަނބިކަނބުލޭގެ ހުއްދަވާނީ ނުވަތަ ފިރިކަލުން ހުއްދަވާނީ ޠަވާފުލް އިފާޟާކޮށް ޞަފާމަރުވާގައި ހިނގުމަށް ފަހުއެވެ. ޙައްޖުމަހުގެ އަށްވަނަދުވަހާއި، ނުވަ ވަނަދުވަހާއި، ދިހަ ވަނަދުވަހާއި، އައްޔާމުއް ތަޝްރީޤުގެ ތިންދުވަހު ޙައްޖުވެރިން ކުރަންޖެހޭ ކަންތައްތަކުގެ ވާހަކަ އަދި ފަހުން އަންނަހުއްޓެވެ. އަދި މިއަށްވުރެ ތަފްޞީލުކޮށް ލިޔެފައި ހުންނަ ފޮތްފޮތުން އުނގެނުން ހުއްޓެވެ.

ދެންފަހެ އިސްވެދިޔަ ދެވަނަޙާލަތުގެ ދެވަނަ ނަމްބަރުގައިވާގޮތަށް އިޙްރާމް ބަންނަމީހާ ދަންނައެވެ! އޭނާ ޙައްޖުވާނަމަ އެކުރަނީ ޙައްޖު ތަމައްތުޢުއެވެ. ދިވެހިރާއްޖެއިން ޙައްޖަށް ދާމީހުން ޢާއްމުގޮތެއްގައި ކުރަނީ ޙައްޖު ތަމައްތުޢުއެވެ. ޙައްޖު ތަމައްތުޢު ކުރާގޮތަކީ ޙައްޖުގެ މައްސަރު ތަކުގެ ތެރެއިން ދުވަހެއްގައި މީޤާތުން ޢުމްރާއަށް އިޙްރާމް ބަނުމެވެ. ދެންއިސްވެ ބަޔާންކުރެވުނު ފަދައިން ޢުމްރާގެ އަޅުކަން ނިންމައި ޙަލާލުވާނީއެވެ. މިޙާލަތުގައި، ޢުމްރާގެ އަޅުކަން އަދާކޮށް ނިމުމަށްފަހު، ޙަލާލުވެގެން މައްކާގައި ހުންނާނީއެވެ. ޙަލާލުވުމޭ ބުނެވުނު ބަހުގެ މާނައަކީ އިޙްރާމް ބަނުމުން ޙަރާމްވީ ކަންތަކުން ޙަލާލުވުމެވެ. މިމޭރުމުން މާތްވެގެންވާ މައްކާގައި ހުރެފައި ޒުލްޙިއްޖާމަހުގެ އަށްވަނަ ދުވަހު ޙައްޖަށް އިޙްރާމް ބަންނާނީއެވެ. ޙައްޖަށް އިޙްރާމް ބަންނާނީ އެމީހަކުއެހުރި ހޮޓަލެއްގައެވެ. ނުވަތަ އެހުރި ގެއެއްގައެވެ. މިޙާލަތުގައި ޙައްޖަށް އިޙްރާމްބަނުމަށް މީޤާތަށް ދާކަށްނުޖެހޭނެއެވެ. ޙައްޖުމަހުގެ އަށްވަނަދުވަހު އިޙްރާމް ބަދެގެން މިނާއަށް ދާނީއެވެ. އެދުވަހު މިނާއަށް ދާދިޔުމަކީ ޙައްޖުގެ ސުންނަތް ކަންތަކުގެ ތެރޭގައި ހިމެނޭކަމެކެވެ. މިނާގައި ނަމާދު ކުރާނީ ކޮންމެ ނަމާދެންމެ އެނަމާދެއްގެ ވަގުތުގައި ހަތަރު ރަކްޢަތްނަމާދު ޤަޞްރުކޮށެވެ. އެބަހީ ހަތަރު ރަކްޢަތް ނަމާދު ދެރަކްޢަތުންނެވެ. ދެން ޙައްޖުމަހުގެ ނުވަ ވަނަދުވަހު ފަތިސްނަމާދުކޮށްގެން ޢަރަފާތަށްދާން ނިކުންނާނީއެވެ. ޢަރަފާތުގެ އަޅުކަން ފެށޭނީ މެންދުރުވުމުންނެވެ. އެހިނދު، މެންދުރު ނަމާދާއި ޢަޞްރު ނަމާދު ޤަޞްރުކޮށް، ޖަމްޢުކޮށް ކުރުމަށްފަހު ދުޢާކުރުމުގައި ދެމިހުންނާނީއެވެ. ޢަރަފާތުން ނިކުތުން ހުއްދަވާނީ އެދުވަހުގެ އިރުއޮއްސުމުންނެވެ. ޢަރަފާތުގައި ހުންނަހުރުމަކީ ޙައްޖުގެ ރުކުންތަކުގެ ތެރޭގައި ހިމެނޭކަމެކެވެ. ޙައްޖުގެ ރުކުނެއް ފާއިތުވެއްޖެނަމަ ޙައްޖުފާއިތުވީއެވެ. ޙައްޖުގެ ވާޖިބެއް އެޅިއްޖެނަމަ ކައްފާރާދޭނީއެވެ. ޙައްޖުގެ ރުކުނާއި ވާޖިބު ތަފާތުވެގެންވެއެވެ. ވާޖިބެއް އެޅިއްޖެނަމަ ކައްފާރާ ދިނުމުންއެކަން ހަމަޖެހޭނެއެވެ. ކޮންމެއަކަސް ނުވަ ވަނަދުވަހު ޢަރަފާތުގައި ހުރުމަށްފަހު ޙައްޖުގެ އަޅުކަމުގެ ތެރެއިން ދެންއޮތްބައި ފުރިހަމަކުރާނީއެވެ. އެހެންކަމުން ނުވަ ވަނަދުވަހާއި، ދިހަވަނަދުވަހާއި، އައްޔާމުއް ތަޝްރީޤުގެ ތިންދުވަހު ޙައްޖުވެރިޔާ ކުރަންޖެހޭ ކަންތައްތައް އުނގެނި ދެނެގަތުން ވާޖިބުވެގެންވެއެވެ. ޙައްޖު ތަމައްތުޢު ކުރާމީހާގެ މައްޗަށް ބަކަރި ކަތިލުން ވާޖިބުވާނެއެވެ. އެކަމަށް ކުޅަދާނަ ނުވާމީހާ ދިހަދުވަހު ރޯދަ ހިފަންޖެހޭނެއެވެ. އެއީ ޙައްޖުގައި ތިންދުވަހެވެ. އެނބުރިރަށަށް އައުމަށްފަހު ހަތްދުވަހެވެ. މުޅިއެކު ފުރިހަމަ ދިހަދުވަހެވެ.

ޢުމްރާއަށް ޙައްޖަށް އިޙްރާމް ބަނުމުން ޙަރާމްވާ ކަންތައްތަކަކީ (1) ހަށިގަނޑުގެ އެއްވެސް ތަނަކުން އިސްތަށިބޭލުން ނުވަތަ އިސްތަށިގަނޑު ކުރުކުރުން ނުވަތަ އިސްތަށި އުފުރުން. (2) ނިޔަފަތި ކެނޑުން ނުވަތަ ނިޔަފަތި އުފުރުން. (3) މީރުވަސްދުވާ ބާވަތުގެ އެއްވެސް އެއްޗެއް ހަށިގަނޑުގައި ނުވަތަ ފޭރާމުގައިލުން. އިޙްރާމް ބަނުމުގެ ކުރީގައި އިޙްރާމް ބަނުމަށްޓަކައި ހަށިގަނޑުގައި ހުވަނދުލުން ހުއްދައެވެ. އެކަމަކު އިޙްރާމް ބަނުމުގެ ކުރީގައި ކަމަށްވިޔަސް އިޙްރާމް ހެދުމުގައި ހުވަނދުލުންފަދަ މީރުވަސްދުވާ އެއްވެސް އެއްޗެއް ލައިގެނެއްނުވާނެއެވެ. (4) ފަހާފައި ހުންނަހެދުން ފިރިހެނުންލުން. (5) ފިރިހެނުން ބޫޓަށް އެރުންފަދަ ފައިތިލަ ނިވާވެފައި ހުންނަ ބާވަތުގެ ފައިވާނަށް އެރުން. (6) މޫނު ނިވާކުރުން. އިޙްރާމް ބަދެގެންއިންނަ އަންހެނާ، މޫނު ނިވާކުރުމަށްޓަކައި ފަހާފައިހުންނަ ބުރުގާފަދަ އެއްޗަކުން މޫނުނިވާކުރުން. އަންހެނާގެ ބޯނިވާކުރަން އަޅާބުރުގާފަދަ އެއްޗަކުން ކޮންމެހެން ބޭނުމެއް ޖެހިއްޖެ ޙާލަތެއްގައި (އެބަހީ: ހިލޭފިރިހެނުންގެ ގާތުގައިނަމަ) އެކަނބުލޭގެމޫނު ނިވާކޮށްލުން ޖާއިޒުވެގެންވެއެވެ. (7) އަތްތިލަ ނިވާކުރުމަށްޓަކައި އަތުއުރަފަދަތަކެތި ބޭނުންކުރުމަކީ މަނާކަމެކެވެ. ނަމަވެސް ހެދުމުން، ނުވަތަ އަޅައިގެން ހުރިބުރުގާއަކުން އަތްތިލަ ނިވާކޮށްލުން ޖާއިޒުވެގެންވެއެވެ. (8) ޖިމާޢުވުން. (9) ނުބައި ވާހަކަދެއްކުމާއި އަރާރުންވުން. (10)ފިރިހެނުން ބޯނިވާކުރުން. (11) އެއްގަމު ޝިކާރަކުރުން. (12) ކައިވެނިކުރުން. (13) ޝަހުވަތްތެރި ކަމާއެކު އަނބި ކަނބުލޭގެ ގައިގައިބީހުން. (14) ޙަރަމްގެ އިމުގެތެރޭގައި ހުންނަ ގަސްކެނޑުމާއި ރޯވިނަ އުފުރުމަކީ އިޙްރާމުގައި ތިބޭމީހުންނާއި އެނޫން މީހުންގެ މައްޗަށްވެސް ޙަރާމްވެގެންވާ ކަމެކެވެ. (މިނާއާއި މުޒްދަލިފާއަކީ ޙަރަމުގެ އިމުތެރޭގައި ހިމެނޭ ތަންތަނެވެ. ޢަރަފާތަކީ ޙަރަމުގެ ޙުދޫދުގެ ތެރޭގައި ހިމެނޭ ތަނެއްނޫނެވެ.) މީހުންގެ އަތުން ވެއްޓިފައި ހުންނަތަކެތި ހޮވާހެދުމަކީ ޙަރަމްފުޅުގެ ތެރޭގައި ޙަރާމްކަމެކެވެ. ވެރިފަރާތަށް ރައްދުކުރުމަށްޓަކައި އެފަދަތަކެތި ހޮވުމަކީ ހުއްދަކަމެކެވެ. މިޒަމާނުގައި އެފަދަތަކެތި ބަލައިގަންނަ އޮފީސް ޙަރަމްފުޅުގެ ތެރޭގައި ހުރެއެވެ. ގެއްލުން އެއްޗެއް ސިފަކޮށް ދިނުމުން އެއޮފީހަކަށް އެއެއްޗެއް ލިބިފައިވާނަމަ އޭގެ ވެރިފަރާތަށް އެއެއްޗެއް ލިބޭނެއެވެ.

އިޙްރާމް ބަދެގެންހުންނަ މީހާ ފެންވެރުމަކީ ހުއްދަކަމެކެވެ. އިޙްރާމްހެދުން ދާވެއްޖެނަމަ ހެދުންބަދަލު ކޮށްލުމަކީ ހުއްދަކަމެކެވެ. ބަދަލުގައި ބޭނުންކުރާ ހެދުމަކީވެސް އިޙްރާމް ބަނުމަށް ހުއްދަވެގެންވާ ހެދުމަކަށްވާން ޖެހޭނެއެވެ.

ޙައިޟުވެރިޔާއާއި ނިފާސްވެރިޔާއަށްވެސް އިޙްރާމް ބަދެވޭނެއެވެ. އެކަނބަލުން ޢަމަލުކުރާނެ މަގަކީ ފެންވަރާ ސާފުތާހިރުވެގެން އިޙްރާމްހެދުން އަޅާނީއެވެ. މީޤާތުން ނިޔަތްގަންނާނީއެވެ. ނަމާދުކުރުން ޙަރާމްވެގެންވާ ފަދައިން ގެފުޅުގައި ޠަވާފުކުރުންވެސް އެކަނބަލުންނަށް ޙަރާމްވެގެންވެއެވެ. އެހެންކަމުން މައްކާއަށް ވާޞިލުވުމުން އެކަނބަލުން ހިނައިޠާހިރުވެވެންދެން މައްކާގައި ތިބޭނީއެވެ. ހިނައިޠާހިރުވެވުމުން ޠަވާފު ކުރާނީއެވެ. ޢަރަފާތުގައި ތިބުމާއި، މުޒްދަލިފާގައި ރޭކުރުމާއި، މިނާގައި ރޭކުރުމާއި، ޖަމްރާއަށް ހިލައުކުމާއި މިހުރިހައި ކަމެއްވެސް އެކަނބަލުންނަށް ކުރެވޭނެއެވެ. ނުކުރެވޭނެކަމަކީ ނަމާދު ކުރުމާއި ޠަވާފު ކުރުމެވެ. މިކަންކަން ކުރެވޭނީ ހިނައި ޠާހިރުވެވުނު އިރަކުންނެވެ. ހިނައިޠާހިރުވެވޭނީ ޕީރިއަޑުގެ ކަންތައް ނިމުނީމައެވެ.

ޙައްޖާއި ޢުމްރާއާ ބެހޭގޮތުން އިސްވެދިޔަ ޙުކުމްތަކާއި މިޙުކުމްތަކާ ގުޅިފައި ހުންނަ ޙުކުމްތައް، މިއަށްވުރެ ތަފްޞީލްކޮށް ލިޔެފައި ހުންނަ ފޮތްފޮތުން އުނގެނި ދަސްކުރުން ހުއްޓެވެ. މިލިޔުމުގައި މިވަނީ ހަމައެކަނި އައުޓުލައިނެކެވެ. މިއަކީ މިއަޅުކަމުގައި ފުދޭމިންވަރެއްނޫނެވެ. ތަފްސީލު ބޭނުންވެގެންވެއެވެ.

ދަންނައެ! ޙައްޖުމަހުގެ 9ވަނަދުވަހަކީ ޢަރަފާތް ދުވަހެވެ. ޙައްޖަށް ނުދާމީހުން އެދުވަހު ރޯދަ ހިފުމަކީ މުހިއްމު ކަމެކެވެ. ޔަޢްނީ އެދުވަހު ރޯދަ ހިފުމަކީ ސުއްނަތް އަޅުކަމެކެވެ. ޙައްޖުވެރީން ޢަރަފާތުގައި ތިބޭއިރު ރޯދަހިފުމެއްނޯވެއެވެ. ކީރިތި ރަސޫލާ ސައްލަﷲ ޢަލައިހި ވަސައްލަމަ ޢަރަފާތުގައި ހުންނަވައި ރޯދަފުޅު ހިއްޕެވިކަމެއް ސާބިތެއްނުވެއެވެ. ހަމައެފަދައިން އެކަލޭގެފާނުގެ އަރިހުގައި ތިއްބެވި އަޞްޙާބު ބޭކަލުންވެސްމެއެވެ. ދިވެހިރާއްޖެއިން ޙައްޖަށްދާ މީހުންގެ ތެރެއިން ބައެއްމީހުން ޢަފަރާތް ދުވަހު ޢަރަފާތުގައި ރޯދައަށް ތިބެއެވެ. އެކަމަކު އެއީ ސާބިތުވާ ކަމެއްނޫނެވެ. އެދުވަހުގެ މުހިއްމު އަޅުކަމަކީ މެންދުރުވުމުން މެންދުރު ނަމާދާއި ޢަޞްރުނަމާދާއި ޤަޞްރު، ޖަމްޢު ކުރުމަށްފަހު ދުޢާ ކުރުމުގައި ދެމިތިބުމެވެ.

ބައެއް ޙައްޖުވެރިން ޢަރަފާތުގައި ތިބޭއިރު، ބާޠިލުޢަޤީދާއެއްގެ މައްޗަށް ބިނާކޮށް ޢަރަފާތު ބިމުގައި ހިލަ ވަޅުލާހަދާވެސްމެއެވެ. އެއީ ބިދްޢައެކެވެ. ބިދްޢައިން ރައްކައުތެރިވުން ހުއްޓެވެ.

ޙައްޖުމަހުގެ ނުވަވަނަދުވަހަކީ ޢަރަފާތް ދުވަހެވެ. ޢަރަފާތުގައި ހުރުމަކީ ޙައްޖުވުމުގެ ރުކުންތަކުގެ ތެރެއިން ރުކުނެކެވެ. ޢަރަފާތުގައި ހުރުން ފާއިތުވެއްޖެ މީހަކަށް އެއަހަރަކު ޙައްޖެއް ނުލިބޭނެއެވެ. ޢަރަފާތުގައި ހުރުމުގެ ފުރިހަމަ ވަގުތަކީ އެދުވަހުގެ މެންދުރުން ފެށިގެން އެދުވަހުގެ އިރުއޮއްސިއްޖައުމަށް ދާންދެންނެވެ. އިރުއޮއްސުމުގެ ކުރީގައި ޢަރަފާތުން ނިކުތުމަކީ ދީނުގައި މަނާކަމެކެވެ. އިރުއޮއްސުމުން ޢަރަފާތުން ނިކުތީމާ ރޭގަނޑުން ބައެއްވެސް ޢަރަފާތުގައި ލިބުނީއެވެ. ކޮންމެއަކަސް ޢުޛުރެއް މެދުވެރިވުމުން އިސްވެދިޔަ ވަގުތުގައި ޢަރަފާތުގައި ނުހުރެވުނުމީހާ އެރޭގެ (ޔަޢްނީ: ޢަރަފާތް ދުވަހުގެ ރޭގަނޑުގެ) ފަތިހު ފަޖްރުއްޞާދިގުގެއަލިކަން ފާޅުވުމުގެ ކުރީގައި ޢަރަފާތުގައި މަޑުކޮށްލެވުނުނަމަ ޢަރަފާތް ލިބުނު މީހެއްކަމުގައި ބެލެވޭނެއެވެ.

ޢަރަފާތް ދުވަހު މެންދުރުވުމުން އިމާންމީހާ ދުވަހާ އެކަށީގެންވާ ޚުޠުބާއެއް ވިދާޅުވެ މީސްތަކުންނާ މުޚާޠަބު ކުރެއްވުމަކީ ސުއްނަތް ވެގެންވާ ކަމެކެވެ. އެއަށްފަހު މެންދުރުނަމާދާއި ޢަޞްރުނަމާދު ޤަޞްރުކޮށް ޖަމްޢުކުރާނީއެވެ. މެންދުރު ނަމާދަށް ބަންގިއާއި ޤަމަތްދޭންވާނެއެވެ. ސަލާމް ދިނުމަށްފަހު ޢަޞްރުނަމާދަށް ޤަމަތްދޭންވާނެއެވެ. ދެން އިރުއޮއްސިއްޖައުމަށް ދާންދެން ދުޢާކުރުމުގައި ދެމިތިބޭނީއެވެ. އެދުވަހު ކުރުން ޚާއްޞަވެގެންވާ ދުޢާތައް ދުޢާފޮތްފޮތުގައި ހުންނާނެއެވެ. ތަކްރާރުކޮށް ދުޢާކުރުން ހުއްޓެވެ. ގިނަގިނައިން ފާފަފުއްސެވުންއެދި ކީރިތިވަންތަ ﷲގެ ޙަޟްރަތަށް ދެންނެވުން ހުއްޓެވެ. ގިނަގިނައިން ޞަލަވާތް ކިޔެވުން ހުއްޓެވެ. ގިނަގިނައިން ޤުރްއާން ކިޔެވުން ހުއްޓެވެ. ތަޥްބާވުން ހުއްޓެވެ. ޢަރަފާތް ދުވަހަށްވުރެ ގިނައިން މީސްތަކުން ނަރަކައިން މުއްތިކޮށްދެއްވާ އެހެންދުވަހެއް ނުވާކަމަށް ޞައްޙަ ޙަދީޘުން ސާބިތުވެއެވެ. ބަދްރު ހަނގުރާމައިގެ ދުވަސްފިޔަވައި ޝައިޠާނާ އެންމެބޮޑަށް ނިކަމެތި ވެގެންދާ ދުވަހަކީވެސް ޢަރަފާތްދުވަހެވެ.

އެދުވަހު އިރު އޮއްސުމަށްފަހު ޢަރަފާތުން ނިކުންނާނީ މަޣްރިބުނަމާދު ނުކޮށެވެ. މުޒްދަލިފާއަށް ދެވުމުން މަޣްރިބްނަމާދު ތިންރަކްޢަތުން ޢިޝާނަމާދު ދެރަކްޢަތުން މިދެނަމާދު ޖަމްޢުކޮށް ކުރާނީއެވެ. މުޒްދަލިފާގައި އެންމެ ފުރަތަމަ ކުރާނީ ނަމާދެވެ. ހިލަހޮވާނީ ނަމާދަށްފަހުއެވެ. މުޒްދަލިފާގައި ރޭކުރުމަކީ ޙައްޖުގެ ވާޖިބެކެވެ. ވާޖިބެއް އެޅިއްޖެއްޔާ ފިދްޔަދޭންޖެހޭނެއެވެ. އެއީ ބަކަރިއެއް ކަތިލުން ނުވަތަ ތިންދުވަހު ރޯދަ ހިފުން ނުވަތަ ހަ މިސްކީނުންނަށް ކޮންމެ މީހަކަށް ޞާޢެއްގެ ދެބައިކުޅަ އެއްބައިގެ މިންވަރު ކާންދިނުމެވެ. ޙައްޖުވެރިން މުޒްދަލިފާގެ ރޭގައި ރޭކުރާނީ މުޒްދަލިފާގައެވެ. ބަލިކަށިމީހުން ރޭގަނޑުގެ ފަހުބައިގައި މިނާއަށް ރުޖޫޢުވުން ޖާއިޒުވެގެންވެއެވެ. އެނޫންމީހުން ފަތިސްނަމާދު ކުރާނީ މުޒަދަލިފާގައެވެ. އެއަށްފަހު ދުޢާކުރުމުގައި ދެމިތިބޭނީއެވެ.

އިރަށްދޮންވެ އިރުއަރަން ކައިރިވުމުން މިނާއަށް ދަތުރުފަށާނީ އިރުއެރުމުގެ ކުރީގައެވެ. ޙައްޖަށް އިޙްރާމް ބަދެގެން ކިޔަންފެށި ތަލްބިޔާ ނިމޭހުށީ ޖަމްރަތުލް ޢަޤަބާއާ ހަމައަށް ދެވުމުންނެވެ. އެދުވަހު ޔަޢްނީ ޢީދުދުވަހު މުޒްދަލިފާއިން މިނާއަށް އައުމަށްފަހު ކުރަންޖެހޭ ކަންތައްތަކަކީ

(1) ޖަމްރަތުލް ޢަޤަބާއަށް ހިލައުކުން.

(2) ކަތިލުން.

(3) ބޯބޭލުން ނުވަތަ ބޯކުރުކުރުން. (އަންހެނުން އެކަނބަލުންގެ އިސްތަށިގަނޑުގެ ނިމޭހިސާބުން އަގުލެއްގެ މިންވަރު ބުރިކޮށްލާނީއެވެ.)

(4) ޠަވާފުލް އިފާޟާކުރުމާއި ސަޢްޔުކުރުން. މިއެވެ.

މިކަންތައް މިމަގުން ތަރުތީބު ކުރުން ސުންނަތް ވެގެންވެއެވެ. ނަމަވެސް މިކަންކަން މިމަގުންނޫން ގޮތަކަށް އިސްފަސްކުރުމަކީ ހުއްދަކަމެކެވެ. ހިލައުކުމާއި، ބޯބޭލުން ނުވަތަ ބޯކުރުކުރުމާއި، ސަޢްޔުކުރުމާއެކު ޠަވާފުލް އިފާޟާ ކުރުމާއި، މިތިން ކަންތަކުގެ ތެރެއިން ފުރަތަމަ ބުނެވުނު ދެކަންތައް ކުރުމުން ފުރަތަމަ ޙަލާލު ވެވުނީއެވެ. އެބަހީ ޙައްޖަށް އިޙްރާމްބަނުމުން ޙަރާމްވީ ކަންތަކުގެ ތެރެއިން އަނބިމީހާ ފިޔަވައި އެހެނިހެން ކަންތައް ޙަލާލުވީއެވެ. އަނބިމީހާ ޙަލާލުވާނީ މިތިންކަންތައް ފުރިހަމަ ކުރުމުންނެވެ. ޢީދުދުވަހު މިކަންތައްތައް ނުކުރެވުނުމީހާ އައްޔާމުއްތަޝްރީޤުގެ ތިންދުވަހުގެ ތެރޭގައި މިކަންތައް ކޮށްނިންމާނީއެވެ. ޢުޒުރުވެރިވެއްޖެނަމަ އުޒުރު ފިލައިދިޔަ ދުވަހަކުންނެވެ. ކަތިލުންވެސް ހަމަމިފަދައެވެ. އައްޔާމުއް ތަޝްރީޤުގެ ތިންދުވަހުންކުރެ ކޮންމެ ދުވަހަކު ތިންޖަމްރާއަށް ހިލައުކުމާއި މިނާގައި ރޭކުރަން ޖެހޭނެއެވެ. ހިލައުކަންވާނީ މެންދުރުވުމަށް ފަހުގައެވެ. މިނާގައި ތިންދުވަހު ނުތިބެ ދެދުވަހުތިބުމަކީ ކުށެއްނޫނެވެ. މިނާގައިތިބޭ ތިބުމަކީ ﷲހަނދުމަ ކުރުމަށްތިބޭ ތިބުމެކެވެ.

އިސްވެދިޔަ ކަންތައް އިސްވެދިޔަ ފަދައިން ކުރުމުން ޙައްޖުނިމުނީއެވެ. ޙައްޖުވެރިންނާއި އެނޫންމީހުން ޒަމްޒަމްފެން ބުއިމަކީ ސުއްނަތް ވެގެންވާކަމެކެވެ. އެއީ ފައިދާހުރި ބުއިމެކެވެ. އެއީކޮންމެ ބަލިމަޑުކަމަކަށް ޝިފާލިބޭ ކަމެކެވެ. ޙައްޖުވެރިޔާ ރަށަށް އެނބުރި އައުމުގެކުރީގައި އަލްމަސްޖިދުއްނަބަވީއަށް ޒިޔާރަތް ކުރުމަކީ އެދެވިގެންވާ ކަމެކެވެ. ޙައްޖުގެ އަޅުކަމާބެހޭ ޙުކުމްތައް މިއަށްވުރެ ތަފްޞީލުކޮށް ލިޔެފައި ހުންނަފޮތްފޮތުން އުނގެނުން ހުއްޓެވެ. އެޙައްޖުގައި ކުށެއްއެކުލެވިގެންނުވާ ގޮތުގެމަތީން މަބްރޫރު ޙައްޖެއް ވެއްޖެމީހާއަށް ސުވަރުގެ ހުރިކަމުގެ އުފާވެރި ޚަބަރު އަހަރުމެންގެ މާތްނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ މިއުއްމަތަށް ދެއްވާފައިވެއެވެ. ޙައްޖުވެރިޔާ މާތްވެގެންވާ މައްކާގައި އެންމެފަހުން ކުރަންޖެހޭކަމަކީ ޠަވާފުލްވަދާޢުއެވެ. އާދެ! ވަދާޢުގެ ޠަވާފެވެ.
އަޞްލު: ދިނީ ނިއުސް.ކޮމް

Read more...

21 October 2010

ތައުޙީދުގެ ބައިތައް

އައްޝައިޚް ޙަސަން މޫސާ ފިކްރީ
ޢަރަބި ބަހުގައި ތައުޙީދުގެ މާނަ ނެގިފައިވަނީ وحَّد ، يوحِّد މިކަލިމައިންނެވެ. އެބަހީ އެކަނިވުމެވެ. ނުވަތަ އެކުގައި ބައިވެރިޔަކު ނުވުމެވެ. الله سبحانه وتعالى އަށް ނިސްބަތް ކުރަނީނަމަ އެއްކައުވަންތަކަމެވެ. މިކަލިމަގައި ތަޝްދީދު ކުރެވިފައިވަނީ އެކަލިމައިގެ މާނައި އިތުރުކޮށް ބަސް ވަރުގަދަ ކުރުމަށެވެ.
ޢަރަބި ބަހުގައި وَاحِدُ وَ أَحَدُ، وَ وَحِيْدُ މި ތިންކަލިމައިގެވެސް މާނައަކީ އެއްވެސް ބައިވެރިޔަކު ނުވުމެވެ. ވީމާ الله سبحانه وتعالى އީ وَاحِدُ އެބަހީ: އެއްކައުވަންތަ އިލާހެވެ. އެކަލާނގެއީ އެވެސް ބައިވެރިޔަކުނުވާ، އެއްފަދަވެގެންވާ އެއްވެސް ފަރާތެއް ނުވާ އިލާހެވެ. ތައުޙީދުގެ ޢިލްމަކީ الله سبحانه وتعالى ގެ އެއްކައުވަންތަކަން މަޢްރިފާކުރާ ޢިލްމެވެ. الله سبحانه وتعالى އީ އެކަލާނގެއާ އެއްފަދަވެގެންވާ އެއްވެސް ފަރާތެއްނުވާ، ބައިވެރިޔަކު ނުވާ ކަލާނގެކަން ނޭނގެ މީހަކު ނުވަތަ الله سبحانه وتعالى އަންގަވާފައިވާ ގޮތަށް އެކަލާނގެ އެއްކައުވަންތަކަން ޤަބޫލު ނުކުރާ މީހަކީ ޙަޤީޤީ މުވައްޙިދެއް ނޫނެވެ.

ތައުޙީދު އިޞްޠިލާޙީ ތަޢްރީފަކީ: الله سبحانه وتعالى ގެ الألوهية އާއި الربوبية އާއި الأسماء والصفات ގައި އެކަލާނގެ އެއްކައުވަންތަކުރުމެވެ. ނުވަތަ އެކަންކަމުގައި އެކަލާނގެ އެއްކައުވަންތަކަމަށް އީމާންވުމެވެ.

1- توحيد الربوبية
توحيد الربوبية އަކީ الله سبحانه وتعالى ގެ އެންމެހައި ޢަމަލުފުޅުތަކުގައި އެކަލާނގެ އެއްކައުވަންތަކަން ޤަބޫލު ކުރުމެވެ. އެބަހީ: އެކަލާނގެ ކުރައްވާ އެންމެހައި ކަންތައްތަކުގައި އެކަލާނގެ ފިޔަވައި އެހެން ފަރާތެއް ބައިވެރިނުވާކަން ޤަބޫލުކުރުމެވެ. މިސާލަކަށް ޚަލްޤު ކުރެއްވުމާއި ރިޒުޤު ދެއްވުމާއި، އެންމެހާ ކާއިނާތު ތަކުގެ ކަންތައްތައް ރާއްވަވައި ހިންގެވުމާއި، ދިރުއްވައި މަރު ހިއްޕެވުމާއި މިފަދަ ހުރިހާ ކަމެއްގައި އެކަލާނގެ އެއްކައުވަންތަކަން ހިތުގެ އަޑިން ޤަބޫލުކުރުމެވެ.

ވީމާ ربوبية އަށް އީމާންވުމަކީ: الله سبحانه وتعالى ފިޔަވައި އެހެން خالق އަކު ނުވާކަން ޤަބޫލުކުރުމެވެ. އެކަލާނގެ ވަޙީކުރައްވާފައިވެއެވެ. " اللَّهُ خَالِقُ كُلِّ شَيْءٍ " މާނައީ: " الله سبحانه وتعالى އަކީ ހުރިހާ އެއްޗެއްގެ خالق އެވެ." ހުރިހާ އެއްޗެއް އުފެއްދެވީ އެކަލާނގެއެވެ. އަދި ޚަލްޤު ކުރެއްވުމުގައި އެކަލާނގެއަށް އެއްވެސް ބައިވެރިޔަކު ނުވާކަން ބަޔާންކުރައްވައި އެތައް އާޔަތެއްގައި ވަޙީކުރައްވާފައިވެއެވެ. هَذَا خَلْقُ اللَّهِ فَأَرُونِي مَاذَا خَلَقَ الَّذِينَ مِن دُونِهِ بَلِ الظَّالِمُونَ فِي ضَلَالٍ مُّبِينٍ (لقمان: 11)

މާނައި: "މިއީ ﷲ ގެ ހެއްދެވުމެވެ. އެކަލާނގެ ފިޔައިވައި އެހެން ފަރާތަކުން ހަދައިފައިވަނީ ކޮން އެއްޗެއްކަން ތިޔަބައިމީހުން ތިމަންކަލޭގެފާނަށް ފަހެ ދައްކައިދީބަލާށެވެ!"

ހަމައެފަދައިން، الله سبحانه وتعالى ފިޔަވައި އެހެން رازق އަކު ނުވާކަން ޤަބޫލުކުރުމެވެ. އެކަލާނގެ ވަޙީކުރައްވާފައިވެއެވެ. "وَمَا مِنْ دَآبَّةٍ فِيْ اْلاَْرْضِ إلاَّ عَلَى اللَّهِ رِزْقُهَا" މާނައީ: "ބިމުގައި އެއްވެސް ދާބައެއް (ކުޑަވިޔަސް އަދި ބޮޑުވިޔަސް އެއްވެސް އެއްޗެއް) الله سبحانه وتعالى އެތަކެއްޗަށް ރިޒުޤު ދެއްވުމަށް ޙަވާލުވެ ވޮޑިގެންނުވާ އެކައްޗެއްވެސް ނުވެއެވެ." އަދި ރިޒުޤު ދެއްވުމުގައި އެކަލާނގެ ފިޔަވައި އެހެން ފަރާތެއް ނުވާކަންވެސް ކީރިތި ޤުރްއާނުގެ އެތައް އާޔަތެއްގައި الله سبحانه وتعالى ވަނީ އަންގަވައިފައެވެ. އެކަލާނގެ ވަޙީކުރައްވާފައިވެއެވެ. أَمَّنْ هَذَا الَّذِي يَرْزُقُكُمْ إِنْ أَمْسَكَ رِزْقَهُ بَل لَّجُّوا فِي عُتُوٍّ وَنُفُورٍ (الملك: 21)

މާނައީ: "ނުވަތަ އެކަލާނގެ ރިޒްޤުދެއްވުން ހުއްޓަވައިފިނަމަ، ތިޔަބައިމީހުންނަށް ރިޒުޤު ދޭނޭ މީހަކީ ކާކުހެއްޔެވެ؟"

ހަމައެފަދައިން، الله سبحانه وتعالى ފިޔަވައި މިކައުނުގެ ކަންތައްތައް ރާއްވަވާ އެއްވެސް ފަރާތެއް ނުވާކަމަށް އީމާންވުމެވެ. އެކަލާނގެ ވަޙީކުރައްވާފައިވެއެވެ. "يُدَبِّرُ الْأَمْرَ مِنَ السَّمَاءِ إِلَى الْأَرْضِ" މާނައީ: "އުޑުންފެށިންގެ ބިމާއި ހަމައަށް ހުރިހާ ކަމެއް އެކަލާނގެ ތަދުބީރު ކުރައްވަތެވެ." އަދިވެސް އެހެން އާޔަތެއްގައި ވަޙީކުރައްވާފައިވެއެވެ. إِنَّ رَبَّكُمُ اللّهُ الَّذِي خَلَقَ السَّمَاوَاتِ وَالأَرْضَ فِي سِتَّةِ أَيَّامٍ ثُمَّ اسْتَوَى عَلَى الْعَرْشِ يُغْشِي اللَّيْلَ النَّهَارَ يَطْلُبُهُ حَثِيثًا وَالشَّمْسَ وَالْقَمَرَ وَالنُّجُومَ مُسَخَّرَاتٍ بِأَمْرِهِ أَلاَ لَهُ الْخَلْقُ وَالأَمْرُ تَبَارَكَ اللّهُ رَبُّ الْعَالَمِينَ (الأعراف: 54)

މާނައީ: "ހަމަކަށަވަރުން ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއީ، ހަ ދުވަހުގެ ތެރޭގައި، އުޑުތަކާއި ބިން ހެއްދެވި ކަލާނގެއެވެ. އެއަށްފަހު، އެކަލާނގެ ޢަރުޝީގެ މައްޗަށް އިސްތަވާ ވެވޮޑިގެންނެވިއެވެ. އަދި އެކަލާނގެ ރޭގަނޑުން ދުވާލު ފޮރުއްވާލައްވައެވެ. އެއިން ކޮންމެ އެއްޗެއް އަވަސްކަމާއެކު އަނެއްކައްޗެއް ހޯދައިގަނެއެވެ. އަދި އިރާއި ހަނދާއި ތަރިތައް އެކަލާނގެ އަމުރުފުޅަށް ކިޔަމަން ކުރައްވާ ގޮތުގައި ހެއްދެވިއެވެ. ދަންނާށެވެ! ހެއްދެވުމާއި އަމުރުކުރެއްވުން ވަނީ، އެކަލާނގެއަށް ޚާއްޞަވެގެންނެވެ. ޢާލަމްތަކުގެ ވެރި الله މަތިވެރިވެ ވޮޑިގެންފިއެވެ."

ހަމައެފަދައިން، الله سبحانه وتعالى ފިޔަވައި ދިރުއްވައި މަރުހިއްޕަވާ އެހެން އެއްވެސް ފަރާތެއް ނުވާކަމަށް އީމާންވުމެވެ. އެކަލާނގެ ވަޙީކުރައްވާފައިވެއެވެ. "هُوَ يُحْيِيْ وَيُمِيتُ وَإِلَيْهِ تُرْجَعُونَ" މާނައީ: "އެކަލާނގެއީ ދިރުއްވައި މަރުހިއްޕަވާ ރަސްކަލާނގެއެވެ. އަދި އެނބުރި ދިޔުންވަނީ އެކަލާނގެ ޙަޟުރަތަށެވެ."

ތައުޙީދުގެ މިބަޔަށް މައްކާގެ މުޝްރިކުންވެސް ރަސޫލުالله ޞައްލަ الله ޢަލައިހި ވަސައްލަމަގެ ޒަމާނުގައި ތިބި މައްކާގެ މުޝްރިކުންވެސް އިޤުރާރުވިއެވެ. އެމީހުންވެސް އިސްވެބަޔާންކުރެވުނު ކަންކަމަކީ الله سبحانه وتعالى އަށް ޚާއްޞަވެގެންވާ ކަންތައްތަކެއްކަން ޤަބޫލުކުރެއެވެ. ނަމަވެސް ތައުޙީދުގެ މިބަޔަށް އެކަނި އީމާންވުމަކުން އެމީހުންނަކީ މުސްލިމުން ކަމުގައެއް ނުވެއެވެ. އެމީހުންނާމެދު الله سبحانه وتعالى ވަޙީކުރައްވާފައިވެއެވެ. " وَلَئِنْ سَأَلْتَهُمْ مَنْ خَلَقَ السَّمَاوَاتِ وَالْأَرْضَ لَيَقُولُنَّ اللَّهُ "

މާނައީ: "އަދި ހަމަކަށަވަރުން އުޑުތަކާއި ބިން ހެއްދެވީ ކާކުހޭ ކަލޭގެފާނު އެއުރެންނާ ސުވާލު ކުރައްވައިފިނަމަ އެމީހުން ބުނާނެކަން ކަށަވަރެވެ. الله އެވެ."

އަދިވެސް އެހެން އާޔަތްތަކެއްގައި މިވާހަކަތައް އަންގަވައި ވަޙީކުރައްވާފައިވެއެވެ. سَيَقُولُونَ لِلَّهِ قُلْ أَفَلَا تَذَكَّرُونَ - قُلْ مَن رَّبُّ السَّمَاوَاتِ السَّبْعِ وَرَبُّ الْعَرْشِ الْعَظِيمِ - سَيَقُولُونَ لِلَّهِ قُلْ أَفَلَا تَتَّقُونَ - قُلْ مَن بِيَدِهِ مَلَكُوتُ كُلِّ شَيْءٍ وَهُوَ يُجِيرُ وَلَا يُجَارُ عَلَيْهِ إِن كُنتُمْ تَعْلَمُونَ - سَيَقُولُونَ لِلَّهِ قُلْ فَأَنَّى تُسْحَرُونَ (المؤمنون: 85 - 87)

މާނައީ: "އެއުރެން ދަންނަވާނެތެވެ. (މިލްކުވެރިކަންވަނީ) ﷲ އަށެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ފަހެ، ތިޔަބައިމީހުން ހަނދުމަނުކުރަނީ ހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! ހަތްއުޑުގެ ވެރިޔަކީ، އަދި މާތްވެގެންވާ ޢަރުޝުގެ ވެރިޔާއަކީ ކާކުހެއްޔެވެ؟ އެއުރެން ދަންނަވާނެތެވެ. (ވެރިކަންވަނީ) ﷲ އަށެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ފަހެ، ތިޔަބައިމީހުން (އެކަލާނގެޔަށް) ތަޤުވާވެރި ނުވަނީ ހެއްޔެވެ؟

الله سبحانه وتعالى އެންމެހައި މަޚްލޫޤުން އުފެއްދެވީ އެކަލާނގެ ރުބޫބިއްޔަތަށް އިޤްރާރުވާ ޙާލުގައެވެ. މުޝްރިކުންގެ ތެރެއިންވެސް އެކަލާނގެއަށް ޝަރީކުކުރާ މީހުންވެސް އުޑުތަކާއި ބިންހެއްދެވުމުގައި އެކަލާނގެއަށް ބައިވެރިޔަކު ނުވާކަމަށް އިޤްރާރުވެއެވެ.

މިއަދި ތައުޙީދުގެ މިބަޔާއި މެދު ދެކޮޅުހަދައި، އިންކާރުކުރާ މީހުންނަކީ ބޮޑާވެރިކަމާއި ނުބައި ނުލަފާކަމުން ދެކޮޅަހަދާ މީހުންނެވެ. އެހެނީ މޫސާގެފާނުގެ ޒަމާނުގައި މިޞްރުގެ ފިރްޢައުނުވެސް އިލާހުވަންތަކަމަށް ދަޢްވާކޮށް ހެދި ނަމަވެސް އޭނާއަށްވެސް ﷲ ގެ އެއްކައުވަންތަކަން އެނގެއެވެ. އޭނާއާއި ބެހޭގޮތުން ﷲ ވަޙީކުރައްވާފައިވެއެވެ. قَالَ لَقَدْ عَلِمْتَ مَا أَنزَلَ هَؤُلاء إِلاَّ رَبُّ السَّمَاوَاتِ وَالأَرْضِ بَصَآئِرَ وَإِنِّي لَأَظُنُّكَ يَا فِرْعَونُ مَثْبُورًا (الإسراء: 102)

މާނައީ: "(މޫސާގެފާނު) ވިދާޅުވިއެވެ. ހަމަކަށަވަރުން، ބަޔާންވެގެންވާ ޢިބްރަތްތަކެއް ކަމުގައި މި މުޢްޖިޒާތްތައް ބާވައިލެއްވީ، އުޑުތަކާއި ބިމުގެ ވެރިރަސްކަލާނގެ ފިޔަވައި އެހެންފަރާތެއް ނޫންކަން ކަލޭ ރަނގަޅަށް ދަންނާނޫއެވެ! އޭ ފިރްޢައުނެވެ. ފަހެ އަހަރެންނަށް ޔަޤީންވަނީ ކަލެއަކީ ގެއްލެނިވެ ހަލާކުވެފައިވާ މީހެއް ކަމުގައެވެ."

2- توحيد الألوهية
توحيد الألوهية އަކީ الله سبحانه وتعالى އަށް އެކަލާނގެ އަޅުތަކުކުރާ އެންމެހައި ޢަމަލުތަކެއްގައި އެކަލާނގެއާ އެއްވެސް ފަރާތެއް ބައިވެރި ނުކުރުމެވެ. ވީމާ ނަމާދުކުރުން ޒަކާތް ދިނުމާއި ޙައްޖުވުންފަދަ ގުނަންތަކާއި މުދަލުން ކުރެވޭ އަޅުކަމުގައި އާއި ހިތުގެ ޢަމަލުތަކުގައިވެސް، މިސާލަކަށް ތަވައްކަލު ކުރުމާއި، އެހީއަށް އެދުމާއި، ބިރުވެތިވުމާއި، ލޯބިވުމާއި މިފަދަ ހުރިހާ ކަމެއްކަގައި އެކަލާނގެއާ އެއްވެސް ފަރާތެއް ބައިވެރި ނުކުރުމެވެ.

ދުޢާކުރާ ހިނދު އެކަލާނގެ ފިޔަވައި އެހެން ފަރާތަކަށް ދުޢާ ނުކުރުމަށްވަނީ އަންގަވާފައެވެ. " وَقَالَ رَبُّكُمُ ادْعُونِيْ أَسْتَجِبْ لَكُمْ إِنَّ الَّذِينَ يَسْتَكْبِرُونَ عَنْ عِبَادَتِيْ سَيَدْخُلُونَ جَهَنَّمَ دَاخِرِينَ " (الغافر 60)

މާނައީ: "ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ވަޙީކުރެއްވިއެވެ. ތިމަންރަސްކަލާނގެއަށް ދުޢާ ކުރާށެވެ. އެއިރުން ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށްޓަކައި ދުޢާ އިޖާބަ ކުރައްވާނަމެވެ. ހަމަކަށަވަރުން ތިމަންރަސްކަލާނގެއަށް ދުޢާކޮށް އަޅުކަންކުރުމަށް ކިބުރުވެރިވެގަންނަ މީހުން ދަންނާށެވެ. ނިކަންހުރެ، ނިކަމެތިވެގެންވާ ޙާލު އެއުރެން ނަރަކައަށް ވަންނާނެވެ."

އަދި الله سبحانه وتعالى ފިޔަވައި ބިރުގަންނަ އެހެން ފަރާތެއް ވެގެން ނުވާނެއެވެ. (އާލްޢިމްރާން: 175) " إِنَّمَا ذَلِكُمُ الشَّيْطَانُ يُخَوِّفُ أَوْلِيَاءَهُ فَلا تَخَافُوهُمْ وَخَافُونِ إِنْ كُنْتُمْ مُؤْمِنِينَ "

މާނައީ: "ހަމަކަށަވަރުން އެއީ ޝައިޠާނާއެވެ. އެކަލޭގެ، އެކަލޭގެ އެކުވެރިންދެކެ ތިޔަބައިމީހުން ބިރުގަންނަވަނީއެވެ! ފަހެ، ތިޔަބައިމީހުން އެއުރެންދެކެ ބިރު ނުގަންނާށެވެ! އަދި ތިޔަބައިމީހުން، މުއުމިނުންކަމުގައި ވަނީނަމަ، ތިމަންރަސްކަލާނގެއަށް ތިޔަބައިމީހުން ބިރުވެތިވާށެވެ."

އަދި الله سبحانه وتعالى ފިޔަވައި توكل ކުރާ އެހެންފަރާތެއްވެސް ހުރެގެން ނުވާނެއެވެ. (އައްތަޣާބުން:13) " وَعَلَى اللَّهِ فَتَوَكَّلُوا إِنْ كُنْتُمْ مُؤْمِنِينَ " މާނައީ: "ހަމަކަށަވަރުން ތިޔަބައިމީހުންނީ މުއިމިނުންކަމުގައި ވަނީނަމަ، ހަމައެކަނި الله سبحانه وتعالى އަށް توكل ކުރާށެވެ!"

އަދި ވާގި އެދުމުގައިވެސް އެކަލާނގެ ނޫން ފަރާތެއް ވެގެންނުވާނެއެވެ(އަލްފާތިޙާ: 05). " إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ " މާނައީ: "އަޅަމެން އަޅުކަންކުރަނީވެސް އަދި ވާގިއެދެނީވެސް އިބަރަސްކަލާނގެ ޙަޟުރަތުންނެވެ."

އަދި الله سبحانه وتعالى ފިޔަވައި އެހެން އެއްވެސްފަރާތަކުން ރައްކާތެރިކަމަށްވެސް ނޭދުމެވެ. (އައްނާސް: 01) " قُلْ أَعُوذُ بِرَبِّ النَّاسِ " މާނައީ: "ކަލޭގެފާނު ވިދާޅުވާށެވެ. މީސްތަކުންގެ ވެރި ރަސްކަލާނގެ ޙަޟުރަތުން ތިމަންކަލޭގެފާނު ރައްކާތެރިކަމަށް އެދެމެވެ."

ރަސޫލުން ފޮނުއްވުނީ ތައުޙީދުގެ މިބަޔާއިގެންނެވެ. (އައްނަޙްލު: 36) " وَلَقَدْ بَعَثْنَا فِي كُلِّ أُمَّةٍ رَسُولًا أَنِ اُعْبُدُوا اللَّهَ وَاجْتَنِبُوا الطَّاغُوتَ " މާނައީ: "ހަމަކަށަވަރުން ތިމަން ރަސްކަލާނގެ ކޮންމެ އުންމަތަކަށްމެ ރަސޫލަކު ފޮނުއްވީމެވެ. އެއީ الله سبحانه وتعالى އަށް އަޅުކަންކުރުމަށާއި، الله سبحانه وتعالى ފިޔަވައި އަޅުކަންކުރެވޭ ތަކެއްޗާ ދުރުހެލިވުމަށް އެންގެވުމަށެވެ."

ތައުޙީދުގެ މިބަޔަކީ އިހުގެ ކާފަރުންނާއި މިހާރުގެ ކާފަރުންވެސް އިންކާރުކުރި ބައެވެ. ކާފަރުވީ މީހުންގެ ވާހަކަތައް އަންގަވައި އެކަލާނގެ ވަޙީކުރައްވާފައިވެއެވެ. (ޞާދު: 05) " أَجَعَلَ الْآلِهَةَ إِلَهًا وَاحِدًا إِنَّ هَذَا لَشَيْءٌ عُجَابٌ " މާނައީ: "އެކަލޭގެފާނު ހުރިހާ އިލާހުންތައް އެއްއިލާހަށް ހެއްދެވީހެއްޔެވެ؟ ހަމަކަށަވަރުން، މިއީ ނުހަނު ޢާޖާއިބުވާފަދަ ކަމެއްކަން ކަށަވަރެވެ."

އަޅުކަމުގައި الله سبحانه وتعالى އާ އެހެން ފަރާތެއް ބައިވެރިކޮށްފި މީހާގެ ޢަމަލުތައް ޤަބޫލެއް ނުކުރެއްވޭނެއެވެ. " وَاعْبُدُواْ اللَّهَ وَلاَ تُشْرِكُواْ بِهِ شَيْئًا " (النساء: 36)

މާނައީ: "ތިޔަބައިމީހުން ﷲ އަށް އަޅުކަންކުރާށެވެ! އަދި އެކަލާނގެއާ އެވެސް އެއްޗެއް ޝަރީކު ނުކުރާށެވެ."

އަދި ޝަރީކު ކުރާ މީހުންގެ ޢަމަލުތައް ބާޠިލުވެގެން ވާކަންވެސްވަނީ އަންގަވާފައެވެ. (އައްޒުމަރު: 65) " لَئِنْ أَشْرَكْتَ لَيَحْبَطَنَّ عَمَلُكَ وَلَتَكُونَنَّ مِنَ الْخَاسِرِينَ " (الزمر 65)

މާނައީ: "ކަލޭގެފާނު ޝަރީކު ކުރައްވައިފިނަމަ، ކަލޭގެފާނުގެ ޢަމަލުތައްވެސް ބާޠިލު ވެއްޖައީސްކަން ކަށަވަރެވެ. އޭރުން ކަލޭގެފާނު ވެވަޑައިގަންނަވާނީ ގެއްލެނިވެގެންވީ މީހުންގެ ތެރެއިންނެވެ."

3- توحيد الأسماء والصفات
توحيد الأسماء والصفات އަކީ، ކީރިތި ޤުރްއާނުގައި އާއި މާތް ނަބިއްޔާ ޞައްލަ الله ޢަލައިހި ވަސައްލަމަގެ އަރިހުން ވާރިދުވެފައިވާ ޞައްޙަ ޙަދީޘްފުޅުތަކުގައި ބަޔާންވެގެންވާ الله سبحانه وتعالى އާއި އެކަލާނގެ ނަބިއްޔާ ޞައްލަ الله ޢަލައިހި ވަސައްލަމަގެ އެކަލާނގެ ޒާތުފުޅަށް ދެއްވާފައިވާ الله سبحانه وتعالى އިސްމުފުޅުތަކާއި، އެކަލާނގެ އެސިފައަކުން ސިފަކުރައްވާފައިވާ ސިފަފުޅުތައް އޭގެ ހަޤީޤީ މާނައިގައި ތެދުކޮށް އީމާންވުމެވެ. އަދި އިސްމުފުޅުތަކަކީ އެންމެ ރިވެތިވެގެންވާ އިސްމުފުޅުތައްކަމާއި، އެސިފަފުޅުތަކަކީ އެންމެ ފުރިހަމަވެގެންވާ ސިފަފުޅުތައްކަން، އެއްވެސް ބަދަލުކުރުމެއްނެތި، ނުވަތަ މާނަ އަނބުރާލުމެއްނެތި ނުވަތަ އެހެން އެއްޗަކާ ވައްތަރު ކުރުމެއްނެތި، ޤަބޫލުކޮށް އެއަށް އީމާންވުމެވެ.

الله سبحانه وتعالى ވަޙީކުރައްވާފައިވެއެވެ. وَلِلّهِ الأَسْمَاء الْحُسْنَى فَادْعُوهُ بِهَا وَذَرُواْ الَّذِينَ يُلْحِدُونَ فِي أَسْمَآئِهِ سَيُجْزَوْنَ مَا كَانُواْ يَعْمَلُونَ )الأعراف: 180(

މާނައީ: "އެންމެ ރިވެތި ނަންފުޅުތައް މިލްކުވެވޮޑިގެންވަނީ الله އަށެވެ. ފަހެ އެނަންފުޅުތަކުން ތިޔަބައިމީހުން އެކަލާނގެ ޙަޟުރަތަށް ދުޢާކުރާށެވެ. އަދި އެކަލާނގެ ނަންފުޅުތަކާމެދު، ޙައްޤުމަގުން އެއްކިބާވެއުޅޭ މީހުން ތިޔަބައިމީހުން ދޫކޮށްލާށެވެ. އެއުރެން ކޮށްއުޅުނު ކަންތައްތަކަށް އެއުރެންނަށް ޖަޒާދެއްވާނެތެވެ."

الله سبحانه وتعالى ގެ އިސްމުފުޅުތައް ވަރަށްވެސް ގިނައެވެ. އޭގެތެރޭގައި الرحمن، والسميع، والبصير، والعزيز، والحكيم ހިމެނެއެވެ. މީގެން ކޮންމެ އިސްމުފުޅަކީ ނުވަތަ ޞިފަފުޅަކީ، ކީރިތި ޤުރްއާނުގައި ނުވަތަ ރަސޫލާގެ ސުންނަތުގައި ސާބިތުވެފައިވާ އިސްމުފުޅުތަކާއި ޞިފަފުޅުތަކެވެ.

އެކަލާނގެ ވަޙީކުރައްވާފައިވެއެވެ. هُوَ اللَّهُ الَّذِي لَا إِلَهَ إِلَّا هُوَ عَالِمُ الْغَيْبِ وَالشَّهَادَةِ هُوَ الرَّحْمَنُ الرَّحِيمُ - هُوَ اللَّهُ الَّذِي لَا إِلَهَ إِلَّا هُوَ الْمَلِكُ الْقُدُّوسُ السَّلَامُ الْمُؤْمِنُ الْمُهَيْمِنُ الْعَزِيزُ الْجَبَّارُ الْمُتَكَبِّرُ سُبْحَانَ اللَّهِ عَمَّا يُشْرِكُونَ - هُوَ اللَّهُ الْخَالِقُ الْبَارِئُ الْمُصَوِّرُ لَهُ الْأَسْمَاء الْحُسْنَى يُسَبِّحُ لَهُ مَا فِي السَّمَاوَاتِ وَالْأَرْضِ وَهُوَ الْعَزِيزُ الْحَكِيمُ )الحشر: 22 - 24(

މާނައީ: "އެކަލާނގެއީ الله އެވެ. އެކަލާނގެ މެނުވީ ޙައްޤުވެގެން އަޅުކަންކުރެވޭ އިލާހަކު ނުވެއެވެ. ޣައިބުގައިވާ ކަންތައްތަކާއި ފެންނަ ކަންތައްތައްވެސް މޮޅަށް ދެނެވޮޑިގެންވަނީ އެކަލާނގެއެވެ. އެކަލާނގެއީ ރަޙްމާންވަންތަ ރަޙީމްވަންތަ ކަލާނގެއެވެ.(22) އެކަލާނގެއީ الله އެވެ. އެކަލާނގެ މެނުވީ ޙައްޤުވެގެން އަޅުކަންކުރެވޭ އިލާހަކު ނުވެއެވެ. ރަސްވަންތަ ރަސްކަލާނގެއެވެ. ޠާހިރުވަންތަ ރަސްކަލާނގެއެވެ. ހުރިހާ އުނިސަފަތަކަކުން ހުސްޠާހިރުވެގެންވާ ކަލާނގެއެވެ. އަމާންކަން ދެއްވާ ކަލާނގެއެވެ. ހުރިހާ އެއްޗެއް ރައްކާތެރިކުރައްވައި ބަލަހައްޓަވާ ކަލާނގެއެވެ. ޢަޒީޒްވަންތަ ކަލާނގެއެވެ. ޖައްބާރުވަންތަ ކަލާނގެއެވެ. ޢަޡަމަތްތެރިވަން ކަލާނގެއެވެ. އެއުރެން ޝަރީކު ކުރާތަކެތިން الله سبحانه وتعالى ހުސްޠާހިރުވަންތަވެ ވޮޑިގެންވެއެވެ.(23) އެކަލާނގެއީ الله އެވެ. ހުރިހާ އެއްޗެއް ހައްދަވާ ކަލާނގެއެވެ. ހުރިހާ އެއްޗެއް އުފައްދަވާ ކަލާނގެއެވެ. ޞޫރަކުރައްވާ ކަލާނގެއެވެ. އެންމެހައި ރިވެތި ނަންފުޅުތައް ލިބިވޮޑިގެންވަނީ އެކަލާނގެއަށެވެ. ބިމުގައިވާހާ ތަކެއްޗެއް އެކަލާނގެއަށް ތަސްބީޙަ ދަންނަވައެވެ. އަދި އެކަލާނގެއީ ޢަޒީޒުވަންތަ ޙަކީމުވަންތަ ކަލާނގެއެވެ.(24)"

ރަސޫލުالله ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. " إنَّ لِلّهِ تِسْعَةٌ وَتِسْعِيْنَ اسْمًا، مِائَةٌ إِلاَّ وَاحِدًا، مَنْ أحْصَاهَا دَخَلَ الْجَنَّةَ " (متفق عليه) މަނައީ: "ހަމަކަށަވަރުން الله سبحانه وتعالى އަށް ނުވަދިހަ ނުވަ އިސްމުފުޅެއްވެއެވެ. އެއިސްމުފުޅުތައް ދަސްކޮށްފި މީހާ ސުވަރުގެ ވަންނަ ހުއްޓެވެ."

الله سبحانه وتعالى ވަޙީކުރައްވާފައިވެއެވެ. (އައްޝޫރާ: 11) "لَيْسَ كَمِثْلِهِ شَيْءٌ وَهُوَ السَّمِيعُ الْبَصِيرُ" މާނައި: "އެކަލާނގެއާ އެއްފަދަވެގެންވާ ހަމަ އެކައްޗެއްވެސް ނުވެއެވެ. އަދި އެކަލާނގެއީ السَّمِيعُ (އައްސަވައި ވޮޑިގެންވާ) الْبَصِير ބައްލަވައިވޮޑިގެންވާ އިލާހެވެ."

الله سبحانه وتعالى ގެ ކޮންމެ އިސްމުފުޅެއްގައިވެސް އެކަލާނގެ ޞިފަފުޅުތައް ހިމެނެއެވެ. ވީމާ العليم މި އިސްމުފުޅުގައި ދެނެވޮޑިގަތުމުގެ ޞިފަހިމެނެއެވެ. الحكيم މި އިސްމުފުޅުގައި ދެނެވޮޑިގަތުމުގެ ޙިކުމަތްވަންތަކަމުގެ ސިފަ ހިމެނެއެވެ. السميع މި އިސްމުފުޅުގައި އަޑު އެއްސެވުމުގެ ޞިފަހިމެނެއެވެ. البصير މި އިސްމުފުޅުގައި ބައްލަވާވޮޑިގެންވުމުގެ ޞިފަހިމެނެއެވެ.

الله سبحانه وتعالى ގެ އިސްމުފުޅުތަކާއި ސިފަފުޅުތަކާމެދު އަޅުގަނޑުމެންގެ ޢަޤީދާ

1- އެކަލާނގެ އިސްމުފުޅުތަކާއި ޞިފަފުޅުތައް ސާބިތުކުރުމުގައި، ކީރިތި ޤުރްއާނާއި މާތް ނަބިއްޔާ ގެ ސުންނަތުން ސާބިތުވާ ޞިފަތައް، ބަދަލު ކުރުމެއްނެތި، ނުވަތަ އެހެން އެއްޗަކާ ވައްތަރު ކުރުމެއް ނެތި ނުވަތަ އުނިކުރުމެއްވެސް ނެތި، އޭގެ ޙަޤީޤީ މާނައިގައި ވާރިދުވެފައިވާ ގޮތުގައި ޤަބޫލުކޮށް އީމާންވުމެވެ.

2- އެއްވެސް މަޚުލޫޤަކާއި އެކަލާނގެއާ ވައްތަރު ކުރުމެއްނެތި އެންމެހައި އުނި ޞިފަތަކުން އެކަލާނގެ ނަފީކޮށް، އެފަދަ ޞިފަތަކުން ހުސްޠާހިރުވެގެންވާކަން ޤަބޫލުކޮށް އީމާންވުމެވެ.

الله سبحانه وتعالى އަށް އީމާންވުމުން ޙާޞިލުވާ މޭވާތައް
الله سبحانه وتعالى އަށް އީމާންވުމުން އެތައް ފައިދާތަކަކާއި މޭވާތަކެއް ލިބެއެވެ.

1) الله سبحانه وتعالى އަށް މުއުމިނުންގެ ކިބައިން ދަތި އުނދަގޫތައް ފިއްލަވައިދެއްވައެވެ. އަދި މުޞީބާތްތަކުން ނަޖާކުރައްވައި ޢަދުއްވުންގެ ކިބައިން ސަލާމަތްކޮށްދެއްވައެވެ. (ޙައްޖު: 38) " إِنَّ اللَّهَ يُدَافِعُ عَنِ الَّذِينَ آمَنُوا "

2) ހެޔޮވެގެންވާ އުފާވެރި ހަމަޖެހޭ ދިރިއުޅުމެއް ލިބުމުގެ މަގަކީ الله سبحانه وتعالى އަށް އީމާންވުމެވެ. (އައްނަޙުލު: 97) " مَنْ عَمِلَ صَالِحًا مِنْ ذَكَرٍ أَوْ أُنْثَى وَهُوَ مُؤْمِنٌ فَلَنُحْيِيَنَّهُ حَيَاةً طَيِّبَةً "

3) ކާމިޔާބާއި ނަޞްރު ލިބުންވަނީ އީމާންކަމުގައެވެ. އަދި ތިމާގެ ބޭނުންތައް ޙާޞިލުވުމާއި ބިރުވެރިކަމުން ސަލާމަތްވުންވަނީ الله سبحانه وتعالى އަށް އީމާންވުމުގައެވެ. أُوْلَئِكَ عَلَى هُدًى مِّن رَّبِّهِمْ وَأُوْلَئِكَ هُمُ الْمُفْلِحُونَ) البقرة: 5(

4) އީމާންކަމުގެ ސަބަބުން ތިމާމެންގެ ނަފްސުތައް ޚުރާފީ ކަންތައްތަކުން ސަލާމަތްކޮށްދެއެވެ. ވީމާ ޙައްޤު ގޮތުގައި الله سبحانه وتعالى އަށް އީމާންވެއްޖެ މީހަކު އޭނާގެ ހުރިހާ ކަމެއްގައި ހަމައެކަނި ވަކީލު ކުރާނީ އެކަލާނގެއަށެވެ. އަދި އޭނާގެ ވެރި ރަސްކަލާނގެއަކީ، އޭނާގެ ޚާލިޤަކީ އަދި ރާޒިޤަކީ އެކަލާނގެކަމުގައި އިޤްރާރުވާ މީހަކަށް، އެއްވެސް ބިރުވެރިކަމެއް ހިތްހަމަނުޖެހުމެއް އެހެން މީހެއްގެ ފަރާތުން ލިބުމެއް ނުވެއެވެ.

5) الله سبحانه وتعالى އަށް ޙައްޤުގޮތުގައި އީމާންވުމުން މެނުވީ އެކަލާނގެ ރުއްސެއްވުން ޙާޞިލު ނުވާނެއެވެ. އެކަލާނގެ ރުއްސެވުން ލިބިގެން މެނުވީ ސުވަރުގެއަށް ނުވަދެވޭހުއްޓެވެ. އަދި ދާއިމީ ނިޢުމަތާއި ހިތްހަމަޖެހުން ޙާޞިލު ނުވާނެއެވެ.

އަދި މިނޫނަސްވެސް ބޮޑެތި ބޮޑެތި އެތައް ފައިދާތަކެއް الله سبحانه وتعالى އަށް އީމާންވުމުގައި އެކުލެވެގެވެއެވެ. އަޅުގަނޑުގެ ދުޢާކީ އަޅަމެނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ދެއްވުމެވެ. سُبْحَانَكَ اللَّهُمَّ أَشْهَدُ ألاَّ إِلَهَ إِلاَّ أَنْتَ أسْتَغْفِرُكَ وَأتُوْبُ إِلَيْكَ.

Read more...

09 October 2010

ޞައްޙަ ޢަޤީދާގެ މުހިއްމުކަން

އައްޝައިޚް އާދަމް ޝަމީމް ބިން އިބްރާހިމް
الحمد لله وحده، والصلاة والسلام على من لا نبي بعده وعلى آله وصحبه.
أما بعد:
'ޞައްޙަ ޢަޤީދާ' އަކީ އިސްލާމްދީނުގެ އަސްލު ކަމަށް ވެފައި، މިއްލަތުގެ އަސާސް ކަމުގައި ވީހިނދު މިމުޙާޟަރާގެ މައުޟޫއެއް ކަމުގައި ހަދަން ފެނުނީ 'ޞައްޙަ ޢަޤީދާ' އެވެ. ޤުރުއާނާއި ސުންނަތުގެ ޝަރުއީ ދަލީލުތަކުން އެނގި ބަޔާންވާ ގޮތުގައި ހަމަކަށަވަރުން ޢަމަލާއި ބަސް ޞައްހަ އެއްޗެއްކަމުގައިވެ، ޤަބޫލުވާނީ ރަނގަޅު ޢަޤީދާއެއްގެ ދަށުން އެޢަމަލު ކުރެވިއްޖެނަމައެވެ. ފަހެ ޢަޤީދާ ޞައްހަކަމުގައި ނުވާނަމަ އޭގެދަށުން ކުރެވޭ އެއްމެހައި ޢަމަލާއި ބަހެއް ބާތިލު ވާހުއްޓެވެ.

الله تعالىގެ ވަހީ ބަސްފުޅުގައި ވެއެވެ. { وَمَنْ يَكْفُرْ بِالإِيمَانِ فَقَدْ حَبِطَ عَمَلُهُ وَهُوَ فِي الآخِرَةِ مِنَ الْخَاسِرِينَ } المائدة 5. މާނައަކީ: " އީމާންކަމަށް (އީމާންކަމުގެ ރުކުންތަކަށް ނުވަތަ ރުކުނަކަށް) އިންކާރުކޮށް، ކާފިރު ވެއްޖެމީހާގެ (ހުރިހައި ހެޔޮ) ޢަމަލު ހަމަކަށަވަރުން ބާޠިލުވެއްޖެއެވެ. އަދި އާޚިރަތުގައި އޭނާވާހުށީ ގެއްލެނިވެގެންވީ މީހުންގެ ތެރެއިންނެވެ." އަދިވެސް އެކަލާނގެ ވަހީކުރައްވައިފައި ވެއެވެ. { وَلَقَدْ أُوحِيَ إِلَيْكَ وَإِلَى الَّذِينَ مِنْ قَبْلِكَ لَئِنْ أَشْرَكْتَ لَيَحْبَطَنَّ عَمَلُكَ وَلَتَكُونَنَّ مِنَ الْخَاسِرِينَ } الزمر 65. މާނައަކީ: " (އޭ ރަސޫލާއެވެ.) ހަމަކަށަވަރުން ކަލޭގެފާނާއި، ކަލޭގެފާނުންގެ ކުރީގެ (އެއްމެހައި) ރަސޫލުންނަށް ވަޙީކުރެއްވުނެވެ. ކަލޭގެފާނުވެސް ﷲ އާއި ޝަރީކު ކޮށްފިނަމަ ހަމަކަށަވަރުން ކަލޭގެފާނުންގެ އަމަލު ބާޠިލުވާނެއެވެ. އަދި ހަމަޔަޤީނުން ކަލޭގެފާނު ވާނީ ގެއްލި ހަލާކުވީ މީހުންގެ ތެރެއިނެވެ." މިމާނައިގައިވާ އާޔަތްތައް ވަރަށްގިނައެވެ.

ހަމަކަށަވަރުން ބަޔާންވެގެންވާ ﷲގެ ފޮތާއި އެކަލާނގެ ހަޟުރަތުން އެއްމެ މަތިވެރި ޞަލަވާތާއި ސަލާމް އެބޭފުޅެއްގެ މައްޗަށް ފޮނުވިގެންވާ ރަސޫލުލް އަމީނުގެ ސުންނަތުން ދަލީލު ކުރާގޮތުގައި ޞައްހަ ޢަޤީދާ ޚުލާޞާވެގެންވަނީ: ﷲ އަށް އީމާން ވުމާއި، އެކަލާނގެ މަލާއިކަތުންނާއި، އެކަލާނގެ ފޮތްތަކާއި، އެކަލާނގެ ރަސޫލުންނާއި، އާޚިރަތްދުވަހާއި، ޤަދަރުގެ ހެޔޮމިންވަރާއި ނުބައި މިންވަރަށް އީމާންވުމުގެ މައްޗަށެވެ. މި ހަކަންތަކަކީ ޞައްޙަ ޢަޤީދާގެ އަޞްލެވެ. ﷲގެ މާތްވެގެންވާ ފޮތް ބާވައި ލައްވައި، މުހައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ ނަބީކަމައިގެން ފޮނުއްވުނީ މިކަންކަމައިގެންނެވެ. އަދި އީމާންވުން ވާޖިބުވެގެންވާ ޣައިބުގެ އެއްމެހައި ކަންތައްތަކާއި، ﷲ އާ އެކަލާނގެ ރަސޫލާ ޚަބަރުދެއްވާފައިވާ އެއްމެހައި ކަންތައްތަކަކީ މިއަޞްލުތަކުގެ ގޮފިތަކެވެ.

މިހަ އަޞްލުގެ ދަލީލުތައް ކީރިތި ޤުރުއާނާއި ސުންނަތުގައި ވަރަށް ގިނައެވެ. އޭގެތެރެއިން މާތް اللهގެ ބަސްފުޅު ގައިވެއެވެ. { لَيْسَ الْبِرَّ أَنْ تُوَلُّوا وُجُوهَكُمْ قِبَلَ الْمَشْرِقِ وَالْمَغْرِبِ وَلَكِنَّ الْبِرَّ مَنْ آمَنَ بِاللَّهِ وَالْيَوْمِ الآخِرِ وَالْمَلائِكَةِ وَالْكِتَابِ وَالنَّبِيِّينَ ...} البقرة 177. މާނައަކީ: " ހެޔޮކަމަކީ (ނަމާދުގައި) އިރުމަތީފަރާތާއި ހުޅަނގު ފަރާތަށް (ނުވަތަ ވަކިފަރާތަކަށް) ތިޔަބައިމީހުންގެ މޫނުތައް ކުރިމަތި ކުރުމެއް ނޫނެވެ. އަދި ކިއެއް، (އަސްލު، ހަގީގީ) ހެޔޮކަމަކީ (އީމާންކަމެވެ.) ﷲ އާއި، އާޚިރަތްދުވަހާއި، މަލާއިކަތުންނާއި، ފޮތްތަކާއި، ނަބީބޭކަލުންނަށް އީމާން ވުމެވެ." އަދިވެސް ﷲ ސުބްހާނަހޫ ވަހީ ކުރައްވާފައިވެއެވެ. { آمَنَ الرَّسُولُ بِمَا أُنْزِلَ إِلَيْهِ مِنْ رَبِّهِ وَالْمُؤْمِنُونَ كُلٌّ آمَنَ بِاللَّهِ وَمَلائِكَتِهِ وَكُتُبِهِ وَرُسُلِهِ لا نُفَرِّقُ بَيْنَ أَحَدٍ مِنْ رُسُلِهِ ...} البقرة 285. މާނައަކީ: " رسول الله صلى الله عليه وسلم އެކަލޭގެފާނުންގެ ރައްބުގެ ޙަޟުރަތުން އެކަލޭގެފާނަށް ބާވައިލެއްވުނު ތަކެއްޗަށް އީމާންވެ، ތެދުކުރައްވައެވެ. ހަމައެފަދައިން މޫމިނުންވެސް (އެކަލޭގެފާނަށް ބާވައިލެއްވުނު ތަކެއްޗަށް އީމާންވެއެވެ.) އެއެއްމެން ﷲ އާއި، އެކަލާނގެ މަލާއިކަތުންނާއި، އެކަލާނގެ ފޮތްތަކާއި، އެކަލާނގެ ރަސޫލުންނަށް އީމާންވެއެވެ. (އެމީހުން ބުނެއެވެ.) އަހަރެމެން (ޔަހޫދީންނާއި ނަޞާރާއިން ފަދައިން ބައެއް ރަސޫލުންނަށް އީމާންވެ، އަނެއްބައި ރަސޫލުން ދޮގުކޮށް) އެކަލާނގެ ރަސޫލުންގެ މެދުގައި (އީމާން ވުމުގައި) ތަފާތެއް ނުކުރަމެވެ." އަދިވެސް އެކަލާނގެ ވަހީކުރައްވާފައި ވެއެވެ. { يَا أَيُّهَا الَّذِينَ آمَنُوا آمِنُوا بِاللَّهِ وَرَسُولِهِ وَالْكِتَابِ الَّذِي نزلَ عَلَى رَسُولِهِ وَالْكِتَابِ الَّذِي أَنزلَ مِنْ قَبْلُ وَمَنْ يَكْفُرْ بِاللَّهِ وَمَلائِكَتِهِ وَكُتُبِهِ وَرُسُلِهِ وَالْيَوْمِ الآخِرِ فَقَدْ ضَلَّ ضَلالا بَعِيدًا } النساء 136. މާނައަކީ: " އޭ އީމާންވީ މީސްތަކުންނޭވެ! ﷲ އަށާއި، އެކަލާނގެ ރަސޫލާ (މުހައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ) އަށާއި، އަދި އެކަލާނގެ ރަސޫލާ (މުހައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ) ގެ މައްޗަށް ބާވައިލެއްވި ފޮތަށާއި، އޭގެ ކުރީގައި އެކަލާނގެ ބާވައިލެއްވި ފޮތްތަކަށް އީމާންވެ، (އެގޮތުގައި) ދެމިތިބޭށެވެ! އަދި ﷲ އާއި، އެކަލާނގެ މަލާއިކަތުންނާއި، އެކަލާނގެ ފޮތްތަކާއި، އެކަލާނގެ ރަސޫލުންނާއި، އާޚިރަތް ދުވަހަށް ކާފަރުވެއްޖެ މީހާ، ފަހެ (ހައްގާއި) ދުރުވެގެންވާ މަގުފުރެދުމަކުން މަގުފުރެދިއްޖެކަން ކަށަވަރެވެ." އަދިވެސް ﷲ ވަހީކުރައްވާފައި ވެއެވެ. { أَلَمْ تَعْلَمْ أَنَّ اللَّهَ يَعْلَمُ مَا فِي السَّمَاءِ وَالأَرْضِ إِنَّ ذَلِكَ فِي كِتَابٍ إِنَّ ذَلِكَ عَلَى اللَّهِ يَسِيرٌ } الحج 70. މާނައަކީ: "(އޭ ނަބިއްޔާއެވެ.) ކަލޭގެފާނު ދެނެވަޑައިގެން ނުވަމުތޯއެވެ! ހަމަކަށަވަރުން އުޑާއި ބިމުގައިވާހައި ކަމަކާއި ތަކެއްޗެއް ﷲ ދެނެވޮޑިގެންވެއެވެ. ހަމަކަށަވަރުން އެހުރިހައި ކަމެއްގެ ޚަބަރު ވަނީ ފޮތެއްގައި (ލައުޙުލް މަޙްފޫޡްގައި) ލިޔެވިގެންނެވެ. ހަމަކަށަވަރުން އެއީ ﷲ އަށް ފަސޭހަ ވެގެންވާ ކަމެކެވެ."

ދަންނައެވެ! މި އަޞްލުތަކުގެ މައްޗަށް ދަލީލުކުރާ ޞައްހަ ހަދީޘްތައް ވަރަށްގިނައެވެ. އޭގެތެރޭން أمير المؤمنين عمر بن الخطاب ޞައްލަﷲ ޢަލައިހި ވަސައްލަމަ ގެ އަރިހުން مسلم އެބޭފުޅާގެ صحيح ގައި ރިވާކުރައްވައިފައިވާ މަޝްހޫރު ހަދީޘް ވެއެވެ. އޭގައިވެއެވެ. جبريل ޢަލައިހިއްސަލާމް އީމާންކަމާ ބެހޭގޮތުން النبي ޞައްލަﷲ ޢަލައިހި ވަސައްލަމަ އާއި ސުވާލުކުރެއްވުމުން އެކަލޭގެފާނު ހަދީސްކުރެއްވިއެވެ. (( الإِيْمَانُ أَنْ تُؤْمِنَ بِاللهِ وَمَلاَئِكَتِهِ وَكُتُبِهِ وَرُسُلِهِ وَالْيَومِ الآخِرِ وَتُؤْمِنَ بِالْقَدَرِ خَيْرِهِ وَشَرِّهِ )) މާނައަކީ: " އީމާން ކަމަކީ: ﷲ އަށް އީމާންވުމާއި، އެކަލާނގެ މަލާއިކަތުންނާއި، އެކަލާންގެ ފޮތްތަކާއި، އެކަލާނގެ ރަސޫލުންނާއި، އާޚިރަތްދުވަހާއި، ޤަދަރުގެ ހެޔޮމިންވަރާ ނުބައިމިންވަރަށް އީމާންވުމެވެ." މިހަދީޘް ރިވާކުރައްވާފައި ވަނީ ދެޝެއިޚުން (ބުޚާރީއާއި މުސްލިމު) އަބޫހުރައިރާގެ އަރިހުންނެވެ.

الله سبحانه ގެ ޙައްޤުގައި މުސްލިމެއްގެ މައްޗަށް އިޢުތިޤާދުކޮށް، ކަށަވަރުކުރުން ވާޖިބުވާ ކަންތައްތަކާއި، އަލުން ދިރުއްވައި ދެވަނަފަހަރަށް ފޮނުއްވުމުގެ ކަންތައްތަކާއި، މިނޫންވެސް ޣައިބަށް އީމާންވުމުގެ އެއްމެހައި ކަންތައްތަކެއް އަންނަނީ މިހަ އަޞްލުގެ ދަށުންނެވެ.


Read more...