21 October 2010

ތައުޙީދުގެ ބައިތައް

އައްޝައިޚް ޙަސަން މޫސާ ފިކްރީ
ޢަރަބި ބަހުގައި ތައުޙީދުގެ މާނަ ނެގިފައިވަނީ وحَّد ، يوحِّد މިކަލިމައިންނެވެ. އެބަހީ އެކަނިވުމެވެ. ނުވަތަ އެކުގައި ބައިވެރިޔަކު ނުވުމެވެ. الله سبحانه وتعالى އަށް ނިސްބަތް ކުރަނީނަމަ އެއްކައުވަންތަކަމެވެ. މިކަލިމަގައި ތަޝްދީދު ކުރެވިފައިވަނީ އެކަލިމައިގެ މާނައި އިތުރުކޮށް ބަސް ވަރުގަދަ ކުރުމަށެވެ.
ޢަރަބި ބަހުގައި وَاحِدُ وَ أَحَدُ، وَ وَحِيْدُ މި ތިންކަލިމައިގެވެސް މާނައަކީ އެއްވެސް ބައިވެރިޔަކު ނުވުމެވެ. ވީމާ الله سبحانه وتعالى އީ وَاحِدُ އެބަހީ: އެއްކައުވަންތަ އިލާހެވެ. އެކަލާނގެއީ އެވެސް ބައިވެރިޔަކުނުވާ، އެއްފަދަވެގެންވާ އެއްވެސް ފަރާތެއް ނުވާ އިލާހެވެ. ތައުޙީދުގެ ޢިލްމަކީ الله سبحانه وتعالى ގެ އެއްކައުވަންތަކަން މަޢްރިފާކުރާ ޢިލްމެވެ. الله سبحانه وتعالى އީ އެކަލާނގެއާ އެއްފަދަވެގެންވާ އެއްވެސް ފަރާތެއްނުވާ، ބައިވެރިޔަކު ނުވާ ކަލާނގެކަން ނޭނގެ މީހަކު ނުވަތަ الله سبحانه وتعالى އަންގަވާފައިވާ ގޮތަށް އެކަލާނގެ އެއްކައުވަންތަކަން ޤަބޫލު ނުކުރާ މީހަކީ ޙަޤީޤީ މުވައްޙިދެއް ނޫނެވެ.

ތައުޙީދު އިޞްޠިލާޙީ ތަޢްރީފަކީ: الله سبحانه وتعالى ގެ الألوهية އާއި الربوبية އާއި الأسماء والصفات ގައި އެކަލާނގެ އެއްކައުވަންތަކުރުމެވެ. ނުވަތަ އެކަންކަމުގައި އެކަލާނގެ އެއްކައުވަންތަކަމަށް އީމާންވުމެވެ.

1- توحيد الربوبية
توحيد الربوبية އަކީ الله سبحانه وتعالى ގެ އެންމެހައި ޢަމަލުފުޅުތަކުގައި އެކަލާނގެ އެއްކައުވަންތަކަން ޤަބޫލު ކުރުމެވެ. އެބަހީ: އެކަލާނގެ ކުރައްވާ އެންމެހައި ކަންތައްތަކުގައި އެކަލާނގެ ފިޔަވައި އެހެން ފަރާތެއް ބައިވެރިނުވާކަން ޤަބޫލުކުރުމެވެ. މިސާލަކަށް ޚަލްޤު ކުރެއްވުމާއި ރިޒުޤު ދެއްވުމާއި، އެންމެހާ ކާއިނާތު ތަކުގެ ކަންތައްތައް ރާއްވަވައި ހިންގެވުމާއި، ދިރުއްވައި މަރު ހިއްޕެވުމާއި މިފަދަ ހުރިހާ ކަމެއްގައި އެކަލާނގެ އެއްކައުވަންތަކަން ހިތުގެ އަޑިން ޤަބޫލުކުރުމެވެ.

ވީމާ ربوبية އަށް އީމާންވުމަކީ: الله سبحانه وتعالى ފިޔަވައި އެހެން خالق އަކު ނުވާކަން ޤަބޫލުކުރުމެވެ. އެކަލާނގެ ވަޙީކުރައްވާފައިވެއެވެ. " اللَّهُ خَالِقُ كُلِّ شَيْءٍ " މާނައީ: " الله سبحانه وتعالى އަކީ ހުރިހާ އެއްޗެއްގެ خالق އެވެ." ހުރިހާ އެއްޗެއް އުފެއްދެވީ އެކަލާނގެއެވެ. އަދި ޚަލްޤު ކުރެއްވުމުގައި އެކަލާނގެއަށް އެއްވެސް ބައިވެރިޔަކު ނުވާކަން ބަޔާންކުރައްވައި އެތައް އާޔަތެއްގައި ވަޙީކުރައްވާފައިވެއެވެ. هَذَا خَلْقُ اللَّهِ فَأَرُونِي مَاذَا خَلَقَ الَّذِينَ مِن دُونِهِ بَلِ الظَّالِمُونَ فِي ضَلَالٍ مُّبِينٍ (لقمان: 11)

މާނައި: "މިއީ ﷲ ގެ ހެއްދެވުމެވެ. އެކަލާނގެ ފިޔައިވައި އެހެން ފަރާތަކުން ހަދައިފައިވަނީ ކޮން އެއްޗެއްކަން ތިޔަބައިމީހުން ތިމަންކަލޭގެފާނަށް ފަހެ ދައްކައިދީބަލާށެވެ!"

ހަމައެފަދައިން، الله سبحانه وتعالى ފިޔަވައި އެހެން رازق އަކު ނުވާކަން ޤަބޫލުކުރުމެވެ. އެކަލާނގެ ވަޙީކުރައްވާފައިވެއެވެ. "وَمَا مِنْ دَآبَّةٍ فِيْ اْلاَْرْضِ إلاَّ عَلَى اللَّهِ رِزْقُهَا" މާނައީ: "ބިމުގައި އެއްވެސް ދާބައެއް (ކުޑަވިޔަސް އަދި ބޮޑުވިޔަސް އެއްވެސް އެއްޗެއް) الله سبحانه وتعالى އެތަކެއްޗަށް ރިޒުޤު ދެއްވުމަށް ޙަވާލުވެ ވޮޑިގެންނުވާ އެކައްޗެއްވެސް ނުވެއެވެ." އަދި ރިޒުޤު ދެއްވުމުގައި އެކަލާނގެ ފިޔަވައި އެހެން ފަރާތެއް ނުވާކަންވެސް ކީރިތި ޤުރްއާނުގެ އެތައް އާޔަތެއްގައި الله سبحانه وتعالى ވަނީ އަންގަވައިފައެވެ. އެކަލާނގެ ވަޙީކުރައްވާފައިވެއެވެ. أَمَّنْ هَذَا الَّذِي يَرْزُقُكُمْ إِنْ أَمْسَكَ رِزْقَهُ بَل لَّجُّوا فِي عُتُوٍّ وَنُفُورٍ (الملك: 21)

މާނައީ: "ނުވަތަ އެކަލާނގެ ރިޒްޤުދެއްވުން ހުއްޓަވައިފިނަމަ، ތިޔަބައިމީހުންނަށް ރިޒުޤު ދޭނޭ މީހަކީ ކާކުހެއްޔެވެ؟"

ހަމައެފަދައިން، الله سبحانه وتعالى ފިޔަވައި މިކައުނުގެ ކަންތައްތައް ރާއްވަވާ އެއްވެސް ފަރާތެއް ނުވާކަމަށް އީމާންވުމެވެ. އެކަލާނގެ ވަޙީކުރައްވާފައިވެއެވެ. "يُدَبِّرُ الْأَمْرَ مِنَ السَّمَاءِ إِلَى الْأَرْضِ" މާނައީ: "އުޑުންފެށިންގެ ބިމާއި ހަމައަށް ހުރިހާ ކަމެއް އެކަލާނގެ ތަދުބީރު ކުރައްވަތެވެ." އަދިވެސް އެހެން އާޔަތެއްގައި ވަޙީކުރައްވާފައިވެއެވެ. إِنَّ رَبَّكُمُ اللّهُ الَّذِي خَلَقَ السَّمَاوَاتِ وَالأَرْضَ فِي سِتَّةِ أَيَّامٍ ثُمَّ اسْتَوَى عَلَى الْعَرْشِ يُغْشِي اللَّيْلَ النَّهَارَ يَطْلُبُهُ حَثِيثًا وَالشَّمْسَ وَالْقَمَرَ وَالنُّجُومَ مُسَخَّرَاتٍ بِأَمْرِهِ أَلاَ لَهُ الْخَلْقُ وَالأَمْرُ تَبَارَكَ اللّهُ رَبُّ الْعَالَمِينَ (الأعراف: 54)

މާނައީ: "ހަމަކަށަވަރުން ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއީ، ހަ ދުވަހުގެ ތެރޭގައި، އުޑުތަކާއި ބިން ހެއްދެވި ކަލާނގެއެވެ. އެއަށްފަހު، އެކަލާނގެ ޢަރުޝީގެ މައްޗަށް އިސްތަވާ ވެވޮޑިގެންނެވިއެވެ. އަދި އެކަލާނގެ ރޭގަނޑުން ދުވާލު ފޮރުއްވާލައްވައެވެ. އެއިން ކޮންމެ އެއްޗެއް އަވަސްކަމާއެކު އަނެއްކައްޗެއް ހޯދައިގަނެއެވެ. އަދި އިރާއި ހަނދާއި ތަރިތައް އެކަލާނގެ އަމުރުފުޅަށް ކިޔަމަން ކުރައްވާ ގޮތުގައި ހެއްދެވިއެވެ. ދަންނާށެވެ! ހެއްދެވުމާއި އަމުރުކުރެއްވުން ވަނީ، އެކަލާނގެއަށް ޚާއްޞަވެގެންނެވެ. ޢާލަމްތަކުގެ ވެރި الله މަތިވެރިވެ ވޮޑިގެންފިއެވެ."

ހަމައެފަދައިން، الله سبحانه وتعالى ފިޔަވައި ދިރުއްވައި މަރުހިއްޕަވާ އެހެން އެއްވެސް ފަރާތެއް ނުވާކަމަށް އީމާންވުމެވެ. އެކަލާނގެ ވަޙީކުރައްވާފައިވެއެވެ. "هُوَ يُحْيِيْ وَيُمِيتُ وَإِلَيْهِ تُرْجَعُونَ" މާނައީ: "އެކަލާނގެއީ ދިރުއްވައި މަރުހިއްޕަވާ ރަސްކަލާނގެއެވެ. އަދި އެނބުރި ދިޔުންވަނީ އެކަލާނގެ ޙަޟުރަތަށެވެ."

ތައުޙީދުގެ މިބަޔަށް މައްކާގެ މުޝްރިކުންވެސް ރަސޫލުالله ޞައްލަ الله ޢަލައިހި ވަސައްލަމަގެ ޒަމާނުގައި ތިބި މައްކާގެ މުޝްރިކުންވެސް އިޤުރާރުވިއެވެ. އެމީހުންވެސް އިސްވެބަޔާންކުރެވުނު ކަންކަމަކީ الله سبحانه وتعالى އަށް ޚާއްޞަވެގެންވާ ކަންތައްތަކެއްކަން ޤަބޫލުކުރެއެވެ. ނަމަވެސް ތައުޙީދުގެ މިބަޔަށް އެކަނި އީމާންވުމަކުން އެމީހުންނަކީ މުސްލިމުން ކަމުގައެއް ނުވެއެވެ. އެމީހުންނާމެދު الله سبحانه وتعالى ވަޙީކުރައްވާފައިވެއެވެ. " وَلَئِنْ سَأَلْتَهُمْ مَنْ خَلَقَ السَّمَاوَاتِ وَالْأَرْضَ لَيَقُولُنَّ اللَّهُ "

މާނައީ: "އަދި ހަމަކަށަވަރުން އުޑުތަކާއި ބިން ހެއްދެވީ ކާކުހޭ ކަލޭގެފާނު އެއުރެންނާ ސުވާލު ކުރައްވައިފިނަމަ އެމީހުން ބުނާނެކަން ކަށަވަރެވެ. الله އެވެ."

އަދިވެސް އެހެން އާޔަތްތަކެއްގައި މިވާހަކަތައް އަންގަވައި ވަޙީކުރައްވާފައިވެއެވެ. سَيَقُولُونَ لِلَّهِ قُلْ أَفَلَا تَذَكَّرُونَ - قُلْ مَن رَّبُّ السَّمَاوَاتِ السَّبْعِ وَرَبُّ الْعَرْشِ الْعَظِيمِ - سَيَقُولُونَ لِلَّهِ قُلْ أَفَلَا تَتَّقُونَ - قُلْ مَن بِيَدِهِ مَلَكُوتُ كُلِّ شَيْءٍ وَهُوَ يُجِيرُ وَلَا يُجَارُ عَلَيْهِ إِن كُنتُمْ تَعْلَمُونَ - سَيَقُولُونَ لِلَّهِ قُلْ فَأَنَّى تُسْحَرُونَ (المؤمنون: 85 - 87)

މާނައީ: "އެއުރެން ދަންނަވާނެތެވެ. (މިލްކުވެރިކަންވަނީ) ﷲ އަށެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ފަހެ، ތިޔަބައިމީހުން ހަނދުމަނުކުރަނީ ހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! ހަތްއުޑުގެ ވެރިޔަކީ، އަދި މާތްވެގެންވާ ޢަރުޝުގެ ވެރިޔާއަކީ ކާކުހެއްޔެވެ؟ އެއުރެން ދަންނަވާނެތެވެ. (ވެރިކަންވަނީ) ﷲ އަށެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ފަހެ، ތިޔަބައިމީހުން (އެކަލާނގެޔަށް) ތަޤުވާވެރި ނުވަނީ ހެއްޔެވެ؟

الله سبحانه وتعالى އެންމެހައި މަޚްލޫޤުން އުފެއްދެވީ އެކަލާނގެ ރުބޫބިއްޔަތަށް އިޤްރާރުވާ ޙާލުގައެވެ. މުޝްރިކުންގެ ތެރެއިންވެސް އެކަލާނގެއަށް ޝަރީކުކުރާ މީހުންވެސް އުޑުތަކާއި ބިންހެއްދެވުމުގައި އެކަލާނގެއަށް ބައިވެރިޔަކު ނުވާކަމަށް އިޤްރާރުވެއެވެ.

މިއަދި ތައުޙީދުގެ މިބަޔާއި މެދު ދެކޮޅުހަދައި، އިންކާރުކުރާ މީހުންނަކީ ބޮޑާވެރިކަމާއި ނުބައި ނުލަފާކަމުން ދެކޮޅަހަދާ މީހުންނެވެ. އެހެނީ މޫސާގެފާނުގެ ޒަމާނުގައި މިޞްރުގެ ފިރްޢައުނުވެސް އިލާހުވަންތަކަމަށް ދަޢްވާކޮށް ހެދި ނަމަވެސް އޭނާއަށްވެސް ﷲ ގެ އެއްކައުވަންތަކަން އެނގެއެވެ. އޭނާއާއި ބެހޭގޮތުން ﷲ ވަޙީކުރައްވާފައިވެއެވެ. قَالَ لَقَدْ عَلِمْتَ مَا أَنزَلَ هَؤُلاء إِلاَّ رَبُّ السَّمَاوَاتِ وَالأَرْضِ بَصَآئِرَ وَإِنِّي لَأَظُنُّكَ يَا فِرْعَونُ مَثْبُورًا (الإسراء: 102)

މާނައީ: "(މޫސާގެފާނު) ވިދާޅުވިއެވެ. ހަމަކަށަވަރުން، ބަޔާންވެގެންވާ ޢިބްރަތްތަކެއް ކަމުގައި މި މުޢްޖިޒާތްތައް ބާވައިލެއްވީ، އުޑުތަކާއި ބިމުގެ ވެރިރަސްކަލާނގެ ފިޔަވައި އެހެންފަރާތެއް ނޫންކަން ކަލޭ ރަނގަޅަށް ދަންނާނޫއެވެ! އޭ ފިރްޢައުނެވެ. ފަހެ އަހަރެންނަށް ޔަޤީންވަނީ ކަލެއަކީ ގެއްލެނިވެ ހަލާކުވެފައިވާ މީހެއް ކަމުގައެވެ."

2- توحيد الألوهية
توحيد الألوهية އަކީ الله سبحانه وتعالى އަށް އެކަލާނގެ އަޅުތަކުކުރާ އެންމެހައި ޢަމަލުތަކެއްގައި އެކަލާނގެއާ އެއްވެސް ފަރާތެއް ބައިވެރި ނުކުރުމެވެ. ވީމާ ނަމާދުކުރުން ޒަކާތް ދިނުމާއި ޙައްޖުވުންފަދަ ގުނަންތަކާއި މުދަލުން ކުރެވޭ އަޅުކަމުގައި އާއި ހިތުގެ ޢަމަލުތަކުގައިވެސް، މިސާލަކަށް ތަވައްކަލު ކުރުމާއި، އެހީއަށް އެދުމާއި، ބިރުވެތިވުމާއި، ލޯބިވުމާއި މިފަދަ ހުރިހާ ކަމެއްކަގައި އެކަލާނގެއާ އެއްވެސް ފަރާތެއް ބައިވެރި ނުކުރުމެވެ.

ދުޢާކުރާ ހިނދު އެކަލާނގެ ފިޔަވައި އެހެން ފަރާތަކަށް ދުޢާ ނުކުރުމަށްވަނީ އަންގަވާފައެވެ. " وَقَالَ رَبُّكُمُ ادْعُونِيْ أَسْتَجِبْ لَكُمْ إِنَّ الَّذِينَ يَسْتَكْبِرُونَ عَنْ عِبَادَتِيْ سَيَدْخُلُونَ جَهَنَّمَ دَاخِرِينَ " (الغافر 60)

މާނައީ: "ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ވަޙީކުރެއްވިއެވެ. ތިމަންރަސްކަލާނގެއަށް ދުޢާ ކުރާށެވެ. އެއިރުން ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށްޓަކައި ދުޢާ އިޖާބަ ކުރައްވާނަމެވެ. ހަމަކަށަވަރުން ތިމަންރަސްކަލާނގެއަށް ދުޢާކޮށް އަޅުކަންކުރުމަށް ކިބުރުވެރިވެގަންނަ މީހުން ދަންނާށެވެ. ނިކަންހުރެ، ނިކަމެތިވެގެންވާ ޙާލު އެއުރެން ނަރަކައަށް ވަންނާނެވެ."

އަދި الله سبحانه وتعالى ފިޔަވައި ބިރުގަންނަ އެހެން ފަރާތެއް ވެގެން ނުވާނެއެވެ. (އާލްޢިމްރާން: 175) " إِنَّمَا ذَلِكُمُ الشَّيْطَانُ يُخَوِّفُ أَوْلِيَاءَهُ فَلا تَخَافُوهُمْ وَخَافُونِ إِنْ كُنْتُمْ مُؤْمِنِينَ "

މާނައީ: "ހަމަކަށަވަރުން އެއީ ޝައިޠާނާއެވެ. އެކަލޭގެ، އެކަލޭގެ އެކުވެރިންދެކެ ތިޔަބައިމީހުން ބިރުގަންނަވަނީއެވެ! ފަހެ، ތިޔަބައިމީހުން އެއުރެންދެކެ ބިރު ނުގަންނާށެވެ! އަދި ތިޔަބައިމީހުން، މުއުމިނުންކަމުގައި ވަނީނަމަ، ތިމަންރަސްކަލާނގެއަށް ތިޔަބައިމީހުން ބިރުވެތިވާށެވެ."

އަދި الله سبحانه وتعالى ފިޔަވައި توكل ކުރާ އެހެންފަރާތެއްވެސް ހުރެގެން ނުވާނެއެވެ. (އައްތަޣާބުން:13) " وَعَلَى اللَّهِ فَتَوَكَّلُوا إِنْ كُنْتُمْ مُؤْمِنِينَ " މާނައީ: "ހަމަކަށަވަރުން ތިޔަބައިމީހުންނީ މުއިމިނުންކަމުގައި ވަނީނަމަ، ހަމައެކަނި الله سبحانه وتعالى އަށް توكل ކުރާށެވެ!"

އަދި ވާގި އެދުމުގައިވެސް އެކަލާނގެ ނޫން ފަރާތެއް ވެގެންނުވާނެއެވެ(އަލްފާތިޙާ: 05). " إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ " މާނައީ: "އަޅަމެން އަޅުކަންކުރަނީވެސް އަދި ވާގިއެދެނީވެސް އިބަރަސްކަލާނގެ ޙަޟުރަތުންނެވެ."

އަދި الله سبحانه وتعالى ފިޔަވައި އެހެން އެއްވެސްފަރާތަކުން ރައްކާތެރިކަމަށްވެސް ނޭދުމެވެ. (އައްނާސް: 01) " قُلْ أَعُوذُ بِرَبِّ النَّاسِ " މާނައީ: "ކަލޭގެފާނު ވިދާޅުވާށެވެ. މީސްތަކުންގެ ވެރި ރަސްކަލާނގެ ޙަޟުރަތުން ތިމަންކަލޭގެފާނު ރައްކާތެރިކަމަށް އެދެމެވެ."

ރަސޫލުން ފޮނުއްވުނީ ތައުޙީދުގެ މިބަޔާއިގެންނެވެ. (އައްނަޙްލު: 36) " وَلَقَدْ بَعَثْنَا فِي كُلِّ أُمَّةٍ رَسُولًا أَنِ اُعْبُدُوا اللَّهَ وَاجْتَنِبُوا الطَّاغُوتَ " މާނައީ: "ހަމަކަށަވަރުން ތިމަން ރަސްކަލާނގެ ކޮންމެ އުންމަތަކަށްމެ ރަސޫލަކު ފޮނުއްވީމެވެ. އެއީ الله سبحانه وتعالى އަށް އަޅުކަންކުރުމަށާއި، الله سبحانه وتعالى ފިޔަވައި އަޅުކަންކުރެވޭ ތަކެއްޗާ ދުރުހެލިވުމަށް އެންގެވުމަށެވެ."

ތައުޙީދުގެ މިބަޔަކީ އިހުގެ ކާފަރުންނާއި މިހާރުގެ ކާފަރުންވެސް އިންކާރުކުރި ބައެވެ. ކާފަރުވީ މީހުންގެ ވާހަކަތައް އަންގަވައި އެކަލާނގެ ވަޙީކުރައްވާފައިވެއެވެ. (ޞާދު: 05) " أَجَعَلَ الْآلِهَةَ إِلَهًا وَاحِدًا إِنَّ هَذَا لَشَيْءٌ عُجَابٌ " މާނައީ: "އެކަލޭގެފާނު ހުރިހާ އިލާހުންތައް އެއްއިލާހަށް ހެއްދެވީހެއްޔެވެ؟ ހަމަކަށަވަރުން، މިއީ ނުހަނު ޢާޖާއިބުވާފަދަ ކަމެއްކަން ކަށަވަރެވެ."

އަޅުކަމުގައި الله سبحانه وتعالى އާ އެހެން ފަރާތެއް ބައިވެރިކޮށްފި މީހާގެ ޢަމަލުތައް ޤަބޫލެއް ނުކުރެއްވޭނެއެވެ. " وَاعْبُدُواْ اللَّهَ وَلاَ تُشْرِكُواْ بِهِ شَيْئًا " (النساء: 36)

މާނައީ: "ތިޔަބައިމީހުން ﷲ އަށް އަޅުކަންކުރާށެވެ! އަދި އެކަލާނގެއާ އެވެސް އެއްޗެއް ޝަރީކު ނުކުރާށެވެ."

އަދި ޝަރީކު ކުރާ މީހުންގެ ޢަމަލުތައް ބާޠިލުވެގެން ވާކަންވެސްވަނީ އަންގަވާފައެވެ. (އައްޒުމަރު: 65) " لَئِنْ أَشْرَكْتَ لَيَحْبَطَنَّ عَمَلُكَ وَلَتَكُونَنَّ مِنَ الْخَاسِرِينَ " (الزمر 65)

މާނައީ: "ކަލޭގެފާނު ޝަރީކު ކުރައްވައިފިނަމަ، ކަލޭގެފާނުގެ ޢަމަލުތައްވެސް ބާޠިލު ވެއްޖައީސްކަން ކަށަވަރެވެ. އޭރުން ކަލޭގެފާނު ވެވަޑައިގަންނަވާނީ ގެއްލެނިވެގެންވީ މީހުންގެ ތެރެއިންނެވެ."

3- توحيد الأسماء والصفات
توحيد الأسماء والصفات އަކީ، ކީރިތި ޤުރްއާނުގައި އާއި މާތް ނަބިއްޔާ ޞައްލަ الله ޢަލައިހި ވަސައްލަމަގެ އަރިހުން ވާރިދުވެފައިވާ ޞައްޙަ ޙަދީޘްފުޅުތަކުގައި ބަޔާންވެގެންވާ الله سبحانه وتعالى އާއި އެކަލާނގެ ނަބިއްޔާ ޞައްލަ الله ޢަލައިހި ވަސައްލަމަގެ އެކަލާނގެ ޒާތުފުޅަށް ދެއްވާފައިވާ الله سبحانه وتعالى އިސްމުފުޅުތަކާއި، އެކަލާނގެ އެސިފައަކުން ސިފަކުރައްވާފައިވާ ސިފަފުޅުތައް އޭގެ ހަޤީޤީ މާނައިގައި ތެދުކޮށް އީމާންވުމެވެ. އަދި އިސްމުފުޅުތަކަކީ އެންމެ ރިވެތިވެގެންވާ އިސްމުފުޅުތައްކަމާއި، އެސިފަފުޅުތަކަކީ އެންމެ ފުރިހަމަވެގެންވާ ސިފަފުޅުތައްކަން، އެއްވެސް ބަދަލުކުރުމެއްނެތި، ނުވަތަ މާނަ އަނބުރާލުމެއްނެތި ނުވަތަ އެހެން އެއްޗަކާ ވައްތަރު ކުރުމެއްނެތި، ޤަބޫލުކޮށް އެއަށް އީމާންވުމެވެ.

الله سبحانه وتعالى ވަޙީކުރައްވާފައިވެއެވެ. وَلِلّهِ الأَسْمَاء الْحُسْنَى فَادْعُوهُ بِهَا وَذَرُواْ الَّذِينَ يُلْحِدُونَ فِي أَسْمَآئِهِ سَيُجْزَوْنَ مَا كَانُواْ يَعْمَلُونَ )الأعراف: 180(

މާނައީ: "އެންމެ ރިވެތި ނަންފުޅުތައް މިލްކުވެވޮޑިގެންވަނީ الله އަށެވެ. ފަހެ އެނަންފުޅުތަކުން ތިޔަބައިމީހުން އެކަލާނގެ ޙަޟުރަތަށް ދުޢާކުރާށެވެ. އަދި އެކަލާނގެ ނަންފުޅުތަކާމެދު، ޙައްޤުމަގުން އެއްކިބާވެއުޅޭ މީހުން ތިޔަބައިމީހުން ދޫކޮށްލާށެވެ. އެއުރެން ކޮށްއުޅުނު ކަންތައްތަކަށް އެއުރެންނަށް ޖަޒާދެއްވާނެތެވެ."

الله سبحانه وتعالى ގެ އިސްމުފުޅުތައް ވަރަށްވެސް ގިނައެވެ. އޭގެތެރޭގައި الرحمن، والسميع، والبصير، والعزيز، والحكيم ހިމެނެއެވެ. މީގެން ކޮންމެ އިސްމުފުޅަކީ ނުވަތަ ޞިފަފުޅަކީ، ކީރިތި ޤުރްއާނުގައި ނުވަތަ ރަސޫލާގެ ސުންނަތުގައި ސާބިތުވެފައިވާ އިސްމުފުޅުތަކާއި ޞިފަފުޅުތަކެވެ.

އެކަލާނގެ ވަޙީކުރައްވާފައިވެއެވެ. هُوَ اللَّهُ الَّذِي لَا إِلَهَ إِلَّا هُوَ عَالِمُ الْغَيْبِ وَالشَّهَادَةِ هُوَ الرَّحْمَنُ الرَّحِيمُ - هُوَ اللَّهُ الَّذِي لَا إِلَهَ إِلَّا هُوَ الْمَلِكُ الْقُدُّوسُ السَّلَامُ الْمُؤْمِنُ الْمُهَيْمِنُ الْعَزِيزُ الْجَبَّارُ الْمُتَكَبِّرُ سُبْحَانَ اللَّهِ عَمَّا يُشْرِكُونَ - هُوَ اللَّهُ الْخَالِقُ الْبَارِئُ الْمُصَوِّرُ لَهُ الْأَسْمَاء الْحُسْنَى يُسَبِّحُ لَهُ مَا فِي السَّمَاوَاتِ وَالْأَرْضِ وَهُوَ الْعَزِيزُ الْحَكِيمُ )الحشر: 22 - 24(

މާނައީ: "އެކަލާނގެއީ الله އެވެ. އެކަލާނގެ މެނުވީ ޙައްޤުވެގެން އަޅުކަންކުރެވޭ އިލާހަކު ނުވެއެވެ. ޣައިބުގައިވާ ކަންތައްތަކާއި ފެންނަ ކަންތައްތައްވެސް މޮޅަށް ދެނެވޮޑިގެންވަނީ އެކަލާނގެއެވެ. އެކަލާނގެއީ ރަޙްމާންވަންތަ ރަޙީމްވަންތަ ކަލާނގެއެވެ.(22) އެކަލާނގެއީ الله އެވެ. އެކަލާނގެ މެނުވީ ޙައްޤުވެގެން އަޅުކަންކުރެވޭ އިލާހަކު ނުވެއެވެ. ރަސްވަންތަ ރަސްކަލާނގެއެވެ. ޠާހިރުވަންތަ ރަސްކަލާނގެއެވެ. ހުރިހާ އުނިސަފަތަކަކުން ހުސްޠާހިރުވެގެންވާ ކަލާނގެއެވެ. އަމާންކަން ދެއްވާ ކަލާނގެއެވެ. ހުރިހާ އެއްޗެއް ރައްކާތެރިކުރައްވައި ބަލަހައްޓަވާ ކަލާނގެއެވެ. ޢަޒީޒްވަންތަ ކަލާނގެއެވެ. ޖައްބާރުވަންތަ ކަލާނގެއެވެ. ޢަޡަމަތްތެރިވަން ކަލާނގެއެވެ. އެއުރެން ޝަރީކު ކުރާތަކެތިން الله سبحانه وتعالى ހުސްޠާހިރުވަންތަވެ ވޮޑިގެންވެއެވެ.(23) އެކަލާނގެއީ الله އެވެ. ހުރިހާ އެއްޗެއް ހައްދަވާ ކަލާނގެއެވެ. ހުރިހާ އެއްޗެއް އުފައްދަވާ ކަލާނގެއެވެ. ޞޫރަކުރައްވާ ކަލާނގެއެވެ. އެންމެހައި ރިވެތި ނަންފުޅުތައް ލިބިވޮޑިގެންވަނީ އެކަލާނގެއަށެވެ. ބިމުގައިވާހާ ތަކެއްޗެއް އެކަލާނގެއަށް ތަސްބީޙަ ދަންނަވައެވެ. އަދި އެކަލާނގެއީ ޢަޒީޒުވަންތަ ޙަކީމުވަންތަ ކަލާނގެއެވެ.(24)"

ރަސޫލުالله ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. " إنَّ لِلّهِ تِسْعَةٌ وَتِسْعِيْنَ اسْمًا، مِائَةٌ إِلاَّ وَاحِدًا، مَنْ أحْصَاهَا دَخَلَ الْجَنَّةَ " (متفق عليه) މަނައީ: "ހަމަކަށަވަރުން الله سبحانه وتعالى އަށް ނުވަދިހަ ނުވަ އިސްމުފުޅެއްވެއެވެ. އެއިސްމުފުޅުތައް ދަސްކޮށްފި މީހާ ސުވަރުގެ ވަންނަ ހުއްޓެވެ."

الله سبحانه وتعالى ވަޙީކުރައްވާފައިވެއެވެ. (އައްޝޫރާ: 11) "لَيْسَ كَمِثْلِهِ شَيْءٌ وَهُوَ السَّمِيعُ الْبَصِيرُ" މާނައި: "އެކަލާނގެއާ އެއްފަދަވެގެންވާ ހަމަ އެކައްޗެއްވެސް ނުވެއެވެ. އަދި އެކަލާނގެއީ السَّمِيعُ (އައްސަވައި ވޮޑިގެންވާ) الْبَصِير ބައްލަވައިވޮޑިގެންވާ އިލާހެވެ."

الله سبحانه وتعالى ގެ ކޮންމެ އިސްމުފުޅެއްގައިވެސް އެކަލާނގެ ޞިފަފުޅުތައް ހިމެނެއެވެ. ވީމާ العليم މި އިސްމުފުޅުގައި ދެނެވޮޑިގަތުމުގެ ޞިފަހިމެނެއެވެ. الحكيم މި އިސްމުފުޅުގައި ދެނެވޮޑިގަތުމުގެ ޙިކުމަތްވަންތަކަމުގެ ސިފަ ހިމެނެއެވެ. السميع މި އިސްމުފުޅުގައި އަޑު އެއްސެވުމުގެ ޞިފަހިމެނެއެވެ. البصير މި އިސްމުފުޅުގައި ބައްލަވާވޮޑިގެންވުމުގެ ޞިފަހިމެނެއެވެ.

الله سبحانه وتعالى ގެ އިސްމުފުޅުތަކާއި ސިފަފުޅުތަކާމެދު އަޅުގަނޑުމެންގެ ޢަޤީދާ

1- އެކަލާނގެ އިސްމުފުޅުތަކާއި ޞިފަފުޅުތައް ސާބިތުކުރުމުގައި، ކީރިތި ޤުރްއާނާއި މާތް ނަބިއްޔާ ގެ ސުންނަތުން ސާބިތުވާ ޞިފަތައް، ބަދަލު ކުރުމެއްނެތި، ނުވަތަ އެހެން އެއްޗަކާ ވައްތަރު ކުރުމެއް ނެތި ނުވަތަ އުނިކުރުމެއްވެސް ނެތި، އޭގެ ޙަޤީޤީ މާނައިގައި ވާރިދުވެފައިވާ ގޮތުގައި ޤަބޫލުކޮށް އީމާންވުމެވެ.

2- އެއްވެސް މަޚުލޫޤަކާއި އެކަލާނގެއާ ވައްތަރު ކުރުމެއްނެތި އެންމެހައި އުނި ޞިފަތަކުން އެކަލާނގެ ނަފީކޮށް، އެފަދަ ޞިފަތަކުން ހުސްޠާހިރުވެގެންވާކަން ޤަބޫލުކޮށް އީމާންވުމެވެ.

الله سبحانه وتعالى އަށް އީމާންވުމުން ޙާޞިލުވާ މޭވާތައް
الله سبحانه وتعالى އަށް އީމާންވުމުން އެތައް ފައިދާތަކަކާއި މޭވާތަކެއް ލިބެއެވެ.

1) الله سبحانه وتعالى އަށް މުއުމިނުންގެ ކިބައިން ދަތި އުނދަގޫތައް ފިއްލަވައިދެއްވައެވެ. އަދި މުޞީބާތްތަކުން ނަޖާކުރައްވައި ޢަދުއްވުންގެ ކިބައިން ސަލާމަތްކޮށްދެއްވައެވެ. (ޙައްޖު: 38) " إِنَّ اللَّهَ يُدَافِعُ عَنِ الَّذِينَ آمَنُوا "

2) ހެޔޮވެގެންވާ އުފާވެރި ހަމަޖެހޭ ދިރިއުޅުމެއް ލިބުމުގެ މަގަކީ الله سبحانه وتعالى އަށް އީމާންވުމެވެ. (އައްނަޙުލު: 97) " مَنْ عَمِلَ صَالِحًا مِنْ ذَكَرٍ أَوْ أُنْثَى وَهُوَ مُؤْمِنٌ فَلَنُحْيِيَنَّهُ حَيَاةً طَيِّبَةً "

3) ކާމިޔާބާއި ނަޞްރު ލިބުންވަނީ އީމާންކަމުގައެވެ. އަދި ތިމާގެ ބޭނުންތައް ޙާޞިލުވުމާއި ބިރުވެރިކަމުން ސަލާމަތްވުންވަނީ الله سبحانه وتعالى އަށް އީމާންވުމުގައެވެ. أُوْلَئِكَ عَلَى هُدًى مِّن رَّبِّهِمْ وَأُوْلَئِكَ هُمُ الْمُفْلِحُونَ) البقرة: 5(

4) އީމާންކަމުގެ ސަބަބުން ތިމާމެންގެ ނަފްސުތައް ޚުރާފީ ކަންތައްތަކުން ސަލާމަތްކޮށްދެއެވެ. ވީމާ ޙައްޤު ގޮތުގައި الله سبحانه وتعالى އަށް އީމާންވެއްޖެ މީހަކު އޭނާގެ ހުރިހާ ކަމެއްގައި ހަމައެކަނި ވަކީލު ކުރާނީ އެކަލާނގެއަށެވެ. އަދި އޭނާގެ ވެރި ރަސްކަލާނގެއަކީ، އޭނާގެ ޚާލިޤަކީ އަދި ރާޒިޤަކީ އެކަލާނގެކަމުގައި އިޤްރާރުވާ މީހަކަށް، އެއްވެސް ބިރުވެރިކަމެއް ހިތްހަމަނުޖެހުމެއް އެހެން މީހެއްގެ ފަރާތުން ލިބުމެއް ނުވެއެވެ.

5) الله سبحانه وتعالى އަށް ޙައްޤުގޮތުގައި އީމާންވުމުން މެނުވީ އެކަލާނގެ ރުއްސެއްވުން ޙާޞިލު ނުވާނެއެވެ. އެކަލާނގެ ރުއްސެވުން ލިބިގެން މެނުވީ ސުވަރުގެއަށް ނުވަދެވޭހުއްޓެވެ. އަދި ދާއިމީ ނިޢުމަތާއި ހިތްހަމަޖެހުން ޙާޞިލު ނުވާނެއެވެ.

އަދި މިނޫނަސްވެސް ބޮޑެތި ބޮޑެތި އެތައް ފައިދާތަކެއް الله سبحانه وتعالى އަށް އީމާންވުމުގައި އެކުލެވެގެވެއެވެ. އަޅުގަނޑުގެ ދުޢާކީ އަޅަމެނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ދެއްވުމެވެ. سُبْحَانَكَ اللَّهُمَّ أَشْهَدُ ألاَّ إِلَهَ إِلاَّ أَنْتَ أسْتَغْفِرُكَ وَأتُوْبُ إِلَيْكَ.

Blog Widget by LinkWithin

No comments:

Post a Comment