31 May 2012

ޢަމަލުން ދިން ދަޢުވަތު

މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު
ޢަބްދުލްޣަނީ އަލްމަޤްދިސީ (ރަޙިމަހުﷲ) ވިދާޅުވިއެވެ. އަޞްބަހާނުގެ މީހެއްގެ މެހެމާންދާރީގައި އަހަރެން ވީމެވެ.

ނަމާދު ވަޤުތު ވަނުމުން ނަމާދުކުރުމަށް އަހަރެމެން އަވަސްވެގަތް ހިނދު، ނަމާދު ނުކުރާ މީހަކު ވިއެވެ. ބައެއް މީހުން ބުންޏެވެ. އެއީ އިރަށް އަޅުކަންކުރާ މީހެކެވެ. އަހުރުންގެ ހިތް ނުތަނަވަސް ވެގެން ދިޔައެވެ.

ރޭ އަޅުކަންކުރުމުގައި އަހަރެން ދެމިހުރީމެވެ. ދަމުނަމާދުގެ ރަކްޢަތްތަކުގައި އަޑުހަރުކޮށް ކިޔެވީމެވެ. އޭނާ އަޑުއަހާ ޙާލުގައެވެ. ދުވަސްތަކެއް ފަހުން އަހަރެން އެ މެހެމާންދާރީގައި ހުރި މެހެމާންސަރާއިން މީހަކު އައިސް އެއްކަލަ އިރަށް އަޅުކަންކުރާ މީހާ އިސްލާމްވާން ބޭނުންވާ ވާހަކަ ބުނެފިއެވެ. އަހަރެން އޭނާއާ ބައްދަލުކުރުމަށް އަވަސްވެގަތީމެވެ. އޭނާ އިސްލާމްވިއެވެ. އަދި ބުންޏެވެ. "ތިބާ ކީރިތި ޤުރުއާނުގައި އާޔަތްތައް ކިޔަވާ އަޑުއިވުމުން އަހަރެންނަށް އަސަރުކޮށް، އިސްލާމްދީން އަހަރެންގެ ހިތުގެ ތެރެއަށް ވަނީއެވެ."

= އައްތަޤްވީމް 1433 – ޗާޕް އުބައިކާން=

Read more...

28 May 2012

މުސްލިމުންގެ ރަށްރަށުގައި ފައްޅިއެޅުމުގެ ޙުކުމް

އައްޝައިޚް އާދަމް ނަސީމް ބީއޭ
ﷲ ގެ އިސްމުފުޅުން ފަށަމެވެ. ފަޟީލަތުއްޝައިޚު އިސްމާޢީލު ބުނު މުޙައްމަދުލް އަންޞާރީ، ޝަރުޢީ ދަލީލުތަކުގެ މައްޗަށް ބިނާކުރައްވައިގެން ފައްޅިއެޅުމުގެ މަސްއަލައާމެދު އަގުހުރި ފޮތެއް ލިޔުއްވާފައިވެއެވެ. ފޮތުގެ ނަމަކީ "ޙުކުމު ބިނާއިލް ކަނާއިސި ވަލްމަޢާބިދިއްޝިރްކިއްޔަތި ފީ ބިލާދިލް މުސްލިމީން" މިއެވެ. މިފޮތާމެދު ސަމާޙަތުއް ޝައިޚު ޢަބްދުލް ޢަޒީޒު އިބްނު ޢަބްދުﷲ އިބްނު ބާޒުގެ ތަޢުރީފުގެ ބަސްކޮޅެއް ފޮތްފެށޭ ތާނގައި ލިޔުއްވާފައިވެއެވެ. ޙަމްދު ޞަލަވާތަށްފަހު މި މުހިއްމު މަސްއަލައާމެދު ލިޔުއްވާފައިވާ ފައިދާހުރި ލިޔުއްވުމުގެ ތެރޭގައި އޮންނަ ބަސްކޮޅެއްގެ މާނައިގައިވެއެވެ.

"މުސްލިމުންގެ ރަށްރަށުގައި ފައްޅި ބިނާކުރުމަކީ، ﷲއަށް ޝަރީކުކުރާ ތަންތަން ހެދުމަކީ ޙަރާމްކަމެއްކަމާއި، އަލަށް ފައްޅިއެއް ބިނާކޮށްފިނަމަ އެތަނެއް ހަލާކު ކޮށްލުމަކީ ވާޖިބުކަމެއްކަމާއި، އަދި ޚާއްޞަކޮށް ޖަޒީރަތުލް ޢަރަބުގައި ފައްޅިއެޅުމާއި ﷲއަށް ޝަރީކު ކުރާ ތަންތަން ހެދުމުގެ ފާފަ މާބޮޑުވެގެންވާ ކަމުގެ މައްޗަށް ހަމަކަށަވަރުން ދަންނަބޭކަލުން އިޖްމާޢުވެފައި ވެއެވެ." އެބޭކަލުންނަށް ﷲ ރަޙްމަތް ލައްވާށިއެވެ! އާމީން!

ދެންފަހެ، ދަންނަބޭކަލުންގެ އިޖްމާޢަކީ އިސްލާމްދީނުގެ ޙުކުމްތަކުގެ އަޞްލުތަކުގެ ތެރެއިން އަޞްލެކެވެ. މަސްއަލާއެއްގައި ދަންނަބޭކަލުންގެ އިޖްމާޢަކީ ބާރުގަދަ ދަލީލެކެވެ. ދަންނަބޭކަލުން މަސްއަލާއަކާމެދު އިޖްމާޢު ވެއްޖެނަމަ ފަހުންއަންނަ ބައަކަށްވެސް އެކަމަކަށް އެއްވެސް ބަދަލެއް ނުގެނެވޭނެއެވެ. ބަދަލުގެނައުމަކީ ހުއްދަކަމެއްނޫނެވެ. އިޖްމާޢުވެފައިވާ މަސްއަލާއެއްގައި އިޚްތިލާފެއް ނުކުރެވޭނެއެވެ. ކީރިތި ޤުރުއާނުގައި ދެގޮތަކަށް ސާބިތުވާ ޙުކުމް ހުރެއެވެ. ވީމާ ދެ ޙުކުމްވެސް ޞައްޙަވާނެއެވެ. މިފަދަ ކަންކަމުގައި ޤުރުއާނުގެ އެހެން އާޔަތަކުން ނުވަތަ ޙަދީޘަކުންނެގޭ މާނައެއްގެ މައްޗަށް ބިނާކޮށް، މިދެގޮތުންކުރެ ކޮންމެވެސް އެއްގޮތެއްގެ މައްޗަށް އިޖްމާޢުވެއްޖެނަމަ އެމަސްއަލާއެއްގައި ދަލީލެއްކަމުގައި ބެލެވޭނީ ދަންނަބޭކަލުން އިޖްމާޢުވީ ގޮތެވެ. އިޖްމާޢު ނުވާނަމަ ދެގޮތްވެސް ހަމަހަމަ ވެގެންވެއެވެ. މިސާލު: ﷲގެ ވަޙީބަސްފުޅުގެ މާނައިގައިވެއެވެ.

"ވަރިކުރެވިފައިވާ އަންހެނުން އެކަނބަލުންގެ ހަށިތަކައިގެން އިންތިޒާރުކުރާނީ ތިން “ޤުރްއު” އަށެވެ." ޔަޢުނީ: ވަރިކުރެވިފައިވާ އަންހެނުންގެ ޢިއްދާގެ މުއްދަތަކީ ތިން “ޤުރްއު” އެވެ. (2/228)

މިއާޔަތުގައި މިއޮންނަ “ޤުރްއު” އަކީ ޢަރަބިބަހުގައި ދެމާނައެއް އެކުލެވިގެންވާ ލަފްޒެކެވެ. އެއީ: (1) ޙައިޟު. (2) ޠުހްރު މިއެވެ.

އެހެންކަމުން ބައެއް ދަންނަ ބޭކަލުންގެ އަރިހުގައި ޢިއްދާގެ މުއްދަތަކީ ތިން ޙައިޟެވެ. ބައެއް ބޭކަލުންގެ އަރިހުގައި ޢިއްދާގެ މުއްދަތަކީ ތިން ޠުހްރެވެ. އަދި ބައެއް ބޭކަލުންގެ އަރިހުގައި ޢިއްދާގެ މުއްދަތަކީ ތިން ޙައިޟުއާއި ތިން ޠުހްރެވެ. މިހުރިހައި ގޮތަކީވެސް ވަރިކުރެވިފައިވާ އަންހެނުންގެ ޢިއްދާގެ މުއްދަތު ސާބިތުވާ ގޮތްގޮތެވެ. ޞައްޙަ ގޮތްގޮތެވެ. ވުމާއެކު މަޛްހަބުތަކުވެއިވެސް މި އިޚްތިލާފުތައް ހުރެއެވެ. މިގޮތްގޮތުގެ ތެރެއިން ކޮންމެ ގޮތެއްވެސް ރަނގަޅުމެއެވެ. މީގެތެރެއިން އެއްވެސް ގޮތެއްގެ މައްޗަކަށް އިޖްމާޢުވެފައެއްނެތެވެ. އިޖްމާޢުވެފައިވާނަމަ މަސްއަލާގައި ދަލީލުގެ ގޮތުންބެލޭނީ އިޖްމާޢުވެފައިވާ ގޮތެވެ. ޝަރުއީދަލީލަކީ އެއީއެވެ. ފަހެ، ﷲއަށް އުރެދޭކަމެއްގެ މައްޗަކަށް މިއުއްމަތުގެ ދަންނަބޭކަލުން އިޖްމާޢެއް ނުވާނެކަން ޙަދީޘުން ސާބިތުވެއެވެ. މިޒަމާނުގައި އިސްލާމީ ޤަޥްމުތަކުގެ ކޮންފަރަންސުގައި އިއްތިފާޤުން ފާސްކުރާ ކަންތަކަކީ ދަންނަ ބޭކަލުންގެ އިޖްމާޢުކަމަށް ބެލެވޭނެ ކަންކަމެއްނޫނެވެ. އެހެނީ މިފަދަ ކޮންފަރަންސުތަކުގައި ތިއްބަވަނީ ހަމައެކަނި މުޖްތަހިދުންގެ ފެންވަރުގެ ދަންނަބޭކަލުން ކަމުގައި ނުވާތީއެވެ. އިޖްމާޢުވުމުގައި ނުހަނުގިނަ ޝަރުޠުތައް ފުރިހަމަކުރަން ޖެހެއެވެ.

ދެންފަހެ، ފައްޅިއެޅުމުގެ މަސްއަލާއަށް ބަލާއިރު، އިސްލާމުންގެ ރަށްރަށް ބެހިގެންވަނީ ތިންބާވަތަކަށެވެ. އެއީ:

(1) ފުރަތަމަ ބާވަތަކީ މީހުންނޫޅޭ ބިމެއް މުސްލިމުން އިޙްޔާކޮށްދިރުވައި، އިމާރާތްކޮށްގެން އުފައްދާފައިވާ ރަށްރަށް.

(2) ދެވަނަ ބާވަތަކީ ކާފިރުން އުޅެމުންއައި ރަށްރަށް ކަމަށްވެފައި އެއަށްފަހު، މުސްލިމުންނާ ކާފިރުންނާ ދެމެދު ކުރެވޭ ހަނގުރާމައިގައި މުސްލިމުންނަށް ފަތަޙަ ކުރެވިފައިވާ ރަށްރަށް.

(3) ތިންވަނަ ބާވަތަކީ ޞުލްޙަނާމާގެދަށުން މުސްލިމުން ފަތަޙަކޮށްފައިވާ ރަށްރަށް. މިއެވެ.

ތަފްޞީލު:

(1) މީހުން ނޫޅޭ ބިމެއް މުސްލިމުން އިޙްޔާކޮށް ދިރުވައި، ޢިމާރާތްކޮށްގެން ހަދާފައިވާ ރަށްރަށުގެ މިސާލަކީ އަލްބަޞްރާއާއި، އަލްކޫފާއާއި، ބަޣްދާދުގެ މެދުތެރެއާއި އަލްޤާހިރާ އާއި މިފަދަ ރަށްރަށެވެ. މުސްލިމުންގެ މިބާވަތުގެ ރަށްރަށުގައި ޖިޒީދީގެން އެހެން ދީންދީނުގެ މީހުން ދިރިއުޅެން އެދޭނަމަ، (ނުވަތަ މުސްލިމުންގެ ވެރިކަން ޤަބޫލުކޮށްގެން މުސްލިމުންގެ ވެރިކަމުގެ ދަށުގައި ދިރިއުޅެން އެދޭނަމަ،) އެބަޔަކަށް އެރަށްރަށުގައި ދިރިއުޅުމުގެ ހުއްދަ ދިނުމަކީ ޙާކިމާއަށް ހުއްދަކަމެކެވެ. މިފަދަ ރަށްރަށުގައި ފައްޅި އަޅަން އެބައިމީހުން އެދޭނަމަ، އެކަންކުރުމަށް ހުއްދަ ދިނުމަކީ ޙާކިމާއަށް ޙަރާމްވެގެންވާ ކަމެކެވެ. ޛިއްމީން މިކަމުގެ މައްޗަށް އެގްރީމެންޓެއް ކުރިކަމުގައިވިއަސް، އެއީ ފާސިދު އެއްބަސްވުމެއްކަމުގައި އުއްމަތުގެ ދަންނަ ބޭކަލުން އިއްތިފާޤުވެފައިވެއެވެ. މިކަމާމެދު އިޚްތިލާފުވުމެއް ނެތެވެ.

(2) ކާފިރުން އުޅެމުން އައިރަށް ރަށް ކަމަށްވެފައި އެއަށްފަހު، މުސްލިމުންނާ ކާފިރުންނާ ދެމެދު ކުރެވޭ ހަނގުރާމައިގައި، މުސްލިމުންނަށް ފަތަޙަ ކުރެވިފައި ހުންނަ ރަށުގައި ފަތަޙަ ކުރުމުގެ ކުރީގައި އަޅާފައި ހުންނަ ފައްޅިތައް، ހަލާކުކޮށް ނުލައި ބެހެއްޓުމާމެދު ޝާފިޢީ މަޛްހަބާއި ޙަންބަލީ މަޛްހަބުއާއި އެހެނިހެން މަޛްހަބުގައި ދެގޮތަކަށް ބެލެވިފައިވެއެވެ.

ފުރަތަމަ ބަހަކީ މިފަދަ ރަށްރަށުގައި ހުންނަ ފައްޅިތައް ހަލާކުކޮށްލުމަކީ ވާޖިބުކަމެއްކަމާއި ބެހެއްޓުމަކީ ޙަރާމްކަމެއް ކަމުގައިވުމެވެ. އެހެނީ މިރަށްރަށަކީ މުސްލިމުންގެ މިލްކިއްޔަތެކެވެ. ވީމާ، ކާފިރުންގެ ޝިޢާރު ފާޅުކުރާ ތަންތަން ކަމުގައި މިތަންތަން ވުމަކީ ޖާއިޒުކަމެއްނޫނެވެ. ޞައްޙަ ބަހަކީ މިބަސްކަމުގައި މިފޮތުގައި ދަލީލާއެކު ބަޔާންކުރައްވާފައިވެއެވެ.

ދެވަނަ ބަހަކީ މިފަދަ ތަންތާނގައި ހުންނަ ފައްޅިތައް ހަލާކުކޮށްނުލައި ބެހެއްޓުމަކީ ހުއްދަކަމެކެވެ. އެހެނީ ޚައިބަރު ފަތަޙަ ކުރައްވާފައި، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ފައްޅިތައް ހަލާކު ކުރައްވާކަށް އަމުރުފުޅެއް ނުކުރައްވައެވެ. ކޮންމެއަކަސް މިކަމަކީ މަސްލަޙަތަށް ބައްލަވާފައި، ޙާކިމާއަށް އޮންނަ ކަމެކެވެ. ހަލާކު ނުކުރައްވައި ދޫކުރެއްވިއަސް އެތަންތަނަކީ އެކާފިރުންގެ މިލްކުވެރިކަމުގެ ދަށުގައި ހުންނަ ތަންތަނެއްނޫނެވެ. އެތަންތަން މަރާމާތު ކުރުމަކީވެސް އެމީހުނަށް ލިބިގެންވާ ޙައްޤެއްނޫނެވެ. މަސްލަޙަތަށް ބައްލަވާފައި އެތަންތަން ހަލާކު ކުރެއްވުމަކީ އޮތްކަމެކެވެ. ޚުލަފާއުއް ރާޝިދުންނާއި، އިމާމުވެރި ބޭކަލުން މިބާވަތުގެ ތަންތަން މަސްލަޙަތަށްޓަކައި ހަލާކު ކުރައްވާފައި ވެއެވެ. އަދި މަސްލަޙަތަށްޓަކައި ހަލާކު ނުކުރައްވައި ދޫކޮށްލައްވާފައިވެސް ވެއެވެ.

(3) ޞުލްޙަ ނާމާގެ ދަށުން މުސްލިމުން ފަތަޙަކޮށްފައިވާ ރަށްރަށުގައި ދެ ޙާލަތެއް މެދުވެރިވެއެވެ.

ފުރަތަމަ ޙާލަތަކީ ރަށަކީ އެބައިމީހުންގެ ރަށެއް ކަމުގައި އޮތުމަށް އެއްބަސްވުމާއެކު، މުސްލިމުންނަށް ޖިޒީދީގެން ތިބުމެވެ. މިޙާލަތުގައި އެމީހުންގެ ރަށުގައި ކުރާކަމެއް މުސްލިމުންނަކަށް މަނާއެއް ނުކުރެވޭނެއެވެ. ބިމުގެ މިލްކުވެރިފަރާތަކީ އެބައިމީހުންނެވެ. މީގެ މިސާލަކީ ނަޖްރާނުގެ އަހުލުވެރިންނެވެ.

ދެވަނަ ޙާލަތަކީ ޞުލްޙަ ނާމާގައި ތަނުގެ ބިމަކީ މުސްލިމުންގެ މިއްކެއްކަމަށް އެއްބަސްވުމާއެކު، މުސްލިމުންނަށް ޖިޒީދީގެން ތިބުމެވެ. މިޙާލަތުގައި އެތާނގައި ހުރި ފައްޅިތަކުގެ ޙުކުމް ބިނާވެފައިވާނީ ޞުލްޙަ ނާމައިގައި އެއްބަސްވެފައިވާ ގޮތުގެ މައްޗަށެވެ.

(ނޯޓް: މިލިޔުމުގައި ފައްޅީގެ މާނަކަމުގައި ލިޔެފައިމިވަނީ ﷲ ފިޔަވައި އެހެނިހެން ފަރާތްފަރާތަށް އަޅުކަންކުރާ ތަންތަނަށެވެ. އެއީ ބުދަށް އަޅުކަންކުރާ ތަންތަނާއި އަލިފާނަށް އަޅުކަންކުރާ ތަންތަން ފަދަ ތަންތަނެވެ.)

މުތަރުޖިމުގެ ބަސް:

އިސްވެދިޔަ ބަޔާންތަކުގެ ނަތީޖާއަކީ މުސްލިމުންގެ ރަށްރަށުގައި ފައްޅިއެޅުމަކީ ދީނީގޮތުން ބަލާއިރު، ކަނޑައެޅިގެން ޙަރާމްކަމެއްކަން ސާބިތުވުމެވެ. ދެންފަހެ، އިންޓަރނޭޝަނަލް ޤަވާޢިދު ތަކުގެ ތެރެއިން ޤަވާޢިދަކާއި، އިސްލާމްދީނުގެ ޙުކުމްތަކުގެ ތެރެއިން ޙުކުމަކާއި ފުށުއަރާ ޙާލަތެއްގައި ދީނީ ހަމައިން ބަލާއިރު ދީނުގެ ޙުކުމަށް އިސްކަންދިނުމަކީ ވާޖިބުކަމެކެވެ. އެހެން ނުހަދައިފިނަމަ، އެކަންވެގެންދާނީ މަގުފުރެދުމެއްކަމާ މެދަކު ޝައްކެއްނެތެވެ.

ދިވެހިރާއްޖެއަކީ ރާއްޖޭގެ މީހުން ކޮންމެ ގޮތެއްގައި ކަމަށްވިޔަސް، އިސްލާމްދީނަށް ވަނުމަށްފަހު ޕޯޗްގީޒުންގެ ވެރިކަން ފިޔަވައި އެތައް އެތައް ޤަރުނެއް ވާންދެން، ސައްތައިން ސައްތަ މުސްލިމު ޤަޥްމެއްގެ ގޮތުގައި އޮތުމުގެ މިނިވަންކަމާއި ބާއްޖަވެރިކަން ލިބިފައިވާ ޤަޥްމެކެވެ. މިކަމަކީ ކީރިތިވަންތަﷲ، އަޅުގަނޑުމެންނަށް މިންވަރު ކުރެއްވި އެންމެބޮޑު ނިޢުމަތެވެ. މި މަތިވެރި ނިޢުމަތަށް ޝުކުރުއަދާކުރުމަކީ ކޮންމެ ދިވެހި ދަރިއެއްގެ ވާޖިބެއްކަމާމެދަކު ޝައްކެއްނެތެވެ. އެހެންދީންތަކުގެ މީހުންނަށް އެބައިމީހުންގެ ދީނީ ޝިޢާރު ފާޅުކުރުމުގެ ތަންތަން ރާއްޖޭގައި ހެދުމާއި، އަދި ދީނީ މިނިވަންކަން ޤާނޫނީގޮތުން ލިބިގެން އެބައިމީހުން ރާއްޖޭގައި އުޅެންފަށައި ގަތުމަކީ ދުނިޔޭގައި މިޒަމާނުގައި ކަންތައް ހިނގަމުންދާގޮތަށް ބަލާއިރު، ފަންސާހަކަށް އަހަރުވެސް ނުވަނީސް ރާއްޖެ ދީނީގޮތުން ބައިބައިވެ ހީވެސް ނުކުރާފަދަ ފިތުނަވެރިކަމެއްގެ ތެރެއަށް ވެއްޓިގެން ހިގައިދާނެ ކަމެކެވެ. އެފަދަ ޙާލަތެއްގައި، މިލިޔަން މިލިޔަން ޑޮލަރުގެ އެހީއާއި، އިންޓަރނޭޝަނަލް މުޢާހަދާތަކުގެ އެހީގެދަށުން އަދި އިންސާނީ ޙައްޤުތަކުގެ ނަމުގައި އެހެންދީން ދީނުގެ މީހުން ދިވެހި މުސްލިމުންގެ މައްޗަށް ރާއްޖޭގައި ވެރިވެ ގަތުމަކީ ނުވުމަށްވުރެ ވުން ކައިރީގައި އޮތް ކަމެކެވެ. މިފަދަ ނިކަމެތި ޙާލަތެއް މިރާއްޖެއަށް ﷲ މިންވަރު ނުކުރައްވާށި! އާމީން!

އިންސާނީ ޙައްޤުތަކާއި، އެނޫން ނަންނަމުގައި، މިޒަމާނުގައި މުސްލިމުންނާމެދު ޣައިރު މުސްލިމުން ހިންގާ ޢުދްވާނީ ޙަރަކާތްތަކާމެދު ވިސްނައި ފިކުރުކުރުމަކީ މި މަސްއަލާގައި މުހިއްމުކަމެކެވެ. ބުއްދީގެ އަހުލުވެރީންނޭވެ! މުސްލިމުންނަށް ލިބިފައިވާ އެއްވެސް ޙައްޤެއް އިންސާނީ ޙައްޤުތަކުގެ ނަމުގައި މުސްލިމުންގެ ކިބައިން ނިގުޅައިގަނެ، އެހެންދީނެއްގެ އަހުލުވެރިންނަށް އެޙައްޤެއް ދިނުމަކީ ސަލާމަތް ބުއްދި ގަބޫލުކުރާ ކަމެއްތޯއެވެ؟ މާދިއްޔަތަށް ހެއްލިގެންގޮސް ކަންކަމުގައި ތާށި ވުމުގައިއޮތީ ކޮން ބާއްޖަވެރިކަމެއްތޯ؟...
---------------------------------------------------
ދީނީ ނިއުސް.ކޮމް އިން ނަގާފައި

Read more...

19 May 2012

ނިޢުމަތްތަކުގެ ތެރެއިން ޒުވާން ޢުމުރު

އަލްއަޚް މުޙައްމަދު ޝަމްޢޫން
الحمد لله رب العالمين. والصلاة والسلام على أشرف الأنبياء والمرسلين. نبينا وحبيبنا وقدوتنا محمد وعلى آله وأصحابه ومن تبعهم بإحسان إلى يوم الدين. أما بعد
އާދެ! އިންސާނާ ޚަލްޤު ކުރެއްވެވުމަށްފަހު ﷲ ތަޢާލާވަނީ އަދަދުނުކުރެވޭހާ ގިނަގުނަ ނިޢުމަތްތަކެއް އޭނާއަށް ދެއްވަވާފައެވެ. އެ ނިޢުމަތްތަކާމެދު ވިސްނައި، އޭގެ އަގުވަޒަންކޮށް، އޭގެ ބޭނުން ﷲ އެންގެވި ގޮތަށް ހިފައި، އެ ނިޢުމަތް ދެއްވިކަމަށްޓަކާ އެއިލާހަށް ޝުކުރު އަދާކުރަނީ ކޮންބައެއްތޯބެއްލެވުމަށްޓަކައެވެ.

އެހެންވީމާ ނިޢުމަތްތަކާއިމެދު ވިސްނައި އެއަށް ޝުކުރު އަދާކުރާ އަޅުންތަކެއްކަމުގައިވެވޭތޯ ގަދައަޅާ މަސައްކަތްކުރަމާތޯއެވެ!

އާދެ! ﷲ ތަޢާލާ އަޅުގަނޑުމެންނަށް ދެއްވެވި ނިޢުމަތްތަކުގެ ތެރެއިން ޒުވާންކަމުގެ ނިޢުމަތަކީ ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް އިސްލާމްދީނުގައި ދެވިފައިވާ ނިޢުމަތެކެވެ. މިކަން އަޅުގަނޑުމެންނަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ޙަދީޘްފުޅުތަކުން ވަރަށް ރަނގަޅަށް ހާމަވެގެންދެއެވެ. އެކަލޭގެފާނުގެ ޙަދީޘްފުޅެއްގައި އައިސްފައި ވެއެވެ. عن معاذ بن جبل قال : قال رسول الله صلى الله عليه و سلم : لا تزول قدما عبد يوم القيامة حتى يسأل عن أربع خصال عن عمره فيما أفناه وعن شبابه فيما أبلاه وعن ماله من أين اكتسبه وفيما أنفقه وعن علمه ماذا عمل فيه. " މުޢާޒް ބިން ޖަބަލް ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްފުޅު ކުރެއްވެވިއެވެ. ހަތަރު ކަމަކާ ބެހޭގޮތުން ސުވާލު ކުރެވުމަށްފަހު މެނުވީ، ޤިޔާމަތްދުވަހު އަޅާގެފައި ހަރަކާތްނުކުރެވޭ ހުއްޓެވެ. އޭނާގެ ޢުމުރު ހޭދަކުރި ގޮތާ ބެހޭގޮތުންނެވެ. އަދި އޭނާގެ ޒުވާންދުވަސްވަރު ހޭދަކުރި ގޮތާ ބެހޭގޮތުންނެވެ. އަދި އޭނާ މުދާ ހޯދި ގޮތާއި، ހޭދަކުރި ގޮތާ ބެހޭގޮތުންނެވެ. އަދި އޭނާ ޢިލްމަށް ޢަމަލުކުރި ގޮތާ ބެހޭގޮތުންނެވެ." މި ޙަދީޘްފުޅުގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ބަޔާންކޮށްދެއްވަވާފައިވަނީ ޤިޔާމަތް ދުވަހު އަޅާއާއި ކުރެވޭނޭ ސުވާލުތަކުގެ ތެރެއިން ބައެއް ސުވާލުތަކެވެ. ފުރަތަމަ އޭނާގެ ޢުމުރު ހޭދަކުރި ގޮތާއި ބެހޭ ގޮތުންނެވެ. ﷲ ތަޢާލާ ރުހި ވޮޑިގަންނަވާ ގޮތުގައިތޯއެވެ. ނުވަތަ ޝައިޠާނާ ރުހޭ ގޮތަށްތޯއެވެ. އެއަށްފަހު އޭނާގެ ޒުވާންދުވަސްވަރު އޭނާ ހޭދަކުރި ގޮތާއި ބެހޭ ގޮތުންނެވެ.

އާދެ! ޒުވާންދުވަސްވަރަކީ ޢުމުރުގެ ބައެކެވެ. އެހެންކަމުން ޢުމުރާއި ބެހޭގޮތުން ސުވާލު ކުރެވުނީމަ، އޭގެތެރޭގައި ޒުވާންދުވަސްވަރުވެސް ހިމެނޭނެއެވެ. އެހެންކަމަށް ވުމާ އެކުވެސް ދެވަނަފަހަރަށް ޒުވާންދުވަސްވަރާއި ބެހޭގޮތުން ސުވާލު ވެވުމުން، އިސްލާމްދީނުގައި ޒުވާންދުވަސްވަރަށް ދެވިފައިވާ އަހައްމިއްޔަތުކަން އެނގިގެންދެއެވެ. އެހެންކަމުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ ޒުވާންދުވަސްވަރުގެ ބޭނުން ރަނގަޅުގޮތުގައި ހިފުމަށް ނަޞޭޙަތް ދެއްވަވާފައެވެ. عن ابن عباس رضي الله عنهما قال : قال رسول الله صلى الله عليه و سلم لرجل و هو يعظه : اغتنم خمسا قبل خمس : شبابك قبل هرمك و صحتك قبل سقمك و غناك قبل فقرك و فراغك قبل شغلك و حياتك قبل موتك. " އިބްނު ޢައްބާސް ރަޟިޔައްﷲ ޢަންހު ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ މީހަކަށް ނަޞޭޙަތް ދެއްވަވަމުން ޙަދީޘްފުޅުކުރެއްވެވިއެވެ. ފަސްކަމެއް ތިބާއާއި ކުރިމަތިވުމުގެ ކުރިން ފަސްކަމެއްގެ ފައިދާ ހެޔޮގޮތުގައި ލިބިގަންނާށެވެ. މުސްކުޅިވުމުގެ ކުރިން ޒުވާންކަމުގެފައިދާ ހެޔޮގޮތުގައި ލިބިގަންނާށެވެ. ބަލިވުމުގެ ކުރިން ދުޅަހެޔޮކަމުގެ ފައިދާ ހެޔޮގޮތުގައި ލިބިގަންނާށެވެ. ފަޤީރުވުމުގެ ކުރިން މުއްސަނދިކަމުގެ ފައިދާ ހެޔޮގޮތުގައި ލިބިގަންނާށެވެ. މަޝްޣޫލުވުމުގެ ކުރިން ހުސްވަގުތުގެ ފައިދާ ހެޔޮގޮތުގައި ލިބިގަންނާށެވެ. އަދި މަރުވުމުގެ ކުރިން ޙަޔާތުގެ ފައިދާ ހެޔޮގޮތުގައި ލިބިގަންނާށެވެ."

އެހެންވީމާ ޒުވާންދުވަސްވަރުގެ ބޭނުން ހެޔޮގޮތުގައި ހިފަމާތޯއެވެ! ﷲ އަމުރު ކުރެއްވެވި ކަންތައްކުރުމުގައެވެ. އެއިލާހުގެ ރުހިވޮޑިގަތުން ހޯދުމުގައެވެ. ސަލާމަތް ހިތަކާއިގެން އަންނަ މީހަކަށް ފިޔަވައި، ސަލާމަތްކަމެއްނުވާ ދުވަހު ކުރެވޭނޭ ސުވާލުތަކަށް ޖަވާބު ތައްޔާރުކުރުމުގައެވެ.

އޭ ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! ސާޅީސް ނުވަތަ ފަންސާސް އަހަރުވީމާ އަޅުކަންކުރުމަށް ނުތިއްބަވާށެވެ.އެހެނީ ސާޅީސް ނުވަތަ ފަންސާސް އަހަރުވަންދެން ދުނިޔޭގައި ހުންނާނޭ ކަމުގެ ޔަޤީންކަން އޮތީ ފަހެ ކާކަށްތޯއެވެ؟ މަރު އައިސް ޖެހުމާއެކު މި ދުނިޔެއަށް އަލްވަދާޢު ކިޔަން ޖެހޭނެއެވެ. މި ދުނިޔޭގައި ހޭދަކުރާ ކޮންމެ ދުވަހަކީ އަޅުގަނޑުމެން މަރާއި ގާތް ކުރާ ދުވަހެކެވެ. އެދުވަހަކާއި ބެހޭގޮތުން ސުވާލުވެވޭނޭ ދުވަހެކެވެ. ވަގުތު ފާއިތުވުމަށްފަހު ކުރާނޭ އެއްވެސްކަމެއް ނޯންނާނެއެވެ. ޤިޔާމަތްދުވަހު 'ތިމަންނަ ވެއްޔަށްވީނަމަ ކިހާ ރަނގަޅުހޭ ' ބުނާ މީހުންގެ ތެރެއިން ނުވުމަށް މަސައްކަތްކުރުމުގައި އަޅުގަނޑުމެން އެކަކު އަނެކަކަށް އެހީތެރިވަމާ ހިންގަވާށެވެ. އަޅުގަނޑުމެންގެ ޒުވާންދުވަސްވަރުއްސުރެ މަރުވަންދެން ﷲ އެންގެވިގޮތަށް އުޅުމުގައި ދެމިތިބެން މަސަކަތްކުރަމާ ހިންގަވާށެވެ. އޭރުން ﷲ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ވެގެންދާނީ ކާމިޔާބު ލިބޭމީހުންގެ ތެރެއިންނެވެ. އެހެނީ އަބޫހުރައިރާ ރަޟިޔައްﷲ ޢަންހުގެ އަރިހުން ރިވާވެގެން އައިސްފައިވާ ޙަދީޘްފުޅެއްގައިވެއެވެ. سَبْعَةٌ يُظِلُّهُمْ اللَّهُ فِي ظِلِّهِ يَوْمَ لَا ظِلَّ إِلَّا ظِلُّهُ. " ﷲ ގެ ހިޔާވަހިކަން ފިޔަވާ އެހެން އެއްވެސް ހިޔާވަހިކަމެއް ނުވާދުވަހު (ޤިޔާމަތްދުވަހު)، ﷲ ތަޢާލާ ހަތް ބަޔަކަށް އެއިލާހުގެ ހިޔާވަހިކަމުން ހިޔާވަހިކަން ދެއްވަވައެވެ." އޭގެ ތެރެއިން ދެވަނަ މީހަކަށް އައިސްފައި ވަނީ وَشَابٌّ نَشَأَ فِي عِبَادَةِ رَبِّهِ . " ﷲ އަށް އަޅުކަންކުރުންމަތީ ދެމިހުރެ ބޮޑުވެގެން އައި ޒުވާނާއެވެ."

Read more...

14 May 2012

ތައުޙީދުގެ މާތްކަން

އައްޝައިޚް އަބޫބަކްރު އިބްރާހިމް ޢަލީ
ތައުޙީދުގެ މާތްކަމާއި ތައުޙީދުގެ އަހުލުވެރީންނަށް ހުރި ޘަވާބާއި ނިޢުމަތަކީ ހިމަނާ ކޮޅުންލާކަށް ހުރި ކަމެއްނޫނެވެ. ޤިޔާމަތް ދުވަހުގެ ބިރުވެރިކަމާއި ނުރައްކަލުން ސަލާމަތް ވެގެންވާ ބަޔަކީ ހަމައެކަނި ތައުޙީދުގެ އަހުލުވެރިންނެވެ.

ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވާފައިވެއެވެ.

الَّذِينَ آمَنُوا وَلَمْ يَلْبِسُوا إِيمَانَهُمْ بِظُلْمٍ أُوْلَئِكَ لَهُمْ الأَمْنُ وَهُمْ مُهْتَدُونَ (الانعام 82)
މާނައީ: "ﷲއަށް އީމާންވެ، އަދި އެއީމާންކަމާ އެއްވެސް ބާވަތެއްގެ އަނިޔާއެއް (ޝިރުކެއް) ނުކޮށް، މަސްހުނިނުކޮށް ތިބި މީހުން ދަންނައެ، އަމާން ކަމުގައިވާނީ ހަމަ އެމީހުންނެވެ. އަދި ތެދު މަގުގައިވާ މީހުންނަކީ ހަމައެއީއެވެ."

އައްތިރްމިޛީ ގައި އަނަސް ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާ ވެގެންވެއެވެ. އޭނާ ވިދާޅުވިއެވެ. ﷲގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހަދީޘް ކުރެއްވީތީ ތިމަން އެއްސެވީމެވެ. قَالَ الله تَعَالَى يَا ابْنَ آدَمَ إِنَّكَ لَوْ أَتَيْتَنِي بِقُرَابِ الْأَرْضِ خَطَايَا ثُمَّ لَقِيتَنِي لَا تُشْرِكُ بِي شَيْئًا لَأَتَيْتُكَ بِقُرَابِهَا مَغْفِرَةً (رواه الترمذي (3540) وحسنه ، وحسنه الألباني) މާނައީ: "މާތް ﷲވަޙީ ކުރެއްވިއެވެ. އޭ އާދަމުގެ ދަރިޔާއެވެ. ކަލޭ ތިމަން އިލާހުގެ ހަޟުރަތަށް އައިސް ތިމަން އިލާހާ ބައްދަލުވާ ހިނދު ބިން ފުރޭހައި ފާފައައިގެން އައި ނަމަވެސް، ތިމަން އިލާހާ އެހެން އެއްވެސް އެއްޗަކާ ޝަރީކުނުކޮށް ހުރިކަމުގައިވާނަމަ، އެހާ ގިނައިން ފާފަ ފުއްސެވުން ތިމަން އިލާހު ދެއްވާހުށީމެވެ."

މިބަސްފުޅުން އެނގޭ ކަމަކީ އާދަމުގެ ދަރިޔާ ކިތަންމެ ބޮޑު ފާފައެއް ކުރިކަމުގައި ވީނަމަވެސް ޝިރުކު ނުކޮށް ހުރިއްޔާ، ﷲ ސުބްޙާނަހޫ ވަތަޢާލާ، އެފާފަ އޭނާގެ ކިބައިން ޢަފޫ ކުރައްވައި ފުއްސަވައި ފާނެކަމެވެ. އަދި ޝިރުކު ކުރުމުގެ ފާފަ ނުފުއްސަވާނެކަމެވެ.


ސުވާލު:
(1) ޤިޔާމަތް ދުވަހުގެ ނުރައްކަލުން އަމާން ވެގެންވާ ބަޔަކީ ކޮން ބައެއް ހެއްޔެވެ؟
(2) ތައުޙީދުގެ މާތްކަމުގެ މައްޗަށް ދަލީލް ކުރާ އާޔަތެއް ބަޔާން ކުރޭ!
(3) ތައުޙީދުގެ އަހުލުވެރިން ޤިޔާމަތް ދުވަހުން ސަލާމަތްވާނޭ ކަމުގެ މައްޗަށް އިޝާރާތް ކުރާ ހަދީޘެއް ބަޔާން ކުރޭ!
________________________________
އައްޝައިޚް އަބޫބަކްރު އިބްރާހިމް ޢަލީ ލިޔުއްވާފައިވާ "ރިސާލަތުއް ތައުޙީދި" ފޮތުން ނަގާފައި

Read more...