13 February 2010

ޤިޔާމަތް ގާތްވިވަރަކަށް ހެޔޮލަފާމީހުން ދާނީ މަދުވަމުން

އައްޝައިޚް މުޙައްމަދު އިބްރާހިމް، ޅ.ނައިފަރު
ޙަޤީޤީ ބުއްދިވެރިޔަކީ ތިމާއަށް ލިބިފައިވާ ބުއްދިން ރަނގަޅުގޮތް ވިސްނާ އެގޮތް އިޚްތިޔާރުކުރާ މީހާއެވެ. ތިމާ ހެއްދެވިފައިވަނީ ހިތު ހުރިހައި ގޮތަކަށް އުޅުމަށް ނޫންކަމާއި، ކޮންމެއެއްޗެއްވެސް ވުޖޫދަށް ގެނެވުމުގައި މަޤްޞަދެއް ވާކަން ދެނެގަންނަ މީހާއެވެ. ﷲ ތަޢާލާ އަޅަމެން ހައްދަވާފައިވަނީ ބޭކާރު ގޮތުގައެއް ނޫނެވެ. ވަރަށްވެސް ބޮޑު މަޤްޞަދަކަށްޓަކައެވެ. އެއީ އެކަލާނގެ އެއްކައުވަންތަކުރުމަށެވެ. ޚާލިޞްގޮތުގައި އެކަލާނގެއަށް އަޅުކަން ކުރުމަށެވެ. ނަމަވެސް ހިތާމައަކީ ކާފިރުން އެއްފަރާތްކޮށް މިއަދު މުސްލިމުންގެ ތެރެއަށް ނަޒަރު ހިންގާލިޔަސް އެބައިމީހުންކުރެ ގިނަ މީހުން މި މަޤްޞަދު ހަނދާންނައްތާލާފައިވާ ކަމެވެ. ޚާލިޞް މުވައްޙިދުން މިއަދު ވަރަށްވެސް މަދެވެ. ވާނީވެސް އެހެންތާއެވެ. ޤިޔާމަތް ގާތްވިވަރަކަށް ހެޔޮލަފާމީހުން ދާނީ މަދުވަމުންނެވެ.

الحَمْدُ لِلَّهِ الوَاحِدِ القَهَّارِ، العَزِيْزِ الغَفَّارِ، المَانِعِ المُعْطِي النَّافِعِ الضَّارِّ، خَلَقَ الخَلْقَ لِتَوْحِيْدِهِ وَأَنْزَلَ الكُتُبَ لِأَجْلِهِ وَجَاءَ الأَنْذَارُ فَأَبَى المُشْرِكُوْنَ إِلاَّ التَّبَرُّكَ بِالطَّوَاغِيْتِ وَالقُبَابِ وَالأَشْجَارِ وَالأَحْجَارِ، وَهَدَي اللَّهُ المُؤْمِنِيْنَ لِماَ اخْتَلَفُوا فِيْهِ مِنَ الحَقِّ فَوَحَّدُوهُ بِأَنْوَاعِ العِبَادَاتِ الَّتِيْ جَاءَتْ عَلَى لِسَانِ المُصْطَفَى المُخْتَارِ – وَأَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيْكَ لَهُ شَهَادَةَ مَنْ تَقَرَّبَ إِلَيْهِ بِمُعَادَاتِ أَعْدَائِهِ الكُفَّارُ- وَأَشْهَدُ أَنَّ مُحَمَّدً عَبْدُهُ وَرَسُوْلُهُ الَّذِي جَدَّدَ الحَنِيْفِيَّةَ السَّمْحَةَ بَعْدَ الإِنْدِثَارِ ، صَلَى اللَّهُ عَلَيْهِ وَعَلَى آلِهِ وَأَصْحَابِهِ المُهَاجِرِيْنَ وَالأَنْصَارِ وَسَلَّمَ تَسْلِيْمًا: أَمَّا بَعْدُ
ﷲ ތަޢާލާ ހައްދަވާފައިވާ މަޚްލޫޤުން ގުނައި ޢަދަދު ނުކުރެވޭހާ ގިނައެވެ. ނަމަވެސް އެ ހުރިހާ މަޚްލޫޤުންގެ ތެރެއިން އެކަލާނގެ ބުއްދި ދެއްވާފައިވަނީ މަލާއިކަތުންނަށާއި، އިންސާނުންނަށާއި ޖިންނީންނަށެވެ. ދެން މި ތިން ޤިސްމުގެ މަޚްލޫޤުންގެ ތެރެއިން އެކަލާނގެ އިޚްތިޔާރު ދެއްވާފައިވަނީ އިންސާނުންނަށާއި ޖިންނީންނަށެވެ. މަލާއިކަތުންނަކީ ހަމައެކަނި ﷲ ތަޢާލާގެ ޙުކުމްފުޅުތައް ތަންފީޛުކުރެއްވުމަށްޓަކައި އެކަލާނގެ ހައްދަވާފައިތިބި ބައެކެވެ. އެބޭކަލުންނަށް އެއްވެސް އިޚްތިޔާރެއް ﷲ ތަޢާލާ ނުދެއްވައެވެ. ދެން އިންސާނުންނާއި ޖިންނީން ދަންނައެވެ. މިދެބައިމީހުންވެސް ﷲ ތަޢާލާ ހައްދަވާފައިވަނީ ހަމައެކަނި އެކަލާނގެއަށް އަޅުކަންކުރުމަށެވެ. ނަމަވެސް ﷲ ތަޢާލާ ވަނީ މިދެބައިމީހުންނަށް އިޚްތިޔާރު ދެއްވާފައެވެ. އެކަލާނގެ ވަޙީކުރައްވާފައިވަނީ މިފަދައިންނެވެ. إِنَّا هَدَيْنَاهُ السَّبِيلَ إِمَّا شَاكِرًا وَإِمَّا كَفُورًا (سورة الإنسان3) މާނައީ : "ހަމަކަށަވަރުން ތިމަން ﷲ އޭނާއަށް (ހެޔޮނުބައި ވަކިވާނޭ) މަގު ދެއްކެވީމެވެ. (އޭނާ އިޚްތިޔާރު ކުރާނޭ މަގެއް އިޚްތިޔާރު ކުރާށެވެ.) ޝުކުރުކުރާ މީހެއްކަމުގައިވާށެވެ. ނޫންނަމަ އިންކާރުކުރާ މީހެއްކަމުގައިވާށެވެ."
ޙަޤީޤީ ބުއްދިވެރިޔަކީ ތިމާއަށް ލިބިފައިވާ ބުއްދިން ރަނގަޅުގޮތް ވިސްނާ އެގޮތް އިޚްތިޔާރުކުރާ މީހާއެވެ. ތިމާ ހެއްދެވިފައިވަނީ ހިތު ހުރިހައި ގޮތަކަށް އުޅުމަށް ނޫންކަމާއި، ކޮންމެއެއްޗެއްވެސް ވުޖޫދަށް ގެނެވުމުގައި މަޤްޞަދެއް ވާކަން ދެނެގަންނަ މީހާއެވެ. ﷲ ތަޢާލާ އަޅަމެން ހައްދަވާފައިވަނީ ބޭކާރު ގޮތުގައެއް ނޫނެވެ. ވަރަށްވެސް ބޮޑު މަޤްޞަދަކަށްޓަކައެވެ. އެއީ އެކަލާނގެ އެއްކައުވަންތަކުރުމަށެވެ. ޚާލިޞްގޮތުގައި އެކަލާނގެއަށް އަޅުކަން ކުރުމަށެވެ. ނަމަވެސް ހިތާމައަކީ ކާފިރުން އެއްފަރާތްކޮށް މިއަދު މުސްލިމުންގެ ތެރެއަށް ނަޒަރު ހިންގާލިޔަސް އެބައިމީހުންކުރެ ގިނަ މީހުން މި މަޤްޞަދު ހަނދާންނައްތާލާފައިވާ ކަމެވެ. ޚާލިޞް މުވައްޙިދުން މިއަދު ވަރަށްވެސް މަދެވެ. ވާނީވެސް އެހެންތާއެވެ. ޤިޔާމަތް ގާތްވިވަރަކަށް ހެޔޮލަފާމީހުން ދާނީ މަދުވަމުންނެވެ. މިއަދު ދުނިޔެއަށް އައިސްފައިވާ އޮއިވަރަކީ ހުޅަނގުގެ ތަހުޛީބާއި ތަމައްދުންގެ އޮއިވަރެވެ. މިއޮއިވަރުގައި ޖެހިފައިވަނީ ހަމައެކަނި ޣައިރު މުސްލިމުންނެއް ނޫނެވެ. މުސްލިމުންވެސް ވަނީ މިއޮއިވަރުގައި ޖެހި މިސްރާބު އޮޅިފައެވެ. މިހެންވާންޖެހުނީ އިސްލާމްދީނުގައިވާ ހަރުދަނާ އުޞޫލުތަކާއި އިސްލާމީ ރިވެތި އަޚްލާޤު މުސްލިމުން ދޫކޮށްލުމުގެ ސަބަބުންނެވެ. އަދި އެންމެބޮޑަށް ޙައިރާންވާންޖެހެނީ ފުރިހަމަ މުސްލިމުންކަމަށް ދަޢުވާކުރާ މީހުން ޞާލިޙު ޢަމަލުތައްކަމުގައި ހަދައިގެން އެކުރާ ކަންތައްތަކުންނެވެ. ބައެއްމީހުން އެބައިމީހުންގެ މުރާދުތައް ފުރިހަމަ ކުރުމަށްޓަކައި މަރުވެފައިތިބޭ މީހުންގެ ކިބައިން އެދި ދަންނަވަތެވެ. އަދި ބައެއްމީހުން ވަލީވެރިންނަށް ގޮވައިހަދަތެވެ. އަދި ބައެއް މީހުން ބުރަންމާނީންގެ ކިބައިން ނަސީބު ހުރިނެތްގޮތް ބަލަތެވެ. މިބައިމީހުން ދެކޭގޮތުގައި މިކަންތައްތަކަކީ އެންމެ ޞާލިޙް ޢަމަލުތަކެވެ. މި ޚުރާފާތްތަކާއި ޝިރުކުތައް އިސްލާމީ މުޖްތަމަޢުތަކުގައި ވަރަށް ބާރުމިނެއްގައި ދަނީ ފެތުރެމުންނެވެ. މީގެ ސަބަބަކީ ކޮބައިތޯއެވެ؟ އާދެ! ދަންނަވަން ޖެހޭނީ ތަޥްޙީދުގެ ދަޢުވަތުދޭނޭ ދާޢީންތަކެއް ނެތުމުގެ ސަބަބުންނެވެ. ތަޥްޙީދަކީ ކޮބައިކަން މީސްތަކުންނަށް މިވަނީ ނޭނގިފައެވެ. މުސްލިމް ޢާއްމުން ދެކޭގޮތުގައި ހަމައެކަނީ ދުލުން ﷲ ތަޢާލާ އެއްކައުވަންތައޭ ބުނުމުން މުޥައްޙިދަކަށް ވެވުނީއެވެ. ﷲ ތަޢާލާގެ އަޅުތަކުންނޭވެ! ޝައިޠާނާގެ ކެހިވެރި މަޅިން މިންޖުވޭތޯ މަސައްކަތްކުރާށެވެ. ތަޥްޙީދާއި އޭގެ ވާޖިބު ދެނެގަންނާށެވެ. އަދި އެގޮތުގައި ސާބިތުވާށެވެ. އާޚިރަތުގައި ބާއްޖަވެރިވާނެކަން ކަށަވަރީ އޭރުންނެވެ.

Read more...