26 January 2012

ކުފުރުގެ ވައްތަރުތައް

އަލްއަޚް މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު
ކުފުރު ބެހެނީ ދެބަޔަކަށެވެ.
1- މިއްލަތުން ބޭރުވާ ކުފުރު: މިވައްތަރުގެ ކުފުރުގެ ފަސް ބާވަތްވެއެވެ.
ހ_- ދޮގުކުރުމުގެ ސަބަބުން ކާފިރުވުން: ﷲ ތަޢާލާ ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައިވެއެވެ. "وَمَنْ أَظْلَمُ مِمَّنِ افْتَرَى عَلَى اللَّهِ كَذِبًا أَوْ كَذَّبَ بِالْحَقِّ لَمَّا جَاءَهُ أَلَيْسَ فِي جَهَنَّمَ مَثْوًى لِلْكَافِرِينَ" العنكبوت: ٦٨ މާނަ: "އަދި ﷲ ގެ މައްޗަށް ދޮގެއް އުފައްދައިގަތް މީހަކަށްވުރެ ނުވަތަ ޙައްޤު އައި ހިނދުން ޙައްޤު ދޮގުކުރި މީހަކަށްވުރެ ވަކިންބޮޑު އަނިޔާވެރިއަކީ ކާކުހެއްޔެވެ؟ ފަހެ ކާފިރުން ޤަރާރުވެ ތިބޭނެ ތަނެއް ކަމުގައި ނަރަކަ ނުފުދޭހެއްޔެވެ؟"

ށ- ޤަބޫލުކުރާ ޙާލު، ބޮޑާވެ ކިބުރުވެރިވުމުގެ ސަބަބުން ކާފިރުވުން: ﷲ ތަޢާލާ ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައިވެއެވެ. "وَإِذْ قُلْنَا لِلْمَلَائِكَةِ اسْجُدُوا لِآَدَمَ فَسَجَدُوا إِلَّا إِبْلِيسَ أَبَى وَاسْتَكْبَرَ وَكَانَ مِنَ الْكَافِرِينَ" البقرة: ٣٤ މާނަ: "އަދި ތިމަންއިލާހު އާދަމް ޢަލައިހިއްސަލާމަށް ތިޔަބޭކަލުން ސަޖިދަކުރައްވާށޭ މަލާއިކަތްބޭކަލުންނަށް ވަޙީކުރެއްވި ހިނދު ފަހެ އިބިލީސް މެނުވީ އެހެން ހުރިހާ ބޭކަލުން ސަޖިދަކުރެއްވިއެވެ. އަދި އެ އިބިލީސް އެކަމުން މަނާވެ ބޮޑާވެގެންފިއެވެ. އަދި އޭނާވީ ކާފިރުންގެ ތެރެއިންނެވެ."

ނ- ޝައްކުކުރުމުގެ ސަބަބުން ކާފިރުވުން: މިބާވަތުގެ ކުފުރަކީ ހީކުރުމުގެ ކުފުރެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. "وَدَخَلَ جَنَّتَهُ وَهُوَ ظَالِمٌ لِنَفْسِهِ قَالَ مَا أَظُنُّ أَنْ تَبِيدَ هَذِهِ أَبَدًا * وَمَا أَظُنُّ السَّاعَةَ قَائِمَةً وَلَئِنْ رُدِدْتُ إِلَى رَبِّي لَأَجِدَنَّ خَيْرًا مِنْهَا مُنْقَلَبًا * قَالَ لَهُ صَاحِبُهُ وَهُوَ يُحَاوِرُهُ أَكَفَرْتَ بِالَّذِي خَلَقَكَ مِنْ تُرَابٍ ثُمَّ مِنْ نُطْفَةٍ ثُمَّ سَوَّاكَ رَجُلًا" الكهف: ٣٥ – ٣٧ މާނަ: "އަދި އޭނާ އޭނާގެ ބަގީޗާއަށް ވަނީ އަމިއްލަ ނަފްސަށް އަނިޔާވެރިވެގެންވާ ޙާލުގައެވެ. (އެއީ މަޙްޝަރަށް ފޮނުއްވުމާމެދު ކާފިރުވުމާއި ޤިޔާމަތްވުމާމެދު ޝައްކުވުމާ މިބާވަތުގެ ކަންތައްތަކުގެ ސަބަބުންނެވެ.) އޭނާ ބުންޏެވެ. ދުވަހަކުވެސް މިތަކެތި ހަލާކުވެ ފަނާވެދާނެކަމުގައި އަހަރެން ހީއެއްނުކުރަމެވެ. *އަދި (އޭނާ ބުންޏެވެ.) އަހަރެން ހީކުރާގޮތުގައި ތިޔަބުނާ ޤިޔާމަތްދުވަހެއް ނާންނާނެއެވެ. (އަދި ތިބާ ތިޔަބުނާގޮތަށް ޤިޔާމަތް ޤާއިމްވެގެން) އަހުރެން އަހުރެންގެ ރައްބުގެ ޙަޟްރަތަށް ދެވުނު ނަމަވެސް އަހުރެންގެ މިބަގީޗާއަށްވުރެ މާ ހެޔޮ ރަނގަޅުތަކެތި އަހުރެންނަށް އެނބުރި ދެވޭތަނުގެ ގޮތުން ލިބޭނެއެވެ.* އޭނާގެ އެކުވެރިޔާ އޭނާއާ ވާހަކަ ދައްކާ ޙާލު އޭނާއަށް ބުންޏެވެ. ވެލީން ތިބާ ހައްދަވައި (އާދަމްގެފާނު ހައްދަވައި) ދެން މަނިފޮދުވަރަކުން ތިބާ ހައްދަވައި ދެން ބަރާބަރު ފިރިހެނަކަށް ހެއްދެވި ކަލާނގެއަށް ތިބާ ކާފިރުވީހެއްޔެވެ؟"

ރ- ފުރަގަސްދިނުމުގެ ސަބަބުން ކާފިރުވުން: އެކަމުގެ ދަލީލަކީ ﷲ ސުބްޙާނަހޫ ވަތަޢާލާގެ މިބަސްފުޅެވެ. "ذَلِكَ بِأَنَّهُمْ آَمَنُوا ثُمَّ كَفَرُوا فَطُبِعَ عَلَى قُلُوبِهِمْ فَهُمْ لَا يَفْقَهُونَ" المنافقون: ٣ މާނަ: "އެއީ (އެބައިމީހުން ދޮގުހަދައި) އަދި ނުބައި ޢަމަލުތައް ކުރަމުން އެދަނީ އެމީހުން ހަމަކަށަވަރުން އީމާންވެ، ދެން ކާފިރުވީކަމުގެ ސަބަބުންނެވެ. ދެންފަހެ އެމީހުންގެ ހިތްތަކުގައި ސިއްކަޖެއްސެވި ބަންދުކުރެއްވިއްޖެއެވެ. އެހެންވީމާ އެމީހުންނަކަށް ނުވިސްނޭނެއެވެ."

2- ކުޑަ ކުފުރު ނުވަތަ މިއްލަތުން ބޭރުނުވާ ކުފުރު: އެއީ ނިޢުމަތަށް ކުފުރުވުމެވެ. އޭގެ ދަލީލަކީ ﷲ ސުބްޙާނަހޫ ވަތަޢާލާގެ މިބަސްފުޅެވެ. "وَضَرَبَ اللَّهُ مَثَلًا قَرْيَةً كَانَتْ آَمِنَةً مُطْمَئِنَّةً يَأْتِيهَا رِزْقُهَا رَغَدًا مِنْ كُلِّ مَكَانٍ فَكَفَرَتْ بِأَنْعُمِ اللَّهِ فَأَذَاقَهَا اللَّهُ لِبَاسَ الْجُوعِ وَالْخَوْفِ بِمَا كَانُوا يَصْنَعُونَ" النحل: ١١٢ މާނަ: އަދި ﷲ ތަޢާލާ ރަށެއްގެ މިސާލު ޖެއްސެވިއެވެ. އެރަށް ވީ އަމާން އަދި ހިތްހަމަޖެހޭ ރަށެއްކަމުގައެވެ. އަދި ހުރިހާ ފަރާތްތަކަކުން އެރަށުގެ އަހުލުވެރިންނަށް ތަނަވަސްކަމާއި ފަސޭހަކަމާއެކު ރިޒްޤު އާދެއެވެ. ދެން އެރަށުގެ އަހުލުވެރީން ﷲ ގެ ނިޢުމަތަށް ކާފިރުވިއެވެ. ދެންފަހެ އޭގެ ސަބަބުން ބަނޑުހައި ހޫނުކަމާއި ބިރުވެރިކަމުގެ ލިބާސް އެމީހުންގެ ގައިގާ ﷲ ތަޢާލާ ލެއްވިއެވެ. އެއީ އެމީހުން ކުރާކަމުގައިވި ކަންތައްތަކުންނެވެ." އަދި ﷲ ތަޢާލާގެ މި ވަޙީބަސްފުޅުވެސް އެއީ މިކަމުގެ ދަލީލެކެވެ. "إِنَّ الْإِنْسَانَ لَظَلُومٌ كَفَّارٌ" إبراهيم: ٣٤ މާނަ: "ހަމަކަށަވަރުން އިންސާނާވީ (ނިޢުމަތްތަކުގެ ޝުކުރު ﷲ ނޫން ފަރާތްތަކަށް އަނބުރާލާ އެކަލާނގެ ނޫންފަރާތްތަކަށް އަޅުކަންކުރުމުގެ ގޮތުން) އޭނާގެ ނަފްސަށް އަނިޔާވެރިއަކު ކަމުގައެވެ. އަދި އެކަލާނގެއަށް ގިނަގިނައިން ކާފިރުވާ މީހަކުކަމުގައެވެ."

އޭ އަޅަމެން ހައްދަވާ ގެންގުޅުއްވާ އިލާހު! އީމާންވުމަށްފަހުގައި ކާފިރުވާ މީހުންގެ ތެރެއިން އަޅަމެން ނުލައްވާދޭނވެ! އަދި އަޅަމެންނާއި އަޅަމެންގެ ދަރިފަސްކޮޅު ކުފުރާއި ކުފުރުގެ އަހުލުވެރިންގެ ކިބައިން ސަލާމަތްކުރައްވާދޭނވެ! އާމީން ޔާ ރައްބަލް ޢާލަމީން.

Read more...

15 January 2012

ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ ދެއްވި އެއްޗެއްވިއްޔާ އޭގައި ހިފާށެވެ

އަލްއަޚް މުޙައްމަދު ޝަމްޢޫން
الحمد لله رب العالمين. والصلاة والسلام على أشرف الأنبياء والمرسلين. نبينا وحبيبنا وقدوتنا محمد وعلى آله وأصحابه ومن تبعهم بإحسان إلى يوم الدين. أما بعد.
ﷲ ސުބުޙާނަހޫ ވަތަޢާލާ އިންސާނުން ޚަލްޤުކުރައްވަވާފައިވަނީ އެއިލާހަށް އަޅުކަންކުރުމަށްޓަކައެވެ. وَمَا خَلَقْتُ الْجِنَّ وَالْإِنسَ إِلَّا لِيَعْبُدُونِ " އަދި ތިމަންއިލާހަށް އަޅުކަންކުރުމަށް މެނުވީ، ތިމަންއިލާހު އިންސީންނާއި ޖިންނީން ނަހައްދަވަމެވެ."

އެހެންކަމުން އަޅުކަންކުރާނޭ ގޮތް ބަޔާންކޮށްދެއްވެވުމަށްޓަކައި ހުރިހާ އުންމަތަކަށްވެސް، އެއިލާހުވަނީ ރަސޫލުބޭކަލުން ފޮނުއްވަވާފައެވެ. وَإِن مِّنْ أُمَّةٍ إِلَّا خلَا فِيهَا نَذِيرٌ " އަދި އެ އުންމަތަކަށް އިންޒާރުކުރައްވަވާނޭ ބޭކަލަކު އިސްވެގޮސްފައިނުވާ އެއްވެސް އުންމަތެއްނުވެއެވެ." މިގޮތުން އަޅުގަނޑުމެންގެ އުންމަތައް އެއިލާހު ފޮނުއްވެވީ އެއިލާހުގެ ލޮބުވެތި ޙަބީބް، ނަބީކަމާއި ރަސޫލުކަން ޚަތިމުކުރެއްވެވި މާތް ނަބިއްޔާ، މުޙައްމަދު ޞައްލަﷲ ޢަލައިހިވަސައްލަމައެވެ.

އާދެ! ﷲ ތަޢާލާ އެކަލޭގެފާނު ފޮނުއްވެވީ އަޅުގަނޑުމެންނަށް އެއިލާހުގެ ދީން ބަޔާން ކޮށް ދެއްވެވުމަށްޓަކައެވެ. އެއިލާހުގެ ފޮތް އުގަންނަވައި ދެއްވެވުމަށްޓަކައެވެ. ޖާހާލަތުގެ އަނދިރިކަމުން އީމާންކަމުގެ އަލިކަމަށް އަޅުގަނޑުމެން ނެރުއްވެވުމަށްޓަކައެވެ. އެހެންކަމުން އެކަލޭގެފާނުގެ އަމުރުފުޅުތަކަށް ތަބާވުމަށް އެއިލާހު ވަނީ އަޅުގަނޑުމެންނަށް އަމުރުކުރައްވަވާފައެވެ. وَمَا آتَاكُمُ الرَّسُولُ فَخُذُوهُ وَمَا نَهَاكُمْ عَنْهُ فَانتَهُوا " އަދި ރަސޫލާ ތިޔަބައިމީހުންނަށް ދެއްވިކަމެއްވިއްޔާ، އެކަމެއްގައި ހިފާށެވެ. އަދި ނަހީ ކުރެއްވެވި ކަމެއްވިއްޔާ އެކަމަކުން ދުރުވެގަންނާށެވެ." އެހެނީ އެކަލޭގެފާނު އަޅުގަނޑުމެންނަށް ބަޔާންކޮށް ދެއްވަވަނީ އެއިލާހުގެ ވަޙީއެވެ. وَمَا يَنطِقُ عَنِ الْهَوَى * إِنْ هُوَ إِلَّا وَحْيٌ يُوحَى" އަދި އެކަލޭގެފާނު ހަވާ ނަފްސަށް އެއްވެސް އެއްޗެއް ވިދާޅެއްނުވެއެވެ. (އެކަލޭގެފާނުގެ ބަސްފުޅު) އެއީ ބާވައިލެއްވެވޭ ވަޙީކަމުގައި މެނުވީ ނުވެއެވެ."

އާދެ! އަޅުގަނޑުމެން ކާމިޔާބު ބޭނުންވާ ކަމުގައި ވަނީނަމަ އަޅުގަނޑުމެންނަށް އޮތީ އެކަލޭގެފާނަށް ތަބާވުމެވެ. އެހެނީ އެކަލޭގެފާނު މަގުދައްކަވަނީ ސުވަރުގެއަށެވެ. وَإِنَّكَ لَتَهْدِي إِلَى صِرَاطٍ مُّسْتَقِيمٍ " އަދި ހަމަކަށަވަރުން ކަލޭގެފާނު މަގުދައްކަވަނީ ސީދާވެގެންވާ ތެދުމަގަށެވެ." އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްފުޅުކުރެއްވެވިއެވެ. كُلُّ أُمَّتِيْ يَدْخُلُوْنَ الْجَنَّةَ إِلاَّ مَنْ أَبَى. "އިންކާރުކޮށްފި މީހެއް މެނުވީ، ތިމަންކަލޭގެފާނުގެ އުއްމަތުގެ ހުރިހާ އެންމެން ސުވަރުގެ ވަންނާނެތެވެ." އެހިނދު ޞަޙާބީން ސުވާލު ދެންނެވިއެވެ. އޭ ﷲގެ ރަސޫލާ އެވެ. ސުވަރުގެވަންނަން އިންކާރުކުރާނީ ކާކުތޯއެވެ؟ ޖަވާބުގައި އެކަލޭގެފާނު ޙަދީޘްފުޅުކުރެއްވެވިއެވެ. مَنْ أَطَاعَنِيْ دَخَلَ الْجَنَّةَ وَمَنْ عَصَانِيْ فَقَدْ أَبَى " ތިމަންކަލޭގެފާނަށް ތަބާވެއްޖެމީހާ ސުވަރުގެ ވަންނާނެތެވެ. އަދި ތިމަންކަލޭގެފާނަށް އުރެދިއްޖެމީހާ ސުވަރުގެ ވަންނަން އިންކާރުކޮށްފިއެވެ."

ނަމަވެސް އަޅުގަނޑުމެންގެ ތެރެއިން ގިނަމީހުން ވަނީ ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ ގެނެސްދެއްވި ސާފުސީދާމަގު ދޫކޮށްލާފައެވެ. އެބައިމީހުން އެކަލޭގެފާނަށް އީމާން ނުވާ ކަހަލައެވެ. އެކަލޭގެފާނުގެ އަމުރުފުތަކަށް އެބައިމީހުން ދެމުންގެންދަނީ ބީރުކަންފަތްތަކެކެވެ. އަދި އެއަށް ތަބާނުވުމަށްޓަކައި އެބައިމީހުން ދައްކަނީ ބަހަނާތަކެކެވެ. ﷲ ތަޢާލާ އެބައިމީހުންނަށް ހިދާޔަތުދައްކަވާށިއެވެ.

އޭ ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! އެކަލޭގެފާނުގެ އަމުރުފުޅުތަކާއި ޚިލާފުވާ މީހުންގެ ތެރެއިން ވެނުލައްވަވާށެވެ. ދުނިޔެއާއި އާޚިރަތުގައިވެސް އެބައިމީހުންނަށް އޮތީ ނިކަމެތި ކަމެވެ. فَلْيَحْذَرِ الَّذِينَ يُخَالِفُونَ عَنْ أَمْرِهِ أَن تُصِيبَهُمْ فِتْنَةٌ أَوْ يُصِيبَهُمْ عَذَابٌ أَلِيمٌ " ފަހެ އެކަލޭގެފާނުގެ އަމުރުފުޅުތަކާއި ޚިލާފުވާމީހުންނަށް، (ދުނިޔޭގައި) މުޞީބާތެއް ނުވަތަ (އާޚިރަތުގައި) ވޭންދެނިވި އަޒާބު ކުރިމަތިވެދާނޭކަމަށް އެބައިމީހުން ބިރުވެތިވާ ހުށިކަމެވެ."

އޭ ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! އަޅުގަނޑުމެން ބޭނުންވަނީ ﷲ ގެ ރުހިވޮޑިގަތުމެވެ. އެ އިލާހުގެ ފުއްސެވުމެވެ. އެހެންކަމަށްވަނީނަމަ އަޅުގަނޑުމެންނަށް އޮތީ އެކަލޭގެފާނު ގެނެސްދެއްވި ގޮތުގައި ހިފުމެވެ. އެކަލޭގެފާނަށް ތަބާވުމެވެ. قُلْ إِن كُنتُمْ تُحِبُّونَ اللّهَ فَاتَّبِعُونِي يُحْبِبْكُمُ اللّهُ وَيَغْفِرْ لَكُمْ ذُنُوبَكُمْ وَاللّهُ غَفُورٌ رَّحِيمٌ " ކަލޭގެފާނު ވިދާޅުވާށެވެ. ތިޔަބައިމީހުން ﷲ އަށް ލޯބިކުރާކަމަށް ވަނީނަމަ ތިމަންކަލޭގެފާނަށް ތަބާވާށެވެ. އޭރުން ﷲ ތަޢާލާ ތިޔަބައިމީހުންދެކެ ލޯބިވެވޮޑިގަންނަވާނެތެވެ. އަދި ތިޔަބައިމީހުންގެ ފާފަތަށް ފުއްސަވައި ދެއްވާނެތެވެ. ﷲ އީ ފާފަ ފުއްސަވާ ރަޙީމްވަންތަ އިލާހެވެ." އެހެނީ އެކަލޭގެފާނަށް ތަބާވުމަކީ ﷲ އަށް ތަބާވުމެވެ. مَّنْ يُطِعِ الرَّسُولَ فَقَدْ أَطَاعَ اللّهَ " ރަސޫލާ އަށް ތަބާވެއްޖެމީހާ، ފަހެ ﷲ އަށް ތަބާވެއްޖެއެވެ." އެހެންކަމުން އަޅުގަނޑުމެންގެ ސަލަފުންވަނީ އެކަލޭގެފާނަށް ތަބާވުމުގައި ލާމަޘީލު ނަމޫނާތަކެއް ދައްކަވާފައެވެ. އިބްނު ޢުމަރު ރަޟިޔަﷲ ޢަންހުމާ އަށް ބައްލަވާށެވެ. އަދި އެކަލޭގެފާނުގެ ބައްޕާފުޅު ޢުމަރު ރަޟިޔަﷲ ޢަންހަށް ބައްލަވާށެވެ. ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ ކަމަކަށް އަމުރުކުރައްވަވައިފިނަމަ، އެބޭކަލުންގެ ބަހަކަށް ވަނީ سَمِعْنَا وَ أَطَعْنَا " އަޑުއަހައި ކިޔަމަން ވެއްޖައީމެވެ." އެބޭކަލުން ހުރިހާ ކަމެއްގައިވެސް ނަމޫނާ އަކަށް ބައްލަވަނީ އެކަލޭގެފާނަށެވެ. لَقَدْ كَانَ لَكُمْ فِي رَسُولِ اللَّهِ أُسْوَةٌ حَسَنَةٌ لِّمَن كَانَ يَرْجُو اللَّهَ وَالْيَوْمَ الْآخِرَ وَذَكَرَ اللَّهَ كَثِيرًا "ހަމަކަށަވަރުން ﷲ ގެ ރަސޫލާގެ ކިބައިގައި، ގިނަގިނައިން ﷲ ހަނދުމަކޮށް ﷲގެ ދަރުމައާއި އާޚިރަތްދުވަހުގެ ކާމިޔާބަށް އެދޭމީހަކަށްޓަކައި ރިވެތިވެގެންވާ ނަމޫނާއެއްވެއެވެ." ޢަބްދުﷲ ބިން ސަރްޖިސް ރަޙިމަހުﷲ ގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. ޢުމަރު ރަޟިޔަﷲ ޢަންހު ޙަޖަރުލްއަސްވަދަށް ބޮސްދެއްވެވުމަށްފަހު އެއާ މުޚާޠަބުކުރައްވަވާ ދެންނެވިއެވެ. ތިބާ އަކީ ގެއްލުމެއްވެސް އަދި ފައިދާއެއްވެސް ދެވޭނޭ އެއްޗެއް ނޫންކަން ތިމަން ކަލޭގެފާނަށް އެނގިވަޑައިގަންނަވައެވެ. ރަސޫލުﷲ ޞައްލަﷲ ޢަލަހި ވަސައްލަމަ ބޮސްދެއްވެވިތަން ތިމަންކަލޭގެފާނަށް ފެނިވަޑައި ނުގަންނަވާ ނަމަ، ތިމަން ކަލޭގެފާނު ތިބާ އަކަށް ބޮސް ނުދެއްވެވީމުހެވެ. الله أكبر. މިއީ ސުވަރުގޭގެ އަހުލުވެރިންގެ ސިފައެވެ. މިއީ މުމިނުންގެ ސިފައެވެ. ﷲ ތަޢާލާ އަޅުގަނޑުމެންނީ އެފަދަ ބައެއްކަމުގައި ލައްވަވާށިއެވެ. އާމީން...
و صلى الله وسلم على نبينا و حبيبنا محمد و على آله و صحبه أجمعين. و الحمد لله رب العالمين

Read more...