24 July 2011

ރޯދަ މަހާއި ރޯއްޖާއެވެ

ޢަބްދުﷲ ފަހުމީ ދީދީ ރަޙިމަހުﷲ
އޭ މާތްވެގެންވާ އިސްލާމް ތަކުންނޭވެ! އެތައް ގޮތަކުން މެދުވެރި ވެފައިވާ ދަތިކަމާއި ތަދުކަމެއް ހާސްކަމެއްގައި ތިޔަބައިމީހުން ފިލައި ނުދެތެވެ. ހަމަ ތެދު ތެދެވެ. އެއްވެސް އޮޅުމެއް ނެތް ސާފުގޮތުން ތިޔަބައިމީހުންގެ ހިތުގެ އެދުންތަކުގެ މޫނު މިއަދު އަނބުރާލައިގެންވަނީ، އެފަރާތް ފިޔަވައި ދެން ދެވަނަ ފަރާތެއް ނެތް މަތިވެރި ފަރާތަށެވެ. މުރާދު ތަކުގެ ޤިބްލަ އަށެވެ. ރަޙީމުވަންތަ އިޖާބަވަންތަ މާތް ރަސްކަލާންގެ ކިބަފުޅަށެވެ.

ހުރި އުހައުވެރިކަމެއްގެ ބޮޑުކަމާއިއެވެ! ނިޔަނެތި ނަޞީބު ވަރަށް އޯގާވެރި ގޮތަކުން، މިއަދު ތިޔަބައިމީހުންނަށް ބަލާލައިފިއެވެ. މިއޮއް އައީ ބަރަކާތްތެރި ވެގެންވާ ރަމަޟާން މަހެވެ. ޢަމަލުގެ ޘަވާބު ގިނަގުނަވާ މަހެވެ. ރަޙުމަތާއި ޢަފޫ ބާވައިލެއްވުމުގެ ޚާއްޞަ މައްސަރެވެ. ރޯދަމަހާ ރޯއްޖާއެވެ.

ޢަފޫއާއި ސަލާމަތް ހޯދައިގަތުމަށް ގަދަ އަޅާންވީއެވެ. ރަޙުމަތުގެ ވިލާގެ ފެން، ބޭނުންވަރަކަށް ނަގާންވީއެވެ. ރޯދައިގެ ޢިއްޒަތްތެރި މެހެމާނައިގެން އިޙްތިރާމްގެ ޙަފްލާއެއް ޤާއިމްކުރާންވީއެވެ. ލައިލަތުލް ޤަދްރީގެ ރޭހުން އިނާމެއް ލިބޭތޯ ތަންކޮޅެއް ނުބަހައްޓާ މަސައްކަތް ކުރާންވީއެވެ. مَنْ جَدَّ وَجَدَ އަކީ، ފިތުރަތުގެ އަލި މޮޓޯކަން ހަނދާންނެތި ނުކުރާށެވެ. މި ބަރަކާތްތެރި ޡަރްފުގައި ކިރިޔާވެސް ވިސްނައިފި ކަނބުރަކަށް އެއްދޮނުގައި ދެބުޅި ޖެހިދާނެއެވެ. ޔަޣުނީ: އިސްލާމީ ޤަވާޢިދުގެ އަސާސީ ފަސް ރުކުނުގެ ތެރެއިން، ހަތަރުވަނައަށް ގުނޭ މާތް ރޯދައިގެ ވާޖިބު ކަމުގައިވާ ރުކުން، އޭގެ ހެޔޮ މުސޫމުގައި އަދާވެވިދާނެއެވެ. މިކަމަށް ބެހެއްޓުނު އިހްތިރާމް، މިވަޤުތު ޖެހިފައިމިވާ ޙާލުތަކާމެދު ދެންނެވުނު އާދޭހެއްގެ މަޤާމުގައި ޤޫލުވެވިގެން މާތް ރަސްކަލާންގެ އެޙާލުތަކަށް ހެޔޮބަދަލު ފޮނުއްވަވާފާނެއެވެ.

ރޯދައަކީ މަތިވެރި މާނަތަކުން ފުރިގެންވާ ޚާއްޞަ އަޅުކަމެކެވެ. އިންސާނީ ޙަޔާތް ބާއްޖަވެރި ކުރުމުގެ ޤަވާޢިދު އެފަރާތަށް ގޮވާ ކަމެކެވެ. އިލާހީ ފޮތް ތަކަށް އެކަން މައްޗަށް އެއްބާރުލާ ކަމެކެވެ. އިންސާނީ ދައުރު ފެށުމާއެކު އޭގެ އާދަ ޖާރީ ވެފައިވާ މުސްކުޅި ހަރުކަމެކެވެ. ތެދުގޮތުން ރޯދައަށް ހުރި މީހަކު ދުވާލުގެ ހަވީރު އަތަށް އެޅީމާ އެވާ ގޮތްތަަކަށް އިންސާނާ ވިސްނާލައިފިނަމަ، ނިކަމެތީންނަށްވެސް ބަނޑުހައި ހޫނުކަން ލިބެނިވި ކެކުޅުންތައް ހިތަށް ކަޝްފުވާނެއެވެ. އޭރުން މާތް ވެގެންވާ އިސްލާމްދީނުގެ އަޞްލު ފަސްރުކުނުގެ ތެރެއިން ރޯދާގައި ހިމެނިފައިވާ ޙިކުމަތްތައް ވެސް ފައުޅުވާނެއެވެ. އިޤްތިޞާދުގެ އެންމެ މަތިވެރި އެއްދުސްތޫރު ކަމުގައި ރޯދަވެއެވެ. ކޮންމެވެސް ރޯދައިގެ ނަމުގައި މާބޮޑު އިސްރާފްތަކެއް ނުކޮށް ވޭތޯ ބަލާށެވެ. ރޯދަމަހު އެނޫން އިރަށްވުރެ އަޅުކަމާ ގައިގޯޅިވެ ޤުރުއާން ކިޔެވުން ގިނަކުރުމީ ރޯދައާއި އިޙްތިފާލްކުރުމުގެ އެންމެ ރިވެތި ސުންނަތެވެ.

ނޯޓް: މިއީ 01 ޝައްވާލު 1366 ގެ ސަރުކާރުގެ ޚަބަރު ، އަލްއިސްލާމް – ދީނުލްފިޠްރާ-1 އިން ނަގާފައިވާ ލިޔުމެކެވެ.

Read more...

21 July 2011

ތިމަންކަލޭގެފާނަށްފަހު އައު ނަބިއްޔަކު ނުވެއެވެ

އައްޝައިޚް އަޙްމަދު ސަމީރު ބިން އިބްރާހީމް
ޙަދީޘް : عَنْ ‏ثَوْبَانَ ‏‏قَالَ :‏ ‏قَالَ رَسُولُ اللَّهِ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏: " ‏لاَ تَقُومُ السَّاعَةُ حَتَّى تَلْحَقَ قَبَائِلُ مِنْ أُمَّتِي بِالْمُشْرِكِينَ ، وَحَتَّى يَعْبُدُوا الْأَوْثَانَ ، وَإِنَّهُ سَيَكُونُ فِي أُمَّتِي ثَلَاثُونَ كَذَّابُونَ كُلُّهُمْ يَزْعُمُ أَنَّهُ نَبِيٌّ ، وَأَنَا ‏‏خَاتَمُ ‏‏النَّبِيِّينَ ، لاَ نَبِيَّ بَعْدِي -قال ابو عيسى هذا حديث حسن صحيح قال الشيخ الألباني : صحيح

މާތް ﷲ ރުއްސުންލެއްވި ޘައުބާންގެ ކިބައިން ރިވާވެގެން ވެއެވެ. ސަލާމާއި ޞަލަވާތްލެއްވި ކީރިތި ރަސޫލާ ޙަދީޘްކުރެއްވިއެވެ." ތިމަންކަލޭގެފާނުންގެ އުންމަތުން ބައެއް ޤަބީލާތައް ޝިރުކާއި ބައްދަލުކޮށް، ބުދަށް އަޅުކަން ކޮށްފުމަށް ދާންދެން ޤިޔާމަތް ޤާއިމު ނުވާނެތެވެ. އަދި ހަމަކަށަވަރުން ތިމަންކަލޭގެފާނުގެ އުންމަތުގައި ތިރީސް ( ބައެއް ރިވާޔަތްތަކުގައި ތިރީހާ ގާތްކުރާ ޢަދަދަކަށް) ދޮގުވެރިން ދައްޖާލުން ފާޅުފާނެތެވެ. އެއިން ކޮންމެ މީހަކުވެސް އެއީ ނަބިއްޔެއްކަމަށް ދެކޭނެތެވެ. ތިމަންކަލޭގެފާނީ ނަބީކަން ޚަތުމުކުރެއްވި ސާހިބާއެވެ. ތިމަންކަލޭގެފާނަށްފަހު އައު ނަބިއްޔަކު ނުވެއެވެ."

Read more...

19 July 2011

ތައުޙީދުގެ ސަބަބުން ފާފަތައް ފުހެވިގެން ދޭ

އައްޝައިޚް މުޙައްމަދު އިބްރާހިމް، ޅ.ނައިފަރު
މާތްﷲ ވަހީކުރައްވާފައިވެއެވެ.
"الَّذِينَ آَمَنُوا وَلَمْ يَلْبِسُوا إِيمَانَهُمْ بِظُلْمٍ أُولَئِكَ لَهُمُ الْأَمْنُ وَهُمْ مُهْتَدُونَ" (الأنعام: 82)
މާނައީ: "އީމާންވެ، އެބައިމީހުންގެ ޢަމަލުތައް އަނިޔާއަކާއި، (އެބަހީ ޝިރުކަކާއި) މަސްހުނި ނުކުރިމީހުން ދަންނައެވެ. އެބައިމީހުންނަކީ އެއީ އަމާންކަން ލިބިގެންވާ މީހުންނެވެ. އަދި ހިދާޔަތް ލިބިގެންވާ މީހުންނަކީވެސް އެބައިމީހުންނެވެ."

އަދި މާތްﷲ ރުއްސުންލެއްވި ޢުބާދަތު ބުނު ޞާމިތުގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްފުޅުކުރެއްވިއެވެ.
"مَنْ شَهِدَ أَنْ لاَ إِلَهَ إِلاَّ اللهُ وَحْدَهُ لاَ شَرِيْكَ لَهُ، وَأَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ، وَأَنَّ عِيسَى عَبْدُ اللهِ وَرَسُوْلُهُ، وَكَلِمَتُهُ أَلقْاَهَا إِلَى مَرْيَمَ وَرُوحٌ مِنْهُ، وَالجَنَّةَ حَقٌّ، وَالنَّارَ حَقٌّ، أَدْخَلَهُ اللهُ الجَنَّةَ عَلى مَا كَان مِنَ العَمَلِ". (صحيح البخاري و صحيح مسلم)
މާނައީ: "މާތް ﷲ މެނުވީ އަޅުކަން ވެވުން ޙައްޤުވެގެންވާ އެހެން އެއްވެސް އިލާހަކު ނުވާ ކަމަށާއި، އެކަލާނގެ އެއްކައުވަންތަކަމަށާއި، ހަމަކަށަވަރުން މުޙައްމަދުގެފާނީ އެކަލާނގެ އަޅާކަމަށާއި، ރަސޫލާކަމަށް، އަދި ހަމަކަށަވަރުން ޢީސާގެފާނީ އެކަލާނގެ އަޅާކަމަށާއި، ރަސޫލަކުކަމަށް އަދި މަރްޔަމްގެފާނުގެ ހަށިކޮޅުގައި އެކަލާނގެ ލެއްވި " كُنْ " "ވާށޭ" މި ކަލިމަފުޅުގެ ނަތީޖާކަމަށާއި އެކަލާނގެ ހެއްދެވި ފުރާނަތަކުގެ ތެރެއިން ފުރާނައެއްކަމަށ،ް އަދި ސުވަރުގެއަކީ ޙައްޤުވެގެންވާ ތަނެއްކަމަށާއި، ނަރަކައަކީ ޙައްޤުވެގެންވާ ތަނެއްކަމަށް ހެކިވެއްޖެމީހާ ދަންނައެވެ. ﷲ ތަޢާލާ އޭނާ ކޮށްފައިވާ ޢަމަލުތަކުގެ މައްޗަށް ސުވަރުގެ ވައްދަވާނެއެވެ. "

އަދިވެސް ބުޚާރީއާއި މުސްލިމުގައި މާތްﷲ ރުއްސުންލެއްވި ޢިތުބާނު ބުނު މާލިކުގެ ކިބައިން ރިވާވެގެންވާ ޙަދީޘްފުޅުގައިވަނީ:
"فَإِنَّ اللهَ حَرَّمَ عَلَى النَّارِ مَنْ قَالَ: لاَ إِلَهَ إِلاَّ اللهُ, يَبْتَغِي بِذَلِكَ وَجْهَ اللهِ"
މާނައީ: "ހަމަކަށަވަރުން ﷲ ގެ ވަޖުހުފުޅަށްޓަކައި لاَ إِلَهَ إِلاَّ اللهُ ކިޔައިފިމީހާ ދަންނައެވެ. ފަހެ މާތްﷲ އެފަދަމީހާ ނަރަކައަށް ޙަރާމްކުރައްވައިފިއެވެ." (1)

އަދި މާތްﷲ ރުއްސުންލެއްވި أبو سعيد الخدري ގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްފުޅުކުރެއްވިއެވެ.
"قَالَ مُوسَى عَلَيْهِ السَّلاَم: يَارَبِّ! عَلِّمْنِي شَيْئاً أَذْكُرُكَ وَأَدْعُوكَ بِهِ. قَالَ: قُلْ يَامُوسَى! لا إِلهَ إِلا اللهُ، قَالَ: كُلُّ عِبَادِكَ يَقُولُونَ هَذَا، قَالَ: يَامُوسَى! لَوْ أَنَّ السَّمَاوَاتِ السَّبْعَ وَعَامِرَهُنَّ غَيْرِي وَالأَرَضِينَ السَّبْعَ فِي كِفَّةٍ، وَلاَ إِلَهَ إِلاَّ اللهُ فِي كِفَّةٍ، مَالَتْ بِهِنَّ لاَ إِلهَ إِلاَّ اللهُ" (رواه ابن حبان والحاكم وصحّحه)
މާނައީ: " މޫސާ ޢަލައިހިއްސަލާމް، ﷲ ތަޢާލާގެ ޙަޟްރަތަށް ދެންނެވިއެވެ. އޭ ހައްދަވާބޮޑުކުރެއްވި ރަސްކަލާކޮ! މިއަޅާއަށް، އިބަރަސްކަލާނގެ ހަދުމަކުރާނެ އަދި އިބަރަސްކަލާނގެއަށް ދުޢާކުރާނެ ޛިކުރެއް އުގަންނައިދެއްވާނދޭވެ! ﷲ ތަޢާލާ ވަހީކުރެއްވިއެވެ. އޭ މޫސާއެވެ. لاَ إِلَهَ إِلاَّ اللهُ މިކަލިމަފުޅު ވިދާޅުވާށެވެ. މޫސާ ޢަލައިހިއްސަލާމް ދެންނެވިއެވެ. އޭ ހައްދަވާބޮޑުކުރެއްވި ރަސްކަލާކޮ! އިބަ ﷲ ގެ އެންމެހައި އަޅުތަކުން އެ ކަލިމަފުޅު ވިދާޅުވެއެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. އޭ މޫސާއެވެ. ހަތްއުޑާއި، ތިމަން ﷲ ފިޔަވައި އެ އުޑުތަކުގެ އަހުލުވެރިންނާއި، އަދި ހަތްބިން ތިލަފަތުގެ އެއްފަރާތަށް ލައިފައި لاَ إِلَهَ إِلاَّ اللهُ އަނެއްފަރާތަށް ލައިފިނަމަ لاَ إِلَهَ إِلاَّ اللهُ ފަރާތަށް ތިލަފަތް ލެނބިގެން ހިނގައިދާނެއެވެ. (އެބަހީ لاَ إِلَهَ إِلاَّ اللهُ ގެ މާނައާއި އެކަލިމަ ވާޖިބުކުރާކަންތައްތައް މިހާވެސް ފުޅާވެ ބަރުވެގެންވެއެވެ.)"

އަދި ޙަސަން ސަނަދަކުން އަލްއިމާމުއް ތިރްމިޛީ މާތްﷲ ރުއްސުންލެއްވި އަނަސް ބުނު މާލިކުގެ ކިބައިން ރިވާކުރެއްވި ރިވާޔަތެއްގައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހަދީޘްފުޅުކުރައްވަނިކޮށް އަހުރެން އެއްސެވީމެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
" يَا ابنَ آدَمَ! لَوْ أَتَيْتَنِي بِقُرَابِ الأَرْضِ خَطَايَا، ثُمَّ لَقِيْتَنِي لا تُشْرِكُ بِي شَيْئاً، لأَتَيْتُكَ بِقُرَابِهَا مَغْفِرَةً "
މާނައީ: "އޭ އާދަމުގެ ދަރިޔާއެވެ. ތިބާ ބިންގަނޑު ފުރައި ފާފަ ހިފައިގެން ތިމަން ﷲ ގެ ޙަޟްރަތަށް އައިސް، ޝިރުކު ނުކުރާ ޙާލު ތިމަން ﷲ އާއި ބައްދަލުކޮށްފިނަމަ، އެބިންގަޑު ފުރާ ފާފަ ފުއްސެވުން ތިބާއަށް ދެއްވާ ހުށީމެވެ."

މިބާބުގައި އެކުލެވޭ މަސްއަލަތައް:
1. ﷲ ތަޢާލާގެ ދަރުމަވަންތަކަން ތަނަވަސްވެގެންވުން.
2. ﷲ ތަޢާލާގެ ޙަޟްރަތުގައި ތައުޙީދުގެ ޘަވާބު ގިނަވެގެންވުން.
3. ޘަވާބާއި އެކުއެކީ ފާފަތަކުގެ ކައްފާރާއަކަށް ތައުޙީދުވުން.
4. ސޫރަތުލް އަންޢާމުގެ 82 ވަނަ އާޔަތުގެ ތަފްސީރު (އެބަހީ ދަލީލުތަކުން އެނގި ބަޔާންވެގެންވާގޮތުން މިއާޔަތުގައި ظُلْمُ ގެ މުރާދަކީ ޝިރުކެވެ.)
5. މާތްﷲ ރުއްސުންލެއްވި ޢުބާދަތު ބުނު ޞާމިތު ރިވާކުރެއްވި ޙަދީޘްފުޅުގައިވާ ފަސް ކަންތަކަށް ފިކުރުކުރުން.
6. ހަމަކަށަވަރުން މާތްﷲ ރުއްސުންލެއްވި ޢުބާދަތު ބުނު ޞާމިތު ރިވާކުރެއްވި ޙަދީޘްފުޅާއި މާތްﷲ ރުއްސުންލެއްވި ޢިތުބާނު ބުނު މާލިކު ރިވާކުރެއްވި ޙަދީޘްފުޅު ތިބާ ޖަމާކޮށްފިނަމަ لاَ إِلَهَ إِلاَّ اللهُ ކިޔުމޭ ބުނެވޭ ބަހުގެ މާނަ ތިބާއަށް ބަޔާންވެގެން ދާނެއެވެ. އަދި (ހަމައެކަނި ދުލުން ކިޔައިލުމުންވެސް ނަޖާތުގެ ޒަރީޢާ އެއްކަމަށް ފުދޭނެއޭ ބުނެ) ކެހިވެރި މަޅީގައި ޖެހިފައިތިބި މީހުންގެ އެބަސް ޞައްޙަނޫންކަންވެސް ތިބާއަށް އެނގޭނެއެވެ.
7. މާތްﷲ ރުއްސުންލެއްވި ޢުބާދަތު ބުނު ޞާމިތު ރިވާކުރެއްވި ހަދީޘްފުޅުގައިވާ ޝަރުޠަށް ހުޝިޔާރުވުން (އެ ޝަރުޠަކީ ﷲ ތަޢާލާގެ ވަޖުހުފުޅަށްޓަކައި لاَ إِلَهَ إِلاَّ اللهُ ކިޔުން.)
8. ނަބީބޭކަލުންވެސް لاَ إِلَهَ إِلاَّ اللهُ ގެ މަތިވެރިކަމުގެ މައްޗަށް ހުޝިޔާރުވުމަށް ބޭނުންފުޅުވެ ވަޑައިގެންފައިވުން.
9. لاَ إِلَهَ إِلاَّ اللهُ މިކަލިމަފުޅު ހުރިހާ މަޚްލޫޤުންނަށް ވުރެ ބަރުވެގެން ވުމާއިއެކުވެސް މީސްތަކުން ކުރެ ކަލިމަ ދުލުން ކިޔައިގެން ތިބި ގިނަމީހުންގެ ތިލަފަތް ލުއިވާއިރު އެކަމަށް ވިސްނައި ހުޝިޔާރުވުން.
10. ހަތްއުޑުވާފަދައިން ހަތްބިންވެސް ވާކަން ނައްޞުން ސާބިތުވުން.
11. ހަމަކަށަވަރުން އެއުޑުތަކާއި ބިންތަކުގައި މަޚްލޫޤުން އާބާދު ވެފައިވާކަން ސާބިތުވުން.
12. އަޝްޢަރީ މަޒުހަބުގެ ބާޠިލު ޢަޤީދާއާ އިދިކޮޅަށް ﷲ ތަޢާލާ އަށް ސިފަފުޅުތައް ވާކަން ސާބިތުވުން. (2)
13. މާތްﷲ ރުއްސުންލެއްވި އަނަސް ބުން މާލިކްގެ ކިބައިން ރިވާވެގެންވާ ޙަދީޘްފުޅު ތިބާ ރަގަނޅަށް ދެނެގެންފިނަމަ މާތްﷲ ރުއްސުންލެއްވި ޢުތްބާން ބުން މާލިކްގެ ކިބައިން ރިވާވެގެންވާ "فَإِنَّ اللهَ حَرَّمَ عَلَى النَّارِ مَنْ قَالَ لاَ إِلَهَ إِلاَّ اللهُ يَبْتَغِي بِذَلِكَ وَجْهَ اللهِ" (މާނައީ: " ﷲ ގެ ވަޖުހުފުޅަށްޓަކައި لاَ إِلَهَ إِلاَّ اللهُ ކިޔައިފިމީހާ ދަންނައެވެ. ފަހެ ﷲ ތަޢާލާ އެފަދަމީހާ ނަރަކައަށް ޙަރާމްކުރައްވައިފިއެވެ.") މި ޙަދީޘްފުޅުގެ މުރާދަކީ ޝަރީކުކުރުން ދޫކޮށްލުންކަމާއި، ހަމައެކަނި ކަލިމަދުލުން ކިޔައިލުމަކުން ނަޖާތުގެ ޒަރީޢާއެއްކަމަށް ނުފުދޭނެކަން ތިބާއަށް އެނގޭނެއެވެ.
14. މުޙައްމަދު ޞައްލަﷲ އަލައިހި ވަސައްލަމަ އާއި ޢީސާ ޢަލައިހިއްސަލާމް އަކީ ﷲ ތަޢާލާގެ ދެއަޅުން ކަމަށާއި، ދެރަސޫލުންކަމަށް އައިސްފައި އޮތް އޮތުމާއި މެދު ވިސްނާ ފިކުރުކުރުން.
15. (އެހެން ހުރިހާ އިންސާނުންނާއި ޚިލާފަށް) ﷲ ތަޢާލާގެ (كُنْ) ކަލިމަފުޅުން ހެއްދެވުމުގައި ޢީސާ އަލައިހިއްސަލާމް ޚާއްޞަ ވެފައިވާކަން ދެނެގަތުން.(3)
16. ޢީސާ އަލައިހިއްސަލާމް އަކީ ﷲ ތަޢާލާ ހެއްދެވި ފުރާނަތަކުގެ ތެރެއިން ފުރާނައެއްކަން ދެނެގަތުން.
17. ސުވަރުގެ ޙައްޤުވެގެންވާ ކަމަށާއި ނަރަކަ ޙައްޤުވެގެން ވާކަމުގެ މައްޗަށް އީމާންވުމުގައި ހުރިމާތްކަން.
18. މާތްﷲ ރުއްސުންލެއްވި ޢުބާދަތު ބުނު ޞާމިތު ގެ ކިބައިން ރިވާވެގެންވާ ޙަދީޘްފުޅުގައިވާ ރަސޫލުﷲ ޞައްލަﷲ އަލައިހި ވަސައްލަމަގެ މިބަސްފުޅު "عَلَى مَا كَانَ مِنَ العَمَلِ" "އޭނާ ކޮށްފައިވާ ޢަމަލުތަކުގެ މައްޗަށް" ރަނގަޅަށް ދެނެގަތުން (އެބަހީ ޙަދީޘްގައި ބަޔާންވެގެންވާ ކަންތަކަށް ހެކިދިނުން ޙައްޤުވެގެންވާ ގޮތުގައި ހެކިދީފިނަމަ ކޮންމެ ގޮތަކަށް ޢަމަލުތައް ހުރިނަމަވެސް އެމީހަކު ސުވަރުގެ ވަންނާނެ އެވެ. މިއިން ދޭހަވީ އެއްޗަކީ ސުވަރުގެ ވަނުމަށްޓަކައި ތައުޙީދަކީ ޝަރުޠެއްކަމެވެ.)
19. ޤިޔާމަތްދުވަހުގައި މީސްތަކުންގެ ޢަމަލުތައް ކިރުމަށްޓަކައި ޤާއިމުކުރެވޭ ތިލަފަތުގައި ދެފަރާތް ވާނޭކަން ދެނެގަތުން.
20. ޙަދީޘްގައި ﷲ ތަޢާލާގެ ވަޖުހުފުޅު ސާބިތުވުމުން އެކަލާނގެ މޫނުފުޅުވާކަން ދެނެގަތުން. ނަމަވެސް "كَمَا يَلِيْقُ بِذَاتِهِ" އެކަލާނގެ ޒާތުފުޅާ އެކަށީގެންވާގޮތަށެވެ. އެހެނީ "لَيْسَ كَمِثْلِهِ شَيْءٌ" (الشورى: 11) އެކަލާނގެއާއި އެއްފަދަ އެހެން އެއްވެސް އެއްޗެއްނުވެއެވެ.)

މުތަރުޖިމުގެ ބަސްތައް
1- ބަޔާންވެގެން އެދިޔަ ޙަދީޘްފުޅުގައި ﷲ ގެ ވަޖުހުފުޅަށްޓަކައި "لاإله إلا الله" ކިޔައިފިމީހާ ނަރަކައަށް ޙަރާމްވެއްޖެއޭ އޮތުމުން ވިސްނަންވީ ﷲގެ ވަޖުހުފުޅަށްޓަކައި ކިޔޭނީ ކޮންގޮތަކަށްތޯ ބެލުމަށެވެ. އެންމެ ފުރަތަމަ ކަލިމައިގެ މާނައަށް ވިސްނާބަލަމާތޯއެވެ. އާދެ! ކަލިމައިގެ މާނައީ: ﷲ މެނުވީ އަޅުކަން ވެވުން ޙައްޤުވެގެންވާ އެހެން އެއްވެސް އިލާހަކު ނުވެއެވެ. ދެން ކަލިމައިގެ ވާޖިބުތަކަށް ވިސްނާ ބަލަމާތޯއެވެ. އާދެ! ކަލިމައިގެ ވާޖިބުތަކަކީީ "إِقْرَارٌ بِاللِّسَانِ" ދުލުން އިޤުރާރުވުމެވެ. "تَصْدِيْقٌ بِالجِنَانِ" ހިތުން ތެދުކޮށް ޤަބޫލުކުރުމެވެ. "عَمَلٌ بِالجَوَارِحِ" ގުނަވަންތަކުން ޢަމަލު ކުރުމެވެ. (އެބަހީ ﷲ ގެ އިލާހުވަންތަކަމަށް ހެކިދީފި ކޮންމެ ފަރުދަކަށްވެސް ވާޖިބު ވެގެންވަނީ ﷲ އެންގެވި އެންމެހައި ކަމެއްކޮށް ނަހީ ކުރެއްވި އެންމެހައި ކަމަކުން ދުރުވެގަތުމެވެ.) ދެން މިތިން ކަންތައް އެމީހެއްގެ ކިބައިގައި ފުރިހަމަ ވެއްޖެމީހާގެ ނަތީޖާއަކީ ނަރަކައަށް އެމީހަކު ޙަރާމްވެ އެމީހަކަށް ސުވަރުގެ ވާޖިބުވުމެވެ.

2- އަޝްޢަރީ މަޒުހަބުގެ މީހުން ﷲ ތަޢާލާގެ ހަތް ސިފަފުޅު ޤަބޫލުކުރެތެވެ. އަދި ބާކީ ސިފަފުޅުތައް ތައުވީލު ކުރެތެވެ. މިބައިމީހުން ޤަބޫލުކުރާ ހަތް ސިފަފުޅަކީ، ދެނެވޮޑިގެންވުމާއި، އައްސަވާ ވޮޑިގެންވުމާއި، ބައްލަވާ ވޮޑިގެންވުމާއި، ދިރިދެމި ވޮޑިގެންވުމާއި، ކުޅަދުންވަންތަވެ ވޮޑިގެންވުމާއި، އިރާދަކުރެއްވުމާއި، ކަލާމްކުރެއްވުމެވެ. މިބައިމީހުންނަށް އަޝްޢަރީންނޭ ކިޔުނީ މިބައި މީހުންގެ އިމާމު އަބުލް ޙަސަނުލް އަޝްޢަރީ އަށް ނިސްބަތްކޮށެވެ. ފަހުން މިކަލޭގެފާނު މި ބާޠިލް ޢަޤީދާއިން ތައުބާވެ، މިކަމަށް ރައްދުދީފައި "الإبَانَة" (އަލްއިބާނާ) ނަމަކަށް ކިޔާ ފޮތެއް ލިޔުއްވިއެވެ. ނަމަވެސް މި މަޒުހަބުގެ މީހުން އެބައި މީހުންގެ ގޮތެއް ދުލެއް ނުކުރިއެވެ.

3- އާދަމްގެފާނާއި އަދި ޙައްވާގެފާނު ފިޔަވައި އެންމެހައި އިންސާނުން ﷲ ތަޢާލާ ހެއްދެވީ ފިރިހެނަކާއި އަންހެނެއްގެ ޒަރިއްޔާއިންނެވެ. ނަމަވެސް ޢީސާގެފާނު ﷲ ތަޢާލާ ހައްދަވާފައިވަނީ كُنْ (ވާށެވެ.) މި ކަލިމަފުޅުންނެވެ. މަރިޔަމްގެފާނުގެ ޖިސްމުފުޅުގައި އެއްވެސް ފިރިހެނަކު ބީހުމަކާ ނުލައެވެ. މިކަން ސާބިތުކުރެއްވުމަށްޓަކައި ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. "إِنَّ مَثَلَ عِيسَى عِنْدَ اللَّهِ كَمَثَلِ آَدَمَ خَلَقَهُ مِنْ تُرَابٍ ثُمَّ قَالَ لَهُ كُنْ فَيَكُونُ" (آل عمران: 59) މާނައީ: "ހަމަކަށަވަރުން ޢީސާގެފާނުގެ މިސާލަކީ ﷲ ގެ ޙަޟްރަތުގައި އާދަމްގެފާނުގެ މިސާލެވެ. އެކަލާނގެ އާދަމުގެފާނު ވެލިން ހައްދަވައި ވަޙީކުރެއްވީ "كُنْ" ވާށެވެ. ދެން ހަމަ އެވަގުތު އާދަމްގެފާނު ޚަލްޤުވެއްޖެއެވެ." މިތާނގައި މުޞައްނިފް ރަޙިމަހުﷲ މިނުކުތާ ބަޔާންއެކުރެއްވީ ނަޞާރާއިންގެ ޖަމާޢަތެއްގެ ޢަޤީދާއިން މީސްތަކުން ތަންބީހު ކުރުވުމަށެވެ. އެބައިމީހުން ބުނެތެވެ. "إِنَّ اللَّهَ ثَالِثُ ثَلَاثَةٍ" (المائدة: 73) " ﷲ އީ ތިން އިލާހުން ކުރެ އެއް އިލާހެވެ." އެބައި މީހުން ބުނާގޮތުގައި މަރްޔަމްގެފާނާއި ޢީސާގެފާނަކީ ދެ އިލާހުންނެވެ. ބައްޕައަކާއި ނުލައި ޢީސާގެފާނު ޚަލްޤުވެވުމުން އެބައިމީހުން އެދެކަލުންނަށް އުލޫހިއްޔަތުގެ ދަރަޖަދިނެވެ. އަދި ޢީސާގެފާނުގެ ނިސްބަތް ﷲ އަށް ކުރިއެވެ. "وَقَالَتِ النَّصَارَى الْمَسِيحُ ابْنُ اللَّهِ" (التوبة: 30) "ނަޞާރާއިން ބުންޏެވެ. ޢީސާގެފާނަކީ ﷲގެ ދަރިކަލެކެވެ." سُبُحَانَهُ وَتَعَالَى عَمَّا يُشْرِكًون، ﷲ ގެ ކުޅަދުން ވަންތަކަމަށް އިޤުރާރުވުމުގެ ބަދަލުގައި އެބައިމީހުން ﷲ އާ ޝިރުކު ކުރީއެވެ.
..................................
އައްޝައިޚް މުޙައްމަދު އިބްރާހިމް ލިޔުއްވާފައިވާ ކިތާބުއްތައުޙީދި ފޮތުން ނަގާފައި

Read more...

18 July 2011

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އުފަންވެވަޑައިގަތުމުގެ ކުރީގައި ރޫމީންގެ ހާލަތު

އަލްއަޚް މުޙައްމަދު ޝާފިޢު ބިން ޢަބްދުލްޣަފޫރު
ސިޔާސީ ޙާލަތު
މިޞްރާއި ސޫރިޔާގެ މައްޗަށް ރޫމީންގެ ވެރިކަމުގެ ބާރާއި ނުފޫޒު ފޯރުވިއެވެ. އަދި ކަނޑުގެ ވިޔަފާރީގެ މަގުތައްވެސް ރޫމީންގެ ބާރުގެ ދަށަށް ގެންދިޔައެވެ. ރޫމީން ޢަދަނަށް ވެރިވެ، ރޫމީންގެ އެހީގައި މީލާދީން 340 ގައި ފުރަތަމަ ފަހަރަށް ޙަބަޝީން ޔަމަނަށް ވެރިވިއެވެ.

މީލާދީ ސަނަތުން 523 ގައި ނަޖްރާނީ މަސީޙީންގެ މައްޗަށް ޔަހޫދީ ޛޫ ނަވާސްގެ ކޮމާންޑަރުކަމުގެ ދަށުގައި ގަދަފަދަ ހަމަލާއެއް ދިނެވެ. އަދި ގަދަކަމުން މަސީޙީދީނުން އެމީހުން އަނބުރާލުމަށް މަސައްކަތްކުރިއެވެ. އަދި އެމީހުން ދީން ދޫކޮށްލުމަށް އިންކާރު ކުރި ހިނދު ކަންޒެއް ކޮނެ ދަރުއަޅައި ރޯކޮށް އެ އަލިފާންގަނޑުގެ ތެރެއަށް ދީންދޫކޮށް ކާފިރުނުވި އެންމެން އަޅައިލިއެވެ. ކީރިތި ﷲ އަލްބުރޫޖު ސޫރަތުގައި މިވާހަކަ ބަޔާންކުރައްވާ ވަޙީކުރައްވާފައިވެއެވެ. (سورة البروج 4- 7 )
قُتِلَ أَصْحَابُ الأُخْدُودِ (4) النَّارِ ذَاتِ الْوَقُودِ (5) إِذْ هُمْ عَلَيْهَا قُعُودٌ (6) وَهُمْ عَلَى مَا يَفْعَلُونَ بِالْمُؤْمِنِينَ شُهُودٌ (7)
މާނަ: "ވަޅުގަނޑުގެ އަހުލުވެރިންނަށް ލަޢުނަތް ލެއްވިއެވެ. (އެވަޅުގަނޑަކީ) ދަރުއަޅައި ރޯކޮށްފައިވާ އަލިފާންގަނޑެކެވެ. އެއުރެން އޭގެ ކައިރީގައި އިށިއިނދެ ތިބި ހިނދެވެ. މުއުމިނުންނަށް، އެއުރެން ކަންތައްކުރާގޮތް އެއުރެން ދެކެން ތިބ ޙާލުގައެވެ"

ނަޞްރާންނީންނަށް މި ބޮޑު އަނިޔާއާއި ޢަޛާބު ދިން ހިނދު ރޫމީ އަންބަރާޠޫރު ޢަރަބި ރަށްތައް ފަތަޙަކުރިއެވެ. އަދި ޙަބަޝީން ހަނގުރާމައަށް ލެންބިއެވެ. އަދި ކަނޑުގެ ލަޝްކަރެއް ތައްޔާރުކުރިއެވެ.

ރޫމީ ރަސްރަސްކަލުންގެ ޙަމަލާތައް ދޭތެރެދޭތެރެއިން ފާރިސީންނާއި ފާރިސީންގެ ބާރުގެ ދަށުގައިވާ ރަށްރަށަށްވެސް އަންނަމުންދިޔައެވެ. ފާރިސީންގެ މައްޗަށް ރޫމީން ހޯދި ކާމިޔާބީގެ ވާހަކަ ކީރިތި ޤުރުއާނުގައިވެސް ﷲ ސުބުޙާނަހޫ ވަތަޢާލާ ބަޔާންކުރައްވާފައިވެއެވެ. އަދި މައްކާގައި ތިބި މުސްލިމުން މިކަމާ އުފާކޮށް އުޅުނެވެ. އެއީ މީލާދީން 622 އާއި 628 އާ ދެމެދުއެވެ. ހިޖުރައިން 5 ވަނަ އަހަރުއެވެ. ނުވަތަ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ރަސޫލުކަމައިގެން ފޮނުއްވުމުގެ 12 އަހަރު ފަހުންނެވެ.

އިޤްތިޞާދީ ޙާލަތު
ރޫމީންގެ އިޤްތިޞާދު ބިނާވެފައިއޮތީ އެމީހުން ހިފާފައިވާ ތަންތަނުން ނަގާ ޓެކްސްގެ މައްޗަށެވެ. މީގެ އިތުރުން ވިޔަފާރިކުރުމާއި ދަނޑުވެރިކަން ފަދަ ބައެއް މަސައްކަތްތައް ކުރަމުން ދިޔައެވެ. ރިބާގެ މުޢާމަލާތްތައްވެސް ވަރަށް ގިނައިން ހިންގަމުން ދިޔައެވެ. ޚާއްޞަކޮށް މިޞްރުގެ ދަނޑުބިންތަކުން ޓެކްސްގެ ގޮތުގައި ވަރަށް ބޮޑު ޢަދަދެއް ނަގަމުން ދިޔައެވެ.

ދީނީ ޙާލަތު
ރޫމީންގެ މެދުގައި އޮތީ ނަޞާރާ ދީނެވެ. އެހެންނަމަވެސް އެއީ ﷲ ގެ ނަބިއްޔާ ޢީސާ ޢަލައިހިއްސަލާމް އެދީނައިގެން ވަޑައިގެންނެވި ޞައްޙަ ޞަރީޙާ ނަޞާރާދީނެއް ނޫނެވެ. އެމީހުން ގަޑުބަޑުކޮށްފައިވާ ދީނެކެވެ. މިގޮތުން ދީނުގެ ތެރެއަށް ފިލޯސަފީއާއި ވަސީލަތުގެ ގޮތުގައި ބުދު ބޭނުންކުރުން (މިސާލަކަށް މަރްޔަމުގެފާނުގެ ބުދު) ފަދަ ޚުރާފީ އަދި ބިދުޢަވެރި ބާޠިލް އެތައް ކަމެއް ވައްދައި މީހުންގެ ވިސްނުމާއި ފިކުރު ބަދަލުކުރުމުގެ ވަސީލަތެއްގެ ގޮތުގައި އަދި ހަތިޔާރެއްގެ ގޮތުގައި ފައްޅިތައް (ކަނީސާތައް) ބޭނުންކުރިއެވެ. އަދި އެމީހުންގެ އެ ދީނުގެ ޢިލްމު އުނގަންނައިދިނުމަށާއި އެ ބާޠިލް ޢަޤީދާ ފެތުރުމަށްޓަކައި މި ކަނީސާތަކުން ވަރަށް ގިނަ މަސައްކަތްތަކެއް ކުރިއެވެ. ޚާއްޞަކޮށް ރޫމީ އިސްތިޢުމާރުގެ ދަށަށް ގެންދާ ޤައުމުތަކުގައި ނުވަތަ އެމީހުން ހިފާ ޤައުމުތަކުގައި ނަޞާރާ ފައްޅިތައް ބިނާކޮށް ފާދީރީން ލާ ހެދިއެވެ. އަދި މިދުވަސްވަރު އެބައިމީހުންގެ މެދުގައި ވަރުގަދަ ދެ މަޛްހަބު އުފެދުނެވެ. އެއްމަޛުބަހަކީ ޢީސާގެފާނަކީ އިންސާނެއްކަމަށާއި އަދި އިލާހެއް ކަމަށް ޤަބޫލުކުރާ މަޛްހަބެވެ. އަނެއް މަޛްހަބަކީ އެއީ ހަމައެކަނި އިލާހެއްކަމަށް ޤަބޫލުރާ މަޛްހަބެވެ. ރޫމީންގެ ތެރެއިން ގިނަ މީހުން ޤަބޫލުކުރީ މީގެ ތެރެއިން ފަހުން މި ބުނެވުނު މަޛްހަބެވެ. ޢީޞާގެފާނަކީ އިލާހެއްކަމަށް ބުނާ މަޛްހަބެވެ.

އިޖްތިމާޢީ ޙާލަތު
އެމީހުންގެ އިޖްތިމާޢީ ޙާލަތު އޮތީ ވަރަށް ދަށު ދަރަޖެއެއްގައެވެ. ތަފާތުކުރުން ވަނީ އިންތިހާއަށެވެ. މިގޮތުން އެމީހުންގެ މުޖްތަމަޢު ފަންތިތަކަކަށް ބެހިފައިވެއެވެ. އެންމެ މަތީ ފަންތީގައި ހިމެނެނީ ރަސްރަސްކަލުންނާއި، ވެރިކަމުގެ ޢާއިލާއާއި ކަނީސާތަކުގެ ފާދިރީން ނުވަތަ ނަޞާރާ ދީނުގެ ޢިލްމުވެރިންނެވެ. ޢާއްމުރައްޔިތުން ލައްވާ ދަނޑުތަކުގައި ބުރަ މަސައްކަތްކުރުވަމުން ދިޔައެވެ. އަދި އެމީހުން ކުރާ މަސައްކަތުގެ މޭވާ ބޮޑެތިމީހުން ކަމުން ދިޔައެވެ. ރައްޔިތުން ތިބީ ވެރީންގެ އަޅުންގެ ގޮތުގައެވެ. ރޫމީން ހިފި ބައެއް ރަށްރަށުން އަޅުން ގެންގޮސް އެމީހުން ލައްވާ ބުރަ މަސައްކަތްކުރުވާ އަދި އެމީހުންނަށް ވޭންދެނެވި އަނިޔާކޮށް، ތަޅައި މަރާ ހެދިއެވެ. އަދި ރޫމީންގެ ތަކެތި އުފައްދާ ކާރުޚާނާ ތަކުގައި މީހުންނަށް މަޖުބޫރުކޮށްގެން މަސައްކަތްކުރުވަމުން ދިޔައެވެ.

Read more...

17 July 2011

އިންސާނާ އަބާއްޖަވެރިވާ ސަބަބުތައް

އަލްއަޚް އަހްމަދު ސަލީމް ޙުސައިން
މިއަދު އަޅުގަނޑުމެން މުސްލިމުން ޝަރުޢީ ހަމަތަކާއި، އިންތައް ގިރާކޮށް، މާތް ﷲ ގެ ޙައްދުތައް ފަހަނަ އަޅާ ގޮސް އެހެނިހެން މަގުތައް ޚިޔާރުކުރުމަށް މެދުވެރިވާ އެންމެ ބޮޑު ސަބަބަކީ ދުނިޔޭގެ ޒީނަތްތެރިކަމަށް ހެއްލި ދިއުމެވެ. އާޚިރަތުގެ މަތީން ހަނދާންނެތި ދުނިޔޭގެ އުފަލާ އަރާމުގެ ތެރެއަށް ޣަރަޤުވުމެވެ. މި ދުނިޔޭގައި އިންސާނާ ހޭދަކުރަމުންދާ ޙަޔާތުގެ ދުވަސްތަކަކީ އޭގެ ނިމުމަކާ ކުރިމަތިލާންޖެހޭނެ ޙަޔާތެއްކަން ނުވިސްނުމެވެ. ދުނިޔެއަކީ ފަނާވެދަނިވި، ކެހިވެރި ތަނެއްކަން ޤަބޫލުނުކުރެވުމެވެ. އަދި މިއަދު އިންސާނާވަނީ އޭނާ ހެއްދެވި ޚާލިޤުވަންތަ ކުޅަދުންވަންތަ ރަސްކަލާނގެ މަތީން ހަނދާންނެތި، ދެވަނަ ފަހަރަށް ދިރުއްވުމުގެ ޢަޤީދާގެ މަތީންވެސް ހަނދާންނެތިފައެވެ. ކުޑަވެސް ޝައްކެއްނެތެވެ. މި ދުނިޔެއަކީ ހެއްލުންތެރިކަމުގެ ދުނިޔެއެކެވެ. ދުނިޔެއަކީ ހުވަފެނެކެވެ.

ދުނިޔޭގެ ދަޅަތަކަށް ހެއްލި ދުނިޔެއާއިގެން އުޅޭ މީހުންނަށް ވަނީ މަގުފުރެދުމާއި ހަލާކާއި ބަރުބާދީއެވެ. އެހެންކަމުން ބުއްދިވެރީން ދުނިޔޭގެ ކުލަތަކަށާއި ދަޅަތަކަކަށް ނުހެއްލޭނެއެވެ. ޙަޤީޤީ ބުއްދިވެރިންނަކީ މި ފަނާވަނިވި ދުނިޔޭގެ ކުލަތަކަށް ނުހެއްލި މާތް ﷲއަށް ބިރުވެތިވެ ކިޔަމަންތެރިކަން އަދާ ކުރާމީހުންނެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައިވާ ބަސްފުޅެއްގެ މާނާ ގައިވެއެވެ. ''ބުއްދިވެރިޔަކީ ތިމާގޭ އަމިއްލަ ނަފްސުގެ ލަގަން ކޮންޓްރޯލްކޮށް، މަރުވުމަށްފަހު އަންނަން އޮތް ޙަޔާތަށްޓަކައި ހެޔޮ ޢަމަލުކުރާމީހާއެވެ. އަދި ނުކުޅެދުންތެރިއަކީ ތިމާގެ އަމިއްލަ ނަފްސުގެ ލަގަން ހިތް އެދޭހާގޮތަކަށް ދޫކޮށްލައިގެން ހުރެ ﷲގެ ޙަޟްރަތުން ފޮނި އުއްމީދުތައް ކުރާމީހާއެވެ.'' (ރަވާހުއް ތިރުމިޛީ ވައަޙްމަދު)

މިއަދު އަޅުގަނޑުމެން ދިރިއުޅެމުންދާ ދުނިޔެއަކީ ވަރަށް ރީތި ހެއްލުންތެރި ދުނިޔެއެކެވެ. އިންސާނާ ދުނިޔޭގެ ޒީނަތްތެރިކަމާއި ރީތިކަން ފެންނަ ހިނދު ދުނިޔެ ލިބިގަތުމަށް ފޫގަޅައި އެކަމަށްޓަކައި ވަޤުތުތައް ހޭދަކުރެއެވެ އެވެ. ނަމަވެސް މި ދުނިޔެ އަކީ ކޮންފަދަ ތަނެއްކަން ބަޔާންކުރައްވާފައިވާ ބަސްފުޅެއްގެ މާނާގައި ވެއެވެ. ''ތިޔަބައިމީހުން ދަންނާށެވެ. ދުނިޔޭގެ ދިރިއުޅުން ވާކަން ކަށަވަރީ ކުޅިވަރެއް ކަމުގައިއެވެ. އަދި މަޖަލެއްގެ ކަމުގައެވެ. އަދި ޒިނަތެއް ކަމުގައެވެ. އަދި ތިޔަބައި މީހުންގެ މެދުގައި އެކަކު އަނެކަކުގެ މައްޗަށް ބޮޑާވެގަތުމެއް ކަމުގައެވެ. އަދި މުދަތަކާއި ދަރިންނާމެދު އެކަކު އަނެކަކަށް ވުރެ ގިނަ ކަމަށް ބުނެ މޮޅު ވާހަކަ ދެއްކުމެއް ކަމުގައެވެ. ވާރޭ ފެނެއްގެ މިސާލުގައެވެ. އެފެނުން ފެން ލިބިގެން ފެޅިގަސްތަކެއް ދަނޑުވެރިން ޢަޖާއިބުކޮށްފާވެއެވެ. ދެން އެ ގަސްތައް ހިކިދެއެވެ. ދެން އެ ގަހުގެ ފަތްތައް ހިކިދެއެވެ. ދެން އެ ގަހުގެ ފަތްތައް ރީނދޫވެފައި ވަނިކޮށް ތިބާއަށް ފެންނާނެއެވެ. ދެން އެ ހިކި ހުއިތަކަކަށް ވެދެއެވެ. އަދި އާޚިރަތުގައި ވަނީ ގަދަފަދަވެގެންވާ ޢަޛާބެވެ. އަދި ﷲގެ ހަޟްރަތުން ލިބޭ ފާފަ ފުއްސެވުމަކާއި ރުއްސެވުމެކެވެ. ކެހިވެރިކަމުގެ ވަޤުތީ އުފަލެއްދޭ އެއްޗެއް ކަމުގައި މެނުވީ ދުނިޔޭގެ ދިރިއުޅުން ނުވެއެވެ.'' (ސޫރަތުލް ޙަދީދު: 20)

ދުނިޔޭގެ ރީތިކަމާ އުފަލާއި އަރާމަކީ ވަޤުތީ އަދި ކުޑަ ހިނދުކޮޅެއްގެ ކަމެކެވެ. ނިމުމެއްނުވާ އަބަދީ ނިޢުމަތްތައް ހުރީ އާޚިރަތް ދުވަހެވެ. ހެޔޮ ޖަޒާ ގެ ދުވަހެވެ. ހެޔޮ ޖަޒާ އާއި ނުބައި ޖަޒާ އެވެ. އެހެންކަމުން ޙަޤީޤީ ކާމިޔާބީ އާއި ބާއްޖަވެރިކަން ލިބޭ ހުށީ އެ ދުވަހުންނެވެ. ކީރިތި ޤުރުއާނުގައި މާތް ﷲ ވަޙީ ކުރައްވާފައިވާ ބަސްފުޅެއްގެ މާނާގައި ވެއެވެ. '' އާޚިރަތަށް ވުރެ ދުނިޔޭގެ ދިރިއުޅުމަށް ތިޔަބައިމީހުން ރުހެނީ ހެއްޔެވެ؟ ދުނިޔޭގެ އުފަލާއި އަރާމަކީ އާޚިރަތާއި އަޅާ ބަލާއިރު މަދު އެތިކޮޅެއްކަމުގައި ނޫނީ ނުވެއެވެ.(ސޫރަތުއް ތައުބާ:38)

މިގޮތުން އިންސާނާ ގެއްލުމާއި އަބާއްޖަވެރިކަމުގެ ތެރެއަށް ގެންދަނީ ދުނިޔެވީ އެދުންވެރިކަމާއި މުދަލުގެ ދަހިވެތި ކަމެވެ. އޭގެ ސަބަބުން އިންސާނާ ވަނީ ދުނިޔޭގެ ކަންކަމުގައި މަޝްޢޫލުވެ، މާތް ﷲ އާއި އާޚިރަތް ދުވަހުގެ މަތީން ހަނދާންނެތިފައެވެ. އަދި މާތް ﷲއަށްޓަކާ އަޅުކަމުގައި ހޭދަކުރާ ވަޤުތު ތަކުގައިވެސް އޭނާގެ ހިތްވަނީ ދުނިޔެވީ އެދުންތަކާ އެކުގައެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައިވާ ބަސްފުޅެއްގެ މާނާގައިވެއެވެ. ''ދީނާރާއި ދިރުހަމުގެ އަޅާއަށް ހަލާކު ހުއްޓެވެ.'' (ރަވާހުލް ބުޚާރީ)

މިގޮތުން ޢިލްމުވެރީން ވަނީ އިންސާނާ ބާއްޖަވެރިވާނެ ގޮތްތަކާއި އަބާއްޖަވެރިވެ، ކަސިޔާރު މަގު ޚިޔާރުކުރުމުގެ ސަބަބުތައް ބަޔާންކޮށް ދެއްވާފަވެއެވެ. ޢިލްމުވެރީން ވިދާޅުވާގޮތުގައި އިންސާނާއަށް އަބާއްޖަވެރިވެ، ނުސީދާ މަގު ޚިޔާރުކުރަނީ ދިހަ ކަމެއްގެ ސަބަބުންނެވެ. އެއީ:
1- ކެއުމުގައި ޙައްދުފަހަނަ އަޅައި ދިއުން.
2- ޝަހުވާނީ ކަންތަކުގައި ޙައްދުފަހަނަ އަޅާ ދިއުން.
3- ޙަސަދަވެރިކަމާއި ނީހަވެރިކަން.
4- ރުޅި ކޮންޓްރޯލް ނުކުރެވުން.
5- ދަހިވެތިކަން.
6- މުދަލަށް ބޫތުކެއުން.
7- ޖާހާއި ޢިއްޒަތް ދެކެ ލޯބިވުން.
8- ދެއްކުންތެރިކަން.
9- ބޮޑާކަމާއި ކިބުރުވެރިކަން.
10- އަމިއްލަ ނަފްސާއި މެދު ބޮޑާވުން.

މިފަނާވަނިވި ދުނިޔޭގެ ރީތިކަމުގެ ތެރެއަށް ގެއްލި، އާޚިރަތް ދުވަސް މަތީން ހަނދާންނެތި ދިއުމުގެ މައިގަނޑު ސަބަބަކީ މިކަންތައްތަކެވެ. މުދަލުގޭ ދަހިވެތިކަމާއި ތިމާގެ މަޤާމާއި ޖާހަށްޓަކައެވެ. އަމިއްލަ ނަފްސާއި މެދު ބޮޑާވެ، ކިބުރުވެރިކަމާއި ޙަސަދަވެރިކަމުންނެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައިވާ ބަސްފުޅެއްގެ މާނާ ގައިވެއެވެ. ''ދުނިޔެއަކީ ހަމަކަށަވަރުން ފޮނި ފޮނި އެއްޗެކެވެ. (އެބަހީ ހެއްލުންތެރިކަން ބޮޑު ތަނެކެވެ.) އަދި ތިޔަބައިމީހުން ދުނިޔޭގައި (ބިމުގައި) ޚަލީފާއިން ކަމުގައި ﷲ ލެއްވެވިއެވެ. ފަހެ ތިޔަބައިމީހުން ދުނިޔެއާއި މެދު ބިރުވެތިވާށެވެ. އަދި އަންހެނުންނާއި މެދު ރައްކާތެރިވެ ބިރުވެތިވާށެވެ.''( ރަވާހުއް ތިރުމިޛީ ވައިބްނުމާޖާ)

މިއީ ތެދު ހަޤީޤަތެއްކަން ހެޔޮ ވިސްނޭ ކޮންމެ މީހަކުވެސް ޤަބޫލުކުރާނެއެވެ. ބާއްޖަވެރިކަމާއި ފަލާހް ލިބޭނީ ހަރުދަނާ އީމާންކަމާއެކު މާތް ﷲ އަށް ޠާޢަތްތެރިވެގެންނެވެ. މުއުމިނުންނަކީ އެމީހުންގެ ޢަމަލުންނާއި ބަހުން އީމާންކަމުގެ ތެދުކަން ހާމަކޮށްދޭ ބައެކެވެ. މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައިވާ ބަސްފުޅެއްގެ މާނާ ގައިވެއެވެ. ''ތިޔަބައިމީހުން ހަ ކަމަކަށް ޖާމިނުކަން ދީފިނަމަ ތިޔަބައިމީހުންނަށް ސުވަރުގެ ލިބޭނެކަމަށް ތިމަންކަލޭގެފާނު ޖާމިނުވެވަޑައިގަންނަވަމެވެ. (އެއީ ވާހަކައެއް ދައްކައިފިނަމަ ތެދު ބުނާށެވެ. ވަޢުދެއް ކޮށްފިނަމަ އެ ވަޢްދެއް ފުއްދާށެވެ. އަދި އަމާނަތަކާ ޙަވާލުވެއްޖެނަމަ އެ އަމާނާތެއް އަދާކުރާށެވެ. އަދި ތިޔަބައިމީހުންގެ ލަދުވެތި ގުނަންތަކަށް ރައްކާތެރިވާށެވެ. އަދި ލޯތައް ތިރިކުރާށެވެ. އަދި ތިޔަބައިމީހުން އަނެކުންނަށް އުނދަގޫ ލިބޭ ކަންތައްތަކުން ދުރުހެލިވެތިބޭށެވެ.'' (ރަވާހު އަޙްމަދު)

Read more...

14 July 2011

ޖިންނިއަކާއި އެކު ދެކެވުނު ވާހަކަތަކެއް

ތަރުޖަމާ:އުއްމު ކުލްސޫމް
އަހަރެމެން ކީރިތި ޤުރުއާނާއި ނަބިއްޔާ (صلى الله عليه وسلم) ގެ ސުންނަތް ކިޔާ އެޤަބޫލު ކުރަމެވެ. އަހަރެމެންނަށް އޭގައި ބަޔާންކުރެވިފައިވާ ކަންތައްތައް ފެނި ހެކި ނުވެވުނު ކަމުގައިވިޔަސް އަހަރެމެން އެއްވެސް ޝައްކަކާއި ނުލާ އެޤަބޫލު ކުރަމެވެ. ބައެއް ފަހަރު ﷲ ގެ ރަޙްމަތް ފުޅުން އަހަރުމެންނަށް، މިފަދަ ކަންތައްތައް ދެކި އަޑު އެހުމުގެ ނަސީބުލިބެއެވެ. އޭގެ ސަބަބުން އަހަރެމެންގެ ހިތުގެ ޘާބިތުކަން އިތުރުވާފަދަ ކަންތައްތަކެވެ. މިފަދަ ނިޢްމަތަކަށް އަހަރެމެން ﷲ ތަޢާލާއަށް ޙަމްދުކުރަމެވެ. މިހެންކަމުން އަހަރެންނަށް ދިމާވި މިޙާދިޘާ ތިއަޚުންނާއި އުޚްތުންނާއި އެކު ޙިއްޞާ ކޮށްލާނަމެވެ. މިއީ ތިޔަ އަޚުންނާއި އުޚްތުންގެ އީމާންތެރިކަން އިތުރުކޮށްދޭނެ ފަދަ ހަދިޔާއެއްކަމަށް ވާނެކަމުގައި އުއްމީދު ކުރާ ޙާލުގައެވެ.

ފާއިތުވެދިޔަ މަހުގައި އަހަރެން ޕާކިސްތާނަށް ކުރިދަތުރެއްގައި ޖިންނި އަވަލާފައިވާ އަންހެން ކުއްޖަކަށް ކިޔެވުމުގެ ފުރުޞަތު ލިބުނެވެ. އަހަރެން މިކަމުގެ ހުރިހާ ތަފްޞީލެއް ކިޔައިދޭކަށް ނެތީމެވެ. އަހަރެމެން އެތަކެއްޗާއި މެދު ގިނަގިނައިން އަޑުއަހާ ނަމަވެސް ދެކިފައިނުވާ، ﷲ ތަޢާލާގެ ޚަލްޤުތަކުގެ ތެރެއިންވާ މިޖިންނިއާއި އަހަރެންނާއި ދެމެދު ދެކެވުނު ވާހަކަ ތަކަކީ ޙިއްޞާކޮށްލުން ޙައްޤު ވާހަކަ ތަކެއްކަމުގައި ދެކެމެވެ. މިދެކެވުނު ވަހާކަތައް ދެކެވިފައިވަނީ އުރުދޫ އަދި ޕަންޖާބީ ބަހުންނެވެ. މިލިޔުމުގައި މިހިމަނާލަނީ ހުރިހާ ވާހަކަތައް ފުރިހަމަކޮށްނެއް ނޫނެވެ. ނަމަވެސް އޭގެ ބައިތަކެކެވެ.

އަހަރެން ބަންގިންނާއި ޤުރުއާނުގެ ބައެއް އާޔަތްތަކުން ފެށީމެވެ. އޭތި (ނުވަތަ އޭނަ) ދެކޮޅުހެދުން ހުއްޓާލާ އަހަރެންނާ ވާހަކަ ދެއްކުމަށް އެއްބަސް ކުރުވުމަށެވެ. އެއީ ސީތާ ކިޔާ އަންހެން ޖިންނިއެކެވެ. އޭނާ މުސްލިމް އަންހެން ކުއްޖަކަށް ހައެއް ނުވަތަ ހަތް އަހަރު ވަންދެން ގޯނާ ކޮށްފިއެވެ. އެއީ އޭނާ އަމިއްލަ އަށް ފެށިކަމެއް ނޫނެވެ. އެހެންނަމަވެސް މީހަކު ސިހުރު ހަދައިގެން އޭނާ މެދުވެރި ކުރުވީއެވެ. ނަޞޭހަތެއްގެ ގޮތުން އަހަރެން އެންމެ ފުރަތަމަ އޭނާއަށް އިސްލާމް ވުމަށް ގޮވާލީމެވެ. ކަންދިމާ ކުރިގޮތުން އެފަހަރަކީ މީހަކު އޭނާއަށް އިސްލާމްވުމަށް ގޮވާލި ފުރަތަމަ ފަހަރެވެ. އެހެންކަމުން އޭނާއަށް ކުޑަ ސިހުމެއް ލިބުނެވެ.

ސީތާ: ”އަހަންނަށް މުސްލިމަކަށް ވެވޭނީ ކިހިނެއްހެއްޔެވެ.؟“
އަހަރެން: ”ނުވެވޭންވީ ކީއްވެހެއްޔެވެ؟ ކޮންމެ މީހަކަށްވެސް މުސްލިމަކަށް ވެދިދާނެއެވެ.“
ސީތާ: ”އެކަމަކު އަހަރެންނަކީ ވަރަށް ނުބައިނުލަފާ އެއްޗަކީމެވެ. އަދި އަހަރެން ވަރަށް ގިނަ ނުބައި ޢަމަލުތައްވެސް ކޮށްފައިވާނެއެވެ.“
އަހަރެން: ”އެއީކީ މައްސަލެއްނޫނެވެ. ކަލޭ އިޚްލާޞްތެރިކަމާ އެކު ތަޥްބާ ވެއްޖެނަމަ ކަލެއަށް ފާފަ ފުއްސަވާ ދެއްވަވާނެއެވެ. އަހަރެންގެ ރައްބަކީ ގިނަގިނައިން ފާފަފުއްސަވާ ދެއްވާ އިލާހެވެ.“
ސީތާ: ”އެކަމަކު އަހަރެންމީ ޤަރުނުތަކެއް ވަންދެން ހިންދޫ އެއްކަމުގައިވީ އެއްޗެކެވެ. މިހާރު އަހަންނަކަށް ބަދަލެއް ނުވެވޭނެއެވެ.“
އަހަރެން: ”އިސްލާމްދީނަކީ ޙައްޤުދީންކަން ކަލޭ ޤަބޫލުކޮށްފިނަމަ ހަމަޔަޤީނުންވެސް ކަލެއަށް ބަދަލުވެވޭނެއެވެ. ކަލޭ ދުނިޔޭގެ ކަންކޮޅުތަކުގައި ދަތުރުކޮށް އިސްލާމްދީނާއި ބެހޭގޮތުން އޮޅުން ފިލުވަންވީ ނޫންހެއްޔެވެ؟ ކަލެއަށް ނުލާހިކު އަވަހަށް، ދުރު ރާސްތާތަކަށް ދަތުރުކުރުމުގެ ބާރު ލިބިގެން ވޭނޫންހެއްޔެވެ؟ މިކަން ހޯދާ ބަލައިފިނަމަ ކަލޭފަދަ ޖިންނީން (އެހެންނަމަވެސް މުސްލިމް) ފެންނާނެއެވެ. އެމީހުންނާއި ވާހަކަދައްކާ އަހާބަލަށެވެ. އެމީހުން ކަލެއަށް ދަސްކޮށްދޭނެއެވެ.“
ސީތާ: ”އާ، އަހަންނަށް އިނގެއެވެ. (މުސްލިމް ޖިންނީންގެ) ބޮޑެތި ޤާފިލާ ޤާފިލާތައް އަހަރުމެންގެ ކައިރިންލާފައި ދެއެވެ. އަހަރުމެން އެތަކެއްޗަށް މަލާމަތްކޮށްހަދާ އުޅެމެވެ.“
سبحان الله! އެނާ މިހެން ބުނުމުން ހަމަހަޤީޤަތުގައިވެސް އަހަރެން ވަރަށް އަޖައިބުވިއެވެ. އެކަމުން އަހަރެންގެ ހަނދާނަށް އައީ ޖިންނި ސޫރަތުގެ ފުރަމަ އާޔަތެވެ.
”قُلْ أُوحِيَ إِلَيَّ أَنَّهُ اسْتَمَعَ نَفَرٌ مِنَ الْجِنِّ فَقَالُوا إِنَّا سَمِعْنَا قُرْآنًا عَجَبًا“
”ކަލޭގެފާނުވިދާޅުވާށެވެ! ޖީންނީންގެ ތެރެއިން ބަޔަކު (ޤުރުއާނުގެ) އަޑު އަހައިފިކަމަށް، ތިމަންކަލޭގެފާނަށް ވަޙީ އިއްވަވައިފިއެވެ. ފަހެ (އެބައިމީހުންގެ ޤައުމުގެ މީހުންނަށް) އެބައިމީހުން ބުންޏެވެ. ހަމަކަށަވަރުން، ތިމަންމެން ޢަޖައިބުވާފަދަ ޤުރުއާނެއްގެ އަޑު އަހައިފީމެވެ.“ (ސޫރަތް އަލްޖިން - 1)

އަހަންނަށް ސިފަވެގެންދިޔައީ ޖިންނީންގެ ބައިގަނޑެއް، އަދި މިހާރުވެސް އެމީހުން ޤާފިލާތަކުގައި ދަތުރުކުރަމުންދާ މަންޒަރެވެ.
އަހަރެން: ”ކަލޭމެން އުޑުތަކަށް އަރާ މަލާއިކަތް ބޭކަލުން ދައްކަވާ ވާހަކަފުޅު އަޑުއެހުމަށް މަސައްކަތް ކުރާއި ކަލޭމެންނަށް މަލާއިކަތް ބޭކަލެއް ފެނިފައި ނުވޭހެއްޔެވެ؟“
ސީތާ: ”އާނ، އެބޭކަލުން އަހަރެމެންނާއި ދިމާލަށް ހިލަ އުއްކަވައެވެ. އަހަރެންގެ ގައިގައި އެހިލަތަކުން އެތައް ފަހަރަކު ޖެހިފައިވެއެވެ. އޭގެން ހިލަޔަކުން ޖެހި އަހަރެންގެ އަތްވެސް ބިންދައިގެން ގޮސްފައިވެއެވެ.“

ހިނދުކޮޅަކަށް އަރެންގެ ވިންދު ހުއްޓުނު ކަހަލައެވެ. އަހަރެންގެ އަމިއްލަނަފްސުގެ މައްޗަށް ބާރެއް ނުފޯރުވުނެވެ. އުޑާދިމާލަށް ބަލަން ގަނޑުވެފައި ސިކުންތުކޮޅަކަށް ހުރެވުނެވެ. އުޑުގެ މަތީގައި، ﷲ ތަޢާލާގެ ވަރުގަދަ ފާރަވެރިން ކަމުގައިވާ މަލާއިކަތުން، އެއުޑުތައް ދިފާޢުކޮށް ހިމާޔަތް ކުރުމުގައި ދެމިތިއްބަވައެވެ. އެބޭކަލުން ގިނި ހިލަތައް (ސީތާ ބުނިފަދައިން) އެއުޑުތަކަށް އެރުމަށް މަސައްކަތް ކުރާ ޝައިޠާނުންނާއި ދިމާއަށް އުއްކަވައެވެ. ޤުރާނުގައި އަންގަވާފައިވާ ގޮތަށް އެއްވެސް ތަޢާރުޟު ވުމެއް ނެތިއެވެ.
”وَأَنَّا لَمَسْنَا السَّمَاءَ فَوَجَدْنَاهَا مُلِئَتْ حَرَسًا شَدِيدًا وَشُهُبًا . وَأَنَّا كُنَّا نَقْعُدُ مِنْهَا مَقَاعِدَ لِلسَّمْعِ فَمَنْ يَسْتَمِعِ الآنَ يَجِدْ لَهُ شِهَابًا رَصَدًا“
”އަދި ތިމަންމެން އުޑުގެ ޚަބަރު ހޯދަން އުޅުނީމެވެ. ފެހެ، ތިމަންމެންނަށް އެތަންފެނުނީ، ބަލަހައްޓަވާ، ގަދަފަދަ މަލާއިކަތުންނާއި، ގިނަހިލަތަކުން ފުރިފައެވެ. އަދި ތިމަންމެން އެ އުޑުގެ ތަންތަނުގައި އަޑުއަހަން އިށީނދެ ތިބޭކަމުގައިވީމުއެވެ. ފަހެ، މިހާރު އެއަޑު އަހަންއުޅޭމީހަކަށް ފެންނަހުށީ ފާރަލައިގެންވާ ގިނަހިލައެކެވެ.“ (ސޫރަތް އަލްޖިން: 8-9)
”إِنَّا زَيَّنَّا السَّمَاءَ الدُّنْيَا بِزِينَةٍ الْكَوَاكِبِ . وَحِفْظًا مِنْ كُلِّ شَيْطَانٍ مَارِدٍ . لا يَسَّمَّعُونَ إِلَى الْمَلإ الأعْلَى وَيُقْذَفُونَ مِنْ كُلِّ جَانِبٍ . دُحُورًا وَلَهُمْ عَذَابٌ وَاصِبٌ . إِلا مَنْ خَطِفَ الْخَطْفَةَ فَأَتْبَعَهُ شِهَابٌ ثَاقِبٌ“
”ހަމަކަށަވަރުން، ތިމަންއިލާހު އަލިގަދަ ތަރިތަކުގެ ޒީނަތްތެރިކަމުން އެންމެކައިރި އުޑު ޒީނަތްތެރި ކުރެއްވީމެވެ. އަދި ނުކިޔަމަންތެރި ކޮންމެ ޝައިޠާނެއްގެ ކިބައިން އެއުޑު ރައްކާތެރިކުރެއްވީމެވެ. މަތިވެރިވެގެންވާ ޖަމާޢާތުން ދައްކަވާ ވާހަކަފުޅަށް (އެބަހީ: މަލާއިކަތުން ދައްކަވާ ވާހަކަފުޅުތައް) އަޑުއެހުމަކަށް އެޝައިޠާނުންނަށް ކުޅަދާނަވެގެނެއް ނުވެއެވެ. އަދި ހުރިހާ ފަރާތަކުން އެޝައިޠާނުންނާ ދިމާޔަށް ގިނިހިލަ އުއްކަވާނެއެވެ. ބޭރުކޮށް ފައްސާލުމުގެ ގޮތުންނެވެ. އަދި ކެނޑިގެންނުދާނެ ޢަޛާބު އެބައިމީހުންނަށް ހުއްޓެވެ. ކުއްލިގޮތެއްގައި ސިއްރުން އެހުމެއް އަހައިފިނަމަ، ޝައިޠާނަކު މެނުވީއެވެ. ފަހެ، އެޝައިޠާނާގެ ފަހަތުން ތޮރުފައިލާފަދަ ގިނިހިލައެއް ފޮނުއްވާހުއްޓެވެ.“(ސޫރަތް އައްޞާއްފާތު: 6-10).

ﷲ ގަންދީ ހުވާކޮށްބުނަމެވެ. މިބަސްތައް މީހަކަށް އަޑުއިވިއްޖެ ނަމަ، ފަހެ އެމީހެއްގެ ލޮލުން ކަރުނަތައް ފުރި އޮހޮރިގެން ނުދާންވީ އެއްވެސް ސަބަބެއް އަހަރެންގެ ވިސްނުމަކަށް ނާދެއެވެ. އުފާވެރިކަމުގެ ކަރުނަތަކެވެ. ފުދިގެންވާ އުފާވެރިކަމެއްގެ ހިތްހަމަޖެހުމެވެ. سبحان الله! ޣައިބުގައިވާ (ލޯތަކަށް ވަންހަނާވެގެންވާ) ކަމެއްގެ ވާހަކަ އެކަން ދެކިފައިވާ އެކަންތައްތަކަށް އީމާންނުވާ އެކަން ޤަބޫލު ނުކުރި އެއްޗެއްގެ ދުލުންކިޔާދެވުނު ހިނދެވެ. އަދި މިވާހަކަ އަޑުއަހާމީހާއަށް ކުރާނެ އަޘަރާއިމެދު ފިކުރު ހިންގާލުމެއްވެސް ނެތިއެވެ. ހަމައެކަނި އަހަންނެއް ނޫނެވެ. އަހަރެން ދުނިޔޭގައި ދިރި ހުރިހާ ހިނދަކު އަހަރެންގެ ފަރާތުން މިވާހަކަ އަޑު އަހާނޭ ކޮންމެ މީހެކުވެސް މެއެވެ.

އަހަރެންނާއި މިޖިންނިއާއި ދެމެދު ދެކެވުނު ވާހަކައިން، އޭނާއަކީ ސިކުންގެ ތެރެއިންވީ އެއްޗެއްކަމާއި، އޭނާ، (މިހާރުމަރުވެފައިވާ) ހިންދޫ (ފިރިހެން) ޖިންނިއަކާ ކައިވެނިކޮށް އޭތީގެ ދީނަށް ބަދަލު ވީކަން އެގުނެވެ. އަދި އޭނާ ޤަބޫލު ކުރީ ފިރިމީހާގެ ދީނަކީ އޭނާގެވެސް ދީން ކަމެވެ. އަދި އޭނާއަކީ މަރުވެފައިވާ ނުބައިމީހެއްގެ ފުރާނަކަމަށް ބުނެ އޮޅުވާލަން މަސައްކަތް ކުރިއެވެ. މީގެ ކުރިން އޭނާއާއި ދިމާވި އެންމެންނަށް ވެސް މިފަދައިން ބުނެ އޮޅުވާލަމުން ގެންދިޔައެވެ. އެހެންނަމަވެސް އަހަރެން އޭނާ ހަދަމުން ދިޔަ ދޮގުތަކަށް ރައްދުދޭން ފެށުމުން އޭނާ އަދި މަރުނުވާކަމަށް އެއްބަސް ވިއެވެ.

އޭނާ މިކަމާއި (އަހަރެން އޭނާއަށް ހުށައެޅި ކަންތައްތަކާއި) މެދު ވިސްނުމަށް ފުރުޞަތު ދިނުމަށް އޭނާ އަހަރެން ގާތުގައި އެދުނެވެ. އެހެން ނަމަވެސް އަހަރެން އޭނާއަށް މަރާއި ޤިޔާމަތް ދުވަހާއި ބެހޭގޮތުން ހަދާން ކޮށްދިނުމުން، ޢާއްމުގޮތެއްގައި އެސޮރުމެން ބުނަމުން އަންނަ ބުނުމެއް އޭނާވެސް ބުންޏެވެ. ”އަހަރެމެން އުފެދިފައިވަނީ އަލިފާނުން ކަމުގައިވާއިރު، އަލިފާނުން އަހަރުމެންނަށް ޢަޛާބު ދެވޭނީ ކިހިނެއް ހެއްޔެވެ؟“; އެކިފަހަރުމަތިންވެސް އޭނާ ބުނީ އޭނާގެ ދީން ބަދަލުކުރުމަށް ބޭނުން ނުވާ ވާހަކައެވެ. އެންމެ ފަހުން އޭނާގެ އަޞްލު ޙަޤީޤަތާއި ޠަބީޢަތް ހާމަކޮށްދޭ ފަދަ ބުނުމެއް އޭނާ ބުންޏެވެ.
”ﷲ އީ ޚާލިޤުކަން އަހަރެންނަށް އެނގެއެވެ. އެހެންނަމަވެސް އެއިލާހު ކުރިމަތީގައި ސަޖިދައެއް ނުކުރެވޭނެއެވެ.“
لا حول ولا قوة إلا بالله ހަމަ އެދެކޮޅު ހެދުމެވެ. އެބޮޑާކަމާއި ކިބުރުވެރިކަމެވެ. އިބިލީހަށް، ﷲ އީ އޭނާގެ ޚާލިޤުކަން ޔަޤީންވާ ޙާލުގައި ވެސް ސަޖިދަ ކުރުމަށް ދެކޮޅު ނުހަދާ ހެއްޔެވެ؟
”...فَسَجَدُوا إِلا إِبْلِيسَ أَبَى وَاسْتَكْبَرَ وَكَانَ مِنَ الْكَافِرِينَ“
”ފަހެ، އިބިލީސް ފިޔަވައި، އެމަލާއިކަތުން ސަޖިދަ ކުރެއްވިއެވެ. އެކަލޭގެ އަކަމުން މަނާވެގަނެ، ކިބުރުވެރިވީއެވެ. އަދި ކާފިރުންގެ ތެރެއިން އެކަލޭގެވިއެވެ.“
(ސޫރަތް އަލްބަޤަރާ - 34)
ކަލޭ ތިކަންތައް ކުރަނީ ހަމަ ކަލޭމެންގެ ސާހިބާ އިބްލީސް ކަންތައް ކުރިގޮތަށޭ އޭތި ކައިރީ ބުނުމުން އޭނާ ޖަވާބުގައި ބުންޏެވެ.
”އަހަރެމެން އެންމެންނަކީ އެއް ޠަބީޢަތެއްގެ ބައެކެވެ.“ (أعوذ بالله)

މިކަންތައްތަކުން އަހަރެންނަށް ވިސްނުނީ މިސޮރުމެންނަކީ ދެނެގަތުމުގެ ބާރުދަށް ދެކޮޅުހެދުން ގިނަ ބައެއްކަމުގައެވެ. އަދި ﷲ ތަޢާލާގެ މުޢުޖިޒާތްތައް ކުރިމަތިން ފެނުމުންވެސް އީމާންވުމަށް ދެކޮޅުހަދާ ބައެއް ކަމުގައެވެ. އަނެއްކޮޅުން ބަލާއިރު އިންސާނުންނަށް މިޖިންނިތަކަށް ފެންނަ ކަންތައްތައް ނުފެންނަ ހިނދުގައިވެސް އެބައިމީހުންނަށް ވަނީ ދެނެގަތުމުގެ ބާރުގެ ބަރަކާތްތެރިކަން ލިބިފައެވެ. އަދި ހަމަކަށަވަރުން އިސްލާމްދީނުގެ ތެދުކަން ދެނެގަތުމަށާއި ބަލައިގަތުމަށް، ދިރިހުރި މުޢުޖިޒާތެއް ކަމުގައިވާ ޤުރުއާނާއި އެހެނިހެން ބުއްދިޔާއި ސަބަބުތަކާއި ގުޅުން ހުރި ހެކިތައް އިންސާނުންނަށް ލިބިފައިވަނީ މިސަބަބާއިހުރެއެވެ. އެހެންނަމަވެސް އިންސާނާ ދެކޮޅުހަދާނަމަ (އެކަމެއްގެ ސަބަބުން ބޮޑާކަމާއި ދެކޮޅުހެދުމަށް މެދުވެރިކުރާ) މިދެނެގަތުމުގެ ބާރުގައިވަނީ ކޮން ފައިދާ އެއްހެއްޔެވެ.
ޝައިޠާނާގެ ޢަމަލެއްކަމުގައިވާ ދެކޮޅުހެދުމާއި ބޮޑާކަމުން، އަހަރުމެން ﷲ ގެ ޙަޟްރަތުން ރައްކާތެރިކަމަށް އެދެމެވެ.
އިބިލީހާއި ބެހޭގޮތުން އޭނާ އިތުރުރަށް ބުނިގޮތުގައި، އިބިލީސް އަތުގައި ފެންމަތީގައިވާ ތަޚްތެއް ވެއެވެ.
ﷲ ގެ ރަސޫލާ (صلى الله عليه وسلم) ހަދީޘް ކުރައްވާފައިވެއެވެ.
”އިބިލީސް އޭނާގެ ތަޚްތު ފެންމަތީގައި ބޭންދިއެވެ. ދެން އޭނާ އޭނާގެ މަންދޫބުން އެކިތަންތަނަށް ފޮނުވައެވެ...“ (މުސްލިމް: 5023)
އިބިލީސް އެމީހުންގާތުގައި ތިމަން ޤިޔާމަތް ދުވަހުގައި ތާޖެއް އަޅާނޭކަމަށްވެސް ބުނެފައިވެއެވެ. އަދި ޙައްދެއްނެއް ހެޔޮ ޖަޒާއާއި ނިޢްމަތް ތަކާއިމެދު ވަޢްދުވެފައިވާކަމަށް އޭނާ ބުންޏެވެ.
”ކަލޭގެ ރައްބު ކަލެއަށް ހެޔޮޖަޒާއާއި ނިޢްމަތްތަކާއި މެދު ވަޢުދުވެވޮޑިގެންފައިވެއެވެ. އަދި އަހަރެމެންގެ އިބިލީސް ވެސް އަހަރުމެންނަށް ހެޔޮޖަޒާއާއި ނިޢްމަތްތަކާއިމެދު ވަޢްދުވެފައިވެއެވެ.“
ހަމަކަށަވަރުން އޭނާގެ (އިބިލީހުގެ) ވަޢުދަކީ ދޮގުކަމުގައި މެނުވީ ނުވެއެވެ. އެއީ އެކަން ކީރިތި ޤުރުއާނުގައި ބަޔާންވެގެންވާ ފަދައިންނެވެ.
”وَقَالَ الشَّيْطَانُ لَمَّا قُضِيَ الأمْرُ إِنَّ اللَّهَ وَعَدَكُمْ وَعْدَ الْحَقِّ وَوَعَدْتُكُمْ فَأَخْلَفْتُكُمْ وَمَا كَانَ لِي عَلَيْكُمْ مِنْ سُلْطَانٍ إِلا أَنْ دَعَوْتُكُمْ فَاسْتَجَبْتُمْ لِي فَلا تَلُومُونِي وَلُومُوا أَنْفُسَكُمْ مَا أَنَا بِمُصْرِخِكُمْ وَمَا أَنْتُمْ بِمُصْرِخِيَّ إِنِّي كَفَرْتُ بِمَا أَشْرَكْتُمُونِي مِنْ قَبْلُ إِنَّ الظَّالِمِينَ لَهُمْ عَذَابٌ أَلِيمٌ“
”އަދި ކަންތައްތައް ނިޔާކުރާހިނދު، ޝައިޠާނާ ބުނާނެއެވެ. ހަމަކަށަވަރުން، ﷲ، ތިޔަބައިމީހުންނަށް ވަޢުދު ކުރައްވާފައިވަނީ، ޙައްޤު ތެދު ވަޢުދެވެ. އަދި ތިމަންވެސް ތިޔަބައިމީހުންނަށް ވަޢުދުވީމެވެ. ފަހެ، ތިޔަބައިމީހުންނަށް ތިމަން ކުޅަ ވަޢުދާ ޚިލާފުވީމެވެ. އަދި ތިޔަބައިމީހުންނަށް ތިމަން ގޮވައިލުން ފިޔަވައި، ތިޔަބައިމީހުންގެ މައްޗަށް އެއްވެސް ބާރެއް ތިމަންނާއަކަށް ލިބިގެނެއް ނުވެއެވެ. ފަހެ، ތިޔަބައިމީހުން ތިމަންނާގެ ގޮވާލުމަށް އިޖާބަދިނީއެވެ. ފަހެ، ތިޔަބައިމީހުން ތިމަން ކުށްވެރިކޮށް ވާހަކަ ނުދައްކާށެވެ! އަދި ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތައް ކުށްވެރިކޮށް ވާހަކަ ދައްކާށެވެ! ތިޔަބައިމީހުންގެ އެހީތެރިޔަކަށް ތިމަން ނުވަމެވެ. އަދި ތިޔަބައިމީހުންވެސް ތިމަންގެ އެހީތެރިންނަކަށް ނުވަމުއެވެ. ހަމަކަށަވަރުން، މީގެކުރިން ތިޔަބައިމީހުން ތިމަން ބައިވެރިކުރި ކަންތަކަށް ތިމަން ކާފިރުވީމެވެ. ހަމަކަށަވަރުން، އަނިޔާވެރިންނަށް ވޭންދެނިވި ޢަޛާބު ހުއްޓެވެ.“
(ސޫރަތް އިބްރާހީމް - 22)
އަދި ހަމަޔަޤީނުންވެސް ޝައިޠާނާ، އޭނާއަށް ހެއްލެނިވެގެންވީ މީހުންނަށް ފުރަގަސްދޭނެއެވެ.
”كَمَثَلِ الشَّيْطَانِ إِذْ قَالَ لِلإنْسَانِ اكْفُرْ فَلَمَّا كَفَرَ قَالَ إِنِّي بَرِيءٌ مِنْكَ إِنِّي أَخَافُ اللَّهَ رَبَّ الْعَالَمِينَ“
”ޝައިޠާނާގެ މިޘާލުގައެވެ. އެކަލޭގެ އިންސާނާއަށް ކާފިރުވާށޭ ބުނިހިނދެވެ. ފަހެ، އެއިންސާނާ ކާފިރު ވީހިނދު އެ ޝައިޠާނާ ބުންޏެވެ. ހަމަކަށަވަރުން، ތިމަންވަނީ، ތިބާގެ ކިބައިން ވަރީއަވެގެންނެވެ. ހަމަކަށަވަރުން، ޢާލަމްތަކުގެ ވެރި ﷲއަށް ތިމަން ބިރުގަންނަމެވެ.“
(ސޫރަތް އަލްހަޝްރު - 16)
އިބިލީހުގެ ރީތި ކަމާއި މެދު އޭނާގެ ހިތުގައި ޚާއްޞަ ޝައުޤުވެރިކަމެއް ވިއެވެ. އޭނާ ތަކުރާރުކޮށް އިބިލީހަކީ ހާދަ ރީތި އެއްޗެކޭ ބުނަމުން ދިޔައެވެ. (أعوذ بالله منه) އަދި ވަރަށް ނުބައިމީހަކު ދައްކާނެ ފަދަ ވާހަކަތައް އެނާ ދެއްކިއެވެ. އަހަރެން އެވާހަކަތައް މީގައި ނުހިމަނާނަމެވެ.

އެޖިންނި އަވަލާފައިވާ އަންހެން ކުއްޖާއަށް ސިހުރު ހަދާފައިވަނީ އޭނާގެ މައްޗަށް އޮތް ހަސަދަވެރިކަމަކާއި ގުޅިގެން އެއަންހެން ކުއްޖާގެ ގާތްތިމާގެ މީހެކެވެ. ﷲ ގަންދީ ބުނަމެވެ. އެދުވަހު އޭނާގެ މައްޗަށް އަހަރެން ފަލަޤް ސޫރަތް ކިޔަވަމުން ގޮސް އެސޫރަތުގެ ފަހު އާޔަތާއި ހަމަޔަށް ކިޔެވުމުން އަހަންނަށް އިޙްސާސް ވަމުންދިޔައީ އެއީ އަހަރެންގެ ޙަޔާތުގައި އެންމެފުރަތަމަ ފަހަރަށް އެއާޔަތް ކިޔެވި ފަހަރުކަމަށެވެ. އެއާޔަތުގެ މާނަ އަހަންނަށް ފުރިހަމަޔަށް ތަޞައްވުރު ވަމުން ދިޔަކަހަލައެވެ. ”އަދި ހަސަދަ ވެރިވާ ހިނދު ހަސަދަ ވެރިޔާގެ ނުބައިކަމުންނެވެ.“

ހަސަދަވެރިކަމުން ނިކުމެދާނެ ނަތީޖާ އަހަރެންނަށް ފެންނަމުން ދިޔައެވެ. ހަސަދަ ވެރިވާ މީހާގެ ނުރައްކައުތެރިކަމާއި ބިރުވެރިކަން އަހަރެންނަށް ފެންނަމުން ދިޔައެވެ. (أعوذ بالله) އެދުވަހު އަހަރެންނަށް، ނުބައި ލޯތަކުންނާއި ހަސަދަވެރިންގެ ކިބައިން ރައްކާތެރި ވުމަށް ކުރާ ދުޢާއާއި ހެދުނާއި ހަވީރުގެ ޛިކުރުތަކުގެ މުހިއްމުކަން ވިސްނުނެވެ.
އަހަރެންނަށް މިޙާދިޘާގެ ކުރިން އެނގިފައިވާ ޖިންނީންގެ ވާހަކަތަކެއްވެސް ހިމަނާލާނަމެވެ. މީގެ ތެރެއިން ގިނަ ވާހަކަތަކަކީ ބިލާލް ފިލިޕްސްގެ ފޮތްތަކުންނާއި، ޝައިޚް ޔާސިރް ޤާދީގެ އަޤީދާ ކްލާސްތަކުން އަހަރެންނަށް އެގިފައިވާ އަދި، ސީތާ އާއި ދެކެވުނު ވާހަކަތަކުން ޔަޤީންކަން އިތުރުވި ވާހަކަތަކެވެ.
އޭނާއަށް (ސީތާއަށް) އެއަންހެން ކުއްޖާ ދޫކޮށްލެވޭނީ އޭގެ ބަދަލުގައި އެހެން މީހެއްގެ މައްޗަށް ބާރުފޯރުވާގޮތަށް ކަމުގައި ބުންޏެވެ. އެއީ ކީއްވެގެންތޯ ސުވާލު ކުރުމުން އޭނާ ބުންޏެވެ.
”މީހުންނަށް ގޯނާ ކުރުމަކީ އަހަންނަށް ހިތްހަމަޖެހުމާއި މަޖާކަން ލިއްބައިދޭ ކަމެކެވެ.“ ( أعوذ بالله)
އޭނާ، އޭނާގެ މައްޗަށް ސަމާލުކަން ލިބުމަށް ބޭނުންވެއެވެ. އެނާ އެހާ ވާހަކަ ގިނަ ކުރީވެސް އެސަބަބާއި ހުރެއެވެ. ކޮންމެއަކަސް އޭނާއަކީ ވަރަށް ގިނަ ގޮތްގޮތުން (އޭނާއަށް ވީވަރަކުން) އޮޅުވާލާ މަކަރު ހެދުމަށް މަސައްކަތް ކުރި ދޮގުވެރިއެކެވެ.
އެއަންހެން ކުއްޖާ ފާޚާނައިގައި ވަނިކޮށް އޭނާ އެކުއްޖާގެ މައްޗަށް ވަރަށް ބޮޑަށް ގަދަވެގެންފައިވެއެވެ. ތެދުތެދަށް ބުނާނަމަ އެވާހަކަތަކުން ގިނަވާހަކަ ތަކަކީ ވަރަށް ބިރުވެރި ވާހަކަތަކެވެ. އަހަރެން އެވާހަކަތަކެއް ނުހިމަނާނަމެވެ. އަހަރެންގެ އިޚްލާޞްތެރި ނަޞޭހަތަކީ ފާޚާނާއަށް ވަންނަ ހިނދުގައި ކިޔާ ދުޢާ ކިއުމަށް އެއްގޮތަކަށްވެސް ހަނދާން ނައްތާ ނުލުމެވެ.

މިވާހަކަތަކުގެ އިތުރުން އަހަރެންގެ އަމިއްލަ ނަފްސަށާއި ތިޔަހުރިހާ އެންމެނަށްވާ ނަޞޭހަތެއް ހިމަނާލާނަމެވެ. ﷲ އާއި މެދު ވަރުގަދަ އީމާން ތެރިކަމެއް ބޭއްވުމާއި އެއިލާހަށް ހަމައެކަނި ތަވައްކަލް ކުރުމަކީ ޝައިޠާނާއާއި ދެކޮޅަށްވާ ވަރުގަދަ ހަތިޔާރެކެވެ. އަހަރެންނަށް އެއަންހެންކުއްޖާ ހުއްދަ ދީފިނަމަ، އޭނާއަށް އެޖިންނި ގޯނާ ކުރަން ފެށިއިރު އޭނާ އުޅެމުންއައި ގޮތާއި ފަހުން އޭނާގެ އީމާންތެރިކަން އިތުރުވުމުގެ ސަބަބުން އެޖިންނި ބަލިކަށިވެފައިވާ މިންވަރާއި މެދު އަހަރެން ތިއަޚުންނާއި އުޚްތުންނަށް ކިޔައިދިނުމަށް ބޭނުމެވެ.

އެރިވެތި (ހެދުނާއި ހަވީރުގެ އަދި އެހެނިހެން) ދުޢާތަކާއި ޛިކުރުތަކަކީ ހަމަކަށަވަރުންވެސް މުއުމިނުންގެ ކިއްލާއެކެވެ. ތެދުތެދަށް ބުނާމަ (ﷲ ގެ ޢިޛްނަފުޅާއިއެކެ) ހަމައެކަނި އަހަރެމެންނަށްވާ ދިފާޢުއަކީ މިއީއެވެ. އެކަމަކު އެކަންތައްތައް އެއީ އަހަރެމެންނަށް ލިބޭ ބާރަކަށްވާހުށީ ފުރިހަމަ ޔަޤީންކަމާއި ވަރުގަދަ އީމާންތެރިކަމާއެކު (އިޚްލާޞްތެރިކަމާއެކު) އެދުޢާތައްކޮށް ޛިކުރުތައް ކުރުމުންނެވެ.

ނަމާދަށް ފަރުވާތެރިވެ ޤުރާއާން ކިޔަވާ ހަދާށެވެ. ޤުރާއާން ކިޔަވާ ހެދުމަށް ހަނދުމަނެތި ކޮށްނުލާށެވެ. ސަބަބާކައި ހުރެ ނުކިޔެވޭނަމަ ކޮންމެ ދުވަހަކުވެސް ގޭގައި ޤުރުއާން ޖަހާފައި ބަހައްޓައިގެން އަޑު އަހާށެވެ. ގެއިން ނިކުންނަމުންނާއި ގެއަށް ވަންނަމުން ކުރަންޖެހޭ ޛިކުރުތައް ދޫކޮށް ނުލާށެވެ. (އެއީ ޝައިޠާނުންނަށް ތިބާއާއިއެކު ގެއަށް ވަނަ ނުދިނުމަށްޓަކައެވެ.) ކެއުމުގެ ކުރިން ﷲ ގެ ނަންފުޅު ގަތުމާއި، ފާޚާނާއަށް ވަނުމުގެ ކުރިން ކިޔާ ދުޢާއާއި، ޚާއްޞަކޮށް ނިދުމުގެ ކުރިން ކުރާ ޛިކުރުތައް މަތިން ހަދާން ނައްތާ ނުލާށެވެ. އިންސީންނާއި ޖިންނީންގެ ތެރެއިންވާ އެންމެހައި ޝައިޠާނުންގެ ފިތުނައާއި ނުބައިކަމުން، ﷲ ތަޢާލާ، އަހަރެމެން ސަލާމަތް ކުރައްވާށިއެވެ! އަހަރެމެންގެ އަނބިދަރިންނާއި ޢާއިލާއާއި އެންމެހާ މުސްލިމުން ރައްކާތެރި ކުރައްވާންދޭވެ!

އެންމެ ފަހު އަދި އެންމެ މުހިއްމު ވާޖިބެއްކަމުގައި ދެކެނީ އަހަރެންނަށް މިކަންތައްތައް އޮޅުންފިލުވާދީ އުގަންނާއިދީ މިކަންތައްތައް ކުރަންވީގޮތް ކިޔާދީ ހެއްދެވުމަށް އެބޭފުޅާގެ އަގުހުރި ވަގުތުތައް ހޭދަކުރެއްވިކަމަށްޓަކައި، ﷲ تعالى ޙަޟްރަތުން ޝައިޚް ޔާސިރް ޤާދީއަށް ހެޔޮޖަޒާދެއްވުމަށް އެދި ދުޢާކުރުމެވެ.
............
ދީން.އިންފޯއިން ނަގާފައި

Read more...

11 July 2011

ނަބަވީ ސީރަތުގެ އަލީގައި: ލީޑަރެއްގެ ސިފަތައް

އައްޝައިޚް ޢަބްދުﷲ ފާރޫޤް ޙަސަން
އިންސާނީ މުޖުތަމަޢެއް ނުވަތަ އިޖުތިމާޢީ ނިޒާމެއް ފުރިހަމަ ކާމިޔާބީއަކާ ހަމަޔަށް ގެންދިޔުމަށް ޓަކައި އެންމެ މުހިއްމު އެއް ކަމަކީ އެ މުޖުތަމަޢަކަށް ނުވަތަ އެ ނިޒާމަކަށް ޤާބިލު ލީޑަރަކު ލިބިފައި ވުމެވެ. އެ ލީޑަރަކީ ލީޑަރޝިޕްގެ އެންމެ ފުރިހަމަ ސިފަތައް ލިބިފައިވާ މީހަކު ކަމުގައި ވުމެވެ.

އިންސާނާއަކީ އިޖްތިމާޢިއްޔަތަށް ލޯބިކުރާ މަޚުލޫޤެކެވެ. އިޖުތިމާޢީ ޝުރޫރަކީ އޭނާގެ ޠަބީޢަތުގައި އަށަގެންފައިވާ ކަމެކެވެ. އެހެންކަމުން ލީޑަރަކާ ނުލައި އިޖުތިމާޢީ ނިޒާމެއް ދެމިއޮތުމަކީ މުސްތަޙީލު ކަމެކެވެ. ލީޑަރަކު ނެތް މުޖުތަމަޢަކީ ނުވަތަ އިޖުތިމާޢީ ނިޒާމަކީ ގޮއްވަކު ނެތް ބަކަރި އައިނެއް ފަދަ ބައެކެވެ. އެފަދަ ބައެއްގެ އެއްވެސް މަންޒިލެއް ނުވަތަ މަޤްޞަދެއް ނޯންނާނެއެވެ.

ކަން މިހެން ހުރުމާ އެކު ޤާއިދެއްގެ ނުވަތަ ޒަޢީމެއްގެ ތަޞައްވުރަކީ އިންސާނީ ތާރީޚުގެ ވަރަށް ޒަމާންވީ ސިފައެކެވެ. އިންސާނީ ތާރީޚުގެ ހުރިހާ ދުވަސްވަރެއްގައި ވެސް ކޮންމެހެން ބޭނުން ކަމެއް ކަމުގައި ބެލެވިފައިވާ ކަމެކެވެ. ޚާއްސަކޮށް މި ޒަމާނުގެ ރަށްވެހިކަމުގެ ގޮންޖެހުންތައް ވަނީ ޒަޢީމެއްގެ ބޭނުންތެރިކަން އެތައް ގުނައެއް އިތުރުކޮށްފައެވެ. ފުރިހަމަ ޒަޢީމެއްގެ ކިބައިގައި ހުންނާން ޖެހޭ ލީޑަރޝިޕްގެ ސިފަތަކަކީ ކޮބައިކަމާ މެދު ހުޅަނގާއި އިރުމަތީގައި ފުޅާ ދާއިރާއެއްގައި ދަނީ ބަޙުޘްކުރެވެމުންނެވެ.

މި ޒަމާނުގެ ތަޢުލީމީ ނިޒާމުގައި ވެސް ލީޑަރޝިޕްގެ ސިފަތަކާއި ހިންގުމާއި ރޭވުމުގެ ޤާބިލިއްޔަތާ މެދު ތަފްސީލީ ސިލަބަސްތައް ވަނީ އެކުލަވައިލެވިފައެވެ. އިންތިޒާމީ އޮފިސަރަކު ނުވަތަ މެނޭޖަރަކު ނުވަތަ ގްރޫޕް ލީޑަރަކު ނުވަތަ ޤާއިދަކު އޭނާގެ މަސްއޫލިއްޔަތު އަދާކުރާންވީ ގޮތެވެ. އެފަދަ މީހަކާ ކުރިމަތިވާނީ ކޮންކޮން ބާވަތެއްގެ މަސްއަލަތަކެއް ކަމެވެ. އެ ކަންކަން ހައްލުކުރާނީ ކިހިނަކުން ކަމެވެ. ފަރުދެއްގެ ކިބައިގައި އެ ކަންކަމުގެ ޤާބިލިއްޔަތު އުފައްދައި ކުރިއަރުވާނީ ކޮން ގޮތަކަށް ކަމެވެ. ވަސީލަތްތަކާއި، މަޤުޞަދުތަކާއި، މަސްއަލަތަކާ މެދު ގެންގުޅޭންވީ ނިސްބަތަކީ ކޮބައިކަމެވެ. އާދެ، މިއީ މި ޒަމާނުގެ ކޯޕަރޭޓިވް ތަޢުލީމުގެ މުހިއްމު ބާބުތަކެވެ. މެނޭޖްމަންޓާއި، ޝަޚްސިއްޔަތު ބިނާކުރުމާއި، ނަފްސިއްޔާތުގެ މާހިރުން ވަނީ ވަރަށް ގިނަ އުސޫލުތަކެއް ވެސް ކަނޑައަޅައިފައެވެ.

ދުނިޔެ ދެކެފައިވާ އެންމެ ކުޅަދާނަ، އެންމެ ޤާބިލު ލީޑަރު ކަމުގައި ވާ އިސްލާމް ދީނުގެ ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަ ސައްލަމަ ވަނީ މި ރޮނގުން ވެސް މަތިވެރި އިރުޝާދުތަކެއް ދެއްވައިފައެވެ. ތޭވީސް އަހަރުގެ ކުރު މުއްދަތެއްގެ ތެރޭގައި އެ ކަލޭގެފާނު ވަނީ އިންތިހާ ދަރަޖައިގެ ޖާހިލުކަމުގައި އޮތް މުޖްތަމަޢެއް މުޅީން ބަދަލުކޮށްލައްވައި، ބަޠަލުންގެ ނާސަރީއަކަށް ހައްދަވައިލައްވައިފައެވެ. ޢަސްކަރީ ގޮތުން ބެލިޔަސް، ޢިލްމީ މައިދާނަށް ނަޒަރު ހިންގައިލިޔަސް، ސިޔާސީ ހިންގުންތެރިކަމަށް ނަޒަރު ހިންގައިލިޔަސް، ލާމަސީލު ނަމޫނާތަކެއް ދައްކަވައިފައެވެ.

މެނޭޖްމަންޓުގެ މާހިރުން ވިދާޅުވާ ގޮތުގައި ޤާއިދެއްގެ ކިބައިގައި ހިތްވަރާއި، ކެރުމާއި، އަޒުމާއި، މީހުންގެ ޖަހުއަރު ދަތުމާއި، ދުރު ވިސްނުމާއި، އަމިއްލަ ނަފުސަށް އިތުބާރު ކުރުމާއި، ސާބިތުކަމުގައި ދެމިހުރުމުގެ ސިފަ ނިހާޔަތަށް ހުންނާން ޖެހެއެވެ. ވަރަށް ގިނަ މާހިރުން އިސްކަންދެއްވާ ގޮތުގައި ލީޑަރަކީ އޭނާގެ ދަށުގައި ވާ މީހުންގެ ކިބައިގައި ހިތްވަރާއި އަޒުމު އުފެއްދުމުގެ ކުޅަދާނަކަން ލިބިފައިވާ މީހަކު ކަމުގައި ވާން ޖެހެއެވެ. އޭނާއަކީ ވަށައިގެން ވާ މަސްރަހު ދަންނަ މީހަކަށް ވާން ޖެހެއެވެ. މަސްއަލަތައް ހައްލުކުރަން އެނގޭ މީހަކަށް ވުން ލާޒިމެވެ. އެ މީހެއްގެ ޖަމާޢަތަށް ފުރިހަމަ އަމާޒެއް ހޯދައިދީ މަގުދައްކައިދެވޭ ފަދަ މީހަކަށް ވާން ޖެހެއެވެ. އެ މީހެއްގެ މުޅި ޖަމާޢަތުގެ މިޒާޖު ބަދަލުކޮށްލައި، އައު މަގަކަށް އަޅުވައިލެވޭ ފަދަ މީހަކަށް ވާން ޖެހެއެވެ.

އިސްލާމް ދީނުގެ ނަބިއްޔާގެ ސީރަތުންނާއި، އެކަލޭގެފާނުގެ ޙަދީޘުފުޅުތަކުން މި ހުރިހާ ކަމަކަށް ފުރިހަމަޔަށް އިރުޝާދު ލިބިފައި ވެއެވެ. މި ޒަމާނުގެ ނަފްސިއްޔާތުގެ މާހިރުންނާއި މެނޭޖްމަންޓުގެ ޕްރޮފެސަރުންގެ އިރުޝާދުތަކަށް ވުރެ މާ ފުރިހަމަ އިރުޝާދުތަކެކެވެ. އޭގެ ތެރެއިން ބައެއް ކަންތައްތަކަކީ:

• ވަރުގަދަ އީމާނަކާއި ޢަޤީދާއެއްގެ ވެރިޔަކަށް ވުން
• ޚުލުޤު ރީތި ތަޤުވާވެރިޔަކު ކަމުގައި ވުން
• ހިންމަތާއި އަޒުމުގެ ވެރިޔަކަށް ވުން
• ޢާއްމުންނާ ގުޅުން އުފައްދަން އެނގޭ މީހަކު ކަމުގައި ވުން
• ކެތްތެރި، ހިތްވަރު ހުރި މީހަކު ކަމުގައި ވުން
• މަސައްކަތުގައި ސާބިތުވެ ހުންނަ މީހަކު ކަމުގައި ވުން
• ޢިލްމުވެރިކަމާއި، ޙިކުމަތްތެރިކަން ހުރި މީހަކު ކަމުގައި ވުން
• މީހުން އެއްބައިވަންތަކުރަން އެނގޭ، މަޝްވަރާއަށް ޢަމަލުކުރާ މީހަކަށް ވުން
• އީމާންތެރި ތެދުވެރި މީހަކު ކަމުގައި ވުން
• އިންސާފަށް ލޯބިކުރާ މީހަކު ކަމުގައި ވުން
• މަޤުޞަދަށް ޓަކައި ޤުރުބާން ވާން ކެރޭ މީހަކު ކަމުގައި ވުން
• އަނެކުންގެ އިޙްސާންތެރިކަން ޤަބޫލުކުރާ އަދި ޝުކުރުވެރިވާ މީހަކަށް ވުން

އިސްލާމް ދީނުގެ ނަބިއްޔާގެ އިރުޝާދުތަކުން އެނގޭގޮތުގައި ލީޑަރެއްގެ ކިބައިގައި ހުރުން އެންމެ ބޮޑަށް ލާޒިމު އެއް ސިފައަކީ މަޤާމަށް ދަހިވެތިވާ މީހަކު ކަމުގައި ނުވުމެވެ. ލީޑަރުންގެ ކިބައިގައި ހުންނަ ބޮޑާކަމާއި ކިބުރުވެރިކަމަށް އެކަލޭގެފާނު ފަރުމާކުރައްވާފައި ވަނީ ޤައުމެއްގެ ވެރިޔަކީ އެބައިމީހުންގެ ޚާދިމު ކަމުގައި އިރުޝާދު ދެއްވައިގެންނެވެ.

އިސްލާމީ އުސޫލުތަކުގައި ވާ ގޮތުން ލީޑަރެއްގެ މުހިއްމު އަނެއް ސިފަޔަކީ އޭނާގެ ޖަމާޢަތުގައި ހިމެނޭ މޮހުމާއި ބަނުމުގެ އަހުލުވެރީންގެ މަޝްވަރާގެ މަތީން ކަންތައް ކުރާ މީހަކަށް ވުމެވެ. ދިވެހި އިސްޠިލާޙަކުން ދަންނަވާ ނަމަ "ގަދަ ކެޔޮޅަކަށް" ނުވުމެވެ.

Read more...

09 July 2011

ތައުޙީދު - ފުރަތަމަ އަދި ފަހުގެވެސް ވާޖިބިއްޔާތު

އަލްއުޚްތު އުއްމު ޢީޝަލް
ދަންނާށެވެ! رسول الله صلى الله عليه وسلم، އެންމެ ފުރަތަމަ ވެސް ގޮވާލެއްވީ ތައުޙީދަށެވެ. އަދި الله سبحانه وتعالى ގެ މަގު، ޙައްޤުވެގެންވާ މަގު ހޯދާމީހަކަށްވާ ފުރަތަމަ މަރުޙަލާއަކީ ވެސް އެއީ އެވެ. އެހެންކަމުން އިސްލާމް ވާން ބޭނުން މީހާ އެންމެ ފުރަތަމަ ވެސް ދެނެގަންނަންވީ ތައުޙީދެވެ. އަދި އިސްލާމް ދީނަށް ގޮވައިލާ މީހާގެވެސް އެންމެ އިސްވާޖިބަކީ އެއީއެވެ. الله سبحانه وتعالى، ފޮނުއްވި ރަސޫލުންގެ ވެސް ޢަމަލުތަށް ބެހެއްޓެވީ އެގޮތުގެ މަތިންނެވެ. އެބޭބޭކަލުންގެ ވިދާޅުވަމުން ގެންދެވިއެވެ. ”ތިޔަބައިމީހުން ﷲ ތަޢާލާއަށް އަޅުކަން ކުރާށެވެ. އެއިލާހު ފިޔަވައި އެހެން އިލާހަކު ތިޔަބައިމީހުންނަކަށް ނުވެއެވެ.“
ނޫޙް عليه السلام، އާއި މެދު الله سبحانه وتعالى ވަޙީ ކުރައްވާފައިވެއެވެ.
”لَقَدْ أَرْسَلْنَا نُوحًا إِلَى قَوْمِهِ فَقَالَ يَا قَوْمِ اعْبُدُوا اللَّهَ مَا لَكُمْ مِنْ إِلَهٍ غَيْرُهُ إِنِّي أَخَافُ عَلَيْكُمْ عَذَابَ يَوْمٍ عَظِيمٍ“
”ހަމަކަށަވަރުން ތިމަން ﷲ ނޫޙު (عليه السلام) އެކަލޭގެފާނުގެ ޤައުމުގެ މީސްތަކުންގެ ގާތަށް ފޮނުއްވީމެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އޭ ޤައުމުގެ މީސްތަކުންނޭވެ! ﷲ ތަޢާލާ އަށް އަޅުކަން ކުރާށެވެ. އެއިލާހު ފިޔަވައި އެހެން އިލާހަކު ތިޔަބައިމީހުންނަކަށް ނުވެއެވެ.“ [ސޫރަތުލް އަޢުރާފު: 59]

އަދި ހޫދު عليه السلام، އެކަލޭގެފާނުގެ ޤައުމުގެ މީސްތަކުންނަށް ވިދާޅުވިއެވެ.
”قَالَ يَا قَوْمِ اعْبُدُوا اللَّهَ مَا لَكُمْ مِنْ إِلَهٍ غَيْرُهُ أَفَلا تَتَّقُونَ“
”އެކަލޭގެފާނު ވިދާޅުވިއެވެ. އޭ ޤައުމުގެ މީސްތަކުންނޭވެ! ﷲއަށް އަޅުކަން ކުރާށެވެ! އެއިލާހު ފިޔަވައި އެހެން އިލާހަކު ތިޔަބައިމީހުންނަކަށް ނުވެއެވެ.“ [ސޫރަތުލް އަޢުރާފު: 65]

އަދި ޞާލިޙް عليه السلام، އެކަލޭގެފާނުގެ ޤައުމަށް ވިދާޅުވިއެވެ.
”قَالَ يَا قَوْمِ اعْبُدُوا اللَّهَ مَا لَكُمْ مِنْ إِلَهٍ غَيْرُهُ... “
”އޭ ޤައުމުގެ މީސްތަކުންނޭވެ! ތިޔަބައިމީހުން ﷲ އަށް އަޅުކަން ކުރާށެވެ! އެއިލާހު ފިޔަވައި އެހެން އިލާހަކު ތިޔަބައިމީހުންނަކަށް ނުވެއެވެ.“ [ސޫރަތުލް އަޢްރާފު: 73]

އަދިވެސް (މިބީދައިން) الله سبحانه وتعالى، ވަޙީ ކުރައްވާފައި ވެއެވެ.
”وَمَا أَرْسَلْنَا مِنْ قَبْلِكَ مِنْ رَسُولٍ إِلا نُوحِي إِلَيْهِ أَنَّهُ لا إِلَهَ إِلا أَنَا فَاعْبُدُونِ“
”އަދި ތިމަން ﷲ ކަލޭގެފާނުގެ ކުރިންވެސް އެއްވެސް ރަސޫލަކަށް މިފަދައިން ވަޙީ ނުކުރައްވާ ނުފޮނުއްވަމެވެ. ތިމަން ﷲ ފިޔަވައި ޙައްޤުވެގެން އަޅުކަންކުރެވޭ އެހެން ފަރާތެއް ނުވެއެވެ. އެހެންކަމުން ތިމަން ﷲ އަށް އަޅުކަންކުރާށެވެ.“ [ސޫރަތުލް އަންބިޔާ: 25]

އަދި رسول الله صلى الله عليه وسلم، ޙަދީޘް ކުރައްވާފައި ވެއެވެ.

. ”ތިމަންކަލޭގެފާނަށް އަމުރު ކުރެވިގެންވަނީ މީސްތަކުންނާއި ހަނގުރާމަކުރުމަށެވެ. އެއީ ﷲ ތަޢާލާ ފިޔަވައި އެހެން އިލާހަކު ނުވާކަމަށާއި އަދި މުޙައްމަދުގެފާނަކީ ﷲ ގެ ރަސޫލާ ކަމަށް ހެކިވަންދެނެވެ.“ (ރަވާހު ބުޚާރީ ވަ މުސްލިމް)

އަދި އެހެންކަމުން، މީސްތަކުންގެ މައްޗަށްވާ ފުރަތަމަ ވާޖިބަކީ މިއީ އެވެ. އަދި މިއީ ކޮންމެ މުކައްލަފެއް (ޝަރީޢަތުގެ ކަނޑައެޅިފައި ކަންތައް ކުރުން ވާޖިބުވާ މީހުން (އެބަހީ: ބުއްދިސަލާމަތުން ހުރުން، ބާލިޣުވެފައިވުން) ގެ މައްޗަށްވެސް ވާ ވާޖިބެކެވެ. އެހެންކަމުން ﷲ ފިޔަވައި އެހެން އިލާހަކު ނުވާކަމަށް ހެކިވުމަކީ މީސްތަކުންގެ މައްޗަށްވާ ފުރަތަމަ ވާޖިބެވެ. އަދި އެންމެ ފަހުގެވެސް ވާޖިބަކީ އެއީ އެވެ. رسول الله صلى الله عليه وسلم، ީޙަދީޘް ކުރައްވާ ފައިވެއެވެ. ”އެމީހެއްގެ އެންމެ ފަހުބަހަކީ لا اله الا الله ކަމުގައި ވާ މީހާ، ޖަންނަތަށް ވަންނާނެއެވެ.“(ރަވާހު އަބޫދާއޫދު، އިރްވާ އަލްޤަލީލްގައި ޝައިޚް އަލްބާނީ، މިޙަދީޘަކީ ޙަސަން ޙަދީޘެއްކަމަށް ވިދާޅުވެފައިވޭ)
........................
ނޯޓް: މިލިޔުމަކީ ދީން.އިންފޮރ އިން ނަގާފައިވާ ލިޔުމެއް

Read more...

06 July 2011

ނައިސް ނުދާނެ ދުވަސް

އަލްއަޚް އަހްމަދު ރިމާޒް
ހަމަކަށަވަރުން ﷲ ސުބުޙާނަހޫ ވަތަޢާލާ މިދުނިޔޭގެ ޙަޔާތް ލައްވާފައިވަނީ އަބަދަށް ދާއިމަށް ދެމިގެންވާ އެއްޗެއްގެ ގޮތުގައެއް ނޫނެވެ. އެހެނެއްކަމަކު މި ޙަޔާތް ލައްވާފައިވަނީ ނެތިވެ ފަނާވެގެންދާނެ އެއްޗެއްގެ ގޮތުގައެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާގެ މިއިލާހީ ޤާނޫނުން ބޭރުވުމުގެ ބާރެއް ހަމަހިލާ އެއްވެސް މަޚްލޫޤަކަށް ލިބިގެނެއްނުވެއެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.

"كُلُّ نَفْسٍ ذَائِقَةُ الْمَوْتِ " (آل عمران:185)

" ކޮންމެ ނަފްސަކީވެސް މަރުގެ ރަހަ ދެކޭނެ ނަފްސެކެވެ."
އަދިވެސް ﷲ ވަޙީކުރައްވާފައިވެއެވެ.

"كُلُّ مَنْ عَلَيْهَا فَانٍ * وَيَبْقَى وَجْهُ رَبِّكَ ذُو الْجَلاَلِ وَالإِكْرَامِ" (الرحمن:26-27)

"އެބިންމަތީގައިވާ ކޮންމެ އެއްޗަކީ ފަނާވެދަނިވި އެއްޗެކެވެ. އަދި ކަލޭގެފާނުގެ ވެރި، ކީރިތިވަންތަކަމާއި މާތްވަންތަކަމުގެ ވެރި ރަސްކަލާނގެ ޛާތުފުޅު ދެމިވޮޑިގެންވެއެވެ"

މިފަނާވެދަނިވި ޙަޔާތް ހެއްދެވި ދިރިދެމިގެންވާ، ކާއިނާތުގެ މިލްކުވެރި އިލާހު ވަނީ އެއިލާހުގެ ޙިކްމަތްވަންތަކަމުން މި ޙަޔާތުގައި އަހަރެމެން ހޭދަކުރާނެ ވަޤުތު ކަނޑައަޅުއްވާ ނިންމަވާފައެވެ. އެވަޤުތު އަވަސްކުރުމުގެ އަދި ލަސްކުރުމުގެ ބާރެއް އެއްވެސް ފަރާތަކަށް ލިބިގެނެއް ނުވެއެވެ. އެވަޤުތު ހަމަޖެހޭއިރަށް މި ޙަޔާތާ އަލްވަދާޢު ކިޔަންޖެހޭނެއެވެ. މިކަން ބަޔާންކުރައްވާ ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.

"فَإِذَا جَاءَ أَجَلُهُمْ لا يَسْتَأْخِرُونَ سَاعَةً وَلا يَسْتَقْدِمُونَ" (النحل: 61)

"ފަހެ އެބައިމީހުންގެ އަޖަލު އައިސް ޖެހިއްޖެނަމަ އެންމެ ހިނދުކޮޅެއްގެ މިންވަރުވެސް ލަސްނުކުރެވޭހުއްޓެވެ. އަދި އެންމެ ހިނދުކޮޅެއްގެ މިންވަރު އަވަސްވެސް ނުކުރެވޭހުއްޓެވެ."

އާދެ ދުނިޔޭގެ މިކުޑަވަޤުތުކޮޅުގެ ޙަޔާތަށް ނިމުމެއް އައުމަށް ފަހު އެހާހިސާބުން އަދި ބައެއްމީހުން ހީކުރާގޮތަށް ހުރިހާކަމެއް ނިމުނީއެއްނޫނެވެ. އެފަދަމީހުން ބުނާ ބުނުން ﷲ ސުބުޙާނަހޫ ވަތަޢާލާ ވަނީ އެއިލާހުގެ ފޮތުގައި ބަޔާންކުރައްވާފައެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.

"إِنْ هِيَ إِلاَّ حَيَاتُنَا الدُّنْيَا نَمُوتُ وَنَحْيَا وَمَا نَحْنُ بِمَبْعُوثِينَ" (المؤمنون: 37)

"އެދިރުއުޅުމަކީ، ތިމަންމެންގެ ދުނިޔޭގެ ދިރިއުޅުން ފިޔަވައި އެހެން އެއްޗެއް ނޫނެވެ. ތިމަންމެން މަރުވަމެވެ. އަދި ދިރިއުޅެމުއެވެ. އަދި އަލުން ދިރުއްވައި ފޮނުއްވާނޭ ބަޔަކުކަމުގައި ތިމަންމެން ނުވަމުއެވެ."

ކޮންމެއަކަސް މިއީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ އެއްކައުވަންތަކަމާއި މުހައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ރަސޫލުކަމުގެ ތެދުކަން ޤަބޫލުކުރާ މީހުންގެ ޢަޤީދާއެއްނޫނެވެ.

އަހަރެމެންނަކީ މިދުނިޔޭގެ ޙަޔާތަށް ފަހު އަދި އުޚްރަވީ ޙަޔާތެއް ވާކަން ހިތުން ތެދުކޮށް ކަށަވަރުކޮށްގެން ތިބި ބަޔަކީމުއެވެ. އަދި ހަމައެއާއެކު އަހަރެމެންނަކީ، ޤިޔާމަތް ދުވަހަކީ ނައިސްނުދާނެ ދުވަހެއްކަން ހިތުން ތެދުކޮށް ޤަބޫލުކޮށްގެން ތިބި ބަޔަކީމުއެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ އެދުވަހުގައި އަހަރެމެން އެއެއްޗެއްގެ ބުރަކަށިމަތީގައި ހިނގާބިނގާވެ މިއުޅޭ ބިމާއި، އަހަރެމެންގެ ބޯމަތީގައިމިވާ އުޑާއި، ފެންނަން މިހިރަ ބޮޑު ބިޔަ ފަރުބަދަތަކާއި އަދި ޚުދު އިންސާނުންނަށް އެދުވަހުން ވެގެންދާނެގޮތް އެއިލާހުގެ ފޮތުގައި ވަނީ ވަރަށް ޞަރީޙަކޮށް ބަޔާންކުރައްވާފައެވެ. އެއިލާހު ވަޙީކުރައްވާފައިވާވެއެވެ:

"إِذَا رُجَّتِ الأَرْضُ رَجًّا * وَبُسَّتِ الْجِبَالُ بَسًّا *فَكَانَتْ هَبَاءً مُنْبَثًّا" (الواقية: 37)

"ބިންގަނޑު ގަދަފަދައަށް ހެލިގެންފި ހިނދެވެ. އަދި ފަރުބަދަތައް ފުނޑުފުނޑުވެ، ހިމުންވެއްޖެ ހިނދެވެ. ފަހެ، ވަޔާ ބުރައިގެންދާ ކުނޑިތަކެއްކަމުގައި އެ ފަރުބަދަތައް ވެއްޖެ ހިނދެވެ."

"وَانْشَقَّتِ السَّمَاءُ فَهِيَ يَوْمَئِذٍ وَاهِيَةٌ" (الحاقة: 16)

"އަދި އުޑު ފަޅަފަޅައިގެން ދާނެތެވެ. ފަހެ އެދުވަހުން އެ އުޑުވާހުށީ، ބަލިކަށިވެގެންނެވެ"



"يَوْمَ يَكُونُ النَّاسُ كَالْفَرَاشِ الْمَبْثُوثِ * وَتَكُونُ الْجِبَالُ كَالْعِهْنِ الْمَنْفُوشِ" (سورة القارعة: 4-5)

"ވިއްސިވިހާލިވެގެންދާ ކޮކާތަކެއް ފަދައިން މީސްތަކުން ވާނޭ ދުވަހެވެ. އަދި ބުރުވައިލެވޭ ކެހެރިތަކެއް ފަދައިން ފަރުބަދަތައް ވާނޭ ދުވަހެވެ."

މިއީ އެދުވަހުން މިކައުނަށް އަންނާނެ ބޮޑު އިންޤިލާބުގެ ސިފަތަކެވެ. ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! ވިސްނާލާށެވެ. މިފަދަ ނުރައްކާތެރިކަން ބޮޑުވެގެންވާ ދުވަހެއްގައި އަހަރެމެން މި ނިކަމެތި އިންސާނުންގެ ޙާލު ހުންނާނީ ކިހިނެއްހެއްޔެވެ؟ އެދުވަހުން އިންސާނުންގެ ޙާލު ހުންނާނެ ގޮތް ތަޞައްވަރުކުރެއްވުމަށް ކީރިތި ޤުރުއާނަށް ރުޖޫޢަވަމާހިނގާށެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައި ވެއެވެ:

"يَا أَيُّهَا النَّاسُ اتَّقُوا رَبَّكُمْ إِنَّ زَلْزَلَةَ السَّاعَةِ شَيْءٌ عَظِيمٌ * يَوْمَ تَرَوْنَهَا تَذْهَلُ كُلُّ مُرْضِعَةٍ عَمَّا أَرْضَعَتْ وَتَضَعُ كُلُّ ذَاتِ حَمْلٍ حَمْلَهَا وَتَرَى النَّاسَ سُكَارَى وَمَا هُمْ بِسُكَارَى وَلَكِنَّ عَذَابَ اللَّهِ شَدِيدٌ" (الحج: 1-2)

"އޭ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއަށް ތިޔަބައިމީހުން ތަޤުވާވެރިވާށެވެ! ހަމަކަށަވަރުން ޤިޔާމަތްވުމުގެ ބިންހެލުމަކީ ބޮޑުވެގެންވާ ކަމެކެވެ. ތިޔަބައިމީހުންނަށް އެ ޒަލްޒަލާ ފެންނަދުވަހު، ކިރުމައިން އެއުރެން ކިރުދޭ ދަރިންގެ މަތިން ހަނދާންނެތި، އަދި މާބަނޑު އަންހެނުން އެއުރެންގެ ބަނޑުގައި އޮތް ދަރި ވިހައި، އަދި މީސްތަކުން މަސްތުވެފައިތިބޭ ބަޔަކުފަދައިން ތިބާ ދެކޭނޫއެވެ. ނަމަވެސް އެއުރެންވަނީ މަސްތުވެފައެއް ނޫނެވެ. އެހެނެއްކަމަކު ﷲ ގެ ޢަޛާބު ގަދަފަދައީއެވެ."

އެދުވަހުން އިރު މީސްތަކުންނާއި މޭލެއްގެ ދުރުމިނަށް ގާތް ކުރެވިގެންވާނެއެވެ. އަދި މީސްތަކުން އެބައިމީހުންގެ ޢަމަލުތަކާ އެއްވަރަށް ދަލުގެ ތެރޭގައި ވާނެއެވެ. އެއްބައެއްގެ ފައިގެ ކުޑަ ހުޅާހަމަޔަށް ދާ ހުންނައިރު އަނެއްބައެއްގެ ކަކުލާހަމައަށް ދާހުންނާނެއެވެ. އަދި އަނެއްބައެއްގެ އުނަގަނޑާ ހަމައަށެވެ. އަދި އަނެއްބަޔަކު އެކީ ދަލުގެ ތެރޭގައި ޣަރަގުވެފައި ވާނެއެވެ. އަދި އެދުވަހުން ކުށްވެރި އަޅުންތައް ކަސްތަޅު އެޅުވިފައިފައިވާނެއެވެ. އެދުވަހުން ފޮނި ބަސްތަކަކުން ނުވަތަ ފަށުވި ޢިބާރާތްތަކަކުން ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޢަދުލުވެރި ހިސާބުބެއްލެވުމުގެ ދަރުބާރުގައި ޢުޒުރެއް ނުދެއްކޭނެއެވެ. އެދުވަހުން ﷲ ސުބުޙާނަހޫ ވަތަޢާލާ ޙުއްޖަތް ޤާއިމްކުރައްވާނީ ޚުދު އަހަރެމެންގެ ގުނަވަންތަކުންނެވެ. އެދުވަހުން ﷲ ސުބުޙާނަހޫ ވަތަޢާލާ އަހަރެމެންގެ ދޫތައް ބަންދުކުރައްވާނެއެވެ. އަދި އަހަރެމެންގެ ގުނަވަންތަކަށް ހެކިދީ ވާހަކަ ދެއްކުމަށް އަމުރުކުރައްވާނެއެވެ.

"الْيَوْمَ نَخْتِمُ عَلَى أَفْوَاهِهِمْ وَتُكَلِّمُنَا أَيْدِيهِمْ وَتَشْهَدُ أَرْجُلُهُمْ بِمَا كَانُوا يَكْسِبُونَ" (سورة يس: 65)

"މިއަދު ތިމަންރަސްކަލާނގެ އެއުރެންގެ އަނގަތަކުގައި ސިއްކަގައްސުވައި ބަންދުކުރައްވާ ހުށީމެވެ. އަދި އެއުރެންގެ އަތްތައް ތިމަންރަސްކަލާނގެއަށް ބަސްދަންނަވާނެތެވެ. އަދި އެއުރެން ހޯދައިއުޅުނު ޢަމަލުތަކާމެދު އެއުރެންގެ ފައިތައް ހެކިދޭނެއެވެ."

ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! ސުވާލަކީ ޔަޤީނުންވެސް ނައިސް ނުދާނެ މި ނުރައްކާތެރި ދުވަހަށް އަހަރެމެން ތައްޔާރުވެފައިވަނީ ކިހާވަރަކަށް ބާވައެވެ؟ އެދުވަހަށް އަހަރެމެން ތައްޔާރުކޮށްފައިވަނީ ނަމާދާއި، ރޯދާއާއި، ޒަކާތާއި، މައިންބަފައިންނަށް ކިޔަމަންތެރިކަން އަދާކުރުމާއި، މީހުންނަށް ހެޔޮފޯރުކޮށްދިނުމާއި، އަދި މިނޫންވެސް ހެޔޮލަފާ ޞާލިޙް ޢަމަލުތައްބާވައެވެ؟ ނޫނީ އަހަރެމެންގެ އަތުގައިވަނީ ފާފަތަކުގެ ބޮޑު ފުނިވަރެއް ބާވައެވެ؟ ރިބާއާއި، ޒިނޭއާއި، ދޮގުހެދުމާއި، ޣީބަބުނުމާއި، މީހުންގެ ޙައްޤުތަކަށް އަރައިގަތުމާއި، މިނޫންވެސް ހުތުރުކަންބޮޑު ފާފަތައްބާވައެވެ؟

ﷲ ސުބުޙާނަހޫ ވަތަޢާލާ ރުހިވޮޑިގަންނަވާ ހެޔޮލަފާ ޞާލިޙް ޢަމަލުތަކާއިގެން އެދުވަހުން އެއިލާހާ ބައްދަލުކޮށްފިނަމަ އެމީހަކު އުޑުތަކާއި ބިންތަކުގެ ތަނަވަސްކަންހުރި ސުވަރުގެ ޙާޞިލުކޮށްފިއެވެ. މިއާޚިލާފަށް ފާޙިޝްޢަމަލުތަކާއި މުންކަރާތްތަކާ އެކު އެއިލާހާ ބައްދަލުކޮށްފިނަމަ އޮތީ ގެއްލުމާއި ހަލާކެވެ. ނަރަކައިގެ ގަދަފަދަވެގެންވާ ވޭންދެނިވެގެންވާ އަލިފާނުގެ ޢަޛާބެވެ. ނަރަކައިގެ ބަނޑޭރިން ކަމުގައި ﷲ ލައްވާފައިވާ ހަރުކަށި ގަދަފަދަ މަލާއިކަތުން އެދުވަހުން އެއްވެސް ރަޙުމެއް ނުކުރާނެއެވެ. ﷲ އަމުރުފުޅަށް އެބޭކަލުން ނަރަކައިގެ އަހުލުވެރިންގެ ގައިގައި ތަޅުއްވާނެއެވެ. ނަރަކައިގެ އަހުލުވެރިންގެ އަލިފާނުގައި އަނދައި ރޯފިލައްޖެ ކޮންމެ ހިނދަކު އެބައިމީހުންގެ ހަންތައް ބަދަލުކުރެވޭނެތެވެ. އެއީ ޢަޛާބުގެ ރަހަ ލިބިގަތުމަށް ޓަކައެވެ. ﷲ ސުބުޙާނަހޫ ތަޢާލާ ވަޙީކުރައްވާފައި ވެއެވެ.

"إِنَّ الَّذِينَ كَفَرُوا بِآَيَاتِنَا سَوْفَ نُصْلِيهِمْ نَارًا كُلَّمَا نَضِجَتْ جُلُودُهُمْ بَدَّلْنَاهُمْ جُلُودًا غَيْرَهَا لِيَذُوقُوا الْعَذَابَ إِنَّ اللَّهَ كَانَ عَزِيزًا حَكِيمًا "( النساء: 56)

"ހަމަކަށަވަރުން ތިމަންރަސްކަލާނގެ އާޔަތްތަކަށް ކާފިރުވި މީހުން ނިކަންހުރެ ތިމަންރަސްކަލާނގެ އެއުރެން ނަރަކަޔަށް ވައްދަވާހުށީމެވެ. އެއުރެންގެ ހަންތައް ރޯފިލައްޖެ ކޮންމެ ހިނދަކު، އެއުރެންގެ ހަންތައް އެނޫން ހަންތަކަކަށް ބަދަލުކުރެވޭނެއެވެ. އެއީ އެއުރެން ޢަޛާބުގެ ރަހަ ލިބިގަތުމަށްތަކައެވެ. ހަމަކަށަވަރުން ﷲ އީ ޢަޒީޒްވަންތަ ޙަކީމްވަންތަ ރަސްކަލާނގެ ކަމުގައި ވެއެވެ."

އެތާގެ އަހުލުވެރިންގެ ކާނާއަކީ ޒައްޤޫމެވެ. އެމީހުންގެ ބުއިމަކީ ލެއާއި އެކުވެފައިވާ ދޮހާއި، ހޫނުކަން ނިހާޔަތަށް ގަދަވެގެންވާ ފެނެވެ. އޭގެ ސަބަބުން އެބައިމީހުންގެ ގޮހޮރުތައް ބުރިބުރިވެގެންދާނެއެވެ. އެ ނަރަކައިގެ ގަދަފަދަވެގެންވާ އަޛާބުފެނުމުން އެހިނދު މި އިންސާނާ އެދުވަހުން ހިތާމަކުރާނެއެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ އެންގެވި ގޮތަށް އުޅެވުނު ނަމައޭ ހިތަށް އަރާނެއެވެ. ދުނިޔޭގެ އަގުހުރި ވަޤުތުތައް ބޭކާރު ގޮތުގައި ނަގާނުލެވުނު ނަމައޭ ހިތަށް އަރާނެއެވެ. ނަމާދު ކުރެވުނު ނަމައޭ ހިތަށް އަރާނެއެވެ. ﷲ އަށް ބިރުވެތި ވެވުނު ނަމައޭ ހިތަށް އަރާނެއެވެ. އަދި އޭނާ ދެރަވާނެއެވެ. މާތް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ސުންނަތަށް ތަބާނުވެވުނުކަމަށް ޓަކައެވެ. މިވެނި އެވެނި ބަޔަކު އެއީ މިތުރުންކަމުގައި ހެދުނުކަމަށްޓަކައެވެ.

"يَا وَيْلَتَى لَيْتَنِي لَمْ أَتَّخِذْ فُلاَنًا خَلِيلاَ * لَقَدْ أَضَلَّنِي عَنِ الذِّكْرِ بَعْدَ إِذْ جَاءَنِي وَكَانَ الشَّيْطَانُ لِلإِنْسَانِ خَذُولاَ" (الفرقان: 28-29)

"އޭ ހުރި ހަލާކެއްގެ ބޮޑުކަމާއެވެ! ސަހަރޯއެވެ! ތިމަން އެވެނި މީހަކު މިތުރަކު ކަމުގައި ނުހިފިނަމަ ކިހާ ރަނގަޅުވީސް ހެއްޔެވެ! ހަމަކަށަވަރުން ތިމަންނާއާ ހަމައަށް އެ ޤުރުއާން އައުމަށްފަހު އޭނާ ތިމަން އެއިން އެއްކިބާކޮށް މަގުފުރައްދައިފިއެވެ. އިންސާނާއަށް އޭނާ ދެރަކޮށް ނިކަމެތިކޮށްލާ އެއްޗެއްކަމުގައި ޝައިޠާނާ ވެއެވެ."

އަދި އެދުވަހުން ފާސިޤު، ފާޖިރު، ކާފިރު އަޅުން ﷲ ހަޟްރަތުގައި ރޮއި ހޭރެމުން އެމީހުން އަނބުރާ ދުނިޔެއަށް ފޮނުވުމަށް އެދި އާދޭސްކުރާނެއެވެ. އެއީ ކީއްކުރަންތޯއެވެ؟ އެއީ އެމީހުންނަށް އަދާނުކުރެވުނު ނަމާދުތައް އަދާކުރުމަށެވެ. ނުހިފިދިޔަ ރޯދަތައް ހިފުމަށްޓަކައެވެ. އަރައިގަނެވުނު މީސްތަކުންގެ ޙައްޤުތައް އަދާކުރުމަށްޓަކައެވެ. މައިންބަފައިންނަށް ކަމޭހިތުމަށްޓަކައެވެ. ކުރެވުނު ބޮޑުވެގެންވާ ފާހިޝްޢަމަލުތަކުގެ ފާފައިން ތައުބާވުމަށްޓަކައެވެ.

ﷲ އެބައިމީހުންނަށް ވަޙީކުރައްވާނެތެއެވެ. ހެޔޮ ވިސްނޭނެ މީހަކަށް ހެޔޮ ވިސްނޭނެހާ ޢުމުރު ތިމަން އިލާހު ތިޔަބައިމީހުންނަށް ނުދެއްވަމުހެއްޔެވެ؟ އަދި އިންޛާރުކޮށް ޙައްޤު ގޮތް ބަޔާންކުރެއްވުމަށްޓަކައި ރަސޫލުންނާއި ނަބިއްޔުން ނުފޮނުއްވަމުހެއްޔެވެ؟ އަދި ހައްޤާއި ބާޠިލް ވަކިކޮށްދެއްވުމަށްޓަކައި ފޮތްތައް ބާވައިނުލައްވަމުހެއްޔެވެ؟ އަދި ލަޢުނަތް ލެއްވިގެންވާ ޝައިޠާނާއަކީ ތިޔަަބައިމީހުންގެ ޢަދުއްވެއްކަން ބަޔާންކޮށްނުދެއްވަމުހެއްޔެވެ؟ ނަމަވެސް ތިޔަބައިމީހުން ވަނީ ތިމަންއިލާހު ދެއްވި ޢުމުރުގެ ދުވަސްތައް ނުކިޔަމަންތެރިގޮތުގައި ހޭދަކޮށްލާފައެވެ. އަދި ތިމަންއިލާހުގެ ރަސޫލުންނާއި ނަބިއްޔުން ދޮގުކޮށްފައެވެ. އަދި ތިމަން އިލާހު ބާވައިލެއްވި ފޮތްތައް ތިޔަބައިމީހުން ވަނީ އެއްކިބާކޮށްލާފައެވެ. އަދި ތިޔަބައިމީހުންވަނީ ޝައިޠާނާއަކީ މިތުރަކު ކަމުގައި ހަދާފައެވެ. އެހެންވީމާ، މިއަދު ތިޔަބައިމީހުންގެ ޢަމަލުތަކުގެ ހިތި ނަތީޖާ ދެކޭށެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ މިބައިމީހުންގެ ވާހަކަ ބަޔާންކުރައްވާ ވަޙީކުރައްވާފައިވެއެވެ.

" وَهُمْ يَصْطَرِخُونَ فِيهَا رَبَّنَا أَخْرِجْنَا نَعْمَلْ صَالِحًا غَيْرَ الَّذِي كُنَّا نَعْمَلُ أَوَلَمْ نُعَمِّرْكُمْ مَا يَتَذَكَّرُ فِيهِ مَنْ تَذَكَّرَ وَجَاءَكُمُ النَّذِيرُ فَذُوقُوا فَمَا لِلظَّالِمِينَ مِنْ نَصِيرٍ" (فاطر: 37)

"އެއުރެން އެނަރަކައިގާ ރޮއިހޭރި ދަންނަވާނެތެވެ. އަޅަމެންގެ ވެރި ރަސްކަލާކޮ! އަޅަމެން ކުރަމުން ގެންދިޔަ (ނުބައި) ޢަމަލުނޫން ޞާލިޙް ޢަމަލުކުރުމަށް އަޅަމެން ނެރުއްވައިފާނދޭވެ! ހަނދުމަކުރާނެ މީހަކު އެދުވަސްތަކުގައި ހަނދުމަކުރާހާ ދުވަހު، ތިމަންރަސްކަލާނގެ ތިޔަބައިމީހުންގެ ޢުމުރު ނުދަންމަވަން ހެއްޔެވެ؟ އަދި އިންޛާރުކުރައްވާ ބޭކަލަކު ތިޔަބައިމީހުންގެ ގާތަށް ވަޑައިގަތެވެ. ފަހެ، ތިޔަބައިމީހުން (ޢަޛާބުގެ) ރަހަ ލިބިގަންނާށެވެ! ފަހެ އަނިޔާވެރިންނަށް ނަޞްރުދޭނެ އެއްވެސް މީހަކު ނުވެއެވެ."

އެދުވަހުން ﷲ ސުބުޙާނަހޫ ވަތަޢާލާގެ ގަދަފަދަވެގެންވާ ޢަޛާބުން އެއްވެސް މީހަކަށް ސަލާމަތްކަމެއް ހޯދައެއްނުދެވޭނެއެވެ. މަންމައަކަށް، ބައްޕައަކަށް، ދަރިއަކަށް، ބޭބެއަކަށް، ދައްތައަކަށް، އަންބަކަށް، ފިރިއަކަށް އަދި އެއްވެސް މީހަކަށް އަނެކަކަށް ނަޞްރެއް ނުދެވޭނެއެވެ. އެންމެންވެސް އުޅޭނީ އެމީހެއްގެ އަމިއްލަ ނަފްސު ސަލާމަތްނުވެގެންނެވެ.

އާދެ މިއީ ޤިޔާމަތްދުވަހު މީސްތަކުންގެ ޙާލަތު ހުންނާނެ ގޮތުގެ ކުޑަކުޑަ ޚުލާޞާއެކެވެ. އަހަރެމެން ކޮންމެ މީހަކީވެސް އެދުވަހާ ބައްދަލުކުރަންޖެހޭނެ މީހެކެވެ. އަހަރެމެން އެންމެންވެސް ދަތުރުކުރަމުން މިދަނީ އެދުވަހާ ދިމާލަށެވެ. މިދަތުރުގައި އެންމެ ފުރަތަމަ އަހަރެމެންނާ ބައްދަލުކުރާނެ އެކައްޗަކީ މަރެވެ. މި މަރަކީ އެކަކަށް ވެސް އެއިން ބަރީއަވެ ސަލާމަތްވެގަނެވޭނެ އެއްޗެއް ނޫނެވެ. ސަލަފުއްޞާލިޙުންގެ ބޭކަލެއްކަމުގައިވާ އިބްނު ސައްމާކު ރަޙިމަހުﷲ ވިދާޅުވިއެވެ.

"އެއްދުވަހަކު މަސްވެރިއަކު އޭނާގެ އާދައިގެ މަތިން މަސްބޭނުމަށްޓަކައި އަތިރިމައްޗަށް ނުކުމެ ކަންވާރު މޫދަށް އެއްލިއެވެ. އެހިނދުގައި ބުޅީގައި އެއްޗެއް އަޅައިގަތެވެ. ދަމާ ނަގާ ބެލިއިރު އެއީ ޤަބުރެއްގެ ބޮލުގެ ކަށިގަނޑެކެވެ. އެހިނދު އެމަސްވެރިޔާ އެކަށިގަނޑަށް ބަލާލާފައި އެކަށިގަނޑާ މުޚާޠަބުކޮށްފައި ރޮމުން ރޮމުން ބުންޏެވެ.

ޢިއްޒައްތެރިއަކު ކަމުގައި ތިބާ ވިއެވެ. އެކަމަކު މި މަރުން ތިބާއަށް ސަލާމަތެއް ނުވެވުނެވެ.

މުއްސަންޖަކު ކަމުގައި ތިބާ ވިއެވެ. އެކަމަކު މި މަރުން ތިބާއަށް ސަލާމަތެއް ނުވެވުނެވެ.

ފަޤީރަކު ކަމުގައި ތިބާ ވިއެވެ. އެކަމަކު މި މަރުން ތިބާއަށް ސަލާމަތެއް ނުވެވުނެވެ.

ދީލަތި މީހަކު ކަމުގައި ތިބާ ވިއެވެ. އެކަމަކު މި މަރުން ތިބާއަށް ސަލާމަތެއް ނުވެވުނެވެ.

ޖައްބާރު މީހަކުކަމުގައި ތިބާ ވިއެވެ. އެކަމަކު މި މަރުން ތިބާއަށް ސަލާމަތެއް ނުވެވުނެވެ.

ޢިލްމުވެރިއަކު ކަމުގައި ތިބާ ވިއެވެ. އެކަމަކު މި މަރުން ތިބާއަށް ސަލާމަތެއް ނުވެވުނެވެ."

މިމަރުން މީހަކަށް ސަލާމަތްކަން ލިބޭނެނަމަ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ހަޟްރަތުގައި އެންމެ މާތް ވެގެންވާ އެންމެ ލޯބިވެގެންވާ އިންސާނާ އަޅުގަނޑުމެންގެ މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ސަލާމަތްކަން ލިބުނީހެވެ. ނަމަވެސް އެކަލޭގެފާނުވެސް ﷲ ސުބުހާނަހޫ ވަތަޢާލާގެ މި އިލާހީ ސުންނަތުގެ ދަށުން މިދުނިޔެ ދޫކުރައްވައިވަޑައިގަތެވެ.

މަރު އަންނާނެ ވަޤުތަކީ އެކަކަށްވެސް އެނގިގެންވާ ކަމެއްނޫނެވެ. އެކަމުގެ ޢިލްމުވަނީ ހަމައެކަނި ﷲ ސުބުޙާނަހު ވަތަޢާލާގެ ހަޟްރަތުގައެވެ. މަރު އިންސާނާއާ ބައްދަލުކުރާކަށް ވަކި ޢުމުރެއް، ވަކި ބައްޔެއް އަދި ވަކި ތަނެއްނުވެއެވެ.

تزود من التقوى فإنك لا تدري إذا جن ليل هل تعيش إلى الفجر

ތިބާ ތަޤްވާވެރިކަމުން ދަތުރުގެ ކޮއްތު ލިބިގަންނާށެވެ. އެހެނީ ރޭގަނޑާއި ކުރިމަތިލައިފިނަމަ ފަޖުރުވަންދެންވެސް ތިބާ ދިރިހުންނާނޭ ކަމެއް ނޭނގެއެވެ.

فكم من صحيح مات من غير علة وكم من سقيم عاش حينا من الدهر

ފަހެ އެއްވެސް ބަލިކަމެއް ނެތި ޞިއްޙަތު ސަލާމަތުން ތިބި ކިތައް މީހުން ހަމައެއްވެސް ސަބަބަކާއި ނުލާ މަރުވެފައި ވޭހެއްޔެވެ! އަދި ބޮޑެތި ބަލިތައް ޖެހިފައި ތިބި ކިތައް މީހުން އެތައް ދުވަސް ތަކެއް ވަންދެން ދިރިއުޅެފައި ވޭހެއްޔެވެ!

وكم من صبي يرتجى طول عمره وقد نسجت أكفانه وهو لا يدري



ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! މިމަރާއި މަރުގެ ސަކަރާތަށް އަހަރެމެން ތައްޔާރުވެފައި މިވަނީ ކިހާވަރަކަށް ބާވައެވެ؟ ކައްވަޅާއި އެތާނގެ އަނދިރިކަމަށް އަހަރެމެން ތައްޔާރުވެފައި މިވަނީ ކިހާވަރަކަށް ބާވައެވެ؟ ނަކީރާއި މުންކަރު ދެ މަލާއިކަތުންގެ ސުވާލުތަކަށް އަހަރެމެން ތައްޔާރުވެފައި މިވަނީ ކިހާވަރަކަށް ބާވައެވެ؟ ކާއިނާތުގެ ވެރި ޖައްބާރުވަންތަ ޤައްހާރުވަންތަ އިލާހާ ބައްދަލުކުރުމަށް އަހަރެމެން ތައްޔާރުވެފައި މިވަނީ ކިހާވަރަކަށް ބާވައެވެ؟ އެ ބޮޑުވެގެންވާ ދުވަހުގެ ބޮޑުކަމާމެދު އަހަރެމެން ވިސްނުން ބޮޑުކުރާކަށް އަދިވެސް ނުވޭބާއެވެ؟ ހަމަޔަޤީނުންވެސް އެއީ ނައިސްނުދާނޭ ދުވަހެކެވެ.

Read more...

01 July 2011

މާތް ﷲގެ ރުއްސެވުމާއި މީސްތަކުންގެ ރުހުން ހޯދާނީ ކިހިނެއް؟

އައްޝައިޚް ޙަސަން މޫސާ ފިކުރީ
أبوالعباس سهل بن سعد الساعدى ގެ އަރިހުން ރިވާވެގެންވެއެވެ. މާތް ނަބިއްޔާ މުޙައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ އަރިހަށް މީހަކު އައިސް ދެންނެވިއެވެ. "އޭ ﷲ ގެ ރަސޫލާއެވެ! އަހަރެން ކުރާ ކަމެއްގެ ސަބަބުން މާތް ﷲ އާއި އަދި މީސްތަކުންވެސް އަހަރެންދެކެ ލޯބިވާފަދަ ޢަމަލެއް ބުނެދެއްވަބައްލަވާށެވެ." ޙަދީޘްކުރެއްވިއެވެ. "ازْهَدْ فِي الدُّنْيَا يُحِبَّكَ اللَّهُ،وَازْهَدْ فِيمَا فِي أَيْدِي النَّاسِ يُحِبَّكَ النَّاسُ"
މާނައީ: "ދުނިޔޭގެ ކަންކަމާމެދު ޒާހިދުވާށެވެ. އޭރުން ތިބާދެކެ ﷲ ލޯބިވެވޮޑިގަންނަވާނެތެވެ. އަދި މީސްތަކުންގެ އަތުގައި ހުންނަ އެއްޗެހި ހޯދުމުން ޒާހިދުވާށެވެ. އޭރުން މީސްތަކުން ތިބާދެކެ ލޯބިވާނެއެވެ." (حديث حسن رواه ابنماجة وغيره بأسانيد حسنة)
ޒުހުދުވެރިވުމަކީ މަދުމިންވަރަކުން ފުއްދައިލުމެވެ. ދުނިޔޭގައި ޒުހުދުވެރިވުމަކީ ދުނިޔޭގެ އެދުވެރިކަމާއި ދަހިވެތިކަން ތިމާގެ ހިތުތެރެއިން ފިލުވައިލުމެވެ.

ދަންނާށެވެ! ދުނިޔޭގެ އެއްޗެތިން މަދުމިންވަރެއް ބޭނުންކުރުމާއި ޒުހުދުވެރިވުމަށް ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ އެވަނީ ބާރު އަޅުއްވާފައެވެ. އެކަލޭގެފާނުގެ ޙަދީޘްފުޅެއްގައި ވެއެވެ "كُنْ فِي الدُّنْيَا كَأَنَّكَ غَرِيبٌ أَوْعَابِرُ سَبِيلٍ" رواه البخاري
މާނައީ: "ތިބާއަކީ ބީރައްޓިއްސެއްގެ ގޮތުގައި ނުވަތަ ދަތުރުވެރިއެއްގެ ގޮތުގައި ދުނިޔޭގައި އުޅޭށެވެ."

އަދިވެސް ބައެއް ރިވާޔަތްތަކުގައި މިފަދައިންވެސްވެއެވެ. "ދުނިޔެއަށް ލޯބިކުރުމަކީ ހުރިހާ ކުށެއްގެ ފެށުމެވެ." މި ޢިބާރާތުން ވާރިދުވެފައިވާ ބަސްފުޅުތައް ޞައްޙަ ނޫންކަމުގައި ޙަދީޘް ޢިލްމުވެރިން ޙުކުމްކުރައްވާފައިއެވެ. ނަމަވެސް މިއީ ބަސްތަކުގެ ތެދުކަން އިސްވެދިޔަ ޙަދީޘްފުޅުތަކުން އެނގެއެވެ.

ދަންނާށެވެ ! ދުނިޔޭގައިވާ ކޮންމެ މީހަކީވެސް މެހެމާނެކެވެ. އަދި އޭނާގެ އަތުގައިވަނީ (ޢާރިޔާއެއްގެ ގޮތުގައި) އަނބުރާ ދޭގޮތަށް ނަގާފައިވާ އެއްޗެކެވެ. އަދި މެހެމާނަކުވިއްޔާ ދާނެއެވެ. އަދި ޢާރިޔާއެއްވިއްޔާ އަބުރާ ދައްކަންޖެހޭނެއެވެ. ދުނިޔެއަކީ ވަގުތީގޮތުން ހުޅުވާލެވިފައިވާ ތަނެކެވެ. އެތަނުން ހެޔޮލަފާ މީހާއާއި ނުބައިނުލަފާ ފާޖިރުންވެސް ކައިހަދައެވެ. ދުނިޔެއަކީ މާތް ﷲ ލޯބިވެވޮޑިގަންނަވާ އެކަލާނގެ ވަލިއްޔުން ރުޅިއަރާ ތަނެކެވެ. އަދި ދުނިޔެ އެދޭ މީހާ އެތަނެއްދެކެ ލޯބިވާ ތަނެކެވެ.

ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހިވަސައްލަމަ އިރުޝާދު ދެއްވާފައި އެވަނީ ދުނިޔޭގެ އެދުންވެރިކަން ދޫކޮށް އެތަނުގައި ޒާހިދުވެއްޖެ މީހާދެކެ މާތް ﷲ ލޮބިވެވޮޑިގަންނަވާނޭ ކަމުގައެވެ. ﷲ ތަޢާލާ އެކަލާނގެ އަޅުތަކުންދެކެ ލޯބިވެވޮޑިގަތުމަކީ އެމީހުންނާއި މެދު އެކަލާނގެ ރުހިވޮޑިގަތުމެވެ.

އަދި މީސްތަކުންގެ ލޯބި ހޯދަން އެދޭމީހާ، އެމީހުންގެ އަތުގައިވާ ތަކެތި ހޯދަން އެދުމުން އެއްކިބާވުމަށް އެވަނީ އިރުޝާދު ދެއްވާފައެވެ. އަދި ދުނިޔޭގެ އެދުންވެރިކަން ދޫކޮށްފިމީހަކު، މީސްތަކުންގެ އަތުން އެއްޗެއް ހޯދާކަށް ނޫޅޭނެވެ. އެއީ އެމީހުންގެ އަތުގައި ވާތަކެއްޗާމެދު އެކަކު އެނެކަކު ރުޅިވެރިވެ އެކަކަށްވުރެ އަނެކަކު ކުރިއަރައިދާން މަސައްކަތް އެކުރަނީ ދުނިޔެ ހޯދުމުގައެވެ.

މާތް ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.
"مَنْ كَانَتْ الآخِرَةُ هَمَّهُ جَعَلَ اللَّهُ غِنَاهُ فِي قَلْبِهِ وَجَمَعَ لَهُ شَمْلَهُ وَأَتَتْهُ الدُّنْيَا وَهِيَ رَاغِمَةٌ وَمَنْ كَانَتْ الدُّنْيَا هَمَّهُ جَعَلَ اللَّهُ فَقْرَهُ بَيْنَ عَيْنَيْهِ وَفَرَّقَ عَلَيْهِ شَمْلَهُ وَلَمْ يَأْتِهِ مِنَ الدُّنْيَا إِلَّا مَا قُدِّرَ لَهُ" رواه الترمذي وصححه الألباني.
މާނައީ: "ތިމާ އެއްމެ އިސްކަމެއް ދޭ އެއްޗަކީ އާޚިރަތް ކަމުގައި ހަދާފި މީހެއްގެ، ހިތުގައި އޭނާގެ ފުދުންތެރިކަން ލައްވަވައެވެ. އަދި އޭނާގެ ކަންތައްތަކުގައި ޘާބިތުކަން ﷲ ލައްވަވައެވެ. އަދި އޭނާގެ ދުނިޔެ އޭނާއާ ބައްދަލުކުރަނީ އޭނާ އެތަނާމެދު ނުރުހޭ ހާލުގައެވެ. އަދި ތިމާ އެއްމެ އިސްކަމެއް ދޭ އެއްޗަކީ ދުނިޔެ ކަމުގައި ހަދައިފި މީހެއްގެ ކަންތައްތައް މާތް ﷲ ބައިބައިކުރައްވައެވެ. އަދި އޭނާގެ ފަޤީރުކަން އޭނާގެ ލޮލުގެ ކުރިމަތީގައި ލައްވަވައެވެ. އަދި އޭނާއަށް ދުނިޔެއިން ލިބެނީ ހަމައެކަނި އޭނާއަށް މިންވަރުކުރައްވާފައިވާ އެއްޗެއް އެކަންޏެވެ."
މިޙަދީޘްފުޅާމެދު ވިސްނައިލުމުން، އެނގޭގޮތުގައި މާތް ﷲ ހަދުމަކުރާ މީހަކު، އަދި އާޚިރަތަށް ތައްޔާރުވުމުގައިވާމީހާއަށް ދުނިޔޭގެ މަތީ މަޤާމުތަކެއް ބޮޑެތި މުސާރަތަކެއް ގިނަފައިސާތަކަކުން އޭނާގެ ހިތްލެނބިގެނެއް ނުދާނެއެވެ. އެތަކެއްޗަކީ ކޮންމެވެސް ދުވަހަކުން އޭނާ ދޫކޮށްފައި ދާންޖެހޭ ތަކެތިކަން އޭނާ ހަނދާންހުރެއެވެ.

ނަމަވެސް ދުނިޔޭގެ އެދުންވެރިކަމުގައި އުޅޭ މީހާގެ ލޮލުގެ ކުރިމަތީގައި އޭނާގެ ފަޤީރުކަންވެއެވެ. އެބަހީ އޭނާ ފަޤީރުވެދާނެކަމަށް އަބަދުވެސް ކަންބޮޑުވާނެއެވެ. ދުނިޔެއިން ބޮޑު މުސާރަޔާއި، މަތީ މަގާމުތަކާއި ގިނަގުނަ މުދާލަށް އޭނާއެދެވެ. އޭނާގެ ދަހިވެތިކަން ކޮޅުންނުލައެވެ. ނަމަވެސް އޭނާއަށްވެސް ލިބޭނީ އޭނާއަށް މިންވަރު ކުރައްވާފައިވާ އެއްޗެއް އެކަންޏެވެ.

އުފާވެރިޔަކީ އަބަދަށް ދެމިގެންވާ ފަނާވުމެއްނެތް ޙަޔާތުގެ ނިޢުމަތައް އެދި ހެޔޮ ޢަމަލުތައްކޮށް، އެތަނުގެ ޢަޛާބަށް ނިމުމެއްނުވާކަން އަބަދުމެ ހަނދާނުގައި ބަހައްޓައިގެން އުޅޭ، ފާފަތަކުން އެއްކިބާވުމަށް މަސައްކަތްކުރާ މީހާއެވެ.
...............................
ރާއްޖެއިސްލާމް.ކޮމް އިން ނަގާފައި

Read more...