11 July 2011

ނަބަވީ ސީރަތުގެ އަލީގައި: ލީޑަރެއްގެ ސިފަތައް

އައްޝައިޚް ޢަބްދުﷲ ފާރޫޤް ޙަސަން
އިންސާނީ މުޖުތަމަޢެއް ނުވަތަ އިޖުތިމާޢީ ނިޒާމެއް ފުރިހަމަ ކާމިޔާބީއަކާ ހަމަޔަށް ގެންދިޔުމަށް ޓަކައި އެންމެ މުހިއްމު އެއް ކަމަކީ އެ މުޖުތަމަޢަކަށް ނުވަތަ އެ ނިޒާމަކަށް ޤާބިލު ލީޑަރަކު ލިބިފައި ވުމެވެ. އެ ލީޑަރަކީ ލީޑަރޝިޕްގެ އެންމެ ފުރިހަމަ ސިފަތައް ލިބިފައިވާ މީހަކު ކަމުގައި ވުމެވެ.

އިންސާނާއަކީ އިޖްތިމާޢިއްޔަތަށް ލޯބިކުރާ މަޚުލޫޤެކެވެ. އިޖުތިމާޢީ ޝުރޫރަކީ އޭނާގެ ޠަބީޢަތުގައި އަށަގެންފައިވާ ކަމެކެވެ. އެހެންކަމުން ލީޑަރަކާ ނުލައި އިޖުތިމާޢީ ނިޒާމެއް ދެމިއޮތުމަކީ މުސްތަޙީލު ކަމެކެވެ. ލީޑަރަކު ނެތް މުޖުތަމަޢަކީ ނުވަތަ އިޖުތިމާޢީ ނިޒާމަކީ ގޮއްވަކު ނެތް ބަކަރި އައިނެއް ފަދަ ބައެކެވެ. އެފަދަ ބައެއްގެ އެއްވެސް މަންޒިލެއް ނުވަތަ މަޤްޞަދެއް ނޯންނާނެއެވެ.

ކަން މިހެން ހުރުމާ އެކު ޤާއިދެއްގެ ނުވަތަ ޒަޢީމެއްގެ ތަޞައްވުރަކީ އިންސާނީ ތާރީޚުގެ ވަރަށް ޒަމާންވީ ސިފައެކެވެ. އިންސާނީ ތާރީޚުގެ ހުރިހާ ދުވަސްވަރެއްގައި ވެސް ކޮންމެހެން ބޭނުން ކަމެއް ކަމުގައި ބެލެވިފައިވާ ކަމެކެވެ. ޚާއްސަކޮށް މި ޒަމާނުގެ ރަށްވެހިކަމުގެ ގޮންޖެހުންތައް ވަނީ ޒަޢީމެއްގެ ބޭނުންތެރިކަން އެތައް ގުނައެއް އިތުރުކޮށްފައެވެ. ފުރިހަމަ ޒަޢީމެއްގެ ކިބައިގައި ހުންނާން ޖެހޭ ލީޑަރޝިޕްގެ ސިފަތަކަކީ ކޮބައިކަމާ މެދު ހުޅަނގާއި އިރުމަތީގައި ފުޅާ ދާއިރާއެއްގައި ދަނީ ބަޙުޘްކުރެވެމުންނެވެ.

މި ޒަމާނުގެ ތަޢުލީމީ ނިޒާމުގައި ވެސް ލީޑަރޝިޕްގެ ސިފަތަކާއި ހިންގުމާއި ރޭވުމުގެ ޤާބިލިއްޔަތާ މެދު ތަފްސީލީ ސިލަބަސްތައް ވަނީ އެކުލަވައިލެވިފައެވެ. އިންތިޒާމީ އޮފިސަރަކު ނުވަތަ މެނޭޖަރަކު ނުވަތަ ގްރޫޕް ލީޑަރަކު ނުވަތަ ޤާއިދަކު އޭނާގެ މަސްއޫލިއްޔަތު އަދާކުރާންވީ ގޮތެވެ. އެފަދަ މީހަކާ ކުރިމަތިވާނީ ކޮންކޮން ބާވަތެއްގެ މަސްއަލަތަކެއް ކަމެވެ. އެ ކަންކަން ހައްލުކުރާނީ ކިހިނަކުން ކަމެވެ. ފަރުދެއްގެ ކިބައިގައި އެ ކަންކަމުގެ ޤާބިލިއްޔަތު އުފައްދައި ކުރިއަރުވާނީ ކޮން ގޮތަކަށް ކަމެވެ. ވަސީލަތްތަކާއި، މަޤުޞަދުތަކާއި، މަސްއަލަތަކާ މެދު ގެންގުޅޭންވީ ނިސްބަތަކީ ކޮބައިކަމެވެ. އާދެ، މިއީ މި ޒަމާނުގެ ކޯޕަރޭޓިވް ތަޢުލީމުގެ މުހިއްމު ބާބުތަކެވެ. މެނޭޖްމަންޓާއި، ޝަޚްސިއްޔަތު ބިނާކުރުމާއި، ނަފްސިއްޔާތުގެ މާހިރުން ވަނީ ވަރަށް ގިނަ އުސޫލުތަކެއް ވެސް ކަނޑައަޅައިފައެވެ.

ދުނިޔެ ދެކެފައިވާ އެންމެ ކުޅަދާނަ، އެންމެ ޤާބިލު ލީޑަރު ކަމުގައި ވާ އިސްލާމް ދީނުގެ ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަ ސައްލަމަ ވަނީ މި ރޮނގުން ވެސް މަތިވެރި އިރުޝާދުތަކެއް ދެއްވައިފައެވެ. ތޭވީސް އަހަރުގެ ކުރު މުއްދަތެއްގެ ތެރޭގައި އެ ކަލޭގެފާނު ވަނީ އިންތިހާ ދަރަޖައިގެ ޖާހިލުކަމުގައި އޮތް މުޖްތަމަޢެއް މުޅީން ބަދަލުކޮށްލައްވައި، ބަޠަލުންގެ ނާސަރީއަކަށް ހައްދަވައިލައްވައިފައެވެ. ޢަސްކަރީ ގޮތުން ބެލިޔަސް، ޢިލްމީ މައިދާނަށް ނަޒަރު ހިންގައިލިޔަސް، ސިޔާސީ ހިންގުންތެރިކަމަށް ނަޒަރު ހިންގައިލިޔަސް، ލާމަސީލު ނަމޫނާތަކެއް ދައްކަވައިފައެވެ.

މެނޭޖްމަންޓުގެ މާހިރުން ވިދާޅުވާ ގޮތުގައި ޤާއިދެއްގެ ކިބައިގައި ހިތްވަރާއި، ކެރުމާއި، އަޒުމާއި، މީހުންގެ ޖަހުއަރު ދަތުމާއި، ދުރު ވިސްނުމާއި، އަމިއްލަ ނަފުސަށް އިތުބާރު ކުރުމާއި، ސާބިތުކަމުގައި ދެމިހުރުމުގެ ސިފަ ނިހާޔަތަށް ހުންނާން ޖެހެއެވެ. ވަރަށް ގިނަ މާހިރުން އިސްކަންދެއްވާ ގޮތުގައި ލީޑަރަކީ އޭނާގެ ދަށުގައި ވާ މީހުންގެ ކިބައިގައި ހިތްވަރާއި އަޒުމު އުފެއްދުމުގެ ކުޅަދާނަކަން ލިބިފައިވާ މީހަކު ކަމުގައި ވާން ޖެހެއެވެ. އޭނާއަކީ ވަށައިގެން ވާ މަސްރަހު ދަންނަ މީހަކަށް ވާން ޖެހެއެވެ. މަސްއަލަތައް ހައްލުކުރަން އެނގޭ މީހަކަށް ވުން ލާޒިމެވެ. އެ މީހެއްގެ ޖަމާޢަތަށް ފުރިހަމަ އަމާޒެއް ހޯދައިދީ މަގުދައްކައިދެވޭ ފަދަ މީހަކަށް ވާން ޖެހެއެވެ. އެ މީހެއްގެ މުޅި ޖަމާޢަތުގެ މިޒާޖު ބަދަލުކޮށްލައި، އައު މަގަކަށް އަޅުވައިލެވޭ ފަދަ މީހަކަށް ވާން ޖެހެއެވެ.

އިސްލާމް ދީނުގެ ނަބިއްޔާގެ ސީރަތުންނާއި، އެކަލޭގެފާނުގެ ޙަދީޘުފުޅުތަކުން މި ހުރިހާ ކަމަކަށް ފުރިހަމަޔަށް އިރުޝާދު ލިބިފައި ވެއެވެ. މި ޒަމާނުގެ ނަފްސިއްޔާތުގެ މާހިރުންނާއި މެނޭޖްމަންޓުގެ ޕްރޮފެސަރުންގެ އިރުޝާދުތަކަށް ވުރެ މާ ފުރިހަމަ އިރުޝާދުތަކެކެވެ. އޭގެ ތެރެއިން ބައެއް ކަންތައްތަކަކީ:

• ވަރުގަދަ އީމާނަކާއި ޢަޤީދާއެއްގެ ވެރިޔަކަށް ވުން
• ޚުލުޤު ރީތި ތަޤުވާވެރިޔަކު ކަމުގައި ވުން
• ހިންމަތާއި އަޒުމުގެ ވެރިޔަކަށް ވުން
• ޢާއްމުންނާ ގުޅުން އުފައްދަން އެނގޭ މީހަކު ކަމުގައި ވުން
• ކެތްތެރި، ހިތްވަރު ހުރި މީހަކު ކަމުގައި ވުން
• މަސައްކަތުގައި ސާބިތުވެ ހުންނަ މީހަކު ކަމުގައި ވުން
• ޢިލްމުވެރިކަމާއި، ޙިކުމަތްތެރިކަން ހުރި މީހަކު ކަމުގައި ވުން
• މީހުން އެއްބައިވަންތަކުރަން އެނގޭ، މަޝްވަރާއަށް ޢަމަލުކުރާ މީހަކަށް ވުން
• އީމާންތެރި ތެދުވެރި މީހަކު ކަމުގައި ވުން
• އިންސާފަށް ލޯބިކުރާ މީހަކު ކަމުގައި ވުން
• މަޤުޞަދަށް ޓަކައި ޤުރުބާން ވާން ކެރޭ މީހަކު ކަމުގައި ވުން
• އަނެކުންގެ އިޙްސާންތެރިކަން ޤަބޫލުކުރާ އަދި ޝުކުރުވެރިވާ މީހަކަށް ވުން

އިސްލާމް ދީނުގެ ނަބިއްޔާގެ އިރުޝާދުތަކުން އެނގޭގޮތުގައި ލީޑަރެއްގެ ކިބައިގައި ހުރުން އެންމެ ބޮޑަށް ލާޒިމު އެއް ސިފައަކީ މަޤާމަށް ދަހިވެތިވާ މީހަކު ކަމުގައި ނުވުމެވެ. ލީޑަރުންގެ ކިބައިގައި ހުންނަ ބޮޑާކަމާއި ކިބުރުވެރިކަމަށް އެކަލޭގެފާނު ފަރުމާކުރައްވާފައި ވަނީ ޤައުމެއްގެ ވެރިޔަކީ އެބައިމީހުންގެ ޚާދިމު ކަމުގައި އިރުޝާދު ދެއްވައިގެންނެވެ.

އިސްލާމީ އުސޫލުތަކުގައި ވާ ގޮތުން ލީޑަރެއްގެ މުހިއްމު އަނެއް ސިފަޔަކީ އޭނާގެ ޖަމާޢަތުގައި ހިމެނޭ މޮހުމާއި ބަނުމުގެ އަހުލުވެރީންގެ މަޝްވަރާގެ މަތީން ކަންތައް ކުރާ މީހަކަށް ވުމެވެ. ދިވެހި އިސްޠިލާޙަކުން ދަންނަވާ ނަމަ "ގަދަ ކެޔޮޅަކަށް" ނުވުމެވެ.

Blog Widget by LinkWithin

1 comment:

  1. Ahmed Majid11/7/11 11:47 AM

    މުޙައްމަދު ޞައްލަﷲ ޢަލައިހި ވަ ސައްލަމަގެ ލީޑަރޝިޕް ކޮލިޓީއާއި، އެކަލޭގެފާނުގެ އިންސާނީވަންތަކަމާ މެދު ޝައްކުއުފައްދަން އެއް އިރެއްގައި ޔޫރަޕުގެ ކްރިސްޓިއަން ދީނީ ލީޑަރުން ވަރަށް މަސައްކަތްކުރިއެވެ. އެއިރުވެސް އެ މީހުންނަށް ޖެހުނީ އެ ކަލޭގެފާނުގެ ސީރަތުން ގޯހެއް ނުފެނުމުން ދޮގު ވާހަކަތައް ހަދަހަދައިގެން ދައްކާށެވެ. އެ ގޮތުން ފްރެންޗް އެންސައިކްލޮޕީޑިއާ ލަރޫސީގައި ލިޔެފައިވާ ވާހަކަތަކާއި، މަޝްހޫރު ގިލްބަރޓް ނުވަތަ ގައިބަރޓް ޑި ނޮޖެންޓް ފަދަ ލިޔުންތެރީން ލިޔެފައިވާ ވާހަކަތައް ބައްލަވާށެވެ. މިބައިމީހުން އިތުރު ރަސޫލާއަކީ \"ޖަމަލުވަގެއް ކަމަށާއި، ސިހުރުވެރިއެއް ކަމަށާއި، ޢަރަބި ބަދަވީ ޤަބީލާއެއްގެ ބޮޑެއް ކަމަށާއި، އެކަލޭގެފާނު އަވަހާރަވީ މާ ގިނައިން ރާފޮދު ހިއްޕަވައިގެން ހޭފުޅުނެތިފައި އޮންނަވައި ކަމަށާއި، އެ ކަލޭގެފާނުގެ ހަށިކޮޅު ޖަނަވާރުތައް ބޮޑުކަމުދާ ތަނެއްގައި އޮއްވައި އޫރުތަކެއް އައިސް ކާލީކަމަށް ލިޔެފައި ވެއެވެ. ނަފްރަތާއި ޢަދާވާތްތެރިކަމުގެ ވެސް މިއީ ތަންފުކެއް ބޮޑު ވަރު، އެހެން ނޫންތޯއެވެ؟ އަޅުގަނޑުމެންގެ ތެރޭގައި ވެސް މިހާރު އިތުރު އެކަލޭގެފާނާ ދެކޮޅު ހެދުމަކީ \"ފެޝަނެއް\" ކަމަށް، ނުވަތަ މާ \"ގައްޑާ\" ކަމެއް ކަމަށް ދެކެގެން އުޅޭ މީހުންނާއި، ރޮބަރޓް ސްޕެންސަރ ފަދަ އެމެރިކާގެ އިސްލާމީ \"މުއައްރިޚުން\" ގެ ދޮގުތައް ޤަބޫލުކޮށްގެން އުޅޭ މީހުންނާއި، އެއްވެސް އެއްޗެއް ނުދަންނަ އިރުވެސް ހުރިހާ އެއްޗެއް ދަންނަ ކަމަށް ހެދިގެން އުޅޭ މީހުން އެބައުޅެއެވެ. ނަމަވެސް ޙަޤީޤަތް އޮޅުވައެއް ނުލެވޭނެއެވެ. ޙަޤީޤަތަކީ މުޙައްމަދުގެފާނަކީ ރޫޙާނީގޮތުންނާއި، މާއްދީގޮތުންނާއި، އަޚްލާޤީގޮތުން އިންސާނިއްޔަތުގެ ރިވެތިކަމާއި މާތްކަމުގެ ކުންނު ކަމަށް ވުމެވެ.

    ReplyDelete