09 July 2011

ތައުޙީދު - ފުރަތަމަ އަދި ފަހުގެވެސް ވާޖިބިއްޔާތު

އަލްއުޚްތު އުއްމު ޢީޝަލް
ދަންނާށެވެ! رسول الله صلى الله عليه وسلم، އެންމެ ފުރަތަމަ ވެސް ގޮވާލެއްވީ ތައުޙީދަށެވެ. އަދި الله سبحانه وتعالى ގެ މަގު، ޙައްޤުވެގެންވާ މަގު ހޯދާމީހަކަށްވާ ފުރަތަމަ މަރުޙަލާއަކީ ވެސް އެއީ އެވެ. އެހެންކަމުން އިސްލާމް ވާން ބޭނުން މީހާ އެންމެ ފުރަތަމަ ވެސް ދެނެގަންނަންވީ ތައުޙީދެވެ. އަދި އިސްލާމް ދީނަށް ގޮވައިލާ މީހާގެވެސް އެންމެ އިސްވާޖިބަކީ އެއީއެވެ. الله سبحانه وتعالى، ފޮނުއްވި ރަސޫލުންގެ ވެސް ޢަމަލުތަށް ބެހެއްޓެވީ އެގޮތުގެ މަތިންނެވެ. އެބޭބޭކަލުންގެ ވިދާޅުވަމުން ގެންދެވިއެވެ. ”ތިޔަބައިމީހުން ﷲ ތަޢާލާއަށް އަޅުކަން ކުރާށެވެ. އެއިލާހު ފިޔަވައި އެހެން އިލާހަކު ތިޔަބައިމީހުންނަކަށް ނުވެއެވެ.“
ނޫޙް عليه السلام، އާއި މެދު الله سبحانه وتعالى ވަޙީ ކުރައްވާފައިވެއެވެ.
”لَقَدْ أَرْسَلْنَا نُوحًا إِلَى قَوْمِهِ فَقَالَ يَا قَوْمِ اعْبُدُوا اللَّهَ مَا لَكُمْ مِنْ إِلَهٍ غَيْرُهُ إِنِّي أَخَافُ عَلَيْكُمْ عَذَابَ يَوْمٍ عَظِيمٍ“
”ހަމަކަށަވަރުން ތިމަން ﷲ ނޫޙު (عليه السلام) އެކަލޭގެފާނުގެ ޤައުމުގެ މީސްތަކުންގެ ގާތަށް ފޮނުއްވީމެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އޭ ޤައުމުގެ މީސްތަކުންނޭވެ! ﷲ ތަޢާލާ އަށް އަޅުކަން ކުރާށެވެ. އެއިލާހު ފިޔަވައި އެހެން އިލާހަކު ތިޔަބައިމީހުންނަކަށް ނުވެއެވެ.“ [ސޫރަތުލް އަޢުރާފު: 59]

އަދި ހޫދު عليه السلام، އެކަލޭގެފާނުގެ ޤައުމުގެ މީސްތަކުންނަށް ވިދާޅުވިއެވެ.
”قَالَ يَا قَوْمِ اعْبُدُوا اللَّهَ مَا لَكُمْ مِنْ إِلَهٍ غَيْرُهُ أَفَلا تَتَّقُونَ“
”އެކަލޭގެފާނު ވިދާޅުވިއެވެ. އޭ ޤައުމުގެ މީސްތަކުންނޭވެ! ﷲއަށް އަޅުކަން ކުރާށެވެ! އެއިލާހު ފިޔަވައި އެހެން އިލާހަކު ތިޔަބައިމީހުންނަކަށް ނުވެއެވެ.“ [ސޫރަތުލް އަޢުރާފު: 65]

އަދި ޞާލިޙް عليه السلام، އެކަލޭގެފާނުގެ ޤައުމަށް ވިދާޅުވިއެވެ.
”قَالَ يَا قَوْمِ اعْبُدُوا اللَّهَ مَا لَكُمْ مِنْ إِلَهٍ غَيْرُهُ... “
”އޭ ޤައުމުގެ މީސްތަކުންނޭވެ! ތިޔަބައިމީހުން ﷲ އަށް އަޅުކަން ކުރާށެވެ! އެއިލާހު ފިޔަވައި އެހެން އިލާހަކު ތިޔަބައިމީހުންނަކަށް ނުވެއެވެ.“ [ސޫރަތުލް އަޢްރާފު: 73]

އަދިވެސް (މިބީދައިން) الله سبحانه وتعالى، ވަޙީ ކުރައްވާފައި ވެއެވެ.
”وَمَا أَرْسَلْنَا مِنْ قَبْلِكَ مِنْ رَسُولٍ إِلا نُوحِي إِلَيْهِ أَنَّهُ لا إِلَهَ إِلا أَنَا فَاعْبُدُونِ“
”އަދި ތިމަން ﷲ ކަލޭގެފާނުގެ ކުރިންވެސް އެއްވެސް ރަސޫލަކަށް މިފަދައިން ވަޙީ ނުކުރައްވާ ނުފޮނުއްވަމެވެ. ތިމަން ﷲ ފިޔަވައި ޙައްޤުވެގެން އަޅުކަންކުރެވޭ އެހެން ފަރާތެއް ނުވެއެވެ. އެހެންކަމުން ތިމަން ﷲ އަށް އަޅުކަންކުރާށެވެ.“ [ސޫރަތުލް އަންބިޔާ: 25]

އަދި رسول الله صلى الله عليه وسلم، ޙަދީޘް ކުރައްވާފައި ވެއެވެ.

. ”ތިމަންކަލޭގެފާނަށް އަމުރު ކުރެވިގެންވަނީ މީސްތަކުންނާއި ހަނގުރާމަކުރުމަށެވެ. އެއީ ﷲ ތަޢާލާ ފިޔަވައި އެހެން އިލާހަކު ނުވާކަމަށާއި އަދި މުޙައްމަދުގެފާނަކީ ﷲ ގެ ރަސޫލާ ކަމަށް ހެކިވަންދެނެވެ.“ (ރަވާހު ބުޚާރީ ވަ މުސްލިމް)

އަދި އެހެންކަމުން، މީސްތަކުންގެ މައްޗަށްވާ ފުރަތަމަ ވާޖިބަކީ މިއީ އެވެ. އަދި މިއީ ކޮންމެ މުކައްލަފެއް (ޝަރީޢަތުގެ ކަނޑައެޅިފައި ކަންތައް ކުރުން ވާޖިބުވާ މީހުން (އެބަހީ: ބުއްދިސަލާމަތުން ހުރުން، ބާލިޣުވެފައިވުން) ގެ މައްޗަށްވެސް ވާ ވާޖިބެކެވެ. އެހެންކަމުން ﷲ ފިޔަވައި އެހެން އިލާހަކު ނުވާކަމަށް ހެކިވުމަކީ މީސްތަކުންގެ މައްޗަށްވާ ފުރަތަމަ ވާޖިބެވެ. އަދި އެންމެ ފަހުގެވެސް ވާޖިބަކީ އެއީ އެވެ. رسول الله صلى الله عليه وسلم، ީޙަދީޘް ކުރައްވާ ފައިވެއެވެ. ”އެމީހެއްގެ އެންމެ ފަހުބަހަކީ لا اله الا الله ކަމުގައި ވާ މީހާ، ޖަންނަތަށް ވަންނާނެއެވެ.“(ރަވާހު އަބޫދާއޫދު، އިރްވާ އަލްޤަލީލްގައި ޝައިޚް އަލްބާނީ، މިޙަދީޘަކީ ޙަސަން ޙަދީޘެއްކަމަށް ވިދާޅުވެފައިވޭ)
........................
ނޯޓް: މިލިޔުމަކީ ދީން.އިންފޮރ އިން ނަގާފައިވާ ލިޔުމެއް

Blog Widget by LinkWithin

No comments:

Post a Comment