29 April 2010

އަހަރެމެންނަކަށް މި ޕްލެނެޓް ޙިމާޔަތެއް ނުކުރެވޭނެއެވެ

އަލްއަޚް ބިލާލް ޢަބްދުއްސައްތާރު
"ނަމަވެސް الله سبحانه وتعالى ޖައްސަވާފައިވާ ތަކްލީފްތައް ކުޑަ ވެގެން މީސްތަކުންގެ ތެރެއިން ބަޔަކު އުޅޭހެން ހީވާފަދަ މަންޒަރުތަކެއް މިއަދު ފެންނަމުން އެބަދެއެވެ. އެބައިމީހުންނަށް އުފުލަން ނުޖެހޭ ބޮޑެތި ޒިންމާތައް (މިސާލަކަށް އަޅުގަނޑުމެންގެ މި އުޅެމުންދާ ޕްލެނެޓް ޙިމާޔަތް ކުރުން، ވެލާ ކަހަނބު ޙިމާޔަށް ކުރުން ފަދަ ކަންކަން) އެބައިމީހުން ވަނީ އުފުލަން ފަށާފައެވެ."

الله سبحانه وتعالى އަހަރެމެން އިންސާނުން އުފައްދަވާފައި ވަނީ ހަމައެކަނި އެއިލާހަށް އަޅުކަންކުރުމަށްޓަކައެވެ. އެކަން ކީރިތި ޤުރުއާންގައި ވަރަށް ސާފްކޮށް ބަޔާން ކޮށްދެއްވާފައިވެއެވެ. އަދި އަހަރެމެންގެ އަމިއްލަ ނަފްސުތަކާއި އަނބިދަރިން ނަރަކައިން ސަލާމަތް ކުރުމަށް އެއިލާހު ވަނީ އަމުރު ކުރައްވާފައެވެ. އަހަރެމެންގެ ނަފްސުތަކަށް ރައްކާތެރި ވުމަށް އެއިލާހު އަންގަވައެވެ. އެ ނަފްސު އެއިލާހު ނަހީ ކުރެއްވި ކަންތައްތަކުން ދުރުކޮށް ރައްކާތެރި ކުރުމަށެވެ. އެއިލާހު އަހަރެމެންނަށް ކުރުމަށް އަމުރު ކުރައްވާފައި ވަނީ އަހަރެމެންނަށް ކުރުމަށް ކުޅަދާނަވާ ކަންތައްތަކެވެ. އަހަރެމެންނަށް ނުއުފުލެއްވޭ ވަރުގެ ބުރަތައް އުފުލާކަށް ނުޖައްސަވައެވެ. އަހަރެމެން ކުރަންވީ ކަމަކީ ފުރިހަމައަށް ދީނަށް ވަދެ އެއިލާހު އަމުރުކުރެއްވި ގޮތަށް އެއިލާހަށް އަޅުކަން ކުރުމެވެ. އޭރުން ސުވަރުގޭގެ ދާއިމީ ނިޢުމަތް އަހަރެމެންނަށް އެއިލާހުގެ ރަޙްމަތްފުޅުން ލިބޭނެއެވެ.
ނަމަވެސް الله سبحانه وتعالى ޖައްސަވާފައިވާ ތަކްލީފްތައް ކުޑަ ވެގެން މީސްތަކުންގެ ތެރެއިން ބަޔަކު އުޅޭހެން ހީވާފަދަ މަންޒަރުތަކެއް މިއަދު ފެންނަމުން އެބަދެއެވެ. އެބައިމީހުންނަށް އުފުލަން ނުޖެހޭ ބޮޑެތި ޒިންމާތައް (މިސާލަކަށް އަޅުގަނޑުމެންގެ މި އުޅެމުންދާ ޕްލެނެޓް ޙިމާޔަތް ކުރުން، ވެލާ ކަހަނބު ޙިމާޔަށް ކުރުން ފަދަ ކަންކަން) އެބައިމީހުން ވަނީ އުފުލަން ފަށާފައެވެ. الله سبحانه وتعالى ތަޢާލާއަށް އަދާކުރަން ޖެހޭ އަޅުކަން ތަކަށްވުރެވެސް ބޮޑަށް މިކަމާއި މިބައިމީހުން ކަންބޮޑު ވެއެވެ. މި ކާއިނާތުގެ ނިޒާމް ފުރިހަމަ ގޮތުގައި ވުޖޫދަށް ގެންނަވާ، މި ނިޒާމް ފުރިހަމައަށް ބަލަހައްޓަވަނީ الله سبحانه وتعالى ކަން ކަށަވަރެވެ. އެހެންކަމުން ޕްލެނެޓް ޙިމާޔަށް ނުވެގެން އުޅުމަކީ އަހަރެމެން އެކަމާ މަސްއޫލުވާންޖެހޭނޭ ކަމެއްނޫނެވެ. އެކަމުގެ ޒިންމާ الله سبحانه وتعالى ވަނީ ނަންގަވާފައެވެ. އެއިލާހު އިރާދަ ކުރައްވާ ދުވަހެއް އައުމުން މުޅި ކާއިނާތު ފުނޑުފުނޑުވެގެން ދާނެއެވެ. އެއީ ޤިޔާމަތް ދުވަހެވެ. އެދުވަހުގައި އަހަރެމެންނާ ސުވާލު ކުރެވޭނީ އަހެރެމެންނަށް الله سبحانه وتعالى ކުރަން އަމުރު ކުރެއްވި އަޅުކަންތަކާ މެދުގައެވެ. ޕްލެނެޓް ޙިމާޔަތްކުރަން ކުރީ ކޮންމަސައްކަތެއްތޯ ނުވަތަ ވެލާ ކަހަނބު ޙިމާޔަތް ކުރަން މަސައްކަތްނުކުރީ ކީއްވެގެންތޯ އަޅުގަނޑުމެންނަކާ ސުވާލެއް ނުކުރެވޭނެއެވެ. އަދި "ޙިމާޔަތް" ކުރުމުގެ މަސައްކަތުގެ ސަބަބުން ލިބުނީ ބައިނަލްއަޤްވާމީ ކިތައް އެވޯޑްތޯ އެއްވެސް ސުވާލެއް ނުކުރެވޭނެއެވެ.

Read more...

23 April 2010

ދީނީ ފޮތް

ޤުރުއާން / ތަފްސީރު
1- ކީރިތި ޤުރުއާނުގެ ދިވެހި ތަރުޖަމާ (ރައީސް އޮފީސް)
2- ކީރިތި ޤުރުއާނުގެ ދިވެހި ތަރުޖަމާ (ޢަދާލަތު ޕާރޓީ)
3- ކީރިތި ޤުރުއާނުގެ ދިވެހި ތަރުޖަމާ (އަބޫބަކްރު އިބްރާހިމް ޢަލީ)
4- ކީރިތި ޤުރުއާނުގެ ސޫރަތްތަކުގެ މާތްކަން (އަޙްމަދު ނާޒިލް މުޙައްމަދު)
ޢަޤީދާ
1- ކިތާބުއް ތައުޙީދި (މުޙައްމަދު އިބްރާހިމް، ނައިފަރު)
2- ރިސާލަތުއް ތައުޙީދި (އަބޫބަކްރު އިބްރާހިމް ޢަލީ)
3- އަހްލުއް ސުންނާ ވަލް ޖަމާޢަތުގެ ޢަޤީދާ (މުޙައްމަދު އިބްރާހިމް، ނައިފަރު)
4- އަހްލުއް ސުންނާ ވަލް ޖަމާޢަތުގެ ޢަޤީދާ (އިސްމާޢިލް މުޙައްމަދު)
5- ޞައްޙަ ޢަޤީދާ (އާދަމް ޝަމީމް ބިން އިބްރާހިމް)
6- ސުންނަތް ޖަމާޢަތުގެ އަހުލުވެރިންގެ ޢަޤީދާގައި ޞަޙާބީން (މުޙައްމަދު ސިނާން)
7- ދަލާއިލުއް ތައުޙީދި (މުޙައްމަދު ޝާފިޢު ބިން ޢަބްދުލްޣަފޫރު)
8- ކޮންމެ ބިދުޢައަކީ މަގުފުރެދުމެކެވެ (މުޙައްމަދު އިބްރާހިމް، ނައިފަރު)
9- ތަބްލީޣް ޖަމާޢަތުގެ ޙަޤީޤަތް (އަޙްމަދު މިޙްޞަން މުޙައްމަދު)
10- އަޅުކަމަކީ ދުޢާއެވެ. (މުޙައްމަދު ސިނާން)
11- އުއްމަތުގެ ޢާއްމުންނަށް މުހިއްމު ދަރުސްތައް (އުއްމު ޢަބްދުﷲ) 
12- ހަތަރު ޤަވާޢިދު (މުޙައްމަދު ޝާފިޢު ބިން ޢަބްދުލްޣަފޫރު)
13- ނަބިއްޔުންގެ ތަރިކަ (މުޙައްމަދު އިބްރާހިމް، ނައިފަރު)
14- މުސްލިމުންގެ ތެރެއަށް އަލަށް އައިސްގެންއުޅޭ ދީނީ ހަރުކަށި އުޞޫލުތަކާއި އޭގެ ފަހަތުގައި ފޮރުވިފައިވާ ސިއްރުތައް (އަޙްމަދު ސަމީރު ބިން އިބްރާހިމް)
15- ﷲ އެއްކައުވަންތަކުރުން (އަބޫބަކްރު އިބްރާހިމް ޢަލީ)
16- ނަވާޤިޟުލް އިސްލާމް (މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު)
17- އަލްޚަވާރިޖު (ޑރ ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާން) 
18- ތައުޙީދުގެ ކަލިމައިގެ ތަފްސީރު (އަޙްމަދު މިޙްސަން މުޙައްމަދު) 
19- އީމާންކަން (ބިލާލް ޢަބްދުއްސައްތާރު)
20- ޘަލާޘަތުލް އުޞޫލި ވަ އަދިއްލަތުހާ (މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު)
  ޙަދީޘާއި އޭގެ ޢިލްމު
1- ޢިލްމުލް ޙަދީޘް (އާދަމް ނަސީމް)
2- ކުތުބުއް ސިއްތާއަށް މަގެއް (މުޙައްމަދު ސިނާން)
3- ރިޔާޟުއް ޞާލިޙީން (ޢަބްދުﷲ ފާރޫޤް އިބްރާހިމް)
4- ޢުލޫމުލް ޙަދީޘް (އަޙްމަދު ފާރޫޤް މުޙައްމަދު)
5- ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތަށް ޢަމަލުކުރުމުގެ ވާޖިބުކަން
ފިޤްހާއި އޭގެ ޢިލްމު
1- ކިތާބުއް ޠަހާރާ (މުޙައްމަދު އިބްރާހިމް)
2- ކިތާބުއްޞަލާތި (މުޙައްމަދު އިބްރާހިމް)
3- މުޚްތަޞަރު ކިތާބިއްޞަލާތި (މުޙައްމަދު އިބްރާހިމް)
4- ކިތާބުއްޞިޔާމް (މުޙައްމަދު އިބްރާހިމް)
5- ރަމަޟާން މަހު ރޯދަ (ޝަފީޢު ޢަބްދުﷲ) 
6- ކައިވެނީގެ ރަން (މުޙައްމަދު ސިނާން)
7- ރޯދައިގެ އިރުޝާދު (އަޙްމަދު ސަމީރު ބިން އިބްރާހިމް)
8- ރޯދަމަހާ ގުޅޭ ލިޔުންތައް (ޝަފީޢު ޢަބްދުﷲ)
9- ތަޞްވީރު ކުރެހުމުގެ ޙުކުމަކީ ކޮބާ؟
10- ޢުމުރާގެ އަޅުކަން އަދާކުރާނެ ގޮތް
11- ޙައްޖާއި ޢުމުރާ ކުރާނެގޮތް (ޖަމްޢިއްޔަތުލް ޚައިރު) 
ދުޢާ، ޒިކްރު، ޝަރުޢީ ރުޤްޔާ
1- ހިސްނުލް މުސްލިމް (މުޙައްމަދު އިބްރާހިމް ނައިފަރު)
2- ޖިންނި މޮޔަވުމަކީ ޙަޤީޤަތެއް (ޢަބްދުﷲ ބިން މުޙައްމަދު އިބްރާހިމް)
3- ބީވެގެން ގޮސްފައިވާ އަޅުކަމެއް (މުޙައްމަދު ސިރުޙާން) 
އުޚްތުން، ތަރުބިއްޔަތު
1- ދެމަފިރިން (އަބޫބަކުރު އިބްރާހިމް ޢަލީ)
2- މުޖްތަމަޢުގެ މުތްތައް (މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު)
3- ދިވެހި އަންހެނުންގެ އުނުފޭރާން (އިބްރާހިމް ޖަދީދު އަޙްމަދު)
ރަޤާއިޤު، ވާހަކަ،
1- އަހަރެން ތައުބާވާން ބޭނުން އެކަމަކު (އުއްމު ޢަބްދިﷲ)
2- ނަބިއްޔުންގެ ތަރިކަ (މުޙައްމަދު އިބްރާހިމް ނައިފަރު)
3- ޢިބުރަތްތެރި ވާހަކަ 1 (ދިސަލަފިއްޔާ)
4- ޢިބުރަތްތެރި ވާހަކަ 2 (ދިސަލަފިއްޔާ)
ކުޑަކުދިން
1- ކޮއްކޮގެ ދުޢާފޮތް (މުޙައްމަދު ޝާފިޢު ބިން ޢަބްދުލްޣަފޫރު)
2- ތަޔައްމުމު (ޢިމްރާން މުޙައްމަދު ޢަލީ)
3- ވުޟޫ (ޢިމްރާން މުޙައްމަދު ޢަލީ، ނިމާލް މުޙައްމަދު)
4- ﷲ އަށް ޝުކުރުކުރުން (މުޙައްމަދު ސިނާން)
5- ކެއުމުގެ އަދަބުތައް (އަޙްމަދު ނާޒިހް)
6- ނިދުމުގެ އަދަބުތައް (މުޖްތަބާ ޙަމީދު) 
7- މާއްދަތު އައްތައުޙީދު 1 (ޢިމްރާން މުޙައްމަދު ޢަލީ)
8- މާއްދަތު އައްތައުޙީދު 2 (ޢިމްރާން މުޙައްމަދު ޢަލީ)
9- މާއްދަތު އައްތައުޙީދު 3 (ޢިމްރާން މުޙައްމަދު ޢަލީ) 
10- ކުޑަކުދިންގެ ވާހަކަ 1 (ދިސަލަފިއްޔާ ޓީމް)


 
  

Read more...

ރަލާއި ނުލާ ދިވެހި ރާއްޖެ

އަލްއަޚް ބިލާލް ޢަބްދުއްސައްތާރު
އެއްވެސް ޝައްކެއްނެތްގޮތުގައި މާތް ވެގެންވާ އިސްލާމްދިނަކީ އެންމެ ފުރިހަމަ ވެގެންވާ ދީނެވެ. އެއްވެސް ކަމެއް އުނި ނުވާނޭ ގޮތުގެ މަތިން މި ދީނުގެ ވެރި އިލާހު ވަނީ އެއްމެ ފަހުގެ ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް މެދުވެރި ކުރައްވާ މިދީން ފުރިހަމަ ކޮށްދެއްވާފައެވެ. އަދި އެކަން ވަނީ އެއިލާހުގެ ކަލާމް ފުޅު ކަމުގައިވާ ކީރިތި ޤުރުއާނުގައި ވަރަށް ޞަރީޙަ ޢިބާރާތުން ބަޔާން ކޮށްދެއްވާފައެވެ. ﷲ ތަޢާލާގެ ހަޟްރަތުގައި ޤަބޫލު ކުރެވިގެންވާ ހަމައެކަނި ދީނަކީ އިސްލާމް ދީނެވެ. އަދި ހަމައެކަނި އިސްލާމް ދީން ދީނެއްގެ ގޮތުގައި ޤަބޫލު ނުކުރާ ޙާލު އިންސާނާ މަރުވެއްޖެ ކަމުގައި ވާނަމަ އޭނާއަކަށް އެއްވެސް ކާމިޔާބެއް ނެތެވެ. އެފަދަ މީހަކު ވެގެންދަނީ ނަރަކައިގައި ދާއިމުވެ ތިބެންޖެހޭ މީހުންގެ ތެރެއިންނެވެ. ވީމާ އެދީނުގައި ކަނޑއެޅިފައިވާ އެންމެހާ ޙުކުމް ތައް އެއްވެސް ކަހަލަ ނުރުހުންތެރި ކަމެއްނެތި ޤަބޫލު ކުރަން ޖެހެއެވެ. އެދީނުގައި އެއްވެސް އުނިކަމެއް ނެތެވެ. އިންސާނަކު ދުނިޔެއަށް އުފަންވީއްސުރެ އޭނާ މަރުވަންދެން ދުނިޔޭގައި ހޭދަ ކުރަންޖެހޭނޭ އެންމެ ފުރިހަމަ އުސޫލު މާތްވެގެންވާ އިސްލާމް ދީނުގައި ވެއެވެ. މިކަމާއި މެދު އެއްވެސް ޝައްކެއް ނެތެވެ. މިދީން އިންސާނާ މާތް ކުރިއެވެ. އިންސާނާ އަށް ރަޙްމު ކުރިއެވެ. ނަމަވެސް އެކަން ދަންނަނީ ވަރަށް މަދު ބަޔެކެވެ. ގިނަ ބަޔަކު ވަނީ ޣާފިލް ކަމެއްގެ ތެރޭގައެވެ. ދުނިޔެވީ މަދު ފައިދާ ކޮޅަކަށް އުޚްރަވީ ޙަޔާތް ވިއްކާލާފައެވެ.

ކޮންމެއަކަސް އިސްލާމީ ޝަރީޢަތަކީ މިއަދު ޤައުމު ތަކުގެ " ބޮޑުން" ވަރަށް ނުރުހޭ އެއްޗަކަށް މިވަނީ ވެފައެވެ. މިމީހުން އަމިއްލއަށް ހަދާ ޤާނޫނުތައް ނުވަތަ ޤާނޫނުއަސާސީ އޭ މިކިޔާ "ސިޔާސީ ޕްލޭން" މާ ރަނގަޅުކަމަށް މިމީހުން ބުނަމުންދެއެވެ. ރައްޔިތުންނަށް އޮޅުވާލުމަށްޓަކައި ސިޔާސީ މަޖްލީހުގައި މިބައިމީހުންގެ ކަމަކަށް އޮންނަނީ "ރީތި ޢިބާރާތުން" އިސްލާމީ ޝަރީޢަތައް ފުރައްސާރަ ކުރުމެވެ. އިސްލާމީ ޝަރީޢަތް މިޒަމާނަށް ނުފެތޭ ކަމަށް ބުނެ، ސީދާކޮށާއި ނުސީދާ ކޮށް އިސްލާމް ދީނާމެދު ހައްޤު ނޫން ބަސްތައް ބުނަމުން ދާތާ ދުވަސްކޮޅެއް ވެއްޖެއެވެ. ނުކުރެވިގެން އުޅެނީ އެންމެ ކަމެކެވެ. އެއީ ރަލާއި އޫރުމަސް މުޅި ރާއްޖެ އަށް ފަތުރަން ކުރާ މަސައްކަތެވެ. އަދި ފައްޅި އަޅަން ކުރާ މަސައްކަތެވެ. މި ކަން ކަމަކީ އިސްލާމް ދީން ހުއްދަ ކުރާ ކަންކަމެއްނޫނެވެ. އެހެންކަމުން މިބައިމީހުންގެ ރުޅި ދީނަށް ބާލަނިއެވެ.

ރަލަކީ އިންސާނާގެ ބުއްދި ފިލުވާލާ އެއްޗެކެވެ. އިންސާނާ އުފެއްދެވީ ﷲ ތަޢާލާ އެވެ. އިންސާނާ އަށް ބޭނުންވާ ކަންތަކާއި ބޭނުންނުވާނޭ ކަންތައްތައް، އަދި އޭނާ އަށް ފައިދާ ހުރި ކަންތައްތަކާއި ގެއްލުން ހުރި ކަންތައްތައް އެ އިލާހު މޮޅަށް ދެނެވޮޑެގެންވެއެވެ. ﷲ ތަޢާލާގެ އެއްކައުވަންތަކަން ޤަބޫލުކުރާ މުއުމިނަކު، އޭނާގެ ޙަޔާތުގައި އެންމެ ހިނދުކޮޅަކުވެސް އެއިލާހުުގެ ޒިކުރު ނުކުރެވޭ ޙާލަތެއްގައި ހުރުމަކަށް އެއިލާހު ބޭނުންވެވޮޑިނުގަންނަވައެވެ. އަދި 24 ގަޑި އިރުގެ ތެރެއިން އެންމެ ސިކުންތެއްވެސް ހަމަ ބުއްދީގައިި ނޫންގޮތަކަށް ހުރުމަކަށް އެއިލާހު ރުހިވޮޑިނުގަނަންވައެވެ. އެހެންކަމުން ﷲ ތަޢާލާ ރުހިވޮޑި ނުގަންނަވާ ގޮތަކަށް އެންމެ ހިނދުކޮޅެއްވެސް ހޭދަ ކުރުމަކަށް މުސްލިމަކު ނުރުހޭނެއެވެ. ރާ ޙަރާމް ކުރެއްވީ ﷲ ތަޢާލާ އެވެ. ޙަރާމް ވެގެންވަނީ މުސްލިމުންނަށެވެ.

ކޮންމެއަކަސް ރާ އާއްމުކުރަން މިއުޅޭ މަސައްކަތުގައި މިމީހުން ބުނަމުން އަންނަނީ ޓްއަރިޒަމް ކުރިއަރާނީ ފަސޭހައިން ރާ ލިބެން ހުރުމުން ކަމުގައެވެ. އެހެން ނޫނީ ޓްއަރިޒަމް އިނދަ ޖެހިދާނެ ކަމުގައެވެ. ނުވަތަ ޓްއަރިސްޓުން ރާއްޖެ އަށް ނާންނާނެ ކަމުގައެވެ. މިއީ ދިވެހި ރައްޔިތުންނަށް އޮޅުވާލަން ދައްކާ ތާކުންތާކު ނުޖެހޭ ވާހަކަ ތަކެކެވެ. ނަމަވެސް ޙަޤީޤަތަކީ މިއީ ބަޔަކު މީހުންގެ އަމިއްލަ، ފައިދާއެއް ޙާސިލް ކުރުމަށް ދައްކަމުން އަންނަ ވާހަކަ ތަކެކެވެ. މީގެ ސަބަބުން ދުނިޔަވީ ގޮތުންވެސް އަދި އުޚްރަވީ ގޮތުންވެސް ދިވެހި ރައްޔިތުންނަކަށް އެއްވެސް ފައިދާއެއް ނުކުރާނެއެވެ. ސަބަބަކީ ﷲ ތަޢާލާ ޙަރާމްކުރެއްވި އެއްޗަކުން ކުރާނެ އެއްވެސް ފައިދާ އެއް ނޯންނާނެތީއެވެ.

މިހާރުވެސް ރާއްޖޭގެ ރިސޯޓްތަކުން ޓްއަރިސްޓުންނަށް ބޭނުންވާ ރާ ލިބެއެވެ. އެމީހުން ރާ ނުލިބިގެން ޝަކުވާ އެއްނުކުރެއެވެ. ޝަކުވާ ކުރަނީ "އެހެން" ބަޔެކެވެ. ދިވެހި ރައްޔިތުން މިކަމާމެދު ވިސްނާށެވެ. ޓްއަރިސްޓުން ރާއްޖެ އަންނަނީ އެމީހުންގެ ޤައުމުން ރާ ނުލިބިގެން އެ ހޯދާކަށެއްނޫނެވެ. ދިވެހި ރާއްޖޭގެ ޤުދުރަތީ ރީތި ކަމުގެ ސަބަބުން އޭގެ ހިތްހަމަޖެހުން ހޯދާ، މި މަންޒަރުތައް ހަމަ ލޮލުން ދެކިލުމަށެވެ. އަހަހަރުތެރޭގައި ބުރަ މަސައްކަތުގައި ހޭދަ ކުރުމަށްފަހުގައި ، އާއިލާއާއި އެކު ޗުއްތީ ހޭދަ ކޮށްލުމަށްޓަކައެވެ. ދަންނާށެވެ. ދިވެހިރާއްޖޭގެ ޓްއަރިޒަމް ދަށަކަށް ނުދެއެވެ. 2009 ވަނަ އަހަރުގެ ޖެނުއަރީ އާއި އަޅާ ބަލާއިރު 2010 ވަނަ އަހަރު ގެ ޖެނުއަރީގައި ޓްއަރިސްޓުން ރާއްޖެއަށް ޒިޔާރަތް ކުރި އަދަދު %9.7 އިތުރު ވެފައި ވެއެވެ. އަދި 2009 ވަނަ އަހަރުގެ މާޗް މަހާއި އަޅާ ބަލާއިރު މިއަހަރުގެ މި ނިމުނު މާޗް މަހުގައި ރާއްޖެ އަށް ޒިޔާރަތް ކުރި ޓްއަރިސްޓުންގެ އަދަދު %20.7 އިތުރު ވެފައި ވެއެވެ. އެހެން ކަމުން ޓްއަރިޒަމް ދައްވާތީ އޭކިޔާ ވާހަކަ ދެއްކޭކަށް ނެތެވެ. ދިވެހި ރާއްޖެ އަށް ލިބިފައި މިވާ ޤުދުރަތީ ރީތި ކަމަކީ ﷲ ތަޢާލާ ރަޙްމަތްފުޅުން ވަރަށް ބޮޑު ނިޢުމަތެކެވެ. މި ނިޢުމަތަށް ޝުކުރުވެރި ވުމަށްޓަކައި ހެޔޮ ގޮތުގައި މީގެ ބޭނުން ހިފާށެވެ. ޙަރާމް ކަންތައްތައް ތަޢާރަފް ކުރުމަށް މި ވަސީލަތުގެ ބޭނުން ހިފަން ނުވިސްނާށެވެ. ރަލާއި ނުލައި ވެސް އެންމެ ފުރިހަމަ ގޮތުގައި ޓްއަރިޒަމް ހިންގިދާނެއެވެ.

އަޅުގަނޑުމެން އެންމެންވެސް ޤައުމުގެ ކުރިމަގާއި މެދު ވިސްނާކަމަށް ދަޢުވާ ކުރަމުއެވެ. އެހެން ކަމުން މިރަލުން ޤައުމު ސަލާމަތް ކުރެވޭނޭ ގޮތެއް ހޯދަން ވެއްޖެއެވެ. މިއީ ﷲ ތަޢާލާ މާތް ކުރައްވާ މަތިވެރި ކުރައްވާފައިވާ އިންސާނުންފަދަ ބަޔަކަށް އެކަށީގެންވާ އެއްޗެއްނޫނެވެ. ސަބަބަކީ މިއީ އިންސާނާގެ ބުއްދި ފިލުވާލާ އެއްޗެކެވެ. މި ތަކެއްޗަކީ ރިސޯޓް ތަކުގައި ޓްއަރިސްޓުންނަށް ޙާއްސަ ކުރެވިފައިވާ އެއްޗެއް ކަމުގައި ވިޔަސް، މީގެ އިސްތިޢުމާލު ކުރާ ދިވެހިން މަދެއްނޫނެވެ. މިއީ އެންމެން ދަންނަ ކަމެކެވެ. އެހެން ކަމުން މުޅި ރާއްޖެ އަށް މީތި ނުފެތުރެނީސް އަޅުގަނޑުންމެން އެންމެންގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި އަދި ޚާއްސަކޮށް އަޅުގަނޑުމެންގެ ޅަ ޖީލު މިކަމުން ސަލާމަތް ކުރުމަށްޓަކައި ރަލުން ސަލާމަތް ވެފައިވާ ޤައުމަކަށް މިޤައުމު ހަދަން ވެއްޖެއެވެ. އެއްވެސް މިންވަރަކަށް ރާ އެތެރެ ނުކުރެވޭނޭ ގޮތެއް ހަދަން ވެއްޖެއެވެ. ސަރުކާރުން މިކަމަށް އިސްނެގުމަކީ ވަރަށް މުހިއްމު ކަމެކެވެ. ރިސޯޓް ތަކުންވެސް ، ރާ ލިބެން ހުރެގެން ނުވާނެއެވެ. ސަބަބަކީ އިސްލާމް ދީނުގައި ޙަރާމް އެއްޗެއް، އަދި އިންސާނާގެ ބުއްދި ފިލުވާލާ އެއްޗަކަށް މީތި ވާއިރު، އަޅުގަނޑުމެންފަދަ އެހެން އިންސާނުންވެސް މި ރަލުން ދުރު ކުރެވޭތޯ މަސައްކަތް ކުރުމަކީ ވަރަށް މުހިއްމު ކަމަކަށް ވާތީއެވެ. ދިވެހި ރާއްޖޭގެ ޓްއަރިޒަމް ބިނާ ވެފައި އޮންނަނީ ރަލުގެ މައްޗަކަށް ނޫނެވެ. ރާއްޖޭގެ ޤުދުރަތީ ރީތި ކަމުގެ މައްޗަށެވެ. އެހެން ކަމުން ރަލުގެ ބަދަލުގައި އެހެން ޕްރޮޑަކްޓެއް ތަޢާރަފް ކުރެވޭތޯ މަސައްކަތް ތަކެއް ނުކޮށްވާކަށް ނެތެވެ.

އެގޮތުން، އަޅުގަނޑަށް މަޢުލޫމާތު ލިބޭ ގޮތުގައި ދިވެހި ރާއްޖެއިން އެންމެ އާންމުކޮށް މި ލިބޭ ކުރުނބާ ފެނަކީ ރާއްޖެ އަންނަ ޓްއަރިސްޓުންނަށް ވަރަށް ކަމުދާ އެއްޗެކެވެ. މިއީ ރާއްޖެ އިން ހުސްނުވާ ވަރަށް ލިބެން ހުންނަ އެއްޗެކެވެ. ވީމާ އަދުގެ ސަރުކާރުން އިސްނަގައިގެން، މިކަމަށްޓަކައި މަސައްކަތް ތަކެއް ކުރުން މުހިއްމު ކަމަށް ފެނެއެވެ. މީގެ ބޭނުން ކޮށްގެން ޙަލާލު ޕްރޮޑަކްޓެއް އުފެއްދިދާނެއެވެ. ރާއްޖޭގެ ފަޅު ރަށެއް މިކަމަށް ޙާއްސަ ކޮށްގެން ދިވެހި ރައްޔިތުންގެ ތެރެއިން ބަޔަކު ވަޒީފާ އަށް ހަމަޖައްސައި، ހަމައެކަނި ކުރުނބާ ހެއްދުމަށް ޙާއްސަ ކުރެވިދާނެއެވެ. ދިވެހިންނަކީ ރުކަށް އެރުމަށްވެސް ވަރަށް ކުޅަދާނަ ބަޔެކެވެ. އޭރުން ވަޒީފާގެ ފުރުޞަތުތައްވެސް ގިނަވެގެންދާނެއެވެ. އާމްދަނީ އެންމެ އާދައިގެ މީހާއާ ހަމައަށްވެސް ބެހިގެން ދާނެއެވެ. ރާއްޖޭގެ ޕްރޮޑަކްޓިވިޓީ އިތުރުވެ ބޭރު ފައިސާ ވަންނަ އަދަދުވެސް އިތުރުވާނެއެވެ. މީގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށްވެސް ރަނގަޅު ފައިދާތަކެއް ކުރާނެއެވެ.

ދުޢާ އަކީ ބަނގުރަލުގެ ނުބައިކަމުން ﷲ ތަޢާލާ އަޅުގަނޑުމެންގެ މި ޤައުމު ސަލާމަތް ކޮށް ދެއްވުމެވެ.

Read more...

17 April 2010

އަނެއްފިކުރާއި ފިކުރީ ހަނގުރާމަ: ދިވެހީން ކަންބޮޑުވާ މައްސަލައެއް

އަލްއަޚް ބިލާލް ޢަބްދުއްސައްތާރު
ކަޓަރުއެޅުމާއި މީހުންމެރުމާއި މަގުފޭރުމާއި ވައްކަންކުރުމާއި މީހުންގެ އަނބީންގެ އިއްފަތްތެރިކަން ގަދަކަމުން ފޭރުމާއި ޒިނޭ ކުރުމާއި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާއި، އަމިއްލަ ދަރިފުޅާއި އެކު ބަދު އަޚްލާޤީ ޢަމަލު ހިންގުމާއި ، ރާ ބުއިމާއި ރާ ވިއްކުމާއި މަސްތުވާތަކެތި ބޭނުންކުރުމާއި ޣީބަ ބުނުމާއި ރިބާ ކެއުމާއި ރިޝްވަތު ހިފުމާއި އެއްމެހާ ފާޙިޝް ޢަމަލުތަކާއި އެއްޖިންސުން ގުޅުން ހިންގުމާއި ﷲ ގެ ދީނަށް ފުރައްސާރަކުރުމާއި ޖާސޫސްކުރުމާއި މިހެން ގޮސް ނުކުރާކަށް ކަމެއްނެތެވެ.

އަމަންއަމާންކަމާއި ސުލްޙަ މަސަލަސްކަމަކީ މުޖުތަމަޢަކަށް ލިބިގެންދާނޭ އެންމެބޮޑު އެއްނިޢުމަތެވެ. ނަމަވެސް ގިނަބަޔަކަށް މި ނިޢުމަތުގެ މަތިވެރިކަމާ މުހިއްމުކަން އިޙްސާސް މި ކުރެވެނީ އޭގެ ވަޤުތު ފާއިތުވެދާ ފަހުންނެވެ. ދިވެހިރާއްޖޭގެ ތާރީޚަށް ބަލާލާއިރު، ތާރީޚް ލިޔުންތެރީން ދިވެހި ރާއްޖެ ސިފަކޮށްފައިވަނީ ޞުލްޙައަށް ލޯބިކުރާ ރައްޔިތެއް ދިރިއުޅޭ ޤައުމެއްގެ ގޮތުގައެވެ. ދުނިޔޭގެ "ހިތްފަސޭހަ މައިދާނުގެ" ގޮތުގައެވެ. ދިވެހިރައްޔިތުންނަކީ ހިތްހެޔޮ އޯގާތެރި ބައެއްގެ ގޮތުގައެވެ. އެއީ އެދުވަސްވަރެވެ. ނަމަވެސް މިއަދު މިވަނީ ރާގު މުޅިން ބަދަލުވެފައެވެ. އެފަދައިން ދިވެހިރާއްޖެ އަށާއި ދިވެހިރާއްޖޭގެ އަހުލުވެރިންނަށް ޘަނާ ކިޔާނޭ ދޫތަކެއް މިއަދަކު ނެތެވެ.

މިއަދު ދިވެހިރައްޔިތުން ދިވެހިރާއްޖެ ސިފަކުރަނީ ދިރިއުޅެން އެކަށީގެންނުވާ ޤައުމެއްގެ ގޮތުގައެވެ. އަމަން އަމާން ކަމެއްނެތެވެ. ގޭތެރެއާއި ބޭރުގެ ޙާލަތުވެސް ހަމަ މިފަދައެވެ. %100 އިސްލާމީ ޤައުމަކުން ފެނިގެންނުވާނޭ ހުރިހާ ޢަމަލެއްވެސް މި ކުޑަ ކުޑަ ދިވެހިރާއްޖެއިން ދަނީ ފެންނަމުންނެވެ. ކަޓަރުއެޅުމާއި މީހުންމެރުމާއި މަގުފޭރުމާއި ވައްކަންކުރުމާއި މީހުންގެ އަނބީންގެ އިއްފަތްތެރިކަން ގަދަކަމުން ފޭރުމާއި ޒިނޭ ކުރުމާއި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާއި، އަމިއްލަ ދަރިފުޅާއި އެކު ބަދު އަޚްލާޤީ ޢަމަލު ހިންގުމާއި ، ރާ ބުއިމާއި ރާ ވިއްކުމާއި މަސްތުވާތަކެތި ބޭނުންކުރުމާއި ޣީބަ ބުނުމާއި ރިބާ ކެއުމާއި ރިޝްވަތު ހިފުމާއި އެއްމެހާ ފާޙިޝް ޢަމަލުތަކާއި އެއްޖިންސުން ގުޅުން ހިންގުމާއި ﷲ ގެ ދީނަށް ފުރައްސާރަކުރުމާއި ޖާސޫސްކުރުމާއި މިހެން ގޮސް ނުކުރާކަށް ކަމެއްނެތެވެ. ﷲ ތަޢާލާ ނަހީ ކުރެއްވި އެންމެހާ ކަންތައްތަކެވެ.

ޖޯކެއްގައި ކިޔައެވެ. މީހަކު ކައިރީ އެހުނެވެ. ދިވެހިރާއްޖޭގައި ހުރިހާ ޙަރާމްކަމެއްވެސް މިހާރު މިދަނީ ކުރަމުންނެވެ. ދިވެހީން ނުކުރަނީ ދީނުގައި ޙަރާމްކުރައްވާފައިވާ އެންމެ ކަމެކެވެ. އެއީ ކޮންކަމެއްތޯ ސުވާލުކުރެވުނެވެ. ޖަވާބުދެވުނެވެ. އެއީ ޢީދު ދުވަހު ރޯދަހިފުމެވެ. އެއީވެސް ރޯދަ ހިފުންކަމުގައި ވާތީއެވެ.

މިއަދު ދިވެހި ރާއްޖެއަށް ޢާއްމުވެފައި މިވާ ކަންތައްތަކަކީ ހަމަހުރެލާފައި މި ޤައުމަށް ތަޢާރަފު ވި ކަންތައްތަކެއްނޫނެވެ. ބަޔަކު އެތައްދުވަހަކުއްސުރެ ކުރަމުން އައި މަސައްކަތް ތަކެއްގެ ނަތީޖާއެވެ. މިކަމުގައި ޤައުމުގެ އެންމެ އިސްވެރިން ފެށިގެން އެންމެ އާދައިގެ މީހާގެ ވެސް އިހުމާލު އެބަ އޮތެވެ. ޚާއްޞަކޮށް މައިންބަފައިންގެ އިހުމާލު މިކަމުގައި ބޮޑެވެ. ދަރިންނަށް އިސްލާމީ ތަރުބިއްޔަތު އެދުވަހު ދެވުނު ނަމަ މިފަދަ ޙާލަތަކަށް ޤައުމު މިއަދު ވެއްޓޭކަށް ނުޖެހުނީހެވެ.

ﷲ ތަޢާލާ ޚަބަރުދެއްވާފައި ވާފަދައިން އަހަރެމެން މުސްލިމުންގެ އެންމެ ބޮޑެތި ޢަދުއްވުންނަކީ ޔަހޫދީންނާއި ނަޞާރާއިންނެވެ. ޞުލްހަވެރި އަމާން އޮމާން އިސްލާމީ މުޖުތަމަޢެއް ވާނަމަ އެމުޖުތަމައެއް ފަސާދައާއި ހަމަނުޖެހުމުގެ ފުން ވަޅުގަނޑުގެ ތެރެއަށް ވައްޓާލުމަކީ އެބައިމީހުންގެ އެންމެއިސް ވާޖިބުކަމުގައި އެބައިމީހުން ދެކެއެވެ. މިކަން ދުނިޔޭގެ ތަފާތު ކަންކޮޅުތަކުން ފެންނަމުން އެހެރަ ދަނީއެވެ. ތަފާތު އިސްލާމީ ޤައުމުތައް އެއްވެސް ޙައްޤަކާނުލައި ސުންނާފަތިކުރަމުން ގެންދަނީއެވެ. ފަލަސްތީނާއި ޢިރާޤާއި އަފްޣާނިސްތާނަށް ނަޒަރު ހިންގާލާށެވެ. ޕާކިސްތާނުގެ ރައްޔިތުންގެ މެދުގައި ފިތުނަ އުފައްދާ އެއްބަޔަކު އަނެއްބަޔަކާ ޖައްސާ ޤައުމު ހަނގުރާމައިގެ ހާއްޔަކަށް ހަދާލީ ހަމަ މިބައިމީހުންނެވެ. މިހާރު ޓާގެޓަކީ އިރާނެވެ. ދުނިޔޭގެ މުސްލިމުންގެ ޢަދަދު މަދު ކުރުމަށްޓަކައި މިބައިމީހުން ވަރަށް މަކަރުވެރި އެޖެންޑާއެއް ފެއްޓިއެވެ. އާބާދީ ކޮންޓްރޯލް ކުރުމުގެ ނަމުގައެވެ. މިބައިމީހުންގެ މި މަކަރުވެރި ގޮވާލުމަށް ދިވެހިރާއްޖެއިން ނޭނގިނަމަވެސް އިޖާބަދިނެވެ. ނަތީޖާއެއްގެ ގޮތުން ރާއްޖެތެރޭގެ ބައެއް ރަށްރަށުގައި ގްރޭޑް 1 ގައި ކިޔަވާ ކުދިންގެ އަދަދު ފަސް ހަ ކުދިން ހަމަ ނުވާ ރަށްރަށް އެބަ ހުއްޓެވެ. ރަށުގައި ދިރޭ ފުރާނައެއް ނެތަސް އެވޯރޑް ލިބެނިކޮށް ވަރިހަމަވީއެވެ. މިބައިމީހުންގެ މި ގޮވާލުމަށް އިޖާބަ ނުދިން ޤައުމުތަކުގެ ތެރޭގައި ޕާކިސްތާނު އަދި އިރާޤު ހިމެނެއެވެ. އެހެންކަމުން ތަފާތު ބަހަނާތައް ދައްކައިގެން މި ޤައުމުތައް ހަނގުރާމައިގެ މައިދާން ތަކަކަށް ބަދަލު ކޮށްލިއެވެ. ކޮންމެ ގޮތެއްހަދާފައިވެސް މިބައިމީހުންގެ މަޤުޞަދު ޙާޞިލްކުރަން ޖެހެއެވެ. އެހެންކަމުން މުސްލިމުން މަރައިގެންވެސް އެކަން މިބައިމީހުން ކުރާނެއެވެ.

ދިވެހިރާއްޖޭގައި މިބައިމީހުންގެ ފިކުރީ ހަނގުރާމަ ކުރިއަށް ގެންދާތާ އެތައް ދުވަހެއްވެއްޖެއެވެ. ތަފާތު ގޮތްގޮތުން ދިވެހި ރައްޔިތުންގެ ސިކުނޑިތަކާ ކުޅެމުން ލާދީނީ އުސޫލުތަކާއި ހަމަތައް ރާއްޖެއަށް ތަޢާރަފްކުރަން ފެއްޓިއެވެ. މިއީ ވަރަށް ދުވަހުއްސުރެ ރޭވިގެން ކުރަމުން އައި ކަމެކެވެ. ތަފާތު ގޮތްގޮތުން މަސައްކަތް ކޮށް، ދިވެހިންގެ ތެރެއިން ޢަޤީދާ ބަލިކަށި ބަޔަކު މިކަމުގައި ބައިވެރި ވުމަށް ތައްޔާރުކޮށް، މިބައިމީހުންގެ މަސައްކަތްތައް އިތުރުކުރިއެވެ. އޭގެ ނަތީޖާއެއެގެ ގޮތުން "އަނެއްފިކުރަށް" ގޮވާ ބަޔަކު ދިވެހިރާއްޖޭގައި އުޅޭކަން ދާދި ފަހުން ފާޅުވެގެން އެދިޔައީއެވެ. އެކަން އިޢުލާނު ކުރީ ރައީސުލް ޖުމްހޫރިއްޔާއެވެ. އެބޭފުޅާ ކޮންމެ ހަފްތާއަކު ގެނެސްދޭ ރޭޑިއޯ ޚިތާބުތަކުގެ ތެރެއިން ޚިތާބެއްގައެވެ. މި ޚަބަރު ވެގެންދިޔައީ ދިވެހިރައްޔިތުންނަށް ވަރަށް ސިހުން ގެނުވި ޚަބަރަކަށެވެ.

އިސްލާމްދީނުގެ ވާހަކަދެކެވި ސުވަރުގެއާއި ނަރަކައިގެ ވާހަކަ ޤުރުއާނާއި ސުންނަތުގެ އަލީގައި ދެކެވެން ފެށުމުން އެކަމާ ބިރުގަނެ ބަޔަކު ކަންބޮޑުވެ ރައީސުލް ޖުމްހޫރިއްޔާއަށް ޝަކުވާ ހުށަހެޅި ވާހަކަ އެބޭފުޅާ އެދުވަހު ވިދާޅުވިއެވެ. "ވަރަށް ގިނަ ޢަދަދެއްގެ" ޒުވާން ބޭފުޅުން މިބާވަތުގެ ވާހަކަ ތަކަށް ސަރުކާރުން ކަނޑައެޅިގެން ހުރަސް އެޅުމަށް އެދެމުންދާކަމަށް ރައީސް ގެ ތަޤުރީރުގައި ބުންޏެވެ. އަދި ރައީސް ނަޝީދު އެކަމުގައި ދެކޭގޮތް ހާމަ ކުރަމުން ބުނެފައިވަނީ "އެކަމާއި ނުރުހޭކަމަށްވަނީ ނަމަ އަޅުގަނޑުގެ ނަޒަރުގައި، އަޅުގަނޑަށް ފެންނަ ފެނުމުގައި އެންމެ ބުއްދިވެރި ގޮތަކަށް ވާނީ އެ އަނެއް ޚިޔާލާތުވެސް އެ ދެވަނަ ގޮތްވެސް ނުވަތަ އެހެން ވިސްނުމެއްވެސް އަނެއްކާ އަލުން އަނބުރާ އެހެން ބަޔަކު ހާމަ ކުރުމެވެ."

އިސްލާމް ދީނުގެ ވާހަކަ ދެކެވުނީމާ އޭގެ އަނެއް ވިސްނުމަކަށްވާނީ އިސްލާމްދީނާ އިދިކޮޅު ވިސްނުމުގެ ޚިޔާލެވެ. މިއީ %100 އިސްލާމީ ޤައުމެއްގައި މުސްލިމުންގެ ބަޔަކު ދެއްކުން ހެޔޮވާވަރު ވާހަކަތަކެއްނޫނެވެ. ﷲ ގެ ދީނުގެ ވާހަކަ ދެކެވުމުން އެކަމާއި ކަންބޮޑުވާނީ އެދީނުގެ ޢަދުއްވުންނެވެ.

މިފަދައިން "އަނެއް ޚިޔާލުގެ" ޒުވާނުންނާއި އަންހެންބޭފުޅުން އެބޭފުޅުންގެ ބިރުގަނެ ކަންބޮޑުވާ ކަންތައްތަށް ތިހާ ފަސޭހައިން ރައީސުލް ޖުމްހޫރިއްޔާއަށް ހުށައެޅުމުގެ ފުރުޞަތު އޮތްފަދައިން "އިސްލާމީ ފިކުރުގެ" ޒުވާނުންނާއި ކުޑަކުދިންނާއި އަންހެނުންނަށްވެސް އެބޭބޭފުޅުން ކަންބޮޑުވެ ބިރުގަންނަ ކަންތައްތަކުގެ ވާހަކަ ރައީސުލް ޖުމްހޫރިއްޔާއަށް ހުށަހެޅުމުގެ ފުރުޞަތު އެބައޮތްތޯއެވެ؟ އެބޭފުޅުން ކޮންމެހެންވެސް ކަނޑައެޅިގެން ހުއްޓުވަން ބޭނުންވާ ކަންތައްތަކެއް ޤައުމުގައި ވަރަށް ބައިވަރު އެބަހުއްޓެވެ. އެބޭފުޅުންވެސް ކަނޑައެޅިގެން ހުއްޓުވަން ބޭނުންވާ ކަންތައްތައް، އެ ހަފްތާގެ ރޭޑިއޯ ޚިތާބުގެ ކުރިން ރައީސް އަށް އަންގާލަދެވޭނޭ މަގެއް އިސްލާމީ ފިކުރުގެ މީހުންނަށްވެސް ހާމަކޮށްދެއްވާށެވެ. އެބޭފުޅުންވެސް، ހަފްތާގެ ރޭޑިއޯ ޚިތާބުގެ ކުރިން ހުށަހަޅަން ބޭނުންވާ ވަރަށްގިނަ ކަންބޮޑުވާ ކަންތައްތައް އެބަ ހުއްޓެވެ.

ޓްރިނިޑާޑް އެންޑް ޓޮބޭގޯގެ ނައިޓް ކްލަބެއްގެ ސްޓޭޖް މަތީގައި 15 އަހަރުގެ 'ކުޑަކުއްޖަކަށް' ޖިންސީގޯނާކޮށްފައި ވާ އޭކޮން، ލަވަކިޔުން ތެރިއެއްކަމަށްބުނެ ދިވެހި ސަރުކާރުގެ ފުރިހަމަ ސަޕޯޓާއެކު ރާއްޖޭގައި ޝޯއެއް ދިނުމަށް ދާދި އަވަހަށް ގެނައުމަށްވަނީ ހަމަޖެހިފައެވެ. ކުޑަކުދިންނާއި އަންހެނުންގެ ހައްޤު ތަކަށް ހުއްޓުމެއްނެތި ގޮވަމުންދާ ސަރުކާރަކުން މިފަދަ މީހަކު މިޤައުމަށް ގެނައުމަށް ފުރިހަމަ ތާޢީދު ކޮށްފައިވާތީ ކުޑަ ކުދިންނާއި އަންހެނުން ތިބީ ނަފްސާނީ ބިރުވެރި ކަމެއްގެ ތެރޭގައެވެ. އަދި މިވަރަށް އަންހެނުންގެ ހައްޤު ތަކަށް ގޮވާ ބަޔަކު، މިފަދަ މީހަކު ގެންނަން ފައި ނަގާފައިވާތީ، ސަރުކާރުގެ އިޚްލާސްތެރި ކަމާމެދުވެސް ސުވާލު އުފެދެއެވެ. މިއީ އިސްލާމީ ފިކުރު އަންހެނުންނާއި ކުޑަކުދިން ވަރަށް ބިރުގަނެ ކަންބޮޑުވާ މައްސަލައެކެވެ. އެބޭބޭފުޅުން ތިބީ މިފަދަކަންކަމުގެ ޝަކުވާ ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅަން ވަރަށް ބޭނުންވެފައެވެ. އެފަދަ މަގެއް ނުފެނިގެންނެވެ. އެހެން ކަމުން ފަސޭހައިން ޝަކުވާ ހުށަހެޅޭނޭ މަގެއް ފަހި ކޮށްދިނުމަކީ އެބޭފުޅުން ވަރަށް އެދޭ ކަމެކެވެ. އޭރުން އަނެއް ހަފްތާގެ ރޭޑިއޯ ޚިތާބުގައި ރައީސުލް ޖުމްހޫރިއްޔާ އެވާހަކަ ދައްކަން އޮންނާނެއެވެ.

Read more...

12 April 2010

ދިވެހި ފޭކު އޭތިސްޓުން ފޭކު ދީނެއްގެ މަތީގައި

އަލްއަޚް ބިލާލް ޢަބްދުއްސައްތާރު
އޭތިސްޓުންނޭ ކިޔައިގެން މިއުޅޭ "ބައިގަނޑު" ގެ މީހުންނަކީ ޙަޤީޤަތުގައި އޭތިޒަމްގެ ޙަޤީޤަތްވެސް ރަނގަޅަށް އޮޅުން ނުފިލާ ތިބި އޭތިޒަމަށް "ޅަ" ކުދީންތަކެކެވެ. އެހެން ޢިބާރާތަކުން ބުނާނަމަ ފޭކު އޭތިސްޓުން ތަކެކެވެ. ތިމަންނާމެންނީ އޭތިސްޓުންނޭ ގޮވާއިރު، ދީނީ ޢިލްމު ކިޔަވާ ކުއްޖަކާ "ޖަދަލުކުރުމުގެ" ތެރޭގައި ކަލޭއަށް "ގޯޑް" ސިކުނޑިއެއް ދެއްވާފައެބައޮތޭ އެ ބުނީ އަނެއްކާ ކޮން ގޯޑެއްގެ ވާހަކަ ބާއެވެ. އޭތިސްޓުންގެ ގޯޑު ވާހަކަ ބާވައެވެ؟

އެތިޒަމް އަކީ ޤަބޫލު ނުކުރުމެކެވެ. އެއީ އެއްވެސް ދީނެއް ވާކަމަށް އަދި އިލާހަކު ވޮޑިގެންވާކަމަށް ޤަބޫލު ނުކުރުމެވެ. އެތީސްޓުންނަކީ މި ފިކުރުގެ މީހުންނެވެ. ނަމަވެސް ބައެއް މުފައްކިރުން ވިދާޅުވަ ގޮތުގައި ޙަޤީޤަތުގާ މިއީ ފިކުރެއް ނޫނެވެ. މީ ބައްޔެކެވެ. މި ބަލި ޖެހެނީ ވަކި މިންވަރަކަށް ވުރެ ބޮޑަށް އިންސާނާ ދުނިޔެއަށް ލޯބި ކުރަން ފެށުމުންނެވެ. މި ބަލި ޖެހިފައި ތިބޭ މީހުން ދައުވާ ކުރާ ގޮތުގައި މި ބައި މީހުން ނަކީ ވަރަށް މިނިވަން ބަޔެކެވެ. މިމީހުން އަޅުކަން ކުރަނީ މިމީހުންގެ ހަވާ ނަފްސަށެވެ.
އެތިޒަމް އަކީ މީގެ އަހަރު ތަކެއް ކުރިން އުޅުނު ޑާވިން ކިޔާ އިންސާނެއް އުފެއްދި ފިކުރެކެވެ. މީ ދުނިޔެ އުފެދުނުގޮތާއި އެންމެހާ ތަކެތި ވުޖޫދަށް އައި ގޮތާއި މެދު މީނާ ވިސްނިވިސްނުމުގައި މީނާއަށް އައި ޚިޔާލެކެވެ. މީ ޚިޔާލެކެވެ. މި ޚިޔާލު ބަޔަކު ޤަބޫލު ކުރިއެވެ. މި އެތީސްޓުން ދައުވާ ކުރާ ގޮތުގައި އެންމެހާ ތަކެތި ވުޖޫދަށް އައިސްފައި މިވަނީ "ބިގްބޭންގް " އޭ ކިޔުނު ގޮވުމެއްގެ ސަބަބުންނެވެ. މިއީ ބާޠިލް، އިންސާނާގެ ބުއްދިއާ އަރާރުންވާ ދަޢުވާ އެކެވެ. ސަބަބަކީ އެއްޗެއް ގޮވައިފި ނަމަ އޭގެން ނިކުންނާނެ ނަތީޖާ އެންމެ ކުޑަކުއްޖާ އަށްވެސް އެނގެއެވެ. މިސާލަކަށް ކާރު ބޮމެއް ގޮށްވާލައިފި ނަމަ އޭގެ ނަތީޖާއެއްގެ ގޮތުން ކާރު ހަލާކުވެ އޭގައިވާ މީހުންތައް ޒަހަމްވެ ގުނަވަންތައްވަކިވެ މުޅި ސަރަހައްދު ޚަރާބު ވެއެވެ. ނަމަވެސް މި ބައިމީހުންގެ ތިއަރީ އަށް މީތި ފައްތައިފި ނަމަ އެ ކާރު ބޮން ގޮއްވާލުމުގެ ސަބަބުން ނިކުންނާނެ ނަތީޖާ އަކީ އެކާރު އިތުރަށް ފުރިހަމަވެ އޭގެން އިތުރު މޮޅު ކާރުތަކެއް އުފެދި ކައިރި ހިސާބު ތަކުގެ މަގުތައް ހެދި މޮޅު ތާރު އެޅިފައިވުމެވެ. އެހެންކަމަށް ވާނަމަ ޖާނުން ފިދާވެގެން ބޮން ގޮށްވާ މީހުން އެކުރަނީ ހާދަ ކްރިއޭޓިވް މަސައްކަތެކެވެ. މީ އިންސާނުންގެ ބުއްދި ދުވަހަކުވެސް ޤަބޫލު ކުރާނޭ ކަމެއްނޫނެވެ.
މުޅި ކާއިނާތުގައިވާ ޕްލެނެޓްތަކާއި އެތަކެތީގެ ދައުރުވުންތަކާއި އެކަތި އަނެކެއްޗާއި އެކްސިޑެންޓް ނުވެ ދައުރުވަމުންދާ ފުރިހަމަ ނިޒާމަކީ ހަމަ ހުރެލާފައި ބޮޑުސިންގާ ގޮވުމެއް ގޮވައިގެން ވުޖޫދަށް އަންނާނެ ކަންކަމެއްނޫނެވެ. ހަމަ ކަށަވަރުންވެސް މިތަކެތި މިހާ ފުރިހަމަ ނިޒާމެއްގައި ޚަލްޤު ކުރެއްވި ފަރާތެއް ވާނެއެވެ. އެއީ ﷲ ތަޢާލާ އެވެ. އިންސާނުންނާއި އެހެނިހެން ޖަނަވާރުންތަކާއި ދޫނިސޫފާ ސޫފީގެ އެތެރެއާއި ބޭރުގައި އެކުލަވާ ލައްވާފައި ވާ ފުރިހަމަ އަޖައިބު ކުރުވަނި ނިޒާމް ތަކަކީ، އެތަކެތި ޚަލްޤު ކުރެއްވި ފަރާތެއްނެތި ވުޖޫދަށް އަންނާނެ ކަންކަމެއްނޫނެވެ. މިފަދަ ފުރިހަމަ ނިޒާމެއް ލެއްވި ފަރާތަކީ ހަމަކަށަވަރުންވެސް ޚާލިޤުވަންތަ ﷲ އެވެ. ކާއިނާތާއި ކާއިނާތުގެ ނިޒާމް ޚަލްޤު ކުރައްވާ އެ ނިޒާމް ފުރިހަމަ ގޮތުގައި ހިންގަވާ ފަރާތަކީ، ފެށުމެއްނެތި އިސްވެ ވޮޑިގެންވާ ނިމުމެއްނެތި ދެމި ވޮޑިގެންވާ ގަދަކީރިތި ވަންތަ ﷲ އެވެ.

"ބިގް ބޭންގް" އޭ އެ ކިޔާ ގޮވުމުގައި އެ ގޮވި އެއްޗެއް އައީ ކޮންތާކުން ކަމެއް މިބައި މީހުންނަކަށް ނޭނގެއެވެ. އެއްޗެއް ގޮވި ނަމަ އެ ގޮވި އެއްޗެއް އުފެދުނު ގޮތެއްވެސް ވާންޖެހޭނެއެވެ. ގޮވާނީ ކޮންމެވެސް އެއްޗެކެވެ. ނެއް އެއްޗެއް ގޮވާނެ ހެއްޔެވެ؟ މީގެން ވެސް އިނގެނީ މިބައިމީހުންގެ ދައުވާގައި ބުރަދަނެއް ނެތްކަމެވެ. މިބައިމީހުންނަށް އުނދަގޫ ވެގެން މިއުޅެނީ ﷲ ވޮޑިގެންވާ ކަން ޤަބޫލު ކުރާށެވެ. މިމީހުން ބުނާ ގޮތުގައި ފެށުމެއް ނެތް ފަރާތެއް ނުވާނެވެ. ނަމަވެސް ކާއިނާތުގެ ނިޒާމް ފުރިހަމަ ގޮތުގައި ހިންގަވާ އަބަދުވެސް ޤާއިމު ވެވޮޑިގެންވާ ފަރާތެއް ވާން ޖެހޭކަން ބުއްދި ޤަބޫލު ކުރެއެވެ. ފެށުމެއްވާ އިލާހެއްނަމަ އަނެއްސުވާލަކަށްވާނީ އެއީ ކިހިނެއް އުފެދުނު އިލާހެއް ބާއެވެ؟ އެހެން ކަމުން ފެށުމެއްވެސް ނުވުމާއި އަދި ނިމުމެއްވެސްނުވުމާއި ދާއިމާށް ދެމިވޮޑިގެންވުމާއި އަބަދުވެސް ޤާއިމުވެ ވޮޑިގެންވުން، މިއީ އިލާހުވަންތަ ކަމުގެ ސިފައެކެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާއީ އަބަދުވެސް ވޮޑިގެންވާ ދާއިމަށް ޤާއިމުވެ ވޮޑިގެންވާ އިލާހެވެ.

އެތީސްޓުން ދުނިޔޭގެ އެކި ހިސާބު ތަކުގައި އުޅެމުންދެއެވެ. ދިވެހި ރާއްޖޭގައިވެސް އެތީސްޓުން އުޅެއެވެ. މިއީ އެންމެން ދަންނަ ކަމެކެވެ. ދިވެހި ރާއްޖެއަކީ މީގެ 800 އެތަށް އަހަރެއް ކުރިން އިސްލާމް ދީނުގެ ޢަޤީދާގެ މަތީގައި އުޅެމުން އައި ރައްޔިތަކު ދިރިއުޅޭ ގައުމެކެވެ. ދިވެހިން ދީނުގެ ކަންތައްތަކަށް ވަރަށް އިޙްތިރާމް ކުރެއެވެ. ނަމަވެސް މިހެން ކަންތައްތައް ވަމުން އައިސް ދާދި ފަހަކުން ގާތްގަނޑަކަށް މީގެ 25 އަހަރު ކުރިން އިސްލާމް ދީނުގެ ޞައްޙަ މަޢުލޫމާތު ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމުގައި ދީނީ ޢިލްމުވެރިންނަށް ވަރަށް ގިނަ ދަތި ތައް ކުރިމަތި ވެގެންދިޔައެވެ. ޢިލްމުވެރިންގެ ވާހަކަތައް މުޅިން ހުއްޓުމަކަށް އައެވެ. އެއްބައި ޢިލްމުވެރިން ޖަލަށްލެވި ތަފާތު އަނިޔާތައް ކުރެވުނު އިރު އަނެއްބައި ޢިލްމުވެރިންނަށް "ކުދި ގޯނާ" ކުރެވެމުން ދިޔައެވެ. ނަތީޖާ އެއްގެ ގޮތުން ދިވެހިންގެ ދީނީ ހޭލުންތެރިކަން ވަރަށް ބޮޑުތަން ދަށަށް ދިޔައެވެ. ޙާއްސަކޮށް އޭރު އުފެދިގެން އައި ޅަ ޖީލު (މިހާރުގެ ޒުވާން ޖީލު) ގެ ޢަޤީދާ ބަލިކަށިވެގެން ދިޔައެވެ. މިއީ ބަޔަކު ރާވައިގެން ކުރި ކަމެކެވެ. މިއަދު ފެނިގެން މިދަނީ އޭގެ "ނަތީޖާ" އެވެ. ހެޔޮކަމަށް އަމުރުކުރުމާއި ނުބައިކަންތައްތައް ނަހީކުރުން އެއީ ނެތްކަމަކަށް ވެގެންދިޔައެވެ. ޙަރާމް ޙަލާލެއް ބަލާލުމެއްނެތި ކޮންމެ ކަމެއް ކުރިޔަސް ވަރިހަމަވެގެން ދިޔައެވެ. ވެރިކަމާމެދު ފާޑު ނުކިޔާނަމަ ކިތައްމެ ބޮޑު ޖަރީމާއެއް ހިންގިޔަސް، ކިތައްމެ ލާ ދިނީ ޢަމަލެއް ހިންގިޔަސް އެއީ އެއްވެސް ކަމަކަށް ޤައުމުގެ "ބޮޑުން" ނަކަށް އޭރަކު ނުވެއެވެ. މީސްތަކުންގެ ހިތުގައި ހެއްދެވިފަރާތާ މެދު އޮތް ބިރު ފިލައިގެން ދިޔައީއެވެ. އެހެން މީހެއް ދެކެ އެބިރު ގަންނަން ފެށީއެވެ.

ދެން އައީ "ޑިމޮކްރަސީގެ " މޫސުމެވެ. މީސްތަކުންގެ އަނގަތަށް ފާޑަކަށް ހުޅުވި، ހެވަސް ނުބަޔަސް އެމީހަކު ކިޔާނެ އެއްޗެއް ކިޔަން ފުރުސަތު ލިބުނީއެވެ. މިދުވަސްވަރު ދީނީ ޢިލްމުވެރިންނަށްވެސް ބަސް ބުނުމުގެ ފުރުސަތު ލިބިގެން ދިޔައެވެ. އެބައިމީހުން ދީނުގައި ކަން އޮންނަގޮތް މީސްތަކުންނަށް ފުރިހަމައަށް ބަޔާންކޮށްދެމުން ދަނީއެވެ. މި އަޑު "އެއްކަލަ" ޒުވާން ޖީލަށް އަޑު އިވުމުން އެކަން ޤަބޫލެއް ނުކުރެވުނެވެ. އޭރު އެބައި މީހުންނަށް ވިސްނިފައި އޮތީ ނުވަތަ ބަޔަކު ވިސްނާދިފައި އޮތީ ޝަހާދަތުގެ ދެކަލިމަ ކިޔައިފިނަމަ ދެން ކޮންމެ ގޮތަކަށް އުޅުނަސް އެއީ މައްސަލައެއް ނޫންކަމަށެވެ. (ނަމަވެސް އެއީ މައްސަލައެކެވެ.) އެހެން ކަމުން ޝޭޚުން އިސްލާމް ދީން މި ބަޔާން ކޮށްދޭ ގޮތުން މިބައިމީހުން ކުރިން ކުރަމުން އައި ވިޔާ ނުދާ ފާޙިޝް ކަންތައްތައް އެބަ ދޫކޮށްލަން ޖެހެއެވެ. ލަވައެއް ނުކިޔެއެވެ. މިއުޒިކު ޙަރާމެވެ. ޒިނޭ އެއް ނުކުރެވެއެވެ. ބުރުގާ އަޅަން ޖެހެއެވެ. ރަލެއް ނުބޮވެއެވެ. މިބައިމީހުން ބުނާގޮތުންނަމަ ކުރެވޭ އެއްވެސް ކަމެއްނެތެވެ. ޝައިތޯނާ މިބައިމީހުންގެ ފާޙިޝް ޢަމަލުތައް ޒީނަތްތެރި ކޮށްފައި ދައްކަނީއެވެ.

އެހެން ކަމުން މިދީން އެބައިމީހުންނަކަށް ކަމަކު ނުދިޔައެވެ. ސަބަބަކީ "ހުއްދަ" އެއްވެސް ކަމެއް ނެތެވެ. މިބައިމީހުން ބޭނުންވާހާ ގޮތަކަށް ނޫޅެވެއެވެ. ހަވާ ނަފްސު މިބައިމީހުންގެ މައްޗަށް ވެރިވެގަތީއެވެ. އިސްލާމްދީނަށް ޢަމަލު ކުރަން ބޭނުން ނުވުމުން އިލާހަކު ވާ ކަމާމެދު ޤަބޫލު ކުރަން ދެކޮޅު ހަދަނީ އެވެ. މިބައި މީހުންނަށް ބޭނުންހާ ގޮތަކަށް އުޅެވެން އޮތީ އެތިޒަމް ޚިޔާރު ކޮށްގެން ކަމުގައި ވާތީ އެކަން ކުރީއެވެ. ވަގަކު ފުލުހުން އެއީ ވާން ޖެހޭނޭ ބައެއް ކަމާމެދު ދުވަހަކުވެސް ޤަބޫލެއް ނުކުރާނެއެވެ. ސަބަބަކީ އޭނާ ވައްކަން ކުރާއިރު ފުލުހުން ފާރަލާނެއެވެ. އޭނާ އަށް ވައްކަން ކުރުމަށް ހުރަސް އަޅާތީއެވެ. ހަމަ އެގޮތަށް މިބައިމީހުންވެސް ބޭނުންވާ ފާޙިޝް ކަންތައްތައް ނުކުރެވޭތީ އެ ފާޙިޝް ކަންތައްތައް ޙަރާމް ކުރެއްވި އެއްކައުވަންތަ ﷲ ތަޢާލާ ވޮޑިގެންވާ ކަމާމެދު އިންކާރުކުރަން ފެށީއެވެ. މިބައިމިހުން ﷲ ގެ ދީނަށް އޮތް ޢަދާވަތްތެރި ކަމެއްގެ ސަބަބުން ﷲ ތަޢާލާ މިބައިމީހުންގެ ހިތްތައް ބަންދުކުރެއްވީއެވެ. މިހާރު މިބައިމީހުންގެ މަސައްކަތަކީ ތަފާތު ވަހުމު ތަކާއި ޝައްކު ތައް އުފައްދައިގެން މީސްތަކުން އިސްލާމްދީނާ ދުރުކުރުމެވެ. ނަމަވެސް ﷲ ގެ ރަޙްމަތްފުޅުން އެކަން ކާމިޔާބު ވުމަކުން ނުދެއެވެ.

ދިވެހިރާއްޖޭގައި އޭތިސްޓުންނޭ ކިޔައިގެން މިއުޅޭ "ބައިގަނޑު" ގެ މީހުންނަކީ ޙަޤީޤަތުގައި އޭތިޒަމްގެ ޙަޤީޤަތްވެސް ރަނގަޅަށް އޮޅުން ނުފިލާ ތިބި އޭތިޒަމަށް "ޅަ" އޭތިސްޓުންތަކެކެވެ. އެހެން ޢިބާރާތަކުން ބުނާނަމަ ފޭކު އޭތިސްޓުން ތަކެކެވެ. ތިމަންނާމެންނީ އޭތިސްޓުންނޭ ގޮވާއިރު، ދީނީ ޢިލްމު ކިޔަވާ ކުއްޖަކާ "ޖަދަލުކުރުމުގެ" ތެރޭގައި ކަލޭއަށް "ގޯޑް" ސިކުނޑިއެއް ދެއްވާފައެބައޮތޭ އެ ބުނީ އަނެއްކާ ކޮން ގޯޑެއްގެ ވާހަކަ ބާއެވެ. އޭތިސްޓުންގެ ގޯޑު ވާހަކަ ބާވައެވެ؟

ﷲ ތަޢާލާ އަޅުގަނޑުމެންގެ އުއްމަތް މިފަދަ ޢަދާވަތްތެރިންގެ ކިބައިން ސަލާމަތް ކޮށްދެއްވާށިއެވެ. އާމީން.

Read more...

08 April 2010

ސުވަރުގެއާއި އެތާގެ އަހުލުވެރިންގެ ނިޢުމަތްތައް

އަލްއަޚް މުޙައްމަދު ޝާފިޢު
ސުވަރުގޭގެ އަހުލުވެރިން ސާދަވިލޭރޭގެ ހަނދުފަދައެވެ. އެމީހުންގެ ކާނާއަކީ އެމީހުން އިޚްތިޔާރުކުރަން ލިބޭ މޭވާތެކެވެ. ސުވަރުގޭގެ އަހުލުވެރިންގެ ކެއުންކަމުގައިވާ މޭވާތައްވަނީ އެމީހުންގެ އަތްފޯރާ ހިސާބަށް ކައިރިވެގެންނެވެ. އަދި މަތީން އުދުހިފައިދާ ދޫނި އެމީހުން ހިތަށް އެރުމާއެކު ފިހެވިގެން (ކާންތައްޔާރުވެގެން) އެމީހުންގެ ކުރިމަތީގައިވާ ތަބައްތަކަށް ވެއްޓޭނެއެވެ. އެމަސް ކައިފިނަމަ ހަފަން ނުޖެހޭނެއެވެ. ވަރަށް މީރުވާނެއެވެ. އިސާހިތަކު އަނގަތެރެއަށް ވިރިގެން ހިނގައިދާނެއެވެ. ސުވަރުގޭގެ އަހުލުވެރިންގެ ބުއިމަކީ ކާފޫރު ރަލާއި ޒަންޖަބީލް ރަލެވެ.

ސުވަރުގެ ނުވަތަ ޖަންނަތުގެ މާނައަކީ ބަގީޗާއެވެ. ސުވަރުގެއަކީ ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ކިޔަމަންގަތް އަޅުންނަށްޓަކައި އެއިލާހު ތައްޔާރުކުރައްވާފައިވާ ދާއިމީ ގޯއްޗެކެވެ. ދުވަހަކުވެސް އިންސާނެއްގެ ލޮލުން ނުދެކޭ، ކަންފަތަށް ނީވޭ، އަދި ހިތަށްވެސް ނުގެނެވޭ ކަންތައްތަކެއް އެތަނުގައިވެއެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.
فَلا تَعْلَمُ نَفْسٌ مَا أُخْفِيَ لَهُمْ مِنْ قُرَّةِ أَعْيُنٍ جَزَاءً بِمَا كَانُوا يَعْمَلُونَ (سورة السجدة 17)
"ފަހެ އެއުރެންނަށްޓަކައި ފޮރުއްވާފައިވާ ލޮލުގެ ފިނިކަން (އެބަހީ ލޮލަށް ފިނިކަން ދެނިވި ސުވަރުގޭގެ ނިޢުމަތްތައް) އެއްވެސް ނަފްސަކަށް ނޭނގޭނެތެވެ. (އެއީ) އެއުރެން ކޮށްއުޅުނު ޢަމަލުތަކުގެ ޖަޒާއެއް ކަމުގައެވެ."
އެތަނުގެ ބިނާތަކުގެ ގައުތައް ހުންނާނީ އެއްގައު ރަނުން އަނެއް ގައު ރިހިންނެވެ. އަދި ދެގަލުގެ ދޭތެރެ ބައްދާފައި ހުންނާނީ އަލްއަޛްފަރު (މިސްކުލް އަޛްފަރު) އިންނެވެ. އަދި އެތަނުގެ ބިމުގައިވަނީ ލުއުލުއު (އިތާ މުތް) އަދި ޔާޤޫތެވެ. އެތަނުގެ ވެއްޔަކީ ޒަޢްފަރާންއެވެ.
ސުވަރުގޭގައި ސަތޭކަ ދަރަޖަވެއެވެ. ކޮންމެ ދެ ދަރަޖައެއްގެ ދޭތެރެ އުޑާއި ބިމާ ދެމެދުހާވެއެވެ. އޭގެ ތެރެއިން އެންމެ މަތީ ދަރަޖައަށް ކިޔަނީ ފިރުދައުސްއެވެ. އަދި އެތަނުގައި އޮހޮރިއަރާ ފެންއާރުތައް ވެއެވެ. ރަހަ ތަޣައްޔަރުވެމެއް ނެތް ފެނުގެ ކޯރުތަކެވެ. އަދި އޭގެ ރަހައަށް ބަދަލު ނާންނަ ކިރުގެ ކޯރުތައް ވެއެވެ. އަދި ބޯމީހުންނަށް މީރު މަސްތުވުމެއްނެތް ރަލުގެ ކޯރުތައްވެސް ވެއެވެ. އަދި މާމުއިގެ ކޯރުތައްވެސް ވެއެވެ.
ސުވަރުގޭގެ އަހުލުވެރިން ސާދަވިލޭރޭގެ ހަނދުފަދައެވެ. އެމީހުންގެ ކާނާއަކީ އެމީހުން އިޚްތިޔާރުކުރަން ލިބޭ މޭވާތެކެވެ. ސުވަރުގޭގެ އަހުލުވެރިންގެ ކެއުންކަމުގައިވާ މޭވާތައްވަނީ އެމީހުންގެ އަތްފޯރާ ހިސާބަށް ކައިރިވެގެންނެވެ. އަދި މަތީން އުދުހިފައިދާ ދޫނި އެމީހުން ހިތަށް އެރުމާއެކު ފިހެވިގެން (ކާންތައްޔާރުވެގެން) އެމީހުންގެ ކުރިމަތީގައިވާ ތަބައްތަކަށް ވެއްޓޭނެއެވެ. އެމަސް ކައިފިނަމަ ހަފަން ނުޖެހޭނެއެވެ. ވަރަށް މީރުވާނެއެވެ. އިސާހިތަކު އަނގަތެރެއަށް ވިރިގެން ހިނގައިދާނެއެވެ. ސުވަރުގޭގެ އަހުލުވެރިންގެ ބުއިމަކީ ކާފޫރު ރަލާއި ޒަންޖަބީލް ރަލެވެ. އެމީހުންގެ އަނގާގައި ކުޅެއް ނުހުންނާނެއެވެ. އަދި ސޮންޖެއްވެސް ނުހުންނާނެއެވެ. އަދި އަރިދަފުސްވެސް ނުހުންނާނެއެވެ. އެމީހުން ބޮޑުކަމުދާން ނުޖެހޭނެއެވެ. އަދި ކުޑަކަމުދާން ނުޖެހޭނެއެވެ. އެމީހުންގެ ގައިން ބޭރުވަނީ ފެނެކެވެ. އަހަރެމެން މިދުނިޔޭގައި ދާހިތްލާފަދައެވެ. އަދި އެމީހުން ވާލެއްވުމާއެކު އެމީހުންގެ ޙާޖަތްފުދެއެވެ. އެމީހުންގެ ހަށިގަނޑުން ބޭރުވާ ފެނުގެ ވަހަކީ މިސްކެވެ.
އެތަނުގެ ތެލިތަށިވަނީ އެތެރެފެންނަ ރަނުންނާއި ރިހިންނެވެ. އެތަނުގެ އަންނައުނަކީ ފަށުވިއެވެ. އެތަނުގެ ގަހަނާއަކީ ރަނާއި މުތެވެ. އެތަނުގެ ތަޅަމަކީ ނުވަތަ ކާރޕެޓަކީ އިސްތަބްރަޤް (ތުނިފަށުވި) އެވެ. ކޮންމެ މީހަކަށް އެމީހެއްގެ ދެ އަނބީންކަމުގައި، ދުނިޔޭގައި ލިބިފައިވާ އަނބީންގެ އިތުރަށް ދެ ޙޫރުލްޢީނުން ވެއެވެ. ޝަހީދުންނަށް 70 ޙޫރުލް ޢީނުންވެއެވެ.
ސުވަރުގެ ވަންނަ ހުށީ ކޮންމެ 1000 މީހެއްގެ ތެރެއިން އެކަކެވެ. އަނެއް 999 މީހުންވާހުށީ ނަރަކާގައެވެ. ސުވަރުގޭގައި ފިރިހެނުންނަށް ރަނާއި ރިއްސާއި ފަށުވިވެސް ހުއްދައެވެ. އެމީހުން އެތަކެތީން ޒީނަތްތެރިވާނެތެވެ. ސުވަރުގޭގައި މީހަކާ ނީންނަ އެއްވެސް މީހަކު (އަންހެނަކުވިޔަސް އަދި ފިރިހެނަކުވިޔަސް ނުވެއެވެ). އެމީހުންގެ އަނބިންނަކީ ރީތިކަމުގެ ދެވަނައެއް ނުވާ ޙޫރުލްޢީނުންނެވެ. އެމީހުންގެ ލޮލުގެ ކޮއި ކަޅުކަން ގަދަވެފައި ލޮލުގެ ހުދުބައި ހުދުކަން ގަދަވާނެއެވެ. އަދި އެމީހުންގެ އިސްތަށިގަނޑު ރޭގަނޑުފަދައެވެ. އެމީހުން އެއްވެސް ފިރިހެނަކަށް ނުބަލާނެއެވެ. އެމީހުން މިހާރުވެސް ތިބޭނީ އެމީހުންނަށްޓަކައި ވާ މީހުންގެ އިންތިޒާރުގައެވެ. އެއީ ބިކުރުވެރިންނެވެ. އެއްފަހަރު ގުޅުން ހިންގުމަށްފަހު އަނެއްފަހަރު ގުޅުން ހިންގަންވާއިރަށް އެމީހުންނަށް ބިކުރުވެރިކަން ރުޖޫޢާވާނެއެވެ. އެމީހުންނަކީ ސާފުޠާހިރު ބަޔެކެވެ. އެމީހުން ބަލިނުވާނެއެވެ. ޙައިޟެއް ނުވާނެއެވެ. ބޮޑުކަމު ނުދާނެއެވެ. ކުޑަކަމު ނުދާނެއެވެ. ނިފާސްވެރި ނުވާނެއެވެ. އެމީހުންނަށްޓަކައި ވާ ފިރިހެނާނޫން އެހެން އެއްވެސް މީހަކާ ދިމާއަށް ނުވެސް ބަލާނެއެވެ. މޫނު އަލިވާނެއެވެ. މޫނު ހުދުކަން ގަދަވެފައި ލޮލުގެ ކަޅުކަން ގަދަވާނެއެވެ. ވަރަށް ރީތިވާނެއެވެ.
ސުވަރުގޭގެ އަހުލުވެރިންގެ ޢުމުރަކީ 33 އަހަރެވެ. ތިބާ ސުވަރުގެއަށް ވަންނައިރު ތިބާގެ ޢުމުރަކީ 33 އަހަރެވެ. ސުވަރުގޭގައި ތިބޭ ޙޫރުލް ޢީނުންގެ ޢުމުރަކީވެސް އެއީ އެވެ. އެކަމަކު އެމީހުން ހީވާނީ ޒުވާން ކަމުންގޮސް ޅަ ކުދިންކޮޅެއް ހެންނެވެ. ސާދަ ފަނަރަ އަހަރުގެ ކުދީން ފަދައިންނެވެ.
ސުވަރުގޭގެ އަހުލުވެރީންނަށް ލިބޭނެ އެންމެ ބޮޑު ނިޢުމަތަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ ފެނުމުގެ ނިޢުމަތެވެ. އެ ނިޢުމަތް ލިބޭ ހިނދު އެ ނިޢުމަތުގެ މަތިވެރިކަމުގެ ސަބަބުން ސުވަރުގޭގައި އޭނާއަށް ލިބިފައިވާ އެހެން ހުރިހާ ނިޢުމަތްތަކުގެ މަތީން ހަނދާން ނެތިގެން ދާނެއެވެ.
ނަރަކައިގެ އަހުލުވެރިން ނަރަކައަށް ވެއްދުމަށްޓަކައި ނަރަކަ ގެނެވޭ ހިނދު ނަރަކައިގެ ދޮރުތައް ވަނީ ބަންދުކުރެވިގެންނެވެ. އެހެންނަމަވެސް ސުވަރުގޭގެ ދޮރުތައް ވަނީ ހުޅުވިގެންނެވެ. މީގެން ދޭހަވަނީ ސުވަރުގޭގެ އަހުލުވެރިންނަށްޓަކައި ވާ މެހެމާންދާރީގެ އަވަސްކަމެވެ.
ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! މި ފުރިހަމަ ނިޢުމަތްތައް ލިބޭހުށީ ﷲ އަށް ބިރުވެތިވެ، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަށް ތަބާވެ، މައިންބަފައިންނަށް އިޙްސާންތެރިވެ، ފަރުޟު ފަސްނަމާދު އޭގެ ވަޤުތުގައި ޤާއިމުކޮށް، ޒަކާތްދީ، ރޯދަހިފައި، ޞާލިޙް ޢަމަލުކޮށް، ﷲ ގެ މަގުގައި ހޭދަކޮށް، ފާފަތަކާއި މުންކަރާތްތަކުން ރައްކާތެރިވާ މީހުންނަށެވެ.
ސުވަރުގެއަށް ޝައުޤުވެރިވާށެވެ. އަހަރެމެންގެ ޙަޤީޤީ މަންޒިލަކީ އެއީއެވެ. ނަމަވެސް އަހަރެމެންގެ ޙަޤީޤީ މަންޒިލަށް ދިޔުމަށްޓަކައި މި ހިނގެނީ ވަރަށް މަޑުންނެވެ. މިވަރަށް ހިނގައިގެން ދުވަހަކުވެސް އަހަރެމެންގެ ޙަޤީޤީ މަންޒިލާ ހަމައަށް ވާޞިލްވެވިދާނެ ހެއްޔެވެ؟ މިދުނިޔޭގެ ޙަޔާތަކީ ކުރު ޙަޔާތެކެވެ. އެހެންކަމުން ސުވަރުގެއަށް އެދޭށެވެ. ތިބާގެ ޢަމަލުތައް ސުވަރުގެއަށް އެދޭ މީހެއްގެ ޢަމަލުތަކަކަށް ބަދަލުކޮށްލާށެވެ. ނިޔަތް ޚާލިޞްކުރާށެވެ. ދާއިމީ ގޮވައްޗަކީ އަދި ޙަޤީޤީ ހިތްހަމަޖެހުމުގެ މަރުކަޒަކީ ސުވަރުގެނޫން ދެވަނަ ތަނެއް ނޫނެވެ.

Read more...