23 April 2010

ރަލާއި ނުލާ ދިވެހި ރާއްޖެ

އަލްއަޚް ބިލާލް ޢަބްދުއްސައްތާރު
އެއްވެސް ޝައްކެއްނެތްގޮތުގައި މާތް ވެގެންވާ އިސްލާމްދިނަކީ އެންމެ ފުރިހަމަ ވެގެންވާ ދީނެވެ. އެއްވެސް ކަމެއް އުނި ނުވާނޭ ގޮތުގެ މަތިން މި ދީނުގެ ވެރި އިލާހު ވަނީ އެއްމެ ފަހުގެ ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް މެދުވެރި ކުރައްވާ މިދީން ފުރިހަމަ ކޮށްދެއްވާފައެވެ. އަދި އެކަން ވަނީ އެއިލާހުގެ ކަލާމް ފުޅު ކަމުގައިވާ ކީރިތި ޤުރުއާނުގައި ވަރަށް ޞަރީޙަ ޢިބާރާތުން ބަޔާން ކޮށްދެއްވާފައެވެ. ﷲ ތަޢާލާގެ ހަޟްރަތުގައި ޤަބޫލު ކުރެވިގެންވާ ހަމައެކަނި ދީނަކީ އިސްލާމް ދީނެވެ. އަދި ހަމައެކަނި އިސްލާމް ދީން ދީނެއްގެ ގޮތުގައި ޤަބޫލު ނުކުރާ ޙާލު އިންސާނާ މަރުވެއްޖެ ކަމުގައި ވާނަމަ އޭނާއަކަށް އެއްވެސް ކާމިޔާބެއް ނެތެވެ. އެފަދަ މީހަކު ވެގެންދަނީ ނަރަކައިގައި ދާއިމުވެ ތިބެންޖެހޭ މީހުންގެ ތެރެއިންނެވެ. ވީމާ އެދީނުގައި ކަނޑއެޅިފައިވާ އެންމެހާ ޙުކުމް ތައް އެއްވެސް ކަހަލަ ނުރުހުންތެރި ކަމެއްނެތި ޤަބޫލު ކުރަން ޖެހެއެވެ. އެދީނުގައި އެއްވެސް އުނިކަމެއް ނެތެވެ. އިންސާނަކު ދުނިޔެއަށް އުފަންވީއްސުރެ އޭނާ މަރުވަންދެން ދުނިޔޭގައި ހޭދަ ކުރަންޖެހޭނޭ އެންމެ ފުރިހަމަ އުސޫލު މާތްވެގެންވާ އިސްލާމް ދީނުގައި ވެއެވެ. މިކަމާއި މެދު އެއްވެސް ޝައްކެއް ނެތެވެ. މިދީން އިންސާނާ މާތް ކުރިއެވެ. އިންސާނާ އަށް ރަޙްމު ކުރިއެވެ. ނަމަވެސް އެކަން ދަންނަނީ ވަރަށް މަދު ބަޔެކެވެ. ގިނަ ބަޔަކު ވަނީ ޣާފިލް ކަމެއްގެ ތެރޭގައެވެ. ދުނިޔެވީ މަދު ފައިދާ ކޮޅަކަށް އުޚްރަވީ ޙަޔާތް ވިއްކާލާފައެވެ.

ކޮންމެއަކަސް އިސްލާމީ ޝަރީޢަތަކީ މިއަދު ޤައުމު ތަކުގެ " ބޮޑުން" ވަރަށް ނުރުހޭ އެއްޗަކަށް މިވަނީ ވެފައެވެ. މިމީހުން އަމިއްލއަށް ހަދާ ޤާނޫނުތައް ނުވަތަ ޤާނޫނުއަސާސީ އޭ މިކިޔާ "ސިޔާސީ ޕްލޭން" މާ ރަނގަޅުކަމަށް މިމީހުން ބުނަމުންދެއެވެ. ރައްޔިތުންނަށް އޮޅުވާލުމަށްޓަކައި ސިޔާސީ މަޖްލީހުގައި މިބައިމީހުންގެ ކަމަކަށް އޮންނަނީ "ރީތި ޢިބާރާތުން" އިސްލާމީ ޝަރީޢަތައް ފުރައްސާރަ ކުރުމެވެ. އިސްލާމީ ޝަރީޢަތް މިޒަމާނަށް ނުފެތޭ ކަމަށް ބުނެ، ސީދާކޮށާއި ނުސީދާ ކޮށް އިސްލާމް ދީނާމެދު ހައްޤު ނޫން ބަސްތައް ބުނަމުން ދާތާ ދުވަސްކޮޅެއް ވެއްޖެއެވެ. ނުކުރެވިގެން އުޅެނީ އެންމެ ކަމެކެވެ. އެއީ ރަލާއި އޫރުމަސް މުޅި ރާއްޖެ އަށް ފަތުރަން ކުރާ މަސައްކަތެވެ. އަދި ފައްޅި އަޅަން ކުރާ މަސައްކަތެވެ. މި ކަން ކަމަކީ އިސްލާމް ދީން ހުއްދަ ކުރާ ކަންކަމެއްނޫނެވެ. އެހެންކަމުން މިބައިމީހުންގެ ރުޅި ދީނަށް ބާލަނިއެވެ.

ރަލަކީ އިންސާނާގެ ބުއްދި ފިލުވާލާ އެއްޗެކެވެ. އިންސާނާ އުފެއްދެވީ ﷲ ތަޢާލާ އެވެ. އިންސާނާ އަށް ބޭނުންވާ ކަންތަކާއި ބޭނުންނުވާނޭ ކަންތައްތައް، އަދި އޭނާ އަށް ފައިދާ ހުރި ކަންތައްތަކާއި ގެއްލުން ހުރި ކަންތައްތައް އެ އިލާހު މޮޅަށް ދެނެވޮޑެގެންވެއެވެ. ﷲ ތަޢާލާގެ އެއްކައުވަންތަކަން ޤަބޫލުކުރާ މުއުމިނަކު، އޭނާގެ ޙަޔާތުގައި އެންމެ ހިނދުކޮޅަކުވެސް އެއިލާހުުގެ ޒިކުރު ނުކުރެވޭ ޙާލަތެއްގައި ހުރުމަކަށް އެއިލާހު ބޭނުންވެވޮޑިނުގަންނަވައެވެ. އަދި 24 ގަޑި އިރުގެ ތެރެއިން އެންމެ ސިކުންތެއްވެސް ހަމަ ބުއްދީގައިި ނޫންގޮތަކަށް ހުރުމަކަށް އެއިލާހު ރުހިވޮޑިނުގަނަންވައެވެ. އެހެންކަމުން ﷲ ތަޢާލާ ރުހިވޮޑި ނުގަންނަވާ ގޮތަކަށް އެންމެ ހިނދުކޮޅެއްވެސް ހޭދަ ކުރުމަކަށް މުސްލިމަކު ނުރުހޭނެއެވެ. ރާ ޙަރާމް ކުރެއްވީ ﷲ ތަޢާލާ އެވެ. ޙަރާމް ވެގެންވަނީ މުސްލިމުންނަށެވެ.

ކޮންމެއަކަސް ރާ އާއްމުކުރަން މިއުޅޭ މަސައްކަތުގައި މިމީހުން ބުނަމުން އަންނަނީ ޓްއަރިޒަމް ކުރިއަރާނީ ފަސޭހައިން ރާ ލިބެން ހުރުމުން ކަމުގައެވެ. އެހެން ނޫނީ ޓްއަރިޒަމް އިނދަ ޖެހިދާނެ ކަމުގައެވެ. ނުވަތަ ޓްއަރިސްޓުން ރާއްޖެ އަށް ނާންނާނެ ކަމުގައެވެ. މިއީ ދިވެހި ރައްޔިތުންނަށް އޮޅުވާލަން ދައްކާ ތާކުންތާކު ނުޖެހޭ ވާހަކަ ތަކެކެވެ. ނަމަވެސް ޙަޤީޤަތަކީ މިއީ ބަޔަކު މީހުންގެ އަމިއްލަ، ފައިދާއެއް ޙާސިލް ކުރުމަށް ދައްކަމުން އަންނަ ވާހަކަ ތަކެކެވެ. މީގެ ސަބަބުން ދުނިޔަވީ ގޮތުންވެސް އަދި އުޚްރަވީ ގޮތުންވެސް ދިވެހި ރައްޔިތުންނަކަށް އެއްވެސް ފައިދާއެއް ނުކުރާނެއެވެ. ސަބަބަކީ ﷲ ތަޢާލާ ޙަރާމްކުރެއްވި އެއްޗަކުން ކުރާނެ އެއްވެސް ފައިދާ އެއް ނޯންނާނެތީއެވެ.

މިހާރުވެސް ރާއްޖޭގެ ރިސޯޓްތަކުން ޓްއަރިސްޓުންނަށް ބޭނުންވާ ރާ ލިބެއެވެ. އެމީހުން ރާ ނުލިބިގެން ޝަކުވާ އެއްނުކުރެއެވެ. ޝަކުވާ ކުރަނީ "އެހެން" ބަޔެކެވެ. ދިވެހި ރައްޔިތުން މިކަމާމެދު ވިސްނާށެވެ. ޓްއަރިސްޓުން ރާއްޖެ އަންނަނީ އެމީހުންގެ ޤައުމުން ރާ ނުލިބިގެން އެ ހޯދާކަށެއްނޫނެވެ. ދިވެހި ރާއްޖޭގެ ޤުދުރަތީ ރީތި ކަމުގެ ސަބަބުން އޭގެ ހިތްހަމަޖެހުން ހޯދާ، މި މަންޒަރުތައް ހަމަ ލޮލުން ދެކިލުމަށެވެ. އަހަހަރުތެރޭގައި ބުރަ މަސައްކަތުގައި ހޭދަ ކުރުމަށްފަހުގައި ، އާއިލާއާއި އެކު ޗުއްތީ ހޭދަ ކޮށްލުމަށްޓަކައެވެ. ދަންނާށެވެ. ދިވެހިރާއްޖޭގެ ޓްއަރިޒަމް ދަށަކަށް ނުދެއެވެ. 2009 ވަނަ އަހަރުގެ ޖެނުއަރީ އާއި އަޅާ ބަލާއިރު 2010 ވަނަ އަހަރު ގެ ޖެނުއަރީގައި ޓްއަރިސްޓުން ރާއްޖެއަށް ޒިޔާރަތް ކުރި އަދަދު %9.7 އިތުރު ވެފައި ވެއެވެ. އަދި 2009 ވަނަ އަހަރުގެ މާޗް މަހާއި އަޅާ ބަލާއިރު މިއަހަރުގެ މި ނިމުނު މާޗް މަހުގައި ރާއްޖެ އަށް ޒިޔާރަތް ކުރި ޓްއަރިސްޓުންގެ އަދަދު %20.7 އިތުރު ވެފައި ވެއެވެ. އެހެން ކަމުން ޓްއަރިޒަމް ދައްވާތީ އޭކިޔާ ވާހަކަ ދެއްކޭކަށް ނެތެވެ. ދިވެހި ރާއްޖެ އަށް ލިބިފައި މިވާ ޤުދުރަތީ ރީތި ކަމަކީ ﷲ ތަޢާލާ ރަޙްމަތްފުޅުން ވަރަށް ބޮޑު ނިޢުމަތެކެވެ. މި ނިޢުމަތަށް ޝުކުރުވެރި ވުމަށްޓަކައި ހެޔޮ ގޮތުގައި މީގެ ބޭނުން ހިފާށެވެ. ޙަރާމް ކަންތައްތައް ތަޢާރަފް ކުރުމަށް މި ވަސީލަތުގެ ބޭނުން ހިފަން ނުވިސްނާށެވެ. ރަލާއި ނުލައި ވެސް އެންމެ ފުރިހަމަ ގޮތުގައި ޓްއަރިޒަމް ހިންގިދާނެއެވެ.

އަޅުގަނޑުމެން އެންމެންވެސް ޤައުމުގެ ކުރިމަގާއި މެދު ވިސްނާކަމަށް ދަޢުވާ ކުރަމުއެވެ. އެހެން ކަމުން މިރަލުން ޤައުމު ސަލާމަތް ކުރެވޭނޭ ގޮތެއް ހޯދަން ވެއްޖެއެވެ. މިއީ ﷲ ތަޢާލާ މާތް ކުރައްވާ މަތިވެރި ކުރައްވާފައިވާ އިންސާނުންފަދަ ބަޔަކަށް އެކަށީގެންވާ އެއްޗެއްނޫނެވެ. ސަބަބަކީ މިއީ އިންސާނާގެ ބުއްދި ފިލުވާލާ އެއްޗެކެވެ. މި ތަކެއްޗަކީ ރިސޯޓް ތަކުގައި ޓްއަރިސްޓުންނަށް ޙާއްސަ ކުރެވިފައިވާ އެއްޗެއް ކަމުގައި ވިޔަސް، މީގެ އިސްތިޢުމާލު ކުރާ ދިވެހިން މަދެއްނޫނެވެ. މިއީ އެންމެން ދަންނަ ކަމެކެވެ. އެހެން ކަމުން މުޅި ރާއްޖެ އަށް މީތި ނުފެތުރެނީސް އަޅުގަނޑުންމެން އެންމެންގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި އަދި ޚާއްސަކޮށް އަޅުގަނޑުމެންގެ ޅަ ޖީލު މިކަމުން ސަލާމަތް ކުރުމަށްޓަކައި ރަލުން ސަލާމަތް ވެފައިވާ ޤައުމަކަށް މިޤައުމު ހަދަން ވެއްޖެއެވެ. އެއްވެސް މިންވަރަކަށް ރާ އެތެރެ ނުކުރެވޭނޭ ގޮތެއް ހަދަން ވެއްޖެއެވެ. ސަރުކާރުން މިކަމަށް އިސްނެގުމަކީ ވަރަށް މުހިއްމު ކަމެކެވެ. ރިސޯޓް ތަކުންވެސް ، ރާ ލިބެން ހުރެގެން ނުވާނެއެވެ. ސަބަބަކީ އިސްލާމް ދީނުގައި ޙަރާމް އެއްޗެއް، އަދި އިންސާނާގެ ބުއްދި ފިލުވާލާ އެއްޗަކަށް މީތި ވާއިރު، އަޅުގަނޑުމެންފަދަ އެހެން އިންސާނުންވެސް މި ރަލުން ދުރު ކުރެވޭތޯ މަސައްކަތް ކުރުމަކީ ވަރަށް މުހިއްމު ކަމަކަށް ވާތީއެވެ. ދިވެހި ރާއްޖޭގެ ޓްއަރިޒަމް ބިނާ ވެފައި އޮންނަނީ ރަލުގެ މައްޗަކަށް ނޫނެވެ. ރާއްޖޭގެ ޤުދުރަތީ ރީތި ކަމުގެ މައްޗަށެވެ. އެހެން ކަމުން ރަލުގެ ބަދަލުގައި އެހެން ޕްރޮޑަކްޓެއް ތަޢާރަފް ކުރެވޭތޯ މަސައްކަތް ތަކެއް ނުކޮށްވާކަށް ނެތެވެ.

އެގޮތުން، އަޅުގަނޑަށް މަޢުލޫމާތު ލިބޭ ގޮތުގައި ދިވެހި ރާއްޖެއިން އެންމެ އާންމުކޮށް މި ލިބޭ ކުރުނބާ ފެނަކީ ރާއްޖެ އަންނަ ޓްއަރިސްޓުންނަށް ވަރަށް ކަމުދާ އެއްޗެކެވެ. މިއީ ރާއްޖެ އިން ހުސްނުވާ ވަރަށް ލިބެން ހުންނަ އެއްޗެކެވެ. ވީމާ އަދުގެ ސަރުކާރުން އިސްނަގައިގެން، މިކަމަށްޓަކައި މަސައްކަތް ތަކެއް ކުރުން މުހިއްމު ކަމަށް ފެނެއެވެ. މީގެ ބޭނުން ކޮށްގެން ޙަލާލު ޕްރޮޑަކްޓެއް އުފެއްދިދާނެއެވެ. ރާއްޖޭގެ ފަޅު ރަށެއް މިކަމަށް ޙާއްސަ ކޮށްގެން ދިވެހި ރައްޔިތުންގެ ތެރެއިން ބަޔަކު ވަޒީފާ އަށް ހަމަޖައްސައި، ހަމައެކަނި ކުރުނބާ ހެއްދުމަށް ޙާއްސަ ކުރެވިދާނެއެވެ. ދިވެހިންނަކީ ރުކަށް އެރުމަށްވެސް ވަރަށް ކުޅަދާނަ ބަޔެކެވެ. އޭރުން ވަޒީފާގެ ފުރުޞަތުތައްވެސް ގިނަވެގެންދާނެއެވެ. އާމްދަނީ އެންމެ އާދައިގެ މީހާއާ ހަމައަށްވެސް ބެހިގެން ދާނެއެވެ. ރާއްޖޭގެ ޕްރޮޑަކްޓިވިޓީ އިތުރުވެ ބޭރު ފައިސާ ވަންނަ އަދަދުވެސް އިތުރުވާނެއެވެ. މީގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށްވެސް ރަނގަޅު ފައިދާތަކެއް ކުރާނެއެވެ.

ދުޢާ އަކީ ބަނގުރަލުގެ ނުބައިކަމުން ﷲ ތަޢާލާ އަޅުގަނޑުމެންގެ މި ޤައުމު ސަލާމަތް ކޮށް ދެއްވުމެވެ.

Blog Widget by LinkWithin

5 comments:

 1. maai allah ah hamd kuran, aanmun nah heyo visnai dheyn eki goi gothun thibeyfulhun dhevaa dharus thakaa, mifadha liun thakun heyo visnaa bayakah thibeyfulhun thi kurahvaa masakai fudheyne.mi suruhee ah bahe ithuru kohlaa iru hama haqeeqathgai ves ralaa nulaa raaje onnaane, resort tha ves baraabarah hingaane, touristun emeehun raaje annanee ameehun ge amilla gaumun raa boan nulibigen neh noon ,a meehun mithanah ais hadhanee mi thanuge hama himeyn kamaa mi thanuge reethi kan dheki lumah, resort hingan ralaa uooru mas ethere kuran huhdha dhin dhinumakee raajeyge halaakah elhifa vaa bingalhe . a huhdha dhin iru ves dhin bayaka ves engeyne ralakee hurihaa nubai kamehge bahpa nuvatha manma kan ralakee. konme maana ehga konme maqsad akah huhdha dhin nama ves mi adhu mi bingaa mi vanee nagaa ahlaa nulevey varu vefa, resort thakuga masakai kuraa baeh muvazafun naa , haasa koh gina muhsandhin ministerun level ge meehun naa a meehunge aailaa thakah mi thakehchaa nulaa noolhevey varah mi vabaa vanee fethurifa.raa nuvatha alcohol, wine, champagne, beers, vodka,whisky, noonas non alcoholic etha nameh kiyaa meeru buin tha eki nan namuga ebahuri , mi beverages tha liben huri namves touristun mi fas ganda baraa barh annaane. vee iru dhoru bandhu kuranshey bune hudha tha adhives ithuru vamun anna haalu kon dhoreh tho bandhu vaanee? matheega evaa fadhain haasa koh nufoozu huri meehun dheenun e thibee mi ahchisakaa hedhi ahkibaa vefa, ehen veema dhoru bandhu kuran beynun nama mi nubai kamun mi 100/. muslim gaumu ge nan mi gothuga baahvan beynun nama , ahkala bingaa noon tho nagan vee aee noon tho amilla ah feyhun iloshi gandakee? gaumu 100/; percent ekamaku gaumuge meehun ge aabaadhee 20/; ves nuvaane muslim meehun nakah. ekan dhulun hamma kuramun e hehera annanee kerey zuvaanun. kerey kan dhahkamun, fahuraa eku e bunamun gendhanee, kufuruge bas tha.
  thifadhabeyfulhun ge heyo bahkun alhugandumen nah manfaa kuraa iru, resort thakuge therein kitha gadha kamah bunaa resort ga tho dhivehi dharin raluge kan kamuga majubooru haalathuga ulhen jehifa vanee? kitha dharin tho ralun trainnin ve degree aa hisaabuga ulhenee? beyru kunfuni thakun hingaa baeh mashooru rah rashuga restaurent witerun nah eba angaa wine raha nubalaa nama taste nukuraa nama upselling ah nuhedheyne ay. taste kuraashey . mi gothun wine celler thakuga aa raa dhukaan thakuga is meehun ge gothuga baraa barah raa boe a vihkamun mi gendhanee kitha dhivehin tho? kitha wine masterun thaa abdhu wine trainning lession dhivehi dharin nah kitha resort ga dhey tho? vee iru aara baaru huri matheega a vaa fadha meehunge vaki hifaafa kuri minvarha balaafa kihinakun tho mi mujuthamau salaamai kuraanee?
  dhuaa akee thibeyfulhunge maskatha maai allah subhanhu wathaala heyo goi minvaru koh dheveoun.
  assalaam alaikum.

  ReplyDelete
 2. އައްސަލާމް އަލައިކުމް.
  މާތް ﷲ ތި އެންމެހާ ބޭފުޅުން ތި ކުރައްވާ މަސައްކަތުގައި ބަރަކާތް ލައްވާށިއެވެ.
  އާދެ! މި މައުލޫ އަށް ކޮމެންޓް ކުރަން ބަލާލާ އިރު ދިވެހިންގެ ގިނަ މީހުން ބަނގުރަލާ ގުޅުންހުރި ވަރު ވަރަށް ގާތުން ދެކޭ ހާލު ކޮމެންޓެއް ލިޔަން މާތްﷲ ގެ އިރާދަ ފުޅާއި އެކު ފަށަމެވެ. މާތްﷲ އަޅަމެންނަކީ ހެޔޮބަސް ބުނާ ހެޔޮބަސް އަހާ ހެޔޮލަފާ މީހުންގެ ތެރެއިން ލައްވާށި އެވެ.
  އާދެ! ރަލާ ނުލާ ދިވެހި ރާއްޖެ، އަޅުގަނޑަށް ގަބޫލް ކުރެވޭ ގޮތުގައި ރަލާ ނުލާ ރިޒޯޓް ތައް ހަމަ ބަރާ ބަރައް ހިނގާނެއެވެ.
  އަދި ރާ މި ސައްތައިން ސައްތަ މުސްލިމް ގައުމުގެ ރިޒޯޓް ތަކުގަ އަތްފޯރާ ފަށުގަ ލިބެން ހުންނާތީ ،އެފަދަ ތަކެތި ހުރި ތަނަކަށް ނާންނާނެ ޓުވަރިސްޓުންވެސް ދުނިޔޭގަ އެބަތިއްބެވެ. އަރަބި ގައުމު ތަކުންވެސް ރާއްޖެ އަށް ޓުވަރިސްޓުން އަންނަ ނިސްބަތް މަދެއް ނޫނެވެ، އެމީހުން ކޮމެންޓް ކުރެއެވެ، ދަރިން ވެސް ގެންނަން ބޭނުމެވެ، އެކަމަކު ރަލާ އޫރުމަސް ލިބެން ހުރެފަ ، ބީޗް ތަކުގަ އޮރިޔާން ހާލުގަ އުޅޭތީ އެތަން ދައްކަން ބޭނުން ނުވާތީ ނުގެނެވެނީ އެވެ.އެހެންވީމަ ރާ ބޯ ހިތް ވެފަ ބޯން ނުލިބިފަ ތިބި ބައެއް ޓުވަރިސްޓުން ފަހަރުގައި އައިސްފާނެ އެމީހުން އުޅޭ ތަނުން ރާ ބޯން ނުލިބޭތީވެސް، އެކަމަކު އެމީހުން ރާއްޖެ އަންނަނީ އެމީހުންނަށް އެމީހުންގެ ރަށުން ރާ ބޯން ނުލިބޭތީ ނުހުންނާތީ އެއް ނޫން ، އެމީހުން މިތަނަށް އަންނަނީ މިތަނުގެ ހިތްފަސޭހަ ކަމާ ރީތި ކަން ދެކިލުމަށް، އަދި މިތަނުގެ އަމާން ކަމާ ރައްކާތެރި މާހައުލެއްވީމަ ، އެމީހުންގެ ހަލަބޮލި މާހައުލާ އެކަހެރިވެ ، ހިތްހަމަ ޖައްސާލުމަށް އެމީހުން އަންނަނީ. އެކަމަކު އެ މީހުންނަށް ރާ ބޮވޭނެ މަގު މި ސައްތައިން ސައްތަ ގައުމުގެ ރިޒޯޓް ތަކުގައި ފަހި ވެފަ އޮތުމަކީ ވެސް އަހަރެމެން ދިވެހިން ފަހުރުވެރި ވާން ޖެހޭ ކަމެއްނޫން .އެމީހުން ރާއްޖެ އަންނަނީ ރާ ބޯން ލިބޭތީ އޭ ބުނެ ރާއްޖެ އަންނަ ނަމަވެސް. އެ އަހަރެމެންގެ އަތްތަކުން ކާފަރުންނަށް ލިބޭނެ ގޮތް ހަދާދިނުމަކީވެސް އެއްވެސް ސިފައެއްގަ މުސްލިމުން ނަށް އޮތް ކަމެއް ނޫން. ރަލުގެ ތެރޭގަ ، އެކި ނަން ނަން ކިޔާ ބެވަރެޖްސް ތައް ހުންނަ ފަދައިން ، ހަށިގަނޑަށް ފައިދާ ހުރި ނޮން އަލްކޮހޮލިކް ބުއިންތައް އެކި ނަން ނަމުގަ ހުރޭ، އޮރގަނިކް، އާ ބަޔޮޑައިނަމިކް ފަދަ ޑްރިންކްސް ތައް ހުރޭ، މި އެއްޗިއްސަކީ ސީދާ ހަށިގަނޑަށް ފައިދާ ފެންނަން ހުރި އެއްޗިހި، އެއާ ޙިލާފައް ރަލުގެ އެއްވެސް ބާަވަތަކީ އޭގައި ފައިދާ އެކުލެވޭ އެއްޗިއްސެއްނޫނުް. އެކަން ގަބޫލު ކުރޭ އެ ބޮއެ އެ ގައިގަ އުނގުޅާ ހަދާ މީހުންވެސް.

  ReplyDelete
 3. އާދެ! ރަލުގެ ނުވަތަ މަސްތުވަާ ތަކެތީގެ ވަބާ މި ފަސްގަނޑުގަ މިވަނީ ހަރުލާ އާންމުވެފަ، މީގެ 14 ސަތޭކަ އަހަރު ކުރިން ވަނީ ރަލުގެ ނުބައިކަން މާތްﷲ ސުބްހާނަހު ވަތައާލާ އާއި ރަސޫލާ ސައްލައްﷲ އަލައިހި ވަސައްލަމް އަންގަވާފަ. އޭރުވެސް މިހާރުވެސް ރާ ނުވަތަ މަސްތުވާ ތަކެއްޗަކީ ހުރިހާ ނުބައި ކަމެއްގެ މަންމަ ، ނުވަތަ ބައްޕަ ކަން ވަނީ ރަނގަޅަށް އެނގިފައެވެ.
  1960 ގެ އަހަރު ތަކުގެ ތެރޭގަ ރިޒޯޓް ހިންގުމުގެ މާނައިގަ ، ރަލާއި އޫރުމަސް މި ސައްތައިން ސައްތަ މުސްލިމް ގެ ނަން އޮތް ފަސްގަނޑަށް އެތެރެ ކޮށް ވިއްކުމުގެ ހުއްދަ މި ވަނީ ދީފަ. ކޮންމެ މާނަ އެއްގަވިއަސް ކޮންމެ މަގްސަދަކަށްޓަކާ ވަކި ލައިސަންސް އެއްގެ ދަށުން ރާ އެތެރެ ކުރުމާއި ވިއްކުން ހުއްދަ ކުރެވުނު ކަމުގައި ވީނަމަވެސް މި ބޮޑު ނަހީ މުންކަރާތަށް އަޅުގަނޑުމެންނަށް މި ވަނީ އަރާގަނެވިފަ. އެ ދުވަސް ވަރުގަ ވެސް ދީން ދެނެވަޑައިގެން ތިއްބެވި ބޭފުޅުން ތިއްބަވާނެ، އޭރު ތިއްބެވި އިލްމް ވެރިން ގެ ބަސް އެވަގުތުގެ ސަރުކާރުން ނު އަހަނީ ބާވައެވެ؟އާދެ ! ކޮންމެ އަކަސް މީ ރާއްޖޭގަ އަޅާފައިވާ އެންމެ ނުބައި ބިންގަލެވެ. ކުރިން ނުވެވުނު ރައްކަލެއް ފަހަކުން ނުވާނެ އޭ ބުނެ އުޅޭ ފަދައިން، އަދި ފާއިތުވެ ދިޔަ ކަމެއް އަނބުރާ ނުގެނެވޭނެ އޭ ބުނާ ފަދައިން މި އަދު މިވަނީ ރަލުގެ ނުބައި ކަމުން ދުރު ނުވެވިފަ. އާދެ އެބައެއްގެ ހާލަތު އެމީހުން އަމިއްލައަށް ބަދަލު ކޮށްފުމަށް ދާންދެން މާތް ﷲ އެބައެއްގެ މައްޗަށް ދެރަ ނިކަމެތި ގޮތެއް މިންވަރު ނުކުރައްވައެވެ.
  ރާއްޖޭގަ މީހުން ދިރި އުޅޭ ރައްރަށުގަ ރާ ދުއްކާން ހަދައިގެން ފާޅުގައި ރާ ނުވިއްކި ކަމުގައި ވީ ނަމވެސް ، ރިޒޯޓް ތަކުގެ ސަބަބުން ރާ މިހުރީ އަތްފޯރާ ފަށުގައެވެ. ފަސޭހަ ކަމާއި އެކުގަ ލިބޭ ހިސާބުގައެވެ. ވީ އިރު ދޮރު ، މި ވަނީ ހުޅުވިފައެވެ،ދޮރު ބަންދު ކުރާ ވާހަކަ ނުދައްކަވާށެވެ، މަތީގައި އެވާ ފަދައިން ކައްޗަށް އެޅި ބިންގާ ކެއްޗާ ހަމައަށް އެރި އަސް ދާނީ ކައްޗަށެވެ.
  ވީމާ ދޮރު ބަންދު ކުރާނަމަ ، ކައްޗަށް އެޅި ބިންގާ އަހަރެމެންގެ އަތްތަކުން އެޅި ފަދައިން ، ތެދު ބިންގަލެއް އެޅުމަށް މި ހުރިހާ ނުބައި ކަމެއގެ މަންމަ ބިންގާ ނަގާށެވެ. އަދި އޭގެ ފަހުގަ ހުޅުވިފަ ހުރި އެހެނިހެން ކުދި ކުދި ދޮރުތައް ބަންދު ކުރާށެވެ.

  ReplyDelete
 4. ރިޒޯޓް ތަކުގެ ހާލަތައް ބަހެއް ބުނާނަމަ ، ހަމަ ބުނަންޖެހެނީ އެއްކަލަ ނުބައި މަންމަ ގެ ވާހަކައެވެ. ރިޒޯޓް ތަކަށް ބަލާއިރު ރިޒޯޓުގެ ގާނޫނުގަ ނޯވެޔޯ ރިޒޯޓުގަ މިސްކިތް ހުންނަން ޖެހޭ ކަމަކަށް، އެކަމަކު އިބާރާތެއް އިންނަ ކަމުގަ ވެޔޯ ނަމާދު ކުރެވޭ ފަދަ ތަނެއް ހުންނަން ޖެހޭނެ ކަމަށް، އަދި މި ބުނާ އެއްޗަކުން ރިޒޯޓުގެ ވެރިފަރާތަކަށް ލާޒިމެއް ނުކެރޭ ރިޒޯޓުގަ މިސްކިތެއް ހަދާފަ ހުރި ނަމަވެސް އިމާމަކު ހަމަޖައްސާ ދޭންޖެހޭނެ ކަމަކަށް. އެހެންވީމަ މިހެން އޮންނާތީ ރިޒޯޓުގެ ވެރި ފަރާތުން މުސާރަ ދީގެން އިމާމުން ބޭތިއްބުން ވަނީ ދެރަކަމެއްގެ ގޮތުގައި ދެކިފަ .އެއީ އިމާމަކަށް ކުއްޖަކު ބަހައްޓައިފި ނަމަ މުސާރަ ދޭން ޖެހޭތީ، އެހެނިހެން ހުރިހާ ކަމަކަށް މުވައްޒަފުން ތިބެއެވެ، އެންމެ ކުޑަ މިނުން ފާހާނާ ސާފު ކުރަން ވެސް ވަކިބަޔަކު،ތިބެއެވެ އެކަމަކު މި ކަމަކަށް ނެތެވެ. އާދެ! މިހެން ދަންނަވާ އިރު ބައެއް ދިވެހި މެނޭޖްމަންޓްތަކުން މިކަން ތައް ރަނގަޅަށް ބަލަހައްޓާކަން ވެސް ފާހަގަ ކުރެވެއެވެ، .ބައެއް ބޭރު މެނޭޖްމަންޓް ތަކުން ހިންގާ ރައްރަށުގަ މި ކަމުގައިވެސް އެއްވެސް ބެލުމެއްނެތް. މަސައްކަތް ކުރަން އުޅޭ ބައެއް ދިވެހިން ގޮސް އެ ތަންތަނުގެ ހިއުމަން ރިސޯސް ގެ އިސް ވެރިންގެ ބޮލަށް އަރައިގަތުމުން ވެސް ބުނާ ކަމަށް ވަނީ ، މީ ވޯލްޑް ވައިޑް ކުންފުންޏެކޭ، މި ތަނުގެ ބްރޭންޑްގަ އޮންނަ ކަމެއް ނޫނޭ ތީކީ މީ ޖަވާބު ، އެހެންވީމަ އެއީ ބޭރު ކަރަ ތަކުން އައިސް ތިބޭ މީހުންގެ ޖަވާބު، އެހެންނޫންތޯ ވާނީ ރާއްޖޭގެ ގާނޫނަކުން މި ތަންތަނަކަށް ނެތެއްނޫންތޯ މިކަން ކުރަން މަޖުބޫރު ކަމެއް؟ އެހެންވީމަ އެމީހުން ނަކަށް އެއީ ކަމެއް ނޫން، އަދި މި ފަދަ ހާލަތުގައި ރައް ހިންގަން ތިބެނީ ބޭރު މީހުން ކަމުގައި ވީ ނަމަވެސް މި މީހުންނާ އި އކު ހިއުމަން ރިސޯސް ތަކުގެ އޮފީހުގައި އާއި އަދި ރައް ކުއްޔަށް ދިން ވެރިން ނަކީ ދިވެހިން ކަމުގައި ވާ ހިނދުވެސް ، މި މީސް މީހުންނަކީ މި ކަންކަމަށް ޣާފިލްވެފަ ތިބޭ މީހުން ކަމަށް ވީމަ މުވަައްޒަފުން އެމީހުންގެ ލޮލަށް ވެލި ޖެހިއަސް މީ ކުރަން ޖެހޭ ކަމެއްކަމުގައި ނުދެކެއެވެ. ވީ އިރު ކޮންމެ ސަރުކާރަކުންވެސް ގާނޫނު ހަދަނީ، މަސްހުނި ގަނޑެއް މޮޑެހެން މޮޑެ ، ލަކުޑި ގަނޑެއް ކޮށާ މަށާހެން އަބަދުވެސް ގާނޫނު ހަދަނީ ، ކޮން ގާނޫނެއްތޯ މި ހަދަނީ؟ ، ގާނޫނު އޮތީމާތް ﷲ ހައްދަވާފަ، އެ ގާނޫ އިސްލާހުނުކުރެވޭނެ އެއްވެސް އިންސި އަކަށާ ޖިންނި އަކަށްވެސް ކިތަންމެ އިސްލާހަކާ ބިލެއް ހުށަހެޅިއަސް ބިލު ފާހެއް ނުވާނެ..މީ ބިލަކީ އިންޝާ ﷲ.

  ReplyDelete
 5. އާދެ ރިޒޯޓް ތަކުގަ ވަޒީފާ އަދާ ކުރާ ބައެއް ދިވެހި ދަރީންގެ ހާލަތައް ބަލާލަމާ! ރިޒޯޓް ތަކުގެ ތެރެއިން ބޭރު މީހުން ހިންގާ ރައްރަށަކީ އެނގޭތޯ ރައްރަށަކީ، ދިވެހި މެނޭޖްމަންޓް ތަކަށް ވުރެވެސް މޮޅަށް. ކުއްޖަކު ރިޒޯޓަށް ރެސްޓޮރަންޓް ވެއިޓަރ ފަދަ ވަޒީފާ އަކަށް ދާ ހިސާބުން ، ނުވަތަ އެފަ އެހެން ވަޒީފާ އަކަށް ދާ ހިސާބުން އެމީހުންގެ އާދަ ކާދަ ދަސްކޮށްދޭން ފަށާ، ވައިން ، ޝެމްޕޭން، ބިއަރު ފަދަ ތަކެތި އުފައްދާނެ ގޮތާ ، މި ތަކެތި ފުޑްސް އާ މެޗް ވާނެ ކަމާ މި ފަދަ ޓްރެއިނިން ތަކެއް ދެވެން ފަށާ.
  އަދި ފުޑް އެންޑް ބެވަރެޖްސް ދާއިރާ ތަކުގަ އުޅެން ބޭނުން ނަމަ މި ހުނަރު ތައް ދަސް ކުރަން ޖެހޭނެ ކަމުގެ މަޖުބޫރު ކަމެއް ކުދިންނާ ކުރިމަތި ކުރުވާ، ކަލޭމެންނަކީ ވެއިޓަރުންނެއް ނޫނޭ ބުނެ ، ކަލޭމެންނަކީ ސެލަރސް އޭ ބުނެއެެވެ. އެހެންވީމާ އަޕް ސެލިން އެއް ނުހެދޭނެއޭ ޕްރަޑަކްޓް ނޭގި އެއް، ޓޭސްޓް ނުބަލައެއް ބުނެ އެކި ނަންނަމުގަ ޓްރެއިނިން ދީ ހަދާ، ހާއްސަ ކޮށް މި ފަދަ ލެސަން ތަކުގަ އެމީހުންގެ ތެރެއިން ރަލުގެ މާސްޓަރސް ހަދައިގެން ތިބޭ މީސް މީހުން ރާއްޖޭގެ އެކި ރިޒޯޓް ތަކުގަ އެ ފަތުރަނީ ކްރިސްޓިއަން ދީން، ނުވަތަ އެމީހުންގެ މަސައްކަތުން އެ ހަލާކު ކުރަނީ އެތަނުގަ އުޅޭ ދިވެހިން. މި ގޮތުން މުވައްޒަފުން ހިތްހަމަ ޖެއްސުމުގެ މާނައިގަ ، ޕިކްނިކް ދަތުރު ތަކާ ނާޗަރާނގީ ގެ ހަރަކާތް ތައް އަބަދުވެސް މެނޭޖްމަންޓް ގެ ފަރާތުން ރާވާ ހިންގާ،މި ގޮތައް ރާވާ ދަތުރު ތަކުގަ ވަކި އުސޫލެއް ހަމައެއް ނެތި ރަލުގެ ބާވަތްތައް ބަރުކުރެވެއެވެ، މި ގޮތުން ބައްލަވާ ލައްވާ ހާއްސަ ކޮށް މިދަންނަވާ ފަދަ ބޭރު މެނޭޖްމަންޓް ތަކުގެ ރާ ދުއްކާނު ތަކަށް ، ވައިން ސެލަރސް ތަކަށް، އިސް ކޮށް ތިބޭނީ ދިވެހިން ، ބައްލަވާ ލައްވާ މި މީސް މީހުންނާ މި މީހުންގެ އާއިލާ ތަކަށް ، ފެންނާނީ ސީދާ ކްރިސްޓިއަނުންގެ ސިފަ.
  މީ މަސައްކަތުގަ އުޅޭ ބައެއް ދިވެހިންގެ ހާލަތު، އަދި ކޮބާތޯ މި ތަންތަނުގެ އިސް ވެރިން ކަމުގައިވާ ދިވެހިން ނާއި އެ އާއިލާ ތަކުގެ ހާލަކީ ، މަތީގައި އެވާ ފަދަގޮތް ތަކަށް ވުރެ ފުޅާ ކޮށް އިއްޒަތުގަ ފަހުރުވެރި ކަމާއި އެކު އެކި މުނާސަބަތު ތަކުގައި އާއި ހަފްތާ ބަންދުގައި ކޮންމެހެން ރިޒޯޓަށް ގޮސް މި ނުބައި އަމަލު ހިންގަނީ ކޮންބައެއްތޯ؟ ގައުމުގެ އިސްވެރިންގެ ސަފައް ބަލާލާ ނަމަ ވެސް މި ފަދަ އެވެ. މި ފަދަ އެންމެނާއި އެ އާއިލާގެ ކުދި ބޮޑުން ތަކަކީ މި މިފަސް ގަނޑުގައި އުޅުނެއްކަމަކު މުސްލިމް މި މާނައިގަ މި ތަރަހައިގެ ތެރޭގަ ހިމެނޭ ބަޔަކަށް ވާނެތޯ؟ މި ފަދަ މޮޅު ކަމަށް ބުނާ މުއްސަނދި ކަމަށް ބުނާ އާއިލާ ތަކުގެ އާރާއި ބާރާ ނުފޫޒުގެ ސަބަބުން މުޖުތަމައު އަށް ފެތުރި މި ދަނީ ހަމަ މި ވަބާ ނޫންތޯ؟ މި ހިސާބައް ފިކުރު ގޮސް ތިބޭ މީހުން އަމިއްލަ އަށް ކާފިރު ކަން ހާމަ ވެސް ކުރަމުން އެދަނީ ، ހާމަކަން ބޮޑުކޮށް ރަސްމިއްޔާތު ތަކުގަ ވެސް، އެހެން ވީމަ މި ފަދަ ހިސާބަކަށް އެމީހުންގެ ފިކުރު ގޮސްފައިވާ ކިތައް އާއިލާ ތިބޭނެތޯ؟
  ވީ އިރު އަޅުގަނޑުމެންގެ ތެރެއިން ސާލިހް ސިފަ ލިބިގެން ތިބި ދިވެހި ސެއިޙްން ރޮއެހޭރި ، ތިބާގެ ދަރިން ނަރަކައިން ސަލާމަތް ކުރާށޭ އެއްކޮޅުން ދުވާލާއި ރޭގަނޑު އިއްވަމުންދާއިރު ، ބޮޑު ޕްރަމޯޝަން އެއްގެ ގޮތުގަ ބޮޑުން ތިބެ މިހިންގެނީ އަދިވެސް ރާ ކެމްޕޭން އެއްނޫންތޯ؟ ރާ އެތެރެ ކުރުމުގެ ލައިސަންސް ތައް އަދިވެސް ދަނީ އިތުރު ކުރަމުން ނޫންތޯ؟
  އަޅުގަނޑުގެ ދުއާ އަކީ މާތް ﷲ އަޅުގަނޑުމެން އެންމެންނަކީ މާތް ﷲ ގެ އަމުރު ފުޅު ތަކަށް ބޯލަނބާ ފުރިހަމައަށް ކިޔަމަން ގަންނަ ބަޔަކު ކަމުގައި ލެއްވުމެވެ.
  އައްސަލާމް އަލައިކުމް.
  އަބްދުއް ނާޞިރު.

  ReplyDelete