26 February 2011

އިތުބާރު ޝިފާއަށް – ކެތްތެރިވުން މީރު ނިމުމަކަށް

އަލްއަޚް މުޙައްމަދު ޝާފިޢު ބިން ޢަބްދުލްޣަފޫރު
ބަލިވުމުން ބަލިން ފަސޭހަވާނެ ކަމުގެ އިތުބާރު ހިތުގައި އޮތުމަކީ ބަލިން ފަސޭހަވުމަށް އެޅޭ ބާރެކެވެ. އެހެނީ ބަލިން ފަސޭހަވާނޭކަމުގެ އެއްވެސް ޔަޤީންކަމެއް އުއްމީދެއްނެތި، މާޔޫސްވެފައިވާ ޙާލުގައި ފަރުވާކުރަނީ ނަމަ އެފަރުވާގެ އެއްބައި މަދެވެ.
ބަލިމީހުންގެ ހިތުގައި އިތުބާރު އުފެއްދުމަށް ޑޮކްޓަރުން މަސައްކަތްކުރެއެވެ. އިތުބާރު އުފެއްދުމަކީ ބަލި ފަސޭހަވުމުގެ އެއްސަބަބެވެ.
ބަލިވުމުން އަމިއްލަ ނަފްސު ކުށްވެރިކުރެވޭ މީހުންނަކީ އެމީހުންގެ އީމާންކަމާމެދު އަލުން ވިސްނަން ޖެހިފައިވާ ބަޔެކެވެ. ބަލިވުމަކީ ކުރިމަތިވާ އިމްތިޙާނެކެވެ. ކެތްތެރިކަމުގެ އަޖުރު ލިބިގަތުމަށް އިންސާނާ ހެއްދެވި ފަރާތުން އޭނާއަށް ދެއްވާ އަގުހުރި ފުރުޞަތެކެވެ.
ބައެއް މީހުން އެބައިމީހުންގެ ޙަޔާތުގެ ބޮޑުބައި ބަލި ޙާލުގައި ހޭދަކުރަން ޖެހެއެވެ. އަސާގަނޑެއްގެ އެހީގައި ހިނގަންޖެހެއެވެ. ނުވަތަ ފުރޮޅުލީ ގޮނޑިއެއްގައި އިށިއިނދެގެން އިންނަން ޖެހިދެއެވެ. އަނެއްބައިމީހުންނަށް ކޮންމެ ކޮންމެ ކާއެއްޗެއް ނުކެވެއެވެ.
ބަލިވުމުން ތިމަންނާއަށް މިޙާލު ޖެއްސެވީ އަހަރެން ކޮން ކުށެއް ކޮށްގެންހޭ ނުވަތަ އަހަރެން އިބަ އިލާހަށް ކޮން އުރެދުމެއް އުރެދިގެންހޭ، އަހަރެންގެ ކުށަކީ ކޮބައިހޭ، ފަދަ ވިސްނުންތައް ސިކުނޑީގައި އެނބުރޭނަމަ ނުވަތަ އެފަދަ ޢިބާރާތްތައް ހިތަށް އަރާނަމަ ނުވަތަ އެފަދަ ޢިބާރާތްތައް ދުލުން ބޭރުކުރާނަމަ މިންވަރަށް އީމާން ނުވެވެނީއެވެ.
މިދުނިޔޭގެ ޙަޔާތުގައި ގޯސްކޮށް އުޅުނު ކިތައް މީހުން، އެމީހުންނަށް ނުކުޅެދޭ ޙާލަތެއް މެދުވެރިވުމުން ﷲ އާ ގާތްވެ އިއިލާހަށް އަޅުކަންކޮށް އެ އިލާހު ހަނދުމަކުރުންމަތީގައި ދެމިތިބެ، އެ މުޞީބާތައް ކެތްތެރިވެ، ހެޔޮލަފާ ޞާލިޙު މީހެއްގެ ގޮތުގައި ނިމިގެން ގޮސްފައިވޭތޯއެވެ؟ އެހެންކަމަށްވާނަމަ، ބަލިވުމަކީ މުޞީބާތެއް ނޫނެވެ. އަދި ކިޔެއްތަ! އެއީ ސުވަރުގެ ލިބުމަށް މަގުފަހިވުމުގެ ސަބަބެކެވެ. އޭނާއަށް ރަނގަޅަކަށްޓަކައި އަދި ހެވަކަށްޓަކައި ﷲ މެދުވެރިކުރައްވާ އިމްތިޙާނެކެވެ. ފާސްވޭތޯއެވެ. މި އިމްތިޙާނުން ފާސްވުމަކީ ކެތްތެރިވުމެވެ.

Read more...

24 February 2011

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ކައިވެނިފުޅުތަކާމެދު ދެކެވޭ ދޮގުވާހަކަ ތަކުގެ ޙަޤީޤަތަކީ ކޮބާ...؟

އަލްއަޚް ބިލާލް ޢަބްދުއްސައްތާރު
އިސްލާމް ދީން ފެށުނީއްސުރެ އަބަދުވެސް ދީނުގެ ޢަދުއްވުން އުޅެމުންދެއެވެ. އެކިދުވަސްވަރު އެކި ހިސާބު ތަކުގައެވެ.
އިސްލާމްދީނުގެ ޤަދަރު ކުޑަކޮށް ދީނާ މެދު މުސްލިމުންގެ ހިތުގައި ނުރުހުންތެރިކަން އުފެއްދުމަށް 18 ވަނަ ޤަރުނުގެ ކުރީކޮޅުގައި ކްރިސްޓިއަން ދީނުގެ ލިޔުންތެރިން އާ ގޮތް ގޮތަށް މަސައްކަތް ކުރަން ފެއްޓިއެވެ. މިގޮތުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަޞައްލަމަ ގެ އަގުވައްޓާލާ، މުސްލިމުންގެ ހިތުގައި ﷲ ގެ ދީނަށް ދެވިފައިވާ ލޯތްބާއި ޢިޙްތިރާމް، ނަފްރަތަށް ބަދަލު ކޮށްލުމަށްޓަކައި ތަފާތު ދޮގުވާހަކަތަށް އެކިމީޑިޔާތަކުގައި ޝާއިޢު ކުރަންފެށިއެވެ.
މިމީހުންގެ މި ޕްރޮޕެގެންޑާ ފެތުރުމުގައި އަޞްލެއްކަމަށް ބަލާފައިވަނީ 15 ވަނަ ޤަރުނުގައި ކްރިސްޓިއަން ދީނުގެ ލިޔުންތެރިއެއް ލިޔެފައިވާ ފޮތެކެވެ. މި ފޮތުގެ ނަމަކަށް ލިޔުންތެރިޔާ ދީފައިވާ ނަމަކީ "ރެފިއުޓޭޝަން ޓް ދަ ރިލިޖެން އޮފް މުޙައްމަދު" - މާނައަކީ "މުޙައްމަދު (ޞައްލަﷲ ޢަލައިހި ވަސައްލަމް) ގެނެސްދެއްވި ދީނަކީ ޞައްޙަ ދީނެއް ނޫންކަން ސާބިތުކޮށްދިނުން" މިއެވެ. އިސްލާމްދިނާ ދެކޮޅަށް ލިޔާ ލިޔުންތެރިން މަޢުލޫމާތު ނަގާ މައިގަނޑު ފޮތަކަށް މިފޮތް ވެގެން ދިޔައެވެ. މިފަދަ ލިޔުންތެރީންނަށް އިސްލާމީ ތާރީޚާއި އިސްލާމް ދީނާބެހޭ ހަޤީޤީ މަޢުލޫމާތު ލިބިފައެއްނުހުރެއެވެ.

އެބައިމީހުން އޭރުވެސް މިހާރުވެސް މުސްލިމުން ވާވައްދަން އެންމެ ބޮޑަށް މަސައްކަތް ކުރަނީ އެކަލޭގެފާނު ކުރައްވާފައިވާ ކައިވެނި ފުޅުތަކާމެދު ޙަޤީޤަތާޚިލާފް ވާހަކަތައް ފަތުރައިގެންނެވެ. އެބައިމީހުން ދަޢުވާކުރާގޮތުގައި އެހެނިހެން މުސްލިމުންނަށް ހަތަރު ކައިވެންޏަށް ލިމިޓް ކުރެވިފައި، އެކަލޭގެފާނު އެއްފަހަރާ ގިނަ ކައިވެނިތަކެއް ކުރައްވާފައި އެވަނީ އެކަލޭގެފާނުގެ ޖިންސީ އެދުންވެރި ކަމުގެ ބޭނުމުގައެވެ. ނަމަވެސް މީ އެއްވެސް ޙަޤީޤަތެއްނެތް ވާހަކަތަކެއްކަން އެކަލޭގެފާނުގެ ކައިވެނި ފުޅުތަކަށް އިންސާފްގެ ނަޒަރަކުން ބަލައިފި ކޮންމެ މީހަކަށް ހާމަ ވެގެންދާނެއެވެ. އެބައިމީހުން މިފަދަ ވާހަކަތައް ދައްކާތީ މުސްލިމުން ހައިއިރާންވާކަށް ނުޖެހެއެވެ. މިއީ ދިނުގެ ޢަދުއްވުންނެވެ. ފަހަކަށް އައިސް އެބައިމީހުންގެ އަތްތަކުން ލިޔެފައިވާ ބައިބަލް ގައިވެސް އެބައިމީހުންގެ ނަބިއްޔުންނަކީ ޒިނޭކުރާ ބައެއް ކަމުގައި ބަޔާން ކޮށްފައި އެބަހުއްޓެވެ.

ކޮންމެއަކަސް، މިބައިމީހުންގެ ކްރިސްޓިއަން ކާބަފައިންގެ ފަރާތުން ލިބިފައިވާ ޞައްޙަނޫން މަޢްލުމާތުތަކެއްގެ މައްޗަށް ބިނާކޮށް، ﷲ ގެ ރަސޫލާ އާމެދު ދޮގުވާހަކަތައް ފަތުރަމުންގެންދިއުމުގެ އެންމެ ބޮޑު ބޭނުމެއްކަމުގައި ވެފައިވަނީ އިސްލާމް ދީން ފެތުރެމުންދާ ހަލުވިމިނުގެ ސަބަބުން އެކަން އެބައިމީހުންނަށް ތަޙައްމަލު ނުކުރެވިގެނެވެ. އިސްލާމްދީން ފެތުރެމުންދާ ބާރު ސްޕީޑް ކުޑަ މިންވަރެއް ނަމަވެސް މަޑު ޖައްސާލުމުގެ އުންމީދުގައެވެ. ނަމަވެސް އެކަން އެބައިމީހުންނަށް ކާމިޔާބު ވަމަކުން ނުދެއެވެ. ސަބަބަކީ އަހަރެމެންގެ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް އާމެދު ލިޔެވެމުންދާ ދޮގުވާހަކަތަކާ ދެކޮޅަށް، ވަކި އަތަކަށް ނުޖެހޭ ކްރިސްޓިއަން ދީނުގެ ލިޔުންތެރިން ގެ ބައެއް ލިޔުންތައް މިއަދު ފެންނަމުންދާތީއެވެ.

އެބައިމިހުން އެކަލޭގެފާނާމެދު އެ ދައްކާ ދޮގުވާހަކަތަކަކީ މުސްލިމުންނަށް ޤަބޫލު ކުރެވޭނޭ ވާހަކަ ތަކެއްނޫނެވެ. ސަބަބަކީ މިއީ މުސްލިމުންގެ އަޤީދާއާ ގުޅިފައިވާ ކަމަކަށް ވާތީ އެވެ.

މައްސަލައިގެ ހަޤީޤަތަކީ ކޮބާ؟

ވަކި އަތަކަށް ނުޖެހޭ، މުސްލިމު އަދި ކްރިސްޓިއަން، ތާރީޚް ޢިލްމުވެރިން އެއްބަސްވެވަޑައިގަންނަވާ ގޮތުގައި އެކަލޭގެފާނު ކުރައްވާފައިވާ ކައިވެނި ފުޅުތަކަކީ އެއްވެސް ޙާލެއްގައި އެކަލޭގެފާނުގެ ޖިންސީ އެދުންވެރި ކަމެއްގެ ސަބަބުން ކުރައްވާފައިވާ ކައިވެނިފުޅުތަކެއް ނޫނެވެ. އެބޭފުޅުން ވިދާޅުވާ ގޮތުގައި އެފަދަ ޖިންސީ އެދުންވެރި ކަމެއްގެ ސަބަބުން އެކަލޭގެފާނު ކައިވެނިފުޅު ކުރެއްވިނަމަ، އުމުރުފުޅުން އެންމެ 25 އަހަރުފުޅުގައި، ޒުވާންކަމުގެ އެންމެ ތާޒާ ދުވަސްވަރު، ކުރިން މީހަކާ ކައިވެނި ބައްލަވައި ގެންފައިވާ، ހުވަފަތް އަންހެންކަނބަލެއް ކަމުގައިވާ އުމުރުފުޅުން 40 އަހަރުގެ ޚަދީޖަތުގެފާނާ ކައިވެނި ބައްލަވައި ނުގަތީސްކަމުގައެވެ. ހަމަ އެކަނި އެކަމަނާއާ ކައިވެނި ބައްލަވައި ގެން ގިނަ އަހަރުތަކެއް އެކަލޭގެފާނު އުފާވެރި ދިރިއުޅުމެއް އުޅުއްވިއެވެ. ޢަރަބިންގެ ޒުވާން ރީތި އަންހެން ކުދީން އެކަލޭގެފާނާ ކައިވެނި ބައްލަވައިގަންނަން ތައްޔާރަށް ހުންނެވި ހިނދުގައިވެސް މެއެވެ. ނަމަވެސް އެމުއްދަތުގެ ތެރޭގައި އެކަލޭގެފާނު އެހެން އެއްވެސް ބޭކަނބަލަކާ ކައިވެނި ބައްލަވައި ނުގަންނަވައެވެ. އެކަލޭގެފާނަކީ، މިބައިމީހުން އެދަޢުވާކުރާފަދަ، ޖިންސީ އެދުންވެރިކަމާއި ދުނިޔަވީ ދިރިއުޅުމަށް ލޯބި ކުރެއްވި ބޭކަލެއްނަމަ ، ޚަދީޖާ ރަޟިޔަﷲ ޢަންހާއާ ކައިވެނި ބައްލަވައިގެން އުޅުއްވި ދުވަސްވަރު ،އެހެން ޒުވާން އަނބިކަނބަލެއް ޚިޔާރު ނުކުރެއްވީ ކީއްވެގެންތޯއެވެ؟ އަދި ޚާއްސަކޮށް އެކަލޭގެފާނުގެ އަޚްލާޤުގެ ސަބަބުން ގިނަ ކައިވެނިތަކެއް އެކަލޭގެފާނަށް ހުށަހެޅެމުން ދިޔަ ދުވަސްވަރަކަށް އެދުވަސްވަރު ވެގެން ދިޔަ ހިނދުގައިވެސް މެއެވެ.

އެކަލޭގެފާނުގެ ޙަޔާތަށް ނަޒަރު ހިންގާލާއިރު، އެކަލޭގެފާނުގެ ޙަޔާތުގެ ކުރީކޮޅު، އުމުރުން ދުވަސްވީ ހުވަފަތް އަންހެން ބޭކަނބަލަކާ ކައިވެނި ބައްލަވައިގެން ހިތްހަމަޖެހޭ ދިރިއުޅުމެއް ވޭތުކުރައްވާފައިވެއެވެ. އެދުވަސްވަރު އެކަލޭގެފާނު އިތުރުކައިވެންޏެއް ކުރައްވަން ޤަސްދު ކުރައްވާފައިވެސް ނުވެއެވެ. ނަމަވެސް އެކަލޭގެފާނުގެ އުމުރުގެ، ފަހު 10 ވަރަކަށް އަހަރު ، އުމުރުފުޅުން 50 އަށް ވުރެ މައްޗަށް ދިޔުމަށްފަހު ،މުސްކުޅި އުމުރު ފުޅުގައި އިތުރު ކައިވެނިފުޅުތަކެއް ކުރެއްވިއެވެ. ސަބަބަކީ މަދިނާގައި އިސްލާމީ އާ ދައުލަތެއްގެ ބިންގާ އެޅުމަށްފަހު، އެކަލޭގެފާނަށް ތަފާތު ގިނަ އިތުރު ޒިންމާތަކާއި މައްސަލަތަކެއް އެކި ދިމަދިމާލުން ކުރިމަތިވަމުން ދިޔައެވެ. އެކަލޭގެފާނު އެންމެ ބޭކަނބަލެއް ފިޔަވާ ކައިވެނިބައްލަވައިގަތީ މުޅީންވެސް ހުވަފަތް އަންހެން ކަނބަލުންނާއެވެ. މިއީ ހަޤީޤަތެވެ.

ހުވަފަތް ވެފައިވާ އަންހެންކަނބަލުން ތަކަކާއި އެކަނބަލުންގެ ޔަތީމްވެފައިވާ ދަރީންތަކެއްގެ ޒިންމާ ނަގަންޖެހުމަކީ އެކަލޭގެފާނަށް ބޮޑު އަދި ބުރަ މަސައްކަތަކަށް ނުވާނެތޯއެވެ؟ ތަފާތު އުމުރުގެ، ތަފާތު މިޒާޖުގެ އަދި ތަފާތު ޤަބީލާތަކުގެ ބޭކަނބަލުން ތަކެއްގެ ޒިންމާ އެކަލޭގެފާނު ނަންގަވާފައިވުމުން އެނގިގެންދަނީ އެކަލޭގެފާނު ކައިވެނިފުޅުތައް ކުރައްވާފައި ވަނީ، ދީނުގެ ޢަދުއްވުން އެދަޢުވާ ކުރާފަދަ މަޤްޞަދެއްގައި ނޫންކަމެވެ.

މިކަމާ ބެހޭގޮތުން ޔޫރަޕްގެ މަޝްހޫރު ތާރިޚީ ޢިލްމުވެރިއެއް ކަމުގައިވާ ތޯމަސް ކާރލައިލް، އޭނަގެ "ހީރޯސް އެންޑް ހީރޯސް ވޯރޝިޕް" ކިޔާ ފޮތުގައި ލިޔެފައިވާ ގޮތުގައި، މުޙައްމަދުގެފާނަކީ، އެކަލޭގެފާނުގެ ޢަދުއްވުން އެ ތުހުމަތު ކުރާ ފަދަ، ޖިންސީ އެދުންވެރިކަމާ ޝަޙްވަތްތެރިކަމުގެ، ދިރިއުޅުމެއް އުޅުއްވި ބޭކަލެއްނޫނެވެ. އަދި އެކަލޭގެފާނާމެދު އެ އިވެމުންދާ ވާހަކަ ތަކަކީ އެއްވެސް ޙަޤީޤަތެއް ބަލާލުމެއް ނެތި ބޭއިންސާފުން ފަތުރަމުންދާ ވާހަކަތަކެއްކަމުގައި އޭނާ ބަޔާން ކޮށްފައިވެއެވެ.

އެކަލޭގެފާނުގެ ޙަޔާތްޕުޅުގައި ޖުމްލަ 13 ކައިވެނި ބައްލަވައިގެންފައިވެއެވެ. އެންމެ ފުރަތަމަ ކައިވެނި ބައްލަވައިގަތީ ޚަދީޖާ ރަޟިޔަﷲ ޢަންހާ އާއެވެ. އެކަމަނާ އަކީ އެކަލޭގެފާނަށްވުރު (އުމުރުފުޅުން40 އަހަރު ) 15 އަހަރު ދޮށީ ، ހުވަފަތް އަންހެން ކަނބަލެކެވެ. އެކަމަނާގެ ޙަޔާތްޕުޅުގައި އެކަލޭގެފާނު އެހެން އެހެން ކައިވެންޏެއް ކުރައްވާފައި އެއްނުވެއެވެ. އެހެން ކައިވެނިތައް އެކަލޭގެފާނު ކުރައްވާފައި ވަނީ އެކަމަނާއާއެކުއެތަކެއް އަހަރު ދިރިއުޅުއްވުމަށް ފަހު އެކަމަނާ އަވަހާރަވެވަޑައިގަތުމުންނެވެ.

އެކަލޭގެފާނުގެ އެހެން އަނބި އަނބި ކަނބަލުންނަކީ އުއްމު ސަލަމާ ، ސައުދާ ، ޙަފްސާ ބިންތު ޢުމަރުލްފާރޫޤް ، ޢައިޝަތު ބިންތު އަބޫބަކުރުއް ސިއްދީޤް، ޒައިނަބު ބިންތު ޚުޒައިމާ ، ޒައިނަބު ބިންތު ޖަޙްޝް ، ޒައިނަބު ބިންތު އުމައިސް ، މައިމޫނާ ، އުންމު ޙަބީބާ ، ޚައުލާ ބިންތު ޙާކިމް، ޞަފިއްޔާ ، ޖުވައިރިއްޔާ މިއެވެ.

އެކަލޭގެފާނު މި ކައިވެނިތައް ކުރައްވާފައި ވަނީ ކޮން ޙާލަތް ތަކެއްގައިތޯއާ ކޮން މަޤްޞަދު ތަކެއްގައިކަން ބަލާލަން ޖެހެއެވެ. އޭގެ ތެރޭގައި :
1) ހުވަފަތް އަންހެން ކަނބަލުންނާއި އެކަނބަލުންގެ ޔަތީމް ދަރިންނަށް އެހީތެރިވެ އަޅާލުން ހިމެނެ އެވެ.
2) ދީން ފެތުރުމުގައި އެކަލޭގެފާނު ޙިކުމަތް ބޭނުން ކުރެއްވިއެވެ. އެގޮތުން ޤުރައިޝުންގެ ތަފާތު ޤަބީލާތަކާ ގުޅުން ބަދަހި ކުރުން ވެސް އޭގެ ތެރޭގައި ހިމެނިގެން ދިޔައެވެ. އަދި މިނޫނަސް ތަފާތު ދީނީ ސަބަބުތަކަށްޓަކައި އެކަލޭގެފާނު ކައިވެނިފުޅު ބައްލަވައިގެންފައިވަނީ ﷲ ތަޢާލާގެ އަމުރުފުޅަށެވެ.

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް، އައިޝާ ރަޟިޔަﷲ ޢަންހާ އާއި، ކައިވެނި ބައްލަވައިގެންނެވީ އެކަމަނާގެ އުމުރުފުޅުން 9 އަހަރުގައެވެ. އޭގެ ނަތީޖާ އެއްގެ ގޮތުން އެކަމަނާއަށް ފުރިހަމަ ތަރުބިއްޔަތެއް ލިބިވަޑައިގެން، ދީނުގެ އެންމެ ބޮޑެތި ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގެތެވެ.

ނަމަވެސް ދީނުގެ ޢަދުއްވުން ދައުވާ ކުރަމުންދާ ގޮތުގައި މިޢަމަލަކީ ކުޑަކުދިންގެ ހައްޤުތަކަށް އަރައި ގަތުމެވެ. އަދި މިއީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުންކަމުގައި މިބައިމީހުން އަޑު އުފުލަމުން ދެއެވެ. މިފަދަ މީހުން ދިވެހިރާއްޖޭގައިވެސް އުޅެއެވެ. މިބައިމީހުނަށް ހީވެފައި އޮންނަނީ، މިމީހުން ނޫނީ ދެން ތިބޭނީ އެއްޗެއް ނުވިސްނޭ ގަމާރުން ކަމުގައެވެ. ނަމަވެސް އެއީ ވަރަށްބޮޑު ކުށްހީއެކެވެ.

އިސްލާމްދީނުގައި ކައިވެންޏަކީ ވަރަށް ބޮޑު އަހައްމިއްޔަތެއް ދީފައިވާ ކަމެކެވެ. އަދި އެކަމަށް ވަރަށް ބޮޑަށް ބާރުއަޅާފައިވާ ކަމެކެވެ. ކައިވެނީގެ ބޭރުން ގުޅުން ހިންގުމަށް އިސްލާމީ ޝަރީޢަތުގައި ކިޔަނީ ޒިނޭ ކުރުމެވެ. މިއީ ދީނުގައި ޙަރާމް ކަމެކެވެ. ބޮޑު ފާފައެކެވެ. ޝަޙްވަތަށް ލޯބި ކުރުމަކީ އިންސާނާގެ ތަބީޢަތުގައި ﷲ ތަޢާލާ ލައްވާފައިވާ ކަމެކެވެ. މިއީ އެއްވެސް މީހަކު އިންކާރު ކުރާނެ ކަމެއް ނޫނެވެ. ﷲ ތަޢާލާ ހަރާމް ކުރައްވާފައި ވާ ޒިނޭއަކީ ބޮޑު ފާފައެކެވެ. އެހެން ކަމުން މިފަދަ ބޮޑު ފާފައަކަށް އަރައިނުގަނެ މީސްތަކުންގެ ޝަހްވާނީ އެދުން ހާސިލް ކުރެވޭނޭ މަގެއް ﷲ ތަޢާލާ ވަނީ ޝަރުޢު ކުރައްވާފައެވެ. އެއީ ކައިވެނީގެ ގުޅުމުން އަންހެނަކާ ފިރިހެނަކު ގުޅުމެވެ. އެހެންކަމުން ޒިނޭފަދަ ފާޙިޝް ޢަމަލު ތަކުން މީސްތަކުން ސަލާމަތްކުރުމަށްޓަކައި އެކަމަށް ކުޅަދާނަވެގެންވާ ޒުވާނުން ވީހާވެސް އަވަހަށް ކައިވެނި ކުރުމަށް ދީނުގައި ބާރުއަޅުއްވާފައި ވެއެވެ.

ﷲ ގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ,ޢާއިޝާ ރަޟިޔަﷲ ޢަންހާއާ ކައިވެނި ބައްލަވައިގަތީ އަނިޔާވެރިކަމާ އެކު އެއްނޫނެވެ. އެކަމަނާގެ ރުހުމުގައެވެ. އެކަމަނާގެ ބައްޕަގެ ރުހުމުގައެވެ. އޭރު އެކަމަނާގެ އުމުރުފުޅުން 9 އަހަރެވެ. އެކަމަނާ ވަނީ ބާލިޣު ވެފައެވެ. އަދި އެމުޖްތަމަޢުގައި އެއީ މައްސަލައަކަށް ނުވިއެވެ. އެހެން ކަމުން، ކަމާ ނުބެހޭ މީސްތަކުން މިކަމާ ކަންބޮޑުވެ ހާސްވެގެން އުޅޭކަށް ނުޖެހެއެވެ.

ދުނިޔޭގެ ތަފާތު ޤައުމުތަކުގައި ކައިވެނި ކުރެވޭ އުމުރު ތަފާތެވެ. ބައެއް ޤައުމުތަކުގައި 16 އަދި 13 ނުވަތަ 9 އަހަރުވެސް އެބަ ހުއްޓެވެ. ދިވެހިރާއްޖެ އިން "ނަމުނާ އަކަށް" ބަލާ އެމެރިކާގެ ބައެއް ސްޓޭޓް ތަކުގައި މައިންބަފައިންގެ ހުއްދައާއެކު 14 އަހަރުގައިވެސް ކައިވެނިކުރެވެއެވެ. ދިވެހި ރާއްޖޭގައި މި އޮންނަނީ 18 އަހަރެވެ. ދިވެހި ރާއްޖޭގެ ތާރީޚަށްބަލާއިރު ވަރަށް ފަހަކާ ޖެހެންދެންވެސް 14 ، 15 އަހަރުގައި ކައިވެނި ކުރަމުން އައިސްފައި ވެއެވެ. އަދި މިއަށް ވުރެވެސް ޅައުމުރުގައި ދުނިޔޭގެ އެކިހިސާބުތަކުގައި ކައިވެނި ކުރަމުން އައިސްފައިވާކަން ތާރީޚުން އެނގެން އެބަ އޮތެވެ. ނަމަވެސް ދިވެހި އަންހެނަކަށް ޅައުމުރުގައި ކައިވެނިކޮށްގެން ޖިންސިގޯނާއެއްވިކަމެއް ތާރިޚީ ވާހަކަ އަކުންވެސް އަޅުގަނޑު އަޑެއްނާހަމެވެ.
މިގޮތަށް ވަކި އަހަރު ތަކެއް ކަނޑައެޅިފައިވުމުން އޭގެ ނަތީޖާ ވަރަށް ނުބައެވެ. ސަބަބަކީ މިއީ އިންސާނާ ގެ ތަބީޢަތާ ދިމާ އިދިކޮޅަށް ހެދިފައިވާ ޤަވައިދު ތަކަށް ވާތީ އެވެ. މީގެ އަސަރު ދިވެހިރާއްޖެ އިންވެސް ފެންނަމުން ދެއެވެ. ޤްރޭޑް 7، 8 ގެ ކުދިން ކައިވެނީގެ ބޭރުން ބަލިވެ އިންނަނީ އެވެ. އަދި އެއަށްފަހު އޭގެ ދުނިޔަވީ ލަދުން ސަލާމަތް ވާންވެގެން، އެތައް މަޢްޞޫމް ޅަފުރާނަތައް އެއްވެސް ރަޙުމެއްނެތި މަރާލެވެމުން ދަނިއެވެ. ދިރިހުއްޓާ ވަޅު ލެވެނީ އެވެ. ނަމަވެސް މިކަމާ ކަންބޮޑުވެގެން ، ހައްޤުތަކަށް މަސައްކަތްކުރާމިހުން އުޅޭތީ ނުފެނެއެވެ. މިމީހުން ކަނބޮޑުވަނީ ޝަރުޢީ ކައިވެންޏަކުން ގުޅުމުންނެވެ.

އިސްލާމީ ޝަރީޢަތުގައި ކައިވެނި ކުރުމަކަށް ވަކި ފިކްސްޑް އުމުރެއް ކަނޑައެޅިފައެއް ނެތެވެ. އިންސާނާ ބާލިޣު ވުމުން އޭނާ މާލި ގޮތުން އަދި ޖިސްމާނި ގޮތުން އެކަމަށް ކުޅަދާނަ ވާނަމަ ވިހާވެސް އަވަހަކަށް ކައިވެނި ކުރަންވީއެވެ. މީ އެމްނެސްޓީ އިންޓަނޭޝަނަލް އަކުން ނުވަތަ ޔޫ އެން އަކުން ނިންމަން ޖެހޭ ކަމެއް ނޫނެވެ. އަންހެން ކުއްޖަކު ޙައިޟު ވުމުން ދަލީލު ލިބެނީ އޭނާ އަށް ދަރިން ވިހެއުމުގެ ހާލަތު ފުރިހަމަ ކުރެވޭނެ ކަމެވެ. އެކި މީހުންނަށް ޙައިޟުގެ ދުވަސްވަރު ފެށެނީ އެކި އުމުރުގައެވެ. 8 އަހަރުން ފެށިގެން 18 އަހަރާ ދެމެދުގަވެސް ހައިޟުގެ ދުވަސްވަރު ފެށިފައި އެބަ ހުއްޓެވެ. އިސްލާމީ ޝަރީޢަތުގައި މިކަން އޮންނަ އުސުލަކީ އިންސާނާގެ ތަބީޢަތާއި އެކަށީގެންވާ އުސޫލެކެވެ.

އެހެން ކަމުން މާތް ނަބިއްޔާ މުހައްމަދު ޞައްލަﷲ އާމެދު ސާބިތު ނުހިފޭ ދޮގުވާހަކަ ތަށް ފަތުރާ މީސްތަކުން ﷲ ތަޢާލާ އަށް ބިރުވެތިވުމަށް ގޮވާލަމެވެ.


Read more...

ޑައުންލޯޑްސް


ތިރީގައި މިހިމަނާލާ ލިޔުންތަކާއި އޯޑިއޯތަކަކީ ކޮންމެ މުސްލިމް އަޚަކާއި އުޚްތަކަށްވެސް ވަރަށް ބޭނުންތެރި ލިޔުންތަކަކާއި އޯޑިއޯތަކެކެވެ.

މި ލިސްޓު ﷲ ގެ އިރާދަފުޅާއެކު ގިނަކުރަމުން ދާނަމެވެ.

މުހިއްމު ލިޔުންތައް
1- ނަމާދުގައި ކިޔާ ތަކެތި (މާނައާއެކު)
2- ނަމާދުގައި ކިޔާ ތަކެތި (މާނައާ ނުލައި)
3- ނަމާދުގައި ކިޔާ ތަކެތި ކުޑަކުދިންނަށްޓަކައި (މާނައާއެކު)
4- ނަމާދުގެ ފަހުގައި ކިޔާ ޛިކްރުތައް (މާނައާ ނުލައި)
5- ދުޢާއުލް އިސްތިފްތާޙް (ނަމާދުފަށާއިރު ކިޔާ ދުޢާ)
6- ހެޔޮލަފާ ޞާލިހް ދަރީން ދެއްވުމަށްއެދި ކުރާ ދުޢާ
7- ހެޔޮލަފާ ޞާލިޙް ދަރީިން ދެއްވުމަށް އެދި ކުރާ ދުޢާ 2
8-
މިސްކިތަށް ދަމުން ކިޔާ ދުޢާ

9- ބަލިތަކުން ރައްކާތެރިކޮށްދެއްވުމަށާއި ޝިފާދެއްވުމަށް އެދި ކުރާ ދުޢާ
10- ވިތުރީގެ ޤުނޫތުގައި ކިޔާ ދުޢާ
11- ކީރިތި ޤުރުއާން ހިތުދަސްކުރުމުގެ ޤަވާޢިދުތައް
12- މިސްކިތައް ވަންނަމުން އަދި ނުކުންނަމުން ކިޔާ ދުޢާ
13- ދުވަހުގެ ނަމާދު ތާވަލު
14- ޚުތުބަތުލް ޙާޖާ (މާނައާއެކު) 
15- ރޯދަވީއްލާއިރު ކިޔާ ދުޢާ
16- މާތް ﷲ ގެ 99 އިސްމުފުޅު
17- އެސްފީނާއަށް ކުރާ ރުޤްޔާ
18- ސިޙްރު ޖެހިފައި ހުރިތޯ ބެލުމަށް ކިޔަވާ އާޔަތްތައް


އޯޑިއޯ ދުޢާތަކާއި ޛިކްރުތައް
1- ހެނދުނުގެ ޛިކްރުތައް (9 އެމްބީ)
2- ހަވީރުގެ ޛިކްރުތައް (9 އެމްބީ)
3- ނިދުމުގެ ކުރިން ކިޔާ ޛިކްރުތައް (5 އެމްބީ)

ހެޔޮކަންތައްތަކުގެ މޫސުން
1- ޙައްޖުމަހުގެ ފުރަތަމަ ދިހަދުވަހުގެ މާތްކަމާބެހޭ ގޮތުން ވާރިދުވެފައިވާ ބައެއް ޙަދީޘްތައް



Read more...

23 February 2011

ތައުޙީދުގެ މުހިއްމުކަން

އައްޝައިޚް އަބޫބަކްރު އިބްރާހިމް، ހިންނަވަރު
اَلْحَمْدُ ِللهِ الْعَلِىِّ اْلأَحَدِ الَّذِىْ لَمْ يَلِدْ وَلَمْ يُوْلَدْ وَلَمْ يَكُن لَّهُ كُفْوًا اَحَدْ وَالصَّلاَةُ َوَالسَّلاَمُ عَلَى مُحَمَّدِ الَّذِىْ اَرْشَدَ اِلَى النَّهْجِ اْلأَقْوَمِ وَعَلَى اَلِه وَأَصْحَاِبهِ الَّذِيْنَ تَمَسَّكُوْا بِالطَّرِيْقِ اْلاَرْشَدِ .... اَمَّابَعْدَ:

އަޅުގަޑުމެންނީ އެއްކައުވަންތަ މާތް ﷲ އަށް އީމާން ވެގެން ތިބި މުއުމިނުން ކަމުގައި އިޤްރާރު ކުރަމުން ދާއިރު، އެމަތިވެރި ﷲ އީ އެއްކައުވަންތަ އިލާހު ކަމުގައި ޤަބޫލުކޮށް އެގޮތުގެމަތީން ތިމާމެންގެ ޢަމަލުތައް ބެހެއްޓޭނީ އެކަލާނގެ އެއްކައުވަންތަ ކުރެވޭ ގޮތް އެގިގެންނެވެ. އާދެ! ތައުޙީދޭ އޭ މިކިޔާ ކަލިމަ ފުރިހަމައަށް އެނގިގެންނެވެ. އަދި ތައުޙީދާ އިދިކޮޅުވާ ޝިރްކު ވެސް އެނގިގެންނެވެ.

ޝައްކެއްނެތެވެ. ތައުޙީދަކީ އަކީ އެންމެހައި ރަސޫލުންގެ ރިސާލަތު އޭގެމައްޗަށް ހުއްޓިގެންވާ މުހިއްމު މައުޟޫއެވެ. ކޮންމެ މުއުމިނަކު އެންމެ ފުރަތަމަ ދެނެގަތުން ވާޖިބު ވެގެންވާ އެންމެ ފުރަތަމަ ފިލާވަޅެވެ. ތިމާ ހެއްދެވި މަތިވެރި ﷲ މަޢުރިފާކޮށް އެއިލާހު ހަޟުރަތައް އިޚްލާޞްތެރި ކަމާއިއެކު އަޅުކަން ކުރާނޭ ގޮތް ދަސްކޮށްދޭ ފިލާވަޅެވެ.

"لاَ اِلَهَ اِلاَّ اللهُ" މިކަލިމަ އިން އެދެވޭ މުރާދެއް އުގަންނައިދޭ މުޤައްދަސް ދަރުހެވެ. އަޅުކަން ޤަބޫލުވެވޭގޮތާއި، ނުވެވޭ ގޮތް ބަޔާންކޮށްދޭ މަންހަޖްއެވެ.

ޝައްކެއްނެތެވެ. ތައުޙީދަށްއަށް ސީދާނުވާ ގޮތަށް ތިމާ ވަރުބަލިވަންދެން އަޅުކަންކުރި ނަމަވެސް، އެ ކުރެވޭ އަޅުކަމަކީ، އެއަޅުކަމަށް އެއްވެސް ޘަވާބެއް އުޖޫރައެއް ލިބޭނެޭ އަޅުކަމެއް ނޫނެވެ. އަދި ކީއްތޯއެވެ! ޘަވާބު ލިބުމުގެ ބަދަލުގައި ވޭންދެނެވި ޢަޛާބު ލިއްބައިދޭ ކަމެކެވެ. ޤިޔާމަތް ދުވަހުގެ މުޞީބާތާއި ނުރައްކަލުން ސަލާމަތްވާނެ ހަމައެކަނި ބަޔަކީ ތައުޙީދުގެ އަހުލު ވެރިންނެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ރަސޫލުކަމުގެ ފުރަތަމަ ތޭރަ ވަރަކަށް އަހަރު ހޭދަ ކުރެއްވީ ޢާންމު ގޮތެއްގައި ހަމައެކަނި މިމައުޟޫޢު، އާދެ! ތައުޙީދު މީސްތަކުންނަށް ދަސްފުޅުކޮށްދެއްވައި، ޝިރްކު ކުރުމުގެ ނުބައި ސުންޕާކަމުން މީސްތަކުން ސަލާމަތްވާނޭ ގޮތް ދަސްކޮށް ދެއްވޭތޯއެވެ.
.................................
ޝައިޚް އަބޫބަކްރު އިބްރާހިމް ލިޔުއްވާފައިވާ "ރިސާލަތުއްތައުޙީދި" ފޮތުން ނަގާފައި

Read more...

20 February 2011

ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ އުފަންވެވަޑައިގަތީ ކޮންދުވަހަކު؟

އަލްއަޚް މުޙައްމަދު ޝަމްޢުން
الحمد لله رب العالمين. والصلاة والسلام على أشرف الأنبياء والمرسلين. نبينا وحبيبنا وقدوتنا محمد وعلى آله وأصحابه ومن تبعهم بإحسان إلى يوم الدين. أما بعد
އަޅުގަނޑުމެންގެ ނަބިއްޔާ މުޙައްމަދު ޢަލައިހިއްޞަލާތު ވައްސަލާމް އުފަންވެވަޑައިގަތީ ހުކުރު ހަތްދުވަހުގެ ތެރެއިން ހޯމަ ދުވަހެއްގައެވެ. މިކަން ޞައްޙަ ޙަދީޘްތަކުން ސާބިތުވެއެވެ. އިމާމު އަބުލް ޙުސައިން މުސްލިމް ބިން ޙައްޖާޖް ބިން މުސްލިމް އަލް ޤުޝައިރިއްޔުއްނައިސާބޫރީ ރަޙިމަހުﷲ އެކަލޭގެފާނުގެ މުސްނަދުއްޞަޙީހް ނުވަތަ ޞަޙީހްމުސްލިމުގައި ރިވާ ކުރައްވަވާފައިވާ، އަބޫ ޤަތާދާ އަލްއަންޞާރީ ރަޟިޔަﷲ ޢަންހުގެ ޙަދީޘްފުޅެއްގައި އައިސްފައިވެއެވެ. ހޯމަ ދުވަހާއި ބެހޭގޮތުން ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ އާއި ސުވާލުކުރެވުނެވެ.
އެހިނދު އެކަލޭގެފާނު ޙަދީޘްފުޅުކުރެއްވެވިއެވެ. ذَاكَ يَوْمٌ وُلِدْتُ فِيهِ وَيَوْمٌ بُعِثْتُ أَوْ أُنْزِلَ عَلَىَّ فِيهِ " އެއީ ތިމަންކަލޭގެފާނު އުފަންވެވަޑައިގެންނެވި ދުވަހެވެ. އަދި ތިމަންކަލޭގެފާނު ރަސޫލުކަމާއިގެން ފޮނުއްވެވުނު ދުވަހެވެ. ނުވަތަ ތިމަންކަލޭގެފާނަށް ވަޙީ ބާވައިލެއްވެވުނު ދުވަހެވެ." މި ޙަދީޘް އިމާމް އަބޫޙާތިމް މުޙައްމަދު ބިން ޙިއްބާން ރަޙިމަހުﷲ އެކަލޭގެފާނުގެ މުސްނަދުއްސަޙީހްގައި، އަދި އިމާމް އަބޫ ޢަބްދިﷲ އަޙްމަދު ބިން ޙަންބަލް ރަޙިމަހުﷲ އެކަލޭގެފަނުގެ މުސްނަދުގައިވެސް ރިވާކުރައްވަވާފައިވެއެވެ. އަދި އެ ދެފޮތުގައި ވާރިދުވެފައިވާ ސަނަދު ދިރާސާ ކުރެއްވެވުމަށްފަހު މަޝްހޫރު މުޙައްޤިޤު އަލް އައްލާމާ ޝުޢައިބު އަރުނައޫޠު އެ ސަނަދުތައްވެސް ޞައްޙަކަމަށް ވިދާޅުވެފައިވެއެވެ.

އެހެންކަމުން މިޙަދީޘުން އިސްތިދުލާލު ކުރައްވަވައި، އިމާމް ޢަބްދުﷲ ބިން މުޙައްމަދު ބިން އަބްދުލްވައްހާބު ރަޙިމަހުﷲ އެކަލޭގެފާނުގެ މަޝްހޫރު ސިޔަރަތު ފޮތް މުޚްތަޞަރު ސިޔަރަތުއްރަސޫލް ޞައްލަﷲ ޢަލައިހިވަސައްލަމްގައި، އިމާމް އަބޫ މުޙައްމަދު ޢަބްދުލްމަލިކު ބިން ހިޝާމް ބިން އައްޔޫބު އަލް ހިމްޔަރީ ރަޙިމަހުﷲ އެކަލޭގެފާނުގެ މަޝްހޫރު ސިޔަރަތު ފޮތް އައްސީރާ އައްނަބަވިއްޔާ ނުވަތަ ސީރަތު އިބްނު ހިޝާމްގައި، އިމާމް ޢިމާދުއްދީން އަބުލްފިދާއު އިސްމާއީލް ބިން ކަޘީރު އަލްޤުރަޝީ ރަޙިމަހުﷲ އެކަލޭގެފާނުގެ މަޝްހޫރު ފޮތް އަލްބިދާޔާ ވައްނިހާޔާއާއި އައްސީރާ އައްނަބަވިއްޔާގައި، އަލްއައްލާމާ މުޙައްމަދު ނާޞިރުއްދީން އަލް އަލްބާނީ ރަޙިމަހުﷲ އެކަލޭގެފާނުގެ ސިޔަރަތު ފޮތް ޞަޙީހު ސީރާ އައްނަބަވިއްޔާގައި، އަލްއައްލާމާ ޞަފިޔުއްރަޙްމާން މުބާރަކްފޫރީ ރަޙިމަހުﷲ އެކަލޭގެފާނުގެ މަޝްހޫރު ސިޔަރަތު ފޮތް އައްރަހީޤުލް މަޚްތޫމުގައި، ޑޮކްޓަރ އަކްރަމް ޟިޔާއުލްޢުމަރީ ޙަފިޟަހުﷲގެ އައްސީރާ އައްނަބަވިއްޔާ އައްޞަޙީހާގައި، އަދި ޕޮރޮފެސަރު ޑޮކްޓަރ މަހްދީ ރިޒްޤުﷲ ޢަހްމަދު ޙަފިޟަހުﷲގެ އައްސީރާ އައްނަބަވިއްޔާ ފީ ޟައުއިލް މަޞާދިރިލް އަޞްލިއްޔާގައި، ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ އުފަންވެވަޑައިގަތީ ހުކުރުހަތްދުވަހުގެ ތެރެއިން ހޯމަ ދުވަހެއްގައި ކަމަށް ލިޔުއްވަވާފައިވެއެވެ. އަދި އިމާމް އިބްނު ކަޘީރު ރަޙިމަހުﷲ އަލްބިދާޔާ ވައްނިހާޔާގައި ވިދާޅުވެފައިވެއެވެ. هَذَا مَا لَا خِلَافَ فِيْهِ أَنَّهُ صَلَّى اللهُ عَلَيْهِ وَسَلّمََ وُلِدَ يَوْمَ الإِثْنَيْنِ. " އެކަލޭގެފާނު އުފަންވެވަޑައިގަތީ ހޯމަދުވަހެއްގައި ކަމާމެދު އެއްވެސް ޚިލާފެއް (ޢިލްމުގެ އަހުލުވެރިންގެ މެދުގައި) ނުވެއެވެ.

ދެން އެއަށްފަހު އެކަލޭގެފާނު އުފަންވެވަޑައިގެންނެވި އަހަރަށް ބަލާލާއިރު މިކަމުގައި ޞައްޙަ ޞަރީޙަ އެއްވެސް ނައްޞެއް އައިސްފައި ނެތެވެ. އެހެންކަމުން ޢިލްމުވެރިން ވަނީ މިކަމާމެދު އިޚްތިލާފުވެފައެވެ. ބައެއް ޢިލްމުވެރިން އެކަލޭގެފާނު އުފަންވެވަޑައިގަތީ ޢާމުލްފީލްގެ 10އަހަރުން ފަހުންނޭ ވިދާޅުވަމުންދާއިރު އަނެއްބައި ޢިލްމުވެރިން 23 އަހަރު ފަހުންކަމުގައި ވިދާޅުވަމުންދެއެވެ. އަދި 30އަހަރު ފަހުންކަމުގައި ބައެއް ޢިލްމުވެރިން ވިދާޅުވަމުންދާއިރު އަނެއްބައި ޢިލްމުވެރިން 5އަހަރު ކުރީން ކަމުގައިވެސް ވިދާޅުވަމުންދެއެވެ. ނަމަވެސް މިއީ މަދު ޢިލްމުވެރިންތަކެއްގެ ރައުޔު ތަކެކެވެ. ޖުމްހޫރު(ގިނަ) ޢިލްމުވެރިން ބުރަވެވަޑައިގަންނަވަނީ، އެކަލޭގެފާނު އުފަންވެވަޑައިގަތީ ޢާމުލްފީލްގެ ނަމުން ނަންދެވިފައިވާ އަހަރުގައި ކަމަށެވެ. އޭގެތެރޭގައި މަތީގައި ބަޔާން ކުރެވިފައިވާ ހުރިހާ ފޮތެއްގެ މުއައްލިފުން ހިމެނިވަޑައިގަންނަވައެވެ. އިމާމް އިބްނު ކަޘީރު ރަޙިމަހުﷲ އެކަލޭގެފާނުގެ މަޝްހޫރު ފޮތް އަލްބިދާޔާ ވައްނިހާޔާގައި ނަގުލު ކުރައްވަވާފައިވާ އިބްރާހީމް ބިން އަލްމުންޒިރު ރަޙިމަހުﷲގެ ޤައުލެއްގައިވެއެވެ. وَ هُوَ الَّذِيْ لَا يَشُكُّ فِيْهِ أَحَدٌ مِنْ عُلَمَاِئنَا أَنَهُ عَلَيْهِ الصَّلَاةُ وَالسَّلَامُ وُلِدَ عَامَ الْفِيْلِ وَ بُعِثَ عَلَى رَأْسِ أَرْبَعِيْنَ سَنَةٍ مِنَ الْفِيْلِ. "ރަސުލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ އުފަންވެވަޑައިގަތީ ޢާމުލްފީލްގައިކަމާއި، އެކަލޭގެފާނު ނަބީކަމާއިގެން ފޮނުއްވެވުނީ ޢާމުލްފީލްގެ ފަހުން 40ވަނަ އަހަރުގެ ކުރީކޮޅުގައިކަމާމެދު އަހަރެމެންގެ ޢިލްމުވެރިންގެ ތެރެއިން އެއްވެސް ބޭފުޅަކު ޝައްކުނުކުރެތެވެ." އަދި އެކަލޭގެފާނު އުފަންވެވަޑައިގަތީ ޢާމުލްފީލްގައިކަން އަންގައިދޭ ގަރީނާތައް ވަރަށް ވަރުގަދަކަމަށް އައްސީރަތުއްނަބަވިއްޔާ އައްޞަޙީހާގައި ޑޮކްޓަރ އަކްރަމް ޟިޔާއުލްޢަމްރީވެސް ވިދާޅުވެފައިވެއެވެ. ޢާމުލްފީލްއަކީ އަބުރަހަތުލްއަޝްރަމު ކަޢުބާ ތެޅުމަށްޓަކާ ދިޔައަހަރެވެ.

އަދި އެކަލޭގެފާނު އުފަންވެވަޑައިގެންނެވި މަހާއި ދުވަހަށް ބަލާލާއިރުވެސް، އެއީ ކޮންދުވަހެއްކަން ކަނޑައެޅިގެން ބުނަން އެނގޭފަދަ ޞައްޙަ ޞަރީޙަ އެއްވެސް ނައްޞެއް އައިސްފައި ނުވެއެވެ. އެހެންކަމުން ޢިލްމުވެރިންވަނީ މިކަމުގައިވެސް ވަރަށް ބޮޑަށް އިޚްތިލާފުވެފައެވެ.

ޢިލްމުވެރިންގެ ރައުޔުތައް :
1) 2 ރަބީޢުލްއައްވަލް
އިމާމް އަބޫމަޢްޝަރު އައްސިންދީ ރަޙިމަހުﷲ ގެ ރައުޔަކީ މިއެވެ.

2) 8 ރަބީޢުލްއައްވަލް
އިމާމް ޢަބްދުﷲ ބިން މުޙައްމަދު ބިން އަބްދުލްވައްހާބު ރަޙިމަހުﷲ އާއި، އިމާމް އިބްނު ޙަޒަމް ރަޙީމަހުﷲ އާއި، އަލްޙާފިޟް އަލްއިމާމް މުހައްމަދު ބިން މޫސާ އަލްޚަވާރިޒްމީ ރަޙިމަހުﷲ އާއި، އަލްޙާފިޟް އަލްއިމާމް އަބުލްޚައްޠާބު އިބްނު ދަޙިއްޔާ ރަޙިމަހުﷲ ފަދަ ބޭކަލުންގެ ރައުޔަކީ މިއެވެ. ރަނގަޅުރައުޔަކީ މިއީ ކަމުގައި އަލްޙާފިޟް މުޙައްމަދު ބިން މޫސާ އަލްޚާވާރިޒްމީ ރަޙިމަހުﷲ އާއި އަލްޙާފިޟް އިބްނު ދަޙިއްޔާ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. އަދި މިއީ ތާރީޚުގެ ޢިލްމުވެރިން ޞައްޙަ ކުރައްވަވާ ގޮތްކަމުގައި އަލްޙާފިޟް އިބްނު އަބްދުލްބައްރު ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ.
3) 9 ރަބީޢުލްއައްވަލް
މިއީ އައްރަޙީޤުލްމަޚްތޫމުގެ މުއައްލިފު އަލްއައްލާމާ ޞަފިޔުއްރަޙްމާން މުބާރަކްފޫރީ ރަޙިމަހުﷲ ފަދަ ޢާލިމުންގެރައުޔެވެ.

4) 10 ރަބީޢުލްއައްވަލް
މިއީ އިމާމް އަލްވާޤިދީ ރަޙިމަހުﷲ ފަދަ އިމާމުންގެރައުޔެވެ.

5) 12 ރަބީޢުލްއައްވަލް
މިއީ އިމާމް މުޙައްމަދު ބިން އިސްޙާޤު ރަޙިމަހުﷲފަދަ އިމާމުންގެރައުޔެވެ.

ޚުލާޞާ
ޚުލާޞާއަކީ، ރަސޫލާ ޞައްލަﷲ ޢާލައިހިވަސައްލަމަ އުފަންވެވަޑައިގެންނެވީ ރަބީޢުލްއައްވަލް މަހެއްގެ ހޯމަ ދުވަހަކުކަމަށް ޢިލްމުވެރިންވަނީ އިއްތިފާޤުވެފައެވެ. އަދި ޖުމްހޫރު(ގިނަ) ޢިލްމުވެރިން ވިދާޅުވަނީ އެއީ ޢާމުލްފީލްގެ ރަބީޢުލްއައްވަލް މަހުގެ ހޯމަދުވަހެއްކަމަށެވެ. ނަމަވެސް ރަބީޢުލްއައްވަލުމަހުގެ ކޮން ހޯމަ ދުވަހެއްކަމެއް ކަނޑައެޅިގެން ބުނާކަށް ނޭނގެއެވެ. 12 ވަނަދުވަހަކީ އަޅުގަނޑުމެންގެ ތެރެއިން ގިނަމީހުންގެ މެދުގައި މަޝްހޫރުވެފައި އޮންނަދުވަހެވެ.

Read more...

16 February 2011

އަޅުންގެ އަޅުވެތިކަމުން ﷲ ގެ އަޅުވެތިކަމަށް އަޅުތަކުން ނެރުން

ތަރުޖަމާ: އަލްއަޚް ޒަމްޒަމް ފާރިޝް
ހިޖުރައިން 15 ވަނަ އަހަރު ހިނގާދިޔަ ޤާދިސިއްޔާ ހަނގުރާމައިގައި އިރާޤު އިސްތިއުމާރުކޮށްގެން ތިބި ފާރިސީންގެ 80000 ހަނގުރާމަވެރިންނާ މުސްލިމުންގެ ލަޝްކަރު ކުރިމަތިލި ހިނދު ، ކާފިރުންގެ ލަޝްކަރުގެ ވެރިއެއްގެ ގޮތުގައި ހުރި ރުސްތުމް، ސުވާލުކޮށް އޮޅުން ފިލުވަން ބޭނުންވެފައިވާ ކަންކަން ސާފުކޮށްދެވޭވަރުގެ ވިސްނުންތޫނު ޤާބިލު ފަހުލަވާނަކު މުސްލިމުންގެ ލަޝްކަރުގެ ތެރެއިން ފޮނުވައިދެއްވުމަށް އެވަގުތު މުސްލިމުންގެ ލަޝްކަރުގެ ވެރިޔާ، ﷲ ރުއްސުންލެއްވި މާތް ޞަޙާބީ، ސަޢްދު ބްނި އަބީ ޥައްޤާޞްގެ އަރިހުން އެދުނެވެ. އެހިނދު އެކަލޭގެފާނުގެ އަރިހުގައި ހުންނެވި ރިބްޢިއްޔު ބްނި ޢާމިރު ކިޔާ ބޭފުޅަކު އެކަމާއިގެން ރުސްތުމްގެ ގާތަށް ފޮނުއްވުމަށް ނިންމެވިއެވެ.
ފަހެ ﷲ ސުބްޙާނަހޫ ޥަތަޢާލާ ރުއްސުންލެއްވި މާތް ޞަޙާބީ، ސަޢްދު ބްނި އަބީ ޥައްޤާޞްގެ އަމުރުފުޅާއިގެން ތެދުވެ ރިބްޢިއްޔު ބްނި ޢާމިރު ރުސްތުމްގެ ގާތަށް ދިޔައެވެ. އެހިނދު އެކަލޭގެފާނަށް ފެނިވަޑައިގެން ދިޔައީ ، ފަށުވި ފޮތިން ފަހައި، ރަނުން ޖަރީކުރެވިފައިވާ ބާލީސްތަކާއި، އިތާ މުތްތަކުންނާއި، އަގުބޮޑެތިހާ ޖަވާރިހުތަކުން ޒީނަތްތެރިކޮށްފައިވާ އެމަޖިލީހުގައި ރުސްތުމް އޭނާގެ ތާޖު އަޅައިގެން ރަނުން ހަދާފައިވާ އެނދެއް މަތީގައި އިށިއިނދެލައިގެން އިންތަނެވެ.
ރުސްތުމްގެ މަޖިލީހަށް ރިބްޢިއްޔު ބްނި ޢާމިރު ވަދެވަޑައިގެންނެވިއެވެ. އޭރު އެކަލޭގެފާނު އިންނެވީ ވަރަށް އާދައިގެ ނިކަމެތި ހެދުންކޮޅެއް ތުރުކުރައްވައިގެން، އެކަލޭގެފާނުގެ ކަނޑިއާއި އައްޑަނަ ހިއްޕަވައިގެން، ކުރުކުރު އަހެއްގެ މައްޗަށް ސަވާރުވެވަޑައިގެންނެވެ. ފަހެ ރިބްޢިއްޔު ބްނި ޢާމިރު ، އެކަލޭގެފާނުގެ އަސް، ރުސްތުމްގެ ދަރުބާރުގައި އަޅާފައިވާ ދޫލައިގެ މައްޗަށް އަރައިފުމަށް ދާންދެން ފައިބައިވަޑައިނުގެން އެސޮރުގެ މަތީ ސަވާރުވެވަޑައިގެން އިންނެވިއެވެ. އަދި އެހިސާބަށް ދެވުމާއެކު އަހުން ފައިބައިވަޑައިގެން އެތާނގައިހުރި ބާލިސްތަކުން ބާލީހެއްގައި އެކަލޭގެފާނުގެ އަހުގެ ލަގަން އެއްސެވިއެވެ. އެއަށް ފަހު އެކަލޭގެފާނުގެ ދަހަނާކޮޅާއި ހެލްމެޓާއި ކަނޑިއާއެކު އެހުރިގޮތަށް ރުސްތުމްއާ ދިމާލަށް ހިނގައިގަތެވެ. ނަމަވެސް އެވަގުތު އެކަލޭގެފާނު ހުއްޓުވައި އެކަލޭގެފާނަށް ބުނެވުނެވެ: "ތިބާގެ ކަނޑި ބަހައްޓާށެވެ!".
ރިބްޢިއްޔު ބްނި ޢާމިރު ޖަވާބުގައި ވިދާޅުވިއެވެ: "އަހަރެން ކަލޭމެންގެ ގާތަށް މިއައީ އަހަރެން އަމިއްލަކަށް ނޫން. އަހަރެން މިއައީ ކަލޭމެން އެދިގެން. މިގޮތަށް އަހަރެން ހުރެގެން ވަންނަން ކަލޭމެން ނުރުހޭނަމަ އަހަރެން އެނބުރި މިދަނީ".
އެހިނދު ރުސްތުމް ބުންޏެވެ: "އޭނައަށް އިޒުނަދީ".
މިހެން ބުނެ، ރުސްތުމް އޭނާގެ ލޮންސިއަށް ބާރުލައި އެނދުމަތީގައި އޮތް ބާލީހުގައި ލެނގިލައި ރިބްޢިއްޔު ބްނި ޢާމިރުއާ ދިމާލަށް އެނބުރިލިއެވެ. އަދި ބުންޏެވެ: "ތިޔަބައިމީހުން ތިޔަ އައީ ކޮންކަމަކައިގެން؟"
ރިބްޢިއްޔު ބްނި ޢާމިރު ވިދާޅުވިއެވެ: "އަޅުތަކުންގެ އަޅުވެތިކަމުން މީސްތަކުން ނެރެ ، ﷲ ގެ އަޅުވެތިކަމުގެ ދަށަށް މީސްތަކުން ގެންދިޔުމަށް ، އަދި ދުނިޔޭގެ ތާށިކަމުން (ހިތްދަތިކަމާއި ނުތަނަވަސްކަމުން) ދުނިޔޭގެ ހިތްހަމަ ޖެހުމާއި ތަނަވަސްކަމަށް މީސްތަކުން ނެރެ ، އަދި ދީންތަކުގެ އަނިޔާވެރިކަމުން އިސްލާމްދީނުގެ ޢަދުލުވެރިކަމަށް މީސްތަކުން ނެރުމަށްޓަކައި ﷲ ސުބުޙާނަހޫ ވަތަޢާލާ އަހަރެމެން ފޮނުއްވެވި. އެކަލާނގެ ދީނަށް ދަޢްޥަތު ދިނުމަށްޓަކައި އެބައިމީހުންގެ ގާތަށް އަހަރެމެން ފޮނުއްވެވި. ފަހެ، އެ ދަޢްޥަތު ޤަބޫލުކޮށްފި މީހާގެ ކިބައިން އަހަރެމެން އެކަން ޤަބޫލުކޮށް އެނބުރި ދާނަން. އަދި އެ އެދަޢްޥަތަށް އިންކާރުކޮށްފި މީހާއާ ﷲ ގެ ވަޢުދުފުޅާ ބައްދަލުވާންދެން އަހަރެމެން ހަނގުރާމަ ކުރާނަން".
އެހިނދު ރުސްތުމް ބުންޏެއެވެ: "ﷲ ގެ ޥަޢްދަކީ ކޮބާ؟"
ޖަވާބުގައި ރިބްޢިއްޔު ބްނި ޢާމިރު ވިދާޅުވިއެވެ: "އެއީ އެދަޢްޥަތަށް އިންކާރުކުރާ މީހާއާ ހަނގުރާމަކޮށް މަރުވާ މީހާއަށް ސުވަރުގެ. އަދި މަރުނުވެ ބާކީ ތިބި މީހުންނަށް ހަނގުރާމާގައި ކާމިޔާބު ލިބުން"
ރުސްތުމް ބުންޏެވެ: "ތިބާގެ ބަސް އަހަންނަށް އިވިއްޖެ. އެކަމަކު މިކަމާ މެދު އަހަރެމެން ވިސްނައި ފިކުރުކޮށް އަދި ތިޔަބައިމީހުންވެސް މިކަމާމެދު ވިސްނައި ފިކުރުކުރުމަށްޓަކައި ވަގުތު ދެވިދާނެތަ؟".
ރިބްޢިއްޔު ބްނި ޢާމިރު ވިދާޅުވިއެވެ: "އާނ! އެކަމަށް ކަލޭމެން ބޭނުންވަނީ ކިތައް ދުވަސް؟ އެއްދުވަސްތަ؟ ނޫނީ ދެ ދުވަސް ތަ؟"
ރުސްތުމް: "ނޫން! އަދިކިއެއް، އަހަރެމެންގެ ވިސްނުމުގެ މީހުންނާއި، އަހަރެމެންގެ ޤައުމުގެ ބޮޑުންނާ މިކަމާ ވާހަކަ ދައްކައި މަޝްވަރާކޮށް ނިމެންދެން".
ރިބްޢިއްޔު ބްނި ޢާމިރު ވިދާޅުވިއެވެ: "އެކަމަކު ﷲ ގެ ރަސޫލާ، ޢަދާޥާތްތެރިންނާ ބައްދަލުވުމަށްފަހު ތިން ދުވަހަށްވުރެ ލަހެއް ނުކުރައްވާ. އެހެންކަމުން، މިކަމާއި މެދު ކަލޭވެސް އަދި އެމީހުންވެސް ވިސްނާ. އަދި މިތިން މުހުލަތުގެ ތެރޭގައި ގޮތެއް ޚިޔާރުކުރޭ".
ރުސްތުމް: "ތިޔައީ ތިޔަބައިމީހުންގެ ވެރި މީހާތަ؟".
ރިބްޢިއްޔު ބްނި ޢާމިރު ވިދާޅުވިއެވެ: "ނޫން. އެކަމަކު މުސްލިމުންނަކީ އެއް ހަށިގަނޑެއް ފަދަ ބައެއް ، އެބައިމީހުން އެއްބައެއް އަނެއްބައެއްގެ މައްޗަށް ރައްކާތެރިވޭ".
ރުސްތުމް އޭނާގެ ގައުމުގެ ބޮޑުން އެއްކުރިއެވެ. އަދި އެމީހުންނަށް ބުންޏެވެ: "މި ފިރިހެނާ މިދެއްކި ފަދަ މަތިވެރި އަދި ހެޔޮ ވާހަކައެއް ދުވަހަކުވެސް ތިބައިމީހުން އަޑުއެހިންތަ؟."
ގައުމުގެ ބޮޑުން ޖަވާބުގައި ބުންޏެވެ: "މި ކުއްތާގެ ވާހަކައަށް ހެއްލިވަޑައިގެން މަނިކުފާނުގެ ދީން ދޫކޮށްލެއްވުމުން ކަލާނގެ މަނިކުފާނު ރައްކާތެރި ކޮށްދެއްވާށި! އޭނާގެ ފޭރާން މަނިކުފާނަށް ނުފެނޭތަ؟".
ރުސްތުމް ބުންޏެވެ: "ކަލޭމެންނަށް ހަލާކު ހުރި! އޭނާގެ ފޭރާމަށް ނުބަލާ. އޭނާގެ ވިސްނުމާއި، ބަސްމަގާއި ދޫފަސޭހަކަން ދެކިބަލަ. ހަމަކަށަވަރުން މުސްލިމުންނަކީ، ފޭރާމާއި ކާ ތަކެއްޗާ ހެދި އުޅޭ ބައެއް ނޫން. އެމީހުންގެ ގާތުގައި މުހިއްމީ މީހާގެ ޙަސަބާއި ނަސަބު".
ކޮންމެއަކަސް މިކަންތައްތަކަށްފަހު މުސްލިމުންގެ ތެރެއިން އެހެން ބޭފުޅަކު ފޮނުއްވައިދެއްވުމަށް މުސްލިމުންގެ ކޮމާންޑަރު ސަޢްބުން އަބީ ޥައްޤާޞްގެ އަހިރުން ރުސްތުމް އެދުނެވެ. އެގޮތުން، މިފަހަރު އެކަމަށްޓަކައި ﷲ ރުއްސުންލެއްވި މާތް ޞަޙާބީ އަލް-މުޣީރަ ބްނު ޝުޢްބާ ފޮނުއްވުނެވެ.
ރުސްތުމްގެ ގާތަށް އަލް-މުޣީރަ ބްނު ޝުޢްބާ ވަދެވަޑައިގެންނެވުމުން ރުސްތުމް ބުންޏެވެ: "ހަމަކަށަވަރުން ތިޔަބައިމީހުންނަކީ އަހަރެމެންގެ އަވައްޓެރިން. އެހެންކަމުން އަހަރެމެން ތިޔަބައިމީހުންނަށް އިޙްސާންތެރިވީމު. އަދި ތިޔަބައިމީހުންނަށް ދިމާވާ ދަތި އުނދަގޫތަށް ތިޔަބައިމީހުންގެ ކިބައިން ފިއްލަވައިދެއްވީމު. ތިޔަބައިމީހުންގެ އަމިއްލަ ޤައުމަށް އެނބުރި ދޭ. އޭރުން ތިޔަބައިމީހުން ވިޔަފާރިކުރުމަށްޓަކައި އަހަރެމެންގެ ޤައުމަށް އެރުން މަނައެއް ނުކުރާނަން".
އަލް-މުޣީރަ ބްނު ޝުޢްބާ ޖަވާބުގައި ވިދާޅުވިއެވެ: "ހަމަކަށަވަރުން އަހަރެމެންނަކީ ދުނިޔެއަށް އެދިގެން އުޅޭ ބަޔަކު ކަމުގައި ނުވަމު. އަހަރެމެންނަށް މުހިއްމީ، އަދި އަހަރެމެން އެދޭ އެއްޗެއް ކަމުގައިވަނީ ހަމައެކަނި އާޚިރަތް. ހަމަކަށަވަރުން ﷲ އަހަރެމެންގެ ގާތަށް ޙައްޤު ދީނައިގެން ރަސޫލަކު ފޮނުއްވެވި. އެދީނަށް ވަނުމަށް އިންކާރުކުރާ މީހާ ނިކަމެތިނުވެ ނުދޭ. އަދި އެދީނުގައި ހިފަހައްޓައިފި މީހާ ޢިއްޒަތްތެރިނުވެ ނުދޭ".
ރުސްތުމް ބުންޏެވެ: "އެއީ ކޮން ދީނެއް؟"
އަލް-މުޣީރަ ބްނު ޝުޢްބާ ވިދާޅުވިއެވެ: "ފަހެ އެދީނަކީ، "ﷲ މެނުވީ ޙައްޤުގޮތުގައި އަޅުކަންވެވޭ އެހެން އިލާހަކު ނުވާ ކަމަށާއި މުޙައްމަދުގެފާނީ އެކަލާނގެ ރަސޫލާކަމަށް ހެކިވެ، އަދި އެކަލޭގެފާނު ﷲ ގެ ޙަޟްރަތުން ގެންނެވި އެންމެހާ ކަމަކަށް އިޤްރާރުވުން" ، މިކަންކަން ނުލައި އެހެން އެއްވެސް ކަމެއް ޤަބޫލުވެވިގެން ނުވާދީން. ފަހެ އެއީ އެދީނުގެ ތަނބު".
ރުސްތުމް ބުންޏެވެ: "ވަރަށް ފުރިހަމަ! ދެން ކޮން ކަމެއް؟"
އަލް-މުޣީރަ ބްނު ޝުޢްބާ ވިދާޅުވިއެވެ: "ދެން އަޅުންގެ އަޅުވެތިކަމުން ﷲ ގެ އަޅުވެތިކަމަށް އަޅުތަކުން ނެރުން".
ރުސްތުމް ބުންޏެވެ: "ވަރަށް ފުރިހަމަ! ދެން ކޮން ކަމެއް؟"
އަލް-މުޣީރަ ބްނު ޝުޢްބާ ވިދާޅުވިއެވެ: "އެންމެހާ މީސްތަކުންނަކީ އާދަމުގެފާނުގެ ދަރިން. ފަހެ އެބައިމީހުންނަކީ އެއްބަނޑުއެއްބަފާ އަޚުން".
ރުސްތުމް ބުންޏެވެ: "ވަރަށް ފުރިހަމަ! އަހަރެމެން ތިޔަ ދީނަށް ވަދެއްޖެނަމަ އަހަރެމެންގެ ޤައުމުން ތިޔަބައިމީހުން އެނބުރި ދާނަންތަ؟"
އަލް-މުޣީރަ ބްނު ޝުޢްބާ ވިދާޅުވިއެވެ: "އާނ! ﷲ ގަންދީ ބުނަން. ވިޔަފާރި ދަތުރެއްގައި ނުވަތަ ހާޖަތެއް ޖެހިގެން ނޫނީ ތިޔަބައިމީހުންގެ ޤައުމާ ކައިރިވެސް ނުވާނަން".
ރުސްތުމް ބުންޏެވެ: "ވަރަށް ފުރިހަމަ!"
އެއަށްފަހު، އަލް-މުޣީރަ ބްނު ޝުޢްބާ ރުސްތުމްގެ ގާތުން ނިކުމެވަޑައިގެންނެވުމުން ރުސްތުމް އޭނާގެ ޤައުމުގެ ބޮޑުން ގާތު އިސްލާދީނަށް ވަނުމާމެދު މަޝްވަރާ ކުރިއެވެ. ނަމަވެސް އެބައިމީހުން އެކަމަށް ފުރަގަސްދީ އިސްލާމްދީނަށް ވަނުމަށް އިންކާރު ކުރިއެވެ.
ކަންމިހެންވުމުން، މުސްލިމުންގެ މުޖާހިދުންގެ ލަޝްކަރާއި ފާރިސީންގެ ލަޝްކަރާ ދެމެދުގައި ވަރުގަދަވެގެންވާ ބޮޑު ހަނގުރާމަ ކުރެވުނެވެ. މިހަނގުރާމަ ތިން ދުވަހަށް ދެމިގެން ދިޔައެވެ. އަދި މުސްލިމުންގެ ތެރެއިން ވަރަށް ގިނަ މުޖާހިދުންނަށް ފާރިސީންގެ އެތްތަކުގެ ސަބަބުން ބޮޑެތި އަނިޔާތައް ލިބުނެވެ. ނަމަވެސް މުސްލިމުން ﷲ ގެ މަގުގައި ކެތްތެރިވެ ނަމާދުން ހިތްވަރު ހޯއްދިއެވެ. އަދި ﷲ ގެ ދީނަށް ނަޞްރު ލިބެންދެން ހަނގުރާމަ ކުރެއްވިއެވެ. އެންމެ ފަހުން ހަތަރުވަނައަށްވީ ދުވަހު ކާފިރުންގެ މައްޗަށް ﷲ ތަޢާލާ ބާރުގަދަ ވައެއް ފޮނުއްވެވިއެވެ. އޭގެ ސަބަބުން ފަރިސީންގެ ލަޝްކަރަށް ލޮޅުން އަރައިގެން ދިޔައެވެ. އަދި އެބައިމީހުންގެ ފޭލިގެތަކާއި އެހެނިހެން ސާމާނާއި ތަކެއްޗަށް ބޮޑެތި ގެއްލުންތައް ލިބިގެންދިޔައެވެ. އެންމެ ފަހުން ހަނގުރާމަ ނިމުނު އިރު، މުސްލިމުންގެ ތެރެއިން ދެހާސް ފަސް ސަތޭކައެއްހާ މުޖާހިދުން ޝަހީދުވިއެވެ. ނަމަވެސް އޭގެ ބަދަލުގައި މުސްލިމުންގެ އަތުން ދިހަ ހާހެއްހާ ކާފިރުން ޤަތުލުވިއެވެ. އަދި އެންމެފަހުން މުސްލިމުންނަށް ގަދަކީރިވަންތަ ﷲ ތަޢާލާ ނަޞްރު ދެއްވެވިއެވެ. الله أكبر!

Read more...

14 February 2011

ﷲ ތަޢާލާ ދެއްވާފައިވާ ނިޢުމަތް ތަކަށް ޝުކުރުވެރިވާނީ ކިހިނެއް

އަލްއަޚް ބިލާލް ޢަބްދުއްސައްތާރު
އަހަރެމެން ނެތުމުގެ ތެރެއިން ވުޖޫދަށް ގެންނެވި އިލާހު އަހަރެމެންނަށް ވަރަށް ގިނަ ގުނަ ވެގެންވާ ނިޢުމަތްތަކެއް ދެއްވިއެވެ. އެއީ އަހަރެމެން އެ ނިޢުމަތްތަށް ގުނާ ޢަދަދު ކުރަން އުޅެފިނަމަ ޢަދަދު ނުކުރެވޭނޭހާ ގިނަ ނިޢުމަތް ތަކެކެވެ. އެހެން ކަމުން އަހަރެމެންގެ މައްޗަށް ވާޖިބު ވެގެން ވަނީ މިނިޢުމަތް ތަކުގެ މައްޗަށް މި ނިޢުމަތްތައް ދެއްވި އިލާހަށް ޝުކުރުކުރުން ޙައްޤު ގޮތުގައި ޝުކުރު ކުރުމެވެ. ސަބަބަކީ އެނިޢުމަތްތަކަކީ އެއާމެދުގައި ޤިޔާމަތް ދުވަހުން ސުވާލު ކުރެވޭނޭ ނިޢުމަތްތަކެކެވެ.
އައްތަކާޘުރު ސޫރަތުގައި ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.
ثُمَّ لَتُسْأَلُنَّ يَوْمَئِذٍ عَنِ النَّعِيمِ (التكاثر 8)
" ދެން އެދުވަހުން އެ ނިޢުމަތްތަކާ މެދު ތިޔަބައިމީހުންނާ ސުވާލު ކުރެވޭނޭކަން ކަށަވަރެވެ."

އެހެން ކަމުން އަހަރެމެންނަށް ލިބޭ ކުޑަކުޑަ ނިޢުމަތަކީވެސް އެއާމެދު ޤިޔާމަތް ދުވަހުން ސުވާލު ކުރެވޭނޭ ނިޢުމަތެއްކަން ހަނދާންކޮށް އެ ނިޢުމަތުގެ މައްޗަށް ބޮޑާ ވުމަކާ ނުލާ ނިޢުމަތް ދެއްވިފަރާތަށް ހެޔޮގޮތުގައި ޝުކުރު ކުރަން ޖެހެއެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރެއްވިއެވެ.
يَا أَيُّهَا الَّذِينَ آمَنُوا كُلُوا مِن طَيِّبَاتِ مَا رَزَقْنَاكُمْ وَاشْكُرُوا لِلَّهِ إِن كُنتُمْ إِيَّاهُ تَعْبُدُونَ (البقرة 172)
މާނަ: "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިމަންއިލާހު ތިޔަބައިމީހުންނަށް ދެއްވި ރަނގަޅު ތަކެތިން ތިޔަބައިމީހުން ކައިއުޅޭށެވެ! އަދި ތިޔަބައިމީހުން ހަމައެކަނި اللَّهއަށް އަޅުކަންކުރާ ކަމުގައިވާނަމަ، އެކަލާނގެއަށް ޝުކުރުވެރިވާށެވެ."

ނިޢުމަތް ތަކަށް ޝުކުރުވެރިވުމަކީ އެނިޢުމަތް ދެއްވިފަރާތް ހަނދުމަކޮށް އެއިލާހަށް ޘަނާ ކިޔައި އެނިޢުމަތުގެ ބޭނުން އެއިލާހު ރުހިވޮޑިގެންވާ ގޮތުގައި ހިފުމެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީ ކުރެއްވިއެވެ.
.......اعْمَلُوا آلَ دَاوُودَ شُكْرًا وَقَلِيلٌ مِّنْ عِبَادِيَ الشَّكُورُ. (السبأ 13)
މާނަ: "އޭ ދާއޫދުގެފާނުގެ އާލުންނޭވެ! އެއިލާހަށް ޝުކުރުވެރިވުމުގެގޮތުން ތިޔަބައިމީހުން (ހެޔޮ) ޢަމަލު ކުރާށެވެ! އަދި ތިމަން ﷲ ގެ އަޅުތަކުންގެ ތެރެއިން ޝުކުރުވެރިވާ އަޅުން ވަރަށްމަދެވެ."
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީސް ކުރެއްވިއެވެ.
إذَا أَكَلَ أَحَدُكُمْ فَلْيَذْكُرْ اسْمَ اللَّهِ ، فَإِنْ نَسِيَ أَنْ يَذْكُرَ اسْمَ اللَّهِ فِي أَوَّلِهِ فَلْيَقُلْ : بِسْمِ اللَّهِ أَوَّلَهُ وَآخِرَهُ . إذَا أَكَلَ أَحَدُكُمْ فَلْيَأْكُلْ بِيَمِينِهِ
މާނަ : "ތިޔަބައިމީހުންގެ ތެރެއިން މީހަކު ކާ ކަމުގައި ވާނަމަ ﷲ ސުބްޙަނަހު ވަތަޢާލާގެ އިސްމުފުޅު ޒިކުރު ކުރުމަށްފަހު ކާށެވެ. އަދި ފުރަތަމަ ފަހަރު ކިޔުމަށް ހަނދާން ނެތިއްޖެނަމަ بِسْمِ اللَّهِ أَوَّلَهُ وَآخِرَهُ މިފަދަ އިން ކިޔާށެވެ. އަދި ތިޔަބައިމީހުންގެ ތެރެއިން މީހަކު ކައި ބޮއި ހަދާކަމުގައިވާނަމަ ކަނަ އަތުން ކައިބޮއި ހަދާށެވެ."

އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ" ﷲ ގެ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ދުވަހަކުވެސް ކާއެއްޗަކަށް ފާޑު ވިދާޅުނުވެއެވެ. އެކަލޭގެފާނު ހިތްޕުޅާވާނަމަ ފަރިއްކުޅުވައެވެ. ހިތްޕުޅާ ނުވާނަމަ ދޫކޮށްލައްވައެވެ."
ހިތާމައަކީ އަހަރެމެންގެ ތެރެއިން ބައެއްމީހުން ﷲ ތަޢާލާ ދެއްވާ ނިޢުމަތްތަކާމެދު ނުރުހުންތެރިވާތީއެވެ. ދުވާލަކު ތިން ހަތަރު އިރު ކާން ލިބޭ އިރުވެސް ތިމާ ހިތްހަމަޖެހޭ އެއްޗެއް ނުލިބިއްޖެނެނަމަ އެކަމާއި މެދު ރުޅިގަދަވެ ' އެނިޢުމަތް ދެއްވިފަރާތް ހަނދާން ނައްތާލައި ޝައިތާނާގެ އަވާގައި ޖެހިގެން ދާތީއެވެ. ބަނޑު ފުރާނަ މުއްތި ކޮށްލާނެ ކާއެތި ކޮޅެއް ނުލިބި ބަނޑުހައި ހޫނުކަމާއެކު ދުނިޔޭގެ އެކި ހިސާބުތަކުގައި އަޅުގަނޑުމެންގެ އަޚުންނާއި އުޚުތުން އުޅެމުންދާކަން ހަނދާންކޮށް ލިބޭ މިންވަރަށް ޝުކުރުކުރަން ދަންނަ ބައެއް ކަމުގައި އަޅުގަނޑުމެން ވާން ވެއްޖެއެވެ.
އަހަރެމެން އެންމެންނަކީ މުދަލުގެ ގޮތުންނާއި ފައިސާގެ ގޮތުން ހަމަ ހަމަ ބައެއްނޫނެވެ. މުދަލަކީ ﷲ ތަޢާލާގެ މިލްކެކެވެ. ﷲ ސުބްޙާނަހު ވަތަޢާލާ މުދާ ދެއްވާފައިވާ މުއްސަދިންގެ މައްޗަށް ވާޖިބު ވެގެންވަނީ ބޭނުންޖެހިފައިވާ ފަޤީރުންނާއި ނިކަމެތިންނަށް އެމުދަލުން ހޭދަ ކުރުމެވެ. ސަބަބަކީ އެމުދަލަކީ ﷲ ތަޢާލާ އެބައިމީހުންނާ ޙަވާލު ކުރައްވާފައިވާ އަމާނާތެކެވެ. އެމުދަލަށް ޝުކުރުވެރިވުމަކީ އެހެން ބައެއްގެ ހައްޤުތަކެއް އެ މުދަލުގައި ވާކަން ޤަބޫލު ކޮށް އެބައިމީހުނަށް އެ ހައްޤުތައް އަދާ ކުރުމެވެ. ﷲ ތަޢާލާ ވަޙީ ކުރެއްވިއެވެ. وَفِي أَمْوَالِهِمْ حَقٌّ لِّلسَّائِلِ وَالْمَحْرُومِ (الذاريات 19)
މާނަ :" ސަލާމް ޖަހާ މީހުންނާއި މުދަލުން މަޙްރޫމް ވެފައިވާ ނިކަމެތީންގެ ޙައްޤު ތަކެއް އެބައިމީހުންގެ މުދަލުގައި ވެއެވެ."
އެމުދާ ދެއްވި ފަރާތަށް ޝުކުރުވެރި ވުމަކީ އެމުދަލުން އިސްރާފް ނުކުރުމެވެ. ﷲ ގެ މަގުގައި އެއިލާހުގެ ދީން މަތިވެރިކުރުމަށް އެމުދާ ހޭދަކުރުމެވެ. ތަފާތު ލާދީނީ ހަރަކާތްތަކާއި މިއުޒިކު ޝޯވ ތައް ޕްރޮމޯޓް ކޮށް އެކަންކަމަށް މުދާ ހޭދަކުރުމަކީ ﷲ ތަޢާލާގެ ނިޢުމަތަށް ކުފުރުވެރިވުމެވެ.
ﷲ ތަޢާލާ ވަޙީ ކުރެއްވިއެވެ.
لَئِنْ شَكَرْتُمْ لَأَزِيدَنَّكُمْ وَلَئِنْ كَفَرْتُمْ إِنَّ عَذَابِي لَشَدِيدٌ (إبراهيم7)
މާނަ:" ތިޔަބައި މީހުން ޝުކުރު ކޮށްފިނަމަ ތިމަން އިލާހު ތިޔަބައިމީހުންނަށް އިތުރު ކޮށްދެއްވާހުށީމެވެ. އަދި ތިޔަބައި މީހުން (އެ ނިޢުމަތްތަކަށް) ކުފުރުވެރި ވެއްޖެނަމަ ދަންނާށެވެ! ތިމަންއިލާހުގެ ޢަޛާބު ގަދަފަދަ ވެގެންވާކަން ކަށަވަރެވެ."

ﷲ ސުބްޙާނަހޫ ވަތަޢާލާ އަހަރެމެންނަށް ތަފާތު ގިނަގުނަ ނިޢުމަތްތަކެއް ދެއްވާފައިވެއެވެ. އަހަރެމެން މަންމަގެ ބަނޑުން ދުނިޔެއަށް އުފަންވިއިރު ހަނދުމަކޮށްލާށެވެ. އެއްވެސް އާރެއްބާރެއް ނެތެވެ. އަމިއްލަ ބާރުގައި އެއްވެސް ކަމެއްނުކުރެވެއެވެ. ވާހަކައެއް ނުދެއްކެއެވެ. ބޭނުންވާ އެއްވެސް ކަމެއް ނުކުރެވެއެވެ. އެއިލާހު އަހަރެމެންނަށް ވާހަކަދެެއްކުމުގެ ބާރު ދެއްވިއެވެ. އަޑުއެހުމުގެ ބާރު ދެއްވިއެވެ. ވަސްބެލުމުގެ ބާރު ދެއްވިއެވެ. ތަންތަނަށް ހިނގާބިނގާ އުޅުމުގެ ބާރު ދެއްވިއެވެ. އަތުން ތަފާތު ހަރަކާތްތަށް ކުރުމުގެ ބާރު ދެއްވިއެވެ. ރީތި ސޫރާގައި އަހަރެމެން އުފެއްދެވިއެވެ. ފުރިަހަމަ ޞިއްޙަތެއް ދެއްވިއެވެ. އަދިވެސް އަހަރެމެން އެއާއިމެދު ޣާފިލްވެފައިވާ އެތައް އެތައް ނިޢުމަތްތަކެއްވެއެވެ. ﷲ ތަޢާލާ ވަޙީ ކުރެއްވިއެވެ. " وَاللَّهُ أَخْرَجَكُم مِّن بُطُونِ أُمَّهَاتِكُمْ لَا تَعْلَمُونَ شَيْئًا وَجَعَلَ لَكُمُ السَّمْعَ وَالْأَبْصَارَ وَالْأَفْئِدَةَ * لَعَلَّكُمْ تَشْكُرُونَ " ( النّخل78)
މާނަ : " ތިޔަބައިމީހުންނަށް އެއްވެސް އެއްޗެއް ނޭންގޭ ޙާލު ، ﷲ ތަޢާލާ ތިޔަބައިމީހުން ، ތިޔަބައިމީހުންގެ މަންމައިންގެ ބަނޑުތަކުން ނެރުއްވިއެވެ. އަދި ތިޔަބަިމީހުންނަށް އިވުމާއި ފެނުމާއި ވިސްނުމުގެ ބާރު ދެއްވިއެވެ. އެއީ ތިޔަބައިމީހުން ޝުކުރުވެރި ވުމަށްޓަކައެވެ."
މިއީ ބޮޑެތި ނިޢުމަތްތަކެކެވެ. މިނިޢުމަތްތަކުގެ ބޮޑުކަމާއި ﷲ ތަޢާލާގެ ރަޙްމަތުގެ ތަނަވަސްކަން އިޙްސާސް ކުރެވޭނީ މިތަނުން ނިޢުމަތެއް ފިލާ ދިޔުމުންނެވެ. ލޯފަންމީހަކަށް ފެނުމުގެ ނިޢުމަތުގެ ބޮޑުކަން އިޙްސާސް ކުރެވޭނެއެވެ. ބީރު މީހަކަށް އަޑުއިވުމުގެ ނިޢުމަތުގެ ބޮޑުކަން އިޙްސާސް ކުރެވޭނެއެވެ. މަންމަން މީހަކަށް ވާހަކަދެއްކުމުގެ ނިޢުމަތުގެ ބޮޑުކަން އިޙްސާސް ކުރެވޭނެއެވެ. ބަލިވުމުން ފުރިހަމަ ޞިއްޙަތެއްގެ ބޭނުންތެރިކަން އިޙްސާސް ކުރެވޭނެއެވެ. ނަމަވެސް މިނިޢުމަތްތަކާއި މެދު ގިނަބަޔަކު ވަނީ ޣާފިލުވެފައެވެ. މިނިޢުމަތްތަކުގެ ބޭނުންކޮށްގެން ﷲ ތަޢާލާއަށް އުރެދެނީ އެވެ. ބެލުން ޙަރާމް ތަންތަނަނަށް ބަލަނީ އެވެ. ޙަރާމްވެގެންވާ ލަވަޔާއި މިއުޒިކު އަޑުއަހަނީއެވެ. ދުލުން ހަޑިހުތުރު ބަސްތަށް ތިމާގެ އަޚާއަށް ރައްދުކުރަނީއެވެ. ޣީބަބުނެ ދެބައުޑުވަމުން ހިނގަނީއެވެ. ދެފައިގެ ބޭނުންކޮށްގެން ﷲ ޙަރާމް ކުރެއްވި ފާޙިޝް ކަންތައްކުރުމަށް ދަނީއެވެ. މިއީ ވަރަށް ނުރައްކާތެރި ކަމެކެވެ. މިއީ ނިޢުމަތަކަށް ޝުކުރުވެރިވުމުގެ ބަދަލުގައި ކުފުރުވެރިވުމެވެ. ނިޢުމަތްތައް ފިލާދިޔުމުގެ ސަބަބެކެވެ. އެހެންކަމުން މިނިޢުމަތްތަށް ގެއްލިގެން ނުދަނީސް އަވަހަށް ތަޢުބާވެ ރުޖޫޢަވުމަށް ގޮވާލަމެވެ. ﷲ ތަޢާލާގެ އަމުރުފުޅު އަންނާނީ ކޮން ވަޤުތެއްގައި ކަމެއް ނޭންގޭނެއެވެ. ﷲ ތަޢާލާ ވަޙީ ކުރެއްވި އެވެ. " قُلْ هُوَ الَّذِي أَنشَأَكُمْ وَجَعَلَ لَكُمُ السَّمْعَ وَالْأَبْصَارَ وَالْأَفْئِدَةَ قَلِيلًا مَّا تَشْكُرُونَ " (ملك 23 )
މާނަ : "ކަލޭގެފާނު ވިދާޅުވާށެވެ. ﷲ ތަޢާލާއީ ތިޔަބައިމީހުން އުފެއްދެވި އިލާހެވެ. އަދި އެއިލާހު ތިޔަބައިމީހުންނަށް އިވުމާއި ފެނުމާއި ވިސްނުމުގެ ބާރުދެއްވިއެވެ. ތިޔަބައިމީހުން ޝުކުރުވެރިވަނީ ވަރަށް މަދުންނެވެ. "

ﷲ ތަޢާލާ އަހަރެމެންނަށް މި ނިޢުމަތްތަށް ދެއްވާފައި މިވަނީ އަހަރެމެން އިންސާނުން ދުނިޔޭގެ ދިރިއުޅުން ވޭތު ކުރަމުންދާއިރު އެނިޢުމަތްތަކުން ހެޔޮގޮތުގައި ފައިދާ ލިބިގަތުމަށެވެ. ގަސް ގަހާގެހި އަހަރެމެންނަށްޓަކައި ބިމުން ފެޅުއްވިއެވެ. އޭގެ ޒަރިއްޔާއިން ގުނާ އަދަދު ނުކުރެވޭނޭހާ މޭވާ އާއި ކާނާގެ ބާވަތްތަށްލެއްވިއެވެ. ދަތުރުފަތުރު ކުރުމަށްޓަކައި ކަނޑުގައާއި އެއްގަމުގައި ދުއްވާނޭ އުޅަނދުތައް ތައްޔާރުކުރެވޭނޭ ވަސީލަތްތަށްލެއްވިއެވެ. އަހަރެމެންނަށްޓަކައި އުޑުން ވާރޭފެން ވެއްސެވިއެވެ. އަހަރެމެން އޭގޭން ފައިދާހޯދައި ކައިބޮއި ހެދުމަށްޓަކައި ކަނޑާއި އެއްގަމުގައި ތަފާތު ޖަނަވާރުތައްލެއްވިއެވެ. ރޭދުވާ ތަފާތު ވާނޭގޮތުގައި ލެއްވިއެވެ. ރޭގަނޑު އެއީ އަހަރެމެން ނަށްޓަކައި ނިވަލެއްކަމުގައި ލެއްވިއެވެ. ނިދި އެއީ އަރާމު ލިއްބައިދޭ އެއްޗެއް ކަމުގައި ލެއްވިއެވެ. ދުވާލު އެއީ ތަފާތު މަސައްކަތްތައްކޮށް ހިތްހަމަޖެހުން ހޯދޭ ފަދަ ވަޤުތެއް ކަމުގައިލެއްވިއެވެ. އަހަރެމެންނަށްޓަކައި އަނބިން ނާއި ފިރީން ލެއްވިއެވެ. އެއިލާހުގެ ރަޙްމަތް ފުޅުން އަހަރެމެންގެ ލޮލުގެ ފިނިކަންކަމުގައި އަހަރެމެންގެ ދަރިން ލެއްވިއެވެ. އަހަރެމެންނަށް ޓަކައި މައިންބަފައިންގެ ހިތުގައި ރަޙުމާއި އޯގާތެރިކަން އެއިލާހު ލެއްވިއެވެ. ﷲ ތަޢާލާ ވަޙީ ކުރެއްވިއެވެ. " وَوَصَّيْنَا الْإِنسَانَ بِوَالِدَيْهِ حَمَلَتْهُ أُمُّهُ وَهْنًا عَلَىٰ وَهْنٍ وَفِصَالُهُ فِي عَامَيْنِ أَنِ اشْكُرْ لِي وَلِوَالِدَيْكَ إِلَيَّ الْمَصِيرُ " (لقمان14 )
މާނަ : " އިންސާނާއަށް އޭނާގެ މައިންބަފައިންނަށް (ހެޔޮކޮށް ހިތުމަށް) ތިމަން ރަސްކަލާންގެ ވަޞިއްޔަތް ކުރެއްވީމެވެ. އޭނާގެ މައިމީހާ ބަލި ނިކަމެތިކަމުގެ މައްޗައް ބަލި ނިކަމެތިކަމާއި އެކު މާ ބަނޑުގައި އޭނާ އުފުލިއެވެ. އަދި އޭނާގެ ކިރުތުނބުން ވީއްލުން ވަނީ ދެއަހަރުގައެވެ. (ތިމަންރަސްކަލާންގެ އަމުރު ކުރެއްވީމެވެ. ) ތިމަންރަސްކަލާންގެ އަށާއި ތިބާގެ މައިންބަފައިންނަަށް ޝުކުރުކުރާށެވެ. އެނބުރި ރުޖޫއަވުންވަނީ ހަމަ ތިމަންރަސްކަލާންގެ ހަޟްރަތަށެވެ. "
ނަމަވެސް މި ނިޢުމަތްތަކާ މެދު ޣާފިލްވެ ﷲ ސުބްޙާނަހޫ ވަތަޢާލާގެ ބިމުގައި އެއިލާހުގެ އުޑުގެ ހިޔާވަހިކަމުގެ ދަށުގައި އެއިލާހު ދެއްވި ރިޒްޤު ކައިގެން އެއިލާހަށް އުރެދެނީ ކިތައް ކިތައް އަޅުންތޯއެވެ. ދަރިން ތަރުބިއްޔަތުކުރުމުގައި ފަރުވާ ކުޑަކުރަނީ ކިތައްމީހުންތޯއެވެ. މައިންބަފައިންނަށް އިހާނެތިކޮށް ހިތަނީ ކިތައް މީހުންތޯއެވެ.
މި ހުރިހާ ނިޢުމަތްތަކަށްވުރެ ބޮޑު ނިޢުމަތެއް ﷲ ތަޢާލާގެ އޯގާވަންތަކަމުން އަހަރެމެންނަށް ދެއްވާފައި ވެއެވެ. އެއީ ހިދާޔަތުގެ ނިޢުމަތެވެ. އިސްލާމްދީނުގެ ނިޢުމަތެވެ. އީމާން ކަމުގެ ނިޢުމަތެވެ. ގިނަ ބަޔަކަށް މި ނިޢުމަތުގެ މަތިވެރިކަން އިޙްސާސް ނުކުރެވޭ ކަހަލައެވެ. އެހެން ކަމުން އެބައިމީހުން ﷲ ހަރާމްކުރެއްވި ކަންތައް ތަކަށް ޖެހިލުމެއްނެތި އަރައި ގަންނަމުންދަނީ އެވެ. ކުރަން އަމުރުކުރެއްވި ކަނަތައްތައް ފާޅުގައި ދޫކުރަމުން ދަނީ އެވެ. ﷲ ތަޢާލާ ދެއްވި މި ބޮޑު ނިޢުމަތަށް ޝުކުރުކުރުމަކީ އެއިލާހުގެ އަމުރުފުޅުތަކަށް ކިޔަމަންތެރި ވެ ނަހީތަކުން ދުރުވުމެވެ. ފާފަ އަކަށް އަރައިގަނެވިދާނެ ކަމަށްޓަކައި ބިރުވެތިވެ އަބަދާއި އަބަދު ނަފްސު ތޯހިރު ކުރުމަށް މަސައްކަތް ކުރުމެވެ. އިސްތިޣްފާރުކުރުން ގިނަކުރުމެވެ. ފާފަ ފުއްސެވުން އެދި ގިނަގިނައިން ދެންނެވުމެވެ އަހަރެމެންނަކީ ފާފަ އިން ތަތްތެޅިފަިވާ ބަޔެކެވެ. ފާފަތަކުގެމަތީގައި ދެމިހުރުމަކީ އީމާންކަން ބަލިކަށިކޮށްލާ ކަމެކެވެ. އެހެން ކަމުން އީމާން ކަމުގެ ނިޢުމަތުގެ މަތީގައި ދެމިހުރުމަށްޓަކައި ނަފްސު ތޯހިރު ކުރަންޖެހެއެވެ. ﷲ ތަޢާލާ ވަހީ ކުރެއްވިއެވެ.
" قَدْ أَفْلَحَ مَن زَكَّاهَا " (الشّمس 9 )
މާނަ : " އެ ނަފްސު ފާފައިން ތޯހިރު ކުރާ މީހާ ކާމިޔާބުވެއްޖެކަން ކަށަވަރެވެ. "
އަހަރެމެންގެ މާތްނަބިއްޔާ މިކަމުގައިވެސް ފުރިަހަމަ ނަމޫނާ އުއްމަތަށް ދައްކަވާދެއްވާފައި ވެއެވެ. އެކަލޭގެފާނަކީ ﷲ ތަޢާލާގެ ރަޙްމަތްފުޅުން ހުރިހާ ފާފައެއް ފުއްސަވާފައިވާ ކަލޭގެފާނެކެވެ. ނަމަވެސް އެކަލޭގެފާނު ދުވާލަކު 70 އަށް ވުރެ ގިނަފަހަރު އިސްތިޣްފާރު ކުރައްވާކަމުގައި ވެއެވެ.
ދުޢާ އަކީ ﷲ ތަޢާލާ އަށް ޝުކުރުވެރިވުން ހައްޤުގޮތުގައި ޝުކުރުވެރިވާ ބަޔެއް ކަމުގައި ﷲ ތަޢާލާ އަހަރެމެން ލެއްވުމެވެ.

Read more...

11 February 2011

ސަލާމާއި ޞަލަވާތްލެއްވި ނަބީކަލޭގެފާނަށް ލޯބިކުރުމާއި އަދި އެކަލޭގެފާނުގެ އުފަންދުވަހުގެ ޛިކުރާގެ ބިދުޢަ

މުޙައްމަދު އިބްރާހިމް ރަޙިމަހުﷲ
ތިރީގައި މިލިޔަނީ މިޞްރުގެ ޤާހިރާގައި އޮންނަ ޖަމާޢަތު އަންޞާރުއްސުންނާ އަލްމުޙައްމަދިއްޔާގެ ފަރާތުން ނެރެ މުޅިދުނިޔެއަށް ފަތުރާ މަޖައްލާ، އައްތައުޙީދުގެ 1402 ވަނަ އަހަރުގެ ރަބީޢުލްއައްވަލުމަހުގެ ޢަދަދުގައި އެޖަމާޢަތުގެ ރައީސް މިޞްރުގެ ބޮޑު ދަންނަބޭކަލަކު ކަމުގައިވާ ފަޟީލަތުއްޝައިޚް މުޙައްމަދު ޢަލީ ޢަބްދުއްރަޙީމް ލިޔުއްވާފައިވާ މަޤާލާއެއްގެ ދިވެހި ތަރުޖަމާއެވެ. ސުރުޚީއަކީ "مَحَبَّةُ النَِّبيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ وَبِدْعَةُ الْمَوْلِدِ" (ސަލާމާއި ޞަލަވާތްލެއްވި ނަބީކަލޭގެފާނަށް ލޯބިކުރުމާއި އަދި އެކަލޭގެފާނުގެ އުފަންދުވަހުގެ ޛިކުރާގެ ބިދުޢަ) މިއެވެ.
ފަހެ ފަޟީލަތުއްޝައިޚް ބަޔާންކުރައްވާގޮތުގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އުފަންދުވަހުގެ ޛިކްރާ އާކުރުމުގެ އިޙްތިފާލްތަކަކީ ދީނީގޮތުން ބިރުވެރި ނުރައްކާތެރި މުންކަރާތެއްކަމާއި ޝަރީޢަތުގައިވާ އެފަދަ އިޙްތިފާލްތަކުގެ ޙުކުމާއި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ލޯބިކުރަންވީގޮތާއި ލޯތްބޭކިޔައިގެން ބައެއްމީހުން ކުރާ ތަފާތުކަންތައްތަކާއިމެދު ޝަރީޢަތުގައި ކަނޑައެޅޭ ޙުކުމާއި އެކަމުގެ އެންމެހާ ތަފްޞީލް، ދަލީލާއި ޙުއްޖަތާއި ބުރުހާނުން ވަރަށް ފުރިހަމަކޮށް ބަޔާންކުރައްވާ ލިޔުއްވާފައިވެއެވެ.
އާދެ، މިގޮތުން ހުރި މިނޫންވެސް އޮޅުން ފިލުވަން ބޭނުންވާ ގިނަ މައްސަލާ ހުރުމާއެކު ދިވެހި މުސްލިމުންގެ ފައިދާއަށް މި މަޟްމޫނު ތަރުޖަމާކޮށްލީއެވެ. وَبِا للهِ التَّوفِيْق
މުޙައްމަދު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް އީމާންވުމަކީ، ކަނޑައެޅިގެން ހުރި ވާޖިބަކަށް ވީހިނދު، އެކަމަކީ އިސްލާމްދީނުގެ ރުކުންތަކުގެ ތެރޭގައި ހިމެނޭ މުހިއްމު އެއް އަޞްލެވެ. އަދި އެއީ އީމާންކަމުގެ ބިންގާކަމުގައި ވުމުން ވާޖިބުވަނީ މުޙައްމަދު ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ރަސޫލުކަމަށް ހެކިވުމެވެ. އާދެ އެ ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަ ގެންނެވި ކަންކަމާއި ވިދާޅުވި ވިދާޅުވުންތައް ތެދުކޮށް ތަޞްދީޤުކުރުމެވެ. އަދި އެމާތް ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުން ވާރިދުވި ކޮންމެ ކަމަކާއި ބަސްފުޅެއް އެއީ، ނަމޫނާކަމުގައި ބަލައި ތިމާގެ ޢަމަލުތައް އެއަށްފައްތައި އެއްގޮތްކުރުމެވެ.
އަދި އެންމެ ވާޖިބުކަންބޮޑު ކިޔަމަންތެރިކަމަކީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މަޙައްބަތެވެ. އެކަލޭގެފާނުގެ ލޯތްބެވެ. އަދި އެއީ ޢަމަލުކުރާ މީހުންނާއި ހެޔޮކަމުގައި ކުރިއަރައިދާމީހުން ދާންވީ މަތިވެރި ދަރަޖައެވެ. عَن أنس بن مالك قال: قاَلَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ لاَيُؤْمِنُ أَحَدُكُمْ حَتَّى أَكُوْنَ أَحَبَّ إِلَيْهِ مِنْ وَالِدِهِ وَوَلِدِهِ وَالنَّاسِ أَجْمَعِيْنَ (رواه البخاري ومسلم) މިޙަދީޘްގައި ބަޔާންކުރައްވާފައިވަނީ އަޅަކު މުއުމިނަކަށްވާނީ އެއަޅާގެ ހިތުގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ލޯބި އޭނާގެ ބައްޕައާއި ދަރީންނާއި އެނޫން އެންމެހައި މީސްތަކުންގެ ލޯބީގެ މަތީގައި ބެހެއްޓުމުންނެވެ. މިނޫންގޮތެއްގައިނަމަ އީމާންކަން ނަފީކުރައްވާފައިވެއެވެ.
މާތްވެގެންވާ މުސްލިމުންނޭވެ! އީމާންކަން ޞައްޙަވުމުގެ ޝަރުޠަކީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް މިދެންނެވި ދަރަޖާގައި ލޯބި ބެހެއްޓުންކަން ކޮންމެ މުސްލިމަކުވެސް ދަންނަންވާނެއެވެ. އެހެނީ ބައެއް ރިވާޔަތުގައި އައިސްފައިވަނީ لاَ يُؤْمِنُ أَحَدُكُمْ حَتَّى أَكُوْنَ أَحَبَّ إِلَيْهِ مِنْ وَالِدِهِ وَوَلِدِهِ وَالنَّاسِ أَجْمَعِيْنَ وفِى رِوَايَة, وَمِنْ نَفْسِهِ الَّتِي بَيْنَ جَنْبَيْهِ, ފަހެ އަޅާގެ ހިތުގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ބަހައްޓައިގެންނޫނީ އީމާންކަން ފުރިހަމަ ފުރިހަމަ ނުވާނެކަމުގައި ޙަދީޘްގައި ބަޔާންކަރައްވާއިރު އެނގެނީ މީހާގެ މަންމައާއި ބައްޕައާއި ދަރިންނާއި އެންމެހައި މީސްތަކުންނަށް ވުރެ ތިމާގެ ހިތުގައި ﷲގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ލޯބިބޮޑުވެ އެލޯބި ޢިއްޒަތްތެރިވެ މަތިވެރިވާންޖެހޭނެކަމެވެ. މި އުޞޫލް އިންސާނެއްގައި ސާބިތުވެ ތަޙްޤީޤްވެގެން މެނުވީ އޭނާ ފުރިހަމަ މުއުމިނަކަށް ނުވާނެކަން ކަނޑައެޅެއެވެ.
ޢަބްދުﷲ ބުން ހާޝިމްގެ އަރިހުން ރިވާވިއެވެ. ޢުމަރު ބުން އަލްޚައްޠާބް ދެންނެވިއެވެ. އޭ ﷲގެ ރަސޫލާއެވެ. ތިމަންގެ ނަފްސު ފިޔަވައި އެނޫން ހުރިހާ އެއްޗަކަށްވުރެ ތިމަންނާ ކަލޭގެފާނަށް ލޯބި ކުރަމެވެ. އެހެން ދެންނެވުމުން ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. ނޫނެކެވެ. ތިމަންކަލޭގެފާނުގެ ނަފްސު އެކަލާނގެ ޙަޟްރަތުގައިވާ ކަލާނގެ ގަންދީ ހުވާކުރަމެވެ. ކަލޭގެފާނުގެ އަމިއްލަ ނަފްސަށްވުރެ ބޮޑަށް ތިމަންކަލޭގެފާނަށް ލޯބި ކޮށްފުމަށް ދާންދެންނެވެ. ދެން ޢުމަރުގެފާނު ދެންނެވިއެވެ. އާދެ، މިހާރު އަޅުގަނޑުގެ އަމިއްލަ ނަފްސަށް ވުރެ ކަލޭގެފާނަށް ލޯބި ބޮޑެވެ. ފަހެ ޙަދީޘްކުރެއްވިއެވެ. އޭ ޢުމަރެވެ! މިހާރު ފުރިހަމަވެއްޖެއެވެ.
ހަމަކަށަވަރުން އިންސާނާއަކީ އިޙްސާންތެރިކަމުގެ އަސީރެވެ. އިޙްސާންތެރިވެފައިވާ ފަރާތަށް ލޯބިކުރުމާއި އެފަރާތަށް މެދުވެރިވާ ހަލާކުތަކުން ސަލާމަތްކުރުމީ އިންސާނާގެ ފިޠުރަތުގެ ހަރުދަނާ ޤަވާޢިދެއްކަމަށްވާއިރު މިމާތް ނަބިއްޔާއާމެދު ލޯބިކުރެވެންވާނެ މިންވަރު ވަޒަންކުރެވޭނެއެވެ. އެހެނީ އެކަލޭގެފާނަކީ ﷲ ރުއްސަވާ ތެދުމަގައިގެން ވަޑައިގެންވާ، ޙިކްމަތާއި ފޮތް އުނގަންނައިދެއްވި އަދި، މީސްތަކުންނަށް ސަލާމަތާއި ސީދާވެގެންވާ ތެދުމަގުދެއްކެވި ރަސޫލުކަމަށްވުމުން، މަތިވެރި ﷲ ފިޔަވައި އެންމެ ޢިއްޒަތްތެރި ހަޤީޤީ ތެދުވެރި އިޚްލާޞްތެރި ލޯތްބެއް މުސްލިމެއްގެ ހިތުގައި އޮންނަވާނީ މިމާތް ނަބިއްޔާއާ މެދުގައެވެ. އަދި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ލޯތްބަށް ޘަވާބާއި ދެއްވާނެކަން އަންގަވާފައިވާ ލޯބީގެ ޢަލާމާތްތަކަކާއި ދަލީލުތަކެއްވެއެވެ. އޭގެ ތެރެއިން ތިރީގައިމިވަނީ ބައެއް ދަލީލުތަކެވެ.
1- އެނަބިއްޔާގެ ސުންނަތާއި އެއްގޮތަށް ޢަމަލުކުރުމާއި އެނޫންގޮތްތައް ދޫކުރުމާއި އަދި އެކަލޭގެފާނުން އުޅުއްވި ގޮތްތަކާއި ސުންނަތްތައް ބަލައި، ހޯދައި، ތަޙްޤީޤުކުރުމާއި މާތްﷲ ގެ ޙަޟްރަތުން އެކަލޭގެފާނު ގެންނެވިހައި ކަންތަކަށް ޢަމަލުކުރުން.
2- ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ބަސްފުޅު އެހުމާއި އެއަށް ޢަމަލުކުރުމާއި އެކަލޭގެފާނު ކުރައްވާ ޙުކުމަށް ރުހި ޤަބޫލުވުން. ﷲ ތަބާރަކަ ވަތަޢާލާ ވަޙީކުރެއްވިއެވެ. فَلاَ وَرَبِّكَ لاَ يُؤْمِنُونَ حَتَّى يُحَكِّمُوكَ فِيمَا شَجَرَ بَيْنَهُمْ ثُمَّ لاَ يَجِدُوا فِي أَنْفُسِهِمْ حَرَجًا مِمَّا قَضَيْتَ وَيُسَلِّمُوا تَسْلِيمًا (النساء 65) "ކަލޭގެފާނު ހައްދަވާބޮޑުކުރެއްވި ރައްބުގެ ރުބޫބިއްޔަތު ގަންދެއްވާ ހުވާކުރައްވާ ވަޙީކުރައްވައެވެ. އެބައިމީހުން އަރައިރުންވެ، ދެކޮޅުވެރިވާ މައްސަލަތަކުގައި، ކަލޭގެފާނު ޙާކިމަކަށް (ޙުކުމްކުރާ މީހަކު ކަމުގައި) ކަލޭގެފާނު ކުރެއްވި ޙުކުމާ މެދު އެބައިމީހުންގެ ހިތުގައި އެއްވެސް ހިތްހަމަނުޖެހުމެއް ނެތިއްޖައުމަށް ދާންދެން ކަނޑައެޅިގެން އެބައިމީހުންނީ އީމާންވ ބަޔަކުކަމުގައި ނުވެއެވެ."
3- ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ މާތްވެގެންވާ އިސްލާމްދީނާއި ފުރިހަމަ ޝަރީޢަތް ހުރިހާ ޚަލްޤުތަކުންގެ މެދުގައި ފަތުރައި ޢާއްމުކުރުމާއި ތައުޙީދުގެ ދިދަ މަތިވެރިކުރުމާއި އަދި ޞާލިޙުންނަށް މާތްކޮށްހިތުމުގެ ސޫރައިގައި، ކުރެވޭ ކަމަކަށްވިޔަސް އަދި ﷲއަށް ވެވޭ ތަޤައްރުބެއްކަމަށް ހީކޮށްގެން ކުރިއަސް ވަޘަނިއްޔާއާއި ޚުރާފާތުގެ ކިއްލާތައް ބިނާކޮށް އާލާކޮށް މަރާމާތުކޮށްހެދުމަކީ ﷲ އާއި ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަ ހުއްދަ ކުރައްވާފައިނުވާ ކަންތައްތައްކަމުގައިވާތީ އެކަންކަން ބާޠިލުކޮށް ތިމާގެ އަމިއްލަ ނަފްސާއި މީސްތަކުންގެ ނަފްސުތައް ސަލާމަތްކުރުމަށް މަސައްކަތްކުރުން.
4- އަމްރު މަޢްރޫފް: އެބަހީ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަންގަވައި އަމުރުކުރެއްވި ކަންތައްތަކަށް ދަޢުވަތުދީ ގޮވައި އަމުރުކުރުމާއި މުންކަރާތްތައް މަނާކޮށް ނަހީކުރެއްވި އެންމެހައި ފާފަތަކުން ދުރުވެ އެއްފަރާތްވުމަށް ގޮވައި ދަޢުވަތު ދިނުން. އަދި ﷲ އާއި އެކަލާނގެ ފޮތާއި އެކަލާނގެ ރަސޫލާ (ޞައްލަﷲ ޢަލައިހި ވަސައްލަމަ)އާއި އިސްލާމުންގެ އިމާމުންނާއި ޢާއްމު އެންމެހާ މީސްތަކުންނަށް ނަޞީޙަތްތެރިވެ އިޚްލާޞްތެރިވުން. (ފަހެ މާތް ﷲ އަށް ނަޞީޙަތްތެރިވެ އިޚްލާޞްތެރިވުމޭ ބުނެވޭ ބަހީ ﷲއެންގެވި އަމުރުފުޅުތަކަށް ކިޔަމަންތެރިވެ ނަހީކުރެއްވި އެންމެހާ ކަންތަކުން ދުރުވެގަތުމާއި އެކަލާނގެ ޛާތުފުޅާއި ސިފަފުޅުތަކުން އަދި އެކަލާނގެއަށް ކުރެވޭ އެންމެހައި އަޅުކަންތަކުގައި ޝިރުކުގެ ގޮތްތައް ނަފީކޮށް ދުރުކުރުމެވެ. ފަހެ އެކަލާނގެއަށް ސިފައާއި ނަން ކަނޑައެޅުއްވުމުގައި އަހުލުއްސުންނާ ވަލްޖަމާޢަތުގެ އުޞޫލާއި އެއްގޮތްވާގޮތުގެ މަތީން މަޝްހޫރު ހަތަރު އިމާމުން މިބާބުގައި ކަނޑައަޅުއްވާފައިވާ އުޞޫލަށް ޢަމަލުކުރުމެވެ. އަދި ފަލްސަފާއާއި މުތަކައްލިމުންގެ އުޞޫލުތަކުން ދުރުވެ އެއްފަރާތްވުމެވެ. މިދެންނެވުނީ މިބާބުގައި ދެންނެވޭނެ އެންމެ ކުރު އިޖްމާލީގޮތެވެ. ﷲގެ ފޮތަށް އިޚްލާޞްތެރިވެ ނަޞީޙަތްތެރިވުމޭ ބުނެވޭ ބަހީ އެފޮތުގައި އަންގަވާފައިވާ ގޮތަށް ޢަމަލުކުރުމާއި އެފޮތުގައި މަނާކޮށް ނަހީކުރެއްވިކަންތަކުން ދުރުވެ އެއްފަރާތްވުމާއި އެފޮތާއި ޚިލާފު އެންމެހައި އުޞޫލުތަކާއި ރޭވުންތަކުން ދުރުވެ އެއްފަރާތްވުމެވެ. އެކަލާނގެ ރަސޫލާއަށް އިޚްލާޞްތެރިވެ ނަޞީޙަތްތެރިވުމޭ ބުނެވޭ ބަހީ އެރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ ގެންނެވި އެންމެކީރިތި ހެޔޮކަންބޮޑު ފުރިހަމަ ނަމޫނާއަށް ތިމާގެ ޢަމަލުތައް ފައްތައި އެއްގޮތްކޮށް، އެކަލޭގެފާނާ ތަބަޢަވުމެވެ. އަދި އެކަލޭގެފާނު މަނާކޮށް ނަހީކުރެއްވި އެންމެހައި ކަންތައްތަކުން ދުރުވެ އެއްފަރާތްވުމެވެ. އިސްލާމުންގެ އިމާމުންނަށް ނުވަތަ ވެރިންނަށް އިޚްލާޞްތެރިވެ ނަޞީޙަތްތެރިވުމޭ ބުނެވޭ ބަހީ މާތް ﷲއާއި ރަސޫލާ (ޞައްލަﷲ ޢަލައިހި ވަސައްލަމަ) އަށް ކިޔަމަންތެރިވާ ޙާލު، ވެރިންނަށް އިޚްލާޞްތެރިވުމެވެ. ފަހެ އެޝަރުޠު ފާއިތުވާ ހިނދުގައި އެވެރިންނަށް އިރުޝާދުދީ ﷲ އާއި ރަސޫލާ (ޞައްލަﷲ ޢަލައިހި ވަސައްލަމަ) އަންގަވާގޮތް ކިޔަމަންތެރިކަމާއެކު ބަޔާންކޮށްދީ ސާފުކޮށްދިނުމެވެ. ޢާއްމުންނަށް އިޚްލާޞްތެރިވެ ނަޞީޙަތްތެރިވުމޭ ބުނެވޭ ބަހީ ދީނާއި ދުނިޔޭގެ އެންމެހާ ކަންތައްތަކުގައި ﷲއާ ރަސޫލާ (ޞައްލަﷲ ޢަލައިހި ވަސައްލަމަ) ދައްކަވައި އެންގެވިގޮތް އަންގައިދީ މަނާކޮށް ނަހީކުރެއްވި ކަންތައްތަކުން ދުރުވެ އެއްފަރާތްވުމަށް ގޮވައި އެކަމުގައި ބޭނުންވާ މަދަދާއި އެހީއާއި ވާގިދީ އުޅުމެވެ.
5- މަތިވެރި މާތް އަޚްލާޤުން ޒީނަތްތެރިވުމާއި އެކަން ނަފީކުރާ އެންމެހައި ކަންތައްތަކުން ދުރުވެ އެއްފަރާތްވުމެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވަނީ بُعِثْتُ لأُِتَمِّمَ مَكَارِمَ الأَخْلاَقِ "ތިމަންކަލޭގެފާނު ފޮނުއްވެވުނީ މަތިވެރި މާތް އަޚްލާޤް ފުރިހަމަ ކުރެއްވުމަށެވެ. އަދި އިސްލާމްދީނާ ޝަރީޢަތާ ޚިލާފު އެންމެހައި ހަޑިމުޑުދާރު ފާޙިޝްކަންތައްތަކުންނާއި ދީނުގެ ޢަދާވާތްތެރިންގެ އެންމެހައި ދަންތުރަތަކާއި ޖަހާ ކެހިވެރިކަމުގެ މަޅިތަކުންނާއި މިހުރިހައި ކަންތަކުން ސަލާމަތްވެ ދުރުވެގަތުން.
6- ވަޟަޢީ ޤާނޫނުތަކަށް ޢަމަލުކުރުން ދޫކުރުމާއި ކީރިތި ޤުރުއާނާއި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ މާތް ނަބިއްޔާގެ ސުންނަތަކީ ޝަރީޢަތުގެ އަޞްލުކަމާއި ޝަރުޢުކުރައްވާ ފަރާތަކީ ހަމައެކަނި އެއްކައުވަންތަ ﷲ ކަމާއި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައަކީ ﷲ ގެ ޙަޟްރަތުން އެ ޝަރީޢަތް އިއްވަވާދެއްވާ ފަރާތްކަމާއި ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ﷲ ގެ އިޛްނައާ ނުލައި ޝަރުޢުކުރުމުގެ ހުއްދަ ދެއްވާފައިނުވާއިރު ﷲގެ ފޮތާއި ޚިލާފަށް މީސްތަކުންނާމެދު އަމިއްލަ އަމިއްލައަށް ޝަރުޢުކުރުމުގައި ﷲއާއި އެއްފަދަވެވޭނީ ކޮންފަދައަކުން ހެއްޔެވެ؟ ކީރިތި ޤުރުއާނުގައި ﷲ ވަޙީކުރައްވާފައިވަނީ أَمْ لَهُمْ شُرَكَاءُ شَرَعُوا لَهُمْ مِنَ الدِّينِ مَا لَمْ يَأْذَنْ بِهِ اللَّهُ ( الشورى 21) "ﷲގެ އިޛްނަ ދެއްވާފައިނުވާ ކަންތައްތައް ދީނުގައި ޝަރުޢުކުރުމުގައި އެބައިމީހުންނަށް ޝަރުޢުކޮށްދިން ބައިވެރިންތަކެއް ވަނީ ހެއްޔެވެ؟ ފަހެ އެފަދަބަޔަކު ނުތިބޭނެއެވެ.
7- ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް އިޙްތިރާމާއި ޤަދަރުކުރުން: މާތް ޞަޙާބީން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ކުރެއްވި ޤަދަރާއި އިޙްތިރާމްވަނީ އޭގެ އެންމެ މަތީ ދަރަޖައިގައެވެ. މިހެނީ މިމަތިވެރި ބޭކަލުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ބަސްފުޅުގެ ކުރިމަތީގައި އަޑުއުފުލައި ނޭދެވޭ ގޮތަށް ވާހަކަ ނުދެއްކެވުމާއި އެކަލޭގެފާނުގެ ކުރިފުޅުމަތީގައި މަޑުމައިތިރިކަމާއި ހިމޭންކަމާއި ކިޔަމަންތެރިކަމާއި އެކު ތިއްބަވަނީ އެކަލޭގެފާނުގެ ކީރިތިކަން ވަޒަންކުރެވޭފަދަ ފުރިހަމަ މިންވަރެއްގައެވެ. ވީމާ އެކަލޭގެފާނަށް ކުރެވޭ ލޯތްބާއި ޤަދަރާއި އިޙްތިރާމް އޮންނަންވާނީ އެނަބިއްޔާގެ ޞަޙާބީން ކުރެއްވި ލޯބީގެ އުޞޫލުން ކަމުގައިވުން ހިމެނޭ ގޮތުގައެވެ.
8- މަތިވެރި ޝަރީޢަތުގައި ވާރިދުވެފައިވާ ތަންތާނގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ސަލާމް ދެންނެވުމާއި އެރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ޞަލަވާތްކިޔެވުން. ޚާއްޞަކޮށް އައްތަޙިއްޔާތުގައްޔާއި ބަންގީގެ ފަހުގައި، މިސްކިތަށްވަދެ ނުކުމެވާހިނދުގައްޔާއި ކަށުނަމާދުގައި ހުކުރު ޚުޠުބާގައްޔާއި ދެ ޢީދުގެ ޚުޠުބާގައި އަދި އެކަލޭގެފާނުގެ ނަންފުޅުގަނެވޭ ކޮންމެ ހިނދެއްގައްޔާއި މިނޫންވެސް މިފަދަ ތަންތާނގައެވެ.
ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ލޯބިކުރަންވީ ޝަރީޢަތުގައި މަޝްޜޫޢުވެގެންވާ ގޮތުގެ މަތީންނެވެ. أرباب الطرق ނުވަތަ ޞޫފީން ފަދަ މީހުން ލޯބިކުރާ ގޮތަށް މަނާވެގެންވާ މުންކަރާތްތަކާއި ބިދުޢަތަކަކުންނޫނެވެ. އަދި ލަވަކިޔާ ޤައްވާލު އަންހެނުންނާއި ފިރިހެނުންނާއި މަދަޙަކިޔާ މީހުންނާއި ރާގުތައް ފައުޅުކުރާ މީހުންނާއި ނެށުންތެރިންގެ އުޞޫލުތަކަކުންނޫނެވެ. ކަނޑައެޅިގެން އެބާވަތުން ކުރެވޭ ލޯބީގެ ސޫރަތަކަކީ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމައާ މެދުގައި ކުރެވޭ ލޯބީގެ ބާޠިލު ގޮތްތަކެކެވެ. ފަހެ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް އެގޮތުން ކުރެވޭ ލޯތްބަކީ އެކުރާ ބައެއްގެ ފަރާތުން ޤަބޫލުކުރެވިގެންވާ ލޯތްބެއް ނޫނެވެ. އަދި އެރަސޫލާ ޞައްލަﷲ އަލައިހި ވަސައްލަމައަށް ކުރާ ލޯބީގެ ދަރުމައާއި ޘަވާބުގެ ތެރެއިން ކުޑަވެސް ޙިއްޞާއެއް ނަޞީބެއް ލިބެނިވި ލޯތްބެއް ނޫނެވެ.

بِدْعَةُ مَوْلِد النَِّبيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ
މާތްވެގެންވާ މުސްލިމުންނޭވެ! ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ކުރެވެންވާނެ ޙަޤީޤީ ލޯބި ތަޙްޤީޤްވަނީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ކުރާ ލޯބީގެ ދޮގުވެރި ސޫރަތަކާއި ބިދުޢަވެރިންނާއި ޞޫފީންނާއި ޝީޢީންފަދަ މީހުން އެކަލޭގެފާނުގެ އުފަންދުވަހުގެ ޛިކްރާއާކުރުމުގެ މުނާސަބަތުތަކުގައި ހަދަމުންދާ ދޮގުވެރި ތަފާތު މުޡާހަރާތަކެއް ނޫނެވެ. ޤާހިރާގެ މަގުމަތީގައި މިފަދަމީހުން އުފައްދައިގެން އުޅޭ ދޮގުވެރި ޚުރާފާތްތެރި موكب ތަކެއްގައެއް ނޫނެވެ. ކޮންމެ މަގެއްގައި ބެރާއި ތާރަޖަހަމުން ކަނާތް ވާތްފަރާތަށް ލެނބިގުދުވަމުން މުންކަރު ލަފްޡުތައް ގޮވައި އަޅުވާ ރާގުތަކެއްގައެއް ނޫނެވެ. އަދި އެމީހުން ދަޢުވާކުރަނީ އެބައިމީހުން ﷲ ހަނދުމަކޮށް ނުވަތަ ހަނދުމަކުރުމަށް ބެރާއި ތާރަޖަހައި ޅެންކިޔަނީ ކަމުގައެވެ. މިފަދަ ކަންކަމަކީ އިސްލާމްދީނުގައި ޖުއްބާގައިވާ ދޮގުވެރި މުޡާހަރާތަކެވެ. އަދި އެއީ ދީނުގެ މާތް ޝިޢާރުތައް މުޑުދާރުކޮށް މަތިވެރި މާތް އިސްލާމްދީނުގެ ޖަލާލަތާކުޅެ ދީނުގެ ކީރިތިކަން ސުންނާފަތިކުރާ ދޮގުވެރި މަންޒަރުގަނޑެކެވެ.
ހަވީރުގެ ވަގުތުތަކުގައި ޒީނަތްތެރިކޮށްފައިވާ ޓެންޓުގެތަކާއި ފޭލިގެތަކުގައި އަންހެނުންނާއި ފިރިހެނުން ގައިގޯޅިވެ އެކުވެ އުޅެތެވެ. އަދި ދީނުގެ ބައެއް ދަންނަބޭކަލުންނާއި ޝައިޚުން އެތަނަށް ޙާޟިރުވެ މިނުރައްކާތެރި މުޑުދާރު ޢަމަލުތަކުގައި ބައިވެރިވެއެވެ. އެ ޢަމަލުތަކަކީ ﷲ ރުއްސުންލެއްވި ސަލަފުއްޞާލިޙުންގެ ފަރާތުން ޘާބިތުވެގެންނުވާ ކަންތައްތަކެއްކަން ދެނެތިބެ އެފަދަ ޢަމަލުތައް ޞައްޙަކަން ޘާބިތުކުރުމުގެ ގޮތުން މިދަންނަވާ ބޭކަލުން އެތަނަށް ޙާޟިރުވެ އުޅެއެވެ. ފަހެ މިއެންމެހައި ކަންކަމީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ކުރެވޭ ތެދުވެރި ޙަޤީޤީ ލޯބީގެ ޢަލާމާތެއްކަމަށް ބެލެވޭނެ އެއްވެސް ދަލީލެއް ނުވެއެވެ. އަދި ކިޔެއްތަ! އެކަންތައްތަކަކީ ދީނުގައި އަލަށް އުފައްދާފައިވާ މުންކަރާތާއި ބިދުޢައާއި ޚުރާފާތްކަން ކަނޑައެޅިގެން އެނގެއެވެ. ފަހެ މިކަންކަމަކީ މާތްވެގެންވާ ޝަރީޢަތުގައި ނަހީއާއި އިންޒާރުއައިސްފައިވާ އަދި ވަޢީދާއި ޢުޤޫބާތްލިބެނިވި ކަންތައްކަން އެނގިފައުޅުވެގެން ވެއެވެ.
މާތްވެގެންވާ މުސްލިމުންނޭވެ! ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތާއި އެކަލޭފާނު ގެންނެވި މާތް ޝަރީޢަތަށް ޙުކުމްކުރުން ދޫކޮށްލައިގެން ތިބެ އެރަސޫލާ ޞައްލަﷲ އަލައިހި ވަސައްލަމަގެ އުފަންދުވަހުގެ ޛިކްރާ އައުކުރުމުގެ އިޙްތިފާލްކުރެވޭނީ ކޮންފަދައަކުންތޯއެވެ؟ އަދި ރަސޫލާ ޞައްލަﷲ އަލައިހި ވަސައްލަމަ ގެންނެވި މާތްދީނަކީ އެބައިމީހުންގެ ދިރިއުޅުމުގެ އާމްދަނީއެއްކަމުގައި ހަމަޖައްސައިގެން ތިބޭ ބަޔަކަށް އެރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އުފަންދުވަހުގެ ޛިކްރާ އައުކުރުމުގެ އިޙްތިފާލްކުރެވޭނީ ކޮންފަދައަކުން ބާވައެވެ؟ ހިތާމައާއި ބިރުވެރިކަން ހުއްޓެވެ.
މާތްވެގެންވާ މުސްލިމުންނޭވެ! ދަންނާށެވެ! ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ލޯބި ތަމްޘީލުވާނީ އެކަލޭގެފާނުގެ މާތްދީނާއި ޝަރީޢަތް ތިމާގެ އަމިއްލަނަފްސަށް ލާޒިމުކުރެވިގެންނެވެ. ދުނިޔޭގެ ކަންކަމުގައި އެކަލޭގެފާނު ގެންނެވި މާތްދީނާއި ޝަރީޢަތަށް ޙުކުމްކުރެވިގެންނެވެ. އެދީނުގައި އަލަށް ބިދުޢަތަށް އުފައްދައިގެންނެއް ނޫނެވެ. ﷲ ވަޙީކުރައްވާފައިވަނީ قُلْ إِنْ كُنْتُمْ تُحِبُّونَ اللَّهَ فَاتَّبِعُونِي يُحْبِبْكُمُ اللَّهُ وَيَغْفِرْ لَكُمْ ذُنُوبَكُمْ .......(آل عمران 31) "ކަލޭގެފާނު ވިދާޅުވާށެވެ! ﷲއަށް ލޯބިކުރަނީވިއްޔާ ތިމަންކަލޭގެފާނަށް ތަބަޢަވާށެވެ. އެއިރުން ﷲ ތިޔަބައިމީހުންނަށް ލޯބިވެވޮޑިގަންނަވާނެތެވެ. އަދި ތިޔަބައިމީހުންގެ ފާފަ ފުއްސަވާނެއެވެ."
ދަންނާށެވެ! ﷲ އެބޭކަލުންނަށް ރުއްސުންލެއްވި މާތް އަޞްޙާބު ބޭކަލުންނަކީ މީސްތަކުންގެ ތެރެއިން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް އެންމެ ލޯބިކުރެއްވި ބޭކަލުންނެވެ. އެބޭކަލުންގެ ލޯބި ޖަރީވެފައިވަނީ އެބޭކަލުންގެ ޢަމަލުތަކުގެ ތެދުވެރިކަމާއި އެމާތް ޝަރީޢަތާއި އެއްގޮތްކުރުމުގައެވެ. މަތިވެރި ނަބިއްޔާއަށް ތަބަޢަވުމުގައެވެ. އާދެ! ދުނިޔެއާއި އާޚިރަތުގެ ކަންކަމުގައި އެބޭކަލުންނަށް ކުޅަދާނަވީ އެންމެ ފުރިހަމަ މިންވަރުން ތަބަޢަވެވަޑައިގެންނެވީ ދެދުނިޔޭގެ ފައިދާއާއި ލާބަ ޝާމިލްވާގޮތުގައެވެ.
ހަމަކަށަވަރުން އިސްލާމްދީނަކީ ނުގުޑާފަދަ ޔަޤީންކުރުމަކާއި އިޚްލާޞްތެރި ޞާލިޙް ޢަމަލުތަކަކަށް ކިޔޭ ނަމެކެވެ. އާދެ! "اَلْعَمَلُ الْخَالِص مِنَ الرِّيَاءِ الْمُقَيَّدُ بِالسُّنَّةِ" ޞާލިޙު ޢަމަލަކީ ﷲ އަށް އިޚްލާޞްތެރިވެގެންކުރާ، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތާ އެއްގޮތްވެގެންވާ ޢަމަލެވެ.
ފަހެ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ލޯބިކުރާ މީހާ އެރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ބަސްފުޅުތަކަށް ލޯބިކުރާނެއެވެ. އަދި އެރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތަށް ލޯބިކޮށް ޢަމަލުކުރާނެއެވެ. ފަހެ އެރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތަށް ލޯބިކުރުމަކީ އެސުންނަތާ އެއްގޮތަށް ޢަމަލުކުރުމެވެ. އެސުންނަތާއި ޚިލާފުނުކުރުމެވެ. އަދި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ގެންނެވި ދީނުގައި ނުހިމެނޭ ބިދުޢަވެރި ޢީދުތަކެއް ހެދުމެއް ނޫނެވެ. އަދި ހަޅޭއްލުމާއި ޞޫފީންގެ ކުޅިވަރުތަކާއި ތަފާތު موكب ތަކަކީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ކުރެވޭ ލޯބީގެ ޝިޢާރަކަށް ނުހަދާނެއެވެ. އަދި ޚާއްޞަކޮށް ޢާއްމުންގެ މެދުގައި މިބާވަތުގެ ގޮތްގޮތަށް ޢަމަލުތަކެއްވެސް ނުމެކުރާނެއެވެ. އަދި ކީއްތޯއެވެ! މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ލޯބިކުރާމީހާގެ ޙައްޤު ފައުޅުކޮށް ބާޠިލު ފޮހެލައި އެއަށް ފުރަގަސްދޭނެއެވެ. ޚުރާފާތްތަކާއި ބިދުޢަތަށް ނައްތާލާނެއެވެ. އަދި މީސްތަކުންގެ މެދުގައި ޢާއްމުވެފައިވާ ފާފަތަކާއި އާދަވެގެން އެބައެއްގެ ތެރޭގައި ހިނގާ ނުބައި އާދަތަކުގެ މަތީގައި މީސްތަކުން އެއްވެ އެކުވެގެން އެގޮތުގައި ތިބުމަށް ގޮވާ ހިތްވަރުދީ ނަހަދާނެއެވެ. އެއީ ދީނުގައި އުފެދޭ ޚުރާފާތާއި ބިދުޢައިގެ ނުބައިކަމުން ސަލާމަތްވުމުގެ އެދުން އެރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ލޯބިކުރާމީހާގެ ހިތުގައި އޮންނާނެތީއެވެ. އެހެނީ ދީނުގައި ކޮންމެ ބިދުޢައަކީ މަގުފުރެދުމެކެވެ. ކޮންމެ މަގުފުރެދުމެއް ގެންދަނީ ނަރަކައަށް ކަމަށްވާތީއެވެ.
މާތްވެގެންވާ މުސްލިމުންނޭވެ! ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަޅުގަނޑުމެން ބައިތިއްބާފައިވަނީ المَحَجَّةِ الْبَيْضَاءِ ގައެވެ. އެކަލޭގެފާނު ޙަދީޘްކުރައްވާފައިވަނީ "تَرَكْتُكُمْ عَلَى المَحَجَّةِ الْبَيْضَاءِ لَيْلَهَا كَنَهَارِهَا لاَ يَزِيْغُ عَنْهَا بَعْديْ إِلاَّ هَالِكٌ" "ތިމަންނަބިއްޔާ ކަލޭމެން ބައިތިއްބާފައިވަނީ المَحَجَّةِ الْبَيْضَاءِ ގައެވެ. ފަހެ އޭގެ ރޭގަނޑު ދުވާލުފަދައެވެ. ގެއްލި ހަލާކުވެ މަގުއޮޅިފައިވާ މީހަކު މެނުވީ އެމަގުން މޫނު އަނބުރައެއް ނުލާނެއެވެ." މުރާދުކުރައްވަނީ ކީރިތި ޤުރުއާނާއި ސުންނަތެވެ.
مَحَجَّةُ الْبَيْضَاء އަކީ ޖަންގަލި ނުވަތަ ވިނަފަޅާފައިވާ ބިމުގައި މީސްތަކުން ހިނގާބިނގާވުމުގެ ސަބަބުން ފިޠުރީގޮތުން ހެދޭމަގެވެ. ފަހެ އެމަގު ނޫންމަގަކުން ހިނގަންއުޅޭ މީހާ ޖަންގައްޔާއި ކަށިކުނބުރުވަލަށް ވަދެވޭގޮތަށް ޤުރުއާނާއި ސުންނަތަށް ޢަމަލުނުކޮށް ދޫކުރާ މީހާ މަގުފުރެދި މުލްޙިދުވާނޭކަމުގައި ކަނޑައަޅުއްވަނީއެވެ.
ހަމަކަށަވަރުން އަހުރެމެންނަށްވުރެ މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ބޮޑަށް ލޯބިކުރައްވާފައިވަނީ މާތްވެގެންވާ އަޞްޙާބުންނެވެ. އެއީ ތެދުމަގާއި ނޫރުގެ އަހުލުވެރިންނެވެ. އެބޭކަލުން މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ކުރެއްވިލޯބި އެބޭކަލުންގެ އަމިއްލަ ނަފްސަށްވުރެ އެތައް ގުނައަކަށް މަތިވެރިވެފައި އިޚްލާޞްތެރިއެވެ. އެލޯބި ފުންވެފައި އަސަރުގަދަވުމާއެކުވެސް އަޞްޙާބުން އެނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އުފަންދުވަހުގެ ޛިކްރާގެ ލޯބިކުރައްވާފައެއް ނުވެއެވެ. ޛިކްރާ އާކުރުމުގެ ގޮތުން އުފަންދުވަހުގެ އިޙްތިފާލެއް ނުކުރައްވައެވެ. އަދި އެބޭކަލުންގެ ނަފްސުތަކަށް އެނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އުފަންދުވަސް ހޯދުމުގެ ބުރައާއި ތަކްލީފެއްވެސް ނުމެޖައްސަވާމެއެވެ. އެހެންނަމަވެސް އެމާތް އަޞްޙާބުން ފަރުވާ ބެހެއްޓެވީ އެނަބިއްޔާ ދެއްކެވި އުޞޫލަށް ނަމޫނާއަށް ޢަމަލުކުރުމަގައެވެ. އެނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ގެންނެވި މާތް ޝަރީޢަތް އެބޭކަލުންގެ ޢަމަލުތަކަށް ލާޒިމުކޮށްގަތީއެވެ. އެނަމޫނާއަށް އެބޭކަލުންގެ ދީނާއި ދުނިޔޭގެ ޢަމަލުތައް ފައްތައި އެއްގޮތްކުރީއެވެ. މިގޮތުން އެބޭކަލުން ދުނިޔޭގެ ޢިއްޒަތާއި އާޚިރަތުގެ ޘަވާބުވެސް ލިބިގަތީއެވެ. رَضِيَ الله عَنْهُم

مِنْ أَيْنَ جَائَتْ بِدْعَةُ المَوْلِدِ؟
(އުފަންދުވަހުގެ ޛިކްރާގެ ބިދުޢަ އައީ ކޮންތާކުން ބާވައެވެ؟)
ސަލާމައި ޞަލަވާތްލެއްވި މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.
"لَتَرْكَبُنَّ سُنَنَ مَنْ كاَنَ قَبْلَكُمْ شِبْرًا بِشِبْرٍ، وَذِرَاعاً بِذِرَاعٍ، حَتَّى لَوْ دَخَلُوا جُحْرَ ضَبٍّ لَدَخَلْتُمُوْهُ قِيْلَ ياَرَسُولَ اللّه اليَهُودُ وَالنَّصارى؟ قَالَ فَمَنْ غَيْرُهُمْ (رواه الترمذى والأصل في الصحيحين)
"ތިޔަބައިމީހުންގެ ކުރީގައިވި މީހުންގެ މަގުތަކާއި ގޮތްތަކަށް ކަނޑައެޅިގެން ތިޔަބައިމީހުން ސަވާރުވާނެއެވެ. ފަހެ އެބައިމީހުންގެ މަގުތަކާއި ގޮތްތަކަށް ކައިވަތުން ކައިވަތަށް މުށުން މުށަށް ތިޔަބައިމީހުން ތަބަޢަވާނެއެވެ. އެގޮތްތަކާއި އެއްގޮތްކުރެވޭތޯ ގަދައަޅައި ވެވުނުވަރެއް ކުރާނެއެވެ. އެގޮތުން އެބައިމީހުން ޞައްބު (ބޮނޑު ފާޑުގެ ޙައިވާނެއް)ގެ ހޮރަކަށް ވަދެފައިވާނަމަވެސް އެބައިމީހުންނާއި ތަބަޢަވެ އެއްގޮތްކުރުމުގެ ގޮތުން އެހޮރަށްވެސް ތިޔަބައިމީހުން ވަންނާނެއެވެ. އަޞްޙާބުބޭކަލުން ދެންނެވިއެވެ. އެބައިމީހުންނަކީ އެއީ ނަޞާރާއިންނާއި ޔަހޫދީންތޯއެވެ؟ ޙަދީޘްކުރެއްވިއެވެ. އެނޫން ކޮންބައެއް ހެއްޔެވެ؟
މިނަބަވީ އިންޒާރުގައި ކަނޑައެޅިގެން ޔަހޫދީންނާއި ނަޞާރާއިން (ކްރިސްޓިއަރުން)ނަށް ތަޤްލީދުކުރުމާއި އެބައިމީހުންގެ އާދަތަކަށް ތަބަޢަވުމަކީ މަނާކުރައްވައި ނަހީކުރައްވާފައިވާ ކަމެއްކަން އެނގެއެވެ. މިގޮތުން ޔަހޫދީންނާއި ނަޞާރާއިންގެ އާދަތަކަށް ތަބަޢަވެ އެބައިމީހުން ޢަމަލުތަކާއި އެއްގޮތަށް އުޅޭމީހުންނަށް މިފެނުނީ ކްރިސްޓިއަނުން ޢީސާ ޢަލައިހިއްސަލާމްގެ އުފަންދުވަހުގެ ޛިކްރާ އައުކުރުމުގެ އިޙްތިފާލްތަކާއި ޢީދުތައް ހަދާތަނެވެ. ހަމަ ފެނުމުން ބުނަންފެށީ އަހަރެމެންގެ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އުފަންދުވަހުގެ ޛިކުރާ އައުކުރުމުގެ ޙަފްލާތައް ހަދަން ވާޖިބުވާނޭކަމުގައެވެ. އެހެނީ ނަޞާރާއިން އެމީހުންގެ ނަބިއްޔާގެ އުފަންދުވަހުގެ ޛިކްރާގެ ޙަފްލާތައް ހަދާއިރު އަހަރެމެންގެ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އުފަންދުވަހުގެ ޛިކްރާ އައުކޮށް ނަހަދަންވީ ކީއްވެގެން ހެއްޔެވެ؟ އަހަރެމެންގެ ނަބިއްޔާއީ ޚާތިމުއް ނަބިއްޔީން ވަ އިމާމުލް މުރްސަލީން އެވެ. ވީމާ އަހަރެމެންގެ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އުފަންދުވަހުގެ ޛިކްރާ އައުކުރުން މާ އައުލާކަންބޮޑެވެ. މިގޮތުން ނަޞާރާއިންގެ މިޢަމަލާ، އިސްލާމުންގެ މިޢަމަލާ ދެމެދުގައި ބާޠިލު އަދި ފާސިދު ޤިޔާސް އުފެއްދީއެވެ. ފަހެ ޔަހޫދީންނާއި ނަޞާރާއިންގެ ޢަމަލުތަކަށް ވާގިދޭ ޚުރާފީންނާއި ބިދުޢަވެރީން ޤަޞްދުކޮށްފައިވަނީ ސުންނަތަށް ޢަމަލުކުރުން ދޫކޮށްލައި، އެނަބިއްޔާ ދެއްކެވި ނަމޫނާއަށް ތިމާގެ ޢަމަލުތައް ފައްތައި އެއްގޮތްކުރުމުގެ ބަދަލުގައި ދޮގުވެރި ގޮތްތަކާއި ސޫރަތަކުގައި ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އިޝްރިހާރު ކުރުމެވެ. އެމާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައާ މެދު "ހަޖޫ" ހެދުމެވެ. ނަޢޫޛު ބިﷲ
وَمَنْ يُشَاقِقِ الرَّسُولَ مِنْ بَعْدِ مَا تَبَيَّنَ لَهُ الْهُدَى وَيَتَّبِعْ غَيْرَ سَبِيلِ الْمُؤْمِنِينَ نُوَلِّهِ مَا تَوَلَّى وَنُصْلِهِ جَهَنَّمَ وَسَاءَتْ مَصِيرًا (النساء 115)
ﷲ ވަޙީކުރައްވާފައިވަނީ "ތެދުމަގާއި ހިދާޔަތު ފައުޅުވުމަށްފަހު ރަސޫލާއާ ޚިލާފުކޮށް ހަދާމީހުން ދަންނާށެވެ! އަދި މުއުމިނުންގެ މަގުނޫން އެހެން މަގުތަކަށް ތަބަޢަވާމީހުންވެސް ދަންނާށެވެ. އެމީހުން މަގުފުރެދުން ޚިޔާރުކުރި ފަދައިން އެމަގުފުރެދުމުގެ ތެރޭގައި ތިމަންރަސްކަލާންގެ އެބައިމީހުން ބައިތިއްބަވާ ހުށީމެވެ. އަދި އެބައިމީހުން ޤިޔާމަތްދުވަހުން ޖަހައްނަމައަށް ވައްދަވާ ހުށީމެވެ. އެއީ ވަރަށް ނުބައިކަން ބޮޑުވެގެންވާ ތަނެކެވެ."
އަދިވެސް ވަޙީކުރައްވާފައިވާ ވެއެވެ.
فَلْيَحْذَرِ الَّذِينَ يُخَالِفُونَ عَنْ أَمْرِهِ أَنْ تُصِيبَهُمْ فِتْنَةٌ أَوْ يُصِيبَهُمْ عَذَابٌ أَلِيمٌ (النور 63)
"ރަސޫލާގެ އަމުރާއި ކަންތަކަށް ޚިލާފުކުރާމީހުން ދެނެތިބެ ޚުޝިޔާރުވާށެވެ އެއީ ދުނިޔޭގައި އެބައިމީހުންނަށް ޖެހިދާނޭ ފިތުނައާއި މުޞީބާތަށެވެ. އަދި ޤިޔާމަތްދުވަހުން ލިބޭނޭ ވޭންދެނިވި ޢަޛާބާއި މެދުގައެވެ."
މާތް ﷲ! ޚުރާފާތާއި ބިދުޢައިގެ ނުބައިކަމުން އަޅަމެން މިންޖުކުރައްވައި ކީރިތި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ނޫރާނީ ހިދާޔަތާއި ސުންނަތަށް ތަބަޢަވެ، އެނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ދެއްކެވި އެންމެހެއު ރަނގަޅު ނަމޫނާއާއި އެއްގޮތަށް އަޅަމެންގެ ޢަމަލުތައް އެއްގޮތްކުރުމުގެ ތައުފީޤުދެއްވައި ދަރުމަ ކުރައްވާނދޭވެ!
.............
އަލްމިމްބަރު :ނަމްބަރު 3، ރަބީޢުލްއައްވަލު 1405 ހ ގެ ޢަދަދުން ނަގާފައި

Read more...

05 February 2011

ލޮބުވެތި ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ނަސަބުފުޅު

އަލްއަޚް މުޙައްމަދު ޝަމްޢޫން
الْحَمْدُ لِلَّهِ رَبِّ الْعَالَمِيْنَ. وَالصَّلَاةُ وَالسَّلَامُ عَلَى أَشْرَفِ الْأَنْبِيَاءِ وَالْمُرْسَلِيْنَ. نَبِيِّنَا وَحَبِيْبِنَا وَقُدْوَتِنَا مُحَمَّدٍ وَعَلَى آلِهِ وَأَصْحَابِهِ وَمَنْ تَبِعَهُمْ بِإِحْسَانٍ إِلَى يَوْمِ الِّدْينِ. أَمَّا بَعْدُ
އެކަލޭގެފާނަކީ ޢަދްނާނުގެ ދަރިކަލުން މަޢުދްގެ ދަރިކަލުން ނިޒާރުގެ ދަރިކަލުން މުޟަރުގެ ދަރިކަލުން އިލްޔާސްގެ ދަރިކަލުން މުދްރިކާގެ ދަރިކަލުން ޚުޒައިމާގެ ދަރިކަލުން ކިނާނާގެ ދަރިކަލުން ނަޟްރުގެ ދަރިކަލުން މާލިކުގެ ދަރިކަލުން ފިހުރުގެ ދަރިކަލުން ޣާލިބުގެ ދަރިކަލުން ލުއައްޔުގެ ދަރިކަލުން ކަޢުބުގެ ދަރިކަލުން މުއްރާގެ ދަރިކަލުން ކިލާބުގެ ދަރިކަލުން ޤުޞައްޔުގެ ދަރިކަލުން ޢަބްދުމަނާފުގެ ދަރިކަލުން ހާޝިމްގެ ދަރިކަލުން ޢަބްދުލްމުއްޠަލިބުގެ ދަރިކަލުން ޢަބްދުﷲގެ ދަރިކަލުން މުޙައްމަދު ޞައްލަﷲ ޢަލައިހިވަސައްލަމައެވެ.
މިއީ ޞަޙީޙުލް ބުޚާރީގައި އެކަލޭގެފާނުގެ ނަސަބުފުޅު ޒިކުރު ކުރެވިފައިވާ މިންވަރެވެ. އަދި މިއީ ޢިލްމުވެރިން ޢިޖުމާޢުވެފައިވާ މިންވަރުވެސްމެއެވެ. އެހެނީ އެކަލޭގެފާނުގެ ކާފަ ޢަދްނާން އިން ފެށިގެން އާދަމް ޢަލައިހިއްސަލާމްއާއި ހަމައަށް އެކަލޭގެފާނުގެ ނަސަބު އިތުބާރުކުރެވޭ އެއްވެސް މަގަކުން ޘާބިތުވެފައެއްނުވެއެވެ. ނަމަވެސް ޢަދްނާން އަކީ އިބްރާހީމް ޢަލައިހިއްސަލާމްގެ ދަރިކަލުން އިސްމާޢީލް ޢަލައިހިސަލާމްގެ ދަރިފަސްކޮޅުން ވަޑައިގެންނެވި ބޭކަލެއްކަން ޞައްޙަމަގުން ޘާބިތުވެފައިވެއެވެ.

އެކަލޭގެފާނުގެ މަންމާފުޅަކީ ބަނޫ ޒަހްރާގެ ބޭކަނބަލެކެވެ. އެކަލޭގެފާނުގެ ނަސަބުފުޅު މަންމާފުޅުގެ ނަސަބުފުޅާއި ބައްދަލުވަނީ ކިލާބް ބިން މުއްރާ އާއި ހަމައިންނެވެ.

ﷲ ތަޢާލާ އެކަލޭގެފާނު ލައްވަވާފައިވަނީ އިންސާނުންގެ ތެރެއިން އެންމެ ޠާހިރު، އެންމެ މަތިވެރި ނަސަބުން އަދި އެންމެ ޝަރަފުވެރި ޤަބީލާއިން ވަޑައިގެންނެވި ބޭކަލެއްކަމުގައެވެ. އިމާމް މުސްލިމް އެކަލޭގެފާނުގެ ޞަޙީޙުގައި ރިވާކުރައްވަވާފައިވާ ޙަދީޘްފުޅެއްގައި އައިސްފައިވެއެވެ. إِنَّ اللهَ اصْطَفَى كِنَانَةَ مِنْ وَلَدِ إِسْمَاعِيْلَ وَاصْطَفَى قُرَيْشًا مِنْ كِنَانَةَ وَ اصْطَفَى مِنْ قُرَيْشٍ بَنِيْ هَاشِمَ وَ اصْطَفَانِيْ مِنْ بَنِيْ هَاشِمَ. " ﷲ ތަޢާލާ އިސްމާޢީލް ޢަލައިހިއްސަލާމްގެ ދަރިފަސްކޮޅުން ކިނާނާ އިޚްތިޔާރުކުރައްވަވައި މާތްކުރެއްވެވިއެވެ. އަދި ކިނާނާގެ ދަރިފަސްކޮޅުން ޤުރައިޝުން އިޚްތިޔާރުކުރައްވަވައި މާތްކުރެއްވެވިއެވެ. އަދި ޤުރައިޝުންގެ ތެރެއިން ހާޝިމްވަންހަ މާތްކުރެއްވެވިއެވެ. އަދި ހާޝިމްވަންހައިން ތިމަންކަލޭގެފާނު އިޚްތިޔާރު ކުރައްވަވައި މާތް ކުރެއްވެވިއެވެ."

Read more...

04 February 2011

އާއެކެވެ. އެއީ ހަމަ ޙަޤީޤަތުގައިވެސް ނަޞީބުވެރިންނެވެ

އަލްއަޚް ޢަބްދުﷲ ރަޝީދު
އެކަލިމަކީ އެކަލިމައެއްގެ މަތީގައި އުޑާއި ބިން ޤާއިމްވެފައިވާ ކަލިމައެވެ. އެކަލިމައަކަށްޓައި ހިސާބުބެއްލެވުމާއި ދުނިޔެ ލެއްވި ކަލިމައެވެ. އެއީ އިސްލާމްކަމުގެ ތަނބެވެ. ސުވަރުގޭގެ ތަޅުދަނޑި އެވެ. ފަރުޟުތަކާއި ސުންނަތްތަކުގެ އަސާސެވެ. ކޮންމެ އިންސާނެއްވެސް އެންމެ އަހަމިއްޔަތު ދޭންޖެހޭ އަދި ފުރަތަމަ އެކަމަކަށް އީމާންވުން ވާޖިބުވެ ލާޒިމް ވެގެންވާ ކަލިމައެވެ. އެކަލިމައަށްޓަކައި ކޮންމެ މުސްލިމަކުވެސް އުގެނި އަމަލުކުރުން ލާޒިމުކޮށް، އެކަލިމައަކަށްޓަކައި ފަރުވާތެރިވެ ރައްކައުތެރިވެގެން ތިބޭ ކަލިމައެވެ. މީހެއްގެ އެންމެފަހުގެ ކަލިމައަކަށް އެކަލިމަ ވެއްޖެ މީހާ ސުވަރުގެ ވަނުމަށް މެދުވެރިވާ ކަލިމައެވެ. މުސްލިމުންނާއި ކާފަރުން ވަކިކޮށްދޭ އިނެވެ.
އުފަލާއި ހިއްހަމަޖެހުމުގެ އަހުލުވެރިންނާއި މާޔޫސްކަމާއި ހިތާމައިގެ އަހުލުވެރިން ފަރަޤުކޮށްދޭ މިންގަނޑެވެ. އާދެ އެއީ ތައުޙީދުގެ ކަލިމަ لاإله إلاالله އެވެ.
އެކަލިމަ އެއީ ތިމާ ސުވަރުގެ ވަނުމުގެ ސަބަބަކަށްވަނީ އޭގެ މާނައެއް މުރާދެއް ނޭގި ތިބެ ހަމައެކަނި ދުލުން ބުނުމަކުން ނޫނެވެ. އަދި މަޔޫސްކަމާއި ހިތާމައިގެ އަހުލުންގެ ތެރެއިން ސަލާމަތްވެ ހިއްހަމަޖެހުމާއި އުފަލުގެ އަހުލުވެރިން ގެ ތެރެއިން ވުމަށް ސަބަބަށް ވަނީވެސް އޭގެ މާނައާއި މުރާދު ނޭގި ތިބެ ގޭގޭގެ ފާރުތަކުގައި ތައްކޮށް، ފަށްފަށުގެ ފުލުގައި އެލުވާ ތިމާ ގެނގުޅޭ އެއްޗެތީގައި ލިޔެ ހެދުމަކުންވެސް ނުމެނޫންމެވެ. އެހެނެއްކަމަކު އޭގެ ފުރިހަމަ މާނައާއި މުރާދު ޙައްޤުގޮތުގައި ދެނެގަނެ އެއަށް އަމަލުކުރީމައެވެ. އެހެނީ މިމަތިވެރި ކަލިމަ ދުލުންކިޔައިގެން ތިބޭ މީހުން ތެރޭގައިވެސް އަޒާބުގެ ގޮވެތި ނަރަކައިގެ އެންމެ އަޑީގައިވާ ބަޔަކުވެސް ވެއެވެ. އެއީ މުނާފިގުންނެވެ. އެހެންކަމުން އަހަރެމެންނަށް ވާޖިބުވެލާޒިމްވެގެންވަނީ އެންމެ މާތް ވެގެންވި ތިންޤަރުނުގެ ސަލަފުއްސާލިހުން ހިންގެވި މަގުން ހިނގައި މިމަތިވެރި ކަލިމަގެ ފުރިހަމަ މާނައާއި މުރާދު ދެނެގަނެ އެއަށް އަމަލުކުރުމެވެ.
لاإله إلاالله ގެ ފުރިހަމަ މުރާދާއި މާނަ އަކީ ކޮބާ؟
މުސްލިމުންގެ ތެރޭގައި ބައެއް މީހުން މިކަލިމަގެ މާނަކުރުމުގައި ބުނެފައި ވެއެވެ. މިކަލިމައިގެ މާނައަކީ "الله تعالى ފިޔަވައި އެއްވެސް އިލާހަކު ނުވެއެވެ." މިމާނައަކީ މިކަލިމައިގެ ރަގަޅުމާނައާއި މުރާދެއްނޫންނެވެ. އެހެނީ މިހެންބުނެފިނަމަ ދެކަމުން ކުރެ އެއްކަމެއް ލާޒިމް ކުރެވެ.
ފުރަތަމަ ކަމަކީ މިހެން ބުނެފިނަމަ ކައުނުގެ ބޮޑު ޙަޤީޤަތަކަށް އިންކާރު ކުރެވުނީއެވެ. ސަބަބަކީ މިހެން ބުނުމުން الله تعالى އަށް ފިޔަވައި މީސްތަކުން އަޅުކަން ކުރަމުންދާ ހުރިހާ އިލާހުންތައްވެސް އެއީ ނުވާ އެއްޗަކަށް ވީއެވެ. الله تعالى ފިޔަވައި އެފަރާތްތަކަށް ނުޙައްޤުންއަޅުކަން ކުރަމުންދާ އެތައް އިލާހުން ތަކެއް ވެއެވެ. އޭގެތެރޭގައި ބުދުތަކާއި އިންސާނުންނާއި އިރާއި ހަނދާއި އަދިވެސް އެތައް އެއްޗެއް ހިމެނެއެވެ. މުޝްރިކުންނާއި ބެހޭގޮތުން الله تعالى ވަޙިކުރައްވަފައިވާ މިއާޔަތުން އިންސާނުން އެތަށް އިލާހުންތަކަކަށް އަޅުކަންކުރަމުން ދާކަން ދޭހަވެއެވެ.
أَجَعَلَ الْآَلِهَةَ إِلَهًا وَاحِدًا إِنَّ هَذَا لَشَيْءٌ عُجَابٌ (سورة ص 5)
މާނައީ: "އެކަލޭގެ ފާނު ހުރިހާ އިލާހުންތައް އެއް އިލާހަކަށް ހެއްދެވީ ހެއްޔެވެ؟ ހަމަކަށަވަރުން މީ ނުހަނު އަޖާޢިބުވާފަދަ ކަމެއްކަން ކަށަވަރެވެ."
ދެވަނަކަމަކީ އަޅުކަންކުރެވޭ ހުރިހާ ތަކެއްޗަކީ الله تعالى އޭ ބުނުމެވެ. ނުވަތަ ހުރިހާ އެއްޗަކީވެސް الله تعالى އޭ ބުނުމެވެ. ޝައްކެއް ނެތް ގޮތުގައި މިއީ މުޅިން ބާޠިލް ދައުވާ އެކެވެ. މިއީ ވިހުދަތުލް ވުޖޫދު ގެ އަހުލުވެރިން ބުނަމުންދާ ގޮތެވެ. އެބައި މީހުން ބުނެއެވެ. " الله تعالى ފިޔަވައި އެހެން އެއްވެސް އެއްޗެއް ނުވެއެވެ"
މިދެ ދައުވާ އަކީވެސް ބާޠިލް ދައުވާތަކެއް ކަންކަށަވަރެވެ.
އެކަމުގައި ޝައްކެއްނުވާ އެންމެ ޞައްޙަގޮތުން لاإله إلاالله ގެ ފުރިހަމަ މުރާދާއި މާނަ އަކީ ކޮބާ ހެއްޔެވެ؟ ދީނުގެ އިލްމު ލިބިގެންތިއްބެވި ދަންނަބާކަލުން ވަނީ މިކަލިމާގެ މާނައާއި މުރާދު ބަޔާންކޮށްދެއްވާފައެވެ. އެގޮތުން މަޝްހޫރު ތަފްސީރު ޠަބަރީގައި البقرة ސޫރަތުގެ 163ވަނަ އާޔަތް وَإِلَهُكُمْ إِلَهٌ وَاحِدٌ لَا إِلَهَ إِلَّا هُوَ الرَّحْمَنُ الرَّحِيمُ ތަފްސީރު ކޮށްދެއްވަމުން އިމާމު ޠަބަރީ ބަޔާންކޮށްދެއްވާފައި ވާގޮތުން އިޖްމާލީގޮތެއްގައި މިކަލިމައިގެ މާނައާއި މުރާދަކީ " الله تعالى ފިޔަވައި ޙައްޤުގޮތުގައި އަޅުކަން ވެވޭ އިލާހަކު ނުވެއެވެ." މިއެވެ. އަދި މިއާއެކު މި ކަލިމާގައި ދެރުކުނެއް އެކުލެވިގެން ވާކަމަށް ދަންނަބޭކަލުން ބަޔާންކޮށްދެއްވާފައި ވެއެވެ. އެއީ ނަފީ ކުރުމާއި ޘާބިތުކުރުމެވެ. الله تعالى ފިޔަވައި އެހެން ހުރިހާ އިލާހުންތަކަށް ކުރެވޭ އަޅުކަން ނަފީކޮށް އިންކާރު ކުރުމާއި، الله تعالى އަށް ކުރެވޭ އަޅުކަން ޘާބިތުކޮށް ހިތުގެ އަޑިންއެކަން ޤަބޫލުކޮށް ހަމައެކަނި އެއިލާހަށް އަޅުކަން ކުރުމެވެ. މިކަމަށް ދަލާލަތު ކޮށްދޭ އެތަށް ދަލީލެއް ކީރިތި ޤުރުއާނުގައި ވެއެވެ.
الله تعالى ވަޙީކުރައްވާފައި ވެއެވެ.
ذَلِكَ بِأَنَّ اللَّهَ هُوَ الْحَقُّ وَأَنَّ مَا يَدْعُونَ مِنْ دُونِهِ هُوَ الْبَاطِلُ وَأَنَّ اللَّهَ هُوَ الْعَلِيُّ الْكَبِيرُ (الحج 62) މާނައީ "އެހެނީ ހަމަކަށަވަރުން الله تعالى އީ ޙައްޤުވަންތަ އިލާހެވެ. އަދި ހަމަކަށަވަރުން އެއިލާހު ފިޔަވައި އެއުރެން އަޅުކަން ކުރާތަކެއްޗަކީ، އެއީ ބާޠިލްތަކެއްޗެވެ. އަދި ހަމަކަށަވަރުން الله تعالى އީ އެންމެ މަތިވެރި އެންމެ އަޡަމަތްތެރި އިލާހެވެ."
އޭ ލޮބުވެތި އަޚުންނާއި އުޚުތުންނޭ! لاإله إلاالله އަކީ ތައުޙީދުގެ ބުންޔާދެވެ. އެކަލިމައެއްގެ މައްޗަށް ހުރިހާ އަމަލުތަކެއް ބިނާ ކުރަންޖެހޭ ކަލިމައެވެ. ކަލިމައިގެ މަނައާއި މަފްހޫމާއި މުރާދު ދެނެގަނެ އޭގެ ޝަރުތުތައްފުރިހަމަކޮށްފިނަމަ ކަލިމައިގެ މައްޗަށް ބިނާކުރާ ޢަމަލުތައް ޞައްޙަވުމައި މެދު އެއްވެސް ޝައްކެއްނެތެވެ. އަދި ކިއެއްތަ! އެފަދަ މީހަކީ ޙަޤީޤަތުގައިވެސް ނަޞީބު ވެރިއެކެވެ. الله تعالى ތަޢާލާ އަޅުގަނޑުމެންނަކީ ފުރިހަމަ މުއައްޙިދުން ކަމުގައި ލައްވައި ދުނިޔެއާއި އާޚިރަތުގެ ކާމިޔާބުގެ އަހުލުވެރިންގެ ތެރެއިން ލައްވާށި. އާމީން!

Read more...