11 February 2011

ސަލާމާއި ޞަލަވާތްލެއްވި ނަބީކަލޭގެފާނަށް ލޯބިކުރުމާއި އަދި އެކަލޭގެފާނުގެ އުފަންދުވަހުގެ ޛިކުރާގެ ބިދުޢަ

މުޙައްމަދު އިބްރާހިމް ރަޙިމަހުﷲ
ތިރީގައި މިލިޔަނީ މިޞްރުގެ ޤާހިރާގައި އޮންނަ ޖަމާޢަތު އަންޞާރުއްސުންނާ އަލްމުޙައްމަދިއްޔާގެ ފަރާތުން ނެރެ މުޅިދުނިޔެއަށް ފަތުރާ މަޖައްލާ، އައްތައުޙީދުގެ 1402 ވަނަ އަހަރުގެ ރަބީޢުލްއައްވަލުމަހުގެ ޢަދަދުގައި އެޖަމާޢަތުގެ ރައީސް މިޞްރުގެ ބޮޑު ދަންނަބޭކަލަކު ކަމުގައިވާ ފަޟީލަތުއްޝައިޚް މުޙައްމަދު ޢަލީ ޢަބްދުއްރަޙީމް ލިޔުއްވާފައިވާ މަޤާލާއެއްގެ ދިވެހި ތަރުޖަމާއެވެ. ސުރުޚީއަކީ "مَحَبَّةُ النَِّبيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ وَبِدْعَةُ الْمَوْلِدِ" (ސަލާމާއި ޞަލަވާތްލެއްވި ނަބީކަލޭގެފާނަށް ލޯބިކުރުމާއި އަދި އެކަލޭގެފާނުގެ އުފަންދުވަހުގެ ޛިކުރާގެ ބިދުޢަ) މިއެވެ.
ފަހެ ފަޟީލަތުއްޝައިޚް ބަޔާންކުރައްވާގޮތުގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އުފަންދުވަހުގެ ޛިކްރާ އާކުރުމުގެ އިޙްތިފާލްތަކަކީ ދީނީގޮތުން ބިރުވެރި ނުރައްކާތެރި މުންކަރާތެއްކަމާއި ޝަރީޢަތުގައިވާ އެފަދަ އިޙްތިފާލްތަކުގެ ޙުކުމާއި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ލޯބިކުރަންވީގޮތާއި ލޯތްބޭކިޔައިގެން ބައެއްމީހުން ކުރާ ތަފާތުކަންތައްތަކާއިމެދު ޝަރީޢަތުގައި ކަނޑައެޅޭ ޙުކުމާއި އެކަމުގެ އެންމެހާ ތަފްޞީލް، ދަލީލާއި ޙުއްޖަތާއި ބުރުހާނުން ވަރަށް ފުރިހަމަކޮށް ބަޔާންކުރައްވާ ލިޔުއްވާފައިވެއެވެ.
އާދެ، މިގޮތުން ހުރި މިނޫންވެސް އޮޅުން ފިލުވަން ބޭނުންވާ ގިނަ މައްސަލާ ހުރުމާއެކު ދިވެހި މުސްލިމުންގެ ފައިދާއަށް މި މަޟްމޫނު ތަރުޖަމާކޮށްލީއެވެ. وَبِا للهِ التَّوفِيْق
މުޙައްމަދު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް އީމާންވުމަކީ، ކަނޑައެޅިގެން ހުރި ވާޖިބަކަށް ވީހިނދު، އެކަމަކީ އިސްލާމްދީނުގެ ރުކުންތަކުގެ ތެރޭގައި ހިމެނޭ މުހިއްމު އެއް އަޞްލެވެ. އަދި އެއީ އީމާންކަމުގެ ބިންގާކަމުގައި ވުމުން ވާޖިބުވަނީ މުޙައްމަދު ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ރަސޫލުކަމަށް ހެކިވުމެވެ. އާދެ އެ ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަ ގެންނެވި ކަންކަމާއި ވިދާޅުވި ވިދާޅުވުންތައް ތެދުކޮށް ތަޞްދީޤުކުރުމެވެ. އަދި އެމާތް ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުން ވާރިދުވި ކޮންމެ ކަމަކާއި ބަސްފުޅެއް އެއީ، ނަމޫނާކަމުގައި ބަލައި ތިމާގެ ޢަމަލުތައް އެއަށްފައްތައި އެއްގޮތްކުރުމެވެ.
އަދި އެންމެ ވާޖިބުކަންބޮޑު ކިޔަމަންތެރިކަމަކީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މަޙައްބަތެވެ. އެކަލޭގެފާނުގެ ލޯތްބެވެ. އަދި އެއީ ޢަމަލުކުރާ މީހުންނާއި ހެޔޮކަމުގައި ކުރިއަރައިދާމީހުން ދާންވީ މަތިވެރި ދަރަޖައެވެ. عَن أنس بن مالك قال: قاَلَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ لاَيُؤْمِنُ أَحَدُكُمْ حَتَّى أَكُوْنَ أَحَبَّ إِلَيْهِ مِنْ وَالِدِهِ وَوَلِدِهِ وَالنَّاسِ أَجْمَعِيْنَ (رواه البخاري ومسلم) މިޙަދީޘްގައި ބަޔާންކުރައްވާފައިވަނީ އަޅަކު މުއުމިނަކަށްވާނީ އެއަޅާގެ ހިތުގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ލޯބި އޭނާގެ ބައްޕައާއި ދަރީންނާއި އެނޫން އެންމެހައި މީސްތަކުންގެ ލޯބީގެ މަތީގައި ބެހެއްޓުމުންނެވެ. މިނޫންގޮތެއްގައިނަމަ އީމާންކަން ނަފީކުރައްވާފައިވެއެވެ.
މާތްވެގެންވާ މުސްލިމުންނޭވެ! އީމާންކަން ޞައްޙަވުމުގެ ޝަރުޠަކީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް މިދެންނެވި ދަރަޖާގައި ލޯބި ބެހެއްޓުންކަން ކޮންމެ މުސްލިމަކުވެސް ދަންނަންވާނެއެވެ. އެހެނީ ބައެއް ރިވާޔަތުގައި އައިސްފައިވަނީ لاَ يُؤْمِنُ أَحَدُكُمْ حَتَّى أَكُوْنَ أَحَبَّ إِلَيْهِ مِنْ وَالِدِهِ وَوَلِدِهِ وَالنَّاسِ أَجْمَعِيْنَ وفِى رِوَايَة, وَمِنْ نَفْسِهِ الَّتِي بَيْنَ جَنْبَيْهِ, ފަހެ އަޅާގެ ހިތުގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ބަހައްޓައިގެންނޫނީ އީމާންކަން ފުރިހަމަ ފުރިހަމަ ނުވާނެކަމުގައި ޙަދީޘްގައި ބަޔާންކަރައްވާއިރު އެނގެނީ މީހާގެ މަންމައާއި ބައްޕައާއި ދަރިންނާއި އެންމެހައި މީސްތަކުންނަށް ވުރެ ތިމާގެ ހިތުގައި ﷲގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ލޯބިބޮޑުވެ އެލޯބި ޢިއްޒަތްތެރިވެ މަތިވެރިވާންޖެހޭނެކަމެވެ. މި އުޞޫލް އިންސާނެއްގައި ސާބިތުވެ ތަޙްޤީޤްވެގެން މެނުވީ އޭނާ ފުރިހަމަ މުއުމިނަކަށް ނުވާނެކަން ކަނޑައެޅެއެވެ.
ޢަބްދުﷲ ބުން ހާޝިމްގެ އަރިހުން ރިވާވިއެވެ. ޢުމަރު ބުން އަލްޚައްޠާބް ދެންނެވިއެވެ. އޭ ﷲގެ ރަސޫލާއެވެ. ތިމަންގެ ނަފްސު ފިޔަވައި އެނޫން ހުރިހާ އެއްޗަކަށްވުރެ ތިމަންނާ ކަލޭގެފާނަށް ލޯބި ކުރަމެވެ. އެހެން ދެންނެވުމުން ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. ނޫނެކެވެ. ތިމަންކަލޭގެފާނުގެ ނަފްސު އެކަލާނގެ ޙަޟްރަތުގައިވާ ކަލާނގެ ގަންދީ ހުވާކުރަމެވެ. ކަލޭގެފާނުގެ އަމިއްލަ ނަފްސަށްވުރެ ބޮޑަށް ތިމަންކަލޭގެފާނަށް ލޯބި ކޮށްފުމަށް ދާންދެންނެވެ. ދެން ޢުމަރުގެފާނު ދެންނެވިއެވެ. އާދެ، މިހާރު އަޅުގަނޑުގެ އަމިއްލަ ނަފްސަށް ވުރެ ކަލޭގެފާނަށް ލޯބި ބޮޑެވެ. ފަހެ ޙަދީޘްކުރެއްވިއެވެ. އޭ ޢުމަރެވެ! މިހާރު ފުރިހަމަވެއްޖެއެވެ.
ހަމަކަށަވަރުން އިންސާނާއަކީ އިޙްސާންތެރިކަމުގެ އަސީރެވެ. އިޙްސާންތެރިވެފައިވާ ފަރާތަށް ލޯބިކުރުމާއި އެފަރާތަށް މެދުވެރިވާ ހަލާކުތަކުން ސަލާމަތްކުރުމީ އިންސާނާގެ ފިޠުރަތުގެ ހަރުދަނާ ޤަވާޢިދެއްކަމަށްވާއިރު މިމާތް ނަބިއްޔާއާމެދު ލޯބިކުރެވެންވާނެ މިންވަރު ވަޒަންކުރެވޭނެއެވެ. އެހެނީ އެކަލޭގެފާނަކީ ﷲ ރުއްސަވާ ތެދުމަގައިގެން ވަޑައިގެންވާ، ޙިކްމަތާއި ފޮތް އުނގަންނައިދެއްވި އަދި، މީސްތަކުންނަށް ސަލާމަތާއި ސީދާވެގެންވާ ތެދުމަގުދެއްކެވި ރަސޫލުކަމަށްވުމުން، މަތިވެރި ﷲ ފިޔަވައި އެންމެ ޢިއްޒަތްތެރި ހަޤީޤީ ތެދުވެރި އިޚްލާޞްތެރި ލޯތްބެއް މުސްލިމެއްގެ ހިތުގައި އޮންނަވާނީ މިމާތް ނަބިއްޔާއާ މެދުގައެވެ. އަދި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ލޯތްބަށް ޘަވާބާއި ދެއްވާނެކަން އަންގަވާފައިވާ ލޯބީގެ ޢަލާމާތްތަކަކާއި ދަލީލުތަކެއްވެއެވެ. އޭގެ ތެރެއިން ތިރީގައިމިވަނީ ބައެއް ދަލީލުތަކެވެ.
1- އެނަބިއްޔާގެ ސުންނަތާއި އެއްގޮތަށް ޢަމަލުކުރުމާއި އެނޫންގޮތްތައް ދޫކުރުމާއި އަދި އެކަލޭގެފާނުން އުޅުއްވި ގޮތްތަކާއި ސުންނަތްތައް ބަލައި، ހޯދައި، ތަޙްޤީޤުކުރުމާއި މާތްﷲ ގެ ޙަޟްރަތުން އެކަލޭގެފާނު ގެންނެވިހައި ކަންތަކަށް ޢަމަލުކުރުން.
2- ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ބަސްފުޅު އެހުމާއި އެއަށް ޢަމަލުކުރުމާއި އެކަލޭގެފާނު ކުރައްވާ ޙުކުމަށް ރުހި ޤަބޫލުވުން. ﷲ ތަބާރަކަ ވަތަޢާލާ ވަޙީކުރެއްވިއެވެ. فَلاَ وَرَبِّكَ لاَ يُؤْمِنُونَ حَتَّى يُحَكِّمُوكَ فِيمَا شَجَرَ بَيْنَهُمْ ثُمَّ لاَ يَجِدُوا فِي أَنْفُسِهِمْ حَرَجًا مِمَّا قَضَيْتَ وَيُسَلِّمُوا تَسْلِيمًا (النساء 65) "ކަލޭގެފާނު ހައްދަވާބޮޑުކުރެއްވި ރައްބުގެ ރުބޫބިއްޔަތު ގަންދެއްވާ ހުވާކުރައްވާ ވަޙީކުރައްވައެވެ. އެބައިމީހުން އަރައިރުންވެ، ދެކޮޅުވެރިވާ މައްސަލަތަކުގައި، ކަލޭގެފާނު ޙާކިމަކަށް (ޙުކުމްކުރާ މީހަކު ކަމުގައި) ކަލޭގެފާނު ކުރެއްވި ޙުކުމާ މެދު އެބައިމީހުންގެ ހިތުގައި އެއްވެސް ހިތްހަމަނުޖެހުމެއް ނެތިއްޖައުމަށް ދާންދެން ކަނޑައެޅިގެން އެބައިމީހުންނީ އީމާންވ ބަޔަކުކަމުގައި ނުވެއެވެ."
3- ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ މާތްވެގެންވާ އިސްލާމްދީނާއި ފުރިހަމަ ޝަރީޢަތް ހުރިހާ ޚަލްޤުތަކުންގެ މެދުގައި ފަތުރައި ޢާއްމުކުރުމާއި ތައުޙީދުގެ ދިދަ މަތިވެރިކުރުމާއި އަދި ޞާލިޙުންނަށް މާތްކޮށްހިތުމުގެ ސޫރައިގައި، ކުރެވޭ ކަމަކަށްވިޔަސް އަދި ﷲއަށް ވެވޭ ތަޤައްރުބެއްކަމަށް ހީކޮށްގެން ކުރިއަސް ވަޘަނިއްޔާއާއި ޚުރާފާތުގެ ކިއްލާތައް ބިނާކޮށް އާލާކޮށް މަރާމާތުކޮށްހެދުމަކީ ﷲ އާއި ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަ ހުއްދަ ކުރައްވާފައިނުވާ ކަންތައްތައްކަމުގައިވާތީ އެކަންކަން ބާޠިލުކޮށް ތިމާގެ އަމިއްލަ ނަފްސާއި މީސްތަކުންގެ ނަފްސުތައް ސަލާމަތްކުރުމަށް މަސައްކަތްކުރުން.
4- އަމްރު މަޢްރޫފް: އެބަހީ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަންގަވައި އަމުރުކުރެއްވި ކަންތައްތަކަށް ދަޢުވަތުދީ ގޮވައި އަމުރުކުރުމާއި މުންކަރާތްތައް މަނާކޮށް ނަހީކުރެއްވި އެންމެހައި ފާފަތަކުން ދުރުވެ އެއްފަރާތްވުމަށް ގޮވައި ދަޢުވަތު ދިނުން. އަދި ﷲ އާއި އެކަލާނގެ ފޮތާއި އެކަލާނގެ ރަސޫލާ (ޞައްލަﷲ ޢަލައިހި ވަސައްލަމަ)އާއި އިސްލާމުންގެ އިމާމުންނާއި ޢާއްމު އެންމެހާ މީސްތަކުންނަށް ނަޞީޙަތްތެރިވެ އިޚްލާޞްތެރިވުން. (ފަހެ މާތް ﷲ އަށް ނަޞީޙަތްތެރިވެ އިޚްލާޞްތެރިވުމޭ ބުނެވޭ ބަހީ ﷲއެންގެވި އަމުރުފުޅުތަކަށް ކިޔަމަންތެރިވެ ނަހީކުރެއްވި އެންމެހާ ކަންތަކުން ދުރުވެގަތުމާއި އެކަލާނގެ ޛާތުފުޅާއި ސިފަފުޅުތަކުން އަދި އެކަލާނގެއަށް ކުރެވޭ އެންމެހައި އަޅުކަންތަކުގައި ޝިރުކުގެ ގޮތްތައް ނަފީކޮށް ދުރުކުރުމެވެ. ފަހެ އެކަލާނގެއަށް ސިފައާއި ނަން ކަނޑައެޅުއްވުމުގައި އަހުލުއްސުންނާ ވަލްޖަމާޢަތުގެ އުޞޫލާއި އެއްގޮތްވާގޮތުގެ މަތީން މަޝްހޫރު ހަތަރު އިމާމުން މިބާބުގައި ކަނޑައަޅުއްވާފައިވާ އުޞޫލަށް ޢަމަލުކުރުމެވެ. އަދި ފަލްސަފާއާއި މުތަކައްލިމުންގެ އުޞޫލުތަކުން ދުރުވެ އެއްފަރާތްވުމެވެ. މިދެންނެވުނީ މިބާބުގައި ދެންނެވޭނެ އެންމެ ކުރު އިޖްމާލީގޮތެވެ. ﷲގެ ފޮތަށް އިޚްލާޞްތެރިވެ ނަޞީޙަތްތެރިވުމޭ ބުނެވޭ ބަހީ އެފޮތުގައި އަންގަވާފައިވާ ގޮތަށް ޢަމަލުކުރުމާއި އެފޮތުގައި މަނާކޮށް ނަހީކުރެއްވިކަންތަކުން ދުރުވެ އެއްފަރާތްވުމާއި އެފޮތާއި ޚިލާފު އެންމެހައި އުޞޫލުތަކާއި ރޭވުންތަކުން ދުރުވެ އެއްފަރާތްވުމެވެ. އެކަލާނގެ ރަސޫލާއަށް އިޚްލާޞްތެރިވެ ނަޞީޙަތްތެރިވުމޭ ބުނެވޭ ބަހީ އެރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ ގެންނެވި އެންމެކީރިތި ހެޔޮކަންބޮޑު ފުރިހަމަ ނަމޫނާއަށް ތިމާގެ ޢަމަލުތައް ފައްތައި އެއްގޮތްކޮށް، އެކަލޭގެފާނާ ތަބަޢަވުމެވެ. އަދި އެކަލޭގެފާނު މަނާކޮށް ނަހީކުރެއްވި އެންމެހައި ކަންތައްތަކުން ދުރުވެ އެއްފަރާތްވުމެވެ. އިސްލާމުންގެ އިމާމުންނަށް ނުވަތަ ވެރިންނަށް އިޚްލާޞްތެރިވެ ނަޞީޙަތްތެރިވުމޭ ބުނެވޭ ބަހީ މާތް ﷲއާއި ރަސޫލާ (ޞައްލަﷲ ޢަލައިހި ވަސައްލަމަ) އަށް ކިޔަމަންތެރިވާ ޙާލު، ވެރިންނަށް އިޚްލާޞްތެރިވުމެވެ. ފަހެ އެޝަރުޠު ފާއިތުވާ ހިނދުގައި އެވެރިންނަށް އިރުޝާދުދީ ﷲ އާއި ރަސޫލާ (ޞައްލަﷲ ޢަލައިހި ވަސައްލަމަ) އަންގަވާގޮތް ކިޔަމަންތެރިކަމާއެކު ބަޔާންކޮށްދީ ސާފުކޮށްދިނުމެވެ. ޢާއްމުންނަށް އިޚްލާޞްތެރިވެ ނަޞީޙަތްތެރިވުމޭ ބުނެވޭ ބަހީ ދީނާއި ދުނިޔޭގެ އެންމެހާ ކަންތައްތަކުގައި ﷲއާ ރަސޫލާ (ޞައްލަﷲ ޢަލައިހި ވަސައްލަމަ) ދައްކަވައި އެންގެވިގޮތް އަންގައިދީ މަނާކޮށް ނަހީކުރެއްވި ކަންތައްތަކުން ދުރުވެ އެއްފަރާތްވުމަށް ގޮވައި އެކަމުގައި ބޭނުންވާ މަދަދާއި އެހީއާއި ވާގިދީ އުޅުމެވެ.
5- މަތިވެރި މާތް އަޚްލާޤުން ޒީނަތްތެރިވުމާއި އެކަން ނަފީކުރާ އެންމެހައި ކަންތައްތަކުން ދުރުވެ އެއްފަރާތްވުމެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވަނީ بُعِثْتُ لأُِتَمِّمَ مَكَارِمَ الأَخْلاَقِ "ތިމަންކަލޭގެފާނު ފޮނުއްވެވުނީ މަތިވެރި މާތް އަޚްލާޤް ފުރިހަމަ ކުރެއްވުމަށެވެ. އަދި އިސްލާމްދީނާ ޝަރީޢަތާ ޚިލާފު އެންމެހައި ހަޑިމުޑުދާރު ފާޙިޝްކަންތައްތަކުންނާއި ދީނުގެ ޢަދާވާތްތެރިންގެ އެންމެހައި ދަންތުރަތަކާއި ޖަހާ ކެހިވެރިކަމުގެ މަޅިތަކުންނާއި މިހުރިހައި ކަންތަކުން ސަލާމަތްވެ ދުރުވެގަތުން.
6- ވަޟަޢީ ޤާނޫނުތަކަށް ޢަމަލުކުރުން ދޫކުރުމާއި ކީރިތި ޤުރުއާނާއި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ މާތް ނަބިއްޔާގެ ސުންނަތަކީ ޝަރީޢަތުގެ އަޞްލުކަމާއި ޝަރުޢުކުރައްވާ ފަރާތަކީ ހަމައެކަނި އެއްކައުވަންތަ ﷲ ކަމާއި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައަކީ ﷲ ގެ ޙަޟްރަތުން އެ ޝަރީޢަތް އިއްވަވާދެއްވާ ފަރާތްކަމާއި ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ﷲ ގެ އިޛްނައާ ނުލައި ޝަރުޢުކުރުމުގެ ހުއްދަ ދެއްވާފައިނުވާއިރު ﷲގެ ފޮތާއި ޚިލާފަށް މީސްތަކުންނާމެދު އަމިއްލަ އަމިއްލައަށް ޝަރުޢުކުރުމުގައި ﷲއާއި އެއްފަދަވެވޭނީ ކޮންފަދައަކުން ހެއްޔެވެ؟ ކީރިތި ޤުރުއާނުގައި ﷲ ވަޙީކުރައްވާފައިވަނީ أَمْ لَهُمْ شُرَكَاءُ شَرَعُوا لَهُمْ مِنَ الدِّينِ مَا لَمْ يَأْذَنْ بِهِ اللَّهُ ( الشورى 21) "ﷲގެ އިޛްނަ ދެއްވާފައިނުވާ ކަންތައްތައް ދީނުގައި ޝަރުޢުކުރުމުގައި އެބައިމީހުންނަށް ޝަރުޢުކޮށްދިން ބައިވެރިންތަކެއް ވަނީ ހެއްޔެވެ؟ ފަހެ އެފަދަބަޔަކު ނުތިބޭނެއެވެ.
7- ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް އިޙްތިރާމާއި ޤަދަރުކުރުން: މާތް ޞަޙާބީން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ކުރެއްވި ޤަދަރާއި އިޙްތިރާމްވަނީ އޭގެ އެންމެ މަތީ ދަރަޖައިގައެވެ. މިހެނީ މިމަތިވެރި ބޭކަލުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ބަސްފުޅުގެ ކުރިމަތީގައި އަޑުއުފުލައި ނޭދެވޭ ގޮތަށް ވާހަކަ ނުދެއްކެވުމާއި އެކަލޭގެފާނުގެ ކުރިފުޅުމަތީގައި މަޑުމައިތިރިކަމާއި ހިމޭންކަމާއި ކިޔަމަންތެރިކަމާއި އެކު ތިއްބަވަނީ އެކަލޭގެފާނުގެ ކީރިތިކަން ވަޒަންކުރެވޭފަދަ ފުރިހަމަ މިންވަރެއްގައެވެ. ވީމާ އެކަލޭގެފާނަށް ކުރެވޭ ލޯތްބާއި ޤަދަރާއި އިޙްތިރާމް އޮންނަންވާނީ އެނަބިއްޔާގެ ޞަޙާބީން ކުރެއްވި ލޯބީގެ އުޞޫލުން ކަމުގައިވުން ހިމެނޭ ގޮތުގައެވެ.
8- މަތިވެރި ޝަރީޢަތުގައި ވާރިދުވެފައިވާ ތަންތާނގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ސަލާމް ދެންނެވުމާއި އެރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ޞަލަވާތްކިޔެވުން. ޚާއްޞަކޮށް އައްތަޙިއްޔާތުގައްޔާއި ބަންގީގެ ފަހުގައި، މިސްކިތަށްވަދެ ނުކުމެވާހިނދުގައްޔާއި ކަށުނަމާދުގައި ހުކުރު ޚުޠުބާގައްޔާއި ދެ ޢީދުގެ ޚުޠުބާގައި އަދި އެކަލޭގެފާނުގެ ނަންފުޅުގަނެވޭ ކޮންމެ ހިނދެއްގައްޔާއި މިނޫންވެސް މިފަދަ ތަންތާނގައެވެ.
ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ލޯބިކުރަންވީ ޝަރީޢަތުގައި މަޝްޜޫޢުވެގެންވާ ގޮތުގެ މަތީންނެވެ. أرباب الطرق ނުވަތަ ޞޫފީން ފަދަ މީހުން ލޯބިކުރާ ގޮތަށް މަނާވެގެންވާ މުންކަރާތްތަކާއި ބިދުޢަތަކަކުންނޫނެވެ. އަދި ލަވަކިޔާ ޤައްވާލު އަންހެނުންނާއި ފިރިހެނުންނާއި މަދަޙަކިޔާ މީހުންނާއި ރާގުތައް ފައުޅުކުރާ މީހުންނާއި ނެށުންތެރިންގެ އުޞޫލުތަކަކުންނޫނެވެ. ކަނޑައެޅިގެން އެބާވަތުން ކުރެވޭ ލޯބީގެ ސޫރަތަކަކީ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމައާ މެދުގައި ކުރެވޭ ލޯބީގެ ބާޠިލު ގޮތްތަކެކެވެ. ފަހެ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް އެގޮތުން ކުރެވޭ ލޯތްބަކީ އެކުރާ ބައެއްގެ ފަރާތުން ޤަބޫލުކުރެވިގެންވާ ލޯތްބެއް ނޫނެވެ. އަދި އެރަސޫލާ ޞައްލަﷲ އަލައިހި ވަސައްލަމައަށް ކުރާ ލޯބީގެ ދަރުމައާއި ޘަވާބުގެ ތެރެއިން ކުޑަވެސް ޙިއްޞާއެއް ނަޞީބެއް ލިބެނިވި ލޯތްބެއް ނޫނެވެ.

بِدْعَةُ مَوْلِد النَِّبيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ
މާތްވެގެންވާ މުސްލިމުންނޭވެ! ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ކުރެވެންވާނެ ޙަޤީޤީ ލޯބި ތަޙްޤީޤްވަނީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ކުރާ ލޯބީގެ ދޮގުވެރި ސޫރަތަކާއި ބިދުޢަވެރިންނާއި ޞޫފީންނާއި ޝީޢީންފަދަ މީހުން އެކަލޭގެފާނުގެ އުފަންދުވަހުގެ ޛިކްރާއާކުރުމުގެ މުނާސަބަތުތަކުގައި ހަދަމުންދާ ދޮގުވެރި ތަފާތު މުޡާހަރާތަކެއް ނޫނެވެ. ޤާހިރާގެ މަގުމަތީގައި މިފަދަމީހުން އުފައްދައިގެން އުޅޭ ދޮގުވެރި ޚުރާފާތްތެރި موكب ތަކެއްގައެއް ނޫނެވެ. ކޮންމެ މަގެއްގައި ބެރާއި ތާރަޖަހަމުން ކަނާތް ވާތްފަރާތަށް ލެނބިގުދުވަމުން މުންކަރު ލަފްޡުތައް ގޮވައި އަޅުވާ ރާގުތަކެއްގައެއް ނޫނެވެ. އަދި އެމީހުން ދަޢުވާކުރަނީ އެބައިމީހުން ﷲ ހަނދުމަކޮށް ނުވަތަ ހަނދުމަކުރުމަށް ބެރާއި ތާރަޖަހައި ޅެންކިޔަނީ ކަމުގައެވެ. މިފަދަ ކަންކަމަކީ އިސްލާމްދީނުގައި ޖުއްބާގައިވާ ދޮގުވެރި މުޡާހަރާތަކެވެ. އަދި އެއީ ދީނުގެ މާތް ޝިޢާރުތައް މުޑުދާރުކޮށް މަތިވެރި މާތް އިސްލާމްދީނުގެ ޖަލާލަތާކުޅެ ދީނުގެ ކީރިތިކަން ސުންނާފަތިކުރާ ދޮގުވެރި މަންޒަރުގަނޑެކެވެ.
ހަވީރުގެ ވަގުތުތަކުގައި ޒީނަތްތެރިކޮށްފައިވާ ޓެންޓުގެތަކާއި ފޭލިގެތަކުގައި އަންހެނުންނާއި ފިރިހެނުން ގައިގޯޅިވެ އެކުވެ އުޅެތެވެ. އަދި ދީނުގެ ބައެއް ދަންނަބޭކަލުންނާއި ޝައިޚުން އެތަނަށް ޙާޟިރުވެ މިނުރައްކާތެރި މުޑުދާރު ޢަމަލުތަކުގައި ބައިވެރިވެއެވެ. އެ ޢަމަލުތަކަކީ ﷲ ރުއްސުންލެއްވި ސަލަފުއްޞާލިޙުންގެ ފަރާތުން ޘާބިތުވެގެންނުވާ ކަންތައްތަކެއްކަން ދެނެތިބެ އެފަދަ ޢަމަލުތައް ޞައްޙަކަން ޘާބިތުކުރުމުގެ ގޮތުން މިދަންނަވާ ބޭކަލުން އެތަނަށް ޙާޟިރުވެ އުޅެއެވެ. ފަހެ މިއެންމެހައި ކަންކަމީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ކުރެވޭ ތެދުވެރި ޙަޤީޤީ ލޯބީގެ ޢަލާމާތެއްކަމަށް ބެލެވޭނެ އެއްވެސް ދަލީލެއް ނުވެއެވެ. އަދި ކިޔެއްތަ! އެކަންތައްތަކަކީ ދީނުގައި އަލަށް އުފައްދާފައިވާ މުންކަރާތާއި ބިދުޢައާއި ޚުރާފާތްކަން ކަނޑައެޅިގެން އެނގެއެވެ. ފަހެ މިކަންކަމަކީ މާތްވެގެންވާ ޝަރީޢަތުގައި ނަހީއާއި އިންޒާރުއައިސްފައިވާ އަދި ވަޢީދާއި ޢުޤޫބާތްލިބެނިވި ކަންތައްކަން އެނގިފައުޅުވެގެން ވެއެވެ.
މާތްވެގެންވާ މުސްލިމުންނޭވެ! ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތާއި އެކަލޭފާނު ގެންނެވި މާތް ޝަރީޢަތަށް ޙުކުމްކުރުން ދޫކޮށްލައިގެން ތިބެ އެރަސޫލާ ޞައްލަﷲ އަލައިހި ވަސައްލަމަގެ އުފަންދުވަހުގެ ޛިކްރާ އައުކުރުމުގެ އިޙްތިފާލްކުރެވޭނީ ކޮންފަދައަކުންތޯއެވެ؟ އަދި ރަސޫލާ ޞައްލަﷲ އަލައިހި ވަސައްލަމަ ގެންނެވި މާތްދީނަކީ އެބައިމީހުންގެ ދިރިއުޅުމުގެ އާމްދަނީއެއްކަމުގައި ހަމަޖައްސައިގެން ތިބޭ ބަޔަކަށް އެރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އުފަންދުވަހުގެ ޛިކްރާ އައުކުރުމުގެ އިޙްތިފާލްކުރެވޭނީ ކޮންފަދައަކުން ބާވައެވެ؟ ހިތާމައާއި ބިރުވެރިކަން ހުއްޓެވެ.
މާތްވެގެންވާ މުސްލިމުންނޭވެ! ދަންނާށެވެ! ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ލޯބި ތަމްޘީލުވާނީ އެކަލޭގެފާނުގެ މާތްދީނާއި ޝަރީޢަތް ތިމާގެ އަމިއްލަނަފްސަށް ލާޒިމުކުރެވިގެންނެވެ. ދުނިޔޭގެ ކަންކަމުގައި އެކަލޭގެފާނު ގެންނެވި މާތްދީނާއި ޝަރީޢަތަށް ޙުކުމްކުރެވިގެންނެވެ. އެދީނުގައި އަލަށް ބިދުޢަތަށް އުފައްދައިގެންނެއް ނޫނެވެ. ﷲ ވަޙީކުރައްވާފައިވަނީ قُلْ إِنْ كُنْتُمْ تُحِبُّونَ اللَّهَ فَاتَّبِعُونِي يُحْبِبْكُمُ اللَّهُ وَيَغْفِرْ لَكُمْ ذُنُوبَكُمْ .......(آل عمران 31) "ކަލޭގެފާނު ވިދާޅުވާށެވެ! ﷲއަށް ލޯބިކުރަނީވިއްޔާ ތިމަންކަލޭގެފާނަށް ތަބަޢަވާށެވެ. އެއިރުން ﷲ ތިޔަބައިމީހުންނަށް ލޯބިވެވޮޑިގަންނަވާނެތެވެ. އަދި ތިޔަބައިމީހުންގެ ފާފަ ފުއްސަވާނެއެވެ."
ދަންނާށެވެ! ﷲ އެބޭކަލުންނަށް ރުއްސުންލެއްވި މާތް އަޞްޙާބު ބޭކަލުންނަކީ މީސްތަކުންގެ ތެރެއިން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް އެންމެ ލޯބިކުރެއްވި ބޭކަލުންނެވެ. އެބޭކަލުންގެ ލޯބި ޖަރީވެފައިވަނީ އެބޭކަލުންގެ ޢަމަލުތަކުގެ ތެދުވެރިކަމާއި އެމާތް ޝަރީޢަތާއި އެއްގޮތްކުރުމުގައެވެ. މަތިވެރި ނަބިއްޔާއަށް ތަބަޢަވުމުގައެވެ. އާދެ! ދުނިޔެއާއި އާޚިރަތުގެ ކަންކަމުގައި އެބޭކަލުންނަށް ކުޅަދާނަވީ އެންމެ ފުރިހަމަ މިންވަރުން ތަބަޢަވެވަޑައިގެންނެވީ ދެދުނިޔޭގެ ފައިދާއާއި ލާބަ ޝާމިލްވާގޮތުގައެވެ.
ހަމަކަށަވަރުން އިސްލާމްދީނަކީ ނުގުޑާފަދަ ޔަޤީންކުރުމަކާއި އިޚްލާޞްތެރި ޞާލިޙް ޢަމަލުތަކަކަށް ކިޔޭ ނަމެކެވެ. އާދެ! "اَلْعَمَلُ الْخَالِص مِنَ الرِّيَاءِ الْمُقَيَّدُ بِالسُّنَّةِ" ޞާލިޙު ޢަމަލަކީ ﷲ އަށް އިޚްލާޞްތެރިވެގެންކުރާ، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތާ އެއްގޮތްވެގެންވާ ޢަމަލެވެ.
ފަހެ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ލޯބިކުރާ މީހާ އެރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ބަސްފުޅުތަކަށް ލޯބިކުރާނެއެވެ. އަދި އެރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތަށް ލޯބިކޮށް ޢަމަލުކުރާނެއެވެ. ފަހެ އެރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތަށް ލޯބިކުރުމަކީ އެސުންނަތާ އެއްގޮތަށް ޢަމަލުކުރުމެވެ. އެސުންނަތާއި ޚިލާފުނުކުރުމެވެ. އަދި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ގެންނެވި ދީނުގައި ނުހިމެނޭ ބިދުޢަވެރި ޢީދުތަކެއް ހެދުމެއް ނޫނެވެ. އަދި ހަޅޭއްލުމާއި ޞޫފީންގެ ކުޅިވަރުތަކާއި ތަފާތު موكب ތަކަކީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ކުރެވޭ ލޯބީގެ ޝިޢާރަކަށް ނުހަދާނެއެވެ. އަދި ޚާއްޞަކޮށް ޢާއްމުންގެ މެދުގައި މިބާވަތުގެ ގޮތްގޮތަށް ޢަމަލުތަކެއްވެސް ނުމެކުރާނެއެވެ. އަދި ކީއްތޯއެވެ! މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ލޯބިކުރާމީހާގެ ޙައްޤު ފައުޅުކޮށް ބާޠިލު ފޮހެލައި އެއަށް ފުރަގަސްދޭނެއެވެ. ޚުރާފާތްތަކާއި ބިދުޢަތަށް ނައްތާލާނެއެވެ. އަދި މީސްތަކުންގެ މެދުގައި ޢާއްމުވެފައިވާ ފާފަތަކާއި އާދަވެގެން އެބައެއްގެ ތެރޭގައި ހިނގާ ނުބައި އާދަތަކުގެ މަތީގައި މީސްތަކުން އެއްވެ އެކުވެގެން އެގޮތުގައި ތިބުމަށް ގޮވާ ހިތްވަރުދީ ނަހަދާނެއެވެ. އެއީ ދީނުގައި އުފެދޭ ޚުރާފާތާއި ބިދުޢައިގެ ނުބައިކަމުން ސަލާމަތްވުމުގެ އެދުން އެރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ލޯބިކުރާމީހާގެ ހިތުގައި އޮންނާނެތީއެވެ. އެހެނީ ދީނުގައި ކޮންމެ ބިދުޢައަކީ މަގުފުރެދުމެކެވެ. ކޮންމެ މަގުފުރެދުމެއް ގެންދަނީ ނަރަކައަށް ކަމަށްވާތީއެވެ.
މާތްވެގެންވާ މުސްލިމުންނޭވެ! ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަޅުގަނޑުމެން ބައިތިއްބާފައިވަނީ المَحَجَّةِ الْبَيْضَاءِ ގައެވެ. އެކަލޭގެފާނު ޙަދީޘްކުރައްވާފައިވަނީ "تَرَكْتُكُمْ عَلَى المَحَجَّةِ الْبَيْضَاءِ لَيْلَهَا كَنَهَارِهَا لاَ يَزِيْغُ عَنْهَا بَعْديْ إِلاَّ هَالِكٌ" "ތިމަންނަބިއްޔާ ކަލޭމެން ބައިތިއްބާފައިވަނީ المَحَجَّةِ الْبَيْضَاءِ ގައެވެ. ފަހެ އޭގެ ރޭގަނޑު ދުވާލުފަދައެވެ. ގެއްލި ހަލާކުވެ މަގުއޮޅިފައިވާ މީހަކު މެނުވީ އެމަގުން މޫނު އަނބުރައެއް ނުލާނެއެވެ." މުރާދުކުރައްވަނީ ކީރިތި ޤުރުއާނާއި ސުންނަތެވެ.
مَحَجَّةُ الْبَيْضَاء އަކީ ޖަންގަލި ނުވަތަ ވިނަފަޅާފައިވާ ބިމުގައި މީސްތަކުން ހިނގާބިނގާވުމުގެ ސަބަބުން ފިޠުރީގޮތުން ހެދޭމަގެވެ. ފަހެ އެމަގު ނޫންމަގަކުން ހިނގަންއުޅޭ މީހާ ޖަންގައްޔާއި ކަށިކުނބުރުވަލަށް ވަދެވޭގޮތަށް ޤުރުއާނާއި ސުންނަތަށް ޢަމަލުނުކޮށް ދޫކުރާ މީހާ މަގުފުރެދި މުލްޙިދުވާނޭކަމުގައި ކަނޑައަޅުއްވަނީއެވެ.
ހަމަކަށަވަރުން އަހުރެމެންނަށްވުރެ މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ބޮޑަށް ލޯބިކުރައްވާފައިވަނީ މާތްވެގެންވާ އަޞްޙާބުންނެވެ. އެއީ ތެދުމަގާއި ނޫރުގެ އަހުލުވެރިންނެވެ. އެބޭކަލުން މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ކުރެއްވިލޯބި އެބޭކަލުންގެ އަމިއްލަ ނަފްސަށްވުރެ އެތައް ގުނައަކަށް މަތިވެރިވެފައި އިޚްލާޞްތެރިއެވެ. އެލޯބި ފުންވެފައި އަސަރުގަދަވުމާއެކުވެސް އަޞްޙާބުން އެނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އުފަންދުވަހުގެ ޛިކްރާގެ ލޯބިކުރައްވާފައެއް ނުވެއެވެ. ޛިކްރާ އާކުރުމުގެ ގޮތުން އުފަންދުވަހުގެ އިޙްތިފާލެއް ނުކުރައްވައެވެ. އަދި އެބޭކަލުންގެ ނަފްސުތަކަށް އެނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އުފަންދުވަސް ހޯދުމުގެ ބުރައާއި ތަކްލީފެއްވެސް ނުމެޖައްސަވާމެއެވެ. އެހެންނަމަވެސް އެމާތް އަޞްޙާބުން ފަރުވާ ބެހެއްޓެވީ އެނަބިއްޔާ ދެއްކެވި އުޞޫލަށް ނަމޫނާއަށް ޢަމަލުކުރުމަގައެވެ. އެނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ގެންނެވި މާތް ޝަރީޢަތް އެބޭކަލުންގެ ޢަމަލުތަކަށް ލާޒިމުކޮށްގަތީއެވެ. އެނަމޫނާއަށް އެބޭކަލުންގެ ދީނާއި ދުނިޔޭގެ ޢަމަލުތައް ފައްތައި އެއްގޮތްކުރީއެވެ. މިގޮތުން އެބޭކަލުން ދުނިޔޭގެ ޢިއްޒަތާއި އާޚިރަތުގެ ޘަވާބުވެސް ލިބިގަތީއެވެ. رَضِيَ الله عَنْهُم

مِنْ أَيْنَ جَائَتْ بِدْعَةُ المَوْلِدِ؟
(އުފަންދުވަހުގެ ޛިކްރާގެ ބިދުޢަ އައީ ކޮންތާކުން ބާވައެވެ؟)
ސަލާމައި ޞަލަވާތްލެއްވި މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.
"لَتَرْكَبُنَّ سُنَنَ مَنْ كاَنَ قَبْلَكُمْ شِبْرًا بِشِبْرٍ، وَذِرَاعاً بِذِرَاعٍ، حَتَّى لَوْ دَخَلُوا جُحْرَ ضَبٍّ لَدَخَلْتُمُوْهُ قِيْلَ ياَرَسُولَ اللّه اليَهُودُ وَالنَّصارى؟ قَالَ فَمَنْ غَيْرُهُمْ (رواه الترمذى والأصل في الصحيحين)
"ތިޔަބައިމީހުންގެ ކުރީގައިވި މީހުންގެ މަގުތަކާއި ގޮތްތަކަށް ކަނޑައެޅިގެން ތިޔަބައިމީހުން ސަވާރުވާނެއެވެ. ފަހެ އެބައިމީހުންގެ މަގުތަކާއި ގޮތްތަކަށް ކައިވަތުން ކައިވަތަށް މުށުން މުށަށް ތިޔަބައިމީހުން ތަބަޢަވާނެއެވެ. އެގޮތްތަކާއި އެއްގޮތްކުރެވޭތޯ ގަދައަޅައި ވެވުނުވަރެއް ކުރާނެއެވެ. އެގޮތުން އެބައިމީހުން ޞައްބު (ބޮނޑު ފާޑުގެ ޙައިވާނެއް)ގެ ހޮރަކަށް ވަދެފައިވާނަމަވެސް އެބައިމީހުންނާއި ތަބަޢަވެ އެއްގޮތްކުރުމުގެ ގޮތުން އެހޮރަށްވެސް ތިޔަބައިމީހުން ވަންނާނެއެވެ. އަޞްޙާބުބޭކަލުން ދެންނެވިއެވެ. އެބައިމީހުންނަކީ އެއީ ނަޞާރާއިންނާއި ޔަހޫދީންތޯއެވެ؟ ޙަދީޘްކުރެއްވިއެވެ. އެނޫން ކޮންބައެއް ހެއްޔެވެ؟
މިނަބަވީ އިންޒާރުގައި ކަނޑައެޅިގެން ޔަހޫދީންނާއި ނަޞާރާއިން (ކްރިސްޓިއަރުން)ނަށް ތަޤްލީދުކުރުމާއި އެބައިމީހުންގެ އާދަތަކަށް ތަބަޢަވުމަކީ މަނާކުރައްވައި ނަހީކުރައްވާފައިވާ ކަމެއްކަން އެނގެއެވެ. މިގޮތުން ޔަހޫދީންނާއި ނަޞާރާއިންގެ އާދަތަކަށް ތަބަޢަވެ އެބައިމީހުން ޢަމަލުތަކާއި އެއްގޮތަށް އުޅޭމީހުންނަށް މިފެނުނީ ކްރިސްޓިއަނުން ޢީސާ ޢަލައިހިއްސަލާމްގެ އުފަންދުވަހުގެ ޛިކްރާ އައުކުރުމުގެ އިޙްތިފާލްތަކާއި ޢީދުތައް ހަދާތަނެވެ. ހަމަ ފެނުމުން ބުނަންފެށީ އަހަރެމެންގެ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އުފަންދުވަހުގެ ޛިކުރާ އައުކުރުމުގެ ޙަފްލާތައް ހަދަން ވާޖިބުވާނޭކަމުގައެވެ. އެހެނީ ނަޞާރާއިން އެމީހުންގެ ނަބިއްޔާގެ އުފަންދުވަހުގެ ޛިކްރާގެ ޙަފްލާތައް ހަދާއިރު އަހަރެމެންގެ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އުފަންދުވަހުގެ ޛިކްރާ އައުކޮށް ނަހަދަންވީ ކީއްވެގެން ހެއްޔެވެ؟ އަހަރެމެންގެ ނަބިއްޔާއީ ޚާތިމުއް ނަބިއްޔީން ވަ އިމާމުލް މުރްސަލީން އެވެ. ވީމާ އަހަރެމެންގެ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އުފަންދުވަހުގެ ޛިކްރާ އައުކުރުން މާ އައުލާކަންބޮޑެވެ. މިގޮތުން ނަޞާރާއިންގެ މިޢަމަލާ، އިސްލާމުންގެ މިޢަމަލާ ދެމެދުގައި ބާޠިލު އަދި ފާސިދު ޤިޔާސް އުފެއްދީއެވެ. ފަހެ ޔަހޫދީންނާއި ނަޞާރާއިންގެ ޢަމަލުތަކަށް ވާގިދޭ ޚުރާފީންނާއި ބިދުޢަވެރީން ޤަޞްދުކޮށްފައިވަނީ ސުންނަތަށް ޢަމަލުކުރުން ދޫކޮށްލައި، އެނަބިއްޔާ ދެއްކެވި ނަމޫނާއަށް ތިމާގެ ޢަމަލުތައް ފައްތައި އެއްގޮތްކުރުމުގެ ބަދަލުގައި ދޮގުވެރި ގޮތްތަކާއި ސޫރަތަކުގައި ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އިޝްރިހާރު ކުރުމެވެ. އެމާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައާ މެދު "ހަޖޫ" ހެދުމެވެ. ނަޢޫޛު ބިﷲ
وَمَنْ يُشَاقِقِ الرَّسُولَ مِنْ بَعْدِ مَا تَبَيَّنَ لَهُ الْهُدَى وَيَتَّبِعْ غَيْرَ سَبِيلِ الْمُؤْمِنِينَ نُوَلِّهِ مَا تَوَلَّى وَنُصْلِهِ جَهَنَّمَ وَسَاءَتْ مَصِيرًا (النساء 115)
ﷲ ވަޙީކުރައްވާފައިވަނީ "ތެދުމަގާއި ހިދާޔަތު ފައުޅުވުމަށްފަހު ރަސޫލާއާ ޚިލާފުކޮށް ހަދާމީހުން ދަންނާށެވެ! އަދި މުއުމިނުންގެ މަގުނޫން އެހެން މަގުތަކަށް ތަބަޢަވާމީހުންވެސް ދަންނާށެވެ. އެމީހުން މަގުފުރެދުން ޚިޔާރުކުރި ފަދައިން އެމަގުފުރެދުމުގެ ތެރޭގައި ތިމަންރަސްކަލާންގެ އެބައިމީހުން ބައިތިއްބަވާ ހުށީމެވެ. އަދި އެބައިމީހުން ޤިޔާމަތްދުވަހުން ޖަހައްނަމައަށް ވައްދަވާ ހުށީމެވެ. އެއީ ވަރަށް ނުބައިކަން ބޮޑުވެގެންވާ ތަނެކެވެ."
އަދިވެސް ވަޙީކުރައްވާފައިވާ ވެއެވެ.
فَلْيَحْذَرِ الَّذِينَ يُخَالِفُونَ عَنْ أَمْرِهِ أَنْ تُصِيبَهُمْ فِتْنَةٌ أَوْ يُصِيبَهُمْ عَذَابٌ أَلِيمٌ (النور 63)
"ރަސޫލާގެ އަމުރާއި ކަންތަކަށް ޚިލާފުކުރާމީހުން ދެނެތިބެ ޚުޝިޔާރުވާށެވެ އެއީ ދުނިޔޭގައި އެބައިމީހުންނަށް ޖެހިދާނޭ ފިތުނައާއި މުޞީބާތަށެވެ. އަދި ޤިޔާމަތްދުވަހުން ލިބޭނޭ ވޭންދެނިވި ޢަޛާބާއި މެދުގައެވެ."
މާތް ﷲ! ޚުރާފާތާއި ބިދުޢައިގެ ނުބައިކަމުން އަޅަމެން މިންޖުކުރައްވައި ކީރިތި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ނޫރާނީ ހިދާޔަތާއި ސުންނަތަށް ތަބަޢަވެ، އެނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ދެއްކެވި އެންމެހެއު ރަނގަޅު ނަމޫނާއާއި އެއްގޮތަށް އަޅަމެންގެ ޢަމަލުތައް އެއްގޮތްކުރުމުގެ ތައުފީޤުދެއްވައި ދަރުމަ ކުރައްވާނދޭވެ!
.............
އަލްމިމްބަރު :ނަމްބަރު 3، ރަބީޢުލްއައްވަލު 1405 ހ ގެ ޢަދަދުން ނަގާފައި

Blog Widget by LinkWithin

No comments:

Post a Comment