27 June 2011

ޢިއްފަތާއި ޞިއްޙަތު "ފުށަތުބަލި" ޖިންސިއްޔާތުގައި

އަލްމަރްޙޫމް ޢުމަރު ޢީސާ
"އަބޫ ނަވާސްގެ ޅެންބައިތުގައި އޮންނަ ފަދައިން އެބައްޔެއްގެ ޢަމަލުތަކަކުން އެބައްޔަކަށް ބޭހެއް ނުކުރެވޭނެއެވެ. މިކަމާ މެދަކު އޮޅުމެއް ނެތެވެ. އެހެންވީއިރު ބަލިމީހާ އެބަލިން ގަދަވުން އެދޭނަމަ ފުރަތަމަ ފިޔަވަޅަކީ ކޮންމެފަދަ ހުރަހެއް އަޅައިގެން ނަމަވެސް ބަލީގެ އަމަލުތަކުން ދުރުހެލިވެގެން ފިސާރިވަރުގަދަ ޢަޒުމަކާއެކު ކެއްކުރުމެވެ. ދެން އޭގެ ފަހުގައި މިޒާޖާއި ނަފުސާއިގެން ޠަބީޢަތުގެ ސީދާމަގަށް އެރޭތޯ ޠަބީޢީ ފަރުވާތަކެއް ހޯދައިގެން ޢަމަލުކުރުމެވެ."

ޢިއްފަތުގެ މާނައަކީ ހަޑިހުތުރުކަންތަކުން ވަކިވުމެވެ. ޞިއްޙަތުގެ މާނައަކީ ހަށިގަނޑާއި ފުރާނައާއި ބުއްދި، އެންމެހައި ބަލިތަކުން ސަލާމަތްވެ ހުރުމެވެ. އަޅުގަނޑު މިމަޤާލާގައި ޢިއްފަތްތެރިކަމާމެދު ދީނީރޮނގުން ބަޔާނެއް ދޫކުރާކަށް ޤަޞްދެއް ނުކުރަމެވެ. އެރޮނގުން އެއްޗެއް ދަންނަވަނީނަމަ ދަންނަވައިލާނީ މުއުމިނޫން ސޫރަތުގެ 4، 5، 6 މިތިން އާޔަތުންވެސް ޢިއްފަތްތެރިކަމުގެ އަހަންމިއްޔަތުކަން ޞަރީޙަކޮށް ދައްކައިދޭ ވާހަކައެވެ. އެތިން އާޔަތާމެދުގައި ނިކަން ތަފުޞީލުކޮށް ކޮންމެވެސް ބޭކަލަކުގެ ގަލަމުން ބަޙުޘެއް ނެރުއްވުން އެދެކެވެ.

އަޅުގަނޑު މިމަޤާމުގައި މިއުޅެނީ، އަޅުގަނޑަށް ފޯރިމިންވަރަކުން ހަމައެކަނި ޖިންސީރޮނގުން ޢިއްފަތާއި ޞިއްޙަތާއިމެދުގައި ހުރި ރައްޓެހިކަމާއި ތިމާގެކަން ދިވެހިޒުވާނުންގެ ތެރެއިން ނުފިލާތިބި ކޮންމެވެސް ބަޔަކަށް ބަޔާންކޮށްދެވޭތޯއެވެ.

ޒުވާނުން އަޅުގަނޑަށް މިފެންނަނީ ދެބަޔަކަށެވެ. އެއްބަޔަކީ އަދި ޒަވާޖީޙަޔާތެއް ތަޖުރިބާނުކޮށްތިބި، ނުވަތަ އެފަދަ ޙަޔާތެއް ވޭތިކޮށްފައި އެކަނިވެރި ޙަޔާތެއްގައި ހިފައިގެން ތިބި ޒުވާނުންނެވެ. އެއުރެންނާއި ނިސްބަތްކުރާއިރު ޢިއްފަތަކީ، ހަމަމުޅީން ޖިންސީއެދުމާ ބެހޭ ހުރިހައި ޙަރަކާތަކުން ވަކިވެގެން ތިބުމެވެ.

ޒުވާނުންގެ ތެރެއިން ދެންފެންނަން މިތިބީ ދެޖިންސުގެ ތެރެއިން ހޮވޭ ކޮންމެ ދެޒުވާނަކު އަތުގުޅާލައިގެން ބައިވެރިޙަޔާތެއް ވޭތިކުރާ ބައެކެވެ. އެއުރެންއެތިބީ ޒައުޖިއްޔާގެ ގޮށުން ގޮށްޖެހިފައެވެ. އެމީހުންނާ ނިސްބަތްކޮށްބަލާއިރު ޢިއްފަތުގެ މާނައަށް ދޫލިބޭތަން ފެނެއެވެ. އާދެ އެމީހުންނަށް ތަޠުބީޤުވެގެންދާއިރު ޢިއްފަތަކީ ބަލައިގެން އުޅުމެވެ. ޝަހުވާނީ ލަގަން ވީވަރަކުން އޮބެހެއްޓުމެވެ. ދެމަފިރިންގެ މުޅިލޯބި މަޙްޞޫރުވެފައިވަނީ ޖިންސީޢަމަލިއްޔާގައިކަމަށް ނުއެދުމެވެ.

ވިސްނައިލަމާތޯއެވެ؟ ހަމަ މިރާއްޖޭގައިވެސް އެކިފަހަރަށް ދިމާވެފައިވާ ގޮތްތަކުން އަންބަކު ފިރިއަކު ނުހިފައިތިބެނީ ކިތައް ޒުވާނުންތޯއެވެ؟ ޚާއްޞަކޮށް ތަޢުލީމުގެ މަރުޙަލާ ފާއިތުކުރަމުން މިގެންދާ ޒުވާނުންނަށް ޒަވާޖީޙަޔާތަށް ބޯމަހައިގެން އުޅޭވޭނެތޯއެވެ؟ އަތްމަތިދަތިކަމުން އަންބަކު ބަލައިގަންނަން ނުކެރޭ ކިތައް ޒުވާނުންނާ ދިމާވޭތޯއެވެ؟ އެކިއެކި ޡަރުފުތައް ނިޔާކޮށްގެން މުޅީން ދެތަންވެފައި އެކިމިނުގެ މުއްދަތަށް ތިބޭންޖެހެނީ ކިތައްޒުވާން ދެމަފިރިންނަށްތޯއެވެ؟ މިމީހުންގެ ޙާލަތުގައި، މަގެއްކަމުގައި ބޭޢިއްފަތްތެރިވެ ގަނެގެންއުޅުން ހެޔޮވެދާނޭތޯއެވެ؟ ބޭޢިއްފަތްތެރި މަގުމަތީގައި ޝަހަވާތުގެ ލަގަން ދޫކޮށްލައިގެން ވެދާނެތޯއެވެ؟ އެލަގަން ދޫކޮށްލީމާ، ކަމުގެ އާޚިރު ނަތީޖާއަކީ ކޮބައިބާވައެވެ؟

އޮޅުމެއްނެތެވެ. ހުރިހައި ބަޙުޘެއްގެ ނަތީޖާއެކައްޗެކެވެ. ޝަހުވާނީ އެދުންތަކުގައި ހިފެހެއްޓުމެއްނެތި ގެނބިގަނެގެން އުޅުމީ ހަށިގަނޑަށާއި ބުއްދިއާއި ނަފުސަށް ނުލާހިކު ނުރައްކާތެރިކަން ބޮޑުކަމެކެވެ. މިނަތީޖާއަކީ، ޙަޔާތުގެ މަޞްރަޙުން ހުރިހައި ޒަމާނެއްގައި ސާބިތުވެ ކަނޑައެޅިފައިވާ ނަތީޖާއެކެވެ.

ވަކިޢުމުރެއްގައި ވަކިފުރައަކަށް އަޅައިގަތީމާ އެދުމާއެކުގައި ޖައުލާކުރުމީ ޞިއްޙީގޮތުން ބޭނުންކަމެކޭ، އެދުންތައް އޮބެހެއްޓުމީ އެބުނާފުރައެއްގައި ގެއްލުންހުރިކަމެކޭ ބުނާބަޔަކު އުޅޭކަން އަޅުގަނޑު ދަންނަމެވެ. ނަމަވެސް އަޅުގަނޑުގެ ޔަޤީނަކީ، އެމީހުން އެގޮތުން ވާހަކައެދައްކަނީ ޒާތީ މަޞްލަޙަތެއް އޮވެގެން، ނުވަތަ އަމިއްލަ އެދުމެއް ފުއްދާންވެގެންނެވެ. އެދައްކާވާހަކައިގައި އުޅެނީ ސާބިތުވެފައިވާ ޙާޤިޤަތްތައް، އެކޮޅުކޮޅުން ޖަހާށެވެ. އެމީހުންބުނަނީ މާބޮޑަށް ޢިއްފަތްތެރިވުމުން ޢަޞަބީ ބަލިތައްޖެހޭ ވާހަކައެވެ. ވިޔަސް އެއީ ކަނޑައެޅިގެންހުރި ދޮގެކެވެ. ދޮގެއްކަން ސާބިތުކުރުމަށްވުރެ ކުރީގައި ކުޑަކުޑައެއްޗެއް ދަންނަވައިލާނަމެވެ.

އިއްފަތްތެރިވުމުގެ ސަބަބުން ޢަޞަބީބަލިތަކެއް ޖެހޭކަމުގައި ވިޔަސް އެކަމަކީ އިންސާނަކު ޝަހުވާނީ މަގުން ދުއްވައިގަތުމުގެ ޢުޛުރަކަށް ނުފުދެއެވެ. ސަބަބަކީ ޝަހުވާނީ ނަހަމަ މަގުމަތީގައި ކޮންމެ ޙާލަތެއްގައިވެސް ހިނގަމުންގޮސް ދަތުރުކުރެވޭނީ ހަލާކާއި ގެއްލުމުގެ އަޑިގަނޑަކަށެވެ. އެއީ ދުނިޔޭގެ ނިޢުމަތާއި އާޚިރަތުގެ ނިޢުމަތުން މަޙްރޫމުވާ ފަދަ އަޑިގަނޑެކެވެ. އުނދަގޫތަކަކާއި ބަލިތަކެވެ. ނުރައްކާތެރި ވޭންތަކާއި އެކިސިފަސިފައިގެ މުޞީބަތްތަކެވެ. އެހެންވެ ދެގޮތުންކުރެ ގޮތެއްގައި ހިފާންވެއްޖެ ޒުވާނަކު ނަމަވެސް ހިފާން ވާޖިބުވާނީ ލުއިގޮތެއްގައެވެ.

އެކަމަކު މިއީ ބަޙުޘަށް ތަންދޭންވެގެން ގެނައި މިސާލެކެވެ. ޙަޤީޤަތަކީ އެއީއެއްނޫނެވެ. ޙަޤީޤަތުގައި ޢިއްފަތްތެރިވުމުގެ ސަބަބުން އިންސާނީ ޞިއްޙަތަށް ލިބޭނޭ ކުޑަވެސް ގެއްލުމެއް ނެތެވެ. ދީނީގޮތުން ޢިއްފަތުގައި ހިފުމަކީ އިލާހީ ކޮންމެ ޝަރީޢަތެއްގައި އިސް މާއްދާއެކެވެ. އިޖުތިމާޢީގޮތުން ޢިއްފަތަކީ ކޮންމެ ފަރުދަކަށް ލާޒިމުކުރާ ކަމެކެވެ. މާތްއަޚުލާޤުގެ ކުރިމަތީގައި ބޭ ޢިއްފަތްތެރިޔާއަކީ އަގެއްނެތް ސޫތްޕެކެވެ.

މިޒަމާނުގެ އެންމެ މަޝްހޫރު ޑަކްޓަރުންދޭ ބަޔާންތަކުގައި ޢިއްފަތަކީ ކޮންމެހެން ޞިއްޙީއުޞޫލު ނިޔާކުރާގޮތުން މަޖުބޫރުކުރާ ސިފައެއްކަމުގައި ކަނޑައަޅައެވެ. މިމައުޟޫޢުގައި އެކިއެކި ޑަކްޓަރުންގެ ވަކިވަކި ބަޔާންތައް، ކިހިނަކުން ހުރިތޯބަލަމުންދާއިރު މިއޮތީ، ސާޅީސްއަހަރުދުވަހުގެ ތެރޭގައި އިނގިރޭސީންގެ ތެރެއިން ޚާއްޞަކޮށް ތަނާސުލިއްޔާތުގެ ރޮނގުން އަރައިހުރި މުޢުތަބަރު ޑަކްޓަރެއްގެ ބަޔާނެވެ.

"ޞިއްޙަތަށްޓަކައި ތަނާސުލީގުޅުންތައްހިންގުމީ ބޭނުންކަމެކޭބުނާމީހުން އެހަދަނީ، ދޮގެކެވެ. އަޚުލާޤީގޮތުން މުޅިން މަނާކަމެއް ޞިއްޙީގޮތުން އެދެވޭ ކަމަކަށް ވާނީ ކޮންފަދައަކުންހޭ؟ އަހަރެންގެ އަމިއްލަ ތަޖުރިބާތަކުންވެސް ސާބިތުވަމުންދަނީ އެބުނާގޮތާއި މުޅިން ޚިލާފަށެވެ. މަގޭ ލޯމަތީގައިވެސް އެކިއެކި ޡަރޫފުގައި ވަރަށްގިނަފަހަރު އިނދެގެން އުޅޭ ދޭދޭ ދެމަފިރީންވެސް އެއްތަންނުވެ ގުޅުމެއްނުހިންގައި ތިބޭންޖެހޭތަން ފެނެއެވެ. އެކަމަކުން އޭގެ އެއްޙާލަތެއްގައިވެސް ދެމަފިރީންކުރެ އެކަކަށްވެސް ޞިއްޙީގޮތުން ގެއްލުމެއް އަންނާތީއެއް ނުފެނެއެވެ. މިމައްސަލަ އެހެންދިރޭ ސޫފިތަކާއި ތަޠުބީޤުކޮށްބަލާއިރު ޒަމާނުއްސުރެ ޝިކާރަމަތީކުއްތާއެއްގެ ހަލުއިކަން އިތުރުކުރާނަމަ އަންހެންކުއްތާއާ ދުރުކޮށްގެން ކައިރިވިޔަނުދީ ބަލަހައްޓާތަން ފެނެއެވެ. ރޭސްކޯޓުގައިވެސް ޚާއްޞަ އަހަކަށް އެއްވަނަ އިނާމުދިޔުން އެދިގެން މަސައްކަތް ކުރާނަމަ އެބަޔަކު އަސްމަޙުރޫމުކުރާތަން ފެންނަނީ އެންމެފުރަތަމަ ޖޯޑުވެ އުޅުމުންނެވެ. މިކަހަލަ އެތައްގިނަ ކަމަކުން ޖިންސީގުޅުމަކީ ޞިއްޙަތަށްޓަކައި ކޮންމެހެން ބޭނުންކަމެކޭ ބުނެވޭ ބަހުގައި އަގެއްނެތްކަން އެނގެއެވެ."

އެމެރިކާގެ މަޙުކަމަތުއް ޞިއްޙާގެ އިދާރާއިން އެތާނގެ އެންމެ މުޢުތަބަރު ޞިއްޙީކޮމިޓީން ދީފައިއޮތް ބަޔާނެއްއެކުލަވާފޮތެއް ހަޔެއްކަ އަހަރު ކުރީން ނެރުނެވެ. އެބަޔާނުގެ ތަރުޖަމާގައި އޮއްވައި ދުށީމެވެ.

"ޝަހުވާނީ ޢަމަލުތަކުން އެއްފަރާތްކޮށްގެން ޖާނު އޮބެހެއްޓުމީ އަންހެނަކަސް ފިރިހެނަކަސް ކޮންމެ ޢުމުރެއްގައި ވިޔަސް ޞިއްހަތުގެ ގަވާއިދާ ޚިލާފުވާކަމެއް ނޫނެވެ. އަދި ހަށިގަނޑާއި ނަފްސު ޠަބަޢީގޮތުން ވާންވީ ތަރައްޤީއެއްގައި ހުރަސް އަޅާކަމަކަށްވެސް އެކަން ނުވެއެވެ. އެހެންވެ ފެންނަނީ ޞިއްޙީ ތަނާސުލީގޮތުން މުޖުތަމަޢުގެ އެންމެހައި އަފުރާދުންނަށް މިއުޞޫލުގެ މަތީން ތަރުބިއްޔަތާއި ޘަޤާފަތުދިނުމީ ކޮންމެހެން ބޭނުންކަމެއްކަމުގައެވެ."

މިޞްރުގައި އުފެދުނު ތަނާސުލިއްޔާތުގެ މަޝްހޫރު ޑަކްޓަރު ނަޖީބު މަޙްފޫޡުގެ ލިއުމެއްގައި މިއޮތީއެވެ.
"ތަނާސުލީގޮތުން ޒުވާނުން ނަހަމަ ޢަމަލުތައް ހިންގައި، ޠާހިރުނޫން އުޅުންތައް ދެމެހެއްޓުމުން ފައިވާ ބަލިތަކާއި މުޞީބާތްތައް ފިޔަވައި ހަމައެކަނި ޢިއްފަތުގެ ދިރިއުޅުމާމެދު ޙުކުމްކުރާގޮތެއްގާ ބަލާލެވުނަސް ޢިއްފަތުގެ ދިރިއުޅުމަކީ އިންސާނަކަށް ވެސް ހިފެހެއްޓިދާނޭ ގެއްލުމެއްނެތް، މުޅިޙަޔާތުގައި އޭގެ ލާބަ މަތިވެރި އުޅުމެއްކަމުގައި ޙުކުމް ކުރެވޭނެއެވެ. މިގޮތަށް އަހަރެން މިކަނޑައަޅަނީ މަމައްސަލާގައި ލިޔެވިފައިހުރި ހުރިހައިބަހަކުން އެންމެ މުޢުތަބަރު ފޮތްތައް ބަލާފައި، އަމިއްލަ ތަޖުރިބާތަކުންވެސް ވަރުގަދަޔަށް ސަނަދު ލިބިގެންނެވެ."

ޖަރުމަނުވިލާތުގެ މުރައްޖިޢެއްކަމުގައި ބެލެވޭ އެންމެ މަޝްހޫރު މިޒަމާނުގެ ތަނާސުލިއްޔާތުގެ އެއް ޑަކްޓަރަކު ދޭ ބަޔާނެއްގައި ވެއެވެ.
"ހަށިގަނޑުގެ ޖިންސީ އަރާމުތަކަށް ގެނބިގަތުމަކީ، ވަރަށް ނުބައި ނަތީޖާތަކެއް ގެނެސްދޭކަމެކެވެ. ޚާއްޞަކޮށް އެއީ ޒުވާނުންގެ ހަށިގަނޑުގެ ބުންވަރާއި ނަފުސުގެ ޢަޒުމް ލުއިކޮށްލާކަމެކެވެ. އެކަމުގެ ސަބަބުން އެމީހުންގެ ނާރުތަކާއިބެހޭ މަރުކަޒުތައް ބަލިވަމުންގޮސް ހުރިހައި މަސައްކަތްތަކެއްގައިވެސް ވާޖިބު އަދާނުކުރެވޭތަން ވަރަށް އަވަހަށް އަތުވެދެއެވެ. މުސްކުޅިޒަމާނުގައި ބައެއްފަހަރަށް ޔޫނާނީންނާއި ރޫމާނީން އެތަންތާނގެ ޒުވާނުންގައި ބާރުއިތުރުވުމަށްޓަކައި ވަރަށްމަތީ ޢުމުރަކާ ޖެހެންދެން ހަށިގަނޑުގެ ލައްޒަތުން އެކުދިން ދުރުހެލިކުރާކަން ސާބިތުވެފައިވެއެވެ. މީގެ އިތުރުން ޝަރުޢީނޫން ގޮތްގޮތުން ޖިންސީގުޅުންތައް ހިންގައި އުޅުމީ އޭގެ ނަތީޖާ ވަރަށް ނުރައްކާތެރި ކަމެކެވެ. އެކަމުގެ ސަބަބުން އުފެދޭ ޢަޞަބީ ބަލިތަކާއި ޖިންސީބަލިބަލި ގިނަގުނައެވެ."

އިސްވެގެން މިދިޔައީ ޢިއްފަތާއި ޞިއްޙަތާ ހުރި ރަޙުމަތްތެރިކަން، ތިމާގެކަން ވިސްނޭނޭގޮތުން ބަސްޤަބޫލުކުރެވޭ ޑަކްޓަރުން ދީފައިވާ ތެދުވެރި ބަޔާންތަކެވެ. އެއްކޮށް ނަގައި ލިޔެ ފާޅުކޮށް މިހަދަނީ އިޚުލާޞްތެރިކަމާއެކު އަޅުގަނޑުގެވެސް ދިރޭ ޟަމީރު ރުހޭނޭފަދަ ތެދުވެރިކަމަށް ތަރުޖީޙުދީގެންނެވެ. ބޭނުންކަމެއްކަމުގައި ފެންނާތީ މުޅީން ހެޔޮއެދުމަކާ ޚާލިޞް ނިޔަތެއް އޮތުމާއެކުގައެވެ. މިބަޔާންތަކަށް ވިސްނާއިރު އެންމެ މަތީދަރަޖައަށް ޢިއްފަތްތެރިވުމީވެސް ޞިއްޙަތަށް އުނިކަމެއް ފޯރައިދާކަމެއްނޫންކަން ރަނގަޅަށް އެނގޭހައި ވެއެވެ. އެއީ ޒުވާންކަން ދެމެހެއްޓުމުގެ ވަރުގަދަ ޢާމިލެއްކަން ދޭހަވާހައި ވެއެވެ. ނަމަވެސް އަދިތަންކޮޅަކަށް މިބަޙުޘް ދަމަހައްޓަމާތޯއެވެ؟

ޒައުޖިއްޔަތުން މަޙުރޫމުވެފައި އަޅުގަނޑުމެންގެ ތެރޭގައިވެސް ދެޖިންސުގެ އެތައް ޒުވާނުންނެއް ތިބެއެވެ. ބައެއްކުދީން މުޅީން ޢިއްފަތްތެރިވެގެން އުޅޭއިރުވެސް ޢަޞަބީ އުނދަގޫތަކެއް އުފުލާތީ ފެނެއެވެ. ނިދިމަދުވުން މިޒާޖުގޯސްވުން، ރުޅި އިސްވުން، ފާސިދު ޚިޔާލުތައް ހިތުން ފިލުވޭގޮތް ދަތިވުން، ހޮޑު އަވަސްވުން، މިބާވަތުގެ ވަރަށް ގިނަ ސިފަތަކެއްގައެވެ. އަނެއްބައި ޒުވާނުން ވިދިވިދިގެން ޢިއްފަތްތެރިކަމުގައި ދިގުއަހަރުތަކެއް ވޭތުކުރާ އިރުވެސް އެމީހުންނަކަށް ޢަޞަބީ އެއްވެސް ބާވަތެއްގެ އުނދަގުލެއް ނުފެނެއެވެ.

ޝަހުވާނީ އެކިދަރަޖަދަރަޖާގައި އުޅޭ ޒުވާނުންގެ ތެރެއިންވެސް އެއްބަޔަކު ޢަޞަބީ ބަލިތަކުގެ އުނދަގޫ ދެކެއެވެ. އަނެއްބަޔަކު އެއްގޮތަކަށްވެސް ޢަޞަބީ އުނދަގުލެއް ނުއުފުލައެވެ.

ބައެއްމީހުން، މީހުންނާނުއިނދެ ޒުވާންކަމުގެ ދައުރުން އެތައްބައެއް ވޭތުކުރެއެވެ. މީހަކާ އިނދެގެން އޭގެފަހުގައި އެތައްއަހަރަކު އުޅޭއިރުވެސް ޢަޞަބީ ބަލިތަކުން ސަލާމަތްވެ ހުރެފައި ކުއްލިއަކަށް އެކަހަލަ ބަލިތަކެއް ފޮށިދާނެއެވެ. މައްސަލައަކީ މީގެ އަނެއްކޮޅަށް ޖެހޭފަހަރުވެސް އާދެއެވެ.

މިފަދަ ޙާދިޘާތަށް އެކިފަހަރު އެކިގޮތަށް ތަފާތުވެފައި ހުންނަ ހުރުން އެކި ސިފަސިފައަށް، އެކިތަންތާނގައި ތަފާތުވެ ފަށްފަށްވުމުން ވިސްނުމަށް އިޙުޞާޞްކޮށްދެނީ، ރަނގަޅު ޙަޤީޤަތެކެވެ. ޙަޤީޤަތަކީ ޢާންމުކޮށްބަލާއިރު ޢަޞަބީބަލި އެއީ ޖިންސީއުޅުންގަނޑު ހުންނަ ސިފައެއްގެ މައްޗަށް ބިނާވާ އެއްޗެއްނޫންކަމެވެ. އެހެންކަމާއެކުވެސް ހިތްހަމަޖެހޭ ބައިވެރިއަކާ އެކުގައި ޒަވާޖީ ޙަޔާތެއް ވިސްނުންތެރިކަމާއެކު ވޭތިކުރަނީނަމަ، ދެމީހުންމެ އެއްބަސްވެގެން ބަލައިގެން ޖިންސީމައްސަލަ ހަމަޖައްސަމުން ގެންދަނީނަމަ ޢަޞަބީ މިޒާޖު ހިމޭންކުރާ ބާރަކަށް އެފަދަ ގޮތްހުރި ދިރިއުޅުން ވެގެން ދިޔުމީ އެކަށީގެންވާ ކަމެކެވެ. އަނެއްކޮޅުން ޝަހުވާނީ ޢަމަލުތަކުގައި ޙައްދެއް ނުބަލައި ލަގަން އެކުގައި ދޫކޮށްލުމީ ޢަޞަބީބަލިތައް ވާރުތަކުރުމަށް ނުވަތަ ދެމެހެއްޓުމަށް ބާރުއަޅާ ސަބަބެއްކަމުގައިވުން އެކަށީގެން ވެއެވެ.

މިމައްސަލާގައި ދެންއޮތީ ޠަބަޢީ ޤާނޫނަށް ވިސްނައިލުން ދޮގެއްތޯއެވެ؟ ޤާރިއުންނަށް އެނގިވަޑައިގެންފައި ވާނޭފަދައިން ޙިކުމަތްތެރި ޠަބީޢަތްވަނީ، ހަށިގަނޑުގައި ޖަމާވާ އެކިއެކި މާއްދާއިން ހަށިގަނޑަށް ބޭނުންހިފާވަރަށްވުރެ އިތުރުވެއްޖެ ބައެއް ބޭރުކޮށްލުމުގެ ތަރުތީބަކާއި އިންތިޒާމެއް ރާއްވައިފައެވެ. ވަކިވަކި މީޢާދުގައި ހަމަޖެހޭ އުޞޫލަކުން އެކަމަށް ބޭނުންވާ ޙާލާތުގައެވެ. މިކަމުން އެނގެނީ، ބަޔާންވެ ސާބިތުވަނީ ޠަބަޢީގޮތުން ހަށިގަނޑުގައި ބޭރުނުވެ ހަރުލައިފައި ހުންނަ ބަޔަކީ ހަށިގަނޑަށް ބޭނުން ބައެއްކަމެވެ. މިއީ ދޮގު ނަޡަރިއްޔާއަކަށް، ބަލައި ވިސްނާހަދާ އެކަކުވެސް ނަހަދާނެއެވެ.

އާދޭހެވެ! ޢަޞަބީ ބަލިތަކާއި އުނދަގޫތަކީ ޢިއްފަތްތެރި ކަމުގެ ނަތީޖާއެއް ނޫނެވެ. އެފަދަ ބަލިތައް ހުށަހަޅައިލަނީ އަދި ލިއްބައިދީ ހަރުކޮށްދެނީ އެހެން ސަބަބު ތަކެކެވެ.

ބައެއްފަހަރު ޢަޞަބީމިޒާޖު ވެރިވަނީ ނާރުތަކަށް ތަޙައްމަލުކުރުން އެކަށީގެންނުވާ ބަރު މަޖުހޫދުތަކެއް ހަށިގަނޑުން އުފުލޭކަމުގައި ވާތީއެވެ. އަނެއްބައިފަހަރަށް އެފަދަ އުނދަގޫތައް ފެށެނީ، ހިލެނީ، ވެރިވަނީ ނާރުތަކަށް ނުކުޅަދާނަ މިންވަރަކަށް ސިކުނޑީގެ ފިކުރުތައް އަރައިރުން ވޭވެއެވެ. ކުއްލި ސިހުންތަކާއި ވަގުތީ ބިރުތަކުންވެސް ނާރުތައް އެގޮތް މިގޮތްވެ، ހުންނާންވީ ވަޒަނުންނެއްޓި، އެކަމުގެ ސަބަބުން ޢަޞަބީބަލިތަކެއް ކުރިމަތިކޮށްދީފާނެއެވެ. އަދި ވިރާޘަތުގެ މަގުންވެސް އެބަލިބަލި ވާރުތަވަމުންދާކަން ޔަޤީނެވެ. ހެއްކަކީ ދިހަ އެގާރަ އަހަރުގައި ބައެއްކުދީންގައި ޢަޞަބީބަލިތައް ހުންނާތީ ފެންނަކަމެވެ. ފަހެ އެކުދިންނަށް މައިންބަފައިންނާއި، ކާފައިން މާމައިންގެ ފަރާތުން އެބަލިތައް ވާރުތައިން ލިބިފައި ތިބެނީ ކަމާމެދަކު ވަސްވާހެއް ނެތެވެ. މިހުރިހައި ކަމަކުންމެ ޢަޞަބީބައްޔަކީ ޢިއްފަތުގެ ނަތީޖާއެއްނޫންކަން އެނގެއެވެ.

ޢަޞަބީބަލިތައްޖެހޭ މީހުން ފަހަރުގައި ތަނާސުލީ ނާރުތަކަށް ގަޑުބަޑުކަންލިބި ހައިޖާނުގައި އުޅެންޖެހޭތީ ޝަކުވާކުރެއެވެ. އެހެން އެވަނީވެސް ޢިއްފަތުގެ ނަތީޖާއެއްގެ ގޮތަކުންނޫނެވެ. އެވާގޮތަކީ އެހުންނަ ބައްޔަކުން މުޅި ޢަޞަބީމެޝިން ގަޑުބަޑުވެ ތަނާސުލީ ނާރުތަކަށް ގުޑުން އަރަނީއެވެ. މިކަމުގެ ފަރުވާއަކީވެސް ޝަހަވާތުގެ ތެރެއަށް ފީނައިގަތުންކަމުގައި ނުވެއެވެ. އެހެންހެދީމާ ގިނަފަހަރަށް ޢަޞަބީޙާލަތު ދާތަން ފެންނަނީ ކުރިއަށެވެ. އެއީ ހަށިގަނޑަށް އެގޮތް މަތިން އުޅެން ފެށީމާ ލިބެމުންދާ ތަޙައްމުލު ނުކުރެވޭފަދަ ލޮޑު ކަމެއްގެ ސަބަބުންނެވެ. ނަފުސާނީގޮތުން މީހާގެ މިޒާޖަށް އަރަމުންދާ ދަފްޢުނުކުރެވޭ ބާވަތެއްގެ ލޮޅުން ތަކަކުންނެވެ. އެގޮތްލުއިވާނީ، ޞުލްޙަކުރެވޭނީ، އެހެން ޠަބަޢީމަގުމަގުންނެވެ. ވައިބަދަލުކުރުމާއި، މަޢީޝަތުގެ ކަންތައްތައް އިންތިޒާމު ކުރުމާއި، ކާތަކެއްޗަށާއި ކާމިންވަރަކަށް ބަދަލުގެނައުމާއި ފޫހިފިލުވާ ޠާހިރުގޮތްތަކެއް މެދުވެރިކުރުމާއި މިފަދަމިފަދަ ކަންތައްތަކުންނެވެ.

އެކަމަކު މިކަމުގައި އަދި އިސްތިސްނާކުރެވޭ ޙާލަތެއް އޮންނަކަމުގައި އަޅުގަނޑުވެސް ޤަބޫލުކުރަމެވެ. އެއީހަޑިމުޑުދާރު އުޅުންތަކުން ރައްކާތެރިވެގެންހުންނަ ޒުވާނަކުވިޔަސް ޝަހުވާނީއެދުން ހިލުވައިލާބާވަތުގެ ޖައްވަކަށް ވަދެގެންއުޅޭންޖެހޭ ޙަޔާތެއްގައި ވާންފެށުނީމައެވެ. އޭރުން ފެންނަ މަންޒަރުތަކާއި، އިވޭ އަޑުތަކުން ވަޙުޝީ ޚިޔާލުތައް ނުއޮބެހެއްޓޭ ދަރަޖައަކަށް ހިލިގެން، ތައްކަތު ކުރެވެމުން އައި ޢާޠިފާ މީހާގެމައްޗަށް ވެރިވެގެންފާނެއެވެ. އެފަދަޙާލަތެއްގައި ބޭޢިއްފަތްތެރިއަކާމެދު ލޯބީގެ ގުޅުމެއް ހިންގޭކަމުގައިވާނަމަ ހިތަށް ވެރިވެފައިހުންނަ ހެއްލުންތެރިޚިޔާލުތަކަށް ޢަމަލީސިފައެއް އައިސްގެން ޙަޤީޤަތުގެ މައިދާނުން ފެންނަން ފަށައިފާނެއެވެ. މަޑުމަޑުން މަޑުމަޑުން ވައިއެޅެމުންގޮސް އުރެދުމުގެ ރޯޅިތަކާއި ދީލިގެންގޮސް ހާވިޔާގެ މަގުމައްޗަށް މުޅިން ނިކުމެވިދާނެއެވެ. މީގެނަތީޖާއެއްގެގޮތުން ޢަޞަބީޙާލާތު ވެރިވުމީ އެކަށީގެންވާ ކަމެއް ކަމުގައި އަޅުގަނޑު ޤަބޫލުކުރަމެވެ.

އަޚުންނޭވެ! އުޚުތުންނޭވެ! އޭ ދިވެހި ޒުވާނުންނޭވެ! ތިޔަކުދިންގެ ޅަފަތުގެ ދައުރަށް ޢަލްވަދާޢު ގޮވައިލުމާއެކުގައި ތިޔަކުދީންގައި އިހުނުހުންނަ ޢާޠިފާތަކާ އެދުމެއް އުފެދިއްޖެއެވެ. ތިޔަކުދިންގެ ގުނަންތައް ފުރިހަމަވެ ބައްޕައިންނާއި މަންމައިންކަމުގައިވުމަށް ކުޅަދާނަކަން ޙާޞިލުވީއްސުރެ ތިޔަކުދީންގައި އައުޝޫޢުރުތަކެއް އެކުލަވައިފައި ވެއެވެ.

އަހުރެންގެ ނަސޭޙަތަކީ، ތިޔަކުދީންގެ ހަށިތަކާއި ބުއްދިތަކާއި ބާރުތައް، އަދި ލަޔާޤަތާއި ޤާބިލިއްޔަތު ބޮޑުވެ ހަމަޖެހި، ފުރުޞަތު މެދުވެރިވާންދެން މިއިޝާރަތްކުރާ ޢާޠިފާއާއި ޝުޢޫރުތައް ފޮރުވައި، ކެއްތެރިކަމާއެކު އޮބަހައްޓައިގެން ޢިއްފަތުގެ މަތިވެރިކަމުގައި ޝާމިލުވެގެން ތިބުމެވެ.

ޢިޝާރާތްމިކުރި ޢާމިލުތަކަކީ އަގެއްނެތް އެއްޗަކަށްހަދައި އެއިން ބޭކާރު ނޭދެވޭ މަގުމަތީގައި ޢަމަލުކޮށް، ކުރެވޭ ޢަމަލުތަކުގެ ސަބަބުން ތިޔަކުދީންގެ ޙަޔާތަށާއި ތިޔަކުދީންނަށް އޯގާތެރިވާ މުޖުތަމަޢަށް އަނިޔާއާއި ހަލާކު ނުފޯރުވާށެވެ! ޙިކުމަތްތެރި، ދީންރުހޭ، އިޙުސާންތެރި ޤައުމުއެދޭ ތެދުވެރިމަގަކުން ޢަމަލުކުރުމަށް މިބުނާޢާޠިފާތައް ރައްކާތެރިކޮށްގެން، ޠަބީޢަތުން އިންސާނިއްޔަތަށް ގޮވާލާ މަގުން، ޚިދުމަތްކުރުމަށް އެކަށީގެންވާ ވަގުތެއް މަތިވާންދެން އޮބަހައްޓާށެވެ! ތިޔަކުދިންގައި އެކުލަވާ ޖިންސީލޯތްބަކީ، ހަރުދަނާ އަގުހުރި އެއްޗެއްކަމުގައި ބަލައިގެން ސީދާ މަގަކުން އެލޯބި ގެންދިއުމަށް ސަމާލު ނުވީވިއްޔާ އެލޯބީގެ ޖަޒުބާތުން ތިޔަކުދީންގެ މުޅި ޙަޔާތު ގެއްލެނިވެ، ހާވިޔާއަށް އަޅައިލާފާނެއެވެ. އެލޯބީގެ އަސަރުތަކުގައި ގެނެވޭ ޢަމަލުތަކެއްގެ ބާވަތުން އެހެން އެތައް ފަރާތަކަށް ގެއްލުންލިބި، ލޯބިވާ ވަޠަނުގެ މުސްތަޤުބަލަށް އެތަކެއް ކިލަނބުކަމެއް މެދުވެރިވެދާނޭކަމާމެދު ވިސްނައި ލާށެވެ!

މިބުނާ ޣަރީޒީ ޝުޢޫރުތަކުން ޤަޞްދުކުރެވޭ މަންޒިލެއްކަމުގައި ހަދަންވީ ޙަލާލު ކާވެންޏެވެ. ވިސްނާށެވެ! ދީނުގެ ގޮވައިލުމަކީ، ޠަބީޢަތުގެ މަޤުޞަދަކީ، ޤައުމުގެ އެދުމަކީ އެޝުޢޫރުތަކުގެ އިލްހާމުން އިޝާރާތްވެފައި އެއޮތް މަންޒިލް މަޤުޞޫދަކާ ދިމާއަށް، ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންގޮސް އަމާޒުފަތް ހިފުމެވެ. އެކަމުގެ ލާބައާއި މަތިވެރި ނަތީޖާ ހެއުގޮތުގައި އިންސާނިއްޔަތަށް ފޯރުވުމެވެ.

ޒަވާޖެވެ ނުވަތަ ކައިވެންޏޭ މިކިޔެނީ ތިޔަކުދީން ހިތުން ކޮންއެއްޗަކަށް ހެއްޔެވެ؟ އެއީ ދެޖިންސުގެ ދެއިންސާނަކު އެކަކު އަނެކަކާއި ރުހިޤަބޫލުވެ، ބައިވެރިވެގެން އެކަކު އަނެކަކަށް އެހީތެރިވުމުގެ ޝަރުޠުގައި މަތިވެރި، މަޢީޝަތެއް ފަށައިގަތުމެވެ. ޒަވާޖަކީ، ހަމައެކަނި ދެމީހެއްގެ މެދުގައި ހިނގައިލާ މަތިމަތީގެ ޖަޒުބިއްޔާތެއް ނޫނެވެ. އެއީ ތަޙުލީލުކޮށް ދައްކައިދޭން ނޭނގޭކަހަލަ، ވަރަށްފުން ޢާޠިފާތަކެއްގެ މައްޗަށްނޫނީ ބިނާނުވާކަމެކެވެ. ހަމައެކަނި ހިތާ ބެހިފައި ހުއްޓޭކަމެއްވެސް ނޫނެވެ. ހަށިގަނޑާއި ޚުދު ފުރާނައާއިވެސް ބެހެނީއެވެ. ނަތީޖާއެއްގެ ގޮތުން ޖިސްމާނީ ދޭތި އެކައްޗަށްވެސް ވަނީއެވެ. ފުރިހަމައަށް އިއްޠިޞާލު ހިނގާވަގުތުއައިސް ފިރިހެންވަންތަކަމުގެ ޢުންޞުރާއި އަންހެންވަންތަކަމުގެ ޢުންޞުރު އެކުވެގެން ދިރޭ ބާރުހުންނަ އެހެން މާއްދާއެއް އުފެދެއެވެ. އެމުސާދަތަށް ޖިސްމެއްގެ ސިފަ ލިބިގެން މަންމާގެ ހަށިގަނޑުގެ ތެރޭގައި އޮވެ ނުވަމަސް ވާންދެން ބޮޑުވެއެވެ. އޭގެފަހުގައި ބަލަބަލައިތިބި ދެލޯނޭދި ލިބުން އެދޭ ދަރިފުޅުނިކުމެ ދުނިޔޭގެ އާހުގެ ތެރެއަށް ނޭވާ ދޫކުރާން ފަށާވާނެއެވެ. ދެން އެދަރިފުޅު މާދިގު މުއްދަތެއް ވޭތިނުކޮށް އަމިއްލަ ފައިމައްޗަށް ތެދުވެ މުސްތަޤިއްލު އުޅުމެއްގައި ހިފައި، އޭނާވެސް ޠަބީޢަތުން ޙަވާލުކޮށްފައިވާ ދައުރު އަދާކުރާން ފަށާފާނެއެވެ. މިފަދައަކުން އެއްޖީލުން އަނެއްޖީލަށް އިންސާނީ ޙަޔާތު ދަތުރުކުރަނީއެވެ. މިއީ ބަދަލެއް ނާންނާނޭ ސުންނަތުﷲއެވެ.

އިސްވެގެން މިދިޔަ ޢަމަލިއްޔާއަކީ ޖިސްމާނީގޮތުން ދަށުގިންތީގެ ސޫފިތަކާއި ތަފާތުކަމެއްނެތް ޢަމަލިއްޔާއެއް މެއެވެ. ނަމަވެސް އެންމެ ރާޤީ ސޫތްޕަކީ އިންސާނާކަމުގައިވުމުން އޭނާގައި ބުއްދިއާއި ޢަޒުމާއި ޚިޔާލު އެކުލަވާތީވެ އެޢަމަލިއްޔަތުގެ މަޤުޞަދު އެހެނިހެން ސޫފާސޫތްޕަށްވުރެ މަތިވެރިވުން ލާޒިމެވެ. ވާޖިބު އަދާކުރުމާއި، ހުއްދަނުހުއްދަ ބެލުމާއި، ލަޠީފު ފަށުވި ލޯބިތައް ބަދަލުކުރުމާއި އެކުވެރި މާތް މަޢީޝަތެއް ނެގެހެއްޓުމާއި، އެފަދަ އެންމެހައި ކަންކަމަށް އިންސާނާގެ ޢަމަލިއްޔަތުގައި ދަހިވެތި ސަމާލުވުން ހުއްޓެވެ. ފަހެ އިންސާނާއީ ކަށްވަޅަށްގޮސް ނިވައުވާންދެންވެސް ލޯބީގެ ވެރިއަކަށް ވާންވާނެއެވެ. ޅަކުއްޖެއްގެ ސިފައިގައެވެ. ޒުވާނެއްގެ ޙައިޘިއްޔަތުގައެވެ. މުސްކުޅިއެއްގެ ގޮތުގައެވެ.

ޒުވާނުންނޭވެ! ސަމާލުކަން ނެތީވިއްޔާ ޝުޢޫރުތަކާއި ލޯބި އޭގެވެރިޔާ ކަތިމަކަށް އަޅުވައިލާފާނެއެވެ. އަމިއްލަ ޒާތީ އެދުމަށާއި ވަޙުޝީ ޢަމަލުތަކަށް ބަނޑުވާޖަހައިގެން ދަމާގެންގޮސްފާނެއެވެ. މިކަމަށްޓަކައި ދަށުނުވާން ހިތުލައިގެން ފިސާރި ވިސްނައި ހުންނާންވާނެއެވެ. ޣަރީޒީ ބާރުތައް، މިޞްރާބު އޮޅުވައިނުލައި، ލަވަމުން ގެންދިޔުމީ ދެދުނިޔޭގެ ބާއްޖަވެރިކަން ހޯދައިގަތުމަށް ބިންގަލެކެވެ. މުޖުތަމަޢަށް މަންފާހުރި ޢުޟުވެއްކަމުގައި ވުމަށް އެއްވަނަ ޝަރުޠެވެ. ސަލާމަތް ބުއްދިއާއި ފުރިހަމަ ޞިއްޙަތު ދެމިފައި އޮތުމުގެ އިތުބާރުހުރި ޢާމިލެކެވެ.

ދެންވިސްނައިލާންވީ އިންސާނުންގައި ހުރި ތަނާސުލީ މަޤާމުގެ އަހަންމިއްޔަތުކަމަށެވެ. ފަހެ އަންހެނަކަސް ފިރިހެނަކަސް ޢިލްމު ބުނާގޮތުން، މީހާގެ ތަނާސުލީ މިންވަރާއި ބާރު ހިފެހެއްޓި ހުންނަނީ، ދެޖިންސުގެ ޢުންޞުރު އެއްކޮށްލުމުގައްޔާއި، މައިމީހާގެ ހަށިގަނޑުތެރޭގައި ކޮއި ސާބިތުކޮށްލުމުގައި ލުޔާއި ފަސޭހަ ފޯރުވައި ދިނުމުގެ ގޮތުންނެވެ. މިހެންވެ، ތަނާސުލީ ޖިހާޒުގެ މުޅިބޭނުމަކީ ބޭރުގުނަވަންތަކުގެ ޢަމަލެއްނޫންކަން ކަށަވަރެވެ. ތަނާސުލީ ޖިހާޒު އެޖިހާޒުގެ އެކިއެކި މަރުކަޒުން ލެއާއި އެކުވެގެން ބާރުތަކެއް އިތުރުކޮށްދެމުން ވަރަށް ގިނަ މަދަދުތަކެއް ފޯރުވައިދެމުން ހިނގާ މާއްދާތަކެއް ބޭރުކުރެއެވެ. އެއީ ކީމާވީ(ކެމިކަލް) ބާވަތެއްގެ މާއްދާތަކެކެވެ. ފިރިހެނަކު ފިރިހެނެއްގެ ގޮތުގައި، އަންހެނަކު އަންހެނެއްގެ ގޮތުގައި ފުރިހަމަވެ ފައްކާވުމަށް ކޮންމެހެން ބޭނުން މާއްދާތަކެއް މެއެވެ. ތަނާސުލީ ޖިހާޒުން މިބުނި މާއްދާތައް ލެއަށްނުލިބޭނަމަ ދެޖިންސުންކުރެ އެއްޖިންސަކަށްވެސް ޚާއްޞަވެފައިވާ މަޒިއްޔާތަކެއް ޠަބަޢީގޮތުންވިޔަސް ނަފުސާނީ ގޮތުން ވިޔަސް ފުދޭ މިންވަރަށް ނުލިބޭނޭކަން ކަށަވަރެވެ.

ހަށިގަނޑުގެ ތަނާސުލީ މެޝިން ފާގަތިވަމުން އައިސް، ޢަމަލު އިނގޭހައިވުމުން މިޢިޝާރާތްކުރެވުނު މާއްދާތައް ލެއާއި އެއްކޮށްގެން ބަހާން ފަށައިފާނެއެވެ. މިޙަރަކާތް ހިންގަން ފެށުމުން ފިރިހެން ކުއްޖަކުނަމަ ދިވެހީންގެ ތެރޭގައި އަޑުފެޅެނިއްޔޭ މިބުނާގޮތް ވެދާނެއެވެ. އަޑު ފަލަވެފައި ބަރުވަނީއެވެ. އަދި ތުނބުޅި މަތިމަހާއި، އެހެނިހެން ދިމަދިމާގައި އިސްތަށި ފަޅާން ފަށާފާނެއެވެ. އަންހެން ކުއްޖާއަށްވެސް ޖިސްމާނީ ގޮތުން އޭނާއަށް ޚާއްޞަ އެތައް ބަދަލުތަކެއް އަތުވެދާނެއެވެ.

މިބަދަލުތައް ހަށިގަނޑަށް ދެބައިމީހުނަށްމެ އަންނައިރު ނަފުސާނީގޮތުންވެސް އިތުރު ސިފަތަކެއް ކޮންމެ ޖިސްމަކަށްމެ ލިބެމުން އާދެއެވެ. ފިރިހެން ކުއްޖަކުނަމަ ހިތްވަރުގަދަވުމާއި އަމިއްލަ ކަރާމަތެއް އުފެދުމާއި ޒާތީ އިޢުތިބާރު އައުވުމާއި ބޮޑެތި އުނދަގޫ ކަންތަކަށް ދަހިވެތިވުމާއި ތިމާގެ ޙިމާޔަތްތެރިކަން ކޮންމެވެސް ފަރާތަކަށް ފޯރުވާހިތްވުމާއި މިފާޑުގެ އެތައް ސިފައެކެވެ. އެކަން އިތުރުވަމުން ދާއިރު އޭގެ ވެރިޔާ ޙަޔާތުގެ އުފާތަކަށް އެދުންވެރި ވާން ފަށާފާނެއެވެ. ފުރިހަމަ އިންސާނަކަށް ވެގެން ކުރީސަފަކަށް އަރައިގެން ދިއުމަށް އެވަގުތަކުން ދަހިވެތިކަން ބޮޑުވާނެއެވެ.

ފަހެ އެދުވަސްވަރުގެ ޡަރޫފުތަކުން މަންފާ ހޯދައިގަނެ އެސިފަތައް ރަނގަޅު މިޞްރާބަކަށް އެޅުވިއްޖިއްޔާ، އެއާމެދު ބުއްދިވެރި މަގަކުން ތަޞައްރުފު ކުރެވިއްޖިއްޔާ ލާބަ އިތުރު ނަތީޖާ ތަކެއް އޭގެ ވެރިޔަކަށާއި އޭނާ އެކުލަވާ މުޖުތަމަޢަކަށް އަތުލައިގަނެވިދާނެއެވެ. ކަން މިހެން ހުރުމުން އެނގެނީ ތަނާސުލީ މެޝިނުން ފުދޭހައި ބޭނުމަކީ، ހަމައެކަނި ދެމީހަކުވެގެން ޢަމަލިއްޔަތެއް ނިންމާލުން ނޫންކަމެވެ. އެމެޝިނަކީ އޭގެ ޙަރަކާތުން މީހާއަށް ބޭނުން، މަތިވެރި ސިފަތަކެއް ލިއްބައިދޭވެސް މެޝިނެކެވެ. އެޙަރަކާތްތައް ނަހަމަ މަގުން ގެންދެވޭނަމަ މީހާގެ ޞިއްޙަތު މުޅިން ބަރުބާދުވެގެން ދިއުން ކައިރިއެވެ.

ޒުވާނުންނޭވެ! ނަފުސު އޮބެހެއްޓުމީ ތިޔަކުދީން ކުރިޔަށްދާން އޮތް މަގުގެ ތަޅުދަނޑިކަން ދަންނާށެވެ! އެއީ އިންސާނުންގެ ޙައްޤުގައި ޟަރޫރީ ކަމެކެވެ. ކޮންމެ އިޖުތިމާޢީ ކުރިއެރުމެއްގެ ބިންގާ ގަނޑެއް މެއެވެ. އެކަމުގެ ސަބަބުން ލަފާތައް ހަރުދަނާވެ ޢަމަލުތައް ކުރިއަށްގެންދެވޭގޮތްވެ އުންމީދުތަކާ ދިމާޔަށް ކުރެވޭ ދަތުރުތައް ހަލުވި ވެދެއެވެ. ޙަޤީޤަތުގައި އިންސާނީ ޘަޤާފަތުގެ މުޅި މަދާރަކީ އެއީއެވެ. އެގޮތަކީ ނުފޫސު ހުރި ވަރުގަދަ އިންސާނަކަށް ވެފައި އެހެންމީހުންގެ މައްޗަށް އަސަރާއި ނުފޫޒު ފޯރުވަން އެދޭމީހަކުނަމަ ފުރަތަމަ ވާނީ އަމިއްލަ ނަފުސުގެ މައްޗަށް ޙުކުމް ހިންގަން އާދަކުރާށެވެ. އަމިއްލަ ޢާޠިފާގެ ލަގަން ހިފެހެއްޓޭތޯ ބަލާށެވެ. ޢާޠިފާތަކުގެ ތެރެއިން އެންމެ އަސަރުގަދަ ޢާޠިފާއަކީ، ތަނާސުލީ ޢާޠިފާކަން ތިޔަކުދީންނަށްވެސް މިހާރު އެނގޭނެއެވެ. ނަމަވެސް ހިތާމަޔަކީ ގިނަކުދީންނަށް ޚާއްޞަކޮށް ގިނަ ފިރިހެން ކުދީންނަށް ނަފުސު އޮބެހެއްޓުމުގައި ހުރި މޮޅުކަން ނޭނގޭކަމެވެ!!

އަންހެންކުއްޖަކު ފިރިޔަކާ ޖެހޭންދެން ބިކުރުވެރި ޙާލުގައި އިނުން އެދެވޭ ހިނދު ފިރިހެންކުދީންނަށް މިޙުކުމް ނުހިނގާންވީ ސަބަބެއް ނުވިސްނެއެވެ. ފިރިހެން ޒުވާނަކުވެސް މުޅިން އާކޮށްހުރެ ޒަވާޖަށް ކުރިމަތިލައިފިއްޔާ އެއީ އަޅުގަނޑުގެ ނަޒަރުގައި އަގު ނުގެއްލި ހުރި ޒުވާނެކެވެ. އެހެން ނުވިނަމަ ނޫނެކެވެ. ޙަރާމް އުޅުމުގައި އަންހެނެކޭ ފިރިހެނެކޭ އެއްފަދައެވެ. ޢަމަލުގައި ބައިވެރިވާހިނދު ކުށުގައި ބައިވެރިނުވެ ދާނީ ކޮން ފަދައަކުން ބާވައެވެ!

ޒުވާނުންނޭވެ! ހުއްދަނެތް ރޮނގުން ޖިންސީ ޢަމަލުތަކުގައި ބައިވެރިވުމީ ޝައިޠާނާގެ ބަހަށް ހެއްލޭ ހެއްލުމެކެވެ. ކަމުގެ އާޚިރު ނަތީޖާއަކީ ބޮޑެތި ހިތާމަތަކުގެ ތެރެއިން ހިތާމައެކެވެ. ފަހު ކޮޅަކީ ނަފުސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން މުޅީން ޞިއްޙަތުގެއްލިގެންދާ ޚަރާބުވުމެކެވެ. ފަހެ، އިންސާނާ ތަނާސުލީގޮތުން ބޭޤަރާރުވެފައިވާނަމަ އެވާ ބޭޤަރާރުން އޭނާގެ މުޅި އިޖުތިމާޢީ ޙަޔާތަށް ލޮޚުސާން ލިބޭނެއެވެ. ޔަޤީނުން މުސްތަޤުބަލަށް އަނދިރި ނުއެޅިއެއް ނުދާނެއެވެ. ފިރިހެނެއްގެ އަންހެނެއްގެ ޙާލަތުގައި، ބައްޕަޔެއްގެ މަންމަޔެއްގެ ޙާލަތުގައި، އަދި މުޖުތަމަޢުން ފަރުދެއްގެ ޙާލަތުގައިވެސް އެފަދައެވެ. ވީމާ، ޣަރީޒީ ބާރުތަކަކީ ޙަޔާތުގެ އޮފިތަކެކޭ ހީނުކުރާށެވެ! އެއީ މުޅިހަޔާތު އޭގެ ބާރުގައި ނެގެހެއްޓިފައި ހުންނަ މައިމޫތަކެކޭ ހީކުރާށެވެ! އެބާރުތަކުން ބާރުލިބިގެން ކަތިމަގުމަގުން ހިނގައި ނުރައްކާތެރި ޢަމަލުތައް ހިންގައި ނުއުޅެ ޣަރީޒީ ބާރަކީ ތިމާގެ އުފާވެރި ތެދުވެރި އަސްލުކަމުގައި ހަދާލާށެވެ! އެއިން މުޅި އުންމަތަށް ލާބަހުރި މައިދާނެއްގައި ޢަމަލުކުރަމުން ގެންދިއުމަށް ހަމަ މިހާރުން ފެށިގެން ޢަޒުމު ކަނޑައަޅާށެވެ!

ބޭއިންސާފު އަނިޔާވެރިކަމުން ޝުޢޫރުތަކަށް އަމަލީ ސިފަ ގެންދަމުންދާނަމަ ނުރައްކާތެރި ބަލިމަޑުކަމެއް ތިމާގެ ޖާނުގައި އަށަގެންފާނެއެވެ. އެކަހަލަ އާފާތެއް ފަހަރުގައި ލޯބިވާ ދަރީންނަށް ނުވަތަ ދަރިކޮޅުން ބަޔަކަށްވެސް ވާރުތަކޮށްފާނެއެވެ. އެކަމުގެ ސަބަބުން "ފުށަތުބަލީ" ގެ އަހުލުވެރިޔަކަށް ވެގެން ދިޔުން އޮންނާނީ ވެސް ދާދި ކައިރީގައެވެ.

"ފުށަތުބައްޔޭ" އަޅުގަނޑު ކިޔައިގެން މިއުޅެނީ ޠަބީޢަތާ އެއްފުށަށް ތަޠުބީޤުނުކުރެވޭ ބާވަތުގެ ތަނާސުލީ ބަލިބައްޔަށެވެ. އޭގެތެރެއިންވެސް ހައިރާންވާންޖެހޭ ހިސާބަކަށް ބައެއްމީހުންގެ މިޒާޖުގައްޔާއި ނަފުސުގައި ހަރުލައި ސާބިތުވާ ބަލިބައްޔެވެ. ޢަރަބި ނޫސްތަކާއި އިނގިރޭސި ނޫސްތަކުގައި، ތަމަޅަނޫސްތަކާއި ސިންގަޅަނޫސްތަކުގައި، އުރުދޫނޫސްނޫހާއި ދިވެހިނޫސްނޫހުގައި ބައެއްފަހަރު ސަލާމަތް ހިތްތައް ފަކުރުން ކުރުގެޅޭހައި ހަޑިމުޑުދާރު، ހިތާމަވެރި އަޚުލާޤީ ޙާދިޘައް ފެނެއެވެ. އެ ޙާދިޘާތަކުގައި އޭގެވެރީން އިންސާނީ ޠަބީޢަތާ މުޅީން ވަކިވެގެން ގޮސްފައިވާތީއެވެ.

މިއޮތީ ޚާދިމަކު އޭނާގެންގުޅޭ ސާހިބުގެ ލޯބިވާ ތިންއަހަރަށްދާ އަންހެން ދަރިފުޅު ހަލާކުކޮށްލިވާހަކައެވެ. ދެން އޮތީ އެތައްޒަމާނެއްވަންދެން ފަރަންސޭސިންގެ މާތްމީހަކު އޭނާގެ އަންހެން ދަރިފުޅު އަތްނބެއްގެ ގޮތުގައި ގަދަކަމުން ބޭނުންކުރިވާހަކައެވެ. އެއޮތީ ފަސްދޮޅަހަށްވުރެ މައްޗަށްގޮސްފައިހުރި މުއްސަނދި ބޭބެއަކު ކުޑަފިރިހެން ކުއްޖަކު ހައްލައިލައިގެން ޢަމަލިއްޔަތެއް ގެނައިވާހަކައެވެ. ތިޔަބޭފުޅުންނަށްވެސް ފެނިވަޑައިގަންނަވާނޭ ފަދައިން އެއޮތް ނޫހުގައި އެއޮތީ އަނބިމީހާގެ ކައިރިއަށް އެހެން ފިރިހެނަކުވެސް ވައްދައިގެން ކުންފުނިހަދައިގެން ކުޅިގަނޑެއް ނިންމައިލިބަޔަކު އަރުވައިލިވާހަކައެވެ. މިނޫނަސް އަންހެނުން އަންހެނުންނާއެކުގައި، ފިރިހެނުން ފިރިހެނުންނާއެކުގައި ކުޅެމުންގެންދާ ހައިރާންވާކަހަލަ އެކިއެކި ދައުރުގެ ވާހަކަ ފެންނަނީ، އިވެނީ ފާޅުވަނީ މަދެއްކޮށެއްނޫނެވެ.

މިފަދަ ޙާދިޘާތައް ފާޅުވެގެން ނޫސްނޫހުގެ ގަނޑުތަކުގައްޔާއި އާހުގެ ރޯޅިތަކުގައި އެކުލަވަމުންދާއިރު ފައްކާ ގޭގޭގެ ދޮރުތަކާއި ފަރުދާތަކުގެ ނިވަލުގައްޔާއި ޖިފުޓިޖިފުޓީގެ އަދިރިތަކުގައްޔާއި ފަޅުތަންތާނގެ ބަނޑުތެރޭގައި މިފާޑުގެ ކިތައްކުލައިގެ ކިތައްޙާދިޘާ ހިނގާނެތޯއެވެ! ހިތައްވެސް ނުވިސްނޭ، ލޮލަށްވެސް ނުފެންނަފަދަ މަސާރީތަކުގެ ބިއްދޮށުގައި ކިތައްފާޑުގެ ކިތައްޢަމަލިއްޔަތު ކިތައްސިފަޔަކުން ނިމިގެން ދާނެތޯއެވެ؟ މިހިރީ އެންމެނަށްވެސް ދުނިޔޭގެތެރޭގައި ހިނގަމުންދާކަން އެނގޭ ކަންތައްމެއެވެ. މިބާވަތުގެ ކަންތަކާއިމެދު ބަޙުޘްނުކޮށް ތިބޭތަން ފެންނަނީ، އަދަބާ ޚިލާފު ކަމަކަށްވާނެތީޔޭ ހީވެއެވެ.

އެކަމަކު ލިޔާމީހުންނާއި ބަޙުޘްކުރާމީހުންގެ މިކަމުގައި މިސާލަކީ ދޮސްހިލި، ކުނިވެފައިވާ ފާރުގަނޑަކާއި ނިސްބަތްކުރާއިރު ޑަކުޓަރުންގެ މިސާލެވެ. ފާރުގަނޑުގައި ފުޅަތައް އުތުރުނަސް ޑަކުޓަރުންގެ ވާޖިބަކީ އެތަންތާހިރުކޮށްފައި ބޭސްއަޅައި ފަސޭހަކުރުމެވެ. ލިޔުންތެރިންނާއި މުޤައްރިރުންގެ ވާޖިބަކީ ނަފުސާނީބައްޔެއްނަމަ ކިތަންމެ މުޑުދާރުބައްޔެއް ކަމުގައިވިޔަސް އެބައްޔަކަށް ސަމާލުކަން ދިނުމެވެ.

އޮޅުމެއްނެތެވެ! ތަނާސުލީ "ފުށަތުބައްޔަކީ"ވެސް ޢާންމުކަންބޮޑު އިޖުތިމާޢީ ބައްޔެކެވެ. ބަޙުޘްކުރުމާއި ފަރުވާކުރުމަށް ނުހަނު މަތީދަރަޖައަކަށް އެބަލި ބޭނުންވެއެވެ.

އަޅުގަނޑުމެނަށް އެނގިފައިވާ ގޮތުން އިންސާނާ އުފެދިފައިވަނީ ތަވާޒުނުހަމަވާ ގޮތެއްގެ މަތިން އެތައްބާރެއް އެއްވެގެންނެވެ. އާދަޔާޚިލާފަށް މީގެތެރެއިން ބައެއްބާރެއް ގަދަވެއްޖެނަމަ ނަތީޖާއަކީ ދެންހުރިބާރުތަކުން އުނިވުމެވެ. މިހެންވީމާ އާދައިގެ މެދުމިން ވަޒަނަށް ތަފާތުކަމެއް އަތުވެދާނެއެވެ. އެތަފާތުކަމަކީ، ފަހަރުގައި ރަނގަޅު މޮޅު އަތަކަށް ހުންނަ ތަފާތެއްކަމުގައި ވެދާނެއެވެ. އޭރުން ފައިދާވާނީ ބޮޑެތި ޢިލްމުވެރިންނާއި، މުޞްލިޙުންނާއި، ޙިކުމަތްތެރިންނާއި، ބުއްދިވެރިންނާއި، އީޖާދުވެރިންނާއި، ޅެންވެރިންނާއި މިފަދަ މާތްމީހުނެވެ. އަނެއްބައިފަހަރަށް އެތަފާތަކީ، ނުބައިއަތަކަށް ގެންދާ ތަފާތުވުމަކަށް ވެދެއެވެ. ނަތީޖާއެއްގެ ގޮތުން ރަޙްމުކުޑަމީހުންނާއި އަނިޔާވެރިންނާއި މުޖުރިމުންނާއި އަޞްލީ މޮޔައިންނާއި "ފުށަތުބަލީ"ގެ އަހުލުވެރިންފަދަ މަޚުލޫޤުން ފައިދާވެއެވެ. މީގެ ތެރެއިން މިހައިރު "ފުށަތުބަލީ"ގެ އަހުލުވެރިޔާއާ މެދަށް ބަލައިލަމާތޯއެވެ؟

އާދޭހެވެ! ހިލޭ އަންހެނުންގެ ކައިރީން ޖިންސީލައްޒަތު ހޯދާ މީހާއީވެސް މިކަމުގައި ކުއްވެރި ފާފަވެރިއެކެވެ. މީހެއްގެ އަތްނބަކާ ގުޅިގެން އެދުންތައް ފުއްދަމުން ގެންދާ މީހާއީ އަދި ވަކީން ފާފައާއި ކުށް ބޮޑުވާނޭ މީހާކުކަން ޔަޤީނެވެ. އެމީހުންނަކީވެސް އަނިޔާވެރިންކަމުގައި ވާނޭ ކަމާމެދަކު އޮޅުމެއް ނެތެވެ. އެއްބަހެވެ. އެކަމަކު އެމީހުން އެގެންނަ ނުބައި ޢަމަލުތަކުގެ އަޞްލަކީ ޠަބީޢި އެދުމެކެވެ. އެ އެދުން ބޭނުންކުރުމުގައި އެމީހުން ހުއްދަނޫން މަގަކުން ހިނގީއެވެ. ފާސިދު މަޙައްލެއްގައި ޠަބީޢި ޢަމަލު ހިންގުނީއެވެ. "ފުށަތުބަލީ"ގެ ވެރިޔާ އެހެންނަކުން ނޫނެވެ. އޭނާގެ ޖިންސީ ޙަރަކާތްތައް ހުންނަނީ ޠަބީޢަތުގެ ޤާނޫނާއި ދިމާއިދިކޮޅަށް ފުށަތަށް އެނބުރިފައެވެ. މިކޮޅު އެކޮޅަށް އެކޮޅު މިކޮޅަށް ޖަހާފައެވެ. ޝައްކެއް ނެތެވެ! އެއްޖިންސެއް ހަމަ އެޖިންސަށް އެދުންވެރިވުން އެއީ ޢަމަލީ ސިފަ އަތުވެއްޖެނަމަ ކަލާނގެ ކަނޑައަޅުއްވާފައިވާ ޤުދުރަތީ ޤާނޫނުން އެންމެ މުހިންމު މާއްދާއަކާ މުޅިން ޚިލާފުވުމެކެވެ. އޭރުން ހުރިހައި ދީނަކާއި އިދިކީލި ވެވުނީއެވެ. މުހައްޛިބު އެންމެންގެ އިސްޠިލާޙާއި ނޭއްދާރު ވެވުނީއެވެ. އެމީހަކު އެފަދަ މުހިންމު ގަވާއިދުން ޢަމަލުން މުގުރައިލިކަމަށްޓަކައި ގަދަފަދަ ޢުޤޫބާތެއް ނުލިބިއެއްނުދާނެއެވެ. ދުނިޔެމަތީގައްޔާއި ޤިޔާމަތުގައެވެ. ފަހަރުގައި ދުނިޔެމަތީން ނުފެނިއްޖެ ނަމަ އާޚިރަތުގެ ވޭން ދެފަށްވެގެން ދާނޭކަން ކަށަވަރެވެ.

ސިފަވެގެން ދިޔަ ހައިރާންވުން އެކަށީގެންވާ ބަލީގެ އަޞްލާއި އަދި ފަރުވާއާ މެދު އެއްޗެއް ދަންނަވާލުމުގެ ކުރީން އެބައްޔާމެދު ތާރީޚިނަޒަރެއް މަތިމަތީން ނަމަވެސް ހިންގައިލަމާތޯއެވެ؟ ބަލަމުން ދާއިރު ބައްޔަކީ ތާރީޚުގެ ލައްކަ ކުރީ ކޮޅުން ފެށިގެން މަދަނިއްޔަތާ އެއް އިންވެގެން އަންނަ އިޖުތިމާޢީ ބައްޔެކެވެ. މަޝްހޫރު ލޫޠުބާގާ މީހުންގެ ތާރީޚުން ޚުދް ޤުރުއާނުގައިވެސް ޞަރީހަގޮތުން މިމައްސަލަޔާމެދު ޚަބަރުތަކެއް އެކުލަވާލާފައި ވެއެވެ. ތައުރާތުގައިވެސް ވަރަށް މަތިވެރި ދެރަށެއްގެ ބަޔަކު އެބަލީގެ ޢަމަލުތަކުގެ ސުންޕާކަމުން ހަލާކުވެގެން ދިޔަވާހަކަ އޮވެއެވެ. ސައްޔިދުނާ މޫސާގެ ޝަރީޢަތުގައިވެސް އެސުންޕާ ޖަރީމާ ގެނައިބަޔަކަށް އޮންނަ ޙުކުމަކީ ރަޖަމުކުރުމެވެ. ފާރިސީންގެ ތެރޭގައި އެފަދަ ޢަމަލެއްކޮށްފި މީހަކު ދުނިޖަހައިގެން މަރަނީއެވެ.

ޔޫމާނީންނާއި ރޫމާނީން ދުނިޔެމަތީގައި ކުރިއަރައި ތަރަށްޤީވެގެން މުއްސަނދިވުމުން ޙައްދަށްވުރެ މައްޗަށް އުފާތަކާއި މަޖާތައް ގެންދިޔަ ޒަމާނުގައި އެމީހުން ހަށިގަނޑުގެ ލައްޛާތުގައި ފީނާލެއް ބޮޑުކަމުން އެތަންތާނގެ މުޖުތަމަޢުގައިވެސް އެބަލި ފެތުރިގެން ދިޔައެވެ. ޞަލީބީ ހަނގުރާމައިގައި ނަޞާރާއިން އިސްލާމުންގެ ކުރިމަތީގައި ބަލިވެގެން ދިޔަ ބަލިވުމަކީވެސް އެމީހުންގެ ތެރޭގައި "ފުށަތުބަލީ"ގެ ސުންޕާކަން ފެތުރިފައި އޮތް ބޮޑުކަމުން އައި ނަތީޖާއެކޭ ބުނާ މުވައްރިޚުން މިޒަމާނުގައި އެބަތިއްބެވެ.
މިހާރުގެ ދުނިޔެއަށް ވިސްނަމުން ދާއިރު މިދަންނަވާ ޖިންސީ ޝުޢޫރު ފުށަތަށް ފުރޮޅިފައި ހުންނަ ބަލި ދުނިޔޭގެ އިރުމައްޗާއި ހުޅަނގުގެ ބޮޑެތި ޓައުންތަކުގައި ފެތުރިފައި ވެއެވެ. ލަންޑަން، ނިޔޫޔޯކް، ޕެރިސް ފަދަ މަރުކަޒުތަކުން ކަސްބީ ގޭގޭގައި އެބަލީގެ އަމަލުތައް ވަރަށް ގިނައެވެ. ޚާއްޞަކޮށް ޕެރިސްގައި އެއީ އާދައިގެ ކަމެކެވެ. މިޔަށްވުރެވެސް އަޖައިބުވާންޖެހޭ ކަމަކީ ބައެއްތަންތާނގެ ސަރުކާރުންވެސް އަންހެނުންނެކޭ އެއްފަދައިން ފިރިހެނުންނަށްވެސް ކަސްބީކަމުގެ ސަނަދު ދޫކުރާކަމެވެ!!

ދިވެހިރާއްޖޭގައި މިބަލި ހިނގަމުންދާ ދިޔުމާމެދަކު މިމަޤާލަތުގައި ވާހަކަ ދައްކާކަށް ގަސްތެއް ނުކުރަމެވެ. މާތްﷲ ރުއްސެވީވިއްޔާ އެހެންފަހަރަކުން ލިޔެވޭތޯ ބަލާނަމެވެ. މިހާރު ރަށްފުށުގައިވެސް އެބަލީގެ ފަނި ހިރެމުން ދާކަމުގައި ދަންނަވައިލުމުން ފުއްދައިލާނީއެވެ.

ބަޙުޘްކުރަމުންދާ އެންމެން އިއްތިފާޤުވާ ފަދައިން ޖިންސީ މިޒާޖު ކަތިކޮށް މަގުއޮޅުވުމުގެ ސަބަބުތައް ކަމުގައިވާ ޚީލާފުއެތައް ޢާމިލެއް ވެއެވެ.

ވާރުތައިންވެސް މިބަލި ފަހަރުގައި ލިބެމުން ހިނގައިދާނެ ކަމުގައި ބައެއްމީހުން ބުނެއެވެ. މާބަނޑުގައި އޮންނަ ދުވަސްވަރު ކުއްޖާއަށް މެދުވެރިވަމުންދާ ބައެއް ޙާލާތަކީ އޭނާގެ ޠާބީޢަތް ފާސިދުކޮށް ޖިންސީޢާޠިފާ ކަތިމަގަށް އަޅުވާ ޢާމިލެއްކަމުގައި ބަޙުޘުން ކުރިޔަށް ނުކުމެ ތިބި އެންމެހައި ޢިލްމުވެރީން އެއްބަސްވެއެވެ. ފަހެ އަންހެނާ މާބަނޑުވެ އިންނަ ދުވަސްވަރުގައި އޭނާގެ ޝަހުވަތުގެ ލަގަން ދޫކޮށްލައިގެން ޖިންސީގުޅުން ތަކުގައި ހިފޭއްޓުމެއްނެތި ޢަމަލު ގެންދިއުމީ ބަނޑުއޮތް ދަރިޔަށް އެކަމުގެ އަސަރުފޯރާކަމެއްކަން މިޒަމާނުގެ ހުރިހައި ޑަކުޓަރުން، ޑަކުޓަރުން ކީއްކުރަންތޯ އެވެ؟ އެންމެހައި މުހައްޛިބުންވެސް ދަނެއެވެ. މިކަމުގެ ހިތި ނަތީޖާ ތަކުގެ ތެރެއިން އެއްކަމަކީ ބަނޑުއޮތް ދަރިފުޅަށް ޖިންސީގޮތުން ނަފުސާނީ ބަލިތަކެއް ޖެހުމެވެ. އެފަދަ ޙާލަތުގައި އޮޅުމެއް ނުއޮންނާނޭފަދައިން ދަރިފުޅުގެ ޙައްޤުގައްޔާއި މަންމާގެ ޙައްޤުގައި މެދުވެރިކުޅަ ގުނާގައި މަންމާއެއްފަދައިން ބައްޕަވެސް ކުއްވެރި ވާންޖެހޭނެއެވެ.

އަދި މިހެން ނޫނަސް ޢާންމުގޮތުގައި ޖިންސީގުޅުންތައް އެކަށީގެން ނުވާ މިންވަރަށް ކުރިއަށްގެންދިއުމީ ޠަބީޢަތާއި އިދިކީލި ބަލިތައް މީހާގައި ވަރަށް ގިނަފަހަރަށް އަށަގަންނަކަމެވެ. އަޅުގަނޑުގެ އަމިއްލަ ވިސްނުމުގައިވެސް އެބަލީގެ އެންމެ މުހިންމު ސަބަބަކީ އެއީއެވެ. އެގޮތަކީ އެކަން ޙައްދަށްވުރެ ބޮޑުވެ ޖިންސީ ޢަމަލުތައް ގިނަވާން ފެށީމާ މުޅި ޢަޞަބީ މެޝިން ލޮޑިވެގެން ހިނގައިދާނެއެވެ. ނަތީޖާއެއްގެ ގޮތުން ތަނާސުލީ މެޝިނުގެ ހަކަތާއި ބުންވަރު ދަށަށް ހިނގައިދާނެއެވެ. މިހެން އެތެރެހަށީގައި ޙަޤީޤަތްތައް ބަދަލުވަމުން ދާއިރު ޖިންސީއެދުން ހައްތާ ދާނީ އާދަޔާ ޚިލާފަށް ތޫނުވަމުންނެވެ. އެންމެ ފަހުން ޠަބީޢީ އާދައިގެ ގޮތްގޮތުން އަލާކެނޑިފައި، ހިތްގައިމުވާތަން ނާންނަން ފަށައިފާނެއެވެ. މިހެން ވީމައި ބަލިމީހާ އޭނާގެ ލޮޑުވެފައި ހުންނަ ނާރުތައް ހޭލައްވައި ހައިޖާނުކޮށްލުމަށްޓަކައި ޠަބީޢަތާ ޚިލާފުމަގަކުން ޢަމަލު ހިންގަން ޖެހިދާނެއެވެ. ޚުދު އޭނާއަކަށް މިޒާޖަށް މިޒާޖަށް އެއަންނަ ބަދަލުގެ ސަބަބެއް ނުވިސްނޭނެއެވެ. މިހިސާބަށް ދިއުމުން މުޅީން ޤުދުރަތީ ޤާނޫނާ ޚިލާފު އުޞޫލަކުން އޭނާގެ ހިތްގަނޑު ރުއްސައި ހިލިގެން އެއުޅޭ ޢާޠިފާއެއް ތައްކަތު ކުރެވޭތޯ މަސައްކަތް ކުރެވެނީއެވެ. ކުރެފޭ މަސައްކަތް ތަކުރާރުވަމުން އާދަޔަކަށް ވެދެއެވެ. އާދައަކަށް ވާއިރު އެބަލި ހުންނާނީ މިޒާޖުގައި އެކުވެގެން މަސްހުނި ވެފައެވެ. ސަލާމަތްވުން ދަތިވާހިސާބަށް ގޮސްފައެވެ. އެއްދުވަސްވަރަކު އެތެރެވަރީ ބައެއްތަންތާނގެ ގަނޑުވަރު ގަނޑުވަރުތެރޭގައި މިބަލި ފެތުރިގެން ދިޔައީ މިހެން ވެގެންނެވެ. ޔޫރަޕުގައްޔާއި އެމެރިކާގެ މަތީ ޠަބަޤާތުގައި މިހާރު މިޒަމާނުގައި އެބަލީގެ ޢަމަލުތައް ފެތުރިފައި ހުންނަނީވެސް ހަމަ މިކަމުގެ ސަބަބުންނެވެ.

ކަޅިހިންގަމުން ދާއިރު ދިމާވާ ޡުރޫފުން އަންހެނުންނާ ވަކިވެގެން ގިނަދުވަހު އެއުޅެންޖެހޭ ޖަމާޢަތްތަކުގައިވެސް އާދަޔާ ޚިލާފަށް އެކަން ހުރެއެވެ. މިސާލަކީ ހަނގުރާމައިގެ ދުވަސް ތަކުގައި ސިފައިންގެ ތެރެއެވެ. ދުރު ދަތުރުތަކުގައު ކަނޑުމަތީ ދުވަސް ގިނަވާ މީހުންގެ ތެރެއެވެ. ޓައުންތަކުގައި އެކިޙާލާތުގައި ބަންދުކޮށްގެން އެއްތާކު ގެންގުޅެންޖެހޭ ޒުވާން ފިރިހެން ކުދީންނެވެ. ދުނިޔޭގެ އެތަން މިތާނގައި ބޭނުން ކުރަމުން ގެންދާ ބަނގުރާއާއި ގަންޖާ، ކޮކިން ފަދަ ތަކެއްޗަކީވެސް އެބައްޔަށް މަގުދައްކައިދޭ އެއްޗިއްސެވެ. ސަބަބަކީ އެތަކެތި އިސްތިޢުމާލުކުރުމުން މީހާގައި ހުންނަ ހިފޭއްޓުމުގެ ބާރާއި ޢަޒުމު ފިލައިގެން ދަނީއެވެ. ނަތީޖާއެއްގެ ގޮތުން ޖިންސީ ޣަރީޒާ ވީއްލިގެން ކޮށިން ބޭރުވެގެން އަރިއަރި މައްޗަށް ދުއްވައި ގަންނަނީއެވެ. މިބުނި ތަކެތީގެ ތެރެއިން ވަރަށް މަދުމަދުން ނަމަވެސް މިރާއްޖޭގައި އަފިހުން އިސްތިޢުމާލު ކުރެވޭ ވާހަކަ އަޑުއަހަމެވެ.

ދެން ނަޒަރު ހިންގާލަން ބޭނުމީ އެންމެ މުހިންމު ނުކުތާއަކަށްވާ އެފަދަ ނުރައްކާތެރި ބަލީގެ ވެރިޔާ އެބަލީން ސަލާމަތް ވުން އެކަށީގެންވޭ ބާވައެވެ؟ އޭނާ ޠަބީޢީ މަގުމައްޗަށް އެޅުވިދާނޭ ބާވައޭ؟

އަބޫ ނަވާސްގެ ޅެންބައިތުގައި އޮންނަ ފަދައިން އެބައްޔެއްގެ ޢަމަލުތަކަކުން އެބައްޔަކަށް ބޭހެއް ނުކުރެވޭނެއެވެ. މިކަމާ މެދަކު އޮޅުމެއް ނެތެވެ. އެހެންވީއިރު ބަލިމީހާ އެބަލިން ގަދަވުން އެދޭނަމަ ފުރަތަމަ ފިޔަވަޅަކީ ކޮންމެފަދަ ހުރަހެއް އަޅައިގެން ނަމަވެސް ބަލީގެ އަމަލުތަކުން ދުރުހެލިވެގެން ފިސާރިވަރުގަދަ ޢަޒުމަކާއެކު ކެއްކުރުމެވެ. ދެން އޭގެ ފަހުގައި މިޒާޖާއި ނަފުސާއިގެން ޠަބީޢަތުގެ ސީދާމަގަށް އެރޭތޯ ޠަބީޢީ ފަރުވާތަކެއް ހޯދައިގެން ޢަމަލުކުރުމެވެ.

ބަޙްޘުގެ ބައެއްއަހުލުވެރީންގެ ބަހުގައި މީހެއްގެ ޣަރީޒާ ނުއަތަށް ނުވަތަ ފުށަތައް ޖެހިއްޖިއްޔާ އެކަމުން އެމީހަކު މުޅިޢުމުރުގައިވެސް ސަލާމަތެއްނުވާނެއެވެ. އަޅުގަނޑުމެންވެސް އެއްބަހެވެ. އެއީ ނަފްސާނިއްޔާތުންނާއި މިޒާޖުން ފިލުވައިލުން ދަތިބައްޔެކެވެ. އެކަމަކު ނުފިލާނެޔޭ ނުދަންނަވާނަމެވެ.

އަޅުގަނޑުގެ ޔަޤީނަކީ ނަފްސާނީ ބައްޔެއްގައި ފޯވެފައި ހުއްޓަސް ޢަޒުމެއްގެވެރި އިސްލާމެއްވިއްޔާ ފުރިހަމަ އީމާންކަމެއްހުރިއްޔާ މަސައްކަތްކުރީމާ އެބައްޔަކުން ސަލާމަތްވެ، ތައުބާވެގެން ޠާހިރުވެދާނޭކަމެކެވެ. ތަޤުވާވެރި ވުމުންނެވެ. ޢަޒުމުވަރުގަދަކުރުމާއެކުގައެވެ. ކެއްތެރިކަމުން މަޢޫނާ ހޯދަނީނަމަ އެވެ. ދެން ވަގުތުތަކާއި ޚިޔާލުތައް ފުރާލައިގެންނެވެ. ހެޔޮލަފާ މަތިވެރި މާއްދާތަކަކުންނެވެ.

މިޒަމާނުގެ ޑަކްޓަރުން މިބައްޔަށް ބޭސްކުރާކަމުގައި އިވެނީ އެބަލީގެ އަހުލުވެރީންނީ ޙައްދަށްވުރެ މައްޗަށް ޢަމަލު ގެންގޮސްގެން ސިކުނޑިޔަށް އުނިކަން އައިސް ބުއްދި ޚަލަލުވެފައިވާ ބަޔަކުގެ ސިފައިގައެވެ. ވީމާ، ބަލިމީހުންނަށް އެއުރެން ފަރުވާކުރަނީ ޢަޞަބީބަލިބައްޔަށް ފަރުވާކުރާ އުޞޫލާ ދާދި ގާތް އުޞޫލަކުންނެވެ.

ވިސްނޭގޮތުގައި މޫދުގައި ގިނައިރުވުމާއި، ޢާއްމުކޮށް ކެއުން ލުއިކުރުމާއި، ޚާއްޞަކޮށް މަސްކެއުން މަދުކުރުމާއި، ހާމަ ތަންތާގައި ނިދަން އާދަކުރުމާއި، ބޭރުމަތީގައި ގިނަގިނައިން ހިނގުމާއި، ހަށިގަނޑު ޙަރަކާތްތެރިވާ ކަސްރަތުގެ މާނައިގައި ނުވަތަ ސޫރައިގައިތެދުވާ ކަންތައްތައް ގިނަކުރުމާއި، މިފަދަކަންކަމަށް އިޙްތިރާމް ދެމުން ގެންދިޔުމީ އެބަލީން ސަލާމަތްވުމަށް ބާރުއަޅައިދޭ ސަބަބުތަކެއްކަމުގައި ވެދާނެއެވެ.

ނޯޓް: މިއީ 1993މ ގައި ފަތްތޫރައިގައި ޝާއިޢުކޮށްފައިވާ މަޒުމޫނެކެވެ. މަޒުމޫނު ލިއުއްވާފައިވަނީ ޢުމަރުޢީސާއެވެ. ޢުމަރު ޢީސާ އަކީ ލާމުއަތޮޅުގެ ގިނަބައެއްގެ އެދުރެއްވެސް މެއެވެ. މިޒަމާނަށްވެސް މިމަޢުލޫމާތުގެ މުހިންމުކަން ބޮޑުކަމުން މިމަޒުމޫނު ހުށައަޅާލާހިތްވީއެވެ.

Read more...

24 June 2011

ކުޑަޝިރުކުގެ ނުރައްކާތެރިކަން

އަލްއަޚް ބިލާލް ޢަބްދުއްސައްތާރު
ﷲ ތަޢާލާ ވަހީކުރެއްވިއެވެ . "وَقَدِمْنَا إِلَىٰ مَا عَمِلُوا مِنْ عَمَلٍ فَجَعَلْنَاهُ هَبَاءً مَّنثُورًا" (ފުރުޤާން 23 ). މާނަ: " އަދި ޢަމަލުތަކުގެ ތެރެއިން އެމީހުން ކުރި ކަންތައްތައް ތިމަން އިލާހު ބައްލަވައި، އެ ޢަމަލުތައް ވަޔާ ބުރައިގެންދާ ކުނޑިފުއްތަކެއް ފަދައިން ލައްވާހުށީމެވެ." އާދެ މިއާޔަތުގައި މިވަނީ ދެއްކުންތެރިކަމާއެކު ދުނިޔެމަތީގައި ޢަމަލުތައް ކޮށްއުޅުނު މީހުންގެ ވާހަކައެވެ.

الحمد لله الذي أوضح لنا سبيل الهداية، وأزاح عن بصائرنا ظلمة الغواية، والصلاة والسلام على النبي المصطفى والرسول المجتبى، المبعوث رحمة للعالمين، وقدوة للسالكين، وعلى آله وصحبه ومن تبعهم بإحسان إلى يوم الدين
ﷲ ތަޢާލާ އަޅުގަނޑުމެން ދުނިޔޭގައި ލައްވާފައި މިވަނީ އެއިލާހު އެއްކައުވަންތަކޮށް ހަމައެކަނި އެއިލާހުގެ ހަޞްރަތުން ޘަވާބާއި ދަރުމައަށް އެދިގެން އެއިލާހަށް އަޅުކަންތައް އަދާ ކުރުމަށްމަށްޓަކައެވެ. އަޅުގަނޑުމެންގެތެރެއިން އެއްވެސް މީހަކީ އެމީހެއްގެ އަމަލުތައް ޤިޔާމަތްދުވަހުން ބާތިލުވެ ބޭކާރުވެގެން ދާން އެދޭނެމީހެއްނޫނެވެ. ތިމާގެ މުޅި އުމުރު އަޅުކަމުގައި ހޭދަކުރުމަށްފަހު، ޢަމަލުތައް ހިސާބު ކުރެވޭ ދުވަހު އެޢަމަލުތައް ވަޔާއެކު ބުރުވާލެވިގެންދާ ކުނޑިތަކެއް ފަދައިން ވެގެންދިޔުމަށް އެއްވެސް މީހަކު ބޭނުމެއް ނުވާނެއެވެ. އެހެން ކަމުން ﷲ ތަޢާލާ އަށް އަޅުކަންކުރުމުގެ ޞައްޙަ މަގު ހަމަ ކޮންމެ މުސްލިމަކަށްމެ އެނގެންޖެހެއެވެ. އެއިލާހުގެ ހަޟްރަތުގައި އަޅުކަމެއް މަޤްބޫލު އަޅުކަމަކަށްވަނީ އެ އަޅުކަމެއްގައި ކޮންކަހަލަ ސިފަތަކެއް ހުރުމުންކަން އުނގެނި ދަސްކުރަން ޖެހެއެވެ.

ﷲ ސުބްޙާނަހު ވަތަޢާލާގެ ހަޟްރަތުގައި ހެޔޮ ޢަމަލުތައް ޤަބޫލުވެވުމުގައި ދެޝަރުތެއް ވާކަމުގައި ޤުރުއާނާއި ސުންނަތުގެ އަލީގައި ޢިލްމުވެރިން ބަޔާންކުރައްވައެވެ.

އެންމެފުރަތަމަ ޝަރުތަކީ އިޚްލާސްތެރިކަމެވެ. އެއީ ހަމައެކަނި ﷲ ތަޢާލާއަށް ނިޔަތް ޚާލިސްކޮށް ، އެއިލާހުގެ ހަޟްރަތުން ސަވާބާއި ދަރުމައަށް އެދޭ ހާލު އެ ޢަމަލެއް އަދާކުރުމެވެ. ﷲ ތަޢާލާ ގެ ވަހީ ބަސްފުޅުގައި ވެއެވެ. " وَمَا أُمِرُوا إِلَّا لِيَعْبُدُوا اللَّـهَ مُخْلِصِينَ لَهُ الدِّينَ حُنَفَاءَ وَيُقِيمُوا الصَّلَاةَ وَيُؤْتُوا الزَّكَاةَ وَذَٰلِكَ دِينُ الْقَيِّمَةِ " [البينة: 5] . މާނަ : " ބާތިލު މަގުން އެއްކިބާވެތިބެ ﷲ އަށް އަޅުކަން ޚާލިސްކުރާ ހާލު، ﷲ އަށް އަޅުކަންކުރުމަށާއި، ނަމާދު ޤާއިމުކުރުމަށާއި ، ޒަކާތް ދިނުމަށް މެނުވީ އެއުރެންނަށް އަމުރުވެވިގެން ނުވެއެވެ. އަދި ސީދާވެގެންވާ ދީނަކީ އެއީ އެވެ."

ދެވަނަ ޝަރުތަކީ މާތް ނަބިއްޔާގެ ސުންނަތުގައި ވާރިދުވެފައިވާ ގޮތަށް އެ ޢަމަލެއް ކުރުމެވެ. އުއްމުލް މުއުމިނީން ޢައިޝާ ރަޟިޔަﷲ ޢަންހާ ރިވާކުރެއްވި ޙަދީޘެއްގައި ވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. "مَن عمِلَ عَمَلاً لَيسَ علَيهِ أَمرُنا فهوَ رَدٌّ"( رواه مسلمٌ ) މާނަ : "ތިމަން ކަލޭގެފާނު ގެ ސުންނަތާ ޚިލާފަށް ޢަމަލެއްކޮށްފި މީހާގެ ޢަމަލަކީ ރައްދުކުރެވިގެންވާ (ޤަބޫލު ނުކުރެވޭ) ޢަމަލެކެވެ."

ވީމާ އަޅުގަނޑުމެންގެ ޞާލިހު ޢަމަލުތައް ، އެއީ ﷲ ތައާލާގެ ހަޟްރަތުގައި މަޤްބޫލު ޢަމަލުތަކަކަށް ވުމަށްޓަކައި ލާޒިމުކުރާ އެއްޝަރުތަކީ އިޚްލާސްތެރިކަން ކަން އަލްބައްޔިނާ ސޫރަތުގެ ފަސްވަނަ އާޔަތުން ބަޔާންވެއެވެ. އިޚްލާސްތެރިކަމުގެ އިދިކޮޅު ސިފައަކީ الرِّيَاءُ (އައްރިޔާ) އެވެ. ނުވަތަ ދެއްކުންތެރި ކަމެވެ. ދެއްކުންތެރި ކަމާއެކު ޢަމަލު ކުރާމީހާ އެ ޢަމަލުކުރަނީ ތިމާގެ އެ ޢަމަލުގެ ސަބަބުން މީސްތަކުން ތިމާއަށް މަދަހަ ޘަނާ ކިޔުމަށެވެ. އަދި މީސްތަކުންގެ ތަޢުރީފު ހާސިލުކުރަމަށެވެ. މިފަދަ ޢަމަލު ތަކަކީ ﷲ ތަޢާލާގެ ހަޟްރަތުން އެ ޢަމަލުކުރާ މީހާއަށް އެއްވެސް މަންފާއެއް ޤިޔާމަތްދުވަހުގައި ކުރާނެ ޢަމަލުތަކެއް ނޫންކަން ކަށަވަރެވެ. އަދި އެޢަމަލުތަކަކީ ހިސާބުގެ ދުވަހުގައި ފައިދާއެއްނެއް ގޮތުގައި ވަޔާބުރުއްސާލެވޭނޭ ޢަމަލު ތަކެއްކަމުގައި ވެގެންދާނެކަމުގައި އެކަލާންގެ ވަނީ ޚަބަރު ދެއްވާފައެވެ. ﷲ ތަޢާލާ ވަހީކުރެއްވިއެވެ . "وَقَدِمْنَا إِلَىٰ مَا عَمِلُوا مِنْ عَمَلٍ فَجَعَلْنَاهُ هَبَاءً مَّنثُورًا" (ފުރުޤާން 23 ). މާނަ: " އަދި ޢަމަލުތަކުގެ ތެރެއިން އެމީހުން ކުރި ކަންތައްތައް ތިމަން އިލާހު ބައްލަވައި، އެ ޢަމަލުތައް ވަޔާ ބުރައިގެންދާ ކުނޑިފުއްތަކެއް ފަދައިން ލައްވާހުށީމެވެ." އާދެ މިއާޔަތުގައި މިވަނީ ދެއްކުންތެރިކަމާއެކު ދުނިޔެމަތީގައި ޢަމަލުތައް ކޮށްއުޅުނު މީހުންގެ ވާހަކައެވެ. މި އާޔަތުގެ ތަފްސީރުގައި އިބްނި ކަޘީރު ރަޙިމަހުﷲ ބަޔާން ކުރައްވާފައި ވެއެވެ. ޤިޔާމަތްދުވަހުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ މީސްތަކުންގެ ހެޔޮ ޢަމަލުތަކާއި ނުބައި ޢަމަލުތައް ހިސާބުކުރައްވާ ހިނދު އެބައިމީހުންގެ ޢަމަލުތަކުގައި ﷲ ތަޢާލާ ފިޔަވާ އެހެންފަރާތް ތަކަކަށް އެބައިމީހުންގެ ޢަމަލުކުރުމުގައި ބައި އެޅި މީހުން ނުވަތަ އެބައިމިހުންގެ ނިޔަތުގައި ޝިރުކު ކުރި މީހުންނަކަށް އެ ޢަމަލުތަކުން ލިބޭނޭ އެއްވެސް އެއްޗެއް ނެތެވެ. އެހެނީ އެބައިމީހުން ވަނީ ޝަރުޢުގައި ޢަމަލުތައް ޤަބޫލު ވެވުމުގެ ދެޝަރުތުން ކުރެ ޝަރުތެއް ދޫކޮށްލާފައެވެ. އެއީ އެހެންޏާ އިޚްލާސްތެރި ކަމެވެ. ނުވަތަ ނަބިއްޔާގެ ސުންނަތަށް ތަބާވުމެވެ.

މައްސަލައަކީ ވަރަށް ނުރައްކާތެރި މައްސަލައެކެވެ. ވަރަށްގިނަ ބަޔަކަށް ސަމާލުކަން ނުދެވިފައިވާ ސީރިއަސް މައްސަލައެކެވެ. ސަބަބަކީ ދެއްކުންތެރިކަމުގެ މި ނުބައި ޢަމަލުގެ ތެރެއަށް ޝިރުކު ވަދެގެންދާތީއެވެ. އަދި ހަމަ އެފަދައިން މުނާފިޤުންގެ ސިފަތަކުގެ ތެރޭގަވެސް ﷲ ތަޢާލާ ވަނީ މިސިފަ ބަޔާން ކުރައްވާފައެވެ. ހަމަ އެކަނި ﷲ ތަޢާލާއަށް ޚާލިސް ކުރަންޖެހޭ އަޅުކަމެއްގައި އެހެންފަރާތެއް ބައިވެރި ކުރެވޭތީއެވެ. ދުނިޔެވީ މަންފާތަކެއް ހާސިލްކުރުން ޤަސްތު ކޮށްގެން، ﷲ ތަޢާލާއަށް ޚާލިސްކުރައްޖެހޭ އަޅުކަމެއް އަދާކުރާ މީހާއަކަށް އެއިލާހުގެ ރުހިވޮޑިގަތުމެއްނުލިބޭނެ އެވެ. ދުނިޔެމަތީގައި އޭނާ އެ އެދުނު އެދުން ފުދުނުކަމުގައިވިޔަސް (މީސްތަކުންގެ ކިބައި ތަޢުރީފާއި މަދަހަ ޘަނާ ލިބުނުކަމުގައި ވިޔަސް) އާޚިރަތުގައި އެ ޢަމަލަށް ބޭނުންޖެހޭ ހިނދު ލިބޭނޭ އެއްވެސް ފައިދާ އެއް ނޯންނާނެއެވެ. ﷲ ތައާލާ ވަހީކުރައްވާފައި ވެއެވެ. " مَن كَانَ يُرِيدُ الْحَيَاةَ الدُّنْيَا وَزِينَتَهَا نُوَفِّ إِلَيْهِمْ أَعْمَالَهُمْ فِيهَا وَهُمْ فِيهَا لَا يُبْخَسُونَ ﴿١٥﴾ أُولَـٰئِكَ الَّذِينَ لَيْسَ لَهُمْ فِي الْآخِرَةِ إِلَّا النَّارُ وَحَبِطَ مَا صَنَعُوا فِيهَا وَبَاطِلٌ مَّا كَانُوا يَعْمَلُونَ ﴿١٦﴾ " (ހޫދު 15، 6 ) މާނަ "ދުނިޔޭގެ ދިރިއުޅުމާއި އެދުނިޔޭގެ ޒީނަތްތެރި ކަމަށް އެދޭމީހާ ދަންނާށެވެ. އެއުރެންގެ ޢަމަލުތައް ތިމަންރަސްކަލާންގެ އެއުރެންނަށް އެތާންގައި ހަމައަށް ފުއްދަވައި ދެއްވާހުށީމެވެ. އަދި އެއުރެންނަށް އެތާންގައި އުނި ނުކުރެއްވޭހުއްޓެވެ. އެއުރެންނީ އާޚިރަތުގައި ނަރަކަނޫން އެހެންތަނެއް އެއުރެންނަށް ނުވާ މީހުނެވެ. އަދި އެއުރެންކުޅަ ޢަމަލުތައް ، އެތާންގައި ބޭކާރު ވެގެންވެއެވެ. އަދި އެއުރެން ކޮށްއުޅުނު ކަންތައް ބާތިލުވެގެން ވެއެވެ."

ދެއްކުންތެރި ކަމާއެކު ޢަމަލު ކުރުމުގެ ނުރައްކާތެރިކަމާމެދު ރަޙްމަތުގެ ނަބިއްޔާވަނީ އެކަލޭގެފާނުގެ އުއްމަތަށް ވަރަށްބޮޑަށް އިންޒާރުދެއްވާފައެވެ. މި ނުރައްކާތެރި ޢަމަލު އެކަލެގެފާނު ސިފަކުރައްވާފައި ވަނީ "الشرك الخفي" ގެ ގޮތުގައެވެ. ނުވަތަ ފޮރުވިފައިވާ ޝިރުކުގެ ގޮތުގައެވެ. އެހެނީ މިއީ ނިޔަތުން ކުރެވޭ ޝިރުކެކެވެ. މިކަން ކުރާ މީހާގެ އިޚްލާސްތެރިކަމެއް ނުވަތަ އޭނާގެ ހިތުގައިވާ އެއްޗެއް އެހެންމީހަކަށް ނޭންގޭނެއެވެ. އަބޫ ސަޢީދު ރިވާކުރައްވާފައިވާފައި ވެއެވެ. މާތް ނަބިއްޔާ ޙަދީޘްފުޅުކުރެއްވި އެވެ. أَلاَ أُخْبِرُكُمْ بِمَا هُوَ أَخْوَفُ عَلَيْكُمْ عِنْدِي مِنَ الْمَسِيحِ الدَّجَّالِ؟ قَالُوا بَلَى يَا رَسُولَ اللهِ قَالَ الشِّرْكُ الْخَفِيُّ، يَقُومُ الرَّجُلُ فَيُصَلِّي فَيُزَيِّنُ صَلاَتَهُ لِمَا يَرَى مِنْ نَظَرِ رَجُلٍ (رَوَاهُ أَحْمَدُ) މާނަ: "މަސީޙުއްދައްޖާލަށްވުރެ ތިޔަބައިމީހުންނާއި މެދު ތިމަންކަލޭގެފާނު ބިރުވެތިވާ ކަމެއްގެ ޚަބަރު ތިޔަބައިމީހުނަށް ދެއްވަންތޯއެވެ! " ޞަޙާބީން ދެއްނެވިއެވެ. އާ އެކެވެ. ދެން އެކަލެގެފާނު ޙަދީޘްކުރެއްވި އެވެ. "الشرك الخفي" އެވެ. (ފޮރުވިފައިވާ ޝިރުކެވެ). މީހަކު ނަމާދު ކުރަންފަށައެވެ. އަދި ބަޔަކު އޭނާ ނަމާދު ކުރާތަން ބަލަން ހުރިކަން އެނގުމުން އެނަމާދު އިތުރަށް ޒީނަތްތެރި ކުރެއެވެ."

އަޅުކަންތަކުގެ ތެރެއަށް ޝިރުކު ވަދެގެން ދަނީ މިފަދައިންނެވެ. ރަސޫލު ޞައްލަﷲ ޢަލައި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ. " إِنَّ أَخْوَفَ مَا أَخَافُ عَلَيْكُمْ الشِّرْكُ الْأَصْغَرُ " قَالُوا: وَمَا الشِّرْكُ الْأَصْغَرُ يَا رَسُولَ اللهِ؟ قَالَ: "الرِّيَاءُ، يَقُولُ اللَّهُ عَزَّ وَجَلَّ لَهُمْ يَوْمَ الْقِيَامَةِ إِذَا جُزِيَ النَّاسُ بِأَعْمَالِهِمْ اذْهَبُوا إِلَى الَّذِينَ كُنْتُمْ تُرَاءُونَ فِي الدُّنْيَا فَانْظُرُوا هَلْ تَجِدُونَ عِنْدَهُمْ جَزَاءً". أخرجه أحمد (5/428 ، رقم 23680). وصححه الألباني (صحيح الجامع، رقم 1555) މާނަ : " ތިމަންކަލޭގެފާނު ތިޔަބައިމީހުންގެ މައްޗަށް ބިރުފުޅުވަޑައިގަންނަވާ ކަންތައްތަކުގެ ތެރެއިން އެންމެ ބިރުފުޅުވަޑައިގަންނަވަނީ ކުޑަ ޝިރްކާ މެދުގައެވެ. ޞަހާބީން ދެންނެވިއެވެ. "ކުޑަ ޝިރްކަކީ ކޮބައިތޯއެވެ؟ އޭ ﷲ ގެ ރަސޫލާއެވެ!"، ޙަދީޘް ކުރެއްވިއެވެ. "ދެއްކުންތެރިކަމެވެ. ޤިޔާމަތްދުވަހު މީސްތަކުންގެ ޢަމަލުތަކަށް ޖަޒާދެއްވާ ނިންމެވުމަށްފަހު ގައި މާތް ﷲ ވަޙީ ކުރައްވާނެއެވެ. "ތިޔަބައިމީހުން ދުނިޔެމަތީގައި ދެއްކުމަށް ކަންތައް ކުޅަމީހުންގެ ގާތަށްގޮސް އެމީހުންގެ ފަރާތުން ދަރުމައެއް ލިބޭތޯ ބަލާށެވެ".

އަދިވެސް އެކަލޭގެފާނު ޙަދީޘްކުރެއްވި އެވެ. " قَالَ اللهُ تَبَارَكَ وَتَعَالَى أَنَا أَغْنَى الشُّرَكَاءِ عَنْ الشِّرْكِ مَنْ عَمِلَ عَمَلًا أَشْرَكَ فِيهِ مَعِي غَيْرِي تَرَكْتُهُ وَشِرْكَهُ " (صحيح مسلم) މާނަ: " ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. ހަމަކަށަވަރުން ޝިރްކު ކުރާ މީހުންގެ ޝިރްކަކަށް ﷲ ބޭނުންފުޅުވޮޑިގެން ނުވެއެވެ" ޢަމަލެއް ކުރާ މީހާ (އެބަހީ؛ އަޅުކަން ކުރާމީހާ) އެއަޅުކަމުގައި ތިމަން އިލާހު އާއި އެހެން އެއްޗެއް ބައިވެރިކޮށްފި ނަމަ އެމީހާއާއި، އެމީހާ ކުރި ޝިރުކާއި ތިމަން އިލާހު ދޫކޮށް ލައްވާހުށީމެވެ."

ޤިޔާމަތްދުވަހު އެންމެ ފުރަތަމަ ހިސާބުބެއްލެވޭ މީހުންނަކީ ދެއްކުންތެރި ކަމާއެކު ހެޔޮ ޢަމަލުތައްކޮށް އުޅުނު މީހުންނެވެ. ދެއްކުންތެރިކަމާއެކު ހެޔޮ ޢަމަލުތައްކޮށް އުޅޭމީސްތަކުންނާމެދު ޤިޔާމަތްދުވަހުން ކަންތައްތައް ވެގެންދާނެ ގޮތާއިމެދު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ ޞައްޙަ ޙަދީޘެއްގައިވެއެވެ. އިމާމް މުސްލިމް ރިވާކުރައްވާފައިވެއެވެ. إِنَّ أَوَّلَ النَّاسِ يُقْضَى يَوْمَ الْقِيَامَةِ عَلَيْهِ رَجُلٌ اسْتُشْهِدَ، فَأُتِيَ بِهِ، فَعَرَّفَهُ نِعَمَهُ فَعَرَفَهَا، قَالَ: فَمَا عَمِلْتَ فِيهَا؟ قَالَ: قَاتَلْتُ فِيكَ حَتَّى اسْتُشْهِدْتُ. قَالَ: كَذَبْتَ، وَلَكِنَّكَ قَاتَلْتَ لِأَنْ يُقَالَ جَرِيءٌ، فَقَدْ قِيلَ. ثُمَّ أُمِرَ بِهِ فَسُحِبَ عَلَى وَجْهِهِ حَتَّى أُلْقِيَ فِي النَّارِ. وَرَجُلٌ تَعَلَّمَ الْعِلْمَ وَعَلَّمَهُ، وَقَرَأَ الْقُرْآنَ، فَأُتِيَ بِهِ، فَعَرَّفَهُ نِعَمَهُ فَعَرَفَهَا، قَالَ: فَمَا عَمِلْتَ فِيهَا؟ قَالَ: تَعَلَّمْتُ الْعِلْمَ وَعَلَّمْتُهُ وَقَرَأْتُ فِيكَ الْقُرْآنَ. قَالَ: كَذَبْتَ، وَلَكِنَّكَ تَعَلَّمْتَ الْعِلْمَ لِيُقَالَ عَالِمٌ، وَقَرَأْتَ الْقُرْآنَ لِيُقَالَ هُوَ قَارِئٌ، فَقَدْ قِيلَ. ثُمَّ أُمِرَ بِهِ فَسُحِبَ عَلَى وَجْهِهِ حَتَّى أُلْقِيَ فِي النَّارِ. وَرَجُلٌ وَسَّعَ اللَّهُ عَلَيْهِ، وَأَعْطَاهُ مِنْ أَصْنَافِ الْمَالِ كُلِّهِ، فَأُتِيَ بِهِ فَعَرَّفَهُ نِعَمَهُ فَعَرَفَهَا، قَالَ: فَمَا عَمِلْتَ فِيهَا؟ قَالَ: مَا تَرَكْتُ مِنْ سَبِيلٍ تُحِبُّ أَنْ يُنْفَقَ فِيهَا إِلَّا أَنْفَقْتُ فِيهَا لَكَ. قَالَ: كَذَبْتَ، وَلَكِنَّكَ فَعَلْتَ لِيُقَالَ هُوَ جَوَادٌ، فَقَدْ قِيلَ. ثُمَّ أُمِرَ بِهِ فَسُحِبَ عَلَى وَجْهِهِ ثُمَّ أُلْقِيَ فِي النَّارِ». رواه مسلم،
މާނަ "ހަމަކަށަވަރުން ޤިޔާމަތް ދުވަހުން އެންމެފުރަތަމަ ހިސާބު ބެއްލެވޭހުށީ ޝަހީދުވި މީހެއްގެ އެވެ. އޭނަ ގެނެވޭނެއެވެ. ދެން(ޝަހީދެއްގެ ދަރަޖަ ހާސިލްކުރުމަށްޓަކައި) އޭނާއަށް ދެއްވުނު ނިޢުމަތްތައް ހަނދާންކޮށްދެވޭނެއެވެ. އަދި އެކަން އެނާ ހަނދާންވާނެއެވެ. ބުނެވޭނެ އެވެ. އެ ނިޢުމަތްތަކާމެދު ކަލޭ ކަންތައްކުރި ގޮތަކީ ކޮބާހެއްޔެވެ؟ އެނާ ޖަވާބުދޭނެއެވެ. ތިމަންނަ ޝަހީދުވަންދެން އިބަ އިލާހުގެ މަގުގައި ހަނގުރާމަ ކުރީއެވެ. އޭނައަށް ބުނެވޭނެއެވެ. ކަލޭ ތިހެދީ ދޮގެވެ. އެހެނެއްކަމަކު ކަލޭ ހަނގުރާމަކުރީ ކަލޭތީ ބަޠަލެކޭ ނުވަތަ ކެރޭ މީހެކޭ މީސްތަކުން ބުނުމަށްޓަކައެވެ. (ދުނިޔެމަތީގައި) މީސްތަކުން ކަލޭތީ ބަޠަލެކޭ ކިޔާ އުޅުނެވެ. ދެން އޭނާ މޫނުވަތަށް ދަމާފައި ގެނައުމަށް އަމުރުކުރެވޭނެއެވެ. އެގޮތުގައި ގެންގޮސް ނަރަކައަށް އެއްލާލެވޭނެއެވެ. ދެވަނަމީހަކީ ޢިލްމު އުނގެނި އެ ޢިލްމު އުނގަންނައިދޭން އުޅުނު މީހެކެވެ. އަދި ޤުރުޢާން ކިޔަވައިދޭން އުޅުނު ޤާރީއެކެވެ. އޭނާ ގެނެވޭނެއެވެ. ދެން އޭނާއަށް ދެއްވުނު ނިޢުމަތްތައް ހަނދާންކޮށްދެވޭނެއެވެ. އަދި އެކަން ހަނދާންވާނެއެވެ. އަދި އޭނާއަށް ބުނެވޭނެ އެވެ. އެ ނިޢުމަތްތަކާމެދު ކަލޭ ކަންތައްކުރި ގޮތަކީ ކޮބާހެއްޔެވެ؟ އެނާ ޖަވާބުދޭނެއެވެ. ތިމަންނަ އިލްމު އުނގެނި އެޢިލްމު އުނގަންނައިދިނީ އެވެ. އަދި އިބަ އިލާހައްޓަކައި ޤުރުއާން ކިޔެވީމެވެ. އެއަށްފަހު އޭނައަށް ބުނެވޭނެ އެވެ. ކަލޭ ތިހެދީ ދޮގެވެ. އެހެނެއްކަމަކު ކަލޭ ޢިލްމު އުނގެނުނީ މީސްތަކުން ކަލޭތީ ޢާލިމެކޭ ބުނޭތޯއެވެ. އަދި ކަލޭ ޤުރުއާން ކިޔަވާ އުޅުނީ ކަލޭތީ ޤާރީ އެކޭ ބުނެއުޅުމަށްޓަކައެވެ. ދެން ބުނެވޭނެއެވެ. ދުނިޔެމަތީގައި މީސްތަކުން ކަލޭ އެދުނު ގޮތަށް ޤާރީއެކޭ ، ޢާލިމެކޭ ބުނެއުޅުނެވެ. ދެން އޭނާ މޫނުވަތަށް ދަމާފައި ގެނައުމަށް އަމުރުކުރެވޭނެއެވެ. އެގޮތުގައި ގެންގޮސް ނަރަކައަށް އެއްލާލެވޭނެއެވެ. ތިންވަނަ މީހަކީ ﷲ ތަޢާލާ ތަނަވަސްކަން ދެއްވާ ތަފާތު ބާވަތްބާވަތުގެ މުދާ ދެއްވި މީހެކެވެ. އޭނާ ގެނެވޭނެއެވެ. ދެންއޭނާއަށް ދެއްވުނު ނިޢުމަތްތައް ހަނދާންކޮށްދެވޭނެއެވެ. އަދި އެކަން ހަނދާންވާނެއެވެ. އަދި އޭނާއަށް ބުނެވޭނެ އެވެ. އެ ނިޢުމަތްތަކާމެދު ކަލޭ ކަންތައްކުރި ގޮތަކީ ކޮބާހެއްޔެވެ؟ އެނާ ޖަވާބުދޭނެއެވެ. އިބަ އިލާހު އެމަގަކުން ހޭދަކުރައްވަން ރުހިވޮޑިގެންނެވި އެއްވެސް މަގެއް ތިމަންނަ އިބައިލާހަށްޓަކައި ހޭދަނުކޮށް ދޫނުކުރަމެވެ. ދެން އޭނައަށް ބުނެވޭނެއެވެ. ކަލޭ ތިހެދީ ދޮގެވެ. އެހެނެއްކަމަކު ކަލޭ ތިކަންކުރީ މީސްތަކުން ކަލެއަށް ނިސްބަތްކޮށް އެއީ ދީލަތި މީހެކޭބުނުމަށްޓަކައެވެ. ދުނިޔެމަތީގާ މީސްތަކުން ކަލޭތީ ދީލަތި މީހެކޭ ކިޔާ އުޅުނެވެ. ދެން އޭނާ މޫނުވަތަށް ދަމާފައި ގެނައުމަށް އަމުރުކުރެވޭނެއެވެ. އެގޮތުގައި ގެންގޮސް ނަރަކައަށް އެއްލާލެވޭނެއެވެ."

ދެއްކުންތެރިކަމުގެ ނުރައްކާތެރިކަމާ ބެހޭގޮތުން ވަރަށް ގިނަ ޙަދީޘްތައް ޠާހިރު ސުންނަތުގައި ވާރިދުވެގެން އައިސްފައި ވެއެވެ. ދުޢާ އަކީ މިނުބައި އަދި ބިރުވެރި ޢަމަލުން ސަލާމަތްވެ ތިބުމުގެ ތަޢުފީގު ﷲ ތަޢާލާ އަޅުގަނޑުމެން އެންމެނަށް ދެއްވުމެވެ.

وأصلي على النبي الأكرم محمد بن عبد الله - صلى الله عليه وسلم - وما كان من صواب فمن الله عز وجل وما كان من خطأ فمني ومن الشيطان

Read more...

23 June 2011

ތައުޙީދުގެ މާނަޔާއި އޭގެ ބައިތައް

އައްޝައިޚް އަބޫބަކްރު އިބްރާހިމް، ހިންނަވަރު
ތައުޙީދު ގެ މާނަ:
ޢަރަބި ބަހުން ތައުޙީދު އޭ ބުނުމުން އޭގެ މާނައަކީ އެކަހެރި ކުރުމެވެ. ނުވަތަ އެކަށްޗެއް ކަމުގައި ބެލުމެވެ. އެއްކައުވަންތަ ކުރުމެވެ.

ޝަރީޢަތުގެ އިޞްޠިލާޙުގައި ތައުޙީދު އޭ ބުނުމުން އޭގެ މަނައަކީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ރުބޫބިއްޔަ ވަންތަކަމާއި އުލޫހިއްޔަވަންތަކަމާއި އަދި އިސްމު ފުޅުތަކާއި ސިފަފުޅު ތަކުގައިވެސް ﷲ ސުބުޙާނަހޫ ވަތަޢާލާ އެއްކައުވަންތަ ކުރުމެވެ. އަދި މިބުނި ތިންބައިން ކުރެ އެއްބައެއްގައި ވެސް އެއިލާހުއާއި އެއްފަދަވެ ބައިވެރިވާ އެހެން އެއްވެސް ދެވަނަ އެއްޗެއް ނެތް ކަމުގައި ޔަޤީން ކޮށް އެގޮތުގެ މަތިން ޢަމަލު ކުރުމެވެ.

ތައުޙީދު ގެ ބައިތައް:
ޢާއްމު ގޮތެއްގައި ތައުޙީދު ބެހިގެންވަނީ ތިން ބަޔަކަށެވެ. އެއީ:
تَوحِيدُ الرُّبُوبِيَّة
تَوحِيدُ اُلُوهِيَّة
تَوحِيدُ اْلاَسْمَاءُ وَالصِّفَاتُ
ތައުޙީދު ފުރިހަމަވަނީ މިބަޔާންވެދިޔަ ތިންބައިވެސް ފުރިހަމައަށް ގެނެސްގަނެގެންނެވެ. މިއިން އެއްބައެއްވެސް އުނިކޮށްފި މީހާ ފުރިހަމަ ގޮތުގައި ތައުޙީދުގެ އަހުލުވެރިއަކު ކަމުގައި ނުވާނެއެވެ.
----------------------------
ސުވާލު:
(1) ޢަރަބި ބަހުން ތައުޙީދު އޭ ބުނުމުން އޭގެ މާނައަކީ ކޮބައި ހެއްޔެވެ؟
(2) ޝަރީޢަތު ގެ އިޞްޠިލާޙުގައި ތައުޙީދު އޭ ބުނުމުން އޭގެ މަނައަކީ ކޮބައިހެއްޔެވެ؟
(3) ތައުޙީދު ބެހިގެންވަނީ ކިތައް ބަޔަށް ހެއްޔެވެ؟
(4) ފުރިހަމަ ގޮތުގައި ތައުޙީދު ގެ އަޙުލުވެރިއަކަށް ވާނި ކިހިނަކުން ހެއްޔެވެ؟
...............................................................
ޝައިޚް އަބޫބަކްރު އިބްރާހިމް ލިޔުއްވާފައިވާ "ރިސާލަތުއްތައުޙީދި" ފޮތުން ނަގާފައި

Read more...

21 June 2011

ދުނިޔޭގެ ހަލަބޮލިކަމުގެ ތެރެއިން ހިތްހަމަޖެހުމާއި އުފާވެރިކަން ލިބިގަންނާނީ ކިހިނެއް

އަލްއަޚް ޙުސައިން ރަޝީދު ބިން މަޙްމޫދު
މިލިޔުން ބިނާވެގެންވަނީ ދިރިއުޅުމުގައި ދިމާވާ ހިތްނުތަނަވަސްކަމާއި ހާސްކަން ފިލުވައި އުފާވެރި ޙަޔާތެއް ވޭތުކުރުމަށްޓަކައި ތިމާގެ އުޅުމާއި ގުޅުން ބަހައްޓަން ޖެހޭނެގޮތުގެ މައްޗަށެވެ. ޙަޤީޤަތުގައި މިކަމަކީ ދުނިޔޭގެ ހުރިހާ ވެރިންނާއި، މުއްސަނދީންނާއި، އަދި ޢާންމުން އެކަމަކަށްޓަކައި އެބައިމީހުންގެ ހުރިހާ އާރަކާއި ބާރަކާއި، މުއްސަނދިކަމަކާއި އަދި ވަގުތެއް ޤުރުބާންކުރަމުންދާ އެކަމަކުވެސް އެމީހުންގެ ތެރެއިން ވަރަށް މަދުމީހަކަށްނޫނީ ޙާޞިލުނުވާ ކަމަކެވެ.

އެންމެހާ ޙަމްދުޘަނާއާއި ތަޢުރީފެއް ހުރީ ޢާލަމްތައް ހެއްދެވި ގަދަކީރިތިވަންތަ ކުޅަދުންވަންތަ އިލާހަށެވެ. އެއިލާހީ ދުނިޔޭގެ ޚަލީފާއަކުކަމުގައި އިންސާނާ ލައްވައި އޭނާގެ ހުރިހާ ބޭނުންތައް ފުއްދޭނެ ވަސީލަތްތައް އެތަނުގައި ލައްވައި އޭނާއަށް ފައިދާއާއި ހިތްހަމަޖެހުމާއި، ލާބަހުރި ހުރިހާކަމަކަށް މަގުދައްކަވައި އެމަގުން ހިނގުމަށް އަމުރުކުރެއްވި ޙިކުމަތްވަންތަ އިލާހެވެ. އަދި ހަމަ އެހެންމެ އޭނާގެ ނަފްސް ގެއްލުމާއި ހަލާކަށް ވާޞިލްވެދާނެ ހުރިހާމަގެއް ބަޔާންކޮށްދެއްވައި އެމަގުތަކަށް ފުރަގަސްދިނުމަށް އަމުރުކުރެއްވި އޯގާވަންތަ އިލާހެވެ. އެއިލާހްފިޔަވައި ޙައްޤުވެގެން އަޅުކަންކުރެވޭނެ އެހެންފަރާތެއް ނުވާކަމަށް އަޅުހެކިވަމެވެ. އަދި މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައީ އެއިލާހްގެނަބިއްޔާކަމަށް ހެކިވަމެވެ. ހައްދަވައި ގެންގުޅުއްވާ އޯގާވަންތަ އިލާހް! އަޅަމެންގެ ލޮބުވެތި ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައަށާއި އެމާތްނަބިއްޔާގެ އާލުންނާއި އަޞްޙާބުންނަށް ޞަލަވާތާއި ސަލާމް ލައްވައިފާނދޭވެ. އެކަލޭގެފާނަކީ އެކަލޭގެފާނުގެ އުއްމަތަށް ހުރިހާ ހެވަކާއި ލާބައެއް ލިބޭނެ މަގު ޢަމަލީގޮތުން ދެއްކެވި މާތް ސާހިބާއެވެ.

އަޅުގަނޑުގެ ޤާބިލުކަން ކުޑަކަމާއެކުވެސް މިފަދަލިއުމެއް ލިޔަން ޤަސްތުކުރި ސަބަބަކީ އަޅުގަނޑުމެންގެ މިކުޑަކުޑަ ރާއްޖޭގެ މަދުމީސްކޮޅަށް ﷲ ސުބްޙާނަހޫވަތަޢާލާ ދެއްވާފައިވާ ގިނަގުނަ ބޮޑެތި ނިޢުމަތްތަކާއި އެކުވެސް އަޅުގަނޑުމެންގެ ގިނަމީހުން އުޅެމުން ދާ ނުތަނަވަސް ދިރިއުޅުމާއި ހޭދަކުރަމުންދާ ހިތްދަތި ދުވަސްތައް ފެނި އެކަމަށް ކުޑަނަމަވެސް ޙައްލެއް އައުމަކީ އަޅުގަނޑަށް ލިބޭވަރަށްބޮޑު އުފަލަކަށްވާތީއެވެ.

މިލިޔުން ބިނާވެގެންވަނީ ދިރިއުޅުމުގައި ދިމާވާ ހިތްނުތަނަވަސްކަމާއި ހާސްކަން ފިލުވައި އުފާވެރި ޙަޔާތެއް ވޭތުކުރުމަށްޓަކައި ތިމާގެ އުޅުމާއި ގުޅުން ބަހައްޓަން ޖެހޭނެގޮތުގެ މައްޗަށެވެ. ޙަޤީޤަތުގައި މިކަމަކީ ދުނިޔޭގެ ހުރިހާ ވެރިންނާއި، މުއްސަނދީންނާއި، އަދި ޢާންމުން އެކަމަކަށްޓަކައި އެބައިމީހުންގެ ހުރިހާ އާރަކާއި ބާރަކާއި، މުއްސަނދިކަމަކާއި އަދި ވަގުތެއް ޤުރުބާންކުރަމުންދާ އެކަމަކުވެސް އެމީހުންގެ ތެރެއިން ވަރަށް މަދުމީހަކަށްނޫނީ ޙާޞިލުނުވާ ކަމަކެވެ. އެކަމެއް ލިބިގަތުމަށްޓަކައި އެބައިމީހުންނަށް ލިބިފައިވާ ހުރިހާ ވަސީލަތެއްގެ ބޭނުންކޮށްގެންވެސް އެކަން ޙާޞިލުކުރެވޭތޯ ގަދައަޅައި މަސައްކަތްކުރާކަމެކެވެ. ވިސްނުމާއި ވަސީލަތުގެގޮތުން ނުކުޅެދިފައިވާމީހުން މަސްތުވާތަކެތި ބޭނުންކޮށްގެން ނަމަވެސް އެކަން ލިބިގަނެވޭތޯ ބަލައެވެ. މިއިން އެއްވެސް ގޮތަކުން ކާމިޔާބުނުވެއްޖެނަމަ ދުނިޔޭގައި އުޅުމަކީ ބޮޑުމުޞީބާތެއްކަމުގައި ދެކެ އަމިއްލައަށް މަރުވަމުން ދެއެވެ. ހުރިހިތާމައެއްގެ ބޮޑުކަމާއެވެ!!! އެހިސާބުން ދެން އުފާވެރި ޙަޔާތެއް ލިބުނީތޯއެވެ؟ ނޫނެކެވެ. ހަމަކަށަވަރުން އެހިސާބުން ދެން އޮތީ ބަރުދާސްތުނުކުރެވޭވަރުގެ ވޭނާއި ޢަޛާބެވެ.

އަޅުގަނޑުމެންނަކީ އިސްލާމްކަމުގެ އަގުބޮޑު ނިޢުމަތް ﷲ ސުބްޙާނަހޫ ވަތަޢާލާ ދެއްވާފައިވާ އޭގެ އަހުލުވެރިންނެވެ. އަޅުގަނޑުމެންނަށް ހިތްހަމަޖެހޭނެގޮތާއި ފައިދާހުރި ހުރިހާކަމެއް އެދީނުގައި މެންދުރުގެ އިރުފަދައިން ނުވަތަ ސާދަވިލޭރޭގެ ފުރިހަމަ ހަނދުފަދައިން ވަނީ ބަޔާންކޮށް ދެއްވާފައެވެ. އަޅުގަނޑުމެން އެންމެންވެސް އެފޮތަކަށް އީމާންވާ، އެފޮތަކާއިމެދު އެއްވެސް ޝައްކެއް ނުކުރާ އަދި އެފޮތުގައި އެއްވެސް ކުށެއް ނުވާ މަތިވެރިފޮތް، ކީރިތި ޤުރްއާނުގައި ﷲ ތަބާރަކަ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ. أَلاَ بِذِكْرِ اللّهِ تَطْمَئِنُّ الْقُلُوبُ (الرعد28) "ދަންނާށެވެ! ހިތްތަކަށް ހަމަޖެހުން ގެނެސްދެނީ ﷲގެ ޛިކުރުކުރުމުންނެވެ."

ހިތާމަތަކާއި ހިތްނުތަނަވަސްކަމުން ސަލާމަތްވެގެންވުމަކީ ކޮންމެ އިންސާނެއްގެވެސް އެންމެބޮޑު އެއްމަޤުޞަދެވެ. އަދި އެކަމަކީ ކޮންމެ މީހަކުވެސް ވަރަށްބޮޑަށް އެދޭނެ ކަމެއްމެއެވެ. އަދި އެއީ އިންސާނާގެ ޙަޔާތް އުފާވެރި އަދި ބާއްޖަވެރި އެއްޗަކަށް ހަދައިދިނުމުގެ އެންމެ ބޮޑު ސަބަބުވެސްމެއެވެ.

އަޅުގަނޑުމެންގެ މިމަތިވެރި އިސްލާމްދީނަކީ ހުރިހާ ޒަމާނަކާއި ހުރިހާ މަކާނަކަށް އަދި ހުރިހާ ކަމަކަށް މަގުދައްކައިދީފައިވާ ދީނަކަށް ވާތީ، މިމާތް އިސްލާމްދީނުގެ އަހުލުވެރިން މިކަމުގައިވެސް ގޮތްހުސްވެ ހަތަރުއުދަރެސް ފެނުޖެހޭ ހިސާބަށް ދާކަށް ނުޖެހޭނެއެވެ. ތިރީގައި މިވާލިއުމަކީ ދީނީހަމަތަކުގެ މަތިން ހިތަށް ހަމަޖެހުމާއި އުފާވެރިކަން ގެނެސްދޭނެ ގޮތްތަކެއްގެމައްޗަށް އަލިއަޅުވާލާފައިވާ ލިއުމެކެވެ. މިލިއުން ތައްޔާރުކުރުމުގައި އަޞްލަކަށް ބަލާފައިވަނީ މިމަޢުޟޫޢުގެ މައްޗަށް ޝައިޚް ޢަބްދުއްރަޙްމާން ބިން ނާސިރު އައް ސަޢްދީ ލިއުއްވާފައިވާ "الوَسَائِلُ الْمُفِيْدَةِ لِلْحَيَاةِ السَّعِيْدَةِ" އެވެ. އެފޮތުގައި ޝެއިޚް ބަޔާންކުރައްވާފައިވާގޮތުގައި އިންސާނާގެ ޙަޔާތް އުފާވެރި ބާއްޖަވެރި ޙަޔާތަކަށް ހެދުމުގައި މައިގަޑު ތިންބައެއް ހިމެނިގެން ވެއެވެ. އެއީ އޭނާގެ ދީނާއި، ގުދުރަތީގޮތުން ދިމާވާ ކަންތަކާއި އަދި އޭނާގެ އަމިއްލަ މަސައްކަތުން ޙާޞިލުވާކަންތަކެވެ. އަދި މިތިންބައި އޭގެ ފުރިހަމަ ގޮތުގައި އީމާންކަމުގެ އަހުލުވެރިއަކަށް ނޫނީ ލިބިނުގަނެވޭނެކަމުގައިވެސް ޝެއިޚް ވިދާޅުވެފައިވެއެވެ. ޣައިރު މުސްލިމުންނަށްވެސް އެމީހުންގެ މަސައްކަތުން ކޮންމެވެސް ވަރަކަށް މިއިން ބައެއްކަންތައް ޙާސިލުވެދާނެއެވެ. ނަމަވެސް އުފާވެރި ފުރިހަމަ ހިތްހަމަޖެހޭ ބާއްޖަވެރި ދިރިއުޅުމަކަށް ކޮންމެހެން ބޭނުންވާ މުހިއްމު ބައިތައް އެމީހުންނަކަށް ހަމައެއް ނުކުރެވޭނެއެވެ. މިހެނީ އިންސާނާގެ ހިތްހަމަޖެހުމުގެ އެންމެ ބޮޑު އަސްލަކީ އޭނާގެ އީމާންކަން ކަމުގައި ވާތީއެވެ. އީމާންކަމުގެ އަހުލުވެރިއަކަށް ނޫނީ ދިރިއުޅުމުގެ ހަލަބޮލިކަމުގެ ތެރޭގައި ދިމާވާ ތަފާތުކަންތަކުގެ ސަބަބުން މާޔޫސް ނުވެ ނުއުޅެވޭނެއެވެ.

އަންނަނިވި ސަފްޙާތަކުގައި ކޮންމެ އިންސާނަކުމެ އެކަމަކަށް ނުހަނު ފެންބޮވައިގެންފައިވާ އުފާވެރި ބާއްޖަވެރި ދިރިއުޅުމެއް ޙާސިލްކުރުމަށްޓަކައި އެމީހެއްގެ ޢަމަލުތައް ބަހައްޓަން ޖެހޭނެގޮތުގެ ތަފްޞީލު ގެނެސްދެވޭތޯ ބަލާނަމެވެ. އެމީހެއްގެ ޢަމަލުތައް މިބަޔާންކުރާގޮތަށް ފުރިހަމައަށް ބެހެއްޓުމުގައި ކާމިޔާބު ވެއްޖެނަމަ އިންޝާﷲ އޭނާގެ ޙަޔާތްވާނީ ފުރިހަމަ އުފާވެރި ޙަޔާތަކަށެވެ. އަނެއްކޮޅުން އެމީހެއްގެ ޢަމަލުތައް އެގޮތަށް ބެހެއްޓުމުގައި ނާކާމިޔާބުވެއްޖެ މީހެއްގެ ޙަޔާތްވާނީ ވޭނާއި ކެކުޅުންތަކުން ފުރިގެންވާ ނުހަނު ހިތްނުތަނަވަސް ޙަޔާތަކަށެވެ. އެމީހެއްގެ އީމާންކަން ހުރިވަރަކާއި އެމީހެއްގެ މަސައްކަތް ތެރިކަން ހުރިވަރަކާއި އަދި އެމީހަކަށް ޤުދުރަތީގޮތުން ކުރިމަތިވެފައިވާ ކަންތައްތަކާއި އެކަންތައްތައް ހުރިގޮތެއްގެ މަތިން އޭނާގެ ދިރިއުޅުމުގެ އުފާވެރިކަމާއި ބާއްޖަވެރިކަން ތަފާތުވާނެއެވެ. ހުރިހާ ކަމެއްގައިވެސް އަޅަމެންވާގި އެދެނީ މަތިވެރި މާތް ﷲ ގެ ޙަޟްރަތުންނެވެ. އެ އިލާހީ އަޅަމެނަށް ހެޔޮކަންތަކަށް މަގުދައްކަވާ އަދި ނުބައި ކަންތަކުން ސަލާމަތްވާނެ ގޮތް އަންގަވައި ދެއްވި އަޅަމެންގެ ރައްބެވެ.

ރަނގަޅު ބާއްޖަވެރި ޙަޔާތެއް ލިބިގަތުމަށް ބޭނުންވާ އެންމެ ބޮޑު އެއް އަސާސަކީ އީމާންކަމެވެ. އަދި އެއާއިއެކު ޞާލިހް ޢަމަލުކުރުންމަތީގައި ދެމިހުރުމެވެ. ކީރިތި ގުރުއާނުގެ ނަޙްލު ސޫރަތުގެ 97 ވަނަ އާޔަތުގައި މާތްﷲ ވަޙީކުރައްވާފައިވެއެވެ. مَنْ عَمِلَ صَالِحًا مِّن ذَكَرٍ أَوْ أُنثَى وَهُوَ مُؤْمِنٌ فَلَنُحْيِيَنَّهُ حَيَاةً طَيِّبَةً وَلَنَجْزِيَنَّهُمْ أَجْرَهُم بِأَحْسَنِ مَا كَانُواْ يَعْمَلُونَ " މާނައަކީ އީމާންވެހުރެ ޞާލިޙް ޢަމަލު ކުރާ ފިރިހެނާ ނުވަތަ އަންހެނާއަށް، ފަހެ ތިމަން ﷲ ރަގަޅު ފުރިހަމަ ދިރިއުޅުމެއް ދެއްވާހުށީމެވެ. އަދި އެބައި މީހުންގެ އުޖޫރަ އެބައިމީހުން ކުރި އެންމެރަގަޅު ޢަމަލާއި އެއްގޮތްވާ ގޮތުގެމަތީން ތިމަން ﷲ ދެއްވާހުށީމެވެ." މިތާނގައި ދީލަތިވަންތަ މާތްﷲ އަޅުގަނޑުމެންނަށް އަންގަވަނީ އީމާންވެހުރެ ޞާލިޙް ޢަމަލުކުރާ ކޮންމެމީހަކަށް ރަގަޅު ބާއްޖަވެރި ދިރިއުޅުމެއް އެއިލާހު ދެއްވާނެކަމެވެ. އަދި މިދުނިޔެއާއި އާޚިރަތުގައި އެމީހަކަށް ހެޔޮޖަޒާ ދެއްވާނެކަމުގެ އުފާވެރި ޚަބަރެވެ. ފަހެ އެއިލާހުގެ ވަޢުދުފުޅަކަށް ދުވަހަކުވެސް ބަދަލެއް ނައަންނާނެއެވެ. ތަގުވާވެރީންނަށް ﷲތަޢާލާ މިދުނިޔޭގައިވެސް އަދި އާޚިރަތުގައިވެސް ގިނަގުނަ ދީލަތި ދެއްވުންތައް ދެއްވާނެއެވެ. އައްޠަލާޤު ސޫރަތުގައި މާތް ﷲ ވަޙީކުރައްވާފައި ވެއެވެ وَمَن يَتَّقِ اللَّهَ يَجْعَل لَّهُ مَخْرَجًا * وَيَرْزُقْهُ مِنْ حَيْثُ لَا يَحْتَسِبُ وَمَن يَتَوَكَّلْ عَلَى اللَّهِ فَهُوَ حَسْبُهُ މާނައީ "އަދި މާތް ﷲ އަށް ތަގުވާވެރިވާމީހާއަށް، އޭނާވީ ކޮންމެ ދަތިޙާލަކުން ނިކުންނާނެ މަގު މާތްﷲ ތަނަވަސްކޮށް ދެއްވާނެއެވެ. އަދި އޭނާހީވެސް ނުކުރާހާ ގޮތްތަކުން ﷲ ތަޢާލާ އޭނާއަށް ރިޒުގު ދެއްވާނެއެވެ. އަދި މާތްﷲ އަށް ވަކީލުކުރާމީހާއަށް ފަހެ އެއިލާހު ފުދެއެވެ." މާތްﷲއަށް އީމާންވާންޖެހޭ ފުރިހަމަގޮތުގައި އީމާން ވެއްޖެމީހާ ދަންނާށެވެ! ހަމަކަށަވަރުން ހެޔޮކަންތަކަށް އޭނާ އަވަސްވެގަންނާނެއެވެ. އަދި އެކަމުގައި އޭނާ ކުރިއަރައިގެން ހިގައިދާނެއެވެ. ހަމައެފަދައިން އޭނާ ﷲތަޢާލާ ރުހިވޮޑިނުގަންނަވާ ކަންތަކުން އަވަހަށް ދުރުވެގަންނާނެއެވެ. މާދަމާ ނުވަތަ ތަންކޮޅެއް ޢުމުރުން ދުވަސްވެލީމާ ފާފަތައް ދޫކޮށް ތައުބާވާކަށް އޭނާ މަޑެއްނުކުރާނެއެވެ. އޭނާގެ އުޅުމަށާއި އަޚްލާގަށް މިއަންނަ ހެޔޮ ބަދަލުގެ ސަބަބުން އޭނާއަށް މިދުނިޔެއާއި އާޚިރަތުގެ އުފާތަކަށް މަގުފަހިވެގެންދާނެއެވެ. މިފަދަމީހަކަށް އެމީހެއްގެ ޙަޔާތުގައި ދިމާވާ އެކިދަރަޖަތަކުގެ އުފާތަކާއި، ހިތާމަވެރިކަންތަކާއި ހެޔޮގޮތުގައި ކުރިމަތިލުމުގެ ޤާބިލުކަން ލިބިގެންވާނެއެވެ. އެމީހަކަށް އޭނާ ހިތްއެދޭ އުފާވެރިކަމެއް ލިބިއްޖެނަމަ އެކަމައްޓަކައި މަތިވެރި މާތްﷲއަށް ޝުކުރު ކުރާނެއެވެ. އަދި އެދެއްވި ނިޢުމަތެއް ﷲ ތަޢާލާ ރުހިވޮޑިގެންވާ ގޮތުގައި ބޭނުންކުރެވޭތޯ ބަލާނެއެވެ. އޭނާގެ މިތެދުވެރި ޢަމަލުގެ ސަބަބުން ﷲތަޢާލާ އޭނާއަށް އެދެއްވި ނިޢުމަތެއް ދެމިހުންނާނެކަމުގެ ފޮނިއުއްމީދު އިތުރުވެ އުފަލާއި، ހިތްހަމަޖެހުން ލިބިގެން ދާނެއެވެ. އޭނާއަށް ލިބޭނެ އެންމެބޮޑު އަނެއް އުފަލަކީ ޝުކުރުކުރާމީހުންނަށް ﷲތަޢާލާ ދެއްވާ މަތިވެރި ޘަވާބު ލިބޭމީހުންގެ ތެރެއިން އޭނާވާނެ ކަމުގެ ހެޔޮއުއްމީދުގެ ސަބަބުން ލިބޭނެއުފަލެވެ. ޙަޤީޤަތުގައި އޭނާގެ މިއުފާވެރިކަން ﷲތަޢާލާ އޭނާއަށް ދެއްވި ދުނިޔެވީ ބޮޑު ނިޢުމަތުގެސަބަބުން ލިބޭއުފަލަށްވުރެ އެތައްގުނައެއް ބޮޑުކަމަށް އޭނާއަށް އިޙްސާސް ކުރެވޭނެއެވެ.

މާތް ﷲ އަށް ތެދުވެރި ގޮތުގައި އީމާންވާ މީހާއަށް އޭނާއާއި ދިމާވާ މުސީބާތްތަކާއި ނޭދެވޭކަންތަކާއި ފުރިހަމަ ގޮތުގައި ކުރިމަތިލުމުގެ ހިތްވަރު ލިބިގެންވާނެއެވެ. އެކަންތަކާއި ކުރިމަތިލުމުގައި ޢަމަލީގޮތުން ކުރެވިދާނެ ކަންތަކުގައި އޭނާ ފަސްޖެހިފައި ނުހުންނާނެއެވެ. އެގޮތުން ކުރެވެން ހުރި ހުރިހާކަމެއް ކުރުމަށްފަހު، އޭނާގެ އެއްވެސް ބާރެއްނެތް ކަންތަކުގައި އޭނާ ﷲތަޢާލާއަށް ވަކީލުކުރާނެއެވެ. ސަބަބަކީ އަޅަކަށް މުޞީބާތެއްވެސް އަދި ނިޢުމަތެއްވެސް އެއިލާހުގެ ޙަޟްރަތުން މެނުވީ އައުމެއްނުވާކަން އޭނާއަށް ކަށަވަރުވެ، ޔަގީން ވާނެތީއެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. وَإِن يَمْسَسْكَ اللّهُ بِضُرٍّ فَلاَ كَاشِفَ لَهُ إِلاَّ هُوَ وَإِن يَمْسَسْكَ بِخَيْرٍ فَهُوَ عَلَى كُلِّ شَيْءٍ قَدُيرٌ (ސޫރަތުލް އަންޢާމް 17) " ﷲ ތަޢާލާ، ތިބާއާއި ނުރައްކަލަކާއި ކުރިމަތި ކުރައްވައިފިނަމަ އެއިލާހު ފިޔަވައި އެކަން ފިއްލަވާނެ އެހެންފަރާތެއް ނުވެއެވެ. އަދި ﷲ ތިބާއަށް ރަގަޅުކަމެއް މެދުވެރި ކުރައްވައިފިނަމަ ފަހެ އެއިލާހީ ކޮންމެ ކަމެއްގެ މައްޗަށްމެ ކުޅަދުންވަންތަ އިލާހެވެ." މިފަދަ ވަޙީބަސްފުޅުތަކާއި މާތް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މަތިވެރި ނަބަވީ އިރުޝާދުތަކުގެ އަލީގައި މަސައްކަތް ކުރުމުން އޭނާގެ ހިތްވަރުގަދަވެ ހިތާމަތައް ފިލައިގެން ދާނެއެވެ. އަދި ކެތްތެރިންނަށް ދެއްވާ ގިނަގުނަ ޘަވާބު ލިބުމުގެ އުއްމީދުގެ ސަބަބުން އޭނާގެ ހިތާމަތައް އުފަލަށް ބަދަލުވެގެން ހިގައިދާނެއެވެ. މާތް ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. عَجَباً لأِمْرِ الْمُؤْمِنِ إنَّ أَمْرَهُ كُلُّهُ خَيْرٌ, إنْ أصَابَتْهُ سَرَّاءُ شَكَرَ فَكَانَ خَيْرًالَّهُ, وَإِنْ أصَابَهُ ضَرَّاءُ صَبَرَ فَكَانَ خَيْرًا لَّهُ, وَلَيْسَ ذَلِكَ لِأَحَدٍ إلاَّ لِلْمُؤْمِنِ [رواه مسلم] "މުއުމިނާގެ ކަންތައް ޢަޖާއިބެއްފަދައެވެ. އޭނާއަށް ދިމާވާ ކޮންމެކަމަކީވެސް ރަގަޅު ހެޔޮކަމެކެވެ. އޭނާއަށް ހިތްހަމަޖެހުން ލިބޭ ކަމެއް ދިމާވެއްޖެނަމަ އެކަމަށް އޭނާ ޝުކުރު ކުރެއެވެ. އެކަންތައް ވަނީ އޭނާ އަށް ހެޔޮ ރަނގަޅު ކަމެއްކަމުގައެވެ. އަދި އޭނާއާއި މުޞީބާތެއް ކުރިމަތިވެއްޖެނަމަ އޭނާ އެކަމަށް ކެތްތެރިވެއެވެ. އެކަންތައް(ވެސް)ވަނީ އޭނާއަށް ރަނގަޅު ހެޔޮ ކަމަށެވެ. އީމާންކަމުގެ އަހުލުވެރިއަކަށްމެނުވީ މިކަންތައް މިގޮތައް ދިމާނުވާހުއްޓެވެ." މިތާނގައި ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަ އަޅުގަޑުމެންނަށް އުގަންނަވައި ދެއްވަނީ އީމަންކަމުގެ އަހުލުވެރީންނަށް ﷲ ތަޢާލާ މިންވަރުކުރައްވާފައިވާ ހެޔޮނަޞީބެވެ. އެހެނީ އީމާންކަމުގެ އަހުލުވެރީންގެ ޢަމަލުތަކަށް ﷲތަޢާލާ ނުހަނު ދީލަތި ހެޔޮޖަޒާ ދެއްވައެވެ. އޭނާއަށް ދިމާވާ ހިތާމަވެރި ކަންތަކާއި އުފާވެރި ކަންތަކުގެ ސަބަބުންވެސް އޭނާގެ ހެޔޮކަމުގެފަތަށް އިތުރުކޮށް ދެއްވައެވެ.

ތަފާތު މީސްތަކުންނަށް އެބައިމީހުންނަށް ދިމާވާ ދާދިއެއްވައްތަރެއްގެ ކަންތަކުގައިވެސް ކުރާ އަސަރުތައް ތަފާތުވަނީ އެކި މީހުންގެ އީމާންކަމުގެ މިންވަރު ތަފާތުވާތީއެވެ. ފުރިހަމަގޮތުގައި އީމާންވެގެން ހުންނަމީހާ ރަގަޅުކަންތަކާއި ކުރިމަތިލާނީ ޝުކުރުވެރިކަމާއި އެކުގައެވެ. އަދި ނުތަނަވަސްކަމާއި ކުރިމަތިލާނީ ކެތްތެރިކަމާއެކުގައެވެ. މީގެ ސަބަބުން އޭނާގެ ނަފްސުގައި އުފާވެރިކަން އަށަގަނެ ހިތާމަތައް އޭނާއާއި ވަކިވެގެންދެއެވެ. މިގޮތުން އޭނާގެ ދިރިއުޅުމަކީ އުފާވެރި ބާއްޖަވެރި އެއްޗަކަށް ވެގެން ހިނގައިދެއެވެ. އެމީހެއްގެ ކިބައިގައި އީމާންކަމެއް ނެތްމީހާއަށް އޭނާ ހިތްއެދޭފަދަކަމެއް ލިބިއްޖެނަމަ އޭނާގެ ބޮޑާކަމާއި ކިބުރުވެރިކަން ކުރިއަށް ނެރެ އެކަމަކީ ތިމާގެ މޮޅުކަމުން ޙާޞިލްވި ކަމެއްކަމަށް ދެކެ، އެލިބުނު ނިޢުމަތުގެ މައްޗަށް ދަހިވެތިކަން އިސްކޮށް މުދަލާއި ފައިސާ އިތުރަށް ހޯދުމުގެ މަޤްސަދުގައި އެއްވެސް ގޮތެއްފޮތެއް ނުބަލާ ހިތުހުރިގޮތަކަށް އުޅުމުގެ ސަބަބުން އޭނާގެ ރަނގަޅު ހެޔޮވިސްނުން ފިލައިގޮސް ހަމަމަގުން ނެއްޓި އިންސާނީ ރިވެތިއަޚްލާޤު އޭނާއާއި ވަކިވެގެންހިގައިދާނެއެވެ. އަދި އޭނާއަށް މިބޮޑާކަން ގެނެސްދިނުމުގެ ސަބަބެއްކަމުގައިވި ނިޢުމަތް ފިލައިދާނެކަމުގެ ބިރުހީވެ އޭގެދިފާޢުގައި ތަފާތުގިނަ މަސައްކަތް ކުރަންފަށައެވެ. އަދި އެހެންމީހުންނަށް ލިބިފައިވާ އެފަދަ ނިޢުމަތްތަކާއިމެދެ ޙަސަދަވެރިވެ އަލިފާނުގެ ކަނޑަކަށް ޣަރަގުވެގެން ހިގައިދެއެވެ. މިފަދަ ގޮތަކަށް މީހެއްގެ އުޅުން ބަހައްޓައިފިނަމަ އެމީހަކަށް ﷲތަޢާލާ އެދެއްވި މަތިވެރި ނިޢުމަތް އޭނާއަށްހުރި ބޮޑުޢަޒާބަކަށް ނޫނީނުވާނެއެވެ. އެހެނީ އެފަދަޙާލަތުގައި އިންސާނަކަށް ހިތްހަމަޖެހުން ލިބުމަކީ އެކަށީގެންވާ ކަމެއްނޫނެވެ. ކުޑަވެސް ޝައްކެތްނެތްގޮތުގައި އިންސާނާގެ ކިބައިގާވާ މިފަދަ ނޭއްގާނި ސިފަތައް މަތަކޮށް އޭނާ ހަމަމަގަށް އަޅުވާއެއްޗަކީ އޭނާގެ އީމާނާއި ތަޤްވާއެވެ. އީމާނާއި ތަޤްވާ ނެތްމީހަކަށް މުޞީބާތެއްކުރިމަތިވާހިނދު ވޭނާއި، ބިރުވެރިކަމާއި އަދި ކޮޅެއްނެތްހާ ހިތާމަތައް އޭނާގެ ހިތުތެރެއަށް ޖަމާވެ، އޭގެސަބަބުން ނަފްސާނީ އަދި ޖިސްމާނީ ބަލިތަކުގެ ޝިކާރައަކަށްވެދެއެވެ. އަދި އެއްވެސް ކުޅެދުންތެރިކަމެއް ނެތްމީހަކަށް އެމީހަކު ބަދަލުވެގެން ހިނގައިދާނެއެވެ. މިޙާލަތާއި ކުރިމަތިލާން އޭނާއަށް ޖެހޭސަބަބަކީ މުޞީބާތްތަކަށް ކެތްކުރާ މީހުންނަށް ﷲތަޢާލާ ދެއްވުމަށް ވަޢްދުކުރައްވާފައިވާ ގިނަގުނަ ޘަވާބާއި ދީލަތި ދެއްވުންތައް ލިބުމުގެ އުއްމީދުކުރެވޭމީހަކަށް އޭނާނުވާތީއެވެ. އީމާންކަމެއްނެތި ހަމައެކަނި ކެތްތެރިވުމަކުން އޭނާއަށް ލިބިފައިވާ ހިތާމަތައް ފިލައިގެނެއް ނުދާނެއެވެ. އަދި ހިތްހަމަޖެހުމެއްވެސް ނުލިބޭނެއެމެވެ.

މިފަދަކަންތަކަކީ އަޅުގަޑުމެންގެ ދިރިއުޅުމުގެ ތެރޭގައި ތާއަބަދު ދިމާވަމުން ތަޖްރިބާކުރެވެމުން އަންނަ ކަންކަމެވެ. ތިޔަބޭފުޅުން ފަރުވާތެރިކަމާއިއެ ވިސްނާ ވަޑައިގެންފިނަމަ މިފަދަކަންތަކުގައި އީމާންކަމުގެ އަހުލުވެރިންނާއި އެނޫންމީހުންގެ މެދުގައި ވަރަށްބޮޑު ތަފާތުތަކެއްވަނިކޮށް ފެނިވަޑައިގަންނަވާނެއެވެ. މިދެބާވަތުގެ މީހުންގެ މެދުގައި މިހާބޮޑު ތަފާތެއް ހުންނަސަބަބަކީ އީމާން ކަމުގެ އަހުލުވެރިން ޤަބޫލުކުރާ ޚާއްޞަ ޤަބޫލުކުރުންތަކެއްގެ ސަބަބުންނެވެ. އޭނާގެ ހަރުދަނާ ޢަޤީދާގެ ސަބަބުންނެވެ. ތެދުވެރިގޮތުގައި އީމާންވެގެން ހުންނަމީހާ، އޭނާއާއި މުޞީބާތެއް ކުރިމަތިވިކަމުގައިވިއަސް ﷲތަޢާލާ އޭނާއަށް ދެއްވާފައިވާ ޢަދަދުނުކުރެވޭފަދަ ގިނަގުނަ ނިޢުމަތްތަކުގެ މަތިވެރިކަން އިޙްސާސްކޮށް ހިތްހަމަޖައްސާލާނެއެވެ. އަދި ތިމާއާއި ކުރިމަތިވާ ކޮންމެކަމަކީވެސް ތިމާއަށް ﷲތަޢާލާ އެވަގުތު މިންވަރު ކުރެއްވި ގޮތްކަން ދަނެ، އޭނާ ކެތްތެރިކަން ކުރިއަށްނެރެ ހިތްހަމަޖައްސާލާނެއެވެ. ﷲތަޢާލާއަށް ފުރިހަމަގޮތުގައި އީމާންވެގެން ހުރި މުއުމިނުއަޅާއަށް ބަލިމަޑުކަމާއި ފަޤީރުކަން ކުރިމަތިލާހިނދު، އެނާއަށް ﷲތަޢާލާ އެވަގުތު މިންވަރު ކުރެއްވި ގޮތާއި ރުހިޤަބޫލުވާނެއެވެ. އޭނާ ޤަބޫލުކުރާގޮތުގައި އޭނާއަށް ދިމާވާ ކޮންމެކަމކީވެސް ﷲތަޢާލާ އޭނާއަށް މިންވަރުކުރައްވާފައިވާކަންތަކެވެ. އެކަމަކުން އޭނާއަށް ރެކިއެއްނުގަނެވޭނެއެވެ. އަދި އޭނާގެ ޙާލަތު ކޮންމެގޮތަކަށް ހުރިކަމުގައިވިއަސް އެއިލާހު އެހެންމީހުންނަށް މިންވަރު ކުރައްވާފައިވާ ކަންތަކަށް ދަހިވެތިވެ އެކަމުގެ ފަހަތަކުންވެސް އޭނައެއް ނުއުޅޭނެއެވެ. އަބަދުވެސް އޭނާބަލާނީ އޭނާއަށްވުރެ ދަށުގައި އުޅޭމީހުންނަށެވެ. އޭނާއަށްވުރެ މަތީގައި އުޅޭމީހުންނަށް ބަލާ އެކަމުން ހިތްނުތަނަވަސްކުރުމަކަށް އޭނާ ބޭނުމެއްނުވާނެއެވެ. މިގޮތުން އޭނާގެހިތަށް ހަމަޖެހުންލިބި ދުނިޔެވީގޮތުން އޭނާއަށްވުރެ ގިނަކަންތައްތައް ފުރިހަމަވެފައިހުރި އެކަމަކު އީމާންކަންބަލިކަށި މީހަކަށްވުރެ އެތައްގުނައެއް ހިތްހަމަޖެހުން ބޮޑުވާނެއެވެ.

އީމާންކަމެއްނެތްމީހާ ނުވަތަ ފުރިހަމަގޮތުގައި އީމާންވެގެން ނުވާމީހާ، އޭނާއާއި ބަލިމަޑުކަމެއް ނުވަތަ ފަޤީރުކަން ކުރިމަތިވާހިނދު ނުވަތަ ދުނިޔަވީގޮތުން އޭނާއަށް ލިބިފައިވާ ބޮޑުނިޢުމަތެއް ގެއްލިގެންދާހިނދު ވަރަށް ނާއުއްމީދުވެ ވޭނާއިކެކުޅުން ތަޙައްމަލު ކުރާނެއެވެ. އޭނާގެ ހިތްތެޅިފޮޅި ނާރުތަކަށްވާންވެ، ވިސްނުމުގެ ފޯކަސް މުޅިން ގެއްލިގެން ހިގައިދާނެއެވެ. އަދި އޭނާގެ ހިތުގެތެރޭގައި ބިރުވެރިކަމުގެއިންޒާރާއި ނުތަނަވަސްކަން ނޫން އެހެންއެއްޗެއް ނުހުންނާނެއެވެ. އޭގެސަބަބުން އޭނާގެ ހަށިގަޑު ބަލިމަޑުކަމުގެ ޝިކާރައަކަށް ވެގެންހިގައިދާނެއެވެ. އާދެ އެފަދަމީހުންނަށް ދިރިއުޅުމުގެ ތަޖްރިބާގެތެރެއިން މިފަދަ ޙާލަތްތަކާއި ކުރިމަތިލުމުގެ ހުނަރު ލިބިނުގަންނަނަމަ މިފަދަ ނާޒުކުޙާލަތްތަކުގައި އޭނާ ނަފުސާނީގޮތުން ނިކަމެތިވެ މުޅިން ނުކުޅެދޭމީހަކަށް ބަދަލުވެގެން ހިގައިދާނެއެވެ. އެއީ އެމީހުންގެ އީމާންކަން ނެތުމުގެ ސަބަބުން ކުރިމަތިވާ ޙާލަތެކެވެ.

ބިރުވެރިކަމާއި ހިތްދަތިކަންތަކާއި ކުރިމަތިވާހިދު އީމާންކަމުގެ އަހުލުވެރިޔާ ވަރަށް ސާބިތުވާނެއެވެ. އޭނާ ހިތްވަރާއި، ވިސްނުންތެރިކަމާއި އަދި މަޑުމައިތިރިކަމާއިއެކު އެކަންތަކާއި ކުރިމަތިލާނެއެވެ. އޭނާގެ ބަހާއި ޢަމަލުން ފެންނާނީ އޭނާ މާކުރީގައި އެކަމަށް ތައްޔާރުވެ ހުރިކަމެވެ. މިގޮތަށް ޢަމަލު ބެހެއްޓުމުގެ ސަބަބުން އޭނާގެ ބާރާއި ހިތްވަރު ގަދަވާނެއެވެ.

މުސްލިމުންނާއި މުސްލިމުނޫން މީހުންގެކިބައިގައިވެސް އިންސާނެއްގެ ޙައިސިއްޔަތުން ހުންނަންޖެހޭ ކަންތައްތައް ހުންނާނެއެވެ. އެއީ ކަންކަމާއި ކުރިމަތިލުމުގެ ކުޅަދާނަކަމާއި ހިތްވަރުފަދަ ކަންތަކެވެ. ނަމަވެސް މިދެބާވަތުގެ މީހުންގެ ކިބައިގައި މިކަންތައް ހުންނަވަރު ވަރަށް ތަފާތުވާނެއެވެ. އީމާންކަމުގެ އަހުލުވެރިއާގެ ކިބައިގައިވާ ކެތްތެރިކަމާއި ﷲއަށް އޮންނަ އިތުބާރާއި، ނުތަނަވަސްކަމުގެ ވަގުތުގައި ކެތްތެރިކަން އިސްކުރާ އަޅުންނަށް ﷲތަޢާލާ ދެއްވުމަށް ވަޢުދުކުރައްވާފައިވާ ގިނަގުނަޘަވާބާއި މަތިވެރި ދަރަޖަ ލިބުމުގެ އުއްމީދުގެ ސަބަބުން އޭނާއަށް އިތުރު ހިތްވަރާއި ހިތްހަމަޖެހުން ލިބި، ލިބިފައިވާ ހިތާމަތަކާއި ބިރުވެރިކަން ފިލައިގެން ހިގައިދާނެއެވެ. ﷲތަޢާލާ ވަޙީކުރައްވާފައިވެއެވެ. إِن تَكُونُواْ تَأْلَمُونَ فَإِنَّهُمْ يَأْلَمُونَ كَمَا تَأْلَمونَ وَتَرْجُونَ مِنَ اللّهِ مَا لاَ يَرْجُونَ وَكَانَ اللّهُ عَلِيمًا حَكِيمًا (ސޫރަތުއްނިސާ104 ) "ތިޔަބައިމީހުންނަށް ދަތިއުދަގޫތަކާއި ކުރިމަތިލާން ޖެހޭނަމަ އެބައިމީހުންނަށްވެސް ހަމައެފަދަ އުދަގޫތަކާއި ކުރިމަތިވާނެއެވެ. އެކަމަކު އެބައިމީހުން، ލިބުމަށް އުއްމީދުނުކުރާ ކަންތައްތަކެއް މާތްﷲގެ ޙަޟްރަތުން ލިބުމަށް ތިޔަބައިމީހުން އުއްމީދުކުރާނެއެވެ." މީގެ އިތުރުން އީމާންވެހުރެ ކަންތަކުގައި ކެތްތެރިވާ މީހުންނަށް އެބައިމީހުންނަށް ދިމާވެފައިވާ ބިރުވެރި ކަންތަކާއި އުދަގޫތަކުން ސަލާމަތްވުމުގައި ﷲތަޢާލާގެ ޚާއްޞަ ޢިނާޔާތްތެރިކަންވެއެވެ. މިކަން ބަޔާންކުރައްވައި އަލްއަންފާލު ސޫރަތުގެ 46 ވާނަ އާޔަތުގައި ﷲތަޢާލާ ވަޙީކުރައްވާފައިވެއެވެ. وَاصْبِرُواْ إِنَّ اللّهَ مَعَ الصَّابِرِينَ "އަދި ކެތްކުރާށެވެ. ހަމަކަށަވަރުން ﷲ ވޮޑިގެންވަނީ ކެތްތެރީންނާއިއެކުގައެވެ."

ހިތާމަތަކާއި މޮޅިވެރިކަމާއި ޙައިރާންކަން ފިލައިގެން ދިމުގެ ސަބަބުތަކުގެ ތެރޭގައި އެންމެހާ މަޚްލޫގުތަކުންނާއިމެދު ރަގަޅަށް ކަންތައްކޮށް އެމީހުންނަށް އެހީތެރިކަން ބެހެއްޓުން ހިމެނެއެވެ. މިފަދަކަންތަކުގައި ތިމާގެ މުދަލުންނާއި ޢަމަލުންނާއި ދުލުން ކުރެވޭ ކަންތަކަކީވެސް ﷲ ތަޢާލާގެ ޙަޟްރަތުގައި ހެޔޮ އަދި މަތިވެރި ޢަމަލުތަކެކެވެ. މިފަދަކަންތަކުގެ ސަބަބުން މުސްލިމުންނާއި އަދި އެނޫން މީހުންނަށްވެސް ﷲ ތަޢާލާ އެމީހަކަށް ލިބިފައިވާ ހިތާމަތަކާއި މުޞީބާތްތައް އެމީހެއްގެ އެފަދަ ޢަމަލުތައް ހުރި ނިސްބަތަކުން ލުއިކޮއްދެއްވައެވެ. އެހެނީ އެއިލާހުގެ އަޅުތަކުންނަށް އޯގާތެރިވުމަކީ އެއިލާހުގެ ޙަޟްރަތުގައި ނުހަނު ލޮބުވެތިކަންބޮޑު ޢަމަލެކެވެ. އެކަމަކު މީގައި އީމާންކަމުގެ އަހުލުވެރިޔާއަށް ލިބޭނަތީޖާ މާފުރިހަމަވާނެއެވެ. މިހެންވާންޖެހޭސަބަބަކީ އީމާންކަމުގެ އަހުލުވެރިޔާގެ ހުރިހާ ޢަމަލެއްވެސް އޭނާ ހައްދަވައި ގެންގުޅުއްވާ ގަދަކީރިތިވަންތަ މާތް ﷲ އަށް ޚާލިޞް ކުރާތީއެވެ. އަދިއެކަންތައްތަކުގެސަބަބުން އެއިލާހުގެ ޙަޟްރަތުން ސަވާބާއި ދަރުމަ ލިބުމަށް އޭނާ އުއްމީދުކުރާތީއެވެ. އޭގެނަތީޖާއެއްގެގޮތުން ﷲ ތަޢާލާ އެމީހެއްގެކިބައިން ހިތްނުތަނަވަސްކަމާއި ދަތިތައް ފިއްލަވައި އޭނާއަށް ގިނަގުނަ ޘަވާބާއި ދަރުމަދެއްވައެވެ. މަތިވެރި މާތް ﷲ ވަޙީކުރައްވާފައިވެއެވެ. لاَّ خَيْرَ فِي كَثِيرٍ مِّن نَّجْوَاهُمْ إِلاَّ مَنْ أَمَرَ بِصَدَقَةٍ أَوْ مَعْرُوفٍ أَوْ إِصْلاَحٍ بَيْنَ النَّاسِ وَمَن يَفْعَلْ ذَلِكَ ابْتَغَاء مَرْضَاتِ اللّهِ فَسَوْفَ نُؤْتِيهِ أَجْرًا عَظِيمًا (ސޫރަތުއްނިސާއު 114) "އެބައިމީހުންގެ ގިނަ ސިއްރު ބައްދަލުވުންތަކުގައި އެއްވެސް ހެޔޮކަމެއް ނުވެއެވެ. ﷲގެ މަގުގައި ޞަދަގާތްދިނުމަށް އަމުރުކުރާ މީހެއްމެނުވީއެވެ. ނުވަތަ ހެޔޮކަމަކަށް އަމުރުކޮށް ނުވަތަ މީސްތަކުންގެ މެދުގައި ޞުލްޙަ ޤާއިމު ކުރުމަށް މެނުވީއެވެ. އަދި ﷲ ތަޢާލާގެ ރުހިވޮޑިގަތުން އެދިގެން އެގޮތައް ކަންތައްކޮށްފިމީހާ ފަހެ ތިމަން ﷲ އެމީހަކަށް ނުހަނުބޮޑުވެގެންވާ އުޖޫރަ ދެއްވާހުށީމެވެ."

މަތީގައިވާ މަތިވެރި އާޔަތުގައި ﷲ ތަޢާލާ އަޅުގަނޑުމެންނަށް ބަޔާންކޮށްދެއްވަނީ އެފަދަކަންތައްތަކަކީ އެއީ ހެޔޮ ރަގަނޅު ކަންތައްތައް ކަމެވެ. އަދި އެފަދަކަންތައް ކުރާ ކޮންމެމީހަކަށްމެ އެއިލާހު އޭގެބަދަލު ދެއްވާނެކަމެވެ. އެކަމަކު މީގައި ފާހަގަ ކޮށްލަންޖެހޭ ތަންކޮޅަކީ ތެދުވެރި މުއުމިނާއަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން އެދި ކުރާ ކަންތަކަށް އެއިލާހު މިނެއްނެތްހާ ގިނަހެޔޮކަން ދެއްވާނެކަމެވެ. އޭގެތެރޭގައި އޭނާގެ ހިތާމަތަކާއި ވޭންތައް ފިއްލަވައި ދެއްވުން ހިމެނެއެވެ.

ހިތާމަތަކާއި ހިތްދަތިކަމާއި ކަންބޮޑުވުން ފިލައިގެން ދިއުމުގެ ސަބަބުތަކުގެ ތެރޭގައި ތަފާތު ކަންކަމުގައި މަޝްޣޫލުވެގެން އުޅުން ހިމެނެއެވެ. އަދި އެހެންމެ ފައިދާހުރި ޢިލްމު އުގެނުމަކީވެސް އެމީހާއަށް ލިބިފައިވާ މިފަދަ ކަންބޮޑުވުންތަކާއި ހާސްކަން ފިލައިދާ ކަމެކެވެ. މިގޮތައް ޢަމަލުތައް ބެހެއްޓުމުން ތިމާއަށް ލިބިފައިވާ ހިތާމަތަކާއި ވޭންތައް މަތިން ހަދާންނެތި އުފާވެރި ތަޖްރިބާތަކެއް ކުރެވެން ފަށާނެއެވެ. އަދި އެންމެފަހުން އޭނާގެ ހިތާމަތައް އުފާތަކަކަށް ބަދަލުވެގެން ހިގައިދާނެއެވެ. މިކަމަކީވެސް އީމާންކަމުގެ އަހުލުވެރީންނާއި އަދި އެނޫންމީހުންނަށްމެ ކުރެވޭނެ ތަޖްރިބާއެކެވެ. އެކަމަކު މީގައިވެސް އީމާންކަމުގެ އަހުލުވެރިޔާ ތަފާތުވާނެއެވެ. ސަބަބަކީ އީމާން ކަމުގެ އަހުލުވެރިޔާ މިފަދަކަންތަކުގެތެރޭގައި ޙަރަކާތްތެރިވަމުން ދާއިރު އެކަމަކީ އަޅުކަމުގެތެރޭގައި ހިމެނޭ ކަމެއްކަމުގައިވިޔަސް ނުވަތަ ދުނިޔެވީ ކަމެއްކަމުގައި ވިޔަސްވެސް އެކަމަކީ ތެދުނިޔަތާއިއެކު ﷲ ތަޢާލާ އަށް ޚާލިޞްކޮށް އެއިލާހުގެ ޙަޟްރަތުން ވާގިއެދިގެން ކުރާކަމެއްކަމުގައިވާނަމަ އެކަންތައް ވެގެންދާނީ އޭގެޒާތުގައި ހިތާމަތައް ފިލައިދިއުމުގެ ސަބަބެއްކަމުގައެވެ.

ދާއިމީ ހިތާމަތަކާއި ކަންބޮޑުވުންތަކުގެ ސަބަބުން ނަފްސާނީ އަދި ޖިސްމާނީ ބަލީގެ ދާންތަކުގައިވާ އެތައްބައެއް އަޅުގަނޑުމެންނަށް ފެންނަމުން ދެއެވެ. އެބައިމީހުންގެ ބަލީގެ ފަރުވާތަކުގެތެރޭގައިހިމެނޭ ވަރަށް މުހިއްމު އެއްފަރުވާއަކީ އެބައިމީހުންނަށް ކުރިމަތިވެފައިވާ ހިތާމަތައް ނުވަތަ ކުރިމަތިވެފައިވާ މުޞީބާތުގެ މަތިން ހަދާން ނައްތާލައި ކޮންމެވެސް ކަމެއްގައި މަޝްޣޫލުވެގެން އުޅުމެވެ. އެގޮތައް ކަންތަކުގައި މަޝްޣޫލުވެގެން އުޅޭއިރު ތިމާ އުފާވާކަހަލަ ކޮންމެވެސް ކަމެއްގެތެރޭގައި އުޅުމަކީ އޭގެ ނަތީޖާ މާފުރިހަމަ ގޮތުގައި ލިބޭނެކަމެކެވެ.

މާޒީވެދިޔަ ކަންތަކާއި މެދު ނުވަތަ މުސްތަޤުބަލުގައި ހިގާފާނެކަމަކާއިމެދު ވިސްނުމުގެ ބަދަލުގައި އެވަގުތަކު ތިމާއާއި ކުރިމަތިވެފައިވާ ކަންތަކާއިމެދު ވިސްނުމަކީ ހިތާމަތަކާއި ކަންބޮޑުވުން ފިލައިދިއުމުގެ ސަބަބުތަކުގެ ތެރޭގައި ހިމެނޭކަމެކެވެ. ހިތާމައަކީ ޢާއްމުގޮތެއްގައި ހިގައިދިޔަކަމަކާއި މެދު ކުރާއެއްޗެކެވެ. މާޒީވެދިޔަތަނާމެދު ހިތާމަކުރުމަކުން އެހިގައިދިޔަ ކަމެއް ބަދަލެއްނުވާނެއެވެ. ކަންބޮޑުވުމަކީ މުސްތަގުބަލުގައި ހިގާފާނެ ކަމަކާއިމެދު ވާއެއްޗެކެވެ. ވީމާތިމާގެ ޙަޔާތް އުފާވެރި ޙަޔާތަކަށް ހެދުމަށްޓަކައި މިދެކަންތައްމެ ދޫކޮއްލަން ޖެހެއެވެ. ސަބަބަކީ މިއިން އެއްވެސްކަމަކުން ތިމާގެ އަޞްލުޙާލަތައް ކުރާނެ ރަގަޅު އަޘަރެއް ނުއޮންނާނެއެވެ. މިފަދަ ކަންތަކުން ސަލާމަތްވެ ހުރުމަށްޓަކައި ތިމާގެ އެއިރެއްގެ ޙާލަތަށްވިސްނާ ހިތާމަތަކާއި ކަންބޮޑުވުމުން ސަލާމަތްކަން ދެއްވުން އެދި ﷲ ތަޢާލާގެ ޙަޟްރަތުގައި ދެންނެވުން ހުއްޓެވެ. އެހެނީ ކަންބޮޑުވުމާއި ހިތާމަތަކުން ރައްކާތެރިކަން ދެއްވުން އެދި މާތްރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަ، ﷲ ތަޢާލާގެ ޙަޟްރަތުގައި ދަންނަވާކަމަށް ބުޚާރީއާއި މުސްލިމު ރިވާކުރައްވާފައިވެއެވެ. ތިމާ އަބަދުވެސް ވާންޖެހެނީ މާޒީވެދިޔަތަނުން ޢިބުރަތް ޙާޞިލުކޮށް އެއިރެއްގެ ކަންތަކާއި މެދު ފުރިހަމައަށް ވިސްނާމީހަކަށެވެ. މިދެންނެވިގޮތަށް ވިސްނޭނީ ކުރީގައި ދެންނެވުނު ފަދައިން ބޭކާރު ހިތާމަތަކާއި ކަންބޮޑުވުންތައް ދޫކޮއްލައިގެންނެވެ. މިގޮތައް ވިސްނުންތެރިކަމާއިއެކު ކަންތައްކުރުމަކީ ތިމާކުރާކަންތައް ފުރިހަމަގޮތުގައި ނިންމާލުމަށްޓަކައި ކޮންމެހެން ބޭނުންތެރި ކަމެކެވެ. މުސްލިމުއަޅާ އޭނާގެ ދެދުނިޔޭގެ ލާބައާއި މަންފާ އަށްޓަކައި ކުރާކަންތައް އެންމެފުރިހަމަ ގޮތުގައި ކުރުމައްޓަކައި ބޭނުންވާ ހަތިޔާރަކީ އިޚްލާޞްތެރިކަމާއި އުއްމީދާއި އެކު ކުރެވޭ ދުޢާއާއި ގަދަ ޢަޒްމާއި ހިތްވަރާއި ވިސްނުންތެރިކަމާއި އެކުކުރެވޭ މަސައްކަތެވެ. އެހެނީ އަޅުގަޑުމެންގެ ކަންތަކުގައި ނަމޫނާދެއްކެވި މާތް ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަ އަޅުގަޑުމެންނަށް އިރުޝާދު ދެއްވާފައިވަނީ މިގޮތަށް ޢަމަލުކުރުމަށެވެ. އެކަލޭގެފާނު ޙަދީޘްކުރައްވާފައި ވެއެވެ. "احْرِصْ عَلىَ مَا يَنْفَعُكَ وَاسْتَعِنْ باِللهِ وَلاَ تَعْجَزْ, وَإذَا أصَابَكَ شَيْءٌ فَلاَ تَقُلْ لَوْ أنِّيْ فَعَلْتُ كَذَا كاَنَ كَذَا وَكَذَا, وَلَكِنْ قُلْ قَدَّرَاللهُ وَمَاشَاءَ فَعَلَ, فَإنَّ "لَوْ" تَفْتَحْ عَمَلِ الشَّيْطَانِ". رواه مسلم. (ތިބާއަށް މަންފާހުރި ކަންތަކުގައި ގަދައަޅައި މަސައްކަތް ކުރާށެވެ. އަދި ﷲގެ ޙަޟްރަތުން ވާގި އެދޭށެވެ. އަދި ނުކުޅެދި ނުގަންނާށެވެ. އަދި ތިބާއަށް އުނދަގުލެއް ދިމާވެއްޖެނަމަ ތިމަންނަ މިވެނިހެން ހެދިނަމަ އެވެނި މިވެނި ގޮތަށް އެކަންތައް ވީހެވެ މިހެން ނުބުނާށެވެ. އެކަމަކު ބުނާށެވެ "މިއީ ﷲގެ މިންވަރުފުޅެވެ." އެއިލާހު އެދިވޮޑިގަންނަވާގޮތަށް އެކަން ކުރެއްވީއެވެ. ފަހެ ހަމަކަށަވަރުން " ނަމަ އަކީ " ޝައިޠާނާއަށް ދޮރުހުޅުވައިދޭ ކަމެކެވެ. " މިމަތިވެރި ޙަދީޘް ފުޅުން ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަ އަޅުގަޑުމެންނަށް އިރުޝާދުދެއްވަނީ ދެކަމެއް ގުޅުވާލުމަށެވެ. ފުރަތަމަކަމަކީ މުހިއްމު ކަންތަކުގައި ހުރިހާ ޙާލަތެއްގައިވެސް ގަދައަޅައި މަސައްކަތް ކުރުމެވެ. އަދި ﷲގެ ޙަޟްރަތުން ވާގި އެދުމެވެ. އަދި ކަންތައް ކުރުމުގައި ނާއުއްމީދުކޮށްގެން އެކަންތައް ދޫކޮށް ނުލުމަށެވެ. ދެވަނަ ކަމަކީ ހިނގައިދިޔަ ކަންތަކާއިމެދު ﷲއަށް ވަކީލުކުރުމެވެ. އަދި އެކަންތަކަކީ އެއިލާހުގެ މިންވަރުފުޅުކަން ދަނެ ގަބޫލުކުރުމެވެ. މީގައި ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަ އަޅުގަޑުމެންނަށް ބަޔާން ކޮށް ދެއްވާފައިވަނީ ދެދަރަޖައެއްގެ ކަންތަކެކެވެ. ފުރަތަމަ ދަރަޖައަކީ ކަންތައްތައް ފުރިހަމައަށް ކޮށްނިންމުމުގައި އިންސާނާގެ ފުރިހަމަ ދައުރެއް އޭގައި ހިމެނޭކަންތަކާއި އަދި ކަންތައްތައް ފުރިހަމަކުރުމުގައި އޭނާގެ ކޮންމެވެސް ދައުރެއް އެކަމުގައި ހިމެނޭ ކަންތަކެވެ. ނުވަތަ ކަމަކުން ރެކިގަތުމުގައި ފުރިހަމަ ދައުރު އޭނާއަށް ލިބިފައިވާ ކަންތަކާއި އަދި މިފަދަކަންކަމުގައި އޭނާގެ ކޮންމެވެސް ދައުރެއްވާ ކަންތަކެވެ. މިފަދަކަންތަކުގައި އަޅާ ޢޭނާގެ ރައްބުގެ ޙަޟްރަތުން ވާގިއެދުމާއިއެކު އެކަމުގައި ގަދައަޅައި މަސައްކަތް ކުރަންޖެހެނެއެވެ. ދެވަނަބަޔަކީ އިންސާނާއަށް އެއްވެސް ބާރެއްލިބިގެން ނުވާކަންތަކެވެ. މިފަދަކަންތަކުގައި މަޑުމައިތިރިކަމާއިއެކު ﷲގެ މިންވަރުފުޅަށް ތަބަޢަވާން ޖެހޭނެއެވެ. މިގޮތުން އޭނާގެ އާރެއްބާރެއް ނުވާކަންތައްތަކާއި މެދު ހިތާމަނުކޮށް ހެއްދެވިފަރާތުގެ މިންވަރުފުޅަށް ޝުކުރުކުރުން މަތީ ދެމިހުރެއްޖެނަމަ ޝައްކެއްނެތްގޮތުގައި އޭނާގެ ހިތާމަތައް ފިލައިގޮސް ހިތްހަމަޖެހުން ގެނެސްދޭނެއެވެ.

Read more...

20 June 2011

ސާދަ ޤަރުނު ކުރީގެ ޤާނޫނުތަކެއް މިޒަމާނުގައި ޤާއިމް ކުރާނީ ކިހިނެއް؟

އަލްއަޚް އަޙްމަދު މިޙްސަން މުޙައްމަދު
ބައެއް މުސްލިމުންނާއި ޢައިރު މުސްލިމުން މިއަދު ކުރަމުންދާ ސުވާކލަކީ 14 ޤަރުނު ކުރީގެ ޤާނޫނުތަކެއް މިއަދު އަޅުގަނޑުމެން ޤާއިމްކުރާނީ ކިހިނަކުން ހެއްޔެވެ. އިސްލާމީ ޝަރީޢަތާ ބެހޭގޮތުން ފުރިހަމަ މަޢުލޫމާތު ލިބިފައިނުވާ މީހަކަށް މިފަދަ ސުވާލެއް އުފެދުމަކީ އެކަށީގެންވާ ކަމެކެވެ. އެހެންނަމަވެސް މިފަދަ ސުވާލުތައް އުފެދިފައިވާ މީހުން ހަނދާން ނެތިފައިވާ ކަމެއް ވެއެވެ.
އެއީ އިންސާނުންވެސް އެތައް ސަތޭކަ އަހަރުތަކަކަށް ދެމިގެން ގޮސްފައިވާ ޤާނޫން އަސާސީތަކެއް ހަދާފައިވާކަމެވެ. އިންސާނުންނަށް މިފަދަ ކަމެއް ކުރެވުނު އިރު ﷲ ސުބުޙާނަހޫ ވަތަޢާލާ މިއަށްވުރެ ގިނަ ދުވަހަށް ދެމިގެންވާ ޤާނޫންތަކެއް އުފެއްދެވުމަށް ކުޅަދުންވަންތަވެދޮޑިގެން ނުވާންވީ ކީއްވެގެންހެއްޔެވެ؟ އެކަލާނގެއީ ހުރިހާ ތަނަކާއި ހުރިހާވަގުތެއްގައި ހިނގާހާ ކަމެއް މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ.
މިފަދަ ސުވާލެއްކުރާ މުސްލިމެއް ޙުކުމަކީ ކޮބައިތޯއެވެ؟
މިފަދަ ސުވާލެއްކުރާ މުސްލިމްމީހާ ޤަބޫލުކުރަންވީ ޙަޤީޤަތަކީ ޤިޔާމަތާއި ޖެހެންދެން ދެމިގެންވާ ޤާނޫނުތަކެއް ހެއްދެވުމަކީ ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ކުޅަދުންވަންތަ ކަމެއްކަމެވެ. ސަބަބަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ ވަނީ ދާއިމަށް ދެމިގެންވާ ޤުދުރަތީ ޤާނޫނުތަކެއްވެސް ހައްދަވާފައެވެ. އެހެންކަމުން އެއްވެސް އަސްލެއް ނެތް ވާހަކަތަކުގައި ނުވަތަ ކުފުރުގެ ދަންތުރަ ތަކުގައި ނުޖެހުމަށް މުސްލިމުން ސަމާލުވާން ޖެހޭނެއެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވާފައިވަނީ ﴿ فَلَا وَرَبِّكَ لَا يُؤْمِنُونَ حَتَّى يُحَكِّمُوكَ فِيمَا شَجَرَ بَيْنَهُمْ ثُمَّ لَا يَجِدُوا فِي أَنْفُسِهِمْ حَرَجًا مِمَّا قَضَيْتَ وَيُسَلِّمُوا تَسْلِيمًا﴾ (سورة النساء65) މާނައި: " އެހެންނަކުން ނޫނެވެ! ފެހެ، ކަލޭގެފާނު ހައްދަވާ ގެންގުޅުއްވާ އިލާހު ގަންދެއްވައި ވަޙީ ކުރައްވަމެވެ. އެއުރެންގެ މެދުގައި އުފެދިފައިވާ ދެކޮޅުވެރިކަމުގައި، ކަލޭގެފާނު އެމީހުންގެ މެދުގައި ޙުކުމްކޮށްފުމަށް ދާންދެން، އެއުރެން އީމާނެއް ނުވާނެތެވެ. އެހިނދު، ކަލޭގެފާނު ނިޔާކުރެއްވި ގޮތާމެދު އެއުރެންގެ ހިތްތަކުގައި، ދަތިކަމެއް ވާކަމުގައި އެއުރެން ނުދެކޭނެތެވެ. އަދި އެއުރެން (އެ ނިޔާއަށް) ފުރިހަމަ ވެގެންވާ ކިޔަމަންވުމަކުން ކިޔަމަންވާނެތެވެ."
ﷲ ސުބުޙާނަހޫ ވަތަޢާލާ ބާވައިލެއްވި ޙުކުމްތަކުން އޭނާ ހިތްއެދޭ ޙުކުމްތަކުގައި ހިފައި އޭނާ ނުރުހޭ ޙުކުމްތައް ދޫކޮށްލުމުގެ އިޚްތިޔާރު އޭނާއަށް ލިބިފައި ނުވާކަންވެސް އޭނާ ވަނީ ހަނދާން ނެތިފައެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވާފައި ވެއެވެ. ﴿ أَفَتُؤْمِنُونَ بِبَعْضِ الْكِتَابِ وَتَكْفُرُونَ بِبَعْضٍ فَمَا جَزَاءُ مَنْ يَفْعَلُ ذَلِكَ مِنْكُمْ إِلَّا خِزْيٌ فِي الْحَيَاةِ الدُّنْيَا وَيَوْمَ الْقِيَامَةِ يُرَدُّونَ إِلَى أَشَدِّ الْعَذَابِ وَمَا اللَّهُ بِغَافِلٍ عَمَّا تَعْمَلُونَ ﴾ (سورة البقرة: 85) މާނައީ: " ފަހެ، ފޮތުން ބަޔަކަށް ތިޔަބައިމީހުން އީމާންވެ އަނެއްބަޔަށް ކާފިރުވަނީ ހެއްޔެވެ؟ ފަހެ، ތިޔަބައިމީހުންގެ ތެރެއިން އެކަންތައްކުރާ މީހުންގެ ޖަޒާއަކީ، ދުނިޔޭގެ ޙަޔާތުގައި ދެރަކަމާއި ނިކަމެތިކަން ލިބުން ކަމުގައި މެނުވީ ނުވެއެވެ. އަދި ޤިޔާމަތްދުވަހުން ގަދަފަދަ ޢަޒާބުގެ ތެރެއަށް އެއުރެން ފޮނުއްވާ ހުށްޓެވެ. އަދި ހަމަކަށަވަރުން، ތިޔަބައިމީހުންކުރާ ޢަމަލުތަކާއިމެދު ޢާފިލުވެ ވޮޑިގެންވާ ކަލަކު ކަމުގައި ﷲ ނުވެއެވެ."

މިތާނގައި މިބަޔާންކޮށްލަނީ طاعة (ކިޔަމަންތެރިކަމުގެ) ގެ 3 ވައްތަރެކެވެ.
1- ފުރިހަމަޔަށް ކިޔަމަންތެރިކަން އަދާ ކުރަންޖެހޭ ކަންތައް.
މިއީ ﷲ ތަޢާލާގެ ފަރާތުން ސީދާގޮތުންނާއި ނުސީދާގޮތަށް އައިސްފައިވާ ހުރިހާ އަމުރުފުޅަކަށް ފުރިހަމަޔަށް ކިޔަމަންތެރިވުމެވެ. މިގޮތަށް ކިޔަމަންވުމުގައި އިތުރު ސުވާލެއް ކުރުމެއް ނުވެއެވެ.
2- އިސްލާމްދީނުގައި ޤުރުއާނާއި ޙަދީޘުން ނައްޞުން ބަޔާންވެގެންވާ ކަންކަމަށް ފުރިހަމަޔަށް ކިޔަމަންވުން.
މި ގޮތަށް ކިޔަމަންވުމުގައިވެސް އެއްވެސް އިތުރު ސުވާލެއް ކުރުމެއް ނުވެއެވެ.
3- އަހުލުއް ސުންނާ ވަލް ޖަމާޢަތުގެ އިމާމަކަށް ނުވަތަ އިމާމުންތަކަކަށް ތަބާވުން.

މިގޮތަށް ތަބާވާއިރު ވަކި އިމާމަކަށް ތަބާވުން ލާޒިމެއް ނޫނެވެ. ސަބަބަކީ އިމާމުންގެ މެދުގައި އުފެދިފައިވަނީ ޙައްޤު ޚިލާފުތަކެއް ކަމުގައި ވާތީއެވެ. މިޙާލަތުގައި އޭނާ އެ ތަބާވާގޮތަކީ ޞައްޙަ ޚިލާފެއްކަމުގައިވާނަމަ އެގޮތެއް އޭނާއަށް އިޚްތިޔާރު ކުރެވިދާނެއެވެ.
އިސްލާމީ ޝަރީޢަތް އޭގެ އެންމެ ފުރިހަމަ ގޮތުގައި ޤާއިމް ކުރެވިއްޖެނަމަ ޙިސާބުބެއްލެވޭނެ ހުރިހާ މަޚްލޫޤުންގެ މިދުނިޔޭގެ ދިރިއުޅުން ބާއްޖެވެރި ވެގެންދާނެކަން ޙަޤީޤީ މުސްލިމަކު ޤަބޫލުކުރާނެއެވެ. އަދި އިސްލާމީ އުސޫލުތަކަށް މުސްލިމުންގެ ދިރިއުޅުމުގައި ޢަމަލު ކުރުމުން އުޚްރަވީ ޙަޔާތް ބާއްޖެވެރި ވެގެންދާނެކަމުގެ ގެރެންޓީ ލިބެއެވެ.
އެހެންގޮތަކަށް ބުނާނަމަ އިސްލާމީ ޝަރީޢަތުގެ ހެޔޮ އަސަރު ކުރަނީ ހަމައެކަނި މިދުނިޔޭގެ ވަގުތީ ދިރިއުޅުމަކަށް ނޫނެވެ. އެހެނެއްކަމަކު އުޚްރަވީ ޙަޔާތްވެސް ބާއްޖެވެރިކޮށްދެއެވެ. އެއްވެސް މުސްލިމަކު މިކަން ހަނދާންނުނެތޭނެއެވެ. ސަބަބަކީ އިންސާނުން އަތުން ހަދާފައިވާ ހުރިހާ ޤާނޫނަކަށްވުރެ، ﷲ ސުބުޙާނަހޫ ވަތަޢާލާ ބާވައިލެއްވި ޤާނޫންތައް ފުރިހަމަކަމަށް އޭނާ ޤަބޫލުކުރާނެއެވެ.
އިސްލާމީ ޝަރީޢަތް ބިނާވެގެންވަނީ ކަނޑައެޅިބަޔާންވެގެންވާ ޤާނޫންތަކެއްގެ މައްޗަށެވެ. އަދި މީގައި ވަނީ ﷲއާއި އެކަލާނގެ ހެއްދެވި ތަކެތީގެ ގުޅުމާއި މަޚްލޫޤުންގެ މެދުގައި އޮންނަންޖެހޭ ގުޅުމުގެ ވާހަކައެވެ. އެހެންގޮތަކަށް ބުނާނަމަ އިސްލާމީ ޝަރީޢަތަކީ ބޮޑު ޕެކޭޖެކެވެ. މި ޕެކޭޖުގައިވަނީ އަޤީދާއާއި އަޅުކަންތަކާއި، ފުރިހަމަ ވެގެންވާ ޤާނޫނުތަކާއި އެންމެ ރިވެތި އަޚްލާޤެވެ.
މީގެ 14 ޤަރުނު ކުރިން އިސްލާމީ ޝަރީޢަތް ވަނީ އެތަކެއް ނިކަމެތިންނެއްގެ ޙައްޤުތަކެއް ހޯދައިދީފައެވެ. މިއީ ވޭތުވެދިޔަ ޤަރުނާ ހަމަޔަށްވެސް އިންސާނުން ހަދާ ޤާނޫނުތަކަށް ކޮށްނުދެވުނު ކަމެކެވެ. މި ރޮނގުގައި އިސްލާމީ ޝަރީޢަތާ އެއްހަމަ އަށް އައުމަށް އަދިވެސް އިންސާނުންހަދާ ޤާނޫންތައް ވަނީ ނުކުޅެދިފައެވެ.

Read more...

16 June 2011

އުފާވެރި، ހިތްހަމަޖެހޭ، ބާއްޖަވެރި ދިރިއުޅުމެއް ލިބޭނީ ކިހިނެއް؟

އަލްއަޚް އަޙްމަދު ރިމާޒް
ހަމަ ޔަޤީނުންވެސް ކޮންމެ އިންސާނަކީ އަމާން، އޮމާން، ބާއްޖަވެރި ޙަޔާތެއް ބޭނުންވާނެ މީހެކެވެ. މުސްލިމަކަށް ވިޔަސް ކާފިރަކަށް ވިޔަސް، ފަޤީރަކަށްވިޔަސް މުއްސަންޖަކަށް ވިޔަސްމެއެވެ. އެންމެންވެސް އެބަޔަކަށް ލިބިފައިވާ އެންމެހާ ވަޞީލަތްތައް ބޭނުންކޮށްގެން މަސައްކަތްކުރަމުން ދަނީ އުފާވެރި، ހިތްހަމަޖެހޭ ޙަޔާތެއް ހޯދުމަށެވެ. އެއްބަޔަކު ދެކޭގޮތުގައި ބާއްޖަވެރި ޙަޔާތެއް ލިބޭނީ ގިނަ މުދަލާއި ފައިސާ ހުރެގެންނެވެ. އަނެއްބަޔަކު ދެކޭގޮތުގައި އެއީ ޖާހާއި މަންސަބާއި މަތީ މަޤާމުން ޙާޞިލުކުރެވިދާނެ އެއްޗެކެވެ. އަދި އަނެއްބަޔަކު ދެކޭގޮތުގައި އުފާވެރި ދިރިއުޅުމެއްގެ ތަޅުދަނޑިއަކީ މަތީ ތަޢުލީމާއި ފާސްތަކެވެ.

ޙަޤީޤަތަކީ ހަމައެކަނި މިކަންކަމުން ބާއްޖަވެރިކަމުގެ އައްސޭރިއާ ހަމައަށް ވާޞިލްނުވެވޭނޭ ކަމެވެ. ދިމާވާ ގޮތަކުން މުދަލުގެ ވެރިޔާގެ މުދާ ގެއްލި ބަނގުރޫޓު ވެދާނެއެވެ. އަދި ދިމާވާ ގޮތަކުން ޖާހާއި މަންސަބާއި މަޤާމުގެ އަހުލުވެރިންގެ ޤަދަރު ވެއްޓިދާނެއެވެ. މުދަލާއި ފައިސާގެ ތަނަވަސްކަމަކީ މާތް ﷲ އިރާދަކުރައްވާ އަޅަކަށް އެއިލާހު އޭނާ އިމްތިޙާން ކުރެއްވުމަށްޓަކައި ދެއްވާ އިމްތިޙާނެކެވެ. އެ އިމްތިޙާނުން ފާސްވުމަށްޓަކައި މުދާ ހޭދަކުރާންވީ ކިހިނެއްކަން އެއިލާހު ވަނީ ބަޔާންކޮށްދެއްވާ ފައެވެ. އެހެންކަމުން މުދަލާއި، ފައިސާއާއި މަޤާމާއި ޖާހާއި މަންސަބުގެ ސަބަބުން ﷲ ސުބުހާނަހޫ ވަތަޢާލާއަށް ކިޔަމަންތެރިކަން އަދާކުރުމަށް ހުރަސް އެޅޭނަމަ އެއީ އެމީހަކަށް ހުރި ހަލާކާއި ގެއްލުމަކަށެވެ. މަގުފުރެދުމެކެވެ. ﷲ ސުބުހާނަހޫ ވަތަޢާލާ ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައި ވެއެވެ.
" فَلاَ تُعْجِبْكَ أَمْوَالُهُمْ وَلاَ أَوْلاَدُهُمْ إِنَّمَا يُرِيدُ اللَّهُ لِيُعَذِّبَهُمْ بِهَا فِي الْحَيَاةِ الدُّنْيَا وَتَزْهَقَ أَنْفُسُهُمْ وَهُمْ كَافِرُونَ " (التوبة: 55)
"ފަހެ އެބައިމީހުންގެ މުދައުތަކާއި، ދަރީންތައް، ކަލޭގެފާނު ޢަޖައިބުކުރުވިޔަ ނުދޭ ހުށިކަމެވެ. ހަމަކަށަވަރުން މާތް ﷲ އިރާދަކުރައްވަނީ ދުނިޔޭގެ ދިރިއުޅުމުގައި އެތަކެތީން އެބައިމީހުންނަށް ޢަޛާބު ދެއްވުމަށެވެ. އަދި އެއުރެން ކާފިރުންކަމުގައި ވާޙާލު އެއުރެންގެ ފުރާނަ ދިޔުމަށެވެ."
ޝާނާއި ޝައުކަތުހުރި ބޮޑު ވެރިކަމަކުން މީހަކަށް ބާއްޖަވެރިކަމެއް ލިބޭނެ ނަމަ ފިރްޢައުނަށް ލިބުނީހެވެ. ނަމަވެސް ފިރްޢައުނުގެ ވެރިކަމަކީ އީމާން ކަމުގެ ނޫރުން އަލިވެފައިވާ ވެރިކަމެއް ނޫނެވެ. ބޮޑާކަމާއި ކިބުރުވެރިކަމުގެ މަތީގައި ބިންގާ އެޅިފައިވާ، އެއްކައުވަންތަ ﷲ އަށް ކިޔަމަންތެރިކަން އަދާކުރުމުން އެއްކިބާވެފައިވާ، އަދި އަނިޔާވެރިކަން ޙައްދުފަހަނަ އަޅާފައިވާ ވެރިކަމެކެވެ. އޭނާ ﷲ ސުބުޙާނަހޫ ވަތަޢާލާ ދެއްވި ވެރިކަމަށް ބޮޑާވެ، ކިބުރުވެރިވެގަތެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ.
" وَنَادَى فِرْعَوْنُ فِي قَوْمِهِ قَالَ يَا قَوْمِ أَلَيْسَ لِي مُلْكُ مِصْرَ وَهَذِهِ الأَنْهَارُ تَجْرِي مِنْ تَحْتِي أَفَلاَ تُبْصِرُونَ " (الزخرف: 51)
"އަދި ފިރުޢައުނު އޭނާގެ ޤައުމުގެ މީހުންގެ ތެރޭގައި ހުރެ ގޮވާލިއެވެ. އޭނާ ބުންޏެވެ. އޭ އަހަރެންގެ ޤައުމުގެ މީހުންނޭވެ! މިޞްރުގެ ވެރިކަމާއި އަހަރެންގެ ދަށުން ހިނގަ ހިނގާ މިހުރި ކޯރުތަކުގެ މިލްކުވެރިކަން ލިބިގެންވަނީ ތިމަންނާއަކަށް ނޫން ހެއްޔެވެ؟ ފަހެ ތިޔަބައިމީހުންނަށް ނުފެންނަނީ ހެއްޔެވެ؟"
މިފަދަ ގޮތަކަށް ފިރުޢައުނު އޭނާއަށް ﷲ ދެއްވި މުދަލާއި ވެރިކަމަށް ކިބުރުވެރިވެ ބޮޑާވެ އެންމެ ފަހުން ޙައްދު ފަހަނައަޅައި ގޮސް އޭނާ އަކީ އިލާހުކަމަށް ދަޢުވާކުރިއެވެ.
" مَا عَلِمْتُ لَكُمْ مِنْ إِلَهٍ غَيْرِي " (القصص: 38)
"އަހަރެން ފިޔަވައި އެހެން އިލާހަކު ތިޔަބައިމީހުންނަށް ވާކަމެއް، އަހަރެންނަށް އެނގިފައެއް ނުވެއެވެ."
އާދެ ފިރުޢައުނުގެ މި ކިބުރުވެރިކަމާއި ބޮޑާކަމުގެ ސަބަބުން އޭނާގެ އެ ވެރިކަމުން، ބާއްޖަވެރިކަމާއި އުފާވެރިކަމެއް ނުލިބުނެވެ. އޭގެ ބަދަލުގައި އޭނާއަށް ކުރިމަތިލާންޖެހުނީ ﷲ ސުބުހާނަހޫ ވަތައާލާގެ ކޯފާއާއި ލަޢުނަތާއެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ކީރިތި ޤުރުއާނުގައި ވަޙީ ކުރައްވާފައިވެއެވެ.
" فَأَخَذَهُ اللَّهُ نَكَالَ الأَخِرَةِ وَالأُولَى " (النّازعات: 25)
"ދެން ދުނިޔެއާއި އާޚިރަތުގެ ޢުޤޫބާތެއްގެ ގޮތުން މާތްﷲ އޭނާ ހިއްޕެވިއެވެ."
އަދިވެސް ﷲ ސުބުޙާނަހޫ ވަތަޢާލާ ފިރްޢައުނާއި އޭނާގެ އަޢުވާނުންނާ ބެހޭގޮތުން ވަޙީކުރައްވާފައިވެއެވެ.
" النَّارُ يُعْرَضُونَ عَلَيْهَا غُدُوًّا وَعَشِيًّا وَيَوْمَ تَقُومُ السَّاعَةُ أَدْخِلُوا ءَالَ فِرْعَوْنَ أَشَدَّ الْعَذَابِ " (غافر: 46)
"އެއުރެން ހެނދުނާއި ހަވީރު އަލިފާނަށް (އެބަހީ: ކަށްވަޅުގެ ޢަޛާބަށް) ހުށަހަޅުއްވާނެތެވެ. އަދި ޤިޔާމަތުގެ ވަޤުތު އަންނަ ދުވަހު (މަލާއިކަތުންނަށް އަންގަވާނެތެވެ) ފިރްޢައުނުގެ މީހުން އެންމެ ގަދަފަދަ ވެގެންވާ ޢަޛާބަށް (އެބަހީ: ނަރަކައަށް) ވައްދާށެވެ"

ބާއްޖަވެރިކަމަކީ ގިނަމުދަލާއި ފައިސާއިން ލިބޭނެ އެއްޗެއްނަމަ ޤާރޫނަށްވެސް ލިބުނީހެވެ. އޭނާއަށް ﷲ ދެއްވި މުދަލަކީ އެއްގޮތަކަށްވެސް އޭނާއަށް ލިބިފައިވާ ޢިލްމަކާ ހުނަރަކުން ނުވަތަ ވިސްނުންތޫނުކަމާއި ބުރަމަސައްކަތުން ލިބުނު އެއްޗެއްނޫނެވެ. އެއީ މާތް ﷲ އޭނާއަށް އެއިލާހުގެ ފަޟްލުވަންތަވެރިކަމުން ދެއްވި ތަނަވަސްކަމެކެވެ. ނަމަވެސް ﷲ ސުބުޙާނަހޫ ވަތަޢާލާ އޭނާއަށް ދެއްވި ނިޢުމަތްތަކަށް އޭނާ ބޮޑާވެ ކުފުރުވެރިވެގަތެވެ. ދުނިޔޭގެ ދަޅަތަކަށް ހެއްލިގެންވާ ޙާލު އޭނާ އުފާކޮށް މަޖާކުރަމުން ދިޔައެވެ. މީސްތަކުންގެ ޙައްޤުތައް އަދާކުރުމުން އެއްކިބާވެގަތެވެ. އަދި ބިންމަތި ފަސާދަކޮށް އަނިޔާވެރިކަން ޢާއްމުކުރިއެވެ. ފާޅުވެގެންވާ މަގުފުރެދުމަކުން މަގުފުރެދި ގަތެވެ. މި މަގުފުރެދުމުގެ ޖަޒާއަކަށްވީ:
" فَخَسَفْنَا بِهِ وَبِدَارِهِ الأَرْضَ " (القصص: 81)
"ފަހެ ތިމަން ﷲ އޭނާއާއި އޭނާގެ (ޚަޒާނާތަކާއި) ގެއާއެކުގައި ބިންގަނޑު ގަންބަވައިގަތީމެވެ."
ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! ފިރްޢައުނަށާއި ޤާރޫނަށް އެމީހުންގެ ވެރިކަމުން އަދި މުއްސަދިކަމުން ބާއްޖަވެރިކަމެއް ނުލިބުނެވެ. އޭގެ ބަދަލުގައި އެކަންތައްތައް ވެގެންދިޔައީ އެމީހުންނަށް ޢަޒާބާއި ހަލާކު ޙައްޤުވުމަށް މެދުވެރިވި ސަބަބަކަށެވެ.

އަޅުގަނޑުމެން މިއަދު މިވަނީ ޙަޤީޤީ ބާއްޖަވެރިކަން ލިބޭނެ މަގު ކަމުގައިވާ ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ފުރިހަމަގޮތުގައި އީމާންވެ އެއިލާހަށް ފުރިހަމަގޮތުގައި ކިޔަމަން ތެރިވުމުން އެއްކިބާވެފައެވެ. އަޅުގަނޑުމެން މިވަނީ ދުނިޔޭގެ މި ކެހިވެރި ދިރިއުޅުމުގެ ބަދަލުގައި އާޚިރަތް ވިއްކާލާފައެވެ. އަޅުގަނޑުމެން ދުނިޔޭގެ ކަންތައްތަކާއި މަޝްޣޫލުވުމުގެ ސަބަބުން ﷲ ސުބުޙާނަހޫ ވަތަޢާލާ ގެ ޙަޟްރަތަށް ކުއްތަންވެލާނެ ވަޤުތެއް ނުވެއެވެ. މިސްކިތްތައް އާބާދު ކޮށްލާނެ ފުރުޞަތެއް ނެތެވެ. ކީރިތި ޤުރުއާން ކިޔަވާލާނެ ވަޤުތެއް ނެތެވެ. އަނބިދަރިންނާ އެކީ ހޭދަކޮށްލާނެ ވަޤުތެއް ނުވެއެވެ. އެފަދަ މީހުން ކިތައްމެ ހިތްހަމަޖެހޭ ދިރިއުޅުމެއްގައި އުޅޭހެން އަޅުގަނޑުމެންނަށް ތަޞައްވަރު ވީކަމުގައި ވިޔަސް ﷲ ގަންދީ ބުނަމެވެ. އެއިން ގެއެއްގެ ތެރޭގައި އެއްވެސް ހިތްހަމަޖެހުމެއް ނުވެއެވެ. އަނބިމީހާއާއި ފިރިމީހާ އާއި ދެމެދު ލޯބިވެރިކަމާއި ކުލުނާއި ހިތްހަމަޖެހުމެއް ނެތެވެ. މައިންބަފައިންނާއި ދަރިންނާއި ދެމެދު އެއްވެސް އަޅާލުމާއި އޯގާތެރިކަމެއް ނެތެވެ. އަރާމުގައި ހިތްހަމަޖެހިގެން ނިދައިނުލެވެއެވެ. ނިދާލަން ވެސް މި ޖެހެނީ ބޭސްގުޅައެއް ކާލައިގެންނެވެ. ކުއްޖަކަށް ދިމާވި ޙާދިޘާއެކެވެ.

ވިޔަފާރިއާއިގެން ހޭބޯނާރާ މަސައްކަތްކުރަމުން ދިޔަ ބައްޕައެއްގެ ދަރިއެކެވެ. އެއްދުވަހަކު މި ބައްޕަ ގެއަށް އައިސް ގޭގައި ވެސް މަސައްކަތާއިގެން މަޝްޣޫލުވެ އުޅެނިކޮށް ދަރިފުޅު އައިސް ބައްޕަކައިރިން އެއްޗެއް އަހާލެވިދާނެތޯ އެހިއެވެ. ބައްޕަ ބުންޏެވެ. "އަހަރެން މިހުރީ ބުރަ މަސައްކަތެއްގައިކަން ކަލެއަކަށް ނޭނގޭހެއްޔެވެ؟ އަހަރެން މި ހިރަ ބިލްތައް ޗެކްކުރަން އެބަޖެހެއެވެ. އެހެރަ ޗެކްތަކުގައި ސޮއިކުރަން އެބަޖެހެއެވެ. އަދިވެސް ބައިވަރު މަސައްކަތްތައް ކުރަން އެބެޖެހެއެވެ. އަވަހަށް ބުނާށެވެ!" ދަރިފުޅު ބުންޏެވެ. "ބައްޕަގެ ތިޔަ ވިޔަފާރިން ގަޑިއަކަށް ލިބެނީ ކިހާ ފައިސާއެއް ހެއްޔެވެ؟" ބައްޕަ ބުންޏެވެ. "އެއީ ކީއްކުރަން ކަލޭ ބަލާކަމެއް ހެއްޔެވެ؟ ކަލެއަށް ބޭނުންވާ ހުރިހާ އެއްޗެއް ހަމައަށް ވާނީ ހޯދާދީފައެވެ. އަހަރެންނަށް ލިބެނީ ގަޑިއަކަށް ވިހި ޑޮލަރެވެ. ދެން އުނދަގޫ ނުކޮށް މިތަނުން އަވަހަށް ދާން އުޅޭށެވެ." ދަރިފުޅު ބުންޏެވެ. "އަދި އިތުރު އެއް ސުވާލު ކޮށްލަން އަހަރެން ބޭނުމެވެ. ބައްޕާއެވެ! އަހަރެންނަށް ދިހަ ދޮލަރު ދެވިދާނެތޯއެވެ؟" ބައްޕަ ބުންޏެވެ. "އެއީ ކީއްކުރާ ދިހަ ޑޮލަރެއް ހެއްޔެވެ؟ މި ދިޔަ ހަފްތާގަ ކަލެއަށް ދިހަ ޑޮލަރު ދިނީމު ނޫންހެއްޔެވެ؟ ދެން އުނދަގޫ ނުކޮށް މިތަނުން ދާން އުޅޭށެވެ."

އެދަރިފުޅު ބައްޕަގެ ހަރުކަށި ބަހުރުވައިގެ ސަބަބުން ދެރަވެ، އެންމެފަހުން ނިދަން އޮށޯތެވެ. ބައްޕަ އޭނާގެ މަސައްކަތް ނިންމާލުމަށް ފަހު ހަމަޖެހިލިއެވެ. މީގެ ކުޑައިރުކޮޅެއް ކުރިން އޭނާއާއި އޭނަގެ ދަރިފުޅާ ދެމެދު ހިނގި ހޫނު ވާހަކަތައް ޚިޔާލުތަކެއްގެ ސިފާގައި އޭނާގެ ލޮލުގެ ކުރިމަތީގައި ތަމްސީލްވަމުން ދިޔައެވެ. އޭނާގެ ނިންޖަށް ހުރަސްއަޅަމުންނެވެ. ދަރިފުޅާއި ދެމެދު ހިނގި ކަންތަކާއި ފުންކޮށް އޭނާ ވިސްނާލިއެވެ. ދަރިފުޅާއި މެދު ކަންތައް ކުރެވުނީ ރަނގަޅަށް ނޫންކަން އިޙްސާސްކުރެވި ދަރިފުޅުގެ ކިބައިން މަޢާފަށް އެދުމުގެ ޝުޢޫރު އޭނާގެ ހިތުގެ ތެރޭގައި އުތުރިގަތެވެ. އިރުކޮޅަކުން އެ ދާންމަތި ދޫކޮށްފައި ދަރިފުޅާ ދިމާއަށް މިޞްރާބުޖެހިއެވެ.
ބައްޕަ ބުންޏެވެ. "ދަރިފުޅާއެވެ! ބައްޕައަށް މާފުކުރާށެވެ. ދަރިފުޅު ބޭނުމީ ދިހަ ޑޮލަރު ނޫންހެއްޔެވެ؟ މި އޮތީ ދިހަ ޑޮލަރެވެ. ހިފާށެވެ"
ބައްޕަ ދިހަ ޑޮލަރު ދިނުމުން ދަރިފުޅު އެ ދިހަޑޮލަރު ބާލިސް ދަށަށްލައި ރައްކާކުރިއެވެ. އެ ދިހަ ޑޮލަރު ލާން ބާލީސް ހިއްލާލި ވަޤުތު އޭގެ ދަށުގައި އިތުރު ދިހަ ޑޮލަރު އޮއްވާ ބައްޕައަށް ފެނުނެވެ.
ބައްޕަ ބުންޏެވެ. "ދަރިފުޅު އަތުގައި މިހާރުވެސް ދިހަ ޑޮލަރު އެބައޮތް ނޫންހެއްޔެވެ؟ ދެން އަނެއްކާ ކީއްކުރާ ދިހަ ޑޮލަރެއް ހެއްޔެވެ؟"
ދަރިފުޅު ބުންޏެވެ. " ބައްޕާއެވެ! އަހަރެން މި ފާއިތުވެދިޔަ ދުވަސްތަކުގައި މިއަންނަނީ ފައިސާ އެއްކުރަމުންނެވެ. މިހާރު އަހަރެންގެ އަތުގައި ވިހި ޑޮލަރު އެއްކޮށްފީމެވެ. އަހަރެން ބޭނުމީ މި ވިހި ޑޮލަރު ބައްޕައަށް ދީފައި ބައްޕަގެ އަތުން މާދަމާ އެއްގަޑިއިރު ގަންނާށެވެ. ބައްޕަގެ ބުރަ މަސައްކަތާ ހެދި ބައްޕަޔާ އެކީ ހޭދަކޮށްލާނެ ވަޤުތުކޮޅެއްގެ އިންތިޒާރުގައި އަހަރެން ހުންނަތާ ފަސް މަސްދުވަސް ފާއިތުވެ ހިނގައްޖެއެވެ. ބައްޕަގެ ހުރިހާ ވަޤުތެއް ތިޔަ ހޭދަކޮށްލަނީ ވިޔަފާރީގައެވެ. ބައްޕަވަނީ މަންމައަށްވެސް އަޅާނުލެވި މަންމަވެސް ދޫކޮށްލާފައެވެ. ތިޔަ ވިޔަފާރީގެ ސަބަބުން އަހަރެން މިވަނީ މަންމަގެ ލޯބިން މަހުރޫމުވެފައެވެ. ބައްޕަ ތިޔަވަނީ ﷲ އަށް އަދާކުރަންޖެހޭ އަޅުކަންތައްވެސް ދޫކޮށްލާފައެވެ. ޢާއިލާގެ އެތައްބަޔަކާ ގުޅުން ކަނޑާފައެވެ. މި އޮތީ ވިހި ޑޮލަރެވެ. އާދޭސްކޮށްފައި ބުނަމެވެ. އަހަރެންނަށްޓަކައި ބައްޕަގެ ވަޤުތުން މާދަމާ އެއްގަޑިއިރު ހުސްކޮށްދެވިދާނޭ ހެއްޔެވެ؟"

އެވަޤުތު މި ބައްޕައަށް ކުރާނޭ އަސަރު ތިބާ އިޙްސާސްކޮށްލާށެވެ. މިއަދު ތިބާއަކީ މިފަދަ މީހެއް ހެއްޔެވެ؟ ތިބާގެ އަތުން ފައިސާދީފައި މިގޮތަށް ވަޤުތު ގަންނަންޖެހިފައި ތިބި ކިތައްމީހުން އެބަތިބި ހެއްޔެވެ؟ ތިބާ އެމީހުންނަށް އަދާކުރަންޖެހޭ ޙައްޤުތައް ބަރާބަރަށް އަދާކުރަމު ހެއްޔެވެ؟ އަނބިންނާއި ދަރީންނަށް ލޯބި ދެން ހެއްޔެވެ؟ އެމީހުންނާއެކު ވަޤުތު ހޭދަކުރަން ހެއްޔެވެ؟ ބާއްޖަވެރި އުފާވެރި ޙަޔާތެއްގެ ތަޅުދަނޑިއަކީ ލޯބިވެތިކަމުން ފުރިފައިވާ ޢާއިލާއެއް ނޫންހެއްޔެވެ؟ އެފަދަ ލޯބިވެތިކަމެއް ޢާއިލާގައި ޤާއިމްކުރެވޭނެ ހަމައެކަނި ގޮތަކީ އަހަރެމެންގެ ލޮބުވެތި ރަސޫލާގެ ސުންނަތަށް ތަބާވުން ނޫން ދެން ކޮން ގޮތެއް ހެއްޔެވެ؟ މިއީ ތިބާގެ ޙަޔާތުގެ ބަދަލުކުރުމުގެ ވަޤުތެވެ.

ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! މަތީގައިވާ އެވާ ކުރުކުރު ޙާދިޘާއަކީ ޢިބްރަތުން ފުރިގެންވާ ޙާދިޘާއެކެވެ. މިއީ އަޅުގަނޑުމެންގެ ނަޒަރުގައި ފައިސާގެ ގިނަކަމާއި ހުރެ ބާއްޖަވެރި ކަމުގައި އުޅެމުންދާ މީހުންގެ ޙާލު ހުރިގޮތެވެ. މިފަދަ އެތައް މިސާލުތަކެއް އަހަރެމެންގެ މުޖްތަމަޢުން ފެންނާނެއެވެ. ދިރިއުޅުމުގެ ބާއްޖަވެރިކަމާއި އުފާވެރިކަމަކީ ފައިސާއިން ކުރެވޭނެ ކަމެއް ކަމުގައި ހީނުކުރާށެވެ. އަދި ކިޔެއްތަ އެކަން ޙާޞިލްކުރެވޭނެ މަގަކީ ތިބާގެ ޙަޔާތް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ސުންނަތުގެ މަގަށް ފުރޮޅާލުމެވެ. އެއީ އުފާވެރިކަމުގެ މަގެވެ.
އެހެންވީމާ ދެން އުފެދޭ ސުވާލަކީ ބާއްޖަވެރިކަމަކީ ކޮބައިތޯއެވެ؟ ބާއްޖަވެރިކަން ލިބެނީ ކޮންބަޔަކަށްތޯއެވެ؟ މިސުވާލުގެ ޖަވާބު ކީރިތި ޤުރުއާނުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ އަންނަނިވި އާޔަތުގައި ވަނީ ބަޔާންކުރައްވާފައެވެ.
ބާއްޖަވެރި ކަމަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ އެއިލާހަށް އީމާންވެ ޞާލިޙު ޢަމަލުތައް ކުރުން މަތީ ދެމިތިބޭ ކިޔަމަންތެރި އަޅުންނަށް އެއިލާހު ދެއްވާ ނިޢުމަތެކެވެ. ﷲ ސުބުހާނަހޫ ވަތަޢާލާ ކީރިތި ޤުރުއާނުގައި ވަހީކުރައްވާފައި ވެއެވެ.
" مَنْ عَمِلَ صَالِحًا مِنْ ذَكَرٍ أَوْ أُنْثَى وَهُوَ مُؤْمِنٌ فَلَنُحْيِيَنَّهُ حَيَاةً طَيِّبَةً " (النّحل: 97)
"މުއުމިނެއްކަމުގައި ވާޙާލު ފިރިހެނުންގެ ތެރެއިިން ވިޔަސް ނުވަތަ އަންހެނުންގެ ތެރެއިންވިޔަސް ޞާލިޙު ޢަމަލެއް ކޮށްފިމީހާ (ދަންނާށެވެ) ފަހެ ހަމަކަށަވަރުން އެމީހަކަށް ރަނގަޅު ބާއްޖަވެރި ދިރިއުޅުމެއް ތިމަން ﷲ ދެއްވާހުށީމެވެ."

ﷲ ސުބުޙާނަހޫ ވަތަޢާލާ އެވަނީ އެއިލާހުގެ ކިޔަމަންތެރި އަޅުންނަށް އަމާން އޮމާން ރަނގަޅު ޙަޔާތެއް ދެއްވާނެކަމަށް ވަޢުދުވެވޮޑިގެންފައެވެ. އެއިލާހުގެ ވަޢުދަކީ އެއާ ޚިލާފުވުމެއްނެތް ހަމަކަށަވަރުންވެސް ތެދު ވަޢުދެކެވެ. އެކަމުގެ މިސާލުތައް އަހަރެމެންނަށް ފެންނަން އެބަހުއްޓެވެ.

ﷲ ސުބުޙާނަހޫ ވަތަޢާލާގެ މާތް ނަބިއްޔާ ޔޫސުފު ޢަލައިހިއްސަލާމް އެތައް އަހަރުތަކެއް ވަންދެން ޖަލުގައި އުޅުއްވި އިރުވެސް އުޅުއްވީ އިލާހީ ޙަޟްރަތުން ދެއްވި ހިތްހަމަޖެހުން މަތީގައެވެ. އެއްގޮތަކަށްވެސް ދިރިއުޅުން މަތިން ފޫހިވެ މާޔޫސް ވެނުލައްވައެވެ. ޖަލުގައި ވެސް ﷲ ގެ ދީނަށް ގޮވާލުމުގެ މަސައްކަތް ކުރިއަށް ގެންދެވިއެވެ. މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޞަޙާބީން ދިރިއުޅުއްވީ އެބޭކަލުންނަށް މާއްދީ ގޮތުން ދިމާވި ދަތިތަކާއި އެކުވެސް ހިތްހަމަޖެހިގެންވާ ދިރިއުޅުމެކެވެ. ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ ރަޙިމަހުﷲ އެކަލޭގެފާނު ކަސްތޮޅު އަޅުވައި ކުޑަގޮޅިއަށް ލައި ބަންދުކުރި ހިނދު ވިދާޅުވީ ކީކޭތޯއެވެ؟ "މިބައިމީހުން އަހަރެން ކުޑަގޮޅިއަކަށް ލައި ބަންދުކުރުމުން އެމީހުންނަށް އަހަރެންނަށް އެކުރެވުނީ ކޮން ކަމެއް ހެއްޔެވެ؟ (މުރާދަކީ އެއްވެސް ހިތްދަތިކަމެއް ނުކުރެވެއެވެ.) އަހަރެންގެ ހުރިހާ އުފަލަކާއި ހިތްހަމަޖެހުމެއް ވަނީ އަހަރެންގެ ހިތުގައެވެ. އެބައިމީހުންނަށް އަހަރެންނާއި އަހަރެންގެ ހިތަކާ ވައްކެއް ނުކުރެވޭނެއެވެ."
ޙަޤީޤީ ބާއްޖަވެރިކަމަކީ މިއީއެވެ. ދަތި އުނދަގޫ ތަކާ އެކުވެސް އެބައިމީހުން ވަނީ އިލާހީ ހިތްހަމަޖެހުމުން އުފާވެރިކަން ޙާޞިލުކޮށްފައެވެ.

ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! މި ބާއްޖަވެރިކަން، މި ހިތް ހަމަޖެހުން، މި އުފާވެރިކަން، މި ފޮނިކަން، މި ލައްޒަތު، ﷲ އަށް ސަޖިދައެއް ޖަހާލާނެ ފުރުޞަތެއް ނުލިބޭ، ޤުރުއާން ކިޔަވާލާނެ ފުރުޞަތެއް ނުލިބޭ ބަޔަކަށް ލިބޭނެ ހެއްޔެވެ؟ އެބައިމީހުންގެ މުއްސަދިކަމަކުން މިފަދަ ރޫޙާނީ އަރާމެއް ނުލިބޭނެއެވެ. އަހަރެމެންގެ މި މާތް ވެގެންވާ ދީނާއި މި މިސްކިތްތަކާއި މި ޤުރުއާނާއި މެދު ކަންތައް މިކުރާ އިހާނެތި ގޮތާއި މެދު މި ދީނާއި މި ޤުރުއާނާއި މި މިސްކިތްތައް ރޯނެ ނަމަ އަނިޔާލިބިފައިވާ ކުޑަކުއްޖަކު ރޯ ފަދައިން ރޯނެއެވެ.
އީމާންކަމުގެ ނޫރުން ހިތްތައް އުޖާލާކުރުމެއް ނެތި އަދި ހެޔޮލަފާ ޞާލިޙް ޢަމަލުތައް ކުރުމެއް ނެތި ގަނޑުވަރުތަކުގައި އަރާމާއި އުފަލުގެ ވަޤުތީ ދާންމަތި ތަކުގައި މިދުނިޔޭގެ ކުރު ދުވަސްތައް ބޭކާރު ކުރިޔަސް އަދި އެ އުޅެވެނީ ބާއްޖަވެރި ދިރިއުޅުމެއް ނޫނެވެ. އީމާންކަމާއި ހެޔޮލަފާ ޢަމަލުކުރުން ނެތި ކިތަންމެ ގިނަ މުދަލާއި ފައިސާތަކެއް އެއްކޮށް އެއިން އަގުބޮޑެތި ތަކެތި ގަނެ އަގުބޮޑު ޚިދުމަތްތައް ބޭނުންކުރި ކަމުގައިވިޔަސް ބާއްޖަވެރި ދިރިއުޅުމެއް ނުލިބޭނެއެވެ. އެފަދަ މީހުންނަށް ވަނީ މާތްﷲ ޤުރުއާނުގައި ބަޔާންކުރައްވާފައިވާ ފަދައިން ދަތި އުނދަގޫ ދިރިއުޅުމެކެވެ. މާތް ﷲ ވަޙީކުރައްވާފައި ވެއެވެ.
" فَإِنَّ لَهُ مَعِيشَةً ضَنْكًا " (طه: 124)
"ފަހެ ހަމަ ކަށަވަރުން އެމީހަކަށް ވަނީ ދަތި އުނދަގޫ ދިރިއުޅުމެކެވެ."
ބާއްޖަވެރިކަމާއި އުފާ ފާގަތިކަމަށް ފެންބޮވައިގެންވާ މީސްތަކުންނޭވެ! އަޅުގަނޑުމެން ބާއްޖަވެރި އުފާފާގަތި އަމާން، އޮމާން ހިތްހަމަޖެހޭ ހަޔާތެއް ބޭނުން ކަމަށް ވަންޏާ ﷲގެ ގެކޮޅުތައް އާބާދުކުރުމުން ހިތްހަމަޖެހުން ހޯދަންވީއެވެ. ޤުރުއާން ކިޔެވުމުން ހިތްހަމަޖެހުން ހޯދަންވީއެވެ. ދުނިޔެއާއި އާޚިރަތުގައި ބާއްޖަވެރިވާނެ މަގު ދެއްކެވި މާތް ނަބިއްޔާގެ ސުންނަތަށް ތަބާވުމުން ހިތްހަމަޖެހުން ހޯދަންވީއެވެ. ހެޔޮލަފާ ޞާލިޙު ޢަމަލު ކޮށްގެން ހިތްހަމަޖެހުން ހޯދަންވީއެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޛިކްރުކުރުމުން ހިތްހަމަޖެހުން ހޯދަންވީއެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.
" أَلاَ بِذِكْرِ اللَّهِ تَطْمَئِنُّ الْقُلُوبُ " (الرّعد: 28)
"ހިތްތައް ހަމަޖެހެނީ ﷲ ހަނދުމަކުރުމުން ނޫން ހެއްޔެވެ؟"

Read more...