27 June 2011

ޢިއްފަތާއި ޞިއްޙަތު "ފުށަތުބަލި" ޖިންސިއްޔާތުގައި

އަލްމަރްޙޫމް ޢުމަރު ޢީސާ
"އަބޫ ނަވާސްގެ ޅެންބައިތުގައި އޮންނަ ފަދައިން އެބައްޔެއްގެ ޢަމަލުތަކަކުން އެބައްޔަކަށް ބޭހެއް ނުކުރެވޭނެއެވެ. މިކަމާ މެދަކު އޮޅުމެއް ނެތެވެ. އެހެންވީއިރު ބަލިމީހާ އެބަލިން ގަދަވުން އެދޭނަމަ ފުރަތަމަ ފިޔަވަޅަކީ ކޮންމެފަދަ ހުރަހެއް އަޅައިގެން ނަމަވެސް ބަލީގެ އަމަލުތަކުން ދުރުހެލިވެގެން ފިސާރިވަރުގަދަ ޢަޒުމަކާއެކު ކެއްކުރުމެވެ. ދެން އޭގެ ފަހުގައި މިޒާޖާއި ނަފުސާއިގެން ޠަބީޢަތުގެ ސީދާމަގަށް އެރޭތޯ ޠަބީޢީ ފަރުވާތަކެއް ހޯދައިގެން ޢަމަލުކުރުމެވެ."

ޢިއްފަތުގެ މާނައަކީ ހަޑިހުތުރުކަންތަކުން ވަކިވުމެވެ. ޞިއްޙަތުގެ މާނައަކީ ހަށިގަނޑާއި ފުރާނައާއި ބުއްދި، އެންމެހައި ބަލިތަކުން ސަލާމަތްވެ ހުރުމެވެ. އަޅުގަނޑު މިމަޤާލާގައި ޢިއްފަތްތެރިކަމާމެދު ދީނީރޮނގުން ބަޔާނެއް ދޫކުރާކަށް ޤަޞްދެއް ނުކުރަމެވެ. އެރޮނގުން އެއްޗެއް ދަންނަވަނީނަމަ ދަންނަވައިލާނީ މުއުމިނޫން ސޫރަތުގެ 4، 5، 6 މިތިން އާޔަތުންވެސް ޢިއްފަތްތެރިކަމުގެ އަހަންމިއްޔަތުކަން ޞަރީޙަކޮށް ދައްކައިދޭ ވާހަކައެވެ. އެތިން އާޔަތާމެދުގައި ނިކަން ތަފުޞީލުކޮށް ކޮންމެވެސް ބޭކަލަކުގެ ގަލަމުން ބަޙުޘެއް ނެރުއްވުން އެދެކެވެ.

އަޅުގަނޑު މިމަޤާމުގައި މިއުޅެނީ، އަޅުގަނޑަށް ފޯރިމިންވަރަކުން ހަމައެކަނި ޖިންސީރޮނގުން ޢިއްފަތާއި ޞިއްޙަތާއިމެދުގައި ހުރި ރައްޓެހިކަމާއި ތިމާގެކަން ދިވެހިޒުވާނުންގެ ތެރެއިން ނުފިލާތިބި ކޮންމެވެސް ބަޔަކަށް ބަޔާންކޮށްދެވޭތޯއެވެ.

ޒުވާނުން އަޅުގަނޑަށް މިފެންނަނީ ދެބަޔަކަށެވެ. އެއްބަޔަކީ އަދި ޒަވާޖީޙަޔާތެއް ތަޖުރިބާނުކޮށްތިބި، ނުވަތަ އެފަދަ ޙަޔާތެއް ވޭތިކޮށްފައި އެކަނިވެރި ޙަޔާތެއްގައި ހިފައިގެން ތިބި ޒުވާނުންނެވެ. އެއުރެންނާއި ނިސްބަތްކުރާއިރު ޢިއްފަތަކީ، ހަމަމުޅީން ޖިންސީއެދުމާ ބެހޭ ހުރިހައި ޙަރަކާތަކުން ވަކިވެގެން ތިބުމެވެ.

ޒުވާނުންގެ ތެރެއިން ދެންފެންނަން މިތިބީ ދެޖިންސުގެ ތެރެއިން ހޮވޭ ކޮންމެ ދެޒުވާނަކު އަތުގުޅާލައިގެން ބައިވެރިޙަޔާތެއް ވޭތިކުރާ ބައެކެވެ. އެއުރެންއެތިބީ ޒައުޖިއްޔާގެ ގޮށުން ގޮށްޖެހިފައެވެ. އެމީހުންނާ ނިސްބަތްކޮށްބަލާއިރު ޢިއްފަތުގެ މާނައަށް ދޫލިބޭތަން ފެނެއެވެ. އާދެ އެމީހުންނަށް ތަޠުބީޤުވެގެންދާއިރު ޢިއްފަތަކީ ބަލައިގެން އުޅުމެވެ. ޝަހުވާނީ ލަގަން ވީވަރަކުން އޮބެހެއްޓުމެވެ. ދެމަފިރިންގެ މުޅިލޯބި މަޙްޞޫރުވެފައިވަނީ ޖިންސީޢަމަލިއްޔާގައިކަމަށް ނުއެދުމެވެ.

ވިސްނައިލަމާތޯއެވެ؟ ހަމަ މިރާއްޖޭގައިވެސް އެކިފަހަރަށް ދިމާވެފައިވާ ގޮތްތަކުން އަންބަކު ފިރިއަކު ނުހިފައިތިބެނީ ކިތައް ޒުވާނުންތޯއެވެ؟ ޚާއްޞަކޮށް ތަޢުލީމުގެ މަރުޙަލާ ފާއިތުކުރަމުން މިގެންދާ ޒުވާނުންނަށް ޒަވާޖީޙަޔާތަށް ބޯމަހައިގެން އުޅޭވޭނެތޯއެވެ؟ އަތްމަތިދަތިކަމުން އަންބަކު ބަލައިގަންނަން ނުކެރޭ ކިތައް ޒުވާނުންނާ ދިމާވޭތޯއެވެ؟ އެކިއެކި ޡަރުފުތައް ނިޔާކޮށްގެން މުޅީން ދެތަންވެފައި އެކިމިނުގެ މުއްދަތަށް ތިބޭންޖެހެނީ ކިތައްޒުވާން ދެމަފިރިންނަށްތޯއެވެ؟ މިމީހުންގެ ޙާލަތުގައި، މަގެއްކަމުގައި ބޭޢިއްފަތްތެރިވެ ގަނެގެންއުޅުން ހެޔޮވެދާނޭތޯއެވެ؟ ބޭޢިއްފަތްތެރި މަގުމަތީގައި ޝަހަވާތުގެ ލަގަން ދޫކޮށްލައިގެން ވެދާނެތޯއެވެ؟ އެލަގަން ދޫކޮށްލީމާ، ކަމުގެ އާޚިރު ނަތީޖާއަކީ ކޮބައިބާވައެވެ؟

އޮޅުމެއްނެތެވެ. ހުރިހައި ބަޙުޘެއްގެ ނަތީޖާއެކައްޗެކެވެ. ޝަހުވާނީ އެދުންތަކުގައި ހިފެހެއްޓުމެއްނެތި ގެނބިގަނެގެން އުޅުމީ ހަށިގަނޑަށާއި ބުއްދިއާއި ނަފުސަށް ނުލާހިކު ނުރައްކާތެރިކަން ބޮޑުކަމެކެވެ. މިނަތީޖާއަކީ، ޙަޔާތުގެ މަޞްރަޙުން ހުރިހައި ޒަމާނެއްގައި ސާބިތުވެ ކަނޑައެޅިފައިވާ ނަތީޖާއެކެވެ.

ވަކިޢުމުރެއްގައި ވަކިފުރައަކަށް އަޅައިގަތީމާ އެދުމާއެކުގައި ޖައުލާކުރުމީ ޞިއްޙީގޮތުން ބޭނުންކަމެކޭ، އެދުންތައް އޮބެހެއްޓުމީ އެބުނާފުރައެއްގައި ގެއްލުންހުރިކަމެކޭ ބުނާބަޔަކު އުޅޭކަން އަޅުގަނޑު ދަންނަމެވެ. ނަމަވެސް އަޅުގަނޑުގެ ޔަޤީނަކީ، އެމީހުން އެގޮތުން ވާހަކައެދައްކަނީ ޒާތީ މަޞްލަޙަތެއް އޮވެގެން، ނުވަތަ އަމިއްލަ އެދުމެއް ފުއްދާންވެގެންނެވެ. އެދައްކާވާހަކައިގައި އުޅެނީ ސާބިތުވެފައިވާ ޙާޤިޤަތްތައް، އެކޮޅުކޮޅުން ޖަހާށެވެ. އެމީހުންބުނަނީ މާބޮޑަށް ޢިއްފަތްތެރިވުމުން ޢަޞަބީ ބަލިތައްޖެހޭ ވާހަކައެވެ. ވިޔަސް އެއީ ކަނޑައެޅިގެންހުރި ދޮގެކެވެ. ދޮގެއްކަން ސާބިތުކުރުމަށްވުރެ ކުރީގައި ކުޑަކުޑައެއްޗެއް ދަންނަވައިލާނަމެވެ.

އިއްފަތްތެރިވުމުގެ ސަބަބުން ޢަޞަބީބަލިތަކެއް ޖެހޭކަމުގައި ވިޔަސް އެކަމަކީ އިންސާނަކު ޝަހުވާނީ މަގުން ދުއްވައިގަތުމުގެ ޢުޛުރަކަށް ނުފުދެއެވެ. ސަބަބަކީ ޝަހުވާނީ ނަހަމަ މަގުމަތީގައި ކޮންމެ ޙާލަތެއްގައިވެސް ހިނގަމުންގޮސް ދަތުރުކުރެވޭނީ ހަލާކާއި ގެއްލުމުގެ އަޑިގަނޑަކަށެވެ. އެއީ ދުނިޔޭގެ ނިޢުމަތާއި އާޚިރަތުގެ ނިޢުމަތުން މަޙްރޫމުވާ ފަދަ އަޑިގަނޑެކެވެ. އުނދަގޫތަކަކާއި ބަލިތަކެވެ. ނުރައްކާތެރި ވޭންތަކާއި އެކިސިފަސިފައިގެ މުޞީބަތްތަކެވެ. އެހެންވެ ދެގޮތުންކުރެ ގޮތެއްގައި ހިފާންވެއްޖެ ޒުވާނަކު ނަމަވެސް ހިފާން ވާޖިބުވާނީ ލުއިގޮތެއްގައެވެ.

އެކަމަކު މިއީ ބަޙުޘަށް ތަންދޭންވެގެން ގެނައި މިސާލެކެވެ. ޙަޤީޤަތަކީ އެއީއެއްނޫނެވެ. ޙަޤީޤަތުގައި ޢިއްފަތްތެރިވުމުގެ ސަބަބުން އިންސާނީ ޞިއްޙަތަށް ލިބޭނޭ ކުޑަވެސް ގެއްލުމެއް ނެތެވެ. ދީނީގޮތުން ޢިއްފަތުގައި ހިފުމަކީ އިލާހީ ކޮންމެ ޝަރީޢަތެއްގައި އިސް މާއްދާއެކެވެ. އިޖުތިމާޢީގޮތުން ޢިއްފަތަކީ ކޮންމެ ފަރުދަކަށް ލާޒިމުކުރާ ކަމެކެވެ. މާތްއަޚުލާޤުގެ ކުރިމަތީގައި ބޭ ޢިއްފަތްތެރިޔާއަކީ އަގެއްނެތް ސޫތްޕެކެވެ.

މިޒަމާނުގެ އެންމެ މަޝްހޫރު ޑަކްޓަރުންދޭ ބަޔާންތަކުގައި ޢިއްފަތަކީ ކޮންމެހެން ޞިއްޙީއުޞޫލު ނިޔާކުރާގޮތުން މަޖުބޫރުކުރާ ސިފައެއްކަމުގައި ކަނޑައަޅައެވެ. މިމައުޟޫޢުގައި އެކިއެކި ޑަކްޓަރުންގެ ވަކިވަކި ބަޔާންތައް، ކިހިނަކުން ހުރިތޯބަލަމުންދާއިރު މިއޮތީ، ސާޅީސްއަހަރުދުވަހުގެ ތެރޭގައި އިނގިރޭސީންގެ ތެރެއިން ޚާއްޞަކޮށް ތަނާސުލިއްޔާތުގެ ރޮނގުން އަރައިހުރި މުޢުތަބަރު ޑަކްޓަރެއްގެ ބަޔާނެވެ.

"ޞިއްޙަތަށްޓަކައި ތަނާސުލީގުޅުންތައްހިންގުމީ ބޭނުންކަމެކޭބުނާމީހުން އެހަދަނީ، ދޮގެކެވެ. އަޚުލާޤީގޮތުން މުޅިން މަނާކަމެއް ޞިއްޙީގޮތުން އެދެވޭ ކަމަކަށް ވާނީ ކޮންފަދައަކުންހޭ؟ އަހަރެންގެ އަމިއްލަ ތަޖުރިބާތަކުންވެސް ސާބިތުވަމުންދަނީ އެބުނާގޮތާއި މުޅިން ޚިލާފަށެވެ. މަގޭ ލޯމަތީގައިވެސް އެކިއެކި ޡަރޫފުގައި ވަރަށްގިނަފަހަރު އިނދެގެން އުޅޭ ދޭދޭ ދެމަފިރީންވެސް އެއްތަންނުވެ ގުޅުމެއްނުހިންގައި ތިބޭންޖެހޭތަން ފެނެއެވެ. އެކަމަކުން އޭގެ އެއްޙާލަތެއްގައިވެސް ދެމަފިރީންކުރެ އެކަކަށްވެސް ޞިއްޙީގޮތުން ގެއްލުމެއް އަންނާތީއެއް ނުފެނެއެވެ. މިމައްސަލަ އެހެންދިރޭ ސޫފިތަކާއި ތަޠުބީޤުކޮށްބަލާއިރު ޒަމާނުއްސުރެ ޝިކާރަމަތީކުއްތާއެއްގެ ހަލުއިކަން އިތުރުކުރާނަމަ އަންހެންކުއްތާއާ ދުރުކޮށްގެން ކައިރިވިޔަނުދީ ބަލަހައްޓާތަން ފެނެއެވެ. ރޭސްކޯޓުގައިވެސް ޚާއްޞަ އަހަކަށް އެއްވަނަ އިނާމުދިޔުން އެދިގެން މަސައްކަތް ކުރާނަމަ އެބަޔަކު އަސްމަޙުރޫމުކުރާތަން ފެންނަނީ އެންމެފުރަތަމަ ޖޯޑުވެ އުޅުމުންނެވެ. މިކަހަލަ އެތައްގިނަ ކަމަކުން ޖިންސީގުޅުމަކީ ޞިއްޙަތަށްޓަކައި ކޮންމެހެން ބޭނުންކަމެކޭ ބުނެވޭ ބަހުގައި އަގެއްނެތްކަން އެނގެއެވެ."

އެމެރިކާގެ މަޙުކަމަތުއް ޞިއްޙާގެ އިދާރާއިން އެތާނގެ އެންމެ މުޢުތަބަރު ޞިއްޙީކޮމިޓީން ދީފައިއޮތް ބަޔާނެއްއެކުލަވާފޮތެއް ހަޔެއްކަ އަހަރު ކުރީން ނެރުނެވެ. އެބަޔާނުގެ ތަރުޖަމާގައި އޮއްވައި ދުށީމެވެ.

"ޝަހުވާނީ ޢަމަލުތަކުން އެއްފަރާތްކޮށްގެން ޖާނު އޮބެހެއްޓުމީ އަންހެނަކަސް ފިރިހެނަކަސް ކޮންމެ ޢުމުރެއްގައި ވިޔަސް ޞިއްހަތުގެ ގަވާއިދާ ޚިލާފުވާކަމެއް ނޫނެވެ. އަދި ހަށިގަނޑާއި ނަފްސު ޠަބަޢީގޮތުން ވާންވީ ތަރައްޤީއެއްގައި ހުރަސް އަޅާކަމަކަށްވެސް އެކަން ނުވެއެވެ. އެހެންވެ ފެންނަނީ ޞިއްޙީ ތަނާސުލީގޮތުން މުޖުތަމަޢުގެ އެންމެހައި އަފުރާދުންނަށް މިއުޞޫލުގެ މަތީން ތަރުބިއްޔަތާއި ޘަޤާފަތުދިނުމީ ކޮންމެހެން ބޭނުންކަމެއްކަމުގައެވެ."

މިޞްރުގައި އުފެދުނު ތަނާސުލިއްޔާތުގެ މަޝްހޫރު ޑަކްޓަރު ނަޖީބު މަޙްފޫޡުގެ ލިއުމެއްގައި މިއޮތީއެވެ.
"ތަނާސުލީގޮތުން ޒުވާނުން ނަހަމަ ޢަމަލުތައް ހިންގައި، ޠާހިރުނޫން އުޅުންތައް ދެމެހެއްޓުމުން ފައިވާ ބަލިތަކާއި މުޞީބާތްތައް ފިޔަވައި ހަމައެކަނި ޢިއްފަތުގެ ދިރިއުޅުމާމެދު ޙުކުމްކުރާގޮތެއްގާ ބަލާލެވުނަސް ޢިއްފަތުގެ ދިރިއުޅުމަކީ އިންސާނަކަށް ވެސް ހިފެހެއްޓިދާނޭ ގެއްލުމެއްނެތް، މުޅިޙަޔާތުގައި އޭގެ ލާބަ މަތިވެރި އުޅުމެއްކަމުގައި ޙުކުމް ކުރެވޭނެއެވެ. މިގޮތަށް އަހަރެން މިކަނޑައަޅަނީ މަމައްސަލާގައި ލިޔެވިފައިހުރި ހުރިހައިބަހަކުން އެންމެ މުޢުތަބަރު ފޮތްތައް ބަލާފައި، އަމިއްލަ ތަޖުރިބާތަކުންވެސް ވަރުގަދަޔަށް ސަނަދު ލިބިގެންނެވެ."

ޖަރުމަނުވިލާތުގެ މުރައްޖިޢެއްކަމުގައި ބެލެވޭ އެންމެ މަޝްހޫރު މިޒަމާނުގެ ތަނާސުލިއްޔާތުގެ އެއް ޑަކްޓަރަކު ދޭ ބަޔާނެއްގައި ވެއެވެ.
"ހަށިގަނޑުގެ ޖިންސީ އަރާމުތަކަށް ގެނބިގަތުމަކީ، ވަރަށް ނުބައި ނަތީޖާތަކެއް ގެނެސްދޭކަމެކެވެ. ޚާއްޞަކޮށް އެއީ ޒުވާނުންގެ ހަށިގަނޑުގެ ބުންވަރާއި ނަފުސުގެ ޢަޒުމް ލުއިކޮށްލާކަމެކެވެ. އެކަމުގެ ސަބަބުން އެމީހުންގެ ނާރުތަކާއިބެހޭ މަރުކަޒުތައް ބަލިވަމުންގޮސް ހުރިހައި މަސައްކަތްތަކެއްގައިވެސް ވާޖިބު އަދާނުކުރެވޭތަން ވަރަށް އަވަހަށް އަތުވެދެއެވެ. މުސްކުޅިޒަމާނުގައި ބައެއްފަހަރަށް ޔޫނާނީންނާއި ރޫމާނީން އެތަންތާނގެ ޒުވާނުންގައި ބާރުއިތުރުވުމަށްޓަކައި ވަރަށްމަތީ ޢުމުރަކާ ޖެހެންދެން ހަށިގަނޑުގެ ލައްޒަތުން އެކުދިން ދުރުހެލިކުރާކަން ސާބިތުވެފައިވެއެވެ. މީގެ އިތުރުން ޝަރުޢީނޫން ގޮތްގޮތުން ޖިންސީގުޅުންތައް ހިންގައި އުޅުމީ އޭގެ ނަތީޖާ ވަރަށް ނުރައްކާތެރި ކަމެކެވެ. އެކަމުގެ ސަބަބުން އުފެދޭ ޢަޞަބީ ބަލިތަކާއި ޖިންސީބަލިބަލި ގިނަގުނައެވެ."

އިސްވެގެން މިދިޔައީ ޢިއްފަތާއި ޞިއްޙަތާ ހުރި ރަޙުމަތްތެރިކަން، ތިމާގެކަން ވިސްނޭނޭގޮތުން ބަސްޤަބޫލުކުރެވޭ ޑަކްޓަރުން ދީފައިވާ ތެދުވެރި ބަޔާންތަކެވެ. އެއްކޮށް ނަގައި ލިޔެ ފާޅުކޮށް މިހަދަނީ އިޚުލާޞްތެރިކަމާއެކު އަޅުގަނޑުގެވެސް ދިރޭ ޟަމީރު ރުހޭނޭފަދަ ތެދުވެރިކަމަށް ތަރުޖީޙުދީގެންނެވެ. ބޭނުންކަމެއްކަމުގައި ފެންނާތީ މުޅީން ހެޔޮއެދުމަކާ ޚާލިޞް ނިޔަތެއް އޮތުމާއެކުގައެވެ. މިބަޔާންތަކަށް ވިސްނާއިރު އެންމެ މަތީދަރަޖައަށް ޢިއްފަތްތެރިވުމީވެސް ޞިއްޙަތަށް އުނިކަމެއް ފޯރައިދާކަމެއްނޫންކަން ރަނގަޅަށް އެނގޭހައި ވެއެވެ. އެއީ ޒުވާންކަން ދެމެހެއްޓުމުގެ ވަރުގަދަ ޢާމިލެއްކަން ދޭހަވާހައި ވެއެވެ. ނަމަވެސް އަދިތަންކޮޅަކަށް މިބަޙުޘް ދަމަހައްޓަމާތޯއެވެ؟

ޒައުޖިއްޔަތުން މަޙުރޫމުވެފައި އަޅުގަނޑުމެންގެ ތެރޭގައިވެސް ދެޖިންސުގެ އެތައް ޒުވާނުންނެއް ތިބެއެވެ. ބައެއްކުދީން މުޅީން ޢިއްފަތްތެރިވެގެން އުޅޭއިރުވެސް ޢަޞަބީ އުނދަގޫތަކެއް އުފުލާތީ ފެނެއެވެ. ނިދިމަދުވުން މިޒާޖުގޯސްވުން، ރުޅި އިސްވުން، ފާސިދު ޚިޔާލުތައް ހިތުން ފިލުވޭގޮތް ދަތިވުން، ހޮޑު އަވަސްވުން، މިބާވަތުގެ ވަރަށް ގިނަ ސިފަތަކެއްގައެވެ. އަނެއްބައި ޒުވާނުން ވިދިވިދިގެން ޢިއްފަތްތެރިކަމުގައި ދިގުއަހަރުތަކެއް ވޭތުކުރާ އިރުވެސް އެމީހުންނަކަށް ޢަޞަބީ އެއްވެސް ބާވަތެއްގެ އުނދަގުލެއް ނުފެނެއެވެ.

ޝަހުވާނީ އެކިދަރަޖަދަރަޖާގައި އުޅޭ ޒުވާނުންގެ ތެރެއިންވެސް އެއްބަޔަކު ޢަޞަބީ ބަލިތަކުގެ އުނދަގޫ ދެކެއެވެ. އަނެއްބަޔަކު އެއްގޮތަކަށްވެސް ޢަޞަބީ އުނދަގުލެއް ނުއުފުލައެވެ.

ބައެއްމީހުން، މީހުންނާނުއިނދެ ޒުވާންކަމުގެ ދައުރުން އެތައްބައެއް ވޭތުކުރެއެވެ. މީހަކާ އިނދެގެން އޭގެފަހުގައި އެތައްއަހަރަކު އުޅޭއިރުވެސް ޢަޞަބީ ބަލިތަކުން ސަލާމަތްވެ ހުރެފައި ކުއްލިއަކަށް އެކަހަލަ ބަލިތަކެއް ފޮށިދާނެއެވެ. މައްސަލައަކީ މީގެ އަނެއްކޮޅަށް ޖެހޭފަހަރުވެސް އާދެއެވެ.

މިފަދަ ޙާދިޘާތަށް އެކިފަހަރު އެކިގޮތަށް ތަފާތުވެފައި ހުންނަ ހުރުން އެކި ސިފަސިފައަށް، އެކިތަންތާނގައި ތަފާތުވެ ފަށްފަށްވުމުން ވިސްނުމަށް އިޙުޞާޞްކޮށްދެނީ، ރަނގަޅު ޙަޤީޤަތެކެވެ. ޙަޤީޤަތަކީ ޢާންމުކޮށްބަލާއިރު ޢަޞަބީބަލި އެއީ ޖިންސީއުޅުންގަނޑު ހުންނަ ސިފައެއްގެ މައްޗަށް ބިނާވާ އެއްޗެއްނޫންކަމެވެ. އެހެންކަމާއެކުވެސް ހިތްހަމަޖެހޭ ބައިވެރިއަކާ އެކުގައި ޒަވާޖީ ޙަޔާތެއް ވިސްނުންތެރިކަމާއެކު ވޭތިކުރަނީނަމަ، ދެމީހުންމެ އެއްބަސްވެގެން ބަލައިގެން ޖިންސީމައްސަލަ ހަމަޖައްސަމުން ގެންދަނީނަމަ ޢަޞަބީ މިޒާޖު ހިމޭންކުރާ ބާރަކަށް އެފަދަ ގޮތްހުރި ދިރިއުޅުން ވެގެން ދިޔުމީ އެކަށީގެންވާ ކަމެކެވެ. އަނެއްކޮޅުން ޝަހުވާނީ ޢަމަލުތަކުގައި ޙައްދެއް ނުބަލައި ލަގަން އެކުގައި ދޫކޮށްލުމީ ޢަޞަބީބަލިތައް ވާރުތަކުރުމަށް ނުވަތަ ދެމެހެއްޓުމަށް ބާރުއަޅާ ސަބަބެއްކަމުގައިވުން އެކަށީގެން ވެއެވެ.

މިމައްސަލާގައި ދެންއޮތީ ޠަބަޢީ ޤާނޫނަށް ވިސްނައިލުން ދޮގެއްތޯއެވެ؟ ޤާރިއުންނަށް އެނގިވަޑައިގެންފައި ވާނޭފަދައިން ޙިކުމަތްތެރި ޠަބީޢަތްވަނީ، ހަށިގަނޑުގައި ޖަމާވާ އެކިއެކި މާއްދާއިން ހަށިގަނޑަށް ބޭނުންހިފާވަރަށްވުރެ އިތުރުވެއްޖެ ބައެއް ބޭރުކޮށްލުމުގެ ތަރުތީބަކާއި އިންތިޒާމެއް ރާއްވައިފައެވެ. ވަކިވަކި މީޢާދުގައި ހަމަޖެހޭ އުޞޫލަކުން އެކަމަށް ބޭނުންވާ ޙާލާތުގައެވެ. މިކަމުން އެނގެނީ، ބަޔާންވެ ސާބިތުވަނީ ޠަބަޢީގޮތުން ހަށިގަނޑުގައި ބޭރުނުވެ ހަރުލައިފައި ހުންނަ ބަޔަކީ ހަށިގަނޑަށް ބޭނުން ބައެއްކަމެވެ. މިއީ ދޮގު ނަޡަރިއްޔާއަކަށް، ބަލައި ވިސްނާހަދާ އެކަކުވެސް ނަހަދާނެއެވެ.

އާދޭހެވެ! ޢަޞަބީ ބަލިތަކާއި އުނދަގޫތަކީ ޢިއްފަތްތެރި ކަމުގެ ނަތީޖާއެއް ނޫނެވެ. އެފަދަ ބަލިތައް ހުށަހަޅައިލަނީ އަދި ލިއްބައިދީ ހަރުކޮށްދެނީ އެހެން ސަބަބު ތަކެކެވެ.

ބައެއްފަހަރު ޢަޞަބީމިޒާޖު ވެރިވަނީ ނާރުތަކަށް ތަޙައްމަލުކުރުން އެކަށީގެންނުވާ ބަރު މަޖުހޫދުތަކެއް ހަށިގަނޑުން އުފުލޭކަމުގައި ވާތީއެވެ. އަނެއްބައިފަހަރަށް އެފަދަ އުނދަގޫތައް ފެށެނީ، ހިލެނީ، ވެރިވަނީ ނާރުތަކަށް ނުކުޅަދާނަ މިންވަރަކަށް ސިކުނޑީގެ ފިކުރުތައް އަރައިރުން ވޭވެއެވެ. ކުއްލި ސިހުންތަކާއި ވަގުތީ ބިރުތަކުންވެސް ނާރުތައް އެގޮތް މިގޮތްވެ، ހުންނާންވީ ވަޒަނުންނެއްޓި، އެކަމުގެ ސަބަބުން ޢަޞަބީބަލިތަކެއް ކުރިމަތިކޮށްދީފާނެއެވެ. އަދި ވިރާޘަތުގެ މަގުންވެސް އެބަލިބަލި ވާރުތަވަމުންދާކަން ޔަޤީނެވެ. ހެއްކަކީ ދިހަ އެގާރަ އަހަރުގައި ބައެއްކުދީންގައި ޢަޞަބީބަލިތައް ހުންނާތީ ފެންނަކަމެވެ. ފަހެ އެކުދިންނަށް މައިންބަފައިންނާއި، ކާފައިން މާމައިންގެ ފަރާތުން އެބަލިތައް ވާރުތައިން ލިބިފައި ތިބެނީ ކަމާމެދަކު ވަސްވާހެއް ނެތެވެ. މިހުރިހައި ކަމަކުންމެ ޢަޞަބީބައްޔަކީ ޢިއްފަތުގެ ނަތީޖާއެއްނޫންކަން އެނގެއެވެ.

ޢަޞަބީބަލިތައްޖެހޭ މީހުން ފަހަރުގައި ތަނާސުލީ ނާރުތަކަށް ގަޑުބަޑުކަންލިބި ހައިޖާނުގައި އުޅެންޖެހޭތީ ޝަކުވާކުރެއެވެ. އެހެން އެވަނީވެސް ޢިއްފަތުގެ ނަތީޖާއެއްގެ ގޮތަކުންނޫނެވެ. އެވާގޮތަކީ އެހުންނަ ބައްޔަކުން މުޅި ޢަޞަބީމެޝިން ގަޑުބަޑުވެ ތަނާސުލީ ނާރުތަކަށް ގުޑުން އަރަނީއެވެ. މިކަމުގެ ފަރުވާއަކީވެސް ޝަހަވާތުގެ ތެރެއަށް ފީނައިގަތުންކަމުގައި ނުވެއެވެ. އެހެންހެދީމާ ގިނަފަހަރަށް ޢަޞަބީޙާލަތު ދާތަން ފެންނަނީ ކުރިއަށެވެ. އެއީ ހަށިގަނޑަށް އެގޮތް މަތިން އުޅެން ފެށީމާ ލިބެމުންދާ ތަޙައްމުލު ނުކުރެވޭފަދަ ލޮޑު ކަމެއްގެ ސަބަބުންނެވެ. ނަފުސާނީގޮތުން މީހާގެ މިޒާޖަށް އަރަމުންދާ ދަފްޢުނުކުރެވޭ ބާވަތެއްގެ ލޮޅުން ތަކަކުންނެވެ. އެގޮތްލުއިވާނީ، ޞުލްޙަކުރެވޭނީ، އެހެން ޠަބަޢީމަގުމަގުންނެވެ. ވައިބަދަލުކުރުމާއި، މަޢީޝަތުގެ ކަންތައްތައް އިންތިޒާމު ކުރުމާއި، ކާތަކެއްޗަށާއި ކާމިންވަރަކަށް ބަދަލުގެނައުމާއި ފޫހިފިލުވާ ޠާހިރުގޮތްތަކެއް މެދުވެރިކުރުމާއި މިފަދަމިފަދަ ކަންތައްތަކުންނެވެ.

އެކަމަކު މިކަމުގައި އަދި އިސްތިސްނާކުރެވޭ ޙާލަތެއް އޮންނަކަމުގައި އަޅުގަނޑުވެސް ޤަބޫލުކުރަމެވެ. އެއީހަޑިމުޑުދާރު އުޅުންތަކުން ރައްކާތެރިވެގެންހުންނަ ޒުވާނަކުވިޔަސް ޝަހުވާނީއެދުން ހިލުވައިލާބާވަތުގެ ޖައްވަކަށް ވަދެގެންއުޅޭންޖެހޭ ޙަޔާތެއްގައި ވާންފެށުނީމައެވެ. އޭރުން ފެންނަ މަންޒަރުތަކާއި، އިވޭ އަޑުތަކުން ވަޙުޝީ ޚިޔާލުތައް ނުއޮބެހެއްޓޭ ދަރަޖައަކަށް ހިލިގެން، ތައްކަތު ކުރެވެމުން އައި ޢާޠިފާ މީހާގެމައްޗަށް ވެރިވެގެންފާނެއެވެ. އެފަދަޙާލަތެއްގައި ބޭޢިއްފަތްތެރިއަކާމެދު ލޯބީގެ ގުޅުމެއް ހިންގޭކަމުގައިވާނަމަ ހިތަށް ވެރިވެފައިހުންނަ ހެއްލުންތެރިޚިޔާލުތަކަށް ޢަމަލީސިފައެއް އައިސްގެން ޙަޤީޤަތުގެ މައިދާނުން ފެންނަން ފަށައިފާނެއެވެ. މަޑުމަޑުން މަޑުމަޑުން ވައިއެޅެމުންގޮސް އުރެދުމުގެ ރޯޅިތަކާއި ދީލިގެންގޮސް ހާވިޔާގެ މަގުމައްޗަށް މުޅިން ނިކުމެވިދާނެއެވެ. މީގެނަތީޖާއެއްގެގޮތުން ޢަޞަބީޙާލާތު ވެރިވުމީ އެކަށީގެންވާ ކަމެއް ކަމުގައި އަޅުގަނޑު ޤަބޫލުކުރަމެވެ.

އަޚުންނޭވެ! އުޚުތުންނޭވެ! އޭ ދިވެހި ޒުވާނުންނޭވެ! ތިޔަކުދިންގެ ޅަފަތުގެ ދައުރަށް ޢަލްވަދާޢު ގޮވައިލުމާއެކުގައި ތިޔަކުދީންގައި އިހުނުހުންނަ ޢާޠިފާތަކާ އެދުމެއް އުފެދިއްޖެއެވެ. ތިޔަކުދިންގެ ގުނަންތައް ފުރިހަމަވެ ބައްޕައިންނާއި މަންމައިންކަމުގައިވުމަށް ކުޅަދާނަކަން ޙާޞިލުވީއްސުރެ ތިޔަކުދީންގައި އައުޝޫޢުރުތަކެއް އެކުލަވައިފައި ވެއެވެ.

އަހުރެންގެ ނަސޭޙަތަކީ، ތިޔަކުދީންގެ ހަށިތަކާއި ބުއްދިތަކާއި ބާރުތައް، އަދި ލަޔާޤަތާއި ޤާބިލިއްޔަތު ބޮޑުވެ ހަމަޖެހި، ފުރުޞަތު މެދުވެރިވާންދެން މިއިޝާރަތްކުރާ ޢާޠިފާއާއި ޝުޢޫރުތައް ފޮރުވައި، ކެއްތެރިކަމާއެކު އޮބަހައްޓައިގެން ޢިއްފަތުގެ މަތިވެރިކަމުގައި ޝާމިލުވެގެން ތިބުމެވެ.

ޢިޝާރާތްމިކުރި ޢާމިލުތަކަކީ އަގެއްނެތް އެއްޗަކަށްހަދައި އެއިން ބޭކާރު ނޭދެވޭ މަގުމަތީގައި ޢަމަލުކޮށް، ކުރެވޭ ޢަމަލުތަކުގެ ސަބަބުން ތިޔަކުދީންގެ ޙަޔާތަށާއި ތިޔަކުދީންނަށް އޯގާތެރިވާ މުޖުތަމަޢަށް އަނިޔާއާއި ހަލާކު ނުފޯރުވާށެވެ! ޙިކުމަތްތެރި، ދީންރުހޭ، އިޙުސާންތެރި ޤައުމުއެދޭ ތެދުވެރިމަގަކުން ޢަމަލުކުރުމަށް މިބުނާޢާޠިފާތައް ރައްކާތެރިކޮށްގެން، ޠަބީޢަތުން އިންސާނިއްޔަތަށް ގޮވާލާ މަގުން، ޚިދުމަތްކުރުމަށް އެކަށީގެންވާ ވަގުތެއް މަތިވާންދެން އޮބަހައްޓާށެވެ! ތިޔަކުދިންގައި އެކުލަވާ ޖިންސީލޯތްބަކީ، ހަރުދަނާ އަގުހުރި އެއްޗެއްކަމުގައި ބަލައިގެން ސީދާ މަގަކުން އެލޯބި ގެންދިއުމަށް ސަމާލު ނުވީވިއްޔާ އެލޯބީގެ ޖަޒުބާތުން ތިޔަކުދީންގެ މުޅި ޙަޔާތު ގެއްލެނިވެ، ހާވިޔާއަށް އަޅައިލާފާނެއެވެ. އެލޯބީގެ އަސަރުތަކުގައި ގެނެވޭ ޢަމަލުތަކެއްގެ ބާވަތުން އެހެން އެތައް ފަރާތަކަށް ގެއްލުންލިބި، ލޯބިވާ ވަޠަނުގެ މުސްތަޤުބަލަށް އެތަކެއް ކިލަނބުކަމެއް މެދުވެރިވެދާނޭކަމާމެދު ވިސްނައި ލާށެވެ!

މިބުނާ ޣަރީޒީ ޝުޢޫރުތަކުން ޤަޞްދުކުރެވޭ މަންޒިލެއްކަމުގައި ހަދަންވީ ޙަލާލު ކާވެންޏެވެ. ވިސްނާށެވެ! ދީނުގެ ގޮވައިލުމަކީ، ޠަބީޢަތުގެ މަޤުޞަދަކީ، ޤައުމުގެ އެދުމަކީ އެޝުޢޫރުތަކުގެ އިލްހާމުން އިޝާރާތްވެފައި އެއޮތް މަންޒިލް މަޤުޞޫދަކާ ދިމާއަށް، ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންގޮސް އަމާޒުފަތް ހިފުމެވެ. އެކަމުގެ ލާބައާއި މަތިވެރި ނަތީޖާ ހެއުގޮތުގައި އިންސާނިއްޔަތަށް ފޯރުވުމެވެ.

ޒަވާޖެވެ ނުވަތަ ކައިވެންޏޭ މިކިޔެނީ ތިޔަކުދީން ހިތުން ކޮންއެއްޗަކަށް ހެއްޔެވެ؟ އެއީ ދެޖިންސުގެ ދެއިންސާނަކު އެކަކު އަނެކަކާއި ރުހިޤަބޫލުވެ، ބައިވެރިވެގެން އެކަކު އަނެކަކަށް އެހީތެރިވުމުގެ ޝަރުޠުގައި މަތިވެރި، މަޢީޝަތެއް ފަށައިގަތުމެވެ. ޒަވާޖަކީ، ހަމައެކަނި ދެމީހެއްގެ މެދުގައި ހިނގައިލާ މަތިމަތީގެ ޖަޒުބިއްޔާތެއް ނޫނެވެ. އެއީ ތަޙުލީލުކޮށް ދައްކައިދޭން ނޭނގޭކަހަލަ، ވަރަށްފުން ޢާޠިފާތަކެއްގެ މައްޗަށްނޫނީ ބިނާނުވާކަމެކެވެ. ހަމައެކަނި ހިތާ ބެހިފައި ހުއްޓޭކަމެއްވެސް ނޫނެވެ. ހަށިގަނޑާއި ޚުދު ފުރާނައާއިވެސް ބެހެނީއެވެ. ނަތީޖާއެއްގެ ގޮތުން ޖިސްމާނީ ދޭތި އެކައްޗަށްވެސް ވަނީއެވެ. ފުރިހަމައަށް އިއްޠިޞާލު ހިނގާވަގުތުއައިސް ފިރިހެންވަންތަކަމުގެ ޢުންޞުރާއި އަންހެންވަންތަކަމުގެ ޢުންޞުރު އެކުވެގެން ދިރޭ ބާރުހުންނަ އެހެން މާއްދާއެއް އުފެދެއެވެ. އެމުސާދަތަށް ޖިސްމެއްގެ ސިފަ ލިބިގެން މަންމާގެ ހަށިގަނޑުގެ ތެރޭގައި އޮވެ ނުވަމަސް ވާންދެން ބޮޑުވެއެވެ. އޭގެފަހުގައި ބަލަބަލައިތިބި ދެލޯނޭދި ލިބުން އެދޭ ދަރިފުޅުނިކުމެ ދުނިޔޭގެ އާހުގެ ތެރެއަށް ނޭވާ ދޫކުރާން ފަށާވާނެއެވެ. ދެން އެދަރިފުޅު މާދިގު މުއްދަތެއް ވޭތިނުކޮށް އަމިއްލަ ފައިމައްޗަށް ތެދުވެ މުސްތަޤިއްލު އުޅުމެއްގައި ހިފައި، އޭނާވެސް ޠަބީޢަތުން ޙަވާލުކޮށްފައިވާ ދައުރު އަދާކުރާން ފަށާފާނެއެވެ. މިފަދައަކުން އެއްޖީލުން އަނެއްޖީލަށް އިންސާނީ ޙަޔާތު ދަތުރުކުރަނީއެވެ. މިއީ ބަދަލެއް ނާންނާނޭ ސުންނަތުﷲއެވެ.

އިސްވެގެން މިދިޔަ ޢަމަލިއްޔާއަކީ ޖިސްމާނީގޮތުން ދަށުގިންތީގެ ސޫފިތަކާއި ތަފާތުކަމެއްނެތް ޢަމަލިއްޔާއެއް މެއެވެ. ނަމަވެސް އެންމެ ރާޤީ ސޫތްޕަކީ އިންސާނާކަމުގައިވުމުން އޭނާގައި ބުއްދިއާއި ޢަޒުމާއި ޚިޔާލު އެކުލަވާތީވެ އެޢަމަލިއްޔަތުގެ މަޤުޞަދު އެހެނިހެން ސޫފާސޫތްޕަށްވުރެ މަތިވެރިވުން ލާޒިމެވެ. ވާޖިބު އަދާކުރުމާއި، ހުއްދަނުހުއްދަ ބެލުމާއި، ލަޠީފު ފަށުވި ލޯބިތައް ބަދަލުކުރުމާއި އެކުވެރި މާތް މަޢީޝަތެއް ނެގެހެއްޓުމާއި، އެފަދަ އެންމެހައި ކަންކަމަށް އިންސާނާގެ ޢަމަލިއްޔަތުގައި ދަހިވެތި ސަމާލުވުން ހުއްޓެވެ. ފަހެ އިންސާނާއީ ކަށްވަޅަށްގޮސް ނިވައުވާންދެންވެސް ލޯބީގެ ވެރިއަކަށް ވާންވާނެއެވެ. ޅަކުއްޖެއްގެ ސިފައިގައެވެ. ޒުވާނެއްގެ ޙައިޘިއްޔަތުގައެވެ. މުސްކުޅިއެއްގެ ގޮތުގައެވެ.

ޒުވާނުންނޭވެ! ސަމާލުކަން ނެތީވިއްޔާ ޝުޢޫރުތަކާއި ލޯބި އޭގެވެރިޔާ ކަތިމަކަށް އަޅުވައިލާފާނެއެވެ. އަމިއްލަ ޒާތީ އެދުމަށާއި ވަޙުޝީ ޢަމަލުތަކަށް ބަނޑުވާޖަހައިގެން ދަމާގެންގޮސްފާނެއެވެ. މިކަމަށްޓަކައި ދަށުނުވާން ހިތުލައިގެން ފިސާރި ވިސްނައި ހުންނާންވާނެއެވެ. ޣަރީޒީ ބާރުތައް، މިޞްރާބު އޮޅުވައިނުލައި، ލަވަމުން ގެންދިޔުމީ ދެދުނިޔޭގެ ބާއްޖަވެރިކަން ހޯދައިގަތުމަށް ބިންގަލެކެވެ. މުޖުތަމަޢަށް މަންފާހުރި ޢުޟުވެއްކަމުގައި ވުމަށް އެއްވަނަ ޝަރުޠެވެ. ސަލާމަތް ބުއްދިއާއި ފުރިހަމަ ޞިއްޙަތު ދެމިފައި އޮތުމުގެ އިތުބާރުހުރި ޢާމިލެކެވެ.

ދެންވިސްނައިލާންވީ އިންސާނުންގައި ހުރި ތަނާސުލީ މަޤާމުގެ އަހަންމިއްޔަތުކަމަށެވެ. ފަހެ އަންހެނަކަސް ފިރިހެނަކަސް ޢިލްމު ބުނާގޮތުން، މީހާގެ ތަނާސުލީ މިންވަރާއި ބާރު ހިފެހެއްޓި ހުންނަނީ، ދެޖިންސުގެ ޢުންޞުރު އެއްކޮށްލުމުގައްޔާއި، މައިމީހާގެ ހަށިގަނޑުތެރޭގައި ކޮއި ސާބިތުކޮށްލުމުގައި ލުޔާއި ފަސޭހަ ފޯރުވައި ދިނުމުގެ ގޮތުންނެވެ. މިހެންވެ، ތަނާސުލީ ޖިހާޒުގެ މުޅިބޭނުމަކީ ބޭރުގުނަވަންތަކުގެ ޢަމަލެއްނޫންކަން ކަށަވަރެވެ. ތަނާސުލީ ޖިހާޒު އެޖިހާޒުގެ އެކިއެކި މަރުކަޒުން ލެއާއި އެކުވެގެން ބާރުތަކެއް އިތުރުކޮށްދެމުން ވަރަށް ގިނަ މަދަދުތަކެއް ފޯރުވައިދެމުން ހިނގާ މާއްދާތަކެއް ބޭރުކުރެއެވެ. އެއީ ކީމާވީ(ކެމިކަލް) ބާވަތެއްގެ މާއްދާތަކެކެވެ. ފިރިހެނަކު ފިރިހެނެއްގެ ގޮތުގައި، އަންހެނަކު އަންހެނެއްގެ ގޮތުގައި ފުރިހަމަވެ ފައްކާވުމަށް ކޮންމެހެން ބޭނުން މާއްދާތަކެއް މެއެވެ. ތަނާސުލީ ޖިހާޒުން މިބުނި މާއްދާތައް ލެއަށްނުލިބޭނަމަ ދެޖިންސުންކުރެ އެއްޖިންސަކަށްވެސް ޚާއްޞަވެފައިވާ މަޒިއްޔާތަކެއް ޠަބަޢީގޮތުންވިޔަސް ނަފުސާނީ ގޮތުން ވިޔަސް ފުދޭ މިންވަރަށް ނުލިބޭނޭކަން ކަށަވަރެވެ.

ހަށިގަނޑުގެ ތަނާސުލީ މެޝިން ފާގަތިވަމުން އައިސް، ޢަމަލު އިނގޭހައިވުމުން މިޢިޝާރާތްކުރެވުނު މާއްދާތައް ލެއާއި އެއްކޮށްގެން ބަހާން ފަށައިފާނެއެވެ. މިޙަރަކާތް ހިންގަން ފެށުމުން ފިރިހެން ކުއްޖަކުނަމަ ދިވެހީންގެ ތެރޭގައި އަޑުފެޅެނިއްޔޭ މިބުނާގޮތް ވެދާނެއެވެ. އަޑު ފަލަވެފައި ބަރުވަނީއެވެ. އަދި ތުނބުޅި މަތިމަހާއި، އެހެނިހެން ދިމަދިމާގައި އިސްތަށި ފަޅާން ފަށާފާނެއެވެ. އަންހެން ކުއްޖާއަށްވެސް ޖިސްމާނީ ގޮތުން އޭނާއަށް ޚާއްޞަ އެތައް ބަދަލުތަކެއް އަތުވެދާނެއެވެ.

މިބަދަލުތައް ހަށިގަނޑަށް ދެބައިމީހުނަށްމެ އަންނައިރު ނަފުސާނީގޮތުންވެސް އިތުރު ސިފަތަކެއް ކޮންމެ ޖިސްމަކަށްމެ ލިބެމުން އާދެއެވެ. ފިރިހެން ކުއްޖަކުނަމަ ހިތްވަރުގަދަވުމާއި އަމިއްލަ ކަރާމަތެއް އުފެދުމާއި ޒާތީ އިޢުތިބާރު އައުވުމާއި ބޮޑެތި އުނދަގޫ ކަންތަކަށް ދަހިވެތިވުމާއި ތިމާގެ ޙިމާޔަތްތެރިކަން ކޮންމެވެސް ފަރާތަކަށް ފޯރުވާހިތްވުމާއި މިފާޑުގެ އެތައް ސިފައެކެވެ. އެކަން އިތުރުވަމުން ދާއިރު އޭގެ ވެރިޔާ ޙަޔާތުގެ އުފާތަކަށް އެދުންވެރި ވާން ފަށާފާނެއެވެ. ފުރިހަމަ އިންސާނަކަށް ވެގެން ކުރީސަފަކަށް އަރައިގެން ދިއުމަށް އެވަގުތަކުން ދަހިވެތިކަން ބޮޑުވާނެއެވެ.

ފަހެ އެދުވަސްވަރުގެ ޡަރޫފުތަކުން މަންފާ ހޯދައިގަނެ އެސިފަތައް ރަނގަޅު މިޞްރާބަކަށް އެޅުވިއްޖިއްޔާ، އެއާމެދު ބުއްދިވެރި މަގަކުން ތަޞައްރުފު ކުރެވިއްޖިއްޔާ ލާބަ އިތުރު ނަތީޖާ ތަކެއް އޭގެ ވެރިޔަކަށާއި އޭނާ އެކުލަވާ މުޖުތަމަޢަކަށް އަތުލައިގަނެވިދާނެއެވެ. ކަން މިހެން ހުރުމުން އެނގެނީ ތަނާސުލީ މެޝިނުން ފުދޭހައި ބޭނުމަކީ، ހަމައެކަނި ދެމީހަކުވެގެން ޢަމަލިއްޔަތެއް ނިންމާލުން ނޫންކަމެވެ. އެމެޝިނަކީ އޭގެ ޙަރަކާތުން މީހާއަށް ބޭނުން، މަތިވެރި ސިފަތަކެއް ލިއްބައިދޭވެސް މެޝިނެކެވެ. އެޙަރަކާތްތައް ނަހަމަ މަގުން ގެންދެވޭނަމަ މީހާގެ ޞިއްޙަތު މުޅިން ބަރުބާދުވެގެން ދިއުން ކައިރިއެވެ.

ޒުވާނުންނޭވެ! ނަފުސު އޮބެހެއްޓުމީ ތިޔަކުދީން ކުރިޔަށްދާން އޮތް މަގުގެ ތަޅުދަނޑިކަން ދަންނާށެވެ! އެއީ އިންސާނުންގެ ޙައްޤުގައި ޟަރޫރީ ކަމެކެވެ. ކޮންމެ އިޖުތިމާޢީ ކުރިއެރުމެއްގެ ބިންގާ ގަނޑެއް މެއެވެ. އެކަމުގެ ސަބަބުން ލަފާތައް ހަރުދަނާވެ ޢަމަލުތައް ކުރިއަށްގެންދެވޭގޮތްވެ އުންމީދުތަކާ ދިމާޔަށް ކުރެވޭ ދަތުރުތައް ހަލުވި ވެދެއެވެ. ޙަޤީޤަތުގައި އިންސާނީ ޘަޤާފަތުގެ މުޅި މަދާރަކީ އެއީއެވެ. އެގޮތަކީ ނުފޫސު ހުރި ވަރުގަދަ އިންސާނަކަށް ވެފައި އެހެންމީހުންގެ މައްޗަށް އަސަރާއި ނުފޫޒު ފޯރުވަން އެދޭމީހަކުނަމަ ފުރަތަމަ ވާނީ އަމިއްލަ ނަފުސުގެ މައްޗަށް ޙުކުމް ހިންގަން އާދަކުރާށެވެ. އަމިއްލަ ޢާޠިފާގެ ލަގަން ހިފެހެއްޓޭތޯ ބަލާށެވެ. ޢާޠިފާތަކުގެ ތެރެއިން އެންމެ އަސަރުގަދަ ޢާޠިފާއަކީ، ތަނާސުލީ ޢާޠިފާކަން ތިޔަކުދީންނަށްވެސް މިހާރު އެނގޭނެއެވެ. ނަމަވެސް ހިތާމަޔަކީ ގިނަކުދީންނަށް ޚާއްޞަކޮށް ގިނަ ފިރިހެން ކުދީންނަށް ނަފުސު އޮބެހެއްޓުމުގައި ހުރި މޮޅުކަން ނޭނގޭކަމެވެ!!

އަންހެންކުއްޖަކު ފިރިޔަކާ ޖެހޭންދެން ބިކުރުވެރި ޙާލުގައި އިނުން އެދެވޭ ހިނދު ފިރިހެންކުދީންނަށް މިޙުކުމް ނުހިނގާންވީ ސަބަބެއް ނުވިސްނެއެވެ. ފިރިހެން ޒުވާނަކުވެސް މުޅިން އާކޮށްހުރެ ޒަވާޖަށް ކުރިމަތިލައިފިއްޔާ އެއީ އަޅުގަނޑުގެ ނަޒަރުގައި އަގު ނުގެއްލި ހުރި ޒުވާނެކެވެ. އެހެން ނުވިނަމަ ނޫނެކެވެ. ޙަރާމް އުޅުމުގައި އަންހެނެކޭ ފިރިހެނެކޭ އެއްފަދައެވެ. ޢަމަލުގައި ބައިވެރިވާހިނދު ކުށުގައި ބައިވެރިނުވެ ދާނީ ކޮން ފަދައަކުން ބާވައެވެ!

ޒުވާނުންނޭވެ! ހުއްދަނެތް ރޮނގުން ޖިންސީ ޢަމަލުތަކުގައި ބައިވެރިވުމީ ޝައިޠާނާގެ ބަހަށް ހެއްލޭ ހެއްލުމެކެވެ. ކަމުގެ އާޚިރު ނަތީޖާއަކީ ބޮޑެތި ހިތާމަތަކުގެ ތެރެއިން ހިތާމައެކެވެ. ފަހު ކޮޅަކީ ނަފުސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން މުޅީން ޞިއްޙަތުގެއްލިގެންދާ ޚަރާބުވުމެކެވެ. ފަހެ، އިންސާނާ ތަނާސުލީގޮތުން ބޭޤަރާރުވެފައިވާނަމަ އެވާ ބޭޤަރާރުން އޭނާގެ މުޅި އިޖުތިމާޢީ ޙަޔާތަށް ލޮޚުސާން ލިބޭނެއެވެ. ޔަޤީނުން މުސްތަޤުބަލަށް އަނދިރި ނުއެޅިއެއް ނުދާނެއެވެ. ފިރިހެނެއްގެ އަންހެނެއްގެ ޙާލަތުގައި، ބައްޕަޔެއްގެ މަންމަޔެއްގެ ޙާލަތުގައި، އަދި މުޖުތަމަޢުން ފަރުދެއްގެ ޙާލަތުގައިވެސް އެފަދައެވެ. ވީމާ، ޣަރީޒީ ބާރުތަކަކީ ޙަޔާތުގެ އޮފިތަކެކޭ ހީނުކުރާށެވެ! އެއީ މުޅިހަޔާތު އޭގެ ބާރުގައި ނެގެހެއްޓިފައި ހުންނަ މައިމޫތަކެކޭ ހީކުރާށެވެ! އެބާރުތަކުން ބާރުލިބިގެން ކަތިމަގުމަގުން ހިނގައި ނުރައްކާތެރި ޢަމަލުތައް ހިންގައި ނުއުޅެ ޣަރީޒީ ބާރަކީ ތިމާގެ އުފާވެރި ތެދުވެރި އަސްލުކަމުގައި ހަދާލާށެވެ! އެއިން މުޅި އުންމަތަށް ލާބަހުރި މައިދާނެއްގައި ޢަމަލުކުރަމުން ގެންދިއުމަށް ހަމަ މިހާރުން ފެށިގެން ޢަޒުމު ކަނޑައަޅާށެވެ!

ބޭއިންސާފު އަނިޔާވެރިކަމުން ޝުޢޫރުތަކަށް އަމަލީ ސިފަ ގެންދަމުންދާނަމަ ނުރައްކާތެރި ބަލިމަޑުކަމެއް ތިމާގެ ޖާނުގައި އަށަގެންފާނެއެވެ. އެކަހަލަ އާފާތެއް ފަހަރުގައި ލޯބިވާ ދަރީންނަށް ނުވަތަ ދަރިކޮޅުން ބަޔަކަށްވެސް ވާރުތަކޮށްފާނެއެވެ. އެކަމުގެ ސަބަބުން "ފުށަތުބަލީ" ގެ އަހުލުވެރިޔަކަށް ވެގެން ދިޔުން އޮންނާނީ ވެސް ދާދި ކައިރީގައެވެ.

"ފުށަތުބައްޔޭ" އަޅުގަނޑު ކިޔައިގެން މިއުޅެނީ ޠަބީޢަތާ އެއްފުށަށް ތަޠުބީޤުނުކުރެވޭ ބާވަތުގެ ތަނާސުލީ ބަލިބައްޔަށެވެ. އޭގެތެރެއިންވެސް ހައިރާންވާންޖެހޭ ހިސާބަކަށް ބައެއްމީހުންގެ މިޒާޖުގައްޔާއި ނަފުސުގައި ހަރުލައި ސާބިތުވާ ބަލިބައްޔެވެ. ޢަރަބި ނޫސްތަކާއި އިނގިރޭސި ނޫސްތަކުގައި، ތަމަޅަނޫސްތަކާއި ސިންގަޅަނޫސްތަކުގައި، އުރުދޫނޫސްނޫހާއި ދިވެހިނޫސްނޫހުގައި ބައެއްފަހަރު ސަލާމަތް ހިތްތައް ފަކުރުން ކުރުގެޅޭހައި ހަޑިމުޑުދާރު، ހިތާމަވެރި އަޚުލާޤީ ޙާދިޘައް ފެނެއެވެ. އެ ޙާދިޘާތަކުގައި އޭގެވެރީން އިންސާނީ ޠަބީޢަތާ މުޅީން ވަކިވެގެން ގޮސްފައިވާތީއެވެ.

މިއޮތީ ޚާދިމަކު އޭނާގެންގުޅޭ ސާހިބުގެ ލޯބިވާ ތިންއަހަރަށްދާ އަންހެން ދަރިފުޅު ހަލާކުކޮށްލިވާހަކައެވެ. ދެން އޮތީ އެތައްޒަމާނެއްވަންދެން ފަރަންސޭސިންގެ މާތްމީހަކު އޭނާގެ އަންހެން ދަރިފުޅު އަތްނބެއްގެ ގޮތުގައި ގަދަކަމުން ބޭނުންކުރިވާހަކައެވެ. އެއޮތީ ފަސްދޮޅަހަށްވުރެ މައްޗަށްގޮސްފައިހުރި މުއްސަނދި ބޭބެއަކު ކުޑަފިރިހެން ކުއްޖަކު ހައްލައިލައިގެން ޢަމަލިއްޔަތެއް ގެނައިވާހަކައެވެ. ތިޔަބޭފުޅުންނަށްވެސް ފެނިވަޑައިގަންނަވާނޭ ފަދައިން އެއޮތް ނޫހުގައި އެއޮތީ އަނބިމީހާގެ ކައިރިއަށް އެހެން ފިރިހެނަކުވެސް ވައްދައިގެން ކުންފުނިހަދައިގެން ކުޅިގަނޑެއް ނިންމައިލިބަޔަކު އަރުވައިލިވާހަކައެވެ. މިނޫނަސް އަންހެނުން އަންހެނުންނާއެކުގައި، ފިރިހެނުން ފިރިހެނުންނާއެކުގައި ކުޅެމުންގެންދާ ހައިރާންވާކަހަލަ އެކިއެކި ދައުރުގެ ވާހަކަ ފެންނަނީ، އިވެނީ ފާޅުވަނީ މަދެއްކޮށެއްނޫނެވެ.

މިފަދަ ޙާދިޘާތައް ފާޅުވެގެން ނޫސްނޫހުގެ ގަނޑުތަކުގައްޔާއި އާހުގެ ރޯޅިތަކުގައި އެކުލަވަމުންދާއިރު ފައްކާ ގޭގޭގެ ދޮރުތަކާއި ފަރުދާތަކުގެ ނިވަލުގައްޔާއި ޖިފުޓިޖިފުޓީގެ އަދިރިތަކުގައްޔާއި ފަޅުތަންތާނގެ ބަނޑުތެރޭގައި މިފާޑުގެ ކިތައްކުލައިގެ ކިތައްޙާދިޘާ ހިނގާނެތޯއެވެ! ހިތައްވެސް ނުވިސްނޭ، ލޮލަށްވެސް ނުފެންނަފަދަ މަސާރީތަކުގެ ބިއްދޮށުގައި ކިތައްފާޑުގެ ކިތައްޢަމަލިއްޔަތު ކިތައްސިފަޔަކުން ނިމިގެން ދާނެތޯއެވެ؟ މިހިރީ އެންމެނަށްވެސް ދުނިޔޭގެތެރޭގައި ހިނގަމުންދާކަން އެނގޭ ކަންތައްމެއެވެ. މިބާވަތުގެ ކަންތަކާއިމެދު ބަޙުޘްނުކޮށް ތިބޭތަން ފެންނަނީ، އަދަބާ ޚިލާފު ކަމަކަށްވާނެތީޔޭ ހީވެއެވެ.

އެކަމަކު ލިޔާމީހުންނާއި ބަޙުޘްކުރާމީހުންގެ މިކަމުގައި މިސާލަކީ ދޮސްހިލި، ކުނިވެފައިވާ ފާރުގަނޑަކާއި ނިސްބަތްކުރާއިރު ޑަކުޓަރުންގެ މިސާލެވެ. ފާރުގަނޑުގައި ފުޅަތައް އުތުރުނަސް ޑަކުޓަރުންގެ ވާޖިބަކީ އެތަންތާހިރުކޮށްފައި ބޭސްއަޅައި ފަސޭހަކުރުމެވެ. ލިޔުންތެރިންނާއި މުޤައްރިރުންގެ ވާޖިބަކީ ނަފުސާނީބައްޔެއްނަމަ ކިތަންމެ މުޑުދާރުބައްޔެއް ކަމުގައިވިޔަސް އެބައްޔަކަށް ސަމާލުކަން ދިނުމެވެ.

އޮޅުމެއްނެތެވެ! ތަނާސުލީ "ފުށަތުބައްޔަކީ"ވެސް ޢާންމުކަންބޮޑު އިޖުތިމާޢީ ބައްޔެކެވެ. ބަޙުޘްކުރުމާއި ފަރުވާކުރުމަށް ނުހަނު މަތީދަރަޖައަކަށް އެބަލި ބޭނުންވެއެވެ.

އަޅުގަނޑުމެނަށް އެނގިފައިވާ ގޮތުން އިންސާނާ އުފެދިފައިވަނީ ތަވާޒުނުހަމަވާ ގޮތެއްގެ މަތިން އެތައްބާރެއް އެއްވެގެންނެވެ. އާދަޔާޚިލާފަށް މީގެތެރެއިން ބައެއްބާރެއް ގަދަވެއްޖެނަމަ ނަތީޖާއަކީ ދެންހުރިބާރުތަކުން އުނިވުމެވެ. މިހެންވީމާ އާދައިގެ މެދުމިން ވަޒަނަށް ތަފާތުކަމެއް އަތުވެދާނެއެވެ. އެތަފާތުކަމަކީ، ފަހަރުގައި ރަނގަޅު މޮޅު އަތަކަށް ހުންނަ ތަފާތެއްކަމުގައި ވެދާނެއެވެ. އޭރުން ފައިދާވާނީ ބޮޑެތި ޢިލްމުވެރިންނާއި، މުޞްލިޙުންނާއި، ޙިކުމަތްތެރިންނާއި، ބުއްދިވެރިންނާއި، އީޖާދުވެރިންނާއި، ޅެންވެރިންނާއި މިފަދަ މާތްމީހުނެވެ. އަނެއްބައިފަހަރަށް އެތަފާތަކީ، ނުބައިއަތަކަށް ގެންދާ ތަފާތުވުމަކަށް ވެދެއެވެ. ނަތީޖާއެއްގެ ގޮތުން ރަޙްމުކުޑަމީހުންނާއި އަނިޔާވެރިންނާއި މުޖުރިމުންނާއި އަޞްލީ މޮޔައިންނާއި "ފުށަތުބަލީ"ގެ އަހުލުވެރިންފަދަ މަޚުލޫޤުން ފައިދާވެއެވެ. މީގެ ތެރެއިން މިހައިރު "ފުށަތުބަލީ"ގެ އަހުލުވެރިޔާއާ މެދަށް ބަލައިލަމާތޯއެވެ؟

އާދޭހެވެ! ހިލޭ އަންހެނުންގެ ކައިރީން ޖިންސީލައްޒަތު ހޯދާ މީހާއީވެސް މިކަމުގައި ކުއްވެރި ފާފަވެރިއެކެވެ. މީހެއްގެ އަތްނބަކާ ގުޅިގެން އެދުންތައް ފުއްދަމުން ގެންދާ މީހާއީ އަދި ވަކީން ފާފައާއި ކުށް ބޮޑުވާނޭ މީހާކުކަން ޔަޤީނެވެ. އެމީހުންނަކީވެސް އަނިޔާވެރިންކަމުގައި ވާނޭ ކަމާމެދަކު އޮޅުމެއް ނެތެވެ. އެއްބަހެވެ. އެކަމަކު އެމީހުން އެގެންނަ ނުބައި ޢަމަލުތަކުގެ އަޞްލަކީ ޠަބީޢި އެދުމެކެވެ. އެ އެދުން ބޭނުންކުރުމުގައި އެމީހުން ހުއްދަނޫން މަގަކުން ހިނގީއެވެ. ފާސިދު މަޙައްލެއްގައި ޠަބީޢި ޢަމަލު ހިންގުނީއެވެ. "ފުށަތުބަލީ"ގެ ވެރިޔާ އެހެންނަކުން ނޫނެވެ. އޭނާގެ ޖިންސީ ޙަރަކާތްތައް ހުންނަނީ ޠަބީޢަތުގެ ޤާނޫނާއި ދިމާއިދިކޮޅަށް ފުށަތަށް އެނބުރިފައެވެ. މިކޮޅު އެކޮޅަށް އެކޮޅު މިކޮޅަށް ޖަހާފައެވެ. ޝައްކެއް ނެތެވެ! އެއްޖިންސެއް ހަމަ އެޖިންސަށް އެދުންވެރިވުން އެއީ ޢަމަލީ ސިފަ އަތުވެއްޖެނަމަ ކަލާނގެ ކަނޑައަޅުއްވާފައިވާ ޤުދުރަތީ ޤާނޫނުން އެންމެ މުހިންމު މާއްދާއަކާ މުޅިން ޚިލާފުވުމެކެވެ. އޭރުން ހުރިހައި ދީނަކާއި އިދިކީލި ވެވުނީއެވެ. މުހައްޛިބު އެންމެންގެ އިސްޠިލާޙާއި ނޭއްދާރު ވެވުނީއެވެ. އެމީހަކު އެފަދަ މުހިންމު ގަވާއިދުން ޢަމަލުން މުގުރައިލިކަމަށްޓަކައި ގަދަފަދަ ޢުޤޫބާތެއް ނުލިބިއެއްނުދާނެއެވެ. ދުނިޔެމަތީގައްޔާއި ޤިޔާމަތުގައެވެ. ފަހަރުގައި ދުނިޔެމަތީން ނުފެނިއްޖެ ނަމަ އާޚިރަތުގެ ވޭން ދެފަށްވެގެން ދާނޭކަން ކަށަވަރެވެ.

ސިފަވެގެން ދިޔަ ހައިރާންވުން އެކަށީގެންވާ ބަލީގެ އަޞްލާއި އަދި ފަރުވާއާ މެދު އެއްޗެއް ދަންނަވާލުމުގެ ކުރީން އެބައްޔާމެދު ތާރީޚިނަޒަރެއް މަތިމަތީން ނަމަވެސް ހިންގައިލަމާތޯއެވެ؟ ބަލަމުން ދާއިރު ބައްޔަކީ ތާރީޚުގެ ލައްކަ ކުރީ ކޮޅުން ފެށިގެން މަދަނިއްޔަތާ އެއް އިންވެގެން އަންނަ އިޖުތިމާޢީ ބައްޔެކެވެ. މަޝްހޫރު ލޫޠުބާގާ މީހުންގެ ތާރީޚުން ޚުދް ޤުރުއާނުގައިވެސް ޞަރީހަގޮތުން މިމައްސަލަޔާމެދު ޚަބަރުތަކެއް އެކުލަވާލާފައި ވެއެވެ. ތައުރާތުގައިވެސް ވަރަށް މަތިވެރި ދެރަށެއްގެ ބަޔަކު އެބަލީގެ ޢަމަލުތަކުގެ ސުންޕާކަމުން ހަލާކުވެގެން ދިޔަވާހަކަ އޮވެއެވެ. ސައްޔިދުނާ މޫސާގެ ޝަރީޢަތުގައިވެސް އެސުންޕާ ޖަރީމާ ގެނައިބަޔަކަށް އޮންނަ ޙުކުމަކީ ރަޖަމުކުރުމެވެ. ފާރިސީންގެ ތެރޭގައި އެފަދަ ޢަމަލެއްކޮށްފި މީހަކު ދުނިޖަހައިގެން މަރަނީއެވެ.

ޔޫމާނީންނާއި ރޫމާނީން ދުނިޔެމަތީގައި ކުރިއަރައި ތަރަށްޤީވެގެން މުއްސަނދިވުމުން ޙައްދަށްވުރެ މައްޗަށް އުފާތަކާއި މަޖާތައް ގެންދިޔަ ޒަމާނުގައި އެމީހުން ހަށިގަނޑުގެ ލައްޛާތުގައި ފީނާލެއް ބޮޑުކަމުން އެތަންތާނގެ މުޖުތަމަޢުގައިވެސް އެބަލި ފެތުރިގެން ދިޔައެވެ. ޞަލީބީ ހަނގުރާމައިގައި ނަޞާރާއިން އިސްލާމުންގެ ކުރިމަތީގައި ބަލިވެގެން ދިޔަ ބަލިވުމަކީވެސް އެމީހުންގެ ތެރޭގައި "ފުށަތުބަލީ"ގެ ސުންޕާކަން ފެތުރިފައި އޮތް ބޮޑުކަމުން އައި ނަތީޖާއެކޭ ބުނާ މުވައްރިޚުން މިޒަމާނުގައި އެބަތިއްބެވެ.
މިހާރުގެ ދުނިޔެއަށް ވިސްނަމުން ދާއިރު މިދަންނަވާ ޖިންސީ ޝުޢޫރު ފުށަތަށް ފުރޮޅިފައި ހުންނަ ބަލި ދުނިޔޭގެ އިރުމައްޗާއި ހުޅަނގުގެ ބޮޑެތި ޓައުންތަކުގައި ފެތުރިފައި ވެއެވެ. ލަންޑަން، ނިޔޫޔޯކް، ޕެރިސް ފަދަ މަރުކަޒުތަކުން ކަސްބީ ގޭގޭގައި އެބަލީގެ އަމަލުތައް ވަރަށް ގިނައެވެ. ޚާއްޞަކޮށް ޕެރިސްގައި އެއީ އާދައިގެ ކަމެކެވެ. މިޔަށްވުރެވެސް އަޖައިބުވާންޖެހޭ ކަމަކީ ބައެއްތަންތާނގެ ސަރުކާރުންވެސް އަންހެނުންނެކޭ އެއްފަދައިން ފިރިހެނުންނަށްވެސް ކަސްބީކަމުގެ ސަނަދު ދޫކުރާކަމެވެ!!

ދިވެހިރާއްޖޭގައި މިބަލި ހިނގަމުންދާ ދިޔުމާމެދަކު މިމަޤާލަތުގައި ވާހަކަ ދައްކާކަށް ގަސްތެއް ނުކުރަމެވެ. މާތްﷲ ރުއްސެވީވިއްޔާ އެހެންފަހަރަކުން ލިޔެވޭތޯ ބަލާނަމެވެ. މިހާރު ރަށްފުށުގައިވެސް އެބަލީގެ ފަނި ހިރެމުން ދާކަމުގައި ދަންނަވައިލުމުން ފުއްދައިލާނީއެވެ.

ބަޙުޘްކުރަމުންދާ އެންމެން އިއްތިފާޤުވާ ފަދައިން ޖިންސީ މިޒާޖު ކަތިކޮށް މަގުއޮޅުވުމުގެ ސަބަބުތައް ކަމުގައިވާ ޚީލާފުއެތައް ޢާމިލެއް ވެއެވެ.

ވާރުތައިންވެސް މިބަލި ފަހަރުގައި ލިބެމުން ހިނގައިދާނެ ކަމުގައި ބައެއްމީހުން ބުނެއެވެ. މާބަނޑުގައި އޮންނަ ދުވަސްވަރު ކުއްޖާއަށް މެދުވެރިވަމުންދާ ބައެއް ޙާލާތަކީ އޭނާގެ ޠާބީޢަތް ފާސިދުކޮށް ޖިންސީޢާޠިފާ ކަތިމަގަށް އަޅުވާ ޢާމިލެއްކަމުގައި ބަޙުޘުން ކުރިޔަށް ނުކުމެ ތިބި އެންމެހައި ޢިލްމުވެރީން އެއްބަސްވެއެވެ. ފަހެ އަންހެނާ މާބަނޑުވެ އިންނަ ދުވަސްވަރުގައި އޭނާގެ ޝަހުވަތުގެ ލަގަން ދޫކޮށްލައިގެން ޖިންސީގުޅުން ތަކުގައި ހިފޭއްޓުމެއްނެތި ޢަމަލު ގެންދިއުމީ ބަނޑުއޮތް ދަރިޔަށް އެކަމުގެ އަސަރުފޯރާކަމެއްކަން މިޒަމާނުގެ ހުރިހައި ޑަކުޓަރުން، ޑަކުޓަރުން ކީއްކުރަންތޯ އެވެ؟ އެންމެހައި މުހައްޛިބުންވެސް ދަނެއެވެ. މިކަމުގެ ހިތި ނަތީޖާ ތަކުގެ ތެރެއިން އެއްކަމަކީ ބަނޑުއޮތް ދަރިފުޅަށް ޖިންސީގޮތުން ނަފުސާނީ ބަލިތަކެއް ޖެހުމެވެ. އެފަދަ ޙާލަތުގައި އޮޅުމެއް ނުއޮންނާނޭފަދައިން ދަރިފުޅުގެ ޙައްޤުގައްޔާއި މަންމާގެ ޙައްޤުގައި މެދުވެރިކުޅަ ގުނާގައި މަންމާއެއްފަދައިން ބައްޕަވެސް ކުއްވެރި ވާންޖެހޭނެއެވެ.

އަދި މިހެން ނޫނަސް ޢާންމުގޮތުގައި ޖިންސީގުޅުންތައް އެކަށީގެން ނުވާ މިންވަރަށް ކުރިއަށްގެންދިއުމީ ޠަބީޢަތާއި އިދިކީލި ބަލިތައް މީހާގައި ވަރަށް ގިނަފަހަރަށް އަށަގަންނަކަމެވެ. އަޅުގަނޑުގެ އަމިއްލަ ވިސްނުމުގައިވެސް އެބަލީގެ އެންމެ މުހިންމު ސަބަބަކީ އެއީއެވެ. އެގޮތަކީ އެކަން ޙައްދަށްވުރެ ބޮޑުވެ ޖިންސީ ޢަމަލުތައް ގިނަވާން ފެށީމާ މުޅި ޢަޞަބީ މެޝިން ލޮޑިވެގެން ހިނގައިދާނެއެވެ. ނަތީޖާއެއްގެ ގޮތުން ތަނާސުލީ މެޝިނުގެ ހަކަތާއި ބުންވަރު ދަށަށް ހިނގައިދާނެއެވެ. މިހެން އެތެރެހަށީގައި ޙަޤީޤަތްތައް ބަދަލުވަމުން ދާއިރު ޖިންސީއެދުން ހައްތާ ދާނީ އާދަޔާ ޚިލާފަށް ތޫނުވަމުންނެވެ. އެންމެ ފަހުން ޠަބީޢީ އާދައިގެ ގޮތްގޮތުން އަލާކެނޑިފައި، ހިތްގައިމުވާތަން ނާންނަން ފަށައިފާނެއެވެ. މިހެން ވީމައި ބަލިމީހާ އޭނާގެ ލޮޑުވެފައި ހުންނަ ނާރުތައް ހޭލައްވައި ހައިޖާނުކޮށްލުމަށްޓަކައި ޠަބީޢަތާ ޚިލާފުމަގަކުން ޢަމަލު ހިންގަން ޖެހިދާނެއެވެ. ޚުދު އޭނާއަކަށް މިޒާޖަށް މިޒާޖަށް އެއަންނަ ބަދަލުގެ ސަބަބެއް ނުވިސްނޭނެއެވެ. މިހިސާބަށް ދިއުމުން މުޅީން ޤުދުރަތީ ޤާނޫނާ ޚިލާފު އުޞޫލަކުން އޭނާގެ ހިތްގަނޑު ރުއްސައި ހިލިގެން އެއުޅޭ ޢާޠިފާއެއް ތައްކަތު ކުރެވޭތޯ މަސައްކަތް ކުރެވެނީއެވެ. ކުރެފޭ މަސައްކަތް ތަކުރާރުވަމުން އާދަޔަކަށް ވެދެއެވެ. އާދައަކަށް ވާއިރު އެބަލި ހުންނާނީ މިޒާޖުގައި އެކުވެގެން މަސްހުނި ވެފައެވެ. ސަލާމަތްވުން ދަތިވާހިސާބަށް ގޮސްފައެވެ. އެއްދުވަސްވަރަކު އެތެރެވަރީ ބައެއްތަންތާނގެ ގަނޑުވަރު ގަނޑުވަރުތެރޭގައި މިބަލި ފެތުރިގެން ދިޔައީ މިހެން ވެގެންނެވެ. ޔޫރަޕުގައްޔާއި އެމެރިކާގެ މަތީ ޠަބަޤާތުގައި މިހާރު މިޒަމާނުގައި އެބަލީގެ ޢަމަލުތައް ފެތުރިފައި ހުންނަނީވެސް ހަމަ މިކަމުގެ ސަބަބުންނެވެ.

ކަޅިހިންގަމުން ދާއިރު ދިމާވާ ޡުރޫފުން އަންހެނުންނާ ވަކިވެގެން ގިނަދުވަހު އެއުޅެންޖެހޭ ޖަމާޢަތްތަކުގައިވެސް އާދަޔާ ޚިލާފަށް އެކަން ހުރެއެވެ. މިސާލަކީ ހަނގުރާމައިގެ ދުވަސް ތަކުގައި ސިފައިންގެ ތެރެއެވެ. ދުރު ދަތުރުތަކުގައު ކަނޑުމަތީ ދުވަސް ގިނަވާ މީހުންގެ ތެރެއެވެ. ޓައުންތަކުގައި އެކިޙާލާތުގައި ބަންދުކޮށްގެން އެއްތާކު ގެންގުޅެންޖެހޭ ޒުވާން ފިރިހެން ކުދީންނެވެ. ދުނިޔޭގެ އެތަން މިތާނގައި ބޭނުން ކުރަމުން ގެންދާ ބަނގުރާއާއި ގަންޖާ، ކޮކިން ފަދަ ތަކެއްޗަކީވެސް އެބައްޔަށް މަގުދައްކައިދޭ އެއްޗިއްސެވެ. ސަބަބަކީ އެތަކެތި އިސްތިޢުމާލުކުރުމުން މީހާގައި ހުންނަ ހިފޭއްޓުމުގެ ބާރާއި ޢަޒުމު ފިލައިގެން ދަނީއެވެ. ނަތީޖާއެއްގެ ގޮތުން ޖިންސީ ޣަރީޒާ ވީއްލިގެން ކޮށިން ބޭރުވެގެން އަރިއަރި މައްޗަށް ދުއްވައި ގަންނަނީއެވެ. މިބުނި ތަކެތީގެ ތެރެއިން ވަރަށް މަދުމަދުން ނަމަވެސް މިރާއްޖޭގައި އަފިހުން އިސްތިޢުމާލު ކުރެވޭ ވާހަކަ އަޑުއަހަމެވެ.

ދެން ނަޒަރު ހިންގާލަން ބޭނުމީ އެންމެ މުހިންމު ނުކުތާއަކަށްވާ އެފަދަ ނުރައްކާތެރި ބަލީގެ ވެރިޔާ އެބަލީން ސަލާމަތް ވުން އެކަށީގެންވޭ ބާވައެވެ؟ އޭނާ ޠަބީޢީ މަގުމައްޗަށް އެޅުވިދާނޭ ބާވައޭ؟

އަބޫ ނަވާސްގެ ޅެންބައިތުގައި އޮންނަ ފަދައިން އެބައްޔެއްގެ ޢަމަލުތަކަކުން އެބައްޔަކަށް ބޭހެއް ނުކުރެވޭނެއެވެ. މިކަމާ މެދަކު އޮޅުމެއް ނެތެވެ. އެހެންވީއިރު ބަލިމީހާ އެބަލިން ގަދަވުން އެދޭނަމަ ފުރަތަމަ ފިޔަވަޅަކީ ކޮންމެފަދަ ހުރަހެއް އަޅައިގެން ނަމަވެސް ބަލީގެ އަމަލުތަކުން ދުރުހެލިވެގެން ފިސާރިވަރުގަދަ ޢަޒުމަކާއެކު ކެއްކުރުމެވެ. ދެން އޭގެ ފަހުގައި މިޒާޖާއި ނަފުސާއިގެން ޠަބީޢަތުގެ ސީދާމަގަށް އެރޭތޯ ޠަބީޢީ ފަރުވާތަކެއް ހޯދައިގެން ޢަމަލުކުރުމެވެ.

ބަޙްޘުގެ ބައެއްއަހުލުވެރީންގެ ބަހުގައި މީހެއްގެ ޣަރީޒާ ނުއަތަށް ނުވަތަ ފުށަތައް ޖެހިއްޖިއްޔާ އެކަމުން އެމީހަކު މުޅިޢުމުރުގައިވެސް ސަލާމަތެއްނުވާނެއެވެ. އަޅުގަނޑުމެންވެސް އެއްބަހެވެ. އެއީ ނަފްސާނިއްޔާތުންނާއި މިޒާޖުން ފިލުވައިލުން ދަތިބައްޔެކެވެ. އެކަމަކު ނުފިލާނެޔޭ ނުދަންނަވާނަމެވެ.

އަޅުގަނޑުގެ ޔަޤީނަކީ ނަފްސާނީ ބައްޔެއްގައި ފޯވެފައި ހުއްޓަސް ޢަޒުމެއްގެވެރި އިސްލާމެއްވިއްޔާ ފުރިހަމަ އީމާންކަމެއްހުރިއްޔާ މަސައްކަތްކުރީމާ އެބައްޔަކުން ސަލާމަތްވެ، ތައުބާވެގެން ޠާހިރުވެދާނޭކަމެކެވެ. ތަޤުވާވެރި ވުމުންނެވެ. ޢަޒުމުވަރުގަދަކުރުމާއެކުގައެވެ. ކެއްތެރިކަމުން މަޢޫނާ ހޯދަނީނަމަ އެވެ. ދެން ވަގުތުތަކާއި ޚިޔާލުތައް ފުރާލައިގެންނެވެ. ހެޔޮލަފާ މަތިވެރި މާއްދާތަކަކުންނެވެ.

މިޒަމާނުގެ ޑަކްޓަރުން މިބައްޔަށް ބޭސްކުރާކަމުގައި އިވެނީ އެބަލީގެ އަހުލުވެރީންނީ ޙައްދަށްވުރެ މައްޗަށް ޢަމަލު ގެންގޮސްގެން ސިކުނޑިޔަށް އުނިކަން އައިސް ބުއްދި ޚަލަލުވެފައިވާ ބަޔަކުގެ ސިފައިގައެވެ. ވީމާ، ބަލިމީހުންނަށް އެއުރެން ފަރުވާކުރަނީ ޢަޞަބީބަލިބައްޔަށް ފަރުވާކުރާ އުޞޫލާ ދާދި ގާތް އުޞޫލަކުންނެވެ.

ވިސްނޭގޮތުގައި މޫދުގައި ގިނައިރުވުމާއި، ޢާއްމުކޮށް ކެއުން ލުއިކުރުމާއި، ޚާއްޞަކޮށް މަސްކެއުން މަދުކުރުމާއި، ހާމަ ތަންތާގައި ނިދަން އާދަކުރުމާއި، ބޭރުމަތީގައި ގިނަގިނައިން ހިނގުމާއި، ހަށިގަނޑު ޙަރަކާތްތެރިވާ ކަސްރަތުގެ މާނައިގައި ނުވަތަ ސޫރައިގައިތެދުވާ ކަންތައްތައް ގިނަކުރުމާއި، މިފަދަކަންކަމަށް އިޙްތިރާމް ދެމުން ގެންދިޔުމީ އެބަލީން ސަލާމަތްވުމަށް ބާރުއަޅައިދޭ ސަބަބުތަކެއްކަމުގައި ވެދާނެއެވެ.

ނޯޓް: މިއީ 1993މ ގައި ފަތްތޫރައިގައި ޝާއިޢުކޮށްފައިވާ މަޒުމޫނެކެވެ. މަޒުމޫނު ލިއުއްވާފައިވަނީ ޢުމަރުޢީސާއެވެ. ޢުމަރު ޢީސާ އަކީ ލާމުއަތޮޅުގެ ގިނަބައެއްގެ އެދުރެއްވެސް މެއެވެ. މިޒަމާނަށްވެސް މިމަޢުލޫމާތުގެ މުހިންމުކަން ބޮޑުކަމުން މިމަޒުމޫނު ހުށައަޅާލާހިތްވީއެވެ.

Blog Widget by LinkWithin

No comments:

Post a Comment