01 July 2011

މާތް ﷲގެ ރުއްސެވުމާއި މީސްތަކުންގެ ރުހުން ހޯދާނީ ކިހިނެއް؟

އައްޝައިޚް ޙަސަން މޫސާ ފިކުރީ
أبوالعباس سهل بن سعد الساعدى ގެ އަރިހުން ރިވާވެގެންވެއެވެ. މާތް ނަބިއްޔާ މުޙައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ އަރިހަށް މީހަކު އައިސް ދެންނެވިއެވެ. "އޭ ﷲ ގެ ރަސޫލާއެވެ! އަހަރެން ކުރާ ކަމެއްގެ ސަބަބުން މާތް ﷲ އާއި އަދި މީސްތަކުންވެސް އަހަރެންދެކެ ލޯބިވާފަދަ ޢަމަލެއް ބުނެދެއްވަބައްލަވާށެވެ." ޙަދީޘްކުރެއްވިއެވެ. "ازْهَدْ فِي الدُّنْيَا يُحِبَّكَ اللَّهُ،وَازْهَدْ فِيمَا فِي أَيْدِي النَّاسِ يُحِبَّكَ النَّاسُ"
މާނައީ: "ދުނިޔޭގެ ކަންކަމާމެދު ޒާހިދުވާށެވެ. އޭރުން ތިބާދެކެ ﷲ ލޯބިވެވޮޑިގަންނަވާނެތެވެ. އަދި މީސްތަކުންގެ އަތުގައި ހުންނަ އެއްޗެހި ހޯދުމުން ޒާހިދުވާށެވެ. އޭރުން މީސްތަކުން ތިބާދެކެ ލޯބިވާނެއެވެ." (حديث حسن رواه ابنماجة وغيره بأسانيد حسنة)
ޒުހުދުވެރިވުމަކީ މަދުމިންވަރަކުން ފުއްދައިލުމެވެ. ދުނިޔޭގައި ޒުހުދުވެރިވުމަކީ ދުނިޔޭގެ އެދުވެރިކަމާއި ދަހިވެތިކަން ތިމާގެ ހިތުތެރެއިން ފިލުވައިލުމެވެ.

ދަންނާށެވެ! ދުނިޔޭގެ އެއްޗެތިން މަދުމިންވަރެއް ބޭނުންކުރުމާއި ޒުހުދުވެރިވުމަށް ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ އެވަނީ ބާރު އަޅުއްވާފައެވެ. އެކަލޭގެފާނުގެ ޙަދީޘްފުޅެއްގައި ވެއެވެ "كُنْ فِي الدُّنْيَا كَأَنَّكَ غَرِيبٌ أَوْعَابِرُ سَبِيلٍ" رواه البخاري
މާނައީ: "ތިބާއަކީ ބީރައްޓިއްސެއްގެ ގޮތުގައި ނުވަތަ ދަތުރުވެރިއެއްގެ ގޮތުގައި ދުނިޔޭގައި އުޅޭށެވެ."

އަދިވެސް ބައެއް ރިވާޔަތްތަކުގައި މިފަދައިންވެސްވެއެވެ. "ދުނިޔެއަށް ލޯބިކުރުމަކީ ހުރިހާ ކުށެއްގެ ފެށުމެވެ." މި ޢިބާރާތުން ވާރިދުވެފައިވާ ބަސްފުޅުތައް ޞައްޙަ ނޫންކަމުގައި ޙަދީޘް ޢިލްމުވެރިން ޙުކުމްކުރައްވާފައިއެވެ. ނަމަވެސް މިއީ ބަސްތަކުގެ ތެދުކަން އިސްވެދިޔަ ޙަދީޘްފުޅުތަކުން އެނގެއެވެ.

ދަންނާށެވެ ! ދުނިޔޭގައިވާ ކޮންމެ މީހަކީވެސް މެހެމާނެކެވެ. އަދި އޭނާގެ އަތުގައިވަނީ (ޢާރިޔާއެއްގެ ގޮތުގައި) އަނބުރާ ދޭގޮތަށް ނަގާފައިވާ އެއްޗެކެވެ. އަދި މެހެމާނަކުވިއްޔާ ދާނެއެވެ. އަދި ޢާރިޔާއެއްވިއްޔާ އަބުރާ ދައްކަންޖެހޭނެއެވެ. ދުނިޔެއަކީ ވަގުތީގޮތުން ހުޅުވާލެވިފައިވާ ތަނެކެވެ. އެތަނުން ހެޔޮލަފާ މީހާއާއި ނުބައިނުލަފާ ފާޖިރުންވެސް ކައިހަދައެވެ. ދުނިޔެއަކީ މާތް ﷲ ލޯބިވެވޮޑިގަންނަވާ އެކަލާނގެ ވަލިއްޔުން ރުޅިއަރާ ތަނެކެވެ. އަދި ދުނިޔެ އެދޭ މީހާ އެތަނެއްދެކެ ލޯބިވާ ތަނެކެވެ.

ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހިވަސައްލަމަ އިރުޝާދު ދެއްވާފައި އެވަނީ ދުނިޔޭގެ އެދުންވެރިކަން ދޫކޮށް އެތަނުގައި ޒާހިދުވެއްޖެ މީހާދެކެ މާތް ﷲ ލޮބިވެވޮޑިގަންނަވާނޭ ކަމުގައެވެ. ﷲ ތަޢާލާ އެކަލާނގެ އަޅުތަކުންދެކެ ލޯބިވެވޮޑިގަތުމަކީ އެމީހުންނާއި މެދު އެކަލާނގެ ރުހިވޮޑިގަތުމެވެ.

އަދި މީސްތަކުންގެ ލޯބި ހޯދަން އެދޭމީހާ، އެމީހުންގެ އަތުގައިވާ ތަކެތި ހޯދަން އެދުމުން އެއްކިބާވުމަށް އެވަނީ އިރުޝާދު ދެއްވާފައެވެ. އަދި ދުނިޔޭގެ އެދުންވެރިކަން ދޫކޮށްފިމީހަކު، މީސްތަކުންގެ އަތުން އެއްޗެއް ހޯދާކަށް ނޫޅޭނެވެ. އެއީ އެމީހުންގެ އަތުގައި ވާތަކެއްޗާމެދު އެކަކު އެނެކަކު ރުޅިވެރިވެ އެކަކަށްވުރެ އަނެކަކު ކުރިއަރައިދާން މަސައްކަތް އެކުރަނީ ދުނިޔެ ހޯދުމުގައެވެ.

މާތް ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.
"مَنْ كَانَتْ الآخِرَةُ هَمَّهُ جَعَلَ اللَّهُ غِنَاهُ فِي قَلْبِهِ وَجَمَعَ لَهُ شَمْلَهُ وَأَتَتْهُ الدُّنْيَا وَهِيَ رَاغِمَةٌ وَمَنْ كَانَتْ الدُّنْيَا هَمَّهُ جَعَلَ اللَّهُ فَقْرَهُ بَيْنَ عَيْنَيْهِ وَفَرَّقَ عَلَيْهِ شَمْلَهُ وَلَمْ يَأْتِهِ مِنَ الدُّنْيَا إِلَّا مَا قُدِّرَ لَهُ" رواه الترمذي وصححه الألباني.
މާނައީ: "ތިމާ އެއްމެ އިސްކަމެއް ދޭ އެއްޗަކީ އާޚިރަތް ކަމުގައި ހަދާފި މީހެއްގެ، ހިތުގައި އޭނާގެ ފުދުންތެރިކަން ލައްވަވައެވެ. އަދި އޭނާގެ ކަންތައްތަކުގައި ޘާބިތުކަން ﷲ ލައްވަވައެވެ. އަދި އޭނާގެ ދުނިޔެ އޭނާއާ ބައްދަލުކުރަނީ އޭނާ އެތަނާމެދު ނުރުހޭ ހާލުގައެވެ. އަދި ތިމާ އެއްމެ އިސްކަމެއް ދޭ އެއްޗަކީ ދުނިޔެ ކަމުގައި ހަދައިފި މީހެއްގެ ކަންތައްތައް މާތް ﷲ ބައިބައިކުރައްވައެވެ. އަދި އޭނާގެ ފަޤީރުކަން އޭނާގެ ލޮލުގެ ކުރިމަތީގައި ލައްވަވައެވެ. އަދި އޭނާއަށް ދުނިޔެއިން ލިބެނީ ހަމައެކަނި އޭނާއަށް މިންވަރުކުރައްވާފައިވާ އެއްޗެއް އެކަންޏެވެ."
މިޙަދީޘްފުޅާމެދު ވިސްނައިލުމުން، އެނގޭގޮތުގައި މާތް ﷲ ހަދުމަކުރާ މީހަކު، އަދި އާޚިރަތަށް ތައްޔާރުވުމުގައިވާމީހާއަށް ދުނިޔޭގެ މަތީ މަޤާމުތަކެއް ބޮޑެތި މުސާރަތަކެއް ގިނަފައިސާތަކަކުން އޭނާގެ ހިތްލެނބިގެނެއް ނުދާނެއެވެ. އެތަކެއްޗަކީ ކޮންމެވެސް ދުވަހަކުން އޭނާ ދޫކޮށްފައި ދާންޖެހޭ ތަކެތިކަން އޭނާ ހަނދާންހުރެއެވެ.

ނަމަވެސް ދުނިޔޭގެ އެދުންވެރިކަމުގައި އުޅޭ މީހާގެ ލޮލުގެ ކުރިމަތީގައި އޭނާގެ ފަޤީރުކަންވެއެވެ. އެބަހީ އޭނާ ފަޤީރުވެދާނެކަމަށް އަބަދުވެސް ކަންބޮޑުވާނެއެވެ. ދުނިޔެއިން ބޮޑު މުސާރަޔާއި، މަތީ މަގާމުތަކާއި ގިނަގުނަ މުދާލަށް އޭނާއެދެވެ. އޭނާގެ ދަހިވެތިކަން ކޮޅުންނުލައެވެ. ނަމަވެސް އޭނާއަށްވެސް ލިބޭނީ އޭނާއަށް މިންވަރު ކުރައްވާފައިވާ އެއްޗެއް އެކަންޏެވެ.

އުފާވެރިޔަކީ އަބަދަށް ދެމިގެންވާ ފަނާވުމެއްނެތް ޙަޔާތުގެ ނިޢުމަތައް އެދި ހެޔޮ ޢަމަލުތައްކޮށް، އެތަނުގެ ޢަޛާބަށް ނިމުމެއްނުވާކަން އަބަދުމެ ހަނދާނުގައި ބަހައްޓައިގެން އުޅޭ، ފާފަތަކުން އެއްކިބާވުމަށް މަސައްކަތްކުރާ މީހާއެވެ.
...............................
ރާއްޖެއިސްލާމް.ކޮމް އިން ނަގާފައި

Blog Widget by LinkWithin

No comments:

Post a Comment