02 October 2009

މިއުޒިކުގެ ސަބަބުން ހިތާއި ފުރާނައަށް

ހަމަ ޙަޤީޤަތުގައިވެސް މިއުޒިކަކީ އޭގެ ސަބަބުން ހިތް ހަމަޖެހުން ލިބޭ އެއްޗެއްބާ؟ މިއުޒިކު އަޑުނާހާ މީހުންގެ ހިތްތައް ވަނީ ހިތްހަމަޖެހުމާއި އުފާވެރިކަމުން މަޙްރޫމްވެފައިބާ؟ މިއުޒިކުގައި އާދަޔާ ޚިލާފު "ގެއްލުންތަކެއް" އެކުލެވޭބާ؟

އިބުނު ޤައްޔުމު ރަޙިމަހުﷲ ވިދާޅުވިއެވެ. "ތިމާގެ ބުއްދިއާއި،ޢިލްމާއި، ދީނުގެ ގޮތުން އުނިވެފައިވާ؛ ބާޠިލު، ޖާހިލުންގެ ހިތްތައް ޝިކާރަކުރުމަށް ޓަކައި ﷲގެ ޢަދުއްވުގެ މަކަރާއި ހީލަތުގެ ތެރޭގައި ހޯއްގޮވުމާއި ތުބުންފުމުން، އަދި އަތްތިލަބަޑިއާއި، ލަވަޔާއި މިޔުޒިކު އަޑު އިއްވުން ހިމެނެއެވެ. އެއީ ހިތްތައް ކީރިތި ޤުރުއާން ކިޔެވުމުން މަނާކުރުވައި، އަދި އޭނާ ހަޑިހުތުރު ކަންކަމާއި އުރެދުމުގެ މަތީގައި ބައިންދާ އެއްޗެކެވެ. ފަހެ އެއީ ޝައިޠޯނާގެ ޤުރުއާނެވެ. އަދި ރަހުމާނުވަންތަ ރަސްކަލާނގެ ޙަޞުރަތާއި އޭނާއާއި ދެމެދުގައި ވާ ބޯ ފަރުދާއެވެ. އަދި އެއީ ލިވާޠާއި ޒިނޭގެ މެތުރުމެވެ. އަދި ފާސިގު ޢާޝިގުން އެއުރެންގެ މަޢުޝޫގުންގެ ގާތުން ކޮޅުނެއްކޮޅަށް ކަންތައްތައް ލިބިގަންނަނީ އޭގެ ޛަރިއްޔާއިންނެވެ. އަދި ބާޠިލު ހިތްތަކާއި ޝައިތޯނާ ގާތްވަނީ އޭގެ ސަބަބުންނެވެ. އަދި ހިތްމޮޅުކަމާއި ކިބުރުވެރި ކަން އެކުލެވޭގޮތަށް އެހިތްތަކަށް އެކަން ރީތިކޮށްދެއެވެ. އަދި ބާޠިލު ކަންކަން އެހިތްތަކަށް ރީތި އެއްޗެއްގެ ގޮތުގައި ވަސްވާސް ކުރެއެވެ. ދެން އޭނަގެ އެވަސްވާސްތައް ޤަބޫލުކުރެއެވެ. މިކަމުގެ ސަބަބުން ޤުރުއާނާއި އަޅައި ނުލައި އެ ދޫކޮށްލައެވެ. ފަހެ އެ އަޑުއެހުމުގައި ވަނިކޮށް ކަލޭ އެތަން ފެންނާނެނަމައެވެ! އެބައިމީހުންގެ އަޑުމަޑުވެ، ޙަރަކާތްތައް މަޑުވެ، އެބައިމީހުންގެ ހިތްތައް އެކުގައި އޭގެމައްޗަށް ހުއްޓި، އެކަތިގަނޑެއްހެން އެއާއި ދިމާއަށް ގަނޑުވެފައި ވަނިކޮށް ދެކޭނެއެވެ. ފަހެ އެބައިމީހުން އެއާއި ދިމާއަށް ލެނބިފައި ވެއެވެ. އެއީ ނަޝްވާނުން ލެނބިގެންވާ ފަދައަކުން ނޫނެވެ. އަދި އެއުރެން އެމީހުންގެ ހަރަކާތްތަކުގަޔާއި ނެށުމުގައި މުގުރެމުން ބިނދެމުން ދާނެއެވެ. މުޚަންނިސުން(ޚުންސާއިން) ނާއި ނަޝްވާނުންގެ ބިނދުންތައްކަލޭ ދެކުނިންހެއްޔެވެ! އަދި އެއީ އެމީހުނަށް ހައްގުވެގެންވާ ގޮތެވެ. އެހެނީ އެއުރެންގެ މަސްތު އެމީހުންގެ ނަފްސުތަކާއި އެކުވެފައި ވެއެވެ. ފަހެ އެމީހުން އެކަމުގައި [حُميَّا الكُئُوس] ކުރާ އެއްމެ ބޮޑެތި ކަންތައްތައް ކުރެއެވެ. ޣައިރުﷲ އަށެވެ. އަދި ކިޔެއް ޝައިތޯނާ އަށެވެ. ހިތްތައް އެތަނުގައި ވީދެއެވެ. ﷲގެ އުރެދުމުގައި މުދާތައް އެތަނުގައި ހޭދަކުރެވެއެވެ. އެބައިމީހުން އެއުރެންގެ ޙަޔާތް ލައްޛަތާއި މިޔުޒިކުގައި ހޭދަކުރެއެވެ.

އަދި އެބައިމީހުން ކުޅިވަރާއި މަޖަލަކީ އެމީހުންގެ ދީންކަމުގައި ހަދައެވެ. ޤުރުއާނުގެ ސޫރަތެއް އަޑުއެހުމަށްވުރެ ޝައިތޯނާގެ މިޒްމާރު އެހުން އެމީހުންގެ ގާތުގައި މާ ލޮބުވެތިކަން ބޮޑުވެގެން ވެއެވެ. އަދި އެއިން މީހަކު ޤުރުއާން ފަށައިގެން ނިމެންދެން އަޑުއެހި ނަމަވެސް އެއިން އެއްމެ ކެހެރިއެއްވެސް ނުގުޑާހުއްޓެވެ. [ولا أزعج له قاطنا] ޝައިތޯނާގެ ޤުރުއާން އޭނާގެ މައްޗަށް ކިޔެވި އޭނާގެ ކަންފަތަށް ޝައިތޯނާގެ މިޒްމާރުގެ އަޑު ވަދެއްޖައުމަށް ދާންދެން .. އެހިސާބުން އޭނާގެ ހިތުން ވަޖިދުގެ އާރުތައް ފަޅައިގެން ގޮސް ލޮލުގެމަތިންނާއި ދެފައިގެމަތިން ހިނގައި ނެށެންފަށައެވެ. އަދި ދެއަތްތިލައިގެމަތިން ހިނގައި އަތްތިލަބަޑި ޖެހެން ފަށައެވެ. އަދި އޭނާގެ ހުރިހައި ގުނަވަނެއްގެމަތިން ހިނގައި އެތަންތަން ތަޅުވައި ނަށަން ފަށައެވެ. އަދި އޭނާގެ ނޭވައިގައި ހިނގަންފެށުމުން އެއުފުލެން ފަށައެވެ.

އޭ މިހިރަ ފިތުނަވެރި ކުރާ، ފިތުނަވެރިވެފައިވާ މީހާއެވެ! ތިމާއަށް މާތް ﷲގެ ޙަޟުރަތުން ލިބިފައިވާ ނަޞީބުކޮޅު ޝައިތޯނާގެ ބަޔަށް ވިއްކައިލައި އަތްމަތި ހުސްވެ ގެއްލުންވެފައިވާ މީހާއެވެ! ކީރިތި ޤުރުއާން އަޑުއަހާއިރު ކަލޭއަށް ތިޔަ ޝައުގުވެރިކަން ނާންނަނީ ކީއްވެގެން ހެއްޔެވެ؟! ތިޔަ ހުރިހައި ޛައުގަކާއި ވަޖިދެއް ކީރިތިޤުރުއާން ކިޔަވާއިރު ވެއެވެ؟ އެކަމަކު ކޮންމެ މީހަކުވެސް ދަނީ އެމީހަކާއި މުނާސަބު އެއްޗަކާއި ދިމާއަށެވެ. އަދި ލެނބެނީ އެމީހަކާއި ވައްތަރު އެއްޗަކާއި ދިމާއަށެވެ".
____________________
(އިޣާސަތުއްލަހުފާނު މިން މަކާޔީދިއްޝައިތޯނު ފޮތުން ކުރުކޮށް).

Read more...