15 April 2012

ހަމައެކަނި ސަބަބަކީ އޭގެ ނަތީޖާ ނެރެދިނުމުގެ ކުޅަދާނަކަން ލިބިގެންވާ އެއްޗެއް ނޫން

މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު
ސަބަބުތަކުގައި ހިފުމަކީ ވަކީލުކުރުމުގެ އެއްރުކުނެވެ.

ހަމައެކަނި މާއްދާގެ މައްޗަށް ވަކީލުކޮށްގެން، ހަމައެކަނި ދުނިޔެއަށްޓަކާ ދިރިއުޅޭ ބައެއް މީހުން ދެކޭ ގޮތުގައި، ސަބަބުން ނުކުންނަ ނަތީޖާ އުފައްދާ އެއްޗެކީ ސަބަބެވެ. ވީމާ ބޭހަކީ އޭގެ ޒާތުން ފަރުވާ ލިބޭ އެއްޗެކެވެ. ކާމިޔާބަށް ވާޞިލުކޮށްދޭ އެއްޗަކީ މަސައްކަތް އެކަންޏެވެ.

އެފަދަ މީހުން ދެކޭގޮތުގައި އެހެންފަރާތަކަށް ބަރޯސާވުމެއް ނުވެއެވެ. ނަމަވެސް މިއީ، ޙަޤީޤަތާއި މުޅިން ޚިލާފު ވާހަކައެކެވެ. ފަހަރެއްގައި ސަބަބު އޮވެފައި، ސަބަބުން ނުކުންނަންޖެހޭ ނަތީޖާ ނުނުކުމެ ވެސް އޮވެދާނެއެވެ. ބޭސްކޮށްގެން ފަރުވާ ނުލިބޭ ފަހަރުވެސް އާދެއެވެ. ދެމީހަކަށް އެއް ބައްޔެއް ޖެހިގެން، ހަސްފަތާލެއްގެ އެއް ކޮޓަރީގައި، އެއް ޙަކީމެއްގެ އަތްމައްޗަށް، އެއް ފަރުވާއެއް ދެމުންދަނިކޮށް، އެކަކަށް ޝިފާލިބިފައި އަނެކަކު މަރުވެސް ވެދާނެއެވެ. ދަނޑުވެރިއަކު އެންމެ ޒަމާނީ އާލަތްތައް ބޭނުންކޮށްގެން ފަސްގަނޑުޖަހާ، އެންމެ މޮޅު ގަސްކާނާ އަޅައި، އެންމެ މޮޅު މުޑުވައް ލައިގެން ދަނޑު އިންދައިގެން ހުއްޓާ، އާދަޔާ ޚިލާފަށް ޖައްވު ހޫނުވެގެން ނުވަތަ ފިނިވެގެން، ނުވަތަ ވާރޭ ނުވެހި ދަނޑު ހަނަފަސްވެގެން، ނުވަތަ ފެންބޮޑުވެގެން، ކޮށްފައިވާ ހުރިހާ ކަމެއް ބޭކާރުވެގެން ދެއެވެ.

ވީމާ، ހަމައެކަނި ސަބަބު އެއީ، އޭގެ ނަތީޖާ ނެރެދިނުމުގެ ކުޅަދާނަކަން ލިބިގެންވާ އެއްޗެއް ނޫނެވެ. އަދި އަނެއްކޮޅުން، ކަންކަމުގެ ސަބަބުތައް އިހުމާލުކޮށްލުމަކީ، ބުއްދީގެ ގޮތުން ހަމަޖެހޭ ކަމެއްވެސް ނޫނެވެ. ބުއްދީގެ ހަމަތަކަށް ފެތޭ، އަދި ދީނުގައި އަމުރުކުރެވިފައިވަނީ، އިންސާނުން އެމީހުން ކުރާ ކޮންމެ ކަމެއްގައި ވެސް، އެކަމަކަށް ބޭނުންވާ ހުރިހާ ސަބަބުތަކެއްގައި ހިފުމަށެވެ. އަދި މިއަށް ފަހު، އޭގެ ނަތީޖާ ޙާޞިލުކޮށްދެއްވުން އެދި ﷲ އަށް ދުޢާ ދެންނެވުމަށެވެ. އަދި ކަންކަން ނިންމަވަނީ ހަމައެކަނި ﷲ އަށް ޤަބޫލުކޮށް އެއިލާހުގެ ނިޔާފުޅަށް ރުހި އެއިލާހަށް ބަރޯސާވުމެވެ. އެއިލާހަށް ޔަޤީންކަމާއެކު ފުރިހަމައަށް އިޢުތިމާދުކުރުމެވެ. ޖަމަލު އައްސާލާފައި، ދެން އެ ނުގެއްލި ރައްކާކަންމަތީ އޮތުން، ﷲ އާ ވަކީލުކުރާށެވެ. ރަނގަޅަށް ފިލާވަޅު ދަސްކުރުމަށް ފަހު، ދެން އިމްތިޙާނުން ފާސްވުން، ﷲ އާ ވަކީލުކުރާށެވެ. ފާސްވުން އެދި ދުޢާކުރާށެވެ.

ޙަޤީޤީ ވަކީލުކުރުމަކީ މިއީއެވެ. ﷲ އާ ވަކީލުކުރުމަކީ ފަހަރެއްގައި ވެސް، ސަބަބުތަކާ މެދު އިހުމާލުވެ ފަރުވާކުޑަކޮށްލުމެއް ނޫނެވެ. ކައުނުގައި ﷲ ލައްވާފައިވާ ޤާނޫނުތައް ބޭކާރުކޮށްލުމެއް ނޫނެވެ. އަދި، ގެއްލުމާއި މަންފާ ދެއްވާ ހަމައެކަނި ފަރާތަކީ މާތް ﷲ ކަން ހަނދާން ނައްތާލުމެއް ވެސް ނޫނެވެ.

ސަބަބުތަކަކީ އޭގައި ކޮންމެހެން ވެސް ހިފަހައްޓަންޖެހޭ އެއްޗެކެވެ. މީގެ ބޭނުން ހިފުމަކީ ދީނުގެ އަމުރުތަކަށް ވެވޭ ކިޔަމަންތެރިކަމެކެވެ. ކައުނު ހިނގުމަށް މާތް ﷲ މެދުވެރި ކުރައްވާފައިވާ ޤާނޫނުތަކަށް ވެވޭ ތަބާއެކެވެ. ނަމަވެސް ހަނދާން ނައްތާލައިގެން ނުވާނެ ކަމަކީ، ހަމައެކަނި ސަބަބުން ފުއްދާނުލެވޭނެ ކަމެވެ. އެހެނީ، ކަންކަމުގެ ނަތީޖާއަކީ މާތް ﷲ ގެ އަތްޕުޅުގައިވާ އެއްޗެކެވެ. ވީމާ ޙައްޤު ގޮތުގައި ﷲ އާ ވަކީލުކުރާ މީހަކީ، ބޭނުންވާ ކަމަށް ވާޞިލުވުމަށްޓަކައި ކުރަންޖެހޭ ހުރިހާ ކަމެއް ކޮށް، ހިފަންޖެހޭ ހުއްދަ ހުރިހާ ވަސީލަތެއްގެ ބޭނުން ހިފައި، ނަތީޖާއަށް ވާޞިލުކޮށްދެއްވާ ފަރާތަކީ ﷲ ކަމަށް އީމާންވެ، ﷲ އާ ވަކީލުކުރާމީހާއެވެ.

Read more...

05 April 2012

ޙަޤީޤީ ޚަޒާނާ

ތަރުޖަމާ: އަލްއަޚް އަނަސް އަލްމާލްދީފީ
އެއްރެއަކު ވައްކަން ކުރާ މީހެއް މާލިކް ބިން ދީނާރު ރަޙިމަހުﷲގެ ގެއަށް، އެގޭގެ ފާރުތައް ގިރާކޮށް ވަނެވެ. ގޭތެރެއަށް ވަދެ ފެނުނު މަންޒަރުން އެވައްކަން ކުރާ މީހާ ވަރަށް ހިތްހަމަނުޖެހުނެވެ. އެއީ ވަގަށް ނަގާނޭ އެއްވެސް އެއްޗެއް އޭނާއަކަށް ނުފެނުނެވެ. ގޭގެ ވެރިމީހާ އެވަގުތު ގޭގައި އުޅުނެވެ. އެހެނަސް އޭނާ ހުރީ އޭނާގެ ވެރި ރައްބުގެ ޙަޟްރަތަށް އެނބުރި މުނާޖާ ދަންނަވަން ނަމާދުގައެވެ. ކޮންމެއަކަސް ގޭގައި އިތުރު މީހަކު ވަދެ އެބައުޅޭ ކަމުގެ އިޙްސާސްތަކެއް ކުރެވުމުން، މާލިކް ބިން ދީނާރު ރަޙިމަހުﷲ ނަމާދު ކުރުކޮށްލުމަށް ފަހު، އެވައްކަން ކުރާމީހާ އާއި ދިމާލަށް އެނބުރިލިއެވެ.

އެއަށްފަހު އެއްވެސް ސިހުމެއް ޖެހިލުމެއްނެތި އަދި އެފަދަ ޢަލާމާތެއް ވެސް ނުދައްކާހުރެ މާލިކް ބިން ދީނާރު ރަޙިމަހުﷲ އެމީހާއަށް ސަލާމް ގޮވާލިއެވެ. އަދި ބުންޏެވެ. ”އޭ މާގޭ އަޚާ، ﷲ ތިބާގެ ފާފަތައް ފުއްސަވާށިއެވެ. ތިބާ އަހަރެންގެ ގެއަށްވަދެ ބެލި ބެލުމުން ގެންދާނެ އެއްވެސް އަގުހުރި އެއްޗެއް ނުފެނުނެވެ. އެހެނަސް ކޮންމެވެސް ފައިދާ އަކާއިއެކު މެނުވީ މިގެއިން ތިބާ ފޮނުވާލާކަށް އަހަރެން ޤަޞްދެއް ނުކުރަމެވެ." ޖެހިގެންހުރި ކޮޓަރިއަށް ގޮސް ޖަގަކަށް ފެން އަޅައިގެން އައެވެ. އަދި އެމީހާއާއި ދިމާލަށް ބަލަމުން ބުންޏެވެ. ”ވުޟޫ ކުރާށެވެ. އަދި އެއަށްފަހު ދެ ރަކްޢަތް ނަމާދެއް ކުރާށެވެ. ތިބާ އެކަން ކޮށްފިއްޔާ ތިބާ މިގެއިން ދާނީ މިގެއަށް ވަންއިރު ތިބާ މިގެއިން ގެންދަން ހިތަށް އެރިވަރަށް ވުރެ އަގުބޮޑު ޚަޒާނާއެއް ހިފައިގެންނެވެ."

މާލިކް ބިން ދީނާރުގެ ބަސްތައް އަޑު އިވުމުން އެމީހާ ވަރަށް މަޑުމޮޅި ވެއްޖެއެވެ. އަދި ބުންޏެވެ. ”އާނއެކެވެ. ތިޔައީ ވަރަށް ރަނގަޅު ހުށެހެޅުމެކެވެ.“ ވުޟޫ ކުރުމަށްފަހު، ދެރަކްޢަތް ނަމާދެއް ކުރުމަށްފަހު އެމީހާ ބުންޏެވެ "އޭމާލިކްއެވެ. އަހަރެން އަދި މަޑުކޮށްލިއަސް އެންމެ ރަނގަޅުހެއްޔެވެ؟ އަދި ދެރަކްޢަތް ކުރަން އެބަ ބޭނުންވެއެވެ." މާލިކް ބުންޏެވެ. ”ތިބާއަށް ﷲ މިންވަރު ކުރެއްވިވަރަކަށް ނަމާދު ކުރަން މަޑުކުރާށެވެ.“ އޭނާ މުޅި ރޭ ހޭދަކުރީ މާލިކްގެ ގޭގައެވެ. އަދި ފަތިސް ވަންދެން އަޅުކަން ކުރުމުގައި ދެމިހުއްޓެވެ.

ހެނދުނުވުމުން މާލިކް ބިން ދީނާރު ރަޙިމަހުﷲ ބުންޏެވެ. ”ދެން ދާށެވެ! އަދި މީގެ ފަހުން ރަނގަޅަށް އުޅޭށެވެ.“ އެކަމަކު އެމީހާ ޖަވާބުގައި ބުންޏެވެ. ”އަހަރެން މިއަދު މަޑުކުރިއަސް އެންމެ ރަނގަޅުހެއްޔެވެ. މިއަދު ރޯދައަށް ހުރުމަށް ނިޔަތް ގަނެފީމެވެ.“ މާލިކް ބިން ދީނާރު ރަޙިމަހުﷲ ޖަވާބުދިނެވެ. ”ތިބާ ބޭނުން ދުވަހެއް ވަންދެން މަޑުކުރާށެވެ.“

އެމީހާ ދުވަސްކޮޅެއް ވަންދެން އެގޭގައި މަޑުކުރިއެވެ. ރޭގަނޑުގެ ފަހުބައިގައި އަޅުކަން ކުރުމުގައި ދެމިހުއްޓެވެ. އަދި ދުވާލުތަކުގައި ރޯދައަށް ހުރެއެވެ. ދެން އެންމެފަހުން ވަކިވާން ޖެހޭ ވަގުތު އައުމުން މާލިކް ބިން ދީނާރަށްށް އޭނާ ބުންޏެވެ. ”އޭ މާލިކްއެވެ. ކުރީގައި އުޅެވުނު ގޮތަށް އަދި އަހަރެންގެ ފާފަތަކަށް ތައުބާވެ، ﷲ ގެ ޙަޟްރަތަށް ރުޖޫޢަވުމަށް ޢަޒުމް ކަނޑައަޅައިފީމެވެ.“ މަލީކް ބިން ދީނާރު ބުންޏެވެ. ”ތިބާގެ ތިޔަ ކަންތައް ވަނީ ﷲ ގެ ޙަޟްރަތުގައެވެ.“

އޭނާއަށް ﷲ އާއި ދެމެދު ވެވުނު ޢަހްދުގެ މައްޗަށް ތަޤްވާވެރި މީހެއްގެ ގޮތުގައި ޙަޔާތުގެ ދުވަސްތައް ވޭތުކުރަމުން ދިޔައެވެ. އެހެން އުޅެނިކޮށް އޭނާގެ ވައްކަން ކުރި ޙަޔާތުގެ އެކުވެރިއަކާ ދިމާވެގެން އެމީހާ އޭނާއާއި ސުވާލު ކުރިއެވެ. ”ކޮބާ ޚަޒާނާއެއް ލިބިއްޖެތަ؟“ އޭނާ ޖަވާބުގައި ބުންޏެވެ. ”އަޚާ، އަހަންނަށް ލިބުނީ ’މާލިކް ބިން ދީނާރު‘ އެވެ. އަހަރެން އެގެއަށް ވަނީ ވައްކަން ކުރާށެވެ. އެކަމަކު އަހަރެންގެ ހިތް ވަގަށް ނެގީ އޭނާއެވެ. އަހަރެން ﷲ އަށް ތައުބާ ވެއްޖެއީމެވެ. އަދި މިގޮތުގައި ޞާލިޙް މީހުން ޙާޞިލް ކުރި މަޤާމުތައް ޙާޞިލުވަންދެން އިރާދަކުރެއްވިއްޔާ ދެމިހުންނާނަމެވެ.“

އަޞްލު: މުޙައްމަދު ޢަބްދުލް މުޣައްވިރީގެ ފޮތް ’ ތައުބާގެ ވާހަކަތައް‘
__________________
www.dheen.info

Read more...