24 February 2011

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ކައިވެނިފުޅުތަކާމެދު ދެކެވޭ ދޮގުވާހަކަ ތަކުގެ ޙަޤީޤަތަކީ ކޮބާ...؟

އަލްއަޚް ބިލާލް ޢަބްދުއްސައްތާރު
އިސްލާމް ދީން ފެށުނީއްސުރެ އަބަދުވެސް ދީނުގެ ޢަދުއްވުން އުޅެމުންދެއެވެ. އެކިދުވަސްވަރު އެކި ހިސާބު ތަކުގައެވެ.
އިސްލާމްދީނުގެ ޤަދަރު ކުޑަކޮށް ދީނާ މެދު މުސްލިމުންގެ ހިތުގައި ނުރުހުންތެރިކަން އުފެއްދުމަށް 18 ވަނަ ޤަރުނުގެ ކުރީކޮޅުގައި ކްރިސްޓިއަން ދީނުގެ ލިޔުންތެރިން އާ ގޮތް ގޮތަށް މަސައްކަތް ކުރަން ފެއްޓިއެވެ. މިގޮތުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަޞައްލަމަ ގެ އަގުވައްޓާލާ، މުސްލިމުންގެ ހިތުގައި ﷲ ގެ ދީނަށް ދެވިފައިވާ ލޯތްބާއި ޢިޙްތިރާމް، ނަފްރަތަށް ބަދަލު ކޮށްލުމަށްޓަކައި ތަފާތު ދޮގުވާހަކަތަށް އެކިމީޑިޔާތަކުގައި ޝާއިޢު ކުރަންފެށިއެވެ.
މިމީހުންގެ މި ޕްރޮޕެގެންޑާ ފެތުރުމުގައި އަޞްލެއްކަމަށް ބަލާފައިވަނީ 15 ވަނަ ޤަރުނުގައި ކްރިސްޓިއަން ދީނުގެ ލިޔުންތެރިއެއް ލިޔެފައިވާ ފޮތެކެވެ. މި ފޮތުގެ ނަމަކަށް ލިޔުންތެރިޔާ ދީފައިވާ ނަމަކީ "ރެފިއުޓޭޝަން ޓް ދަ ރިލިޖެން އޮފް މުޙައްމަދު" - މާނައަކީ "މުޙައްމަދު (ޞައްލަﷲ ޢަލައިހި ވަސައްލަމް) ގެނެސްދެއްވި ދީނަކީ ޞައްޙަ ދީނެއް ނޫންކަން ސާބިތުކޮށްދިނުން" މިއެވެ. އިސްލާމްދިނާ ދެކޮޅަށް ލިޔާ ލިޔުންތެރިން މަޢުލޫމާތު ނަގާ މައިގަނޑު ފޮތަކަށް މިފޮތް ވެގެން ދިޔައެވެ. މިފަދަ ލިޔުންތެރީންނަށް އިސްލާމީ ތާރީޚާއި އިސްލާމް ދީނާބެހޭ ހަޤީޤީ މަޢުލޫމާތު ލިބިފައެއްނުހުރެއެވެ.

އެބައިމީހުން އޭރުވެސް މިހާރުވެސް މުސްލިމުން ވާވައްދަން އެންމެ ބޮޑަށް މަސައްކަތް ކުރަނީ އެކަލޭގެފާނު ކުރައްވާފައިވާ ކައިވެނި ފުޅުތަކާމެދު ޙަޤީޤަތާޚިލާފް ވާހަކަތައް ފަތުރައިގެންނެވެ. އެބައިމީހުން ދަޢުވާކުރާގޮތުގައި އެހެނިހެން މުސްލިމުންނަށް ހަތަރު ކައިވެންޏަށް ލިމިޓް ކުރެވިފައި، އެކަލޭގެފާނު އެއްފަހަރާ ގިނަ ކައިވެނިތަކެއް ކުރައްވާފައި އެވަނީ އެކަލޭގެފާނުގެ ޖިންސީ އެދުންވެރި ކަމުގެ ބޭނުމުގައެވެ. ނަމަވެސް މީ އެއްވެސް ޙަޤީޤަތެއްނެތް ވާހަކަތަކެއްކަން އެކަލޭގެފާނުގެ ކައިވެނި ފުޅުތަކަށް އިންސާފްގެ ނަޒަރަކުން ބަލައިފި ކޮންމެ މީހަކަށް ހާމަ ވެގެންދާނެއެވެ. އެބައިމީހުން މިފަދަ ވާހަކަތައް ދައްކާތީ މުސްލިމުން ހައިއިރާންވާކަށް ނުޖެހެއެވެ. މިއީ ދިނުގެ ޢަދުއްވުންނެވެ. ފަހަކަށް އައިސް އެބައިމީހުންގެ އަތްތަކުން ލިޔެފައިވާ ބައިބަލް ގައިވެސް އެބައިމީހުންގެ ނަބިއްޔުންނަކީ ޒިނޭކުރާ ބައެއް ކަމުގައި ބަޔާން ކޮށްފައި އެބަހުއްޓެވެ.

ކޮންމެއަކަސް، މިބައިމީހުންގެ ކްރިސްޓިއަން ކާބަފައިންގެ ފަރާތުން ލިބިފައިވާ ޞައްޙަނޫން މަޢްލުމާތުތަކެއްގެ މައްޗަށް ބިނާކޮށް، ﷲ ގެ ރަސޫލާ އާމެދު ދޮގުވާހަކަތައް ފަތުރަމުންގެންދިއުމުގެ އެންމެ ބޮޑު ބޭނުމެއްކަމުގައި ވެފައިވަނީ އިސްލާމް ދީން ފެތުރެމުންދާ ހަލުވިމިނުގެ ސަބަބުން އެކަން އެބައިމީހުންނަށް ތަޙައްމަލު ނުކުރެވިގެނެވެ. އިސްލާމްދީން ފެތުރެމުންދާ ބާރު ސްޕީޑް ކުޑަ މިންވަރެއް ނަމަވެސް މަޑު ޖައްސާލުމުގެ އުންމީދުގައެވެ. ނަމަވެސް އެކަން އެބައިމީހުންނަށް ކާމިޔާބު ވަމަކުން ނުދެއެވެ. ސަބަބަކީ އަހަރެމެންގެ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް އާމެދު ލިޔެވެމުންދާ ދޮގުވާހަކަތަކާ ދެކޮޅަށް، ވަކި އަތަކަށް ނުޖެހޭ ކްރިސްޓިއަން ދީނުގެ ލިޔުންތެރިން ގެ ބައެއް ލިޔުންތައް މިއަދު ފެންނަމުންދާތީއެވެ.

އެބައިމިހުން އެކަލޭގެފާނާމެދު އެ ދައްކާ ދޮގުވާހަކަތަކަކީ މުސްލިމުންނަށް ޤަބޫލު ކުރެވޭނޭ ވާހަކަ ތަކެއްނޫނެވެ. ސަބަބަކީ މިއީ މުސްލިމުންގެ އަޤީދާއާ ގުޅިފައިވާ ކަމަކަށް ވާތީ އެވެ.

މައްސަލައިގެ ހަޤީޤަތަކީ ކޮބާ؟

ވަކި އަތަކަށް ނުޖެހޭ، މުސްލިމު އަދި ކްރިސްޓިއަން، ތާރީޚް ޢިލްމުވެރިން އެއްބަސްވެވަޑައިގަންނަވާ ގޮތުގައި އެކަލޭގެފާނު ކުރައްވާފައިވާ ކައިވެނި ފުޅުތަކަކީ އެއްވެސް ޙާލެއްގައި އެކަލޭގެފާނުގެ ޖިންސީ އެދުންވެރި ކަމެއްގެ ސަބަބުން ކުރައްވާފައިވާ ކައިވެނިފުޅުތަކެއް ނޫނެވެ. އެބޭފުޅުން ވިދާޅުވާ ގޮތުގައި އެފަދަ ޖިންސީ އެދުންވެރި ކަމެއްގެ ސަބަބުން އެކަލޭގެފާނު ކައިވެނިފުޅު ކުރެއްވިނަމަ، އުމުރުފުޅުން އެންމެ 25 އަހަރުފުޅުގައި، ޒުވާންކަމުގެ އެންމެ ތާޒާ ދުވަސްވަރު، ކުރިން މީހަކާ ކައިވެނި ބައްލަވައި ގެންފައިވާ، ހުވަފަތް އަންހެންކަނބަލެއް ކަމުގައިވާ އުމުރުފުޅުން 40 އަހަރުގެ ޚަދީޖަތުގެފާނާ ކައިވެނި ބައްލަވައި ނުގަތީސްކަމުގައެވެ. ހަމަ އެކަނި އެކަމަނާއާ ކައިވެނި ބައްލަވައި ގެން ގިނަ އަހަރުތަކެއް އެކަލޭގެފާނު އުފާވެރި ދިރިއުޅުމެއް އުޅުއްވިއެވެ. ޢަރަބިންގެ ޒުވާން ރީތި އަންހެން ކުދީން އެކަލޭގެފާނާ ކައިވެނި ބައްލަވައިގަންނަން ތައްޔާރަށް ހުންނެވި ހިނދުގައިވެސް މެއެވެ. ނަމަވެސް އެމުއްދަތުގެ ތެރޭގައި އެކަލޭގެފާނު އެހެން އެއްވެސް ބޭކަނބަލަކާ ކައިވެނި ބައްލަވައި ނުގަންނަވައެވެ. އެކަލޭގެފާނަކީ، މިބައިމީހުން އެދަޢުވާކުރާފަދަ، ޖިންސީ އެދުންވެރިކަމާއި ދުނިޔަވީ ދިރިއުޅުމަށް ލޯބި ކުރެއްވި ބޭކަލެއްނަމަ ، ޚަދީޖާ ރަޟިޔަﷲ ޢަންހާއާ ކައިވެނި ބައްލަވައިގެން އުޅުއްވި ދުވަސްވަރު ،އެހެން ޒުވާން އަނބިކަނބަލެއް ޚިޔާރު ނުކުރެއްވީ ކީއްވެގެންތޯއެވެ؟ އަދި ޚާއްސަކޮށް އެކަލޭގެފާނުގެ އަޚްލާޤުގެ ސަބަބުން ގިނަ ކައިވެނިތަކެއް އެކަލޭގެފާނަށް ހުށަހެޅެމުން ދިޔަ ދުވަސްވަރަކަށް އެދުވަސްވަރު ވެގެން ދިޔަ ހިނދުގައިވެސް މެއެވެ.

އެކަލޭގެފާނުގެ ޙަޔާތަށް ނަޒަރު ހިންގާލާއިރު، އެކަލޭގެފާނުގެ ޙަޔާތުގެ ކުރީކޮޅު، އުމުރުން ދުވަސްވީ ހުވަފަތް އަންހެން ބޭކަނބަލަކާ ކައިވެނި ބައްލަވައިގެން ހިތްހަމަޖެހޭ ދިރިއުޅުމެއް ވޭތުކުރައްވާފައިވެއެވެ. އެދުވަސްވަރު އެކަލޭގެފާނު އިތުރުކައިވެންޏެއް ކުރައްވަން ޤަސްދު ކުރައްވާފައިވެސް ނުވެއެވެ. ނަމަވެސް އެކަލޭގެފާނުގެ އުމުރުގެ، ފަހު 10 ވަރަކަށް އަހަރު ، އުމުރުފުޅުން 50 އަށް ވުރެ މައްޗަށް ދިޔުމަށްފަހު ،މުސްކުޅި އުމުރު ފުޅުގައި އިތުރު ކައިވެނިފުޅުތަކެއް ކުރެއްވިއެވެ. ސަބަބަކީ މަދިނާގައި އިސްލާމީ އާ ދައުލަތެއްގެ ބިންގާ އެޅުމަށްފަހު، އެކަލޭގެފާނަށް ތަފާތު ގިނަ އިތުރު ޒިންމާތަކާއި މައްސަލަތަކެއް އެކި ދިމަދިމާލުން ކުރިމަތިވަމުން ދިޔައެވެ. އެކަލޭގެފާނު އެންމެ ބޭކަނބަލެއް ފިޔަވާ ކައިވެނިބައްލަވައިގަތީ މުޅީންވެސް ހުވަފަތް އަންހެން ކަނބަލުންނާއެވެ. މިއީ ހަޤީޤަތެވެ.

ހުވަފަތް ވެފައިވާ އަންހެންކަނބަލުން ތަކަކާއި އެކަނބަލުންގެ ޔަތީމްވެފައިވާ ދަރީންތަކެއްގެ ޒިންމާ ނަގަންޖެހުމަކީ އެކަލޭގެފާނަށް ބޮޑު އަދި ބުރަ މަސައްކަތަކަށް ނުވާނެތޯއެވެ؟ ތަފާތު އުމުރުގެ، ތަފާތު މިޒާޖުގެ އަދި ތަފާތު ޤަބީލާތަކުގެ ބޭކަނބަލުން ތަކެއްގެ ޒިންމާ އެކަލޭގެފާނު ނަންގަވާފައިވުމުން އެނގިގެންދަނީ އެކަލޭގެފާނު ކައިވެނިފުޅުތައް ކުރައްވާފައި ވަނީ، ދީނުގެ ޢަދުއްވުން އެދަޢުވާ ކުރާފަދަ މަޤްޞަދެއްގައި ނޫންކަމެވެ.

މިކަމާ ބެހޭގޮތުން ޔޫރަޕްގެ މަޝްހޫރު ތާރިޚީ ޢިލްމުވެރިއެއް ކަމުގައިވާ ތޯމަސް ކާރލައިލް، އޭނަގެ "ހީރޯސް އެންޑް ހީރޯސް ވޯރޝިޕް" ކިޔާ ފޮތުގައި ލިޔެފައިވާ ގޮތުގައި، މުޙައްމަދުގެފާނަކީ، އެކަލޭގެފާނުގެ ޢަދުއްވުން އެ ތުހުމަތު ކުރާ ފަދަ، ޖިންސީ އެދުންވެރިކަމާ ޝަޙްވަތްތެރިކަމުގެ، ދިރިއުޅުމެއް އުޅުއްވި ބޭކަލެއްނޫނެވެ. އަދި އެކަލޭގެފާނާމެދު އެ އިވެމުންދާ ވާހަކަ ތަކަކީ އެއްވެސް ޙަޤީޤަތެއް ބަލާލުމެއް ނެތި ބޭއިންސާފުން ފަތުރަމުންދާ ވާހަކަތަކެއްކަމުގައި އޭނާ ބަޔާން ކޮށްފައިވެއެވެ.

އެކަލޭގެފާނުގެ ޙަޔާތްޕުޅުގައި ޖުމްލަ 13 ކައިވެނި ބައްލަވައިގެންފައިވެއެވެ. އެންމެ ފުރަތަމަ ކައިވެނި ބައްލަވައިގަތީ ޚަދީޖާ ރަޟިޔަﷲ ޢަންހާ އާއެވެ. އެކަމަނާ އަކީ އެކަލޭގެފާނަށްވުރު (އުމުރުފުޅުން40 އަހަރު ) 15 އަހަރު ދޮށީ ، ހުވަފަތް އަންހެން ކަނބަލެކެވެ. އެކަމަނާގެ ޙަޔާތްޕުޅުގައި އެކަލޭގެފާނު އެހެން އެހެން ކައިވެންޏެއް ކުރައްވާފައި އެއްނުވެއެވެ. އެހެން ކައިވެނިތައް އެކަލޭގެފާނު ކުރައްވާފައި ވަނީ އެކަމަނާއާއެކުއެތަކެއް އަހަރު ދިރިއުޅުއްވުމަށް ފަހު އެކަމަނާ އަވަހާރަވެވަޑައިގަތުމުންނެވެ.

އެކަލޭގެފާނުގެ އެހެން އަނބި އަނބި ކަނބަލުންނަކީ އުއްމު ސަލަމާ ، ސައުދާ ، ޙަފްސާ ބިންތު ޢުމަރުލްފާރޫޤް ، ޢައިޝަތު ބިންތު އަބޫބަކުރުއް ސިއްދީޤް، ޒައިނަބު ބިންތު ޚުޒައިމާ ، ޒައިނަބު ބިންތު ޖަޙްޝް ، ޒައިނަބު ބިންތު އުމައިސް ، މައިމޫނާ ، އުންމު ޙަބީބާ ، ޚައުލާ ބިންތު ޙާކިމް، ޞަފިއްޔާ ، ޖުވައިރިއްޔާ މިއެވެ.

އެކަލޭގެފާނު މި ކައިވެނިތައް ކުރައްވާފައި ވަނީ ކޮން ޙާލަތް ތަކެއްގައިތޯއާ ކޮން މަޤްޞަދު ތަކެއްގައިކަން ބަލާލަން ޖެހެއެވެ. އޭގެ ތެރޭގައި :
1) ހުވަފަތް އަންހެން ކަނބަލުންނާއި އެކަނބަލުންގެ ޔަތީމް ދަރިންނަށް އެހީތެރިވެ އަޅާލުން ހިމެނެ އެވެ.
2) ދީން ފެތުރުމުގައި އެކަލޭގެފާނު ޙިކުމަތް ބޭނުން ކުރެއްވިއެވެ. އެގޮތުން ޤުރައިޝުންގެ ތަފާތު ޤަބީލާތަކާ ގުޅުން ބަދަހި ކުރުން ވެސް އޭގެ ތެރޭގައި ހިމެނިގެން ދިޔައެވެ. އަދި މިނޫނަސް ތަފާތު ދީނީ ސަބަބުތަކަށްޓަކައި އެކަލޭގެފާނު ކައިވެނިފުޅު ބައްލަވައިގެންފައިވަނީ ﷲ ތަޢާލާގެ އަމުރުފުޅަށެވެ.

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް، އައިޝާ ރަޟިޔަﷲ ޢަންހާ އާއި، ކައިވެނި ބައްލަވައިގެންނެވީ އެކަމަނާގެ އުމުރުފުޅުން 9 އަހަރުގައެވެ. އޭގެ ނަތީޖާ އެއްގެ ގޮތުން އެކަމަނާއަށް ފުރިހަމަ ތަރުބިއްޔަތެއް ލިބިވަޑައިގެން، ދީނުގެ އެންމެ ބޮޑެތި ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގެތެވެ.

ނަމަވެސް ދީނުގެ ޢަދުއްވުން ދައުވާ ކުރަމުންދާ ގޮތުގައި މިޢަމަލަކީ ކުޑަކުދިންގެ ހައްޤުތަކަށް އަރައި ގަތުމެވެ. އަދި މިއީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުންކަމުގައި މިބައިމީހުން އަޑު އުފުލަމުން ދެއެވެ. މިފަދަ މީހުން ދިވެހިރާއްޖޭގައިވެސް އުޅެއެވެ. މިބައިމީހުނަށް ހީވެފައި އޮންނަނީ، މިމީހުން ނޫނީ ދެން ތިބޭނީ އެއްޗެއް ނުވިސްނޭ ގަމާރުން ކަމުގައެވެ. ނަމަވެސް އެއީ ވަރަށްބޮޑު ކުށްހީއެކެވެ.

އިސްލާމްދީނުގައި ކައިވެންޏަކީ ވަރަށް ބޮޑު އަހައްމިއްޔަތެއް ދީފައިވާ ކަމެކެވެ. އަދި އެކަމަށް ވަރަށް ބޮޑަށް ބާރުއަޅާފައިވާ ކަމެކެވެ. ކައިވެނީގެ ބޭރުން ގުޅުން ހިންގުމަށް އިސްލާމީ ޝަރީޢަތުގައި ކިޔަނީ ޒިނޭ ކުރުމެވެ. މިއީ ދީނުގައި ޙަރާމް ކަމެކެވެ. ބޮޑު ފާފައެކެވެ. ޝަޙްވަތަށް ލޯބި ކުރުމަކީ އިންސާނާގެ ތަބީޢަތުގައި ﷲ ތަޢާލާ ލައްވާފައިވާ ކަމެކެވެ. މިއީ އެއްވެސް މީހަކު އިންކާރު ކުރާނެ ކަމެއް ނޫނެވެ. ﷲ ތަޢާލާ ހަރާމް ކުރައްވާފައި ވާ ޒިނޭއަކީ ބޮޑު ފާފައެކެވެ. އެހެން ކަމުން މިފަދަ ބޮޑު ފާފައަކަށް އަރައިނުގަނެ މީސްތަކުންގެ ޝަހްވާނީ އެދުން ހާސިލް ކުރެވޭނޭ މަގެއް ﷲ ތަޢާލާ ވަނީ ޝަރުޢު ކުރައްވާފައެވެ. އެއީ ކައިވެނީގެ ގުޅުމުން އަންހެނަކާ ފިރިހެނަކު ގުޅުމެވެ. އެހެންކަމުން ޒިނޭފަދަ ފާޙިޝް ޢަމަލު ތަކުން މީސްތަކުން ސަލާމަތްކުރުމަށްޓަކައި އެކަމަށް ކުޅަދާނަވެގެންވާ ޒުވާނުން ވީހާވެސް އަވަހަށް ކައިވެނި ކުރުމަށް ދީނުގައި ބާރުއަޅުއްވާފައި ވެއެވެ.

ﷲ ގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ,ޢާއިޝާ ރަޟިޔަﷲ ޢަންހާއާ ކައިވެނި ބައްލަވައިގަތީ އަނިޔާވެރިކަމާ އެކު އެއްނޫނެވެ. އެކަމަނާގެ ރުހުމުގައެވެ. އެކަމަނާގެ ބައްޕަގެ ރުހުމުގައެވެ. އޭރު އެކަމަނާގެ އުމުރުފުޅުން 9 އަހަރެވެ. އެކަމަނާ ވަނީ ބާލިޣު ވެފައެވެ. އަދި އެމުޖްތަމަޢުގައި އެއީ މައްސަލައަކަށް ނުވިއެވެ. އެހެން ކަމުން، ކަމާ ނުބެހޭ މީސްތަކުން މިކަމާ ކަންބޮޑުވެ ހާސްވެގެން އުޅޭކަށް ނުޖެހެއެވެ.

ދުނިޔޭގެ ތަފާތު ޤައުމުތަކުގައި ކައިވެނި ކުރެވޭ އުމުރު ތަފާތެވެ. ބައެއް ޤައުމުތަކުގައި 16 އަދި 13 ނުވަތަ 9 އަހަރުވެސް އެބަ ހުއްޓެވެ. ދިވެހިރާއްޖެ އިން "ނަމުނާ އަކަށް" ބަލާ އެމެރިކާގެ ބައެއް ސްޓޭޓް ތަކުގައި މައިންބަފައިންގެ ހުއްދައާއެކު 14 އަހަރުގައިވެސް ކައިވެނިކުރެވެއެވެ. ދިވެހި ރާއްޖޭގައި މި އޮންނަނީ 18 އަހަރެވެ. ދިވެހި ރާއްޖޭގެ ތާރީޚަށްބަލާއިރު ވަރަށް ފަހަކާ ޖެހެންދެންވެސް 14 ، 15 އަހަރުގައި ކައިވެނި ކުރަމުން އައިސްފައި ވެއެވެ. އަދި މިއަށް ވުރެވެސް ޅައުމުރުގައި ދުނިޔޭގެ އެކިހިސާބުތަކުގައި ކައިވެނި ކުރަމުން އައިސްފައިވާކަން ތާރީޚުން އެނގެން އެބަ އޮތެވެ. ނަމަވެސް ދިވެހި އަންހެނަކަށް ޅައުމުރުގައި ކައިވެނިކޮށްގެން ޖިންސިގޯނާއެއްވިކަމެއް ތާރިޚީ ވާހަކަ އަކުންވެސް އަޅުގަނޑު އަޑެއްނާހަމެވެ.
މިގޮތަށް ވަކި އަހަރު ތަކެއް ކަނޑައެޅިފައިވުމުން އޭގެ ނަތީޖާ ވަރަށް ނުބައެވެ. ސަބަބަކީ މިއީ އިންސާނާ ގެ ތަބީޢަތާ ދިމާ އިދިކޮޅަށް ހެދިފައިވާ ޤަވައިދު ތަކަށް ވާތީ އެވެ. މީގެ އަސަރު ދިވެހިރާއްޖެ އިންވެސް ފެންނަމުން ދެއެވެ. ޤްރޭޑް 7، 8 ގެ ކުދިން ކައިވެނީގެ ބޭރުން ބަލިވެ އިންނަނީ އެވެ. އަދި އެއަށްފަހު އޭގެ ދުނިޔަވީ ލަދުން ސަލާމަތް ވާންވެގެން، އެތައް މަޢްޞޫމް ޅަފުރާނަތައް އެއްވެސް ރަޙުމެއްނެތި މަރާލެވެމުން ދަނިއެވެ. ދިރިހުއްޓާ ވަޅު ލެވެނީ އެވެ. ނަމަވެސް މިކަމާ ކަންބޮޑުވެގެން ، ހައްޤުތަކަށް މަސައްކަތްކުރާމިހުން އުޅޭތީ ނުފެނެއެވެ. މިމީހުން ކަނބޮޑުވަނީ ޝަރުޢީ ކައިވެންޏަކުން ގުޅުމުންނެވެ.

އިސްލާމީ ޝަރީޢަތުގައި ކައިވެނި ކުރުމަކަށް ވަކި ފިކްސްޑް އުމުރެއް ކަނޑައެޅިފައެއް ނެތެވެ. އިންސާނާ ބާލިޣު ވުމުން އޭނާ މާލި ގޮތުން އަދި ޖިސްމާނި ގޮތުން އެކަމަށް ކުޅަދާނަ ވާނަމަ ވިހާވެސް އަވަހަކަށް ކައިވެނި ކުރަންވީއެވެ. މީ އެމްނެސްޓީ އިންޓަނޭޝަނަލް އަކުން ނުވަތަ ޔޫ އެން އަކުން ނިންމަން ޖެހޭ ކަމެއް ނޫނެވެ. އަންހެން ކުއްޖަކު ޙައިޟު ވުމުން ދަލީލު ލިބެނީ އޭނާ އަށް ދަރިން ވިހެއުމުގެ ހާލަތު ފުރިހަމަ ކުރެވޭނެ ކަމެވެ. އެކި މީހުންނަށް ޙައިޟުގެ ދުވަސްވަރު ފެށެނީ އެކި އުމުރުގައެވެ. 8 އަހަރުން ފެށިގެން 18 އަހަރާ ދެމެދުގަވެސް ހައިޟުގެ ދުވަސްވަރު ފެށިފައި އެބަ ހުއްޓެވެ. އިސްލާމީ ޝަރީޢަތުގައި މިކަން އޮންނަ އުސުލަކީ އިންސާނާގެ ތަބީޢަތާއި އެކަށީގެންވާ އުސޫލެކެވެ.

އެހެން ކަމުން މާތް ނަބިއްޔާ މުހައްމަދު ޞައްލަﷲ އާމެދު ސާބިތު ނުހިފޭ ދޮގުވާހަކަ ތަށް ފަތުރާ މީސްތަކުން ﷲ ތަޢާލާ އަށް ބިރުވެތިވުމަށް ގޮވާލަމެވެ.

Blog Widget by LinkWithin

No comments:

Post a Comment