26 February 2011

އިތުބާރު ޝިފާއަށް – ކެތްތެރިވުން މީރު ނިމުމަކަށް

އަލްއަޚް މުޙައްމަދު ޝާފިޢު ބިން ޢަބްދުލްޣަފޫރު
ބަލިވުމުން ބަލިން ފަސޭހަވާނެ ކަމުގެ އިތުބާރު ހިތުގައި އޮތުމަކީ ބަލިން ފަސޭހަވުމަށް އެޅޭ ބާރެކެވެ. އެހެނީ ބަލިން ފަސޭހަވާނޭކަމުގެ އެއްވެސް ޔަޤީންކަމެއް އުއްމީދެއްނެތި، މާޔޫސްވެފައިވާ ޙާލުގައި ފަރުވާކުރަނީ ނަމަ އެފަރުވާގެ އެއްބައި މަދެވެ.
ބަލިމީހުންގެ ހިތުގައި އިތުބާރު އުފެއްދުމަށް ޑޮކްޓަރުން މަސައްކަތްކުރެއެވެ. އިތުބާރު އުފެއްދުމަކީ ބަލި ފަސޭހަވުމުގެ އެއްސަބަބެވެ.
ބަލިވުމުން އަމިއްލަ ނަފްސު ކުށްވެރިކުރެވޭ މީހުންނަކީ އެމީހުންގެ އީމާންކަމާމެދު އަލުން ވިސްނަން ޖެހިފައިވާ ބަޔެކެވެ. ބަލިވުމަކީ ކުރިމަތިވާ އިމްތިޙާނެކެވެ. ކެތްތެރިކަމުގެ އަޖުރު ލިބިގަތުމަށް އިންސާނާ ހެއްދެވި ފަރާތުން އޭނާއަށް ދެއްވާ އަގުހުރި ފުރުޞަތެކެވެ.
ބައެއް މީހުން އެބައިމީހުންގެ ޙަޔާތުގެ ބޮޑުބައި ބަލި ޙާލުގައި ހޭދަކުރަން ޖެހެއެވެ. އަސާގަނޑެއްގެ އެހީގައި ހިނގަންޖެހެއެވެ. ނުވަތަ ފުރޮޅުލީ ގޮނޑިއެއްގައި އިށިއިނދެގެން އިންނަން ޖެހިދެއެވެ. އަނެއްބައިމީހުންނަށް ކޮންމެ ކޮންމެ ކާއެއްޗެއް ނުކެވެއެވެ.
ބަލިވުމުން ތިމަންނާއަށް މިޙާލު ޖެއްސެވީ އަހަރެން ކޮން ކުށެއް ކޮށްގެންހޭ ނުވަތަ އަހަރެން އިބަ އިލާހަށް ކޮން އުރެދުމެއް އުރެދިގެންހޭ، އަހަރެންގެ ކުށަކީ ކޮބައިހޭ، ފަދަ ވިސްނުންތައް ސިކުނޑީގައި އެނބުރޭނަމަ ނުވަތަ އެފަދަ ޢިބާރާތްތައް ހިތަށް އަރާނަމަ ނުވަތަ އެފަދަ ޢިބާރާތްތައް ދުލުން ބޭރުކުރާނަމަ މިންވަރަށް އީމާން ނުވެވެނީއެވެ.
މިދުނިޔޭގެ ޙަޔާތުގައި ގޯސްކޮށް އުޅުނު ކިތައް މީހުން، އެމީހުންނަށް ނުކުޅެދޭ ޙާލަތެއް މެދުވެރިވުމުން ﷲ އާ ގާތްވެ އިއިލާހަށް އަޅުކަންކޮށް އެ އިލާހު ހަނދުމަކުރުންމަތީގައި ދެމިތިބެ، އެ މުޞީބާތައް ކެތްތެރިވެ، ހެޔޮލަފާ ޞާލިޙު މީހެއްގެ ގޮތުގައި ނިމިގެން ގޮސްފައިވޭތޯއެވެ؟ އެހެންކަމަށްވާނަމަ، ބަލިވުމަކީ މުޞީބާތެއް ނޫނެވެ. އަދި ކިޔެއްތަ! އެއީ ސުވަރުގެ ލިބުމަށް މަގުފަހިވުމުގެ ސަބަބެކެވެ. އޭނާއަށް ރަނގަޅަކަށްޓަކައި އަދި ހެވަކަށްޓަކައި ﷲ މެދުވެރިކުރައްވާ އިމްތިޙާނެކެވެ. ފާސްވޭތޯއެވެ. މި އިމްތިޙާނުން ފާސްވުމަކީ ކެތްތެރިވުމެވެ.

Blog Widget by LinkWithin

No comments:

Post a Comment