04 February 2011

އާއެކެވެ. އެއީ ހަމަ ޙަޤީޤަތުގައިވެސް ނަޞީބުވެރިންނެވެ

އަލްއަޚް ޢަބްދުﷲ ރަޝީދު
އެކަލިމަކީ އެކަލިމައެއްގެ މަތީގައި އުޑާއި ބިން ޤާއިމްވެފައިވާ ކަލިމައެވެ. އެކަލިމައަކަށްޓައި ހިސާބުބެއްލެވުމާއި ދުނިޔެ ލެއްވި ކަލިމައެވެ. އެއީ އިސްލާމްކަމުގެ ތަނބެވެ. ސުވަރުގޭގެ ތަޅުދަނޑި އެވެ. ފަރުޟުތަކާއި ސުންނަތްތަކުގެ އަސާސެވެ. ކޮންމެ އިންސާނެއްވެސް އެންމެ އަހަމިއްޔަތު ދޭންޖެހޭ އަދި ފުރަތަމަ އެކަމަކަށް އީމާންވުން ވާޖިބުވެ ލާޒިމް ވެގެންވާ ކަލިމައެވެ. އެކަލިމައަށްޓަކައި ކޮންމެ މުސްލިމަކުވެސް އުގެނި އަމަލުކުރުން ލާޒިމުކޮށް، އެކަލިމައަކަށްޓަކައި ފަރުވާތެރިވެ ރައްކައުތެރިވެގެން ތިބޭ ކަލިމައެވެ. މީހެއްގެ އެންމެފަހުގެ ކަލިމައަކަށް އެކަލިމަ ވެއްޖެ މީހާ ސުވަރުގެ ވަނުމަށް މެދުވެރިވާ ކަލިމައެވެ. މުސްލިމުންނާއި ކާފަރުން ވަކިކޮށްދޭ އިނެވެ.
އުފަލާއި ހިއްހަމަޖެހުމުގެ އަހުލުވެރިންނާއި މާޔޫސްކަމާއި ހިތާމައިގެ އަހުލުވެރިން ފަރަޤުކޮށްދޭ މިންގަނޑެވެ. އާދެ އެއީ ތައުޙީދުގެ ކަލިމަ لاإله إلاالله އެވެ.
އެކަލިމަ އެއީ ތިމާ ސުވަރުގެ ވަނުމުގެ ސަބަބަކަށްވަނީ އޭގެ މާނައެއް މުރާދެއް ނޭގި ތިބެ ހަމައެކަނި ދުލުން ބުނުމަކުން ނޫނެވެ. އަދި މަޔޫސްކަމާއި ހިތާމައިގެ އަހުލުންގެ ތެރެއިން ސަލާމަތްވެ ހިއްހަމަޖެހުމާއި އުފަލުގެ އަހުލުވެރިން ގެ ތެރެއިން ވުމަށް ސަބަބަށް ވަނީވެސް އޭގެ މާނައާއި މުރާދު ނޭގި ތިބެ ގޭގޭގެ ފާރުތަކުގައި ތައްކޮށް، ފަށްފަށުގެ ފުލުގައި އެލުވާ ތިމާ ގެނގުޅޭ އެއްޗެތީގައި ލިޔެ ހެދުމަކުންވެސް ނުމެނޫންމެވެ. އެހެނެއްކަމަކު އޭގެ ފުރިހަމަ މާނައާއި މުރާދު ޙައްޤުގޮތުގައި ދެނެގަނެ އެއަށް އަމަލުކުރީމައެވެ. އެހެނީ މިމަތިވެރި ކަލިމަ ދުލުންކިޔައިގެން ތިބޭ މީހުން ތެރޭގައިވެސް އަޒާބުގެ ގޮވެތި ނަރަކައިގެ އެންމެ އަޑީގައިވާ ބަޔަކުވެސް ވެއެވެ. އެއީ މުނާފިގުންނެވެ. އެހެންކަމުން އަހަރެމެންނަށް ވާޖިބުވެލާޒިމްވެގެންވަނީ އެންމެ މާތް ވެގެންވި ތިންޤަރުނުގެ ސަލަފުއްސާލިހުން ހިންގެވި މަގުން ހިނގައި މިމަތިވެރި ކަލިމަގެ ފުރިހަމަ މާނައާއި މުރާދު ދެނެގަނެ އެއަށް އަމަލުކުރުމެވެ.
لاإله إلاالله ގެ ފުރިހަމަ މުރާދާއި މާނަ އަކީ ކޮބާ؟
މުސްލިމުންގެ ތެރޭގައި ބައެއް މީހުން މިކަލިމަގެ މާނަކުރުމުގައި ބުނެފައި ވެއެވެ. މިކަލިމައިގެ މާނައަކީ "الله تعالى ފިޔަވައި އެއްވެސް އިލާހަކު ނުވެއެވެ." މިމާނައަކީ މިކަލިމައިގެ ރަގަޅުމާނައާއި މުރާދެއްނޫންނެވެ. އެހެނީ މިހެންބުނެފިނަމަ ދެކަމުން ކުރެ އެއްކަމެއް ލާޒިމް ކުރެވެ.
ފުރަތަމަ ކަމަކީ މިހެން ބުނެފިނަމަ ކައުނުގެ ބޮޑު ޙަޤީޤަތަކަށް އިންކާރު ކުރެވުނީއެވެ. ސަބަބަކީ މިހެން ބުނުމުން الله تعالى އަށް ފިޔަވައި މީސްތަކުން އަޅުކަން ކުރަމުންދާ ހުރިހާ އިލާހުންތައްވެސް އެއީ ނުވާ އެއްޗަކަށް ވީއެވެ. الله تعالى ފިޔަވައި އެފަރާތްތަކަށް ނުޙައްޤުންއަޅުކަން ކުރަމުންދާ އެތައް އިލާހުން ތަކެއް ވެއެވެ. އޭގެތެރޭގައި ބުދުތަކާއި އިންސާނުންނާއި އިރާއި ހަނދާއި އަދިވެސް އެތައް އެއްޗެއް ހިމެނެއެވެ. މުޝްރިކުންނާއި ބެހޭގޮތުން الله تعالى ވަޙިކުރައްވަފައިވާ މިއާޔަތުން އިންސާނުން އެތަށް އިލާހުންތަކަކަށް އަޅުކަންކުރަމުން ދާކަން ދޭހަވެއެވެ.
أَجَعَلَ الْآَلِهَةَ إِلَهًا وَاحِدًا إِنَّ هَذَا لَشَيْءٌ عُجَابٌ (سورة ص 5)
މާނައީ: "އެކަލޭގެ ފާނު ހުރިހާ އިލާހުންތައް އެއް އިލާހަކަށް ހެއްދެވީ ހެއްޔެވެ؟ ހަމަކަށަވަރުން މީ ނުހަނު އަޖާޢިބުވާފަދަ ކަމެއްކަން ކަށަވަރެވެ."
ދެވަނަކަމަކީ އަޅުކަންކުރެވޭ ހުރިހާ ތަކެއްޗަކީ الله تعالى އޭ ބުނުމެވެ. ނުވަތަ ހުރިހާ އެއްޗަކީވެސް الله تعالى އޭ ބުނުމެވެ. ޝައްކެއް ނެތް ގޮތުގައި މިއީ މުޅިން ބާޠިލް ދައުވާ އެކެވެ. މިއީ ވިހުދަތުލް ވުޖޫދު ގެ އަހުލުވެރިން ބުނަމުންދާ ގޮތެވެ. އެބައި މީހުން ބުނެއެވެ. " الله تعالى ފިޔަވައި އެހެން އެއްވެސް އެއްޗެއް ނުވެއެވެ"
މިދެ ދައުވާ އަކީވެސް ބާޠިލް ދައުވާތަކެއް ކަންކަށަވަރެވެ.
އެކަމުގައި ޝައްކެއްނުވާ އެންމެ ޞައްޙަގޮތުން لاإله إلاالله ގެ ފުރިހަމަ މުރާދާއި މާނަ އަކީ ކޮބާ ހެއްޔެވެ؟ ދީނުގެ އިލްމު ލިބިގެންތިއްބެވި ދަންނަބާކަލުން ވަނީ މިކަލިމާގެ މާނައާއި މުރާދު ބަޔާންކޮށްދެއްވާފައެވެ. އެގޮތުން މަޝްހޫރު ތަފްސީރު ޠަބަރީގައި البقرة ސޫރަތުގެ 163ވަނަ އާޔަތް وَإِلَهُكُمْ إِلَهٌ وَاحِدٌ لَا إِلَهَ إِلَّا هُوَ الرَّحْمَنُ الرَّحِيمُ ތަފްސީރު ކޮށްދެއްވަމުން އިމާމު ޠަބަރީ ބަޔާންކޮށްދެއްވާފައި ވާގޮތުން އިޖްމާލީގޮތެއްގައި މިކަލިމައިގެ މާނައާއި މުރާދަކީ " الله تعالى ފިޔަވައި ޙައްޤުގޮތުގައި އަޅުކަން ވެވޭ އިލާހަކު ނުވެއެވެ." މިއެވެ. އަދި މިއާއެކު މި ކަލިމާގައި ދެރުކުނެއް އެކުލެވިގެން ވާކަމަށް ދަންނަބޭކަލުން ބަޔާންކޮށްދެއްވާފައި ވެއެވެ. އެއީ ނަފީ ކުރުމާއި ޘާބިތުކުރުމެވެ. الله تعالى ފިޔަވައި އެހެން ހުރިހާ އިލާހުންތަކަށް ކުރެވޭ އަޅުކަން ނަފީކޮށް އިންކާރު ކުރުމާއި، الله تعالى އަށް ކުރެވޭ އަޅުކަން ޘާބިތުކޮށް ހިތުގެ އަޑިންއެކަން ޤަބޫލުކޮށް ހަމައެކަނި އެއިލާހަށް އަޅުކަން ކުރުމެވެ. މިކަމަށް ދަލާލަތު ކޮށްދޭ އެތަށް ދަލީލެއް ކީރިތި ޤުރުއާނުގައި ވެއެވެ.
الله تعالى ވަޙީކުރައްވާފައި ވެއެވެ.
ذَلِكَ بِأَنَّ اللَّهَ هُوَ الْحَقُّ وَأَنَّ مَا يَدْعُونَ مِنْ دُونِهِ هُوَ الْبَاطِلُ وَأَنَّ اللَّهَ هُوَ الْعَلِيُّ الْكَبِيرُ (الحج 62) މާނައީ "އެހެނީ ހަމަކަށަވަރުން الله تعالى އީ ޙައްޤުވަންތަ އިލާހެވެ. އަދި ހަމަކަށަވަރުން އެއިލާހު ފިޔަވައި އެއުރެން އަޅުކަން ކުރާތަކެއްޗަކީ، އެއީ ބާޠިލްތަކެއްޗެވެ. އަދި ހަމަކަށަވަރުން الله تعالى އީ އެންމެ މަތިވެރި އެންމެ އަޡަމަތްތެރި އިލާހެވެ."
އޭ ލޮބުވެތި އަޚުންނާއި އުޚުތުންނޭ! لاإله إلاالله އަކީ ތައުޙީދުގެ ބުންޔާދެވެ. އެކަލިމައެއްގެ މައްޗަށް ހުރިހާ އަމަލުތަކެއް ބިނާ ކުރަންޖެހޭ ކަލިމައެވެ. ކަލިމައިގެ މަނައާއި މަފްހޫމާއި މުރާދު ދެނެގަނެ އޭގެ ޝަރުތުތައްފުރިހަމަކޮށްފިނަމަ ކަލިމައިގެ މައްޗަށް ބިނާކުރާ ޢަމަލުތައް ޞައްޙަވުމައި މެދު އެއްވެސް ޝައްކެއްނެތެވެ. އަދި ކިއެއްތަ! އެފަދަ މީހަކީ ޙަޤީޤަތުގައިވެސް ނަޞީބު ވެރިއެކެވެ. الله تعالى ތަޢާލާ އަޅުގަނޑުމެންނަކީ ފުރިހަމަ މުއައްޙިދުން ކަމުގައި ލައްވައި ދުނިޔެއާއި އާޚިރަތުގެ ކާމިޔާބުގެ އަހުލުވެރިންގެ ތެރެއިން ލައްވާށި. އާމީން!

Blog Widget by LinkWithin

No comments:

Post a Comment