30 January 2011

لا إله إلا الله ކިޔައިފި މީހާ ސުވަރުގެ ވަދެއްޖެ

އާދަމް ޝަމީމް ބިން އިބްރާހިމް
الحمد لله رب العالمين، والصلاة والسلام على نبينا محمد وعلى آله وصحبه وسلم، وبعد:
"لا إله إلا الله" އަކީ ތައުހީދުގެ ކަލިމައެވެ. ދީނާއި މިއްލަތުގެ ތަރަހައެވެ. ސުވަރުގޭގެ ތަޅުދަނޑިއެވެ. އަދި ނަރަކައިން ދިންނެވުމުގެ ސަބަބެވެ. އެކަމަކު ހަމަ އެކަނި ދުލު ކޮޅުން ކިޔާލުމަކުން ނުފުދޭނެއެވެ. އަދިކިޔެއް މި ކަލިމައިގެ ޝަރުތުތަކެއް ވެއެވެ. އެ ޝަރުތުތައް ފުރިހަމަ ކޮށްފުމަށް ދާންދެން އެކަލިމަޔަކީ، އެ ކިޔާ މީހާއަށް މަންފާ ހުރި އެއްޗެއް ކަމުގައި ނުވާނެއެވެ. ޤުރުއާނާއި ސުންނަތުގައި މި ޝަރުތުތައް ވަރަށް ޞަރީހަކޮށް ބަޔާން ކުރައްވާފައި ވެއެވެ.
އެއީ:

العلم އެވެ. އެއީ "لا إله إلا الله" މި ކަލިމާގެ މާނަ އެނގުމެވެ. އޭގެ މާނައާއި މެދު ޖާހިލު ނުވުމެވެ. މިކަލިމަ ދުލުން ކިޔާ އިރު އޭގެ މާނަ ހިތުގައި އޮތުމެވެ. ޝިރުކާއި ތައުހީދު ވަކިކުރަން އެނގުމެވެ. އެއީ ﷲ އަށް އެކަނި އަޅުކަން ކުރުމާއި، އެކަލާނގެ މެނުވީ އަޅުކަން ކުރެވޭ އެއްމެހާ ފަރާތަކަށް ކާފަރުވެ، ޝިރުކުން ބަރީއަވުމެވެ. ﷲ ވަހީކުރެއްވިއެވެ. ﴿ فاعلم أنه لا إله إلا الله ﴾ " ފަހެ ﷲ މެނުވީ އަޅުކަން ހައްގު ފަރާތެއް ނުވާކަން ދަންނާށެވެ!"

اليقين އެވެ. ޝަހާދަތުގެ މާނަ އެއްވެސް ޝައްކަކާއި ވަސްވާހަކާއި ނުލައި ކަށަވަރުކޮށް ޔަގީން ކުރުމެވެ. ﷲ ވަހީކުރެއްވިއެވެ. ﴿ إنما المؤمنون الذين أمنوا بالله ورسوله ثم لم يرتابوا..﴾ ހަމަ އެކަނި މޫމިނުންނަކީ ﷲ އާއި އެކަލާނގެ ރަސޫލާއަށް އީމާންވެ، ދެން އެކަމުގައި ޝައްކު ނުކުރާމީހުންނެވެ." ޝައްކު ކުރުމަކީ ނިފާގެވެ.
"

القبول އެވެ. ތައުހީދުގެ ކަލިމައާއި އޭގެ މާނަ ގަބޫލުކުރުމާއި، ﷲގެ ހަޟުރަތުން ބާވައިލެއްވިފައިވާ އެއްވެސް ކަމެއް ރައްދު ނުކުރުމެވެ. އެކަލާނގެ ވަހީކުރެއްވިއެވެ. ﴿ إنَّهم كانوا إذا قيل لهم لا إله إلا اللهُ يستكبرُون " އެބައިމީހުންގެ ގާތުގައި لا إله إلا الله ކިޔަން ބުނެވިއްޖެނަމަ ކިބުރުވެރިވެއެވެ." ﷲގެ ބަސްފުޅު އައުމުން އެ ރައްދު ކުރުމަކީ އީމާންކަމެއް ނޫނެވެ.

الإنقياد އެވެ. އެއީ ﷲ ގެ ތައުޙީދަށް ކިޔަމަން ގަތުމެވެ. އަދި އެކަލާނގެ އަމުރުފުޅުތަަކަށް ބޯލެނބުމެވެ. ނަހީތަކުން ދުރުހެލިވުމެވެ. އެކަލާނގެ އަމުރު ކުރެއްވިއެވެ. ﴿ وأنيبوا إلى ربكم وأسلموا له ﴾ "އަދި ﷲގެ ހަޟުރަތައް ރުޖޫއަވެ، އެކަލާނގެއަށް ކިޔަމަންތެރި ވާށެވެ." އެކަލާނގެ ބަސްފުޅާއި އޯޑަރަށް އިންކާރު ކޮށްފި މީހެއްގެ އީމާންކަމެއް ނުވެއެވެ.

الصدق އެވެ. އެއީ ޝަހާދަތުގެ މާނަ ތެދު ކުރުމެވެ. އަދި ﷲއާ އެކަލާނގެ ރަސޫލާގެ އަރިހުން ސާބިތުވެފައިވާ އެއްވެސް ކަމެއް ދޮގު ނުކުރުމެވެ. ހަދީޘްގައިވެއެވެ. ((مَنْ قَالَ لَا إِلَهَ إِلَّا اللَّهُ صَادِقًا بِهَا دَخَلَ الْجَنَّةَ)) " ތެދުވެރިކަމާ އެކުގައި لا إله إلا الله ކިޔައިފި މީހާ ސުވަރުގެ ވަދެއްޖެއެވެ.)) أحمد
المحبة އެވެ. އެއީ ލޯތްބެވެ. ޝަހާދަތުގެ ދެކަލިމައާއި އެދެކަލިމައިގެ އަހުލުވެރިންދެކެ ލޯބިވުމެވެ. އަދި ﷲ ބާވައިލެއްވި އެއްމެހައި ތަކެއްޗަށާއި މާތް ރަސޫލާ ގެންނެވި އެއްމެހައި ކަމަކަށް ލޯބިވުމެވެ. ﴿ والذين ءامنوا أشد حباً لله ﴾ " އަދި އީމާންވީ މީހުން އެއްމެ ބޮޑަށް ލޯބިވަނީ ﷲ ދެކެއެވެ." ﷲ އާއި އެކަލާނގެ ރަސޫލާއާއި މޫމިނުންދެކެ ރުޅި ނޭރުމެވެ.

الإخلاص އެވެ. ހަމަ އެކަނި ﷲގެ ވަޖުހުފުޅަށް ޓަކައި މި ކަލިމަ ކިޔުމާއި، އެއްވެސް އަޅުކަމެއްގައި އެހެން ފަރާތެއް ބައިވެރި ނުކުރުމެވެ. ﴿وما أمروا إلا ليعبدوا الله مخلصين له الدين حنفاء﴾ " އަދި ޝިރުކުން ދުރުހެލިވެ، ﷲއަށް ދީން ޚާލިޞްކޮށްގެންވާ ހާލުގައި އެކަލާނގެއަށް އަޅުކަންކުރުމަށް މެނުވީ އެބައިމީހުނަށް އަމުރުވެވިގެން ނުވެއެވެ."

الكفر އެވެ. ﷲ ފިޔަވާ އަޅުކަން ކުރެވޭ އެއްމެހާ ފަރާތްތަކަށް ކާފަރުވުމެވެ. ޝިރިކުގެ އަހުލުވެރިންނާއި، އެބައިމީހުންގެ މަޒުހަބުތަކަކީ ޞައްހަ ނޫން އެއްޗެއްކަމުގައި ދެކި، އެއީ ހުސް ބާތިލު ގޮތްތަކެއް ކަމުގައި އިޢުތިޤާދު ކޮށް، އެއާ މުޅިން ދުރުހެލިވެ ބަރީއަވާން ޖެހޭނެއެވެ. މިއިން އެއްމެ ޝަރުތެއް އުނި ނުކޮށް، ހުރިހާ ޝަރުތުތަކެއް ފުރިހަމަ ކުރަން ޖެހޭނެއެވެ. ނޫންނަމަ ތިމާގެ ތައުހީދު ކަމަކު ނުދާނެއެވެ. މިފަދައިން لا إله إلا الله ކިޔައިފި މީހާ ސުވަރުގެ ވަދެ، އޭނާގެ މައްޗަށް ނަރަކަ ހަރާމްވެއްޖެއެވެ.
وصلى الله على نبينا محمد وعلى آله وصحبه وسلم تسليما كثيرا

Blog Widget by LinkWithin

No comments:

Post a Comment