28 January 2011

ބަރްސީސާ

އަލްއަޚް ޢަބްދުﷲ ނަޢީމް އިބްރާހިމް
ވަރަށް ކުރީގެ ދުވަސްވަރެއްގައި ވަރަށް ޢިލްމުވެރި، އަޅުވެރި މީހަކު އުޅުނެވެ. އެ މީހާގެ ނަމަކީ ބަރްސީސާ އެވެ. އޭނާ އަކީ ބަލި މީހުންނަށް ފަރުވާ ދޭ މީހެކެވެ. ﷲ އޭނާގެ އަތުގައި ލައްވައިފައިވާ ޝިފާގެ ބާރުގެ ސަބަބުން ދުރު ދުރުން މީހުން އޭނާޔާ ބައްދަލު ކުރާން އާދެ އެވެ. އޭނާގެ ފަރުވާއިން ބަލި ފަސޭހަ ވެގެން، ހެޔޮ ދުޢާ ކުރަމުން ދާ މީހުންގެ ޢަދަދު ވަރަށް ގިނަ އެވެ. ބަރްސީސާގެ މި ޢިއްޒަތާއި، ހެޔޮ ނަމުގެ ސަބަބުން ޝައިޠާނާގެ ހިތުގައި ހަސަދަވެރިކަންއުފެދިއްޖެ އެވެ. ވުމާއެކު އޭނާ މަސައްކަތް ފެށީ ބަރްސީސާގެ ރީތި ނަން ހުތުރު ކުރެވޭނޭ ގޮތެއް ހޯދާށެވެ.
އެތައް ވިސްނުމަކަށް ފަހު އޭނާ އަށް ވަރަށް މޮޅު ބުއްދިއެއް ކުރެވިއްޖެ އެވެ. އޭނާ ރޭވީ، ބަރްސީސާ މަގު ފުރައްދައި، ނުބައި މަގަށް އެނބުރުވުމަށް ޓަކައި، ޒުވާން، ރީތި އަންހެނަކު އޭނާގެ ގާތަށް ފޮނުވާށެވެ.
ޝައިޠާނާ އޭނާގެ މަޝްރޫޢަށްޓަކައި ޚިޔާރު ކުޅައީ ރަސްގެފާނުގެ ދަރިކަނބަލުންނެވެ. އެ ކަމަނާ އަކީ ނުހަނު ބުރު ސޫރަ ރީތި، ސަމައްތަރު ހެއު އަންހެން ސާހިބެކެވެ. ޝައިޠާނާ އެ ދިޔަ ދިޔައީނުން ގޮސް މި ކަމަނާ އަށް ވަރުގަދަ އާލާސްކަންފުޅެއް ޖައްސައިފި އެވެ. އެ އާލާސްކަންފުޅުގެ ބޭހެއް އެއްވެސް ޙަކީމަކަށް، ޑަކްޓަރަކަށް އެނގޭ ކަމަކަށް ނުވިއެވެ. އެ ކަމަނާ ފަރީއްކުޅުއްވުން ހުއްޓަވައި ލައްވައިފި އެވެ. ފެންފޮދު ހިއްޕެވުން ހުއްޓަވައި ލައްވައިފި އެވެ. އެއް ދުވަހުން އަނެއް ދުވަހަށް އެ ކަމަނާގެ ހަށިކޮޅުގެ ކުލަ ދިޔައީ ރީނދޫ ވަމުންނެވެ. ރަސްގެފާނަށް ދަރިކަނބަލުންގެ ހާލުކޮޅު ފެނި ވަޑައިގަތުމުން ހިތާމަފުޅު ކުރައްވައި، ކީރިތި ކުރައްވައި ހައްދަވަނީ އެވެ. އަޅުއްވާނޭ ފިޔަވަޅުފުޅެއް ރަސްގެފާނަކަށް އެނގިވަޑައެއް ނުގަތެވެ.
އެންމެ ފަހުން ރަސްގެފާނުގެ އަމުރުފުޅަށް މުޅި ސަހަރަށް ޢާއްމު އިޢުލާނެއް ނެރެވިއްޖެ އެވެ. އެ އިޢުލާނުގައި ވަނީ ރަސްގެފާނުގެ ދަރިކަނބަލުން ގެ އާލާސްކަންފުޅު ރަނގަޅު ވާ ކަހަލަ ބޭހެއް ހެދި މީހަކު އެދުނު ކޮންމެ ކަމެއް ފުރިހަމަ ކޮށް ދެއްވާނޭ ކަމަށެވެ.
ޝައިޠާނާ އަށް މި އިޢުލާނުގެ އަޑު އިވުމާއެކު އިންސާނެއްގެ ސިފަ ޖެހިގެން ޝާހީ ދަރުބާރަށް ހިނގައްޖެ އެވެ. ރަސްގެފާނުގެ އަމުރުފުޅަށް އޭނާ ދަރުބާރަށް ހާޒިރު ކުރެވިއްޖެ އެވެ.
"ކަލޭ ތިޔަ އައީ އަހަރެންގެ ދަރިކަނބަލުންނަށް ބޭސް ކުރާން ހެއްޔެވެ؟ ކަލެއަށް އޭނާގެ އާލާސްކަންފުޅު ފިލުވައިލެވޭނޭ ހެއްޔެވެ؟"
"މާތް ސާހިބާ އެވެ. އަޅުގަނޑުގެ އިޚްތިޔާރުގައި އެއްވެސް ކަމެއް ނެތެވެ. އަޅުގަނޑަކީ ނިކަމެތި ދަނޑުވެރިއަކީމެވެ." ޝައިޠާނާ ޖަވާބު ދިނެވެ.
ރަސްގެފާނު ޙައިރާންފުޅު ވެފައި ސުވާލު ކުރެއްވި އެވެ. "ކަލޭ މި ތަނަށް އައީ ކީއް ކުރަން ހެއްޔެވެ؟ އަހަރެން މި ހުންނަނީ އަހަރެންގެ ދަރިކަނބަލުންނަށް ފަރުވާ ކޮށް، އާލާސްކަންފުޅުން ފަސޭހަ ކޮށްދޭނޭ މީހަކު މަތި ނުވެފަ އެވެ."
"މާތް ސާހިބާ އެވެ. އެ ކަމަނާގެ އާލާސްކަންފުޅު ފިލުވައި ދޭނޭ މީހަކު އަޅުގަނޑު ދަންނަމެވެ. އަޅުގަނޑުމެންގެ ރަށުގައި ވަރަށް އަޅުވެރި، ދީންވެރި، ޢިލްމުވެރިއަކު އުޅެ އެވެ. އޭނާގެ ނަމަކީ ބަރްސީސާ އެވެ. ނިކަމެތީންނާއި، ބަލިމީހުންނަށް އެހީތެރިވެ ދިނުމަކީ އޭނާގެ އާދަ އެކެވެ. ބަލި ބަލީންނާއި، މައްސަލަ ތަކުން ސަލާމަތް ނުވެގެން އުޅޭ އެތައް ބަޔަކު އޭނާގެ ކައިރިއަށް ދެއެވެ. މާތް މަނިކުފާނުގެ ދަރިކަނބަލުންގެ އާލާސްކަންފުޅު އޭނާ ފިލުވައި ދީފާނެ އެވެ." ޝައިޠާނާ ބުންޏެވެ.
ރަސްގެފާނު ޝައިޠާނާ އާ ދިމާ އަށް ޝައްކުގެ ނަޒަރަކުން ބައްލަވައި ލެއްވި އެވެ.
"އެހެން ކަމަށް ވާ ނަމަ އޭނާ މި ތަނަށް ނައީ ކީއް ވެގެން ހެއްޔެވެ؟ އަހަރެންގެ ދަރިކަނބަލުންގެ އާލާސްކަންފުޅު ފިލުވައި ދިން މީހަކު ބޭނުން ކޮންމެ ކަމެއް ކޮށްދޭނޭ ކަމަށް އަހަރެން އޮންނާނީ މުޅި ސަހަރަށް އިޢުލާނު ކޮށްފަ އެވެ."
ދަނޑުވެރިއެއްގެ ސިފަ ޖެހިގެން އައިސް ހުރި ޝައިޠާނާ، ރަސްގެފާނުގެ ވާހަކަފުޅު އަހައިފައި ޝައިޠާނީ ހިނިތުން ވުމަކާއެކު މަޑު މަޑުން ބުނެލި އެވެ.
"މާތް ސާހިބާ އެވެ. ގަދަރުފުޅު އުފުލިގެންވާ ރާޖާ އެވެ. އޭނާ އަކަށް މި ތަނަކަށް ނާދެވޭނެ އެވެ. ބަލި މީހުން ދަނީ އޭނާގެ ކައިރި އަށެވެ."
"ތިޔަ ދައްކަނީ ކޮން ކަހަލަ ވިޔާ ނުދާ ވާހަކަ ތަކެއް ހެއްޔެވެ؟ އަހަރެންގެ ދަރިކަނބަލުންނަށް ބޭސް ކުރާކަށް އޭނާ އަކަށް ނާދެވޭނެ ހެއްޔެވެ؟" ރަސްގެފާނު ކޯފާގެ ރާގަކަށް އައްސަވައި ލެއްވި އެވެ.
"މާތް ސާހިބާއެވެ. މަނިކުފާނުގެ އުމުރުފުޅު ދަންމަވާށި އެވެ. އޭނާ އަކީ ވަރަށް އާދަޔާ ޚިލާފު މީހެކެވެ. ރަހެއްގެ ދަރިކަނބަލެކޭ، ދަނޑުވެރިއެއްގެ ދަރިއެކޭ އޭނާގެ ކުރިމަތީގައި އެއްވެސް ތަފާތެއް ނުހުރެ އެވެ. އޭނާގެ ކުރިމަތީގައި އެންމެން ހަމަ ހަމަ އެވެ. ބަލި މީހެއް ނަމަ އޭނާގެ ކައިރިއަށް ނުދާ މީހަކު ނެތެވެ." ޝައިޠާނާ ބުންޏެވެ.
ރަސްގެފާނު ކޯފާގެ ކޮޅަށް ކޯފާ އިސް ކުރައްވައި، ތަޚުތުން ތެދުވެ ވަޑައިގެންފި އެވެ. "އަހަރެން މިއީ މި ސަހަރުގެ ރަސްގެފާނުކަން ކަލެއަކަށް ފަހެ ނޭނގޭ ހެއްޔެވެ؟ އަހަރެންގެ ދަރިކަނބަލުން އެއްވެސް ޙަކީމެއް، ބޭސްވެރިއެއްގެ ގާތަކަށް ވަޑައެއް ނުގަންނަވާނެ އެވެ."
"މަނިކުފާނުގެ އުމުރުފުޅު ދަންމަވާށި އެވެ. ބަރްސީސާ އަކީ ޙަކީމެއް ނޫނެވެ. އޭނާ އަކީ ބޭސްވެރިއެއްވެސް ނޫނެވެ. މަނިކުފާނަށް ވިސްނި ވަޑައިގަންނަވާ ގޮތަށް އަޅުގަނޑަށް ނުދެންނެވުނީ ކަމަށް ހީވެ އެވެ. އޭނާ އަކީ ދީންވެރި، ޢިލްމުވެރި އެކެވެ. އޭނާ ބޭނުން ކުރާ ބޭހެއްގެ ބާވަތެއް އެއްވެސް ޙަކީމަކަށް ވެސް ނޭނގެ އެވެ. އޭނާގެ ސިއްރުތައް އެނގޭ މީހަކު ހުންނަ ކަމަކަށް ނުވެ އެވެ. އެހެން ނަމަވެސް އޭނާގެ ކައިރިއަށް ދާ މީހުން އެނބުރި ދަނީ ފަސޭހަ ވެގެންނެވެ." ޝައިޠާނާ ބުންޏެވެ.
އޭނާގެ މި ޖަވާބު އަޑު އިވި ވަޑައިގަތުމުން ރަސްގެފާނު ފުން ވިސްނުންފުޅެއްގެ ތެރެއަށް ގެއްލި ވަޑައިގެންފި އެވެ. އިރުކޮޅަކު އެހެން ހުންނެވުމަށް ފަހު ވިދާޅު ވިއެވެ.
"އެންމެ ރަނގަޅެވެ. އޭނާ އަށް މި ތަނަށް ނާދެވޭ ކަމަށް ވަނީ ނަމަ އަހަރެން އޭނާގެ ކައިރިއަށް ހިނގައިދާނަމެވެ. ދަރިކަނބަލުންގެ ފުރާނަ އަށްޓަކައި ކުރަން ޖެހޭ ކޮންމެ ކަމެއް ކުރާން އަހަރެން މި ހުންނަނީ ތައްޔާރަށެވެ. އެކަމަކު އަހަރެން ގެ ވާހަކަ އަޑު އަހާށެވެ. މި ކަމުގެ ނަތީޖާ ނުބައިކޮށް ނުކުމެއްޖެ ނަމަ..."
ރަސްގެފާނުގެ ވާހަކަފުޅު ނުނިމެނީސް ޝައިތާނާ ބޯ ތިރިކޮށްފައި ދަންނަވައިފި އެވެ.
"ސާހިބާ އެވެ. އަޅުގަނޑުގެ ބޯ ހަށިގަނޑާ ވަކި ކޮށް ލައްވާށެވެ."
ރަސްގެފާނު ހަމަ އެ ވަގުތު އަރިހު ބޭކަލުން ގެންނަވައި ދަތުރުފުޅަށް ތައްޔާރު ކުރާން އަންގަވައިފި އެވެ.
މާ ގިނަ އިރުތަކެއް ނުވެ، ރަސްގެފާނުގެ ދަރިކަނބަލުން އެނދުދާންކޮޅެއްގައި ވަޑުވައިގެން ޝާހީ ޤާފިލާ ދަތުރަށް ފަށައިފި އެވެ. ޤާފިލާ ބަރްސީސާގެ ގެއަށް ދިއުމާ އެކު އޭނާ ރަސްގެފާނަށް ވަރަށް ބޮޑަށް އިޙްތިރާމް ކޮށް، އަދަބު އަދާ ކުރި އެވެ. ރަސްގެފާނު ދަރިކަނބަލުންގެ ހާލުކޮޅުގެ ވާހަކައިން ވިދާޅު ވުމަށްފަހު، އާލާސްކަންފުޅުން ފަސޭހަ ކޮށް ދެވިދާނެތޯ ސުވާލު ކުރެއްވި އެވެ.
ބަރްސީސާ ނުހަނު މަޑުމައިތިރި ކަމާއެކު ދެންނެވި އެވެ.
"މާތް ސާހިބާ އެވެ. އަޅުގަނޑު އަބަދުވެސް މަސައްކަތް ކުރަނީ ހުރިހައި އިންސާނުންނާ މެދުވެސް ރަނގަޅަށް ކަންތައް ކުރެވޭތޯ އެވެ. އަޅުގަނޑު މަނިކުފާނުގެ ދަރިކަނބަލުން ބަލައިލާނަމެވެ. އާލާސްކަންފުޅުގެ ބާވަތް އަޅުގަނޑަށް އެނގިއްޖެ ނަމަ ﷲ ގެ އިޒުނަފުޅާއެކު ބޭހެއް ހެދޭތޯ މަސައްކަތް ކުރާނަމެވެ. އެކަމަކު އަޅުގަނޑުގެ ޝަރުޠެއް އެބަ އޮތެވެ. އަޅުގަނޑު އެ ކަމަނާ މުޢާއިނާ ކުރާ ވަގުތު އެއްވެސް އިތުރު މީހަކު ކައިރީގައި ހުރެގެން ނުވާނެ އެވެ."
މި ޝަރުޠުގެ ސަބަބުން ރަސްގެފާނުގެ ހިތްޕުޅަށް ބިރުވެރިކަން ވަދެގެން ދިޔަ އެވެ. ދަރިކަނބަލުން ހިލޭ ފިރިހެނަކާ އެކީ ގިނިކަންޏާ އުޅުއްވާން ދޫ ކޮށްލެއްވުމަކީ ކިހިނަކުން ކުރެއްވޭނޭ ކަމެއް ތޯއެވެ؟ އެހެން ނަމަވެސް ބަރްސީސާގެ ޝަރުޠާ ރުހިވަޑައިގަންނަވާން ރަސްގެފާނަށް މަޖުބޫރުވެ ވަޑައިގެންފި އެވެ.
ދަރިކަނބަލުން ވަކި ކޮޓަރި އަކަށް ގެންދެވިއްޖެ އެވެ. ބަރްސީސާ މުޢާއިނާ ކުރާން ފަށައިފި އެވެ. އެ ރީތި އަންހެން ސާހިބާގެ ހާލުކޮޅު ވަރަށް ދެރަ އެވެ. މޫނުފުޅު ވަނީ ރީނދޫ ވެފަ އެވެ. ތުންފަތްޕުޅު ވަނީ ހިކިފަ އެވެ. ހަށިކޮޅުގައި ފުރާނައެއް ނެތޭ ހީވާ ފަހަރުވެސް އާދެ އެވެ. ބަރްސީސާ މުޢާއިނާ ކުރުމާއިގެން އުޅެނިކޮށް ކޮޓަރި ތެރެއިން ހިޔަންޏެއް ވެއްޖެ އެވެ. ކުރިމަތީން ފެންނާން އެހެރީ މީހެއްގެ ހިޔަންޏެވެ.
"ކަލޭ ތިޔައީ ކާކު ހެއްޔެވެ؟" ބަރްސީސާ އަހައިލި އެވެ.
"އަހަރެން މިއީ ރަސްގެފާނުގެ ޚާއްޞަ މީހަކީމެވެ." އޭނާ ޖަވާބު ދިނެވެ.
"މި ތަނަށް އައީ ކީއް ކުރާން ހެއްޔެވެ؟" ބަރްސީސާ ހަރުކަށި ރާގަކަށް އަހައިލި އެވެ.
"ޤާފިލާ އެނބުރި ދިއުމުގެ ދަތުރު ފަށާން ރަސްގެފާނު އެންގެވި ވާހަކަ ބުނެލާން ވެގެންނެވެ. އެންމެން އެ ދަނީ މި ދަރިކަނބަލުން ކަލޭގެ ކައިރިއަށް ދޫ ކޮށްލާފަ އެވެ." އެ މީހާ ބުންޏެވެ.
"އެއީ ކީއް ވެގެން ހެއްޔެވެ؟" ބަރްސީސާ އަހައިލި އެވެ.
"ރަސްގެފާނު ކަލެއަށް ވަރަށް ބޮޑަށް އިތުބާރު ކުރައްވަ އެވެ." އޭނާ ބުންޏެވެ.
ބަރްސީސާ ފަޚުރުވެރިކަމާ އެކު މޭ ފުއްޕައިލި އެވެ.
"އެންމެ ރަނގަޅެވެ. އަހަރެންގެ ފަރާތުން ރަސްގެފާނަށް ޝުކުރު ދަންނަވާށެވެ. އަދި ރަސްގެފާނުގެ ދަރިކަނބަލުން ފަސޭހަފުޅު ކުރެވޭތޯ ކުރެވޭން އޮތް ހުރިހައި ކަމެއް ކުރާނަމޭ ދަންނަވާށެވެ."
"މުސްކުޅިޔާއެވެ. ކަލޭގެ އުމުރު ދިގު ކުރައްވާށިއެވެ." އެ މީހާ މިހެން ބުނެފައި ކޮޓަރިން ނުކުމެއްޖެ އެވެ.
އެއީ އިންސާނެއް ނޫނެވެ. ކޮޓަރިން ނުކުތް ވަގުތު އޭނާގެ ތުންފަތް މައްޗަށް ވެރިވެފައި ވަނީ ޝައިޠާނީ ހިނިތުން ވުމެކެވެ. އޭނާ އެ ދިޔަ ގޮތަށް ދިޔައީ ރަސްގެފާނުގެ އަރިއަހަށެވެ.
"މާތް ސާހިބާ އެވެ. މުސްކުޅި ޙަކީމް ވިދާޅު ވަނީ މަނިކުފާނުގެ ދަރިކަނބަލުން މި ތަނަށް ދޫކޮށްލައްވާފައި ވަޑައިގަންނަވާށެވެ. އޭނާ ވިދާޅު ވަނީ ހައެއްކަ ދުވަހު މި ތާނގައި އެ ކަމަނާ ބާއްވަވަން ބޭނުންފުޅުވާ ކަމަށެވެ."
"ނޫނެކެވެ. ތިޔަހެން ހެދޭނީ ކިހިނެއް ހެއްޔެވެ؟ އަހަރެން މި ތާނގައި ހުންނާނީ އެވެ. އަހަރެންގެ ދަރިކަނބަލުންނަށް ވުރެ ބޮޑަށް އަހަރެން ލޯބިވާ އެކަކުވެސް ނެތެވެ." ރަސްގެފާނު ވިދާޅު ވިއެވެ.
"މާތް ސާހިބާ އެވެ. ބަރްސިސާ އަށް އިތުބާރު ކުރެއްވުމަކީ މި ވަގުތު މަނިކުފާނު ކުރައްވާން ޖެހި ވަޑައިގެންފައިވާ ކަމެކެވެ. މަނިކުފާނުގެ ދަރިކަނބަލުންނަށް ރަނގަޅަށް ބޭސް ފަރުވާ ކުރެވޭނީ އޭރުން ކަމަށް އަޅުގަނޑަށް ފެނެ އެވެ. މަނިކުފާނު ވިދާޅުވީ ގޮތަކަށް ހަދާން އަޅުގަނޑުމެން މި ތިބީ ތައްޔާރަށެވެ. އެހެން ނަމަވެސް އަޅުގަނޑަށް ފެންނަނީ އޭނާ ވިދާޅުވާ ގޮތަކަށް ހައްދަވާށެވެ."
ރަސްގެފާނު ފިކުރުފުޅު ކުރައްވާން ފައްޓަވައިފި އެވެ. އަހަރެންގެ ދަރިކަނބަލުންނަށް ކަމެއް ވެއްޖެއްޔާ ހަދާނީ ކިހިނެއް ހެއްޔެވެ؟ އެހެން ނަމަވެސް އެހެން ގޮތެއް ފެނިވަޑައިގަންނަވާން ނެތީމާ އެންމެ ފަހުން ޖެހިވަޑައިގަތީ އެއްބަސްވެ ވަޑައިގަންނަވާށެވެ.
"އެންމެ ރަނގަޅެވެ. އަހަރެން އޭނާ އަށް ވަރަށް ބޮޑަށް އިތުބާރު ކުރަމޭ ބަރްސީސާ ގާތު ކަލޭ ގޮސް ބުނާށެވެ. އަހަރެމެން ހަމަ މިހާރު ފުރާނީ އެވެ."
ރަސްގެފާނު ގެ ޤާފިލާ ފުރައިގެން ދިއުމާއެކު ޝައިޠާނާ ދިޔައީ ބަރްސީސާގެ ކައިރި އަށެވެ. އޭނާ ވަރަށް އަދަބުވެރިކަމާ އެކު ބުނެފިއެވެ.
"ރަސްގެފާނު ވަޑައިގެންފި އެވެ. ދެން އަވަހަށް މަނިކުފާނުގެ މޮޅުކަން ދައްކައިލައްވާށެވެ."
"އަހަރެން މަސައްކަތް ކުރާނަމެވެ. ބަދު ރޫޙުތަކުން މި ދަރިކަނބަލުން ސަލާމަތް ކުރައްވާތޯ އަހަރެން ދުޢާ ކުރާނަމެވެ."
"އާދޭހެވެ. އިޖާބަ ކުރައްވާ ކަހަލަ ދުޢާ ކުރައްވާށެވެ." މިހެން ބުނެފައި ޝައިޠާނާ ހިނގައްޖެ އެވެ.
ޝައިޠާނާ ދިޔަ ނަމަވެސް އެތައް އިރެއް ވީ އިރުވެސް ބަރްސީސާ އަކަށް އޭނާގެ ވަސްވާސް ތަކަކުން ސަލާމަތެއް ނުވެވުނެވެ. އޭނާގެ ބޮލުގައި ރިއްސަނީ އެވެ. ހަދާނޭ ގޮތެއް ނޭނގެ އެވެ. ޝައިޠާނާގެ ނުބައި އަސަރު ތަކުން މިންޖު ވެވުނީ އެތައް މަސައްކަތަކުންނެވެ.
ދެން އޭނާ ފެށީ ދުޢާ ކުރާށެވެ. ރަސްގެފާނުގެ ދަރިކަނބަލުންގެ މޫނުފުޅުގެ ކުލަވަރު ބަދަލު ވާން ފަށައިފި އެވެ. ދެ ކޯތާފަތްޕުޅަށް ޖަންބު ކުލަ އަރާން ފަށައިފި އެވެ. ލޯފުޅު ހުޅުވިއްޖެ އެވެ.
"ކަލޭ ތިޔައީ ކާކު ހެއްޔެވެ؟" އެ ކަމަނާ ސުވާލު ކުރެއްވި އެވެ.
"އަޅުގަނޑުގެ ނަމަކީ ބަރްސީސާ އެވެ. އަޅުގަނޑު ކަމަނާ އަށް ބޭސް ކުރަނީ އެވެ."
"މިހާރު އަހަރެންގެ ހާލު ރަނގަޅެވެ." އެ ކަމަނާ ވިދާޅު ވިއެވެ. "އަހަރެމެން މިތިބީ ކޮން ތަނެއްގައި ހެއްޔެވެ؟"
"ކަމަނާ ތިޔަ އޮންނެވީ އަޅުގަނޑުގެ ގޭގަ އެވެ." ބަރްސީސާ ދެންނެވި އެވެ.
"އަހަރެންގެ ގަނޑުވަރުގައި ބޭސް ނުކުރީ ކީއްވެގެން ހެއްޔެވެ؟ ބައްޕާފުޅު ކޮބައި ހެއްޔެވެ؟" އެ ކަމަނާ ސުވާލު ކުރެއްވި އެވެ.
"ކަމަނާ އަށް ފަސޭހަފުޅު ވާންދެން އޮންނަވާނީ މި ގޭގަ އެވެ. ރަސްގެފާނު ކަމަނާ މި ތާނގައި ބާއްވަވާފައި ވަޑައިގެންފި އެވެ. އަޅުގަނޑު ކަމަނާ ގޮވައިގެން ގަނޑުވަރަށް ދާނަމެވެ." ބަރްސީސާ ދެންނެވި އެވެ.
"އަހަރެންގެ ބަލި ފަސޭހަ ކޮށް ދިނީ ކަލޭ ހެއްޔެވެ؟"
"ކަމަނާގެ އާލާސްކަންފުޅުން ފަސޭހަފުޅުވީ ﷲ ގެ ރަޙްމަތުންނެވެ. ޝިފާ ދެއްވާ ފަރާތަކީ އެއީ އެވެ. އަޅުގަނޑު ހަމައެކަނި ދުޢާ ކުރީ އެވެ."
"މިހާރު އަހަރެންގެ ޙާލު ރަނގަޅެވެ. ތެދުވެ އިށީނުމަކަށްވެސް އެއްވެސް ހުރަހެއް ނެތެވެ."
މިހެން ވިދާޅު ވެފައި ރަސްގެފާނުގެ ދަރިކަނބަލުން ތެދުވެ ވަޑައިގެން، އިށީނދެ ވަޑައިގެންފި އެވެ. އާލާސްކަންފުޅުން ފަސޭހަފުޅު ވުމާއެކު ބަރްސީސާ އެ ކަމަނާ ގޮވައިގެން ގަނޑުވަރަށް ހިނގައްޖެ އެވެ. ދަރިކަނބަލުން ފެނިވަޑައިގަތުމާއެކު ރަސްގެފާނު ވީ އުފާފުޅެއްގެ ބޮޑު ކަމުން ލޯފުޅުން ކަރުނަފޮދު އޮހިގަތެވެ. ދަރިކަނބަލުންގެ ނިތްކުރިފުޅުގައި ބޮސް ދެއްވައި ކީރިތި ކުރެއްވި އެވެ.
"ބައްޕާފުޅާ އެވެ. އަޅުގަނޑު ވަރަށް ބޮޑަށް ބަނޑުފައިގެންފި އެވެ. އަވަހަށް މޭވާ އާއި ކާ އެއްޗެތި ގެނެސް ދެއްވާށެވެ."
"ހަމަ މިހާރު ތިޔަ އެއްޗެތި ގެންނާން މި އަންގަނީ އެވެ."
"އަޅުގަނޑަށް މިހާރު އިހްސާސް ކުރެވެނީ އަލުން ދުނިޔެއަށް އާދެވިގެން އުޅެނީ ކަމުގަ އެވެ. އަޅުގަނޑުގެ ހަށިގަނޑުން ހުރިހައި ތަދެއް ފިލައިފި އެވެ. ހުރިހައި ހުޅެއް މިހާރު ސީދާ ކުރެވެ އެވެ."
ރަސްގެފާނުގެ ދަރިކަނބަލުން ގެ އާލާސްކަންފުޅު ރަނގަޅު ވީމާ އެންމެން ތިބީ އުފަލުންނެވެ. ބަރްސީސާ އެއް ފިޔަވަޅު ކުރިއަށް ޖެހިލުމަށް ފަހު ދެންނެވި އެވެ.
"މާތް ސާހިބާ އެވެ. އަޅުގަނޑު ދިއުމުގެ އިޒުނަފުޅު ދެއްވާށެވެ. އަޅުގަނޑުގެ ވާޖިބު އަދާ ކުރެވިއްޖެއެއް ނޫންތޯއެވެ؟"
ރަސްގެފާނު ބަރްސީސާ އާ ކަރާއި ކަރު ޖައްސައި ސަލާން ކުރެއްވި އެވެ.
"ބަރްސީސާ އެވެ. ތިޔަހެން ގޮސްގެން ނުވާނެ އެވެ. މި ތާނގައި އަހަރެމެންގެ ކައިރީގައި ހުންނާށެވެ. ކަލޭ ބުނި ކޮންމެ ކަމެއް އަހަރެން ކޮށް ދޭނަމެވެ."
ބަރްސީސާ ހިނިތުން ވެލި އެވެ.
"މާތް ސާހިބާ އެވެ. މަނިކުފާނުގެ އުމުރުފުޅު ދަންމަވާށި އެވެ. އަޅުގަނޑުގެ މައްޗަށް މަނިކުފާނު އިތުބާރު ކުރެއްވި ކަމީ އިނާމެއްގެ ގޮތުގައި ފުދޭ ކަމެކެވެ. އެއީ އަޅުގަނޑަށް ލިބުނު ވަރަށް ބޮޑު ހިތްވަރެކެވެ. އަޅުގަނޑަކަށް މި ތާނގައި ހުރެވޭކަށް ނޯންނާނެ އެވެ. އަޅުގަނޑުގެ އިންތިޒާރުގައި އެތައް ބަޔަކު މިހާރުވެސް ތިބޭނެ އެވެ. އެ މީހުންނަށް ޚިދުމަތް ކުރުމަކީ އަޅުގަނޑުގެ ވާޖިބެކެވެ."
ބަރްސީސާ އަށް އިޙްސާސް ކުރެވުނު ގޮތުގައި ރަސްގެފާނުގެ ދަރިކަނބަލުން އޭނާޔާ ދިމާއަށް ބައްލަވާން ހުންނެވި ހުންނެވުމުގައި ޝުކުރުވެރިވެ ވަޑައިގަތުން ނޫން އެހެން ޖަޒުބާތެއް ވެސް ފޮރުވިފައި ވެއެވެ.
ބަރްސީސާ އެނބުރި އޭނާގެ ރަށަށް އަތުވެއްޖެ އެވެ. އެހެން ނަމަވެސް އޭނާގެ ހިތަށާއި ސިކުނޑިއަށް މިހާރު ފެތުރިފައިވާ ޖަޒުބާތަކީ މީގެ ކުރީން އޭނާ ދުވަހަކުވެސް ތަޖުރިބާ ކޮށްފައި ނުވާ ފަދަ ޖަޒުބާތު ތަކެކެވެ. އޭނާގެ ކުރިމަތީގައި ތާ އަބަދު އެނބުރެނީ ރަސްގެފާނުގެ ދަރިކަނބަލުންގެ ރީތި ސޫރަފުޅެވެ. އޭނާގެ ނޭފަތުގައި ހަރުލާފައި ވަނީ އެ ކަމަނާގެ ހަށިކޮޅުގެ ވަހެވެ.
އޭނާ ކެތްތެރި ކަމެއް ނެތް ގޮތެއްގައި އެނދުގައި އޮވެގެން ފުރޮޅެނީ އެވެ. ކުއްލިއަކަށް އޭނާ އަށް އިހްސާސް ކުރެވެނީ ކޮޓަރި ތެރޭގައި މީހަކު އުޅޭ ކަމުގަ އެވެ. އޭނާ އަށް އިވެނީ މީހަކު ވާހަކަ ދައްކާ އަޑެވެ. އެއީ ޝައިޠާނާގެ އަޑެވެ.
"ބަރްސީސާ އެވެ. ކަލޭ ތިޔަ އޮތީ ޢިޝްޤުގައި ޖެހިފަ އެވެ. ކަލޭގެ ހަށިގަނޑުގައި އުފެދިފައި ތިޔަ ވަނީ އިންސާނީ ޖަޒުބާތެވެ. ސިކުނޑިއަށް ވެރި ވެފައި ތިޔަ ވަނީ ރަސްގެފާނުގެ ދަރިކަނބަލުންގެ ޚިޔާލެވެ. މިހާރު ކަލެއަކަށް އެ ކަމަނާޔާ ނުލައި ދިރިއެއް ނުހުރެވޭނެ އެވެ. ކޮންމެ ގޮތެއް ހަދައިގެން ނަމަވެސް އޭނާ ހާސިލު ކުރެވޭތޯ ބަލާށެވެ."
ބަރްސީސާ ދާ ހިއްލާ ފޯ ވެއްޖެ އެވެ. އޭނާ އަމިއްލަ ނަފްސު ކޮންޓްރޯލް ކުރެވޭތޯ މަސައްކަތް ކުރިއެވެ. އެކަމަކު ނުބައި ޚިޔާލުތައް ސިކުނޑިން ފޮހެލެވޭނޭ ގޮތެއް ނުވި އެވެ. އެއީ ތެދެކެވެ. އޭނާ އެހެރީ ރަސްގެފާނުގެ ދަރިކަނބަލުންގެ ޢިޝްޤުގައި ރަނގަޅަށް ޖެހިފަ އެވެ."
ޝައިޠާނާ ދިޔައީ އޭނާ ރޭވުން ހިންގަމުންނެވެ. ޝިކާރަ އެ އޮތީ މިހާރު ދަލުގައި ޖެހިފަ އެވެ. ރަސްގެފާނުގެ ދަރިކަނބަލުންނަށް އެކި ކަހަލަ އާލާސްކަންފުޅު ޖެހޭން ފަށައިފި އެވެ. ވަރުފުޅު ދެރަ ވެގެން ގޮސް އެނދު ދާންކޮޅުން ތެދުވެ ވަޑައި ނުގެންނެވޭ ހިސާބަށް ހިނގައްޖެ އެވެ. މުޅި ގަނޑުވަރު ތެރެއަށް އަނެއްކާވެސް މާޔޫސީގެ އަސަރު ފެތުރޭން ފަށައިފި އެވެ.
ޝައިޠާނާ އަނެއްކާވެސް އިންސާނެއްގެ ސިފައިގައި ގަނޑުވަރަށް އަތުވެއްޖެ އެވެ.
"މާތް ސާހިބާ އެވެ. އެނގިވަޑައިގެންފިތޯއެވެ؟ އަޅުގަނޑަކީ ބަރްސީސާގެ މީހަކީމެވެ."
"އާނއެކެވެ. އެނގިއްޖެ އެވެ. ކަލޭ ތިޔަ އައީ ވަރަށް ރަނގަޅު ދަނޑިވަޅެއްގަ އެވެ. އަހަރެންގެ ދަރިކަނބަލުންނަށް އަނެއްކާވެސް ބޮޑު އާލާސްކަންފުޅެއް ޖެހިއްޖެ އެވެ." ރަސްގެފާނު ވިދާޅު ވިއެވެ.
"މާތް ސާހިބާ އެވެ. ދަރިކަނބަލުން އަނެއްކާވެސް ބަރްސީސާގެ ކައިރިއަށް ފޮނުއްވާށެވެ. އެކަމަކު މި ފަހަރު ތަންކޮޅެއް ގިނަ ދުވަހު ބަހައްޓަވާން ވާނެ އެވެ. ފުރިހަމަ އަށް ފަރުވާ ހޯއްދެވޭނީ އޭރުންނެވެ." ޝައިޠާނާ ބުންޏެވެ.
ރަސްގެފާނު އެ ގޮތާ ރުހިވަޑައިގެންފި އެވެ. އެއީ ޚުދު ރަސްގެފާނު ވެސް ގަސްތުފުޅު ކުރައްވައިފައި އޮތް ގޮތެވެ. ހަމަ އެ ވަގުތު ދަރުފުޅުގެ ތައްޔާރީތައް ފެށިއްޖެ އެވެ. މާ ގިނަ އިރު ތަކެއް ނުވެ ރަސްގެފާނުގެ ދަރިކަނބަލުންގެ ޤާފިލާ ދަތުރަށް ފަށައިފި އެވެ.
އެ ކަމަނާ ވަޑައިގަތުމުން ބަރްސީސާ ހުރީ ވަރަށް އުފަލުންނެވެ. އޭނާގެ ލޯބިވެރިޔާ، އޭނާގެ ކައިރިއަށް އައީ އެވެ.
މަޑު މަޑުން ރަސްގެފާނުގެ ދަރިކަނބަލުންގެ ހާލުކޮޅު ރަނގަޅު ވާން ފަށައިފި އެވެ. އެކަމަކު ބަރްސީސާ އާއި، އެ ކަމަނާޔާ ދެމެދު އޮތް ގުޅުން ބަދަލު ވާން ފަށައިފި އެވެ. އެއް ދުވަހަކު ބަރްސީސާ އެ ކަމަނާގެ ކުރިފުޅު މަތީގައި އޭނާގެ ލޯބި ފާޅު ކޮށްފި އެވެ. އެ ކަމަނާވެސް ލޯބީގެ ޖަވާބު ދެއްވީ ލޯބިންނެވެ. ދެ ލޯބިވެރިންގެ އުފަލުގެ ކޮޅެއް ނެތެވެ.
މި ގޮތުގައި އެތައް މަހެއް ފާއިތު ވެގެން ހިނގައްޖެ އެވެ. އެހެން ނަމަވެސް އެ މީހުންނަށް އިހްސާސް ކުރެވުނީ ދެތިން ގަޑި އިރަށް ވުރެ ގިނަ ވަގުތު ފާއިތު ވެގެން ނުދާ ކަމުގަ އެވެ. ޝައިޠާނާގެ ތީރު ގޮސް ޖެހުނީ ސީދާ އަމާޒަށެވެ. ރަސްގެފާނުގެ ދަރިކަނބަލުން އާލާސްވެ އިންނަވައިފި އެވެ.
ބަރްސީސާ އަށް މި ކަން އެނގުނީމާ ވަރަށް ބޮޑަށް ހާސް ވެއްޖެ އެވެ. ރަސްގެފާނު އޭނާ އަށް ކުރެއްވި އިތުބާރު ފަން ފުލުން ދިޔައީމާ ވަރަށް ބޮޑަށް ދެރަ ވެއްޖެ އެވެ.
އެއް ދުވަހަކު ތުނބުޅީގެ ހުރިހައި އިސްތަށްޓެއް ނުރަ ވެފައިވާ މުސްކުޅި މީހަކު ބަރްސީސާގެ ކައިރިއަށް އަތުވެއްޖެ އެވެ. އެއީ ޝައިޠާނާ އެވެ.
"ބަރްސީސާ އެވެ. ކަލޭގެ ކުރިމަތީގައި އޮތް މައްސަލަ އަކީ ކޮބައިކަން އަހަރެންނަށް ވަރަށް ރަނގަޅަށް އެނގެ އެވެ. އެ މައްސަލަ ޙައްލު ކުރަން އޮތީ އެންމެ ގޮތެކެވެ."
ބަރްސީސާ ޙައިރާން ވެފައި އަހައިލި އެވެ. "އެއީ ކޮން ގޮތެއް ހެއްޔެވެ؟"
"ރަސްގެފާނުގެ ދަރިކަނބަލުން ގަތުލު ކޮށްފައި އެއްވެސް މީހަކަށް ނޭނގޭ ތަނެއްގައި ވަޅު ލާށެވެ." ޝައިޠާނާ ބުންޏެވެ.
"މުސްކުޅިޔާ އެވެ. ތިޔަ ދައްކަނީ ކޮން ކަހަލަ ވާހަކައެއް ހެއްޔެވެ؟ އެ ކަމަނާ ޤަތުލު ކޮށްފައި އަހަރެން އެހެން މީސް މީހުންގެ ކުރިމައްޗަށް ނުކުންނާނީ ކިހިނެއް ހެއްޔެވެ؟" ބަރްސީސާ ބުންޏެވެ.
"މީހުން ކަލެއަށް އިތުބާރު ކުރެ އެވެ. ކަލޭ ދައްކާ ކޮންމެ ވާހަކައެއް ޤަބޫލު ކުރާނެ އެވެ. އެ ކަމަނާ އާލާސްކަންފުޅުގައި އަވަހާރަވީއޭ، އެހެންވީމާ ވަޅުލައިފީމޭ ބުނާށެވެ." ޝައިޠާނާ ސިއްރުވެރި ރާގަކަށް ބުނެލިއެވެ.
"ތިޔައީ ރަނގަޅު ބުއްދި އެކެވެ. އެކަމަކު އަހަރެންނަކަށް ތިޔަ ކަމެއް ނުކުރެވޭނެ އެވެ. އަހަރެން އެ ކަމަނާ ދެކެ ލޯބި ވެއެވެ."
"ބަރްސީސާ އެވެ. ތިޔައީ ނާޖާއިޒު ލޯތްބެކެވެ. އަހަރެން މި ބުނާ ގޮތަށް ނުހަދައިފިއްޔާ ކަލޭގެ އަބުރާއި، ޢިއްޒަތް ވެއްޔާ މޮޑެވިދާނެ އެވެ." މިހެން ބުނެފައި ޝައިޠާނާ ހިނގައްޖެ އެވެ.
ބަރްސީސާ ވިސްނާން ފަށައިފި އެވެ. އެންމެ ފަހުން އޭނާ ކަނޑައެޅީ އެ ޝައިޠާނީ މަޝްރޫޢު ހިންގާށެވެ. އެއް ރެއަކު ރަސްގެފާނުގެ ދަރިކަނބަލުން އަވަހާރަ ކޮށްލުމަށް ފަހު ވަޅު ލައިފި އެވެ. ރަސްގެފާނަށް އެ ކަމަނާ އަވަހާރަވީ ޚަބަރު އެރުވީ ވެސް ޚުދު އޭނާ އެވެ. އެ ޚަބަރު ލިބިވަޑައިގަތުމުން ރަސްގެފާނަށް ހީފުޅުވީ މޭފުޅަށް ޚަންޖަރެއް ހަރައިލީ ހެންނެވެ. ކުޑަ އިރުކޮޅަކު ހިމޭނުން ހުންނެވުމަށް ފަހު ސުވާލު ކުރެއްވިއެވެ.
"އެ ކަމަނާގެ ޤަބުރު ކޮބައި ހެއްޔެވެ؟"
"މާތް ސާހިބާ އެވެ. އަޅުގަނޑު މި އައީ އެ ކަމަނާ ވަޅުލާފަ އެވެ." ބަރްސީސާ ދެންނެވި އެވެ.
މުޅި ގަނޑުވަރަށް ހިތާމައިގެ ދުވަސް އަތުވެއްޖެ އެވެ. މުޅި ޤައުމު ހިތާމަ ކުރަނީ އެވެ.
ޝައިޠާނާ ދަނޑުވެރިއެއްގެ ސިފައިގައި ރަސްގެފާނުގެ ގަނޑުވަރަށް އަތުވެއްޖެ އެވެ.
"މާތް ސާހިބާ އެވެ. ބަރްސީސާ މަނިކުފާނަށް މަކަރު ހަދައިފި އެވެ. އޭނާ ހެދީ ދޮގެވެ. މަނިކުފާނުގެ ދަރިކަނބަލުން އިންނެވީ އާލާސްވެ އެވެ. ބަރްސީސާ އެ ކަމަނާގެ ކަރުފުޅުގައި ހިފައި އަވަހާރަ ކޮށްލީ އެވެ."
"ބަރްސީސާ ތިޔަ ކަހަލަ ނުބައި ކަމެއް ނުކުރާނެ އެވެ. އަހަރެންގެ ދަރިކަނބަލުންގެ ފުރާނަ ސަލާމަތް ކޮށް ދިނީ އޭނާ އެވެ."
"ތިޔައީ ތެދު ފުޅެކެވެ. އެ ކަމަނާގެ ފުރާނަފުޅު ސަލާމަތް ކޮށްދިނީ އޭނާ އެވެ. އަދި އެ ކަމަނާގެ ފުރާނަ ފުޅު ދުއްވައިލީވެސް ހަމަ އޭނާ އެވެ." ޝައިޠާނާ ދެންނެވި އެވެ.
ރަސްގެފާނު ހުންނެވީ ދަރިކަނބަލުން އަވަހާރަ ވުމުގެ ސަބަބުން ލިބިވަޑައިގަތް ހިތާމަފުޅުގަ އެވެ. އެހެން ހުންނަވަނިކޮށް މި ލިބިވަޑައިގަތް ޚަބަރަކުން ވަރަށް ބޮޑަށް ކޯފާ ވެއްޖެ އެވެ.
"ތިޔައީ ވަރަށް ބޮޑު ދޮގެކެވެ. ކަލޭ ތިޔަ ދައްކާ ވާހަކަ އަކީ ދޮގެއް ކަމަށް ސާބިތު ވެއްޖެ ނަމަ އަހަރެންގެ އަތުން ކަލޭ ގަތުލު ކޮށްލާނަމެވެ."
"އަޅުގަނޑު ތިޔަ ގޮތާ ރުހެމެވެ." ޝައިޠާނާ ބުންޏެވެ. "އަޅުގަނޑުގެ ވާހަކަ އަކީ ދޮގަކަށް ވެއްޖެ ނަމަ އަޅުގަނޑު ގަތުލު ކޮށްލައްވާށެވެ. އެކަމަކު އަޅުގަނޑުގެ ވާހަކަ އަކީ ތެދެއް ކަމަށް ވެއްޖެ ނަމަ ބަރްސީސާ ގަތުލު ކޮށްލައްވާން ވާނެ އެވެ."
ރަސްގެފާނު ސިފައިންނާ އެކު ޝައިޠާނާގެ ފަހަތުން ދަތުރުފުޅު ފައްޓަވައިފި އެވެ. އޭނާ ދެއްކި ތަނަށް ގޮސް މަހާނަ ކޮނެގެން ބެލީމާ އެއީ ތެދެއްކަން ވަރަށް ރަނގަޅަށް ސާބިތު ވެއްޖެ އެވެ.
ރަސްގެފާނު ވިދާޅު ވިއެވެ. "އެ ނުލަފާ ކަލޭގެ އަހަރެންނަށް މަކަރު ހެދީތާ އެވެ. އޭނާ އަށް ވަރުގަދަ އަދަބެއް ދޭނަމެވެ."
ހަމަ އެ ވަގުތު ބަރްސީސާ ހައްޔަރު ކުރެވިއްޖެ އެވެ. މުޅި ސަހަރުގެ އެންމެން އޭނާ އަށް އެއްޗެތި ކިޔައި މަލާމާތް ކުރާން ފަށައިފި އެވެ. މީގެ ކުރީން މީހުންގެ ބަލި ބައްޔަށް ފަރުވާކޮށް، އެހީތެރިވެދީ، އަޅުކަން ކޮށް އުޅުނު ޤަދަރުވެރި މީހާ މިހާރު އެންމެންގެ ކުރިމަތީގައި ޤާތިލަކަށް ވީ އެވެ.
ރަސްގެފާނު އޭނާ މަރާން ޙުކުމް ކުރެއްވީމާވެސް އޭނާގެ ލޮލުން އެންމެ ކަރުނަ ތިތްކެއްވެސް ނުވެއްޓެ އެވެ. ދަން ޖައްސާ މަޅިގަނޑު ތައްޔާރު ކުރެވި، ބަރްސީސާ އެ ތަނަށް ގެނެވިއްޖެ އެވެ. ޖައްލާދު ބަރްސީސާގެ ކަރަށް މަޅިގަނޑު މަހައިފި އެވެ. ބަރްސީސާ ޖައްލާދާ ދިމާއަށް ބަލައިލި އެވެ. އެ މީހަކީ ކުރީން ދުވަހު ރަސްގެފާނުގެ މީހެއްގެ ނަމުގައި އޭނާގެ ކައިރިއަށް ދިޔަ މީހާ އެވެ.
"ކަލޭ ހެއްޔެވެ؟" ބަރްސީސާ އަހައިލި އެވެ.
"އާނއެކެވެ. އަހަރެން މިއީ ކަލޭގެ ކައިރިއަށް ދިޔަ މީހާ އެވެ. ކަލެއަކަށް އަދިވެސް އަހަރެން މިއީ ކާކު ކަމެއް ނޭނގެއެއް ނޫން ހެއްޔެވެ؟ އަހަރެން މިއީ ޝައިޠާނާ އެވެ."
"އެހެން ހެއްޔެވެ؟ ކަލޭ ތިޔައީ ޝައިޠާނާ ހެއްޔެވެ؟ ކަލޭ އަހަރެންނަށް މިހައި ބޮޑު ބޮނޑިއެއް ދިނީ ކީއް ވެގެން ހެއްޔެވެ؟" ބަރްސީސާ އަހައިލި އެވެ.
"ކަލޭގެ ގަދަރާއި ޢިއްޒަތް މާ ބޮޑު ވެގެން ދިޔައީ އެވެ. ކަލެއަކީ އަހަރެންނަށް ވުރެވެސް ބޮޑު މީހެއް ކަމަށް މީހުން ގަބޫލު ކުރާން ފެށީ އެވެ. އެ ކަމާ އަހަރެން ކަން ބޮޑު ވީ ވަރުން ކަލެއަށް ބޮނޑި ދިނީ އެވެ."
ބަރްސީސާ އަކަށް އެ ވާހަކަ ތަކަށް ދޭނޭ ޖަވާބެއް ނޭނގުނެވެ. އޭނާ ބުންޏެވެ. "އެހެން ވެއްޖެއްޔާ ބަލަހައްޓައިގެން ތިޔަ ހުންނަނީ ކީއް ކުރާން ހެއްޔެވެ؟ މަޅިގަނޑަށް ބާރު ކޮށްލާށެވެ."
"ބަރްސީސާ އެވެ. ފުރަތަމަ އަހަރެންގެ ވާހަކަ އަޑު އަހާށެވެ." ޝައިޠާނާ ބުންޏެވެ. "މި ތަނަށް އެއްވެ މި ތިބަ މީހުންނާ ދިމާ އަށް ނިކަން ބަލައިބަލާށެވެ. އެ މީހުންގެ ލޮލުގައި އެ ވަނީ ނަފްރަތުގެ ކުލަވަރެވެ. އެއީ މީގެ ކުރީން ކަލެއަށް ހާދަހާ ޤަދަރެއް ކުރި ބައެކެވެ."

"އިތުރު ވާހަކަ ނުދައްކައި ކަލޭގެ މަސައްކަތާއިގެން ކުރިއަށް ދާށެވެ." ބަރްސީސާ ބުންޏެވެ.
"އަހަރެން ބޭނުން ވަނީ ކަލެއަށް އިތުރު ފުރުސަތެއް ދޭށެވެ. ކަލޭ އަހަރެންގެ ކުރިމަތީގައި ސަޖިދަ ޖަހައި، އެންމެ ބާރު ގަދަ ފަރާތަކީ އަހަރެން ކަމަށް އިޢުތިރާފް ވެއްޖެ ނަމަ އަހަރެން ކަލޭ ސަލާމަތް ކޮށް ދީފާނަމެވެ." ޝައިޠާނާ ބުންޏެވެ.
"އަހަރެން ކަލެއަށް ސަޖިދަ ޖަހަންވީ ހެއްޔެވެ؟ އަހަރެން ކަރުގައި މި މަޅިގަނޑު އޮއްވައި ސަޖިދަ ޖަހާނީ ކިހިނެއް ހެއްޔެވެ؟" ބަރްސީސާ ބުނެލިއެވެ.
ޝައިޠާނާ މަކަރުވެރި ގޮތަކަށް ހީނގަތެވެ. ބަރްސީސާގެ ކަންފަތުގައި އަނގަ ޖަހާފައި ބުންޏެވެ. "މިއީ ހަމައެކަނި ކަލެއާއި އަހަރެންނާ ދެމެދު އޮތް ކަމެކެވެ. އެހެން އެއްވެސް މީހަކަށް މިތަން ނުވެސް ފެންނާނެ އެވެ. އަހަރެންގެ މަތިވެރި ކަމަށް އިޢުތިރާފް ވާ ކަމަށް ބޮލުން އިޝާރާތް ކޮށްލާށެވެ. އަހަރެން ކަލޭ ދޫ ކޮށްލާނަމެވެ."
ބަރްސީސާ ގެ ހިތަށް އެ ވަސްވާސް ތަކުން އަސަރު ކޮށްފި އެވެ. އޭނާ މަރު ދެކެ ބިރު ގެންފި އެވެ. ސަލާމަތް ވާން އޮތީ ޝައިޠާނާ ބުނި ގޮތަކަށް ހަދައިގެންނެވެ. ވުމާއެކު އޭނާ ޝައިޠާނާ ބުނި ގޮތަށް ބޮލުގެ އިޝާރާތުން، ޝައިޠާނާގެ މަތިވެރި ކަމަށް އިޢުތިރާފް ވެއްޖެ އެވެ. އޭނާ ބޯ ތިރި ކޮށްލުމާއެކު ޝައިޠާނާ މަޅިގަނޑަށް ދަމައިލި އެވެ. ބަރްސީސާ ހަމަ އެ ވަގުތު މަރު ވެއްޖެ އެވެ. އަނގައިން އަޑެއްވެސް ނުނުކުތެވެ.
ވަށައިގެން އެއްވެ ތިބި މީހުން ޙައިރާން ވެފައި ބަލަން ތިބީ އެވެ. ޖައްލާދު ބާރަށް ހެނީ އެވެ. އޭނާގެ ދުޝްމަން މީހާ ބަލި ކޮށްލެވުނީމާ އެ ކަމުގެ އުފާ ކުރަނީ އެވެ.
...........
ކަވާސާއިން ނަގާފައި

Blog Widget by LinkWithin

No comments:

Post a Comment