13 August 2010

ރޯދަމަހަށް މަރުޙަބާ

ޢަބްދުﷲ ފާރޫޤް އިބްރާހިމް
ރޯދަމަހަށް އިސްތިޤްބާލްކުރަންޖެހެނީ ކޮން އެއްޗަކުންތޯއެވެ؟ އާދެ! ރޯދަމަހަށް އިސްތިޤްބާލުކުރަންޖެހެނީ ތައުބާވުމުންނެވެ. ރޯދަމަހަކީ ރަޙްމަތުގެ މައްސަރަކަށްވާއިރު އެމަހުގައި ﷲގެ ރަޙުމަތާއި ކުއްތަންވުމަށްޓަކައި އެންމެ އިސްކޮށް ކުރަންޖެހޭނެކަމަކީ، ތެދުވެރިކަމާއެކު ﷲ އަށް ތައުބާވުމެވެ. ތައުބާވުމަށްޓަކައި ކުރަންޖެހޭނީ ހަތަރުކަމެކެވެ.

ފުރަތަމަ ކަމަކީ ކުރީގައި ކޮށްކޮށްހުރި ފާފަ ނުކޮށް ހުއްޓާލުމެވެ. ދެވަނަކަމަކީ ކުރީގައި ކުރެވިފައިވާ ފާފައިގެ މައްޗަށް ދެރަވުމެވެ. ތިންވަނަ ކަމަކީ ކުރިއަށް އޮތްތާނގައި އަލުން ފާފަނުކުރުމަށް ޢަޒުމް ކަނޑައެޅުމެވެ. ހަތަރުވަނަ ކަމަކީ ކުރީގައި ކުރެވުނު ފާފައިން މީހެއްގެ ޙައްޤެއް ހިފިފައިވާނަމަ އެމީހަކަށް އެއެއްޗެއް އަނބުރާ ދިނުން ނުވަތަ އެޙައްޤު ކެނޑުވުމެވެ. ނަމަވެސް ޙައްޤު ކެނޑުވުމުގެ ނިޔަތުގައި ތިމާއަށް ކުރެވިފައިވާ ފާފައިގެ ވާހަކަ އެހެންމީހުންގެ ގާތުގައި ދައްކައިގެން ނުވާނެއެވެ. ﷲ އަށް ފާފަފުއްސެވުން އެދި ދަންނަވާނީއެވެ. މީހެއްގެ އަތުން ނުޙައްޤުން ސިއްރުން ނުވަތަ ގަދަކަމުން އަތުލައިގެންފައިވާ މުދަލެއް ވެއްޖެމީހާ އެއިން ތައުބާވާނަމަ އެމުދަލުގެ ވެރިޔަކު އެނގޭނަމަ އެމީހަކަށް ނުވަތަ އެމީހެއްގެ ބަދަލުގައި ހުރިމީހަކަށް އެމުދާ އަނބުރާ ދިނުން ވާޖިބުވާނެއެވެ. އެމުދަލުގެ ވެރިފަރާތް މަރުވެފައިވާނަމަ އޭނާގެ ވާރިޘުންނަށް ދޭނީއެވެ. އެފަދަ މުދަލުގެ ވެރިފަރާތް ނޭނގޭނަމަ ނުވަތަ އޭގެ ވެރިފަރާތް ހޯދަން ނުކުޅެދިއްޖެނަމަ އެފަދަ މުދާތައް ހޭދަކުރާނީ ޢާއްމު މަޞްލަޙަތަށާއި ފަޤީރުންގެ ޙައްޤުގައެވެ. އެނޫން ގޮތްގޮތުން ތިމާގެ އަމިއްލަ ނަފްސަށް ފާފަކޮށްގެން ހޯދޭ މުދާތައް ހުރެއްޖެނަމަ ތައުބާވާހިނދު އެފަދަ މުދާތައްވެސް ޢާއްމު ފައިދާ އެކުލެވޭ ކަންތައްތަކަށް ހޭދަކުރުން މޮޅުއިތުރުވެގެން ވެއެވެ.
ނަރަކައިގެ އަޛާބުން ދިންނެވުމަށް އެދި ތެދުހިތުން ތައުބާވުމަށް މިއީ ރަނުގެ ފުރުޞަތެކެވެ. ކޮންމެ އާދަމުގެދަރިއަކީ ކުށަށް ހުށަހެޅިގެންވާ މީހެކެވެ. ކުށަށް އިޢުތިރާފުވެ ކުށް ޤަބޫލުކޮށް ތައުބާވާ މީހުންނަކީ އޭގެތެރެއިން އެންމެ ހެޔޮ މީހުންނެވެ. ކުށްފާފަތައް ކިތަންމެ ގިނަވިޔަސް ﷲގެ ރަޙްމަތުން އެދުންކަނޑައިފުމީ އަޅުތަކުންނަށް އޮތްކަމެއް ނޫނެވެ. އެފަދަ މީހުންނަށް މާތްﷲ އަންގަވާފައިވަނީ ﷲގެ ރަޙްމަތަށް އެދި ތައުބާވުމެވެ. މާތްﷲވަޙީ ކުރެއްވި ބަސްފުޅެއްގެ މާނައިގައި ވެއެވެ.
"ކަލޭގެފާނު ވިދާޅުވާށެވެ. އޭ ފާފަކުރުމުގައި އިސްރާފުކޮށް އެބައިމީހުންގެ ނަފުސުތަކަށް އަނިޔާވެރިވެ އުޅުނު ތިމަންރަސްކަލާނގެ އަޅުންނޭވެ! ﷲ ގެ ރަޙްމަތާމެދު ތިޔަބައިމީހުން އެދުންކަނޑާނުލާށެވެ. ހަމަކަށަވަރުން ﷲ އެންމެހައި އަޅުތަކުންގެ ފާފަ ފުއްސަވައެވެ. ހަމަކަށަވަރުން އެކަލާނގެއީ ގިނަގިނައިން ފާފަ ފުއްސަވާ ރަޙީމުވަންތަ ރަސްކަލާނގެއެވެ." (ޒުމަރު:53)
ރޯދަމަހަކީ ރަޙުމަތުގެ މަހެވެ. ފާފަ ފުއްސެވުމުގެ މަހެވެ. ނަރަކައިން ދިންނެވުމުގެ މަހެވެ. މިމަހުގެ މިފަދަ ދުވަސްތަކުގައި އެކަލާނގެ ޙަޟްރަތަށް ކުއްތަންވެ ތައުބާވެއްޖެ މީހާގެ ތައުބާ އެކަލާނގެ ޤަބޫލު ކުރައްވާނެއެވެ. އެމީހެއްގެ ކުށްތައް އެކަލާނގެ ޢަފޫކުރައްވައި ފާފަ ފުއްސަވާނެއެވެ. އެކަލާނގެ ވަޙީކުރެއްވި ބަސްފުޅެއްގެ މާނައިގައި ވެއެވެ.
"އެކަލާނގެ އަޅުތަކުންގެ ކިބައިން ތައުބާ ޤަބޫލު ކުރައްވައި ކުށްތައް ޢަފޫކުރައްވަނީ ހަމަ އެކަލާނގެއެވެ. އަދި ތިޔަބައިމީހުން ކުރާ ކުށްތައް އެކަލާނގެ ދެނެވޮޑިގެންވެއެވެ." (ޝޫރާ: 25)
މާތްﷲ ވަޙީކުރެއްވިއެވެ.
"އޭ އީމާންވެއްޖެ މީސްތަކުންނޭވެ. ތިޔަބައިމީހުން މާތްﷲ އަށް ތެދުވެރިކަމާއެކު ތައުބާވާށެވެ. ތިޔަބައިމީހުން ހައްދަވާ ގެންގުޅުއްވާ އިލާހު ތިޔަބައިމީހުންގެ ކުށްތައް ޢަފޫ ކުރައްވާނެތެވެ. އަދި އެތާނގެ ދަށުން ފެންއާރުތްއް ހިނގަހިނގާހުރި ސުވަރުގެތަކަށް ތިޔަބައިމީހުން ވައްދަވާނެތެވެ." (ތަޙްރީމް:8)
"އޭ މުއުމިނުންނޭވެ! ތިޔަބައިމީހުން އެންމެން އެކުގައި މާތް ﷲ އަށް ތައުބާވާށެވެ. ތިޔަބައިމީހުންނަށް ނަޞީބު ލިބި ދިންނަވާތޯއެވެ." (ނޫރު: 31)
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.
"ހަމަކަށަވަރުން މަތިވެރި ﷲ އެއިލާހުގެ ރަޙްމަތް ރޭގަނޑުގައި ބާވައިލައްވައެވެ. އެއީ ދުވާލުގެ ފާފަވެރިންނަށް ފުއްސެވުމަށްޓަކައެވެ. އަދި އެ އިލާހުގެ ރަޙްމަތް ދުވާލުގައި ބާވައިލައްވައެވެ. އެއީ ރޭގަނޑުގެ ފާފަވެރީންނަށް ފުއްސެވުމަށްޓަކައެވެ. ހުޅަނގުން އިރު އަރަންދެން މިގޮތަށް މެދުނުކެނޑި ރަޙްމަތް ބާވައިލެއްވުމުގައި އެއިލާހު ދެމިވޮޑިގެންވެއެވެ."
ނޯޓް: މިލިޔުން ނަގާފައިވަނީ ދަރުމަ–ނޮވެމްބަރ 2003 އިން

Blog Widget by LinkWithin

No comments:

Post a Comment