10 August 2010

ރޯދަމަސް އައުމުގެ ކުރިން

އަލްއަޚް އިސްމާޢިލް ނާޖީ
ރޯދަ މަސް އަންނަނީއެވެ. ތެދުވެރި މުސްލިމުން ތިބީ އެ މަސް އަންނަލެއް ލަސްވެގެން ކެތް މަދުވެފައެވެ. ތައުބާވާން ބޭނުންވާ މުސްލިމުން ތިބީ، މާޟީގައި ކުރެވުނު ފާފަތަކުން، ހިތް ނުތަނަވަސްވެ މޮޅިވެފައެވެ. ފާފަތަކާއި ހައްމުތަކާއި ޣައްމުތަކުން އެ މީހުންވަނީ، ހިލިނުގަނެވިފައެވެ. ނަމަވެސް ރޯދަ މަހަކީ، މި ފަދަ މީހުންގެ އުއްމީދު އާލާވާނެ މަހެކެވެ. ތައުބާވުމަށެވެ.

މި ދިޔަ ރޯދަ މަހު ރޯދަ ނުހިފާ އުޅޭނެ ގޮތަކަށް އުޅެފައި، މި ރޯދަ މަސް އައުމުގެ ކުރިން މަރުވެ ދިޔައީ ކިތައް މީހުން ހެއްޔެވެ؟

ވޭތުވެ ދިޔަ ރޯދަ މަހު ރޯދަ ހިފައި އަޅުކަން ކުރުމަށްފަހު މި ރޯދަ މަސް އައުމުގެ ކުރިން ދުނިޔެ ދޫކުރި ތިމާގެ މީހެއް ރައްޓެއްސެއް ދަންނަ މީހެއް ނަމަވެސް އެބަހުރި ހެއްޔެވެ؟

ޢުމުރުގައި މިވީ ތަނަށް، ކިތައް ރޯދަ މަހާ ދިމާވިހެއްޔެވެ؟ ދިހައެއް، ވިހި ނުވަތަ ތިރީސް ހެއްޔެވެ؟ ދެން ވޭތުވެދިޔަ ރޯދަ މަސްތަކުގައި، ކަލޭގެ އަޅުކަން ކުރުން ހުރީ ކިހިނެއްހެއްޔެވެ؟ އީމާންތެރިކަން އިތުރަށް ސާބިތުވިހެއްޔެވެ؟ ދީންވެރިކަން އިތުރުވިހެއްޔެވެ؟ ﷲ އާ ކުއްތަންވުން ގިނަކުރިންހެއްޔެވެ؟ އަދި މިއަށްވުރެ މުހިއްމު ސުވާލަކީ، ރޯދަ މަހަށް ފަހު ކަލޭގެ ތަޤުވާވެރިކަން ކިހިނެއްހެއްޔެވެ؟ ރޯދަ ހިފުމުގެ މައިގަނޑު މަޤްޞަދުކަމުގައިވާ ''އެއީ ތިޔަބައި މީހުން ތަޤުވާވެރިވޭތޯއެވެ.'' ޙާޞިލު ކުރެވުނުހެއްޔެވެ؟

އެންމެ ފުރަތަމަ، މި ރޯދަ މަހުގެ އަޅުކަން ފުރިހަމަ ކުރެވުމުގެ ނަސީބު އަހަރެމެންގެ ޢުމުރުގައި، ﷲ ލެއްވުން އެދި ދުޢާކުރަމާ ހިނގާށެވެ. ރަޖަބް މަސް ފެއްޓުމުން ރަސޫލު -ޞައްލަﷲ ޢަލައިހިވަސައްލަމަ- ކުރައްވާ ދުޢާއަކީ ''ހައްދަވައި ބޮޑު ކުރެއްވި ރަސްކަލާކޮ! ރަޖަބްމަހާއި ޝަޢްބާން މަހުގައި، އަހަރެމެންނަށް ބަރަކާތް ލައްވާފާނދޭވެ! އަދި ރޯދަ މަހާއި ހަމައަށް އަހަރެމެން ވާޞިލުކުރައްވާފާނދޭވެ!'' (ރަވާހު އައްޠަބަރާނީ)

ރަށުގެ ބޮޑު މަގު ބުރު ކައިރީގައި، އެހެންދާ އެންމެންނަށް ފައިސާ ބަހާ މީހެއް އެބަހުއްޓެވެ. އެ މީހަކު ބޭނުންވަރަކަށް، ގޯންޏަކަށް ފައިސާ އަޅާފައި އެނާ ދެއެވެ. މި މުއްސަނދި މީހާ އަތުން ފައިސާ ހޯދާކަށް އެއްވެސް މަސައްކަތެއް ކުރާކަށް ނުޖެހެއެވެ. ބުރު ކައިރިއަށް ޖެހިލާ ކޮންމެ މީހަކު ވެސް މަހުޖަނަކަށް ވެދެއެވެ. އަންހެނެއް ފިރިހެނެއް، މުސްކުޅިއެއް، ކުޑަކުއްޖެއް، ކުއްވެރިއެއް، އަޅުވެރިއެއް ތަފާތެއް ނޯވެއެވެ. އިސާހިތަކު މުޅިރަށަށް މި ޚަބަރު ފެތުރި، ރަށު އެންމެން އެތަނަށް ޖަމާވާން ފަށައިފިއެވެ. ނުދާންވީ ސަބަބެއް ނެތެވެ. 83 އަހަރުވަންދެން މެދު ނުކެނޑި މަސައްކަތް ކުރުމުން ވެސް ނުލިބޭހޭ ގިނަ ފައިސާ އެންމެ ހިނދުކޮޅެއްގެ ތެރޭގައި ލިބޭ ވިއްޔާއެވެ. މިއީ އެކަމަކު ޙަޤީޤީ ވާހަކައެއް ނޫނެވެ.

އެކަމަކު އަހަރެމެންނަށް މިއަށްވުރެ މާ މޮޅު، މާ ހެޔޮކަން ބޮޑު، މާ އަގުހުރި ''ފައިސާ'' ލިބެން އެބަ ހުއްޓެވެ. އާދެ، އެއީ ލައިލަތުލް ޤަދްރި ވިލޭރޭގައެވެ. އެރޭ އަޅުކަން ކުރުމުންނެވެ. އެންމެ ރެއަކުން 83 އަހަރުގެ ހެޔޮކަން ލިބެން އެބައޮތެވެ. ދެންމެ ދުނިޔޭގެ އަރާމު ހޯދަން އަހަރެމެންގެ ކިބައިގައި ހުރި ޝައުޤުވެރިކަން މިކަމަށް ނެތީ ކީއްވެގެންހެއްޔެވެ؟ 83 އަހަރު ދުވަހު މީހަކު އަޅުކަން ކުރުމުން ލިބޭނެ ޘަވާބު އެންމެ ރެއަކުން އެބަ ލިބެއެވެ. މިހާ ދިގުމުއްދަތަކަށް އަޅުކަން ކުރެވެނީ ކާކަށް ހެއްޔެވެ؟ ޅަފަތުގެ ދުވަސްވަރު، ދިރިއުޅުމުގެ މަސައްކަތަށް ދާ ވަގުތު، ބަލިވެ އޮންނަ ވަގުތު، ނިދާފައި އޮންނަ ވަގުތު ކަނޑާލީމާ ޤަރުނެއްވަންދެން ދުނިޔޭގައި އުޅޭ މީހަކަށްވެސް މި މުއްދަތަށް އަޅުކަން ނުކުރެވޭނެއެވެ.

ވީމާ މި ރޯދަ މަހާއި، މަހުގައި ހިމެނޭ ލައިލަތުލް ޤަދްރިވިލޭރޭގެ ހެޔޮކަން ހޯދައިގަންނާނީ ކިހިނެއްހެއްޔެވެ؟ މި ބަރަކާތް ލިބިގަތުމަށްޓަކައި، ކުރެވިދާނެ ބައެއް ކަންތައް ލިޔެލާނަމެވެ.

އެކެއް:
ތައުބާ އާކުރާށެވެ. ތެދުވެރި، މޮޅިވެރި ހިތަކާއެކު ﷲ ޙަޟްރަތުގައި މުނާޖާ ދަންނަވާށެވެ. ފާފައަށް އިޢްތިރާފުވެ، ކުށަށް އިޤްރާރުވާށެވެ. އަދި އެފަދަ ކަމެއް ދެން މުޅި ޙަޔާތުގައި ވެސް ނުކުރަން ޢަޒުމު ކަނޑައަޅާށެވެ. ފާފައިގެ މައްޗަށް ހިތާމަކޮށް ކަރުނަ އޮހޮރާށެވެ. މީހަކަށް އަނިޔާވެރިވެވިފައި ވާނަމަ، ޙައްޤު ކަނޑުވައި ޙައްޤު ރައްދުކުރާށެވެ. މީހަކާ ރުޅިވެރިވެގެން އުޅޭނަމަ، ޞުލްޙަވެރިވެ ޙަސަދައާއި ކެހިވެރިކަން ހިތުން ނެރެ ސާފުކޮށްލާށެވެ. މި ރޯދައަށް ފަހު ޙަޔާތުގެ އާ ޞަފުޙާއެއް ހުޅުވާށެވެ.

ދޭއް:
މި ރަމަޟާން މަހަކީ، ޙަޔާތުގެ މުހިއްމު މަގު ނިޝާނަކަށް ހަދަން ޢަޒުމު ކަނޑައަޅާށެވެ. އަދި މި ކަން ފުރިހަމަކޮށްދެއްވުން އެދި ދޫނުކޮށް، ކެނޑިނޭޅި ﷲ އަށް ދުޢާ ކުރާށެވެ. ރޯދަ ހިފުމަށާއި، ރޭ އަޅުކަންކުރުމަށާއި، ހެޔޮ އަޅުކަންތައް ކުރުމުގެ ވާގި ދެއްވުން އެދި އެ ކަލާނގެ ކިބަފުޅުން އެދޭށެވެ.

ތިނެއް:
މުޅި އަހަރު ތެރޭ ދުވަހަކު ވެސް ޤުރުއާން ނުކިޔަވާ ހުރީމާ، ފުރަތަމަ ފައްޓައިގަންނަ އިރު ކުޑަ އުނދަގޫ ކަމެއް ހުރެދާނެއެވެ. އެއީ ނުކިޔަވާ ނުކިޔަވާ ދުލުގައި ދަބަރު ޖެހުމުން ވާ ގޮތެކެވެ. ނަމަވެސް ކުޑަކޮށް ކެތް ކޮށްލާފައި، ކުރިއަށް ގެންދިޔައިމާ، ޤުރުއާނުގެ ފޮނިކަން ހިތަށް އިޙްސާސްވާނެއެވެ. ޢަރަބި ބަސް ނޭނގެއްޏާ ޤުރުއާނުގެ މާނައިގެ ތަރުޖަމާއެއް ހޯދާށެވެ.

މިހާރުއްސުރެ ވެސް، މި ރޯދަ މަހު ޤުރުއާން ކިޔަވާނެ ގޮތެއް ރާވާށެވެ. ކޮންމެ ދުވަހަކު ވެސް ކިޔަވާނެ ޚާއްޞަ ވިރުދެއް އެކަށައަޅާށެވެ. އަދި އެކަމުގައި އިލްތިޒާމުވާށެވެ. މުޞްޙަފުގައި ހުންނަނީ ގާތްގަނޑަކަށް 600 ޞަފުޙާ ކަމަށް ބަލަމާ ހިނގާށެވެ. ދެން މި ރޯދަ މަހު ތިރީސް ދުވަސް ހުރެއްޖެނަމަ، ސަތޭކަ ފަންސާސް ފަރުޟު ނަމާދު ކުރެވޭނެވެ. ވީމާ ކޮންމެ ނަމާދެއްގެ ކުރިން 4 ޞަފުޙާ ޤުރުއާނުން ކިޔަވައިފިނަމަ، ޚަތިމެއް ކުރެވޭނެއެވެ. މިއަށް ވުރެ ވެސް އަދި ޘަވާބު އިތުރުކޮށްލަން ބޭނުމިއްޔާ، ނަމާދުގެ ފަހުން ވެސް 4 ޞަފުޙާ ކިޔަވާށެވެ. މީކީ މާކަ ގިނަ ވަގުތެއް ދާނެ ކަމެއް ވެސް ނޫނެވެ. މުދިމު ބަންގިދީފައި ނަމަދު ކުރުމާ ދެމެދު އެ އޮންނަ ވަގުތުކޮޅު ތެރޭ ވެސް މިކަން ކުރެވިދާނެއެވެ.

ވިސްނާލަ ބަލާށެވެ. ޤުރުއާނަކީ މާތް ﷲގެ ކަލާމްފުޅެވެ. އެފަދަ މާތް އެއްޗެއް ކިޔަވަން، ފުރުސަތު ލިބުމަކީ ކިހާ މަތިވެރި ނަސީބެއް ހެއްޔެވެ؟ ޢާލަމްތަކުގެ ވެރިރަސްކަލާނގެ ބާވައިލެއްވި ފޮތް ކިޔައި، އެ ކަލާނގެ އަމުރުތަކާއި ނަހީތައް ބަލައި، އިރުޝާދާއި ވާހަކަ ތަކުން ޢިބްރަތް ލިބިގަތުމަށް ވުރެ މަތިވެރި ޝަރަފެއް ކޮބައި ހެއްޔެވެ؟ ޤުރުއާން ކިޔެވުމުން ހިތަށް ލިބޭ ފޮނިކަން އިޙްސާސްވާނީ ހަމަ އެ ކިޔަވާ މީހަކަށެވެ.

ހަތަރެއް:
ކުރިން ނަމާދުގެ ރާތިބު ސުންނަތްތައް ނުކުރާ ކަމަށް ވަންޏާ، މި މަހަކީ މިކަން ކުރާނެ މަހަކަށް ހަދާށެވެ. ފަތިސް ނަމާދުގެ ކުރީގައި ދެ ރަކްޢަތް، މެންދުރު ނަމާދު ކުރީގައި ދެ ރަކްޢަތް (ނުވަތަ ހަތަރު ރަކްޢަތް) އަދި ފަހުގައި ދެ ރަކްޢަތް، މަޣްރިބު ނަމާދު ފަހުގައި ދެ ރަކްޢަތް، އަދި ޢިޝާ ނަމާދުގެ ފަހުގައި ވެސް ދެ ރަކްޢަތް ކުރުމުން، ރާތިބު ސުންނަތް ކުރެވުނީއެވެ. އަދި މިކަމުގެ ޘަވާބަކީ ސުވަރުގޭގެ އިތުރު ގަނޑުވަރެކެވެ. މިއީ ޞައްޙަ ޙަދީޘެއްގައި ވާ ވާހަކައެކެވެ. އަދި ޟުޙާ ނަމާދު ކޮށްލެވުނިއްޔާ ކިތަންމެހާ ވެސް ރަނގަޅެވެ. ހަމަ އެހެންމެ، ވާރިދުވެފައިވާ ޞައްޙަ ދުޢާތަކެއް ވެސް ކިޔޭތޯ ބަލާށެވެ. އަދި އެންމެ މަދުވެގެން ވެސް ތިން ރަކްޢަތުގެ ދަމުނަމާދެއް ކުރެވޭތޯ ބަލާށެވެ.

ފަހެއް:
ޢިލްމު އުނގެނުނު ވަރަކަށް އީމާންކަން އިތުރަށް ގަދަވެއެވެ. ޢިލްމަކީ، ސީދާ މަގުން މީހާ ކައްސައިލިޔަސް، މަގު ސީދާކޮށްދިނުމުގައި އެހީތެރިވާ އެއްޗެކެވެ. ވީމާ ދީނީ ޢިލްމު އުނގެނޭށެވެ. މީގެ މާނައަކީ މުސްލިމަކަށް ވުމަށްޓަކައި، ކޮންމެ މީހަކު، އިމާމް ޝާފިޢީ އަށް ވާންޖެހޭނެއޭ ބުނުމެއް ނޫނެވެ. މާނައަކީ، ދީނުގެ އަސާސީ އެއްޗެހި ދަސްކުރުމަށް ފަހު، މަޑުމަޑުން ނަމަވެސް، ދީނުގެ ޙަލާލާއި ޙަރާމް ދަސްކުރާށެވެ. ދީނީ ފޮތްތައް ކިޔައި ބަލާށެވެ. ޤުރުއާނުގެ މާނަ ދަސްކުރާށެވެ. ހިތަށް އަރާ ސުވާލެއް އޮތިއްޔާ، އެނގޭ މީހަކާ ކުރާށެވެ.

ހައެއް:
މި މަހަކީ، ކީރިތި ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- އެންމެ ދީލަތިވެވަޑައިގަންނަވާ މައްސަރެވެ. ވީމާ އަހަރެމެން ވެސް އެހެން މަސްމަހަށް ވުރެ، މި މަހުގައި ދީލަތިވަމާ ހިނގާށެވެ. ރޯދަ މަސް ނިމިގެން ދާއިރު، އެންމެ ރުފިޔާއެއް ވެސް ޞަދަޤާތް ނުކުރާ މީހުން އުޅެއެވެ. ގިނަ މީހުން އެކަން ނުކުރަނީ ހަނދާނަށް އެކަން ނާންނާތީއެވެ. ވީމާ، މިފަހަރު ހަނދާން ނުނެތޭނެ ފަދައަކުން ލިޔެގެން ނަމަވެސް މިކަން ކުރަމާ ހިނގާށެވެ. ތިމަންނައަށް ދުވާލަކު ހޭދަކުރެވޭނީ ކިހާވަރެއްކަން، ހިސާބުކޮށްލާށެވެ. އަދި މި މަހު މުސާރައިން، ގޭ ކުއްޔާއި، ކެއުމާއި، ބިލުތައް ފަދަ އަސާސީ ޚަރަދުތައް ކަނޑާފައި، ދެން ހުރި ފައިސާއެއް ޞަދަޤާތް ކުރުމުގެ ހިތްވަރު ލިބިގަންނާނީ ކާކުހެއްޔެވެ؟! ހަމަ އެންމެ މަހަކުއެވެ.

ހަތެއް:
ތިމާގެ މީހަކާއި މައްސަލައެއް ޖެހިފައި އޮތިއްޔާ، މި މަސް އައުމުގެ ކުރިން، އެ މައްސަލަ ހައްލުކުރާށެވެ. މައިންބަފައިންނަށް ނުކިޔަމަންތެރިވާނަމަ، އެކަން ހުއްޓާލާށެވެ. ދަރިންނަށް ނުބައިކޮށް ހިތައި، ކުދިންގެ މެދުގައި ތަފާތުކުރުން ގެންގުޅޭނަމަ އެކަންވެސް ރަނގަޅު މަގަށް އަޅުވާށެވެ. އަނބިމީހާއަށް ނުބައިކޮށް ހިތައި، އޭނާއަށް އަހުވަ ދައްކާނަމަ، އެކަމުން ތައުބާވެ އަދި އޭނާގެ ކިބައިން މާފަށް އެދި، ޒަވާޖީ ޙަޔާތް މަރާމާތުކުރާށެވެ.

އަށެއް:
މި މަހުގެ އަސްލަކީ ކާއެއްޗެހި މަދުކުރުމެވެ. މަސް ނިމޭއިރު ދިހަ ބާރަ ކިލޯގެ މަސް، ގައިގައި ޖެއްސުމެއް ނޫނެވެ. ނު ކައި ގިނައިރު ހުރުމުން، މީރު އެއްޗެއް ކާލާ ހިތްވާނެއެވެ. އެއީ މައްސަލައެއް ނޫނެވެ. މައްސަލައަކަށްވަނީ، އިސްރާފަކަށް ވުމުންނެވެ. ފަސް ހަ ބާވަތުގެ ޖޫހާއި ހުރިހާ ވައްތަރެއްގެ ހެދިކާ، ކައިިގެން އަދި ދެ ބަނޑަށް ކެއުމަކީ ބައެއް މީހުންގެ އާދައެކެވެ. ދެން ތަރާވީސް ނުކޮށް، ''ތަރާވީސް ކަނީ'' އެވެ. ދެން ދަނީ ރައްޓެހިންނާއެކު ހޮޓަލަށެވެ. ނުވަތަ ރައްޓެހި ގެއަކަށެވެ. ދެން ހާރެވެ! މިއީ މިކަން އޮންނަންވާނެ ގޮތް ހެއްޔެވެ؟

މި މަހަކީ، ބޮޑެތި ޖާފަތް ބާއްވާ މަހަކަށް ނުހަދައި، މި މަހުގައި ފަޤީރުންނަށް ދީލަތިވާށެވެ. ނަމަވެސް މީގެ މާނައަކީ، ރައްޓެހިންނާއި ތިމާގެ މީހުން ގެއިން ކަޅު ސައިތައްޓެއް ވެސް ނުދިނުމެއް ނޫނެވެ. ތިމާގެ ކަމުގެ ގުޅުން ބަދަހި ކުރުމުގެ ގޮތުން، ރައްޓެހިކަން އާލާކުރުމުގެ ގޮތުން، ދަޢްވަތު ދިނުން ރަނގަޅެވެ. ނަމަވެސް ހައްދުން ނައްޓައިގެން ނުވާނެއެވެ. ޢިޝާ ނަމާދު ފަހުން ކޮންމެ ރެއަކު ޕާޓީ ބާއްވަންޏާ ދެން އެރޭ، ރޭ އަޅުކަން ކުރާނީ ކޮންވަގުތަކު ހެއްޔެވެ؟

ނުވައެއް:
އިސްލާމީ ޤައުމުތަކުގައި، ސިލްސިލާ ފިލްމުތަކާއި މުނިފޫހި ފިލުވުމުގެ ކާނިވާ އަންނަ މަހަކީ، ރަމަޟާން މަހެވެ. ނަމަވެސް މި ކާނިވަލަށް ނުވަންނަން ޢަޒުމު ކަނޑައަޅައިފިއްޔާ، އެކަން ކުރެވިދާނެއެވެ. ގިނަ ވަގުތު ޓީވީ ބެލުމާއި ސިލްސިލާ، އަދި ކުޅިވަރުފަދަ އެއްޗެހި ބެލުމުގައި ރޭތައް ހޭދަ ނުކުރަން ނިންމާށެވެ. ބަނޑު ދައްކައިގެން ނަށާ މަންޒަރު، ބެލުން އެއީ އެއްވެސް ވަގުތަކު ހުއްދަ ކަމެއް ނޫނެވެ.

ދިހައެއް:
ޣައިބު ބުނުމާއި، ދެބައޮޑުވުން ހުއްޓާލާށެވެ. އެއްވެސް ކުނި ބުންޏެއް ނެތް، ސާފު ރޯދައެއް ހިފުމަށްޓަކައި މި ދެކަންތަކުން ދުރުހެލިވާންޖެހެއެވެ. މުސްލިމުންގެ މަސް ކެއުން އެއީ މީރު ރަހަ ދޭނެ ކަމެއް ނޫނެވެ. އެއްޗެއް ބުނަންޏާ ހެޔޮ ބަހެއް، ތެދުވާހަކައެއް، ނަސޭހަތެއް، ބުނާށެވެ. ދޮގުވާހަކަ، ނެތިމޮށުން، ޙަޤީޤަތް އޮޅުވާލުން، މުޖްތަމަޢުގައި ހިނގާ ނުބައި ކަންތައްތައް ފާޅުކޮށް އެކަން ފެތުރުން ހުއްޓާލާށެވެ. އަދި އެފަދަ ވާހަކަ ލިޔެފައި ހުންނަ އެއްޗެހި ކިއުން ހުއްޓާލާށެވެ. މީހަކު ޒިނޭ ކުރާވާހަކަ، ވަގު އަންބެއް ގެންގުޅޭވާހަކަ އެއީ އަޑުއަހަން މުހިއްމު ވާހަކައެއްހެއްޔެވެ؟


ނޯޓް: މިލިޔުމަކީ ކަވާސާ.ކޮމް އިން ނަގާފައިވާ ލިޔުމެކެވެ.

Blog Widget by LinkWithin

No comments:

Post a Comment