13 January 2011

އިންސާނާ އުފެއްދެވީ ކީއްވެ؟

ޢަބްދުއްސައްތާރު ޢަބްދުލްޙަމީދު
އިންސާނާ މިވުޖޫދަށް އައީ ކީއްކުރަންހެއްޔެވެ؟ ވުޖޫދުގައި އޭނާ އަދާކުރަންޖެހޭ ވާޖިބަކީ ކޮބައިހެއްޔެވެ؟ ޙަޔާތުގައި އޭނާގެ ރިސާލަތަކީ ކޮބައިހެއްޔެވެ؟

މިއީ ކޮންމެމީހަކުވެސް، އެމީހެއްގެ އަމިއްލަ ނަފުސާއި ކުރުން ލާޒިމު ސުއާލުތަކެކެވެ. އަދި މިސުއާލުތަކާއިމެދު ވިސްނާ ފިކްރުކޮށް، ރަނގަޅު ޖަވާބު ހޯދުމަކީ އޭނާގެ ކޮނޑުގައި އެޅިފައިވާ ޒިއްމާއެކެވެ.
ފަހެ ކޮންމެ ޖާހިލުކަމަކީވެސް، އެއިން ނުކުމެދާނެ ނަތީޖާ ކިތައްމެ ބޮޑުވިޔަސް، ފުހެވި ހިނގައިދާނެކަމެކެވެ. އިންސާނާ މިދުނިޔެއަށް އައުމުގެ ސިއްރާއި، ލަނޑުދަނޑިއާއި، މިބިންމަތީގައި އޭނާގެ ރިސާލަތަކީ ކޮބައިކަން ނޭނގުންފިޔަވައެވެ.

އިރާދައާއި ބުއްދިދެއްވި، އިންސާނާ، ޣަފްލަތްތެރިކަމެއްގެތެރޭގައި، ނަޢަމްސޫފިފަދައިން ކައިބޮއި އަރާމުކޮށްގެން، ތިމާގެ ނިމިދިއުމާއިމެދު ނުވިސްނައި، ނަފުސުގެ ޙަޤީޤަތާއިމެދު އެއްވެސް އެއްޗެއް ނޭނގި، ކުއްލިއަކަށް މަރުއައިސް ޖެހެންދެން އުޅުމަކީ، އެއްމެބޮޑު ލަދުވެތިކަމެވެ. އެހާ ހިސާބުން، ފާއިތުވެދިޔަ ބޭކާރު ވަގުތުތަކާއިމެދު ހިތާމަކޮށް ރޮއި ހޭރުނުކަމުގައިވިޔަސް، ކުރާނެ ފައިދާއެއް ނޯންނާނެއެވެ.

މިސަބަބަށްޓަކައި ތިމާގެ އަޖަލުއައިސްޖެހުމުގެ ކުރިން، ކޮންމެ އިންސާނަކުވެސް އޭނާ އުފެއްދެވުނު ސަބަބާއި، ލަނޑުދަނޑިތަކާއިމެދު ސުއާލުކޮށް ފިކްރުކުރުމަކީ ބުއްދިވެރިކަމެކެވެ.

މުއުމިނުންނަށް މިސުއާލުތަކުގެ ޖަވާބު ހާމަކޮށް ފެންނަން އެބައޮތެވެ. ކޮންމެ އުފެއްދުންތެރިއަކަށްވެސް، އެމީހަކު އުފައްދާ އެއްޗެއް އުފެއްދުމުގެ ބޭނުން އެނގޭނެކަމީ ޝައްކެއްއޮތްކަމެއްނޫނެވެ.

ﷲ ސުބުޙާނަހޫ ވަތަޢާލާއަކީ އަޅުގަނޑުމެންގެ ޚާލިޤެވެ. އަޅުގަނޑުމެން އުފެއްދެވެމުގެ ބޭނުމާއިމެދު އެކަލާނގެއާއި ސުއާލުކުރަމާއި ހިންގާށެވެ. އަޅަމެން ހައްދަވައި ބޮޑުކުރެއްވި ރަސްކަލާނގެއެވެ. އިބަރަސްކަލާނގެ އިންސާނާ ހެއްދެވީ ކޮންކަމަކަށްތޯއެވެ. އޭނާ އުފެއްދެވީ ހަމައެކަނި ކައިބޮއި އުޅުމަށްހެއްޔެވެ؟ ހަމައެކަނި ކުޅިވަރާއި މަޖަލުގެ ތެރެއަށް ގެނބިގެން ދިއުމަށްހެއްޔެވެ؟ ހަމައެކަނި ބިންމަތީގައި ހިނގައިބިނގައި، އެބިމުން ނުކުންނަތަކެތި ކައިގެން، އެބިމަށް އެނބުރިދިއުމުން، އޭނާގެ ވާހަކަ އެހާ ހިސާބުން ނިމިދިއުމަށްހެއްޔެވެ؟ ނުވަތަ ހަމައެކަނި ދުނިޔެއަށް ނޭވާލާވަގުތު ރޯލާ ރުއިމުން ފެށިގެން، ފަހުނޭވާނިކުމެގެންދާހިނދުގެ ވޭންވަރާއިހަމައަށް، ދަތިއުނދަގޫ ކުރުކުރު ވަގުތުކޮޅަކަށް މިފަނާވަނިވި ދުނިޔޭގައި އުޅުމަށްހެއްޔެވެ؟ އެހެންކަމަށްވާނަމަ، އިންސާނާއަށް އިބަރަސްކަލާނގެ ދެއްވި ބުއްދިއާއި، އިރާދައާއި، ރޫޙުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟

މިސުއާލުތަކުގެ ޖަވާބު ކީރިތި ޤުރުއާނުގައި މާތްﷲ އަޅުގަނޑުމެންނަށް ބަޔާންކޮށްދެއްވާފައިވެއެވެ. އަލްބަޤަރާ ސޫރަތުގެ 30ވަނަ އާޔަތުގައި އެކަލާނގެ ވަޙީ ކުރައްވާފައިވެއެވެ: وَإِذْ قَالَ رَبُّكَ لِلْمَلَائِكَةِ إِنِّي جَاعِلٌ فِي الْأَرْضِ خَلِيفَةً ۖ قَالُوا أَتَجْعَلُ فِيهَا مَن يُفْسِدُ فِيهَا وَيَسْفِكُ الدِّمَاءَ وَنَحْنُ نُسَبِّحُ بِحَمْدِكَ وَنُقَدِّسُ لَكَ ۖ قَالَ إِنِّي أَعْلَمُ مَا لاَ تَعْلَمُونَ
މާނައަކީ: ''ހަމަކަށަވަރުން ކަލޭގެފާނުގެ ވެރިރަސްކަލާނގެ ބިމުގައި ޚަލީފާއަކު ލައްވާހުށީމޭ މަލާއިކަތުންނަށް ވަޙީކުރެއްވި ހިނދު ހަނދުމަކުރައްވާށެވެ. އެބޭކަލުން (އެހިނދު) ދެންނެވިއެވެ. އަޅަމެން އިބަރަސްކަލާނގެއަށް ޙަމްދާއިއެކު ތަސްބީޙަކިޔައި އިބަރަސްކަލާނގެއަށް ތަޤްދީސްކޮށްތިއްބާ، އެބިމުގައި ފަސާދަ އުފައްދައި ލޭއޮހުރުވާނޭބަޔަކު އިބަރަސްކަލާނގެ އެބިމުގައި ލައްވަނީތޯއެވެ؟ އެކަލާނގެ ވަޙީކުރެއްވިއެވެ. ހަމަކަށަވަރުން ތިޔަބައިމީހުންނަށް އެނގިގެންނުވާ ކަންތައްތައް ތިމަންރަސްކަލާނގެ ދެނެވޮޑިގެންވަމެވެ.''

މިއާޔަތުން ދަންމަރުކޮށްދޭގޮތުގައި، އިންސާނާގެ އެއްމެ އިސްވާޖިބަކީ، ބިންމަތީގައި ﷲގެ ޚަލީފާއެއްގެ ދައުރު އަދާކުރުމެވެ.

މިޚިލާފަތުގެ އެއްމެވަރުގަދަ އެއްތަނބަކީ، އިންސާނާ އޭނާ ހައްދަވައިބޮޑުކުރެއްވި ފަރާތް ޙައްޤުގޮތުގައި ދެނެގަތުމާއިއެކު، ޙައްޤުގޮތުގައި އެކަލާނގެއަށް އަޅުކަންކުރުމެވެ. އައްޠަލާޤު ސޫރަތުގެ 12 ވަނަ އާޔަތުގައި އައިސްފައިވެއެވެ.
.......................................
ކަވާސާ.ކޮމް އިން ނަގާފައިވާ ލިޔުމެއް

Blog Widget by LinkWithin

No comments:

Post a Comment