04 December 2011

ނިވާކަމެއް ނެތް ހެދުމާއި ޕާޓީތަކުގެ ބިމުގައި އިސްލާމް ކަމުގެ ނޫރު

ނިޢުމަތުﷲ އިދްރީސް، ހަވީރު ނޫސް
ރިއޯ ޑި ޖެނެއިރޯ (އޯގަސްޓް 23) - "އައްސަލާމް އަލައިކުމް،" ބްރެޒިލްގެ ރިއޯ ޑި ޖެނެއިރޯގައި ބިނާކުރި ފުރަތަމަ މިސްކިތުގައި ރޯދަ ވީއްލުމަށް ފަހު އެތެރެއަށް ވަންނަމުން އުމަރު ސަލާން ގޮވައިލި އެވެ.

އެއީ އޭނާ އަށް ދާދި ފަހުން ދަސްވި އަރަބި ބަސްތަކުގެ ތެރެއިން ބަހެކެވެ. ސަލާން ގޮވާލުމަށް ފަހު އަވަސް އަވަހަށް އުމަރު ޕޯޗްގީޒް ބަހުން ވާހަކަ ދައްކަން ފެށި އެވެ. މިސްކިތް ތެރޭގައި ތިބީ އީސާއީ ދީނުގެ އެންމެ ބޮޑު ގައުމުގައި އުމަރު ފަދައިން ދާދި ފަހުން އިސްލާމްވި މީހުންނެވެ.

އަންހެނުން ނިވާކަން ކުޑަ ހެދުމުގައި ނިކުމެ ޕާޓީކުރުމަށް މަޝްހޫރު ބްރެޒިލްގައި މުސްލިމުންގެ އާބާދީ އަދި ކިތަންމެ ކުޑަ ނަމަވެސް އެ ގައުމުގެ އެކި ނަސްލުގެ މީހުންގެ މެދުގައި ދަނީ މުސްލިމުންގެ އަދަދު އިތުރުވަމުންނެވެ. އެކަމަކު މީގެ އެތައް އަހަރެއް ކުރިން ސުރެ ބްރެޒިލް އަކީ ލީބިއާ، ފަލަސްތީން އަދި ސީރިއާ އަށް ނިސްބަތްވާ އާއިލާތަކުން ނޫނީ މުސްލިމުން ނުފެންނަ ގައުމެކެވެ.

މީގެ ހަތަރު އަހަރު ކުރިން ކްރިސްޓިއަން ފައްޅިއެއްގެ ފާދިރީއަކަށް އުޅުނު އުމަރު އޭނާ އިސްލާމްވި ސަބަބު ކިޔައިދިނެވެ.

"އަހަރެން ބޭނުންވި ހުރިހާ ކަމެއް އިސްލާމް ދީނުން ލިބިއްޖެ. އަހަރެން ބޭނުންވި ގޮތަށް ކަލާނގެ ހަޟްރަތަށް ކުއްތަން ވެވޭ،" އުމުރުން 34 އަހަރުގެ ގްރެފިކް ޑިޒައިނަރު ބުންޏެވެ.

އުމަރު އޭނާގެ އަސްލު ނަން ހާމަކުރަން އިންކާރުކުރި އެވެ. އެކަމަކު އިސްލާމް ވުމަށް ފަހު ކިޔާ ފުރިހަމަ ނަން ބުނެދިނެވެ. އެއީ އުމަރު އިސްރާފީލް ދާއޫދު ބިން އިބްރާހީމް އެވެ.

އުމަރުގެ އަނބިމީހާ ފާތިމާއާ އެކު ހުރެގެން އޭނާ އިސްލާމް ދީނުގެ ފުރިހަމަ ކަމުގެ ވާހަކަ ދެއްކި އެވެ. ފާތިމާ އިސްލާމް ވުމުގެ ކުރިން އޭނާގެ ނަމަކީ އެލަސެންދުރާ ފާރިއާ އެވެ. އަދި އިސްލާމް ވުމަށް ފަހު ފާތިމާ ވަނީ ބުރުގާ އަޅަން ވެސް ފަށައިފަ އެވެ.

"އެންމެ ފުރަތަމަ އަހަރެންގެ މަންމަ އަހަންނާ އެކު ބޭރަށް ދާން ވެސް އުޅުނީ ލަދުން. އަހަރެން ބުރުގާ އަޅަނީ މުސްލިމަކަށް ވާތީ. އެކަމަކު އަހަންނަކީ ބައި މަދު މުޖުތަމައުއަކަށް ނިސްބަތްވާ ބައެއްކަން އެނގޭ،" ފާތިމާ ބުންޏެވެ.

ފާތިމާ ބުރުގާ އަޅައިގެން އުޅުމަކީ ރިއޯ ގައި ގިނަ ބައެއްގެ ލޮލުގައި އަޅައިގަންނަ ކަމަކަށް ވާނެ އެވެ. ގޮނޑުދޮށާއި އެތަން މިތަނުގައި ބިކިނީއާ އެކު ގިނަ މީހުން އުޅުނެއް ކަމަކު ފާތިމާ ބުނީ އޭނާގެ ވިސްނުމަށް މުޖުތަމައުގައި ޖާގައެއް އެބަ އޮތް ކަމަށެވެ.

"ބްރެޒިލް އަކީ ތަފާތު އެކި ސަގާފަތްތަކުގެ މައްޗަށް އެކުލެވިގެންވާ މައްސުނި ގައުމެއް. މި މައްސުނި ކަމަކީ އެއް ބަޔަކު އަނެއް ބަޔަކު ބަލައިގަނެ އިހްތިރާމްކުރުމާ އެކު އުޅެން ފަސޭހަވާ ސަބަބެއް."

ބްރެޒިލްގެ ގިނަ މުސްލިމުން ގޮތަށް އުމަރާއި ފާތިމާ އަކީ ވެސް ވަރަށް ފަހުން އިސްލާމް ދީނަށް ވަން ބައެކެވެ. ސައޫދީ ސަރުކާރުގެ އެހީގައި އެ ދެ މީހުން ވެސް އަންނަ އަހަރު އަރަބި ދަސްކުރަން ސައޫދީ އަށް ފުރާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

ރިއޯގެ އުތުރުން އޮންނަ ޓިޖޫކާގައި ހުރި ކުޑަކުޑަ މިސްކިތް މަރާމާތުކޮށް ބޮޑުކުރީ މީގެ ހަތަރު އަހަރު ކުރިންނެވެ. މިސްކިތަށް އަންނަ މީހުންގެ އެހީއާ އެކު ކުރި ނިސްބަތުން ބޮޑު އެ މަރާމާތަށް ފަހު ވެސް މިސްކިތުގެ ޖާގަ އަކީ 400 އެވެ.

"މުސްލިމުންގެ އަދަދު ދަނީ ގިނަވަމުން. އަދި ގިނައީ އިސްލާމް ދީނަށް ވަންނަ ބްރެޒިލް މީހުން. މީހުން ގިނައިން މި ލިބެނީ އޮންލައިންކޮށް،" ބެނެފިޝެންޓް މުސްލިމް ސޮސައިޓީގެ ތަރުޖަމާނު ސާމީ އިޒްބެލް ބުންޏެވެ.

"ރިއޯގަ އެބަ އުޅޭ މުސްލިމުންގެ ގާތްގަނޑަކަށް 500 އާއިލާ. އޭގެ ތެރެއިން 85 ޕަސެންޓަކީ އަރަބި ގައުމަކާ ގުޅުމެއް ނެތް ސީދާ ބްރެޒިލް އާއިލާތައް،" އޭނާ ބުންޏެވެ.

އެކަމަކު ސާއޮ ޕޯލޯގައި ތަފާތެވެ. އެ ސަރަހައްދުގައި އުޅޭ މުސްލިމުންގެ ގިނަ މީހުންނަކީ އަރަބި ނަސްލުތަކަށް ނިސްބަތްވާ މީހުންނެވެ.

ބްރެޒިލްގައި ބޯހިމަނާއިރު މުސްލިމުންގެ އަދަދެއް ނުބަލަ އެވެ. ބަލަނީ ކްރިސްޓިއަނުންނާއި ޔަހޫދީން އަދި ބްރެޒިލްގެ ސަގާފީ ދީންތަކެވެ. މުސްލިމުން މި ހިމަނަނީ "އެހެނިހެން" ކެޓަގަރީގަ އެވެ.

ބްރެޒިލްގައި މުސްލިމުންގެ އަދަދު އިތުރުވަމުންދާކަން އެންމެ ރަނގަޅަށް އަންގައިދެނީ ނަމާދުކުރާ ތަންތަން ގިނަވަމުން އަންނާތީ އެވެ. މިހާރު އެ ގައުމުގައި 127 މިސްކިތް ހުރި އިރު އެއީ 2000 ވަނަ އަހަރު ހުރި އަދަދަށް ވުރެ ހަތަރު ގުނަ އިތުރު އަދަދެކެވެ.

އިސްލާމް ދީނުގެ ކަންތައް ދިރާސާކުރާ ތަޖުރިބާކާރެއް ކަމަށްވާ ޕޯލޯ ޕިންޓޯ ބުނީ ބްރެޒިލްގައި އިސްލާމް ދީނަށް ޝައުގުވެރިކަން އިތުރުވެ ގިނަ ބަޔަކު ދީނަށް ވަންނަށް ފެށީ ސެޕްޓެމްބަރު އެގާރައިގެ ހަމަލާ އަށް ފަހުގައި ކަމަށެވެ. --އޭއެފްޕީ
__________________________________
ހަވީރު ނޫހުން ނަގާފައިވާ ލިޔުމެއް
ލިޔުމުގެ އަޞްލު ވިދާޅުވޭ

Blog Widget by LinkWithin

No comments:

Post a Comment