26 December 2010

އީމާންކަމާއި އިސްލާމްކަމާއި ދެމެދުގައިވާ ގުޅުން

އައްޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް
އީމާންކަމާއި އިސްލާމްކަމަކީ ވަރަށް ގާތް ގުޅުމެއް އޮންނަ ދެކަލިމައެވެ. އަލްއީމާން އާއި އަލްއިސްލާމް މިދެލަފްޒު ވަކިވަކިން ބޭނުންކުރެވޭއިރު ކޮންމެ ލަފުޒެއްގައިވެސް އަނެއްލަފްޒުގެ މާނަ ހިމެނެއެވެ. މިސާލަކަށް އަލްއީމާންއޭ ބުނުމުން އީމާންކަމާއި އިސްލާމްކަން ހިމެނިގެންދެއެވެ. ހަމައެފަދައިން "އަލްއިސްލާމް" އޭ ބުނުމުންވެސް އިސްލާމްކަމާއި އީމާންކަން ހިމެނެއެވެ. އެހެންނަމަވެސް މިދެލަފްޒު އެއްތަނެއްގައި އެއްޢިބާރާތެއްގައި ބަޔާން ކުރެވިއްޖެނަމަ މިދެލަފްޒުގެ މާނަ ތަފާތުކޮށް ކުރެވެއެވެ. ދެލަފްޒު އެއްތަނެއްގައި އެއްޢިބާރާތެއްގައި އަންނަ ވަގުތު އަލްއީމާންގެ ލަފްޒު ބޭނުންކުރެވެނީ ތެދުކުރުމާއި ޔަޤީންކުރުމަށެވެ. އަދި އަލްއިސްލާމް މިލަފްޒު ބޭނުންކުރެވެނީ ގުނަވަންތަކުން ކުރެވޭ ހެޔޮޢަމަލުތަކަށެވެ. މިކަން ވަރަށް ސާފުކޮށް މަޝްހޫރު ޙަދީޘް ޖިބްރީލްއިން ހާމަވެގެންދެއެވެ.
އެޙަދީޘުން އީމާންކަމަކީ ހިތުން ތެދުކޮށް ޔަޤީންކުރަންޖެހޭ ކަންތައްތަކެއްކަން އެނގެއެވެ. އަދި އިސްލާމްކަމަކީ ގުނަވަންތަކުން ކުރެވޭ ހެޔޮ ޢަމަލުއާޢި ގުޅުންހުރި އެއްޗެއްކަންވެސް ހާމަވެއެވެ.

އަލްއިސްލާމް މިލަފްޒު ވަކިން ބޭނުންކުރާއިރު އީމާންކަން އޭގައި ހިމެނޭކަމުގެ ދަލީލަކީ:

ބަޤަރާ ސޫރަތުގެ 136 ވަނަ އާޔަތުގައި މާތްﷲ ވަޙީކުރެއްވި މިއާޔަތެވެ.

قُولُواْ آمَنَّا بِاللّهِ وَمَآ أُنزِلَ إِلَيْنَا وَمَا أُنزِلَ إِلَى إِبْرَاهِيمَ وَإِسْمَاعِيلَ وَإِسْحَقَ وَيَعْقُوبَ وَالأسْبَاطِ وَمَا أُوتِيَ مُوسَى وَعِيسَى وَمَا أُوتِيَ النَّبِيُّونَ مِن رَّبِّهِمْ لاَ نُفَرِّقُ بَيْنَ أَحَدٍ مِّنْهُمْ وَنَحْنُ لَهُ مُسْلِمُونَ

މާނައީ: "ތިޔަބައިމީހުން ބުނާށެވެ! ތިމަންމެން ﷲ އަށާއި ތިމަންމެންނަށް ބާއްވައިލައްވާފައިވާ ތަކެއްޗަށާއި އިބްރާހީމްގެފާނަށާއި އިސްމާޢީލުގެފާނަށާއި، އިސްޙާޤުގެފާނަށާއި ޔަޢުޤޫބުގެފާނަށާއި އެކަލޭގެފާނުގެ ދަރީންނަށް ބާއްވައިލައްވައިފައިވާ ތަކެއްޗަށާއި މޫސާގެފާނަށާއި ޢީސާގެފާނަށް ދެއްވާފައިވާ ތަކެއްޗަށާއި އަދި (އެހެނިހެން) ނަބިއްޔުންނަށް، އެބޭކަލުންގެ ވެރިރަސްކަލާނގެ ޙަޟްރަތުން ދެއްވާފައިވާ ތަކެއްޗަށް އީމާންވެއްޖައީމެވެ. ތިމަންމެން އެއިން އެއްވެސް ބޭކަލަކާމެދު ތަފާތެއް ނުކުރަމުއެވެ. އަދި ތިމަންމެން މިތިބީ، އެކަލާނގެއަށް ކިޔަމަންވެ މުސްލިމުންކަމުގައި ވެގެންނެވެ."

އަލްއީމާން މިލަފްޒު ވަކިން ބޭނުންކުރާއިރު އިސްލާމްކަން އޭގައި ހިމެނޭކަމުގެ ދަލީލަކީ:

މާތްﷲ ވަޙީކުރެއްވި މިއާޔަތެވެ: ޙުޖުރާތު ސޫރަތުގެ 2،3،4ވަނަ އާޔަތުގައި މާތް ﷲ ވަޙީކުރައްވާފައިވެއެވެ.

إِنَّمَا الْمُؤْمِنُونَ الَّذِينَ إِذَا ذُكِرَ اللّهُ وَجِلَتْ قُلُوبُهُمْ وَإِذَا تُلِيَتْ عَلَيْهِمْ آيَاتُهُ زَادَتْهُمْ إِيمَانًا وَعَلَى رَبِّهِمْ يَتَوَكَّلُونَ - الَّذِينَ يُقِيمُونَ الصَّلاَةَ وَمِمَّا رَزَقْنَاهُمْ يُنفِقُونَ - أُوْلَئِكَ هُمُ الْمُؤْمِنُونَ حَقًّا لَّهُمْ دَرَجَاتٌ عِندَ رَبِّهِمْ وَمَغْفِرَةٌ وَرِزْقٌ كَرِيمٌ

މާނައީ: "މުއުމިނުންވާކަން ކަށަވަރީ، ﷲ ހަނދުމަކުރާ ހިނދު އެބައިމީހުންގެ ހިތްތައް ބިރުވެތިވާ މީހުން ކަމުގައެވެ. އަދި އެކަލާނގެ (ބާއްވައިލެއްވި) އާޔަތްތައް އެބައިމީހުންނަށް ކިޔައިދެވޭ ހިނދު، އެބައިމީހުންގެ އީމާންކަން އިތުރުވާމީހުން ކަމުގައެވެ. އަދި އެބައިމީހުންގެ ވެރި ރަސްކަލާނގެއަށް ވަކީލުކުރާ މީހުން ކަމުގައެވެ. އެބައިމީހުންނީ، ނަމާދު ޤާއިމްކުރާ މީހުންނެވެ. އަދި އެބައިމީހުންނަށް ތިމަންރަސްކަލާނގެ ދެއްވި ތަކެތި ހޭދަކުރާ މީހުންނެވެ. ޙަޤީޤަތުގައި މުއުމިނުންނަކީ، ހަމަ އެބައިމީހުންނެވެ. އެބައިމީހުންގެ ވެރިރަސްކަލާނގެ ޙަޟްރަތުގައި (މަތިވެރި) ދަރަޖަތަކާއި، ފާފަފުއްސެވުމާއި، ދީލަތިވެގެންވާ ރިޒުޤް އެބައިމީހުންނަށް ހުއްޓެވެ."

Blog Widget by LinkWithin

No comments:

Post a Comment