09 November 2010

ދިވެހިން ވަރަށް ސީރިޔަސްކޮށް ވިސްނާން ވެއްޖެ ކަމެކެވެ

ޑރ މަޢުރޫފް ޙުސައިން
ދިވެހިރާއްޖެ މިއަދު މިވަނީ ރުހޭބަޔަކު ރުހުނަސް ނުވަތަ ނުރުހޭ ބަޔަކު ނުރުހުނަސް ޑިމޮކްރަސީ ނިޒާމްގެ ތެރެއަށް ދީލާލާފައެވެ. ޑިމޮކްރަސީގެ މާނަޔަކީ ގިނަބަޔަކަށް ފެންނަގޮތަށް ކަންތައް ގެންދިއުމެވެ. އާދެ، އަޣްލަބިއްޔަތު ނިޒާމެވެ. މިތާގައި ގިނަބައެކޭ މިބުނެވޭ ބަހުގެ ޙަގީގީ މާނައެއް ކަމުގައިވެފައި އޮންނަނީ ގާނޫނު ހަދާ މަޖިލީހުގައި އޭރަކު އެތިބޭ މީހުންގެ ތެރެއިން ގިނަބަޔަކަށް ފެންނަ ގޮތުގެ ވާހަކައެވެ. މިހިސާބުން ހުއްޓި މި ދެންނެވުނު މަޖިލީހާއި ދިމާލަށް ބަލާލަން އެބަޖެހެއެވެ. އެތާގައި ކަންތައް ހިނގަމުންދާގޮތަކީ އަޅުގަނޑުމެންގެ ކުރިމަތީގައި ދިމާލަށް ފެންނަން ހުރި ޙަގީގަތެކެވެ. އެގޮނޑިތަކުގައި އިށީދެތިބެގެން އެކަކު އަނެކަކަށް "ޢިއްޒަތްތެރި" ކަމުގެ ލަގަބު ދީގެންތިބި މީހުންގެ ކިބައިގައިހުރި އިޚުލާޞްތެރި ކަމާއި ތިމާމެން ނިސްބަތްވާ ޕާރޓީގެ މަސްލަޙަތުގެ ކުރިޔަށް ދީނާއި ގައުމުގެ މަސްލަޙަތު ނެރޭމިންވަރުވެސް މިދަނީ ލޮލުންފެނި އަތުންހިފެމުންނެވެ.
އަޅުގަނޑަށްފެންނަގޮތުގައި އެތާގައި އަރައިރުންވެ ތަޅާފޮޅާންތިބި "ޢިއްޒަތްތެރިން" ގެތެރެއިން ގިނަބަޔަކު އެއްގަލަކަށް އަރަނީ ހަމަ އެންމެ މަސްއަލައެއްގައެވެ. އެއީ ދީނާއިގުޅުންހުރި އެކިއެކި ބިލްތައް އެމާތް ގެކޮޅުގެ ތަޅަމަށްވެސް ނާރުވާ ބޭރުކޮށްލުމުގައެވެ. ނުވަތަ ކޮންމެވެސް ގޮތަކުން ތަޅަމާއިހަމަޔަށް ގެނެވިއްޖެނަމަ އެއަށް ހަޖޫކިޔައި އެބިލެއް ބޭކާރުކޮށްލުމުގައެވެ. އެތާގައި އެކިއެކި "ޢިއްޒަތްތެރީން" ދައްކާފައިހުރި ވާހަކަތަކުން އެމީހުންގެ ކިބައިގައި މި ލޮބުވެތި ވަޠަނަށާއި މިމާތް ދީނަންހުރީ ކިހާވަރެއްގެ ލޯތްބެއް ކަން ފާޅުވަމުންދެއެވެ

ދިވެހިރާއްޖޭގެ ގާނޫނުހަދާ ގެއަކީ މިވަގުތުވެރިކަންކުރާ ޕާރޓީއާއި ވެރިކަމުންވެއްޓުމުން އަލުންއަރާން މަސައްކަތްކުރާ ޕާރޓީއާއި ދެބައިމީހުން ބަނޑުމުސާރަޔަށްބައްދާން އޮތް ގުޅަކުޅޭފަސްގަނޑަކަށްވެފައިވާއިރު ދިވެހިރާއްޖޭގެ އެކިއެކި ރަށްރަށުންވެސް ތަކުރާރުވެ ތަމްސީލުވެގެންދަނީ ހަމަ މިމަންޒަރެވެ. ކުދިކުދި ރަށްރަށުގެ މުޖުތަމަޢުތައްވަނީ ބައިބައިވެފައެވެ. އެއްބަޔަކު އަނެއްބަޔަކަށް އެއްޗެތިކިއުމާއި، ލަޢުނަތްދިނުމާއި، ތަޅާފޮޅުމާއި، މުދަލަށާއި ޖާނަށް ގެއްލުން ދިނުމަކީ ޢާންމުކަމަކަށް ވަނީ ވެފައެވެ. މިކަންތައް ގޮސްފައިވާ ހިސާބު ދާދިފަހުން އަޅުގަނޑު ކުރި ދަތުރެއްގައި ވަރަށްކާރީން ފެނުމުގެ ފުރުސަތު ލިބުނެވެ. އެއްބަޔަކު އަނެއްބައެއްގެ ހަރުގެ ތައް ސުންނާފަތިކޮށްލާފައި ހުރިތަން އަޅުގަނޑުމެންނަށް ދެއްކިއެވެ. މިނަފްރަތުގެ އަލިފާންގަނޑުގެ ތެރޭގައި ހަލާކުކުރަނީ ހަރުގެތައް އެކަންޏެއްނޫން އިގޭތޯއެވެ. ރޯގަސްގަހާގެހި ވެސް މެއެވެ. އެއްބަޔަކު ހިޔާވެލާން ވަންނަ ގަސްތައް އަނެއްބަޔަކު ކަނޑާލަނީއެވެ. މިގޮަތަށް ކަނޑާވައްޓާލާފައިވާ އެތައްގަހެއް އަޅުގަނޑުމެނަށް ދެއްކިއެވެ. މިހާލުގައި ރައްޔަތުން ފާޑެއްގެ މަސްތެއްގައި ތިއްބާ މިއިން ކޮންމެ ޕާރޓީއަކުންވެސް އެރަށްރަށަށް އަރައި ޖަލްސާތައްބާއްވައި އަނދަމުންދާ އަލިފާންގަނޑަށް ދަރުއަޅަމުންދެއެވެ. ހުރިހިތާމައެއްގެ ބޮޑުކަމާއެވެ.

ރަށްރަށުގެ އިޖުތިމާޢީ ޙާލަތު މިފަދަ ދަރަޖައަކަށް ދަށަށްގޮސް ދޭދޭދެމަފިރިންނާއި މައިންބަފައިންނާއި ދަރިންގެ ދޭތެރެއަށް ޕާރޓީ ވާދަވެރިކަމާއި ރުޅިވެރިކަން ވަނދެފައިވާއިރު މިއަށްވުރެ ބޮޑު ނުރައްކަލެއް ކުރިމަތިވެފައިވަނީ އަޅުގަނޑުމެންގެ ދީނަށެވެ. ސެކިއުލަރ އުސޫލަށް ތަބާވާ ލާދީނީ މީހުންގެ ފަރާތުންނެވެ. މިފަދަ މީހުންނަކީ އިހުގައިވެސް އަދި މިހާރުވެސް އަޅުގަނޑުމެންގެ ތެރޭގައި ތިބިބައެކެވެ. ސަރުކާރުގެ އެތެރޭގައްޔާއި ސަރުކާރުގެ ބޭރުގައެވެ. ރާއްޖޭގައްޔާއި ރާއްޖޭން ބޭރުގައެވެ. މިފަދަމީހުންގެ ނުފޫޒު އޭރަކު އެއޮންނަ ސަރުކާރަކަށް ނުހަނު ބޮޑަށް ފޯރައެވެެ. އަދިވަކީން ބޮޑަށް ޑިމޮކްރަސީގެ ނިޒާމް ގާއިމްވެ ބޭރުގެ ނުފޫޒުތަކަށް ރާއްޖެ ހުޅުވާލެވިފައިވާ މިޒަމާނުގައި މިކަމުގެ ނުރައްކާތެރިކަން ބޮޑުވާނެކަމީ ފެންނާންއޮތް ޙަގީގަތެކެވެ. "ދިވެހީންގެ އެކުވެރީން" ނޭ ކިޔައިގެން ނުވަތަ މިނޫނަސް އެކިއެކި ނަންނަމުގައި މިޝަނަރީން ނިކަން ފޯރިއާއިއެކީ މަސައްކަތް ކުރަމުންގެންދާ ކަމީ ކޮންމެ ދިވެއްސަކު ވިސްނާފިކުރު ކުރާންވެއްޖެ ކަމެކެވެ. ދީނަށް އެކިގޮތްގޮތުން ކުރެވެމުން މިދާ ފުރައްސާރަޔަކީ ދިވެހިން ވަރަށް ސީރިޔަސްކޮށް ވިސްނާން ވެއްޖެ ކަމެކެވެ.

އެކެއްދެމީހެއްގެ ޒާތީ މަސްލަޙަތު ކުރިޔަށް އެރުވުމަށްޓަކައި ދާދިފަހުން ރާއްޖޭގެ މީހުންދިރިއުޅޭ ރަށްރަށުގައި ބަނގުރާ ވިއްކުމަށް ރާއްޖޭގެ ގާނޫނުތަކާއި ގަވާޢިދު ތައް ބަދަލު ކުރާން އުޅުމުން ކަންތައްހިގާދިޔަ ގޮތުން ދިވެހީންތިބީ މިކަންތަކަށް ފިސާރި ހޭލާކަމުގެ ނިޝާންތަކެއް ފެނިގެން ދިޔައެވެ. އެކަމާއި ދެކޮޅަށް އިހުތިޖާޖުކުރުމަށްޓަކައި ދިވެހިރާއްޖޭގެ އެކިއެކިކަންކޮޅުތަކުން މީހުން ނިކުތީ ޕާރޓީ ވާދަވެރިކަމާއި ޢަޞަބިއްޔަތު ދޫކޮށްލާފައެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް މިފަދަ އެތައް ގޮންޖެހުންތަކަކާއި ކުރިމަތިވާނޭ ކަމުގައި ފެނެއެވެ. މިފަދަ ކޮންމެ ދަނޑިވަޅެއްގައިވެސް ދިވެހި ކޮންމެ ދަރިޔަކު ތެދުވާންވާނީ ހަމަ މިރޫޙުގައެވެ. ސަބަބަކީ، އެތަނެއްގެ ގާނޫނު އަސާސީގައި އެގައުމެއްގެ ރައްޔަތަކަށްވެވޭނީ ހަމައެކަނި މުސްލިމަކަށްކަމުގައި ލިޔެވިގެންވާ އެއްވެސް ގައުމެއް މިދިވެހިރާއްޖެ ނޫނީ މުޅިދުނިޔޭގައިވެސް ވާކަމަކަށް ނުވެއެވެ. މިމާއްދާ ބަދަލު ކޮށްލަން ބޭނުންވާ އެތައްބަޔަކު މިރާއްޖޭގައި އެބަތިއްބެވެ. 300 އަށްވުރެ ގިނަ ދިވެހި ކްރިސްޓިއަނުން އެބަތިބިކަމަށް މީހުުން ބުނާތީ އެބައިވެއެވެ. މިހެންއޮތުމުގެ ސަބަބުން ތިމަންނަމެން ފަކީރުން މިތިބީ އެކޮޅަށްވެސް މިކޮޅަށްވެސް ލައްވާނުލާ ކަމުގައި މިވެރީން އެބަރޮއިހޭރި ދަޢުވާ އެބަ ކުރެއެވެ. ހަނދާނަށް އަންނަނީ މި ދައުރު ފެށުނު ދުވަސްވަރު ދަރުމައިގެ މަސްއޫލު ވެރިންގެ ފަރާތްޕުޅުން އަޅުގަނޑަށް ފޮނުއްވި ސިޓީއުރައެއްގައި ވާ ލިއުންކޮޅެކެވެ. އެއީ އިގިރޭސިވިލާތުގެ ކޮންސަރވޭޓިވް ޕާރޓީގެ އިސްމީހުންގެ ވެބްސައިޓްގައި އެމީހުންގެ އިސްބައެއް މީހުން ލިޔެފައިވާ ލިއުންތަކެކެވެ. މީގައި ލިޔެފައިވާ މީހުންގެ ތެރޭގައި ކޮންސަރވޭޓިވް ޕާރޓީގެ ހިޔަނި ކެބިނެޓްގެ ވަޒީރުންވެސް ހިމެނެއެވެ. އަލަށް ދިވެހިރާއްޖޭގައި ހޮވުނު ސަރުކާރު ހޮވުނީ އެމީހުންގެ ވަރަށް ބޮޑުއެހީތެރިކަމާއި ލައިގެން ކަމާއި އަދި އާސަރުކާރުގައި އެމީހުންގެ ނުފޫޒު އޮތްކަމާއި އަދި ބަސްވިކޭނޭ ކަމުގައްޔާއި އަދި އެމީހުން އެންމެ ބޮލުގައި ރިއްސާކަމަކީ ދިވެހި ރާއްޖޭގެ ގާނޫނު އަސާސީގައި ދިވެއްސަކަށް ވެވޭނީ ހަމައެކަނި މުސްލިމަކަށް ވެގެން ކަމުގައި ލިޔެފައިވާ ޢިބާރަތް އަދިވެސް އޮންނަ އޮތުން ކަމުގައި ކަމުގައި ބުނުމަށްފަހުގައި ލިޔެފައިވެއެވެ.

“real opportunity for Conservative shadow ministers to exercise quiet diplomacy behind the scenes.”

މާނަޔަކީ: "މިއީ އަހަރެމެން ކޮންސަރވޭޓިވް ޕާރޓީގެ ހިޔަނި ކެބިނެޓްގެ ވަޒީރުންނަށް ފަރުދާގެ އަނެއްފަރާތުގައި ތިބެގެން މިކަމަށް ބާރުއަޅައި ޕްރެޝަރ ކުރުމަށް ލިބިފައިއޮތް ރަނުގެ ފުރުޞަތެކެވެ."

ލޮބުވެތި ދިވެހި މުސްލިމް އަޚުންނާއި އުޚުތުންނޭވެ! ފަރުދާގެ އަނެއްފަރާތުގައި ބަޔަކު ކޮށްފާނޭ ކަމަކަށް ވިސްނައި ފާރަވެރިވެގެން ތިބޭހުށި ކަމެވެ! ތިޔައިން އެއްވެސް ބޭފުޅަކު މަރުވުމަށްފަހު ކުރެވޭ ސުވާލު ތަކުގައި ތިބާ އުޅުނީ ކޮންޕާރޓީއެއްގައިތޯ ސުވާލުކުރައްވާނެކަމަކަށް އަޅުގަނޑަށް ހިޔެއް ނުވެއެވެ. ނަމަވެސް އިސްލާމަދީނަށް ގޮންޖަހައި ދީން ނައްތާލުމަށް ބަޔަކު މަސައްކަތް ކުރިއިރު ތިބާ ހެދީ ކިހިނެއްތޯ ސުވާލު އައުން އެކަށީގެން ވެއެވެ. މިއަދު މިއޮތީ ކޮންމެ ދިވެއްސަކުވެސް އެމީހަކު ނިސްބަތްވާ ޕާރޓީ ދީނާއި ގައުމަށް ވަފާތެރިކަން ހުރި މިންވަރުގެ ތަރާދުން ކިރާލަން ޖެހިފައެވެ. ރައްކާވެތިބިއްޔާ ދަތުރެވެ. drmauroof.blogspot.com އިން ނަގާފައި

Blog Widget by LinkWithin

No comments:

Post a Comment